ބުރާސްފަތި20201203

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ފިޤުހު އަޅުކަން ޙައިޟުގެ ދުވަސްވަރު ކައިވެނި ކުރުމާ ވަރި ކުރުން

ޙައިޟުގެ ދުވަސްވަރު ކައިވެނި ކުރުމާ ވަރި ކުރުން

haizu-kaaveni-variއަންހެނާ ޙައިޟުގެ ދުވަސްވަރު ކައިވެނި ކުރުމަކީ ހަމަ މުޅިން ހުއްދަ ކަމެކެވެ. އެއީ ހުއްދަ ނޫން ކަމެއް ކަމަށް އެއްވެސް ޢިލްމުވެރިއެއް ވިދާޅު ނުވެއެވެ. ވީމާ ކައިވެނި ކުރާ ދުވަހު އަންހެން މީހާ ހުންނާނީ ޙައިޟުގައިތޯ ކަލަންޑަރުން ބަލައި، ކައިވެނި ކުރާ ދުވަސް އެ ނުން ދުވަހަކަށް ބަދަލު ކުރަން ޖެހޭ ފަދަ އެއްވެސް ޝަރުޢީ ސަބަބެއް ނެތެވެ.

ވީމާ އަންހެން މީހާ ޙައިޟުގައި ހުއްޓައި ކައިވެނި ކުރި ދެމަފިރިއަކު، އެ މީހުންގެ ކައިވެންޏާމެދު އެއްވެސް ފިކުރެއް ކުރާނެ ޖާގައެއް ނެތެވެ. އެ ދެމީހުންގެ ކައިވެންޏަކީ ހަމަ ސައްތައިން ސައްތަ ޞައްޙަ ކައިވެންޏެކެވެ.

ނަމަވެސް އަންހެން ކުއްޖާ ޙައިޟުގައި ހުއްޓާ ކައިވެނި ކުރުމުން، -ފަހަރެއްގައި ދިމާވެދާނެ- ނަފްސާނީ އުނދަގުލެއް އޮތުމަކީ އެކަށީގެން ވާ ކަމެކެވެ. އެއީ އެނގިވަޑައިގަންނަވާނެ ފަދައިން، ޙައިޟުގެ ދުވަސްވަރު ޖިމާޢު ވުމަކީ ޙަރާމް ކަމެކެވެ. ވީމާ ކައިވެނި ކުރުމަށް ފަހު، އަނބިމީހާ ޙައިޟުގައި ހުރުމުގެ ސަބަބުން ޖިމާޢު ނުވެވުމަކީ، ފިރިމީހާ އެހާ ހިތްހަމަ ޖެހޭ ކަމަކަށް ނުވެދާނެއެވެ. އަދި އަނބިމީހާ ލަދު ގަނެ އުނދަގޫ އިޙްސާސް ކުރަންވެސް ޖެހިދާނެއެވެ. މި ނުން ގެއްލުމެއް ޙައިޟުގެ ދުވަސްވަރު ކައިވެނި ކުރުމުން ނެތެވެ.

އަނެއްކޮޅުން، ކައިވެނި ކުރާ ރޭ ޖިމާޢު ވުމަކީ ކޮންމެހެން ލާޒިމު ޝަރުޠެއްވެސް ނޫނެވެ. އަދި ސީދާ ޖިމާޢު ވުން ނޫން އެހެން ހުރިހާ ކަމެއް، ޙައިޟުގެ ދުވަސްވަރު ދެމަފިރިން ކުރުން ހުއްދައެވެ. ވީމާ، ޙައިޟުން ހިނައިގަންނަން ދެން އެ އޮންނަ ހަތަރު ފަސް ހަވަރަކަށް ދުވަހު، ޖިމާޢު ވުން ނޫން އެހެން އުފާތައް އަލަތު ދެމަފިރިންނަށް ހޯދައިގަނެވިދާނެއެވެ.

ޙައިޟުގައި ވަރިކުރުން :

މަތީގައިވަނީ ޙައިޟުގައި ހުއްޓާ ކައިވެނި ކުރުމުގެ ޙުކުމެވެ. ދެން ޙައިޟުގައި ހުއްޓާ އަނބިމީހާ ވަރި ކުރުމަކީ ކޮން ކަހަލަ ކަމެއް ހެއްޔެވެ؟ މީގެ ޖަވާބަކީ، އެއީ ޙަރާމް ކަމެކެވެ. ޙައިޟު އަދި ނިފާސްގައި ހުއްޓާ ވަރި ކުރުން، ޖިމާޢުވެފައިވާ ޠުހުރެއްގައި ވަރި ކުރުން، އެއްފަހަރާ ތިން ވަރި ކުރުން ފަދަ ވަރިއަށް ފިޤުހުގައި ކިޔައި އުޅެނީ '' ޠަލާޤުލް ބިދްޢީ '' ނުވަތަ ބިދްޢީ ވަރިއެވެ. މިއީ ވަރި ކުރުމުގައި ޙަރާމް ގޮތެކެވެ.

މިފަދަ ވަރި ކުރުމަކީ ޙަރާމް ކަމެއް ކަމުގެ ދަލީލަކީ މިއީއެވެ.

ސުންނަތުން :

عَنْ ‏ ‏عَبْدِ اللَّهِ بْنِ عُمَرَ ‏ ‏رَضِيَ اللَّهُ عَنْهُمَا ‏أَنَّهُ طَلَّقَ ‏ ‏امْرَأَتَهُ ‏ ‏وَهِيَ حَائِضٌ عَلَى عَهْدِ رَسُولِ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏فَسَأَلَ ‏ ‏عُمَرُ بْنُ الْخَطَّابِ ‏رَسُولَ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏عَنْ ذَلِكَ فَقَالَ رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏مُرْهُ فَلْيُرَاجِعْهَا ثُمَّ لِيُمْسِكْهَا حَتَّى تَطْهُرَ ثُمَّ تَحِيضَ ثُمَّ تَطْهُرَ ثُمَّ إِنْ شَاءَ أَمْسَكَ بَعْدُ وَإِنْ شَاءَ طَلَّقَ قَبْلَ أَنْ يَمَسَّ فَتِلْكَ الْعِدَّةُ الَّتِي أَمَرَ اللَّهُ أَنْ تُطَلَّقَ لَهَا النِّسَاءُ

މާނައަކީ: ''ނާފިޢް އިބްނު ޢުމަރު ކިބައިން ރިވާ ކުރެއްވިއެވެ. ރަސޫލާގެ ޙަޔާތްޕުޅުގައި، އިބްނު ޢުމަރު އެކަލޭގެފާނުގެ އަނބިކަބަލުން ޙައިޟުގައި ހުންނަވަނިކޮށް ވަރި ކުރެއްވިއެވެ. ދެން ޢުމަރު ބިން ޚައްޠާބު، ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަރިއަހުން މިކަމާ ބެހޭ ގޮތުން ސުވާލު ކުރެއްވިއެވެ. އެހިނދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.'' އެ ކަމަނާ ރުޖޫޢަ ކުރައްވައި، ދެން އެއަށް ފަހު އެކަމަނާ ޙައިޟުން ޠާހިރުވެގެން އަނެއްކާ ޙައިޟުވެ އަނެއްކާ ޠާހިރު ވަންދެން ބައިންދަވަން، އޭނާއަށް (އިބްނު ޢުމަރަށް) އަމުރު ކުރައްވާށެވެ. ދެން މިއަށް ފަހު އޭނާ އެ ކަމަނާ ބައިންދަން ބޭނުންފުޅު ނަމަ ބައިންދަވާށެވެ. އަދި ވަރި ކުރައްވަން ބޭނުންފުޅު ނަމަ ޖިމާޢު ނުވެ ވަރި ކުރައްވާށެވެ. އަނބިން ޢިއްދައަށް ވަރި ކުރުމަށް މާތް ﷲ އަންގަވާފައިވާ ޢިއްދައަކީ އެއީއެވެ.'' (މި ޙަދީޘަކީ ބުޚާރީ މުސްލިމްގައި އައިސްފައިވާ ޙަދީޘެއް)

މި ޙަދީޘުން، ޙައިޟުގެ ދުވަސްވަރު ކުރެވޭ ވަރިއަކީ ހުއްދަ ނޫން ވަރިއެއްކަން ދަލީލު ނެގޭ ތަންކޮޅަކީ، ކާވެނި ރުޖޫޢަ ކުރައްވާ އަލުން އެ ކުށް އިޞްލާޙު ކުރުމަށް، ކީރިތި ރަސޫލާ އަމުރު ކުރެއްވުމެވެ.

ސޫރަތުއް ޠަލާޤުގެ 1 ވަނަ އާޔަތުގައި ﷲ ވަޙީ ކުރައްވަނީ: يَا أَيُّهَا النَّبِيُّ إِذَا طَلَّقْتُمُ النِّسَاء فَطَلِّقُوهُنَّ لِعِدَّتِهِنَّ وَأَحْصُوا الْعِدَّةَ وَاتَّقُوا اللَّهَ رَبَّكُمْ

މާނައަކީ: ''އޭ ކީރިތި ނަބިއްޔާ އެވެ. ކަލޭގެފާނުމެން (އެބަހީ އުއްމަތުގެ މީހުން) އަނބިން ވަރި ކުރާނަމަ، ފަހެ އެ މީހުންގެ ޢިއްދަ އަށް ތަންދީ ވަރިކުރާށެވެ. އަދި ތިޔަބައި މީހުން ޢިއްދައަށް ރައްކާތެރި ވާށެވެ. އަދި މާތް ﷲ ގެ ކިބަފުޅަށް ތަޤުވާވެރި ވާށެވެ.''

މި އާޔަތުގެ މާނައަކީ، އަނބިމީހާ ވަރި ކުރާ އިރު، އަނބިމީހާ ޢިއްދައިގައި ކުރިމަތިލާން ޖެހޭ މުއްދަތު އެނގޭނެ ފަދަ ޙާލަތެއްގައި ވަރި ކުރާށެވެ. މިކަން ކުރެވޭނީ ބަނޑު ބޮޑުވެފައި ހުއްޓާ ނުވަތަ، ޖިމާޢު ނުވާ ޠުހުރެއްގައި ވަރި ކުރީމައެވެ.

މިއާ ޚިލާފަށް، ޙައިޟުގައި ހުއްޓާ ވަރި ކުރުމުން ވާ ގޮތަކީ، ވަރިކުރާ ޙައިޟު އެއީ ޢިއްދައިގެ ތެރޭގައި ގުނޭނެ ޙައިޟެއް ނޫނެވެ. ވީމާ އަނބިމީހާ މިހާރު ހުރި ޙައިޟު ނިމި އަނެއްކާ ތިން ޙައިޟު ވަން ދެން ހުންނަން އެބަޖެހެއެވެ.

ޖިމާޢުވެފައި ހުރި ޠުހުރެއްގައި ވަރި ކުރުމުން ވެސް ކުރިމަތިލާން ޖެހޭ ޢިއްދައެއް ނޭނގެއެވެ. އެހެނީ އެ ޖިމާޢުން ބަނޑު ބޮޑު ވި ތޯ ؟ ނޫންތޯއެއް އަދި ނޭގޭނެއެވެ. ވީމާ އަނބި މީހާ ހުންނަން ޖެހޭ ޢިއްދަ ގުނާނީ ޙައިޟުން ތޯ ނުވަތަ ވިހެއުމުންތޯ، މިއީ ނޭނގޭނެ ކަމެކެވެ. ވީމާ މި ގޮތް ވެސް ހުއްދަ ނުވަނީއެވެ.

ވީމާ، މި އަންނަނިވި ވަގުތުތަކުގައި ވަރި ކުރުން ހުއްދައެއް ނޫނެވެ.

- ޙައިޟުގެ ދުވަސްވަރު

- ނިފާސް ކަމުގެ ދުވަސްވަރު

- ޖިމާޢުވެފައިވާ ޠުހުރެއްގައި (މާނައަކީ :ޙައިޟު ނޫން ދުވަސްވަރެއްގައި ޖިމާޢު ވުމަށް ފަހު ވަރި ކުރުން)

- މީގެ އިތުރުން އެއް ފަހަރާ ތިން ވަރި ކުރުމަކީ ވެސް ނަބަވީ އިރުޝާދާއި ޚިލާފު ކަމެކެވެ.

ވަރިކުރުން ހުއްދަ ވަގުތުތަކަކީ:

1- ޖިމާޢު ނުވާ ޠުހުރެއްގައި (މީގެ މިސާލަކީ މަހުގެ އެއްވަނަ ދުވަހު އަނބިމީހާ ޙައިޟުގެ ލޭ އައުން ހުއްޓި ހިނައިގަތީއެވެ. ވީމާ އޭނާ އެހެރީ ޠުހުރުގައެވެ. ދެން އެއްވަނަ ދުވަހު ފަހުން އޭނާ އަނބިމީހާ އާ ޖިމާޢު ނުވަންޏާ އެއީ ޖިމާޢު ނުވާ ޠުހުރެވެ. ވީމާ މި ޠުހުރުގައި އަނބިމީހާ ވަރި ކުރެވިދާނެއެވެ. ޖިމާޢު ނުވާ ޠުހުރެއްގައި ވަރި ކުރުމުން ލިބޭ އެއް ފާއިދާއަކީ، އަނބި މީހާ ހުރީ ބަނޑު ބޮޑުވެތޯ ނޫންތޯ ދެނެގަތުމެވެ. އަނބިމީހާ ބަލިވެއިންކަން އެނގުމުން ވަރި ވުމުގެ ޚިޔާލު ދޫކޮށް ހަމަ ބުއްދިއަށް ފިރިމީހާ އައުމަކީ އެކަށީގެން ވާ ކަމެކެވެ.

އަދި ވަރި ވާން އެދޭ އަނބި މީހާވެސް، ބަނޑުގައި ކުއްޖެއް އެބަ އޮތް ކަން އެނގުމުން ޚިޔާލު ބަދަލު ކޮށްފާނެއެވެ. ހަމަ އެހެންމެ ޙައިޟުގެ ދުވަސްވަރު އަނބިމީހާ ވެސް ހުންނަނީ ކުޑަކޮށް ރުޅިގަދަވާ މިޒާޖެއް ކަމަށް ބައެއް މީހުން ބުނެ އުޅެއެވެ. ވީމާ މި ދުވަސްކޮޅު އުފެދޭ ޒުވާބެއްގައި ވަރި ކުރެވުނަ ދިނުމަކީ މާކަ ރަނގަޅު ގޮތެއް ނޫނެވެ. އަދި އަނބިމީހާ ޙައިޟުގައި ހުރުމުން، ޖިމާޢު ނުވެވި ހުރުމުން ފިރިމީހާ ރުޅި އިސްކޮށް ނުވަތަ ކުރިން އުފެދިފައިވާ މައްސަލަ ނަގައި ބޮޑޫ ކޮށް ވަރި ކުރަން އުޅުމަކީވެސް ވެދާނެ ކަމެކެވެ. އެކަމަކު އަނބިމީހާ ޙައިޟުން ޠާހިރުވެ، ދެމަފިރިކަމުގެ ގުޅުން އަލުން ފެއްޓި ދިއުމަކީ، ނުބައިވެފައިވާ ގުޅުން އަލުން އިސްލާހު ކުރަން ލިބޭ ފުރުސަތަކަށް ވެސް ވެދާނެއެވެ.

2- ބަނޑު ބޮޑުވިކަން ޔަޤީން ވެފައިވާ ޙާލަތުގައި . މި ޙާލަތުގައި ވަރި ކުރުމުން، އެ އަންހެން މީހާ ހުންނަ ޖެހޭ ޢިއްދަ އަކީ ވިހެއުން ކަން ކަނޑައެޅިގެން އެބަ އެގެއެވެ. ވީމާ އަނބިމީހާއަށް، ޢިއްދަ ބޭކާރު ގޮތެއްގައި އިތުރުވާނެ ފުރުސަތެއް މިތާގައި ނެތެވެ. އަދި ވަރި ކުރަނީ، ކުއްޖަކު ލިބެން އެބަ އުޅޭ ކަން، ނޭނގި ނޫންކަން ވެސް މި ހާލަތުގައި އެބަ ޔަޤީން ވެއެވެ.

ޙައިޟުގެ ދުވަސްވަރު ވަރި ކުރުމުން ވަރި ވޭތަ ؟

މަތީގައި އެވަނީ ޙައިޟުގެ ދުވަސްވަރު ވަރި ކުރުމުގެ ޙުކުމެވެ. އެއީ ޙަރާމް ކަމެކެވެ. ދެން ޙައިޟުގައި ހުއްޓާ އަނބިމީހާ ވަރި ކުރުމުން އެ ވަރި ވޭތޯ؟ މިއީ ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވާ މައްސަލައެކެވެ. ހަތަރު މަޛްހަބުގެ އިމާމުން އަދި ޖުމްހޫރު ޢިލްމުވެރިން ވިދާޅުވެފައި ވަނީ ޙައިޟުގައި ހުއްޓާ ކުރެވޭ ވަރި - ބިދުޢަ ވަރީގެ ހުރިހާ ބާވަތެއް ވެސް - އެއީ ހަމަ ވަރިއެއް ކަމުގައި ބެލެވޭނެ ކަމަށެވެ. މި ބޭފުޅުން ވިދާޅު ވަނީ، ޙައިޟުގައި ހުއްޓާ ވަރި ކުރުން އެއީ ޙަރާމް ކަމެއް ކަމަށް އެއްބަސް ވެލައްވާ ކަމަށެވެ. ނަމަވެސް މި ގޮތަށް ވަރި ކުރުން ޙަރާމް ވުން އެއީ، ކޮންމެހެން އެ ވަރި ވަރިއަކަށް ނުވާން ވީ ސަބަބެއް ނޫން ކަމަށެވެ. މީގެ މިސާލަކީ، އިޙްރާމް ބަނދެގެން ހުރެ ކައިވެނި ކުރުން ޙަރާމެވެ. ނަމަވެސް ކައިވެނި ކޮށްފިއްޔާ އެ ކައިވެނި އެއީ ކައިވެންޏަކަށް ވެއެވެ. ހަމަ މި ބީދައިން ޙައިޟުގައި ހުއްޓާ ވަރިކުރުން ޙަރާމް ވިޔަސް، އެ ވަރި ކޮށްފިއްޔާ އެ ވާނީ ގުނޭ ވަރިއަކަށެވެ. މި ގޮތަށް ވަރި ކުރި ފިރިމީހާ ފާފަ ވެރިވާނެއެވެ. ނަމަވެސް އެ ވަރި އެއީ، ވަރިއެކެވެ.

މި ބޭފުޅުން ދަލީލަކަށް ނަންގަވަނީ، އިބްނު ޢުމަރުގެ އަނބިކަނބަލުން އަލުން ރުޖޫޢަ ކުރެއްވުމަށް ރަސޫލާ އަމުރު ކުރެއްވުމެވެ. ކާވެނި ރުޖޫޢަ ކުރެވޭނީ އެއްފަހަރު ވަރިއެއް ވެވިފައި އޮތީމައެވެ. އިބްނު ޢުމަރު އެ ކުރެއްވީ ވަރިއަކަށް ނުވާނަމަ، ރުޖޫޢަ ކުރައްވާށޭ ރަސޫލާ ނޭންގެވީހެވެ.

އަނެއްކޮޅުން، ޙައިޟުގެ ދުވަސްވަރު ކުރެވޭ ވަރި އެއީ ވަރިއެއް ކަމުގައި ނުބެލެބޭ ކަމަށް ވިދާޅުވާ ޢިލްމުވެރިން ކުރީގެ އަދި ފަހުގެ ވެސް އެބަ ތިއްބެވިއެވެ. ކުރީގެ ޢިލްމުވެރިންގެ ތެރޭގައި، ''ޠާވޫސް، ޢިކްރިމާ، ޢުމަރު، މުޙައްމަދު ބިން އިސްޙާޤު، ޙައްޖާޖު ބިން އަރްޠާތު، ޠާހިރީ މަޛްހަބު ދާއޫދްފަދަ ބޭފުޅުން، އިމާމް އަބޫ ޙަނީފާ، އަޙްމަދު، އަދި މާލިކް ގެ ބައެއް ދަރިވަރުން، ޖަޢްފަރުލް ބާޤިރް އަދި ޖަޢްފަރު ބިން މުޙައްމަދު އައްޞާދިޤު ފަދަ އާލު ބައިތުންގެ ބައެއް ޢިލްމުވެރިން، ހިމެނި ވަޑައިގަންނަވައެވެ.'' (ފަތާވަލް ކުބްރާ ލި އިބްނި ތައިމިއްޔާ: ޠަލާޤު ބާބު : ޙައިޟުގައި ވަރި ކުރުމުގެ ފަޞްލު)

އަދި ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ، އަދި އޭނާގެ ދަރިވަރު އިބްނުލް ޤައްޔިމްގެ ރައުޔަކީ ވެސް، ޙައިޟުގެ ދުވަސްވަރު ކުރެވޭ ވަރި އެއީ ވަރިއެއް ނޫން ކަމަށެވެ. ދެން ފަހުގެ ޢިލްމުވެރިންގެ ތެރެއިން ޝައިޚް ބިން ބާޒް އަދި ޢުޘައިމީން އަދި ޤަރަޟާ ވީ ވެސް ފަތުވާ ދެއްވަނީ، މި ރައުޔަށެވެ.

މި ބޭފުޅުން ނަންގަވާ އެއް ދަލީލަކީ ޢާއިޝަތުގެ ފާނު ރިވާ ކުރެއްވި ޞަޙީޙް މުސްލިމްގައި ވާ މި ޙަދީޘެވެ: مَنْ عَمِلَ عَمَلًا لَيْسَ عَلَيْهِ أَمْرُنَا فَهُوَ ‏‏ رَدٌّ

މާނައަކީ: ''އަހަރެމެންގެ ދީނުގައި ނުވާ ކަމެއް، އޭގެތެރެއަށް ވައްދައިފިއްޔާ، އެއީ ޤަބޫލު ނުކޮށް ރައްދު ކުރެވޭނެ ކަމެކެވެ.''

އިބްނު ތައިމިއްޔާ ވިދާޅު ވެފައި ވަނީ، ވަރި ކުރުމުގައި ދީނުގައި އިރުޝާދު ދެވި، އަންގަވާފައި ވާ ގޮތަކީ، ޖިމާޢު ނުވާ ޠުހުރުގައި ނުވަތަ ބަނޑު ބޮޑުވިކަން ޔަޤީން ކުރުމަށް ފަހު ވަރި ކުރުމެވެ. މިއާ ޚިލާފަށް ކުރެވޭ ވަރި އަކީ ދީނުގައި އަންގަވާފައި ވާ ގޮތާ ޚިލާފަށް ކުރެވޭ ވަރިއެކެވެ. ވީމާ މިފަދަ ވަރި އަކީ އެއީ ވަރިއެއް ކަމަށް ބެލޭނެ އެއްޗެއް ނޫނެވެ.

ދެން ވެސް އިބްނު ތައިމިއްޔާ ވިދާޅު ވަނީ، އިބްނު ޢުމަރު ވަރި ކުރެއްވި ހާދިސާ އައިސްފައިވާ ޙަދީޘް ގައި އެ އޮންނަ ''ފަލްޔުރާޖިޢްހާ'' މި ލަފްޒުގެ މާނައަކީ ކައިވެނި ރޫޅުމަށް ފަހު އަލުން ރުޖޫޢަ ކުރުން ނޫން ކަމަށެވެ. ކިއެއްތަ އޭގެ މާނައަކީ އަނބިމީހާ ވަރިނުކޮށް ބެހެއްޓުން ކަމަށެވެ. ޢަރަބި ބަހުގައި މި ލަފްޒު ގެ މަޞްދަރު އަންނަ ގޮތާއި، މި ތަނުގައި ދޭހަ ވާ މާނައާއި، އަދިވެސް ތަފާތު ބުއްދީގެ އެތައް ދަލީލެއް އިބްނު ތައިމިއްޔާ ވަރަށް ދިގުކޮށް ބަހުސް ކުރައްވާފައި ވެއެވެ. މިތާގައި އެ ހުރިހާ ވާހަކައެއް ގެނައުމަކީ ކޮންމެހެން މުހިއްމު ކަމެއް ކަމަށް ނުދެކޭތީ ކުރުކޮށްލަމެވެ.

ޝައިޚް ޤަރަޟާވީ ވިދާޅުވެފައި ވަނީ، ވަރި ކުރުމުގެ މައްސަލަތަކުގައި ވީހާވެސް ބޮޑަށް ބަލަން ވާނީ، ވަރި ކުރުމުގެ ދާއިރާ ހަނި ކުރެވޭތޯއެވެ. ފުޅާ ކުރެވޭތޯއެއް ނޫނެވެ. އެގޮތުން ޙައިޟުގެ ދުވަސްވަރު ކުރެވޭ ވަރި އެއީ ވަރިއެއް ނޫންކަމަށް ބެލުމަކީ، ޢާއިލާތައް ރޫޅި ދިއުމުން ސަލާމަތް ކުރެވޭނެ ކަމެއް ކަމަށް ޤަރަޟާވީ ވިދާޅުވެއެވެ. ހަމަ މި ސަބަބަށްޓަކައި، އެއްފަހަރާ ތިން ވަރި ކުރުމުން އެއީ އެއް ވަރި ކަމަށް ބެލުމަކީ ރަނގަޅު ގޮތެއް ކަމަށް، ޤަރަޟާވީ ދެކެލައްވައެވެ. މިއީ ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ވެސް ދެކެލައްވާ ގޮތެވެ. އެހެނީ ދީނުގައި ވަރި ކުރުމުގައި ތިން ފުރުސަތު ދީފައި ވަނީ، މީހަކަށް ނެގޭ ނުބައި ޤަރާރަކުން ވަރި ކުރެވުނީމާ، އަލުން ކައިވެންޏަށް ރުޖޫޢަ ވުމުގެ ފުރުސަތު ދިނުމަށްޓަކައެވެ. ވީމާ މި ފުރުސަތުތައް އެއްފަހަރާ ތިން ވަރިކޮށް، ބޭކާރު ކޮށްލުމަކީ ޤަބޫލު ކުރެވޭނެ ކަމެއް ނޫނެވެ. ފިޤުހު ޢިލްމުވެރިންގެ ތެރެއިން އެތައް ބޭފުޅުންނެއް މި ރައުޔަށް ތާއީދު ކުރައްވައެވެ. ފަހުގެ ޢިލްމުވެރިން އަދި ފިޤުހީ މަޖްމަޢްތަކުން މިހާރު ފަތުވާ ދެނީވެސް އެއް މަޖްލިހެއްގައި ކުރާ ތިން ވަރި އެއީ އެއް ވަރި ކަމަށެވެ.

ރުޅި އައިސްގެން ކުރާ ކައިވެނިވެސް ބައެއް ޢިލްމުވެރިން ދެކެލައްވަނީ އެއީ ވަރިއަށް ވާނެ ކަމަށެވެ. ނަމަވެސް އިބްނު ޤައްޔިމް ވިދާޅު ވަނީ ރުޅީގެ ދަރަޖަ ތިން ދަރަޖައަކަށް ބެހޭ ކަމަށެވެ. އޭގެތެރެއިން ވަރި ވާނީ އާދައިގެ މިންވަރަކަށް އަންނަ ރުޅީގައި ކުރާ ވަރިއެވެ. ރުޅި އައިސްގެން ބުނެވޭ ނުބުނެވޭ ވަރު ނޭގޭ ދަރަޖައަށް ރުޅި އައިސްފައިވާ މީހާ ކުރާ ވަރި އެއީ ވަރިއެއް ނޫނެވެ. މި ދެމެދުގައި ވާ ރުޅީގައި ކުރެވޭ ވަރި އެއީ ޚިލާފު މައްސަލައެކެވެ. އިބްނު ޤައްޔިމް ވިދާޅުވަނީ އެއީ ވެސް ގަދަ ރުޅީގެ ޙުކުމް ދޭން ޖެހޭ އެއްޗެއް ކަމަށެވެ.

ނޯޓް :

ޙައިޟުގެ ދުވަސްވަރު ކުރެވޭ ވަރި، ވަރިއަކަށް ވާނެ ކަމަށް ވިދާޅުވި ޢިލްމުވެރިންވެސް ދެކެލައްވަނީ، ވަރި ވިޔަސް އަނބިމީހާ އަލުން ރުޖޫކުރުން އެދެވިގެންވާ ކަމަށެވެ. އެއީ އިބްނު ޢުމަރަށް ރަސޫލާ މި ގޮތް އަމުރު ކުރެއްވީ މުސްތަޙައްބު މާނައިގައި ކަމަށް ބައްލަވާފައެވެ. ރުޖޫޢަ ކުރުން ވާޖިބު ކަމަށް އިމާމް މާލިކް އަދި އަޙްމަދުގެ އެއް ރައުޔެއްގައި އޮވެއެވެ. އެއީ އިބްނު ޢުމަރަށް ރަސޫލާ މި ގޮތް އަމުރު ކުރެއްވީ ވާޖިބު މާނައިގައި ކަމަށް ބައްލަވާފައެވެ.

ރުޖޫޢަ ކުރެވޭނީ މިއީ ފުރަތަމަ ނުވަތަ ދެވަނަ ވަރި ނަމައެވެ. ޙައިޟުގައި ވަރި ކުރީ ތިންވަނަ ވަރި ކަމުގައި ވާނަމަ، ބައެއް ބޭފުޅުން ދެކެލައްވަނީ ރުޖޫޢަ ނުކުރެވޭނެ ކަމަށެވެ. އަނެއް ބައި ބޭފުޅުން ދެކެލައްވަނީ ރުޖޫޢަ ކުރެވޭނެ ކަމަށެވެ. އެއީ ޙައިޟުގައި ކުރާ ވަރިއަކީ ތިންވަނަ ވަރި އަކީ ވަރިއެއް ކަމަށް ބަލައިފިއްޔާ، އެ ހިސާބުން ބާއިން (ބައިނޫނާ ޞުޣްރާ) ވަރިއަކުން ވަރިވީއެވެ. ވީމާ ދެމަފިރިންނަށް އަލުން ފުރުސަތެއް ދޭން، ތިންވަނަ ވަރި އެއީ ވަރިއެއް ނޫންކަމަށް ބަލަނީއެވެ.

މުޅި ލިއުމުގެ ޚުލާޞާ ނުކުތުތާތަކެއް:

- ޙައިޟު ދުވަސް ވަރު ކައިވެނި ކުރުން ހުއްދަ

- ޙައިޟު ދުވަސް ވަރު ވަރި ކުރުން ހުއްދަ ނޫން .

ޙައިޟުގައި ކުރާ ވަރި އާ މެދު ތިން ރައުޔެއް އޮވޭ، އެއީ :-

- އެއީ ވަރިއެއް ކަމަށް ނުބެލެވޭ .

- އެއީ ވަރިއެއް ކަމަށް ބެލެވޭ .

- މި ވަރި މިއީ ފުރަތަމަ އަދި ދެވަނަ ވަރިނަމަ، ވަރިއެއް ކަމަށް ބެލެވޭ . މިއީ ތިންވަނަ ވަރިނަމަ ވަރިއެއް ކަމަށް ނުބަލާ .

- މިއީ ވަރިއެއް ކަމަށް ބަލާ ޢިލްމުވެރިން ވެސް، ކާވެނި ރުޖޫޢަ ކޮށް މަތީގައިވާ ޙަދީޘްގައި ވާ ގޮތަށް ކަންތައް ކުރަން ޖެހޭ ކަމަށް ވިދާޅުވޭ .

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.