ބުރާސްފަތި20181108

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ފިޤުހު އަޅުކަން އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ހެދުންއެޅުމާއި ޒީނަތުގައި

އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ހެދުންއެޅުމާއި ޒީނަތުގައި

halaal-haraam-hedhun-elhumaai-zeenah* ސާފުތާހިރުކަމާއި ރީތިކަމުގެ ދީން:
* ރަނާއި ޚާލިޞް ފަށުއި ފިރިހެނުންނަށް ޙަރާމް:
* ފިރިހެނުންނަށް މިދޭތި ޙަރާމްވުމުގެ ޙިކުމަތް:
* އަންހެނުންނަށް މިދޭތި ހުއްދަވުމުގެ ޙިކުމަތް:
* މުސްލިމް އަންހެނާގެ ހެދުން:
* އެއް ޖިންސު އަނެއް ޖިންސާ ވައްތަރުވެގަތުން:
* ﷲ ޚަލްޤުކުރެއްވިގޮތް ބަދަލުކޮށް ޒީނަތްތެރިވުމުގައި ހައްދުފަހަނައެޅުން:
* ޓެޓޫޖެހުމާއި ދަތް ކެނޑުމާއި ރީތިވުމަށް ކުރާ އޮޕްރޭޝަން:
* ބުމަހެދުން:
* އިސްތަށިގަނޑު ޖެހުމާއި ގުޅުވުން:
* ނުރަ ކުލަކުރުން:
* ތުނބުޅި ބެހެއްޓުން:

ފެންނަފެނުމަށް ރީތިކޮށް ހުރުމާއި، ރީއްޗަށް ހެދުންލުމާއި، ކަރާމާތް ލިބިގެންވާފަދަ ގޮތަކަށް ހުރުމާއި، އަދި ﷲ ދެއްވާފައިވާ ހެދުމާއި ޒީނަތްތެރި ފޭރާމުގެ ބޭނުންހިފުމަކީ، އިސްލާމްދީން ހުއްދަކޮށްފައިވާ ކަމެކެވެ. ކިއެއްތަ، މިއީ އޭނާގެ ކިބައިން އިސްލާމްދީން އެދޭކަމެކެވެ.

އިސްލާމްދީނުގެ ނަޒަރުގައި ހެދުންއެޅުމުގެ އޮތީ ދެ ބޭނުމެކެވެ. އެއީ ޢައުރަ ނިވާކުރުމާއި ޒީނަތްތެރިވުމެވެ. މިހެންވެ މާތް ﷲ އާދަމުގެ ދަރީންނަށް ދެއްވާފައިވާ ނިޢުމަތްތައް ގުނުއްވަމުން، އޭގެ ތެރޭގައި ހެދުމާއި ޒީނަތްތެރި ފޭރާންވެސް ހިމަނުއްވާފައިވެއެވެ. މިގޮތުން ވަޙީކުރައްވާފައިވަނީ: يَا بَنِي آدَمَ قَدْ أَنزَلْنَا عَلَيْكُمْ لِبَاساً يُوَارِي سَوْآتِكُمْ وَرِيشاً
އާޔަތުގެމާނަ: "އޭ އާދަމުގެ ދަރީންނޭވެ! ތިޔަބައިމީހުންގެ ޢައުރަތައް ނިވާކުރަނިވި ހެދުމާއި، ޒީނަތްތެރި ފޭރާން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވީމެވެ." {އަލްއަޢްރާފް: 26}

ނިވާވުމާއި ޒީނަތްތެރިވުން، މިދެކަމުންކުރެ ކަމެއް ފަރުވާކުޑަކޮށްފިމީހާ ވަނީ އިސްލާމްދީނުގެ މަގުން ކައްސާލާއި ޝައިޠާނާގެ މަގުތަކަށް ގޮސްފައެވެ. އިންސާނުންނަށް ދެއްވި ނިޢްމަތުގެ ވާހަކަ، އިސްވެދިޔަ އާޔަތުގައި ބަޔާންކުރެއްވުމަށް ފަހު، ފަހުން އޮތް ދެ އާޔަތެއްގައި އިންޒާރު ދެއްވާފައިވަނީ އޮރިޔާންވުމާއި ޒީނަތްތެރިވުން ދޫކޮށްލުމުގެ ނުރައްކަލާ މެދުގައެވެ. އެހެނީ މި ދެކަމަކީ ވެސް ޝައިޠާނާގެ މަގަށް ތަބާވެ އެޅޭ ފިޔަވަޅެކެވެ. ﷲ ވަޙީކުރައްވަނީ: يَا بَنِي آدَمَ لا يَفْتِنَنَّكُمْ الشَّيْطَانُ كَمَا أَخْرَجَ أَبَوَيْكُمْ مِنْ الْجَنَّةِ يَنزِعُ عَنْهُمَا لِبَاسَهُمَا لِيُرِيَهُمَا سَوْآتِهِمَا
އާޔަތުގެމާނަ: "އޭ އާދަމުގެ ދަރީންނޭވެ! ތިޔަބައިމީހުންގެ މައިންބަފައިން ކަމުގައިވި، އާދަމުގެފާނާއި ޙައްވާގެފާނާއި ދެކަނބަލުންގެ ޢައުރަ އެދެކަނބަލުންނަށް ދެއްކުމަށްޓަކައި، އެ ދެކަނބަލުންގެ ފޭރާން ބާލައި، އެ ދެކަނބަލުން ސުވަރުގެއިން ނެރެލިފަދައިން، ޝައިޠާނާ ތިޔަބައިމީހުން ހެއް     ލުންތެރިކުރިޔަ ނުދޭށެވެ." {އަލްއަޢްރާފް: 27}

އަދިވެސް ވަޙީކުރައްވަނީ:  يَا بَنِي آدَمَ خُذُوا زِينَتَكُمْ عِنْدَ كُلِّ مَسْجِدٍ وَكُلُوا وَاشْرَبُوا وَلا تُسْرِفُوا
އާޔަތުގެމާނަ: "އޭ އާދަމުގެ ދަރީންނޭވެ! ތިޔަބައިމީހުން، ނަމާދުކުރާ ކޮންމެ ހިނދެއްގައިމެ، ޒީނަތްތެރިކަން ހިފާށެވެ! އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! އަދި އިސްރާފުނުކުރާށެވެ." {އަލްއަޢްރާފް: 31}

އިސްލާމްދީން ވަނީ ޢައުރަ ނިވާކުރުން މުސްލިމުންގެ މައްޗަށް ވާޖިބުކޮށްފައެވެ. ޢައުރަ ކަޝްފުކުރުމަކީ، މަދަނިއްޔަތުގެ އަސަރެއްވެސް ކޮށްފައިވާ އިންސާނުން، ފިޠުރަތުންވެސް ލަދުގަންނާނެކަމެކެވެ. އެހެނީ ތަހުޒީބުވެފައިވާ އިންސާނުންނާއި ތަހުޒީބުނުވާ ވަލުޖަނަވާރުންނާއި ތަފާތުކޮށްދޭ އެއްކަމަކީ ޢައުރަނިވާކުރުމެވެ. މީހުންނާ ދުރުގައި އެކަނި ހުރިކަމުގައިވިޔަސް ޢައުރަ ނިވާކުރުމަކީ އިސްލާމްދީން ގޮވާލާކަމެކެވެ. އެއީ ލަދުވެތިކަމާއި އަބުރުވެރިކަމަކީ އޭނާގެ ދީނާއި ޚުލްޤުގައި އަށަގެންފައިވާ ސިފައަކަށް ހެދުމަށްޓަކައެވެ.

ބަހުޒުބިން ޙަކީމް އޭނާގެ ބައްޕަ ކިބައިން އޭނާގެ ކާފަ ކިބައިން ރިވާކުރެއްވިއެވެ: قُلْتُ: يَا رَسُوْلَ اللَّهِ ‍ عَوْرَاتُنَا مَا نَأْتِي مِنْهَا وَمَا نَذَرُ؟ فَقَالَ: احْفَظْ عَوْرَتَكَ إِلاَّ مِنْ زَوْجَتِكَ أَوْ مَا مَلَكَتْ يَمِيْنُكَ. قُلْتُ: يَا رَسُوْلَ اللَّهِ، فَإِذَا كَانَ القَوْمُ بَعْضُهُمْ فِيْ بَعْضٍ؟ قَالَ: فَإِنِ اسْتَطَعْتَ أَنْ لاَ يَرَاهَا أَحَدٌ فَلاَ يَرَيَنَّهَا. فَقُلْتُ: فَإِذَا كَانَ أَحَدُنَا خَالِياً؟ قَالَ: فَاللَّهُ تَبَارَكَ وَتَعَالَىْ أَحَقُّ أَنْ يَسْتَحِيَ مِنْهُ
ޙަދީޘުގެމާނަ: "އަހަރެން ދެންނެވީމެވެ: "އޭ ﷲ ގެ ރަސޫލާއެވެ. އަޅުގަނޑުމެންގެ ޢައުރައިން ނިވާކުރަންވީ ކޮންއެއްޗެއްތޯއެވެ؟ އަދި ނިވާނުކޮށް ދޫކޮށްލަންވީ ކޮންއެއްޗެއްތޯއެވެ." އެހިނދު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: "ކަލޭގެ އަނބިމީހާއާއި އަޅުއަންހެނާ ފިޔަވާ އެހެން މީހުންނަށް ކަލޭގެ ޢައުރަ ރައްކާކުރާށެވެ." އަހަރެން ދެންނެވީމެވެ: "އޭ ﷲ ގެ ރަސޫލާއެވެ. ބަޔަކުމީހުން އެއްތަނެއްގައި ތިބެންޏާ (އެބަހީ ދަތުރުމަތީގައްޔާއި އެފަދަ ތަންތާނގައި) ހަދާނީ ކިހިނެއްތޯއެވެ؟" އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: "އެކަކަށްވެސް ޢައުރަ ނުފެންނަގޮތަކަށް އުޅެވެން އޮތްނަމަ ނުދައްކާށެވެ." ދެން އަހަރެން ދެންނެވީމެވެ: "މީހަކު އެކަނި ހުރިއްޔާ ކިހިނެއްތޯއެވެ؟" އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: "އަރަހުށި ﷲ އަށް ލަދުވެތިވުން މާ ހައްގުކަންބޮޑެވެ."[1]

ސާފުތާހިރުކަމާއި ރީތިކަމުގެ ދީން:

ފެންނަފެނުމަށް ހަށިގަނޑު ރީތިކޮށް ހުރުމާއި ޒީނަތްތެރިވުމަށް ސަމާލުކަންދިނުމުގެ ކުރިން އިސްލާމްދީން ވަނީ، ސާފުތާހިރުކަމަށް ވަކިން ޚާއްޞަ ސަމާލުކަމެއް ދީފައެވެ. އެހެނީ ސާފުތާހިރުކަމަކީ ހުރިހާ ޒީނަތަކާއި ހުރިހާ ރީއްޗެއްގެ އަސާސެވެ.

ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ އަރިހުން ރިވާވެގެންވެއެވެ: تَنَظَّفُوا فَإِنَّ الْإِسْلاَمَ نَظِيْفٌ[2]
ޙަދީޘުގެމާނަ: "ސާފުތާހިރުވާށެވެ. ފަހެ އިސްލާމްދީނަކީ ސާފުތާހިރު ދީނެކެވެ."

النَّظَافَةِ تَدْعُو إِلَى الإيْمَانِ وَ الإيْمَانُ مَعَ صَاحِبِهِ فِي الْجَنَّةِ [3]
ޙަދީޘުގެމާނަ: "ސާފުތާހިރުކަން އީމާންކަމަށް ގެންދެއެވެ. އަދި އީމާންކަން ވަނީ އޭގެ އަހުލުވެރިއާއެކު  ސުވަރުގޭގައެވެ."

ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު ވަނީ، ހެދުމާއި، ހަށިގަނޑާއި، ގެދޮރާއި، މަގުމަތީގެ ސާފުތާހިރުކަމަށް ބާރުއަޅުއްވާފައެވެ. އަދި އަނގައިގެ ދަތް ސާފުކޮށް ބެހެއްޓުމަށާއި، އަތާއި އިސްތަށިގަނޑުގެ ސާފުތާހިރުކަމަށް، ވަކިން ޚާއްޞަކޮށް ބާރުއަޅުއްވާ ގޮވާލެއްވިއެވެ.

ދީނުގެ ފުރަތަމަ އަޅުކަންކަމުގައިވާ ނަމާދުގެ ތަޅުދަނޑިއަކީ ސާފުތާހިރުވުންކަމުގައި ކަނޑައަޅާފައިވާ ދީނަކުން، ޢާއްމު ސާފުތާހިރުކަމަށް މިހާ ބޮޑު އަހައްމިޔަތެއް ދިނުމަކީ އަޖާއިބުވާންޖެހޭ ކަމެއް ނޫނެވެ. މުސްލިމަކު ކުރާ ނަމާދެއް ޤަބޫލުކުރެވޭނީ، އޭނާގެ ހަށިގަނޑާއި ހެދުމާއި ނަމާދުކުރާތަން ވެސް ސާފުތާހިރުވެގެންނެވެ. އަދި މީގެ އިތުރުން ބައެއް ހާލަތްތަކުގައި މުޅިހަށިގަނޑު ދޮވެ ސާފުކުރަންޖެހެއެވެ. ބައެއް ހާލަތްތަކުގައި ދޮވެ ސާފުކުރަންޖެހެނީ ހިރަފުހާއި ހަޑި ޖެހޭ ހިސާބުތައް އެކަންޏެވެ. އިސްލާމްދީނުގައި މިދެކަމަށް ދެވިފައިވާ ނަމަކީ ހިނައިގަތުމާއި ވުޟޫކުރުމެވެ.

ޢަރަބިކަރައިގެ ސަހަރާ ވެއްޓާއި ބަދަވީ ދިރިއުޅުން އޮތީ، އެތާގެ އަހުލުވެރީން ނުވަތަ އޭގެތެރެއިން ގިނަ ބަޔަކު ސާފުތާހިރުކަމާއި ރީތިވުމުގައި، އިހުމާލުވެދާނެފަދަ ގޮތަކަށެވެ. އެހެންވެ ސަލާމާއި ޞަލަވާތްލެއްވި ނަބިއްޔާ އަބަދުވެސް ގެންދެވީ، އެކަލޭގެފާނުގެ ބުއްދިވެރި އިރުޝާދާއި  ހޭލުންތެރި ނަޞޭޙަތް، އެމީހުންނަށް ދެއްވަމުންނެވެ. މިގޮތަށް މަސައްކަތްކުރައްވައިގެން އެކަލޭގެފާނު ވަނީ މަޑުމަޑުން އެމީހުން ބަދަވީކަމުން ޙަޟާރަތަށް ގެންދަވާފައެވެ. ގޮނޑުކަމުން ރީތިވުމަށް ގެންދެވިއެވެ.

އެއްފަހަރަކު ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަރިހަށް ބޮލާއި ތުނބުޅި ހާވިޔާކޮށް ހުރި މީހެއް އައެވެ. އެހިނދު ބޯއޮމާންކުރާށޭ ޙަދީޘްކުރައްވާކަހަލަ ގޮތަކަށް އޭނާއަށް  އިޝާރާތެއް ކުރެއްވިއެވެ. އަދި އެމީހާ ބޯއޮމާންކޮށްގެން އެނބުރިއައުމުން ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘްކުރެއްވިއެވެ: أَلَيْسَ هَذَا خَيْرًا مِنْ أَنْ يَأْتِيَ أَحَدُكُمْ ثَائِرَ الرَّأْسِ كَأَنَّهُ شَيْطَانٌ[4]
ޙަދީޘުގެމާނަ:"ޝައިޠާނާ ހުންނަހެން ބޯހާވިޔާކޮށްގެން އައުމަށްވުރެން ތިގޮތް ރަނގަޅުކަން ބޮޑު ނޫންހެއްޔެވެ؟"

އަދި އެހެންފަހަރަކު ނަބިއްޔާ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަށް، ބޯ ހާވާލައިގެން ހުރި މީހެއް ފެނިގެން ޙަދީޘްކުރެއްވިއެވެ: أَمَا وَجَدَ هَذَا مَا يُسَكِّنُ بِهِ شَعْرَهُ؟
ޙަދީޘުގެމާނަ: "އިސްތަށިގަނޑުގައި ފުނާއަޅާލާނެ އެއްޗެއް އޭނާއަތުގައި ނެތީހެއްޔެވެ؟"

އަދި އެހެން މީހަކު މިލަވެފައިވާ ހެދުމެއް ލައިގެން ހުއްޓާ ފެނިވަޑައިގެން ޙަދީޘްކުރެއްވިއެވެ: أَمَا كَانَ هَذَا يَجِدُ مَا يَغْسِلُ بِهِ ثَوْبَهُ [5] ޙަދީޘުގެމާނަ: "ހެދުން ދޮވެލާނެ އެއްޗެއް އޭނާއަށް ނުލިބުނީހެއްޔެވެ؟"

މީހަކު ވަރަށް ދެރަ ފޭރާމެއް ލައިގެން ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަރިހަށް އައެވެ. އެހިނދު ޙަދީޘްކުރެއްވިއެވެ:  أَلَكَ مَالٌ؟ قَالَ: نَعَمْ. قَالَ: مِنْ أَيِّ المَالِ؟ قَالَ: مِنْ كُلِّ المَالِ قَدْ أَعْطَانِيَ اللَّهُ تَعَالَى. قَالَ: فَإِذَا آَتَاكَ اللَّهُ مَالاً، فَلْيُرَ أَثَرُ نِعْمَةِ اللَّهِ عَلَيْكَ وَكَرَامَتِهِ[6]
ޙަދީޘުގެމާނަ: "ކަލޭ އަތުގައި މުދަލެއް އެބަހުރިހެއްޔެވެ؟" އެމީހާ ދެންނެވިއެވެ: "އާދޭހެވެ." ޙަދީޘްކުރެއްވިއެވެ: "ކޮންކަހަލަ މުދަލެއްހެއްޔެވެ؟" އެމީހާ ދެންނެވިއެވެ: "ހުރިހާ ވައްތަރެއްގެ މުދާވެސް އަރަހުށި ﷲ އަޅުގަނޑަށް ދެއްވާފައިވެއެވެ." ޙަދީޘްކުރެއްވިއެވެ: "މާތް ﷲ ކަލެއަށް މުދާވެރިކަން ދެއްވާފައިވާހިނދު، މާތް ﷲ ގެ ނިޢްމަތާއި ދީލަތިކަމުގެ އަސަރު އެކަލާނގެއަށް ދައްކާށެވެ."

ހުކުރާއި ޢީދު ނަމާދުފަދަ ގިނަމީހުން އެއްވެއުޅޭ ތަންތަނަށް އަންނައިރު ސާފުތާހިރުވެ ރީތިކޮށް ތިބުމަށް، ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ވަނީ ވަކިން ބޮޑަށް ބާރުއަޅުއްވާފައެވެ. މިގޮތުން ޙަދީޘްކުރައްވާފައިވަނީ: مَا عَلَىَ أَحَدِكُمْ أَنْ يَتَّخِذَ ثَوْبَيْنِ لِيَوْمِ الْجُمُعَةِ غَيْرَ ثَوْبَيْ مِهْنَتِهِ [7]
ޙަދީޘުގެމާނަ: "ތަނަވަސްކަން ހުރެއްޖެނަމަ އެކަށީގެންވާ ގޮތަކީ، އޭނާގެ މަސައްކަތު ހެދުން ނޫން ހެދުމެއް ހުކުރުނަމާދަށް ލުމެވެ."

ރަނާއި ޚާލިޞް ފަށުއި ފިރިހެނުންނަށް ޙަރާމް:

ޒީނަތްތެރިވުމަކީ އިސްލާމްދީނުގައި ހުއްދަކަމަކަށް ވުމުގެ އިތުރަށް، އެކަންކުރުމަށް ދީން އެދޭކަމެކެވެ. އަދި ޒީނަތެއްގެ ގޮތުން ﷲ ދެއްވާފައިވާ ތަކެތި މީހުން އަމިއްލައަށް ޙަރާމްކުރީމާ އެކަމާ ދީން އިންކާރުކުރެއެވެ. قُلْ مَنْ حَرَّمَ زِينَةَ اللَّهِ الَّتِي أَخْرَجَ لِعِبَادِهِ وَالطَّيِّبَاتِ مِنْ الرِّزْقِ
އާޔަތުގެ ތަފްސީރީމާނަ: ''އެ ޖާހިލު މުޝްރިކުންނަށް ކަލޭގެފާނު ވިދާޅުވާށެވެ: ޒީނަތެއްގެ ގޮތުން ﷲ ކަލޭމެންނަށް ދެއްވާފައިވާ ރީތި ފޭރާން، ކަލޭމެންގެ މައްޗަށް ޙަރާމްކުރީ ކާކުހެއްޔެވެ؟ އަދި އެކަލާނގެ ކަލޭމެންނަށް ދެއްވާފައިވާ ރިޒުޤުން، ޙަލާލު ރަނގަޅު ތަކެތި ކެއުން ޙަރާމްކުރީ ކާކުހެއްޔެވެ؟ {އަލްއަޢްރާފް: 32}

ކަން މިހެން އޮތްނަމަވެސް، އިސްލާމްދީން ވަނީ ދެބާވަތެއްގެ ޒީނަތް، ފިރިހެނުންނަށް ޙަރާމްކޮށްފައެވެ. އެކަމަކު އަންހެނުންނަށް އެ ޙަލާލެވެ.

ފުރަތަމަ ބާވަތަކީ: ސާފު ރަން ނުވަތަ ބޮޑު ނިސްބަތަކަށް ރަން ހުރި ގަހަނާއެވެ.
ދެވަނަ ބާވަތަކީ: ސާފު ފަށުއި ނުވަތަ ބޮޑު ނިސްބަތަކަށް ފަށުއި ހުރި ފޭރާމެވެ.

ﷲ ރުއްސުންލެއްވި ޢަލީގެފާނު ރިވާކުރެއްވިއެވެ: ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ކަނާތްޕުޅުން ފަށުއި ހިއްޕަވައިގެން، އަދި ވާތްޕުޅުން ރަން ހިއްޕަވައިގެން ހުންނަވާ ޙަދީޘްކުރެއްވިއެވެ: إِنَّ هَذَيْنِ حَرَامٌ عَلَىَ ذُكُوْرِ أُمَّتِيْ [8]
ޙަދީޘުގެމާނަ: "ތިމަންކަލޭގެފާނުގެ އުއްމަތުގެ ފިރިހެނުންނަށް މިދޭތި ޙަރާމެވެ."

ﷲ ރުއްސުންލެއްވި ޢުމަރުގެފާނު ރިވާކުރެއްވިއެވެ: ނަބިއްޔާ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘްކުރެއްވި އަޑުއެހީމެވެ: لاَ تَلْبَسُوْا الْحَرِيْرَ، فَإِنَّ مَنْ لَبِسَهُ فِيْ الدُّنْيَا لَمْ يَلْبَسْهُ فِيْ الآخِرَةِ[9]
ޙަދީޘުގެމާނަ: "ކަލޭމެން ފަށުއި ނުލާށެވެ. ފަހެ ދުނިޔޭގައި ފަށުއި ލައިފިމީހަކު، އާޚިރަތުގައި ފަށުއި ނުލާނެއެވެ."

އަދި އެހެން ފަހަރަކު، ފަށުއި ފޭރަމަކާ ބެހޭގޮތުން ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ: إِنَّمَا هَذِهِ لِبَاسُ مَنْ لاَ أَخْلاَقِ لَهُ[10]
ޙަދީޘުގެމާނަ: "ހަމަކަށަވަރުން މިއީ އަޚްލާޤެއް ނުހުންނަ މީހުންގެ ހެދުމެވެ."

އަދި އެއްފަހަރަކު ފިރިހެނެއްގެ އަތުގައި ރަން އަނގޮޓިއެއް އޮއްވާ ފެނިވަޑައިގަތީމާ، އެ ބާލުއްވާފައި އެއްލާލެއްވިއެވެ. އަދި ޙަދީޘްކުރެއްވިއެވެ: ‏ ‏يَعْمِدُ أَحَدُكُمْ إِلَى جَمْرَةٍ مِنْ نَارٍ فَيَجْعَلُهَا فِي يَدِهِ. فَقِيلَ لِلرَّجُلِ بَعْدَ مَا ذَهَبَ رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏خُذْ خَاتِمَكَ انْتَفِعْ بِهِ قَالَ لاَ وَاللَّهِ لاَ آخُذُهُ أَبَدًا وَقَدْ طَرَحَهُ رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ[11]
ޙަދީޘުގެމާނަ: "ކަލޭމެން މީހަކު އަނގުރު އަލިފާންގަނޑެއް ނަގައިގެން އަތުގައި އަޅާފާނެހެއްޔެވެ؟" ދެން ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އެތަނުން ވަޑައިގަތީމާ އަނގޮޓި ނަގައިގެން އެއިން ބޭނުމެއް ހިފަން ބަޔަކު މީހުން އެމީހާ ގާތު ބުނުމުން ބުންޏެވެ: "ނޫނެކެވެ. ﷲ ގަންދީ ބުނަމެވެ! ރަސޫލު ﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އެއްލާލެއްވި އެއްޗެއް އަހަރެން އަނބުރާ ނުނަގާނަމެވެ."

ފައިސާއިން އިސްރާފުކުރާ މީހުން އަތުން މިފެންނަ ރަން ގަޑިއާއި، ރަން ޤަލަމާއި، ރަން ލައިޓަރާއި، ރަން ސިގިރެޓި ފޮއްޓާއި، ޒީނަތަކަށް ޖަހާ ރަންދަތްފަދަ ތަކެއްޗަކީ ވެސް ހަމަ ރަން އަނގޮޓީގެ ޙުކުމުގައިވާ ތަކެއްޗެވެ.

އެކަމަކު ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ވަނީ ފިރިހެނުންނަށް ރިހި އަނގޮޓި ހުއްދަކުރައްވާފައެވެ. އިބްނު ޢުމުރުގެ ކިބައިން ބުޚާރީ ރިވާކުރައްވާފައިވެއެވެ: اتَّخَذَ رَسُولُ اللَّهِ صَلَّىَ اللَّهُ عَلَيْهِ وَسَلَّمَ خَاتَما مِنْ وَرِقٍ وَكَانَ فِيْ يَدِهِ، ثُمَّ كَانَ بَعْدُ فِي يَدِ أَبِي بَكْرٍ؛ ثُمَّ كَانَ بَعْدُ فِيْ يَدِ عُمَرَ، ثُمَّ كَانَ بَعْدُ فِيْ يَدِ عُثْمَانَ حَتَّىَ وَقَعَ فِي بِئْرِ أَرِيْسٍ[12]
ޙަދީޘުގެމާނަ: "ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ރިހި އަނގޮޓިކޮޅެއް ތުރުކުރެއްވިއެވެ. ދެން އެކަލޭގެފާނަށްފަހު އެ އޮތީ އަބޫބަކުރުގެފާނު އަތްޕުޅުގައެވެ. އޭގެފަހުން އޮތީ ޢުމަރުގެފާނު އަތްޕުޅުގައެވެ. އަދި އަރީސް އޭ ކިއުނު ވަޅަކަށް އޭތި ވެއްޓެންދެން އޮތީ ޢުޘްމާނުގެފާނު އަތްޕުޅުގައެވެ."

ދެން ދަގަނޑުފަދަ އެހެނިހެން މަޢްދަންތައް ޙަރާމްކަމަށް އޮތް ޞަރީޙަ ނައްޞެއް ނެތެވެ. ޞަޙީޙު ބުޚާރީގައި އައިސްފައިވާ ޙަދީޘެއްގައި އޮތީ، ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަށް ނަފްސު ހިބަކުރި އަންހެންމީހާއާ އިންނަން ބޭނުންވި ފިރިހެންމީހާ ގާތުގައި "ދަގަނޑު އަގޮނޓިއެއް ނަމަވެސް (އަންހެން މީހާއަށް ދޭން) ހޯދާށޭ" އެކަލޭގެފާނު ޙަދީޘްކުރެއްވިކަމަށެވެ. އަދި މި ޙަދީޘުން ދަގަނޑު އަނގޮޓި ފިރިހެނުންނަށް ހުއްދަކަމަށް ބުޚާރީ ވަނީ ދަލީލު ނަންގަވާފައެވެ.

ޞިއްޙީ ބޭނުމެއް އޮވެއްޖެނަމަ، ފަށުއި ފޭރާން ލުންވެސް ހުއްދައެވެ. ޢަބްދުއްރަޙްމާން ބިން ޢައުފާއި، ޒުބައިރު ބިން އަލްޢައްވާމާއި ދެބޭކަލުންނަށް ހަމުގެ ބައްޔެއް ޖެހިވަޑައިގެން ފަށުއި ފޭރާންތުރުކުރައްވަން، އެ ދެބޭކަލުންނަށް، ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ-  ހުއްދަކުރެއްވިއެވެ.[13]

ފިރިހެނުންނަށް މިދޭތި ޙަރާމްވުމުގެ ޙިކުމަތް:

އިސްލާމްދީން ފިރިހެނުންނަށް ރަނާއި ފަށުއި ޙަރާމްކުރުމުގެ ބޭނުމަކީ މަތިވެރި ތަރުބަވީ އަދި އަޚްލާޤީ ބޭނުމެކެވެ. އިސްލާމްދީނަކީ ޖިހާދުކުރުމާއި ބާރާއި ޢިއްޒަތުގެ ދީނެވެ. ވީމާ ފިނޑިކަމާއި އަންހެންދުޅާކަމުގެ ނުރައްކަލުން، ފިރިހެނުންގެ ފިރިހެންވަންތަކަން ޙިމާޔަތްކުރުން މިދީން ބޭނުންވެއެވެ. އަންހެނުންގެ ހަށިގަނޑާއި ތަފާތު ހަށިގަނޑެއް މާތް ﷲ ލައްވާފައިވާ ފިރިހެނާ، އަންހެނުން ލާކަހަލަ އޮމާން ހެދުމާއި ރީތި ގަހަނާއެޅުމަކީ، އެއްގޮތަކަށްވެސް އެކަށީގެންވާ ކަމެއް ނޫނެވެ.

އަދި މި ޙަރާމްކުރުމުގެ ފަހަތުގައި އިޖްތިމާޢީ ލަނޑުދަނޑިއެއްވެސް އެބައޮތެވެ. ރަނާއި ފަށުއި ފިރިހެނުންނަށް ޙަރާމްކުރީ، ބޭނުން ނެތް އިސްރާފުކުރުމާއި ތަނަވަސްކަމުގައި ހައްދުފަހަނައަޅާ ދިއުމާ ދެކޮޅަށް އިސްލާމްދީން ފަށާފައިވާ ހަނގުރާމައިގެ ބައެއްގެ ގޮތުންވެސްމެއެވެ. ކީރިތި ޤުރުއާނުގެ ނަޒަރުގައި ތަނަވަސްކަމުގައި ހައްދުފަހަނައަޅާ ދިއުމަކީ، އުއްމަތްތައް ހަލާކުވެ ދިއުމުގެ ފެށުންކަމުގައިވާ އަޚްލާޤީ ހަމަތައް ފުނޑުފުނނޑުވުމުގެ ސަބަބެކެވެ. އަދި އެއީ އިޖްތިމާޢީ ޢަދުލުވެރިކަން ނެތިދިއުން ދައްކައިދޭ ކަމެކެވެ. އެފަދަ މުޖްތަމަޢެއްގައި މުއްސަނދިކަމުގައި ހައްދުފަހަނައަޅާފައިވާ މަދު ބަޔަކު ތިބޭނީ ފަޤީރުކަމުގެ ވަކިތަކުގެ ދަށުވެފައިވާ ގިނަބަޔަކަށް ވާ ކާނާ ކައިގެން ފަލަވެފައެވެ. އަދި މީގެ އިތުރުން މުއްސަނދިކަމުގައި ހައްދުފަހަނައަޅައި ދިއުމާއި އިސްރާފު ދިރިއުޅުމަކީ، އިސްލާޙުކޮށް ހެޔޮމަގަށް ގޮވާލާ ޙައްޤު ކޮންމެ ރިސާލަތެއްގެ ޢަދުއްވެކެވެ. ޤުރުއާނުގައި ﷲ ވަޙީކުރައްވާފައިވަނީ: وَإِذَا أَرَدْنَا أَنْ نُهْلِكَ قَرْيَةً أَمَرْنَا مُتْرَفِيهَا فَفَسَقُوا فِيهَا فَحَقَّ عَلَيْهَا الْقَوْلُ فَدَمَّرْنَاهَا تَدْمِيراً
އާޔަތުގެ ތަފްސީރީމާނަ: "އަދި ބައެއްގެ އަނިޔާވެރިކަމުގެ ސަބަބުން ރަށެއް ހަލާކުކުރެއްވުމަށް، ތިމަންރަސްކަލާނގެ އިރާދަކުރައްވައިފިނަމަ، ތިމަންރަސްކަލާނގެ އެއްކައުވަންތަކޮށް،  ރަސޫލުބޭކަލުންނަށް ކިޔަމަންވުމަށް، އެރަށެއްގެ ތަނަވަސްކަމުގައި ހައްދުފަހަނައަޅާފައިވާ މީހުންނަށް އަމުރުކުރައްވަމެވެ. އެރަށެއްގެ ދެންތިބޭ މީހުންނަކީ މުއްސަނދިންނަށް ތަބާވާބައެކެވެ. ނަމަވެސް އެ މުއްސަނދިން ﷲ ގެ އަމުރުފުޅަށް ނުކިޔަމަންތެރިވެ، ރަސޫލުން ދޮގޮކޮށް، ފާސިދު ޢަމަލުކޮށް އުޅެއެވެ. ދެން ކޯފާގެ ބަސްފުޅު އެބައިމީހުންގެ މައްޗަށް ޙައްޤުވެދެއެވެ. ދެން ތިމަންރަސްކަލާނގެ އެރަށެއް މުޅިން ހަލާކުކުރައްވައި ނެތިކުރައްވަމެވެ." {އަލްއިސްރާ: 16}

އަދި އައްސަބައު ސޫރަތުގައި ވަޙީކުރައްވާފައިވަނީ: وَمَا أَرْسَلْنَا فِي قَرْيَةٍ مِنْ نَذِيرٍ إِلاَّ قَالَ مُتْرَفُوهَا إِنَّا بِمَا أُرْسِلْتُمْ بِهِ كَافِرُونَ
އާޔަތުގެ ތަފްސީރީމާނަ: "ﷲ އެއްކައުވަންތަކޮށް އެކަލާނގެއަށް އަޅުކަންކުރުމަށާއި، މިކަމާ ޚިލާފުވާ މީހުންނަށް ބިރުވެރިކަމުގެ ޚަބަރު ދެއްވުމަށް ރަސޫލުބޭކަލަކު ފޮނުއްވުމުން، ތިމަންމެން މިތިބީ، ތިޔަ ރަސޫލުން އެކަމަކާއިގެން ފޮނުއްވެވި ކަމަކަށް ހަމަކަށަވަރުން ކާފިރުވެގެންނޭ، އެރަށެއްގައި ތިބި ތަނަވަސްކަމުގައި ހައްދުފަހަނައަޅައިފައިވާ މީހުން ނުބުނާ އެއްވެސް ރަށަކަށް ތިމަންރަސްކަލާނގެ ރަސޫލުބޭކަލު ފޮނުއްވާފައިނެތެވެ."{އައްސަބައު: 34}

ކީރިތި ޤުރުއާނުގެ ރޫޙާ އެއްގޮތްވާ ގޮތުގެމަތިން، ނަބިއްޔާ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ވަނީ، މުއްސަނިދިކަމުގައި ހައްދުފަހަނައަޅައި ދިއުމާއި އިސްރާފު ދިރިއުޅުން، މުސްލިމުންނަށް ޙަރާމްކުރައްވާފައެވެ. ރަނާއި ފަށުއި ފިރިހެނުންނަށް ޙަރާމްކުރެއްވިފަދައިން، ރަންރިހީގެ ކަންވާރު [14] ފިރިހެނުންނާއި އަންހެނުނަނަށްވެސް ޙަރާމްކުރައްވާފައިވެއެވެ. މީގެ ތަފްޞީލު އަދި ފަހުން އެބައާދެއެވެ.

މި ޙުކުމްތަކުގެ ފަހަތުގައި ބުރަދަންހުރި އިޤްތިޞާދީ ސަބަބުތަކެއްވެސް އެބަހުއްޓެވެ. ދުނިޔޭގައި ފައިސާ އަގުކުރެވޭ އެއްޗަކީ ރަނެވެ. ވީމާ ކަންވާރާއި ފިރިހެނުންގެ ގަހަނާއަކަށް ރަން ބޭނުންކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ.

އަންހެނުންނަށް މިދޭތި ހުއްދަވުމުގެ ޙިކުމަތް:

ރަނާއި ފަށުއި ޙަރާމްވުމުގެ ޙުކުމުން އަންހެނުން އިސްތިސްނާވެފައި އޮތީ، އަންހެނުންގެ ޠަބީޢަތާއި އަންހެންވަންތަކަމަށް ރިޢާޔަތްކޮށްފައެވެ. ޒީނަތްތައް ލޯބިކުރުމަކީ އަންހެނުންގެ ފިޠުރަތުގައިވާ ކަމެކެވެ. ނަމަވެސް އަންހެނުން ޒީނަތްތެރިވުމުގެ ހުރިހާވެސް ބޭނުމަކީ ފިރިހެނުންނަށް ދައްކައި އެމީހުން ލެންބުވުމާއި ޝަހުވަތްތެރިކަން ހިލުވުން ކަމަށް ވެގެންނުވާނެއެވެ. ޙަދީޘް ބަސްފުޅެއްގައި ވަނީ: أيُّمَا امْرَأَةٌ اسْتَعْطَرَتُ فَمَرَّتْ عَلَىَ قَوْمٍ لِيَجِدُوْا رِيَحَهَا فَهِيَ زَانِيَةٌ، وَكُلُّ عَيْنٍ زَانِيَةٌ[15]
ޙަދީޘުގެމާނަ: "އަންހެނަކު އަތަރުލައިގެން، ވަސްދުއްވުމަށްޓަކައި ބައެއްގެ(ފިރިހެނުންގެ) ތެރެއަށް ހިނގައްޖެނަމަ، އޭނާއަކީ ޒިނޭކުޅަމީހެކެވެ. އަދި އޭނާއަށް ބަލާ ކޮންމެ ލޮލަކަށްވެސް އެކުރެވެނީ ޒިނޭއެވެ."

އަދި މިގޮތަށް ކަންތައް ނުކުރުމަށް އަމުރުކުރައްވަމުން މާތް ﷲ ވަޙީކުރައްވާފައިވަނީ: وَلا يَضْرِبْنَ بِأَرْجُلِهِنَّ لِيُعْلَمَ مَا يُخْفِينَ مِنْ زِينَتِهِنَّ
އާޔަތުގެ ތަފްސީރީމާނަ: "އަދި އެކަނބަލުންގެ ގަހަނާއާއި ޒީނަތުގެ ތެރެއިން، ވަންހަނާވެފައިވާ ތަކެތި އެންގުމަށްޓަކައި، ފައިތިލަތަކުން ބިމުގައި އެކަނބަލުން ނުތަޅާހުށިކަމެވެ." {އައްނޫރު: 31)

މުސްލިމް އަންހެނާގެ ހެދުން:

ހަށިގަނޑު ވަނާތައް ސިފަކޮށްދޭ، ހަންގަނޑުފެންނަ ތުނި ހެދުން ލުން، އިސްލާމްދީން ވަނީ އަންހެނާގެ މައްޗަށް ޙަރާމްކޮށްފައެވެ. އަދި ހަމައެހެންމެ ހަށިގަނޑުގެ ގުނަވަންތައް، ޚާއްޞަކޮށް އުރަމައްޗާއި އުނަގަނޑާއި ބުޑުފަދަ ފިތުނަވެރި ގުނަވަންތައް، ވަކިކޮށް ބައްޓަންކޮށްދޭ، ހެދުމަކީވެސް ދީން ޙަރާމްކޮށްފައިވާ އެއްޗެކެވެ.

އަބޫހުރައިރާގެ ކިބައިން ރިވާވެގެންވެއެވެ. ﷲ ގެ ރަސޫލާ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘްކުރެއްވިއެވެ: ‏صِنْفَانِ مِنْ أَهْلِ النَّارِ لَمْ أَرَهُمَا: قَوْمٌ مَعَهُمْ سِيَاطٌ كَأَذْنَابِ البَقَرِ يَضْرِبُوْنَ بِهَا النَّاسَ (إِشَارَةً إِلَىَ الحُكَّامِ الظَّلَمَةِ أعْدَاء الْشُّعُوْبِ)، وَنِسَاءٌ كَاسِيَاتٌ عَارِيَاتٌ مُمِيْلاتٌ مَائِلاتٌ رُؤُوْسُهُنَّ كَأَسْنِمَةِ الْبُخْتِ الْمَائِلَةِ، لاَ يَدْخُلْنَ الْجَنَّةَ، وَلاَ يَجِدْنَ رِيَحَهَا، وَإِنَّ رِيَحَهَا لَيُوْجَدُ مِنْ مَسِيْرَةِ كَذَا وَكَذَا[16]

"ނަރަކައިގެ އަހުލުވެރިންގެ ތެރެއިން ދެ ބާވަތެއްގެ ބައެއް ތިމަންކަލޭގެފާނަށް އަދި ފެނިވަޑައިނުގަނެއެވެ. އެއީ ގެރީގެ ނިގޫފަދަ ޗާބޫކުތަކަކުން މީހުންގެ ގައިގައި ތަޅާ ބަޔަކާއި (ރައްޔިތުން ތަޅާ އަނިޔާކުރާ ވެރިން)، ހެދުން ލައިގެން އެކަމަކުވެސް އޮރިއާމުން ތިބޭ (ޢައުރަ ނިވާނުވާ ހެދުންލާ) އަންހެނުންތަކެކެވެ. އެއަންހެނުންނަކީ ތެދުމަގާއި ޢިއްފަތްތެރި ކަމުގެ ސީދާމަގުން ލެނބިފައި ތިބޭ، އަދި އެހެންމީހުން ކަތިމަގަށް ލަންބުވާ ބައެކެވެ. އެމީހުންގެ ބޯ ހީވާނީ ބުޚްތުއޭ ކިޔޭ (ދެގޮންގަނޑުލީ) ޖަމަލުގެ އުސްވެ ލެނބިފައިވާ ގޮންގަނޑުހެނެވެ. އެމީހުންނަށް ސުވަރުގެއަކަށް ނުވަދެވޭނެއެވެ. އަދި ސުވަރުގޭގެ ވަސް ވެސް ނުދެކޭނެއެވެ. އެތާނގެ ވަހަކީ މިވެނި އެވެނި ރާސްތާއަކަށް ފޯރާ އެއްޗެކެވެ."

ހެދުން ލައިގެން އެކަމަކުވެސް އޮރިއާމުން ތިބޭ ބައެއްގެ ގޮތުގައި ސިފަކުރެއްވީ، މިޒަމާނުގައި އަންހެނުންގެ ގިނަ ހެދުން ހުންނަހެން، ހެދުމުގެ ތުނިކަމުންނާއި ބާރުކަމުން، ހެދުންލުމުގެ ބޭނުން ފުރިހަމަނުވެ ހަށިގަނޑު ހާމަވާތީއެވެ. އަދި މިފަދަ ހެދުންލާ މީހުންގެ ބޭނުމަކީ ހަށިގަނޑު ނިވާކުރުމުގެ ބަދަލުގައި ހަށިގަނޑު ހާމަކުރުމެވެ.

ޙަދީޘްގައިވާ ބުޚްތުގެ މާނައަކީ، ގޮންގަނޑު ބޮޑު ވައްތަރެއްގެ ޖަމަލެކެވެ. މިފަދަ އަންހެނުންގެ ބޯ، މިޖަމަލުގެ ގޮންގަނޑާ އެއްގޮތް ކުރެއްވީ، އިސްތަށިގަނޑު ބޮޑުކޮށް ދެއްކުމަށާއި މީހުންގެ ސަމާލުކަންހޯދަން، ބޮލުގެ މެދަށް ހުޅިޖަހައި އުފުލާތީއެވެ. މިސިފަކުރެއްވުމަކީ، އެތައް ޤަރުނެއްކުރިން މިޒަމާނުގެ ކަންތައްތައް ފެނިވަޑައިގެން ކުރެއްވި ސިފަކުރެއްވުމެއް ކަހަލައެވެ. އެހެނީ މިޒަމާނުގައި މިވަނީ އަންހެނުންގެ އިސްތަށިގަޑު ގޮތްގޮތަށް ހަދައި ރީތިކުރުމާއި، އިސްތަށިގަނޑަށް ތަފާތު ވައްތަރުތައް ޖައްސައިދޭ، ބޯކޮށާތަންތަން ހުޅުވިފައެވެ. ގިނައިން މިތަންތާނގައި ތިބެނީ ފިރިހެނުންނެވެ. އަދި މި މަސައްކަތަކީ އެހާމެ އަގުބޮޑު މަސައްކަތެކެވެ. އަދި މިވަރުން ފުދުނީކީ ނޫނެވެ. ވަރަށް ގިނަ އަންހެނުން، މާތް ﷲ އެމީހުންނަށް ދެއްވާފައިވާ ޠަބީޢީ އިސްތަށިގަނޑުން ނުފުދިގެން، ވިދާ، ރީތި، އޮމާން، ބޮޑު އިސްތަށިގަނޑެއް ދެއްކުމަށްޓަކައި، މަޞްނޫޢީ އިސްތަށިގަނޑުތައް ގަނެ ގުޅުވައެވެ. ހުރިހާވެސް ބޭނުމަކީ އޭނާގެ ޖާޒުބިއްޔަތުކަން އިތުރުކޮށް ފިރިހެނުން ދަހިވެތިކުރުމެވެ.

އަދި މި ޙަދީޘްގައިވާ ޢަޖާއިބުވާ އަނެއް ކަމަކީ، ޚުދުމުޚުތާރު އަނިޔާވެރި ވެރިކަމާއި މުޖްތަމަޢުގެ އަޚްލާޤު ފަސާދަވުމާއި ގުޅުވާފައި އޮތްކަމެވެ. މިއީ ތެދު ޙަޤީޤަތެކެވެ. ޚުދުމުޚުތާރު ވެރިން އާދަވެގެން ކުރާކަމަކީ، ރައްޔިތުން ޤައުމުގެ ޢާއްމު މައްސަލަތައް ބަލާ ފިކުރުކުރުމުން ދުރުކުރުމަށްޓަކައި، ޝަހުވަތާއި އަމިއްލަ ވަގުތީ އުފާލިބޭ ކަންކަމުގައި ރައްޔިތުން މަޝްޣޫލުކުރުވުމެވެ.

އެއް ޖިންސު އަނެއް ޖިންސާ ވައްތަރުވެގަތުން:

ނަބިއްޔާ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ވަނީ،  އަންހެނުން ފިރިހެނުންގެ ހެދުން ލުމާއި ފިރިހެނުން އަންހެނުންގެ ހެދުންލުން މަނާކަން އަންގަވާ އިޢްލާންކުރައްވާފައެވެ. މިގޮތުން އައިސްފައިވާ ޙަދީޘެއްގައިވެއެވެ: لَعَنَ رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏الرَّجُلَ يَلْبَسُ لِبْسَةَ الْمَرْأَةِ وَالْمَرْأَةَ تَلْبَسُ لِبْسَةَ الرَّجُلِ ‏[17]
ޙަދީޘުގެމާނަ: "އަންހެނުންގެ ހެދުންއަޅާ ފިރިހެނާއި، އަދި ފިރިހެނުންގެ ހެދުންއަޅާ އަންހެނާއަށް ލަޢްނަތް ހުރިކަމުގައި، ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘްކުރެއްވިއެވެ."

އަދި އެހެން ޙަދީޘެއްގައިވެއެވެ: أَنَّ النَّبِيَّ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏ لَعَنَ الْمُتَشَبِّهِينَ مِنْ الرِّجَالِ بِالنِّسَاءِ وَلَعَنَ الْمُتَشَبِّهَاتِ مِنْ النِّسَاءِ بِالرِّجَالِ[18]
ޙަދީޘުގެމާނަ: "އަންހެނުންނާ ވައްތަރުވެގަންނަ ފިރިހެނުނަނަށާއި، ފިރިހެނުންނާ ވައްތަރުވެގަންނަ އަންހެނުންނަށް، ލަޢްނަތް ހުރިކަމުގައި، ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘްކުރެއްވިއެވެ."

ވައްތަރުވެގަތުމުގެ ތެރޭގައި، ވާހަކަދެއްކުމާއި، ހަރަކާތާއި، ހިނގުމާއި، ހެދުންއެޅުންފަދަ ކަންކަމުގައި އެއް ޖިންސު އަނެއް ޖިންސާ ވައްތަރުވެގަތުން ހިމެނެއެވެ.

ފަރުދުންނާއި އަދި ޖަމާޢަތަށް ވެސް ކުރިމަތިވާނެ އެންމެ ބޮޑު މުޞީބާތަކީ، ފިޠުރަތާ ޚިލާފުވެ ޠަބީޢަތުގެ މަގުން އެއްކިބާވުމެވެ. ޠަބީޢަތުގައި ވަނީ އަންހެނުންނާއި ފިރިހެނުންނެވެ. މިއިން ކޮންމެ ޖިންސަކަށް ވަކި ޚާއްޞަ ސިފަތަކަކާއި ޚާއްޞަ ކަންތައްތަކެއް ވެއެވެ. ކަން މިހެން އޮއްވާ ފިރިހެނުން އަންހެންދުޅާވެ، އަންހެނުން ފިރިހެންދުޅާވެއްޖެނަމަ ޠަބީޢީ ނިޒާމު އެގޮތްމިގޮތްވެ އަޚްލާޤީ ހަމަތައް ނެތިހިނގައިދާނެއެވެ.

ދުނިޔެއާއި އާޚިރަތުގައި ﷲ ލަޢްނަތްލައްވާ، އަދި މި ލަޢްނަތަށް މަލާއިކަތުން އާމީންކިއުއްވާފައިވާ މީހުންގެ ތެރޭގައި، ނަބިއްޔާ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގުނުއްވާފައިވާ އެއްބަޔަކީ، ފިރިހެނެއްގެ ގޮތުގައި ﷲ އޭނާ އުފެއްދެވުމުން އަމިއްލައަށް އަންހެނަކަށްވެ އަންހެންދުޅާވާ މީހުންނާއި، އަންހެނެއްގެ ގޮތުގައި ﷲ އޭނާ އުފެއްދެވުމުން އަމިއްލައަށް ފިރިހެނަކަށްވެ ފިރިހެންދުޅާވާ މީހުންނެވެ.[19]

މިހެންވެ ނަބިއްޔާ  -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ވަނީ ފިރިހެނުން ރީނދޫކުލައިގެ ހެދުންލުން މަނާކުރައްވާފައެވެ. ޢަލީގެފާނު ކިބައިން އިމާމް މުސްލިމް އޭނާގެ 'ޞަޙީޙު' ގައި ރިވާކުރައްވާފައިވެއެވެ. ޢަލީގެފާނު ވިދާޅުވިއެވެ: نَهَانِيْ رَسُولُ اللَّهِ صَلَّىَ اللَّهُ عَلَيْهِ وَسَلَّمَ عَنْ التَّخَتُّمِ بِالذَّهَبِ وَعَنْ لِبَاسِ القَسِّيِّ وَعَنْ لِبَاسِ المُعَصْفَرِ
ޙަދީޘުގެމާނަ: "ރަން އަނގޮޓިއެޅުމާއި، ފަށުއި ހެދުން ލުމާއި، ރީނދޫ ހެދުން ލުން،  ރަސޫލު ﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ވަނީ އަހަރެންނަށް ނަހީކުރައްވާފައެވެ."

އަދި އިބްނު ޢަމްރު ކިބައިން ރިވާކުރެއްވިއެވެ. އިބްނު ޢަމްރު ވިދާޅުވިއެވެ: رَأَى رَسُولُ اللَّهِ صَلَّىَ اللَّهُ عَلَيْهِ وَسَلَّمَ عَلَيَّ ثَوْبَيْنِ مُعَصْفَرَيْنِ فَقَالَ: إِنَّ هَذِهِ مِنْ ثِيَابِ الْكُفَّارِ فَلَا تَلْبَسْهَا[20]
ޙަދީޘުގެމާނަ: " އަހަރެން ރީނދޫކުލައިގެ ދެހެދުންލައިގެން ހުއްޓާ ފެނިވަޑައިގެން، ރަސޫލު ﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘްކުރެއްވިއެވެ. "ތިޔައީ ކާފަރުންގެ ހެދުމެކެވެ. ވީމާ ތި ނުލާށެވެ."

މަޝްހޫރުކަމާއި ކިބުރުވެރިކަމުގެ ހެދުން:

ކާއެއްޗެއްސާއި ބޯއެއްޗެއްސާއި އަންނައުނުފަދަ، މާތް ﷲ ރިޒުޤުކުރައްވާފައިވާ ރަނގަޅުތަކެތީގެ ބޭނުމާއި އުފާ ލިބިގަތުމުގައި އޮތް ޢާއްމު ޤަވާޢިދަކީ، އެ ބޭނުންކުރުމުގައި އިސްރާފެއް އަދި ކިބުރުވެރިކަމެއް ނެތުމެވެ.

އިސްރާފުކުރުމަކީ ޙަލާލް އެއްޗެއްގެ ބޭނުމާއި އުފާލިބިގަތުމުގައި އޮންނަންވާ ހައްދުފަހަނައަޅާ ދިއުމެވެ. ކިބުރުވެރިކަމަކީ، ބޭރުފުށަށްވުރެ ބޮޑަށް ހިތާއި ނިޔަތާއި ގުޅިފައިވާ ކަމެކެވެ. އެއީ ބޮޑާވުމުގެ ގަސްތެވެ. އެހެން މީހުންނަށްވުރެ މަތިވުމެވެ.  އެހެން މީހުންގެ މައްޗަށް ފަޚުރުވެރިވުމެވެ. وَاللَّهُ لا يُحِبُّ كُلَّ مُخْتَالٍ فَخُورٍ

އާޔަތުގެ ތަފްސީރީމާނަ: "ދުނިޔެއިން ނިޢުމަތްތައް ލިބުނީމާ ކިބުރުވެރިވެ، އެއިން އެހެން މީހުންގެ މައްޗަށް ފަޚްރުވެރިވާ އެއްވެސް މީހަކުދެކެ، ﷲ ލޯބިވެވޮޑިގެނެއް ނުވެއެވެ." {އަލްޙަދީދް: 23}

ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު ޙަދީޘްކުރައްވާފައިވެއެވެ: مَنْ جَرَّ ثَوْبَهُ خُيَلاَءَ ‏ ‏لَمْ يَنْظُرْ اللَّهُ إِلَيْهِ يَوْمَ الْقِيَامَةِ[21]
ޙަދީޘުގެމާނަ: "ކިބުރުވެރިކަމުން ހެދުން ދަމަމުން ހިނގައިފިމީހަކަށް، ޤިޔާމަތްދުވަހު މާތް ﷲ ބައްލަވާވޮޑިނުގަންނަވާނެއެވެ."

ކިބުރުވެރިކަމެއްކަމަށް ހީވެދާނެ ކަމަކާވެސް ދުރުވުމަށްޓަކައި، ނަބިއްޔާ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ވަނީ "މަޝްހޫރުވުމުގެ ހެދުންލުން މުސްލިމުންނަށް ނަހީކުރައްވާފައެވެ. މިފަދަ ހެދުމަކީ، ފަޚްރުވެރިވުމާއި، އެކަކު އަނެކާއަށްވުރެ ތަނަވަސްކަން ހާމަކޮށް ދެއްކުމާއި، ބޭރުން ރީތިނަމަވެސް އެތެރެ ހުހިވެފައިވާ މުޖްތަމަޢެއް  އުފެދުމަށް މަގުފަހިވާ އެއްޗެކެވެ.

ޙަދީޘެއްގައިވެއެވެ: مَنْ لَبِسَ ثَوْبَ شُهْرَةٍ أَلْبَسَهُ اللَّهُ ثَوْبَ مَذَلَّةٍ يَوْمَ الْقِيَامَةِ ثُمَّ ألْهِبَ فِيْهِ نَاراً[22]
ޙަދީޘުގެމާނަ: "ދުނިޔޭގައި މަޝްހޫރުކަމުގެ ހެދުންލައިފިމީހަކު، ޤިޔާމަތްދުވަހު މާތް ﷲ، ނިކަމެތިކަމުގެ ހެދުން ލައްވަވާނެއެވެ. އަދި އެއަށްފަހު އޭގައި ހުޅުޖެހޭނެއެވެ."

މީހަކު އިބްނު ޢުމަރު އަރިހުގައި ސުވާލުދެންނެވިއެވެ: "އަހަރެން ލާންވީ ކޮންކަހަލަ ހެދުމެއްތޯއެވެ؟" ޖަވާބުގައި އިބްނު ޢުމަރު ވިދާޅުވިއެވެ: "އެއާމެދު ހަމަބުއްދިނުވާ މީހުން - އޭގެ އަގުދަށްކަމުންނާއި ހުތުރުކަމުން- މަލާމާތްނުކުރާ، އަދި - މެދުމިންވަރުން ފަހަނައަޅައިގޮސް މާ އަގުބޮޑުކަމުން- ބުއްދިވެރިން  ޢައިބުނުކިޔާނޭ  ހެދުމެވެ."[23]

ﷲ ޚަލްޤުކުރެއްވިގޮތް ބަދަލުކޮށް ޒީނަތްތެރިވުމުގައި ހައްދުފަހަނައެޅުން:

ﷲ ޚަލްޤުކުރައްވާފައިވާ ގޮތް ބަދަލުކުރާ ދަރަޖައަށް، ޒީނަތްތެރިވުމުގައި ހައްދުފަހަނައަޅާ ދިއުމާ އިސްލާމްދީން ދެކޮޅުހަދައެވެ. މިގޮތަށް ޚަލްޤުކުރެއްވިގޮތް ބަދަލުކުރުމަކީ، ކީރިތި ޤުރުއާން ދެކޭގޮތުގައި ޝައިޠާނާގެ ވަސްވާހުގެ ތެރެއިންވާ ކަމެކެވެ. ޝައިޠާނާއަށް ތަބާވާ މީހުންނާ ބެހޭގޮތުން އޭނާ ބުނި ވާހަކަ، މާތް ވަޙީކުރައްވާފައިވެއެވެ: وَلآمُرَنَّهُمْ فَلَيُغَيِّرُنَّ خَلْقَ اللَّهِ
އާޔަތުގެ ތަފްސީރީމާނަ: "އަދި ﷲ، އިންސާނުން ހައްދަވާ ލައްވާފައިވާ ސީދާ ފިޠުރަތާއި، ޚަލްޤުކުރެއްވިގޮތް ބަދަލުކުރުމަށްވެސް ތިމަން، އެބައިމީހުންނަށް ގޮވާލާނަމެވެ." {އައްނިސާ: 119}

ޓެޓޫޖެހުމާއި ދަތް ކެނޑުމާއި ރީތިވުމަށް ކުރާ އޮޕްރޭޝަން:

ގައިގައި ޓެޓޫޖެހުމާއި ދަތް ކެނޑުމަކީ، ޒީނަތްތެރިވުމުގައި ހައްދުފަހަނައަޅާ ދިއުންކަމުގައި ބެލެވޭ ދެކަމެވެ. لَعَنَ الرَّسُولُ عَلَيْهِ الصَّلاةُ وَالْسَّلامُ الوَاشِمَةَ وَالْمُسْتَوشِمَةَ، وَالوَاشِرَةَ وَالْمُسْتَوْشِرَةَ
ޙަދީޘުގެމާނަ: "ޓެޓޫ ޖަހައިދޭ މީހާއާއި ޓެޓޫ ޖައްސުވާ މީހާއާއި، ދަތް ކަނޑައިދޭ މީހާއާއި ދަތް ކަނޑުވާ މީހާއަށް، ލަޢްނަތް ހުރިކަމުގައި، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ."[24]

ޓެޓޫޖެހުމަށް ބަލާއިރު، ޒާތެއްގެ ނޫކުލައަކުން މީހާގެ މޫނާއި އަތްފަދަ ތަންތާގައި ޓެޓޫޖަހައި ފާޑުފާޑުގެ ކުރެހުންތައް ކުރެހުމުގެ ސަބަބުން، މި ގުނަވަންތަކުގެ ރީތިކަމާއި ޠަބީޢީކަން ދާއިމަށް ގެއްލިގެންދެއެވެ. ކުރީގެ ބައެއް ޢަރަބިން –ވަކިން ޚާއްޞަކޮށް އަންހެނުން- މުޅި ހަށިގަނޑުގައިވެސް ޓެޓޫޖަހައި ކުރަހައި އުޅުނެވެ. އަދި ބައެއް ދީންތަކުގެ މީހުން އެމީހުން އަޅުކަންކުރާ އެއްޗެއްސާއި ދީނީ ޝިޢާރުތައް، އަތާއި މޭމަތިފަދަ ތަންތާގައި ޓެޓޫގެ ސިފައިގައި ޖަހައެވެ.

އަދި މިހުރިހާ ނުރަނގަޅު ކަންތައްތަކުގެ އިތުރުން، ޓެޓޫޖެހުމަކީ އެ ކަށިތައް ގަޔަށް ހެރުމުގެ ސަބަބުން އެތަކެއް ބޮޑު ވޭނަކާއި ގެއްލުން ހަށިގަނޑަށް ލިބޭ ކަމެކެވެ. ވީމާ ޓެޓޫޖެހުމަކީ މިފަދަ ގެއްލުންތަކާއި ފަސާދަ ހިމެނޭ ކަމަކަށް ވާތީ، މިކަންކޮށްދޭ މީހާއާއި މިކަންކުރުވާ މީހާއަށް ލަޢްނަތް ލިބޭ ބަޔަކަށް ވީއެވެ.

ދަތްކެނޑުމަކީ ނުވަތަ ދަތް ބުރިކުރުމަކީ ވެސް، ދަތްބުރިކޮށްދޭ މީހާއާއި، ދަތްބުރިކުރުވާ މީހާއަކީވެސް ލަޢްނަތް ލިބޭ ބައެއްކަން، ކީރިތި ރަސޫލު ﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘްކުރައްވާފައިވެއެވެ. މިކަންތައްތައް ޙަރާމްވަނީ ހަމައެކަނި އަންހެނުންނަކަށް ނޫނެވެ. ފިރިހެނުންނަށްވެސް މިކަން ޙަރާމެވެ. ކިއެއްތަ، މިކަމުން ފިރިހެނުންނަށް ލަޢްނަތް ލިބުން އައުލާކަން ބޮޑެވެ.

ކީރިތި ރަސޫލު ﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ވަނީ، ދަތްބުރިކުރުން ޙަރާމްކުރެއްވިފަދައިން، ރީތިކަން ދެއްކުމުގެ ގޮތުން ދެދަތް ދުރުކުރުންވެސް ޙަރާމްކުރައްވާ، އެކަން ކުރާ މީހުންނަށް ލަޢްނަތް ހުރިކަން އަންގަވާފައެވެ. لَعَنَ الْمُتَفَلِّجَاتِ ‏ ‏لِلْحُسْنِ الْمُغَيِّرَاتِ خَلْقَ اللَّهِ
ޙަދީޘުގެމާނަ: "އަދި ރީތިވުމުގެ ގޮތުން ދަތްތައް ދުރުކޮށް، ﷲ ހެއްދެވިގޮތް ބަދަލުކުރާ މީހުންނަށް ލަޢްނަތް ހުރިކަމުގައި، ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘްކުރެއްވިއެވެ."[25]

ބައެއް އަންހެނުންނަކީ، މާތް ﷲ ހެއްދެވިއިރު، މިގޮތަށް ދެ ދަތް ދޭތެރެ ދުރުކޮށް ހައްދަވާފައިވާ ބައެކެވެ. އަދި އަނެއްބައި އަންހެނުންނަކީ މިސިފަ ލިބިގެންވާ ބައެއް ނޫނެވެ. މިހެންވެ މިފަދަ ބައެއް މީހުން، އުފެދުމުގައި ހިމުން ދަތްތައް، ދަތްދުރުކޮށްދޭ މީހުން ނުވަތަ ޑޮކްޓަރުންގެ އެހީގައި ދުރުކުރުވައެވެ. ޝައްކެއްވެސް ނެތް ގޮތުގައި މިކަމަކީ އޭނާގެ ކިބައިގައި ނެތް ރީތިކަމެއް ދައްކަން ހެދޭ މަކަރެކެވެ. އޮޅުވާލުމެކެވެ. އަދި ޒީނަތްތެރިވުމުގައި ހައްދުފަހަނައަޅައި ދިއުމެވެ. އަދި މިއީ އިސްލާމްދީން އެއާ ދެކޮޅުހަދާ ކަންކަމެވެ.

މި ޞައްޙަ ޙަދީޘްތަކުގެ އަލީގައި، މި ޒަމާނުގައި މިކިޔާ ޕްލާސްޓިކު ސާޖަރީގެ ޙުކުމަކީ ކޮބައިކަން އަހަރެމެންނަށް އެނގިގެންދާނެއެވެ. ރީތިވުމުގެ ބޭނުމުގައި ކުރެވޭ ޕްލާސްޓިކު ސާޖަރީއަކީ، މި ޒަމާނުގެ ހުޅަނގުގެ މާއްދީ ޙަޟާރަތް، ހަށިގަނޑާއި ޝަހުވަތުގެ ޙަޟާރަތް، ގޮވާލާ އިޝްތިހާރުކުރާ ކަމެކެވެ. މިގޮތުން އަންހެނުންނާއި ފިރިހެނުން، ނޭފަތާއި އުރަމައްޗާއި އަދި މިނޫންވެސް ގުނަވަންތަކުގެ ބައްޓަމާއި ސިފަ ބަދަލުކުރަން، އެތަކެއް ސަތޭކަ އަދި އެތަކެއް ހާސް ރުފިޔާ ހޭދަކުރެއެވެ. މިގޮތަށް ރީތިވުމުގެ ބޭނުމުގައި ޕްލާސްޓިކު ސާޖަރީކުރުވުމަކީ ޝައްކެއްވެސް ނެތް ގޮތުގައި، ޒީނަތްތެރިވުމުގައި ހައްދުފަހަނައަޅާ ދިއުމެވެ. މިއީ ޒީނަތްތެރިވުމުގައި ވެވޭ އިސްރާފެކެވެ. އަދި މިކަމަކީ އެއްވެސް ބޭނުމެއް ނެތި، ﷲ ހައްދަވާފައިވާ ގޮތް ބަދަލުކުރުމެވެ. މިހެންވެ، މި މީހުންނަކީ، މާތް ﷲ އާއި އެކަލާނގެ ރަސޫލާ ލަޢްނަތް ދެއްވާފައިވާ މީހުންގެ ތެރޭގައި ހިމެނޭނެ ބަޔަކަށް ވީއެވެ. މިކަމުން ހަށިގަނޑަށް ލިބޭ އަނިޔާއާއި ވޭނުގެ އިތުރުން، ފެންނަ އަނެއް ކަމަކީ، ބޭރުފުށަށް އަޅާލުމުގައި އިސްރާފުކުރުމާއި، ޙަޤީޤަތްތަކަށްވުރެ މަންޒަރަށް އަހައްމިއްޔަތުކަން ދިނުމާއި، ރޫޙަށްވުރެ ހަށިގަނޑު އިސްކުރުމެވެ.

"ނަމަވެސް މީހެއްގެ ހަށިގަނޑުގައި ހުރި އާދަޔާ ޚިލާފު އައިބެއްގެ ސަބަބުން، އޭނާއަށް ޖިސްމާނީ ގޮތުން ނުވަތަ ނަފްސާނީ ގޮތުން އުނދަގުލާއި ގެއްލުން ލިބޭ ކަމަށްވަންޏާ، އެކަމަށް ފަރުވާއެއް ހޯދުމަކީ މައްސަލައެއް އޮތް ކަމެއް ނޫނެވެ. އެއީ އޭނާއަށް ކުރިމަތިވެފައިވާ ގެއްލުމާއި އުނދަގުލުން ސަލާމަތްވެ، ދިރިއުޅުމަށް ދިމާވެފައިވާ ދަތިކަމުން ސަލާމަތްވުމަށްޓަކައެވެ. ފަހެ، ދީނުގައި ދަތިކަމެއް، މާތް ﷲ އަހަރެމެންނަށް ލައްވާފައިނުވެއެވެ."[26]

ޙަދީޘުގައި "ރީތިވުމުގެ ގޮތުން ދަތްތައް ދުރުކޮށް" މިހެން އޮތުމަކީ މި ވާހަކައަށް ތާއީދު ލިބޭ ދަލީލަކެވެ. ޙަދީޘުގައިވާ ޢިބާރާތުން ދޭހަވަނީ، މަނާވެގެންވަނީ، ރީތިކަން ދެއްކުމަށާއި ގިރިޓީ ޗާލުކަމަށްޓަކައި މިކަންކަން ކުރުމެވެ. ނަމަވެސް ލިބިފައިވާ ވޭނަކާއި ވެފައިވާ ގެއްލުމެއް ފިލުވަން، މިފަދަ ކަމެއް ކުރަންޖެހިއްޖެނަމަ ކުރިއަސް މައްސަލައެއް ނެތެވެ. މޮޅަށް ދެނެވޮޑިގެންވަނީ މާތް ﷲ އެވެ.

ބުމަހެދުން

އިސްލާމްދީން ޙަރާމްކުރާ، ޒީނަތްތެރިވުމުގައި ހައްދުފަހަނައެޅުމުގެ ތެރޭގައި ހިމެނޭ އަނެއް ކަމަކީ ނަމްޞެވެ. ނަމްޞުގެ މާނައަކީ، ބުމައިގެ އިސްތަށި އުފުރައިގެން ނުވަތަ ކޮށައިގެން ނުވަތަ ބާލައިގެން، އެ ހިމަކޮށް ނުވަތަ ވަކި ބައްޓަމެއް ގެނައުމެވެ. ރަސޫލު ﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- "ނާމިޞާއާއި މުތަނައްމިޞާއަށް" ލަޢްނަތް ހުރިކަމުގައި ޙަދީޘްކުރެއްވިއެވެ: لَعَنَ النَّامِصَةَ وَالْمُتَنَمِّصَةَ[27] ނާމިޞާއަކީ ބުމަހަދައިދޭ މީހާއެވެ. މުތަނައްމިޞާއަކީ ބުމަހަދުވާ މީހާއެވެ.  ބުމަހެދުމަކީ އެއީ އަންހެނުންގެ ތެރެއިން 'އަޚްލާޤީ މިންގަނޑުން ބޭރުގައި' އުޅޭ މީހުންނާއި ޣައިރު މުސްލިމް އަންހެނުންގެ ޝިޢާރެއް ނުވަތަ އާދައެއްނަމަ، މި ކަމުގެ ޙަރާމްކަން އަދި ވަކިން ބޮޑުވެގެންވެއެވެ. ޙަންބަލީ މަޛްހަބުގެ ބައެއް ޢިލްމުވެރިން ވިދާޅުވެފައި ވަނީ، އަންހެނާގެ މޫނުގައި ހުންނަ އިސްތަށި (ބުމަ ފިޔަވައި މިސާލަކަށް ކޯ، ނިއްކުރި، މަތިމަހުގައި ހުންނަ އިސްތަށި) ދުއްވާލުމާއި، ފުށާއި ކްރީމް ފަދަ ތަކެތި ފިރިމީހާގެ ހުއްދައާއެކު، ބޭނުންކުރުމަކީ ހުއްދަކަމެކެވެ. އެހެނީ މިއީ ޒީނަތުގެ ތެރެއިންވާ ކަންކަމެވެ. ނަމަވެސް އިމާމް އައްނަވަވީ ވިދާޅުވެފައިވަނީ، މޫނުގައިވާ އެއްވެސް އިސްތައްޓެއް އުފުރުމަކީ، ޙަރާމްކުރެވިފައިވާ 'ނަމްޞު' ގެ ތެރޭގައި ހިމެނޭ ކަމެއްކަމަށެވެ. މީގެ ރައްދެއްގެ ގޮތުން އަބޫދާއޫދު އެކަލޭގެފާނުގެ ސުނަނުގައި "ނާމިޞާ އަކީ ބުމަހިމަކުރަން ބުމައިން އިސްތަށި ކޮށައި އުފުރާ މީހާ" ކަމުގައި ވިދާޅުވެފައިވާ ވިދާޅުވުން ދެއްކިދާނެއެވެ. ވީމާ ޙަދީޘުގައި މަނާކޮށްފައިވާ 'ނަމްޞު' ގެ ތެރޭގައި ބުމަ ނޫން ތަންތަނުގައި ހުންނަ އިސްތަށި އުފުރުމާއި ދުއްވާލުން ނުހިމެނޭނެއެވެ.

އަބޫ އިސްޙާޤުގެ އަނބިކަނބަލުންގެ ކިބައިން އައްޠަބަރީ ރިވާ ކުރައްވާފައިވެއެވެ. ''އެ ކަމަނާ ޢާއިޝަތުގެފާނު އަރިއަހަށް ދިޔައެއެވެ. އަދި އެކަމަނާއަކީ ރީތި ކަމަށް ލޯބި ކުރާ ޒުވާނެކެވެ. އަދި ދެންނެވިއެވެ: ފިރިމީހާއަށްޓަކައި ޒީނަތްތެރިވުމުގެ ގޮތުން އަންހެނާ ނިއްކުރީގައި ހުންނަ އިސްތަށި ދުއްވާލެވިދާނެތޯއެވެ؟ ''ޢާއިޝަތުގެފާނު ވިދާޅުވިއެވެ. ''ކުޅަދާނަވީ މިންވަރަކުން އުނދަނގޫވާ އެއްޗެއް ދުރުކުރާށެވެ.''[28]

އިސްތަށިގަނޑު ޖެހުމާއި ގުޅުވުން

ހަމަ އެހެންމެ އަންހެނުންގެ ޒީނަތްތަކުގެ ތެރެއިން، އެހެން އިސްތަށިގަނޑެއް ޖެހުމާއި ގުޅުވުމަކީވެސް މަނާކަމެކެވެ. އެއީ ޠަބީޢީ އިސްތަށިން ނުވަތަ މަޞްނޫޢީ އިސްތަށިން ހަދާފައިވާ އިސްތަށިގަޑެއް ކަމުގައިވިޔަސްވެހެވެ. ބުޚާރީއާއި އެނޫންވެސް ބޭކަލުން، ޢާއިޝަތުގެފާނާއި އަދި އެކަމަނާގެ ދައްތާފުޅު އަސްމާއާއި އަދި އިބްނު މަސްޢޫދާއި އަބޫހުރައިރާގެ ކިބައިން ރިވާކުރައްވާފައިއެވެ: أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَعَنَ الْوَاصِلَةَ وَالْمُسْتَوْصِلَةَ
ޙަދީޘުގެމާނަ: "ވާޞިލާއި މުސްތައުޞިލާއަށް ލަޢްނަތް ހުރިކަމުގައި،ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ." ވާޞިލާގެ މާނައަކީ، އިސްތަށިގަނޑު ހަދައިދީ އެ ގުޅުވައިދޭ މީހާއެވެ. މުސްތައުޞިލާގެ މާނައަކީ، އިސްތަށިގަނޑެއް ޖަހަން ނުވަތަ ގުޅުވަން އެދޭ މީހާއެވެ.

ފިރިހެނުންނަށް މިކަން ޙަރާމްވުން އަދި މާ އައުލާކަން ބޮޑެވެ. ވީމާ މިޒަމާނުގައި މިހުންނަ ބޯކޮށައިދޭ ތަންތަނުގައި މިކަންކޮށްދޭ ފިރިހެނުންނާއި، އަދި އަންހެންދުޅާވެގެން ބޯދިގުކޮށްގެން ނުވަތަ ދިގު އިސްތަށިގަނޑެއް ޖަހައިގެން އުޅޭ މީހުން މިޙުކުމުގައި ޝާމިލުވާނެއެވެ.

އިސްތަށިގަނޑު ޖަހައިގެން ނުވަތަ ގުޅުވައިގެން، ވަރުގަދަ ދިގު އިސްތަށިގަނޑެއްކަމަށް މީހުންނަށް ދެއްކުމަށް ނުވަތަ ތަލަފޮރުވުން ފަދަ ކަންކަމުގައި މިބާވަތުގެ ހީލަތާއި އޮޅުވާލުންތައް ބޭނުންކުރުމާ ދެކޮޅަށް، ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ވަނީ ވަރަށް ބޮޑަށް 'ހަނގުރާމަ' ކުރައްވާފައެވެ. މިކަން މަނާކުރެއްވި މިންވަރަކީ، އަންހެނަކު ބައްޔެއްޖެހިގެން ބޮލުގެ އިސްތަށި ފައިބައި ހުސްވެ، އަދި އޭނާއަކީ ކައިވެނިކުރަން ތައްޔާރުވަމުންދާ ޒުވާނަކަށް ވީހިނދުވެސް، އިސްތަށިގަނޑެއް ގުޅުވަން، އެކަލޭގެފާނު ހުއްދަނުދެއްވިއެވެ.

ޢާއިޝަތުގެފާނު އަރިހުން ބުޚާރީ ރިވާކުރައްވާފައިވެއެވެ. އަންޞާރިއްޔަ އަންހެންކުއްޖަކު ކާވެނިކުރުމަށްފަހު ބައްޔެއްޖެހި، ބޮލުގެ އިސްތަށި ފޭބިއެވެ. ދެން ބަޔަކު މީހުން އެކުއްޖާގެ ބޮލުގައި އިސްތަށިގަނޑެއް ގުޅުވަންވެގެން، ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަރިހު އެވާހަކަ ދެންނެވުމުން ޙަދީޘްކުރެއްވިއެވެ: لَعَنَ اللَّهُ الْوَاصِلَةَ وَالْمُسْتَوْصِلَةَ [29]
ޙަދީޘުގެމާނަ: "އިސްތަށިގަނޑު ގުޅުވައިދޭ މީހާއާއި އިސްތަށިގަނޑު ގުޅުވަން އެދޭ މީހާއަށް، ﷲ ލަޢްނަތް ލެއްވިއެވެ."

އަދި އަބޫބަކުރުގެފާނުގެ ދަރިކަނބަލުން އަސްމާ ރިވާކުރައްވާފައިވެއެވެ. "އަންހެނަކު  ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަރިހު ސުވާލުދެންނެވިއެވެ: އޭ ﷲ ގެ ރަސޫލާއެވެ. އަޅުގަނޑުގެ އަންހެންދަރިފުޅަށް ހަމުގެ ބައްޔެއްޖެހި، ބޮލުގެ އިސްތަށި ފައިބައިފިއެވެ. އަދި އަޅުގަނޑު ވަނީ އޭނާ މީހަކާ ދެވާފައެވެ. ފަހެ އަޅުގަނޑު އޭނާގެ ބޮލުގައި އިސްތަށިގަނޑެއް ގުޅުވަންތޯއެވެ؟" ދެން ރަސޫލާ ޙަދީޘްކުރެއްވިއެވެ. "އިސްތަށިގަނޑު ގުޅުވައިދޭ މީހާއާއި އިސްތަށިގަނޑު ގުޅުވަން އެދޭ މީހާއަށް، ﷲ ލަޢްނަތް ލެއްވިއެވެ."[30]

އަދި ސަޢީދު ބިން އަލްމުސައްޔިބުގެ އަރިހުން ރިވާވެގެންވެއެވެ. މުޢާވިޔަތުގެފާނު އެންމެފަހުން މަދީނާއަށް ވަޑައިގެންނެވިފަހަރު މީހުންނަށް ޚުޠުބާއެއް ދެއްވިއެވެ. އަދި ޚުޠުބާގެ ތެރޭގައި އިސްތަށިގަނޑެއް ނަންގަވާފައި ދައްކަވަމުން ވިދާޅުވިއެވެ. "ޔަހޫދީން ނޫން އެހެން ބަޔަކު މީގެ ބޭނުންކުރާތަން އަހަރެން ނުދެކެމެވެ. ފަހެ ނަބިއްޔާ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- މިގޮތަށް ގުޅުވޭ އިސްތަށިގަނޑު ސިފަކުރައްވާފައިވަނީ އެއީ އޮޅުވާލުމާއި މަކަރުކަމުގައެވެ." އަދި އެހެން ރިވާޔަތެއްގައި އޮންނަނީ، މުޢާވިޔާތުގެފާނު މަދީނާ މީހުންނަށް ވިދާޅުވިއެވެ. "ކަލޭމެންގެ ޢިލްމުވެރިން ކޮބައިހެއްޔެވެ؟ މިކަހަލަ އިސްތަށިގަނޑު ބޭނުންކުރުން  މަނާކުރައްވަމުން، ނަބިއްޔާ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- މިފަދައިން ޙަދީޘްކުރެއްވި އަޑު އަހަރެން އެހީމެވެ. ޙަދީޘްކުރެއްވީ: "ބަނީ އިސްރާއީލުން ހަލާކުވެދިޔައީ އެމީހުންގެ އަންހެނުން މިފަދަ ތަކެތި ބޭނުންކުރަން ފެށުމުންނެވެ."

އިސްތަށިގަނޑެއް ގުޅުވުމަކީ އޮޅުވާލުމާއި މަކަރުކަމުގައި ކީރިތި ރަސޫލާ  ސިފަކުރެއްވުމުން، މިކަން ޙަރާމްވުމުގެ ފަހަތުގައިވާ ޙިކުމަތަށް އިޝާރާތެއް އެބަލިބެއެވެ. ފަހެ ބޮލުގައި އިސްތަށިގަނޑު ޖެހުމާއި ގުޅުވުމަކީ އޮޅުވާލުމާއި މަކަރާއި ވަގުހެދުމުގެ ވައްތަރެކެވެ. މަކަރު ހެދުމަކީ އިސްލާމްދީން ކުށްވެރިކުރާ ކަމެކެވެ. އެއްވެސް ކަމެއްގައި، މާއްދީ ކަމެއްގައިވެސް އަދި މަޢްނަވީ ކަމެއްގައިވެސް، މަކަރުހަދާ މީހުންގެ ކިބައިން އިސްލާމްދީން ބަރީއަވެއެވެ. ކީރިތި ރަސޫލާ ޙަދީޘްކުރައްވާފައިވަނީ: مَنْ غَشَّنَا فَلَيْسَ مِنَّا [31]
ޙަދީޘުގެމާނަ: "އަހަރެމެންނަށް މަކަރުހަދާ މީހަކީ، އަހަރެމެންގެ ތެރެއިންވާ މީހެއް ނޫނެވެ."

އަލްޚައްޠާބީ ވިދާޅުވިއެވެ: މިކަންކަމުގައި މިހާ ވަރުގަދަ ޢުޤޫބާތް ލިބޭނެކަން ދީނުގައި އަންގަވާފައިވަނީ، އޭގައި މަކަރާއި ހީލަތް ހިމެނޭތީއެވެ. އަދި މިފަދަ ކަންކަން ހުއްދަކޮށް ލުޔެއްދީފިނަމަ، މިއަށްވުރެ ބޮޑެތި ތަފާތު ބާވަތްބާވަތުގެ މަކަރު ހެދުމަށް ދޮރުހުޅުވިގެން ހިނގައިދާނެއެވެ. އަދި މީގެ އިތުރުން މިކަމަކީ ﷲ އުފައްދަވާފައިވާ ގޮތް ބަދަލުކުރުމެވެ. އިބްނު މަސްޢޫދުގެ ރިވާކުރެއްވި ޙަދީޘްގައިވާ "ﷲ ހެއްދެވިގޮތް ބަދަލުކުރާ މީހުންނަށް ލަޢްނަތް ދެއްވިއެވެ." މިބަސްފުޅު އިޝާރާތްކުރަނީ މިކަމަށެވެ.[32]

މި މައުޟޫއާ ބެހޭގޮތުން ވާރިދުވެފައިވާ ޙަދީޘްތަކުން ދޭހަވާގޮތުން މަނާވެގެންވަނީ ޠަބީޢީ އިސްތަށިން، ނުވަތަ މަޞްނޫޢީ އިސްތަށިން ޠަބީޢީ އިސްތަށިހެން ހީވަފަދަ ގޮތަކަށް، ހަދާފައިވާ އިސްތަށިގަނޑު ގުޅުވުމާއި އިސްތަށިގަނޑު ޖެހުމެވެ. މަކަރާއި އޮޅުވާލުމުގެ މާނަ ހިމެނޭނީ މިގޮތުގައެވެ. އެހެންވީމާ އިސްތަށިހެން ހީނުވާ އެއްޗަކުން، މިސާލަކަށް ރޮދިން ނުވަތަ ފޮތިފަދަ އެއްޗަކުން ހަދާފައިވާ 'އިސްތަށިގަނޑެއް' ގުޅުވުން މަނައެއް ނޫނެވެ. މިގޮތުން ސަޢީދު ބިން ޖުބައިރުގެ ކިބައިން ވާރިދުވެފައިވާ ޙަދީޘެއްގައިވެއެވެ: "ޤަރާމިލު ބޭނުންކުރިއަސް މައްސަލައެއްނެތެވެ."[33] މީގެ މާނައަކީ އަންހެނުންގެ އިސްތަށިގަނޑަށް ގުޅުވަން، ފަށުއިން ނުވަތަ ސުތުލިން ހަދާފައި ހުންނަ އިސްތަށިގަނޑެވެ. މިފަދަ އެއްޗެހި ހުއްދަކަމަށް، އިމާމް އަޙްމަދުވެސް ވިދާޅުވެފައިވެއެވެ.[34]

ނުރަ ކުލަކުރުން

ބޮލާއި ތުނބުޅީގެ ނުރަ އިސްތަށީގައި ކުލަޖެއްސުމަކީ ވެސް، ޒީނަތާ ގުޅުންހުރި ކަމެކެވެ. ޔަހޫދީންނާއި ނަޞާރާއިން ނުރަ ކަޅުކުރުމާއި ކުލަ ޖެއްސުމުން އެއްކިބާވާކަމަށް ވާރިދުވެފައިވެއެވެ. އަހުލުކިތާބީންގެ ހައްދުފަހަނައަޅާފައިތިބި ރާހިބުންނާއި ޒާހިދުންނާއި ދީނުގައި މީހުން ހީކުރާގޮތުން، ރީތިވުމާއި ޒީނަތްތެރިވުމަކީ ދީނާ ފުށުއަރާ ކަމެކެވެ. ނަމަވެސް ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އިސްލާމްދީނާއިގެން ވަޑައިގެން، މިފަދަ މީހުން ނަކަލުކުރުމާއި އެމީހުންނަށް ތަބާވުން، މުސްލިމުންނަށް މަނާކުރެއްވިއެވެ. އެއީ އަބަދުވެސް މުސްލިމުންގެ އަމިއްލަވަންތަކަމަކާއި، މުސްލިމުން ތަފާތުވާ އަމިއްލަ މިނިވަން ޝަޚްޞިއްޔަތެއް، ބޭރުފުށާއި އެތެރެފުށުގައިވެސް އޮތުމަށްޓަކައެވެ. އަބޫހުރައިރާގެ ކިބައިން ބުޚާރީ ރިވާކުރައްވާފައިވެއެވެ. ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘްކުރެއްވިއެވެ: إِنَّ الْيَهُوْدَ وَالنَّصَارَىَ لَا يَصْبُغُونَ فَخَالِفُوْهُمْ [35]
ޙަދީޘުގެމާނަ: "ޔަހޫދީންނާއި ނަޞާރާއިން އިސްތަށީގައި ކުލަނުޖައްސައެވެ. ފަހެ ތިޔަބައިމީހުން އެމީހުންނާ ތަފާތުވާށެވެ."

ޞަޙާބީންގެ ޢަމަލުން ދޭހަވަނީ، ކީރިތި ރަސޫލާގެ މިއަމުރުފުޅަކީ ވާޖިބުކުރެއްވުމަށް ކުރެއްވި އަމުރުފުޅެއް ނޫނެވެ. އެކަމަކު އެދެވިގެންވާކަމެއްގެ ގޮތުން ކުރެއްވި އަމުރުފުޅެކެވެ. އެހެނީ މިސާލަކަށް އަބޫބަކުރުގެފާނާއި ޢުމަރުގެފާނު ބޮލުގައި ކުލަޖެއްސެވިއެވެ. ނަމަވެސް ޢަލީގެފާނާއި އުބައްޔު ބިން ކަޢްބާއި އަނަސްގެފާނުފަދަ ބޭފުޅުން ކުލަ ނުޖައްސަވައެވެ.[36]

މިހިސާބުން އުފެދޭ ސުވާލަކީ، ކުލަޖައްސަންވީ ކޮން ކުލައަކުންތޯއެވެ؟ ކުލަޖައްސަންވީ ކަޅާއި އަދި އެހެންވެސް ކުލަތަކުންހެއްޔެވެ؟ ނުވަތަ ކަޅުކުލަޖައްސައިގެން ނުވޭހެއްޔެވެ؟ ޢުމުރުން ދުވަސްވެ ބޮލާއި ތުނބުޅީގައި ނުރަޖަހާފައިވާ މީހަކު، މި ޢުމުރަށް ދިޔައިމާ ކަޅުކުލަ ބޭނުންކުރުމަކީ އެއީ އެކަށީގެންވާ ޢަމަލެއް ނޫނެވެ. މިހެންވެ މައްކާ ފަތަޙަވީ ދުވަހު، އަބޫބަކުރުގެފާނު އެކަލޭގެފާނުގެ ބައްޕާފުޅު އަބޫ ޤަހާފާ އުފުއްލަވައިގެން ވަޑައިގެން، ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ކުރިފުޅުމަތީގައި ބެހެއްޓެވިއެވެ. އަދި އެކަލޭގެފާނަށް އަބޫ ޤަހާފާގެ ބޯ އެއްކޮށް ނުރަވެ ކަފަވެފައިވާތަން ފެނިވަޑައިގެން ޙަދީޘްކުރެއްވިއެވެ: غَيِّرُوْا هَذَا  وَجَنِّبُوهُ السَّوَادَ [37]
ޙަދީޘުގެމާނަ: "މި ބަދަލުކުރާށެވެ. އެކަމަކު ކަޅުނުކުރާށެވެ."

ދެން އަބޫ ޤަހާފާ ފަދަ ޢުމުރުން ދުވަސްވެފައިވާ މީހެއް ނޫންނަމަ، ކަޅުކުލަ ޖެއްސިއަސް އޭނާގެ މައްޗަކަށް ފާފައެއް ނެތެވެ. މިގޮތުން އައްޒުހްރީ ވިދާޅުވެފައިވެއެވެ: "އަހަރެމެންގެ މޫނުމަތި ޒުވާންއިރު، އިސްތަށީގައި ކަޅުކުލަޖައްސައި އުޅުނީމެވެ. ނަމަވެސް މޫނުގައި ރޫޖެހި ދަތްވެއްޓުނީމާ އެކަން ދޫކުރީމެވެ."[38]

ސަޢްދު ބިން އަބީ ވައްޤާޞާއި ޢުޤްބާ ބިން ޢާމިރާއި ޙަސަންގެފާނާއި ޙުސައިންގެފާނާއި ޖަރީރު ފަދަ ބައެއް ޞަޙާބީބޭކަލުންނާއި އަދި ސަލަފުއް ޞާލިޙުގެ ބައެއް ޢިލްމުވެރިން ކަޅުކުލަޖެއްސުންވެސް ހުއްދަކަމަށް ދެކެވަޑައިގަތެވެ. އަދި ބައެއް ޢިލްމުވެރިން، ޖިހާދުކުރާއިރު މުސްލިމުންގެ ލަޝްކަރު ޒުވާންކަމަށް ދައްކައި ޢަދުއްވުން ބިރުގެންނެވުމަށްޓަކައި މެނުވީ، ކަޅުކުލަ ހުއްދަކަމަށް ދެކެވަޑައިނުގަނެއެވެ.[39]

އަބޫ ޛައްރު ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ: إِنَّ أَحْسَنَ مَا غَيَّرْتُمْ بِهِ الشَّيْبُ الْحِنَّاءُ وَالكَتَمُ[40]
ޙަދީޘުގެމާނަ: "ނުރައިގައި ކުލަޖެއްސުމަށް ތިޔަބައިމީހުން ބޭނުންކުރަން އެންމެ ރަނގަޅީ ހީނާފަތާއި ކަތަމެވެ."

އަނަސްގެފާނު ރިވާކުރައްވާފައިވެއެވެ: "އަބޫބަކުރުގެފާނު ހީނާފަތާއި ކަތަމުން ކުލަޖެއްސެވިއެވެ. އަދި ޢުމަރުގެފާނު ހުސް ހީނާފަތުން ކުލަޖެއްސެވިއެވެ."

ތުނބުޅި ބެހެއްޓުން

ތުނބުޅި ބެހެއްޓުމަކީވެސް އަހަރެމެންގެ މައުޟޫއާ ގުޅޭ ކަމެކެވެ. މިކަމާ ބެހޭގޮތުން، އިބްނު ޢުމަރުގެ ކިބައިން ބުޚާރީ ރިވާކުރެއްވި ޙަދީޘެއްގައިވެއެވެ. ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘްކުރެއްވިއެވެ: خَالِفُوا المُشْرِكِيْنَ، وَفِّرُوا اللِّحَى، وَأَحْفُوا الْشَّوَارِبَ
ޙަދީޘުގެމާނަ: "މުޝްރިކުންނާ ތަފާތުވާށެވެ. ތުނބުޅި ބަހައްޓާށެވެ. އަދި މަތިމަސް ތުނިކުރާށެވެ."

މިކަމުގެ ޙިކުމަތަކީ، މި ޙަދީޘުން ބަޔާންވާ ފަދައިން، މުޝްރިކުންނާ ތަފާތުވުމެވެ. މިތާނގައި މުޝްރިކުންގެ މުރާދަކީ އަލިފާނަށް އަޅުކަންކޮށް އުޅުނު މަޖޫސީންނެވެ. އެހެނީ އެމީހުންގެ އާދައަކީ ތުނބުޅި ކޮށުމެވެ. އަދި ބައެއް މީހުން ތިބެނީ އެއްކޮށް ތުނބުޅި ބާލައިގެންނެވެ. އެމީހުންނާ ތަފާތުވާން، ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަމުރުކުރެއްވީ، މުސްތަޤިއްލު ޝަޚްޞިއްޔަތެއްގެ  ވެރި މުސްލިމުންތަކެއް ތަރުބިއްޔަތު ކުރެއްވުމަށްޓަކައެވެ. އެތެރެފުށާއި ބޭރުފުށުންވެސް މުސްލިމުންނަކީ ފާހަގަކުރެވޭ ތަފާތު ބަޔަކަށް ހެއްދެވުމަށްޓަކައެވެ. އަދި މީގެ އިތުރުން ތުނބުޅި ބޭލުމުގައި، ފިރިހެނުންގެ ފިޠުރަތާ ދެކޮޅުވެ، އަންހެނުންނާ އެއްގޮތްވުން ހިމެނެއެވެ. އެހެނީ ތުނބުޅިއަކީ ފިރިހެންވަންތަކަން ފުރިހަމަކޮށްދޭ އަދި އަންހެނުންނާ ފިރިހެނުން ތަފާތުވާ އެއްކަމެވެ.

ތުނބުޅި ބެހެއްޓުމުގެ މާނައަކީ، އެއްގޮތަކަށް ވެސް ތުނބުޅިން އެއްވެސް މިންވަރެއް ނުކޮށާ ބެހެއްޓުމެއް ނޫނެވެ. އެހެން ނޫނީ ހުތުރުވާ ވަރަށް ތުނބުޅި ދިގުވެ، ތިމާމީހާއަށްވެސް އުނދަގޫވާވަރު ވެދާނެއެވެ. ވީމާ ތުނބުޅީގެ ކޮޅުންނާއި އަރިމަތިން ކޮށަންޖެހޭނެއެވެ. ތިރުމިޛީ ރިވާކުރައްވާފައިވާ ޙަދީޘެއްގައި މިކަން މިގޮތަށް ވާރިދުވެފައިވެއެވެ. އަދި ބައެއް ސަލަފުއް ޞާލިޙުންވެސް ކަންތައް ކުރެއްވީ މިހެންނެވެ. އަލްޤާޟީ ޢިޔާޟް ވިދާޅުވިއެވެ: "ތުނބުޅި ބޭލުމާއި، އެއްކޮށް ކޮށުމާއި، ތުނިކުރުމަކީ މަކްރޫހަ ކަމެކެވެ. އެހެންނަމަވެސް ތުނބުޅި މާ ބޮޑުވެއްޖެނަމަ ތުނބުޅީގެ ކޮޅުންނާއި އަރިމަތިން ކުޑަކޮށް ކޮށާލުމަކީ ރަގަޅުކަމެކެވެ."

އަބޫ ޝާމާ ވިދާޅުވިއެވެ: "މިހާރު މީހުން ތުނބުޅި ބާލަންވެސް ފަށައިފިއެވެ. މިއީ މަޖޫސީންނަށްވުރެވެސް އެއްފިލި އިތުރު މިންވަރެކެވެ. އެހެނީ އެމީހުން ތުނބުޅި ކޮށަނީއެވެ."[41]

އަދި މިއަށްވުރެ އިތުރަށް އަހަރެން ބުނެފާނަމެވެ. ބަލިވާމީހުން އަބަދުވެސް ބަލިކުރާމީހުންނަށް ތަބާވެ އެމީހުން އުޅޭ ގޮތަށް އުޅޭ އުސޫލުގެދަށުން، މިއަދު މުސްލިމުންގެ ގިނަ ބަޔަކު ވެފައިވަނީ، ދީނުގެ ޢަދުއްވުންނާއި ވަޠަން އިސްތިޢްމާރުކުރި ނަޞާރާއިންނާއި ޔަހޫދީން ނަކަލުކޮށް ތުނބުޅި ބާލާ މީހުންނަށެވެ. ކާފިރުންނާ ތަފާތުވުމަށް، ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ކުރައްވާފައިވާ އަމުރުފުޅާއި، އެމީހުންނާ އެއްގޮތްވުން ނަހީކުރައްވާފައިވާ ނަހީކުރެއްވުން، މުސްލިމުން ވަނީ ހަނދާންނައްތާލާފައެވެ. ފަހެ مَنْ تَشَبَّهَ بِقَومٍ فَهُوَ مِنْهُم އެވެ.[42]
ޙަދީޘުގެމާނައަކީ: "ބަޔަކާ އެއްގޮތްވެގެންފި މީހަކީ އެމީހުންގެތެރެއިންވާ މީހެކެވެ."

ތުނބުޅި ބެހެއްޓުމަށް ކިރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ކުރައްވާފައިވާ އަމުރުފުޅަށް ބައްލަވާފައި، ވަރަށް ގިނަ ފިޤުހުވެރިން ވިދާޅުވެފައިވަނީ، ތުނބުޅި ބޭލުން ޙަރާމް ކަމަށެވެ. އެހެނީ ކަމަކަށް އަމުރުކުރެއްވުމުން އޭގެ އަސްލަކީ އެކަމެއް ވާޖިބުވުމެވެ. އަދި ވަކިން ޚާއްޞަކޮށް ކާފިރުންނާ ތަފާތުވުމަށްޓަކާ އެކަމަށް އަމުރުކުރައްވާފައިވާތީއެވެ. ކާފިރުންނާ ތަފާތުވުމަކީ ވާޖިބުކަމެކެވެ.

ސަލަފުއް ޞާލިޙުގެ އެއްވެސް ބޭކަލަކު މި ވާޖިބު ދޫކުރެއްވިކަން، އަހަރެމެންނާ ހަމައަށް އައިސްފައިނެތެވެ.

މިޒަމާނުގެ ބައެއް ޢިލްމުވެރިން، އެބޭކަލުންނަށް މުޖްތަމައުން ކޮށްފައިވާ އަސަރާއި، އަދި މުޖްތަމަޢުގެ ގިނަބަޔަކު ތުނބުޅި ބާލައިގެން ތިބޭ ތިބުމަށް ދީލާލުމުގެ ސަބަބުން، ތުނބުޅި ބޭލުން ހުއްދަކަމަށް ވިދާޅުވެއެވެ. އެބޭކަލުން ވިދާޅުވާގޮތުން، ތުނބުޅި ބެހެއްޓުމަކީ، ކީރިތި ރަސޫލާ ކުރެއްވި އެކަލޭގެފާނުގެ އާދަފުޅެކެވެ. އެއީކީ ޝަރީޢަތުގެ ތެރެއިންވާ އަޅުކަމެއް ނޫނެވެ. ވީމާ މުސްލިމުން ކޮންމެހެން އެކަން ކުރާކަށްނުޖެހެއެވެ.

ނަމަވެސް ޙަޤީޤަތަކީ، ތުނބުޅި ބެހެއްޓުން ސާބިތުވަނީ، އެކަލޭގެފާނުގެ ޢަމަލުފުޅުން އެކަންޏެއް ނޫނެވެ. ކިއެއްތަ، ކާފިރުންނާ ތަފާތުވުމަށްޓަކައި ތުނބުޅި ބެހެއްޓުމަށް، އެކަލޭގެފާނު ކުރައްވާފައިވާ ޞަރީޙަ އަމުރުފުޅުންވެސްމެއެވެ. ޣައިރުމުސްލިމުންނާ އެއްގޮތްވުމާ ބެހޭގޮތުން ވަރަށް ރަނގަޅު ވާހަކަފުޅެއް، އިބްނު ތައިމިއްޔާ ވިދާޅުވެފައިވެއެވެ: "މުސްލިމުން ކާފިރުންނާ ތަފާތުވުމަކީ އިސްލާމްދީނުގެ މަޤްޞަދެކެވެ. ފަހެ ބޭރުފުށުން އެއްވައްތަރުވުމަކީ، އެތެރެފުށުގައި ގާތްކަމާއި ލޯބި އަށަގަންނުވާ ކަމެކެވެ. އެއީ އެތެރެފުށުން ލޯބިވުމުން، ބޭރުފުށުގައި އެއްވައްތަރުކަން ޖެހޭފަދައިންނެވެ. މިއީ ލޮލުންފެނި ތަޖުރިބާވާ ޙަޤީޤަތެކެވެ. ކީރިތި ޤުރުއާނާއި، ސުންނާތާއި، އިޖްމާޢުން ދަލީލުކޮށްދެނީ ކާފިރުންނާ ތަފާތުވުމަކީ ކުރަންޖެހޭ ކަމެއްކަމާއި އެމީހުންނާ އެއްގޮތްވުމަކީ މަނާކަމެއްކަމެވެ. ނުހިފެހެއްޓޭ، ވަންހަނާ ފަސާދަ ހިމެނޭ ކަންކަން ކުރުން ޙަރާމްކުރެވެއެވެ. ފަހެ ކާފިރުންނާއި ބޭރުފުށުން އެއްގޮތްވުމަކީ، އެމީހުންގެ ނުބައި ޚުލްޤާއި ހުތުރު ކަންކަމުގައި ވެސް އެއްގޮތްކުރުވާނެ ސަބަބެކެވެ. ކިއެއްތަ، އެމީހުންގެ ޢަޤީދާއާވެސް އެއްގޮތްކުރުވާނެ ސަބަބެކެވެ. މިކަހަލަ އަސަރުތަކަކީ ފަސޭހައިން ހިފެހެއްޓޭނެ އަދި ދެނެގަނެވޭނެ އެއްޗެއް ނޫނެވެ. އަދި އެކަމުން ވާ ފަސާދަ، ފާޅުނުވެވެސް އޮވެދާނެއެވެ. އަދި އެ ފަސާދަ ފިލުވުމަކީ އުނދަގޫ ނުވަތަ މުސްތަޙީލުކަމަކަށްވެސް ވެދާނެއެވެ. މިހެންވެ، ފަސާދައެއްގެ ސަބަބަކަށް ވާ ކޮންމެ ކަމަކީ، ޝަރުޢުގައި  މަނާ ކުރެވިފައިވާ ކަމެކެވެ..."[43]

މިހިސާބުން، ތުނބުޅި ބޭލުމާ މެދު ތިން ރައުޔެއް އޮންނަކަމަށް އަހަރެމެންނަށް ބުނެވިދާނެއެވެ. ފުރަތަމަ ރައުޔަކީ، ތުނބުޅި ބޭލުމަކީ ޙަރާމްކަމެކެވެ. އިބްނު ތައިމިއްޔާއާއި އަދި އެހެންވެސް ޢިލްމުވެރިން ވިދާޅުވަފައިވަނީ މި ގޮތަށެވެ. ދެވަނަ ރައުޔަކީ، މަކްރޫހަވުމެވެ. ފަތުޙުލް ބާރީގައި ގެނެވިފައިވާ ޤާޟީ ޢިޔާޟުގެ ރައުޔަކީ މިއެވެ. އަދި މި ނޫން ބޭކަލެއް މިހެން ވިދާޅެއް ނުވެއެވެ. ތިންވަނަ ރައުޔަކީ، އެއީ ހުއްދަކަމެކެވެ. މިހެން ވިދާޅުވަނީ މިޒަމާނުގެ ބައެއް ޢިލްމުވެރިންނެވެ. ލަފާކުރެވެނީ، މި ތިން ރައުޔުގެ ތެރެއިން ޙަޤީޤަތާއި އެންމެ ގާތް އަދި އެންމެ މެދުމިން ރައުޔަކީ، މަކްރޫހަ ކަމަށް ބުނާ ރައުޔެވެ. އެއީ މިތާނގައި ކާފިރުންނާ ތަފާތުވުމަށް ތުނބުޅި ބެހެއްޓުމަށް ކުރައްވާފައިވާ އަމުރަކީ ވާޖިބުކުރުމުގެ އަމުރެއްކަމަށް ނުބެލެވޭތީއެވެ. މީގެ ދަލީލަކީ ޔަހޫދީންނާއި ނަޞާރާއިންނާ ތަފާތުވުމަށްޓަކައި އިސްތަށީގައި ކުލަޖެއްސުމަށްވެސް ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަމުރުކުރެއްވިއެވެ. އެހެން ނަމަވަސް ބައެއް ޞަޙާބީން އެކަން ނުކުރައްވައެވެ. ވީމާ މިއިން އެނގެނީ މި އަމުރުފުޅަކީ ވާޖިބުކުރެއްވުމުގެ އަމުރުފުޅެއް ނޫންކަމެވެ. އެކަމަކު އެދެވިގެންވާ ކަމެއްކަމެވެ.

ތެދެކެވެ. ސަލަފުއް ޞާލިޙުންގެ އެއްވެސް ބޭކަލެއް ތުނބުޅި ބޭލުއްވިކަމެއް  އަހަރެމެންނާ ހަމައަށް އައިސްފައި ނެތެވެ. ފަހަރެއްގާ އެއީ އެދުވަސްވަރު ތުނބުޅި ބޭލުމުގެ ބޭނުމެއް ނެތުމާއި، އަދި ތުނބުޅި ބެހެއްޓުމަކީ އޭރުގެ އާދަކަމަށްވެފައި އޮތީމައެވެ.

 

*  *  *   *

 

* މިއީ ޝައިޚް ޔޫސުފުލް ޤަރަޟާވީގެ އަލްޙަލާލް ވަލްޙަރާމް މިފޮތުގެ ދިވެހި ތަރުޖަމާގެ ބައެކެވެ.

* މި ފޮތުން މިހާތަނަށް ކަވާސާގައި ޖަހާފައިވާ ބައިތައް އެއްކޮށް ޑައުންލޯޑް ކުރުމަށް މި ގުޅުމަށް ފިތާލާށެވެ. ވިޔަފާރިއަށް، ހުއްދަނެތި މި ފޮތް ޗާޕުކުރުމަކީ މަނާކަމެކެވެ. 


 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.