ހުކުރު20181109

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ފިޤުހު އަޅުކަން އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ޝިކާރަކުރުން

އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ޝިކާރަކުރުން

halaal-haraam-shikaara-kurunޝިކާރަވެރިއާގެ ޝަރުޠުތައް:
ޝިކާރަކުރެވޭ އެތީގައި ހުންނަންޖެހޭ ޝަރުޠު:
ޝިކާރަކުރެވޭ އާލާތް:
ހަތިޔާރުން ޝިކާރަކުރުން:
ކުއްތާއާއި އެފަދަ އެއްޗެހިން ޝިކާރަކުރުން:
ޝިކާރަ ފެނުންއިރު މަރުވެފައި އޮތް ނަމަ:


ވަރަށްގިނަ ޢަރަބިންނާއި އަދި އެހެނިހެން އުއްމަތްތަކުގެ މީހުންވެސް ކުރިން ދިރިއުޅެމުން އައީ ޝިކާރަކޮށްގެނެވެ. އެހެންވެ ޤުރުއާނާއި ސުންނަތުގައިވެސް ވަނީ މިކަމަށް އަހައްމިއްޔަތުކަން ދީފައެވެ. ފިޤުހުވެރިންވަނީ ޝިކާރަކުރުމާ ބެހޭގޮތުން ވަކިން ބާބުތަކެއް ޚާއްޞަކޮށްފައެވެ. ޝިކާރަކުރުމުގައި ޙަލާލަކީ ކޮބައިކަމާއި ޙަރާމަކީ ކޮބައިކަމާއި، އަދި ވާޖިބަކީ ކޮބައިކަމާއި މުސްތަޙައްބަކީ ކޮބައިކަން، އެ ބާބުތަކުގައި ފިޤުހުވެރިންވަނީ ތަފްޞީލުކޮށް ބަޔާންކޮށްފައެވެ.

އިންސާނުންނަށް އޮޅުއެއްޗެއްސަށް ނުވާތީ، މަސްމީރު ވަރަށް ގިނަ ޖަނަވާރާއި ދޫންޏަކީ ފަސޭހައިން ނުހިފޭ އަދި ކިޔަމަންނުވާ އެއްޗެއްސެވެ. މިހެންވެ އޮޅުޖަނަވާރު ކަތިލާން ކަނޑައަޅާފައިވާހާ ޝަރުޠުތަކެއް، މިކަހަލަ އޮޅުނޫން ޖަނަވާރު ކަތިލާން އިސްލާމްދީނުގައި އައިސްފައިނެތެވެ. އަދި އިންސާނާއަށް ފަސޭހަކޮށް ލުއިކުރުމަށްޓަކައި، އެފަދަ ޖަނަވާރުތަކާ އެކަށީގެންވާ ގޮތަކަށް ކަތިލުން ވަނީ ހުއްދަކުރައްވާފައެވެ. ޝިކާރަކުރުމުގައި އަބަދުވެސް މީހުން ތަބާވަމުން އައީ އެމީހުންގެ ފިޠުރަތުން އެނގިފައިވާ އުޞޫލުތަކަކަށެވެ. ބޭނުންތައް ނިޔާކުރާ ގޮތްތަކަކަށެވެ. އިސްލާމްދީން މިކަމާ އިޢްތިރާޟެއް ނުކުރެއެވެ. ކުރިހާވެސް ކަމަކީ، ޝިކާރަކުރުންވެސް އިސްލާމީ ޢަޤީދާއާއި އިސްލާމީ ނިޒާމަށް ފެއްތުމެވެ. މުސްލިމުންގެ ހުރިހާ ކަމެކޭ އެއްގޮތަށް އިސްލާމީ ކުލައިން ކުލަޖެއްސުމެވެ.

ޝިކާރަކުރުމަށް އިސްލާމްދީން ކަނޑައެޅި ޝަރުޠުތަކުގެ ތެރޭގައި ޝިކާރަވެރިޔާއާ ގުޅުންހުރި ޝަރުޠުތަކަކާއި ޝިކާރަކުރެވޭ ޖަނަވާރާ ގުޅުންހުރި ޝަރުޠުތަކެއް ވެއެވެ. ހަމައެހެންމެ ޝިކާރަކުރަން ބޭނުންކުރާ އެއްޗަކާ ގުޅުންހުރި ޝަރުޠުތަކެއްވެސް ވެއެވެ.

މިތާ ވާހަކަ މިދެކެވެނީ އެއްގަމު ޝިކާރައާ ބެހޭގޮތުންނެވެ. އެހެނީ ކުރިންވެސް ބުނެވިފައިވާނެފަދައިން ކަނޑުގެ ޝިކާރަވެރިކަމަކީ، އެއްވެސް ހިފެހެއްޓުމެއްނެތި މާތް ﷲ ޙަލާލުކުރައްވާފައިވާ ކަމެކެވެ. މާތް ﷲ ވަޙީކުރައްވާފައިވަނީ: أُحِلَّ لَكُمْ صَيْدُ الْبَحْرِ وَطَعَامُهُ އެވެ.
އާޔަތުގެ ތަފްސީރީމާނަ: "ކަނޑު ކެޔޮޅުކަން ކުރުމާއި، ކަނޑުން ލިބޭ ކާތަކެތި ތިޔަބައިމީހުންނަށް ޙަލާލްކުރައްވާފައިވެއެވެ."

{އަލްމާއިދާ:96}

ޝިކާރަވެރިއާގެ ޝަރުޠުތައް:

އެއްގަމު ޖަނަވާރެއް ޝިކާރަކުރާމީހާގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠަކީ ހަމަ ކަތިލާމީހާގެ ކިބައިގައިވެސް ހުންނަންޖެހޭ ޝަރުޠެވެ. އެއީ މުސްލިމަކަށްވުމާއި ނުވަތަ އަހުލުކިތާބީއަކަށްވުމާއި ނުވަތަ އަހުލުކިތާބީންގެ ޙުކުމުގައިވާ -މަޖޫސީންނާއި ޞާބިއީންފަދަ- މީހަކަށް ވުމެވެ.

އަދި ޝިކާރަވެރިއާއަށް އިސްލާމްދީން ދަސްކޮށްދެނީ، ބޭކާރުގޮތުގައި ކުޅިވަރަކަށް ހަދައިގެން ޝިކާރަނުކުރުމަށެވެ. ކެއުން ނުވަތަ އެނޫންވެސް މަންފާއެއް ހިފުމުގެ ޤަސްދެއްނެތި އެއްވެސް ޖަނަވާރެއް ނުމެރުމަށެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވަނީ: ‏ ‏مَنْ قَتَلَ عُصْفُورًا عَبَثًا ‏ ‏عَجَّ ‏ ‏إِلَى اللَّهِ عَزَّ وَجَلَّ يَوْمَ الْقِيَامَةِ يَقُولُ يَا رَبِّ إِنَّ فُلَانًا قَتَلَنِي عَبَثًا وَلَمْ يَقْتُلْنِي لِمَنْفَعَةٍ [1]
ޙަދީޘުގެމާނަ: "މީހަކު ބޭކާރުގޮތުގައި ފެންފޯއްދޫންޏެއް މަރައިފިއްޔާ، އެ ދޫނި ޤިޔާމަތްދުވަހު ރޮއި ޝަކުވާކުރަމުން ﷲ އަށް ދަންނަވާނެއެވެ: އޭ ހައްދަވާ ބޮޑުކުރެއްވި ކަލާނގެއެވެ! އޭ ހައްދަވާ ބޮޑުކުރެއްވި ކަލާނގެއެވެ! މިވެނި މީހަކު އަހަރެން މެރީ ބޭކާރުގޮތުގައެވެ. އޭނާ އަހަރެން މެރީ މަންފާއަކަށްޓަކައި ނޫނެވެ."

އަދި އެހެން ޙަދީޘެއްގައި އޮވެއެވެ: ‏ ‏مَنْ قَتَلَ عُصْفُورًا فَمَا فَوْقَهَا بِغَيْرِ حَقِّهَا سَأَلَ اللَّهُ عَزَّ وَجَلَّ عَنْهَا يَوْمَ الْقِيَامَةِ , قِيلَ يَا رَسُولَ اللَّهِ فَمَا حَقُّهَا, قَالَ : حَقُّهَا أَنْ تَذْبَحَهَا فَتَأْكُلَهَا وَلَا تَقْطَعْ رَأْسَهَا ‏ ‏فَيُرْمَى بِهَا ‏
ޙަދީޘުގެމާނަ: "މީހަކު ފެންފޯއްދޫންޏެއް ނުވަތަ އެއަށްވުރެ ބޮޑު އެއްޗެއް، ޙައްޤަކާ ނުލާ މަރައިފިއްޔާ، ޤިޔާމަތްދުވަހުން މާތް ﷲ އެކަމުގެ ހިސާބު ބައްލަވާނެއެވެ." އެހިނދު އެކަލޭގެފާނު އަރިހު ދެންނެވުނެވެ: "އޭގެ ޙައްޤަކީ ކޮބައިތޯއެވެ؟" ދެން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: "އެއީ ކެއުމަށްޓަކައި އެ ކަތިލުމެވެ. އޭގެ ކަރު ފުކުރާފައި އެއްލާނުލުމެވެ."[2]

އަދި ހަމައެހެންމެ ޝިކާރަކުރާ މީހާއަކީ ޙައްޖަކަށް ނުވަތަ ޢުމްރާއަކަށް އިޙްރާމްބަނދެގެން ހުރި މީހެއް ކަމުގައިވެގެން ނުވާނެއެވެ. އެހެނީ އިޙްރާމް ބަނދެގެން ހުންނަވަގުތު މުސްލިމާއަކީ ސަލާމްކަމާއި އަމާންކަމުގައިވާ މީހެކެވެ. އަދި މިސަލާމްކަމާއި އަމާންކަމުގެ ދާއިރާގައި، އޭނާގެ ވަށައިގެންވާ އެއްގަމުޖަނަވާރާއި އުޑުގައިވާ ދޫނިވެސް ހިމެނެއެވެ. އަތްފޯރާފަށުގައި ނުވަތަ ތީރުޖެހޭ ހިސާބެއްގައި ޝިކާރަކުރެވިދާނެ ޖަނަވާރެއް ހުއްޓާ ފެނުނަސް، އިޙްރާމްބަނދެގެން ހުންނަ މީހާ އޭތި ޝިކާރަކޮށްގެން ނުވާނެއެވެ. މިއީ ކެތްތެރި ވަރުގަދަ މުއުމިނެއް އުފެއްދުމަށްޓަކައި ދެވޭ ތަރުބިއްޔަތެކެވެ. އަދި އެކަން ބެލުމަށް ކުރެވޭ އިމްތިޙާނެކެވެ. މިގޮތުން މާތް ﷲ ވަޙީކުރައްވަނީ: يَا أَيُّهَا الَّذِينَ آمَنُوا لَيَبْلُوَنَّكُمْ اللَّهُ بِشَيْءٍ مِنْ الصَّيْدِ تَنَالُهُ أَيْدِيكُمْ وَرِمَاحُكُمْ لِيَعْلَمَ اللَّهُ مَنْ يَخَافُهُ بِالْغَيْبِ فَمَنْ اعْتَدَى بَعْدَ ذَلِكَ فَلَهُ عَذَابٌ أَلِيمٌ * يَا أَيُّهَا الَّذِينَ آمَنُوا لا تَقْتُلُوا الصَّيْدَ وَأَنْتُمْ حُرُمٌ

އާޔަތުގެ ތަފްސީރީމާނަ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހަތިޔާރެއް ނެތި ހުސް އަތުން ހިފިދާނެ ކުދި ޖަނަވާރާއި، އަދި ލޮންސިފަދަ ހަތިޔާރު ބޭނުންކޮށްގެން ހިފިދާނެ  ބޮޑެތި ޖަނަވާރު، ތިޔަބައިމީހުންގެ ކައިރިއަށް ފޮނުއްވައިގެން، ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން އިމްތިޙާނުކުރައްވާނަމެވެ. އެއީ އިޙްރާމްބަނދެގެން ތިބެ އެ ހިފުން މަނާވީތީވެ، ނުފެންނަ ތާނގައިވެސް، އެކަލާނގެއަށް ބިރުވެތިވާ މީހުން، ﷲ ދެނެވޮޑިގެންވެ، އެކަން ފާޅުކުރެއްވުމަށްޓަކައެވެ. ފަހެ، މިކަން މިހެން ބަޔާންވެފައިވަނިކޮށް، އެކަލާނގެ އަމުރުފުޅު ފަހަނައަޅައި ގޮސް އިޙްރާމްބަނދެގެން ހުރެ ޝިކާރަކޮށްފިމީހާ  ދަންނާށެވެ! ފަހެ، އެމީހަކަށް ވޭންދެނިވި ޢަޛާބުހުއްޓެވެ. * އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ޙައްޖަކަށް ނުވަތަ ޢުމްރާއަކަށް ތިޔަބައިމީހުން އިޙްރާމްބަނދެގެންތިބެ، އެއްގަމު ޝިކާރަ ޤަތުލުނުކުރާށެވެ!" {އަލްމާއިދާ: 94،95}

އަދިވެސް ވަޙީކުރައްވަނީ: وَحُرِّمَ عَلَيْكُمْ صَيْدُ الْبَرِّ مَا دُمْتُمْ حُرُماً
އާޔަތުގެމާނަ: "އަދި ތިޔަބައިމީހުން އިޙްރާމްބަނދެގެން ތިބިހާހިނދަކު، އެއްގަމު ޝިކާރަކުރުން ތިޔަބައިމީހުންގެ މައްޗަށް ޙަރާމްކުރައްވާފައިވެއެވެ." {އަލްމާއިދާ: 96}

އަދިވެސް ވަޙީކުރައްވަނީ: أُحِلَّتْ لَكُمْ بَهِيمَةُ الأَنْعَامِ إِلاَّ مَا يُتْلَى عَلَيْكُمْ غَيْرَ مُحِلِّي الصَّيْدِ وَأَنْتُمْ حُرُمٌ
އާޔަތުގެ ތަފްސީރީމާނަ: "މުޅަތަކެއްޗާއި ލޭފަދަ، އޭގެ ޙުކުމް ޤުރުއާނުން ބަޔާންކުރައްވާ ތަކެތި ފިޔަވައި، ނަޢަމްސޫފި ކަމުގައިވާ ގެރި، ބަކަރި، ޖަމަލު، މާތް ﷲ ތިޔަބައިމީހުންނަށް ޙަލާލުކުރައްވާފައިވެއެވެ. އަދި ތިޔަބައިމީހުން އިޙްރާމްބަނދެ ތިބެގެން ޝިކާރަކުރުން ވެސް ހުއްދަނުވެއެވެ." {އަލްމާއިދާ: 1}

ޝިކާރަކުރެވޭ އެތީގައި ހުންނަންޖެހޭ ޝަރުޠު:

halaal-haraam-shikaara-kurun-aޝިކާރަކުރެވޭ އެތީގައި ހުންނަންޖެހޭ ޝަރުޠަކީ، އެއީ ކަރުން ކަތިލުމަށްޓަކައި އިންސާނާގެ ބާރުދަށަށް ނުގެނެވޭފަދަ ޖަނަވާރަކަށްވުމެވެ. ކަތިލާންވާގޮތަށް ކަރުން ކަތިލެވޭނަމަ ކަތިލާންޖެހޭނީ އެގޮތަށެވެ. އެހެން ގޮތަކަށް ކަތިލައިގެން ނުވާނެއެވެ. އެހެނީ އަސްލަކީ ކަރުން ކަތިލުމެވެ. ހަމައެހެންމެ ތީރުޖަހައިގެން ނުވަތަ ޝިކާރަވެރިކުއްތާ ފޮނުވައިގެން ޝިކާރަކުރެވޭ ޖަނަވާރު ރަނގަޅަށް ދިރިއޮއްވާ އަތުލެވިއްޖެނަމަ، އެ ޙަލާލުކުރުމަށްޓަކައި ހަމަ އާދައިގައިވެސް ކަތިލާގޮތަށް ކަރުން ކަތިލާންޖެހޭނެއެވެ. އޭތި ދިރިއޮތީ ކިރިޔަ ކިރިޔާނަމަ، ކަތިލުމަކީ ރަނގަޅުކަމެކެވެ. އަދި މިފަދަ ޙާލަތެއްގައި އޮތް ޖަނަވާރު، ޝިކާރަކުރުމުގެ ތެރޭގައި ލިބުނު ޒަޚަމުގެ ސަބަބުން މަރުވާން ދޫކޮށްލިޔަސް އޭނާގެ މައްޗަށް ފާފައެއް ނެތެވެ. އޭތިން ކެއުން ޙަލާލުވާނެއެވެ. ޞަޙީޙް ބުޚާރީއާއި މުސްލިމުގައިވާ ޙަދީޘެއްގައިވަނީ: "ކަލޭގެ ކުއްތާ ފޮނުވާލާހިނދު ﷲގެ އިސްމުފުޅު ކިޔާށެވެ. އަދި އޭތި ހިފައިދޭ ޖަނަވާރު ދިރިއޮއްވާ ފެނިއްޖެނަމަ ކަތިލާށެވެ."

ޝިކާރަކުރެވޭ އާލާތް:

ޝިކާރަކުރެވޭ އާލާތް ބެހިގެންވަނީ ދެބަޔަކަށެވެ. އެއީ:

(ހ) ތީރާއި ކަނޑިއާއި ލޮންސިފަދަ ޒަޚަމްކުރާ އެއްޗެއްސެވެ. މިއާޔަތުގައި އިޝާރާތްކުރަނީ މިއަށެވެ. تَنَالُهُ أَيْدِيكُمْ وَرِمَاحُكُمْ
އާޔަތުގެ ތަފްސީރީމާނަ: "...ހަތިޔާރެއް ނެތި ހުސް އަތުން ހިފިދާނެ ކުދި ޖަނަވާރާއި، އަދި ލޮންސިފަދަ ހަތިޔާރު ބޭނުންކޮށްގެން ހިފިދާނެ  ބޮޑެތި ޖަނަވާރު..."

(ށ) ކުއްތާއި މިނިކާވަގާއި އަދި މިނޫންވެސް މިފަދަ ނޮޅައިކާ ޖަނަވާރުތަކުގެ ތެރެއިން ޝިކާރަކުރަން އުނގަންނައިދެވޭ ޖަނަވާރާއި، އަދި ދޫނީގެ ތެރެއިން ބާޒުފަދަ އެއްޗެއްސެވެ. މާތް ﷲ ވަޙީކުރައްވާފައިވަނީ: قُلْ أُحِلَّ لَكُمْ الطَّيِّبَاتُ وَمَا عَلَّمْتُمْ مِنْ الْجَوَارِحِ مُكَلِّبِينَ تُعَلِّمُونَهُنَّ مِمَّا عَلَّمَكُمْ اللَّهُ
އާޔަތުގެ ތަފްސީރީމާނަ: ''ކަލޭގެފާނު ވިދާޅުވާށެވެ. ރަނގަޅު ތަކެތި ތިޔަބައިމީހުންނަށް ޙަލާލް ކުރެއްވިގެންވެއެވެ. އަދި ޝިކާރަކުރާ ޖަނަވާރާއި ދޫނީގެ ތެރެއިން، ޝިކާރަކުރުމަށް އެތަކެއްޗަށް ތިޔަބައިމީހުން އުނގަންނައިދޭ ޖަނަވާރާއި ދޫނީގެ ޝިކާރަ ޙަލާލުކުރެއްވިއެވެ. އެތަކެއްޗަށް ތިޔަބައިމީހުން އުނގަންނައިދެނީ، ﷲ ތިޔަބައިމީހުންނަށް އުނގަންނަވައިދެއްވި ކަންތަކުގެ ތެރެއިންނެވެ." {އަލްމާއިދާ:4}

ހަތިޔާރުން ޝިކާރަކުރުން:

ހަތިޔާރެއްފަދަ އެއްޗަކުން ޝިކާރަކުރާއިރު ދެކަމެއް ޝަރުޠުކުރެވެއެވެ:

ފުރަތަމަކަމަކީ، އެ ހަތިޔާރަކީ ޖަނަވާރުގެ ގަޔަށްވަދެ ޒަޚަމްވާކަހަލަ އެއްޗަކަށް ވާންވާނެއެވެ. ވީމާ ގައިގައި އޭތި ޖެހިގެން ނުވަތަ  އޭތީގެ ބަރުކަމުން މަރުވާކަހަލަ ހަތިޔާރަކަށް ވެގެންނުވާނެއެވެ.

ޢަދިއްޔު ބިން ޙާތިމް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަރިހު ސުވާލު ދެންނެވިއެވެ:  إِنِّي أَرْمِي بِالْمِعْرَاضِ الصَّيْدَ ، فَأُصِيبُ ، فَقَالَ : إِذَا رَمَيْتَ بِالْمِعْرَاضِ فَخَزَقَ فَكُلْهُ ، وَإِنْ أَصَابَهُ بِعَرْضِهِ فَلَا تَأْكُلْهُ

ޙަދީޘުގެމާނަ: "މިޢްރާޟް އެއްލައިގެން އަޅުގަނޑު ޖަނަވާރު ޝިކާރަކުރަމެވެ!" އެހިނދު ކީރިތި ރަސޫލާ ޙަދީޘްކުރެއްވިއެވެ: "މިޢްރާޟް އެއްލީމާ ޝިކާރައަށް އެ ހެރިއްޖެނަމަ، ކާށެވެ. އެކަމަކު އޭގެ އަރިއަކުން ޝިކާރައިގައި ޖެހިއްޖެއްޔާ ނުކާށެވެ." މި ހަދީޘަކީ ބުޚާރީއާއި މުސްލިމުގައި އައިސްފައިވާ ޙަދީޘެކެވެ.[3]

މި ޙަދީޘުން ދަލީލުކޮށްދެނީ ޝިކާރަކުރާއިރު ބެލެވޭ ކަމަކީ އެ ހަތިޔާރެއް ޝިކާރައަށް ވަނުމެވެ. ބަރުއެއްޗަކުން ޖެހިގެން ކަމަށްވިޔަސް ގަޔަށް ވަންނަނަމަ ވަރިހަމަވެއެވެ. ވީމާ ބަޑިއާއި ފިސްތޯލަފަދަ ތަކެތިން ވަޒަންޖަހައިގެން ޝިކާރަކުރެވޭ ޖަނަވާރު ކެއުން ހުއްދައެވެ. އެހެނީ ވަޒަނަކީ ތީރާއި ލޮންސިއާއި ކަނޑިފަދަ އެއްޗެއްސަށްވުރެ ބޮޑަށް ގަޔަށް ވަދެ ފޫއަޅާ އެއްޗެކެވެ.

halaal-haraam-shikaara-kurun-cދެން އިމާމް އަޙްމަދު ރިވާކުރެއްވި "ބުންދުޤާއިން ޝިކާރަކުރެވޭ އެއްޗެއް ކަތިނުލައި ނުކާށެވެ." މި ޙަދީޘާއި، ބުންދުޤާއިން މަރާފައިވާ އެއްޗެހި، ނޭވާނުލެވިގެން މަރުވެފައިވާ އެއްޗެހީގެ ތެރޭގައި ހިމެނޭކަމަށް، އިބްނު ޢުމަރު ވިދާޅުވެގެން ބުޚާރީގައި ރިވާކުރެވިފައިވާ ބަސްފުޅުގައިވާ ބުންދުޤާއަކީ މަށިން ވަށްކޮށް ހަދާ ހިއްކާފައި ހުންނަ އެއްލާ ހަތިޔާރެކެވެ. އެއީ މިހާރު ޢަރަބި ބަހުން ބަޑިއަށް މިކިޔާ 'ބުންދުޤިއްޔާ' އާ މުޅިން ތަފާތުއެއްޗެކެވެ.

ގާ އެއްލައިގެން ޝިކާރަކުރުމުގެ ޙުކުމަކީވެސް ހަމަ ބުންދުޤާ އެއްލައިގެން ޝިކާރަކުރުމުގެ ޙުކުމެވެ. މިގޮތުން ގާ އެއްލައިގެން ޝިކާރަކުރުން، ކީރިތި ރަސޫލާ ވަނީ ނަހީކުރައްވާފައެވެ. ޙަދީޘްކުރެއްވީ: إِنَّهُ لاَ يَقْتُلُ الصَّيْدَ وَلَا ‏يَنْكَأُ ‏‏الْعَدُوَّ وَلَكِنَّهُ  يَكْسِرُ السِّنَّ وَ يَفْقَأُ الْعَيْنَ [4]
ޙަދީޘުގެމާނަ: "އެއިން ޝިކާރައެއް ނުވެއެވެ. އަދި (ހަނގުރާމައިގައި) ޢަދުއްވަކު ބަލިނުކުރެވެއެވެ. އެކަމަކު އެއިން ވާކަމަކީ ދަތެއް ބިދުމާއި ލޮލެއް އުފުރުން ފަދަ ކަމެކެވެ."

ދެވަނަކަމަކީ، ޢަދިއްޔު ބިން ޙާތިމަށް، ކީރިތި ރަސޫލާ އުނގަންނަވައިދެއްވިފަދައިން، ހަތިޔާރު ބޭނުންކުރުމުގެ ކުރިން ﷲ ގެ އިސްމުފުޅުގަތުމެވެ. ކަތިލުމާއި ޝިކާރަކުރުމުގެ ބާބުގައި ރުޖޫޢަވެވޭ އަސްލަކީ މިކަލޭގެފާނު ރިވާކުރައްވާފައިވާ ޙަދީޘްތަކެވެ.

ކުއްތާއާއި އެފަދަ އެއްޗެހިން ޝިކާރަކުރުން:

ޝިކާރަކުރަނީ ކުއްތާއެއް ނުވަތަ ބާޒެއްފަދަ އެއްޗަކުންނަމަ ބޭނުންވާކަމަކީ:

އެކެއް: އެއީ އުނގަންނައިދީފައިވާ އެއްޗަކަށްވުން.

ދޭއް: އެސޮރު ޝިކާރަކުރިއެތި ޝިކާރަކުރީ ވެރިމީހާއަށް ކަމުގައިވުން. ކީރިތި ޤުރުއާނުގައިވާ ޢިބާރާތުންނަމަ، އެސޮރުގެ އަމިއްލަ ބޭނުމަށް ހިފުމުގެ ބަދަލުގައި ވެރިމީހާގެ ބޭނުމަށް ހިފުން.

ތިނެއް: ޝިކާރަކުރަން ފޮނުވާލާއިރު ﷲ ގެ އިސްމުފުޅުގަތުން.

މިޝަރުޠުތައް ނެނގިފައިވަނީ ކީރިތި ޤުރުއާނުގެ މިއާޔަތުންނެވެ: يَسْأَلُونَكَ مَاذَا أُحِلَّ لَهُمْ قُلْ أُحِلَّ لَكُمْ الطَّيِّبَاتُ وَمَا عَلَّمْتُمْ مِنْ الْجَوَارِحِ مُكَلِّبِينَ تُعَلِّمُونَهُنَّ مِمَّا عَلَّمَكُمْ اللَّهُ فَكُلُوا مِمَّا أَمْسَكْنَ عَلَيْكُمْ وَاذْكُرُوا اسْمَ اللَّهِ عَلَيْهِ

އާޔަތުގެ ތަފްސީރީމާނަ: '' ކެއުން ޙަލާލުވެގެންވަނީ ކޮން އެއްޗެއްތޯ، ޞަޙާބީން ކަލޭގެފާނާ ސުވާލުކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ރަނގަޅު ތަކެތި ތިޔަބައިމީހުންނަށް ޙަލާލް ކުރެއްވިގެންވެއެވެ. އަދި ޝިކާރަކުރާ ޖަނަވާރާއި ދޫނީގެ ތެރެއިން، ޝިކާރަކުރުމަށް އެތަކެއްޗަށް ތިޔަބައިމީހުން އުނގަންނައިދޭ ޖަނަވާރާއި ދޫނީގެ ޝިކާރަ ޙަލާލުކުރެއްވިއެވެ. އެތަކެއްޗަށް ތިޔަބައިމީހުން އުނގަންނައިދެނީ، ﷲ ތިޔަބައިމީހުންނަށް އުނގަންނަވައިދެއްވި ކަންތަކުގެ ތެރެއިންނެވެ. ފަހެ އެތަކެތި ތިޔަބައިމީހުންނަށް ހިފައިގެން ގެނެސްދޭ ތަކެތީގެ ތެރެއިން ތިޔަބައިމީހުން ކާށެވެ! އަދި ޝިކާރަކުރުމަށް އެތަކެތި ދޫކޮށް ފޮނުވާހިނދު، ﷲ ގެ އިސްމުފުޅު ތިޔަބައިމީހުން ކިޔާށެވެ." {އަލްމާއިދާ:4}

1halaal-haraam-shikaara-kurun-b- ދެން ޝިކާރަކުރާ ޖަނަވާރަށް އުނގަންނައިދޭންވާ މިންވަރަކީ ޢާއްމުކޮށް އެނގޭ ކަމެކެވެ. އެއީ ކުއްތާގެ ވެރިޔާއަށް އެސޮރުގެ މައްޗަށް ބާރުފޯރުވާ ކިޔަމަންކުރެވޭވަރުވެ، ބޭނުން ދިމާއަކަށް ފޮނުވުމުން އެކަމަށް އިޖާބަދީ، ޝިކާރަ ދެއްކީމާ އެއާ ދިމާއަށް ދުއްވައިގަނެ، ހުއްޓުވީމާ ހުއްޓުމެވެ. މީގެ ތެރެއިން ބައެއް ކަންތައްތަކާމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފު އޮވެއެވެ. ނަމަވެސް މީގައި މުހިއްމު ކަމަކީ އެސޮރަށް އުނގަންނައިދިނުމެވެ. އެއީ ޢުރުފުން އެނގޭނެ ކަމެކެވެ.

ވެރިމީހާއަށް ޝިކާރަކޮށްދިންކަން ބެލޭ މިންގަނޑަކީ، ޝިކާރަކުރެވުނު ޖަނަވާރުން އެސޮރު ނުކެއުމެވެ. ކީރިތި ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވަނީ:  إِذَا أَرْسَلْتَ الْكَلْبَ فَأَكَلَ مِنْ الْصَّيْدِ فَلاَ تَأْكُلْ فَإِنَّمَا أَمْسَكَ عَلَى نَفْسِهِ ، وَإِذَا أَرْسَلْتَهُ فَقَتَلَ وَلَمْ يَأْكُلْ فَكُلْ ، فَإِنَّمَا أَمْسَكَه عَلَى صَاحِبِهِ [5]

ޙަދީޘުގެމާނަ: "ޝިކާރަކުރަން ކަލޭ ކުއްތާފޮނުވީމާ އެއިން ކައިފިނަމަ، ކަލޭ އެ ނުކާށެވެ. އެހެނީ އެއީ އޭތި އަމިއްލަ ބޭނުމަށް ހިފިއެއްޗެކެވެ. އަދި ކަލޭ އޭތި ފޮނުވީމާ ޖަނަވާރު މަރާފައި އެއިން ނުކާނަމަ، ކަލޭ އެއިން ކާށެވެ. އެހެނީ އެއީ އޭތީގެ ވެރިމީހާއަށް ހިފައިދިން އެއްޗެކެވެ."

ބައެއް ފިޤުހުވެރިންވަނީ ޝިކާރަވެރި ޖަނަވާރާއި، ޝިކާރަވެރި ދޫންޏާއި ދޭތި ފަރަޤުކޮށްފައެވެ. މިގޮތުން މިބޭކަލުން ދެކެވަޑައިގަންނަވާގޮތުގައި ޝިކާރަކުރާ ދޫނި -މިސާލަކަށް ބާޒު- ކައިފައިވާ އެއްޗެއް ހުއްދައެވެ. ނަމަވެސް ޝިކާރަކުރާ ޖަނަވާރު-މިސާލަކަށް ކުއްތާ- ކައިފައިވާ އެއްޗެއް ހުއްދައެއް ނުވާނެއެވެ.

ޝިކާރަކުރާ ޖަނަވާރަށް އުނގަންނައިދިނުމާއި ޝިކާރަކުރެވުނު އެއްޗަކީ ޝިކާރަވެރިއާއަށް ހިފައިދިން އެއްޗަކަށްވުން ޝަރުޠުކުރެވިފައިވަނީ، އިންސާނާ މާތްކޮށް އޭނާގެ ދަރަޖަ އުފުލުމަށެވެ.  ކުއްތާފަދަ ޖަނަވާރުތައް ކައިފައި ބާކީ ހުންނަ އެއްޗެހި ވެސް ބަލިކަށި ނަފްސުތަކުގެވެރިން ކައިފާނެތީ، އެކަމުން އިންސާނާ ދުރުކޮށް ސަލާމަތްކުރުމެވެ. މިއާ ޚިލާފަށް ޝިކާރަކުރަން ފޮނުވާ ކުއްތާއަކީ އުނގަންނައިދީފައިވާ ކުއްތާއަކަށްވެފައި، ވެރިމީހާއަށް ޝިކާރަކޮށްދީފިނަމަ، އެސޮރުވާނީ ޝިކާރަވެރިޔާ ބޭނުންކުރާ ތީރާއި ލޮންސިފަދަ އާލާތަކަށެވެ.

3- ޝިކާރަކުރަން ކުއްތާ –ނުވަތަ އެނޫންވެސް ޖަނަވާރެއް- ފޮނުވާލާއިރު ބިސްމިކިއުމަކީ، ތީރުޖެހުމުގެ ކުރިން ނުވަތަ ލޮންސިއެއްލުމުގެ ކުރިން ނުވަތަ ކަނޑިންޖެހުމުގެ ކުރިން ބިސްމިކިޔަންޖެހުންފަދަ ކަމެކެވެ. وَاذْكُرُوا اسْمَ اللَّهِ عَلَيْهِ މިއާޔަތުގައިވަނީ މިކަމަށް އަމުރުކުރައްވާފައެވެ. ހަމައެހެންމެ މިކަމާބެހޭގޮތުން، ޢަދިއްޔު ބިން ޙާތިމްގެ ކިބައިން ރިވާވެފައިވާ ޙަދީޘްފަދަ، ޞަޙީޙްކަމަށް އިއްތިފާޤުވެވޭ ޙަދީޘްތައް އައިސްފައިވެއެވެ.

ޖަނަވާރު ނުވަތަ ދޫނިފަދަ އެއްޗެއް ބޭނުންކޮށްގެން ޝިކާރަކުރާއިރު ބިސްމިކިއުމަކީ ޝަރުޠެއްކަން ދަލީލުކޮށްދޭ އަނެއްކަމަކީ، އޭނާ ފޮނުވި ކުއްތާއާއި އެހެން ކުއްތާއެއް ބައިވެރިވެއްޖެނަމަ، އެ ކެއުން ޙަލާލުނުވުމެވެ. ޢަދިއްޔު ބިން ޙަތިމް ކީރިތި ރަސޫލާ އަރިހު ސުވާލު ދެންނެވިއެވެ: إِنِّيَ أُرْسِلُ كَلْبِي فَأَجِدُ مَعَ كَلْبِي كَلْبًا آخَرَ , لَا أَدْرِي أَيَّهُمَا أَخَذَ , قَالَ: ‏‏لَا تَأْكُلْ فَإِنَّمَا سَمَّيْتَ عَلَى كَلْبِكَ وَلَمْ تُسَمِّ عَلَى غَيْرِهِ[6]

ޙަދީޘުގެމާނަ: "އަޅުގަނޑުމެން ކުއްތާ ފޮނުވައިގެން ޝިކާރަކުރާއިރު، އެއާއެކު އެހެން ކުއްތާއެއް އޮއްވާ ފެނެއެވެ. އެދޭތީގެ ތެރެއިން ޝިކާރަކުރީ ކޮން އެއްޗެއްކަމެއް އަޅުގަނޑަކަށް ނޭނގެއެވެ."  ޖަވާބުގައި ކީރިތި ރަސޫލާ ޙަދީޘްކުރެއްވީ: "ތިހެންވިއްޔާ ކަލޭ ނުކާށެވެ. އެހެނީ ކަލޭ ބިސްމިކީ ކަލޭގެ ކުއްތާ ފޮނުވިއިރެވެ. އަނެއްކުއްތާއަށް ބިސްމިއެއް ނުކިޔަމުއެވެ."

ނަމަވެސް ތީރު ނުވަތަ ބަޑިޖަހާއިރު ނުވަތަ ކުއްތާ ފޮނުވާލާއިރު ބިސްމިކިޔަން ހަނދާންނެތިއްޖެނަމަ، އޭގައި މައްސަލައެއް ނެތެވެ. އެހެނީ ހަނދާންނެތިގެންނާއި އޮޅިގެން ކުރެވޭ ކަންތަކަށް، މާތް ﷲ ވަނީ މިއުއްމަތުގެ މީހުންނަށް މާފުދެއްވާފައެވެ. ވީމާ ކަތިލާއިރު ބިސްމިކިޔަން ހަނދާންނެތުނީމާ ހަދާގޮތަށް، މިތާގައިވެސް ކާއިރު ބިސްމިކީމާ ނިމުނީއެވެ.

ކަތިލުމާ ބެހޭގޮތުން ވާހަކަދެއްކިއިރު އަހަރެންވާނީ، ބިސްމިކިޔަންޖެހުމުގެ ޙިކުމަތް ބަޔާންކޮށްފައެވެ. ޖަނަވާރާއި ދޫނި ފޮނުވައިގެން ޝިކާރަކުރާއިރު ބިސްމިކިޔަންޖެހުމުގެ ޙިކުމަތަކީވެސް ހަމައެއީއެވެ.

ޝިކާރަ ފެނުންއިރު މަރުވެފައި އޮތް ނަމަ

ބައެއްފަހަރު ޝިކާރަވެރިއާ ތީރުޖެހީމާ އެ ޝިކާރަ ގެއްލެއެވެ. ދެންފަހުން އަދި ބައެއްފަހަރު ދުވަސްތަކެއްފަހުން ވެސް އެއްކަލަ ޝިކާރަ މަރުވެފައިއޮއްވާ ފެންނަގޮތްވެއެވެ. މިފަދަ ޙާލަތްތަކުގައި އެ ޝިކާރަ ކެއުން ޙަލާލުވާނީ ޝަރުޠުތަކެއްގެ މަތިންނެވެ:

1- ފެނަށް ނުވެއްޓުން: ކީރިތި ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވަނީ: إذَا رَمَيْتَ سَهْمَكَ فَاذْكُرْ اسْمَ اللَّهِ ، فَإِنْ وَجَدْتَهُ قَدْ قُتِلَ فَكُلْ إلَّا أَنْ تَجِدَهُ وَقَعَ فِي مَاءٍ فَإِنَّك لَا تَدْرِي الْمَاءُ قَتَلَهُ أَوْ سَهْمُكَ[7]

ޙަދީޘުގެމާނަ: " ތީރުޖަހާއިރު ﷲ ގެ އިސްމުފުޅު ގަންނާށެވެ. ދެން އެއިން ޝިކާރަ މަރުވެފައި އޮއްވާ ފެނިއްޖެނަމަ އެ ކާށެވެ. ނަމަވެސް އެއީ ފެނުނުއިރު ފެނަށް ވެއްޓިފައި ނުވާ ނަމައެވެ. އެހެނީ އޭތި މަރުވީ ފެނަށް ވެއްޓުނީމާ ކަމެއް ނޫނީ ކަލޭޖެހި ތީރުންކަމެއް ކަލެއަކަށް ނޭނގެއެވެ."

2- އޭތި މަރުވި  ސަބަބުކަން އޭނާއަށް އެނގޭ، އޭނާ ޖެހި ތީރުގެ ޒަޚަމް ނޫން އެހެން ޒަޚަމެއްގެ އަސަރު ނެތުން: ޢަދިއްޔު ބިން ޙާތިމްގެ ކިބައިން ރިވާވެގެންވެއެވެ: قُلْتُ يَا رَسُولَ اللَّهِ أَرْمِي الصَّيْدَ فَأَجِدُ فِيهِ مِنْ الْغَدِ سَهْمِي فَقَالَ :‏ ‏إِذَا عَلِمْتَ أَنَّ سَهْمَكَ قَتَلَهُ وَلَمْ تَرَ فِيهِ أَثَرَ سَبُعٍ فَكُلْ[8]

ޙަދީޘުގެމާނަ: "އަހަރެން ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއެވެ! އަޅުގަނޑު ޝިކާރަކުރަން ތީރުޖެހުމަށްފަހު އަނެއްދުވަހު އޭތި ފެންނައިރު އަހަރެން ޖެހި ތީރު ހެރިފައި އޮއްވާ ފެނެއެވެ." ކީރިތި ރަސޫލާ ޙަދީޘްކުރެއްވިއެވެ: "އޭތި މަރުވީ ކަލޭ ޖެހި ތީރުންކަން އެނގޭނަމަ، އަދި ވަލުޖަނަވާރެއް އެއަށް ހަމަލާދިންކަމުގެ އަސަރެއް ނުފެންނަނަމަ، އެ ކާށެވެ."

3- ޝިކާރަ ކުނިވެފައި ނެތުން: އެހެނީ ކުނިވެފައިވާ އެއްޗެހި ކެއުމަކީ ސަލާމަތް ބުއްދީގެ މީހުން ފަކުރުގަންނަ ކަމެކެވެ. އެއީ ކާން އެމީހުން ނަފްރަތުކުރާ އެއްޗެކެވެ. އަދި މީގެ އިތުރުން ކުނިވެފައިވާ މަސް ކެއުމުން ލިބިދާނެ ޞިއްޙީ ގެއްލުން އެހާމެ ބޮޑެވެ.

ކީރިތި ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ، އަބޫ ޘަޢްލަބާ އަލްޚުޝަނީއަށް ޙަދީޘްކުރެއްވިކަމަށް، ޞަޙީޙް މުސްލިމުގައި ރިވާވެފައިވެއެވެ: ‏إِذَا رَمَيْتَ بِسَهْمِكَ فَغَابَ عَنْكَ فَأَدْرَكْتَهُ فَكُلْهُ مَا لَمْ يُنْتِنْ[9]
ޙަދީޘުގެމާނަ: "ޝިކާރަކުރަން ކަލޭ ތީރުޖެހުމުށްފަހު، ދެން ގެއްލިފައި އޭތި ފެނިއްޖެއްޔާ ކުނިނުވާނަމަ އޭތި ކާށެވެ."

 

*   *   *   *

* މިއީ ޝައިޚް ޔޫސުފުލް ޤަރަޟާވީގެ އަލްޙަލާލް ވަލްޙަރާމް މިފޮތުގެ ދިވެހި ތަރުޖަމާގެ ބައެކެވެ.

* މި ފޮތުން މިހާތަނަށް ކަވާސާގައި ޖަހާފައިވާ ބައިތައް އެއްކޮށް ޑައުންލޯޑް ކުރުމަށް މި ގުޅުމަށް ފިތާލާށެވެ.


ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.