ހުކުރު20200807

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ފިޤުހު އަޅުކަން ނިޔަތް ރަނގަޅުވުމަކީ ޙަރާމްކަންތައް ކުރެވޭނެ އުޒުރެއް ނޫން

ނިޔަތް ރަނގަޅުވުމަކީ ޙަރާމްކަންތައް ކުރެވޭނެ އުޒުރެއް ނޫން

halaal-haraam-8ރަނގަޅު ބޭނުމާއި، މާތް މަޤްޞަދާއި، ހެޔޮ ނިޔަތަކީ، އިސްލާމީ ޝަރީޢަތުގެ ހުރިހާ ކަމެއްގައި ވެސް ވަރަށް ބޮޑަށް ބެލެވޭ އެއްޗެކެވެ. މިގޮތުން ކީރިތި -ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘްކުރައްވަނީ: إِنَّمَا الْأَعْمَالُ ‏ ‏بِالنِّيَّاتِ ‏ ‏وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى[1] ޙަދީޘުގެމާނަ: ''ހަމަކަށަވަރުން ޢަމަލުތައް ބިނާވަނީ ނިޔަތުގެ މައްޗަށެވެ. އަދި ކޮންމެ މީހަކަށް ވެސް އެމީހެއްގެ ނިޔަތާ އެއްގޮތް ޖަޒާ ލިބޭނެއެވެ.''

ހުއްދަކަންތައްތަކާއި އާދަތައް، ހެޔޮ ނިޔަތަކާއެކު ކޮށްފިއްޔާ، ޘަވާބު ލިބޭ ހެޔޮކަމަކަށް ބަދަލުވެއެވެ. މާތް ﷲ އަށް އަދާކުރަންޖެހޭ ވާޖިބުތަކާއި އުއްމަތަށް އަދާކުރަންޖެހޭ ވާޖިބުތައް އަދާކުރަން، ހަށިގަނޑުގައި ވަރުޖެއްސުމުގެ ބޭނުމުގައި ކައިފިއްޔާ، ޝައްކެއްވެސް ނެތި އޭނާގެ ކެއުމާއި ބުއިން ވާނީ އަޅުކަމަކަށެވެ. ހެޔޮކަމަކަށެވެ.

ޞާލިޙު ދަރިއެއް ހޯދުމުގެ ބޭނުމުގައި ނުވަތަ، ތިމާގެ އަމިއްލަ ނަފްސާއި އަނބިމީހާ ޢިއްފަތްތެރިކޮށް، ޙަރާމް ގޮތްތަކާ ދުރުވެ ހުރުމުގެ ބޭނުމުގައި، އަނބިމީހާއާ އެއްދާންކުރުމަކީ، އެއީ ވެސް ޘަވާބު ލިބޭ ހެޔޮކަމެކެވެ. މިގޮތުން ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘްކުރައްވަނީ: وَفِي ‏ ‏بُضْعِ ‏ ‏ أَحَدِكُمْ صَدَقَةٌ قَالُوا يَا رَسُولَ اللَّهِ ‏ ‏أَيَأتِي أَحَدُنَا شَهْوَتَهُ وَيَكُونُ لَهُ فِيهَا أَجْرٌ قَالَ أَرَأَيْتُمْ لَوْ وَضَعَهَا فِي حَرَامٍ أَكَانَ عَلَيْهِ فِيهَا وِزْرٌ فَكَذَلِكَ إِذَا وَضَعَهَا فِي الْحَلَالِ كَانَ لَهُ أَجْرًا [2]

ޙަދީޘުގެމާނަ: ''ކަލޭމެންގެ ތެރެއިން މީހަކު އަނބިމީހާއާ ޖިމާޢުވުމަކީ ވެސް ހެޔޮކަމެކެވެ.'' ޞަހާބީން ދެންނެވިއެވެ: ''އަޅުގަނޑުމެން މީހަކު، އޭނާގެ ޝަހުވަތްތެރިކަން ފުއްދުމުން، އޭނާއަށް އެކަމުން ހެޔޮ އަޖުރުވެސް ލިބޭތޯއެވެ؟!'' ރަސޫލާ ޙަދީޘްކުރެއްވިއެވެ. އޭނާ ޙަރާމް ގޮތުގައި އެދުންވެރިކަން ފުއްދައިފިއްޔާ، އޭނާގެ މައްޗަށް ފާފަ އޮންނާނެ ކަމަށް ނުދެކެން ހެއްޔެވެ؟ ހަމަ އެހެން ޙަލާލް ގޮތުގައި އެދުން ފުއްދައިފިއްޔާ ހެޔޮ އަޖުރުވެސް ލިބޭނެއެވެ.''

އަދި އެހެން ޙަދީޘެއްގައިވެއެވެ: وَمَنْ طَلَبَ الدُنْيَا حَلاَلاً تَعَففاً عَنْ المسْألَة، وَسَعْياً عَلى عِيَاله، وَتَعَطُّفاً عَلَى جَارِهِ لقَِيَ الله وَوَجْهُه كالقَمَرِ لَيْلَة البَدْر[3]

''މީހުންނަށް ސަލާން ނުޖަހަން، ނުވަތަ ދަރިންނަށް ރިޒުޤު ހޯދައިދޭން، ނުވަތަ އަވަށްޓެރިއާއަށް އެހީތެރިވުމަށްޓަކައި، ހަލާލު ގޮތުގައި ދުނިޔޭގެ ތަނަވަސްކަން ހޯދާމީހާ، ޤިޔާމަތްދުވަހުން އޭނާގެ ވެރިރަސްކަލާނގެއާ ބައްދަލުކުރާނީ، ސާދަވިލޭރޭ ހަނދެއްފަދަ މޫނަކާއިގެންނެވެ.''

މިގޮތަށް މުއުމިނަކު ކުރާ ހުއްދަ ކޮންމެ ޢަމަލަކީ ވެސް، އޭގައި ރަނގަޅު ނިޔަތެއް އޮވެއްޖެނަމަ، އަޅުކަމަކަށް ބަދަލުވާނެ ކަމެކެވެ.

އެހެނެއްކަމަކު، ކިތަންމެ ނިޔަތް ރަނގަޅުވިޔަސް، ކިތަންމެ މާތް މަޤްޞަދަކު ކުރިއަސް، އަދި ކިތަންމެ މަތިވެރި ލަނޑުދަޑިއެއްގެ ބޭނުމުގައި ކަމަށްވިޔަސް، ޙަރާމްކަންތައް އޮންނާނީ ޙަރާމް ކަމެއް ގޮތުގައެވެ. ރަނގަޅު ކަމެއް ކުރުމުގެ ވަސީލަތަކަށް ޙާރާމްކަމެއް ބޭނުންކުރުމަކީ، އެއީ އިސްލާމްދީން ފަހަރެއްގައިވެސް ހުއްދަކުރާނެ ކަމެއް ނޫނެވެ. ކުރާ ކަމާއި، އެކަން ކުރާ ވަސީލަތްވެސް ރަނގަޅުވެފައި މާތްވާން، އިސްލާމްދީން ބާރުއަޅައެވެ.

އެހެނީ ލަނޑުދަނޑި މާތްވުން އެއީ ވަސީލަތް ހުއްދަ ކޮށްދޭ ކަމެކޭ، ބުނާ އުޞޫލަކީ އެއީ އިސްލާމްދީން ޤަބޫލުކުރާ އުޞޫލެއް ނޫނެވެ. އަދި ހަމައެހެންމެ، ޙައްޤާ ހަމައަށް ދެވޭނީ، އެތަކެއް ބާޠިލަކާއި މެކިގެން ކަމަށް ބުނާ ބުނުމަކީވެސް، މި ދީން ޤަބޫލު ކުރާ ހަމައެއް ނޫނެވެ. އިސްލާމްދީން ގޮވާލަނީ، ޙައްޤު މަގުން، ޙައްޤަށް ވާޞިލުވުމަށެވެ.

ރިބާއާއި ޖުވާކުޅުމާއި، ވިޔަފާރީގައި މަކަރުހަދައިގެންނާއި، ހުއްދަ ނޫން މުނިފޫހިފިލުވުމުގެ ކަންތައްތައް ކޮށްގެން، ނުވަތަ މި ނޫންވެސް ދީނުގައި މަނާކަމެއް ކޮށްގެން، މިސްކިތެއް އަޅަން، ނުވަތަ ޞަދަޤާތްދޭން އަދި އެހެންވެސް ހެޔޮ ކަމަކަށްޓަކައި ފައިސާ ޖަމާކުރާ މީހާއަށް އޭނާގެ އެ ހެޔޮނިޔަތަކުން ފައިދާއެއް ނުލިބޭނެއެވެ. އަދި އެކަމުން އޭނާ ފާފަވެރިނުވެއެއްވެސް ނުދާނެއެވެ. މަޤްޞަދު ކިތަންމެ މާތްވިކަމުގައި ވިޔަސް، ޙަރާމްކަމެއް ހުއްދައެއް ނުވާނެއެވެ. އެހެނީ އިސްލާމްދީނުގައި ޙަރާމްކަމަކީ، އެއީ މީހުންގެ މަޤްޞަދާއި ނިޔަތުން ބަދަލުވާ އެއްޗެއް ނޫނެވެ.

މިކަން އަހަރެމެންނަށް ދަސްކޮށްދެއްވަން، ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘްކުރައްވާފައިވަނީ:  إِنَّ اللَّهَ طَيِّبٌ لَا يَقْبَلُ إِلَّا طَيِّبًا وَإِنَّ اللَّهَ أَمَرَ الْمُؤْمِنِينَ بِمَا أَمَرَ بِهِ الْمُرْسَلِينَ[4]

ޙަދީޘުގެމާނަ: ''ހަމަކަށަވަރުން މާތް ﷲ އަކީ ހެޔޮވަންތަ ރަސްކަލާގެއެވެ. ހެޔޮތަކެއްޗާއި ހެޔޮ ޢަމަލުތައް ނޫނީ އެކަލާނގެ ޤަބޫލުފުޅެއް ނުކުރައްވައެވެ. އަދި މުއުމިނުންނަށް އެކަލާނގެ އަމުރުކުރައްވާފައިވަނީ، ރަސޫލުބޭކަލުންނަށް ވެސް އެކަލާނގެ އަމުރުކުރެއްވި ކަންތަކެވެ. ﷲ އަމުރުކުރެއްވީ: يَا أَيُّهَا الرُّسُلُ كُلُوا مِنْ الطَّيِّبَاتِ وَاعْمَلُوا صَالِحًا إِنِّي بِمَا تَعْمَلُونَ عَلِيمٌ އެވެ. އަދި يَا أَيُّهَا الَّذِينَ آمَنُوا كُلُوا مِنْ طَيِّبَاتِ مَا رَزَقْنَاكُمْ ‏އެވެ.

ثُمَّ ذَكَرَ الرَّجُلَ يُطِيلُ السَّفَرَ ‏ ‏ أَشْعَثَ ‏ ‏ أَغْبَرَ يَمُدُّ يَدَيْهِ إِلَى السَّمَاءِ يَا رَبِّ يَا رَبِّ وَمَطْعَمُهُ حَرَامٌ وَمَشْرَبُهُ حَرَامٌ وَمَلْبَسُهُ حَرَامٌ وَغُذِيَ بِالْحَرَامِ فَأَنَّى يُسْتَجَابُ لِذَلِكَ ‏

"ދެން، (ޙައްޖަށާއި ޢުމްރާއަށް ފަދަ) ދިގު ދަތުރުކުރަމުން ގޮސް ހިރަފުސް އަރައި ބޯ ހޭވިފައިވާ މީހެއްގެ ވާހަކަ ވިދާޅުވިއެވެ. އޭނާ އުޑާ ދިމާއަށް އަތް އުފުލައި، ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮއޭ! ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮއޭ! ކިޔައި ދުޢާކުރެއެވެ. އެ ހިނދު އޭނާ ކައިގެން ހުރީ ޙަރާމް ތަކެއްޗެކެވެ. އޭނާ ބޮއެގެން ހުރީ ޙަރާމްތަކެއްޗެވެ. އޭނާ އަނދެގެން ހުރީ ޙަރާމްތަކެއްޗެކެވެ. (އެބަހީ ޙަރާމް ގޮތް ގޮތުން ހޯދާފައިވާ ތަކެއްޗެވެ.) އަދި އޭނާގެ ގައިގައި ވަނީ ޙަރާމްތަކެތި ކައިގެން ޖަހާފައިވާ މަހެވެ. ފަހެ މިފަދަ މީހަކު ކުރާ ދުޢާ އިޖާބަވާނީ ކިހިނަކުންހެއްޔެވެ!''

ޙަދީޘްގައި ހިމެނޭ ފުރަތަމަ އާޔަތުގެ މާނަ: ''އޭ ރަސޫލުންނޭވެ! ޙަލާލު ރަނގަޅު ތަކެތިން ތިޔަބޭކަލުން ފަރިއްކުޅުއްވައި އުޅުއްވާށެވެ! އަދި ޞާލިޙް ޢަމަލުކުރައްވާށެވެ! ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ، ތިޔަބޭކަލުން ކުރައްވާ ޢަމަލުތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.'' {އަލްމުއުމިނޫނަ: 51}

ޙަދީޘްގައި ހިމެނޭ ދެވަނަ އާޔަތުގެ މާނަ: ''އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވި ރަނގަޅުތަކެތިން ތިޔަބައިމީހުން ކައިއުޅޭށެވެ!'' {އަލްބަޤަރާ: 172}

އަދިވެސް އިތުރު އެކަލޭގެފާނު ޙަދީޘްކުރައްވާފައިވެއެވެ: مَنْ جَمَعَ مَالًا حَرَامًا ثُمَّ تَصَدَّقَ بِهِ لَمْ يَكُنْ لَهُ فِيهِ أَجْرٌ وَكَانَ إصْرُهُ عَلَيْهِ[5]

ޙަދީޘުގެމާނަ: ''ޙަރާމްގޮތަކުން ފައިސާ ޖަމާކޮށް، އެއިން ޞަދަޤާތް ދިނަސް، އޭނާއަށް އެކަމުން ހެޔޮ ދަރުމައެއް ނުލިބޭނެއެވެ. އަދި އޭގެ ފާފަ އޭނާގެ މައްޗަށް ވެއެވެ.''

އަދިވެސް ޙަދީޘްކުރައްވާފައިވެއެވެ: وَلَا يَكْسِبُ عَبْدٌ مَالًا مِنْ حَرَامٍ فَيَتَصَدَّقُ مِنْهُ فَيُقْبَلُ مِنْهُ وَلَا يُنْفِقُ مِنْهُ فَيُبَارَكُ لَهُ فِيهِ وَلَا يَتْرُكُهُ خَلْفَ ظُهرِهِ إلَّا كَانَ زَادَهُ إلَى النَّارِ . إنَّ اللَّهَ تَعَالَى لَا يَمْحُو السَّيِّئَ بِالسَّيِّئِ , وَلَكِنْ يَمْحُو السَّيِّئَ بِالْحَسَنِ , إنَّ الْخَبِيثَ لَا يَمْحُو الْخَبِيثَ[6]

ޙަދީޘުގެމާނަ: ''މީހަކު ޙަރާމްގޮތަކުން ފައިސާ ހޯދައި، އެއިން ޞަދަޤާތް ދިނަސް، ﷲ އެ ޤަބޫލެއް ނުކުރައްވާނެއެވެ. އަދި އެއިން އޭނާ ހޭދަކުރިއަސް، އޭގައި ބަރަކާތެއް ނުލައްވާނެއެވެ. އަދި މަރުވަމުން އޭނާ އެއިން ދޫކޮށްފައިދާ އެއްޗަކީ، ނަރަކައިގައި އޭނާގެ އަލިފާނަށް އިތުރުވާނެ އެއްޗެކެވެ. ހަމަކަށަވަރުން ވެސް މާތް ﷲ، މީހަކު ނުބައިކަމެއް ކޮށްގެން، ނުބައިކަމެއް ފުއްސަވާ ނުދެއްވައެވެ. އެކަމަކު، ކޮށްފައިވާ ރަނގަޅު ކަމަކުން، ނުބައިކަންތައް، އެކަލާނގެ ފުއްސަވާ ދެއްވައެވެ. ހަމަކަށަވަރުން ވެސް، ހަޑިއަކުން ހަޑިއެއް ނުފިލުވެއެވެ.''

 

*  *   *   *

* މިއީ ޝައިޚް ޔޫސުފުލް ޤަރަޟާވީގެ އަލްޙަލާލް ވަލްޙަރާމް މިފޮތުގެ ދިވެހި ތަރުޖަމާގެ ބައެކެވެ.

* މި ފޮތުން މިހާތަނަށް ކަވާސާގައި ޖަހާފައިވާ ބައިތައް އެއްކޮށް ޑައުންލޯޑް ކުރުމަށް މި ގުޅުމަށް ފިތާލާށެވެ. ވިޔަފާރިއަށް، ހުއްދަނެތި މި ފޮތް ޗާޕުކުރުމަކީ މަނާކަމެކެވެ. 

 


 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.