ހޮނިހިރު20181110

އާކުރެވުނީ: 08:43:52

ޒިނޭކޮށްގެން ލިބޭ ދަރިވެއްޓުން

dharivettun-zineykoggen-libeyދަރިވެއްޓުމާ ބެހޭގޮތުން ފިޤުހުވެރިން ދައްކާފައިހުރި ގިނަ ވާހަކަތަކުގައި، އެއީ ޙަލާލުގޮތުގައި ލިބިފައިވާ ދަރިއެއްތޯ ނުވަތަ ނަޙަލާލަށް ލިބިފައިވާ ދަރިއެއްތޯ، ތަފާތެއް ކޮށްފައި ނެތެވެ. ދަރިލިބުނު ގޮތަކާ ބެހޭގޮތުން ވާހަކަދެއްކުމުގެ ބަދަލުގައި، ފިޤުހުވެރިން ބޮޑަށް އިސްކަންދީފައިވަނީ، ދަރިވެއްޓުމުގެ ޢާއްމު ޙުކުމާމެދު ބަހުސްކުރުމަށެވެ. ފަހަރެއްގައި މީގެ ސަބަބަކީ، އެމީހުން ދެކޭގޮތުގައި، ނަޙަލާލަށް ލިބޭ ދަރިން ވެއްޓުމުގެ ޙުކުމަކީ، ޙަލާލަށް ލިބޭ ދަރިން ވެއްޓުމުގެ ޙުކުމާ އެއްފަދަ، އެއަށް ތަބާވާ ޙުކުމެއްކަމަށް ދުށުމެވެ. ޙަލާލަށް ލިބޭ ދަރިއަކު، އާދައިގެ ހާލަތްތަކުގައި ވެއްޓުމަކީ ޙަރާމްކަމަކަށް ވާހިނދު، ނަޙަލާލަށް ލިބޭ ދަރިއަކު ވެއްޓުމުގެ ޙަރާމްކަން ބޮޑުވުން އައުލާވެގެންވެއެވެ. އެހެނީ، ނަޙަލާލަށް ލިބޭ ދަރިންވެއްޓުމަކީ، ޒިނޭކުރުމަށާއި ފަޙިޝްކަންތަކަށް ދެވޭ ހިތްވަރެކެވެ. ނުވަތަ އެހީއެކެވެ. އެނގޭނެ ފަދައިން، އިސްލާމްދީނުގައި ފާޙިޝް ކަންތައް ޙަރާމްކުރާފަދައިން، އެފަދަ ކަމަކަށް މަގުފަހިކޮށްދޭ ހުރިހާ ކަމެއްވެސް ޙަރާމްކުރެއެވެ.

އަދި ހަމައެހެންމެ، އެހެން މީހެއް ކުރި ކުށަކަށްޓަކައި، ކުށެއް ނެތް ކުއްޖަކު މަރާލުމަކީ ޢަދުލު އިންސާފާވެސް ދުރު ޢަމަލެކެވެ.

ޣާމިދިއްޔާ ޒިނޭކޮށްގެން ބަލިވެއިނީމާ، ވިހަންދެން، އޭނާގެ މައްޗަށް ހައްދު ޤާއިމުކުރުން، ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ވަނީ ފަސްކުރައްވާފައެވެ. އަދި ވިހެއުމަށް ފަހު އޭނާ އައިމާ، އަނެއްކާ ކިރުދީ ނިމެންދެން ފަސްކުރެއްވިއެވެ. މިޙަދީޘާ ބެހޭގޮތުން އިމާމް ނަވަވީ ވިދާޅުވެފައިވަނީ: ''ޒިނޭއިން ވިޔަސް އަދި އެނުންގޮތަކަށް ވިޔަސް މާބަނޑު އަންހެނަކު، ވިހަންދެން އޭނާ ރަޖަމުނުކުރެވޭނެއެވެ. މިއީ އިޖްމާޢުވެވިފައިވާ ކަމެކެވެ. ރަޖަމުނުކުރަންޖެހޭ ސަބަބަކީ، އޭނާގެ ބަނޑުގައި އޮތް ދަރި މަރުވިޔަ ނުދިނުމެވެ. އަދި ހަމަމިފަދައިން، މާބަނޑު މީހެއްނަމަ އޭނާގެ ގައިގައި ހައްދުވެސް ނުޖެހޭނެއެވެ.'' މިއިން އެނގެނީ، އިސްލާމްދީނުގައި، ބަނޑުގައިވާ ދަރިފުޅަށް ދީފައިވާ އަހައްމިތުގެ ބޮޑުކަމެވެ. ވީމާ ނަހަލާލަށް ލިބުނު ކުއްޖަކަށް ވިޔަސް އެ ކުއްޖާ ވައްޓާލާ މެރުމަކީ ދީނުގައި ހުއްދަވާނެ ކަމެއް ނޫނެވެ.

އިސްލާމްދީނުގައި ޒިނޭކުރުން ޙަރާމްކޮށްފައިވަނިކޮށް، އަމިއްލަ ޝަހުވަތުގެ ފަހަތުން ހިނގަމުން ގޮސް ޒިނޭކޮށްގެން ކުއްޖަކު ލިބުނީމާ، އެ ކުއްޖާ މަރާލިއަސް އެންމެ ރަނގަޅުކަމަށް އިސްލާމްދީން ފަހެ ބުނެފާނެހެއްޔެވެ؟

ޟަރޫރަތަކަށްޓަކައި، ސާޅީސްދުވަސް ވުމުގެކުރިން ދަރިވެއްޓުން ހުއްދަކަމަށް ބުނި ޢިލްމުވެރިން އެހެން ބުނީވެސް، އިސްލާމީ ފިޤުހުގައި އޮންނަ 'ޚާއްޞަ ހުއްދަ' ދިނުމުގެ އުސޫލަށް ބަލާފައެވެ. ރޯދަމަހު ޢުޒުރަކަށްޓަކައި ރޯދަ ދޫކޮށްލުމާއި، ދަތުރުމަތީގައި ނަމާދު ކުރުކުރުން ފަދަ ޚާއްޞަ ހުއްދަ ދެވެނީވެސް، އެކަމުގައި ހުއްދަ ނޫންކަމެއް ހިމެނިފައި ނެތިއްޔާއެވެ.

މިކަމާ ބެހޭގޮތުން އިމާމް އަލްޤަރާފީ ވިދާޅުވެފައިވެއެވެ: ''ފަހެ ފާފައެއް ހިމެނޭ ކަމެއްގައި، ޚާއްޞަ ހުއްދައެއް ނުލިބޭނެއެވެ. އެހެންވެ. ނުބައިކަމަކު ދަތުރުކުރާ މީހާއަށް ޤަޞްރުކުމެއް އަދި ރޯދަ ދޫކުރުމެއްވެސް ނޯވެއެވެ. އެހެނީ، ނުބައި ކަމަކަށްޓަކައި ދަތުރުކުރާ މީހަކަށް، ލުއިފަސޭހަކުރުމުގެ ގޮތުން ޚާއްޞަ ހުއްދައެއް ދިނުމަކީ، ކުރުން އެކަށީގެންވާ ކަމެއް ނޫނެވެ. ސަބަބަކީ، ފާފަ ހިމެނޭ ކަންތައްތަކުގައި، ލުއިފަސޭހަކުރުމުގެ ގޮތުން ޚާއްޞަ ހުއްދައެއް ދިނުމަކީ، އެފަދަ ފާފަތައް އިތުރުވެ ގިނަވާނެ ކަމެކެވެ.''

ވީމާ މިހިސާބުން އެނގޭ އެއްޗަކީ، ޙަލާލު ގޮތުގައި ލިބޭ ދަރިން ސާޅީސް ދުވަސް ނުވަތަ، ސަތޭކަވިހި ދުވަސް ވުމުގެ ކުރިން، މުހިއްމު އުޒުރަކަށްޓަކައި ވެއްޓުން ހުއްދަ ކުރުމަށް ބޭނުންކުރެވޭ 'ޚާއްޞަ ހުއްދަ' އެއީ ފަހަރެއްގައި ވެސް، ނަހަލާލަށް ބަނޑުބޮޑުވީމާ ދަރިންވައްޓަން ބޭނުންކުރެވޭނެ އެއްޗެއް ނޫންކަމެވެ.

ﷲ އަށް ބިރުވެތިވެގެން ޒިނޭއިން ދުރުނުވާ މީހަކު، ޒިނޭކޮށްގެން ބަނޑުބޮޑުވެދާނެތީ ގަންނަ ބިރެއްގެ ސަބަބުން ވެސް، ފަހަރެއްގާ އެކަމުން ދުރުވެދާނެއެވެ. އެހެނީ ޒިނޭކޮށްގެން ބަނޑުބޮޑުވުމަކީ މީހުންގެ ކުރިމަތީގައި އޭނާ ފަޟީޙަތްވެ، މުޅި ޢުމުރު ދުވަހަށް ލިބޭ ޢިބްރަތްތެރި ފިލާވަޅަކެވެ.

އިސްލާމްދީނުގައި ވަނީ ޒިނޭކުރުމާއި އަދި ޒިނޭއާ ކައިރިވެވޭ ހުރިހާ ކަމެއްވެސް ޙަރާމްކޮށްފައެވެ. ޒިނޭކުރުމަކީ ބޮޑުވެގެންވާ ފާފަތަކުގެ ތެރެއިން ފާފައަކަށް ވާހިނދުވެސް، ޒިނޭކޮށްގެން ލިބޭ ދަރިއާ މެދު އިސްލާމްދީން ކަންތައްކުރާ ގޮތް، ޒިނޭކުރުން ހުއްދަކޮށް، އެކަމަށް ދޮރުތަކާއި ކުޑަދޮރުތައް ހުޅުވާލާ ޘަޤާފަތްތަކުގެ މީހުން، ކަންތައްކުރާ ގޮތަށް ވުރެ މާ އިންސާނީވެފައި މާ ޢަދުލުވެރިއެވެ. އިސްލާމްދީން މިފަ ކުއްޖާގެ ޙަޔާތް ރައްކާތެރިކޮށްދެއެވެ. ޠާހިރު ދިރިއުޅުމަކަށް އޭނާއަށް މަގުފަހިކޮށްދެއެވެ. އަދި އޭނާގެ މަންމަ އެއް ޒަމާނެއްގައި ކުރި ފާފައެއްގެ ހުތުރު އޭނާ ބޮލުގައި އަޅުވައި، އެގޮތުން އޭނާއާ ދިމާކޮށް އެއްޗެހި ކިޔާ، މަލާމާތްކުރުމަކީ ދީނުގައި ހުއްދަކަމެއް ނޫނެވެ. މަންމަކުރި ފާފައަކީ އެއީ އޭނާއާ ބެހޭ ކަމެއް ނޫނެވެ.

ކީރިތި ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަގެ ޙަޔާތްޕުޅުގައި ޣާމިދިއްޔާ އޭ ކިޔޭ އަންހެނަކު، ޒިނޭކުރުމަށްފަހު އެކަމާ ދެރަވެ، ތައުބާވުމުގެ ގޮތުން ބޭނުންވީ، ދޫނުކޮށް ކިޔައިގެންވެސް ޙައްދު ޤާއިމުކުރުވާށެވެ. ނަމަވެސް ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އޭނާގެ ބަނޑުގައި އޮތް ދަރިފުޅަށް ރިޢާޔަތްކުރައްވައި، އެކުއްޖާ އުފަންވަންދެން ދާށޭ ޙަދީޘްކުރައްވާ ފޮނުވާލެއްވިއެވެ. ދެން މަސްތަކެއްފަހުން ކުއްޖާ އުފަންވީމާ، ފޮތިގަނޑެއްގައި ކުއްޖާ އޮޅައިގެން އައިސް، މިއައީ ކަމުގައި ދެންނެވިއެވެ. އެހިނދު، ކުއްޖާއަށް ކިރުދޭން ދާށޭ، ރަސޫލާ ޙަދީޘްކުރެއްވިއެވެ. އަދި އޭގެ ދެއަހަރުފަހުން ކުއްޖާއަށް ކިރުދީ ނިމުނީމާ އަނެއްކާވެސް އޭނާ، ރަސޫލާ އަރިހަށް އައެވެ. އައިއިރު އައީ ކުއްޖާވެސް ގޮވައިގެންނެވެ. އެހިނދު ރަސޫލާ ބެއްލެވީ، އެ ކުއްޖާއާ ހަވާލުވެ، އެކުއްޖާ ބަލާބޮޑުކޮށް ތަރުބިއްޔަތު ކުރާނެ މީހަކު ހުރިތޯއެވެ. ދެން އެތަނުން މުސްލިމަކު އެ ކުއްޖާއާ ހަވާލުވުމުން، ޣާމިދިއްޔާ ރަޖަމުކުރެވުނެވެ. އަދި އެތާ އެވަގުތު ހުރި މީހަކު ޣާމިދިއްޔާއާ ދިމާލަށް ބަދުބަހެއް ބުނީމާ، ރަސޫލާ ޙަދީޘްކުރެއްވީ، ޣާމިދިއްޔާ ވީ ތައުބާ، މަދީނާގެ ހަތްދިހަ މީހުންނަށް ބެހިޔަސް ފުދޭކަމަށެވެ.

ޒިނޭކޮށްގެން ލިބޭ ކުއްޖަކަށް ވިޔަސް، އެއީ އިންސާނަކެވެ. އެހެންވެ އިސްލާމްދީނުގައި އިންސާނަކަށް ލިބިގެންވާ ފުރިހަ ކަރާމާތް އެކުއްޖާއަށް ވެސް ދޭކަން، މި ހާދިސާއިން އެބައެނގެއެވެ. ނަމަވެސް ޒިނޭކުރުން ހުއްދަކުރާ ޘަޤާފަތްތަކުގައި، މަންމަ ކުރާ ކުށުގެ ހުރިހާ ގެއްލުމެއް ލިބެނީ ދަރިފުޅަށެވެ. އެ ދަރިފުޅު ބަނޑުގައި އޮއްވާ ދޮވެ ވައްޓާލައެވެ. ނުވަތަ ވިހެއުމަށް ފަހު ކަރުގައި ހިފާ މަރާލައެވެ. މަރުން ސަލާމަތްވެއްޖެއްޔާ، އޭނާ ދާނީ އެފަދަ ކުދިން ބާއްވަން ހަސްފަތާލުތަކާއި ފައްޅިތަކުގައި ބަހައްޓާފައި ހުންނަ ކުޑަދޮރަކަށެވެ. ނުވަތަ ޔަތީމު ޚާނާއަކަށެވެ.

ނަމަވެސް މިހެން މިވާހަކަ ދައްކާފައި، މިހާރު އަހަރެމެން މުސްލިމުން ވަކި ރަނގަޅޭ ކިޔާފައި ފަޚްރުވެރިވެވޭނެ ޖާގަ ދުވަހެއް ދުވަހަކަށް ދަނީ ހަނިވަމުންނެވެ. މިއީ ހިތާމަހުރި ކަމެކެވެ. މުސްލިމް ޤައުމުތަކުގައިވެސް ޒިނޭކުރުން ކުރިއަށްވުރެ އިތުރުވެ، ދަރިވެއްޓުމާއި ދަރިން މެރުން ވަނީ އިތުރުވެފައެވެ. ވީމާ މިއީ ޤައުމީ ފެންވަރުގައި ބަހުސްކޮށް، ސަބަބުތައް ބަލައި، ހައްލު ހޯދަންޖެހިފައިވާ މައްސަލައެކެވެ.

ޚުލާޞާއަކީ:

ޒިނޭކޮށްގެން ލިބޭ ދަރިން ވެއްޓުމަކީ ދީނީ ގޮތުން ހުއްދަކަމެއް ނޫނެވެ. ސަތޭކަވިހި ދުވަސް ވުމަށް ފަހު މީހަކު ޒިނޭކޮށްގެން ލިބު ދަރިވައްޓައިފިއްޔާ، އެއީ ކުރިން އޭނާ ކުރި ޒިނޭގެ ފާފައަށް ވުރެ މާ ބޮޑު ފާފައެއްކަމުގައިވާ، ނަފްސެއް ޤަތުލުކުރުމެވެ. ސަތޭކަވިހި ދުވަސްވުމުގެ ކުރިން މީހަކު މިފަދަ ކަމެއް ކޮށްފިއްޔާ، އޭގެ ދިޔައިގެ ގޮތުގައި ފުރިހަމަ ދިޔައެއް ނުވަތަ ޣުއްރާއެއް ދޭންޖެހޭނެއެވެ. އަދި ކައްފާރާދީ ތައުބާވާންޖެހޭނެއެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.