ހޮނިހިރު20181110

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ފިޤުހު އަޅުކަން އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ރާ

އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ރާ

halaal-haraam-raaމަސްތުކުރުވާ ކޮންމެ އެއްޗަކީ ރާ:
ގިނަމިންވަރުން މަސްތުވާ އެތީގެ މަދުމިންވަރުވެސް ޙަރާމް:
ރާގެ ވިޔަފާރި:
މުސްލިމަކު ރާ ހަދިޔާނުކުރާނެ:
ރާ ގެ މަޖިލީސްތަކާ ދުރުހެލިވުން:
ރާއަކީ ބައްޔެކެވެ. ބޭހެއް ނޫނެވެ:

ރާއަކީ މަސްތުކުރުވާ އަލްކުޙޫލީ މާއްދާއެކެވެ. ރާގެ ސަބަބުން ފަރުދުންގެ ބުއްދިއަށާއި ހަށިގަނޑަށް، ދީނަށާއި ދުނިޔެއަށް ލިބޭ ގެއްލުންތައް ކިޔުމަކީ، އަދި ޢާއިލާ ބެލެހެއްޓުމާއި އަނބިންނާއި ދަރިންގެ ވާޖިބުތައް އަދާކުރުމަށް އޮތް ނުރައްކާ ބަޔާންކުރުމަކީ، އަދި ރާގެ ސަބަބުން މުޖަތަމަޢުތަކަށާއި ޤައުމުތަކަށް ރޫޙީގޮތުންނާއި މާއްދީގޮތުންނާއި އަޚްލާޤީގޮތުން ކުރިމަތިވަމުންދާ ނުރައްކާތަކުގެ ވާހަކަ ޝަރަޙަކޮށްދިނުމަކީ، އިތުރަށް މީހަކު ކޮށްދޭންޖެހޭ ކަމެއް ނޫނެވެ. މިއީ އެންމެންނަށް ވެސް އެނގިހާމަވެފައިވާ ކަންކަމެވެ.

މިކަމާ ބެހޭ ހޯދުންތެރިއަކު ބުނެފައިވާ ތެދުބަހެއްގައި ވެއެވެ: "ރާގެ ސަބަބުން އިންސާނުންނަށް ލިބުނު ގެއްލުމަށްވުރެ ބޮޑު ގެއްލުމެއް ލިބިފައި ނެތެވެ. ރާގެ ސަބަބުން ނުރައްކާތެރި ބަލިތައް ޖެހިގެންނާއި މޮޔަވެގެން ދުނިޔޭގެ ހަސްފަތާލުތަކަށް ވައްދާފައިވާ މީހުންނާއި، ރާގެ ސަބަބުން މަރުވެ ނުވަތަ މީހުން މަރާފައިވާ މީހުންނާއި، ރާގެ ސަބަބުން މީހުންނަށް ޖެހިފައިވާ ބުއްދީގެ ބަލިތަކާއި ގޮހޮރުގެބަލިތަކާއި، ބަނގުރޫޓުވެފައިވާ މީހުންނާއި މުދާވެރިކަން ނެތިގޮސްފައިވާ މީހުންނާއި، މިފަދަ އެންމެންނާ ބެހޭ ތަފާސްހިސާބެއް ބަޔަކު ހަދައިފިއްޔާ އަންތަރީސްވާވަރުގެ ޢަދަދުތަކެއް ފެނިގެންދާނެއެވެ. އަދި މި ޢަދަދުތަކާ އަޅާބަލާއިރު، ރާއާ ބެހޭގޮތުން މިހާރު ދެވޭ ނަސޭހަތަކީ ކުޑައެއްޗެއްކަން ވެސް ހާމަވާނެއެވެ."

ޖާހިލިއްޔަ ޒަމާނުގައި ޢަރަބިން ތިބީ ރާބުއިމާއި ރާ ޙަފްލާތައް ބޭއްވުމަށް ދެވިހިފާފައެވެ. އެމީހުން ރާއަށް ޖެހިފައިވާ ލޯބި ޢަރަބި ބަހުންވެސް ހާމަވާން އެބަހުއްޓެވެ. ޢަރަބި ބަހުގައި ރާއަށް ކިޔާ ސަތޭކައެއްހާ ނަން އޮވެއެވެ. އެމީހުންގެ ޅެންތަކުގައި ސިފަކޮށްފައިވަނީ ރާއާއި ރާތަށިތަކާއި ރާ މަޖިލިސްތަކާއި ރާގެ ބާވަތްތަކެވެ.

ނަމަވެސް އިސްލާމްދީން އައުމުން، މުޖްތަމަޢުން މިބަލި ނައްތާލުމައްޓަކައި ވަނީ، ޙިކްމަތްތެރި ތަރުބަވީ މަންހަޖެއްގެ ބޭނުންހިފާފައެވެ. މިގޮތުން ރާ ޙަރާމްކުރީ މަރުހަލާތަކަކުންނެވެ. އެންމެ ފުރަތަމަ އެމީހުންނަށް ބަޔާންކޮށްދިނީ ރާއިން ލިބޭ ގެއްލުން، އެއިން ލިބޭ މަންފާއަށްވުރެ ބޮޑުކަމެވެ. ދެން މަސްތުވެގެން ތިބެ ނަމާދުކުރުން މަނާކުރިއެވެ. ދެން މި ހަރުފަތް ނުވަތަ މަރުހަލާއަށްފަހު، އެއްކޮށް ކަނޑައެޅިގެން ރާ ޙަރާމްކުރައްވާ އަލްމާއިދަތު ސޫރަތުގެ މި އާޔަތް ބާވައިލެއްވުނެވެ: يَا أَيُّهَا الَّذِينَ آمَنُوا إِنَّمَا الْخَمْرُ وَالْمَيْسِرُ وَالأَنصَابُ وَالأَزْلامُ رِجْسٌ مِنْ عَمَلِ الشَّيْطَانِ فَاجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ * إِنَّمَا يُرِيدُ الشَّيْطَانُ أَنْ يُوقِعَ بَيْنَكُمْ الْعَدَاوَةَ وَالْبَغْضَاءَ فِي الْخَمْرِ وَالْمَيْسِرِ وَيَصُدَّكُمْ عَنْ ذِكْرِ اللَّهِ وَعَنْ الصَّلاةِ فَهَلْ أَنْتُمْ مُنتَهُونَ *
އާޔަތްތަކުގެ ތަފްސީރީމާނަ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން، ރާއާއި -މީގެ ތެރޭގައި މަސްތުކުރުވާ ހުރިހާ އެއްޗެއް ހިމެނޭ-، ޖުވާކުޅުމާއި -މީގެ ތެރޭގައި ބާޖުމެރުންފަދަ ކުޅިވަރުތައް ހިމެނޭ-، އަޅުކަންކުރަން ހަދާފައި ހުންނަ ބުދުތަކާއި، ނަޞީބު ހުރިގޮތް ބަލަން ގެންގުޅޭ ދުނިދަނޑިތަކަކީ، ޝައިޠާނާ ތިޔަބައިމީހުންނަށް ޒީނަތްތެރިކުރުވާ ޝައިޠާނާގެ ޢަމަލުގެ ތެރެއިންވާ ނުބައިކަންބޮޑު ފާފަތަކެކެވެ. ފަހެ، ތިޔަބައިމީހުން އެކަންތަކާ ދުރުވެގަންނާށެވެ! އެއީ ތިޔަބައިމީހުން ދިންނަވައި ނަޞީބު ލިބުމަށްޓަކައެވެ. * ޝައިޠާނާ އެދޭކަން ކަށަވަރީ، ރާބުއިމާއި ޖުވާކުޅުމުގެ ސަބަބުން ތިޔަބައިމީހުންގެ މެދުގައި ޢަދާވާތްތެރިކަމާއި، ރުޅިވެރިކަން އުފެއްދުމެވެ. އަދި ރާބޮއިގެން ބުއްދި ފިލުމުންނާއި ޖުވާކުޅުމާއި މަޝްޣޫލުވުމުން، ﷲ ހަނދުމަކުރުމާއި، ނަމާދުކުރުމަށް ތިޔަބައިމީހުންނަށް ހުރަސްއެޅުމަށެވެ. ފަހެ، ތިޔަބައިމީހުން އެކަންތައްތައް ހުއްޓާލާށެވެ!" {އަލްމާއިދާ: 90،91}

މިދެ އާޔަތުގައި، ރާއާއި ޖުވާ ޙަރާމްކުރައްވާފައިވަނީ ވަރަށް ކަށަވަރުކޮށް ވަރަށް ޞަރީޙަކޮށެވެ. މިގޮތުން ރާބުއިމާއި ޖުވާކުޅުން ހިމަނުއްވާފައިވަނީ، އަޅުކަންކުރަން ހަދާފައި ހުންނަ ބުދުތަކާއި، ނަޞީބު ހުރިގޮތް ބަލަން ގެންގުޅޭ ދުނިދަނޑިތަކުގެ ތެރޭގައެވެ. އަދި އާޔަތުގައި ކަނޑައަޅާފައިވަނީ މިދޭއްޗަކީ 'ރިޖްސު' އެއްކަމަށެވެ. ޢަރަބި ބަހުގައި މިބަސް: ނަޖިސް، މުޑުދާރު، ހުތުރުކަންބޮޑު ޢަމަލު، ޙަރާމްކަންތައް، ލަޢްނަތް، ޢަޛާބު، އަދި ކުފުރުވުމަށް ބޭނުންކުރެވެއެވެ. ފާޙިޝްކަމާއި ހުތުރުކަންބޮޑު ކަންތަކަށް ނޫނީ، ކީރިތި ޤުރުއާނުގައި މި ލަފްޒު ބޭނުންކުރެވިފައި ނުވެއެވެ. އަދި ހަމައެހެންމެ މި އާޔަތުގައި، ރާބުއިމާއި ޖުވާކުޅުން ބަލާފައިވަނީ، އެއީ ޝައިޠާނާގެ ޢަމަލުގެ ތެރެއިންވާ ކަންތައްކަމަށެވެ. ޝައްކެއްވެސް ނެތް ގޮތުގައި ޝައިޠާނާގެ ޢަމަލަކީ ފާޙިޝްކަންކަމާއި މުންކަރާތްތަކެވެ. ދެން މި އާޔަތުގައި އަމުރުކޮށްފައިވަނީ ރާއާއި ޖުވާއާ ދުރުވުމަށެވެ. އަދި ދިންނެވުމާއި ނަސީބުލިބުން ވަނީ މިތަކެއްޗާ ދުރުވުމުންކަންވެސް ބަޔާންކުރައްވާފައިވެއެވެ. އަދި ދޭދޭ މީހުންގެ ގުޅުން ކެނޑުމާއި ޢަދާވާތްތެރިކަމާއި ރުޅިވެރިކަން އުފެދުންފަދަ، ރާއާއި ޖުވާގެ ސަބަބުން ލިބޭ އިޖްތިމާޢީ ގެއްލުންތައްވެސް ބަޔާންކުރައްވާފައިވެއެވެ. އެއިން ލިބޭ ރޫޙީ ގެއްލުންތަކުގެ ތެރޭގައި، ﷲ ހަނދުމަކުރުމާއި ނަމާދުކުރުންފަދަ އަޅުކަންތަކަށް ހުރަސްއެޅުން ހިމެނޭކަންވެސް ބަޔާންކުރައްވާފައިވެއެވެ. ދެން މިއަށްފަހު އާޔަތް ނިމިފައިވަނީ މިކަންތައްތައް ހުއްޓާލުމަށް ކޮށްފައިވާ ގަދައަމުރަކުންނެވެ.

މި އާޔަތަށް އިޖާބަދިނުމުގެ ގޮތުން މުސްލިމުން ބުނީ: މާތް ރަސްކަލާކޮ! އަޅަމެން ހުއްޓާލައިފީމެވެ. މާތް ރަސްކަލާކޮ! އަޅަމެން ހުއްޓާލައިފީމެވެ.

މިއާޔަތް ބާވައިލެއްވުނީމާ، މުސްލިމުން ކަންތައްކުރި ފުރިހަމަކަމާއި އިޖާބަދިން އަވަސްކަމުން އަޖާއިބުވާ ވަރުވެއެވެ. ބައެއް މީހުން ރާތަށީގެ އެއްބައި ބޮއި އަނެއްބައި ބޯން ތުނބުގައި ޖަހައިގެން ތިއްބާ، މިއާޔަތް ބާވައިލެއްވިއްޖެކަމުގެ ޚަބަރު ލިބުމުން ހަމަ ވަގުތުން ތުނބުން ތަށި ކަނޑައި ބާކީހުރި އެއްޗެއް ބިމަށް އޮއްސާލިއެވެ.

ރަލުގެ ސަބަބުން، ފަރުދުންނަށާއި ޢާއިލާއަށާއި މުޖްތަމަޢަށް  ބޮޑެތި ގެއްލުންތަކެއް ލިބޭކަން، މިޒަމާނުގެ ގިނަ ސަރުކާރުތަކަކުން ވަނީ ޤަބޫލުކޮށްފައެވެ. އަދި އެމެރިކާ ފަދަ ބައެއް ސަރުކާރުތަކުން ވަނީ ޤާނޫނުގެ ބާރުން ރާބުއިން ހުއްޓުވަން މަސައްކަތް ވެސް ކޮށްފައެވެ. ރާބުއިން ހުއްޓުވުމުގައި އެމީހުން ވީ ނާކާމިޔާބެވެ. ރާބުއިމާ ދެކޮޅަށް ހަނގުރާމަކޮށް ރާބުއިމުގެ އާފަތް މުޖްތަމަޢުން ނައްތާލުމުގައި ކާމިޔާބު ލިބިފައިވަނީ ހަމައެކަނި އިސްލާމްދީނަށެވެ.

ރާއާމެދު މަސީޙީދީން ދެކޭގޮތް ކަނޑައެޅުމުގައި ފައްޅީގެ މީހުން ވަނީ ދެބަސްވެފައެވެ. ބައެއް މީހުން ބުނެފައިވަނީ، ކުޑަމިންވަރެއްގެ ރާބުއިމަކީ މަޢިދާ ރަނގަޅުކޮށްދޭ ކަމެއްކަމަށް އިންޖީލުގައި އެބައޮތް ކަމަށެވެ. މިއީ ތެދުވާހަކައެއް ކަމަށްވަންޏާ، އަދި ކުޑަމިންވަރެއްގެ ރާ ބުއިމުން މަޢިދާ ރަނގަޅުކޮށްދެންޏާ، މި މަދު މިންވަރު ޙަރާމްކުރުމަކީ ކުރަންޖެހޭ ކަމެކެވެ. އެހެނީ ގިނައިން ރާބުއިމަށް ގެންގޮސްދެނީ މަދުން ބުއިމެވެ. އެއްތަށި ބޮއެފިއްޔާ އަނެއް ތަށި ބޮވޭނެއެވެ. މިހެން މަދުމަދުން ބޮމުން ގޮސް ރަލަށް ދެވިހިފަންދެން ބޮވޭނެއެވެ.

މިހެންވެ އިސްލާމްދީނުގައި ވަނީ ނިކަން ޞަރީޙަކޮށް ކަނޑައެޅިގެން ރާ ޙަރާމްކޮށްފައެވެ. އަދި ރާ ބުއިމަށް މަގުފަހިކޮށްދޭ، ރާ ބުއިމަށް އެހީތެރިވެދީފާނެ ކޮންމެ ކަމެއް ވެސް ޙަރާމްކޮށްފައެވެ.

މަސްތުކުރުވާ ކޮންމެ އެއްޗަކީ ރާ:

މިގޮތުން ރާއާ ބެހޭގޮތުން މާތް ނަބިއްޔާ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އެންމެ ފުރަތަމަ އިޢުލާންކުރެއްވީ، ރާ އުފައްދާފައިވަނީ ކޮންއެއްޗަކުންތޯ ނުބަލާ، ރަލުގެ އަސަރަށް ބެލުމަށެވެ. އެ އަސަރަކީ މަސްތުވުމެވެ. ވީމާ މަސްތުކުރުމުގެ ބާރު ހުންނަ ކޮންމެ އެއްޗަކީ ރާ ކަމުގައި އެކަލޭގެފާނު ކަނޑައެޅުއްވިއެވެ. މީހުން އަދި ކޮންމެ ނަމެއް ކީ ކަމުގައިވިޔަސް، އަދި ކޮންމެ އެއްޗަކުން ހެދިފައިވީކަމުގައި ވިޔަސް، މަސްތުކުރުވާ އެއްޗެއްވިޔާ އެއީ ރާއެވެ. މިގޮތުން މިޒަމާނު މީހުން މިކިޔާ ބިޔަރާއި އަދި މިފަދަ ހުރިހާ ބުއިމަކީވެސް ބުއިން ޙަރާމް ރާއެވެ.

މާމުއި، ޒުވާރި ނުވަތަ ހިމަގޮދަން ކަމީރުކޮށްގެން[1] ތައްޔާރުކުރެވޭ ބުއިމަކާ ބެހޭގޮތުން، ނަބިއްޔާ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އާ ސުވާލު ދެންނެވުނެވެ. ދޫފުޅުގެ ފަސޭހަކަމާއި ބަލާޣަތްތެރިކަން ލިބިވަޑައިގެންފައިވާތީ، ހުރިހާ ވާހަކައެއް ހިމެނޭ ކުރު ޢިބާރާތަކުން އެކަލޭގެފާނު ޖަވާބުދެއްވިއެވެ: كُلُّ مُسْكِرٍ خَمْرٌ ، وَكُلُّ خَمْرٍ حَرَامٌ[2] ޙަދީޘުގެމާނަ: "މަސްތުކުރުވާ ކޮންމެ އެއްޗަކީ ރާއެކެވެ. އަދި ހުރިހާ ރާއެއް ޙަރާމެވެ."

އަދި ޞަލަވާތާއި ސަލާމްލެއްވި މާތް ނަބިއްޔާގެ މިންބަރުފުޅުމަތިން، ޢުމަރުގެފާނު އިޢުލާންކުރައްވާފައިވަނީ: الخَمْرُ مَا خَامَرَ الْعَقْلَ[3] ބަސްފުޅުގެ މާނަ: "ރާއަކީ ބުއްދީގެ މައްޗަށް ފަރުދާއެޅޭ ކޮންމެ އެއްޗެކެވެ."

ގިނަމިންވަރުން މަސްތުވާ އެތީގެ މަދުމިންވަރުވެސް ޙަރާމް:

ރާ ޙަރާމްކުރުމުގައި އިސްލާމްދީން ވަރަށް ޞަރީޙައެވެ. އަދި އެއްވެސްކަހަލަ ދޫދިނުމެއް ނެތެވެ. ބޮނީ ކިހާ މިންވަރެއްގެ ރާއެއްތޯ އިސްލާމްދީން ނުބަލައެވެ. ކިތަންމެ ކުޑަމިންވަރެއްވިޔަސް ބުއިން ޙަރާމެވެ. އެހެނީ މި މަގުގައި އެޅޭ އެންމެ ފިޔަވަޅަކުން ވެސް މީހެއްގެ ފައި ކައްސާލައިގެން ހިނގައިދާނެއެވެ. ދެން އޭނާ ދާނީ އަޑިގަނޑަކަށް ފަހު އަޑިގަނޑަކަށް ވެއްޓެމުންނެވެ. އަދި އެކަމަށް ހުއްޓުމެއް  ނޯންނާނެއެވެ.

މިހެންވެ ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘްކުރައްވާފައިވަނީ: مَا أَسْكَرَ كَثِيْرُهُ فَقَلِيْلُهُ حَرَامٌ[4] ޙަދީޘުގެމާނަ: "އޭގެ ގިނަމިންވަރުން މަސްތުވާ އެތީގެ މަދުމިންވަރުވެސް ޙަރާމެވެ."

އަދިވެސް ޙަދީޘްކުރައްވަނީ:  مَا أَسْكَرَ الفَرْقُ مِنْهُ ، فَمِلْءُ الْكَفِّ مِنْهُ حَرَامٌ[5] ޙަދީޘުގެމާނަ: "ރުނބައަކުން މަސްތުވާ އެތީގެ، އަތްގޮށީގެ މިންވަރުވެސް ޙަރާމެވެ."

ރާގެ ވިޔަފާރި:

halaal-haraam-raa-bރާގެ ފޮދުވަރެއްވެސް ބުއިން ޙަރާމްކުރައްވާފައި، ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ފުއްދަވާލެއްވީއެއް ނޫނެވެ. ކިއެއްތަ، ރާގެ ވިޔަފާރިވެސް ޙަރާމްކުރެއްވިއެވެ. ވިޔަފާރިކުރެވެނީ ޣައިރުމުސްލިމުންނާ އެކު ކަމަށް ވިޔަސްމެއެވެ. ވީމާ ރާ އެތެރެކޮށް އަދި ބޭރުކޮށް ހެދުމުގެ ވިޔަފާރީގައި، ނުވަތަ ރާ ވިއްކާ ފިހާރަވެރިއަކަށް ނުވަތަ މިފަދަ ފިހާރައެއްގައި މަސައްކަތްކުރާ މީހަކަށް، މުސްލިމަކު ހުރުން ހުއްދައެއް ނުވާނެއެވެ.

މިހެންވެ ނަބިއްޔާ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ވަނީ ރާއާ ގުޅުންހުރި ދިހަ މީހަކަށް ލަޢްނަތް ހުރިކަން ބަޔާންކުރައްވާފައެވެ: لَعَنَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي الْخَمْرِ عَشَرَةً : عَاصِرَهَا ، وَمُعْتَصِرَهَا ، وَشَارِبَهَا ، وَحَامِلَهَا ، وَالْمَحْمُولَةَ إلَيْهِ ، وَسَاقِيَهَا ، وَبَائِعَهَا ، وَآكِلَ ثَمَنِهَا ، وَالْمُشْتَرِيَ لَهَا ، وَالْمُشْتَرَاةَ لَهُ
ޙަދީޘުގެމާނަ: "ރާއާ ގުޅުންހުރި ދިހަ މީހަކަށް ލަޢްނަތް ހުރިކަމުގައި، ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘްކުރެއްވިއެވެ. އެއީ ރާ ހަދާ މީހާއަށާއި، ރާ ހަދުވަން އެދޭމީހާއަށާއި، ރާ ބޯމީހާއަށާއި، ރާ އުފުލާ މީހާއަށާއި، ރާ އުފުލުވަން އެދޭމީހާއަށާއި، ރާ ބޯންދޭމީހާއަށާއި، ރާ ވިއްކާ މީހާއަށާއި، ރާގެ އަގުގެ ބޭނުންކުރާ މީހާއަށާއި، ރާ ގަނެދޭ މީހާއަށާއި، ރާ ގަނުވަން އެދޭ މީހާއަށެވެ"[6]

އަދި އަލްމާއިދާ ސޫރަތުގެ ރާއާ ބެހޭ އާޔަތް ބާވައިލެއްވުމުން ނަބިއްޔާ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘްކުރެއްވިއެވެ:  إِنَّ اللَّهَ حَرَّمَ الْخَمْرَ فَمَنْ أَدْرَكَتْهُ هَذِهِ الْآَيَةُ ، وَعِنْدَهُ مِنْهَا شَيْءٌ، فَلَا يَشْرَبُ وَلَا يَبِعْ[7]
ޙަދީޘުގެމާނަ: "ހަމަކަށަވަރުން މާތް ﷲ ރާ ޙަރާމްކުރައްވައިފިއެވެ. ފަހެ މި އާޔަތް އަޑުއިވިއްޖެ މީހެއް އަތުގައި އެއިން އެއްޗެއް ހުރެއްޖެނަމަ، އެ ނުބޯށެވެ. އަދި ނުވިއްކާށެވެ." މި ޙަދީޘް ރިވާކުރެއްވި ބޭކަލު ވިދާޅުވިއެވެ: "އެހިނދު މީސްތަކުން އެމީހުންގެ އަތުގައި ހުރި ރާތައް ހިފައިގެން މަދީނާގެ މަގުތައް މައްޗަށް ނުކުމެ އުކާލިއެވެ."

އިސްލާމްދީނުގައި އޮންނަ ޙަރާމްކަންތަކަށް ފަހިވާ މަގުތައް ބަންދުކުރުމުގެ އުސޫލުގެ ދަށުން ވަނީ، މޭބިސް ކަދުރުން ރާ ހަދާނެކަން އެނގޭ މީހަކަށް މޭބިސްކަދުރު ވިއްކުންވެސް ޙަރާމްކޮށްފައެވެ. ޙަދީޘެއްގައި އޮންނަނީ: مَنْ حَبَسَ الْعِنَبَ أَيَّامَ الْقِطَافِ حَتَّى يَبِيعَهُ مِنْ يَهُودِيٍّ أَوْ نَصْرَانِيٍّ أَوْ مِمَّنْ يَتَّخِذُهُ خَمْرًا فَقَدْ تَقَحَّمَ النَّارَ عَلَى بَصِيرَةٍ[8]
ޙަދީޘުގެމާނަ: "ޔަހޫދީއަކަށް ނުވަތަ ނަޞްރާނީއަކަށް ނުވަތަ އެނޫންވެސް ރާ ހަދާ މީހަކަށް ވިއްކުމަށްޓަކައި، މޭބިސްކަދުރު ބިންނަ މޫސުމުގައި އެ ރައްކާކޮށްފައި ބަހައްޓައިފިއްޔާ، ފަހެ އެމީހަކު ދެކެދެކެހުރެ ނަރަކައަށް ވަދެގެންފިއެވެ."

މުސްލިމަކު ރާ ހަދިޔާނުކުރާނެ

ރާ ވިއްކުމާއި ރާއިން ލިބޭ ފައިސާ މުސްލިމުންނަށް ޙަރާމްވެފައިވާއިރު، މުސްލިމަކަށް ނުވަތަ ޔަހޫދީއަކަށް ނުވަތަ ނަޞްރާނީއަކަށް އަދި އެނޫންވެސް މީހަކަށް، ބަދަލެއް އަތުނުލާ، ރާ ހަދިޔާކުރުމަކީވެސް ޙަރާމްކަމެކެވެ. ހަދިޔާއަކަށް ރާ ދިނުމަކީވެސް އަދި އަތުލުމަކީވެސް މުސްލިމަކު ކޮށްގެންވާނެ ކަމެއް ނޫނެވެ. އެހެނީ މުސްލިމަކީ ރަނގަޅު މީހެކެވެ. އަދި އޭނާ ރަނގަޅު ޙަލާލުއެއްޗެއް ނޫނީ ހަދިޔާއަކަށް ނުދޭނެއެވެ. އަދި ރަނގަޅު ޙަލާލުއެއްޗެއް ނޫނީ ހަދިޔާއަކަށް އަތުވެސްނުލާނެވެ.

ރިވާވެގެންވެއެވެ. މީހަކު ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަށް ރާ ގުޅިއެއް ހަދިޔާކުރަން އުޅުމުން، އެއީ މާތް ﷲ ޙަރާމްކުރައްވާފައިވާ އެއްޗެއްކަން، އެކަލޭގެފާނު އޭނާއަށް ޚަބަރުދެއްވިއެވެ. އެހިނދު އެމީހާ ދެންނެވިއެވެ: "ފަހެ އަޅުގަނޑު އެ ވިއްކާލަންތޯއެވެ؟" ރަސޫލާ ޙަދީޘްކުރެއްވިއެވެ: "އެ ބުއިން ޙަރާމްކުރެއްވި ފަރާތުން އެ ވިއްކުންވެސް ޙަރާމްކުރެއްވިއެވެ." އެމީހާ ދެންނެވިއެވެ. "ޔަހޫދީއަކަށް އަޅުގަނޑު އެ ހަދިޔާކުރަންތޯއެވެ؟" ރަސޫލާ ޙަދީޘްކުރެއްވިއެވެ: "އެ ޙަރާމްކުރެއްވި ފަރާތުން ޔަހޫދީންނަށް އެ ހަދިޔާކުރުންވެސް ޙަރާމްކުރެއްވިއެވެ." އެމީހާ ދެންނެވިއެވެ: "އެހެންވިއްޔާ އަޅުގަނޑު ހަދަންވީ ކިހިނެއްތޯއެވެ؟" ރަސޫލާ ޙަދީޘްކުރެއްވިއެވެ: "ބިންމައްޗަށް އޮއްސާލާށެވެ!"[9]

ރާ ގެ މަޖިލީސްތަކާ ދުރުހެލިވުން

އަދި އިސްލާމްދީން ވަނީ ރާބޯ ތަންތަނާއި ރާބޯމީހުންގެ މަޖިލިސްތަކާ  ދުރުވުމަށް މުސްލިމުންނަށް އަމުރުކޮށްފައެވެ. ﷲ ރުއްސުންލެއްވި ޢުމަރުގެފާނު އަރިހުން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ: ރަސޫލު ﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘްކުރެއްވި އަޑު އެހީމެވެ: مَنْ كَانَ يُؤْمِنُ بِاللّهِ وَاليَوْمِ الْآَخِرِ فَلَا يَقْعُدْ عَلَىَ مَائِدَةٍ تُدَارُ عَلَيْهَا الْخَمْرُ
ޙަދީޘުގެމާނަ: "ﷲ އަށާއި އާޚިރަތްދުވަހަށް އީމާންވާމީހަކު، ރާތަށިތައް ދައުރުކުރެވޭ މޭޒެއްގައި ނުއިށީންނާށެވެ."[10]

މުސްލިމަށް އަމުރުކުރެވިގެންވަނީ ނުބައިކަމެއް ފެނިއްޖެނަމަ އެކަމެއް ބަދަލުކުރުވުމަށެވެ. އެ ނުބައިކަން ނުހުއްޓުވޭނަމަ އޭނާ އެކަމަކުން ދުރުވެގަންނަންޖެހޭނެއެވެ. އެފަދަ ތަންތަނާއި އެފަދަ މީހުންނާ އެއްކިބާވާންޖެހޭނެއެވެ.

ޚަލީފަތުއް ރާޝިދު ޢުމަރު ބިން ޢަބްދުލް ޢަޒީޒު، ރާބޯމީހުންނާއި އަދި ރާ ނުބުޔަސް ރާބުއިމުގެ މަޖިލިސްތަކަށް ޙާޟިރުވާ މީހުންގެ ގައިގައި ހައްދުޖައްސަވާކަމަށް  ރިވާވެފައި އޮވެއެވެ. އެއްފަހަރަކު ރާބުއި ބައެއްގެ މައްސަލަ އެކަލޭގެފާނު ކުރިފުޅުމައްޗަށް ހުށައެޅުނީމާ، ހައްދުޖަހަން އަމުރުކުރެއްވިއެވެ. އެހިނދު، އެމީހުންގެ ތެރޭގައި ރޯދައަށް ހުރި މީހަކުވެސް ހުރިވާހަކަ ދެންނެވުމުން، ޖަވާބުގައި އެކަލޭގެފާނު އަމުރުކުރެއްވިއެވެ. "އެންމެ ފުރަތަމަ އޭނާއިން ފައްޓާށެވެ." އަދި ﷲ ގެ މިބަސްފުޅު ނާހަންހޭ ވިދާޅުވިއެވެ: وَقَدْ نَزَّلَ عَلَيْكُمْ فِي الْكِتَابِ أَنْ إِذَا سَمِعْتُمْ آيَاتِ اللَّهِ يُكْفَرُ بِهَا وَيُسْتَهْزَأُ بِهَا فَلا تَقْعُدُوا مَعَهُمْ حَتَّى يَخُوضُوا فِي حَدِيثٍ غَيْرِهِ إِنَّكُمْ إِذاً مِثْلُهُمْ
އާޔަތުގެ ތަފްސީރީމާނަ: "ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް ބާވައިލައްވާފައިވާ ފޮތުގައި ވެއެވެ. ﷲ ގެ އާޔަތްތަކަށް ކުފުރުވެ އެ އާޔަތްތަކަށް މަލާމާތްކުރާ އަޑު ތިޔަބައިމީހުންނަށް އިވޭހިނދު، ކުފުރާއި މަލާމާތުގެ ވާހަކަދައްކާމީހުން އެހެން ވާހަކައެއް ދައްކަން ފަށައިފުމަށްދާންދެން އެބައިމީހުންނާއެކު ތިޔަބައިމީހުން ނުތިބޭށެވެ! އެހެން އެމީހުން ކުފުރާއި މަލާމާތުގެ ވާހަކަ ދައްކާއިރު ތިޔަބައިމީހުން ތިބެނީނަމަ، ހަމަކަށަވަރުން ތިޔަބައިމީހުންނަކީވެސް އެބައިމީހުންފަދަ ބައެކެވެ." {އައްނިސާ: 140}

ރާއަކީ ބައްޔެކެވެ. ބޭހެއް ނޫނެވެ:

halaal-haraam-raa-cހާމަކަންބޮޑު މިހުރިހާ ނައްޞުތަކަކުންވެސް އެނގޭ ކަމަކީ، އިސްލާމްދީނުގައި ވަރަށް ހަރުކަށިކޮށް ރާ ޙަރާމްކޮށް، އެއާ ދެކޮޅަށް ހަނގުރާމަ ފަށާފައިވާކަމެވެ. އަދި މުސްލިމުން ރާއާ ދުރުކޮށް، އެއާ ދެމެދު ހުރަސްތަކެއް ބިނާކޮށްފައިވާކަމެވެ. ރާ ބޮވިދާނެ ނުވަތަ ރާގައި އަތްވެސް ލެވިދާނެ ކިތަންމެ ކުޑަނަމަވެސް ލޯވަޅެއް އެ ހުރަހުގައި ނެތެވެ.

ކިތަންމެ ކުޑަ ރާފޮދެއް ބުއިންވެސް މުސްލިމުންނަށް ހުއްދަކުރެވިފައި ނެތެވެ. އަދި އެ ވިއްކުން، ގަތުން، ހަދިޔާކުރުން، އުފެއްދުން، ފިހާރައަށް ނުވަތަ ގެއަށް  ވެއްދުން، ކާވެނި ޙަފްލާތަކަށާއި އެނޫންވެސް ޙަފްލާއަކަށް އެ ގެނައުން، ޣައިރު މުސްލިމް މެހުމާނަކަށް އެ ދިނުން، އަދި އެއްވެސް ކާއެއްޗަކަށް ނުވަތަ ބޯއެއްޗަކަށް ރާއެޅުމަކީ، އިސްލާމްދީނުގައި ހުއްދަކަމެއް ނޫނެވެ.

ދެން އޮތީ ބައެއް މީހުން ސުވާލުކޮށްފާނެ މައްސަލައެކެވެ. އެއީ ބޭހުގެ ގޮތުގައި ރާ ބޭނުންކުރުމެވެ. ރަސޫލު ﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ވަނީ، މީހަކު މި ސުވާލުކުރުމުން ޖަވާބުދެއްވާފައެވެ. އެމީހާ އެކަލޭގެފާނަށް ދެންނެވީ: އަޅުގަނޑު އެ ބޭނުންކުރަނީ ބޭހެއްގެ ގޮތުގައެވެ. ޖަވާބުގައި ރަސޫލު ﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘްކުރެއްވީ: إِنَّهُ لَيْسَ بِدَوَاءٍ وَلَكِنَّهُ دَاءٌ [11]
ޙަދީޘުގެމާނަ: "ކަށަވަރުންވެސް އެއީ ބޭހެއް ނޫނެވެ. އެކަމަކު ބައްޔެކެވެ."

އަދިވެސް ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު ޙަދީޘްކުރައްވާފައިވެއެވެ: إِنَّ اللّهَ أَنْزَلَ الدَّاءَ وَالدَّوَاءَ، وَجَعَلَ لِكُلِّ دَاءٍ دَوَاءٌ، فَتَدَاوَوْا، وَلَا تَتَدَاوَوْا بِحَرَامٍ
ޙަދީޘުގެމާނަ: "މާތް ﷲ، ބައްޔާއި ބޭސް ބާވައިލެއްވިއެވެ. އަދި ކޮންމެ ބައްޔަކަށް ބޭހެއް ލެއްވިއެވެ. ފަހެ ތިޔަބައިމީހުން ބޭސްކުރާށެވެ. އަދި ޙަރާމްއެއްޗަކުން ބޭސްނުކުރާށެވެ."

އަދި މަސްތުކުރުވާ އެއްޗެއްސާ ބެހޭގޮތުން ﷲ ރުއްސުންލެއްވި އިބްނު މަސްޢޫދު ވިދާޅުވެފައިވެއެވެ: إِنَّ اللَّهَ لَمْ يَجْعَلْ شِفَاءَكُمْ فِيْمَا حَرَّمَ عَلَيْكُمْ
ބަސްފުޅުގެމާނަ: "ކަލޭމެންގެ މައްޗަށް ޙަރާމްކުރައްވާފައިވާ އެއްޗެއްގައި، މާތް ﷲ ކަލޭމެންނަށް  ޝިފާނުލައްވައެވެ."[12]

ރާއާއި އަދި މިނޫންވެސް މިފަދަ ޙަރާމްތަކެތިން ބޭސްފަރުވާކުރުން އިސްލާމްދީނުގައި ޙަރާމްވެފައި އޮތުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫނެވެ. އިމާމް އިބްނުލް ޤައްޔިމް [13] ވިދާޅުވެފައިވާފަދައިން އެއްޗެއް ޙަރާމްވުމުން ޖެހޭނީ ހުރިހާ ގޮތަކުންވެސް އެއާ ދުރުވާށެވެ. ޙަރާމްއެއްޗެއް ބޭހަކަށް ބޭނުންކުރުމަކީ އެއަށް އެދުންވެރިވެ އެ ބޭނުންކުރެވޭނެ ކަމެކެވެ. ޝައްކެއްވެސް ނެތި މިއީ ޝަރީޢަތުގެ މަޤްޞަދާއި ޚިލާފުކަމެކެވެ. އަދި ހަމައެހެންމެ ޙަރާމް އެއްޗެހިން ބޭސްފަރުވާކުރުން ހުއްދަކޮށްފިއްޔާ އެއީ އެދުންވެރިކަމާއި އަރާމު ހޯދުމަށް އެފަދަ އެއްޗެއް ބޭނުންކުރަން އޮތް ޒަރީޢާއެކެވެ. ވަކިން ޚާއްޞަކޮށް އެއަށް ހިތް އެދެންޏާ ނުވަތަ އެއިން މަންފާއެއް ލިބޭކަމަށް  ހީވެއްޖެއްޔާ، ނުވަތަ ބަލިރަނގަޅުކޮށް ޝިފާ ގެނެސްދޭ އެއްޗަކަށް ވެއްޖެއްޔާ މިކަން ބޮޑުވާނެއެވެ.

އަނެއް ކަމަކީ ޙަރާމްކުރެވިފައިވާ މި 'ބޭހަކީ' އެއިން ލިބޭކަމަށް މީހުން ހީކުރާ ޝިފާއަށްވުރެ ބޮޑެތި ބަލިތަކެއް ހުންނަ އެއްޗެކެވެ. ބޭހާ ބެހޭ ނަފްސާނީ ވަރަށް މުހިއްމު ކަމެއްގެ ވާހަކަ، އިބްނުލް ޤައްޔިމުގެ ސަމާލުކަމަށް އައިސްގެން ވިދާޅުވަނީ: "ބޭހަކުން ޝިފާލިބުމުގެ ޝަރުޠަކީ ޤަބޫލުކަމާއެކު ބޭސްބޭނުންކުރުމެވެ. އެއިން މަންފާ ލިބޭނެކަމާއި އޭގައި ޝިފާލިބުމުގެ ބަރަކާތް މާތް ﷲ ލައްވާފައިވާކަން ޔަޤީންކުރުމެވެ. ދެން މުސްލިމަކު އެއީ ޙަރާމް އެއްޗެއްކަން އެނގިހުރެ ބޭހެއް ބޭނުންކުރުމަކީ، އޭގައި މަންފާއެއް އަދި ބަރަކާތެއް ހުންނާނެކަން ޤަބޫލުކުރެވުމަށް އޮތް ހުރަހެކެވެ. އެ ބޭހާމެދު އޮތް އޭނާގެ ހީ ނުބައިވާނެއެވެ. އަދި ބޭސް ބޭނުންކުރެވޭނީ ޤަބޫލުކަމާއެކީއެއް ނޫނެވެ. ކިއެއްތަ، މީހާގެ އީމާންކަން ގަދަވާވަރަކަށް އެފަދަ ބޭހަކާމެދު އޭނާގެ ނުރުހުން ވެސް ވާނީ އިތުރެވެ. ވީމާ މިފަދަ ހާލެއްގައި ހުރި މީހަކަށް މިފަދަ އެއްޗެއް ވާނީ ބައްޔަކަށެވެ. ބޭހަކަށް  ނޫނެވެ.[14] –ނިމުނީ-

ކަންމިހެން އޮތުމާއެކުވެސް އިސްލާމީ ޝަރީޢަތުގެ ނަޒަރުގައި ޟަރޫރަތްތަކަށް އޭގެ ޚާއްޞަ ޙުކުމްތަކެއްވެއެވެ.

މިސާލަކަށް އިންސާނާގެ ޙަޔާތަށް ނުރައްކާވާ ބައްޔަކަށް، ރާ ނުވަތަ ރާ އަޅާފައިހުރި ބޭހެއް ދޭންޖެހި، އަދި އޭގެ ބަދަލުގައި އެހެން ބޭހެއް ނެތްނަމަ –މިހެން ވާނެއެކޭ އަހަރެން ނުބުނާނަން-، ދީނަށް ޣީރަތްތެރި މުސްލިމް މޮޅު ޑޮކްޓަރެއް ލިޔެދީގެން އެ ބޭސް ބޭނުންކުރުން ހުއްދަވާނެއެވެ. އެހެނީ ލުއިފަސޭހަކުރުމާއި ދަތިއުނދަގޫ ދުރުކުރުމުގެ މައްޗަށް ބިނާވެފައިވާ ޝަރުޢީ ޤަވާޢިދުތައް، މިފަދަ ހާލަތެއްގައި މިފަދަ ބޭހެއް ބޭނުންކުރުން މަނާ ނުކުރެއެވެ. ނަމަވެސް އެ ބޭނުންކުރަން ޖެހޭނީ ވީހާވެސް ހަނި ދާއިރާއެއްގައެވެ. ﷲ ވަޙީކުރައްވާފައިވަނީ: فَمَنْ اضْطُرَّ غَيْرَ بَاغٍ وَلا عَادٍ فَإِنَّ رَبَّكَ غَفُورٌ رَحِيمٌ އެވެ.
އާޔަތުގެ ތަފްސީރީމާނަ: "ފަހެ ބަނޑަށް ޖެހިގެންފަދަ ހާލަތެއް ދިމާވެގެން އާޔަތުގައި އިސްވެދިޔަ ޙަރާމްތަކެތި ކެއުމަށް މަޖްބޫރުވެއްޖެމީހާ، އެ ކެއުމަށް އެދުންވެރިވުމެއް އަދި ކެއުމުގައި ބަނޑުފުރާނަ މުއްތިކުރެވޭރަށް ވުރެ އިތުރަށް ކައި ހައްދުފަހަނައަޅައި ދިއުމެއްނެތި، އެތަކެތިން ކައިފިއްޔާ، ފަހެ ހަމަކަށަވަރުން ﷲ އީ، އެކަލާނގެ އަޅުތަކުންނަށް ގިނަގިނައިން ފާފަފުއްސަވާ ރަޙްމަތްވަންތަ ރަސްކަލާނގެއެވެ." {އަލްއަންޢާމް: 145}

*  *  *   *

* މިއީ ޝައިޚް ޔޫސުފުލް ޤަރަޟާވީގެ އަލްޙަލާލް ވަލްޙަރާމް މިފޮތުގެ ދިވެހި ތަރުޖަމާގެ ބައެކެވެ.

* މި ފޮތުން މިހާތަނަށް ކަވާސާގައި ޖަހާފައިވާ ބައިތައް އެއްކޮށް ޑައުންލޯޑް ކުރުމަށް މި ގުޅުމަށް ފިތާލާށެވެ. ވިޔަފާރިއަށް، ހުއްދަނެތި މި ފޮތް ޗާޕުކުރުމަކީ މަނާކަމެކެވެ. 


 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.