ބުދަ20180919

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ފިޤުހު އަޅުކަން ދިރިތިބީންގެ ފަރާތުން މައްޔިތާއަށްޓަކައި ކުރެވިދާން ކަންތައްތައް

ދިރިތިބީންގެ ފަރާތުން މައްޔިތާއަށްޓަކައި ކުރެވިދާން ކަންތައްތައް

janaazaa-1ތިމާގެ މީހެއް ނުވަތަ ލޯބިވާ މީހެއް މަރުވުވުން، އެންމެ އިސްކަންދެވެނީ އޭނާއަށް ހެޔޮ ޘަވާބު ލިބޭ ކޮންމެވެސް ކަމެއް ކުރެވޭތޯއެވެ. ނަމަވެސް ބައެއްފަހަރު ކުރަންވީ ކޮންކަމެއް ކަން، ނުކުރަންވީ ކޮންކަމެއް ކަން އޮޅޭގޮތް ވެ، ޙައިރާން ކަމެއްގެ ތެރޭގައި ހުރެވޭ ފަހަރުވެސް އާދެއެވެ. މި ލިއުމުގައި މި ބަލާލަނީ މައިންބަފައިން ނުވަތަ ހެޔޮއެދޭ މީހަކު މި ދުނިޔެ ދޫކޮށްފައި ދިއުމުން އޭނާގެ ފާފަތައް ފޮހެވި ހެޔޮ ދަރުމަ ލިބޭތޯ އެދި ކުރެވިދާނެ ކަންތަކަށެވެ.

މީހުންނަށް ޘަވާބު ދެއްވުމާއި ޢަޛާބު ދެއްވުމުގެ އަސްލަކީ، ކޮންމެ މީހަކުވެސް ކުރާ ކަމަކަށް ޘަވާބާއި ޢަޛާބު ދެއްވުމެވެ.

ރަނގަޅު ޢަމަލެއް ކޮށްފިނަމަ ބަދަލުގައި މާތް ﷲ ދެއްވާނީ ޘަވާބެވެ. ނުބައި ޢަމަލެއް ކޮށްފިނަމަ ބަދަލުގައި މާތް ﷲ ދެއްވާނީ ޢަޛާބެވެ. ޘަވާބަކީ މާތް ﷲ ދެއްވާ ފަޟުލެކެވެ. ޢަޛާބަކީ މާތް ﷲ ގެ ޢަދުލުވަންތަކަމުން ދެއްވާ އެއްޗެކެވެ. އަދި ތައުބާ ވާ މީހުންގެ ތައުބާ މާތް ﷲ ޤަބޫލު ކުރައްވައެވެ.

އަނެއް އަސްލަކީ ކޮންމެ މުކައްލަފަކީވެސް ނަރަކައިން ސަލާމަތްވެ ސުވަރުގެ ހޯދަން އަމިއްލައަށް މަސައްކަތް ކުރަން ޖެހޭ މީހެކެވެ. އެހެން މީހެއްގެ ފަރާތުން ހެޔޮކަމެއް ލިބޭނެކަމަށް ބަލައިގެން ހުންނަ މީހެއް ނޫނެވެ. އަދި މަސައްކަތް ކުރަން އޮތްތަނަކީ ދުނިޔެއެވެ. ވީމާ ދުނިޔެ ދޫކުރުމުގެ ކުރިން، ވީ އެންމެ ގިނައެއްކޮށް ހެޔޮކަންތަކުން ތިލަފަތް ބަރުކޮށް އަނެއް ގޮވައްޗަށް ދާން ތައްޔާރު ވާން ޖެހެއެވެ. މަރުވީމާ މި ދުނިޔެއާއި އިންސާނާއާއި އޮތް ހުރިހާ ގުޅުމެއް ކެނޑުނީއެވެ.

ނަމަވެސް މީހާ މަރުވީމާވެސް އަސަރު ނުކެނޑޭނެ ކަމަށް، ރަސޫލާ އަންގަވާފައިވާ ކަންތަކެއް އެބަހުއްޓެވެ. އެކަންތަކުން މީހާ މަރުވުމަށްފަހުވެސް ފައިދާ ވާނެއެވެ. އަދި އެހެން މީހުން ކުުރުމުން މައްޔިތާއަށް އެކަމުގެ މަންފާ ލިބޭނެ ކަންތައްތަކެއްވެސް އެބަ ހުރި ކަމުގައި، މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޞައްޙަ ޙަދީޘްތަކުން އެނގެން އެބަ އޮތެވެ.

ވީމާ މަރުވާ މީހާއަށް ފައިދާ ކުރާ ކަންތައް ކަމަށް އަހަރެމެން ބަލަން ޖެހޭނީ ޤުރުއާނާއި ސުންނަތުން އަންގަވާފައިވާ ކަންތަކެވެ. އަދި ޢިލްމުވެރިން ޤިޔާސް ކުރައްވައި ކުރުން ހުއްދަކަމަށް ވިދާޅުވާ ކަންތަކެވެ. އެ ނުން ކަންތަކަކީ އަހަރެމެން ކުރަންޖެހޭ ކަންތަކެއް ނޫނެވެ.

ޞަޙީޙް މުސްލިމްގެ ބާބުލް ވަޞިއްޔާގައި އައިސްފައިވާ، މީހުންގެ ތެރޭގައި ވަރަށް މަޝްހޫރު ޙަދީޘެއް އޮވެއެވެ. އެއީ عَنْ ‏ ‏أَبِي هُرَيْرَةَ ‏ أَنَّ رَسُولَ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏قَالَ ‏ ‏إِذَا مَاتَ الْإِنْسَانُ انْقَطَعَ عَنْهُ عَمَلُهُ إِلَّا مِنْ ثَلَاثَةٍ إِلَّا مِنْ صَدَقَةٍ جَارِيَةٍ أَوْ عِلْمٍ يُنْتَفَعُ بِهِ أَوْ وَلَدٍ صَالِحٍ يَدْعُو لَهُ

މާނައަކީ : އަބޫ ހުރައިރާ ރިވާ ކުރެއްވިއެވެ. ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ''މީހާ މަރުވުމުން، ތިން ކަމެއް ފިޔަވައި އެހެން ކަންތައްތައް އޭނާއާއި ގުޅުން ކެނޑެއެވެ. އެއީ ދެމިގެންވާ ޞަދަޤާތެއް، ދޫކޮށްފައިދާ ފައިދާހުރި ޢިލްމެއް، އަދި ހެޔޮ ދުޢާ ކުރާނެ ޞާލިޙް ދަރިއެއް ފިޔަވައެވެ. "

އަބޫ އުސައިދު މާލިކް ބިން ރަބީޢާގެ ރިވާކުރެއްވި ޙަދީޘްފުޅެއްގައި އޮވެއެވެ. رَبِيعَةَ السَّاعِدِيِّ ‏ ‏قَالَ ‏ بَيْنَا نَحْنُ عِنْدَ رَسُولِ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏إِذْ جَاءَهُ رَجُلٌ مِنْ ‏ ‏بَنِي سَلَمَةَ ‏ ‏فَقَالَ يَا رَسُولَ اللَّهِ هَلْ بَقِيَ مِنْ بِرِّ أَبَوَيَّ شَيْءٌ أَبَرُّهُمَا بِهِ بَعْدَ مَوْتِهِمَا قَالَ ‏ ‏نَعَمْ الصَّلَاةُ عَلَيْهِمَا ‏ ‏وَالِاسْتِغْفَارُ لَهُمَا وَإِنْفَاذُ عَهْدِهِمَا مِنْ بَعْدِهِمَا وَصِلَةُ الرَّحِمِ الَّتِي لَا تُوصَلُ إِلَّا بِهِمَا وَإِكْرَامُ صَدِيقِهِمَا

ރަބީޢާ ވިދާޅުވިއެވެ: "އަހަރެމެން ކީރިތި ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ އަރިއަހުގައި ތިއްބާ، ބަނޫ ސަލަމާ ދަރިކޮޅުގެ މީހެއް އައިސް ދެންނެވިއެވެ. '' އޭ ﷲ ގެ ރަސޫލާއެވެ. އަހަރެންގެ މައިންބަފައިން މަރުވުމަށް ފަހު، އެ ދެ މީހުންނަށް ހެޔޮކޮށް ހިތުމުގެ ގޮތުން، އަހަރެނަނަށް ކުރެވިދާނެ ހެޔޮކަމެއް އެބަ އޮތްތޯއެވެ؟" ކީރިތި ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. " އާނ އެކެވެ. އެ ދެ މީހުންގެ މައްޗަށް ހެޔޮ ދުޢާކުރުމެވެ. އަދި އެ ދެ މީހުންގެ ފާފަ ފުއްސެވުން އެދި ދުޢާ ކުރުމެވެ. އަދި އެ ދެ މީހުން ކޮށްފައިވާ ވަޞިއްޔަތް އެ މީހުން މަރުވުމަށް ފަހު ފުއްދުމެވެ. އަދި ރަޙިމުގެ ގުޅުން ދެމެހެއްޓުމެވެ. އެއީ އެ ދެ މީހުންނާ ނުލާ ނުގުޅޭނެ އެއްޗެކެވެ. އަދި އެ ދެ މީހުންގެ ރަހުމަތްތެރިންނަށް ކަމޭ ހިތުމެވެ. "

 

1- މައިންބަފައިންގެ މައްޗަށް ހެޔޮ ދުޢާ ކުރުން:

މި ޙަދީޘް ޝަރަޙަ ކުރެއްވި ޢިލްމުވެރިން ވިދާޅުވަނީ "އައްޞަލާތު ޢަލައިހިމާ" މި ބަހުގެ މުރާދަކީ ކަށުނަމާދު ކަމުގައެވެ. މި ހެން ވިދާޅުވާ ޢިލްމުވެރިން މި މާނަ ނެންގެވީ، ސޫރަތުއް ތައުބާގެ 84 ވަނަ އާޔަތުގައިވާ މާނައަށް ބައްލަވާފައެވެ. وَلاَ تُصَلِّ عَلَى أَحَدٍ مِّنْهُم مَّاتَ أَبَداً وَلاَ تَقُمْ عَلَىَ قَبْرِهِ إِنَّهُمْ كَفَرُواْ بِاللّهِ وَرَسُولِهِ وَمَاتُواْ وَهُمْ فَاسِقُونَ

އާޔަތުގެ މާނައަކީ ''އެބައި މީހުންގެ ތެރެއިން މަރުވެއްޖެ މީހެއްގެ މައްޗަށް، ކަލޭގެފާނު ދުވަހަކުވެސް ނަމާދު ނުކުރައްވާށެވެ. އަދި އެ މީހެއްގެ މަހާނަ ދޮށުގައި ކަލޭގެފާނު ހުއްޓިވަޑައިގެން ނުހުންނަވާށެވެ. ހަމަ ކަށަވަރުން އެބައި މީހުން މާތްﷲ އަށާއި އެކަލާނގެ ރަސޫލާއަށް ކާފިރުވިއެވެ. އަދި އެބައި މީހުން މަރުވީ ކިޔަމަންތެރި ކަމުގެ ތެރެއިން ނިކުމު ނުބައި ކަންތައް ކުރާ ބަޔަކު ކަމުގައި ވާ ހާލުގައެވެ."

އަނެއް ބައި ޢިލްމުވެރިން ވިދާޅުވީ އެ ބަހުގެ މުރާދަކީ ދުޢާ ކުރުން ކަމުގައެވެ. މި ހެން ވިދާޅުވާ ޢިލްމުވެރިން މި މާނަ ނެންގެވީ، ސޫރަތުއް ތައުބާގެ 103 ވަނަ އާޔަތުގައި ވާ މާނައަށް ބައްލަވާފައެވެ. خُذْ مِنْ أَمْوَالِهِمْ صَدَقَةً تُطَهِّرُهُمْ وَتُزَكِّيهِم بِهَا وَصَلِّ عَلَيْهِمْ إِنَّ صَلاَتَكَ سَكَنٌ لَّهُمْ

އާޔަތުގެ މާނައަކީ " އޭގެ ސަބަބުން އެބައިމީހުގެ ފާފަތަކުން އެބައި މީހުން ސާފުވެ، ޠާހިރުވާނޭ، އަދި އެބައި މީހުންނަށް ހެޔޮކަންތައް އިތުރުވާނޭ، ޞަދަޤާތް(ޒަކާތް) " އެބައި މީހުންގެ މުދަލުގެ ތެރެއިން ކަލޭގެފާނު ހިއްޕަވާށެވެ. އައި އެބައި މީހުންނަށްޓަކައި ކަލޭގެފާނު ހެޔޮ ދުޢާ ކުރައްވާށެވެ. ހަމަކަށަވަރުން ކަލޭގެފާނުގެ ހެޔޮ ދުޢާފުޅަކީ އެބައި މީހުންނަށް ރަޙްމަތެކެވެ."

މި އާޔަތުގައި މާތް ﷲ، ކީރިތި ރަސޫލާއަށް އަންގަވާފައި ވަނީ މުދަލުން ޒަކާތް ނެގޭ މީހުންނަށް ބަރަކާތް ލެއްވުން އެދި ދުޢާ ކުރެއްވުމަށެވެ. އަދި އިމާމް ބުޚާރީވެސް މި އާޔަތުގެ މާނަ ކުރައްވާފައިވަނީ އެއީ ދުޢާ ކުރެއްވުން ކަމަށެވެ.

މައްޔިތާގެ މައްޗަށް ހެޔޮ ދުޢާ ކުރުމަކީ، އެ ކަމުގެ ހެޔޮ އަސަރާއި މަންފާ ކުރާ، އަދި ކުރުން ހުއްދަ ކަމެއް ކަމަށް، ހުރިހާ ޢިލްމުވެރިންވެސް އެއްބަސްވެލައްވައެވެ. މި އަންނަނިވި އާޔަތުންވެސް މިކަން އެނގެއެވެ.

ސޫރަތުލް ޙަޝްރުގެ 10 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވަނީ وَالَّذِينَ جَاؤُوا مِن بَعْدِهِمْ يَقُولُونَ رَبَّنَا اغْفِرْ لَنَا وَلِإِخْوَانِنَا الَّذِينَ سَبَقُونَا بِالْإِيمَانِ

މާނައަކީ: ''އަދި އެ އުރެންގެ ފަހުން އަންނަ މީހުން ބުނެތެވެ. އަޅަމެންގެ ވެރި ރަސްކަލާކޮ! އަޅަމެންނަށް ފާފަ ފުއްސަވާ މަޣްފިރަތު ދެއްވާފާނދޭވެ! އަދި އަޅަމެންނަށް ވުރެ ކުރިން އީމާންކަންމަތީ ދެމިތިބި އަޅަމެންގެ އަޚުންނަށްވެސް ފާފަ ފުއްސަވާ މަޣްފިރަތު ދެއްވާފާނދޭވެ!''

ހަމަ އެހެންމެ މަރުވެފައިވާ މީހާގެ މައްޗަށް ކީރިތި ރަސޫލާ ހެޔޮ ދުޢާ ކުރެއްވާފައިވާ އެތަކެއް ޙަދީޘް އެބަހުއްޓެވެ. އެ ގޮތުން ޞަޙީޙް މުސްލިމްގެ ޖަނާޒާއާއި ބެހޭ ބާބުގައި ވާ ޙަދީޘެއްގައި ވެއެވެ. جُبَيْرِ بْنِ نُفَيْرٍ ‏ ‏سَمِعَهُ يَقُولُ سَمِعْتُ ‏ ‏عَوْفَ بْنَ مَالِكٍ ‏ ‏يَقُولُا ‏ صَلَّى رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏عَلَى جَنَازَةٍ فَحَفِظْتُ مِنْ دُعَائِهِ وَهُوَ يَقُولُ ‏ ‏اللَّهُمَّ اغْفِرْ لَهُ وَارْحَمْهُ وَعَافِهِ وَاعْفُ عَنْهُ وَأَكْرِمْ ‏ ‏نُزُلَهُ ‏ ‏وَوَسِّعْ ‏ ‏مُدْخَلَهُ ‏ ‏وَاغْسِلْهُ بِالْمَاءِ وَالثَّلْجِ وَالْبَرَدِ وَنَقِّهِ مِنْ الْخَطَايَا كَمَا نَقَّيْتَ الثَّوْبَ الْأَبْيَضَ مِنْ ‏ ‏الدَّنَسِ ‏ ‏وَأَبْدِلْهُ دَارًا خَيْرًا مِنْ دَارِهِ وَأَهْلًا خَيْرًا مِنْ أَهْلِهِ وَزَوْجًا خَيْرًا مِنْ زَوْجِهِ وَأَدْخِلْهُ الْجَنَّةَ وَأَعِذْهُ مِنْ عَذَابِ الْقَبْرِ ‏ ‏أَوْ مِنْ عَذَابِ النَّارِ ‏ ‏قَالَ حَتَّى تَمَنَّيْتُ أَنْ أَكُونَ أَنَا ذَلِكَ الْمَيِّتَ

މާނައަކީ :ޢައުފް ބިން މާލިކްގެ އަރިއަހުން ޖުބައިރް ބިން ނުފައިރް ރިވާކުރެއްވިއެވެ. ޢައުފް ބިން މާލިކް ވިދާޅުވިއެވެ. "ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ކަށުނަމާދެއް ކުރެއްވިއެވެ. އެ ހިނދު އަހަރެން އެކަލޭގެފާނު ކުރެއްވި ދުޢާ އަޑުއަހައި ދަސްކުރީމެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ." އޭ ހައްދަވައި ބޮޑު ކުރެއްވި ރަސްކަލާކޮއެވެ! އޭނާގެ (މައްޔިތާގެ) ފާފަ ފުއްސަވާފާނދޭވެ!އަދި އޭނާއަށް ރަޙްމަތް ލައްވާފާނދޭވެ! އަދި އޭނާއަށް ޢާފިޔަތު ދެއްވާ ޢަފޫ ކުރައްވާފާނދޭވެ! އަދި އޭނާގެ އާޚިރަތުގެ ގޮވަތީގައި ބަރަކާތް ލައްވާފާނދޭވެ! އަދި އޭނާގެ ކަށްވަޅަކީ ތަނަވަސް ތަނެއްކަމުގައި ލައްވާފާނދޭވެ!

އަދި ފެނާ ގަނޑުފެނާ ފިނިން އޭނާ ދޮންނަވާ އޭނާގެ ފާފަތަކުން ސާފުކޮށްދެއްވާފާނދޭވެ! ހުނދު ފޮތިގަނޑަކުން ހަޑި ސާފު ކުރައްވާ ފަދައިންނެވެ. އަދި އޭނާގެ (ދޫކުރި) ގޮވައްޗަށް ވުރެ ހެޔޮކަން ބޮޑު ގޮވައްޗެއް ބަދަލުގައި ދެއްވާފާނދޭވެ! އަދި އޭނާގެ (ދޫކުރި) ޢާއިލާއަށް ވުރެ ހެޔޮކަން ބޮޑު ޢާއިލާއެއް ބަދަލުގައި ދެއްވާފާނދޭވެ! އަދި އޭނާގެ (ދޫކުރި) ހަޔާތުގެ ބައިވެރިއާއަށް ވުރެ ހެޔޮކަން ބޮޑު ބައިވެރިއެއް ދެއްވާފާނދޭވެ! އޭނާ ސުވަރުގެ ވައްދަވާފާނދޭވެ! އަދި ނަރަކައިގެ ޢަޛާބާއި ކައްވަޅުގެ ޢަޛާބުން އޭނާ ރައްކާތެރި ކުރައްވާފާނދޭވެ! "

ޢައުފް ބިން މާލިކް ވިދާޅުވިއެވެ. އެ ވަގުތު މަރުވެފައި އޮތީ އަހަރެން ކަމުގައި ވުމަށް އަހަރެންގެ ހިތް ހެދުނެވެ. "

ދުޢާ ކުރުމުން މައްޔިތާއަށް މަންފާ ކުރުމޭ ބުނުމުގެ މާނައަކީ، ދުޢާ ކުރާ މީހާގެ ދުޢާ އިޖާބަ ކުރައްވައިފިނަމަ އެ ދުޢާގައި އެދުނު ކަންތަކުގެ ހެޔޮ އަސަރު މައްޔިތާއަށް ފޯރުމެވެ. އަދި ދުޢާ ކުރާ އިރު ސުންނަތުގައި ވާރިދުވެފައިވާ ދުޢާތައް މާނަ އެނގިގެން ކިއުން މޮޅު އިތުރެވެ. ނޭގޭނަމަ ހިތުން ކިއުންމުންވެސް މައްސަލައެއް ނެތެވެ. އަދި އެވަރުވެސް ނޭނގޭނަމަ އަމިއްލަ ޢިބާރާތުން އޭނާއަށް އެކަށީގެންވާފަދަ ގޮތަކަށް ހެޔޮ ދުޢާ ކުރާށެވެ.

ވީމާ، ހަނދާން ބަހައްޓަން ވީ ކަމަކީ، ތިމާގެ ނުވަތަ ލޯބިވާ މީހަކު މަރުވުމުން ކުރުން، އެންމެ ރަނގަޅު، ހެޔޮ ކަމަކީ އޭނާއަށްޓަކައި ހެޔޮ ދުޢާ ކުރުން ކަމެވެ. އެހެނީ، މީހާ މަރުވުމުން ވެސް، ހެޔޮ އަސަރު ދެމި ހުންނާނެ ކަމަށް، ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވި ތިން ކަމުގެ ތެރެއިން އެއް ކަމަކީ، ހެޔޮ ދުޢާ ކުރާނެ ޞާލިޙް ދަރިއެއް ދޫކޮށްފައި ދިއުމެވެ. މި ޙަދީޘަކީ ޞައްޙަ ޙަދީޘެކެވެ. ޙަދީޘުން މި އެނގޭ އެއްޗަކީ، ޞާލިޙް ދަރިއެއް (އަންހެން ވިޔަސް ފިރިހެން ވިޔަސް) ދުޢާ ކުރުމުން، އޭގެ ހެޔޮ އަސަރު މައްޔިތާއަށް ކުރާނެ ކަމެވެ. އަނެއް ކޮޅުން، ޤުރުއާން ކިޔެވީމާ އޭގެ ޘަވާބު މައްޔިތާއަށް ފޯރުމާ މެދު ޢިލްމުވެރިން ޚިލާފުވެލައްވާ ހެން، ދުޢާ ކުރުމާ މެދު ޚިލާފުވެ ނުލައްވައެވެ. ކިއެއްތަ ދުޢާ ކުރުމުން ފައިދާ ވާނެ ކަމަށް އެންމެން ވެސް އިއްތިފާޤުވެއެވެ. އެއީ މި ޙަދީޘް އޮތީމައެވެ.

ވީމާ، އެންމެ ފަސޭހަ އަދި ފައިދާ ފޯރާނެ ކަމުގެ އެންމެ އިތުބާރު ބޮޑު އެއް ކަމަކީ، ހެޔޮ ދުޢާ ކުރުމެވެ. މައްޔިތާގެ ފާފަ ފުއްސެވުން އެދި ދުޢާ ކުރުމެވެ. އޭނާއަކީ ސުވަރުގެވެރިއެއް ކަމުގައި ލެއްވުން އެދި ދުޢާ ކުރުމެވެ.

2- މައިންބަފައިންގެ ފާފަ ފުއްސެވުން އެދި ދުޢާ ކުރުން :

އިސްތިޣްފާރު ކުރުން ނުވަތަ، ފާފަ ފުއްސެވުން އެދި ދުޢާ ކުރުމަކީވެސް، އެކަމުގެ ހެޔޮ އަސަރު މަރުވެފައިވާ މައިންބަފައިންނަށް (އަދި އެ ނުން މީހުންނަށްވެސް) ކުރާނެ ކަމެކެވެ. ކޮންމެ މީހަކީވެސް ފާފަ ކުރެވޭނެ މީހެކެވެ. ވީމާ އަހަރެމެންގެ މައިންބަފައިންނަށްވެސް ވާނީ އެނގިގެން ނަމަވެސް ނޭނގިނަމަވެސް ފާފަތަކެއް ކުރެވިފައެވެ. ކައްވަޅުގައި އޮންނަ މީހެއްގެ ފާފައިން ޒައްރެއްގެ މިންވަރުވެސް ފޮހެވުން، ދުނިޔެއާއި ދުނިޔޭގައި ވާހާ ރަނަކަށް ވުރެ ބޮޑަށް އޭނާ އެދޭނެއެވެ.

މަރުވެފައިވާ މީހާގެ މައްޗަށް ހެޔޮ ދުޢާ ކުރުމަކީ، މަޝްރޫޢް ކަމެއްކަމުގެ ދަލީލުތައް ވަރަށްވެސް ގިނައެވެ. އެ ގޮތުން ނަބީބޭކަލުންނާއި އެ ނުންވެސް ބޭފުޅުން، އެ ބޭފުޅުންގެ މައިންބަފައިން އަވަހާރަވުމުން، މައިންބަފައިންގެ މައްޗަށް ހެޔޮ ދުޢާ ކުރައްވާފައިވެއެވެ. ނޫޙްގެފާނު ވިދާޅުވީ: رَبِّ اغْفِرْ لِي وَلِوَالِدَيَّ

މާނައަކީ:"ހައްދަވައި ބޮޑު ކުރެއްވި ރަސްކަލާކޮ!، ތިމަންކަލޭގެފާނާއި ތިމަންކަލޭގެފާނުގެ މަންމައާއި ބައްޕައަށް ފާފަ ފުއްސަވާނދޭވެ! "

އަދި އިބްރާހީމުގެފާނު ވިދާޅުވީ : رَبَّنَا اغْفِرْ لِي وَلِوَالِدَيَّ وَلِلْمُؤْمِنِينَ يَوْمَ يَقُومُ الْحِسَابُ

މާނައަކީ: " އަޅަމެންގެ ވެރިރަސްކަލާކޮ! އަޅާ އަށާއި އަޅުގެ މައިންބަފައިންނަށް ، މުއުމިނުތަކުންނަށް ހިސާބު ބައްލަވާ ދުވަހުގައި ފާފަ ފުއްސެވުމާއި މަޣްފިރަތު ދެއްވާފާނދޭވެ! "

ބަޤީޢުގައި ފަސްދާނުލެވިފައިވާ މުސްލިމުންގެ މައްޗަށް ވެސް، ކީރިތި ރަސޫލާ ހެޔޮ ދުޢާ ކުރެއްވި ކަމަށް، ޞަޙީޙް މުސްލިމް ގައިވާ ޢާއިޝަތުގެފާނު ރިވާ ކުރެއްވި، މި ޙަދީޘުން ސާބިތުވެއެވެ. كَانَ رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏كُلَّمَا كَانَ لَيْلَتُهَا مِنْ رَسُولِ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏يَخْرُجُ مِنْ آخِرِ اللَّيْلِ إِلَى ‏ ‏الْبَقِيعِ ‏ ‏فَيَقُولُ ‏ ‏السَّلَامُ عَلَيْكُمْ دَارَ قَوْمٍ مُؤْمِنِينَ وَأَتَاكُمْ مَا تُوعَدُونَ غَدًا مُؤَجَّلُونَ وَإِنَّا إِنْ شَاءَ اللَّهُ بِكُمْ لَاحِقُونَ اللَّهُمَّ اغْفِرْ لِأَهْلِ ‏ ‏بَقِيعِ الْغَرْقَدِ

މާނައަކީ: "ރޭގަނޑުގެ ފަހުގެ ވަގުތުގައި، ރަސޫލުއްﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ބަޤީޢް އަށް ނުކުމެވަޑައިގަންނަވައެވެ. އަދި ޙަދީޘް ކުރައްވައެވެ." މުއުމިނުންގެ މަޤްބަރާގެ އަހުލުވެރިންނަށް، ސަލާމަތް ހުއްޓެވެ! މާދަމާ އަންނާނެ ކަމަށް، ތި ތިބާމެންނަށް ވަޢްދު ކުރެވުނު ކަންތައް ކޮންމެވެސް ވަރަކަށް ލަސްވުމަށްފަހު ނަމަވެސް އައިސްފިއެވެ. އަދި ﷲ އިރާދަފުޅު ކުރެއްވިއްޔާ އަހަރެމެން ތިބާ މެންނާއި އެބަ ގުޅެމެވެ. ( ސުވަރުގެ ވަޑައިގަތުމަށް ފަހު ) . އޭ ހައްދަވައި ބޮޑު ކުރެއްވި ރަސްކަލާކޮ! ބަޤީޢުލް ޣަރްޤަދުގެ އަހުލުވެރިންނަށް ފާފަ ފުއްސަވާފާނދޭވެ! "

އަދި އެހެން ޙަދީޘެއްގައި، މުސްލިމުން އެބައި މީހުންގެ މަރުވެފައިވާ މުސްލިމް އަޚުންގެ މައްޗަށް ހެޔޮ ދުޢާ ކުރުމަށްވެސް ރަސޫލާ އަންގަވާފައިވެއެވެ. އިމާމް އަޙްމަދު، އިބްނު މާޖާ، އަލްބައިހަޤީ ޞައްޙަ ސަނަދަކުން އަބޫހުރައިރާ އަރިއަހުން ރިވާ ކުރައްވާފައިވާ ޙަދީޘެއްގައި ވެއެވެ.‏ إِنَّ الرَّجُلَ لَتُرْفَعُ دَرَجَتُهُ فِي الْجَنَّةِ فَيَقُولُ أَنَّى هَذَا فَيُقَالُ بِاسْتِغْفَارِ وَلَدِكَ لَكَ

މާނައަކީ: ''ސުވަރުގޭގައި މީހާގެ ދަރަޖަ އުފުލެވުމުން ބުނާނެތެވެ. މިއީ ކިހިނެއް ހެއްޔެވެ؟ އެ ހިނދު އޭނާއަށް ބުނެވޭނެއެވެ. ދަރަޖަ އުފުލެވުނީ ކަލޭގެ ދަރި، ކަލޭގެ ފާފަ ފުއްސެވުން އެދި ކުރި ދުޢާގެ ސަބަބުންނެވެ. "

3- މައިންބަފައިންގެ ވަޞިއްޔަތް ފުއްދުން:

މައިންބަފައިން މި ދުނިޔެ ދޫކުރުމުގެ ކުރިން ކޮށްފައިވާ ވަސިއްޔަތް ފުއްދުމަކީވެސް މައިންބަފައިންނަށް އެކަމުގެ ހެޔޮ އަސަރު ކުރާނެ ކަމެއްކަން މަތީގައިވާ ޙަދީޘުން އެނގެއެވެ. ކޮންމެ މީހަކުވެސް އެ މީހަކު ކުރަން ބޭނުންވާ ވަޞިއްޔަތެއް ލިޔެފައި ނުވަތަ އިތުބާރު ހިފެވޭ މީހެއް ކައިރީ ބުނެފައި ބޭއްވުމަކީ ވަރަށްވެސް މުހިއްމު ކަމެކެވެ.

4- އެކުވެރިކަން ދެމެހެއްޓުން :

ތިމާގެ މައިންބަފައިން މަރުވެ ދިޔައަސް، އެ މީހުންގެ އެކުވެރިންނާއި ރަހުމަތްތެރިންނަށް ހެޔޮކޮށް ހިތައި ކަމޭ ހިތުމަކީ ވެސް މައިންބަފައިންގެ ޙައްޤުގައި ކުރެވޭ ހެޔޮކަމެކެވެ. އަދި މިއީ މީހާގެ އަޚްލާޤުގެ މަތިވެރިކަން ދޭހަކޮށްދޭ ކަމެއްވެސް މެއެވެ. ކީރިތި ރަސޫލާގެ އަނބިކަނބަލުން ޚަދީޖަތުގެފާނު އަވަހާރަވުމަށްފަހުވެސް، އެކަލޭގެފާނު ޚަދީޖަތުގެފާނުގެ އެކުވެރިންނަށް މަސްފަދަ އެއްޗެހި ހަދިޔާގެ ގޮތުގައި ފޮނުއްވައި އުޅުއްވިއެވެ. މި ކަމަކީ ސީދާ ގޮތެއްގައި މައްޔިތާއަށް މަންފާ ކުރާނެ ކަމެއް ކަމަށް ނުވިޔަސް، މިއީ މައިންބަފައިން މަރުވުމަށްފަހުވެސް އެ މީހުންނަށް ކަމޭ ހިތުމުގެ ގޮތުން ކުރެވޭ ކަމެކެވެ.

5- ތިމާގެ ކަމުގެ ގުޅުން ދެމެހެއްޓުން :

އިސްލާމް ދީން ވަނީ އަހަރެމެންގެ ތިމާގެ ކަމުގެ ގުޅުން ދެމެހެއްޓުމަށް ވަރަށް ބޮޑަށް ބާރު އަޅުއްވާފައެވެ. ރަޙިމުގެ ގުޅުން ދެމެހެއްޓުމުގެ މުހިއްމު ކަމާއި، ނުބެހެއްޓުމުގެ ނުބައިކަން ބަޔާންކޮށްދެއްވާފައިވާ، އެތަކެއް ޙަދީޘެއް ވެއެވެ. ޞަޙީޙް ބުޚާރީގެ " ބާބުލް އަދަބް" ގައި އަބޫ ހުރައިރާ ރިވާ ކުރައްވާފައިވާ ޙަދީޘެއްގައި ވެއެވެ. عَنْ ‏ ‏أَبِي هُرَيْرَةَ ‏ ‏رَضِيَ اللَّهُ عَنْهُ ‏ ‏قَالَ ‏ سَمِعْتُ رَسُولَ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏يَقُولُ ‏ ‏مَنْ سَرَّهُ أَنْ يُبْسَطَ لَهُ فِي رِزْقِهِ وَأَنْ ‏ ‏يُنْسَأَ ‏ ‏لَهُ فِي أَثَرِهِ فَلْيَصِلْ رَحِمَهُ ‏

މާނައަކީ: ''ރަސޫލުއްﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވި އަޑު އަހަރެން އެހީމެވެ. '' އެ މީހެއްގެ ރިޒުޤު ތަނަވަސްވެ، ޢުމުރު ދިޤުވާން އެދޭ މީހާ ފަހެ އޭނާގެ ރަޙިމުގެ ގުޅުން ދަމަހައްޓާށެވެ. "

ނޯޓް: ޢުމުރު ދިގުވުމަކީ ޢުމުރުގައި ބަރަކާތް ލެއްވި ރަނގަޅު ގޮތްތަކަށް މަގުފަހިވެ އޭނާ މަރުވުމަށްފަހުވެސް މީހުން އޭނާގެ ހެޔޮކަމުގެ ވާހަކަ ދެއްކުން ކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. އަނެއްބައި ޢިލްމުވެރިން ވިދާޅުވަނީ އެއީ ހަމަ މީހާ ދުނިޔޭގައި ހުންނަ ދުވަސް ދިގުވުން ކަމަށެވެ.

މައިންބަފައިންގެ ދުނިޔޭގައި ވަރަށް ރަނގަޅަށް އެކުވެރިކަން މަތީ ތިބެ ތިބެފައި، އެ މީހުން ހަމަ މަރުވާ އިރަށް އަހަރެމެންގެ ތެރެއިން ބައެއް ދައްތައިންނާއި ބޭބެއިން އަދި އެ ނުންވެސް ތިމާގެ މީހުންގެ މެދުގައި ހަމަ ނުޖެހުމާއި ރުޅިވެރިކަން ރޯވެއެވެ. ގޯތި ބެހުމާއި މުދަލާއި ހެދިއެވެ. އެ މީހުން ދުނިޔެ ދޫކޮށްފައި ދާނީ މިފަދަ ކަމަކަށް އުއްމީދު ކުރާ ޙާލުގައެއް ނޫނެވެ. ވީމާ މިއީ މައިންބަފައިންގެ ޙައްޤުގައި ކުރެވޭ ބޮޑު ޚިޔާނާތެކެވެ.

އަހަރެމެން މައިންބަފައިން ދެކެ ލޯބި ވާ ކަމަށް ވަންޏާ، އެ މީހުން ދުނިޔޭގައި ތިބި އިރުވެސް ތިމާގެ މީހުންނާއި އޮތް ރަނގަޅު ގުޅުން ދަމަހައްޓައި، ގުޅުން ގޯސް ނަމަ އަލުން އެ ގުޅުން ރަނގަޅު ކުރަން ޖެހޭނެއެވެ. އަދި މަތީގައި ވާ ޙަދީޘުންވެސް އެނގޭ ގޮތުގައި މިއީ މައިންބަފައިން މަރު ވުމަށްފަހުވެސް އެ މީހުންނަށް ހެޔޮކޮށް ހިތުމުގެ ގޮތުން ކުރެވިދާނެ ކަމެކެވެ.

6- މައިންބަފައިންގެ ރޯދަ ހިފުން:

ޞަޙީޙް ބުޚާރީ އަދި މުސްލިމްގައި އައިސްފައިވާ ޙަދީޘެއްގައި ވެއެވެ. مَنْ مَاتَ وَعَلَيْهِ صِيَامٌ صَامَ عَنْهُ وَلِيُّهُ

މާނައަކީ: ''މީހަކު މަރުވާއިރު އޭނާގެ މައްޗަށް ރޯދައެއް އޮތްނަމަ، ފަހެ ބަދަލުގައި އޭނާގެ ބަލަދުވެރިއާ ރޯދަ ހިފާށެވެ."

ޞަޙީޙް ބުޚާރީ އަދި މުސްލިމްގެ އައިސްފައިވާ އެހެން ޙަދީޘެއްގައިވެއެވެ. عَنْ ‏ ‏ابْنِ عَبَّاسٍ ‏ ‏رَضِيَ اللَّهُ عَنْهُمَا ‏ ‏قَالَ ‏ جَاءَتْ امْرَأَةٌ إِلَى رَسُولِ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏فَقَالَتْ يَا رَسُولَ اللَّهِ إِنَّ أُمِّي مَاتَتْ وَعَلَيْهَا صَوْمُ نَذْرٍ أَفَأَصُومُ عَنْهَا قَالَ ‏ ‏أَرَأَيْتِ لَوْ كَانَ عَلَى أُمِّكِ دَيْنٌ ‏ ‏فَقَضَيْتِيهِ أَكَانَ يُؤَدِّي ذَلِكِ عَنْهَا قَالَتْ نَعَمْ قَالَ فَصُومِي عَنْ أُمِّكِ ‏

މާނައަކީ: އިބްނު ޢައްބާސް ވިދާޅުވިއެވެ. "އަންހެނަކު، ރަސޫލުއްﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަގެ އަރިއަހަށް އައިސް ދެންނެވިއެވެ. ''އޭ ﷲގެ ރަސޫލާއެވެ. އަޅުގަނޑުގެ މަންމަގެ މައްޗަށް ނަދުރު ރޯދައެއް އޮތްވާ، މަންމަ ނިޔާވެއްޖެއެވެ. ވީމާ މަންމަގެ ފުށުން އަޅުގަނޑު އެ ރޯދަ ހިފަންތޯއެވެ؟" ރަސޫލުއްﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ކަމަނާގެ މަންމަގެ މައްޗަށް ދަރަންޏެއް އޮތްވާ، ކަމަނާ އެ ދަރަނި އަދާކޮށްފިނަމަ، އެ ދަރަނި އަދާ ކުރެވުނު ކަމަށް ވާނެހެއްޔެވެ؟" އަންހެނާ ދެންނެވިއެވެ" އާދޭހެވެ." ދެން ކީރިތި ރަސޫލާ ޙަދީޘް ކުރެއްވިއެވެ." އެހެންވިއްޔާ މަންމަގެ ރޯދަ ހިފާށެވެ. "

މި ދެ ޙަދީޘަކީވެސް، މީހެއްގެ މައްޗަށް ރަމަޟާން މަހުގެ ރޯދައެއް ނުވަތަ ނަދުރު ރޯދައެއް ނަމަވެސް އޮތިއްޔާ، އެ މީހާގެ ބަލަދުވެރިއާ އަށް އެ ރޯދަ ހިފިދާނެ ކަމަށް ބުނާ ފިޤުހުވެރިންގެ ވަރުގަދަ ދެ ދަލީލެވެ. ބަލަދުވެރިއާގެ މާނައަކީ ތިމާގެ ކޮންމެ މީހެކެވެ. އޭނާއަކީ ކޮންމެހެން ބައްޕަ، ނުވަތަ ދަރިއެއް ނުވަތަ ވާރުތަވާ މީހެއް ކަމުގައި ވާން ނުޖެހެއެވެ.

މަރުވެފައިވާ މީހާގެ ދަރަނި، ހިލޭ މީހެއް ފުއްދުމުން ކަމުދާހެން، ހިލޭ މީހަކު ރޯދަ ހިފިޔަސް ކަމުދާނެ ކަމަށް ވެސް ބައެއް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ.

މަރުވެފައިވާ މީހާގެ ބަދަލުގައި ރޯދަ ހިފައިގެން ނުވާނެއޭ، މި ހިސާބުން މީހަކު ބުނެފާނެއެވެ. އެއީ އަބޫ ޙާނީފާ، މާލިކް، އަދި ޝާފިޢީގެފާނު ގެ ފަހުގެ ބަސްފުޅުގައި، މަރުވެފައިވާ މީހާގެ ރޯދަ އެއްވެސް ޙާލެއްގައި ހިފައިގެން ނުވާނެ ކަމަށް ދެކޭތީއެވެ. އެ ބޭފުޅުން އެހެން ވިދާޅުވީ އިބްނު ޢައްބާސް އާއި ޢާއިޝަތުގެފާނު ވިދާޅުވެފައިވާ ދެ ބަސްފުޅެއްގައި މީހެއްގެ ބަދަލުގައި ރޯދަ ނުހިފުމަށް އަންގަވާފައި ވާތީއެވެ.

ނަމަވެސް މި ދެ ބަސްފުޅަށް ވުރެ ވަރުގަދަ ދެ ދަލީލު ކުރިމަތީގައި އޮތުމުން ނަގަން ޖެހެނީ، ބަދަލުގައި ރޯދަ ހިފޭނެ ކަމަށް ބުނާ ރައުޔެވެ. ކޮންމެ އަކަސް މަރުވެފައިވާ މީހާގެ ބަދަލުގައި ރޯދަ ހިފާނީތޯ، ކާންދޭނީތޯ، ބޮލުގައި އެޅިފައިވާ ރޯދަ އަކަށް ވާނީ ކިހިނެއް ވީމާތޯ ، މިއީ ވަރަށް ދިގު ވާހަކައެކެވެ. މިތާނގައި އެވާހަކަ ދައްކައި މައުޟޫން ބޭރުވުމުގެ ބަދަލުގައި އެހެން ތަނެއްގައި އެވާހަކަ ތަފްޞީލުކޮށް ލިޔާނަމެވެ. *

7- މައިންބަފައިންނަށްޓަކައި ޞަދަޤާތް ދިނުން :

ޞަޙީޙް މުސްލިމްގެ ބާބުއް ޒަކާތުގައި އައިސްފައިވާ ޙަދީޘެއްގައި ވެއެވެ. عَنْ ‏ ‏عَائِشَةَ ‏ أَنَّ ‏ ‏رَجُلًا ‏ ‏أَتَى النَّبِيَّ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏فَقَالَ يَا رَسُولَ اللَّهِ ‏ ‏إِنَّ ‏ ‏أُمِّيَ ‏ ‏افْتُلِتَتْ ‏ ‏نَفْسَهَا وَلَمْ تُوصِ وَأَظُنُّهَا لَوْ تَكَلَّمَتْ تَصَدَّقَتْ أَفَلَهَا أَجْرٌ إِنْ تَصَدَّقْتُ عَنْهَا قَالَ نَعَمْ

މާނައަކީ: ޢާއިޝަތުގެފާނުގެ ރިވާކުރެއްވިއެވެ. ''މީހަކު، ރަސޫލުއްﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަގެ އަރިއަހަށް އައިސް ދެންނެވިއެވެ. ''އަޅުގަނޑުގެ މަންމަ އެއްވެސް ވަޞިއްޔަތެއް ނުކޮށް ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ. އަދި އަޅުގަނޑަށް ހީވަނީ މަންމައަށް ވާހަކަ ދައްކާނެ ފުރުޞަތެއް ލިބުނުނަމަ، ކޮންމެވެސް ޞަދަޤާތެއް ދިނީހެވެ. ފަހެ އަޅުގަނޑު މަންމަގެ ފަރާތުން ޞަދަޤާތް ދިނިއްޔާ މަންމައަށް އެކެމުގެ ހެޔޮ އަޖުރު ލިބޭނެތޯއެވެ؟ '' ކީރިތި ރަސޫލާ ޙަދީޘް ކުރެއްވިއެވެ. '' އާނ އެކެވެ. ''

ސުނަނުއް ތިރްމިޛީގައި އިބްނު ޢައްބާސްގެ އަރިއަހުން ރިވާ ކުރެވިފައިވާ ޙަދީޘެއްގައި ވެއެވެ. أَنَّ رَجُلًا قَالَ يَا رَسُولَ اللَّهِ إِنَّ أُمِّي تُوُفِّيَتْ أَفَيَنْفَعُهَا إِنْ تَصَدَّقْتُ عَنْهَا قَالَ ‏ ‏نَعَمْ قَالَ فَإِنَّ لِي مَخْرَفًا فَأُشْهِدُكَ أَنِّي قَدْ تَصَدَّقْتُ بِهِ عَنْهَا

މާނައަކީ: ''މީހަކު ބުންޏެވެ. އޭ ﷲ ގެ ރަސޫލާއެވެ. އަޅުގަނޑުގެ މަންމާފުޅު ނިޔާވެއްޖެއެވެ. ފަހެ މަންމައަށްޓަކައި އަޅުގަނޑު ޞަދަޤާތް ދީފިއްޔާ އެކަމުން މަންމައަށް މަންފާއެއް ކުރާނެތޯއެވެ؟ "ކީރިތި ރަސޫލާ ޙަދީޘް ކުރެއްވިއެވެ."އާނ އެކެވެ. "އެ މީހާ ދެންނެވިއެވެ. "އަޅުގަނޑު އަތުގައި ކަދުރު ރުއް ބަގީޗާއެއް އެބަ އޮތެވެ. ފަހެ ކަލޭގެފާނު ހެކިކޮށް، މަންމާފުޅަށްޓަކައި އަޅުގަނޑު އެ ބަގީޗާ ޞަދަޤާތް ކޮށްފީމެވެ."

ޞަޙީޙް މުސްލިމްގެ ބާބުލް ވަޞިއްޔާގައި އައިސްފައިވާ މީހުންގެ ތެރޭގައި ވަރަށް މަޝްހޫރު ޙަދީޘެއް އޮވެއެވެ. އެއީ  : عَنْ ‏ ‏أَبِي هُرَيْرَةَ ‏ أَنَّ رَسُولَ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏قَالَ ‏ ‏إِذَا مَاتَ الْإِنْسَانُ انْقَطَعَ عَنْهُ عَمَلُهُ إِلَّا مِنْ ثَلَاثَةٍ إِلَّا مِنْ صَدَقَةٍ جَارِيَةٍ أَوْ عِلْمٍ يُنْتَفَعُ بِهِ أَوْ وَلَدٍ صَالِحٍ يَدْعُو لَه

މާނައަކީ: "އަބޫ ހުރައިރާ ރިވާ ކުރެއްވިއެވެ. ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ''މީހާ މަރުވުމުން، ތިން ކަމެއް ފިޔަވައި އެހެން ކަންތައްތައް އޭނާއާއި ގުޅުން ކެނޑެއެވެ. އެއީ ދެމިގެންވާ ޞަދަޤާތެއް، ދޫކޮށްފައިދާ ފައިދާހުރި ޢިލްމެއް، އަދި ހެޔޮ ދުޢާ ކުރާނެ ޞާލިޙް ދަރިއެއް ފިޔަވައެވެ."

މި ޙަދީޘްގެ މާނަ އަކީ މީހާ މަރުވުމުން އޭނާގެ ހުރިހާ ޢަމަލަކަށް ނިމުން އާދެއެވެ. އަދި ޘަވާބު އާވާނެ ހުރިހާ ކަމެއްވެސް ހުއްޓެއެވެ. އެކަމަކު އެއީ ތިން ކަމެއް އިސްތިސްނާ ކޮށްފައެވެ. މި ތިންކަންތަކަކީ އޭނާ ދުނިޔޭގައި ދޫކޮށްފައި ދިޔައަސް، އޭނާގެ ސަބަބުން އަދި ކުރި މަސައްކަތުން ދުނިޔޭގައި ދެމި ހުރި ކަންތަކެކެވެ. ވީމާ އެކަމުން މައްޔިތާއަށް ފައިދާ ވަނީއެވެ.

މި ޙަދީޘުތަކުން ޝައްކެއްވެސް ނެތި އެނގޭ ކަމަކީ، ދިރިތިބީން މައްޔިތާއަށް ޘަވާބު ލެއްވުން އެދި ކުރާ ޞަދަޤާތުން، ﷲގެ އިރާދަފުޅާއެކު މައްޔިތާއަށް އެކަމުގެ މަންފާ ކުރާނެކަމެވެ. ޞަދަޤާތް ދޭ އިރު ހަންދާން ބަހައްޓަން ވީ ހެޔޮ ނިޔަތަކާއި އެކު އެކަން ކުރުމެވެ. މީހުން ކުރާތީ ނުވަތަ މައިންބަފައިންނާއި އަޅާ ނުލިއޭ މީހުން ބުނެފާނެތީ ނުވަތަ ކަންދައްކަން ނުވަތަ އެއްވެސް ނިޔަތެއް މައްޔިތާއަށްޓަކައި ޞަދަޤާތް ދިނުމަކީ ލާރި އެންދުން ފަދަ ކަމެކެވެ. އެއިން ވާނެ އެއްވެސް ފައިދާއެއް ނެތެވެ. ވީމާ ޞަދަޤާތް ދޭން ވާނީ ސާފު ސީދާ ނިޔަތަކާއި އެކީގައެވެ.

މި ގޮތަށް އަހަރެމެން ޞަދަޤާތް ދިނުމުން ފައިދާ ކުރާނީ ހަމަ އެކަނި މައްޔިތާއަށް ހެއްޔެވެ؟ ނޫނެކެވެ. މައްޔިތާއަށް ފައިދާ ކޮށްފައި އަހަރެމެންނަށްވެސް އެކަމުގެ ހެޔޮ ޘަވާބު ލިބޭނެއެވެ.

އެހެންވިއްޔާ ޞަދަޤާތުގެ ގޮތުގައި އަހަރެމެންނަށް ކުރެވިދާނެ ކަންތަކަކީ ކޮބައިހެއްޔެވެ؟ ކުރެވިދާނެ ކަންތައް ބައިވަރެވެ.

* ފަޤީރުންނަށް ހޭދަ ކުރުން ، ދަރަނިވެރިންގެ ދަރަނި ފުއްދައި ދިނުން.

* މިސްކިތް ބިނާ ކުރުން ނުވަތަ މިސްކިތަށް ކޮންމެވެސް ކަހަލަ ހޭދައެއް ކުރުން.

* އަންނައުނާއި ކާ އެއްޗެހި ގަނެފައި އެ ބޭނުން މީހުންނަށް ބެހުން .

* ކިޔަވާ ކުދިންނަށް ތަފާތު ގޮތް ގޮތުން އެހީ ވުން .

* މީހުންނަށް ތެދު މަގު ލިބޭފަދަ މަޝްރޫޢްތަކަށް ހޭދަކުރުން .

* ޤުރުއާން ދަސް ކުރާ ކުދިންނަށް އެކަމުގެ އިނާމް ދިނުން

* ހަސްފަތާލުތަކާއި މަދަރުސާ އެޅުން ، އަދި ބަލި މީހުންނަށް ބޭސް ފަރުވާ ހޯދައި ދިނުން .

* ޔަތީމުޚާނާއެއް، މުސްކުޅިން ތިބޭ މަރުކަޒެއް ހުންނަ ނަމަ އެތަނަކަށް އެހީވުން ، އަދި ނުހުންނަނަމަ އެކަމަށް މުޖްތަމަޢް ބޭނުންވާނަމަ އެފަދަ މަޝްރޫޢެއް ފެއްޓުން . ނުވަތަ ވަކިވަކި ގޮތެއްގައިވެސް މިފަދަ މީހުންނަށް އެހީވުން .

* ބަލާނެ މީހެއް ނެތް ހުވަފަތް އަންހެނުންނަށް ފައިސާގެ އެހީތެރިކަން ފޯރުކުރުން .

* ދުނިޔޭގެ ކަންކޮޅުތަކުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުން .

* ކައިވެނި ކުރުމުގެ މާއްދީ ކުޅަދާނަކަން ލިބިފައި ނުވާ ޒުވާނުންނަށް އެ ކުދިން ޢިއްފަތްތެރިކަން މަތީ ދެމިތިބުމަށް އެހީތެރިވުމުގެ ގޮތުން، ކައިވެނި ކުރުވައި ދިނުން .

8- ހައްޖުވުން :

މައިންބަފައިންގެ ފަރާތުން ޙައްޖުވުމަކީވެސް، އެ މީހުން މަރުވުމުން އަހަރެމެންނަށް ކުރެވިދާނެ ހެޔޮކަމެކެވެ. ވަކިން ޚާއްޞަކޮށް މައިންބަފައިން ޙައްޖު ކުރާނެހާ ތަނަވަސްކަން ހުއްޓާ ނުކޮށް ތިބިއްޔާ މަރުވެއްޖެނަމަ، މިކަން ކުރުން މުހިއްމުކަން ބޮޑެވެ. ނަމަވެސް މިއީ ވާޖިބު ކަމެއް ނޫނެވެ.

9- ދަރަނި ފުއްދުން :

މީހަކު މަރުވީމާ، ޢާއިލާ މީހުން އޭނާ ވަޅުލާފައި ކުރަންޖެހޭ އެންމެ މުހިއްމު ކަމަކީ މަރުވިމީހާގެ މައްޗަށް އެއްވެސް ދަރަންޏެއް އޮތްތޯ ބަލައި އަވަހަށް އެ ދަރަނި ފުއްދުމުވެ. މަރުވުމުގެ ކުރިން އަހަރެމެން ސަމާލުކަން ދޭން ޖެހޭ ކަމަކީ މީހުންގެ އަތުން ދަރަންޏަށް ފައިސާއާއި ތަކެތި ނަގާފައި އެ އަދާ ނުކޮށް ލަސް ނުކުރުމެވެ. ކުޅަދާނަވީ އެންމެ އަވަހަކަށް ދަރަނި އަދާ ކުރަން ޖެހޭނެއެވެ. އަދި ދަރަންޏެއް ނެގިއްޔާ އޭނާގެ ވާރުތަވެރިންނަށް އެކަން އަންގާފައި ބާއްވަން ޖެހޭނެއެވެ. ސަބަބަކީ މީހުންގެ ޙައްޤަކީ އެއީ ވަރަށްވެސް ނުރައްކާތެރި އެއްޗަކަށް ވާތީއެވެ. މާތްﷲ ގެ ޙައްޤުފުޅުގައި ކުރެވޭ ކުށްފާފަތަކަކީ ތައުބާވެވޭނެ ކަންތަކެވެ. ނަމަވެސް މީހެއްގެ ޙައްޤެއް ބޮލުގައި އެޅިފައި ވާހާ ހިނދަކު އޭނާއަށް ސަލާމަތެއް ނެތެވެ.

މިތާނގައި އަހަރެމެން މި ވާހަކަ ދައްކަނީ ދަރަނި ނަގާފައި ގަސްދުގައި އެ އަދާ ނުކޮށް ފިލާ މީހުންގެ ވާހަކައެވެ. ދަރަނި ނަގާފައި އެ އަދާކުރަން ހިތުގައި އޮވެ އަތްމަތި ދަތިކަމުން އެކަން ނުކުރެވޭ މީހުންނަށް، މާތް ﷲ ކޮންމެވެސް ރަނގަޅު މަގެއް ދައްކަވާނެއެވެ. އަދި އަދާކުރަންޖެހޭ ވަގުތު ނުޖެހެނީސް މަރުވާ މީހުންނަކީވެސް ޢުޛުރުވެރިންނެވެ.

ނަމަވެސް މި އެންމެންގެ ދަރަނިވެސް، ދިރިތިބި މީހުން އަދާ ކުރުން ވަރަށް މުހިއްމެވެ.

9- ޤުރުއާން ކިޔެވުން :

ޤުރުއާން ކިޔެވުމަކީވެސް މައްޔިތާއަށް ފައިދާ ކުރާނެ ކަމެކެވެ. މައްޔިތާއަށްޓަކައި ޤުރުއާން ކިޔެވުމުގެ މައްސަލައަކީ ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވާ، ގިނަ ބަހުސުތަކެއް ކުރެވިފައިވާ މައްސަލައެކެވެ. ވީމާ މި މައްސަލައާ ބެހޭ ގޮތުން ތަފްޞީލުކޮށް އެހެން ފުރުޞަތައްގައި ލިޔާނަމެވެ. ޚިލާފު އޮތީ އަމިއްލައަށް ކިޔަވާ މައްސަލާގައެވެ.

އެހެން މީހަކު ލައްވާ ކިޔެއްވުމުގެ މައްސަލަ އެއީ ޢިލްމުވެރިން ޚިލާފުވާ މައްސަލައެއް ނޫނެވެ. އެންމެވެސް އެއްބަސްވާ ގޮތުގައި މީހުންނަށް ލާރި ދީގެން ގެނެސް ޤުރުއާން ކިޔެއްވުމަކީ ކޮށްގެން ވާނެ ކަމެއް ނޫނެވެ. އަދި އެކަމުން ވާނެ ފައިދާއެއްވެސް ނެތެވެ.


 

 ގުޅުންހުރި:

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.