ބުރާސްފަތި20181115

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ފިޤުހު އަޅުކަން ޒަކާތުގެ ފިޤުހު: ޒަކާތުގެ ނިޞާބުތަކާއި މިންވަރުތައް ސުންނަތުން ކަނޑައެޅުން

ޒަކާތުގެ ފިޤުހު: ޒަކާތުގެ ނިޞާބުތަކާއި މިންވަރުތައް ސުންނަތުން ކަނޑައެޅުން

fiqh-zakaat-minvaru-sunnathunޒަކާތުގެ ނިޞާބުތަކާއި މިންވަރުތައް ސުންނަތުން ކަނޑައެޅުން:

އޭގައި ޒަކާތް ވާޖިބުވާ މުދާ، ސުންނަތުން ވަނީ ކަނޑައަޅާފައެވެ. އަދި އެއިން ކޮންމެ އެއްޗެއްގެ ނިޞާބާއި، ނެރުން ވާޖިބުވާ މިންވަރުތައްވެސް ވަނީ ކަނޑައަޅާފައެވެ. އަދި ޒަކާތް ބަހާލެވޭ މީހުންނާއި ފަރާތްތައް، ސުންނަތުން ވަނީ ތަފްޞީލުކޮށްދީފައެވެ. އެއީ إِنَّمَا الصَّدَقَاتُ މި އާޔަތުގައި ނަންގަނެވިފައިވާ މީހުންނާއި ފަރާތްތަކެވެ. ފަހުން މީގެ ތަފްޞީލުތައް އަދި އަހަރެން ގެންނާނަމެވެ. މިތާނގައި އެނގުން އަހަރެމެންނަށް މުހިއްމީ، ނިޞާބުތަކާއި މިންވަރުތައް ކަނޑައެޅިފައިވާ ޒަކާތް ފަރުޟުކުރެވުނު ތާރީޚަކެވެ.

މިންވަރުތަކެއް ކަނޑައެޅިފައިނުވާ މުޠްލަޤު ޒަކާތް ފަރުޟުކުރެވުނީ، އަހަރެމެން އިޚްތިޔާރުކޮށް އަދި ގިނަ ދަންނަބޭކަލުންތަކެއްވެސް ބުރަވެފައިވާ ފަދައިން، އަދި ޤުރުއާނުގެ އާޔަތްތަކާއި ކީރިތި ރަސޫލާގެ ޙަދީޘްފުޅުތައް ދަލީލުކޮށްދޭފަދައިން، މައްކާގައިކަން، މަތީގައި އަހަރެމެންނަށް އެނގިގެން ހިނގައްޖެއެވެ. އަދި މަދަނީ ޤުރުއާނުގައި ޒަކާތުގެ ވާޖިބުކަން ކަށަވަރުކޮށް އެކަމަށް ބޮޑަށް ބާރުއަޅައި، ޒަކާތުގެ ބައެއް ޙުކުމްތައް ތަފްޞީލުކުރިކަމާއި، އަދި ޤުރުއާނުގައި ޖުމްލަކޮށް އައިސްފައިހުރި ޙުކުމްތައް  ތަފްޞީލުކޮށްދީ، ނިޞާބުތަކާއި މިންވަރުތަކާއި މިންތައް ބަޔާންކޮށްދިނީ، ސުންނަތުންކަން ވެސް އެނގިއްޖެއެވެ.

ފަހެ މިކަންކަން ކަނޑައެޅުނީ މަދީނާ ދުވަސްވަރުގެ، ކިހާ ހިސާބަކު ކޮންއިރަކުހެއްޔެވެ؟ އެހެން ގޮތަކަށް ބުނާނަމަ، މިންވަރު ކަނޑައެޅިފައިވާ ޒަކާތް ފަރުޟުކުރެވުނީ، ހިޖުރައިން ކިތައްވަނަ އަހަރުހެއްޔެވެ؟

އެނގި މަޝްހޫރުވެފައިވަނީ، ޒަކާތް ފަރުޟުކުރެވުނީ ހިޖުރައިން ދެވަނަ އަހަރުގައިކަމެވެ. އިމާމް ނަވަވީ އެކަލޭގެފާނުގެ ރައުޟަތުއް ޠާލިބީން އޭ ކިއުނު ފޮތުގެ 'ސިޔަރު' މި ބާބުގައި އިޝާރާތްކުރައްވާފައިވަނީ، ޒަކާތް ފަރުޟުކުރެވުނީ ރޯދަ ފަރުޟުކުރެވުމުގެ ކުރިންކަމަށްވެސް ބުނެވޭކަމަށެވެ. ނަމަވެސް މިރައުޔަށް ކިލަނބުކަން ގެނެސްދޭ ކަމަކީ، އިމާމް އަޙްމަދާއި އިބްނު ޚުޒައިމާއި އައްނަސާއީއާއި އިބްނު މާޖާއާއި އަލްޙާކިމުގެ އަރިހުގައި ސާބިތުވެފައިވާ، ޤައިސް ބިން ސަޢްދު ބިން ޢުބާދަތު ރިވާކުރައްވާފައިވާ މި ޙަދީޘެވެ. ވިދާޅުވިއެވެ: "ޒަކާތުގެ ޙުކުމް ބާވައިލެއްވަށްވުރެ ކުރިން، ފިޠުރު ޞަދަޤާތް (ފިޠުރު ޒަކާތް) ދިނުމަށް، ކީރިތި ރަސޫލު –ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަހަރެމެންނަށް އަމުރުކުރެއްވިއެވެ. ދެން އޭގެ ފަހުން ފަރުޟު ޒަކާތް ބާވައިލެއްވުނެވެ."[1]

އަލްޙާފިޡް އިބްނު ޙަޖަރު ވިދާޅުވީ: އޭގެ އިސްނާދު ޞައްޙައެވެ. އަދި އެއިން ދަލީލުކޮށްދެނީ، ފިޠުރު ޞަދަޤާތް ފަރުޟުކުރެވުނީ، ޒަކާތް ފަރުޟުކުރެއްވުމުގެ ކުރީގައިކަމެވެ. ވީމާ އެ ފަރުޟުކުރެވިފައިވާނީ  ރޯދަ ފަރުޟުވުމަށް ފަހުގައެވެ. އަދި ދަންނަބޭކަލުން އިއްތިފާޤުވެފައިވަނީ ރަމަޟާންމަހު ރޯދަހިފުން ފަރުޟުވެފައިވަނީ ހިޖުރައަށްފަހުގައެވެ. އެހެނީ ރޯދައިގެ ފަރުޟުކަން ދަލީލުކޮށްދޭ އާޔަތަކީ، ޚިލާފެއްނެތި މަދީނާގައި ބާވައިލެއްވުނު އާޔަތެކެވެ.[2]

އަދި އިބްނު އަލްއަޘީރު، އެކަލޭގެފާނުގެ ތާރީޚުގައި ކަށަވަރުކޮށް ވިދާޅުވެފައިވަނީ، ޒަކާތް ފަރުޟުކުރެވުނީ ހިޖުރައިން ނުވަވަނަ އަހަރުގައި ކަމަށެވެ. ޘަޢްލަބާ ބިން ޙާޠިބުގެ ދިގުކޮށް އައިސްފައިވާ ވާހަކައިގައި ވާ ކަންކަމަށް ބަލާފައި، ބައެއް މީހުން، އިބްނު އަލްއަޘީރުގެ މިބަހަށް ބުރަކަން ދެއެވެ. އެވާހަކައިގައި ވަނީ: "ޞަދަޤާތުގެ އާޔަތް ބާވައިލެއްވުނީމާ، އެ އަތުލުމަށް އޭނާގެ ގާތަށް، ނަބިއްޔާ –ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޢާމިލަކު ފޮނުއްވިއެވެ. ދެން އޭނާ ބުންޏެވެ: ތިއީ ޖިޒްޔަ ފިޔަވާ އެހެން އެއްޗެއް ނޫނެވެ. ނުވަތަ ޖިޒުޔައާ އެއްފަދަ އެއްޗެކެވެ."... ޖިޒްޔަ ވާޖިބުކުރެވިފައިވަނީ ނުވަވަނަ އަހަރުގައެވެ. ވީމާ ޒަކާތް ވެސް ވާނީ ނުވަވަނަ އަހަރުގައެވެ.

ނަމަވެސް ފަތުޙުލް ބާރީގައި އަލްޙާފިޡް ވިދާޅުވެފައިވަނީ: ނަމަވެސް މި ޙަދީޘަކީ ޙުއްޖަތެއް ނުހިފޭ ޟަޢީފް ޙަދީޘެކެވެ.[3]

ޒަކާތް ފަރުޟުކުރެވުނީ ނުވަވަނަ އަހަރަށްވުރެ ކުރިން ކަމަށް، އަލްޙާފިޡް ދަލީލު ދެއްކެވީ، ބުޚާރީއާއި މުސްލިމުގައި އައިސްފައިވާ، އަނަސްގެފާނު ރިވާކުރެއްވި، ޟައްމާމް ބިން ޘަޢްލަބާ، ނަބިއްޔާ –ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަރިހައަށް އައިސް ދެންނެވި ސުވާލުތަކެއްގެ ވާހަކަ އޮތް ޙަދީޘުންނެވެ. އޭނާ އައިސް ދެންނެވީ: ﷲ އަށްޓަކައި އެދިދަންނަވަމެވެ. އަހަރެމެންގެ މުއްސަނދިންގެ އަތުން މި ޞަދަޤާތް އަތުލައްވާފައި، އަހަރެމެންގެ ފަޤީރުންނަށް އެ ބައްސަވަން، ﷲ އަމުރުކުރެއްވިތޯއެވެ؟ އެހިނދު "އާނއެކޭ" އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. މި ޟައްމާމް ރަސޫލާ އަރިހަށް އައީ ހިޖުރައިން ފަސްވަނަ އަހަރުގައެވެ. ނުވަވަނަ އަހަރު ވެފައި އޮތް ކަމަކީ، ޒަކާތް އަތުލައްވަން ޢާމިލުން ފޮނުއްވުމެވެ. އެއިން ލާޒިމުކުރަނީ، ޒަކާތް ފަރުޟުވުން އެއަށްވުރެ ކުރިވުމެވެ.[4]

އަނެއްކަމަކީ، ކީރިތި ރަސޫލާ ޞަދަޤާތް ބައްސަވާ ގޮތާމެދު އެކަލޭގެފާނަށް ކުޑައިމީސްބަސް ބުނާ، ދެއްވައިފިނަމަ ރުހޭ، ނުދެއްވައިފިނަމަ ރުޅިއަންނަ،  ޒަކާތަށް ދަހިވެތިވެފައިތިބި މުނާފިޤުންނަށް ރައްދުދެއްވާ إِنَّمَا الصَّدَقَاتُ މި އާޔަތް މާތް ﷲ ބާވައިލެއްވުމުން ދަލީކޮށްދެނީ، އޭރުވެސް ޒަކާތް އޮތީ ފަރުޟުކުރެވި ތަންފީޒުކުރެވޭ އެއްޗެއްގެ ގޮތުގައިކަމެވެ. އަދި ޒަކާތް އަތުލެއްވުމާއި އެ ބެއްސެވުމުގެ ކަންތަކުގައި ކިރިތި ރަސޫލާ އުޅުއްވިކަމެވެ. ޝައްކެއްވެސް ނެތި އެއީ މިއާޔަތް ބާވައިލެއްވުމުގެ ކުރިއެވެ.

 

 

*     *    *

 

* މިއީ ޝައިޚް ޔޫސުފުލް ޤަރަޟާވީގެ 'ފިޤުހުއް ޒަކާތި'  (ޒަކާތުގެ ފިޤުހު)، މިފޮތުގެ ދިވެހި ތަރުޖަމާގެ ބައެކެވެ.


[1] ރިވާކުރެއްވީ މުސްނަދުގައި އިމާމް އަޙްމަދު (23843) ، މުޙައްޤިޤުން ވިދާޅުވަނީ ޙަދީޘުގެ ސަނަދު ޞައްޙަ ކަމަށެވެ. އިބްނު ޚުޒައިމާގެ ޞަޙީޙުގެ ކިތާބުއް ޒަކާތި، ނަސާއީގައި (2507)، އިބްނު މާޖާ (1828)، ޙާކިމްގެ މުސްތަދްރަކުގެ ކިތާބުއް ޒަކާތިގައި، އަދި ވިދާޅުވީ މި ޙަދީޘ ބުޚާރީއާއި މުސްލިމުގެ ޝަރުޠު މަތީގައި ޞައްޙައެވެ.

[2] ފަތުޙުލް ބާރީ: 3/171

[3] ތަޚްރީޖުލް ކައްޝާފްގައި އިބްނު ޙަޖަރު ވިދާޅުވެފައިވަނީ މިއީ 'ވަރަށް ޟަޢީފް' ޙަދީޘެއްކަމަށެވެ. ޞ:77

[4] ޙަދީޘް ރިވާކުރެއްވީ ބުޚާރީ، އަނަސްބިން މާލިކުގެ ކިބައިން، ޢިލްމުގެ ބާބުގައި. އަބޫދާއޫދު، ނަމާދުގެ ބާބުގައި (486)، އައްނަސާއީ، ރޯދައިގެ ބާބުގައި (2092) އިބްނު މާޖާ، ނަމާދާއި ސުންނަތުގެ ބާބުގައި (1402)

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.