ބުރާސްފަތި20181108

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ފިޤުހު އަޅުކަން ޙަރާމް ހަމަ އެންމެންނަށް ވެސް ޙަރާމް

ޙަރާމް ހަމަ އެންމެންނަށް ވެސް ޙަރާމް

halaal-haraam-10އިސްލާމްދީނުގައި ކަމެއް ޙަރާމްކުރެވިއްޖެނަމަ، އެއީ ހަމަ ހުރިހާ އެންމެންނަށް ވެސް ޙަރާމް ކަމެކެވެ. އެއްޗެއް ޙަރާމްވެއްޖެނަމަ، ހަމަ ހުރިހާ އެންމެނަށް ވެސް އެ އެއްޗެއް ޙަރާމްވާނެއެވެ. ވީމާ ޢަޖަމީންނަށް ޙަރާމްވެފައި، ޢަރަބީންނަށް ޙަލާލްވާ އެއްޗެއް ނޯވެއެވެ. ކަޅުމީހުންނަށް މަނާވެފައި، ދޮންމީހުންނަށް ހުއްދަ ކަމެއް ނޯވެއެވެ. ރަސްކަލުންނާއި ބޮޑުންނާއި ދީނީ ޢިލްމުވެރިންނާއި ކާހިނުންނާއި ނުވަތަ އެ ނޫންވެސް ބައެއްގެ ނަމުގައި، އަމިއްލަ އެދުމާ އެއްގޮތަށް، ވަކި ފަންތިއަކަށް ނުވަތަ ވަކި ބަޔަކަށް ހުއްދަކުރެވިފައިވާ ކަންތައްތަކެއް، އެއްޗެހިތަކެއް، އިސްލާމްދީނަކު ނުވެއެވެ. އެހެން މީހުންނަށް ޙަރާމްކަމެއް، އެއްޗެއް، އޭނާގެ އަމިއްލަ ނަފްސަށް ޙަލާލްކުރުމުގެ ޚާއްޞަ އިމްތިޔާޒެއް އެއްވެސް މުސްލިމަކަށް ލިބިފައި ނެތެވެ. އެހެން ނުވެސް ހެދޭނެއެވެ. އެހެނީ، އެންމެންގެ ވެސް ކަލަކީ މާތް ﷲ އެވެ. އެންމެންގެ މައްޗަށް އޮތް ޤާނޫނަކީ ޝަރީޢަތެވެ. ވީމާ، މާތް ﷲ އެކަލާނގެ ޝަރީޢަތުގައި ޙަލާލްކުރައްވާފައިވާ ކަމަކީ، އެއީ އެންމެންގެ މައްޗަށް ވެސް ޙަލާލް ކަމެކެވެ. އަދި އެކަލާނގެ ޝަރީޢަތުގައި ޙަރާމްކުރައްވާފައިވާ ކޮންމެ ކަމަކީ، ޤިޔާމަތާ ޖެހެންދެންވެސް ހުރިހާ އެންމެންނަށް ޙަރާމްކަމެކެވެ.

މިސާލަކަށް ވައްކަންކުރުމަކީ، މުސްލިމަކަށް ވިޔަސް ޣައިރު މުސްލިމަކަށް ވިޔަސް، ޙަރާމްކަމެކެވެ. އަދި މުސްލިމެއްގެ އަތުން ވިޔަސް، ޣައިރު މުސްލިމެއްގެ އަތުންވެސް ވިޔަސް، އެއްޗެއް ވަގަށް ނެގުމަކީ ޙަރާމްކަމެކެވެ. ކޮންމެ ނަސަބަކުން އައިސްހުރި މީހަކަސް، ކޮންމެ ފެންވަރެއްގެ މީހަކަސް، ވައްކަންކޮށްފިއްޔާ ކަނޑައެޅިފައިވާ ސަޒާދެވޭނެއެވެ.

ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޢަމަލީގޮތުން މި އުޞޫލު ތަންފީޒުކުރައްވާ ޙަދީޘްކުރައްވާފައިވެއެވެ:‏ ‏وَايْمُ اللَّهِ لَوْ أَنَّ ‏ ‏فَاطِمَةَ بِنْتَ مُحَمَّدٍ ‏ ‏سَرَقَتْ لَقَطَعْتُ يَدَهَا [1]

ޙަދީޘުގެމާނަ: ''ﷲ ގަންދީ ހުވާކުރަމެވެ. މުޙައްމަދުގެފާނުގެ ދަރިކަލުން ފާޠިމަތުގެފާނު ވައްކަން ކުރެއްވިނަމަ، އެކަމަނާގެ ވެސް އަތް ކެނޑުއްވީމުހެވެ.''

ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ޒަމާނުގައި އެއްފަހަރަކު ވައްކަމުގެ ހާދިސާއެއް ހިނގިއެވެ. ވައްކަންކުރިކަމަށް ޝައްކުކުރެވުނީ ޔަހޫދީއަކަށާއި މުސްލިމަކަށެވެ. ދެން ވައްކަން ކުރީ މުސްލިމު މީހާއަށް ވީހިނދުވެސް، ޔަހޫދީ މީހާގެ ބޮލުގައި ވައްކަން އެޅޭކަހަލަ ޤަރީނާތަކެއް ދައްކައިގެން، މުސްލިމު މީހާ ސަލާމަތްކުރަން އޭނާގެ ބައެއް ގާތްތިމާގެ މީހުން އުޅުނެވެ. ހުށައެޅުނު ޤަރީނާތަކަށް ބައްލަވާފައި، މުސްލިމު މީހާ ބަރީއަކަމަށް ހީފުޅުކުރައްވާ، އޭނާގެ ދިފާޢުގައި ކީރިތި ރަސޫލާއަށް ވާހަކަފުޅު ނުދެއްކެވުނީވެސް ކިރިޔާއެވެ. އެހިނދު، އެ ޔަހޫދީ މީހާ ކުށުން ބަރީއަކަން އަންގަވާ، އަދި ޚިޔާނާތްތެރިވީ ކޮންބައެއްކަން ފާޅުކުރައްވާ، ކީރިތި ރަސޫލާއަށް ޢިތާބުކުރައްވާ، އަދި ޙައްޤު އޭގެ މަގަށް އަޅުއްވައި، އިލާހީ ވަޙީ ބާވައިލެއްވުނެވެ. إِنَّا أَنزَلْنَا إِلَيْكَ الْكِتَابَ بِالْحَقِّ لِتَحْكُمَ بَيْنَ النَّاسِ بِمَا أَرَاكَ اللَّهُ وَلا تَكُنْ لِلْخَائِنِينَ خَصِيماً *  وَاسْتَغْفِرْ اللَّهَ إِنَّ اللَّهَ كَانَ غَفُوراً رَحِيماً * وَلا تُجَادِلْ عَنْ الَّذِينَ يَخْتَانُونَ أَنفُسَهُمْ إِنَّ اللَّهَ لا يُحِبُّ مَنْ كَانَ خَوَّاناً أَثِيماً * يَسْتَخْفُونَ مِنْ النَّاسِ وَلا يَسْتَخْفُونَ مِنْ اللَّهِ وَهُوَ مَعَهُمْ إِذْ يُبَيِّتُونَ مَا لا يَرْضَى مِنْ الْقَوْلِ وَكَانَ اللَّهُ بِمَا يَعْمَلُونَ مُحِيطاً * هَاأَنْتُمْ هَؤُلاءِ جَادَلْتُمْ عَنْهُمْ فِي الْحَيَاةِ الدُّنْيَا فَمَنْ يُجَادِلُ اللَّهَ عَنْهُمْ يَوْمَ الْقِيَامَةِ أَمْ مَنْ يَكُونُ عَلَيْهِمْ وَكِيلاً

އާޔަތްތަކުގެ ތަފްސީރީމާނަ: ''ހަމަކަށަވަރުން، ޙައްޤު ގޮތުގައި ތިމަންރަސްކަލާނގެ ކަލޭގެފާނަށް މި ޤުރުއާން ބާވައިލެއްވީ، ކަލޭގެފާނަށް ﷲ ވަޙީބާވައިލައްވާ،  ދައްކަވާ އަންގަވާފައިވާ ގޮތުގެމަތިން، މީސްތަކުންގެ މެދުގައި ޙުކުމްކުރެއްވުމަށެވެ. ފަހެ ޙަޤީޤަތް ފޮރުވައި ޚިޔާނާތްތެރިވާ މީހުން ދައްކާ، ޙަޤީޤަތާ ޚިލާފު ވާހަކަތަކަކަށް ބުރެވެވަޑައިގެން، އެމީހުންގެ ދިފާޢުގައި މަސައްކަތްކުރައްވާ ބޭކަލެއްކަމުގައި ކަލޭގެފާނު ވެވަޑައިނުގަންނަވާށެވެ! (105) އަދި، ހުރިހާ ހާލަތްތަކެއްގައިވެސް ފާފަފުއްސެވުން އެދި، ﷲ ގެ ޙަޟްރަތަށް ކަލޭގެފާނު ދަންނަވާށެވެ! ހަމަކަށަވަރުން ގިނަގިނައިން ފާފަފުއްސަވާ ރަޙީމްވަންތަ ކަލަކު ކަމުގައި ﷲ ވޮޑިގެންވެއެވެ. (106). އަދި ﷲ އަށް އުރެދުމުގެ ސަބަބުން، އެއުރެންގެ އަމިއްލަ ނަފްސުތަކަށް ޚިޔާނާތްތެރިވާ މީހުންގެ ދިފާޢުގައި ކަލޭގެފާނު ޖަދަލުނުކުރައްވާށެވެ! ހަމަކަށަވަރުން، ފާފަވެރި ޚިޔާނާތްތެރި މީހަކު ދެކެ ﷲ ލޯބިވެވޮޑިގެނެއް ނުވެއެވެ. (107) އެފަދަ މީހުން، އެމީހުން ކުރާ ކަންތައްތައް މީސްތަކުންނަށް ފެނިދާނެތީ، ފޮރުވައި ވަންހަނާވެގަނެއުޅެއެވެ. އެކަމަކު، އެމީހުން ﷲ ގެ ޙަޟްރަތަށް ލަދުވެތިވެ އެކަން ވަންހަނާކުރާކަށް ނޫޅެއެވެ. އެކަލާނގެ ރުހިވޮޑިގެންނުވާ، މަކަރާއި އޮޅުވާލުމު ބަސްތައް، ރޭގަނޑުގެ ވަގުތުގައި ތަދުބީރުކޮށް އުޅޭހިނދު، އެއުރެންނާ އެކުގައި އެކަލާނގެ ވޮޑިގެންވެއެވެ. ފަހެ ދަންނާށެވެ. އެމީހުން ކުރާ ޢަމަލުތައް، ފުރިހަމައަށް ދެނެވޮޑިގެންވާ ކަލަކުކަމުގައި ﷲ ވޮޑިގެންވެއެވެ. (108) އޭ މުއުމިނުންނެވެ! ދުނިޔޭގެ ޙަޔާތުގައި އެމީހުންގެ ފަރާތުން، ދިފާޢުގައި ތިޔަބައިމީހުން ތިޔަ ޖަދަލުކުރީއެވެ. ޤިޔާމަތްދުވަހުން އެމީހުންގެ ފަރާތުން ﷲ އާ ޖަދަލުކުރާނީ ފަހެ ކާކުހެއްޔެވެ؟ ނުވަތަ، އެއުރެންގެ ކަންތަކާ ޙަވާލުވެ ދިފާޢުކުރާނޭ ވަކީލަކަށް ވާނީ ފަހެ ކާކުހެއްޔެވެ؟ (109) {އައްނިސާ: 105- 109}

ތަޙްރީފުކޮށް ބަދަލުކުރެވިފައިވާ ޔަހޫދީދީން ދެކޭގޮތުގައި، ރިބާ ޙަރާމްވާނީ، ޔަހޫދީއަކު އެހެން ޔަހޫދީއަކަށް ދަރަނި ދެންޏާއެވެ. ވީމާ، ޔަހޫދީ ނޫން މީހަކަށް، ރިބާ ލާފައި ދަރަނި ދިނުމަކީ އެއީ ހުއްދަ ކަމެކެވެ. ތައުރާތުގެ އައްތަޘްނިޔާ ފޮތުގައި، 23: 19-20 (ޑިއުޓެރޮނޮމީ23: 19-20) ބުނެފައި ވަނީ: ''ކަލޭގެ އަޚާއަށް، ފައިސާއިން ވިޔަސް، އަދި ކާއެއްޗަކުން ވިޔަސް، އަދި އެނޫންވެސް އެއްޗަކުން ދަރަންޏެއް ދޭއިރު، ރިބާ ނުލާށެވެ.'' ''ރިބާލާފައި ކަލެއަށް ބޭރުހިލޭމީހަކަށް ދަރަނި ދެވިދާނެއެވެ. އެކަމަކު ކަލޭގެ އަޚާއަށް ރިބާލާފައި ދަރަނި ނުދޭށެވެ.''

ކީރިތި ޤުރުއާނުގައި ވެސް، ޔަހޫދީން އެމީހުންގެ ދީނާއި ނަސްލުގެ މީހުން ނޫން މީހުންނާ މުޢަމަލާތްކުރާއިރު، އެއްވެސް ކަހަލަ ޖެހިލުމެއް، ކުށް އިޙްސާސުވުމެއް ނެތި، ޚިޔާނާތްތެރިވުން ހުއްދަކުރާ ވާހަކަ، ބަޔާންވެފައިވެއެވެ. މިގޮތުން މާތް ﷲ ވަޙީކުރައްވާފައިވަނީ: وَمِنْ أَهْلِ الْكِتَابِ مَنْ إِنْ تَأْمَنْهُ بِقِنطَارٍ يُؤَدِّهِ إِلَيْكَ وَمِنْهُمْ مَنْ إِنْ تَأْمَنْهُ بِدِينَارٍ لا يُؤَدِّهِ إِلَيْكَ إِلاَّ مَا دُمْتَ عَلَيْهِ قَائِماً ذَلِكَ بِأَنَّهُمْ قَالُوا لَيْسَ عَلَيْنَا فِي الأُمِّيِّينَ سَبِيلٌ وَيَقُولُونَ عَلَى اللَّهِ الْكَذِبَ وَهُمْ يَعْلَمُونَ

އާޔަތުގެ ތަފްސީރީމާނަ: ''ނުހަނު ގިނަ މުދާ، ކަލޭގެފާނު އެމީހަކާ އަމާނާތުގެ ގޮތުގައި ޙަވާލުކުރައްވައިފިނަމަ، އެ އަމާނާތް ކަލޭގެފާނަށް އަނބުރައި ރައްދުކުރާ އަމާނާތްތެރި މީހުން، ފޮތުގެ އަހުލުވެރިންކަމުގައިވާ ޔަހޫދީންގެ ތެރެއިންވެއެވެ. އަދި، އެންމެ ދީނާރެއް ކަލޭގެފާނު އެމީހަކާ އަމާނާތުގެ ގޮތުގައި ހަވާލުކުރައްވައިފިނަމަ، އެ އަމާނާތް އަނބުރައި ރައްދުކުރުން އެދިވަޑައިގެން، ބުރަމަސައްކަތްތަކެއް ކުރައްވައިގެން ނޫނީ، އެ އަމާނާތް ކަލޭގެފާނަށް އަނބުރައި ރައްދުނުކުރާ މީހުންވެސް އެމީހުންގެ ތެރެއިންވެއެވެ. މީގެ ސަބަބަކީ، ޢަރަބިންނާމެދުގައި އެހެން ހެދުމަކުން އެއްވެސް ފާފައެއް އަހުރެމެންގެ މައްޗަކަށް ނެތޭ، ޢަރަބިންގެ މުދާ ބާޠިލުގޮތުގައިވެސް ކެއުން ﷲ ހުއްދަކުރައްވާފައިވެޔޭ، އެމީހުން ބުނާބުނުމެވެ. އެބައިމީހުން ދެނެތިބެ، މިފަދައިން ﷲ އާ މެދު ދޮގުހަދާ އުޅެއެވެ." {އާލްޢިމްރާން: 75}

ޝައްކެއްވެސް ނެތެވެ. އެމީހުން، މާތ ﷲ ގެ ރަސްކަންފުޅާމެދު އެ ހަދަނީ ދޮގެވެ. އެހެނީ، އެކަލާނގެ ޝަރީޢަތް، އެއްބަޔަކު އަނެއްބަޔަކާ ތަފާތެއް ނުކުރެއެވެ. ފޮނުއްވި ހުރިހާ ރަސޫލުބޭކަލުންނާއި ނަބީބޭކަލުންގެ ދޫފުޅުމަތިން، އެކަލާނގެ ވަނީ ޚިޔާނާތްތެރިވުން ޙަރާމްކުރައްވާފައެވެ.

ދެނާޅިން ކިރުމުގެ ހަމައަކީ، ގޮތެއްފޮތެއް އަދި ތަހުޒީބުކަމެއް ނެތް ބިދާއީ އިންސާނުންގެ ހަމައެކެވެ. ވީމާ މިފަދަ ހަމައެއް އިސްރާއީލީންގެ ކިބައިގައި ހުންނަކަމީ ހިތާމަކުރަންޖެހޭ ކަމެކެވެ. އަދި ހަމައެހެންމެ މިއީ، ސަމާވީ ދީނަކަށް ނިސްބަތްކުރުން އެކަށީގެންވާ، ހަމައެއްވެސް ނޫނެވެ. އެހެނީ މަތިވެރި އަޚްލާޤަކީ، ކިއެއްތަ، ޙައްޤު އަޚްލާޤަކީ، އޭގައި ޝާމިލުކަމާއި ޢާއްމުވުން ހިމެނޭ އެއްޗެކެވެ. އޭގައި އެކަކަށް ހުއްދަކޮށްފައި އަނެކަކަށް މަނާކުރުމެއް ނުއޮވެއެވެ. ދެނާޅިން ކިރުމެއް ނުއޮވެއެވެ.

އަހަރެމެންނާ، ތަހުޒީބުކަމެއް ނެތް ބިދާއީން ތަފާތުވަނީ، އަޚްލާޤީ ދާއިރާގެ ފުޅާމިނުގައެވެ. އަޚްލާޤު ހުރުމާ ނެތުމުގައެއް ނޫނެވެ. އެހެނީ، މިސާލަކަށް އަމާނާތްތެރިކަމަކީ މިފަދަ މީހުންގެ ގާތުވެސް ސަނާކިޔޭ ސިފައެކެވެ. އެކަމަކު އެމީހުން އަމާނާތްތެރިވަނީ އެ ޤަބީލާގެ އެއްބަޔަކު އަނެއްބަޔާއެކުގައެވެ.  ޤަބީލާ ނުވަތަ ދަރިކޮޅުން ބޭރު ބަޔަކާ މުޢާމަލާތްކުރާއިރު، ޚިޔާނާތްތެރިވުމަކީ އެއީ ހުއްދަކަމެކެވެ. ކިއެއްތަ، އެދެވިގެންވާ ނުވަތަ ވާޖިބުކަމެކެވެ.

'ޙަޟާރަތުގެ ވާހަކަ'[2] މި ފޮތް ލިޔުނު މީހާ ބުނެފައިވެއެވެ: ''ކުރީގެ އިންސާނުންގެ ހުރިހާ ޖަމާޢަތްތަކެއްހެން ޤަބޫލުކުރާ އެއްކަމަކީ، އެ ޖަމާޢަތް ނޫން އެހެން ޖަމާޢަތްތަކުގެ މީހުންނަކީ، އެމީހުންނަށްވުރެ ދަށް ބައެއްކަމަށް ދުށުމެވެ. ރަތް އިންޑިއާ މީހުން ދެކުނީ، އެމީހުންނަކީ ﷲ ހޮއްވަވާފައިވާ ބައެއް ކަމަށެވެ. އަދި އެމީހުންނަކީ ދުނިޔޭގެ އެހެން މީހުންނަށް ނަމޫނާއަކަށް، 'މަތިވެރިވެގެންވާ ރޫޙު' ހައްދަވާފައިވާ ޚާއްޞަ ބައެކެވެ. 'އެމީހުން ފިޔަވައި މީހުންނެއް ނުވާ މީހުން' ގެ ނަމުން ނަންކިޔައި، އިންޑިއާ ޤަބީލާއަކަށް އެމީހުން އަމިއްލައަށް ނަންދީފައިވެއެވެ. އަނެއް ޤަބީލާއެއްގެ ނަމަކީ 'މީހުންގެ ތެރެއިން މީހުން' ނެވެ. ކެރީބިއަން ޤަބީލާއެއްގެ މީހުން ބުނީ ''މީހުންނަކީ ހަމައެކަނި އެމީހުން'' ކަމަށެވެ.

މިހެން މިކަން އޮތުމުގެ ސަބަބުން، އިހުގެ ބިދާއީ އިންސާނުން، ޤަބީލާގެ ތެރޭގައި ގެންގުޅޭ ހަމަތަކާއި އަޚްލާޤީ މިންގަނޑުތައް، ޤަބީލާއިން ބޭރު މީހުންނާއެކު ގެންގުޅެން ހިތަށްވެސް ނާރައެވެ. އެމީހުން ދެކުނީ އަޚްލާޤުގެ ބޭނުމަކީ، އެ ޖަމާޢަތް ނުވަތަ އެ ޤަބީލާއެއް ވަރުގަދަކޮށް، އެމީހުންގެ ތެރޭގައި ހަމަޖެހުން ޤާއިމުކޮށް، އެއްބައިވަންތަކަން މަތީ އެހެން މީހުންނާ ދޮކޮޅުވެރިވުމެވެ. ވީމާ، އަޚްލާޤީގޮތުން ކުރަންޖެހޭ ކަންތައްތަކާއި މަނާކަންތައްތަކަކީ، އެއީ ހަމައެކަނި ޤަބީލާގެ މީހުންނަށް އޮންނަ އެއްޗެކެވެ. ޤަބީލާއިން ބޭރުމީހަކު، އެއީ މެހުމާނަކަށް ނުވަންޏާ، ވީ އެންމެ ބޮޑަކަށް އެމީހަކާ ޢަދާވާތްތެރިވެ، ހަދަން ހިތަށް އެރި ގޮތެއް ހެދިދާނެއެވެ."

 *  *   *   *

* މިއީ ޝައިޚް ޔޫސުފުލް ޤަރަޟާވީގެ އަލްޙަލާލް ވަލްޙަރާމް މިފޮތުގެ ދިވެހި ތަރުޖަމާގެ ބައެކެވެ.

* މި ފޮތުން މިހާތަނަށް ކަވާސާގައި ޖަހާފައިވާ ބައިތައް އެއްކޮށް ޑައުންލޯޑް ކުރުމަށް މި ގުޅުމަށް ފިތާލާށެވެ. ވިޔަފާރިއަށް، ހުއްދަނެތި މި ފޮތް ޗާޕުކުރުމަކީ މަނާކަމެކެވެ. 


ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.