Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ފިޤުހު އަޅުކަން ޢާޝޫރާ ދުވަހާއި އެ ދުވަހުގެ ޙުކުމްތައް

ޢާޝޫރާ ދުވަހާއި އެ ދުވަހުގެ ޙުކުމްތައް

ashoora

މުޙައްރަމް މަހަކީ ހިޖްރީ (އިސްލާމީ) އަހަރުގެ ފުރަތަމަ މަހެވެ. އަދި މި މަހަކީ ހުރުމަތްތެރިވެގެންވާ ހަތަރު މަހުން އެއް މަހެވެ. އެ ގޮތުން މާތް ﷲ ވަޙީ ކުރައްވަނީ: إِنَّ عِدَّةَ الشُّهُورِ عِنْدَ اللَّهِ اثْنَا عَشَرَ شَهْرًا فِي كِتَابِ اللَّهِ يَوْمَ خَلَقَ السَّمَوَاتِ وَالْأَرْضَ مِنْهَا أَرْبَعَةٌ حُرُمٌ ذَلِكَ الدِّينُ الْقَيِّمُ فَلَا تَظْلِمُوا فِيهِنَّ أَنْفُسَكُمْ

މާނައަކީ: ''ހަމަކަށަވަރުން އުޑުތަކާއި ބިން ހެއްދެވި ދުވަހުން ފެށިގެން، ﷲ ގެ ޙަޟްރަތުގައި ވަނީ ބާރަ މަސްދުވަހެވެ. އޭގެ ތެރެއިން ހަތަރު މައްސަރު ވަނީ ޙުރުމަތްތެރިވެގެން (އެއިން މައްސަރެއްގައި ހަނގުރާމަކުރުން ޙަރާމްވެފައި) އެވެ. ސީދާވެގެންވާ ދީނަކީ އެއީއެވެ. ވީއިރު، އެއިން މައްސަރެއްގައި ކަލޭމެން އަމިއްލަ ނަފްސުތަކަށް އަނިޔާވެރިނުވާހުށިކަމެވެ. ...'' (އައްތައުބާ: 36)

މި އާޔަތް އިތުރަށް ތަފްސީރުކޮށްދެއްވަމުން، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައި ވަނީ: السَّنَةُ اثْنَا عَشَرَ شَهْرًا مِنْهَا أَرْبَعَةٌ حُرُمٌ ثَلَاثٌ مُتَوَالِيَاتٌ ذُو الْقَعْدَةِ وَذُو الْحِجَّةِ وَالْمُحَرَّم وَرَجَبُ مُضَرَ الَّذِي بَيْنَ جُمَادَى وَشَعْبَانَ

މާނައަކީ: ''އަހަރަކީ ބާރަ މަހެވެ. އޭގެ ތެރެއިން ހުރުމަތްތެރިވެގެންވާ ހަތަރު މަހެއް ވެއެވެ. ޖެހިޖެހިގެން އަންނަ، ޛުލްޤަޢްދާ އަދި ޛުލްހިއްޖާ އަދި މުޙައްރަމް، މި ތިން މަހެވެ. އަދި މުޟަރް ރަޖަބް މަހެވެ. އެއީ ޖުމާދަ އާއި ޝަޢްބާން ދެމެދުގައިވާ މަހެވެ." (އަލްބުޚާރީ: 3025)

ނޯޓް: ރަޖަބް މަހަށް މި ނަން ދެވިފައިވަނީ، އެއީ އެ މަހަކީ ޢަރަބިން އެ ދުވަސްވަރު ހަނގުރާމަނުކޮށް މާތް ކުރާ މަހަކަށް ވާތީއެވެ. ''ރަޖަބަ'' މި ލަފްޒުގެ މާނައަކީ އެއްޗެއްގެ ހައިބަތު ބޮޑުކޮށް މާތް ކުރުމެވެ. ދެން މުޟަރް ރަޖަބް އޭ ޙަދީޘްގައި އެ ވަނީ، އެ މަސް އެންމެ ބޮޑަށް މާތްކޮށް އުޅުނީ މުޟަރް ޤަބީލާގެ މީހުން ކަމަށް ވާތީ، އެ މީހުން މާތް ކުރާ މަހޭ ޙަދީޘް ކުރެއްވުމުގެ މާނައިގައެވެ.

ހުރުމަތްތެރިވެގެންވާ ހަތަރު މަހުގެ ތެރެއިން މި ލިޔުމުގައި އަލިއަޅުވާލާފައި ވާނީ މުޙައްރަމް މަހާ އެ މަހުގެ ތެރޭގައި އަންނަ ޢާޝޫރާ ދުވަހަށެވެ.

މުޙައްރަމް މަހު ރޯދަހިފުން:

މުޙައްރަމް މަހު ރޯދަހިފުމަކީ މޮޅު އިތުރު ސުންނަތް ކަމެކެވެ. ގިނަގުނަ ޘަވާބުހުރި ކަމެކެވެ. ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައި ވަނީ: عَنْ ‏أَبِي هُرَيْرَةَ ‏رَضِيَ اللَّهُ عَنْهُ ‏ ‏قَالَ ‏: قَالَ رَسُولُ اللَّهِ ‏‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَفْضَلُ الصِّيَامِ بَعْدَ رَمَضَانَ شَهْرُ اللَّهِ الْمُحَرَّمُ

މާނައަކީ: "ﷲ ރުއްސުންލެއްވި އަބޫހުރައިރާ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ: ''ރަމަޟާނަށް ފަހު އެންމެ ހެޔޮކަންބޮޑު ރޯދައަކީ ﷲގެ މުޙައްރަމް މަހުގައެވެ.'' (ޞަޙީޙް މުސްލިމް: 1982)

ނޯޓު: ''މި ޙަދީޘްގައި މުޙައްރަމް މަސް، ﷲ އަށް ނިސްބަތްކުރައްވާފައި އެވަނީ އެ މަސް މަތިވެރިކުރެއްވުމުގެ ގޮތުންނެވެ. ޤުރުއާނުގައި ނުވަތަ ޙަދީޘްގައި މި ގޮތަށް ބައެއް އެއްޗެހި ﷲ އަށް ނިސްބަތް ކޮށްފައި ހުރެއެވެ. އެއީ ފަހަރެއްގައި ވެސް އެއް ދަރަޖައެއް ނުވަތަ ﷲ އާ ބައިވެރި ކުރުމުގެ މާނައަކު ނޫނެވެ. އެއީ މިސާލަކަށް ''ބައިތުﷲ'' (ﷲގެ ގެފުޅު) މި ބީދައިންނެވެ. ނުވަތަ ޤުރުއާނުގައި ޞާލިޙްގެފާނުގެ ޤައުމުގެ މީހުންގެ ވާހަކަ އައިސްފައިވާ ބައެއް ތަންތާނގައި ''ނާޤަތުﷲ'' (ﷲގެ ޖަމަލު) އޮންނަ ފަދައިންނެވެ.''

ކޮންމެއަކަސް، ޢިލްމުވެރިން ވިދާޅުވެފައި ވަނީ، މުޅި މި މަހަކީ ވެސް ބަރަކާތްތެރިކަން ބޮޑު މަހެއް ކަމަށެވެ. ނަމަވެސް މުޅި މުޙައްރަމް މަހު ރޯދަހިފުން އެއީ އޮތް ކަމެއް ނޫނެވެ. ސަބަބަކީ، ރަމަޟާން މަސް ނޫން އެހެން އެއްވެސް މަހެއް އެއްކޮށް، ކީރިތި ރަސޫލާ ރޯދަ ނުހިއްޕަވާކަން ސާބިތުވާތީއެވެ. ވީމާ މަތީގައިވާ ޙަދީޘުން ދޭހަވާ އެއްޗަކީ އެ މަހުގެ ގިނަ ދުވަސްތަކަކު ރޯދަ ހިފުން މޮޅު އިތުރު ކަމެވެ.

ތާރީޚުގައި ޢާޝޫރާ ދުވަސް:

عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَالَ قَدِمَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الْمَدِينَةَ فَرَأَى الْيَهُودَ تَصُومُ يَوْمَ عَاشُورَاءَ فَقَالَ مَا هَذَا قَالُوا هَذَا يَوْمٌ صَالِحٌ هَذَا يَوْمٌ نَجَّى اللَّهُ بَنِي إِسْرَائِيلَ مِنْ عَدُوِّهِمْ فَصَامَهُ مُوسَى ، قَالَ فَأَنَا أَحَقُّ بِمُوسَى مِنْكُمْ فَصَامَهُ وَأَمَرَ بِصِيَامِهِ

މާނައަކީ: "މާތް ﷲ ރުއްސުންލެއްވި އިބްނު ޢައްބާސް ރިވާކުރައްވާފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މަދީނާއަށް ވަޑައިގަތެވެ. އަދި ޔަހޫދީން ޢާޝޫރާ ދުވަހު ރޯދަހިފާތަން ދެކެވަޑައިގަތެވެ. ދެން ޙަދީޘްކުރެއްވިއެވެ: ''ތީ ކޮންކަމެއްހެއްޔެވެ؟'' އެ މީހުން ދެންނެވިއެވެ: ''މިއީ ހެޔޮ ދުވަހެކެވެ. މިއީ މާތް ﷲ، ބަނީ އިސްރާއީލު މީހުން އެ މީހުންގެ ޢަދުއްވުންގެ ކިބައިން ސަލާމަތް ކުރެއްވި ދުވަހެވެ. އެހެންވެ މޫސާގެފާނު އެ ދުވަހު ރޯދަހިއްޕެވީއެވެ.'' ޙަދީޘްކުރެއްވިއެވެ: ''ކަލޭމެންނަށް ވުރެ މޫސާގެފާނު ޙައްޤުކަން ބޮޑީ އަހަރެމެންނަށެވެ.'' ދެން އެ ދުވަހު އެކަލޭގެފާނު ރޯދަ ހިއްޕެވިއެވެ. އަދި އެ ދުވަހު ރޯދަ ހިފަން (މުސްލިމުންނަށް) އަމުރުކުރެއްވިއެވެ. (ރިވާކުރެއްވީ އަލްބުޚާރީ: 1865)

މޫސާގެފާނާއި އެކަލޭގެފާނަށް އީމާންވި ބަނީ އިސްރާއީލު މީހުންނަށް، މިޞްރުގެ ފިރްޢައުނު ދިޔައީ ވޭންދެނިވި އަޒާބާއި އަނިޔާ ދެމުންނެވެ. ނަތީޖާއަކަށް ވީ، މޫސާގެފާނާއި ބަނީ އިސްރާއީލުން ރޭގަނޑުގެ ވަގުތެއްގައި މިޞްރުން ނުކުމެ ޝާމްކަރައަށް ދިއުމަށް މާތްﷲ މޫސާގެފާނަށް ވަޙީކުރެއްވުމެވެ. ދެން ފިރްޢައުނަށް މިކަން އެނގުމުން މޫސާގެފާނާއި އެކަލޭގެފާނަށް އީމާންވި މުސްލިމުން މިޞްރުން ނުކުތުމުގެކުރިން އަތުލަން ފިރްޢައުނު ލަޝްކަރާއިގެން ނުކުތެވެ. ހާދިސާތަކެއް ހިނގުމަށްފަހު، ފިރްޢައުނާއި އޭނާގެ ލަޝްކަރު ކަނޑަށް ޣަރަޤުވެ، މޫސާގެފާނާއި އެކަލޭގެފާނުގެ ފަހަތްޕުޅުގައި ތިބި މުސްލިމުން، ކަނޑު ހުރަސްކޮށް އަމާން އައްސޭރިއަށް ވަޑައިގަނެވުނެވެ.

މާތް ﷲ މޫސާގެފާނާއި އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ދެއްވި މި މަތިވެރި ނިޢްމަތަށް ޝުކުރުވެރިވެވަޑައިގަތުމުގެ ގޮތުން، ރޯދަ ހިއްޕެވިއެވެ. އަދި އެ ބަނީއިސްރާއީލުން ވެސް ރޯދަ ހިފިއެވެ. މި ހާދިސާ ހިނގީ މުޙައްރަމް ދިހަވަނަ ދުވަހުއެވެ. އެހެންވެ ޔަހޫދީން އެ ދުވަހަކީ އެ މީހުންގެ ޚާއްޞަ މުޤައްދަސް ދުވަހެއް ކަމުގައި ބަލައިއުޅުނީއެވެ.

މި ދުވަހު ރޯދަ ހިފައި އުޅުނީ ހަމައެކަނި ޔަހޫދީންނެއް ވެސް ނޫނެވެ. ޔަހޫދީންގެ އިތުރަށް މައްކާގެ ޤުރައިޝުވަންހައިގެ މުޝްރިކުން ވެސް އެ ދުވަހު ރޯދަ ހިފައެވެ. އެއީ އިބްރީމްގެފާނު ގެންނެވި ޝަރީޢަތުގެ ބައެއް ކަންތައްތައް މައްކާ މުޝްރިކުން، ޖާހިލިއްޔަ ޒަމާނުގައި ވެސް ކުރަމުން އައި އުސޫލުގެ ދަށުންނެވެ. އަނެއްކޮޅުން ރަމަޟާން މަހުގެ ރޯދަ ފަރުޟުވުމުގެ ކުރިން، ޢާޝޫރާ ދުވަހު ރޯދަ ހިފުން އޮތީ މުސްލިމުންނަށް ވެސް ވާޖިބު ކަމެއްގެ ގޮތުގައެވެ. އެގޮތުން ކީރިތި ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ މައްކާގައި ހުންނެވި ދުވަސްވަރު، ޢާޝޫރާ ދުވަހު ރޯދަ ހިއްޕެވިކަން ވެސް ސުންނަތުން ސާބިތުވެއެވެ. ނަމަވެސް ރަމަޟާން މަހު ރޯދަ ހިފުން ފަރުޟު ކުރެއްވުނީމާ، ޢާޝޫރާ ދުވަހު ރޯދަ ހިފުން ސުންނަތަކަށް ބަދަލުވީއެވެ.

ފާހަގަކޮށްލަން ޖެހޭ އަނެއް ކަމަކީ، ޢާޝޫރާ ދުވަހަކީ މުސްލިމުންގެ ތާރީޚްގައި ވަރަށް ހިތާމަވެރި ހާދިސާއެއްވެސް ހިގާފައިވާ ދުވަހެއްކަމެވެ. އާދެ، އެއީ ކީރިތި ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކާފަދަރިކަލުން، ޙުސައިންގެފާނު ޝަހީދުކޮށްލެވުނީވެސް މި އަދުއެވެ. މި ހާދިސާ ހިނގާފައިވަނީ މުސްލިމުންގެ މެދުގައި ހިނގި ފިތުނަތަކަކާއި ލޭ އޮހޮރުވުންތަކެއްގެ ތެރޭގައެވެ. ޝައްކެއް ވެސް ނެތް ގޮތުގައި ޙުސައިނުގެފާނު ޝަހީދުކޮށްލުމަކީ، ކޮންމެ މުސްލިމަކަށް ވެސް ހިތާމަލިބޭނެ ކަމެކެވެ. އެއީކީ ހަމައެކަނި ޝީޢީ މަޛްހަބު މީހުންނާ އެކަނި ގުޅުން ހުރި ކަމެއް ނޫނެވެ. ނަމަވެސް، ޒަމާނުއްސުރެ ވެސް ޝީޢީން ދަނީ މި ދުވަސް އެއީ އެ މީހުންގެ މުޤައްދަސް ދުވަހެއްކަމަށް ހަދައި، މި ދުވަހު ބިދުޢަ އާއި ޚުރާފަތުން ފުރިގެންވާ ކަންތައްތަކެއް ކުރަމުންނެވެ.

ޢާޝޫރާ ދުވަހު ރޯދަހިފުމުގެ މޮޅުއިތުރުކަން:  عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَالَ : مَا رَأَيْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ  يَتَحَرَّى صِيَامَ يَوْمٍ فَضَّلَهُ عَلَى غَيْرِهِ إِلّا هَذَا الْيَوْمَ يَوْمَ عَاشُورَاءَ وَهَذَا الشَّهْرَ يَعْنِي شَهْرَ رَمَضَانَ

މާނައަކީ: "މާތް ﷲ ރުއްސުންލެއްވި އިބްނު ޢައްބާސް ރިވާކުރެއްވިއެވެ: އެހެން ދުވަސްތަކަށް ވުރެ މޮޅުއިތުރުކަން ބޮޑުވުމުން، އެ ދުވަހަކު ރޯދަ ހިއްޕަވަން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ، ޤަސްދުކުރައްވާ ހޯއްދަވާ، މި ނުން ދުވަހެއް - ޢާޝޫރާ ދުވަސް- އަދި މި ނުން މަހެއް -ރަމަޟާން މަސް- އަހަރެން ނުދެކެމެވެ.'' (އަލްބުޚާރީ: 1867)

ނޯޓް: ޢަރަފާތް ދުވަހު ރޯދަ ހިއްޕަވަން ވެސް ކީރިތި ރަސޫލާ ސަމާލުކަން ދެއްވިއެވެ. މި ޙަދީޘްގައި މި ވަނީ އިބްނު ޢައްބާސަށް އެނގިވަޑައިގަތް ކަމެއްގެ ވާހަކައެވެ. ވީމާ މާތް ހަމައެކަނި ދުވަހަކީ މިއީކަމަކަށް ދޭހައެއް ނުވެއެވެ. އަދި އެހެން ޞަޙާބީންގެ އަރިހުން، ޢަރަފާތްދުވަހު ރޯދަ ހިފުމުގެ މާތްކަން އެނގެން އެބަހުއްޓެވެ. ޢަރަފާތް ދުވަހު ރޯދަ ހިފުމަކީ ފާއިތުވި އަހަރާއި ކުރިއަށް އޮތް އަހަރުގެ ފާފައަށް ވާ ކައްފާރާއެކެވެ. ޢާޝޫރާ ދުވަހު ރޯދަ ހިފުމަކީ ކުރިއަށް އޮތް އަހަރުގެ ފާފައަށް ވާ ކައްފާރާއެކެވެ.

ޢާޝޫރާ ދުވަހު ރޯދަ ހިފުމުގެ މޮޅުއިތުރުކަން ބަޔާންކުރައްވައި، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަދިވެސް ޙަދީޘްކުރައްވާފައި ވަނީ: صيام يوم عاشوراء ، إني أحتسب على الله أن يكفر السنة التي قبله

މާނައަކީ: ''ޢާޝޫރާ ދުވަހު ރޯދަ ހިފުމުން، އޭގެ ކުރިއަށް އޮތް އަހަރުގެ ފާފަތައް މާތް ﷲ ފުއްސަވާ ދެއްވާނެކަމެއް ކަމަށް، ތިމަން ކަލޭގެފާނު އެދިވެޑައިގަންނަވަމެވެ.'' (މުސްލިމް: 1976)

ޝައްކެއް ވެސް ނެތް ގޮތުގައި އެންމެ ދުވަހަކު ރޯދަހިފުމުން، މުޅި އަހަރެއްގެ ކުށް ފާފަތައް، މާތް ﷲ ފުއްސަވާ ދެއްވުމަކީ އެކަލާނގެ ދީލަތިވަންތަކަމެވެ. އަދި މިއީ މީހަކު ހައިރާން ވާންޖެހޭ ވަރުގެ ކަމެއް ނޫނެވެ. ސަބަބަކީ، މުސްލިމުން އަޅުކަންކޮށް، ދުޢާކޮށް، ދަރުމައާއި ޘަވާބަށް އެދި ދަންނަވަނީ ދީލަތިވަންތަ ރަސްކަލާނގެކިބަފުޅަށެވެ. ކަން ކިތަންމެ ފަސޭހަވެފައި، ދަރުމަ ކިތަންމެ މަތިވިކަމުގައި ވިޔަސް، މި ކަން ކުރުމަކީ، ފަސޭހަކަމެއް ނޫނެވެ. އެއްހާސް މައްސަރުގެ ހެޔޮކަން ލިބޭ ލައިލަތުލްޤަދްރި ގެ ބޭނުން ހިފެނީ ކިތައްމީހުންނަށްބާވައެވެ؟!

ޢާޝޫރާގެ މާނައަކީ ކޮބާ؟

ޢާޝޫރާ ގެ މާނައަކީ މުޙައްރަމް މަހު ދިހަވަނަ ދުވަހެވެ. އެއީ ޢަރަބި ބަހުން ދިހަވަނަ ދުވަހަށް ކިޔަނީ ''އަލްޔައުމުލް ޢާޝިރު'' އެވެ. ވީމާ ޢާޝޫރާ މި ބަސް ނެގިފައި ވަނީ ''ޢާޝިރް'' (ދިހަވަނަ) މި ކަލިމައިންނެވެ. ދެން މުޙައްރަމް މަހުގެ ނުވަވަނަ ދުވަހަށް ކިޔަނީ ''ތާސޫޢާ'' އެވެ. އެއީ ''ތާސިޢް'' (ނުވަވަނަ) މި ކަލިމައިންނެވެ.

ނުވަވަނަ ދުވަހާއި ދިހަވަނަ ދުވަހު ރޯދަހިފުން ސުންނަތްވެގެންވުން: ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قال : حِينَ صَامَ رَسُولُ اللَّهِ صَلَّى اللَّهُ
عَلَيْهِ وَسَلَّمَ يَوْمَ عَاشُورَاءَ وَأَمَرَ بِصِيَامِهِ قَالُوا يَا رَسُولَ اللَّهِ إِنَّهُ يَوْمٌ تُعَظِّمُهُ الْيَهُودُ وَالنَّصَارَى فَقَال رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمََ فَإِذَا كَانَ الْعَامُ الْمُقْبِلُ إِنْ شَاءَ اللَّه صُمْنَا الْيَوْم التَّاسِعَ قَالَ فَلَمْ يَأْتِ الْعَامُ الْمُقْبِل حَتَّى تُوُفِّيَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمََ

"މާތް ﷲ ރުއްސުންލެއްވި އިބްނު ޢައްބާސް ރިވާކުރެއްވިއެވެ: ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޢާޝޫރާ ދުވަހު ރޯދަ ހިއްޕަވައި، އެ ދުވަހު ރޯދަ ހިފަން އަމުރު ކުރެއްވުމުން، ޞަޙާބީން ދެންނެވިއެވެ: އޭ ﷲ ގެ ރަސޫލާއެވެ. އެއީ ޔަހޫދީންނާއި ނަޞާރާއިން މަތިވެރި ކުރާ ދުވަހެކެވެ! އެ ހިނދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. އަންނަ އަހަރު އިރާދަކުރައްވައިފިއްޔާ، ނުވަވަނަ ދުވަހު އަހަރެމެން ރޯދަ ހިފާނަމެވެ.'' ނަމަވެސް ކުރިއަތް އޮތް އަހަރު ނާންނަނީސް، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސުވަރުގެވަޑައިގެންފިއެވެ.'' (މުސްލިމް: 1916)

އިމާމް ޝާފިޢީ، އިމާމް އަޙްމަދު، އިމާމް އިސްޙާޤް އަދި މި ނުން ވެސް ބޭކަލުން ވިދާޅުވެފައިވެއެވެ: ''ނުވަވަނަ ދުވަހާއި ދިހަވަނަ ދުވަހު -ދެ ދުވަހު- ރޯދަ ހިފުން ސުންނަތްވެގެންވެއެވެ. ސަބަބަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދިހަވަނަ ދުވަހު ރޯދަ ހިއްޕަވާފައި، ނުވަވަނަ ދުވަހު ވެސް ރޯދަ ހިއްޕަވަން ބޭނުންފުޅުކަން ހާމަކުރައްވާފައިވާތީއެވެ.''

ވީމާ ޢިލްމުވެރިންގެ ބަހަށް ބަލާއިރު، ޢާޝޫރާ ދުވަހު ރޯދަ ހިފުމުގައި ދަރަޖަތަކެއް ވެއެވެ. އެންމެ ދަށް މިންވަރަކީ ހަމައެކަނި ދިހަވަނަ ދުވަހު ރޯދަހިފުމެވެ. އެއަށްވުރެ މަތީ ދަރަޖައަކީ ނުވަނަ ދުވަހާއި ދިހަވަނަ ދުވަހު ރޯދަހިފުމެވެ. އަދި މުޙައްރަމް މަހު ހިފާ ރޯދަ ގިނަވީވަރެއް، މޮޅު އިތުރުކަން ބޮޑެވެ.

ނުވަވަނަ ދުވަހު ރޯދަ ހިފުން ސުންނަތްވުމުގެ ޙިކްމަތް:

ނަވަވީ -ރަޙިމަހުއްﷲ- ވިދާޅުވަނީ: ''އަހަރެމެންގެ މަޛްހަބުގެ ޢިލްމުވެރިންނާއި އަދި އެ ނުން މީހުން ވެސް، ނުވަވަނަ ދުވަހު ރޯދަ ހިފުން ސުންނަތްވުމުގެ ޙިކުމަތާ ބެހޭގޮތުން ތަފާތު ބުނުންތަކެއް ބުނެފައިވެއެވެ:

އެކެއް: އޭގެ ބޭނުމަކީ، ހަމައެކަނި ދިހަވަނަ ދުވަހު ޔަހޫދީން ރޯދަ ހިފާ ހިފުމާ ޚިލާފުވުމެވެ. އިބްނު ޢައްބާސްގެ އަރިހުން ރިވާވެގެން ވަނީ މި ސަބަބެވެ.

ދޭއް: އޭގެ މުރާދަކީ ޢާޝޫރާ ދުވަހު ރޯދަހިފުމާ އެހެން ދުވަހެއްގެ ރޯދަ ހިފުމާ ގުޅުވުމެވެ. އެއީ ހަމައެކަނި ހުކުރު ދުވަހު ރޯދަހިފުން ނަހީކުރެވިފައިވާ ބީދައިންނެވެ. މި ރައުޔަކީ ޚައްޠާބީއާއި އަދި އެ ނުންވެސް ޢިލްމުވެރިން ވިދާޅުވެފައިވާ ރައުޔެކެވެ.

ތިނެއް: އެއީ މުޙައްރަމް މަހުގެ ހަނދު ބެލުމުގައި ނުބައެއް ހެދިގެން، ނުވަވަނަ ދުވަހަކީ ހަޤީޤަތުގައި ދިހަވަނަ ދުވަހަށް ވެދާނެތީވެ، ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ކުރާކަމެކެވެ. އ. ހ

މި ސަބަބުތަކުގެ ތެރެއިން އެންމެ ވަރުގަދަ ސަބަބަކީ، އަހުލުކިތާބީންނާ ތަފާތުވުމެވެ. ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ -ރަޙިމަހުﷲ- ވިދާޅުވެފައިވަނީ: ''އަހުލުކިތާބީންނާ އެއްގޮތްވުން އެއީ، އެތަކެއް ޙަދީޘްފުޅެއްގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަހީކުރައްވާފައިވާ ކަމެކެވެ. މިސާލެއްގެ ގޮތުން ޢާޝޫރާ އާ ބެހޭ ގޮތުން ޙަދީޘްކުރެއްވި ޙަދީޘެވެ. ''އަންނަ އަހަރު ތިމަންކަލޭގެފާނު ދިރިހުންނަވައިފިނަމަ، ހަމަކަށަވަރުން ވެސް ނުވަވަނަ ދުވަހު ތިމަންކަލޭގެފާނު ރޯދަ ހިއްޕަވާނަމެވެ.'' (ފަތާވަލް ކުބްރާ: ހަވަނަ ބައި، ޙަރާމްކަންތަކަށް ފަހިވާ މަގު ބަންދުކުރުން)

''އަންނަ އަހަރު ތިމަންކަލޭގެފާނު ދިރިހުންނަވައިފިނަމަ، ހަމަކަށަވަރުން ވެސް ނުވަވަނަ ދުވަހު ތިމަންކަލޭގެފާނު ރޯދަ ހިއްޕަވާނަމެވެ.'' މި ޙަދީޘާ ބެހޭގޮތުން ވާހަކަ ދައްކަވަމުން އިބްނު ޙަޖަރު ވިދާޅުވެފައިވެއެވެ: ''ނުވަވަނަ ދުވަހު ރޯދަހިއްޕަވަން، ކީރިތި ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ އުޅުއްވުމުގެ މާނައަކީ، ހަމައެކަނި އެ ދުވަހު ރޯދަ ހިއްޕެވުން ނޫންކަމަށް ވުން އެކަށީގެންވެއެވެ. ކިއެއްތަ، މުރާދަކީ ދިހަވަނަ ދުވަހުގެ އިތުރަށް، އެ ދުވަހު ރޯދަ ހިއްޕެވުމެވެ. އެއީ ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ނުވަތަ ޔަހޫދީންނާ ނަޞާރާއިންނާ ތަފާތުވެވަޑައިގަތުމުގެ ބޭނުންފުޅުގައެވެ. ބޮޑަށް ގާތީ މި ގޮތެވެ. މުސްލިމް ގެ ބައެއް ރިވާޔަތްތަކުން އަހަރެމެންނަށް ދޭހަވާ ގޮތަކީވެސް މިއީއެވެ. (ފަތުޙުލްބާރީ 4/245)

ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ވިދާޅުވެފައި ވަނީ: ''ޢާޝޫރާ ދުވަހު ރޯދަ ހިފުމަކީ އަހަރު ދުވަހުގެ ފާފައިގެ ކައްފާރާއެކެވެ. މި ދުވަހު އެކަނި ރޯދަހިފުމަކީ މަކްރޫހަ ކަމެއް ނޫނެވެ.'' (ފަތާވަލް ކުބްރާ:5 ވަނަ ބައި)

އިބްނު ޙަޖަރުލް ހައިތަމީ ވިދާޅުވެފައި ވަނީ: ''ޢާޝޫރާ ދުވަހު އެކަނި ރޯދަ ހިފުމުގައި މައްސަލައެއް ނެތެވެ.'' (ތުޙްފަތުލް މުޙްތާޖް)

ހޮނިހިރު ނުވަތަ ހުކުރަށް ވިޔަސް ޢާޝޫރާގައި ރޯދަހިފުން:

ހަމައެކަނި ހުކުރު ދުވަހު ނުވަތަ ހަމައެކަނި ހޮނިހިރު ދުވަހު، ފަރުޟު ރޯދައެއް ނޫން ރޯދަ ހިފުމަކީ، ނަހީކުރެވިފައިވާ ކަމެކެވެ. ނަހީކުރެވިފައި ވަނީ މަކްރޫހަ ނަހީއެއްގެ ގޮތުގައެވެ. ނަމަވެސް މި ދެ ދުވަހުން ކުރެ ދުވަހެއްގެ ކުރިއަށް ނުވަތަ ފަހަތަށް ދުވަހެއް އިތުރުކޮށްގެން (މިސާލަކަށް ބުރާސްފަތި+ހުކުރު، ހޮނިހިރު+އާދީއްތަ) ހިފުމުން، މަކްރޫހަކަން ފިލައިދެއެވެ.

''ހަމައެކަނި ހުކުރު ދުވަހު ނުވަތަ ހަމައެކަނި ހޮނިހިރު ދުވަހު، ފަރުޟު ރޯދައެއް ނޫން ރޯދަ ހިފުމަކީ، ނަހީކުރެވިފައިވާ ކަމެކެވެ. ނަމަވެސް މި ދެ ދުވަހުން ކުރެ ދުވަހެއްގެ ކުރިއަށް ނުވަތަ ފަހަތަށް ދުވަހެއް އިތުރުކޮށްގެން ހިފުމުން، ނުވަތަ ދެ ދެދުވަހުން އެއް ދުވަހު ރޯދަ ހިފަމުން އަންނަ މީހެއްގެ ރޯދަ ހިފާ ދުވަސް މިއިން ދުވަހަކަށް ވުމުން، ނުވަތަ ނަދުރު ރޯދަ، ނުވަތަ ޤަޟާ ރޯދައެއް، ނުވަތަ ޢަރަފާތް ދުވަހާއި ޢާޝޫރާ ދުވަސް ފަދަ ރޯދަ ހިފަން ޝަރުޢުގައި ބާރުއަޅާފައިވާ ރޯދައެއްވިއްޔާ މަކްެރޫހަކަން ފިލައިދެއެވެ.'' (ތުޙްފަތުލް މުޙްތާޖް، 3ވަނަ ބައި، ސުންނަތް ރޯދައިގެ ބާބު)

އައްޠައްޙާވީ -ރަޙިމަހުﷲ- ވިދާޅުވެފައިއެވެ: ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ، ޢާޝޫރާ ދުވަހު ރޯދަ ހިފަން އަހަރެމެންނަށް ހުއްދަ ދެއްވާފައެވެ. އަދި އެކަމަށް ބާރު އަޅުއްވާފައެވެ. އަދި އެ ދުވަހަކީ ހޮނިހިރު ދުވަހަކަށް ވެއްޖެނަމަ، ރޯދަ ނުހިފާށޭ، އެ ކަލޭގެފާނު ނާންގަވައެވެ. ވީމާ ހުރިހާ ދުވަހެއް ވެސް މީގައި ހިމެނޭކަން މިއިން ދަލީލުކޮށްދެއެވެ.

މަސް ފެއްޓުމާމެދު ޝައްކުވުން:

މުޙައްރަމް މަސް ފެއްޓޭ ދުވަހާމެދު ޝައްކު އުފެދި، ޢާޝޫރާ ދުވަހަކީ ކޮން ދުވަހެއްކަން އޮޅޭގޮތްވެއްޖެނަމަ ކަންތައް ކުރަން އެންމެ ރަނގަޅު ގޮތް ބުނެދެއްވަމުން އިމާމް އަޙްމަދު ވިދާޅުވެފައި ވަނީ: ''މަހުގެ ފެއްޓުމާ މެދު ޝުބުހާއެއް އޮވެއްޖެނަމަ، ތިން ދުވަހު ރޯދަހިފާނީއެވެ. އެއީ ނުވަވަނަ ދުވަހާއި ދިހަވަނަ ދުވަނު ރޯދަ ހިފުނުކަން ޔަޤީންކުރުމަށްޓަކައެވެ.'' (އަލްމުޣްނީ: 3ވަނަ ބައި، ރޯދަ، ޢާޝޫރާ ރޯދަ)

ޢާޝޫރާ ރޯދަ: ކޮން އެއްޗެއްގެ ކައްފާރާއެއް؟

މަތީގައި އޮތް ޙަދީޘަކުން، އެނގުނު ގޮތުގައި ޢާޝޫރާ ދުވަހު ހިފާ ރޯދައަކީ ވޭތުވެދިޔަ އަހަރުގައި ކުރެވުނު ފާފަތަކުގެ ކައްފާރާއެކެވެ. ވީއިރު މިއީ ކޮން ކަހަލަ ފާފަތަކެއްހެއްޔެވެ؟ ކުދިފާފަހެއްޔެވެ؟ ބޮޑެތިފާފަހެއްޔެވެ؟

އިމާމް ނަވަވީ -ރަޙިމަހުﷲ- ވިދާޅުވެފައި ވަނީ:

''އެއިން ހުރިހާ ކުދި ފާފަތައް ފޮހެވެއެވެ. އެބަހީ ބޮޑެތިފާފަތައް ނޫން ހުރިހާ ފާފަތަކެއް ފޮހެވެއެވެ.'' ދެން ވިދާޅުވިއެވެ: ޢަރަފާތް ދުވަހު ރޯދަ ހިފުމަކީ ދެ އަހަރު ދުވަހުގެ ފާފަތަކުގެ ކައްފާރާއެކެވެ. އަދި ޢާޝޫރާ ދުވަހު ރޯދަ ހިފުމަކީ އެއް އަހަރު ދުވަހުގެ ފާފަތަކުގެ ކައްފާރާއެކެވެ. އަދި މީހަކު ''އާމީން'' ކިޔާ ވަގުތާއި މަލާއިކަތްބޭކަލުން ''އާމީން'' ކިޔާވިދާޅުވާ ވަގުތާ ދިމާވެއްޖެނަމަ، އޭނާގެ ވޭތުވެދިޔަ ހުރިހާ ފާފައެއް ފޮހެވެއެވެ. ... މި ބުނެވިދިޔަ ހުރިހާ ކަންތަކަކީ ވެސް ފާފަ ފުއްސެވޭ ކަންތަކެކެވެ. އޭނާގެ ކުދިފާފަތަކެއް ހުރެއްޖެނަމަ، އެ ކުދިފާފަތައް ފޮހެވޭނެއެވެ. ކުދިފާފައެއް ވެސް އަދި ބޮޑު ފާފައެއް ވެސް އޭނާގެ ނެތް ނަމަ، އޭގެ ސަބަބުން އޭނާގެ ފަތުގައި ހެޔޮކަންތަކެއް ލިޔެވި، ދަރަޖަތަކެއް އުފުލެއެވެ. ... އޭނާގެ ކުދިފާފަތަކެއް ނެތި، ހުރީ ހަމައެކަނި ބޮޑެތިފާފަތަކެއް ނަމަ، އެ ބޮޑެތިފާތައް ލުއިވެގެންދާނެ ކަމަށް އަހަރެމެން އުއްމީދުކުރަމެވެ. (އަލްމަޖްމޫޢް ޝަރްޙުލް މުހައްޛަބް:6ވަނަ ބައި)

ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ -ރަޙިމަހުއްﷲ- ވިދާޅުވެފައި ވަނީ:

''ވުޟޫއާއި، ނަމާދާއި، ރަމަޟާން މަހާއި ޢަރަފާތް ދުވަހާއި ޢާޝޫރާ ދުވަހުގެ ރޯދައިން ފޮހެވެނީ ހަމައެކަނި ކުދިފާފަތަކެވެ.'' (އަލްފަތާވަލް ކުބްރާ: 5ވަނަ ބައި)

ރޯދައިގެ ޘަވާބަށް ހެއްލުން:

ޢަރަފާތް ދުވަސް، ޢާޝޫރާ ދުވަސް ފަދަ ދުވަސް ދުވަހު ރޯދަ ހިފައިގެން ގިނަ ޘަވާބުތަކެއް ލިބޭތީ، ބައެއް މީހުން އެ ޘަވާބަށް ހެއްލި، އެއަށް ބަރޯސާވެގެން ތިބެވޭގޮތްވެއެވެ. ޢަރަފާތް ދުވަހު ރޯދަ ހިފުމުން ވޭތުވެދިޔަ އަހަރާއި އަންނަން އޮތް އަހަރުގެ ފާފަތައް ފޮހެވި، ޢާޝޫރާ ދުވަހު ރޯދަހިފުމުން ޥޭތުވި އަހަރުގެ ފާފަ ފޮހެވޭތީ ބައެއް މީހުން، ފާފައާމެދު ފަރުވާކުޑަކޮށް، ކުދިފާފަތަކަށް އަރައިގަތުމުގައި ޖެހިލުން ކުޑަކޮށްލައެވެ. ހިތުގައި އަބަދުވެސް އޮންނަނީ ފާފަތައް ފޮހެވޭނެ ކަމަށެވެ.

މިފަދަ މީހުންނަށް ނަސޭހަތް ދެއްވަމުން އިބްނު އަލްޤައްޔިމް ވިދާޅުވަނީ: ''ރަމަޟާން މަހު ހިފާ ރޯދައާއި ފަރުޟު ފަސް ނަމާދަކީ، ޢަރަފާތް ދުވަހާއި ޢާޝޫރާ ދުވަހު ރޯދަ ހިފުމަށްވުރެ މާ މާތް މަތިވެރި ދެކަން ކަމެއް، މިފަދަ ހެއްލުންތެރިއާ އަށް ނޭނގެއެވެ. ޢާޝޫރާ ރޯދައާއި ޢަރަފާތް ދުވަހު ރޯދަ، ކުށް ކައްފާރާކޮށްދެނީ އެ މީހާ ބޮޑެތިފާފަތަކުން ދުރުހެލިވާނަމައެވެ. ފަހެ، ރަމަޟާން މަހާ އަނެއް ރަމަޟާން މަހާ ދެމެދު އަދި ހުކުރު ދުވަހާ އަނެއް ހުކުރު ދުވަހާ ދެމެދުގެ ކުދި ފާފަތައް އެއަށް ކައްފާރާ ކުރެވޭނީ، އެ ދެމެދުގައި ބޮޑެތިފާފަތަކުން ދުރުހެލިވާނަމައެވެ. މި ދެ ކަންތައް އެއްވުމުން (ނަމާދު ކުރުމާއެކު ބޮޑެތިފާފައިން ދުރުހެލިވުން، ނުވަތަ ރޯދަ ހިފުމާއެކު ބޮޑެތިފާފައިން ދުރުހެލިވުން) ކުރެވިފައި ހުންނަ ކުދިފާފަތައް ކައްފާރާކުރުމުގެ ބާރު އެއަށް ލިބެއެވެ.

ތިމާގެ ފާފަތަކަށް ވުރެ ހެޔޮކަންތައް ގިނައޭ ހީކޮށްގެން ހުންނާނީ ހެއްލުންތެރިއެކެވެ. ސަބަބަކީ، އޭނާ އޭނާއަށް ކުރެވޭ ނުބައިކަންތައް ހިސާބުކޮށް، ކުރެވޭފާފަތައް ހޯދައި ނުބަލާތީއެވެ. އަނެއްކޮޅުން ހެޔޮކަމެއް ކޮށްފިއްޔާ އެކަން ގުނައި އެކަން ހަނދާން ބަހައްޓާތީއެވެ. މި ފަދަ މީހާގެ މިސާލަކީ، ދުވާލަކު ސަތޭކަފަހަރު އޭނާގެ ދުލުން އިސްތިޣްފާރުކޮށް ނުވަތަ ތަސްބީޙަކިޔާފައި ދެން މުސްލިމުންނަށް ޣީބަ ބުނެ، މީހުންގެ އަބުރު ވީދާލާ، މާތް ﷲ ނުރުއްސަވާނެ ފަދަ ވާހަކަތައް މުޅި ދުވާލު ދައްކާ މީހާއެވެ. މި މީހާ އަބަދު ވެސް ވިސްނާނީ ތަސްބީޙައާ ތަހުލީލު ކިއުމުގެ މަތިވެރިކަމަށެވެ. ފަހަރެއްގައި ވެސް، ޣީބަ ބުނާ މީހުންނާއި ދޮގުހަދާ މީހުންނާއި ކުޓުވުމާއި އަދި މި ނުން ވެސް ދުލުގެ އާފަތްތަކަށް އޮންނަ ޢުޤޫބާތާ ބެހޭގޮތުން އައިސްފައިވާ އެއްޗަކާ މެދު ސަމާލެއް ނުވާނެއެވެ. ފަހެ މިއީ ކަނޑައެޅިގެންވާ ހެއްލުންތެރިކަމެކެވެ.'' (މައުސޫޢަތުލް ފިޤްހިއްޔާ: 31ވަނަ ބައި، ޣުރޫރް)

 


 

ގުޅުންހުރި:

Comments