ހިނައިގަތުން
- އިސްމާޢީލް ނާޖީ
- 08 ޖޫން 2004
ހިނައިގަތުން ވާޖިބުވާ ކަންތައްތައް :
އެކެއް: މަނިބޭރުވުން
ފިރިހެނަކަށް ވިއަސް އަންހެނަކަށް ވިއަސް، ޝަހުވަތާއި އެކު މަނިބޭރުވުމުން، ހިނައިގަތުން ވާޖިބުވެގެންވެއެވެ. ހަމައެހެންމެ އިޙްތިލާމުވުމުން ހިނައިގަތުން ވާޖިބުވެގެންވެއެވެ. އިޙްތިލާމު ވީމާ ހިނައިގަންނަން ޖެހޭނީ، ހޭލާއިރު އެއީ މަނިކަން އެގޭފަދަ އެއްޗެއްގެ އަސަރު ފެނުމުންނެވެ.
މަނި ބޭރު ނުވެ ހަމައެކަނި ހުވަފެނެއް ފެނުނަސް ހިނައިގަތުން ވާޖިބެއް ނުވާނެއެވެ. އަނެއް ކޮޅުން، ހުވަފެނެއް ފެނުނުކަން ހޭލާ އިރު ހަނދާން ނެތަސް، ހެދުމުގައި ނުވަތަ އެނދުގައި މަނި ކަން އެނގޭ ފަދަ ތެތް ކަމެއް ހުރެއްޖެނަމަ އޭގެ މާނައަކީ، އިޙްތިލާމް ވެއްޖެ ކަމެވެ. ވީމާ ހިނައިގަންނަން ޖެހޭނެއެވެ.
އިސްތިމްނާ ކޮށްގެން (އަމިއްލައަށް ޖިންސީ އެދުން ފުއްދަން ވެގެން މަނި ބޭރުކުރުން) މަނި ބޭރު ކުރިއަސް ހިނައިގަންނަން ޖެހޭނެއެވެ. އަދި ޖުމްހޫރު ޢިލްމުވެރިން ވިދާޅުވަނީ އަމިއްލައަށް ޖިންސީ އެދުން ފުއްދުމަކީ ޙަރާމް ކަމެއް ކަމަށެވެ. (*)
މަނި ބޭރުވުމުން ހިނައިގަތުން ވާޖިބުވާ ކަމުގެ އެއް ދަލީލަކީ: الْمَاءُ مِنْ الْمَاءِ
މާނައަކީ: "ހިނައިގަތުން ވާޖިބުވަނީ ފެން (މަނި) ބޭރުވުމުންނެވެ."
جَاءَتْ أُمُّ سُلَيْمٍ امْرَأَةُ أَبِي طَلْحَةَ إِلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَتْ يَا رَسُولَ اللَّهِ إِنَّ اللَّهَ لَا يَسْتَحْيِي مِنْ الْحَقِّ هَلْ عَلَى الْمَرْأَةِ مِنْ غُسْلٍ إِذَا هِيَ احْتَلَمَتْ فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ نَعَمْ إِذَا رَأَتْ الْمَاءَ
މާނައަކީ : "އަބޫ ޠަލްޙާގެ އަންހެނުން އުއްމު ސުލައިމް، ކީރިތި ރަސޫލާ އަރިއަހަށް އައިސް ދެންނެވިއެވެ. "އޭ ﷲގެ ރަސޫލާއެވެ. ހަމަކަށަވަރުންވެސް، ކަލޭގަފާނު ޙަޤީޤަތެއް ވިދާޅުވުމުން، ﷲ ލަދުވެތިވެވޮޑިއެއް ނުގަންނަވާނެއެވެ. އަންހެނާ އިޙްތިލާމް ވެއްޖެނަމަ، އޭނޭގެ މައްޗަށް ހިނައިގަތުން ވާޖިބުތޯއެވެ؟" ﷲގެ ރަސޫލާ ޙަދީޘް ކުރެއްވިއެވެ. "އާއެކެވެ. ފެނެއް ފައިބާފައި ހުރިތަން އެ ކަނބުލޭގެއަށް ފެނިއްޖެނަމައެވެ." (ޞަޙީޙް މުސްލިމް: ބާބް އަލްޙައިޟް)
އަދި އެހެން ޙަދީޘެއްގައި ވެއެވެ. أَنَّ أَنَسَ بْنَ مَالِكٍ حَدَّثَهُمْ أَنَّ أُمَّ سُلَيْمٍ حَدَّثَتْ أَنَّهَا سَأَلَتْ نَبِيَّ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَنْ الْمَرْأَةِ تَرَى فِي مَنَامِهَا مَا يَرَى الرَّجُلُ فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا رَأَتْ ذَلِكِ الْمَرْأَةُ فَلْتَغْتَسِلْ فَقَالَتْ أُمُّ سُلَيْمٍ وَاسْتَحْيَيْتُ مِنْ ذَلِكَ قَالَتْ وَهَلْ يَكُونُ هَذَا فَقَالَ نَبِيُّ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ نَعَمْ فَمِنْ أَيْنَ يَكُونُ الشَّبَهُ إِنَّ مَاءَ الرَّجُلِ غَلِيظٌ أَبْيَضُ وَمَاءَ الْمَرْأَةِ رَقِيقٌ أَصْفَرُ فَمِنْ أَيِّهِمَا عَلَا أَوْ سَبَقَ يَكُونُ مِنْهُ الشَّبَهُ
މާނައަކީ: އަނަސް ބިން މާލިކް އުއްމު ސުލައިމްގެ އަރިއަހުން ރިވާކުރެއްވިއެވެ. އުއްމު ސުލައިމް ވިދާޅުވިއެވެ. ފިރިހެނުންނަށް ވެސް ނިދި ތެރޭގައި ފެންނަ ފަދަ އެއްޗެއް ފެންނަ (ޖިންސީ ހުވަފެން) އަންހެނުންނާއި ބެހޭގޮތުން، އެކަނބުލޭގ، ﷲގެ ރަސޫލާ އަރިއަހުގައި ސުވާލު ދެންނެވިއެވެ. ދެން ﷲގެ ރަސޫލާ ޙަދީޘް ކުރެއްވިއެވެ. އެފަދަ ކަމެއް އަންހެނާއަށް ފެނިއްޖެނަމަ، ހިނައިގަންނާށެވެ. އުއްމު ސުލައިމް ވިދާޅުވިއެވެ. އަހަރެން އެވަގުތު އެކަމުން ލަދުގަތެވެ. އަދި ދެންނެވީމެވެ. އެހެން ވޭ ތޯއެވެ؟ ދެން ﷲގެ ރަސޫލާ ޙަދީޘް ކުރެއްވިއެވެ. އާއެކެވެ. (އެހެން ވެއެވެ.) އެހެން ނޫނީ ދަރިން އަންހެނާއާއި ވައްތަރުވަނީ ކިހިނަކުން ހެއްޔެވެ؟ ފިރިހެން މީހާގެ ފެން (މަނި) ބޯވެފައި، ކުލަ ހުދުވާނެއެވެ. އަދި އަންހެނުންގެ ފެން (މަނި) ތުނިވެފައި ކުލަ ރީދޫ ވާނެއެވެ. ވީމާ ދެ މީހުންގެ ޖީންތަކުގެ ތެރެއިން ގަދަކަން ހޯދައި ނުވަތަ ކުރި ހޯދި މީހަކާއި ވައްތަރުވެއެވެ.'' (ޞަޙީޙް މުސްލިމް: ބާބް އަލްޙައިޟް)
ބައްޔެއްގެ ސަބަބުން ނުވަތަ ހަށިގަނޑަށް ލިބޭ ކުއްލި އަނިޔާއެއްގެ ސަބަބުން ނުވަތަ އެއްވެސް ކަމަކާ ނުލާ މަނި ފައިބައިފިއްޔާ ހިނައިގަންނާކަށް ނުޖެހޭނެއެވެ. ސަބަބަކީ، ހިނައިގަންނަން ޖެހޭނީ ޝަހުވަތަކާއި އެކީ، ބާރަށް މަނި ފައިބައިގެން ދިއުމުންނެވެ.
މީގެ ދަލީލަކީ އިމާމް އަޙްމަދު ޢަލީގެފާނު އަރިއަހުން ރިވާ ކުރައްވާފައިވާ ޙަދީޘެކެވެ. إذَا فَضَخَتْ المَاء فاغْتَسلْ وَإنْ لَمْ تَكُنْ فاضخاً فلا تَغتَسل
މާނައަކީ: ''ބާރާ އެކީ މަނި ފައިބައިފިނަމަ ހިނައިގަންނާށެވެ. ފޭބީ ބާރާ އެކީ ނޫންނަމަ ހިނައި ނުގަންނާށެވެ.''
އަދި އިންސާނާ އުފެދޭ ގޮތް ބަޔާން ކުރައްވަމުން ސޫރަތުއް ޠާރިޤް ގެ 6 ވަނަ އާޔަތުގައި މަނި ސިފަ ކުރައްވާފައި ވަނީ ބާރަށް ނުކުމެގެން ދާ އެއްޗެއްގެ ގޮތުގައެވެ.
ވީމާ މަނީގެ ޠަބީޢަތަކީ ބާރަކާއި އެކީ ފައިބައިގެން ދިއުމެވެ. އަދި އޭގެ ފަހުން ހަށިގަނޑަށް ވަޅޯ ކަމެއް އާދެއެވެ. ބައްޔެއްގެ ސަބަބުން ނުވަތަ އަނިޔާއެއް ލިބިގެން މަނި ފައިބާ މީހާގެ މަނި ފައިބަނީ ޝަހުވަތެއްގެ ސަބަބުން ނޫނެވެ. އަދި ފައިބަނީ ބާރަކާ އެކީ ވެސް ނޫނެވެ. އަދި އޭގެ ފަހުން ހަށިގަނޑަށް އަރާމެއް ލިބި ވަޅޯކަމެއް ވެސް ނާދެއެވެ. ވީމާ އެއީ ހިނައިގަންނަން ޖެހޭ ފަދަ މަނި ފޭބީ ކަމަކަށް ނުބެލެވެއެވެ.
މަތީގައި މި ބުނެވުނީ ހޭލާ ހުރި މީހެއްގެ ވާހަކައެވެ. ނަމަވެސް ނިދާފައި އޮންނަ މީހާ، ކޮންމެ ގޮތަކަށް މަނި ފޭބިޔަސް ބެލެވެނީ އެއީ އިޙްތިލާމެއް ކަމަށެވެ. ވީމާ ހިނައިގަންނަން ޖެހޭނެއެވެ.
ނޯޓް : ނާދިރު ހާލަތެއްގައި، ޝަހުވަތެއްގެ ސަބަބުން މަނި ބޭރުވާ އިރު ވެސް ބާރެއް ނެތި ބޭރުވާ މީހުން ތިބެއެވެ. މިފަދަ މީހުން ހަމަ އެހެން މީހުންނެކޭ އެއް ގޮތަށް ހިނައިގަންނަން ޖެހޭނެއެވެ. އެއީ އެ މީހުންގެ މަނި ފޭބީ ޝަހުވަތަކާ އެކީގައި ކަމަށް ވާތީއެވެ. އަދި ހަށިގަނޑަށް ވަޅޯ ކަމެއް ވެސް އަންނާތީއެވެ.
ދޭއް : ޖިމާޢުވުން
ދެމަފިރިން ޖިމާޢުވެއްޖެނަމަ ފިރިމީހާއާއި އަނބިމީހާގެ މައްޗަށްވެސް، ހިނައިގަތުން ވާޖިބުވާނެއެވެ. ހިނައިގަތުން ވާޖިބުވަނީ ޛަކަރުން ފާޅުވެއްޖެ ހިސާބު ފަރުޖަށް ވެއްދުމުންނެވެ. ޖިމާޢުވެއްޖެނަމަ، މަނި ފޭބިޔަސް ނު ފޭބިޔަސް ހިނައިގަތުން ވާޖިބުވާނެއެވެ.
ހަމަ ބޭރުފުށުން ދެ ގުނަވަން ޖެހިލިއަކަސް ހިނައިގަތުން ވާޖިބެއް ނޫނެވެ. ޖިމާޢުވުން ނޫން ކޮންމެ އަރާމެއް ދެމަފިރިން ލިބިގަތަސް، މަނި ނުފައިބާ ހާ ހިނދަކު، ހިނައިގަތުން ވާޖިބެއް ނުވާނެއެވެ.
އަނެއްކޮޅުން، ދެމަފިރިއަކު ޖިމާޢުނުވިޔަސް ލޯބި ކުރުމުގެ ތެރޭގައި ޝަހުވަތަކާއި އެކު މަނި ފައިބައިފިނަމަ، ހިނައިގަންނަން ޖެހޭނެއެވެ. މިފަހަރު ހިނައިގަތުން ވާޖިބުވި ސަބަބަކީ، މަނިފޭބުމެވެ. ލޯބިކުރުމުގެ ތެރޭގައި ފޭބީ ހަމައެކަނި މަޛްޔު ނަމަ، ހިނައިގަންނާކަށް ނުޖެހޭނެއެވެ. ޖެހޭނީ ގުނަވަން ދޮވެލައި، ވުޟޫކޮށްލާށެވެ.
ދަލީލަކީ އިމާމް ބުޚާރީ އަބޫ ހުރައިރާ ގެ އަރިއަހުން ރިވާ ކުރެއްވި މި ޙަދީޘެވެ. عَنْ أَبِي هُرَيْرَةَ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ إِذَا جَلَسَ بَيْنَ شُعَبِهَا الْأَرْبَعِ ثُمَّ جَهَدَهَا فَقَدْ وَجَبَ الْغَسْلُ
މާނައަކީ: "އެ ކަނބުލޭގެ ހަތަރު ގުނަވަނުގެ މެދުގައި އިށީނދެ، ހަރަކާތްތެރި ވެއްޖެނަމަ، ހިނައިގަތުން ވާޖިބުވެއްޖެއެވެ.''
ޞަޙީޙް މުސްލިމް ގެ ރިވާޔަތުގައި ''މަނި ނުފޭބި ނަމަވެސް މެއެވެ.'' މި ހެން އިތުރަށް އޮވެއެވެ.
މި ޙަދީޘުގައި އެ އޮތް ހަތަރު ގުނަވަން ނުވަތަ "ޝުޢަބް" މި ބަހުގެ މާނަ ވަރަށް ގިނަ ގޮތް ގޮތަށް ޢިލްމުވެރިން ކުރައްވާފައިވެއެވެ. އޭގެތެރޭގައި، ދެ އަތާއި ދެފައި، ދެ ފަޔާއި ދަ ފަލަމަސްގަޑު، އަދި ޖިންސީ ގުނަވަން ކަމަށްވެސް ބުނެވިފައި އެބަ ހުއްޓެވެ. ނަމަވެސް ބޮޑަށް ބެލެވެނީ މީގެ މާނައަކީ މަޖާޒީ ގޮތަކަށް ޖިމާޢުވުން ކަމުގައެވެ.
އިމާމް މުސްލިމްއާއި އަޙްމަދު ރިވާކުރެއްވި، އެހެން ޙަދީޘެއްގައި ވެއެވެ. إذا جَاوَزَ الْخِتَانُ الْخِتَانَ فَقَدْ وَجَبَ الْغُسْل
މާނައަކީ :"ޛަކަރު ފަރުޖުގެ ތެރެއަށް ވަދެއްޖެނަމަ، ހިނައިގަތުން ވާޖިބެވެ."
ތިނެއް : ޙައިޟު އަދި ނިފާސްކަން
މުސްލިމް އަންހެނާ ޙައިޟުގެ ލޭ އަދި ނިފާސް ކަމުގެ ލޭ އައުން ހުއްޓުމުން، ހިނައިގަތުން ވާޖިބުވެގެންވެއެވެ. އޭނާއަށް ޙައިޟު ނިފާސްވުމުން ކުރުން ޙަރާމްވެފައި އޮތް، ނަމާދު، ޠަވާފު، ޖިމާޢުވުން ފަދަ ކަންތައް ހުއްދަވާނީ ހިނައިގަތުމުންނެވެ. ނަމަވެސް ޙައިޟުގެ ލޭ އައުން ހުއްޓިއްޖެނަމަ، ހިނައި ނުގަނެ ވެސް ރޯދަ ހިފުން ހުއްދައެވެ. މިސާލަކަށް ރޯދަ މަހެއްގެ ދަންވަރު ލޭ ހުއްޓިއްޖެނަމަ، ހިނައި ނުގަނެ ހުއްޓަސް އަނެއް ދުވަހު ރޯދަ ހިފަން ޖެހޭނެއެވެ. ނަމަވެސް އެރޭ ފަތިސް ނަމާދު ކުރުމަށްޓަކައި، އިރު އެރުމުގެ ކުރިން ހިނައިގަންނަން ޖެހޭނެއެވެ.
* ޙައިޟާ ބެހޭ ތަފްޞީލު
* ޤުރުއާން ކިޔެވުމުގެ ޙުކުމް
ހަތަރެއް:މަރުވުން
މުސްލިމު ފިރިހެނާ ނުވަތަ އަންހެނާ މަރުވީމާ، ދިރިތިބީންގެ މައްޗަށް މައްޔިތާ ހިނެވުން ވާޖިބެވެ. ހަނގުރާމައިގައި ޝަހީދުވާ މީހުން މިއިން އިސްތިސްނާވެގެންވެއެވެ.
ފަހެއް: ކާފަރަކު އިސްލާމްވުން .
ހިނައިގަތުމުގެ ޙުކުމް :
ޖުނުބުވެރިކަމުގެ އަދި ޙައިޟު ނިފާސްކަމުގެ ހިނައިގަތުމަކީ އެއީ ވާޖިބު ކަމެކެވެ. ނުކުރުމުން ފާފަވެރިވާނެ ކަމެކެވެ. އަދި ނަމާދު ފަދަ އަޅުކަމަށް ބޭނުންވާ ޠަހާރަތު ނެތުމުގެ ސަބަބުން، އޭނާ ކުރާ އެތައް އަޅުކަމެއް ފާސިދުވާނެ ކަމެކެވެ. ޖުނުބުވެރިވުމަކީ އަންހެނުންވެސް އަދި ފިރިހެނުންވެސް ޖިމާޢުވީމާ ނުވަތަ ޝަހުވަތާއިއެކު މަނިބޭރުވީމާ އެ ޙާލަތަށް ކިޔާ ނަމެކެވެ. މިއީ ވާޖިބު ކަމެއްކަން ޤުރުއާނާއި ސުންނަތުން އެގި ފާޅު ކަމެކެވެ.
އަލްމާއިދާ ސޫރަތުގެ 6 ވަނަ އާޔަތުގައި ވަނީ : وَإِنْ كُنْتُمْ جُنُبًا فَاطَّهَّرُوا
މާނައަކީ:"އަދި ޖުނުބުވެރީން ކަމުގައި ތިޔަބައި މީހުންވާނަމަ، ތިޔަބައި މީހުން ޠާހިރުވެގަންނާށެވެ."
ނިސާ ސޫރަތުގެ 43 ވަނަ އާޔަތުގައި ވަނީ : يَا أَيُّهَا الَّذِينَ آمَنُوا لَا تَقْرَبُوا الصَّلَاةَ وَأَنْتُمْ سُكَارَى حَتَّى تَعْلَمُوا مَا تَقُولُونَ وَلَا جُنُبًا إِلَّا عَابِرِي سَبِيلٍ حَتَّى تَغْتَسِلُوا
މާނައަކީ: "އޭ އީމާންވެއްޖެ މީސްތަކުންނެވެ. ތިޔަބައިމީހުން މަސްތުވެގެންތިބެ، ނަމާދާއި ގާތްނުވާށެވެ. އެއީ ނަމާދުގައި ތިޔަބައިމީހުން ކިޔާ އެއްޗެއް ތިޔަބައިމީހުންނަށް އެނގުމަށްޓަކައެވެ. އަދި މަގު ހުރަސްކޮށް ދަތުރުކުރާ ދަތުރުވެރީން މެނުވީ ޖުނުބުވެރިވެގެންވާ ޙާލުގައިވެސް، ތިޔަބައިމީހުން ހިނައިގަނެފުމަށް ދާންދެން ނަމާދު ނުކުރާށެވެ."
ސުންނަތުން އޮތް އެއް ދަލީލަކީ އިމާމް ބުޚާރީ އަބޫ ހުރައިރާ ގެ އަރިއަހުން ރިވާ ކުރެއްވި މި ޙަދީޘެވެ. عَنْ أَبِي هُرَيْرَةَ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ إِذَا جَلَسَ بَيْنَ شُعَبِهَا الْأَرْبَعِ ثُمَّ جَهَدَهَا فَقَدْ وَجَبَ الْغَسْلُ
މާނައަކީ: "އެ ކަނބުލޭގެ ހަތަރު ގުނަވަނުގެ މެދުގައި އިށީނދެ، ހަރަކާތްތެރި ވެއްޖެނަމަ، ހިނައިގަތުން ވާޖިބުވެއްޖެއެވެ."
އިމާމް މުސްލިމް އާއި އަޙްމަދު ރިވާކުރެއްވި ، އެހެން ޙަދީޘެއްގައި ވެއެވެ. إذا جَاوَزَ الْخِتَانُ الْخِتَانَ فَقَدْ وَجَبَ الْغُسْل
މާނައަކީ :"ޛަކަރު ފަރުޖުގެ ތެރެއަށް ވަދެއްޖެނަމަ، ހިނައިގަތުން ވާޖިބެވެ."
މަނި ބޭރުވުމުން ހިނައިގަތުން ވާޖިބުވާ ކަމުގެ އެއް ދަލީލަކީ الْمَاءُ مِنْ الْمَاءِ
މާނައަކީ: "ހިނައިގަތުން ވާޖިބުވަނީ ފެން (މަނި) ބޭރުވުމުންނެވެ."
جَاءَتْ أُمُّ سُلَيْمٍ امْرَأَةُ أَبِي طَلْحَةَ إِلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَتْ يَا رَسُولَ اللَّهِ إِنَّ اللَّهَ لَا يَسْتَحْيِي مِنْ الْحَقِّ هَلْ عَلَى الْمَرْأَةِ مِنْ غُسْلٍ إِذَا هِيَ احْتَلَمَتْ فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ نَعَمْ إِذَا رَأَتْ الْمَاءَ
މާނައަކީ : "އަބޫ ޠަލްޙާގެ އަންހެނުން އުއްމު ސުލައިމް، ކީރިތި ރަސޫލާ އަރިއަހަށް އައިސް ދެންނެވިއެވެ. "އޭ ﷲގެ ރަސޫލާއެވެ. ހަމަކަށަވަރުންވެސް، ކަލޭގަފާނު ޙަޤީޤަތެއް ވިދާޅުވުމުން، ﷲ ލަދުވެތިވެވޮޑިއެއް ނުގަންނަވާނެއެވެ. އަންހެނާ އިޙްތިލާމް ވެއްޖެނަމަ، އޭނޭގެ މައްޗަށް ހިނައިގަތުން ވާޖިބުތޯއެވެ؟" ﷲގެ ރަސޫލާ ޙަދީޘް ކުރެއްވިއެވެ. "އާއެކެވެ. ފެނެއް ފައިބާފައި ހުރިތަން އެ ކަނބުލޭގެއަށް ފެނިއްޖެނަމައެވެ." (ޞަޙީޙް މުސްލިމް: ބާބް އަލްޙައިޟް)
ޙައިޟު ނިފާސް ކަމުން ހިނައިގަތުން ވާޖިބުކަމުގެ އެއް ދަލީލަކީ ބަޤަރާ ސޫރަތުގެ 222 ވަނަ އާޔަތެވެ.
وَيَسْأَلُونَكَ عَنِ الْمَحِيضِ قُلْ هُوَ أَذًى فَاعْتَزِلُوا النِّسَاءَ فِي الْمَحِيضِ وَلَا تَقْرَبُوهُنَّ حَتَّى يَطْهُرْنَ فَإِذَا تَطَهَّرْنَ فَأْتُوهُنَّ مِنْ حَيْثُ أَمَرَكُمُ اللَّهُ
މާނައަކީ :"އަދި ޙައިޟުގައި ތިބޭ އަންހެނުންނާއި މެދު، މީސްތަކުން އިނބަކުރެން ސުވާލު ކުރެތެވެ. ބުނާށެވެ. އެއީ ކުޑަ އުދަނގުލެކެވެ. އަދި ހަޑި ޙާލަތެއް މެއެވެ. ވީއިރު ޙައިޟުގެ ދުވަސްވަރުގައި، އަނބިފިރިކަން ކުޅައުމުގެ ގޮތުން، އަންހެނުންނާއި ދުރުގައި ތިބޭހުށިކަމެވެ. އަދި އެ ކަނބަލުން ހިނައި ޠާހިރު ވެއްޖައުމަށް ދާންދެން، އެއް ދާންކޮށް އުޅުމަށްޓަކައި އެކަނބަލުން ގާތަށް ނުދާށެވެ. ދެން އެކަނބަލުން ހިނައި ޠާހިރުވެގަތުމުން، ﷲ ކަލޭމެންނަށް އަމުރު ކުރައްވާފައިވާ ފަދައިން، އެ ކަނބަލުންނާއި އެއްތަންވެ އުޅޭށެވެ."
ބުޚާރީގައިވާ ޙަދީޘެއްގައި ވަނީ : عَائِشَةَ أَنَّهَا قَالَتْ قَالَتْ فَاطِمَةُ بِنْتُ أَبِي حُبَيْشٍ لِرَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَا رَسُولَ اللَّهِ إِنِّي لَا أَطْهُرُ أَفَأَدَعُ الصَّلَاةَ فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِنَّمَا ذَلِكِ عِرْقٌ وَلَيْسَ بِالْحَيْضَةِ فَإِذَا أَقْبَلَتْ الْحَيْضَةُ فَاتْرُكِي الصَّلَاةَ فَإِذَا ذَهَبَ قَدْرُهَا فَاغْسِلِي عَنْكِ الدَّمَ وَصَلِّي
މަނައަކީ : ''ޢާއިޝަތުގެފާނު ރިވާކުރެއްވިއެވެ. ފާޠިމަތު ބިންތު އަބީ ޙުބައިޝް، ﷲ ގެ ރަސޫލާ އަރިއަހުގައި ސުވާލު ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ. އަހަރެންނަކަށް ޠާހިރެއް (ލެއިން) ނުވެއެވެ. ފަހަ އަޅުގަނޑު ނަމާދު ދޫކޮށްލަންތޯއެވެ؟ ދެން ﷲގެ ރަސޫލާ ދެންނެވިއެވެ. ނޫނެކެވެ. އެކަމަކު އެއީ ލޭ ނާރުތަކުން ވާކަމެކެވެ. ޙައިޟަކުން ނޫނެވެ. ފަހެ ޙައިޟު ފެށިއްޖެނަމަ، ނާމަދު ދޫކޮށްލާށެވެ. އަދި ޙައިޟުގެ މުއްދަތު ނިމުމުން، ހަށިގަނޑުގައި ހުރި ލޭ ދޮވެލާފައި، ނަމާދު ކުރާށެވެ.''
ނޯޓް: ޙައިޟު ގެ އަސްލު ލޭ ހުއްޓުމުން ޖެހޭނީ ހިނައިގަންނާށެވެ. ނަމަވެސް ޙައިޟު ހުއްޓި، ހިނައިގަތުމަށް ފަހު ވެސް، ލޭ މަނާ ނުވެ(އިސްތިޙާޟާ) ފައިބާ ނަމަ ޖެހޭނީ، އެ ލޭ ދޮވެލާފައި ނަމާދު ކުރާށެވެ.
ހިނައިގަތުން:
ބައެއް މީހުން ހީކުރާ ގޮތުގައި ހިނައިގަތުމަކީ ވަރަށް އާދަޔާ ޚިލާފު ގޮތަކަށް ކުރާ، ވަރަށް ބޮޑު ކަންތައް ގަނޑެކެވެ. އަނެއް ބަޔަކު މިއީ ކުރަންޖެހޭ ކަމެއް ކަން ނުވެސް ދަނެއެވެ. ބޮޑުވެ އުޑުގައި ޖެހޭ ވަރުވެފައި ތިބޭ ބައެއް އަންހެން ކުދިންނާއި ފިރިހެން ކުދިންވެސް، ހިނައި ގަތުމަކީ އެއީ ވާޖިބު ކަމެއް ކަމާއި، ހިނައިގަންނަން ޖެހޭނީ ކޮންކޮން ޙާލަތްތަކެއްގައި، އަދި ކިހިނެއްކަން ނުދަނެއެވެ. ހިނައިގަތުމޭ މި ކިޔެނީ ދީނީ ގޮތުން ވާޖިބު ''ފެންވެރުމަކަ'' ށެވެ. މިލިއުމުގައި ވާހަކަ ދެކެވިފައި ހުންނާނީ، ޖުނުބުވެރިކަމުގެ ހިނައިގަތުމާއި، ޙައިޟު ނިފާސް ކަމުގެ ހިނައިގަތުމާއި ބެހޭ ގޮތުންނެވެ.
ޖުނުބުވެރިކަމުގެ ހިނައިގަތުމަކީ، ޖިމާޢުވުން ނުވަތަ މަނިބޭރުވުމުން ވާޖިބުވާ ހިނައިގަތުމެވެ. މި ހިނައިގަތުން އަންހެނުންނާއި ފިރިހެނުންނަށްވެސް ދިމާވެދާނެއެވެ. ޙައިޟު ނިފާސް ކަމުން ހިނައިގަތުން ވާޖިބުވާނީ ހަމައެކަނި އަންހެނުންނަށެވެ.
ހިނައިގަންނާނީ ކިހިނެއް:
ވާޖިބު ހިނައިގަތުމުގައި -ޖުނުބުވެރިއާވެސް އަދި ޙައިޟު ނިފާސްވެރިއާވެސް- ކޮންމެހެން ކުރަންޖެހޭ ދެކަމެއް ނުވަތަ ދެ ރުކުނެއް އޮވެއެވެ. އެއީ ނިޔަތް ގަތުމާއި، ގައިގެ ހުރިހާ ތަނެއްގައި ފެން ޖެއްސުމެވެ.
ނިޔަތް ގަތުމަކީ، ކުރަން އުޅޭ ކަމެއް ގަސްތުކުޅައުމެވެ. މިސާލަކަށް ޖުނުބު ވެރިއަކު، އެކަން ހަނދާންވެސް ނެތިފައި ހުއްޓާ މަގުމަތިން ދަނިކޮށް ވާރޭވެހިފައި މުޅި ގައިގައި ފެންޖެހުނަސް އެއީ ހިނައިގަތުމަކަށް ނުވާނެއެވެ. އަޅުކަމެއް ވިއްޔާ އެ ކަމެއް ގަސްތުކުރަން ޖެހެއެވެ. ވީމާ ހިނައިގަންނަ އިރުވެސް ތިމަންނަ ޖުނުބުވެރިކަމުގެ ނުވަތަ ޙައިޟު ނިފާސްކަމުން ހިނައިގަންނަނީކަން ހިތަށް އެރުވީމާ އެ ނިމުނީއެވެ. މި ނިޔަތަށް ކޮންމެހެން ވަކި އެއްޗެއް ދުލުން ކިޔާކަށް ނުޖެހޭނެއެވެ. އަބަދުވެސް ނިޔަތްގަތުމަކީ ހިތުން ކުރާކަމެކެވެ.
ދެވަނަ ކަމަކީ މުޅި ގައިގައި ފެންޖެއްސުމެވެ. ގައިގެ ހުރިހާ ތަނެއްގައި ފެންޖެއްސުމެވެ. އަންހެނުން ނިޔަފަތީގައި ޖައްސާފައި ހުންނަ ކުލަ، މަލަން ގަނޑެއް، ނުވަތަ ދަވާދު ފަދަ އެއްޗެއް ހުރެގެން ހަންގަނޑާއި ހަމައަށް ފެން ވާޞިލު ނުވާނަމަ، ހިނައިގަތުން ޞައްޙައެއް ނުވާނެއެވެ.
ވީމާ މަތީގައި އެ ބުނެވުނު ގޮތަށް މީހަކު، (އަންހެންވިޔަސް ފިރިހެން ވިޔަސް)، ހިނައިގަނެއްޖެ ނަމަ އެ ހިނައިގަތުން ޞައްޙަވާނެއެވެ. ދީނީ ގޮތުން މި ކިޔާ ހިނައިގަތުމަކީ މިއީއެވެ. މިއީ މާކަބޮޑު އުނދަގޫ ކަމެއް ނޫނެވެ.
ގަތާފައި އޮންނަ އިސްތަށިގަނޑު:
އިސްތަށިގަނޑު ގަތާފައި ތިބޭ އަންހެނުން އިސްތަށިގަނޑު ނިއުޅުން ވާޖިބު ނޫންކަމުގައި ޖުމްހޫރު ޢިލްމުވެރިން ދެކެލައްވައެވެ. އެކަމަކު އިސްތަށިތަކުގެ ބުޑަށް ފެން ވާސިލުވާންޖެހޭނެއެވެ. އަދި އުނދަގޫ ކަމެއް ނޫންނަމަ ރަނގަޅީ، ނިއުޅުމެވެ. މިކަމުގެ ދަލީލަކީ ޞަޙީޙް މުސްލިމުގެ ''އަލްޙައިޟު'' މިބާބުގައި އައިސްފައިވާ ޙަދީޘެވެ. أُمِّ سَلَمَةَ قَالَتْ قُلْتُ يَا رَسُولَ اللَّهِ إِنِّي امْرَأَةٌ أَشُدُّ ضَفْرَ رَأْسِي فَأَنْقُضُهُ لِغُسْلِ الْجَنَابَةِ قَالَ لَا إِنَّمَا يَكْفِيكِ أَنْ تَحْثِيَ عَلَى رَأْسِكِ ثَلَاثَ حَثَيَاتٍ ثُمَّ تُفِيضِينَ عَلَيْكِ الْمَاءَ فَتَطْهُرِينَ
މާނައަކީ: އުއްމު ސަލަމާ ވިދާޅުވިއެވެ. އަހަރެން ބުނީމެވެ: އޭ ﷲ ގެ ރަސޫލާއެވެ. އަހަރެންނަކީ ބޮލުގެ އިސްތަށިގަނޑު ވަރުގަދައަށް ގަތާފައި އޮންނަ މީހަކީމެވެ. ފަހެ ޖުނުބުވެރިކަމުން ހިނައިގަންނަން، އަހަރެން އެ ނިއުޅަންތޯއެވެ؟ ރަސޫލާ ޙަދީޘްކުރެއްވިއެވެ: ނޫނެކެވެ. އެކަމަކު ތިންފަހަރު ދެއަތް ފުރެންދެން ހުންނަ ފެން، ކަނބުލޭގެ ބޮލަށް އެޅުމުން ފުދޭނެއެވެ. އަދި ގަޔަށް ފެން އޮއްސާށެވެ. އޭރުން އެ ޠާހިރުވެވުނީއެވެ.''
އިސްތަށިގަނޑު ނިއުޅަން ނުޖެހެނީ ހަމައެކަނި ޖުނުބުވެރިކަމުން ހިނައިގަންނައިރު ކަމުގައި ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. އެއީ ޞަޙީޙް ބުޚާރީގެ ''ޙައްޖު'' ބާބުގައި ޢާއިޝަތުގެ ފާނުގެ އަރިއަހުން ރިވާކުރެވިފައިވާ ޙަދީޘެއްގައި، ޢާއިޝަތުގެފާނުގެ އިސްތަށިކޮޅު މޮހެލައްވައި ފުނާއަޅުއްވަން ރަސޫލާ ޙަދީޘް ކުރައްވާފައިވާތީ، އެއީ ދަލީލަކަށް ބަލައިގެންނެވެ. ނަމަވެސް ޖުމްހޫރު ޢިލްމުވެރިން ވިދާޅުވަނީ، ޖުނުބުވެރިކަމުން ވިޔަސް އަދި ޙައިޟުގެ ހިނައިގަތުން ކަމަށްވިޔަސް، މިކަމުގައި އޮތް ޙުކުމް އެއްގޮތްކަމުގައެވެ. ޖަހާފައިވާ ހުޅު ނިއުޅަން ނުޖެހޭނެކަމަށެވެ. މި ކަމުގެ ދަލީލަކީ ޞަޙީޙް މުސްލިމްގެ '' އަލްޙައިޟު '' ބާބުގައި އައިސްފައިވާ މި ޙަދީޘެވެ. عُبَيْدِ بْنِ عُمَيْرٍ قَالَ بَلَغَ عَائِشَةَ أَنَّ عَبْدَ اللَّهِ بْنَ عَمْرٍو يَأْمُرُ النِّسَاءَ إِذَا اغْتَسَلْنَ أَنْ يَنْقُضْنَ رُءُوسَهُنَّ فَقَالَتْ يَا عَجَبًا لِابْنِ عَمْرٍو هَذَا يَأْمُرُ النِّسَاءَ إِذَا اغْتَسَلْنَ أَنْ يَنْقُضْنَ رُءُوسَهُنَّ أَفَلَا يَأْمُرُهُنَّ أَنْ يَحْلِقْنَ رُءُوسَهُنَّ لَقَدْ كُنْتُ أَغْتَسِلُ أَنَا وَرَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مِنْ إِنَاءٍ وَاحِدٍ وَلَا أَزِيدُ عَلَى أَنْ أُفْرِغَ عَلَى رَأْسِي ثَلَاثَ إِفْرَاغَاتٍ
މާނައަކީ: ''ޢުބައިދު ބިން ޢުމައިރު ރިވާކުރެއްވިއެވެ: އަންހެނުން ހިނައިގަންނައިރު، އެކަނބަލުންގެ (ގަތާފައިވާ އިސްތަށުގަނޑު) ނިއުޅަން، ޢަބްދުﷲ ބިން ޢަމްރު އަމުރު ކުރައްވާ ޚަބަރު، ޢާއިޝަތުގެފާނަށް ލިބިވަޑައިގެންފިއެވެ. ދެން އެކަމަނާ ވިދާޅުވިއެވެ. އަންހެނުން ހިނައިގަންނައިރު އެކަނބަލުންގެ ބޮލުގައި ގަތާފައިވާ އިސްތަށުގަނޑު ނިއުޅަން، އިބްނު ޢަމްރު އަމުރު ކުރައްވާކަން އެއީ ޢަޖާއިބު ކުރުވަނިވި ކަމެކެވެ. އެކަނބަލުންގެ ބޯ ބާލަން އޭނާ އަމުރު ނުކުރީ ކިއްވެހެއްޔެވެ! އެއް ފެން އެތިން އަހަރެންނާއި ﷲ ގެ ރަސޫލާއާއި ދެމީހުން ހިނައިގަތީމެވެ. އަދި އަތްތިލަ ފުރެންދެން ހުންނަ ފެން ތިންފަހަރު އަހަރެންގެ ބޮލަށް އޮއްސުމަށް ވުރެ އިތުރު ކަމެއް ނުކުރަމެވެ.''
ވީމާ މަތީގައި އެ ބުނެވުނު ގޮތަށް މީހަކު، (އަންހެންވިޔަސް ފިރިހެން ވިޔަސް)، ހިނައިގަނެއްޖެ ނަމަ އެ ހިނައިގަތުން ޞައްޙަވާނެއެވެ.
ހިނައިގަތުމުގެ ފުރިހަމަ ގޮތް :
މަތީގައި އޮތް ގޮތަށް ހިނައިގަތީމައި އެ ކަން ޞައްޙަވާނެއެވެ. އެކަމަކު ކަމަށް ފުރިހަމަކަމެއް ގެނެސްދޭ ސުންނަތް ގޮތެއް، ހިނައިގަތުމުގައި އޮވެއެވެ. ''އަލް މުޣްނީ '' ގައި އިބްނު ޤުދާމާ މިކަންތައްތައް ގެންނަވާފައި ވެއެވެ. އެއީ:
1- އެންމެ ފުރަތަމަ ނިޔަތް ގަންނާށެވެ.
2- ދެން ބިސްމި ކިޔާށެވެ. ( ފާޚާނާ ފަދަ ތަންތާގައި ބިސްމި ދުލުން ކިއުން ގިނަ ޢިލްމުވެރިން ހުއްދައެއް ނުކުރެއެވެ. އެއީ ފާޚާނާފަދަ ތަންތާގައި، ދުލުން ﷲ ޛިކުރު ކުރުން އެއީ އެކަށީގެންވާފަދަ ޢަމަލަކަށް ނުވާތީއެވެ.) ވީމާ ބިސްމި ކިޔާނީ ހިތުންނެވެ.
3- ދެން ތިންފަހަރު އަތް ދޮންނާށެވެ.
4- ދެން ގައިގައި ހުރި މަނި ނުވަތަ ޙައިޟުގެ ލޭ ދޮންނާށެވެ. އަދި ކުރިމަތީ ފަރާތްވެސް ދޮންނާށެވެ. (މިގުނަވަން ދޮންނައިރު ބޭރުން ފެންނަން ހުންނަ ބައި ދޮތުމުން ނިމުނީއެވެ.)
5- ދެން ނަމާދަށް ވެސް ވުޟޫ ކުރާހެން ވުޟޫ ކުރާށެވެ. (އޭނާ ހުއްޓި ހުރީ ފައި ހަޑިވާތަނެއްގައި ނަމަ ފައި ދޮތުން އެންމެ ފަހު ކަމަކަށް ބޭއްވިދާނެއެވެ. ނަމަވެސް މިޒަމާނުގައި މިއީ ވަރަށް ދިމާވާނެ ގޮތެއް ނޫނެވެ.)
6- ދެން ތިންފަހަރު ބޮލަށް ފެން އަޅާށެވެ. އަދި އިސްތަށީގެ ބުޑުގައި ފެންޖެއްސުމަށްޓަކައި އިސްތަށި ތެރެއަށް އަތްވައްދައި ހަދާށެވެ. (މިހާރު މާގަޑަކުން ނުވަތަ ދާނިން ފެންވަރާއިރު ބޮލުގައި ފެން ނުޖިހިގެން ބިރުގަންނާކަށް ނުޖެހޭނެއެވެ.)
7- ދެން މުޅި ހަށިގަނޑަށް ފެންއަޅާށެވެ. ފުރަތަމަ ކަނާއަތްފަރާތަށެވެ. ދެން ވާއަތްފަރާތަށެވެ.
8- ދެން ހަށިގަނޑު އުގުޅާލާށެވެ. (މިއީވެސް ހުރިހާތަނެއްގައި ފެން ޖެހުނުކަން ޔަޤީން ކުރަންވެގެންނެވެ.)
9- ދެން ފައި ދޮންނާށެވެ.
ހިނައިގަންނާނީ ކިހިނެއްކަން ބަޔާންކުރެވިފައިވާ ވަރަށް ގިނަ ޙަދީޘުގެ ތެރެއިން އެއް ޙަދީޘަކީ ބުޚާރީގެ އަލްޣުސްލު މި ބާބުގައިވާ މި ޙަދީޘެވެ. عَنْ عَائِشَةَ زَوْجِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ إِذَا اغْتَسَلَ مِنْ الْجَنَابَةِ بَدَأَ فَغَسَلَ يَدَيْهِ ثُمَّ يَتَوَضَّأُ كَمَا يَتَوَضَّأُ لِلصَّلَاةِ ثُمَّ يُدْخِلُ أَصَابِعَهُ فِي الْمَاءِ فَيُخَلِّلُ بِهَا أُصُولَ شَعَرِهِ ثُمَّ يَصُبُّ عَلَى رَأْسِهِ ثَلَاثَ غُرَفٍ بِيَدَيْهِ ثُمَّ يُفِيضُ الْمَاءَ عَلَى جِلْدِهِ كُلِّهِ
މާނައަކީ: ޢާއިޝަތުގެފާނުގެ އަރިއަހުން ރިވާވެފައިވެއެވެ. ''މާތް ނަބީ ޞައްލައްﷲ ޢަލައިހި ވަސައްލަމަ، ޖުނުބުވެރިކަމުން ނާނެއިފުޅުފިއްލަވައިފިއްޔާ، ފައްޓަވަނީ ދެއަތްޕުޅު ދޮންނެވުމުންނެވެ. ދެން ނަމާދަށް ކުރާ ވުޟޫފަދަ ވުޟޫއެއް ކުރައްވައެވެ. އެއަށްފަހު އިނިގިލިކޮޅު ފެނަށް ގެންބެވުމަށްފަހު، އެއިން އިސްތަށިފުޅުގެ ބުޑު ހަރަކާތް ކުރައްވައެވެ. ދެން އަތްތިލަކޮޅު ފުރެންދެން ހުންނަވަރުގެ ފެން ތިންފަހަރު އިސްތަށިފުޅަށް އަޅުއްވައެވެ. ދެން މުޅި ހަށިކޮޅަށް ފެން އޮއްސަވާލައްވައެވެ.''
އުއްމުލް މުއުމިނީނަ މައިމޫނާ (ރަޟިޔަﷲ ޢަންހާ) ރިވާ ކުރައްވާފައިވާ، ޙަދީޘެއްގައި، ނާނެއިފުޅުފިއްލަވަން ހުންނަވާ ތަނުން ދުރުވެވަޑައިގަނެފައި ފައިންޕުޅު ދޮންނަވާކަމަށްވެސް އޮވެއެވެ. ފައި ދޮތުން ފަސްކުރުން ސުންނަތްވެގެންވާކަމަށް ބުނާ މީހުންގެ ދަލީލަކީ މިއީއެވެ.
ހިނައިގަންނައިރު އަނގައާ ނޭފަތަށް ފެންލުން އެއީ ކުރަން ޖެހޭ ކަމެއްތޯ ނޫންތޯ މިއީ ޚިލާފު މައްސަލައެކެވެ. ޙަންބަލީ މަޛްހަބުގައި ދެކެނީ ވުޟޫގައިވެސް އަދި ހިނައިގަންނައިރުވެސް އަނގައާ ނޭފަތަށް ފެން ލުން އެއީ ފަރުޟެއް ކަމަށެވެ. ޝާފިޢީ އަދި މާލިކީ މަޛްހަބު ދެކެނީ، ވުޟޫގައިވެސް އަދި ހިނައިގަންނައިރުވެސް އަނގައާ ނޭފަތަށް ފެން ލުން އެއީ ސުންނަތެއް ކަމަށެވެ. ޙަނަފީން ބުނަނީ ވުޟޫގައި އެއީ ސުންނަތެއް، ހިނައިގަންނައިރު ފަރުޟެއް ކަމަށެވެ.
ވުޟޫގައި އެއީ ފަރުޟެއް ކަމަށް ބުނާ މަޛްހަބު (ޙަންބަލީ) ދެކެނީ ހިނައިގަންނައިރު، އަނގައާއި ނޭފަތަށް ފެން ލާން ޖެހޭނެ ކަމަށެވެ. ނަމަވެސް ޝާފިޢީ އަދި މާލިކީން ދެކެނީ ހިނައިގަންނައިރުވެސް އެއީ ސުންނަތެއް ކަމަށެވެ.
އަނގައާއި ނޭފަތަށް ފެންލާން ވީ ތޯ ނޫންތޯ، މި ސުވާލު ކުރިމަތި ވާނީ ހިނައިގަތުމުގެ ކުރިން ވުޟޫ ނުކުރާ މީހަކަށެވެ. ހިނައިގަތުމުގެ ކުރިން ވުޟޫ ކުރާ މީހެއް ވިއްޔާ، އޭނާ ހުންނާނީ އެހެންޏާވެސް ވުޟޫ ކުރާ ގޮތުގެ ދަށުން އަނގައާއި ނޭފަތަށް ފެންލާފައެވެ.
ވާހަކައިގެ ޚުލާޞާއަކީ، ވުޟޫކުރުން އެއީ ހިނައިގަތުމުގެ ކުރިން ކުރުން ލާޒިމު ނުވަތަ ކުރަން ޖެހޭ ކަމެއް ނޫނެވެ. އެއީ މީހަކު ރަސޫލާ އަރިއަހު، ޖުނުބުން ހިނައިގަންނާނީ ކިހިނެއްތޯ ސުވާލު ދެންނެވުމުން، ރަސޫލާ ޙަދީޘް ކުރެއްވީ، ތިމަންކަލޭގެފާނު ތިންފަހަރު އިސްތަށިފުޅަށް ފެން އޮއްސާލެއްވީމާ، ޠާހިރުވެވަޑައިގެންނެވޭ ކަމަށެވެ. ވުޟޫ ކުރައްވާ ވާހަކަ ޙަދީޘެއް ނު ކުރައްވައެވެ.
ހިނައިގަތުމުގެ ކުރިން ވުޟޫ ކުރުމަކީ ސުންނަތެކެވެ. ސުންނަތަކަށް ވީ، ޢާއިޝަތުގެފާނު އަދި މައިމޫނާގެނު އަރިއަހުން ބުޚާރީ މުސްލިމްގައި ރިވާ ކުރެވިފައިވާ ޙަދީޘްތަކުގައި، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޖުނުބުން ހިނާވަޑައިގަނެވުމުގެ ކުރުން ވުޟޫ ކުރައްވާ ކަމަށް އައިސްފައިވާތީއެވެ.
ހަމަ އެހެންމެ، އަނގައާއި ނޭފަތަށް ފެން ލުން އެއީވެސް އެންމެން އިއްތިފާޤުވާ ފަރުޟެއް ނޫނެވެ. އެއީ ސުންނަތެކެވެ.
ދެ ހިނައިގަތުމުގެ ތަފާތު :
ޖުނުބުވެރިކަމުގެ ހިނައި ގަތުމާއި، ޙައިޟު ނިފާސް ކަމުން ހިނައިގަތުމާއި ވަކި ތަފާތެއް ނޯވެއެވެ. ނަމަވެސް އަންހެނުން ޙައިޟުން ހިނައިގަތުމަށް ފަހު، މީރުވަސްދުވާ އެއްޗެއް، ކުރިމަތީފަރާތުގައި ބޭނުން ކުރުން ސުންނަތް ކަމަށް، އަސްމާ ބިންތު ޝަކަލް ކިޔާ އަންހެނެއް، ޙައިޟުން ހިނައިގަންނާނީ ކިހިނެއްތޯ ރަސޫލާއަށް ދެންނެވީމައި ރަސޫލާ ޙަދީޘް ކުރެއްވި ޙަދީޘެއް، ޞަޙީޙް މުސްލިމުގައި އޮވެއެވެ. މިއީ ސުންނަތެކެވެ. ވާޖިބެއް ނޫނެވެ.
عَنْ عَائِشَةَ أَنَّ أَسْمَاءَ سَأَلَتْ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَنْ غُسْلِ الْمَحِيضِ فَقَالَ تَأْخُذُ إِحْدَاكُنَّ مَاءَهَا وَسِدْرَتَهَا فَتَطَهَّرُ فَتُحْسِنُ الطُّهُورَ ثُمَّ تَصُبُّ عَلَى رَأْسِهَا فَتَدْلُكُهُ دَلْكًا شَدِيدًا حَتَّى تَبْلُغَ شُؤُونَ رَأْسِهَا ثُمَّ تَصُبُّ عَلَيْهَا الْمَاءَ ثُمَّ تَأْخُذُ فِرْصَةً مُمَسَّكَةً فَتَطَهَّرُ بِهَا فَقَالَتْ أَسْمَاءُ وَكَيْفَ تَطَهَّرُ بِهَا فَقَالَ سُبْحَانَ اللَّهِ تَطَهَّرِينَ بِهَا فَقَالَتْ عَائِشَةُ كَأَنَّهَا تُخْفِي ذَلِكَ تَتَبَّعِينَ أَثَرَ الدَّمِ
މާނައަކީ : ޢާއިޝަތުގެފާނު ރިވާކުރެއްވިއެވެ. ޙައިޟުވެރިއާ ހިނައިގަންނާނީ ކިހިނެއްތޯ، އަސްމާ (އަސްމާ ބިންތު ޝަކަލް) ﷲ ގެ ރަސޫލާއަށް ސުވާލު ދެންނެވިއެވެ. ރަސޫލާ ޙަދީޘްކުރެއްވިއެވެ: ކަލޭމެންގެ ތެރެއިން ކޮންމެ މީހަކުވެސް ފެނާއި ސިދުރު (ވައްތަރެއްގެ ފަތެއް، ނަމަވެސް ރާއްޖޭގައި މަޝްހޫރުވެފައި ވަނީ އެއީ ކުންނާރު ފަތް ކަމަށް) ބޭނުންކޮށްގެން ރަނގަޅަށް ޠާހިރުވާށެވެ. ދެން ބޮލަށް ފެން އަޅާފައި، އިސްތަށީގެ ބުޑަށް ފެންދާވަރަށް ބާރަށް އުގުޅާށެވެ. ދެން އެއަށް (ބޮލަށް) ފެން އޮއްސާށެވެ. އަދި އެއަށްފަހު މިސްކު އުގުޅާފައިވާ ކޮޓަން ފޮތިކޮޅަކުން ސާފުކުރާށެވެ. ދެން އަސްމާ ބުންޏެވެ: އެއިން (އެ ފޮތިކޮޅުން) އޭނާ ސާފު ކުރާނީ ކިހިނެއްތޯއެވެ؟ ރަސޫލާ ޙަދީޘްކުރެއްވިއެވެ. ސުބުޙާނަﷲ އެވެ. އޭނާ ސާފުކުރާނީއެވެ. ދެން ޢާއިޝަތުގެފާނު މަޑު އަޑުފުޅަކުން ވިދާޅުވިއެވެ: ލޭގެ އަސަރު ހުރިތަނުގައި އެ ކާއްތާނީއެވެ.
ހިނައިގަތުމަށްފަހު ވުޟޫ ކުރުން :
ވާޖިބު ހިނެއިގަތުމެއް ހިނައިގެންފައި، އިތުރު ވުޟޫއެއް ނަމާދު ކުރުމުގެ ކުރިން (މި ވަގުތު ތެރޭގައި ވުޟޫ ގެއްލޭފަދަ ކަމެއް ނުކުރަންޏާ) ކުރަން ނުޖެހޭނެ ކަމަށް ގިނަ ޢިލްމު ވެރިން ދެކެލައްވައެވެ.
ނަމަވެސް މި މައްސަލާގައި ޢިލްމުވެރިން ޚިލާފުވެފައި ވެއެވެ. ޚިލާފު އުފެދިފައި އޮންނަނީ، ހިނައިގަންނައިރު ވުޟޫ ނުކުރާނަމައެވެ. ހިނައިގަތުމުގެ ތެރޭގައި ވުޟޫކޮށްފިނަމަ އަލުން ވުޟޫ ނުކުރިއަސް އެންމެ ރަނގަޅުކަމުގައި އެންމެވެސް އެއްބަސްވެއެވެ.
ވުޟޫ ނުކުރިއަސް މައްސަލައެއް ނެތް ކަމަށް ވިދާޅުވާ ޢލްމުވެރިން ގެ އެއް ދަލީލަކީ ނިސާ ސޫރަތުގެ 43 ވަނަ އާޔަތުގައި އޮންނަ ''ހިނައިގަތުމައްދާންދެން ނަމާދު ނުކުރުމަށް'' އޮންނަ އޮތުމެވެ. ވީމާ އާޔަތުން ދޭހަވަނީ ހިނައިގަތީމައި ނަމާދު ކުރުން ހުއްދަވީ ކަމަށެވެ. އަނެއްކޮޅުން ވުޟޫއާއި ހިނައިގަތުމަކީ އެއް ބާވަތެއްގެ ދެކަމެވެ. ވުޟޫއާއި ޚިލާފަށް ހިނައިގަތުން އެއީ މުޅި ހަށިގަނޑު ޝާމިލު ވާކަމެކެވެ. ވީމާ ބޮޑު ޙަދަޘު ފިލުވީމާ (ހިނައިގަތުމުން) ކުޑަ ޙަދަޘުންވެސް ފިލުވުނީއެވެ.
ކޮންމެއަކަސް ޖުމްހޫރު ޢިލްމުވެރިންގެ ބަހަކީ، ހިނައިގަނެފައި އަލުން ވުޟޫ ކުރަން ނުޖެހޭނެކަމަށެވެ. އެއީ ހިނައިގަތުމުގެ ތެރޭގައި ވުޟޫ ކުރިއަސް އަދި ނުކުރިއަސްވެހެވެ. އެކަމަކު ކުރިންވެސް ބުނެވިފައިވާ ފަދައިން ހިނައިގަތުމުގެ ކުރިން ވުޟޫ ކުރުން އެއީ ސުންނަތެކެވެ. ސުންނަތަކަށް ވީމާ، ހިނައިގަތުމުގެ ކުރިން ވުޟޫ ކުރުން ރަނގަޅެވެ.
* ވުޟޫ ގެއްލޭ ކަންތައްތައް.. އަލިފުން ޔާއަށް
ޙައިޟުގެ ދުވަސްވަރު ފެންވެރުން މަނައެއް ނޫން :
ބައެއް އަންހެނުން ހީކުރަނީ ޙައިޟުވީމާ ފެންވެރުން ހުއްދަ ނޫންކަމަށެވެ. ނަމަވެސް މިއީ ގޯސް، މަޢުލޫމާތެކެވެ. ޙައިޟުވެފައި ހުއްޓަސް ފެންވަރައި ޒީނަތްތެރިވުން، ދީން މަނާކޮށްފައި ނޯވެއެވެ. ފެންވެރިއަސް އެ ފެންވެރެނީ ހަމަ އާދައިގެ ސާފުތާހިރުވާން ފެންވަރާ ފެންވެރުމެކެވެ. މާނައަކީ ޙައިޟުގެ ލޭ ހުއްޓުމުގެ ކުރިން، ފަރުޟު ހިނެއުން ހިނައެއް ނުގަނެވޭނެއެވެ. އަދި އެހެންކަމަށް ނިޔަތް ގަނެ ހިނައިގަތަސް އެއީ ރަނގަޅު އެއްޗަކަށް ނުބެލެވޭނެއެވެ.
ނަމަވެސް، އެހެން މީހުންވެސް ފެންވަރާ ބޭނުމުގައި ސާފުތާހިރުވުމުގެ ގޮތުން ނުވަތަ ރީތިވުމުގެ ގޮތުން، ބޭނުންވަރަކަށް އޭނާއަށް ފެންވެރިދާނެއެވެ.
ޖުނުބު ވެރި ވުމުގެ އެއް ސަބަބަކީ މަނި ބޭރުވުމެވެ. ޖިންސީ ގުނަވަނުން ނުކުންނަ ދިޔާ ކޮންމެ އެއްޗަކީ މަންޏެއް ނޫނެވެ. ކުރިމަތީފަރާތުން ނުކުންނަ އެއްޗެހި ތަކުގެ ތެރޭގައި، މަނި، މަޛްޔު، ވަދްޔު، އަދި އަންހެނުންގެ ކުރިމަތީފަރާތުގައި ހުންނަ ތެއްކަން ހިމެނެއެވެ. މީގެ ތެރެއިން ހިނައި ގަންނަން ޖެހޭނީ މަނިފޭބުމުން އެކަންޏެވެ. ނުކުތީ މަނިކަން ކަނޑައެޅޭނެ ހެއްކަކީ ކޮބައިހެއްޔެވެ؟
އެއީ މަނިކަން މި އަންނަނިވި ކަންތަކަށް ބަލައި ކަނޑައެޅިދާނެއެވެ.
1- ޝަހުވަތަކާއި އެކު ފައިބައި، އޭގަ ފަހުން އެ ގުނަވަނަށް ވަޅޯ ކަމެއް އައިސް ނުވަތަ ހަށިގަނޑަށް ވަރުބަލިކަމެއް އައުން .
2- ޚާއްޞަ ކުރެވޭ ވަހެއް ހުރުން، ބައެއް ފޮތް ފޮތް ބުނާ ގޮތުގައި އެއީ ރުކުގެ ޅަ ބޮންތީގެ ވަސް ނުވަތަ ގޮދަންވަސް ކަހަލަ ވަހެއް .
3- ޢައްމުކޮށް ޞިއްޙަތު ރަނގަޅު މީހުން، މަނި ނުކުންނާނީ ބާރާއި އެކީ، ކުއްލިއަކަށް .
4- ހުދު ނުވަތަ ރީދޫ ކުލައެއްގައި ހުރުން .
5- އޮލަ ފެނެއްގައި ހުދު ގަނޑު ގަނޑެއް ކަހަލަ އެއްޗެއް ހުރުން .
މަޛްޔުއަކީ ޖިންސީ ޚިޔާލުތައް އައުމުން އެ ގުނަވަނުން ނުކުންނަ ލޮނދިކޮށް ހުންނަ، ފެންކުލައެއްގައި ހުންނަ ދިޔާ އެއްޗެކެވެ. މިއީ މަނި ނުކުތުމަށްޓަކައި އެ ހޮޅިތެރެ ތައްޔާރުކޮށް، ހޮޅިތެރެއިން މަނި ފަނިތައް ދާ އިރު، ގެއްލުން ވިޔަ ނުދިނުމަށްޓަކައި ހޮޅިތެރޭގެ އެސިޑް މިންވަރު ހެޔޮވަރުކޮށް، އަދި ޖިންސީގުޅުން ހިންގުން ފަސޭހަ ކުރުމަށްޓަކައި، ފައިބާ ފެނެކެވެ. މިއީ މަނި އުފެދޭ ތަނާއި މުޅިން ތަފާތު ތަނަކުން އުފައްދާ އެއްޗެކެވެ. ވީމާ މީގައި މަނިފަނި އެއްވެސް ވަރަކަށް ޢާއްމު ގޮތެއްގައި ނު ހުރެއެވެ. ނަމަވެސް، ބައެއް ފަހަރު ކޮންމެ ވެސް ގޮތަކަށް މަނި ފޭދި މިއާ އެކުވެފައި ހުރުމުން މަނި ފަނި ހުރެދާނެއެވެ. އަދި އަނބިމީހާ ބަނޑު ބޮޑު ވެސް ވެދާނެއެވެ. ނަމަވެސް ހަމަ އެކަނި މިއިން ބަނޑު ބޮޑުވުމަކީ އެއީ ނާދިރު ކަމެކެވެ.
ވަރަށް ގިނަ މީހުން އުޅޭ އުޅުމުގެ ތެރޭގައި، އެކި އެކި ސަބަބުތަކާއި ހެދި މަޛްޔު ބޭރުވެއެވެ. އަދި މިއީ ބައެއް މީހުން ނަމާދު ނުކުރެވުމުގެ ބަހަނާއަކަށްވެސް ހަދައެވެ. ހަނދާން ބަހައްޓަން ވީ ކަމަކީ މަޛްޔުއަކީ ހިނައިގަތުން ވާޖިބު ކުރުވާ އެއްޗެއް ނޫންކަމެވެ. މަޛްޔު ފައިބައިފިނަމަ އެ ގުނަވަން ދޮވެލާފައި، ވުޟޫ ކުރުމުން ނަމާދު ކުރެވޭނެއެވެ. އެކަމަކު ހެދުމުގައި މަޛްޔު ޖެހިފައި ހުރިތަނެއް ދޮންނަން ޖެހޭނެއެވެ. މީގައި މާ ބޮޑު ދޮވުމެއް ނޯންނާނެއެވެ. ހަމަ ފެންކޮޅެއް އަޅާފައި އެ ޖެހިފައި ހުރިތަންކޮޅު ވަކިން ދޮވެލީމައި ފުދޭނެއެވެ.
މަޛުޔުން ހިނައިގަންނަން ނުޖެހޭނެ ކަމުގެ ދަލީލަކީ، ޞަޙީޙް ބުޚާރީގެ އަލްޣުސްލު ބާބުގައި އައިސްފައިވާ މި ޙަދީޘެވެ. عَنْ عَلِيٍّ قَالَ كُنْتُ رَجُلًا مَذَّاءً فَأَمَرْتُ رَجُلًا أَنْ يَسْأَلَ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لِمَكَانِ ابْنَتِهِ فَسَأَلَ فَقَالَ تَوَضَّأْ وَاغْسِلْ ذَكَرَكَ
މާނައަކީ: ''ޢަލީގެފާނު ރިވާކުރެއްވިއެވެ. އަހަރެންނަކީ ގިނަގިނައިން މަޛްޔުފައިބާ މީހެއްކަމުގައި ވީމެވެ. ދެން ރަސޫލާގެ ދަރިކަނބަލުންގެ މަޤާމަށްޓަކައި (ޢަލީގެފާނަކީ ރަސޫލާގެ ދަރިކަނބަލުން ފާޠިމަތުގެ ފާނުގެ ފިރިކަލުން)، ﷲގެ ރަސޫލާއާއި ސުވާލު ކުރުމަށް މީހަކަށް އެންގީމެވެ. (އެއީ މިޤްދާދު ބިން އަލްއަސްވަދު) އަދި އޭނާ ސުވާލު ދެންނެވިއެވެ. ދެން ރަސޫލާ ޙަދީޘްކުރެއްވިއެވެ: ''ކަލޭ ވުޟޫ ކުރާށެވެ. އަދި އަދި ޛަކަރު ދޮންނާށެވެ.''
އަދި އަބޫ ދާއޫދު އިބްނު މާޖާ، ތިރުމިޛީ، ސަހުލު ބިން ޙުނައިފުގެ އަރިއަހުން ރިވާ ކުރައްވާފައިވާ ޙަދީޘަކުން، ހެދުމުގައި މަޛްޔު ޖެހޭތަނަށް ފެންކޮޅެއް އަޅާފައި ދޮވެލުމުން ފުދޭނެކަން، ދަލީލިކޮށްދެއެވެ.
އަންހެނުން ވެސް ޖިންސީ އެދުންވެރިކަން އުފެދުމުން އިތުރު ދިޔާ އެއްޗެއް ފައިބައެވެ. އޭގެ ޙުކުމަކީ ހަމަ ފިރިހެނުންގެ މަޛްޔުގެ ޙުކުމެވެ. ނަމަވެސް އާދައިގެ ޙަލާތްތަކުގައި، އަންހެނުންގެ ފަރުޖުގައި ހުންނަ ތެއްކަމަކީ ނަޖިހެއްނޫނެވެ. މިތެއްކަން ފަރުޖުން ބޭރުވެއްޖެނަމަ، ވުޟޫ ގެއްލޭނެ ކަމަށް ބައެއް ޢިލްމު ވިދާޅުވެއެވެ. އަނެއް ބައި ޢިލްމުވެރިން ވިދާޅު ވަނީ ނުގެއްލޭނެ ކަމަށެވެ. (މި ކަމާއި ބެހޭ ތަފްޞީލު)
ޖުނުބުވެރިކަމުން ހިނައިގަތުން ލަސްކުރުން :
ޖިމާޢުވުމަށްފަހު، ހިނައިގަތުން ލަސްކުރުން ހުއްދައެވެ. ވީމާ ޖިމާޢުވުމަށްފަހު ނިދައި ހޭލައިގެން ހިނައިގަތަސް އެންމެ ރަނގަޅެވެ. ބުޚާރީގެ އަލްޣުސްލު ބާބުގައި އައިސްފައިވާ ޙަދީޘެއްގައިވަނީ: عَنْ عَائِشَةَ قَالَتْ كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا أَرَادَ أَنْ يَنَامَ وَهُوَ جُنُبٌ غَسَلَ فَرْجَهُ وَتَوَضَّأَ لِلصَّلَاةِ
މާނައަކީ: ''ޢާއިޝަތުގެފާނު ރިވާކުރެއްވިއެވެ: ﷲގެ ރަސޫލު ޞައްލައްﷲ ޢަލައިހިވަސައްލަމް، ޖުނުބުވެރި ޙާލަތުގައި ހުންނަވާފައި އަވަހާރަފުޅުލައްޕަވަން ބޭނުންފުޅުވެއްޖެނަމަ، އެކަލޭގެފާނުގެ ޛަކަރު ދޮންނަވާފައި އަދި ނަމާދަށް ކުރައްވާ ވުޟޫ ކުރައްވައެވެ.''
އެހެން ޙަދީޘެއްގައި ވަނީ ذَكَرَ عُمَرُ بْنُ الْخَطَّابِ لِرَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّهُ يُصِيبُهُ جَنَابَةٌ مِنْ اللَّيْلِ فَقَالَ لَهُ رَسُولُ اللَّهِ تَوَضَّأْ وَاغْسِلْ ذَكَرَكَ ثُمَّ نَمْ
މާނައަކީ: ޢުމަރުގެފާނު ރަސޫލާ އަރިއަހު ދެންނެވިއެވެ. ރޭގަނޑުގާ އެ ކަލޭގެފާނު (ޢުމަރުގެފާން) ޖުނުބުވެރިވެއެވެ. ދެން ރަސޫލު ޞައްލައްﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ވުޟޫކޮށްލާށެވެ. އަދި ޛަކަރު ދޮވެލުމަށްފަހު ނިދާށެވެ.''
ކޮންމެ އަކަސް ޢިލްމުވެރިން ވިދާޅުވަނީ ޖުނުބުވެރިއާ، ނިދުމުގެ ކުރިން ވުޟޫ ކުރުމަކީ ސުންނަތްވެގެންވާ ކަމެކެވެ. ހަތަރު މަޛްހަބު ވެސް ދެކެނީ މި ގޮތެވެ. ވާޖިބު ކަމަށް ބުނީ ޠާހިރީ މަޛްހަބު އެކަންޏެވެ.
ފަތިސްވެ އިރުއަރަންދެން ހިނައިނުގަނެ ހުރުން މީހަކަށް ހުއްދަވާނެހެއްޔެވެ؟ ނުވާނެއެވެ. އެއީ ކޮންމެ ގޮތެއްވިޔަސް ވަގުތު ފާއިތުވުމުގެ ކުރިން ނަމާދު ކުރުން ވާޖިބުވާނެއެވެ. އަދި ނަމާދު ކުރެވޭނީ ހިނައިގަތުމުންނެވެ.
ޖުނުބުވެރިއާ ރޯދަހިފުން :
ޖުނުބުވެރިއާ އެ ޙާލަތުގައި ހުރެފައި ރޯދަ ހިފުން ހުއްދައެވެ. ނަމަވެސް ރޯދަ ހިފައިގެން ހުރެ މި ޙާލަތަށް ގަސްތުގައި ދިއުން ޙަރާމެވެ. މާނައަކީ ރޯދަ ހިފައިގެން ހުރެ ޖިމާޢުވުން، ގަސްތުގައި މަނިބޭރުކުރުން ފަދަ އެއްވެސް ކަމެއް ކުރުމަކީ ބޮޑު ޙަރާމްކަމެކެވެ. އެކަމުގެ ތަފްޞީލް ބަލަން މި ލިންކަށް ފިތާލާށެވެ
އިތުރު މައްސަލަތައް :
* ޖުނުބުވެރިއާއަށް އެއްވެސް ގޮތަކަށް ޤުރުއާން ކިޔެވުން ހުއްދައެއް ނޫނެވެ. ބަލައިގެންވިޔަސް ނުބަލައިވިޔަސް ވެހެވެ. ކިޔަވައިފިނަމަ އެކުރެވެނީ ޙަރާމް ކަމެކެވެ.
* ޙައިޟުވެރިއާ ޤުރުއާން ކިޔެވުން ހުއްދައެވެ. ނަމަވެސް މުޞްޙަފުގައި އަތް ލުން ހުއްދައެއް ނޫނެވެ.
* މޫދަށް އެރިފައި ހިނައިގަތުމުގެ ނިޔަތް ގަތުމުން ވެސް، އޭނާއަށް ހިނައިގެނެވުނީއެވެ.
* އޮރިޔާމުން ހުރެ ފެންވެރުމަކީ މަނާކަމެއް ނޫނެވެ. މޫސާގެފާނު، އައްޔޫބުގެފާނު ވެސް ހެދުން ތުރުނުކުރައްވާ ނާނެއިފުޅުފިއްލެވިކަން ޙަދީޘްތަކުން ސާބިތުވެއެވެ. އަދި ކީރިތި ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ވެސް ހެދުން ތުރުނުކުރައްވާ ނާނެއިފުޅުފިއްލެވިކަން އެނގެން އެބަ ހުއްޓެވެ.
* އަންހެނުން އަތާއި ފައިގެ ނިޔަފަތީގައި ޖައްސާ ކުލަ (ހީނާފެތެއް ނޫން) އެއީ ފެން ވާސިލް ވުން މަނާ ކުރާ، އޮފު ގޮތެއް ހުންނަ މާއްދާއެކެވެ. މިއެކޭ ނިޔަފަތީގައި ދަވާދުލާފައި ހުރުމެކޭ ތަފާތެއް ނުހުރެއެވެ. ވީމާ މިފަދަ ކުލަ ނިޔަފަތީގައި ބަހައްޓައިގެން ހިނައިގަސް ޞައްޙައެއް ނުވާނެއެވެ. އަދި ނަމާދަށް ކުރާ ވުޟޫއެއްވެސް ޞައްޙަ ނުވާނެއެވެ. ހީނާފަތަށް މި ޙުކުމް ނުފެތޭ ސަބަބަކީ، ހީނާފަތަކީ ނިޔަފަތީގެ އެތެރެއަށް ފޭދިފައި ހުންނަ ކުލައަކަށް ވާކަމެވެ. އަދި އެއިން ނިޔަފަތީގައި ފެން ޖެހުން މަނާ ނުކުރެއެވެ.
* ޖުނުބުވެރިއާ ނަމާދު ކުރުމަކީ ޙަރާމް ކަމެކެވެ.
* ހިނައިގަންނަން ވަކި އެއްޗެއް ބޭނުންކުރާކަށް ނުޖެހެއެވެ. ކޮންމެހެން ތައްޓަކުން ގަޔަށް ވަކިވަކިން ފެން އޮއްސާކަށްވެސް ނުޖެހެއެވެ. މާގަޑަކުން ނުވަތަ، ދާންޏަކުން ގަޔަށް ފެންއެޅިއަސް ، މައްސަލައެއް ނެތެވެ. ހަމަ އެހެންމެ މޫދަށް ގޮސް ފެންވެރިއަސް ހިނައިގަނެވޭނެއެވެ.
* ދެމަފިރިން އެއްތަނެއްގައި ތިބެގެން ނުވަތަ އެކައްޗަކުން ފެންވެރުން ހުއްދައެވެ.
* ފަޖުރުލުމުގެ ކުރިން ޙައިޟުވެރިއާގެ ލޭ އައުން ހުއްޓިއްޖެނަމަ :
ފަޖުރުލުމުގެ ކުރިން އަންހެނަކަށް އޭނާގެ ޙައިޟުގެ ދުވަސްތައް ނިމުނީކަން އެގިއްޖެނަމަ، ރޯދަ ހިފަންޖެހޭނެއެވެ. ހިނައިގަތުން ފަޖުރުލުމުގެ ފަހަށްވެސް ލަސްކުރެވިދާނެއެވެ. ނަމަވެސް އިރު އެރުމުގެ ކުރިން ހިނައިގަނެވޭތޯ ބަލަންޖެހޭނެއެވެ. އެއީ ފަތިސްނަމާދު ފާއިތުނުކޮށް ކުރެވޭނީ އޭރުންނެވެ.
* ޙައްޖުގައި ޙައިޟުވެރިއާއަށް ކުރުން ހުއްދަނޫން ކަމަކީ، ޠަވާފުކުރުން އެކަންޏެވެ.
ބައެއް ބަސްތަކުގެ މާނަ :
އިސްތިމްނާ : އަމިއްލައަށް މަނިބޭރުކުރުން (ތަފްޞީލްކޮށް މި މައުޟޫ ބަލަން)
ޞުފްރާ : މިއީ ރީނދޫ ކުލައަކަށް ދާ ދިޔާއެއްޗެކެވެ.
ކުދްރާ : މިއީ މަޑު ރަތް ކުލައަކާއި، ހުދު ކުލައާއި ދެމެދު ކުލައެއްގައި ހުންނަ ދިޔާއެއްޗެކެވެ. މިސާލަކަށް މަސް ދޮވެފައި ތައްޓަށް އަޅާފައި ހުންނައިރު އެ ފެންފޮދުގައި ހުންނަ ކުލައެވެ.
ޤައްޞަތުލް ބައިޟާއު : މިއީ ޙައިޟުގެ ލޭ ކެނޑުނީމާ، އަންނަ ދިޔާކޮށް ހުންނަ ހުދުކުލައިގެ އެއްޗެކެވެ.
ގުޅުންހުރި:
އަމިއްލައަށް ޖިންސީ އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ވުޟޫ ގެއްލޭ ކަންތައްތައް.. އަލިފުން ޔާއަށް