ހޯމަ20180924

އާކުރެވުނީ: 08:43:52

ބުމަ ހެދުމަކީ ކޮންކަހަލަ ކަމެއް ؟

buma-hedhunޒީނަތްތެރިވުމަކީ އިސްލާމްދީން އެއްގޮތަކަށްވެސް މަނާ ކުރާ ކަމެއް ނޫނެވެ. ނަމަވެސް އެއީ ޒީނަތެއް ކަމަށް އަހަރެމެން ބަލާ ކޮންމެ ކަމަކީ، ދީނުގެ ނަޒަރުގައި ރީތި، ޒީނަތްތެރިކަމެއް ނޫނެވެ. ބައެއް ފިރިހެނުން ރަނުގެ ގަހަނާ އެޅުމަކީ އެއީ ޒީނަތްތެރި ކަމެއް ކަމަށް ދެކެއެވެ. އެކަމަކު އެއީ މި ދީން ޤަބޫލު ކުރާ ކަމެއް ނޫނެވެ. އަންހެނުން ފިރިހެން ހެދިގެން ނުވަތަ ފިރިހެނުން އަންހެން ހެދިގެން އުޅުމަކީ ފަހަރެއްގާ ''ވަކި ބަޔަކު'' ރީތި ކަމެއް ކަމަށް ދަޢުވާކޮށްފާނެއެވެ.

އެކަމަކު އެއީ މި ދީނުގައި ޙަރާމް ކަމެކެވެ. ކަމަކީ އެއީ ކާފިރުންނަށް ޚާއްޞަ، ހަމައެކަނި އެމީހުންގެ އާދަކާދައިގެ ތެރޭ ހިމެނޭ ކަމެއް ނަމަ ، އެކަމަކީ މުސްލިމުންނަށް ހުއްދަ ކަމެއް ނޫނެވެ.

ބުމަ ހެދުމަކީ މި ޒަމާނުގައި ބަޔަކު ކުރާ، ނުވަތަ ކުރާހިތްވާ ކަމެކެވެ. ބައެއް މީހުން ދެކެނީ އެއީ ވަރަށް ރީތި ކަމެއްގެ ގޮތުގައެވެ. އަނެއް ބަޔަކު ދެކެނީ ''އަސްލު ބުމަ'' ހުރުމުން މާ ޗާލު ކަމަށެވެ. ކޮންމެ އަކަސް ދީނުގައި މިކަމުގެ ޙުކުމް އޮތް ގޮތަކީ ކޮބައިކަން ބަލައި، އޭގެ އަލީގައި ޢަމަލު ކުރަން ބޭނުންވާ މުސްލިމް އުޚުތުން ތިބޭކަން އެއީ އުފަލާއެކު ފާހަނގަކޮށްލަން ޖެހޭ ތަންކޮޅަކެވެ.

ބަހުގެ ގޮތުން :

ބުމަ ހެދުމުގެ ޙުކުމާ ބެހޭ ގޮތުން އިސްލާމީ ފިޤުހުގެ ތެރެއަށް ވަދެ ހޯދާ ބަލަން ބޭނުން މީހަކު ބޭނުން ކުރަން އޮތް ތަޅުދަނޑި ބަހަކީ ''ނަމްޞް'' ''ނާމިޞާ'' "މުތަނައްމިޞާ'' މި ބަސްތަކެވެ. ޙަދީޘުތަކުގައި އަދި ފިޤުހުގައި ބުމަ ހެދުމާ ބެހޭ ގޮތުން ބޭނުން ކުރެވިފައިވަނީ މި ބަސްތަކެވެ.

''ނަމްޞް'' ގެ މާނައަކީ އިސްތަށި އުފުރުމެވެ. ނުވަތަ މޫނުން އިސްތަށި ދުއްވާލުމެވެ. ނަމަވެސް މި ބަސް ބުނުމުން ދޭހަކޮށްދެނީ ނުވަތަ މުރާދަކީ ބުމައިގެ އިސްތަށި އުފުރައިގެން ނުވަތަ ބާލައިގެން، އެ ހިމަ ކުރުމެވެ. އެހެން ގޮތަކަށް ބުނާނަމަ ބުމަ ހެދުމެވެ. ''ނާމިޞާ'' އަކީ މި ބުމަ ހަދައިދޭ މީހާއެވެ. ''މުތަނައްމިޞާ'' އަކީ ބުމަ ހަދުވާ މީހާއެވެ.

އޮތް އެއް ދަލީލު :

ބުމަ ހެދުމުގެ މައްސަލައިގެ ޙުކުމް ނެގެން އޮތް އެއް ޙަދީޘަކީ މުސްލިމް، އަބޫ ދާއޫދް، އައްތިރްމިޛީ ގައި ވާރިދުވެފައިވާ މި ޙަދީޘެވެ. ބުޚާރީ(''އައްލިބާސް''މި ބާބުގައި) ވެސް މި ޙަދީޘް ވެއެވެ. عَنْ ‏ ‏عَبْدِ اللَّهِ ‏ ‏قَالَ ‏ لَعَنَ اللَّهُ ‏‏ الْوَاشِمَاتِ ‏‏ وَالْمُسْتَوْشِمَاتِ ‏ ‏وَالنَّامِصَاتِ ‏ ‏وَالْمُتَنَمِّصَاتِ ‏ ‏وَالْمُتَفَلِّجَاتِ ‏ ‏لِلْحُسْنِ الْمُغَيِّرَاتِ خَلْقَ اللَّهِ قَالَ فَبَلَغَ ذَلِكَ امْرَأَةً مِنْ ‏ ‏بَنِي أَسَدٍ ‏ ‏يُقَالُ لَهَا ‏ ‏أُمُّ يَعْقُوبَ ‏ ‏وَكَانَتْ تَقْرَأُ الْقُرْآنَ فَأَتَتْهُ فَقَالَتْ مَا حَدِيثٌ بَلَغَنِي عَنْكَ أَنَّكَ لَعَنْتَ ‏‏ الْوَاشِمَاتِ ‏‏ وَالْمُسْتَوْشِمَاتِ ‏ ‏وَالْمُتَنَمِّصَاتِ ‏ ‏وَالْمُتَفَلِّجَاتِ ‏ ‏لِلْحُسْنِ الْمُغَيِّرَاتِ خَلْقَ اللَّهِ فَقَالَ ‏ ‏عَبْدُ اللَّهِ ‏ ‏وَمَا لِي لَا أَلْعَنُ مَنْ لَعَنَ رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏وَهُوَ فِي كِتَابِ اللَّهِ فَقَالَتْ الْمَرْأَةُ لَقَدْ قَرَأْتُ مَا بَيْنَ لَوْحَيْ الْمُصْحَفِ فَمَا وَجَدْتُهُ فَقَالَ لَئِنْ كُنْتِ ‏ ‏قَرَأْتِيهِ لَقَدْ ‏ ‏وَجَدْتِيهِ قَالَ اللَّهُ عَزَّ وَجَل َّوَمَا آتَاكُمْ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانْتَهُوا ‏ ‏

فَقَالَتْ الْمَرْأَةُ فَإِنِّي أَرَى شَيْئًا مِنْ هَذَا عَلَى امْرَأَتِكَ الْآنَ قَالَ اذْهَبِي فَانْظُرِي قَالَ فَدَخَلَتْ عَلَى امْرَأَةِ ‏ ‏عَبْدِ اللَّهِ ‏ ‏فَلَمْ تَرَ شَيْئًا فَجَاءَتْ إِلَيْهِ فَقَالَتْ مَا رَأَيْتُ شَيْئًا فَقَالَ أَمَا لَوْ كَانَ ذَلِكَ لَمْ نُجَامِعْهَا

މާނައަކީ: "ޢަބްދުﷲ (ޢަބްދުއްﷲ ބިން މަސްޢޫދު) ރިވާ ކުރެއްވިއެވެ. ގައިގައި ކުރަހައިދޭ (ޓެޓޫ) އަންހެނުންނާއި، ކުރައްސުވާ އަންހެނުންނާއި، މޫނުގެ އިސްތަށި އުފުރާ އަންހެނުންނާއި، އަދި މޫނުގެ އިސްތަށި އުފުރުވާ އަންހެނުންނާއި، އަދި ރީތި ވުމުގެ ގޮތުން ދެ ދަތް ދޭތެރެ ދުރުކުރުވާ ، ﷲ ހެއްދެވި ގޮތް ބަދަލު ކުރުވާ އަންހެނުންނަށް، ﷲ ލަޢުނަތް ލައްވައެވެ.''

ވިދާޅުވިއެވެ: ''ފަހެ ދެން މި ވާހަކަ އުއްމު ޔަޢްޤޫބު އޭ ކިއުނު ބަނީ އަސަދު ޤަބީލާގެ އަންހެނަކަށް އަޑު އިވިއްޖެއެވެ. އަދި އެ ކަމަނާ ވީ ޤުރުއާން ކިޔަވާ އުޅޭ މީހެއް ކަމުގައެވެ. ފަހެ އެ ކަމަނާ އައިސް (ޢަބްދުﷲ އަށް) ދެންނެވިއެވެ.''ކަލޭގެފާނު، ގައިގައި ކުރަހައިދޭ (ޓެޓޫ) އަންހެނުންނާއި، ކުރައްސުވާ އަންހެނުންނާއި، މޫނުގެ އިސްތަށި އުފުރާ އަންހެނުންނާއި، އަދި މޫނުގެ އިސްތަށި އުފުރުވާ އަންހެނުންނާއި، އަދި ރީތި ވުމުގެ ގޮތުން ދެ ދަތް ދޭތެރެ ދުރުކުރުވާ، ﷲ ހެއްދެވި ގޮތް ބަދަލު ކުރުވާ އަންހެނުންނަށް ލަޢްނަތް ދޭ ކަމުގައި އަހަރެންނަށް އަޑު އިވިގެން މި އުޅޭ ޚަބަރަކީ ކިހިނެއް ވީ ކަމެއް ހެއްޔެވެ؟

ފަހެ ޢަބްދުއްﷲ ވިދާޅުވިއެވެ: ''ރަސޫލާ ލަޢުނަތް ދެއްވި ބަޔަކަށް އަހަރެން ލަޢްނަތް ނު ދޭންވީ ކީއްވެހެއްޔެވެ؟ އަދި މި ވާހަކަ ﷲގެ ފޮތުގައި އެބަ އޮތެވެ. '' ދެން އެ އަންހެން މީހާ ދެންނެވިއެވެ. ''އަހަރެން މުޞްޙަފުގެ ބޭރުގަނޑުން ބޭރުގަނޑަށް ކިއީމެވެ. އެކަމަކު ތި ވާހަކައެއް ނުދެކެމެވެ.'' ޢަބްދުﷲ ވިދާޅުވިއެވެ: ''ކަމަނާ އެއް ފުށުން އަނެއް ފުށަށް އެ ކިޔެވި ނަމަ ފެނުނީހެވެ. މާތް ﷲ ވަޙީ ކުރައްވާފައިވަނީ: وَمَا آتَاكُمْ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانْتَهُوا ‏

މާނައަކީ: ''ރަސޫލާ ކަލޭމެންނަށް ދީފި އެއްޗެއް ޤަބޫލު ކުރާހުށި ކަމެވެ. އަދި ރަސޫލާ ކަލޭމެންނަށް ނަހީކޮށްފި އެއްޗަކުން ދުރުހެލިވެ ތިބޭހުށިކަމެވެ.''

އެ އަންހެން މީހާ ދެންނެވިއެވެ. ''މިހާރުވެސް އަހަރެންނަށް ކަލޭގެފާނުގެ އަނބިކަމަނާގެ ކިބައިން މި އިން ކަމެއް (ގައިގައި ކުރެހުން، ބުމަ ހެދުން، ދަތް ދުރު ކުރުން) ފެނިދާނެއެވެ.''

ވިދާޅުވިއެވެ. "ގޮސް ބަލާށެވެ.'' ވިދާޅުވިއެވެ. ''ދެން އެ ކަމަނާ ޢަބްދުއްﷲ ގެ އަނބިކަމަނާގެ އަރިއަހަށް ގޮސް ބެލި ބެލުމުން އެއިން އެއްވެސް ކަމެއް ނުފެނުނެވެ. އަދި އައިސް އެ ކަމަނާ (އަންހެން މީހާ) ދެންނެވިއެވެ. "އަހަރެންނަކަށް އެއްޗެއް ނުފެނުނެވެ. '' ދެން ޢަބްދުﷲ ވިދާޅުވިއެވެ. '' އެ ކަމަނާގެ ކިބައިގައި އެއިން އެއްވެސް ކަމެއް ވާނަމަ އަހެރެން އެ ކަމަނާއާއެކު އެއްދާން ނުކުރީމުހެވެ.''

ފިޤުހުވެރިންގެ ރައުޔު :

ބުމަ ހެދުމާ ބެހޭ ގޮތުން ''އަލްޙަލާލް ވަ އަލްޙަރާމް'' ފޮތުގައި ޝައިޚް ޔޫސުފުލް ޤަރަޟާވީ ވިދާޅުވެފައިވަނީ: ''ޒީނަތްތެރިވުމުގެ ގޮތުން ހައްދުފަހަނައަޅާ ދަރަޖައަށް ދާ، އިސްލާމްދީން ޙަރާމް ކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ބުމަ ހެދުން ހިމެނެއެވެ. އަދި މި ކަމަކީ ﷲގެ ލަޢްނަތް ލިބޭނެ ކަމެއްކަން، ރަސޫލާ އަންގަވާފައިވާ ކަމެކެވެ. އަދި ބުމަ ހެދުމަކީ އެއީ އަންހެނުންގެ ތެރެއިން ''އަޚްލާޤީ މިންގަނޑުން ބޭރުގައި'' އުޅޭ މީހުންގެ ޝިޢާރެއް ނުވަތަ އާދައެއް ނަމަ، މި ކަމުގެ ޙަރާމްކަން ބޮޑުވެގެންވެއެވެ.''

''ޙަންބަލީ މަޛްހަބުގެ ބައެއް ޢިލްމުވެރިން، އަންހެނާގެ މޫނުގައި ހުންނަ އިސްތަށި (މިސާލަކަށް ކޮލުގައި، ނިއްކުރީގައި، މަތިމަހުގައި) ހުންނަ އިސްތަށި ދުއްވާލުން ހުއްދަކުރެއެވެ.''

''ސުނަން އަބީ ދާއޫދްގައި އަބޫ ދާއޫދް ވިދާޅުވެފައިވަނީ: ''ނަމްޞަކީ ބުމަ ކޮށައި ނުވަތަ އުފުރައި އެ ހިމަ ކުރުމެވެ. ވީމާ މޫނުގައި ހުންނަ އެހެން އިސްތަށިތައް ދުއްވާލުން މީގެ ތެރެއަކު ނު ހިމެނެއެވެ.''

އަބޫ އިސްޙާޤުގެ އަންހެނުން ގެ ކިބައިން އައްޠަބަރީ ރިވާ ކުރައްވާފައިވެއެވެ. ''އެ ކަމަނާ ޢާއިޝަތުގެފާނު އަރިއަހަށް ދިޔައެއެވެ. އަދި އެކަމަނާއަކީ ރީތި ކަމަށް ލޯބި ކުރާ ޒުވާނެކެވެ. އަދި ދެންނެވިއެވެ: އަންހެނާ ފިރިމީހާއަށްޓަކައި ނިއްކުރީގައި ހުންނަ އިސްތަށި ދުއްވާލެވިދާނެތޯ؟ ''ޢާއިޝަތުގެފާނު ވިދާޅުވިއެވެ. ''ކުޅަދާނަވި މިންވަރަކުން، އުނދަނގޫ ވާ އެއްޗެހި އެއްކިބާ ކުރާށެވެ.'' މާނަ އަކީ މޫނުގައި ވާ އިސްތަށި ބާލާށެވެ. ނުވަތަ އުފުރާށެވެ. ވީމާ ބުމަ ހެދުން ހުއްދައެއް ނޫނެވެ. ނަމަވެސް މޫނުގައި ހުންނަ، ބުމައޭ ނުކިޔޭނެ ހިސާބުތަކުގައިވާ އިސްތަށި ދުއްވާލުން ނުވަތަ ބޭލުން ހުއްދައެވެ. (ޤަރަޟާވީގެ ވާހަކަ ނިމުނީ)

އައްޝައިޚް ފައިޞަލް މައުލަވީ ވިދާޅުވެފައިވަނީ:

''އަންހެނުންގެ މޫނު ރީތި ކުރުންވަނީ، ހުންނަން ނުވާ ތަންތާގައި ހުންނަ އިސްތަށި ދުއްވާލައިގެންނެވެ. ޝާފިޢީ މަޛްހަބުގައި މިފަދަ އިސްތަށި ދުއްވާލަން ފިރިމީހާ އެދިއްޖެނަމަ އެކަން ކުރުން ވާޖިބެވެ. މާލިކީ މަޛްހަބުގައި ބުނެފައިވަނީ، އަންހެނެއްގެ މަތިމަސް ނުވަތަ ތުނބުޅިއަށް ވާފަދަ އިސްތައްޓެއް ފަޅައިފިނަމަ، އެ ބޭލުން ވާޖިބު ކަމަށެވެ.

ކުރީގައި ބުނެވިދިޔަ އާޔަތްތަކާ ޙަދީޘްތަކަށް ބަލާފައި، އިސްލާމްދީން މުސްލިމުންގެ ސޫރަ ރީތިކޮށް ތިބުމަށް ބާރު އަޅާކަން ވަރަށް ފާޅުކޮށް އެގެން އެބަ އޮތެވެ. އެތެރެ ފުށް ސާފުކޮށް ރީތިކޮށް ބޭއްވުމަށް އަމުރު ކުރި ފަދައިން ބޭރު ފުށުންވެސް ސާފު ކޮށް ރީތިކޮށް ތިބުމަށް ދީން ގޮވާލައެވެ. އެކަމަކު ޒީނަތެއް ކަމަށް ބައެއް މީހުން ދެކޭ ބައެއް ކަންތައް، ރަސޫލް ޞައްލައްﷲ ޢަލައިހި ވަސައްލަމަ ވަނީ މަނާ ކުރައްވާފައެވެ. އޭގެ ތެރޭގައި :-

ބުމަ ހެދުން، ގައިގާ ކުރެހުން (ޓެޓޫ ޖެހުން)، ޞިނާޢީ އިސްތިށި ބޮލުގައި ގުޅުވުން، ދަތް ދުރު ކުރުވުން (ޞިއްޙީ ސަބަބަކާ ނެތި) ފަދަ ކަންތައް ހިމެނެއެވެ. މީގެ ސަބަބަކީ، މި ކަންތަކަކީ ޒީނަތްތެރި ވުމުގައި ހައްދު ފަހަނައެޅުމަކަށް ވާތީއެވެ. އަދި އެއީ ފިޠުރީ މެދު މިނުން ނުކުތުމަކަށް ވާތީއެވެ. ހަމަ އެހެންމެ އެއީ ވައްތަރެއްގެ މަކަރު ހެދުމަކާ އޮޅުވާލުމަކަށް ވާތީއެވެ.

''ނަމްޞު'' އަކީ ޙަރާމް ކަމެއްކަމަށް ހުރިހާ ޢިލްމުވެރިންވެސް އެއްބަސްވެލައްވައެވެ. ނަމަވެސް އިޚްތިލާފްވެފައިވަނީ ، އޭގެ މާނައާ މެދުގައެވެ.

އިބްނު ޙަޖަރު ވިދާޅުވެފައިވަނީ:

"ނަމްޞުގެ މާނައަކީ މޫނުގެ އިސްތަށި ބޭލުން ކަމަށެވެ. އަދި ފަހުން ބަލި ރައުޔެއްކަމަށް ވިދާޅުވެ، ގެންނަވާފައިވާ މާނައަކީ، އެއީ ޚާއްޞަކޮށް ބުމައިގެ އިސްތަށި ބާލައި ތުނިކޮށް ނުވަތަ ހިމަ ކުރުން ކަމަށެވެ. ނަމަވެސް ފަހުން މި ބުނެވުނު މާނައަށް އިތުރު ބާރެއް ލިބިދޭ، އަބޫދާއޫދު ''ނަމްޞު'' ގެ މާނަ ކުރައްވާފައިވާ ގޮތް ގެންނަވާފައިވެއެވެ. އަބޫ ދާއޫދު ވިދާޅުވެފައިވާނީ އެއީ ބުމައިގެ އިސްތަށި ތުނިކޮށް ނުވަތަ ހިމަ ކުރުން ކަމަށެވެ.

''ޝަރްޙުލް ޣަރީބް'' ގައި އިބްނު އަލްއަޘީރް ވިދާޅުވެފައިވަނީ ނަމްޞުގެ މާނައަކީ: ރީތި ކުރުމުގެ ގޮތުން ބުމަ ހިމަކޮށް ނުވަތަ ތުނި ކުރުން ކަމަށެވެ. ޔޫސުފުލް ޤަރަޟާވީ ވެސް ވިދާޅުވެފައިވަނީ މާނައިގައެވެ.

އިމާމް އަލްޤުރްޠުބީ ވިދާޅުވެފައިވަނީ: ''މި ކަންތަކަކީ، ކުރުން ޙަރާމް، ލަޢްނަތް ލިބޭ ކަންތައް ކަމުގައި ޙަދީޘް އައިސްފައިވާ ކަންތަކެވެ. އެއީ މި ކަންތަކަކީ އޮޅުވާލުމުގެ ގޮތުން ކުރެވޭ ކަންތައް ކަމަށް ވާތީއެވެ. އަދި މަނާ ކުރެވުނީ ﷲ ހެއްދެވި ގޮތް ބަދަލު ކުރާތީ ކަމަށްވެސް ބުނެވެއެވެ.''

ނަވަވީ ވިދާޅުވެފައިވަނީ: ''އަންހެނާގެ ދަތްދޮޅީގައި ނުވަތަ މަތީ ތުންފަތް މަތީ، ގައި އިސްތަށި ފަޅައިފިނަމަ، އެ ބޭލުން އޭނާއަށް ޙަރާމެއް ނޫނެވެ.'' (ފައިޞަލް މައުލަވީގެ ވާހަކަ ނިމުނީ)

ޢިލްމުވެރިންގެ ތަފާތު ބަސްފުޅުތަކަށް ބަލާއިރު އެނގެނީ، ބުމަ ހެދުމަކީ ޙަރާމް ކުރެވިފައިވާ ''ނަމްޞު'' ކަމަށެވެ. ވީމާ އެއީ ހުއްދަ ކަމެއް ނޫނެވެ. ނަމަވެސް އައިބަކަށް ވާ ދަރަޖައަށް، އާއްމުކޮށް ފިރިހެނުން ހުންނަވަރުގެ ފަލަ ބޮޑު ބުމައެއް އަންހަނެއްގެ ހުރެއްޖެނަމަ، އެ ކޮންމެވެސް ވަރަކަށް ހިމަކޮށްލާ ނުވަތަ ތުނިކޮށްލާ ހެދުން އެއީ ހުއްދަ ކަމެކެވެ. މި ހާލަތުގައި އެއީ އުފެދުމުގައި ހުރި އައިބެއްގެ ސިފަ ދެވި، އެކަން ގައިގައި ހުންނަ އެހެނިހެން އައިބުތަކާ، ބަލިތަކަށް ފަރުވާދޭ ފަދައިން، މިކަންވެސް ހުއްދަ ވަނީއެވެ. މި ގޮތަށް ބުމަ ހައްދަނީ ބުމަ ހައްދާ މީހުންގެ ތެރެއިން ލައްކައަކުން އެކެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

ގިނަ މީހުން ހަމަ ރީތި، ޢާއްމުކޮށް އަންހެނުންގެ ހުންނަވަރުގެ ހިމަ ތުނި ބުމައެއް ހުއްޓަސް، ''ފެޝަނަކަށް'' ވެގެން ނުވަތަ ހުޅަނގުގެ ފިލްމީ ތަރިންނާ، ލަވަ ކިޔާ މީހުންގެ ބުމަ ''ހިމަ ރޮދި ފަށެއް'' ހެން ހަދާފައި ހުންނަތަން ފެނިފައި، ބުމަހައްދާލަނީއެވެ. ނަމަވެސް މިއީ މިކަން އޮންނަންވާނެ ގޮތެއް ނޫނެވެ. މީހަކު ކުރާހާ ކަމެއް ރީތި ވާނީ، ރީތީގައި އަމިއްލަ ރަހައެއް ނުހުންނަ ، ނަކަލު ކުރާ މީހުންނަށެވެ. ''ކޮސްމޯޕޮލިޓަން'' ގެ ބޭރު ގަނޑުގައި ބޮލުގެ އެއްފަޅިން އިސްތަށި ބާލައިގެން ހުންނަ، އަންހެން ކުއްޖަކު ފެނުނީމާ އަހަރެމެން އެއީ ރީތި ކަމެއް ކަމުގައި ނަގާކަށް ނުޖެހެއެވެ.

އެހެނިހެން އިސްތަށީ :

ނިންމާލުމުގެ ކުރިން އަދި އަހަރެން އަލިއަޅުވާލަން ބޭނުން އެހެން ކަންތައްތަކެއްވެސް އެބަ ހުއްޓެވެ. އެއީވެސް ގައިގެ އިސްތައްޓާ ގުޅުން ހުރި ކަމެކެވެ.

* ޞިއްޙީ ބޭނުމަކަށް ނޫނީ، އަންހެނުން ބޯ ބޭލުމަކީ ހުއްދަ ކަމެއް ނޫނެވެ.

* އަންހެނުން ބޯ ކޮށުމަކީ ހުއްދަ ކަމެކެވެ. މިކަން އެގެނީ ޞަޙީޙް މުސްލިމުގެ ''އަލްޙައިޟު'' ބާބުގައި އައިސްފައިވާ ޙަދީޘަކުންނެވެ.

އެ ޙަދީޘުން އެނގޭ ގޮތުގައި، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަނބިކަނބަލުން، އެކަނބަލުންގެ އިސްތަށިކޮޅު ބުރި ކުރައްވާފައިވާ ކަމަށް އޮވެއެވެ.

ޢިލްމުވެރިން ވިދާޅުވަނީ އެއީ ރަސޫލާ އަވަހާރަވުމަށްފަހު، އެކަނބަލުން ޒީނަތްތެރިވުން ދޫކޮށްލެއްވުމުގެ ގޮތުން ކުރެއްވި ކަމެއްގެ ގޮތުގައެވެ. އެހެނީ އޭރު ޢަރަބިން ބޮލުގައި ބޮޑު ހުޅި ޖެހުމަކީ ރީތި ކަމެއް ކަމުގައި ދެކުނެވެ.

- އިސްމަތި އަދި ފުރަގަހުގެ އިސްތަށި ބޭލުން، ކިހިލިފަތުގެ އިސްތަށި އުފުރުން (ނުވަތަ ބޭލުން)، އެއީ ވާޖިބު ކަމެކެވެ. ޞަޙީޙް ބުޚާރީ އަދި މުސްލިމުގައި ވާރިދުވެފައިވާ ޙަދީޘެއްގައި ވަނީ: عَنْ ‏ ‏أَبِي هُرَيْرَةَ ‏ عَنْ رَسُولِ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏أَنَّهُ قَالَ ‏ ‏الْفِطْرَةُ خَمْسٌ ‏ ‏الِاخْتِتَانُ ‏‏ وَالِاسْتِحْدَادُ ‏ ‏وَقَصُّ الشَّارِبِ وَتَقْلِيمُ الْأَظْفَارِ وَنَتْفُ الْإِبِطِ ‏

މާނައަކީ: "އަބޫ ހުރައިރާ ރިވާ ކުރެއްވިއެވެ. ރަސޫލާ ޙަދީޘް ކުރައްވަނިކޮށް އަހަރެން އަޑު އެހީމެވެ. ފިޠުރަތުގެ ތެރެއިން ފަސްކަމެއް ވެއެވެ. ޚިތާނު ކުރުމާއި، އިސްމަތި ބޭލުމާއި، މަތިމަސް ކޮށުމާއި، ނިޔަފަތި ކެނޑުމާއި ކިހިލިފަތުގެ އިސްތަށި އުފުރުމެވެ.''

އަދި 40 ދުވަހަށްވުރެ ގިނަ ދުވަސް ވަންދެން، މި އިސްތަށި ބެހެއްޓުން ހުއްދައެއް ނޫނެވެ.

ޞަޙީޙް މުސްލިމުގައި އަނަސްބިން މާލިކް ރިވާކުރައްވާފައިވެއެވެ: قَالَ ‏ ‏أَنَسٌ ‏ ‏وُقِّتَ لَنَا فِي قَصِّ الشَّارِبِ وَتَقْلِيمِ الْأَظْفَارِ وَنَتْفِ الْإِبِطِ وَحَلْقِ ‏ ‏الْعَانَةِ ‏ ‏أَنْ لَا نَتْرُكَ أَكْثَرَ مِنْ أَرْبَعِينَ لَيْلَةً

މާނައަކީ: ''މަތިމަސް ކޮށުމާއި ނިޔަފަތި ކެނޑުމާއި ކިހިލިފަތުން އިސްތަށި އުފުރުން އަދި އިސްމަތި ބޭލުމުގައި އަހަރެމެންނަށް ވަގުތު ކަނޑައެޅުނެވެ. އެއީ ސާޅިސް ރޭ ވަންދެން އެކަން ނުކޮށް ދޫ ކޮށް ނުލުމަށެވެ.''

ޙަދީޘުގައި އޮތް ޚިތާނު ކުރުމާ، މަތިމަސް ކޮށުން ނޫން ހުރިހާ ކަމަކީ އަންހެނުންނާ ފިރިހެނުންވެސް ޝާމިލުވާ ކަންތަކެވެ. ފިޤުހުވެރިން ވިދާޅުވެފައިވަނީ އިސްތަށި ބޭލުމުގައި އެންމެ އެކަށީގެންވާ މުއްދަތަކީ ހަފްތާއަކުން ހަފްތާއަކުން ކަމަށެވެ.

* ގައިގައި ދެން ހުންނަ ކޮންމެ އިސްތައްޓަކީ އެ މީހަކު ބޭނުން ގޮތެއް ހެދުން ހުއްދަ އެއްޗެކެވެ. އަތާއި ފައިގެ އަދި ގައިގައި ހުންނަ އިސްތަށި ބޭލުމާ ނުވަ ބެހެއްޓުމާ ބެހޭ ގޮތުން ދީނުގައި ވަކި ޙުކުމެއް ބަޔާން ކުރެވިފައި ނޯވެއެވެ. ވީމާ ފައިގައި ހުންނަ އިސްތަށި، ނުވަތަ އަތުގައި ހުންނަ އިސްތަށި ބޭލުން ހުއްދައެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.