ހޯމަ20201130

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ފިޤުހު އަޅުކަން ދެމަފިރިންގެ އައުރަ އަދި ފެންވަރާ މީހާގެ އައުރަ

ދެމަފިރިންގެ އައުރަ އަދި ފެންވަރާ މީހާގެ އައުރަ

fenverun-auraޝައްކެއްވެސް ނެތް ގޮތުގައި އިސްލާމް ދީންވަނީ ހިލޭ އަންހެނުންނާއި ފިރިހެނުންގެ އައުރައަށް ބެލުން ޙަރާމް ކުރައްވާފައެވެ. ހިލޭ އަންހެނެއްގެ ގައިން ފިރިހެނަކަށް ބެލުން އަދި ދެއްކުން ހުއްދައީ މޫނާއި ދެ އަތްތިލަ އެކަންޏެވެ. ދެއްކުން ހުއްދައީ ފިތުނައެއްގެ ބިރު ނެތް ނަމައެވެ. ބެލުން ހުއްދައީ ޝަހަވަތަކާ ނުލައި ބެލުމެވެ.

ހިލޭ ފިރިހެނެއްގެ ހަށިގަނޑުން ހިލޭ އަންހެނަކަށް ބެލުން ހުއްދައީ ފޫޅާއި ކަކުލާއި ދެމެދު ފިޔަވާ އެހެން ތަންތަނެވެ. އެއީ ފިތުނައެއްގެ ބިރު ނެތް ނަމައެވެ. ދެއްކުން ހުއްދައީ ފިތުނައެއްގެ ބިރު ނެތް ނަމައެވެ. ބެލުން ހުއްދައީ ޝަހަވަތަކާ ނުލައި ބެލުމެވެ.

ދެން ސޫރަތުއް ނޫރުގެ 31 ވަނަ އާޔަތުގައި ބުނެވިފައިވާ މީހުންނަށް، އަންހެނެއްގެ ކިބައިން ބެލުން ހުއްދައީ އިސްތަށިގަނޑު، ކަރު އަތް ފައި ފަދަ ތަންތަނެވެ. އަންހެނަކަށްވެސް އަންހެނެއްގެ މި ބުނެވުނު ތަންތަން ފިޔަވައި އެހެން ތަނެއް ބެލުން ހުއްދައެއް ނޫނެވެ. މި ކަމާއި ބެހޭ ގޮތުން އިތުރަށް ކިއުމަށް މިތަނަށް ފިތާލާށެވެ.

 

ނަމަވެސް ބޭސްފަރުވާ ކުރުން ފަދަ ކަމަކަށް، އަންހެން ޑޮކްޓަރެއް ނެތް ނަމަ، އަންހެނެއްގެ އައުރައިން ބޭނުން ޖެހޭ މިންވަރަށް، އިތުބާރު ކުރެވޭ އަމާނާތްތެރި، މީހަކު ބެލުން ދީން ހުއްދަކުރެއެވެ. އެއީ ޟަރޫރަތަކަށް ވާތީއެވެ.

ދެމަފިރިންގެ އައުރަ:

ދެން ބުނަން އޮތް ވާހަކަ އަކީ ދެމަފިރިއަކަށް އެކަކު އަނެކަކުގެ ކޮންމެ ތަނަކަށްވެސް ބެލުން ހުއްދަ ކަމެވެ. ބައެއް މީހުންނަށް އަޑު އިވިފައި އޮންނަ އަސްލެއް ނެތް ވާހަކައެއް އޮވެއެވެ. އެއީ ޖިމާވާ އިރުވެސް ދެމަފިރިން އެކަކު އަނެކެކެއްގެ އައުރައަށް ބެލުން ހުއްދަ ނޫން ވާހަކައެވެ. ނަމަވެސް މިއީ އެއްވެސް ޙަޤީޤަތެއް ދަލީލެއް އޮތް ވާހަކައެއް ނޫނެވެ. މި ގޮތަށް ބުނާ މީހުން ނަގާ ދަލީލަކީ އިބްނު މާޖާ ރިވާ ކުރައްވާފައިވާ މި ޙަދީޘެވެ. إِذَا أَتَى أَحَدُكُمْ أَهْلَهُ فَلْيَسْتَتِرْ وَلَا يَتَجَرَّدْ تَجَرُّدَ الْعَيْرَيْنِ

މާނައަކީ: "ކަލޭމެންގެ ތެރެއިން މީހަކު އަނބިމީހާ ގާތަށް ވަންނަ ނަމަ އޮރިޔާން ނިވާ ކުރާހުށިކަމެވެ. ދެ ހިމާރު ފަދައިން ބަރަހަނާ ނުވާށެވެ."

ނަމަވެސް މިއީ މިކަހަލަ ކަމެއްގެ ޙުކުމް ނެގޭވަރުގެ ޞައްޙަ ޙަދީޘެއް ނޫނެވެ. އަބޫ ޙާތިމް، އިމާމް އަޙްމަދު، އައްނަސާއީ، އަލްބޫޞީރީ ވަނީ މި ޙަދީޘް ޟަޢީފް ކަމަށް ވިދާޅުވެފައެވެ. އަދި "އިރްވާއުލް ޣަލީލް" ގައި އަލްބާނީވެސް ވަނީ މި ޙަދީޘް ޟަޢީފް ކަމަށް ވިދާޅުވެފައެވެ.

ކުރީގެވެސް އަދި ފަހުގެ ޢިލްމުވެރިންގެ ޖުމްހޫރު ޢިލްމުވެރިން އެއްބަސް ވާ ޙަޤީޤަތަކީ، ދެމަފިރިން އަދި އަޅު އަންހެނާގެ ބެލުން ހުއްދަ ނޫން ތަނެއް ނުވާ ކަމަށެވެ. ފަރުޖު ރައްކާތެރި ކުރަން ޖެހެނީ އަނބިމީހާ އާއި އަޅު އަންހެނާ ފިޔަވާ އެހެން މީހުންނަށެވެ. ރައްކާތެރި ކުރުމުގެ މާނައިގެ ތެރޭގައި ޖިންސީ ގުޅުން ހިންގުން ބެލުން އަދި ދެއްކުންވެސް ހިމެނެއެވެ. ސޫރަތުލް މުއުމިނޫންގެ 5،6 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވަނީ: وَالَّذِينَ هُمْ لِفُرُوجِهِمْ حَافِظُونَ * إِلَّا عَلَى أَزْوَاجِهِمْ أوْ مَا مَلَكَتْ أَيْمَانُهُمْ فَإِنَّهُمْ غَيْرُ مَلُومِينَ

މާނައަކީ: "އަދި އެ މީހުންނީ އެ މީހުންގެ ފަރުޖުތައް (އެބަހީ ކުރިމަތީ ފަރާތާއި ފުރަގަސް ފަރާތް ނުވަތަ ޖިންސީ ގުނަވަންތައް). ރައްކާތެރި ކުރާ މީހުންނެވެ. އެބައި މީހުންގެ އަނބިންނާއި ފިރިން ނުވަތަ އެބައި މީހުންގެ މައްޗަށް މިލްކުވެގެންވާ އަޅުންގެ މައްޗަށް މެނުވީއެވެ. ފަހެ އެބައި މީހުންނީ އެބައި މީހުންނަށް މަލާމާތް ލިބިގެން ނުވާ މީހުންނެވެ."

ކީރިތި ރަސޫލާގެ ޙަދީޘްފުޅެއްގައި ވަނީ: احْفَظْ عَوْرَتَكَ إِلَّا مِنْ زَوْجَتِكَ أَوْ مَا مَلَكَتْ يَمِينُكَ

މާނައަކީ: "ކަލޭގެ އައުރަ އަނބިމީހާ އާއި އަޅު އަންހެނާ ފިޔަވާ އެހެން މީހުންނަށް ރައްކާ ކުރާށެވެ." ( އަބޫދާއޫދް، ބާބުލް ޙައްމާމް / އިބްނު މާޖާ ބާބުއް ނިކާޙް)

އަލްމުޙައްލާގައި އިމާމް އިބްނު ޙަޒްމު ވިދާޅުވެފައިވެއެވެ. "ޖިމާޢުވުން ހުއްދަ އަނބިމީހާއާއި އަޅު އަންހެނާގެ ފަރުޖަށް ފިރިމީހާ ބެލުން ހުއްދައެވެ. ހަމަ އެފަދައިން އެ ދެ މީހުންނަށްވެސް އޭނާގެ(ފިރިމީހާ) ފަރުޖަށް ބެލުން ހުއްދައެވެ. މި ކަމުގައި އެއްވެސް މަކްރޫހަ ކަމެއް ނެތެވެ."

ދެމަފިރިން ގެ އައުރައަށް ބެލުން ހުއްދަ ކަމުގެ ފުރިހަމަ ދަލީލަކީ، ކީރިތި ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމަގެ އަނބިކަނބަލުން ކަމުގައިވާ، ޢާއިޝަތު ރަޟިޔައްﷲ ޢަންހާ އާއި އުއްމު ސަލަމާ ރަޟިޔައްﷲ ޢަންހާ އާއި މައިމޫނާ ރަޟިޔައްﷲ ޢަންހާގެ ކިބައިން، އެ ކަނބަލުން ކީރިތި ރަސޫލާ އަރިއަހުގައި، އެއް ތައްޓަކުން، ޖުނުބުވެރިކަމުން ހިނައިވަޑައިގަންނަވާ ކަމަށް ބުޚާރީ މުސްލިމުގައި ރިވާކުރެވިފައިވާ އެތަކެއް ޙަދީޘެކެވެ.

ރަސޫލާގެ އަނބިކަނބަލުން މައިމޫނާ ގެ އަރިއަހުން އިބްނު ޢައްބާސް ރިވާކުރެއްވި ޙަދީޘެއް، ޞަޙީޙް ބުޚާރީގެ އަލްޣުސްލު ބާބުގައި ވެއެވެ.

سَتَرْتُ النَّبِيَّ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏وَهُوَ يَغْتَسِلُ مِنْ الْجَنَابَةِ فَغَسَلَ يَدَيْهِ ثُمَّ صَبَّ بِيَمِينِهِ عَلَى شِمَالِهِ فَغَسَلَ فَرْجَهُ وَمَا أَصَابَهُ ثُمَّ مَسَحَ بِيَدِهِ عَلَى الْحَائِطِ أَوْ الْأَرْضِ ثُمَّ تَوَضَّأَ وُضُوءَهُ لِلصَّلَاةِ غَيْرَ رِجْلَيْهِ ثُمَّ أَفَاضَ عَلَى جَسَدِهِ الْمَاءَ ثُمَّ تَنَحَّى فَغَسَلَ قَدَمَيْهِ

މާނައަކީ: "ސަލާމާއި ޞަލަވާތް ލެއްވި ރަސޫލާ ޖުނުބުވެރިކަމުން ނާނެއިފުޅު ފިއްލަވަން ހުންނެވި އިރު އަހަރެން ފަރުދާކުރީމެވެ. ފުރަތަމަ އެކަލޭގެފާނުގެ ދެ އަތްޕުޅު ދޮންނެވިއެވެ. ދެން އެކަލޭގެފާނުގެ ކަނާއަތްޕުޅުން އެކަލޭގެފާނުގެ ހަށިކޮޅުގެ ވާތްފަޅިއަށް ފެން އޮއްސެވިއެވެ. އަދި އެކަލޭގެފާނުގެ ފަރުޖު ދޮންނެވިއެވެ. ދެން އެކަލޭގެފާނުގެ އަތްޕުޅު ފާރުގައި ނުވަތަ ބިންމަތީ ކޭއްތެވިއެވެ. ދެން އެއަށްފަހު ނަމާދަށް ކުރާ ވުޟޫ ފަދަ ވުޟޫއެއް ކުރެއްވިއެވެ. އެއީ ފައި ދޮންނެވުން ފިޔަވައެވެ. ދެން އެއަށްފަހު ހަށިކޮޅަށް ފެން އޮއްސެވިއެވެ. ދެން އެއްފަރާތަކަށް ޖެހިވަޑައިގަތެވެ. އަދި ފައި ދޮންނެވިއެވެ."

ހަމަ މި ބީދައިން ޢާއިޝަތުގެފާނު އަރިއަހުން ރިވާ ކުރެވިފައިވާ ޙަދީޘެއްގައި ވެއެވެ: كُنْتُ ‏‏ أَغْتَسِلُ أَنَا وَرَسُولُ اللَّهِ ‏‏ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏مِنْ إِنَاءٍ بَيْنِي وَبَيْنَهُ وَاحِدٍ

މާނައަކީ: ''ޢާއިޝަތު ރަޟިޔައްﷲ ޢަންހާ ވިދާޅުވިއެވެ. އަހަރެންނާއި ސަލާމައި ޞަލަވާތް ލެއްވި ﷲ ގެ ރަސޫލާ، އަހަރެމެން ދެމެދުގައިވާ ކަންވާރަކުން ނާނެއިފުޅުފިއްލެވީމެވެ.'' (ޞަޙީޙް ބުޚާރީ ބާބުލް ޢުސްލު، ޞަޙީޙް މުސްލިމް ބާބުލް ޙައިޟް)

"ޙާޝިޔަތު ރައްދު އަލްމުޚްތާރު ޢަލާ އައްދުރުލް މުޚްތާރު" އޭ ކިޔޭ ފޮތުގައި ބުނެވިފައިވެއެވެ." އަބޫ ޔޫސުފް ވިދާޅުވިއެވެ: ފިރިމީހާ އަނބިމީހާގެ ފަރުޖުގައި އަތް ލާ އަދި ފިރިމީހާގެ ފަރުޖުގައި އަނބިމީހާ އަތް ލުމާ ބެހޭ ގޮތުން އަހަރެން އިމާމް އަބޫ ޙަނީފާ އާއި ސުވާލު ކުރީމެވެ. މި ކަމުގައި އެއްވެސް މައްސަލައެއް އޮތް ކަމަށް ދެކެވަޑައިގަންނަވަންތޯއެވެ؟ އަބޫ ޙަނީފާ ވިދާޅުވިއެވެ: ނޫނެކެވެ. އަހަރެން އެދެނީ އެކަމުން އަޖުރު އިތުރުވާނެކަމަށެވެ."

އަޖުރު އިތުރު ވުމޭ އަބޫ ޙަނީފާ އެ އިޝާރަތް ކުރެއްވީ އަނބިމީހާއާއި ޖިމާޢު ވުމުންވެސް ޘަވާބު ލިބޭ ކަމަށް ކީރިތި ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ވިދާޅުވެފައިވާ ޙަދީޘަށް ކަމަށް ބެލެވެއެވެ. ***

"އައްސިލްސިލަތުއް ޟަޢީފާ" ގައި ޝައިޚް އަލްބާނީ ވިދާޅުވެފައިވެއެވެ." ޖިމާޢު ވާ އިރު ބެލުން ޙަރާމް ކުރުމަކީ، ޖިމާޢު ވުމުގެ ވަސީލަތްވެސް މަނާ ކުރުމެވެ. ފަހެ ފިރިމީހާ އޭނާގެ އަނބިމީހާއާއި ޖިމާޢުވުން މާތް ﷲ ހުއްދަ ކުރެއްވި އިރު، ބެލުން މަނާ ކުރެއްވުން އެއީ ބުއްދި ޤަބޫލު ކުރެވޭނެ ކަމެއް ހެއްޔެވެ؟!"

އެތަކެއް ދަލީލެއް އެއް ކިބާ ކޮށްފައި ބުއްދިން ވިސްނާލާ އިރުވެސް، ޖިމާޢުވުމާއި އަތް ލުން ހުއްދަ ހަށިގަނޑަކަށް ނުވަތަ ތަނަކަށް ބެލުން ހުއްދަ ނުވާންވީ އެއްވެސް ސަބަބެއް ނޯންނާނެކަން ވަރަށް ސާފުކޮށް ހާމަވެއެވެ. ޤުރުއާނުގައި ދެމަފިރިން ސިފަ ކޮށްފައިވަނީ އެކަކީ އަނެކަކުގެ ފޭރާމެއް ކަމުގައެވެ. (ބަޤަރާ 187) އަދި އެހެން އާޔަތެއްގައި އަންގަވާފައިވަނީ، އަނބިންގެ "ގޮވާން ކުރެވޭ" ތަނަށް ބޭނުން ގޮތަކަށް ކައިރިވުމަށެވެ. (ބަޤަރާ22:) ވީމާ ދެމަފިރިންގެ އައުރައަށް ބެލުން ހުއްދަވާނެ ކަން ވިސްނައިގަނެވެއެވެ.

ފެންވަރާ އިރު:

ދެން މި ބަލާލަނީ ހިނައިގަންނަ އިރު ނުވަތަ އާއްމު ގޮަތަކަށް ބުނާނަމަ ފެންވަރާ އިރު އޮރިޔާމުން ހުރެ ފެންވެރުމުގެ މައްސަލައަށެވެ. ރާއްޖޭގައި ބައެއް އަންހެނުން (ޚާއްޞަކޮށް ކުރީގެ މީހުން) ދެކެނީ ފެންވަރާއިރު ހުންނަން ޖެހޭނީ ކޮންމެވެސް އެއްޗެއް އަނދެގެން ކަމަށެވެ.

އެއްކޮށް ހެދުން ނުބާލައި ޤަޟާ ޙާޖަތް ކުރާނީ ކިހިނެއްހެއްޔެވެ؟ އަދި އެކަމުން ސާފު ވާނީ ކިހިނެއްހެއްޔެވެ؟ ހެދުން ނުބާލައި ރަނގަޅަށް ހަށިގަނޑު ސާފު ކުރާނީ ކިހިނެއްހެއްޔެވެ؟ ހެދުން ނުބާލައި ގައިގައި ބޭލުން ސުންނަތް އިސްތަށި ބާލާނީ ކިހިނެއްހެއްޔެވެ؟

މީހަކަށް އެ މީހެއްގެ އަމިއްލަ ހަށިގަނޑަށް ބެލުން އެއީ ދީން ޙަރާމް ކުރާ ކަމެއް ނޫނެވެ. ޖިންސީ ގުނަވަން ސާފު ކުރަން، ބައްޔެއް ހުރިތޯ ބަލަން، އިސްތަށި ބާލަން، ނުވަތަ ޖިންސީ ގުނަވަން ހުންނަ ގޮތް ދެނެގަންނަން ފަދަ ބޭނުންތަކަށް، ރަނގަޅަށް ކައިރިން ބެލުމަކީވެސް ހުއްދަ ކަމެކެވެ.

މީގެ މާނައަކީ މީހަކު އެކަނި ގޭތެރޭގައި ހުންނަ އިރު އޮރިޔާމުން ހުރެ ނުވަތަ އެކަނި ނިދާ އިރު އޮރިޔާމުން އޮވެ ނިދުން ރަނގަޅު ކަމެކޭ ނޫނެވެ. ޢިލްމުވެރިން ވިދާޅުވެފައިވަނީ މިފަދަ ކަންކަމަކީ މަކްރޫހަ ކަންކަން ކަމަށެވެ. އެއީ އިންސާނުންގެ ޠަބީޢަތަކީ އަދި ފިޠުރަތަކީ، އައުރަ ނިވާ ކުރުމެވެ. މި ކަން އާދަމްގެ ފާނު ސުވަރުގެ އިން ނެރެލެއްވުނީމާ ޢައުރަ ނިވާ ކުރެއްވުމާއި އަދި ޔޫނުސްގެފާނުގެ ވާހަކައިންވެސް އެނގެއެވެ.

އިންސާނާގެ ފިޠުރަތަކީ އެކަނި ހުންނަ އިރުވެސް ބޭނުމަކާ ނުލާ އަމިއްލަ އައުރަވެސް ނުބެލުމެވެ. އަދި އަނބިމީހާ އާ އެކުވެސް ބައެއް މީހުން ޚިޔާލަށް ގެންނަ ފަދައިން އެކަނި ގެއެއްގައި ދެމަފިރިން އޮރިޔާމުން އުޅުމަކީ ފިޠުރަތާއި ޚިލާފު ކަމެކެވެ. ހަމަ އެހެންމެ އަންހެނުންގެ ޠަބީޢަތުގައި އަބަދު ފިރި މީހާ މިފަދަ ޙާލަތެއްގައި ހުންނަތަން ދެކެން ނަފުރަތު ކުރެއެވެ. އަދި ފިރި މީހާވެސް އަނބިމީހާ މިފަދައިން އަބަދާ އަބަދު ހުންނަން، ފިޠުރީ ގޮތުން ނަފްރަތު ކުރާނެއެވެ.

އޮރިޔާމުން ހުރެ ފެންވެރުން ހުއްދަ ކަމުގެ ދަލީލުތައް ވަރަށް ގިނައެވެ. ފުރަތަމަ ދަލީލަކީ ޞަޙީޙް މުސްލިމްގެ ބާބުލް ޙައިޟުގެ ފަޞްލެއްގެ ނަމަކަށް ދެއްވާފައި ވަނީ "އެކަނި އޮރިޔާމުން ހުރެ ފެންވެރުން ހުއްދަވުން" މިފަދައިންނެވެ.

މިއަށް ފަހު ގެންނަވާފައިވާ ޙަދީޘުގައި ވަނީ :وَقَالَ رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏كَانَتْ ‏ ‏بَنُو إِسْرَائِيلَ ‏ ‏يَغْتَسِلُونَ عُرَاةً يَنْظُرُ بَعْضُهُمْ إِلَى سَوْأَةِ بَعْضٍ وَكَانَ ‏ ‏مُوسَى ‏ ‏عَلَيْهِ السَّلَام ‏ ‏يَغْتَسِلُ وَحْدَهُ فَقَالُوا وَاللَّهِ مَا يَمْنَعُ ‏ ‏مُوسَى ‏ ‏أَنْ يَغْتَسِلَ مَعَنَا إِلَّا أَنَّهُ آدَرُ قَالَ فَذَهَبَ مَرَّةً يَغْتَسِلُ فَوَضَعَ ثَوْبَهُ عَلَى حَجَرٍ فَفَرَّ الْحَجَرُ بِثَوْبِهِ قَالَ ‏ ‏فَجَمَحَ ‏ ‏مُوسَى ‏ ‏بِإِثْرِهِ يَقُولُ ثَوْبِي حَجَرُ ثَوْبِي حَجَرُ حَتَّى نَظَرَتْ ‏ ‏بَنُو إِسْرَائِيلَ ‏ ‏إِلَى سَوْأَةِ ‏ ‏مُوسَى ‏ ‏قَالُوا وَاللَّهِ مَا ‏ ‏بِمُوسَى ‏ ‏مِنْ بَأْسٍ فَقَامَ الْحَجَرُ حَتَّى نُظِرَ إِلَيْهِ قَالَ فَأَخَذَ ثَوْبَهُ فَطَفِقَ بِالْحَجَرِ ضَرْبًا

މާނައަކީ: "އަބޫ ހުރައިރާ ރިވާ ކުރެއްވިއެވެ. ރަސޫލުއްﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ." ބަނީ އިސްރާއީލު މީހުން ފެންވަރައި އުޅުނީ އޮރިޔާމުން ތިބެ އެއްބަޔަކު އަނެއް ބައެއްގެ އައުރަ ބަލާ ހާލުގައެވެ. ނަމަވެސް މޫސާ ޢަލައިހިއް ސަލާމް ނާނެއިފުޅުފިއްލަވަނީ އެކަނި ހުންނަވައިގެންނެވެ. (އެހެން މީހުންނަ ނުފެންނަ ފަދައިން). އެހިނދު ބަނީ އިސްރާއީލު މީހުން ބުނެތެވެ. ﷲ ގަންދީ ހުވާކުރަމެވެ. މޫސާގެފާނު އަހަރެމެންނާ އެކު ނާނެއިފުޅު ނުފިއްލުވަނީ އެކަލޭގެފާނުގެ އުރަވަޅީގައި ބައްޔެއް ހުރުމުން ފިޔަވައި އެހެން ސަބަބަކާ ހެދި ނޫނެވެ. އެއްފަހަރަކު މޫސާގެފާނު ނާނެއިފުޅުފިއްލަވަން ވަޑައިގަނެ، ހިލައެއްގެ މަތީގައި އެކަލޭގެފާނުގެ ހެދުންކޮޅު ބޭއްވެވިއެވެ. އެހިނދު ހިލަ ހެދުން ކޮޅާއިގެން ދުރަށް ދިޔައެވެ. އެހިނދު މޫސާގެފާނު ހިލަ ފަހަތުން ދުވެވަޑައިގަތެވެ. އަދި ވިދާޅުވިއެވެ. "އޭ ހިލަ . އަހަރެންގެ ހެދުން" "އޭ ހިލަ. އަހަރެންގެ ހެދުން" އެވަގުތު ބަނީ އިސްރާއީލުންނަށް އެކަލޭގެފާނުގެ އައުރަ ފެނުނެވެ. އަދި އެބައި މީހުން ބުންޏެވެ." ﷲ ގަންދީ ބުނަމެވެ. މޫސާގެފާނުގެ ގައިކޮޅުގައި އެއްވެސް ބައްެޔެއް ނެތެވެ. އެވަގުތު އެ ހިލަ ހުއްޓުނެވެ. އެވަގުތު އެންމެންނަށް އެކަލޭގެފާނު ފެނުނެވެ. ދެން މޫސާގެފާނު އެކަލޭގެފާނުގެ ހެދުންކޮޅު ހިލަ މަތިން ނެންގެވުމަށްފަހު، ހިލައިގައި އެތިފަހަރެއް ޖެއްސެވިއެވެ."

ބަޔަކަށް ފެންނަ ފަދައިން ތިބެ ފެންވެރުން އިސްލާމީ ޝަރީޢަތުގައި ހުއްދަ ނުވާނެކަން، އެއީ ވަންހަނާ ކަމެއް ނޫނެވެ. ނަމަވެސް ޢިލްމުވެރިން ވިދާޅުވެފައި ވަނީ ބަނީ އިސްރާއީލު މީހުންނަށް އެ މީހުންގެ ޝަރީޢަތުގައި މި ގޮތަށް އެއްތަނެއްގައި ތިބެ ފެންވެރުން ހުއްދަ ކަމަކަށް ވުން އެކަށީގެންވާ ކަމަށެވެ. އެހެން ނޫންނަމަ މޫސާގެފާނު އެކަން އެބައި މީހުންނަށް މަނާ ކުރެއްވީސް ކަމަށެވެ. އަނެއް ބައި ޢިލްމުވެރިން ވިދާޅުވަނީ އެއީ އެ މީހުންނަށް ހުއްދަ ނޫން ކަމަކަށް ވިއަސް، މުސްލިމުންގެ ތެރެއިން ބައެއް މީހުން ދީނާއި ޚިލާފު ކަންތައް ކުރާ ފަދައިން، އެ މީހުންވެސް ޔަހޫދީ ޝަރީޢަތާއި ޚިލާފަށް ކުރާ ކަމެއް ކަމަށެވެ.

މޫސާގެފާނު ވަކިން ހުންނަވައިގެން ނާނެއިފުޅު ފިއްލަވަނީ އެކަލޭގެފާނުގެ ލަދުފުޅުގެ ބޮޑު ކަމުންނެވެ. މި ކަން އެނގޭ ކަމަކީ، ބުޚާރީގައި ހަމަ މި ޙާދިޘާ އާއި ބެހޭގޮތުން ރިވާ ކުރެވިފައިވާ ޙަދީޘްގައި، މޫސާގެފާނު އެކަނި ހުންނަވައިގެން ނާނެއިފުޅު ފިއްލަވަނީ އެކަލޭގަފާނަކީ ވަރަށް ލަދުވެތި ބޭފުޅެއް ކަމަށް ބުނެވިފައިވާތީއެވެ.

ކޮންމެއަކަސް މޫސާގެފާނުގެ ޢަމަލުފުޅުން އެނގެނީ، ހެދުން ނުލައިވެސް ފެންވެރުން ހުއްދަ ކަމެވެ.

އަނެއް ޙަދީޘަކީ ޞަޙީޙް ބުޚާރީގެ ބާބުލް ޣުސްލު (ފެންވެރުން) މި ބާބުގެ "އެކަނި އޮރިޔާމުން ހުރެ ފެންވެރުން އަދި ފަރުދާ ވާ މީހަކު ފަރުދާ ވުން" މި ފަޞްލުގައި ވާ ޙަދީޘެވެ: عَنْ ‏ ‏أَبِي هُرَيْرَةَ ‏ عَنْ النَّبِيِّ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏قَالَ بَيْنَا ‏ ‏أَيُّوبُ ‏ ‏يَغْتَسِلُ عُرْيَانًا فَخَرَّ عَلَيْهِ جَرَادٌ مِنْ ذَهَبٍ فَجَعَلَ ‏ ‏أَيُّوبُ ‏ ‏يَحْتَثِي ‏ ‏فِي ثَوْبِهِ فَنَادَاهُ رَبُّهُ يَا ‏ ‏أَيُّوبُ ‏ ‏أَلَمْ أَكُنْ أَغْنَيْتُكَ عَمَّا تَرَى قَالَ بَلَى وَعِزَّتِكَ وَلَكِنْ لَا غِنَى بِي عَنْ بَرَكَتِكَ

މާނައަކީ: "އަބޫ ހުރައިރާ ރިވާ ކުރެއްވިއެވެ. ރަސޫލުއްﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ''އައްޔޫބުގެފާނު އޮރިޔާމުން ހުންނަވައިގެން ނާނެއިފުޅުފިއްލަވަނިކޮށް، ރަން ގޮއްފުޅަނގިތަކެއް އެކަލޭގެފާނު ގައި ކޮޅަށް އޮހެން ފެށިއެވެ. އެވަގުތު އައްޔޫބުގެފާނު އެ ރަން ގޮއްފުޅަނގި އެކަލޭގެފާނުގެ ހެދުން ކޮޅުން ހިފަން އުޅުއްވިއެވެ. އެވަގުތު އެކަލޭގެފާނު ހައްދަވައި ބޮޑު ކުރެއްވި ރަސްކަލާނގެ ވަޙީ ކުރެއްވިއެވެ. "އޭ އައްޔޫބު އެވެ. ތި އެއްޗެއްސަށް ބޭނުން ނުވާނެ މިންވަރަށް، ތިމަން ރަސްކަލާނގެ ކަލޭގެފާނަށް މުއްސަނިކަން ނުދެއްވަމުހެއްޔެވެ؟" އައްޔޫބު ދެންނެވިއެވެ. "ނޫނެކެވެ. އިބަރަސްކަލާނގެ ޢިއްޒަތް ގަންދީ ބުނަމެވެ. އެކަމަކު އިބަރަސްކަލާނގެ ބަރަކާތާ ނުލާ މި އަޅާއަކަށް ނުފުދޭނެއެވެ."

ފަތްޙުލް ބާރީގައި މި ޙަދީޘްގެ ޝަރަޙައިގައި، އިބްނު ބައްޠާލް ވިދާޅުވިކަމަށް، ބުނެފައިވަނީ، މި ޙަދީޘުން ދޭހަވަނީ، އޮރިޔާމުން ހުރެ ފެންވެރުން ހުއްދަ ކަމެވެ. އެހެނީ މާތް ﷲ އައްޔޫބަށް ޢިތާބު ކުރެއްވީ ރަން ގޮއްފުޅަނގިތައް ނަންގަވަން އުޅުމުންނެވެ. އެ ޙާލަތުގައި ހުންނަވައިގެން ނާނެއިފުޅު ފިއްލެވުމަކަށް ނޫނެވެ.

އޮރިޔާމުން ހުރެ ފެންވެރުން ހުއްދައީ އޭނާގެ އައުރަ އެހެން މީހަކަށް ނުފެންނާނެކަން އެނގޭނަމައެވެ.

 


 

ގުޅުންހުރި:

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.