އަންގާރަ20201013

އާކުރެވުނީ: 08:43:52

ބުރުގާ ނޭޅުމުން ޢަޛާބު ލިބޭނެތަ؟

burugaa-neylhumun-faafa-libeythaއަމުރެއް ކުރައްވައިފިޔާ އޮތީ ބޯލެނބުމެވެ. ކޮންމެ މުސްލިމް އަންހެނަކާއި ފިރިހެނަކުވެސް، ﷲ އާއި ރަސޫލު- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ އަމުރުފުޅުތަކަށް ބޯލަނބައި ކިޔަމަން ގަތުމަކީ ވާޖިބު ކަމެކެވެ. އެ ކަމަކީ ބަލާބެލުމަށް ކިތަންމެ ދަތި އުނދަގޫ ކަމަކަށް ވިޔަސް ވެހެވެ. ދީނުގެ އަމުރުތަކަށް ތަބާވެ، ނަހީތަކުން އެއްކިބާ ވުމުގައި އެއްވެސް މީހެއް ދެކެ ބިރުގަނެ،

ލަދު ގަތުން އެއީ އޮންނަން ވާނެ ކަމެއް ނޫނެވެ. އިސްލާމްކަމުގެ މާނައަކީ ބޯލަނބައި ކިޔަމަން ގަތުމެވެ. ވީމާ އަހަރެމެން ޖެހޭނީ ހަވާނަފްސަށް ތަބާ ނުވެ، އަމުރު ކުރެވިފައި ހުރިހާ ކަމެއް ކޮށް، ޙަރާމް ހުރިހާ ކަމަކުން ދުރުވާށެވެ.

ވީމާ ދީން ބައިބައި ކޮށްގެން ތަންތަންކޮޅުގައި ހިފާފައި އަނެއް ތަންކޮޅެއް ދޫކޮށްލުން، އެއީ ފުރިހަމަ މުސްލިމުންގެ ގޮތެއް ނޫނެވެ.

ފުރިހަމަ މުއުމިނަކީ، އޭނާ ހައްދަވައި ބޮޑު ކުރެއްވި ރަސްކަލާނގެ އަމުރުފުޅުތައް އުފަލާ އެކީ ގެންނަ މީހާއެވެ. ތެދުވެރިކަމާ އެކީ ނަހީތަކާ ދުރުވެގަންނަ މީހާއެވެ. މާތް ﷲ ވަޙީ ކުރައްވަނީ : وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى اللَّهُ وَرَسُولُهُ أَمْراً أَن يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ وَمَن يَعْصِ اللَّهَ وَرَسُولَهُ فَقَدْ ضَلَّ ضَلَالاً مُّبِيناً

މާނައަކީ: ''މާތް ﷲ އާއި އެކަލާނގެ ރަސޫލާ ކަމަކާއިމެދު ނިޔާ ކުރައްވައިފި ހިނދު، އެކަންތަކުގައި އެބައި މީހުންނަށް އިޚްތިޔާރެއް އޮތުމަކީ، މުއުމިން ފިރިހެނަކަށްވެސް އަދި މުއުމިން އަންހެނަކަށްވެސް އޮތް ކަމެއް ނޫނެވެ. މާތް ﷲ އަށާއި އެކަލާނގެ ރަސޫލާއަށް އުރެދިއްޖެ މީހާ ހަމަކަށަވަރުން ބަޔާންވެ ފާޅުވެގެންވާ މަގުފުރެދުމަކުން، އެ މީހަކު މަގުފުރެދިއްޖެއެވެ.'' (އަލްއަޙްޒާބް 36)

ކީރިތި ޤުރުއާނުގައި މާތް ﷲ އެބަޔަކަށް މަދަޙަ ކިއުއްވާފައިވާ މުއުމިނުންނަކީ މި ބުނެވުނު ފަދައިން ޢަމަލު ކުރާ މީހުންނެވެ. އެގެޮތުން މާތް ﷲ ވަޙީކުރައްވަނީ: إِنَّمَا كَانَ قَوْلَ الْمُؤْمِنِينَ إِذَا دُعُوا إِلَى اللَّهِ وَرَسُولِهِ لِيَحْكُمَ بَيْنَهُمْ أَن يَقُولُوا سَمِعْنَا وَأَطَعْنَا وَأُوْلَئِكَ هُمُ الْمُفْلِحُونَ * وَمَن يُطِعِ اللَّهَ وَرَسُولَهُ وَيَخْشَ اللَّهَ وَيَتَّقْهِ فَأُوْلَئِكَ هُمُ الْفَائِزُونَ

މާނައަކީ: "އެބައި މީހުންގެ މެދުގައި ޙުކުމެއް ކުރައްވާ އިންޞާފެއް ކުރެއްވުމަށްޓަކައި، މާތް ﷲ އާއި ރަސޫލާގެ އަރިއަހަށް އެބައިމީހުންނަށް ގޮވައިލެވިއްޖެ ހިނދަކު، މުއުމިނުންގެ ބަހެއްކަން ވާކަން ކަށަވަރީ ތިމަންނަމެން އަހައިފީމުއޭ އަދި ތިމަންނަމެން ކިޔަމަންވެއްޖައީމޭ ބުނުމެވެ. ދިންނަވާ ނަސީބުލިބޭ މީހުންނަކީ އެބައި މީހުންނެވެ. * މާތް ﷲ އާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންތެރިވެ، މާތް ﷲ އަށް ބިރުވެތިވެ އެކަލާނގެއަށް ތަޤުވާވެރިވާ މީހުން، ފަހެ އެބައި މީހުންނީ ނަސީބުލިގެންވާ މީހުންނެވެ.'' (އައްނޫރް 50، 51)

ބަލަންވީ ފާފައިގެ ކުޑަކަމަކަށް ނޫން:

މުސްލިމުން ބަލަން ވާނީ، ފަހަރެއްގައިވެސް އޭނާ ކުރާ ފާފައިގެ ކުޑަ މިނަކަށް ނޫނެވެ. ކިއެއްތަ ބަލަންވާނީ، އޭނާ އެ ފާފަ ކުރުމުން، ނުކިޔަމަންތެރި ވެވޭ މާތް ރަސްކަލާނގެ މަތިވެރިވަންތަ ކަމަށެވެ. ﷲ ގެ ކުޅަދުންވަންތަ ކަމާއި މާތްކަން އެހެން ހުރިހާ އެއްޗަކާއި ކަމަކަށް ވުރެ ބޮޑެވެ. އެކަލާނގެ ޢަޛާބު ދެއްވައިފިނަމަ އެ ޢަޛާބަކީ ގަދަފަދަވެގެންވާ ޢަޛާބެކެވެ. އަދި އެކަލާނގެއަކީ ހުރިހާ ކަމެއް ބައްލަވައިވޮޑިގަންނަވާ، ޒައްރެއްގެ މިންވަރުވެސް ޙިސާބު ކުރައްވާ ރަސްކަލާނގެއެވެ. އެ ކަލާނގެ ކޯފާ ލައްވައިފި މީހަކީ ދުނިޔެއާއި އާޚިރަތުގެ އަބާއްޖެވެރިއެކެވެ.

އިންސާނަކު އެއީ ވަރަށް ކުޑަ ފާފައެއް ކަމަށް ހީކުރާ ކަމަކީ، ފަހަރެއްގާ މާތް ﷲގެ ޙަޟުރަތުގައި ވަރަށް ބޮޑު ފާފައަކަށް ވެދާނެއެވެ. އެގޮތުން މާތް ﷲ ވަޙީ ކުރައްވަނީ: وَتَحْسَبُونَهُ هَيِّناً وَهُوَ عِندَ اللَّهِ عَظِيمٌ

މާނައަކީ: ''އަދި އެއީ ކުޑަކުޑަ ކަމެއް ކަމުގައި، ތިޔަބައި މީހުން ހީކުރަމުއެވެ. އެކަންތައް މާތް ﷲގެ ޙަޟްރަތުގައި ވަނީ ވަރަށް ބޮޑު ކަމެއް ކަމުގައެވެ.'' (އައްނޫރް 15)

ނޯޓް : މި އާޔަތަކީ އިފްކުގެ ޙާދިސާއާއި ގުޅިގެން ބާވައިލެއްވު އާޔަތެއް.

ޢިލްމުވެރިން ވިދާޅުވެފައިވާ ބަހެއްގައި އޮންނަނީ ''ފާފައިގެ ކުޑަ މިނަށް ކަލޭ ނުބަލާށެވެ. އެކަމަކު ކަލޭ ނުކިޔަމަންތެރި ވާ ފަރާތުގެ މަތިވެރި ކަމަށް ބަލާށެވެ.''

ވީމާ އަހަރެމެންގެ މައްޗަށް ވާޖިބުވެގެން ވަނީ، ސިއްރުގަޔާއި ފާޅުގައި ﷲ އަށް ކިޔަމަންތެރިވުމެވެ. އަދި އެކަލާނގެ އެންގެވިކަންތައް ބަރާބަރަށް ކުރުމެވެ. މަނާކުރެއްވި ކަންތައް އެއްގޮތަކަށްވެސް ނުކުރުމެވެ.

ފާފައަށް ތައުބާވުން:

ނަމަވެސް، ނަމާދު ކުރާ މުސްލިމަކަށް ބައެއް ފާފަތައް ކުރެވުނަސް އެ މީހާ އިސްލާމް ދީނުން ބޭރެއް ނުވާނެއެވެ. މިއްލަތުން ބޭރުވާ ކަހަލަ ޢަމަލެއް ގަސްތުގައި ނުކުރާހާ ހިނދަކު އަދި އަދި ކުފުރުވާ ކަހަލަ ބަހެއް ގަސްތުގައި ނުބުނާހާ ހިނދަކު، އޭނާ ހުންނާނީ ހަމަ މުސްލިމެއްގެ ގޮތުގައެވެ.

މި ގޮތަށް ކުދިފާފަ ކޮށްފައިވާ މުސްލިމެއްގެ ނިމުން އާޚިރަތް ދުވަހު އޮތީ، ﷲ މިންވަރުފުޅު ކުރެއްވި ގޮތަކަށެވެ. ﷲ މިންވަރުފުޅު ކުރައްވައިފިނަމަ އެމީހަކަށް ޢަޛާބު ދެއްވާނެއެވެ. މިންވަރުފުޅު ކުރައްވައިފިނަމަ ޢަފޫކުރައްވާނެއެވެ. އަދި ނަރަކައަށް ވަނަސް، ނަރަކައިގައި ދެމިއެއް ނޯންނާނެއެވެ. މިފަދަ މީހެއްގެ ނިމުން އޮތް ގޮތެއް ކަނޑައެޅިގެން ބުނާކަށް، އެއްވެސް އިންސާނަކަށް ނޭނގޭނެއެވެ. ނޭނގޭނީ އެފަދަ މީހަކަށް އާޚިރަތް ދުވަހު ކަނޑައެޅިގެން ޢަޛާބު ލިބޭނެއޭ ނުވަތަ ނުލިބޭނެއޭ ބުނާށެވެ. ސަބަބަކީ ޢަޛާބު ދެއްވުމާއި ނުދެއްވުން އެއީ މާތް ﷲ އިރާދަ ކުރައްވާ ކަންކަމެވެ. ނަމަވެސް އެ މީހަކީ ފާފަ ލިބޭ ކަހަލަ ކަމެއް ކުރާ މީހެކޭ ދުނިޔޭގައި، ބުނެވިދާނެއެވެ.

ފާފަތައް ބެހިގެން ވަނީ ދެ ބަޔަކަށް:

ފާފަތައް ބެހިގެން ވަނީ ދެ ބަޔަކަށެވެ. އެއީ ބޮޑެތި ފާފާއާއި ކުދި ފާފައެވެ. ކުދި ފާފަތަކަކީ، ނަމާދާއި ރޯދައާއި ތަފާތު ހެޔޮ ކަންތަކާއި، ދިމާވާ އެކި މުޞީބާތަށް ކެތް ކުރުމުންވެސް، ފޮހެވިގެންދާ އެއްޗެކެވެ. ނަމަވެސް ބޮޑެތި ފާފަތަކަކީ (ޙައްދެއް ކަނޑައެޅިފައި ނުވަތަ ދުނިޔޭގައި އަދި އާޚިރަތުގައ ލިބޭނެ ގަދަފަދަ ޢަޛާބެއްގެ އިންޒާރު ދެވިފައިވާ ފާފަތައް) ހަމަ އެކަނި ހެޔޮކަންތައް ކުރުމަކުން ފޮހެވިގެންދާނެ ފާފަތަކެއް ނޫނެވެ. ކިއެއްތަ މި ބާވަތުގެ ފާފައަކީ، މިފަދަ ފާފައެއް ކުރެވުނު މީހާ ތެދުވެރި ތައުބާއަކުން ތައުބާވާންޖެހޭ ފާފަތަކެވެ. ފަހެ ﷲ އަށް ތައުބާވެއްޖެ މީހެއްގެ ތައުބާ އެކަލާނގެ ޤަބޫލު ކުރައްވައެވެ. ދޮގުހެދުން، ޒިނޭކުރުން، ރިބާކެއުން، ވައްކަން ކުރުން، މައިންބަފައިންނަށް ނުކިޔަމަންތެރިވުން، ޔަތީމުންގެ މުދާކެއުން، ސިހުރުހެދުން، ހަނގުރާމައިގެ ސަފުން ފިލުން، ޤަޛްފުކުރުން، ޝިރުކު ކުރުން، ނަމާދު ނުކުރުން، ބުރުގާގެ ޙުކުމް އެނގުމާއެކުވެސް ނޭޅުންފަދަ ކަންތައް މީގެ ތެރޭގައި ހިމެނެއެވެ.

ބައެއް މީހުންނަށް ހީވެފައި އޮންނަނީ، ބޮޑެތި ފާފައަކީ ޙައްދުތައް ކަނޑައެޅިފައިވާ ފާފަތައް އެކަންޏެވެ. ނަމަވެސް މިއީ މުޅިއަކުން ރަނގަޅު ހީއެއް ނޫނެވެ. ރިބާކެއުން، ސިހުރުހެދުން، މައިންބަފައިންނަށް ނުކިޔަމަންތެރިވުން ފަދަ ކަންތަކަކީ ވަކި ޙައްދެއް ކަނޑައެޅިފައިވާ ކަންކަމެއް ނޫނެވެ. އެކަމަކު މިއީ އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ފާފަތަކެކެވެ.

ޢައުރަ ނިވާ ނުކުރުމަކީ ކުޑަ ކަމެއް ނޫން:

ޢައުރަ ނިވާނުކުރުމަކީ ވަރަށް އާދައިގެ ކަމެކޭ މީހަކަށް ހީވިއަސް އެއީ ވަރަށް ބޮޑު ކަމެކެވެ. އެކަމެއް ކުރަން އަންގަވައި، ހަތް އުޑު މަތިން ޤުރުއާނުގައި އާޔަތްތަކެއް ބާވައިލެއްވުން އެއީ، ކަމުގެ މުހިއްމުކަން ދޭހަކޮށް ދޭ ހެއްކެކެވެ.

އާދަމުގެ ދަރިންގެ ޢައުރައިގެ މައްސަލައަކީ، މާތް ﷲ އާދަމުގެ ދަރިއާ އުފެއްދެވީއްސުރެވެސް ނުރައްކާތެރި މައްސަލައެކެވެ. މިކަންތައް ވެ ދިޔަ ގޮތް ބަލާލުމަށްޓަކައި ކުޑަކޮށް ބަލާލަމާ ހިނގާށެވެ. މާތް ﷲ ވަޙީ ކުރައްވަނީ: إِنَّ لَكَ أَلاَّ تَجُوعَ فِيهَا وَلاَ تَعْرَى

މާނައަކީ: ''ހަމަކަށަވަރުން އެތާނގައި (ސުވަރުގޭގައި) ކަލޭގެފާނަށް (އާދަމްގެފާނު) ބަނޑުހައިހޫނުކަމެއް ނުވަތަ ޢައުރަ ހާމަވުމެއް ނުވެއެވެ. '' (ސޫރަތު ޠާހާ 118)

މިހެން މިކަންތައް އޮތްވާ ޝައިޠާނާ ކަންތައް ކުރީ ކިހިނެއްކަން، މި އަންނަނިވި އާޔަތުން އެނގޭނެއެވެ.

فَوَسْوَسَ لَهُمَا الشَّيْطَانُ لِيُبْدِيَ لَهُمَا مَا وُورِيَ عَنْهُمَا مِن سَوْءَاتِهِمَا وَقَالَ مَا نَهَاكُمَا رَبُّكُمَا عَنْ هَـذِهِ الشَّجَرَةِ إِلاَّ أَن تَكُونَا مَلَكَيْنِ أَوْ تَكُونَا مِنَ الْخَالِدِينَ

މާނައަކީ: ''ދެން ފަހެ އެ ދެކަނބަލުންގެ ޢައުރައިން، އެ ދެކަނބަލުނަށް ފޮރުވިގެންވާ އެއްޗެއް ދެއްކުމަށްޓަކައި، އެ ދެކަނބަލުންނަށް ޝައިޠާނާ ވަސްވާސް ދިނެވެ. އަދި އެ ދެކަނބަލުންނަށް އޭނާ ދެންނެވިއެވެ. މަލާއިކަތުންގެ ބަޔަކަށް ނުވަތަ ދެމިތިބޭނެ ބަޔަކަށް، ތި ދެ ކަނބަލުން ވެދާނެކަން ފިޔަވާ، ތި ދެ ކަނބަލުން ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނގެ، ތި ދެ ކަނބަލުން މި ގަހާއި ގާތްވުން މަނާ ކުރެއްވީ ކޮން ސަބަބަކާހެއްޔެވެ؟ '' (ސޫރަތުލް އަޢްރާފް-20)

ދެން ޝައިޠާނާގެ ވަސްވާހުގެ ނަތީޖާއަކަށްވީ ކިހިނެއްހެއްޔެވެ؟

فَدَلاَّهُمَا بِغُرُورٍ فَلَمَّا ذَاقَا الشَّجَرَةَ بَدَتْ لَهُمَا سَوْءَاتُهُمَا وَطَفِقَا يَخْصِفَانِ عَلَيْهِمَا مِن وَرَقِ الْجَنَّةِ

މާނައަކީ: ''ފަހެ ކިބުރުވެރިކަމާއެކު މަކަރުން، އެ ކަނބަލުން ދަށްކޮށްފިއެވެ. ދެން ފަހެ އެ ދެކަނބަލުން އެ ގަހުން ރަހަ ބެއްލެވި ހިނދު، އެ ދެ ކަނބަލުންގެ ފޮރުވެފައިވާ ޢައުރަ، އެ ދެ ކަނބަލުންނަށް ފާޅުވެއްޖެއެވެ. އަދި އެ ދެ ކަނބަލުން ސުވަރުގޭގެ ފަތްތަކުން އެ ދެކަނބަލުންގެ ޢައުރަ ނިވާކުރެއްވުމަށް އަވަސްވެވަޑައިގަތެވެ. '' (ސޫރަތުލް އަޢްރާފް-22)

ދެން މި ހާދިސާއާއި ގުޅިގެން މާތް ﷲ އާދަމުގެފާނަށް ނިދާ އިއްވަވާ ވަޙީކުރެއްވިއެވެ.

وَنَادَاهُمَا رَبُّهُمَا أَلَمْ أَنْهَكُمَا عَن تِلْكُمَا الشَّجَرَةِ وَأَقُل لَّكُمَا إِنَّ الشَّيْطَآنَ لَكُمَا عَدُوٌّ مُّبِينٌ

މާނައަކީ: ''އަދި އެ ދެކަނބަލުން ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާނގެ، ނިދާ އިއްވަވާ ވަޙީ ކުރެއްވިއެވެ. އެގަހާއި ގާތްވެވަޑައިގަތުން، ތިމަން ރަސްކަލާނގެ ތި ދެކަނބަލުންނަށް މަނާ ނުކުރައްވަމުހޭ؟ އަދި ހަމަ ކަށަވަރުން ޝައިޠާނާ އަކީ ތި ދެކަނބަލުންނަށް ފާޅުވެހުރި ދުޝްމަނެއްކަން އަންގަވާ ވަޙީ ނުކުރައްވަމުހޭ '' (ސޫރަތުލް އަޢްރާފް-22)

މަތީގައި ދިޔަ ވާހަކައިން އެނގެނީ އާދަމްގެ ދަރިންގެ ޢައުރަ ކަޝްފު ކުރުމަކީ، ޝައިޠާނާ ފަތުރަން ބޭންވާ އެހެނިހަން ނުބައިކަންތައް މީހުންގެ ތެރޭގައި ފަތުރަން ބޭނުން ކުރާ ހަތިޔާރެއް ކަމެވެ. އަދި ހެދުން އެޅުމުގައި ނިވާކަމާއި އަޚްލާޤީ މިންގަނޑުތަކުން މުޖްތަމަޢް ބޭރުކޮށްލުމަކީ ޝައިޠާނާގެ ލަނޑުދަނޑިއެއްކަމެވެ.

އަދި ޢައުރަ ނިވާ ނުކޮށް އުޅޭ މީހުންނަށް ސުވަރުގޭގެ ވަސްވެސް ނު ދުވާނެކަމަށް ރަސޫލާ އަންގަވާފައިވާ އެންގެވުމުން ދޭހަވަނީ އެއީ ކުޑަ ކަމެއް ނޫނެވެ. ރަސޫލާ ޙަދީޘް ކުރައްވަނީ: عَنْ ‏ ‏أَبِي هُرَيْرَةَ ‏ ‏قَالَ ‏: قَالَ رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏صِنْفَانِ مِنْ أَهْلِ النَّارِ لَمْ أَرَهُمَا قَوْمٌ مَعَهُمْ سِيَاطٌ كَأَذْنَابِ الْبَقَرِ يَضْرِبُونَ بِهَا النَّاسَ وَنِسَاءٌ ‏ ‏كَاسِيَاتٌ عَارِيَاتٌ ‏ ‏مُمِيلَاتٌ ‏ ‏مَائِلَاتٌ ‏ ‏رُءُوسُهُنَّ كَأَسْنِمَةِ ‏ ‏الْبُخْتِ ‏ ‏الْمَائِلَةِ لَا يَدْخُلْنَ الْجَنَّةَ وَلَا يَجِدْنَ رِيحَهَا وَإِنَّ رِيحَهَا لَيُوجَدُ مِنْ مَسِيرَةِ كَذَا وَكَذَا

މާނައަކީ: އަބޫހުރައިރާގެ ކިބައިން ރިވާވެގެންވެއެވެ. ﷲ ގެ ރަސޫލާ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘްކުރެއްވިއެވެ: "ނަރަކައިގެ އަހުލުވެރިންގެ ތެރެއިން ދެ ބާވަތެއްގެ ބައެއް ތިމަންކަލޭގެފާނަށް އަދި ފެނިވަޑައިނުގަނެއެވެ. އެއީ ގެރީގެ ނިގޫފަދަ ޗާބޫކަކުން މީހުންގެ ގައިގައި ތަޅާ ބަޔަކާއި (ރައްޔިތުން ތަޅާ އަނިޔާކުރާ ވެރިން)، ހެދުން ލައިގެން އެކަމަކުވެސް އޮރިއާމުން ތިބޭ (ޢައުރަ ނިވާނުވާ ހެދުންލާ) އަންހެނުންތަކެކެވެ. އެއަންހެނުންނަކީ ތެދުމަގާއި ޢިއްފަތްތެރި ކަމުގެ ސީދާމަގުން ލެނބިފައި ތިބޭ، އަދި އެހެންމީހުން ކަތިމަގަށް ލަންބުވާ ބައެކެވެ. އެމީހުންގެ ބޯ ހީވާނީ ބުޚްތުއޭ ކިޔޭ (ދެގޮންގަނޑުލީ ޖަމަލެއް) ޖަމަލުގެ އުސްވެ ލެނބިފައިވާ ގޮންގަނޑުހެނެވެ. އަދި އެމީހުންނަށް ސުވަރުގެއަކަށް ނުވަދެވޭނެއެވެ. އަދި ސުވަރުގޭގެ ވަސް ވެސް ނުދުވާނެއެވެ. އެތާނގެ ވަހަކީ މިވެނި އެވެނި ރާސްތާއަކަށް ފޯރާ އެއްޗެކެވެ." (ޙަދީޘް ރިވާ ކުރެވިފައި ވަނީ ޞަޙީޙް މުސްލިމްގެ އައްލިބާސް ވައް ޒީނާ، ބާބުގައި)

ބުރުގާ ނޭޅުމުން ލިބޭނެ ޢަޛާބެއް މީހަކަށް ނޭނގޭނެ:

ބުރުގާ ނާޅާ މީހަކު ނަރަކައަށް ވަންނާނޭ، އެއްވެސް އިންސާނަކަށް ކަނޑައެޅިގެން ބުނާކަށް ނޭގޭނެއެވެ. ނަމަވެސް ޤުރުއާނާއި ސުންނަތުގެ އަލީގައި އެނގޭ ކަމަކީ، ބުރުގާ ނޭޅުމަކީ ﷲގެ އަމުރުފުޅާއި ވެވޭ ޚިލާފެކެވެ. ﷲގެ އަމުރުފުޅުތަކަށް ނުކިޔަމަންތެރި ވާ މީހުންނަށް ދެއްވާނެ ކަމަށް މާތް ﷲ އަންގަވާފައި ވަނީ ޢަޛާބެވެ.

ބުރުގާ ނާޅާ ހުރި މީހެއް ފެންނަ ހިނދު، އެ މީހާގެ އިސްތަށިގަނޑުގައި އަލިފާން ރޯވެފައި ހުނަންތަން ފެނިއްޖެއޭ ހީވާފަދަ ގޮތަކަށް ބައެއް މީހުން ޢަމަލުތައް ބަހައްޓައެވެ. އެ އަންހެނާއަކީ ނުބައި ނުލަފާ މީހެއް ކަމަށް ދެކެއެވެ. އޭނާ ކުރާ ނަމާދެއްގެ ބޭނުމެއްވެސް ނެތެވެ. ކުރާ ރަނގަޅު ކަމެއްގެ ފައިދާއެއްވެސް ނެތް ކަމަށް ދެކެއެވެ. ނަމަވެސް މިއީ ރަނގަޅު ޚިޔާލެއް ނޫނެވެ.

ބުރުގާ ނޭޅުން އެއީ، މީހާގެ ކިބައިގައި ހުންނަ ރަނގަޅު އެހެން ސިފަތައް، ނެތް އެއްޗަކަށް ހެދޭނެ ކަމެއް ނޫނެވެ. އަދި ކުރާ ހެޔޮ ޢަމަލުތައް އަވާމެންދުރަކަށް ވެގެންދާނެ ކަމެއްވެސް ނޫނެވެ.

އެއްވެސް މީހަކަށް ޤަޛްފުކޮށް، އޭނާގެ ޝަރަފާއި އަބުރާއި ބެހި، ކަލޭ ތީ ކާފިރެކޭ، ކަލޭ ވަންނާނީ ނަރަކައަށޭ، ފަދަ ބަސްތައް ބުނެ ހެދުމަކީ މުސްލިމަކު ކޮށްގެން ވާނެ ކަމެއް ނޫނެވެ. ނަރަކައަށް ވަންނާނެ މީހުންނާއި ސުވަރުގެއަށް ވަންނާނެ މީހުން ކަނޑައެޅުން އެއީ، އިންސާނުންގެ ކަމެއް ނޫނެވެ. އަދި މީހުންނަށް ޙުކުމް ނެރެ، އެއްބަޔަކު ކާފިރުކޮށް އަނެއްބަޔަކު ފާސިޤުކޮށް އަނެއްބަޔަކު ހުރިހާ ކުށަކުން މަޢްޞޫމް ބަޔަކަށް ހެދުމަކީ އެއީ އަހަރެމެންނާ ހަވާލު ކުރެވިފައިވާ ވަޒީފާއެއް ނޫނެވެ. މީހަކު ގޯސް ކަމެއް ކުރާ ތަންފެނިއްޖެނަމަ ހަދަންވީ ކަމަކީ އެ މީހަކަށް ނަސޭހަތް ދިނުމެވެ. ހަނދާންކޮށް ދިނުމެވެ.

މާތް ﷲ ވަޙީ ކުރައްވަނީ: يَا أَيُّهَا الَّذِينَ آمَنُواْ عَلَيْكُمْ أَنفُسَكُمْ لاَ يَضُرُّكُم مَّن ضَلَّ إِذَا اهْتَدَيْتُمْ إِلَى اللّهِ مَرْجِعُكُمْ جَمِيعاً فَيُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ

މާނައަކީ: ''އޭ އީމާންވެއްޖެ މީސްތަކުންނެވެ. ތިޔަބައި މީހުންގެ އަމިއްލަ ނަފްސުތައް ތިޔަބައިމީހުންގެ މައްޗަށް ހުއްޓެވެ. ތިޔަބައި މީހުންނަށް ތެދުމަގު ލިބިއްޖެނަމަ، މަގުފުރެދުނު މީހުންގެ މަގުފުރެދުމުން ތިޔަބައި މީހުންނަށް ގެއްލުމެއް ނުވާހުއްޓެވެ. (އެބަހީ ތިޔަބައި މީހުން ތެދުމަގުގައި ތިބޭނަމަ މަގުފުރެދިގެން ދިޔަ ބައެއްގެ މަގުފުރެދުމަކުން ތިޔަބައި މީހުންނަށް ވާނެ ގެއްލުމެއް ނޯންނާނެއެވެ. އެެހެންކަމުން ތިޔަބައި މީހުންގެ މައްޗަށް އޮތް ކަމަކީ ތިޔަބައި މީހުންގެ އަމިއްލަ ނަފްސުތައް އިސްލާހުކޮށް، އަމިއްލަ ނަފްސުތަކަށް ތެދުމަގު ލިބިގަތުމެވެ.) ތިޔަބައި މީހުން އެންމެން އެކުގައި އެނބުރި ދިއުން އޮތީ، މާތް ﷲގެ ޙަޟްރަތަށެވެ. ދެން އެ ދުވަހުން ތިޔަބައި މީހުން ޢަމަލު ކުރަމުން ދިޔަ ގޮތުގެ ވާހަކަ، އެކަލާނގެ ތިޔަބައި މީހުންނަށް އަންގަވާހުއްޓެވެ. '' (އަލްމާއިދާ 105)

ކިތަންމެ ކުޑަ ފާފައަކީވެސް، އެއިން ތިމަންނަގެ މައްޗަށް ﷲގެ ޢުޤޫބާތް ޙައްޤުވާ ކަމެއްކަން އެނގުން އެއީ، ދިރޭ ހިތެއް އޮންނަ މުސްލިމަކު އެކަމަކާއި ދުރުކުރުވަން ފުދޭ ސަބަބެކެވެ. އެހެނީ މާތް ﷲގެ ޢުޤޫބާތަކީ ގަދަފަދަ ޢުޤޫބާތެކެވެ. ނަރަކައިގެ ވޭނަކީ ތަދުކުރުވަނިވި ވޭނެކެވެ. އެތާނގެ އަލިފާނަކީ ހޫނުކަންގަދަ އަލިފާނެކެވެ.

وَمَا أَدْرَاكَ مَا الْحُطَمَةُ * نَارُ اللَّهِ الْمُوقَدَةُ * الَّتِي تَطَّلِعُ عَلَى الْأَفْئِدَةِ * إِنَّهَا عَلَيْهِم مُّؤْصَدَةٌ

މާނައަކީ: ''އެ ނަރަކައަކީ ކޮން ތަނެއްކަން ކަލޭގެފާނަށް އަންގައިދެނީ ކޮން ކަމެއްތޯއެވެ؟ * އެއީ، މާތް ﷲގެ، ރޯކުރެއްވިގެންވާ ނަރަކައިގެ އަލިފާނެވެ. * ހިތްތަކުގެ ތެރެއަށް ދާންދެން އަންދާލާ އަލިފާނެވެ. * ހަމަކަށަވަރުން އެ ނަރަކަ ވަނީ، އެބައި މީހުންގެ މައްޗަށް ތަޅުލެވި ބަންދު ކުރެއްވިގެންނެވެ. '' (އަލްހުމަޒާ:8،7،6،5)

އަނެއްކޮޅުން، މާތް ﷲ އަށް ކިޔަމަންތެރި ވާ މުސްލިމް އަންހެނުންނާއި ފިރިހެނުންނަށްވެސް އޮތީ ސުވަރުގޭގެ ކޮޅެއް ނެތް ނިޢްމަތްތަކެވެ.

تِلْكَ حُدُودُ اللّهِ وَمَن يُطِعِ اللّهَ وَرَسُولَهُ يُدْخِلْهُ جَنَّاتٍ تَجْرِي مِن تَحْتِهَا الأَنْهَارُ خَالِدِينَ فِيهَا وَذَلِكَ الْفَوْزُ الْعَظِيمُ

މާނައަކީ: ''އެއީ މާތް ﷲ ކަނޑައަޅުއްވާ އަންގަވާފައިވާ ގޮތެވެ. މާތް ﷲ އަށާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންތެރިވާ މީހާ، ފެން އާރުތައް ހިނގަ ހިނގާ ހުންނަ ސުވަރުގެތަކަށް ވައްދަވައެވެ. އެތާގައި ދެމިތިބޭ ގޮތުގައެވެ. ބޮޑުވެގެންވާ ނަސީބު ލިބުމަކީ އެއީއެވެ. ''

وَالَّذِينَ آمَنُواْ وَعَمِلُواْ الصَّالِحَاتِ سَنُدْخِلُهُمْ جَنَّاتٍ تَجْرِي مِن تَحْتِهَا الأَنْهَارُ خَالِدِينَ فِيهَا أَبَداً وَعْدَ اللّهِ حَقّاً وَمَنْ أَصْدَقُ مِنَ اللّهِ قِيلاً

މާނައަކީ: ''އީމާންވެ ޞާލިޙް ޢަމަލު ކުޅަ މީހުން، އެތާގެ ދަށުން ފެން ކޯރުތައް ހިނގަހިނގާ ހުންނަނިވި ސުވަރުގެތަކަށް، ތިމަން ރަސްކަލާނގެ އެބައި މީހުން ވައްދަވާހުށީމެވެ. އެތާނގައި ދާއިމަށް ދެމިތިބެނިވި ގޮތުގައެވެ. މިއީ ޙައްޤުވެގެން ހުރި މާތް ﷲގެ ވަޢްދު ބަސްފުޅެވެ. ބަސް ބުނުމުގައި މާތް ﷲއަށް ވުރެ ތެދުވެރިކަން ބޮޑީ ކާކުހެއްޔެވެ؟ '' (އައްނިސާ 122)

ނަޞޭޙަތެއް:

މާތް ﷲ އަށް ކިޔަމަން ގަތުމުގެ ތެރޭގައި އަންހެނުންނާއި ފިރިހެނުންވެސް ޢައުރަަ ނިވާ ކުރުން ހިމެނެއެވެ.

މުސްލިމް އަންހެނުން ޢައުރަ ނިވާ ކުރަން ޖެހޭކަން ނޭނގޭ މީހަކު ބުރުގާ ނޭޅުމަކީ، އެހާ ބޮޑަށް ހައިރާންވާންޖެހޭ ކަމެއް ނޫނެވެ. އަދި ހަވާ ނަފްސަށް ގެއްލިފައިވާ މީހަކު ބުރުގާ ނޭޅުމަކީވެސް އެހާ ބޮޑަށް ހައިރާންވާންޖެހޭ ކަމެއް ނޫނެވެ. އަދި ދީނާއީ ދުރުގައި އުޅެވެމުން އަންނަ ކުއްޖަކު ބުރުގާ ނޭޅުމަކީވެސް އެހާ ބޮޑަށް ހައިރާންވާންޖެހޭ ކަމެއް ނޫނެވެ.

ނަމަވެސް ހައިރާން ވާންޖެހެނީ، އަޚްލާޤު ރަނގަޅު، ބަރާބަރަށް ނަމާދުކުރާ، ރޯދަ ހިފާ، ޣީބަ ނުބުނާ، ދެބަ ނުއޮޑުވާ، މައިންބަފައިންނަށް ކިޔަމަންތެރި، އަދި ބުރުގާ އަޅަންޖެހޭކަންވެސް އެނގޭ ކުއްޖަކު ބުރުގާ ނޭޅުމެވެ.

މިހާ ގިނަ ރަނގަޅުކަންތައް ކުރާ، މިހާ ރަނގަޅު ކުއްޖަކު ބުރުގާ ނާޅާ ހުރުމަކީ، އަދި އެއްފަހަރު ވިސްނާލަން ޖެހޭ ކަމެކެވެ. ވިސްނާފައި ރަނގަޅު ކޮށްލަން ޖެހޭ ކަމެކެވެ.

މަތީގައިވާ ކަހަލަ ރަނގަޅު ޢަމަލު ކުރާ ނުވަތަ ކުރަން ބޭނުންވާ ކުއްޖަކީ ހަމަ ގައިމުވެސް، ހެވަށް ލޯބި ކުރާ ކުއްޖެކެވެ. ވީމާ މީހުން ބުނެފާނެ އެއްޗަކަށް، ނުލިބިދާނެ ވަޒީފާއަކަށް ބިރުން، އިންނާނެ މީހަކު ނުވެދާނެ ކަމަށް، ނުވަތަ ޒަމާނަށް ނުފެތިދާނެހެން ހީވާތީ، ބުރުގާ ނާޅާ ހުރުން އެއީ ކަމުދާނެ ގޮތެއްހެއްޔެވެ؟

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.