Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ފިޤުހު އަޅުކަން ފިރިހެނުން ކަންފަތުގައި މުދިލުން

ފިރިހެނުން ކަންފަތުގައި މުދިލުން

mudhilunމީހުން ލާ ހެދުމާ، ކާ ތަކެއްޗާ، ޘަޤާފަތުގެ ތެރެއަށް އިސްލާމް ދީން ވަދެގަނެ، ކަންތައްތައް މަނާ ކުރަނީ ވަރަށް ހަނި ދާއިރާއެއްގައެވެ. އެއީ ހަމަ އެކަނި، ބައެއް ކަންތައްތައް އިސްލާމީ ޝަރީޢަތުގެ ގިއުގަނޑަށް ފައްތާލުމުގެ ގޮތުންނެވެ. މި ކަންތައްތަކުގައި މުސްލިމުން އުޅެންވާނެ ރޮނގުތަކެއް، ޤުރުއާނާ ސުންނަތުންވަނީ ކުރަހާދީފައެވެ. އެ އާ ޚިލާފު ނުވާ ކޮންމެ ކަމަކީ އެއީ ހުއްދަ ކަމެކެވެ.

އެތައްހާސް ބާވެތެއްގެ ކާ ތަކެތީގެ ތެރެއިން ޙަރާމް ކުރެވިފައިވަނީ، އޫރުމަހާ، މޮޅަ ތަކެއްޗާ މިހެން ގޮސް ދިހަ ބާރަ ބާވަތެކެވެ. ބޮވިދާނެ ހުރިހާ ބުއިންތަކެއްގެ ތެރެއިން ޙަރާމް ކުރެވިފައިވަނީ ރާ އެކަންޏެވެ.

ޒީނަތްތެރިވާ ސާމާނުގެ ތެރެއިން ހުރިހާ ބާވަތެއް، އަންހެނުންނަށް ހުއްދައެވެ. ފިރިހެނުންނަށް މަނާ ކުރެވުނީ ހަމަ އެކަނި ރަނާ ފަށުއި ފޭރާމެވެ. އެހެން ހުރިހާ އެއްޗެއް ހުއްދައެވެ.

ޒީނާތްތެރިވާ ގޮތުގެ ތެރެއިން އަންހެނުންނަށް މަނާ ކުރެވުނީ ހަމައެކަނި، ފިރިހެނުންނާ ވައްތަރުވެގަތުމާ، ޣައިރު މުސްލިމުންނަށް ޚާއްޞަ، ހަމަ އެކަނި އެމީހުންގެ އާދަކާދަ ނުވަތަ ހެދުން ކަމަށް ބެލެވޭ އެއްޗެހި ބޭނުން ކުރުމެވެ.

ފިރިހެނުންނަށް މަނާ ކުރެވުނީ އަންހެނުންނާ ވައްތަރުވެގަތުމާ ޣައިރު މުސްލިމުންނަށް ޚާއްޞަ، ހަމަ އެކަނި އެމީހުންގެ އާދަކާދަ ނުވަތަ ހެދުން ކަމަށް ބެލެވޭ އެއްޗެހި ބޭނުން ކުރުމެވެ.

މި ހިސާބުން ބައެއް މީހުން ހިތަށް އަރާފާނެ ސުވާލަކީ، ޣައިރު މުސްލިމުން ގަމީސް ލީމާ ދެން އަހަރެމެން ގަމީސް ބާލަން ވީހެއްޔެވެ؟ ނޫނެކެވެ. ލުން މަނައީ، އެއީ ޣައިރު މުސްލިމުންގެ ނިޝާނެއްކަން ދޭހަކޮށްދޭ، އެ މީހުން ނޫން ގިނަ ބަޔަކު ބޭނުން ނުކުރާ ، އެއްޗެއްސެވެ.

މުދިލުން :

މިހާރަކަށް އައިސް ބައެއް ޒުވާނުން ކަރުގައި ފަށް އަޅާ ، ކަންފަތުގައި މުދިލާތަން ފެނެއެވެ. މިއި ކޮން ކަހަލަ ކަމަކަށް ވާނެބާވައެވެ. ދީނީ ގޮތުން ހުއްދަ ކަމެކޭ ބުނެވިދާނެ ބާވައެވެ. ބޭނުން ކުރަނީ ރަން ނޫން ނަމަ، ޙުކުމް ތަފާތުވެދާނެހެއްޔެވެ؟

ކަންފަތުގައި މުދިލުމާ ބެހޭ ގޮތުން، ސުޢޫދިއްޔާގެ ޢިލްމުވެރިއެއް ކަމުގައިވާ އައްޝައިޚް މުޙައްމަދު ޞާލިޙް އަލްމުނައްޖިދު ވިދާޅުވަނީ :-

ކަންފަތުގައި މުދިލުމާ، އަތުގައި ތަނޑި ލުން ފަދަ ކަންކަމަކީ އެއީ އަންހެނުން ކުރާ ކަންތަކެވެ. ޞަޙީޙް ބުޚާރީގައި އައިސްފައިވާ ރަސޫލާގެ ޙަދީޘްފުޅެއްގައި ވަނީ ‏‏ لَعَنَ رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏‏ الْمُتَشَبِّهِينَ مِنْ الرِّجَالِ بِالنِّسَاءِ وَالْمُتَشَبِّهَاتِ مِنْ النِّسَاءِ بِالرِّجَالِ ‏

މާނައަކީ: ''ފިރިހެނުންގެ ތެރެއިން އަންހެނުންނާ ވައްތަރުވެގަންނަ މީހުންނާ، އަންހެނުންގެ ތެރެއިން ފިރިހެނުންނާ ވައްތަރުވެގަންނަ މީހުންނަށް، ﷲގެ ރަސޫލާ ލަޢްނަތް ދެއްވިއެވެ.''

ވީމާ މިއިން އެގެނީ، ފިރިހެނުން ކަންފަތުގައި މުދިލުން، އަތުކުރީގައި ތަނޑި އެޅުން، ކަރުގައި ފަށް އެޅުން، ނޭފަތުގައި މުދި ލުން ހުއްދަ ނުވާނެކަމެވެ.

އިސްލާމް ދީނުގައި ފިރިހެނުންނަށް، ރަން ރިހީގެ ގަހަނާގެ ތެރެއިން ހުއްދަ ކުރެވިފައިވަނީ ހަމަ އެކަނި، ރިހި އަނގޮޓިއެއްގެ މިންވަރެވެ. ރިހި އަނގޮޓިއެކެވެ. ރަސޫލާ ރިހި އަނގޮޓިއެއް ތުރުކުރެއްވިކަމަށް ޞަޙީޙް ޙަދީޘްތަކުން ސާބިތުވާން އެބަހުއްޓެވެ. ރަސޫލާ ތުރުކުރެއްވި އަނގޮޓީގައި ލިޔެވިފައި އޮތީ ''މުޙައްމަދު ރަސޫލުﷲ '' މިހެންނެވެ.

ރަނަކީ ފިރިހެނުންނަށް މުޅިން ޙަރާމް އެއްޗެކެވެ. ނަމަވެސް މުހިއްމު ބޭނުމަކަށް ރަނުން ދަތެއް ޖެހުން، ކަށީގައި ރަން އިސްކުރެއް ޖެހުން ފަދަ ކަންތައް ގިނަ ޢިލްމުވެރިން ހުއްދަކުރެއެވެ.

އަދިވެސް އަހަރެން ބުނަމެވެ. މުސްލިމުންގެ ތެރެއިން ކަންފަތުގައި މުދިލާ މީހުން، މުދިލުމުން އެ މީހުންނަށް ވައްތަރު އެ ވެވެނީ ކާފިރުންނާއެވެ. އެހެނީ މި އަދު މުސްލިމް ނޫން ދީންތަކުގެ ފިރިހެނުން، ކަންފަތާ ތުންފަތާ، ނޭފަތުގައި މުދިލުން އެއި ''ފެޝަނެއް'' ކަމުގައި ބަލާ، އެއީ ރީތި ކަމެއްކަމުގައި އެކަން ހަދަން އުޅެއެވެ.

އިބްނު ޢުމަރުގެ ކިބައިން އަބޫދާއޫދް ރިވާކުރައްވާފައިވާ ރަސޫލާ ޙަދީޘެއްގައިވަނީ عَنِ ابْنِ عُمَرَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏"‏ مَنْ تَشَبَّهَ بِقَوْمٍ فَهُوَ مِنْهُمْ

މާނައަކީ: "ބަޔަކާ ވައްތަރުވެގަންނަ މީހަކީ އެބައެއްގެ ތެރިންވާ މީހެކެވެ . ''

ވިމާ ފިރިހެނުން ކަންފަތުގައި މުދިލުން ހުއްދައެއް ނޫނެވެ.

މި ހިސާބުން މީހަކު ބުނެފާނެ ވާހަކަ އަކީ، ބަލަ ކަންފަތުގައި މުދިލުން އެއީ އަންހެނުން ކުރާ ކަމެކޭ ބުނީ ކާކުހެއްޔެވެ؟ އިނގިރޭސިވިލާތް ފަދަ ތަންތާގައި އެއް ކަންފަތުގައި މުދިލުން އެއީ ފިރިހެނުންގެ ފިރިހެންވަންތަކަން ދައްކައިދޭ ކަމެކެވެ. އަންހެނަކު ދުވަހަކުވެސް އެއް ކަންފަތުގައި މުދި ނުލައެވެ؟ ޖަވާބުގައި ބުނަން ޖެހެނީ، އެހެންވިއްޔާ އިގިރޭސިވިލާތުގައި އުޅޭ މީހަކު ، އެއް ކަންފަތުގައި މުދި ލުން އެއީ، އަންހެނުންނާ ވައްތަރުވުން ކަމަށް ނުބެލެވޭނެއެވެ. ނަމަވެސް ރާއްޖޭގައި ފިރިހެނުން ކަންފަތުގައި މުދިލައެއް ނުއުޅެއެވެ. ނުއުޅެއޭ މި ބުނީ ޢާއްމުކޮށް ނުއުޅޭ ވާހަކައެވެ. ގުނެވޭ އެއްޗަކީ އަޣްލަބިއްޔަތޭ ބުނެވޭ އުސޫލުގެ ދަށުންނެވެ.

އެއް ޖިންސު އަނެއް ޖިންސާ ވައްތަރުވެގަތުން ބެލޭނެ މިންގަނޑަކީ އެ ތަނެއްގެ އާދަކާދައަށް ބަލާފައެވެ.

މިސާލަކަށް ޒޫލޫ ޤަބީލާތަކުގެ ފިރިހެނުން އަތުގައި ތަނޑިއަޅައެވެ. އެކަމަކު، ރާއްޖޭގައި އެއީ އަންހެން ކުދިން ކުރާ ކަމެކެވެ. ބޯ ދިގުކޮށްފައި އެއްސުން އެއީ، އިންޑޮނީޝިއާގައި ވަރަށް ގިނަ ފިރިހެނުން ކުރާ ކަމެކެވެ. ނަމަވެސް ރާއްޖޭގައި މީހުން ދެކެނީ އެއީ އަންހެން ކުދިން ކުރާ ކަމެއްގެ ގޮތުގައެވެ. އޮސްޓްރޭލިއާ ބައެއް އަންހެނުން، ނާސަރީ ސްކޫލެއްގައި އުޅޭ ފިރިހެން ކުއްޖެއްގެ ބޯ ހުންނަ ވަރަށް، ބޯ ތުނިކޮށް ކޮށާފައި ހުރެއެވެ. ނަމަވެސް ރާއްޖޭގައި އަންހެނަކު އެހެން ބޯ ކޮށައިގެން ނުކުމެއްޖެއްޔާ ''ގުރައިދޫ'' އަށް ފޮނުވާލަންޖެހޭ މީހެއް ކަމަށް ބުނާނެއެވެ.

ފިރިހެނުން މުދިލުން ހުއްދަ ނުވާ އަނެއް ސަބަބަކީ އެއީ މި އަދާ ޖެހެންދެންވެސް މުސްލިމުން، ކުރި ކަމަކަށް ނުވާ ކަމެވެ. މިވީ ސާދަ ޤަރުނުގައިވެސް މުސްލިމުން ދެކުނީ، ކަންފަތުގައި މުދިލައި، ކަރުގައި ފަށް އަޅައި، ނޭފަތުގައި އެސް ޖަހަނީ އަންހެނުން ކަމަށެވެ. މައިކަލް ޖެކްސަން ނުވަތަ، އަމީތާބު ކަންފަތުގައި މުދިލާފައި ލަވައަކުން ނުވަތަ ފިލްމަކުން ފެނިގެން، ޅަ ވިސްނުމެއްގެ ވެރި މުސްލިމް ފިރިހެން ކުއްޖެއް އެކަން ނަކަލު ކޮށްގެން ރަށުގައި އުޅޭ ހައްކަ މީހުން ކަންފަތުގައި މުދި ލިއަސް އެއީ އަދި، 1 ބިލިއަން މުސްލިމުންގެ ކުރާ ކަމަކަށް ނުވާނެއެވެ. އަދި އަހަރެމެންގެ ދެ ލައްކަ ފަންސާސް ހާސް މީހުން ކުރާ ކަމަކަށްވެސް ނުވާނެއެވެ.

ކޮންމެ ބަޔަކަށްވެސް އެބަޔަކު އުޅޭ ވަކިގޮތެއް ލިބިގެންވެއެވެ. ވަކި އާދަކާދަތަކެއް، ލިބިގެންވެއެވެ. ޣައިރު މުސްލިމުން ނަކަލު ނުކުރުމަށް މި ދީން އަންގަނީ، ސަބަބުތަކެއް ނެތިއެއް ނޫނެވެ. އެންމެ މުހިއްމު އެއް ސަބަބަކީ، ބޭރު ފުށުން ނަކަލު ކުރުމަކީ އެއީ ހިތުގައި ލޯބި އުފެދޭނެ ކަމެކެވެ. ހިތުގައި ލޯބި އުފެދުމަކީ އެ މީހުން އުޅެނީ އެއީ އެންމެ މޮޅުގޮތް ކަމަށް ހީ ކުރުވާނެ ކަމެކެވެ. އެ ގޮތަށް ބަދަލުވާން ހިތް އެދުންވެރި ކުރުވާނެ ކަމެކެވެ. ބައެއް ފަހަރު ކަންތައް ނިމޭނީ އަމިއްލަ ޘަޤާފަތާ ޢަޤީދާ ދޫކޮށްލައިގެންނެވެ.

އިސްލާމް ދީން ބޭނުންވަނީ އަހަރެމެން މުސްލިމުން، އަހަރެމެންގެ އަމިއްލަ ޝަޚްޞިއްޔަތެއް ލިބިގެންވާ، ސިޔާސީ ގޮތުންނާ ފިކުރީ ގޮތުން، ޘަޤާފީ ގޮތުންނާ އިޤްތިޞާދީ ގޮތުން، އަދި އަދަބާ ފަންނުގެ ދާއިރާއިގައިވެސް، ޣައިރު މުސްލިމުންނާ ތަފާތު ބަޔަކަށް ވުމަށެވެވެ. ފިރިހެނުން ފިރިހެނުންގެ ގޮތުގައި އަންހެނުން އަންހެނުންގެ ގޮތުގައި ތިބުމަށެވެ. ތާކުން ތާކު ނުޖެހޭ ''ފެޝަނަކާ'' ހެދި ހުޅުމުގެ ބަދަލުގައި ހަރުދަނާ، މުޖްތަމަޢުގައި އަގު ހުރި، މީހުން ނަފްރަތު ނުކުރާ ޒުވާނުންނަށް ވުމަށެވެ.

Comments