ހޯމަ20200629

އާކުރެވުނީ: 08:43:52

ޙައްޖުކުރާނީކިހިނެއް؟

hajj-vaanee-kihiney

ޙައްޖަށް ދިއުމަކީ ﷲގެ އަމުރުފުޅަށް ބޯލެނބުމުގެ ގޮތުން، ޠަވާފްކުރުމާއި ކަނޑައެޅިފައިވާ އެހެނިހެން އަޅުކަންތައްވެސް ކުރުމަށް، ކަނޑައެޅިފައިވާ ވަގުތެއްގައި މައްކާ ޤަސްދުކޮށް އެތަނަށް ދިއުމެވެ. ޙައްޖުވުމަކީ އިސްލާމްދީނުގެ ފަސްރުކުނުގެ ތެރެއިން އެއް ރުކުނެވެ. ކެރިކުޅަދާނަ ވެގެންވާ ކޮންމެ މުސްލިމެއްގެ މައްޗަށް ޢުމުރުން އެއްފަހަރު ވާޖިބުވެގެންވާ މަތިވެރި އަޅުކަމެކެވެ. ކަނޑައެޅިގެން އެއާއިމެދު އިންކާރުކޮށް ދޮގުކޮށްފިމީހާ މިއްލަތުން ބޭރުވެއެވެ. ކުޅަދާނަކަން ލިބިގެންވާމީހާ، ވީހާވެސް އަވަހަކަށް ޙައްޖުވުމަކީ މުސްތަޙައްބު ކަމެކެވެ.

ނަޞޭހަތްކޮޅެއް

1- ޙައްޖު ނުވަތަ ޢުމްރާވާ ކޮންމެ މުސްލިމަކުވެސް، ކުރެވިފައިވާ ކުށްފާފަތަކުން ތައުބާވެ، ﷲއަށް އިސްތިޢުފާރު (ފާފަ ފުއްސެވުންއެދި ދުޢާ) ކުރުން އެއީ އެންމެ އިސް ވާޖިބު ކަމުގައި ދެކޭށެވެ. އޭމާތް ބިމުން ތިމާ އަންނަނީ މުޅިން އާ ޙަޔާތެއް، އާ ރޫޙަކާއިއެކު، ކަމުގައިދެކޭށެވެ. ވީމައި ވޭތުވެދިޔަ ފާފަތަކުން ތައުބާވެ ފަހުން އެއްވެސް ފާފައެއް ނުކުރަން ޢަޒުމް ކަނޑައަޅާށެވެ. އެހެން ނޫނީ ބޮޑު ޚަރަދުކޮށްފައި ޙައްޖަށް ދިއުމުގެ އެއްވެސް މާނައެއް ނެތެވެ.

2- ޙައްޖު ކުރަނީ ޙަލާލު ފައިސާއިންތޯ ބެލުމަކީ އެންމެ މުހިންމު ކަމެވެ. ވައްކަން ކޮށްގެން ހޯދާފައިސާއާއި، މަކަރާއި ހީލަތުން އެހެންމީހުންގެ މުދަލަށާއި ފައިސާގެ މައްޗަށް ވެރިވެގެން ހުރެ ކުރާ ޙައްޖު މާތްﷲ ޤަބޫލެއް ނުކުރައްވާނެއެވެ. އެހެނީ ޙަލާލު އެއްޗެއްނޫނީ ﷲ ޤަބޫލު ނުކުރައްވާނެއެވެ. ދަރަންޏެއް އޮތްނަމަ ރަނގަޅު ގޮތަކީ އަވަހަށް އަދާކުރުމެވެ. ދައްކަންޖެހޭ މުއްދަތު ހަމަވެފައިވާ ދަރަންޏެއްނަމަ ޙައްޖަށް ދިއުމުގެ ކުރިން ދަރަނި ޙައްޤުވާފަރާތުގެ ހުއްދަ ހޯދަންޖެހޭނެ ކަމަށް ޢިލްމުވެރިން ދެކެލައްވައެވެ.

3 - ހަމައެހެންމެ ޙައްޖަށް ދަތުރުފެއްޓުމުގެ ކުރިން މީހެއްގެ މައްޗަށް އަނިޔާއެއް ކުރެވިވައިވާނަމަ، މަޢާފަށް އެދޭށެވެ. އަމާނާތެއް ބޮލުގައި އެޅިފައިވާނަމަ އަދާކުރާށެވެ. މީހެއްގެ އެއްޗެއް ނުޙައްޤުން އަތުލާފައިވާނަމަ އެ އެއްޗެއް އަބުރައިދޭށެވެ. އެމީހަކު ނެތްނަމަ އޭނާގެ ވާރުތަވެރިންނަށެވެ. ވަކިމިހެއް ނޭގިނުވަތަ އަނބުރާ ދިނުން މުސްތަޙީލުވެއްޖެނަމަ ﷲއާއި ވަކީލުކޮށް ތައުބާވާށެވެ. އަދި ވަރަށް މުހިންމު ކަމެއް އެބައޮތެވެ. އެއީ ރަޙިމުގެ ގުޅުން ކެނޑުމަކީ ވަރަށްބޮޑު ފާފައެކެވެ. މީހަކަށް މިފަދަ ކަމެއް ކުރެވިފައިވާނަމަ އަލުން އެގުޅުން ޤާއިމް ކުރަން އަވަސްވެގަންނާށެވެ. މައިންބަފައިންނަށް ނުވަތަ ތިމާގެ މީހަކަށް ރުޅިމޫނުގައި ހުރެ ޙައްޖަށް ނުދާށެވެ.

4 - ޙައްޖަކީ ކުޅަދާނަވެގެންވާ މީހާގެ މައްޗަށް ވާޖިބު އެއްޗެކެވެ. ކުޅަދާނަވުމަކީ ފައިސާގެގޮތުން ތަނަވަސްކަން ހުރުމާއި، ޖާނުގައި ދަތުރުގެ ބުރައުދަގޫ ތަޙައްމަލު ކުރުމުގެ ބާރުހުރުމެވެ. ވީމާ ބަލިކަށިވެ މުސްކުޅިވަންދެން ނުހުންނާށެވެ. ވީހާ ވެސް އަވަހަކަށް ޙައްޖަށްގޮސް ވީހާ ވެސް އަވަހަކަށް ރަނގަޅު މަގަށް މީހާ، އެޅުވޭތޯ ބަލާށެވެ.

5 - ހަށިގަނޑާއި، ފޭރާމުގެ ސާފުތާހިރުކަމަށް ޚާއްޞާ ސަމާލުކަމަކާއި ފަރުވާތެރިކަމެއް ބަހައްޓާށެވެ. މީގެ އިތުރުން ޙައްޖަށްގޮސް ދާ ތަންތަނުގެ ސާފުކަން ކިލަނބުވާފަދަ ކަންތައް ނުކުރާށެވެ. ތަންތަނަށް ކުނިބުނި ނުއުކާށެވެ. އިސްލާމްދީނަކީ ސާފުތާހިރުކަމުގެ ދީނެވެ.

6 - ޙައްޖަށްގޮސް އުޅޭ އުޅުމުގައި، ހަށިގަނޑަށް ބަލައިގެން އުޅޭށެވެ. ތިމާއަށް ތަޙައްމަލު ނުކުރެވޭނެ ކަންކަން ކުރަން އުޅުމަކީ ރަނގަޅުކަމެއް ނޫނެވެ. މިސާލަކަށް ޞިއްޙަތަށް ގެއްލުން ލިބޭނެފަދައަކުން އެއްގޮތަކަށްވެސް ނުނިދައި އަޅުކަންކުރަން ނުހުންނާށެވެ. ފަރުބަދަތަކުގެ އެންމެ މައްޗަށް މީހުން އަރާތަން ފެނުނީމައި، ގައިގައި ވަރު ނެތީސް އެތަންތަނަށް އަރަން ނުއުޅޭށެވެ.

7 - ވީހާވެސް ގިނަވަގުތެއް ޙަރަމްފުޅުގައި ހޭދަ ކުރެވޭތޯ ބަލާށެވެ.

8 - ދަތުރުގެ ބައިވެރިނަށް އެހީތެރި ވާށެވެ. އެންމެނާ ވެސް ހިތް ހެޔޮ ގުޅުމެއް ބާއްވާށެވެ. ހިނިތުން މޫނެއް ދައްކާށެވެ. ބޭރުފުށުން އެކަންޏެއް ނޫނެވެ. ބޭކާރު ވާހަކަ ނުދައްކާށެވެ. މިވެނި މީހަކު އެވެނިހެން ހަދައިފިއޭ، އެވެނި މީހަކަށް މިވެނި ކަމެއް ނުކުރެވުނޭ ކިޔައި، މީހުންގެ ވާހަކަ ނުދައްކާށެވެ.

ޙައްޖުވާގޮތް

ޙައްޖު ވާން އޮންނަނީ ތިން ގޮތެކެވެ. އެއީ:-

1-   ތަމައްތުޢް:

މިއީ ޙައްޖު މަސްތަކުގެ ތެރޭގައި(ޝައްވާލް، ޛުލްޤަޢްދާ، ޛުލްޙައްޖާގެ ފުރަތަ ދިހަ ދުވަސް) ޢުމްރާ އަކަށް އިޙްރާމް ބަނދެ، ޢުމްރާ ކޮށް އަވަދިވެގެން ޢުމްރާއިން ތަޙައްލުލް ވެ، ދެން މިއަށް ފަހު ޙައްޖު މަހު 8 ވަނަ ދުވަހު ޙައްޖަކަށް އިޙްރާމް ބަނދެ، ޙައްޖު ފުރިހަމަ ކުރުމެވެ. ތަމައްތުޢް ގެ ލަފްޒީ މާނައަކީ އަރާމު ލިބިގަތުމެވެ. މިހެން ކިޔުނީ، ޢުމްރާ އަށް އިޙްރާމް ބަނުމުން ޙަރާމްވި ކަންތައް ހުއްދަވެ، އެ އަރާމު ލިބިގަނެ، އަނެއްކާ ފހުން ޙައްޖު ކުރާތީއެވެ. މި ގޮތަށް ޙައްޖު ކުރާ މީހަކަށް ފުރިހަމަ ޢުމްރާ އަކާއި ފުރިހަމަ ޙައްޖެއް ކުރެވޭނެއެވެ.

މި ގޮތަށް ޙައްޖު ކުރާ މީހެއްގެ މައްޗަށް ހަދްޔު ކަތިލުން ވާޖިބު ވެއެވެ. ހަދުޔު ކަތިލުމުގެ ކުޅަދާނަ ކަމެއް ނެތް މީހާ ޙައްޖު ތެރޭގައި ތިން ދުވަހު ރޯދަ ހިފާފައި، ރަށަށް އައުމަށް ފަހު ހަތް ރޯދަ ހިފާނީއެވެ.

2- ޤިރާން :

މިއީ ޙައްޖަކަށާއި ޢުމްރާއަކަށް، އެއްކޮށް އިޙްރާމް ބަނުމެވެ. ނުވަތަ ޙައްޖު މަސްތަކުގެ ތެރޭގައި، ޢުމްރާއަކަށް އެކަނި އިޙްރާމް ބަނދެފައި، ޢުމްރާގެ ޠަވާފު ކުރުމުގެ ކުރިން އޭގެ ތެރެއަށް ޙައްޖު ވެއްދުމެވެ. އަދި ޔައުމުއް ނަޙްރު ގައި(10 ވަނަ ދުވަސް) ތަޙައްލުލް ވަން ދެން މިފަދަ މީހާ އިޙްރާމް މަތީ ހުންނަން ޖެހޭނެއެވެ. ޤިރާން ގެ މާނައަކީ ދޭތި އެއްކޮށް ކުރުމެވެ. މި ގޮތަށް ޙައްޖު ކުރާ މީހެއްގެ މައްޗަށް ވެސް ހަދްޔު ކަތިލުން ވާޖިބު ވެއެވެ.

3- އިފްރާދު :

މިއީ ހަމައެކަނި ޙައްޖަކަށް އިޢްރާމް ބަނުމެވެ. އިފްރާދު ގެ މާނައަކީ ހައްޖު ވަކިން ކުރުމެވެ. އިފްރާދު ޙައްޖަކަށް އިޙްރާމް ބަންނަ މީހާ މީޤާތުން އިޙްރާމް ބަނުމަށް ފަހު، ޔައުމުއް ނަޙްރު (10 ވަނަ ދުވަސް) ގައި ތަޙައްލުލް ވަން ދެން، އިޙްރާމް މަތީ ހުންނަން ޖެހޭނެއެވެ. މި ގޮތަށް ޙައްޖު ކުރާ މީހެއްގެ މައްޗަށް ހަދްޔު ކަތިލުން ވާޖިބު ނު ވެއެވެ.

މިތިން ގޮތުގެ ތެރެއިން އެންމެ ހެޔޮކަން ބޮޑު މޮޅު އިތުރު ގޮތަކީ ތަމައްތުޢް ޙައްޖު ކުރުމެވެ.

އިޙުރާމް ހެދުން

ފިރިހެނުންނާއި އަންހެނުންވެސް ބޮޑަށް އެދެވިގެންވަނީ ހުދު ކުލައިގެ ހެދުމެއް އިޚްތިޔާރު ކުރުމެވެ. ފިރިހެނުން އިޙްރާމްބަދެގެން ތިބޭއިރު ފަހާފައި ހުންނަ އެއްޗެހި ލުން ހުއްދައެއްނޫނެވެ. މަޖްބޫރު ޙާލަތެއް މެދުވެރިވެގެން ފަހާފައިވާ އެއްޗެއް ލާން ޖެހިއްޖެ މީހަކަށް ފިދުޔައަކާއި އެކު އެކަން ހުއްދައެވެ. ފަޔަށް ލާ އެއްޗަކީ ފައިގެ ކުޑަހުޅު ފާޅުވާ އެއްޗަކަށް ވުން ލާޒިމެވެ. މިދެންނެވީ ފިރިހެނުންނަށް އޮތްގޮތެވެ. އަންހެނުންނަށް، ފަހާފައި ހުންނަ އެއްޗެހިލުން މަނައެއް ނޫނެވެ. ޢައުރަ ނިވާވާ، ގަޔަށް ބާރު ނޫން ކޮންމެ ހެދުމެއް ވެސް އަންހެނުންނަށް ކަމުދާނެއެވެ. ހުދުކުލަ މުސްތަޙައްބެވެ.

އެއީ ބައެއް މީހުން އޮންނަނީ އިޙްރާމް ބަނުމާއި ހުދުކުލައިގެ ހެދުމެއްލުމާއި ގުޅުވާފައެވެ. އެހެންވީމާ އިޙްރާމް ބަނުމަކީ މި މީހުންނަށް ހީވެފައި އޮންނަގޮތުން އެ ހެދުން ލުމެވެ. ނަމަވެސް މިއީ މުޅިން ނުބައި ހީ އެކެވެ. ޙަޤީޤަތުގައި އިޙްރާމްބަނުމަކީ އެ އަޅުކަމުގެތެރެއަށް ތިމަންނަ ވަންނަކަމަށް ނިޔަތްގަނެ އެކަން ފަށައިގަތުމެވެ. ވަކި ކަހަލަ ހެދުމެއް ލާން ޖެހެނީ(އިޙްރާމް ހެދުން) ނިޔަތުގެ ފަހުންނެވެ.

އިޙްރާމް ބަނުން

ނިޔަފަތި ކަނޑައި، މަތިމަސް ކޮށައި، ކުރިމަތީ ފަރާތާއި ފުރަގަސްފަރާތާއި ކިހިލިފަތުގެ އިސްތަށި ބާލައި، ހިނައިގަންނާށެވެ. މި ހިނައިގަތުމަކީ ފަރުޟު ހިނައިގަތުމެއް ނޫނެވެ. އެކަމަކު މި ހުރިހާ ކަމަކީ ވެސް ސާފުތާހިރު ވުމަށްޓަކައި، ކުރުން ސުންނަތް ވެގެންވާ ކަމެކަވެ. ޢުޒުރުވެރި ވާނަމަ ވުޟޫކުރުން ވެސް ފުދޭނެއެވެ. އިޙްރާމް ބަންނައިރު އަންހެނުން ޙައިޟުވެފައި ތިބުން އެއީ އެއްގޮތަކަށްވެސް މައްސަލައެއް ނޫނެވެ. ގައިގައި މީރުވަސް ދުވާ ހުވަނދެއްލުން ސުންނަތްވެގެން ވެއެވެ. ނަމަވެސް ހެނދުމުގައި ހުވަނދު ނުލާށެވެ.

މިއަށްފަހު ކުރިން ދެންނެވިފައިވާ އިޙްރާމް ހެދުން ލާށެވެ. އިޙްރާމް ބަނދެގެން ސުންނަތް ދެ ރަކްޢަތް އޮންނަ ކަމަށް ޖުމްހޫރު ޢިލްމުވެރިން ވިދާޅުވެއެވެ. ނަމަވެސް އަނެއް ބައި ޢިލްމުވެރިން ވިދާޅުވަނީ، އިޙްރާމް ބަންނަން އަދި ބަނދެގެން ވެސް ކުރަން ޖެހޭ ވަކި ޚާއްޞަ ސުންނަތް ދެ ރަކްޢަތެއް ނު އޮންނަ ކަމަށެވެ. މި ޚިލާފަށް ނު ބަލާ، ޖުމްހޫރު ޢިލްމުވެރިން ވިދާޅުވި ގޮތް ނެގުމުން ރަނގަޅު ވާނެއެވެ. މުހިއްމު ނުކުތާއަކީ މިއީ ކޮންމެހެން ކުރެން ޖެހޭ ވާޖިބު ކަމެއް ކަމަށް ބަލައިގެން ނުވާނެއެވެ.

ކުރަން ތި ދަނީ ހަމައެކަނި ޙައްޖެއްކަން ނުވަތަ ޢުމްރާއެއްކަން ނުވަތަ ދޭތިއެއްކޮށްކަން ވަކިގޮތަކަށް ނިންމައި ކަނޑައަޅައި، އެކަމަށް ނިޔަތް ގަންނާށެވެ. އިޙްރާމް ބަންނާނީ ކަނޑައެޅިފައިވާ މީޤާތުތަކުންނެވެ. އެއީ ޛުލްޙުލައިފާ(މަދީނާ މީހުންނަށް)، ޛާތަޢިރްޤު(ޢިރާޤު މީހުންނަށް)، އަލްޖުޙްފާ(މިޞްރު، ޝާމް މީހުންނަށް)، ޤަރްނުލް މަނާޒިލް(ނަޖިދު މީހުންނަށް)، ޔަލަމްލަލް(ޔަމަނު މީހުންނަށް) އެވެ. މި ތަންތާ ނޫން މީހުން ގެ މީޤާތަކީ، އެ މީހުން ދާ ދިމާއެއްގައި އޮންނަ އެންމެ ފުރަތަމަ ޖެހޭ މީޤާތެކެވެ. މަތިން ދާ ބޯޓު ގައި، ނުވަތަ ދެ މީޤާތު ދޭ ތެރޭ ހިސާބަކުން ދާ ނަމަ، އެ މީޤާތު ހުރަސްވާ ރޮނގު އެއީ މީޤާތެވެ. ނަމަވެސް، ބޯޓު ދުއްވާފައި ދާ ބާރުކަމުން، މަތިން ދާ ބޯޓުގައި ދާ މީހަކު މީޤާތުން އިޙްރާމް ބަންނަން ހުއްޓާ ފާއިތު ވެދާނެއެވެ. ވީމާ ވަގުތު އޮއްވާ އިޙްރާމް ބަންނަން ޖެހޭނެއެވެ. ރާއްޖެއިން ދާ މީހުން ކަނޑު މަގުން ދިޔަ ޒަމާނުގައި އޮންނަ މީޤާތަކީ ޔަލަމްލަލް އެވެ. ނަމަވެސް މިހާރު މީޤާތަކީ ޤަރްނުލް މަނާޒިލް އެވެ. މީޤާތު ފަހަނައަޅާ އިރުވެސް އިޙްރާމް ނު ބަނދެއްޖެ ނަމަ، ޖެހޭނީ އަލުން މީޤާތަކަށް ގޮސް އިޙްރާމް ބަންނާށެވެ. މީޤާތުގެ ފަހުން އިޙްރާމް ބަނދެއްޖެނަމަ ޖެހޭނީ، ފިދްޔައެއް ދޭށެވެ. އެއީ ޙައްޖުގެ ވާޖިބެއް ދޫ ކުރީމައެވެ.

ތަމައްތުޢު ޙައްޖެ ނަމަ ނިޔަތް ގަންނާނީ: '' لبيك اللهم بعمرة '' މިފަދައިން ނެވެ.

އިފްރާދު ޙައްޖެއް ނަމަ ނިޔަތް ގަންނާނީ: '' لبيك اللهم حجاً '' މިފަދައިން ނެވެ.

ޤިރާން ޙައްޖެއް ނަމަ ނިޔަތް ގަންނާނީ: '' لبيك اللهم بحجة وعمرة '' މި ފަދައިންނެވެ.

ދެން ތަލްބިޔާ ކިޔާށެވެ. ތަލްބިޔާ ކިއުމަކީ لبيك اللهم لبيك. لبيك لا شريك لك لبيك. إن الحمد والنعمة لك والملك. لا شريك لك މިހެން ކިއުމެވެ.

އިޙްރާމް ބަނުމުން ކުރުން ޙަރާމްވާ ކަންތައް

އިޙުރާމް ބަނުމަށްފަހު ދެން ކުރުން ޙަރާމްވާ އެއްވެސް ކަމެއް ނުކުރާށެވެ. އެކަންތައްތަކަކީ:

1- ފިރިހެނުން ބޮލުގެ އިސްތަށި ފޮރުވުން

2- އަންހެނުން މޫނާއި ދެ އަތްތިލަ ނިވާކުރުން

3- ގައިގެ އެއްވެސް ތަނަކުން އިސްތަށި ބޭލުން ނުވަތަ އުފުރުން، ގަސްދަކާއިނުލައި ގައިން ނުވަތަ ބޮލުން އިސްތައްޓެއް ވެއްޓުނަސް މައްސަލައެއް ނެތެވެ.

4- ނިޔަފަތި ކެނޑުން

5- ގައިގައި ހުވަނދު ބޭނުން ކުރުން

6- ޖިންސީ އެދުމަކާއިއެކު އަނބިމީހާގެ ގައިގައި ބީހުމާއި ދޮން ދިނުން ނުވަތަ ބައްދައިގަނެ އުޅުން

7- ޖިމާޢު ވުން

8- ފިރިހެނުން ފަހާފައި ހުންނަ އެއްޗެހި ލުން، ފަހާފައިހުންނަ އެއްޗެހީގެ މާނައަކީ، ހަށިގަނޑުގެ ގުނަވަންތަކާއި އެއްގޮތަށް ފަހާފައިހުންނަ ގަމީސް ފަޓްލޫންފަދަ އެއްޗެއްސެވެ. ހަމަ ރޮއްޖެއްހުއްޓަސް އެއީ ފަހާފައިހުންނަ އެއްޗަކަށް ނުވާނެއެވެ. އަންހެނުންނަށް ފަހާފައިހުންނަ ހުރިހާ އެއްޗެއްވެސް ލެވިދާނެއެވެ.

9- އެއްގަމު ޖަނަވާރު ޝިކާރަކުރުން، މެރުން

10- ކައިވެނިކުރުން، އަދި ކައިވެނި ކޮށްދިނުން

11- ކައިވެންޏަށް އެދި ހުށައެޅުން (ޚިޠްބާ/ގާލިހު)

ފުރަތަމަ ތަޙައްލުލު ގެ ކުރިން މިއިން ކަމެއް ޤަސްދުގައި ކޮށްފިނަމަ އެކުރެވުނީ ފާފައެކެވެ. ނަމަވެސް ފިދުޔަ ދިނުމުން (ކަންބަޅިއެއް ނޫނީ ފަސްދޮޅަސް މިސްކީނުންނަށް ކާންދިނުން ނޫނީ 3 ދުވަހު ރޯދަހިފުން) އޭނާގެ ޙައްޖު އަދި ޢުމްރާ ރަނގަޅުވާނެއެވެ. ފުރަތަމަ ތަޙައްލުލު ގެ ކުރިން އަންހެނުންނާއި އެކު ޖިމާޢު ވެއްޖެނަމަ ޙައްޖު ނުވަތަ ޢުމްރާ ފާސިދުވީއެވެ. ނުވަތަ އެ ކަމުނުދާ އެއްޗަކަށް ވީއެވެ. އޭނާއަށް ޖެހޭނީ އަލުން ޙައްޖު ކުރާށެވެ. އަދި ޖަމަލެއް ކަތިލުން ވާޖިބުވެއެވެ.

ޙައްޖުގައި ތިބޭއިރު އަންހެނުން މޫނާއި ދެއަތްތިލަ ފޮރުވުމަކީ ހުއްދަކަމެއް ނޫނެވެ. ހަޑިއެއްޗެހި އަގައިން ބުނުމާއި، ޒުވާބު ކުރުމާއި ޣީބަ ބުނުމަކީ ޙައްޖަށްގޮސް ކުރުން ހުއްދަކަންތަކެއް ނޫނެވެ. މިއީ އެއް އިރެއްގައިވެސް މުސްލިމުން ކޮށްގެންވާނެ ކަންތަކެއް ނޫނެވެ.

މަނާކަންތައް ކުރުމުން ދޭންޖެހޭ ފިދުޔަތައް

ޙައްޖުގައި ކުރުން ޙަރާމް ކަންތައް ކުރުމުން ދޭން ޖެހޭ ފިދްޔަ، ކުރާ ކަމުގެ ގޮތުން ތަފާތެވެ. އެހެން ގޮތަކަށް ބުނާނަމަ، އެކި ކަންތަކުގައި ދޭން ޖެހެނީ އެކި ފިދްޔަ އެވެ. އެގޮތުން :-

1 - ނިޔަފަތި ކެޑުން، އިސްތަށިބޭލުން، ބޯ ނިވާކުރުން (ފިރިހެނުން)، ހުވަނދުބޭނުން ކުރުން، ފަހާފައި ހުންނައެއްޗެއް ލުން (ފިރިހެނުން)، އަންހެނުން މޫނާއި ދެއަތްތިލަ ފޮރުވުން، މިއިން ކަމެއް މީހަކު ކޮށްފިނަމަ ދޭންޖެހޭ ފިދުޔައަކީ ކަންބަޅިއެއް ކަތިލައި އެ ބެހުން، ނުވަތަ ހަ މިސްކީނުންނަށް ކާންދިނުން(ކޮންމެ މިސްކީނަކަށް ބައި ޞާޢު)، ނުވަތަ ތިންދުވަހު ރޯދަހިފުމެވެ. މީގެ ތެރެއިން އެމީހަކު ބޭނުން ކަމެއް އިޚްތިޔާރު ކުރެވިދާނެއެވެ.

2- ޝިކާރަ ކުރީ އެއާ އެއް ފަދަ މިންވަރެއްގެ އެއްޗެއް ޞަޙާބީން ކަނޑައަޅުއްވާފައިވާ އެއްޗެއް ނަމަ، ޖެހޭނީ، އެއްފަދަ އެތި ކަތިލާފައި އޭގެ މަސް ބަހާށެވެ. ނުވަތަ އޭގެ އަގު މިސްކީނަކަށް ބައި ޞާޢު މަގުން ބަހާށެވެ. ނޫން ނަމަ ކޮންމެ މިސްކީނަކަށް ދޭ ކާ އެއްޗެހީ ގެ ބަދަލުގައި ރޯދަ ހިފާށެވެ. ޝިކާރަ ކުރި އެއްޗާ އެއް ފަދަ މިންވަރެއް ކަނޑައެޅިފައި ނުވާ އެއްޗެއް ނަމަ ޖެހޭނީ، ޢަދުލު ވެރި ދެ މީހުންގެ ބަހަށް އޭގެ އަގު ކަނޑައަޅާފައި، އެއިން މިސްކީނުންނަށް ކާން ދޭށެވެ. ނުވަތަ ރޯދަ ހިފާށެވެ.

3 - އެދުންވެރިކަމާއިއެކު ބީހުމާއި ދޮން ދިނުން ނުވަތަ ބައްދައިގަނެ އުޅުން ފަދަ ކަމެއް ކޮށްފިއްޔާ ދޭންޖެހޭ ފިދުޔައަކީ ކަންބަޅިއެއް ކަތިލައި އެ ބެހުން، ނުވަތަ ފަސްދޮޅަސް މިސްކީނުންނަށް ކާންދިނުން، ނުވަތަ ތިންދުވަހު ރޯދަހިފުމެވެ. މީގެ ތެރެއިން އެމީހަކު ބޭނުން ކަމެއް އިޚްތިޔާރު ކުރެވިދާނެއެވެ.

3 - އަންހެނަކާއި އެކު ޖިމާޢުވެއްޖެ ނަމަ -ފުރަތަމަ ތަޙައްލުލުގެ ކުރިން- ޙައްޖު ފާސިދުވީއެވެ. އޭނާއަށް ޖެހޭނީ ޖަމަލަކުން ފިދުޔަ ދޭށެވެ. އަދި ޙައްޖުގެ ބާކީ ބައި ފުރިހަމަ ކޮށްފައި، އަނެއް އަހަރު ޙައްޖު ޖުރުން ވާޖިބު ވާނެއެވެ.

4 - ފުރަތަމަ ތަޙައްލުލުގެ ފަހުން، އަންހެނަކާއި އެކު ޖިމާޢުވެއްޖެ ނަމަ، ޙައްޖު ފާސިދެއް ނުވާނެއެވެ. ނަމަވެސް އޭނާގެ މައްޗަށް ދެ ކަމެއް ވާޖިބު ވެއެވެ. އެއީ ފިދުޔައަކަށް ކަންބަޅިއެއް ކަތިލުމާއި(މަސްކައިގެން ނުވާނެ)، ޙަރަމް ސަރަހައްދުން ބޭރަށް ނުކުމެ، އަލުން އިޙްރާމް ބަނދެ، ޠަވާފުލް އިފާޟާ ކުރުމެވެ. މި ފަދަ ކަމެއް ކުރުމުން ޙައްޖު ފާސިދު ނުވެއޭ ބުނުމުން މީގެ މާނައަކީ މިއީ ހުއްދަ ކަމެކޭ ނޫނެވެ.

ކުރުން ހުއްދަ ކަންތައް

އިޙުރާމް ބަނުމަށްފަހުވެސް، ފެންވެރުމާއި އިޙްރާމް ހެދުން ބަދަލުކުރުން ހުއްދައެވެ. ގައި ސާފުކުރަން ސައިބޯންޏެއް ބޭނުން ކުރުން މަނައެއް ނޫނެވެ. ނަމަވެސް، އާދައިގެ ސައިބޯނި ބޭނުން ކުރާށެވެ. އަންހެނުންގެ ބޮލުގެ އިސްތަށިގަޑު ނިއުޅައިގެން، ބޯދޮވުންވެސް ހުއްދައެވެ. މެހި، މަދިރި، މީދާ ކުއްތާފަދަ ގެއްލުންދެނިވި ކޮންމެއް އެއްޗެއް މެރުން ހުއްދައެވެ. މީހަކު އިޙްރާމް ބަނދެގެން ހުއްޓާ އިޙްތިލާމްވުމުން (ނިދާފައި އޮއްވާ މަނިބޭރުވުން)، ހަމަ އަދައިގެ ދުވަސްތަކުގައި ވުމެކޭ ތަފާތެއް ނެތެވެ. އައިނު އެޅުމާއި، ކުޑަބޭނުން ކުރުމާއި ހިޔާ ބޭނުންކުރުން މަނައެއް ނޫނެވެ.

ޙައްޖުގެ ވާޖިބުތައް

1- މީޤާތުން އިޙްރާމް ބަނުން

2- ޢަރަފާތް ބިމުގައި ހުރުން (ދުވާލު ދިޔަ މީހެއްނަމަ އިރު އޮއްސެންދެން)

3- މުޒްދަލިފާގައި ރޭކުރުން

4- އައްޔާމުތަޝްރީޤްގެ ރޭތަކުގައި މިނާގައި ރޭކުރުން

5- ޖަމްރާތަކަށް ތަރުތީބުން ހިލައުކުން

6- ބޯބާލައި ނުވަތަ ކޮށުން

7- ޠަވާފުލް ވަދާޢު

ޙައްޖުގެ ރުކުންތައް

1- އިޙްރާމްބަނުން

2- ޢަރަފާތް ބިމުގައި ހުރުން، ކިތަންމެ ކުޑަހިނދުކޮޅަކަށް ނަމަވެސް .

3- ޠަވާފުލް އިފާޟާ

4- ޞަފާ މަރުވާ ދެމެދު ހިނގުން

- ޙައްޖުގެ ރުކުނަކާއި ނުލައި ޙައްޖު ފުރިހަމަ ނުކުރެވޭނެއެވެ. ވީމައި ރުކުނެއް ދޫކޮށްލައިގެން ނުވާނެއެވެ. ނަމާދުގެ ރުކުނެއް ކަމުގައިވާ ސަޖިދައާއި ނުލައި ނަމާދު ކަމުނުދާހެން ޙައްޖުވެސް އޭގެ ރުކުނަކާއި ނުލައި ކަމު ނުދާނެއެވެ. މީހަކު ޠަވާފުގެ ހަތްބުރުގެ ތެރެއިން އެއްބުރު ދޫކޮށްލިޔަސް ވާނީ ރުކުނެއް ދޫކޮށްލިކަމަށެވެ. އޭނާ 6 ބުރު ޖެހިޖެހުން އެއީ ބެލެވޭނެ އެއްޗެއް ނޫނެނެވެ. ރުކުނެއް ދޫކޮށްފިއްޔާ (ވާޖިބެއް ދޫކުރުމާއި ޚިލާފަށް) ފިދުޔަ ދިނަސް އެ ކަން ފޫނުބެއްދޭނެއެވެ. ޖެހޭނީ ހަމަ އެކަމެއް ކުރާށެވެ. މިހިސާބުން ހަނދާނުގައި ބަހައްޓަން ޖެހޭ ނުކުތާތަކެއް އެބަހުއްޓެވެ. އެއީ :

- ޠަވާފް ކުރުމާއި ސަޢްޔުކުރާކަށް އެންމެފަހުވަގުތެއް ނު އޮވެއެވެ. ވީމައި ޙައްޖުވެރިޔާ އަށް މިއިންކަމެއް އަޅައިލެވިއްޖެނަމަ އަލުން އެ ކަން ކުރެވިދާނެއެވެ.

- ވާޖިބެއް ދޫކުރެވިއްޖެނަމަ ކަންބަޅިއެއް ނުވަތަ ގެރިއެއް ނޫނީ ޖަމަލެއްގެ ހަތްބައިކުޅަ އެއްބައި ކަތިލާފައި ހޭދަކުރަންޖެހޭނެއެވެ. މިކަމަށް ނުކުޅަދާނަ ނަމަ އޮތީ ދިހަދުވަހުގެ ރޯދަހިފުމެވެ. އެއީ ޙައްޖު ތެރޭގައި ތިނެއް ޙައްޖުން އައުމަށްފަހު ހަތެކެވެ. މިކަތިލުން ޙަރަމްގައި ކަތިލުން އެއީ ލާޒިމްކަމެކެވެ. ވީމައި މީހަކު ރަށަށް އައިސް މިކަން ކުރިއަސް ކަމަކުނުދާނެއެވެ. ވާޖިބެއް ހަނދާންނެތިގެންވިޔަސް ނުވަތަ ގަސްދުގައިވިޔަސް، ޙައްޖު ރަނގަޅުވާނެއެވެ. ގަސްދުގައި ވިއްޔާ އެމީހަކު ފާފަވެރިވާނެއެވެ.

- ހުރިހާ ނުވަތަ ބައެއް ސުންނަތްތައް ދޫކޮށްލިއަސް، ޙައްޖު ކަމުދާނެއެވެ. އެކަމަކު އެމީހަކަށް އެ ދޫކުރެވެނީ ގިނަ ޘަވާބު ތަކެކެވެ. މިފަދަ މަތިވެރި އަޅުކަމަކަށް ގޮސްފައި، ސުންނަތެއް ވެސް ދޫކުރުމަކީ ކޮޅެއްނެއްހާ މޮޔަކަމެކެވެ.

ޙައްޖުގެ ސުންނަތް

ޙައްޖުގެ ސުންނަތް ވަރަށް ގިނައެވެ. އޭގެ ތެރެއިން ބައެއް ކަންތައްތައް ތިރީގައި މިވަނީއެވެ.

1- އީޙްރާމްބަންނަން ހިނައިގަތުން

2- ހުވަނދުލުން

3- ޠަވާފުލް ޤުދޫމް

4- ޙަޖަރުލް އަސްވަދުގައި ބޮސްދިނުން

5- ޠަވާފްގެ ފުރަތަމަ ތިންބުރުގައި އަވަސް ހިނގުމެއްގައި ޠަވާފްކުރުން

6- ސަޢްޔުކުރާއިރު ފާހަނގަ ކުރެވިފައި ހިސާބުގައި ދުވެފައި ކަހަލަގޮތަކަށް ހިގުން

7- ޢަރަފާތް ދުވަސް ވިލޭރޭ މިނާގައި ރޭކުރުން

8- ވާރިދުވެފައިވާ ދުޢާތަކާއި ޛިކުރުތައް ކިއުން

މައްކާއަށް ވަނުމާއި ޠަވާފްކުރުން

މައްކާއަށް އާދެވުމަށްފަހު، ހުންނަތަނަކަށް ދެވުމުން ފެންވަރައި ނުވަތަ ވުޟޫ ކޮށްގެން ޙަރަމްފުޅަށް ގޮސް، ތަމައްތުޢު ޙައްޖެއް ކުރާމީހެއްނަމަ ނިޔަތް ގަންނާނީ ޢުމްރާގެ ޠަވާފް ކުރާށެވެ. އިފްރާދް ނުވަތަ ޤިރާން ޙައްޖު ކުރާ މީހެއް ނަމަ، ނިޔަތް ގަންނާނީ ޠަވާފުލް ޤުދޫމް ކުރާށެވެ.

ގެފުޅު ފެންނަ ހިސާބަށް ދެވުމުން ތަކުބީރު ކިޔައި ތަހުލީލު ކިޔާށެވެ. މިފަދައިންކިޔާށެވެ. بسم الله والصلاة والسلام على رسول الله، اللهم اغفر لي ذنوبي وافتح لي أبواب رحمتك، أعوذُ بالله العظيم وبوجهه الكريم وبُسلطانه القديم من الشيطان الرجيم

މިއަށްފަހު ބޭނުން ދުޢާތަކެއް ކުރާށެވެ. އެދެވިގެން ވަނީ ބޮޑަށް ސުންނަތުގައި އައިސްފައިވާ ދުޢާ ކިއުމެވެ. މިފަދަ ދުޢާއެއް ނޭނގޭ ނަމަ އަމިއްލަ އަށް ކުރާށެވެ. ސުވަރުގެ ދެއްވުމަށާއި، ތަޤްވާވެރިވުމަށާއި، ދީނުގައި ސާތިބުވުމަށާއި، މުއްސަނދިކަމަށައި، ދަރިންނަށާއި، އިސްލާމީ އުއްމަތަށް ހެޔޮ އެދި ދުޢާ ކުރެވިދާނެއެވެ. ކުރު ގޮތަކަށް ބުނާނަމަ، ދީނުގައި ހުއްދަ ކޮންމެ ކަމަކަށް އެދި ދުޢާ ކުރެވިދާނެއެވެ. ވީހާ ވެސް ގިނައިން ޤުރުއާން ކިޔަވާށެވެ. އެއަށްވުރެ މާތް ފޮތެއް ނެތެވެ. ކިޔަން އެއަށް ވުރެ މޮޅު އެއްޗެއް ނެތެވެ.

ޠަވާފު

ޠަވާފުކުރަން ޖެހޭނީ ދެ ޙަދަޘުން ޠާހިރުވެ ހުރެއެވެ. ޠަވާފު ކުރާ އިރު ވުޟޫ މަތީ ހުރުމަކީ ޚިލާފު މައްސަލައެކެވެ. މީގައި ޖުމްހޫރު ޢިލްމުވެރިން ވިދާޅުވަނީ މި ގޮތެވެ. ނަމަވެސް އަބޫ ޙަނީފާ، އިބްނު ތައިމިއްޔާ ފަދަ ޢިލްމުވެރިން ވިދާޅުވަނީ، ޠަވާފު ކުރާ އިރު ވުޟޫ މަތީ ހުންނަން ޖެހޭ ކަން ސާބިތުވާ އެއްވެސް ޞައްޙަ ދަލީލެއް ނެތް ކަމަށެވެ. އަދި މުޙައްޤިޤުން ވިދާޅުވަނީ، ރާޖިޙް ރައުޔަކީ ވެސް މިއީ ކަމަށެވެ. ނަމަވެސް، މޮޅު އިތުރު ގޮތް ގެނައުމުގެ ގޮތުން، އަދި ޠަވާފު ކުރެއްވުމުގެ ކުރިން ރަސޫލާ ވުޟޫ ކުރައްވާފައި ވާތީ، އަދި ފިޤުހީ ޚިލާފުން ނުކުތުމުގެ ގޮތުން، ޢިލްމުވެރިން ވިދާޅު ވަނީ ވުޟޫ މަތީ ހުރުމަށެވެ.

ވީމާ އަސްލަކީ ވުޟޫ މަތީ ހުރުން ކަމަށް ބަލާފައި، އިސްތިސްނާ ޙާލަތްތަކުގައި އަނެއް ރައުޔު ނެގިދާނެއެވެ. މިސާލަކަށް ޠަވާފު ކުރަމުން ދަނިކޮށް ވުޟޫ ގެއްލުނީމާ، މީހުން ގިނަ ކަމުން ވުޟޫ ކުރަން ނުދެވުން، ފުރަން ގަޑި ޖެހިފައިވާ މީހަކު ޠަވާފު ކުރަނިކޮށް، ވުޟޫ ގެއްލިގެން އަލުން ވުޟޫކޮށްގެން ޠަވާފު ކޮށްފިނަމަ ދަތުރު ފާއިތުވުން، ވުޟޫ ނު ކޮށް މީހަކު ޠަވާފު ކޮށްފައި އައިސް، އެކަމާ މެދު ސުވާލު ކުރުމުން ފަދަ ޙާލަތްތަކުގައި، ވުޟޫ ޝަރުޠު ނު ކުރާ ރައުޔު ނެގިދާނެއެވެ.

ޠަވާފުކުރާއިރު މީހާގެ ވާއަތްފަޅި ހުންނަންޖެހޭނީ ގެފުޅާއި ވީ ފަޅީގައެވެ. ޠަވާފް ކުރަން ޖެހޭނީ ޙަޖަރުލް އަސްވަދާއި ދިމާއިންނެވެ. ކޮންމެ ބުރެއްވެސް މިދިމާއިން ފައްޓާފައި އެދިމާއަށް ނިންމާށެވެ. މި ޠަވާފުގެ ފުރަތަމަ ތިންބުރު އަވަސް ފިޔަވަޅުތަކެއްގައި ހިނގުމާއި(ރަމްލު)، ޠަވާފު ކުރާ އިރު ކަނާތު ކޮނޑު ކަޝްފު ކުރުން(އިޟްޠިބާޢް)، ފިރިހެނުންނަށް ސުންނަތް ވެގެންވެއެވެ. ޙިޖްރު އިސްމާޢީލް ގެ ތެރެއިން ޠަވާފުކޮށްފިއްޔާ އެ ޠަވާފު ނު ގުނޭނެއެވެ. ޖެހޭނީ އެ ބުރު އަލުން ގެންނާށެވެ. ސަބަބަކީ ޙިޖްރު އިސްމާޢީލަކީ ގެފުޅުގެ ތެރެއިން ހިމެނޭ ބައެކެވެ. ވީމާ އެތާ އެތެރެއަށް ވަދެއްޖެ ނަމަ ބެލެވޭނީ ގެފުޅު ތެރެއިން ޠަވާފު ކުރި ކަމަށެވެ. ގެފުޅު ވަށައިގެނެއް ނޫނެވެ.

ޠަވާފް ކުރާއިރު ހެޔޮ ޛިކުރުތައް ކިއުމާއި ކީރިތި ޤުރުއާން ކިޔެވުންމަތީ ދެމިހުންނާށެވެ. އެއްގޮތަކަށްވެސް އެހެންމީހުންނަށް އުދަގޫވާނެހެން، މީހުން ކޮއްޕައި ނުހަދާށެވެ. ހިނގަމުން ދާ އިރު، މަޑުކޮށް ނު ހަދާށެވެ. ގަދަކަމުން، މީހުން ކޮއްޕަމުން ގޮސް ގެފުޅުގައި އަތް ލައި، ޙަޖަރުލް އަސްވަދަށް ބޮސް ދޭން ނު އުޅޭށެވެ. މިއީ ސުންނަތްތަކެކެވެ. އުނދަގޫ ހާލަތުގައި މިކަން ކުރާކަށް ނުޖެހެއެވެ. ގެފުޅުގައި އަތް ލުމަށް ވުރެ، ޠަވާފް ކުރާ އިރު ޚުޝޫޢަތްތެރި ކަމާއެކު ޠަވާފު ކުރުން މާ މުހިއްމެވެ. ރަމްލު އާއި އިޟްޠިބާޢު ސުންނަތް ވެގެން ވަނީ މައްކާ އަށް ގޮސް ކުރާ ފުރަތަމަ ޠަވާފުގައި އެކަންޏެވެ. އެހެން އެއްވެސް ޠަވާފެއްގައި އަދި ސަޢްޔު ކުރާ އިރުވެސް، މި ދެ ކަންތައް ގެނައުމެއް ނޯވެއެވެ. ޙައްޖަށް އިޙްރާމް ބަން އިރުއްސުރެ، ތަޙައްލުލް ވަންދެން ބައެއް މީހުން، ކޮނޑު ކަޝްފު ކޮށްގެން ތިބުމަކީ، ޤަވާޢިދާއި ޚިލާފަށް ކުރާ ކަމެކެވެ.

ރުކުނުލް ޔަމާނީ އާއި ޙަޖަރުލް އަސްވަދާ ދެމެދުގައި ހުރެ ގިނަގިނައިން ދުޢާކޮށް އިސްތިޣްފާރު ކޮށް މިއަންނަނިވި ދުޢާ ކިއުން ސުންނަތް ވެގެން ވެއެވެ. ربنا أتنا في الدنيا حسنة وفي الآخرة حسنة وقنا عذاب النار

ޠަވާފު ކުރަމުން ގޮސް ޖެހުނު ބުރުގެ ޢަދަދު އޮޅިއްޖެނަމަ، ބޮޑަށް ހީވާ ޢަދަދަކަށް ބަލާށެވެ. ބޮޑަށް ހީވާ ޢަދަދެއް ނެތް ނަމަ، މަދު ޢަދަދު ނަގާށެވެ. އެހެނީ ޔަޤީން ޢަދަދަކީ އެއީ އެވެ. މިސާލަކަށް، ޖެހުނީ ތިން ބުރު ތޯ ނުވަތަ ހަތަރު ބުރު ތޯ ޝައްކު އުފެދި ވަކި ކޮޅަކަށް ބުރަ ނުވެވޭނަމަ، ޖެހުނީ ތިން ބުރު ކަމަށް ބަލާށެވެ. ޠަވާފުކޮށް ނިމުނު ފަހުން ޖެހުނު ބުރާ މެދު ޝައްކު އުފެދުނަސް، އަޅާ ނުލާށެވެ. އެހެނީ އެއްވެސް އަޅުކަމެއް ކުރުމަށް ފަހު، ޝައްކެއް ވެ ލިޔަސް، އެނބުރި ބެލުމެއް ނޯވެއެވެ.

ޠަވާފްގެ ދެރަކުޢަތް

ޠަވާފްގެ ހަތްބުރު ޖަހައިނިމުމުން، މަޤާމް އިބްރާހީމް އަށް ގޮސް ޠަވާފްގެ ސުންނަތް ދެ ރަކުޢަތް ކަމަށް ނިޔަތްގަނެ ކުރު ދެރަކުޢަތް ކުރާށެވެ. އެތަނާ ކައިރި ނު ވެވޭނަމަ މިސްކިތުގެ ކޮންމެ ތަނެއް ވެސް ފުދޭނެއެވެ. ފަ ފުއްސެވުން އެދި، ބޭނުން ކަންތައްތަކަށް އެދި ދުޢާ ކުރާށެވެ.

މުލްތަޒަމް ގައި ދުޢާކުރުން

މުލްތަޒަމް އަކީ ޙަޖަރުލް އަސްވަދާއި ގެފުޅުގެ ދޮރުކޮޅާއި ދެމެދު ވާތަނެވެ. މި ހިސާބަށް ވާޞިލު ވެވޭނަމަ ގޮސް، ބޮސްދީ އުރަކޮޅުގައި ބީހިލާށެވެ. އަދި ދުޢާކުރާށެވެ. ދެން މިއަށްފަހު ޒަމްޒަމްވަޅު ކައިރިއަށް ގޮސް ޒަމްޒަމް ފެން ފޮދެއް ބޯށެވެ. މިއީ ހައްތާވެސް ސުންނަތްތަކެވެ. މިތާނގައި ކުރެވޭ ދުޢާ އަކީ އިޖާބަ ކުރެވޭ ދުޢާއެއް ކަމަށް، ކީރިތި ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައި ވެއެވެ.

ޞަފާ މަރުވާ ދެމެދު ހިގުން

ތަމައްތުޢް ޙައްޖު ކުރާ މީހާ މި ސަޢްޔު ފައްޓާނީ ޢުމްރާގެ ސަޢްޔު ކަމަށް ނިޔަތް ގަނެގެންނެވެ. ޞަފާމަރުވާ ދެމެދު ހިގާއިރު، ހިނގަން ފައްޓާނީ ޞަފާއިންނެވެ. ޞަފާ ފަރުބަދައަށް އެރުމަށް ފަހު ގެފުޅާއި ދިމާއަށް ކުރިމަތި ލައިގެން ހުރެ ތަކުބީރާއި ތަހުލީލު ކިއުމަށްފަހު ކީރިތި ރަސޫލާ އަށް ޞަލަވާތް ކިޔެވުމަށްފަހު ދުޢާކުރާށެވެ. ދެން މަރުވާ އާއި ދިމާއަށް ހިގައިގަންނާށެވެ. ފެހިކުލައިން ފާހަގަކޮށްފައިވާ ދެ އިޝާރާތް ދެމެދު، ފިރިހެނުން ހިގުން ވަރަށް ބާރު ކޮށްލުން ސުންނަތްވެގެން ވެއެވެ. އަންހެނުން ހަމަ އާދައިގެ ގޮތެއްގައި ހިގާނީއެވެ. މަރުވާ އަށް ދެވުމުން ގެފުޅާއި ދިމާއަށް ކުރިމަތިލައިގެން ހުރެ ތަކުބީރާއި ތަހުލީލު ކިއުމަށްފަހު ކީރިތި ރަސޫލާއަށް ޞަލަވާތް ކިޔެވުމަށްފަހު ދުޢާކުރާށެވެ. މަރުވާއަށް އައުމުން އެވީ އެއް ބުރެވެ. އަނެއްކާ އެބުރި ޞަފާއަށް ދިއުމުން އެވީ ދެ ބުރެވެ.

ހަތްބުރު ހަމަކުރާނީ ދެންމެ މިދެންނެވި ގޮތަށެވެ. ޞަފާއިން ފެއްޓީމާ ހަތްވަނަ ބުރު ހަމަވާނީ މަރުވާ އަށެވެ. ޞަފާމަރުވާ ދެމެދު ހިނގަން ވާޖިބު ހިސާބު ބެލޭނެ ގޮތަކީ، ނުކުޅެދޭ މީހުން ގެންދާ ގޮނޑި ގެންދަން ހަދާފައިވާ ރޮނގު ނިމޭ ހިސާބު ބެލުމެވެ. މި ރޮނގު ނިމޭ ހިސާބަށް ދެކޮޅުން ވެސް ގޮސްފިނަމަ ވާޖިބު ހިނގުން ހިނގިކަމަށް ވާނެއެވެ. ޞަފާމަދުވާ ދެމެދު ހިނގާ އިރު، ވުޟޫ ހުރުން ލާޒިމެއް ނޫނެވެ. ނަމަވެސް ވުޟޫ މަތީ ހުރުން މޮޅު އިތުރެވެ. ހަމަ އެހެންމެ، ހިނގާ އިރު މެދު ނު ކެނޑި ހިނގުން ވެސް ލާޒިމެއް ނޫނެވެ. ވަރުބަލި ވެއްޖެ ނަމަ، އަރާމުކޮށްލަން މަޑު ކުރެވިދާނެއެވެ.

ސަޢުޔުކޮށް ނިމުމުން، އިޙްރާމްބަން އިރު ނިޔަތް ގަތް ޢުމްރާ ކޮށް ނިމުނީއެވެ.

ޢުމްރާއިން ތަޙައްލުލް ވުން (އިޙްރާމް ކެނޑުން)

މިހިސާބުން ދެން ބޯކޮށުމުން އޭނާ ޢުމްރާގެ އިޙްރާމުން ތަޙައްލުލް ވީ އެވެ.

ޤިރާން ނުވަތަ އިފްރާދުކޮށް ޙައްޖު ކުރާމީހުން މިކަން ކޮށްގެން ނުވާނެއެވެ. އެ މިޙުން ތިބޭނީ ކުރީގައި އައި އިޙްރާމް މަތީގައެވެ. ޢުމްރާއިން ތަޙައްލުލް ވާ އިރު، ހުރިހާ ދިމާ އަކުން ބޯ ކޮށަން ވާނެއެވެ. އަންހެނުން ޖެހޭނީ ބޮލުން އިންޗިއެއް ހާ ތަންކޮޅެއް ބުރި ކުރާށެވެ. ޙައްޖު ދުވަސް އަންނަން ވާ އިރަށް ބޯ ދިގުވާނެ ހާ މުއްދަތު އޮތް ނަމަ(މިސާލަކަށް ޝައްވާލު މަސް ތެރޭގައި ނަމަ) މޮޅު އިތުރު ގޮތަކީ ފިރިހެނުން ބޯ ބޭލުމެވެ.

ތަޙައްލުލް ވުމުން، އަންހެނެއް ވިޔަސް ފިރިހެނެއް ވިޔަސް، އިޙްރާމްބަނުމުން ކުރުން ޙަރާމްވި ކަންތައްތައް ކުރުން ހުއްދަވީއެވެ.

މައްކާއިން ޙައްޖަށް އިޙްރާމްބަނުން

ތަމައްތުޢު ޙައްޖެއް ކުރާމީހާ، ޙައްޖުމަހުގެ އަށްވަނަ ދުވަހު، މިދުވަހަށް ކިޔަނީ ޔައުމުއްތަރުވިޔާ، ކުރިންވެސް އިޙްރާމްބަން ގޮތަށް ތައްޔާރުވެ، މަސްޖިދުލް ޙަރާމްގައި ދެ ރަކުޢަތް ކުރުރުމަށްފަހު، ޙައްޖަކަށް ނިޔަތްގަންނާނީއެވެ. ''ލައްބައިކަ ޙައްޖަން'' އޭ ކިޔާފައެވެ. އެހެންމީހެއްގެ ބަދަލުގައި ކުރާ ޙައްޖެއް ނަމަ އެކަންވެސް މިވަގުތު ނިޔަތްގަނެ ކަނޑައަޅާށެވެ. އަދި ތަލްބިއާ ކިޔާށެވެ. اللهم إني أردت الحج فيسره لي وتقبله مني . لبيك اللهم لبيك.. لبيك لا شريك لك لبيك.. إن الحمد والنعمة لك والملك.. لا شريك لك

މިނާ އަށް ދާއިރުވެސް ތަލްބިއާ ކިއުންމަތީ ދެމިހުންނާށެވެ. އަދި ފަހުން ޢަރަފާތް ބިމަށް އަންނަ މަގުމަތީގައްޔާއި، ޢަރަފާތް ބިމުގައި، އޭގެ ފަހުން ޔައުމުއް ނަޙްރު ގައި ހިލަ އުކަންދެން ވެސް ވީހައިވެސް ގިނައިން ތަލްބިޔާ ކިޔާށެވެ. ޤިރާން ނުވަތަ އިފްރާދުކޮށް ޙައްޖު ކުރާމީހުން އަދިވެސް ތިބޭނީ ކުރީގައި އައި އިޙްރާމް މަތީގައެވެ.

މީނާއަށް ދިއުން

މީނާއަށް ދިއުން ސުންނަތްވެގެން ވަނީ މި ދުވަހު (އަށްވަނަ ދުވަސް) މެންދުރު ވުމުގެ ކުރިންނެވެ. އަދި މިނާގައި މެންދުރު، ޢަޞްރު، މަޢްރިބް، ޢިޝާ، ފަތިސް ނަމާދު ކުރާށެވެ. ހަތަރު ރަކުޢަތުގެ ނަމާދުތައް ޖަމްޢު ކުރުމެއްނެތި، އެނަމާދެއްގެ ވަގުތެއްގައި ޤަޞްރު ކޮށެވެ. މިނާގައި ޢަރަފާތް ވިލޭރޭ، ރޭ ކުރުމަކީ ސުންނަތެކެވެ. އިރުއެރުމުން ޢަރަފާތް ބިމަށް ދާން ދަތުރު ފައްޓާނީއެވެ. މި ދަތުރުގައި ވެސް ތަލްބިޔާ، ތަކްބީރު ކިޔާށެވެ.

ނަމިރާގައި ނަމާދުކުރުން

ނުވަވަނަ ދުވަހުގެ މެންދުރު ނަމާދާއި ޢަޞްރު ނަމާދު ކުރާނީ ނަމިރާ މިސްކިތުގައި ޤަޞްރުކޮށް އިސްކޮށް ޖަމްޢުކޮށެވެ. ނަމާދު ކޮށްގެން ދާނީ ޢަރަފާތަށެވެ.

ޙައްޖަކީ ޢަރަފާތް

ޙައްޖަކީ ޢަރަފާތެވެ. ވީމާ ނުވަވަނަ ދުވަހު ޢަރަފާތް ބިމުގައި ހުރުމަށް ތައްޔާރުވާށެވެ. މިއީ ޙައްޖުގެ އެންމެ މަތިވެރި ރުކުނެވެ. މިކަން ފާއިތުވެއްޖެ މީހަކަށް ޙައްޖު ފާއިތުވީއެވެ. ޙައްޖުދުވަހު އިރުމެދުން ލެނބީއްސުރެ ދިހަ ވަނަ ދުވަހު ފަޖްރުލުމާއި ދެމެދު ކިތަންމެ ކުޑަވަގުތު ކޮޅަކު ހުރެވުނަސް ރުކުން ފުރިހަމަވާނެއެވެ. ދުވާލު ވަގުތުގައި ޢަރަފާތްބިމަށް އާދެވުނުނަމަ އިރުއޮއްސެންދެން މި ބިމުގައި ހުންނަން ޖެހެއެވެ. ޢަރަފާތް ބިމުގެ ކޮންމެ ހިސާބެއްގައި ހުއްޓަސް މައްސަލައެއް ނެތެވެ. ޖަބަލުއް ރަޙްމާ އަށް އެރުމަކީ ކޮންމެހެން ކުރަން ޖެހޭ ލާޒިމު ކަމެއް ނޫނެވެ.

ޤުރުއާން ކިޔެވުމުގައްޔާއި ދުޢާކުރުމުގައި، ތައުބާވުމާއި ޚުޝޫޢަތްތެރި ކަމުގައި މިދުވަސް ހޭދަކުރެވޭތޯ ބަލާށެވެ. މިފަދަ ދުޢާތައް ކުރާށެވެ.

لا إله إلا الله وحده لا شريك له ، له الملك وله الحمد وهو على كل شيء قدير

މުޒްދަލިފާއަށް ދިއުން

ޙައްޖުދުވަހުގެ އިރު އޮއްސުމުން ޙައްޖުވެރިން މިސްރާބު ޖަހާނީ މުޒްދަލިފާގައި ރޭ ކުރަން، މުޒްދަލިފާއަށެވެ. ދާމަގުމަތީގައި ތަލްބިޔާ، ތަކްބީރު ކިޔާށެވެ. އަދި ދިއުމުގައި މަޑުމޮޅިކަމާއި ހަމަހިމޭން ކަން މަތީ ތިބުން ސުންނަތްވެގެން ވެއެވެ. މުޒްދަލިފާއަށް ދެވުމުން ޢިޝާވަގުތުގައި، މަޢްރިބް ނަމާދުގައި ތިން ރަކްޢަތް ޢިޝާނަމާދުގައި ދެ ރަކުޢަތް ކުރާށެވެ. ދެން ނިދާލާށެވެ. އުޒުރުވެރި ބަލިމީހުންނާއި އަންހެނުން މެންދަމުގެ ފަހު ވަގުތެއްގައި މިނާއަށް ދަތުރު ފެއްޓިއަސް އެންމެ ރަނގަޅެވެ.

ބަޤަރާސޫރަތުގެ 198ވަނަ އާޔަތުގައި އައިސްފައިވާ "އަލްމަޝްޢަރިލް ޙަރާމް" ވަނީ މުޒްދަލިފާގައެވެ. އެއީ އެތާ ހުންނަ ކުޑަ ފަރުބަދައެކެވެ. ފަރުބަދައަށް އެރުން ބުރަ ނަމަ، އެތާ ކޮންމެ ތަނެއްގައި ހުރެގެން ނަމަވެސް، ގިނައިން ޛިކުރުކޮށް ދުޢާކޮށް ހަދާށެވެ. ކުށްފާފަ ފުއްސެވުން އެދި ދުޢާކުރާށެވެ. އަވަހަށް ފަތިސްނަމާދުކުރާށެވެ.

މިނާއަށް ދިއުމާއި ހިލައުކުން

އަނެއްދުވަހު ދާން ޖެހޭނީ މިނާއަށް ހިލައުކާށެވެ. ވީމާ ހިލަ އުކަން ތައްޔާރުވުމުގެ ގޮތުން، މިރޭ މުޒްދަލިފާގައި ހުންނަ ހުރުމުގައި ބިމުން ހަތް ހިލަކޮޅު ހޮވާށެވެ. މުޒްދަލިފާގެ ބިން ނޫން ތަނަކުންވިޔަސް ހަމަ ރަނގަޅެވެ. އެހެނީ ކީރިތި ރަސޫލުﷲ -ޞައްލައްﷲ ޢަލައިހި ވަސައްލަމަ- ހިލަ ހޮއްވެވީ މުޛްދަލިފާ އަކުން ނޫނެވެ. ކިއެއްތަ، އިބްނު ޢައްބާސް މިނާއަށް ވަޑައިގަންނަވަނިކޮށް، އިބްނު ޢައްބާސް ލައްވައެވެ.

ވަކި ބޮޑު ހިލަތަކެއް ހޮވުން އެއީ އެއްވެސް ބޭނުން ކަމެއްނޫނެވެ. ތިންދުވަހަށް ވާ ވަރަށް ހިލަ އެއްފަހަރާ ހޮވިދާނެއެވެ. ނަމަވެސް މިއީ ކީރިތި ރަސޫލާ ކުރެއްވި ކަމެއް ނޫނެވެ. ސުންނަތް ގޮތަކީ، ހިލަ އުކާ ކޮންމެ ދުވަހަކު އެ ދުވަހަކު އުކާ ހިލަ ހޮވުމެވެ. ކޮންމެ ތަނަކުން ވިޔަސް ވަރިހަމައެވެ. ހިލަ އުކާ ތަނުގައި މީހަކު އަތުން ވެއްޓިފައި ހުންނަ ހިލައެއް، އަދި ކީއްކުރަން މީހަކު އެއްލީމާ ނުޖެހި އައިސް ވެއްޓިފައި އޮންނަ ހިލައެއް ވެސް ކަމުދާނެއެވެ.

އެއްފަހަރާ ހޮވާ ނަމަ ހޮވާނީ، އަވަސްވެގަންނަ މީހާ އަށް 49 ހިލަ، ފުރިހަމަކުރާމީހާއަށް 70 ހިލައެވެ. 7 ހިލައެއީ ޔައުމުއްނަޙްރު (ދިހަވަނަދުވަސް) ގައި ޖަމްރަތުލް ޢަޤަބާއަށް އުކާ ހަތް ހިލައެވެ. ޢީދުގެ ދެވަނަ އަދި ތިންވަނަ ދުވަހު ތިންޖަމްރާ ކުރެން ކޮންމެ ޖަމްރާއަކަށް 7 ހިލައެވެ. މާނައަކީ ދުވަހަކު އެއްލާނީ 21 ހިލައެވެ. މިއީ އަވަސްވެގަންނަ މީހާއަށް އޮތްގޮތެވެ. ފުރިހަމަކުރާމީހާ ހަތަރުވަނަ ދުވަހުވެސް ހަމަ މިފަދައިން ކަންތައްކުރާށެވެ. ކުރިން ވެސް ބުނިހެން އެއްފަހަރާ މުޒްދަލިފާއިން ހިލަ ހޮވުމަކީ ސުންނަތުގައި އޮންނަ ގޮތެއް ނޫނެވެ.

- ބައްޔަކާއި ހެދި ނުވަތަ މުސްކުޅިކަމުން ވަރު ދެރަ މީހުންނާއި، އަންހެނުންނާއި ކުޑަ ކުދިން، ދަންވަރު މުޒްދަލިފާއިން އައިސް، ރޭގަނޑުގެ ފަހު ވަގުތެއްގައި ހިލަ އުކުން ހުއްދައެވެ. އަސްމާއު ބިންތު އަބޫބަކްރު އާއި އުއްމު ސަލަމާ މިހެން ހެއްދެވި ކަމަށް ސާބިތުވެއެވެ. މި ފަދަ މީސް މީހުންނާއި ހަވާލު ވެގެން އަންނަ ފިރިހެނުންނަށް ވެސް އޮންނާނީ ހަމަ މި މީހުންގެ ޙުކުމެވެ.

- ގައިގައި ވަރު ހުރި ފިރިހެނުންނާ ކުޅަދާނަ މީހުން ޖަމްރަތުލް ޢަޤަބާ އަށް ޢީދު ދުވަހު އުކާ ހިލަ އުކަން ޖެހޭ ވަގުތު ފެއްޓެނީ، އިރު އެރުމުންނެވެ. ވަގުތު ނިމެނީ އިރު އޮއްސުމުންނެވެ. ނަމަވެސް މީހުން ގިނަ ކަމުން ނު ދެވުން ފަދަ އުޒުރެއް މެދުވެރިވެއްޖެ ނަމަ، ރޭގަނޑަށް ފަސް ކުރެވިދާނެއެވެ.

- ޖަމްރަތުލް ޢަޤަބާއާއި ހަމައަށް ދެވުމުން ތަލްބިޔާ ކިއުން ހުއްޓާލާފައި، ޖަމްރަތުލް ޢަޤަބާއަށް ހިލައުކާށެވެ. ހިލައަކަށްފަހު ހިލައެއް، ތަކުބީރު ކިޔަމުން ވަކިވަކިން އުކާށެވެ. ނަމަނަމަ ފައިވާނާއި އެހެނިހެންވެސް އެއްޗެހި ނުއުކާށެވެ.

- ހިލަ އަކީ އުކަން ޖެހޭ އެއްޗެކެވެ. އެތަނަށް އަޅަން ޖެހޭ އެއްޗެއް ނޫނެވެ. ހަމަ އެހެންމެ، އެތާ ހުންނަ ފާރުގައި ޖެއްސުމަކީ ވެސް ކުރަން ޖެހޭ ކަމެއް ނޫނެވެ. ވަޅު ތެރެއަށް އެއްލުނީމާ ފުދުނީއެވެ.

- ބައްޔަކާއި ހެދި ނުވަތަ މުސްކުޅިކަމުން، ހިލައުކޭ ހިސާބަށް ކައިރި ނުވެވޭނަމަ، އެހެން މީހަކާއި ހާވާލު ކުރެވިދާނެއެވެ.

ޔައުމުއް ނަޙްރު ގެ ކަންތައްތައް (ހައްޖުލް އަކްބަރު ދުވަސް)

ތަމައްތުޢު ޙައްޖާއި ޤިރާން ޙައްޖު ކުރި މީހުން، މި އަދު ދެން ޖެހޭނީ ހަދްޔު ކަތިލާށެވެ. ހަދްޔު ކަތިލުން ވާޖިބުވާނެއެވެ. ކީރިތި ޤުރުއާނުގައި މާތް ﷲ ވަޙީ ކުރައްވަނީ : فَمَنْ تَمَتَّعَ بِالْعُمْرَةِ إِلَى الْحَجِّ فَمَا اسْتَيْسَرَ مِنَ الْهَدْيِ فَمَن لَّمْ يَجِدْ فَصِيَامُ ثَلاَثَةِ أَيَّامٍ فِي الْحَجِّ وَسَبْعَةٍ إِذَا رَجَعْتُمْ تِلْكَ عَشَرَةٌ كَامِلَةٌ

މާނައަކީ :"ތިޔަބައިމީހުންނަށް އަމާންކަން ލިބިއްޖެ ހިނދެއްގައި ޢުމްރާއިން އަވަދިވެގެން ޙައްޖަށް ދާންދެން އަރާމު ލިބިގަންނަ މީހާ (ޢުމްރާވެފައި އިޙްރާމްކަނޑައި، ޙައްޖަށް މައްކާއިން އިޙްރާމް ބަންނަމީހާ) ހަދުޔުގެ ތެރެއިން ތަނަވެސްވެ ލިބުނު އެއްޗެއް ދިނުން ހުއްޓެވެ. ނުލިބުނުމީހާ ޙައްޖުތެރޭގައި ތިންދުވަހު ޙައްޖުން އެނބުރި އައުމަށްފަހު ހަތްދުވަހު ރޯދަހިފުން ހުއްޓެވެ. އެއީ ފުރިހަމަވެގެންވާ ދިހަދުވަހެވެ."

ރޯދަހިފާނީ ހައެއް، ހަތެއް، އަށެއް ތިންދުވަހުއެވެ. ހަތެއް އަށެއް ނުވައެއް ގައި ހިފިޔަސް ކަމުދާ ކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. އަދި އެގާރަ، ބާރަ، ތޭރަ ތިން ދުވަހު ކަމަށް ވެސް ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. ޙަނަފީ މާލިކީ ޙަންބަލީ ޖުމްހޫރު ޢިލްމުވެރިން ވިދާޅު ވަނީ، ތިން ރޯދަ ހިފުން ރަނގަޅީ، ޙައްޖަށް އިޙްރާމް ބަނުމާ ޢަރަފާތް ދުވަހާ ދެމެދުގައި ކަމަށެވެ. ތިނަވަނަ ދުވަސް ޢަރަފާތް ދުވަހަށް ވާ ގޮތަށެވެ. މީގެ މާނައަކީ، ޔައުމުއް ތަރުވިޔާ ގެ ކުރިން އިޙްރާމް ބަނުމެވެ. (ހަތްވަނަ ދުވަހު). ޝާފިޢީ މަޛްހަބުގައި ދެކެނީ، ބޮޑަށް ރަނގަޅީ ޢަރަފާތް ދުވަހުގެ ކުރިން ތިން ރޯދަ ހިފުމެވެ. އަނެއް ހަތް ރޯދަހިފާނީ އެނބުރި ރަށަށް އައުމަށް ފަހުއެވެ.

ޢީދު ދުވަހު ނުވަތަ އައްޔާމުއްތަޝްރީޤް ގެ ދުވަސްތަކުގައި މިނާގައި، ނޫނީ މިނާއިން އެނބުރި މައްކާއަށް އައުމަށްފަހު ވެސް ހަދްޔު ކަތިލެވިދާނެއެވެ. ތަމައްތުޢު ނުވަތަ ޤިރާންގެ ހަދުޔުން ކަތިލެވޭ އެއްޗެހީގެ މަސް ކެއުން ހުއްދައެވެ. ހަދްޔަކަށް ފުދޭނީ ކަންބަޅިއެއް ޖަމަލެއް ނުވަތަ ގެރިއެއްގެ ހަތްބައިކުޅަ އެއްބައެވެ. ކަންބަޅިއެއްނަމަ ފުދޭނީ އެކަކަށެވެ. ޖަމަލެއް ނުވަތަ ގެރިއެއްނަމަ ހަތް މީހުން އަގުގައި ބައިވެރިވެގެން ކަތިލުމުން ރަނގަޅުވާނެއެވެ. މިކަތިލާން ޖެހޭނީ މައްކާގައެވެ. ޖަމެލެއް ނުވަތަ ގެރިއެއް ނަމަ ހަތް މީހުންނަށް އެކަތި ފުދެއެވެ. ކަންބަޅި ނަމަ މީހަކަށް އެއްޗެކެވެ.

ޙައްޖުގެ އިޙްރާމުން ތަޙައްލުލްވުން

ޖަމްރަތުލް ޢަޤަބާއަށް ހިލައުކުމަށްފަހު، ހަދުޔުދޭންޖެހޭ މީހެއްނަމަ ހަދުޔު ދީފައި، ފިރިހެނުން ބޯބާލައި ނުވަތަ ބޯ ކޮށާނީއެވެ. މޮޅުއިތުރީ ބޯ ބޭލުމެވެ. މޮޅު އިތުރީ ކަނާތް ފަރާތުން ބާލަން ފެއްޓުމެވެ. އަންހެނުން ޖެހޭނީ ހަމައެކަނި ކުޑަކުޑަ ތަންކޮޅެއް އިސްތަށިގަނޑުގެ ކޮޅުން ކަނޑާލާށެވެ.

ވީމާ ޢީދު ދުވަހު ޙައްޖު ވެރިން ކުރާ ފަސް އަޅުކަމެއް އޮންނާނެއެވެ. އެއީ ހިލަ އުކުން، ކަތިލުން، ބޯ ބޭލުން/ކޮށުން، ޠަވާފު އަދި ސަޢްޔު އެވެ. މި ފަސް ކަން ތަރުތީބުން ކުރާކަށް ލާޒިމެއް ނޫނެވެ. އެހެނީ ޢީދު ދުވަހު، އަޅުކަންތައް އިސްފަސް ކުރުމާ ބެހޭ ގޮތުން ޞަޙާބީން ކުރެއްވި ކޮންމެ ސުވާލަކަށް، ކީރިތި ރަސޫލާ ޖަވާބު މައްސަލައެއް ނެތް ކަމަށެވެ. ވީމާ މީހަކު ހިލަ އުކާފައި ކަތިލުމުގެ ކުރިން ބޯ ބޭލިއަސް މައްސަލައެއް ނެތެވެ. ހިލަ އުކުމުގެ ކުރިން ކަތިލިއަސް މައްސަލައެއް ނެތެވެ. ހިލަ އުކުމުގެ ކުރިން ޠަވާފު ކުރިއަސް މައްސަލައެއް ނެތެވެ. ޠަވާފު ކުރުމުގެ ކުރިން ސަޢްޔު ކުރިއަސް މައްސަލައެއް ނެތެވެ. ޠަވާފާއި ސަޢްޔު ކުރުން އެންމެ ފަހު ދުވަހަށް ފަސް ކުރިއަސް މައްސަލައެއް ނެތެވެ.

ތަޙައްލުލުލް އަޞްޢަރު

ދެންމެ މި ދެންނެވިހެން ބޯކޮށައި ނުވަތަ ބޭލުމުން ޙައްޖުގެ އިޙްރާމުގެ ފުރަތަމަ ތަޙައްލުލް ވެވުނީއެވެ. އިޙްރާމްބަނުުމުން ޙަރާމްވީ ކަންތައްތަކުގެ ތެރެއިން، ޖިންސީ ގުޅުން ހިންގުން ފިޔަވައި ހުރިހާ ކަމެއް މިހިސާބުން ފެށިގެން ހުއްދަވީއެވެ. މިކަން ކުރުން ހުއްދަވާނީ ޠަވާފުލް އިފާޟާކޮށް ނިމުމުންނެވެ. ވީމާ ފެންވަރާ މީރު ވަސް ދުވާ ހުވަނދު ލައި، އާދައިގެ ހެދުން ލާން ވީއެވެ.

ޠަވާފުލް އިފާޟާ

ޖަމްރަތުލް ޢަޤަބާއަށް ހިލައުކައި، ހަދުޔު ކަތިލަން ޖެހޭމީހުން އެ ކަންކޮށް، ފުރަތަމަ ތަޙައްލުލްވެގެން ޙައްޖުވެރިން ދެން ދާނީ މައްކާއަށެވެ. ދެން މައްކާގައި، ގެފުޅު ވަށައިގެން ހަތްފަހަރު ޠަވާފް ކުރާނީއެވެ. މިއަށް މިކިޔަނީ ޠަވާފުލް އިފާޟާ ކުރާށެވެ. މިއަށް ކިޔާ އެހެން ނަންތަކުގެ ތެރޭގައި "ޠަވާފުއްޒިޔާރާ"، "ޠަވާފުލް ފަރްޟު" ވެސް ހިމެނެއެވެ. މިއީ ޙައްޖުގެ ރުކުނެކޭ ކުރިން ބުނެވުނު ޠަވާފެވެ. ވީމާ ކޮންމެހެންވެސް މިކަން ކުރަން ޖެހޭނެއެވެ. މިޠަވާފް ކުރާނީ ކުރީގައިވެސް ބަޔާން ކުރެވުނު ގޮތަށެވެ. ނަމަވެސް ކުރީ ޠަވާފުގައި ހެން، ރަމްލު ކުރުމެއް އިޟްޠިބާޢް ކުރެމެއް މީގައި ނޯވެއެވެ. މި ޠަވާފް ކުރުން ފެއްޓޭ ވަގުތަކީ 10ވަނަ ދުވަހުގެ ފަޖުރުއްސުރެންނެވެ. މިޠަވާފު ކުރުން ފުރަން ދެން ވެސް ފަސް ކުރެވިދާނެއެވެ.

ސަޢުޔު ކުރުން

ތަމައްތުޢު ޙައްޖެއްނަމަ ޙައްޖުވެރިޔާ ޠަވާފުލް އިފާޟާ ކޮށް، ސުންނަތް ދެރަކުޢަތް ކޮށް ނިމިގެން ދާނީ ޞަފާ މަރުވާ ދެމެދު ސަޢުޔު ކުރާށެވެ. ތަމައްތުޢު ކޮށް ކުރާ މީހާ، ކުރިން ކުރި ސަޢުޔަކީ އެއީ ޢުމްރާގެ ސަޢުޔު އެވެ. މިހާރު ކުރަން މިއުޅެނީ ސީދާ ޙައްޖުގެ ސަޢުޔެވެ. ސަޢުޔު ކުރާނީ ހަމަ ކުރިންވެސް ބުނެވިދިޔަ އުސޫލުންނެވެ.

އިފްރާދު ނުވަތަ ޤިރާން ޙައްޖެއް ކުރާ މީހެއްނަމަ ކުރަންޖެހޭ އޮންނާނީ އެންމެ ސަޢުޔު އެކެވެ. މައްކާއަށް ފުރަތަމަ އައިސް ޠަވާފުލް ޤުދޫމުގެ ފަހުން ސަޢުޔު އެއް ކޮށްފައި އެއީ، ކުރިން ކުރާ ޙައްޖުގެ ސަޢްޔު ކަމަށް ބަލައިފިއްޔާ، އަލުން މި އަދު (ޠަވާފުލް އިފާޟާގެ ފަހުން) ސަޢުޔު ކުރާކަށް ނުޖެހޭނެއެވެ. ނަމަވެސް އެ ދުވަހު ސަޢްޔު ނުކޮށް ދޫކޮށްފައި ވާ ނަމަ މި އަދު ކުރާ ސަޢްޔަކީ، ޤާރިންކޮށް ކުރާ މީހާއަށް ޢުމްރާ އަކާއި ޙައްޖުގެ ސަޢްޔު އެވެ. އިފްރާދު ކޮށް ކުރާ މީހާ އަށް ޙައްޖުގެ ސަޢްޔު އެވެ.

އެއްކޮށް ތަޙައްލުލް ވުން

ދެންމެ މިދެންނެވި ޠަވާފުލް އިފާޟާ ކޮށް ސަޢުޔު ކޮށް ނިމުމުން، މިހިސާބުން އޭނާ އެހުރީ އެއްކޮށް ތަޙައްލުލް ވެފައެވެ. އިޙްރާމް ބަނުމުން ކުރުން މަނާވި ހުރިހާކަމެއް ހުއްދަވީއެވެ.

މިނާގައި ރޭކުރުން

ޠަވާފުލް އިފާޟާ ކޮށް ނިމިގެން (ދިހަވަނަ ދުވަސް) އަނެއްކާވެސް އެނބުރި އަންނާނީ މިނާއަށެވެ. މިނާގައި އައްޔާމުއް ތަޝްރީޤުގެ އެގާރަވިލޭރެއާއި ބާރަވިލޭރޭ ރޭ ކުރުމަކީ ޙައްޖުގެ ވާޖިބެކެވެ.

ޖަމްރާތަކަށް ހިލައުކުން

އައްޔާމުއް ތަޝްރީޤުގެ ފުރަތަމަ ދުވަހު (ޢީދުގެ ދެވަނަ ދުވަސް)، އެންމެ ފުރަތަމަ ކުޑަ ޖަމްރާ އަށް ދެން މެދު ޖަމްރާއަށް ދެން ބޮޑުޖަމްރާ (ޢަޤަބާ) އަށް ހިލަ އުކާނީއެވެ. ކޮންމެ އެއްޗަކަށް ހަތް ހިލައެވެ. މިދެންނެވި ތަރުތީބު އެއީ މުހިންމު ކަމެކެވެ. ހިލައުކަން ޖެހޭ ވަގުތަކީ އިރުމެދުން ލެނބުމުންނެވެ. މީހުން މި ޒަމާނުގައި މީހުން ގިނަ ކަމުން ރޭގަނޑުގެ ވަގުތުގައި އުކުން ވެސް ހުއްދައެވެ.

އައްޔާމުއް ތަޝްރީޤުގެ ދެވަނަ ދުވަހު (ޢީދުގެ ތިންވަނަ ދުވަސް)، ހަމަ ކުރީ ދުވަހެކޭ އެއްގޮތަށް ކަންތައް ކުރާނީއެވެ. ޖަމްރާ ތަކަށް ހިލައުކުމުގައި ފަސޭހަ ގޮތަކަށް ޤިބްލައަށް ކުރިމަތިލެވެންޏާ އެގޮތަށް ހުރުން ސުންނަތް ވެގެންވެއެވެ.

- އަވަސްވެގެން ދާންޖެހޭ މީހާ އައްޔާމު ތަޝްރީޤުގެ އެއްވަނަ ދުވަހާއި ދެވަނަ ދުވަހު (ޙައްޖުމަހު 11، 12) ހިލައުކާފައީ އެމީހަކު ބޭނުންނަމަ މިނާ ދޫކޮށްފައި ދާންވީއެވެ. ނޫނީ 13 ވަނަ ދުވަހު މަޑުކުރާނީއެވެ. ކުރިން ދާމީހާއަށް މިކިޔަނީ "މުތަޢައްޖިލް" ފަހުން ދާމީހާއަށް ''މުތިއްމު'' އެވެ. ކުރިން ދާނަމަ 12 ވަނަ ދުވަހު އިރު އޮއްސުމުގެ ކުރިން ދާންޖެހެއެވެ. އޭނާ އަށް މިނާއިން ނުނިކުމެވި ހުއްޓައި އިރު އޮއްސިއްޖެނަމަ ރޭކުރަން ޖެހޭނެއެވެ. އަދި އަނެއްދުވަހު ހިލަވެސް އުކާނީއެވެ.

ޠަވާފުލް ވަދާޢު

ނަމުންވެސް އެގޭފަދައިން މިއީ ޙަރަމްފުޅަށް ވަދާޢު ކިއުމުގެ ގޮތުން ކުރެވޭ ޠަވާފެކެވެ. ޖުމްހޫރުލް ޢުލަމާއު ދެކިލައްވާގޮތުގައި މިއީ ވާޖިބެކެވެ. މިގޮތަށް ދެކިލައްވަނީ ޝާފިޢީ، ޙަންބަލީ، ޙަނަފީ މަޛުހަބުގެ ފިޤުހުވެރިންނެވެ. ސުންނަތެއް ކަމުގައި ދެކިލައްވަނީ މާލިކީ މަޛުހަބުގެ ފިޤުހުވެރިންނާއި ޝާފިޢީގެ އެއް ރިވާޔަތެއްގައެވެ.

މި ޠަވާފު މިއީ މައްކާ އިން ނުކުންނަން ވީމާ ކުރާ އެންމެ ފަހު ވަދާޢީ ޠަވާފެކެވެ. ވީމާ މި ޠަވާފު ކޮށްފައި، މައްކާގައި ސަބަބެއް ނެތި މަޑުކޮށްގެން ނުވާނެއެވެ. ޠަވާފުލް އިފާޟާ ފަސްކޮށްގެން ތިބި މީހުން، ޠަވާފުލް ވަދާޢު އާއި އެއްކޮށް ކުރެވިދާނެއެވެ. ނަމަވެސް އައުލާ ކަން ބޮޑީ، ދެ ޠަވާފު ވަކި ވަކިން ކުރުމެވެ.

ޙައިޟުވެރިއާއާއި ނިފާސްވެރިއާއަށް މި ޠަވާފް ކުރާކަށް ނުޖެހެއެވެ. އެއީ އަންހެނުންނަށް ދީފައިވާ ލުޔެކެވެ.

މަދީނާއަށް ޒިޔާރަތްކުރުން

މި ދަތުރުގައި، ކުރީގެ ވަގުތެއްގައި މަދީނާއަށް ޒިޔާރަތް ނުކުރާނަމަ، މަދީނާއަށް ޒިޔާރަތް ކުރުން ސުންނަތްވެގެން ވެއެވެ. މިއީ ފަހަރެއްގައި ވެސް ވާޖިބު ކަމެއް ނޫނެވެ. އަދި މަސްޖިދުއް ނަބަވީއަށް ޒިޔާރަތް ނުކުރާނަމަ، ޙައްޖު ފުރިހަމަ ނުވާނެ ކަމަށް، އައިސްފައި ވާ ޙަދީޘްތަކަކީ، ޞައްޙަ ޙަދީޘްތަކެއް ވެސް ނޫނެވެ. 8 ވަނަ ދުވަހުގެ ކުރީގައިވެސް ބޭނުންނަމަ ދެވިދާނެއެވެ. މަދީނާއަށް ޒިޔާރަށް ކުރަން ވަކި ޚާއްޞަ ދުވަހެއް ނޯވެއެވެ. ވީމާ މިކަން އޮންނަނީ ދަތުރު ގެންދާ މީހުން އިންތިޒާމް ކުރާ ގޮތަކަށެވެ. ދެން މަސްޖިދުއްނަބަވީ އަށާއި ރައުޟާ އަށް ޒިޔާރަތް ކުރާށެވެ. މިސްކިތުގައި ސުންނަތް ދެ ރަކްޢަތް ކުރާށެވެ. އަދި މަހާނަކޮޅު ކައިރީ ހުރެ މަޑުއަޑުން މިފަދައިން ޞަލަވާތާއި ސަލާމް ކިޔާށެވެ. السلام عليك يا نبي الله، السلام عليك يا خيرة الله من خلقه. السلام عليك يا سيد المرسلين وإمام المتقين. أشهد أنك بلغت الرسالة، وأديت الأمانة، ونصحت الأمة وجاهدت في الله حق جهاده

މިއަށްފަހު ކަނައަތްފަރާތުން މީޓަރެއްހައި ތަންކޮޅު ޖެހިލާއިރަށް އެ ހުރެވުނީ އަބޫބަކުރުގެފާނުގެ މަހާނަކޮޅު ކައިރީގައެވެ. އެއަށްފަހު ވާނީ ޢުމަރުގެފާނުގެ މަހާނަކޮޅެވެ.

ދެން ޤިބްލައަށް ކުރިމަތިލައި ﷲއަށް ދުޢާކުރެވިދާނެއެވެ. ތަންތަނުގައި އަތްލައި، ވަށައިގެން ޠަވާފުކުރުން ފަދަ ކަންތައްތަކަކީ ހުއްދަ ކަމެއް ނޫނެވެ. ރަސޫލާވަނީ މިފަދަ ކަންތައް ނުކުރުމަށް އަންގަވާފައެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.