ހޯމަ20180910

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ފިޤުހު އަޅުކަން ޙަލާލްކަންތައް ޙަރާމްކޮށް އަދި ޙަރާމްކަންތައް ޙަލާލް ކުރުމަކީ، ﷲ އާ ޝިރުކުކުރުންފަދަ ކަމެއް

ޙަލާލްކަންތައް ޙަރާމްކޮށް އަދި ޙަރާމްކަންތައް ޙަލާލް ކުރުމަކީ، ﷲ އާ ޝިރުކުކުރުންފަދަ ކަމެއް

halaal-haraam-3ޝަރުޢީ ޞައްޙަ ދަލީލެއް ނެތި އަމިއްލަ އަމިއްލައަށް ކަންކަން ނުވަތަ އެއްޗެހި ޙަރާމްކުރާ މީހުންނާއި، ޙަލާލްކުރާ މީހުންނަކީ، އެ މީހުންގެ މައްޗަށް ދީނުގައި ޢައިބުކިއިފައިވާ ބައެކެވެ. ހިތުހުރިގޮތަކަށް ޙަރާމްކުރާ މީހުންނަކީ އަދި ވަކިން ނުބައިކަން ބޮޑު ބައެއް ކަމުގައި އިސްލާމްދީން ދެކެއެވެ. މިހެންވެ ޚާއްޞަކޮށް މިފަދަ މީހުންގެ މައްޗަށް ދީނުގައި ދީފައިވާ ހަމަލާ ވަރުގަދައެވެ. ސަބަބަކީ، މިގޮތަށް ހުރިހާ ކަމެއް ޙަރާމްކުރުމަކީ އެއީ ޝައްކެއްވެސް ނެތް ގޮތުގައި، މާތް ﷲ އިންސާނުންނަށް ތަނަވަސްކޮށްދެއްވާފައިވާ ކަންތައްތައް ކަމަކާނުލާ ހަނިކުރުމެވެ. ދޫ ދެއްވާފައިވާ ކަންތައްތަކުގައި ބާރުކުރުމެވެ. އަދި މިގޮތަށް ފަސޭހަކޮށް ކަންކަން ނުވަތަ އެއްޗެހި ޙަރާމްކުރުމަކީ، ދީނުގައި ގޮތްބޮޑުކުރާ ބައެއް ދީންވެރިންގެ އެދުމާ އެއްގޮތްވާ ކަމަކަށްވެފައި، ނިކަން ފަސޭހައިން މިފަދަ ދީންވެރިން މި މަގުން ހިނގައިދާނެތީއެވެ. ދީނުގެ ކަންކަމުގައި ގޮތްބޮޑުކުރުމާއި ހަރުކަށިވުމާ ދެކޮޅަށް ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ވަނީ އެތައް ގޮތަކުން މަސައްކަތްޕުޅު ކުރައްވާ، އެކަމުން ދުރުވެ ތިބުމަށް ގޮވާލައްވާފައެވެ. އެފަދައިން ކަންތައް ކުރާ މީހުންނަކީ، ހަލާކުވެ ގެއްލިގެންދާނެ ބައެއްކަން އެންގެވިއެވެ. މިބީދައިން ޙަދީޘްކުރެއްވިއެވެ: أَلاَ هَلَكَ ‏ ‏الْمُتَنَطِّعُونَ[1]

ޙަދީޘުގެމާނަ: ''ދަންނައެވެ. ކަންކަމުގައި މިނަށްވުރެ ގޮތްބޮޑުކުރާ މީހުން (ކުދިކުދި ކަންތަކުގައި ހިފާ، ވީހާވެސް އުނދަގޫ ގޮތެއް އޮތްތޯބަލާމީހުން) ގެއްލެނިވެހިނގައްޖެއެވެ.'' މިފަދައިން ވިދިވިދިގެން ތިންފަހަރު ރަސޫލާ ހަދީޘްކުރެއްވިއެވެ."

އަދި އެކަލޭގެފާނުގެ ރިސާލަތަކީ ކޮބައިކަން އަންގަވައިދެއްވަމުން ޙަދީޘްކުރެއްވީ: بُعِثْتُ بِالْحَنِيفِيَّةِ السَّمْحَةِ[2]

ޙަދީޘުގެމާނަ: ''ތިމަންކަލޭގެފާނު ފޮނުއްވުނީ، ބާޠިލުމަގުން އެއްކިބާވެ ޙައްޤުމަގަށް ތަބާވެގެންވާ، ލުއިފަސޭހަކަމުގެ ދީނާއިގެންނެވެ.''

ވީމާ މި ދީނަކީ ޢަޤީދާއާއި ތައުޙީދުގައި، ބާޠިލުމަގުން އެއްކިބާވެ ޙައްޤުމަގަށް ތަބާވާ ދީނެވެ. އަދި އަޅުކަމާއި ޝަރީޢަތުގައި ލުއިފަސޭހަކަން ހިމެނިގެންވާ ދީނެވެ. މި ދެގޮތުގެ އިދިކޮޅަކީ ޝިރުކުރުމާއި ޙަލާލްކަންތައް ޙަރާމްކުރުމެވެ. ﷲ ގެ ކިބަފުޅުން، އިތުރު އެކަލޭގެފާނު ރިވާކުރެއްވި ޤުދުސީ ޙަދީޘެއްގައި އިޝާރާތްކުރަނީ މިކަމަށެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: إِنِّي خَلَقْتُ عِبَادِي ‏ ‏حُنَفَاءَ ‏ ‏كُلَّهُمْ وَإِنَّهُمْ أَتَتْهُمْ الشَّيَاطِينُ فَاجْتَالَتْهُمْ عَنْ دِينِهِمْ وَحَرَّمَتْ عَلَيْهِمْ مَا أَحْلَلْتُ لَهُمْ وَأَمَرَتْهُمْ أَنْ يُشْرِكُوا بِي مَا لَمْ أُنْزِلْ بِهِ سُلْطَانًا[3]

ޙަދީޘުގެމާނަ: ''ﷲ ވަޙީކުރެއްވިއެވެ: ތިމަންރަސްކަލާނގެ އަޅުތަކުން އުފެއްދެވީ، އެއްކައުވަންތަ ކުރުމުގެ ފިޠުރަތުގެ މަތީގައެވެ. ނަމަވެސް ޝައިޠާނުން، އެމީހުން މަގުފުރައްދާ ހެއްލުންތެރިކޮށްގެން، ޙައްޤު ދީނާ އެކަހެރިކޮށްގެން ގެންދަނީއެވެ. އަދި ތިމަންރަސްކަލާނގެ އަޅުތަކުންނަށް ޙަލާލްކުރައްވާފައިވާ ތަކެތި، އެއީ ޙަރާމްތަކެތި ކަމުގައި ޝައިޠާނުން ހަދައެވެ. އަދި އެއްވެސްކަހަލަ ބާރެއް، އިޒުނަފުޅެއް، ތިމަންރަސްކަލާނގެ ދެއްވާފައިނުވަނީސް، ތިމަންރަސްކަލާނގެއާ ޝަރީކުކުރުމަށް، ޝައިޠާނުން އެމީނުންނަށް އަމުރުކުރެއެވެ.''

ވީމާ، ޙަލާލްތަކެތި ނުވަތަ ކަންތައް ޙަރާމްކުރުމަކީ އެއީ ޝިރުކުކުރުމާއި ގުޅިފައިވާ ކަމެކެވެ. މިހެންވެ، ޢަރަބިންގެ މުޝްރިކުން، ﷲ އަށް ޝިރުކުކޮށް، ބުދަށް އަޅުކަންކޮށް، އަދި ﷲ ގެ އިޒުނަފުޅަކާ ނުލާ، އަމިއްލަ އަމިއްލައަށް ދަނޑުގޮވާމުގެ ބާވަތްތަކާއި ނަޢަމްސޫފީގެ ބާވަތްތައް ޙަރާމްކޮށް އުޅުނު އުޅުން، ޤުރުއާނުގައިވަނީ ވަރަށް ވަރުގަދައަށް ކުށްވެރިކޮށް އިންކާރުކޮށްފައެވެ. ޖާހިލިއްޔަ ޒަމާނުގެ މީހުން ވަނީ 'ބަޙީރާ' އާއި 'ސާއިބާ' އާއި 'ވަޞީލާ' އާއި 'ޙާމީ' ފަދަ ނަންތައް ދީ، ނަޢަމްސޫފީގެ ތެރެއިން މި ނަންތައް ދެވޭ ތަކެތި ބޭނުންކޮށް އެއިން މަންފާލިބިގަތުން ޙަރާމްކޮށްފައެވެ.

އެމީހުން އެކަން ކުރާ ގޮތަކީ، އަންހެން ޖަމަލެއް ފަސްފަހަރު ވިހާފައި ފަހު ފަހަރު ފިރިހެން ޖަމަލެއް ވިހެއިމާ، އޭގެ ކަންފަތް ފަޅާފައި، ސަވާރުވުން ޙަރާމްކޮށް، ބުދުތަކަށް ޚާއްޞަކުރެވޭ އެއްޗެއްގެ ގޮތުގައި ދޫކޮށްލަނީއެވެ. ބަޙީރާ އޭ ކިޔަނީ އޭގެ ކަންފަތް ފަޅާލެވޭތީއެވެ. އަދި ދަތުރަކުން އެނބުރި އާދެވި ނުވަތަ ބައްޔަކުން ފަސޭހަވެއްޖެނަމަ، ޖަމަލުތަކުގެ ތެރެއިން އެއްޗެއް، އޭގެ މަންފާ ނުހިފާ ބަޙީރާއެކޭ އެއްގޮތަށް ދޫކޮށްލައެވެ. ސާއިބާއޭ ކިޔެނީ އޭތި ދޫކޮށްލެވޭތީ އެވެ. އަދި ޖެހިޖެހިގެން ފަސް އަންހެން ޖަމަލު ވިހައިފިއްޔާ އެއީ ވަޞީލާ އެކޭ ކިޔައި، އިލާހުންތަކަށް ޚާއްޞަކޮށް މާތް ކުރެއެވެ. އަދި ފިރިހެން ޖަމަލަށް ލިބޭ ފިރިހެން ދަރިއަށް އެހެން ފިރިހެން ޖަމަލެއް ލިބިއްޖެއްޔާ އެއީ ޙާމީ އެކޭ ކިޔައި، އެވެސް މާތްކޮށް، އިލާހުންތަކަށް ޚާއްޞަކުރެއެވެ. މި ނޫންވެސް މިއާ ގާތް ގޮތްގޮތަށް މި ތަކެތީގެ ތަފްސީރުކުރެވެއެވެ.

މިފަދައަކުން ޙަލާލްތަކެތި ޙަރާމްކޮށް އުޅުން، ޤުރުއާން އިންކާރުކުރިއެވެ. މި މަގުފުރެދުމުގައި، ކާބަފައިން ނަކަލުކޮށް، އެމީހުންނަށް ތަބާވާނެ އެއްވެސްކަހަލަ އުޒުރެއް ޤުރުއާން އެމީހުންނަކަށް ނުދިނެވެ. ﷲ ވަޙީކުރައްވާފައިވަނީ: مَا جَعَلَ اللَّهُ مِنْ بَحِيرَةٍ وَلا سَائِبَةٍ وَلا وَصِيلَةٍ وَلا حَامٍ وَلَكِنَّ الَّذِينَ كَفَرُوا يَفْتَرُونَ عَلَى اللَّهِ الْكَذِبَ وَأَكْثَرُهُمْ لا يَعْقِلُونَ * وَإِذَا قِيلَ لَهُمْ تَعَالَوْا إِلَى مَا أَنزَلَ اللَّهُ وَإِلَى الرَّسُولِ قَالُوا حَسْبُنَا مَا وَجَدْنَا عَلَيْهِ آبَاءَنَا أَوَلَوْ كَانَ آبَاؤُهُمْ لا يَعْلَمُونَ شَيْئاً وَلا يَهْتَدُونَ

އާޔަތުގެ ތަފްސީރީމާނަ: ''ބަޙީރާއާއި، ސާއިބާއާއި، ވަޞީލާއާއި ޙާމީއާއި، މިތަކެއްޗަކީ ޙުރުމަތްތެރިވެގެންވާ އަދި އަމިއްލައަށް އޭގެ މަންފާ ހިފަންނުޖެހޭ ތަކެތި ކަމުގައި، ﷲ ލައްވާފައެއް ނުވެއެވެ. އެކަމަކު، އެމީހުން އަމިއްލައަކަށް އެތަކެތި ޙަރާމްކޮށް، އޭގެ މަންފާ ނުހިފާ، އެއީ ﷲ ކަނޑައެޅުއްވި ކަމެއްކަމަށް ބުނެ، ކާފިރުވި މީހުން ދޮގުހަދަނީއެވެ. ގިނަކާފިރުންނަކީ ޙައްޤާއި ބާޠިލު ވަކިނުވާ ނުވިސްނޭ ބައެކެވެ. * އަދި ﷲ ޙަލާލްކުރައްވާފައިވާ ތަކެތި ޙަރާމްކޮށް އުޅޭ މީހުން ގާތު، ޙަލާލާއި ޙަރާމް ކަނޑައެޅުމުގައި، ﷲ ބާވައިލެއްވި ފޮތާއި އެކަލާނގެ ރަސޫލާއަށް ރުޖޫޢަވާން އަންނާށޭ ބުނެވޭހިނދު، ތިމަންމެންގެ ކާބަފައިން އުޅުނުގޮތަކީ ތިމަންމެންނަށް ފުދޭ އަދި ރަނގަޅު ގޮތެއްކަމުގައި ބުނެއެވެ. ފަހެ އެމީހުންގެ ކާބަފައިންނަކީ، ރަނގަޅު ޙައްޤު ގޮތް ނޭނގޭ، ޙައްޤަށް ތެދުމަގުލިބިގެންނުވާ ބައެއްކަމުގައި ވީނަމަވެސް ހެއްޔެވެ! އެފަދަ ޖާހިލު ނޭނގޭ ބަޔަކަށް އެމީހުން ތަބާވަނީހެއްޔެވެ؟'' {އަލްމާއިދާ: 103- 104}

ޖަމަލާއި ގެރިއާއި ބަކަރިއާއި ކަންބަޅީގެ ތެރެއިން، ބައެއް ބާވަތްތަކަކީ އެއީ ޙަރާމްތަކެތި ކަމުގައި ޖާހިލިއްޔަ މީހުން ބެލިބެލުމަށް، އަންޢާމް ސޫރަތުގައިވަނީ މަލާމާތުގެ ރައްދެއް ދެއްވާފައެވެ. އަދި އެއީ އެމީހުންގެ އަނގަ ބެދޭފަދަ ރައްދެކެވެ.

ثَمَانِيَةَ أَزْوَاجٍ مِنْ الضَّأْنِ اثْنَيْنِ وَمِنْ الْمَعْزِ اثْنَيْنِ قُلْ أَالذَّكَرَيْنِ حَرَّمَ أَمْ الأُنْثَيَيْنِ أَمَّا اشْتَمَلَتْ عَلَيْهِ أَرْحَامُ الأُنثَيَيْنِ نَبِّئُونِي بِعِلْمٍ إِنْ كُنتُمْ صَادِقِينَ * وَمِنْ الإِبِلِ اثْنَيْنِ وَمِنْ الْبَقَرِ اثْنَيْنِ قُلْ أَالذَّكَرَيْنِ حَرَّمَ أَمْ الأُنثَيَيْنِ أَمَّا اشْتَمَلَتْ عَلَيْهِ أَرْحَامُ الأُنثَيَيْنِ أَمْ كُنتُمْ شُهَدَاءَ إِذْ وَصَّاكُمْ اللَّهُ بِهَذَا فَمَنْ أَظْلَمُ مِمَّنْ افْتَرَى عَلَى اللَّهِ كَذِباً لِيُضِلَّ النَّاسَ بِغَيْرِ عِلْمٍ

އާޔަތުގެ ތަފްސީރީމާނަ: ''ކައިބޮއި އުޅުމަށާއި ތަކެތި އުފުއްލަން، ﷲ އެކަލާނގެ އަޅުތަކުންނަށް ދެއްވާފައިވާ މި ނަޢަމްސޫފީގެ އަށް ބާވަތެއްވެއެވެ. އޭގެތެރެއިން ހަތަރެއްޗަކީ ބަކަރީގެ ބާވަތްތަކެވެ. އެއީ އަންހެން ކަންބަޅިއާއި ފިރިހެން ކަންބަޅިއެވެ. އަދި އަންހެން ބަކައްޓާއި ފިރިހެން ބަކައްޓެވެ. ކަލޭގެފާނު އެ މުޝްރިކުންނާ ސުވާލުކުރައްވާބައްލަވާށެވެ. ﷲ ޙަރާމްކުރައްވާފައިވަނީ ބަކަރީގެ ބާވަތްތަކުން ފިރިހެން ދޭތިހެއްޔެވެ؟ އާނއެކޭ ޖަވާބު ދީފިނަމަ އެއީ ބޮޑު ދޮގެކެވެ. އެހެނީ ކަންބަޅިއާއި ބަކަރީގެ ތެރެއިން ފިރިހެން ހުރިހާ އެއްޗެއް އެމީހުން ޙަރާމެއް ނުކުރެއެވެ. އަދިވެސް ސުވާލުކުރައްވާބައްލަވާށެވެ. ﷲ ޙަރާމްކުރައްވާފައިވަނީ ބަކަރީގެ ބާވަތްތަކުން އަންހެން ދޭތިހެއްޔެވެ؟ އާނއެކޭ ޖަވާބު ދީފިނަމަ އެއީ ބޮޑު ދޮގެކެވެ. އެހެނީ ކަންބަޅިއާއި ބަކަރީގެ ދަރިންގެ ތެރެއިން އަންހެން ހުރިހާ އެއްޗެއް އެމީހުން ޙަރާމެއް ނުކުރެއެވެ. އަދިވެސް އެމީހުންނާ ސުވާލުކުރައްވާބައްލަވާށެވެ. ﷲ ޙަރާމްކުރެއްވީ، ކަންބަޅިއާއި ބަކަރީގެ ތެރެއިން އަންހެން އެތީގެ ބަނޑުގައިވާ ދަރިންހެއްޔެވެ؟ އާނއެކޭ ޖަވާބުދީފިނަމަ އެއީވެސް ދޮގެކެވެ. އެހެނީ އެފަދަ ކޮންމެ ދަރިއެއް އެމީހުން ޙަރާމެއް ނުކުރެއެވެ. ޙަރާމްކުރުމުގައި ކަލޭމެން ތިބަލާ ގޮތަކީ، އެއީ ﷲ ބާވައިލެއްވި ގޮތެއްކަން އެނގޭނެ އެއްވެސް ކަހަލަ ދަލީލެއް، ޢިލްމެއް އޮތިއްޔާ ނިކަން ޚަބަރުދީބަލާށެވެ. ކަލޭމެންނަކީ ތެދުވެރިންކަމުގައިވާނަމައެވެ. * އަނެއް ހަތަރު ބާވަތަކީ އެއީ، އަންހެން އަދި ފިރިހެން ޖަމަލާއި، އަންހެން އަދި ފިރިހެން ގެރިއެވެ. ކަލޭގެފާނު އެ މުޝްރިކުންނާ ސުވާލުކުރައްވާބައްލަވާށެވެ. ﷲ ޙަރާމްކުރެއްވީ އޭގެ ތެރެއިން ފިރިހެން ދޭތި ހެއްޔެވެ؟ ނުވަތަ އަންހެން ދޭތިހެއްޔެވެ؟ ނުވަތަ ޙަރާމްކުރެއްވީ، އަންހެން ޖަމަލާއި އަންހެން ގެރީގެ ބަނޑުގައިވާ ދަރިންހެއްޔެވެ؟ އަދި، ނަޢަމްސޫފީގެ ތެރެއިން، ﷲ، ކަލޭމެންނަށް މިތަކެތި ޙަރާމްކުރެއްވި އިރު އެކަމަށް ހެކިންގެ ގޮތުގައި މުޝްރިކުން ޙާޟިރުވެތިބިންތޯ، ސުވާލުކުރައްވާބައްލަވާށެވެ. ފަހެ ޢިލްމަކާ ނުލާ، މީސްތަކުން މަގުފުރެއްދުމަށްޓަކައި، ﷲ އާމެދު، ހަދައިގެން ދޮގުބުނިމީހަކަށްވުރެ، އަނިޔާވެރިކަންބޮޑު މީހަކީ ފަހެކާކުހެއްޔެވެ؟'' {އަލްއަންޢާމް: 143- 144}

އަދި އަމިއްލައަށް ތަކެތި ޙަރާމްކުރާ މީހުންނަށް ރައްދުދެއްވާ، އަދި އެއްޗެއް ނުވަތަ ކަމެއް ޙަރާމްކުރެވޭނެ އުޞޫލު ކަނޑައަޅުއްވަމުން، އަލްއަޢްރާފް ސޫރަތުގައި ﷲ ވަޙީކުރައްވާފައިވެއެވެ: قُلْ مَنْ حَرَّمَ زِينَةَ اللَّهِ الَّتِي أَخْرَجَ لِعِبَادِهِ وَالطَّيِّبَاتِ مِنْ الرِّزْقِ قُلْ هِيَ لِلَّذِينَ آمَنُوا فِي الْحَيَاةِ الدُّنْيَا خَالِصَةً يَوْمَ الْقِيَامَةِ

އާޔަތުގެ ތަފްސީރީމާނަ: ''އެ ޖާހިލު މުޝްރިކުންނަށް ކަލޭގެފާނު ވިދާޅުވާށެވެ: ޒީނަތެއްގެ ގޮތުން ﷲ ކަލޭމެންނަށް ދެއްވާފައިވާ ރީތި ފޭރާން، ކަލޭމެންގެ މައްޗަށް ޙަރާމްކުރީ ކާކުހެއްޔެވެ؟ އަދި އެކަލާނގެ ކަލޭމެންނަށް ދެއްވާފައިވާ ރިޒުޤުން، ޙަލާލު ރަނގަޅު ތަކެތި ކެއުން ޙަރާމްކުރީ ކާކުހެއްޔެވެ؟ އެ މުޝްރިކުންނަށް ވިދާޅުވާށެވެ: ފޭރާމާއި ކާބޯތަކެތީގެ ތެރއިން، ﷲ ޙަލާލްކުރައްވާފައިވާ ތަކެއްޗަކީ، ދުންޔަވީ ޙަޔާތުގައި އޭގެ ބޭނުން ހިފުން މުއުމިނުންނަށް ޙައްޤު ތަކެއްޗެކެވެ. މުއުމިނުން ނޫން މީހުންވެސް އޭގައި ބައިވެރިވާގޮތުގައެވެ. ނަމަވެސް އެފަދަ ނިޢުމަތް ޤިޔާމަތްދުވަހު ލިބޭނީ ހަމައެކަނި މުއުމިނުންނަށެވެ.'' {އަލްއަޢްރާފް: 32}

އަދިވެސް ވަޙީކުރައްވާފައިވެއެވެ: قُلْ إِنَّمَا حَرَّمَ رَبِّي الْفَوَاحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ وَالإِثْمَ وَالْبَغْيَ بِغَيْرِ الْحَقِّ وَأَنْ تُشْرِكُوا بِاللَّهِ وَأَنْ تُشْرِكُوا بِاللَّهِ مَا لَمْ يُنَزِّلْ بِهِ سُلْطَاناً وَأَنْ تَقُولُوا عَلَى اللَّهِ مَا لا تَعْلَمُونَ

އާޔަތުގެ ތަފްސީރީމާނަ: ''އެ މުޝްރިކުންނަށް ކަލޭގެފާނު ވިދާޅުވާށެވެ: ހަމަކަށަވަރުންވެސް ﷲ ޙަރާމްކުރައްވާފައިވަނީ، ހުތުރު ކަންތައްތަކެވެ. އޭގެތެރެއިން ފާޅުވެގެންވާ ކަންތައްތަކާއި ވަންހަނާވެގެންވާ ކަންތައްތަކެވެ. އަދި އެއްވެސް ފާފައެއްކުރުން ޙަރާމްކުރެއްވިއެވެ. ފާފަތަކުގެ ތެރެއިން އެންމެ ބޮޑު އެއްކަމަކީ މީހުންގެ ޙައްޤުތަކަށް އަރައިގަނެ، އަނިޔާވެރިވުމެވެ. އަދި ބާވައިލައްވާފައިވާ އެއްވެސް ހުއްޖަތެއް ދަލީލެއް ނެތްއިރު، ތިޔަބައިމީހުން، ﷲ އާ ޝަރީކުރުން ޙަރާމްކުރައްވާފައިވެއެވެ. އަދި ﷲ ޝަރުޢުކުރައްވާފައި ނެތް ކަމެއް، ތިޔަބައިމީހުން އަމިއްލައަކަށް ދޮގުހަދައިގެން، އެއީ ﷲ ގެ ޝަރީޢަތް ކަމަށް ބުނެ ނިސްބަތްކުރުމަކީ ވެސް، ޙަރާމްކުރައްވާފައިވާ ކަމެކެވެ. {އަލްއަޢްރާފް: 33}

ޢަޤީދާއާއި ތައުޙީދުގެ ޙުކުމްތަކަށް ޚާއްޞަ އަހައްމިޔަތެއް ދީފައިވާ، މިފަދަ މައްކީ ސޫރަތްތަކުގައި، ޙަލާލް ޙަރާމްގެ މައްސަލަ އައިސްފައި އޮތުމުން އެނގޭ އެއްޗަކީ، ޤުރުއާނުގެ ނަޒަރުގައި ޙަލާލް ޙަރާމަކީ އެއީ ފަހަރެއްގައިވެސް ދީނުގެ ފަރުޢީކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ނޫންކަމެވެ. ކިއެއްތަ، އެއީ ދީނުގެ އަސްލު މައިގަނޑުގެ ތެރޭގެއި ހިމެނޭ ކަމެއްކަމެވެ.

މަދީނާގެ މުސްލިމުންގެ ތެރޭގައި، ކަންކަމުގައި ހަރުކަށިވެ، ދީނުގައި ގޮތްބޮޑުކޮށް، އަދި ޙަލާލްތަކެތި އަމިއްލަ ނަފްސުގެ މައްޗަށް ޙަރާމްކޮށް އުޅުނު ބަޔަކު ފާޅުވިއެވެ. ނަމަވެސް، ﷲ ކަނޑައަޅުއްވާފައިވާ އިމުގެ ތެރޭގައި އެމީހުން ބާތިއްބައި، އިސްލާމްދީނުގެ ސީދާ މަގަށް އެޅުވުމަށްޓަކައި، ޤުރުއާނުގައި ވަނީ ނިކަން ހާމަކަންބޮޑު އާޔަތްތަކެއް ބާވައިލައްވާފައެވެ.

يَا أَيُّهَا الَّذِينَ آمَنُوا لا تُحَرِّمُوا طَيِّبَاتِ مَا أَحَلَّ اللَّهُ لَكُمْ وَلا تَعْتَدُوا إِنَّ اللَّهَ لا يُحِبُّ الْمُعْتَدِينَ  * وَكُلُوا مِمَّا رَزَقَكُمْ اللَّهُ حَلالاً طَيِّباً وَاتَّقُوا اللَّهَ الَّذِي أَنْتُمْ بِهِ مُؤْمِنُونَ

އާޔަތުގެ ތަފްސީރީމާނަ: ''އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ﷲ ތިޔަބައި މީހުންނަށް ޙަލާލްކުރައްވާފައިވާ، ކާބޯތަކެއްޗާއި، ކާވެނިކުރުމާއި، ނިދުންފަދަ ކަންތައް، ޙަރާމްނުކުރާށެވެ. ތިޔަބައިމީހުންގެ މައްޗަށް، ﷲ ފަސޭހަކުރައްވާ ތަނަވަސްކޮށްދެއްވާފައިވާ ކަންތައްތައް ހަނިކޮށް ދަތިނުކުރާށެވެ. އަދި ހަމައެހެންމެ، ﷲ ޙަރާމްކުރައްވާފައިވާ ކަންތަކަށް އަރައިގަނެ، ކަނޑައަޅުއްވާފައިވާ ޙައްދު ފަހަނައަޅާ ނުދާށެވެ. ހަމަކަށަވަރުން ހައްދުފަހަނައަޅައިދާ މީހުންދެކެ، ﷲ ލޯބިވެވޮޑިނުގަންނަވައެވެ. * އަދި ﷲ ތިޔަބައިމީހުންނަށް ދެއްވި ޙަލާލު ނިޢުމަތްތަކުގެ ބޭނުން ހިފައި، ޙަލާލު ރަނގަޅު ތަކެތިން ކައިބޮއި އުޅޭށެވެ. ﷲ އަށް ތަޤުވާވެރިވެ، އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންވެ، ނަހީކުރެއްވިކަންތައްތަކުން ދުރުވެގަންނާށެވެ. އެހެނީ ތިޔަބައިމީހުން ﷲ އަށް އީމާންވުން ވާޖިބުކުރަނީ، ތިޔަބައިމީހުން އެކަލާނގެއަށް ތަޤުވާވެރިވުމެވެ.'' {އަލްމާއިދާ: 87-88}

 

*  *   *   *

* މިއީ ޝައިޚް ޔޫސުފުލް ޤަރަޟާވީގެ އަލްޙަލާލް ވަލްޙަރާމް މިފޮތުގެ ދިވެހި ތަރުޖަމާގެ ބައެކެވެ.

* މި ފޮތުން މިހާތަނަށް ކަވާސާގައި ޖަހާފައިވާ ބައިތައް އެއްކޮށް ޑައުންލޯޑް ކުރުމަށް މި ގުޅުމަށް ފިތާލާށެވެ. ވިޔަފާރިއަށް، ހުއްދަނެތި މި ފޮތް ޗާޕުކުރުމަކީ މަނާކަމެކެވެ. 


ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.