Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ފަހުގެ މައްސަލަތައް ﷲ ބާވައިލެއްވި ޝަރީޢަތަށް ޢަމަލުކުރުމާއި، މުސްލިމުން އެއަށް ތަބާވުން ވާޖިބުވުން

ﷲ ބާވައިލެއްވި ޝަރީޢަތަށް ޢަމަލުކުރުމާއި، މުސްލިމުން އެއަށް ތަބާވުން ވާޖިބުވުން

shareeaa-vaajibvunމުސްލިމުންގެ މައްޗަށް ﷲ ބާވައިލެއްވި ޝަރީޢަތާ އެއްގޮތަށް ޙުކުމްކުރުމާ ބެހޭ ގޮތުން، ބައެއް މީސްމީހުންގެ ދުލުންނާއި ޤަލަމުން އެކި ގޮތްގޮތަށް، މި ދުވަސްވަރު ދެކެވެމުން އެބަދެއެވެ. މިގޮތުން ދީނީ ޢިލްމެއް، އަދި އިސްލާމީ ޝަރީޢަތުގެ ފަހުމެއް ލިބިފައި ނެތް، މި މީސްމީހުން ވަރަށް ޢަޖާއިބުކުރުވަނިވި ވާހަކަތަކެއް ދައްކާފައި އެބަހުއްޓެވެ. މީގެ ތެރެއިން ބައެއް މީހުން ބުނާ ގޮތުގައި، ﷲ ބާވައިލެއްވި ޝަރީޢަތާއި އެކަލާނގެ ޙުކުމްފުޅާ އެއްގޮތަށް ޢަމަލު ނުކުރާ މީހުންނަށް އިންކާރުކުރައްވާ، އަދި އެ ފަދަ މީހުންނަކީ 'ކާފިރުން' 'ޡާލިމުން' އަދި 'ފާސިޤުން' ކަމަށް ކަނޑައަޅުއްވާ ޤުރުއާނުގައި ބާވައިލައްވާފައިވާ އާޔަތްތަކުގެ މުރާދަކީ، މުސްލިމުންނެއް ނޫނެވެ. ކިއެއްތަ،

އެއީ އަހުލުކިތާބީންގެ ތެރެއިން ޔަހޫދީންނާއި ނަޞާރާއިންނާ ބެހޭ ގޮތުން ބާވައިލެއްވިފައިވާ އާޔަތްތަކެކެވެ. އާޔަތް ބާވައިލެއްވުނު ސަބަބާއި، އާޔަތް އައިސްފައިވާ މަގަށް ބަލާއިރު ވެސް މި ކަން އެނގޭ ކަމަށް، މިފަދަ މީހުން ދަޢްވާކުރެއެވެ

އަދި އަލްމާއިދާ ސޫރަތުގެ 49 ވަނަ އާޔަތާ ބެހޭ ގޮތުން ވެސް މި މީހުން ބުނަނީ، މި އާޔަތުގައި ވާހަކަ ދެކެވޭ މައުޟޫޢަކީ، މުސްލިމުންނާއި އަހުލު ކިތާބީންގެ ދެމެދުގައި ޙުކުމް ކުރުމުގެ ވާހާކައެވެ. ފަހަރެއްގައި ވެސް މުސްލިމުން މުސްލިމުންގެ މެދުގައި ޙުކުމްކުރުމުގެ ވާހަކައެއް ނޫނެވެ! އަދި މީގެ ތެރެއިން ބައެއް މީހުން ބުނި ގޮތުގައި، އިސްވެ އިޝާރާތްކުރެވުނު އާޔަތްތެރޭގައި މުސްލިމުން ހިމެނޭ ކަމަށް ބަލައިފިއްޔާ، އޭގެ މާނައަކަށް ވާނީ، އަރާރުންތަކާ ދޭދޭ މައްސަލަތަކުގައި ފައިޞަލާކުރުމެވެ. އަދި އެއީ ޤާޟީންގެ ކަމެކެވެ. ވީމާ ފަހަރެއްގައި ވެސް މި އާޔަތްތަކުގެ މާނައަކީ، ސިޔާސީ ބާރުތަކުން ކުރާ ސިޔާސީ ޢަމަލެއް، ނުވަތަ ބަރުލަމާނުން އެކަށައަޅާ ޤާނޫނުތައް ޝާމިލުވާ މާނައެއް ނޫނެވެ.

އަދި ބައެއް މީހުން ބުނާ ގޮތުގައި، އިސްލާމީ މުޖްތަމަޢްތަކުގައި އިސްލާމީ ޝަރީޢަތް ތަންފީޒުކުރުމަށް ގޮވާލާ މީހުން އެ ގޮވާލާ މާނައިގައި، ކީރިތި ޤުރުއާނުގައި 'ޝަރީޢަތް' މި ބަސް އައިސްފައި ނެތެވެ. ޤުރުއާނުގައި މި ކަލިމަ އައިސްފައި ވަނީ، މައްކާގައި ޤުރުއާން ބާވައިލެއްވުނު މަރުޙާލާގައި، ޢަޤީދާއާއި އަޚްލާޤާއި، ހެޔޮކަންތައްތަކާ ބެހޭ ގޮތުން މާތް ﷲ ކަނޑައަޅުއްވާ އެކަށައެޅުއްވި މަގުގެ މާނައިގައެވެ. އަލްޖާޘިޔާ ސޫރަތުގެ 18 ވަނަ އާޔަތުގައި އައިސްފައިވާ ފަދައިންނެވެ.

ވީމާ، އަޅުގަނޑުމެން، ޢިއްޒަތްތެރި ޝައިޚް އަރިހުން އެދެނީ، މި އޮޅުވާލުންތަކަށް އަލިއަޅުއްވާ، މިއަށް ރައްދެއް ދެއްވުމެވެ.

ޖަވާބު: އައްޝައިޚް ޔޫސުފް އަލްޤަރަޟާވީ

ﷲ އަށް ޙަމްދާއި ޘަނާ ދެންނެވުމަށް ފަހު، އަދި އެ ކަލާނގެ ރަސޫލާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރުމަށް ފަހު، ދެން ބުނަން އޮތް ވާހަކައަކީ މިތާނގައި މުހިއްމު އަސާސީ ނުކުތާތަކެއް ފާހަނގަކޮށްލަން، އެބަ ޖެހޭ ކަމެވެ.

އެކެއް: ދީނުން ކޮންމެހެން އެނގޭ ކަންތައްތަކެއް ވޭ.

ދީނުން ކޮންމެހެން އެނގޭ ކަންތައްތަކޭ (އަލްމަޢްލޫމް މިނައްދީން ބިއްޟަރޫރާ) ކިޔުއްވާ، މި އުއްމަތުގެ ބޮޑެތި ޢިލްމުވެރިން ނަންދެއްވާފައިވާ ކަންތައްތަކެއް އޮވެއެވެ. މި ބަހުގެ މާނައަކީ، އުއްމަތުގެ ޢާއްމުންނަށާއި ޚާއްޞުންނަށް ވެސް އެނގޭ، ދީނުގެ ޙުކުމްތަކެވެ. އަދި އެކަމަށް ކޮންމެހެން ދަލީލެއް ބޭނުންނުވާ ވަރަށް، އެކަން އޮންނާނީ އުއްމަތުގެ ޖީލުތަކުގެ މެދުގައި ޢާއްމުވެ ފެތުރިފައެވެ. އެހެނީ އެއީ، ތަވާތުރު ކަމެއްގެ ގޮތުގައި، އަދި ތާރީޚީ ޔަޤީންކަމެއްގެ ގޮތުގައި މުސްލިމުން ބަލައިގެންފައިވާ ކަންތަކެކެވެ.

މި ބުނި ކަންތައްތަކަކީ، އިސްލާމީ އުއްމަތް އިޖްމާޢުވެފައިވާ، އުއްމަތުގެ ސާބިތުކަންތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. އުއްމަތުގެ ފިކުރީ އެއްބައިވަންތަކަމާއި، ރޫޙީ އެއްބައިވަންތަކަމާއި ޢަމަލީ އެއްބައިވަންތަކަން ވެސް، ބިނާވެފައި ވަނީ މި ސާބިތުކަންތަކުގެ މައްޗަށެވެ. ވީމާ މިއީ، މުސްލިމުންގެ މެދުގައި އަލުން ބަހުސްކޮށް ވާހަކަ ދައްކަން ހުށައެޅިދާނެ އެއްޗެއް ނޫނެވެ. މި ކަންތައްތަކާ މެދު ބަހުސްކޮށް މުރާޖަޢާކުރަން ފަށައިފި ނަމަ، އޭގެ މާނައަކީ އެ ބަޔަކު އެތިބީ އިސްލާމް ދީނާ މެދުވެސް އަލުން ބަހުސްކޮށް މުރާޖަޢާކުރާށެވެ.

ﷲ ގެ ޝަރީޢަތަށް ޢަމަލުކޮށް އެ ކަލާނގެ ޙުކުމްފުޅަށް ބޯ ލެނބުމަކީ، ދެންމެ މި ބުނެވުނު ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް އަހަރެން ޤަބޫލުކުރަމެވެ. މާތް ﷲ، އެ ކަލާނގެ ޙުކުމްފުޅުތައް ޤުރުއާނުގައި ބާވައިލެއްވީ، އަދި އެ ކަލާނގެ ފޮނުއްވި ރަސޫލުބޭކަލުން ދޫފުޅުން އެ ބަޔާންކުރެއްވެވީ، އެ އާޔަތްތަކުން ހަމައެކަނި ބަރަކާތް ލިބިގަންނާކަށެއް ނޫނެވެ. އަދި މަރުވާ މީހާގެ މައްޗަށް ކިޔަވާކަށެއް ވެސް ނޫނެވެ. ނުވަތަ ރީތި ގޮތް ގޮތަށް ފިލާތަކުގައި ލިޔެ، ޒީނަތެއްގެ ގޮތުން ފާރުގައި އެލުވާކަށެއް ވެސް ނޫނެވެ. ކިއެއްތަ، އެ ކަލާނގެ އެ ޤުރުއާން ބާވައިލެއްވީ، އެއަށް ތަބާވެ، އޭގައިވާ ޙުކުމްތައް ޤާއިމުކޮށް ތަންފީޒުކުރުމަށެވެ. މީސްތަކުންގެ މެދުގައި އެއާ އެއްގޮތަށް ޙުކުމްކުރުމަށެވެ. ﷲ ގެ އަމުރުފުޅާއި ނަހީފުޅާއި، އެ ކަލާނގެ ޙުކުމްފުޅާއި ޝަރީޢަތާއި، އެއްގޮތްވާ ގޮތުގެ މަތިން ދުނިޔޭގެ ޙަޔާތް ބައްޓަންކުރުމަށެވެ.

ﷲ އަކީ ހައްދަވާ ބޮޑުކުރެއްވި ކަލާނގެ ކަމާއި، ދީނަކީ އިސްލާމް ދީން ކަމާއި، ރަސޫލަކީ މުޙައްމަދުގެފާނު ކަމާއި، މަގަކީ ޤުރުއާން ކަމަށް، އީމާންވެ ރުހޭ މީހަކު، ﷲ އާއި އެކަލާނގެ ރަސޫލާގެ ޙުކުމްފުޅުތަކުގެ ކުރިމަތީގައި، ތިމަން އަޑުއަހައި ކިޔަމަންވެއްޖައީމޭ ބުނަން، މަތީގައި ބުނެވުނު މިވަރުން ފުދެއެވެ. ކަނޑައެޅިގެން އެނގެން ހުރި ނައްޞުތަކާއި، ސާބިތު ޝަރުޢީ ޤަވާޢިދުތަކުން އިތުރު ދަލީލުތަކެއް، އޭނާއަށް ބޭނުމެއް ނުވާނެއެވެ.

ދޭއް: ﷲ ބާވައިލެއްވި ގޮތަށް ޙުކުމް ކުރުން ވާޖިބުކަމުގެ ދަލީލުތައް ވަރަށް ގިނަ.

މިއީ ވާޖިބު ކަމެއް ކަމަށް އިތުރު ދަލީލުތަކެއް ބޭނުން ނުވާނެ ކަމަށް އަހަރެން ބުނި ބުނުން، އިހަށް ދޫކޮށްލާފައި، ﷲ ބާވައިލެއްވި ގޮތަށް ޙުކުމް ކުރުމާއި އަދި މުސްލިމުން އެއަށް ތަބާވުން ވާޖިބުކަމުގެ މައްޗަށް، ޔަޤީންކަމާއެކު ދަލީލު ހޯދާ ދެއްކެން ވެސް އެބަހުއްޓެވެ. މި ބީދައިން ބުނަން އޮތް ވާހަކައަކީ:

ﷲ ބާވައިލެއްވި ގޮތަށް ޙުކުމް ނުކުރާ މީހުންނަކީ، 'ކާފިރުން' 'ޡާލިމުން' އަދި 'ފާސިޤުން' ކަމަށް ސިފަކުރައްވާފައިވާ، އަލްމާއިދާ ސޫރަތުގެ އާޔަތްތައް ނޫނަސް، ޤުރުއާނުގެ އިތުރު އެތަކެއް އާޔަތަކާއި އަދި ސުންނަތުގެ އެތަކެއް ޙަދީޘެއް އެބަ އޮތެވެ. މި އާޔަތްތަކާއި ޙަދީޘްތަކުން ވަރަށް ޔަޤީންކޮށް އަދި ވަރަށް ސާފުކޮށް ދަލީލުކޮށްދެނީ، ﷲ ބާވައިލެއްވި ގޮތަށް ޙުކުމްކުރުން ލާޒިމުކަމެވެ. އަހަރެމެން ބޭނުންވާ ގޮތާއި އެއްގޮތް ވިޔަސް ނުވިޔަސް، ﷲ ގެ ޙުކުމްފުޅަށް ކިޔަމަންވާންޖެހޭނެ ކަމެވެ.

ސޫރަތުއް ނިސާ ގެ މި އަޔާތްތައް ކިޔާލަމާ ހިނގާށެވެ:

يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّهَ وَأَطِيعُوا الرَّسُولَ وَأُوْلِي الأَمْرِ مِنْكُمْ فَإِنْ تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللَّهِ وَالرَّسُولِ إِنْ كُنتُمْ تُؤْمِنُونَ بِاللَّهِ وَالْيَوْمِ الآخِرِ ذَلِكَ خَيْرٌ وَأَحْسَنُ تَأْوِيلاً (59) أَلَمْ تَرَ إِلَى الَّذِينَ يَزْعُمُونَ أَنَّهُمْ آمَنُوا بِمَا أُنزِلَ إِلَيْكَ وَمَا أُنزِلَ مِنْ قَبْلِكَ يُرِيدُونَ أَنْ يَتَحَاكَمُوا إِلَى الطَّاغُوتِ وَقَدْ أُمِرُوا أَنْ يَكْفُرُوا بِهِ وَيُرِيدُ الشَّيْطَانُ أَنْ يُضِلَّهُمْ ضَلالاً بَعِيداً (60)  وَإِذَا قِيلَ لَهُمْ تَعَالَوْا إِلَى مَا أَنزَلَ اللَّهُ وَإِلَى الرَّسُولِ رَأَيْتَ الْمُنَافِقِينَ يَصُدُّونَ عَنْكَ صُدُوداً (61)

އާޔަތްތަކުގެ ތަފްސީރީ މާނަ: ''އޭ ﷲ އަށް އީމާންވެ، އެ ކަލާނގެ ރަސޫލާ ތެދުކޮށް، އެ ކަލާނގެ ޝަރީޢަތަށް އުޅޭ މީހުންނޭވެ! ﷲ ގެ އަމުރުފުޅުތަކަށް އިޖާބަދީ ކިޔަމަންވާށެވެ. އަދި އެ ކަލާނގެ ރަސޫލާ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަށް ކިޔަމަންވެ، ގެންނެވި ޙައްޤު މަގަށް އިޖާބަދޭށެވެ. އަދި ޢަދުލާއި ޙައްޤު ކަންތައްތަކުގައި، ތިޔަބައިމީހުންގެ ކަންތައްތަކާ ހަވާލުވެގެން ތިބޭ ތިޔަބައިމީހުންގެ ވެރިންނަށް ކިޔަމަންވާށެވެ. ދެން ކަމަކާއި މެދު ތިޔަބައިމީހުން ދެބަސްވެއްޖެނަމަ، އެކަމަކާމެދު ގޮތެއް ނިންމާ ޙުކުމް ކުރުމަށް، އެ ކަލާނގެ ބާވައިލެއްވި ފޮތާއި، އެ ކަލާނގެ ރަސޫލާގެ ސުންނަތަށް ރުޖޫޢަވާށެވެ. ތިޔަބައި މީހުން ހަމަ ރަނގަޅަށް ވެސް ﷲ އަށާއި އަދި އާޚިރަތް ދުވަހަށް އީމާންވާނަމަ، މިހެން މިކަންތައް ކުރާށެވެ. އެ ގޮތަށް ޤުރުއާނަށާއި ސުންނަތަށް ރުޖޫޢަވެ، އޭގައިވާ ޢަދުލުގެ މަގުން ހިނގުމަކީ، ދެބަސްވެ އަރާރުންވުމާއި، އަސާސެއް ނެތް ބުނުންތަކެއް ބުނުމަށް ވުރެ، ހެޔޮ ގޮތެކެވެ. އަދި ނިމުމަކަށް ރަނގަޅު ގޮތެކެވެ. (59) ކަލޭގެފާނަށް ބާވައިލެއްވުނު ފޮތަށާއި -ޤުރުއާނާއި- އަދި ކަލޭގެފާނުގެ ކުރީގެ ރަސޫލު ބޭކަލުންނަށް ބާވައިލެއްވުނު ފޮތްތަކަށް އީމާންވެގެން ތިބި ކަމަށް ބުނެ ދަޢްވާކުރާ މުނާފިޤުންގެ ކަންތައް ހުރި ގޮތް، ކަލޭގެފާނު ދެކެވަޑައި ނުގަންނަވަމުތޯއެވެ! ފަހެ އެ މީހުންގެ މެދުގައިޖެހޭ މައްސަލަތަކުގެ ފައިޞަލާކޮށް ޙުކުމްކުރަން، އެ މީހުން އެ ބޭނުންވަނީ، ﷲ ބާވައިލައްވާފައިވާ ޝަރީޢަތް ނޫން، ބާޠިލް ތަކެއްޗަށެވެ. އެކަމަކު އެ މީހުންނަށް ﷲ ކިބަފުޅުން އަމުރުކުރެވިފައި ވަނީ، ބާޠިލް ތަކެއްޗަށް ކުފުރުވުމަށެވެ. އެއަށް ޙުކުމްކޮށް، އޭގެ ބަސް ތެދުކޮށް ކިޔަމަން ނުވުމަށެވެ. ފަހެ، ޝައިޠާނާ އެދެނީ ދުރުވެގެންވާ މަގުފުރެދުމަކުން އެބައި މީހުން މަގުފުރައްދާ، ޙައްޤު މަގުން ދުރުކޮށްލުމަށެވެ. {އީމާންކަން ތެދުވެރި ނަމަ، ﷲ ގެ ޝަރީޢަތަށް ކިޔަމަންވާން ޖެހޭކަމާއި، ހުރިހާ ކަމެއްގައި ވެސް އެ ޙުކުމްވެރި ކުރަންޖެހޭކަން، މި އާޔަތުން ދަލީލުކޮށްދެއެވެ. ވީމާ މުއުމިނެކޭ ކިޔާފައި، ޠާޣޫތު ޙުކުމްތައް އިޚްތިޔާރު ކުރާ މީހާ ވާނީ، މުއުމިނެކޭ ބުނެ ދަޢްވާ ކުރާ މީހަކަށެވެ. އެހެން ހީކުރާ މީހަކަށެވެ.} (60) މާތް ﷲ ބާވައިލައްވާފައިވާ ފޮތަށާއި، އަދި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އާއި އަދި އެކަލޭގެފާނު ދެއްކެވި ގޮތަށް، ރުޖޫޢަވެ އޭގައިވާ ގޮތަށް ޙުކުމްކުރަން އަންނާށޭ ބުނެވޭ ހިނދު، އީމާންކަން ފާޅުކޮށްގެން ކުފުރުކަން ފޮރުވައިގެން ތިބޭ މީހުން، ކަލާގެފާނަށް ފުރަގަސްދީ އެނބުރިގަތުމަކުން އެނބުރިގަންނާތީ ފެނިވަޑައިގަންނަވާނެއެވެ. (61)''

ދެން ޖެހިގެން އޮތް ބާހައްޓި ވަނަ އާޔަތުގައި ވަނީ، ﷲ ބާވައިލެއްވި ފޮތާއި، ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙުކުމްވެރި ކުރުމަށް ފުރަގަސްދީ، ބާޠިލް ތަކެއްޗަށް ޙުކުމްވެރިކުރުމުން، އެ މީހުން މި ކުޅަ ނުބައި ޢަމަލުގެ ސަބަބުން ގެއްލުމާއި މުޞީބާތެއް ޖެހިގެން، މި މުނާފިޤުންތައް ކީރިތި ރަސޫލާ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަރިހަށް ދާން މަޖުބޫރުވެއްޖެނަމަ، ހާލަތު ހުންނާނެ ގޮތެވެ. އެމީހުން ޢުޛުރުވެރިވާން، ހުވާކޮށްކޮށްފައި ދޮގު ބަހަނާތަކެއް ދައްކާނެ ވާހަކައެވެ. ތިމަންމެން އެކަން އެހެން ކުރީ، ރަނގަޅަކަށް ކަމަށާއި، އަދި ޚަޞްމުން ޞުލްޙަ ކުރުމަށް ކަމަށް ވެސް ބުނާނެ ވާހަކައެވެ. ދެން ތޭހައްޓި ވަނަ އާޔަތުގައި ވަނީ، އެފަދަ މީހުންނާ މެދު ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ކަންތައް ކުރައްވަން އަންގަވާފައިވާ ގޮތެވެ. ދެން ސައުރަހައްޓި ވަނަ އާޔަތުގައި ވަނީ، މާތް ﷲ ރަސޫލުބޭކަލުން ފޮނުއްވެވީ، އެ ބޭކަލުންނަށް އިޖާބަދީ ކިޔަންގަތުމައް ކަމަށެވެ. ގެންނެވި ޝަރީޢަތް ޙުކުމްވެރި ކުރުމަށް ކަމަށެވެ. ދެން މިއާ ވިއްދައިގެން ވަޙީކުރައްވާފައި ވަނީ، ރަސޫލާއަށް ކިޔަމަން ނުވެ، ބާޠިލް ތަކެއްޗަށް ޙުކުމްވެރި ކުރި ކުރުމުން ތައުބާވާން އެދި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަރިހަށް ދިޔަނަމަ، ތައުބާވުމުގެ ދޮރު ހުޅުވިފައި ހުރި ވާހަކައެވެ.

ދެން އޮތް ފަންސަހައްޓި ވަނަ އާޔަތުގައި ވަޙީކުރައްވާފައި ވަނީ:

فَلا وَرَبِّكَ لا يُؤْمِنُونَ حَتَّى يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لا يَجِدُوا فِي أَنفُسِهِمْ حَرَجاً مِمَّا قَضَيْتَ وَيُسَلِّمُوا تَسْلِيماً (65)

އާޔަތުގެ ތަފްސީރީ މާނަ: ''ކަލޭގެފާނު ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނގެ ގަންދެއްވައި ވަޙީކުރައްވަމެވެ. އެމީހުންގެ މެދުގައި އުފެދޭ އަރާރުންތަކާއި މައްސަލަތައް ނިންމުމަށް، ކަލޭގެފާނުގެ ޙަޔާތުގައި ކަލޭގެފާނު ޙުކުމްވެރިކޮށް، އަދި ކަލޭގެފާނު ސުވަރުގެވަޑައިގަތުމަށް ފަހު ކަލޭގެފާނު ގެންނެވި ޝަރީޢަތާއި ސުންނަތް ޙުކުމްވެރިކޮށްފުމަށް ދާންެދެން އެބައި މީހުން އީމާނެއް ނުވެއެވެ. އަދި ކަލޭގެފާނު ނިޔާކުރެއްވި ގޮތާއިމެދު ހިތްހަމަ ނުޖެހިގެން ހިތްތަކުގައި ކުޑަވެސް ދަތިކަމެއް ނުބާއްވާ، އަދި އެ ޙުކުމަށް ފުރިހަމައަށް ކިޔަމަންވެ ބޯލަނބައްޖެއުމަށް ދާންދެނެވެ.'' (އައްނިސާ:65)

ހަމަ އެހެންމެ އަދި، އައްނޫރު ސޫރަތުގެ މި އާޔަތްތައް ކިޔާލަމާ ހިނގާށެވެ:

وَيَقُولُونَ آمَنَّا بِاللَّهِ وَبِالرَّسُولِ وَأَطَعْنَا ثُمَّ يَتَوَلَّى فَرِيقٌ مِنْهُمْ مِنْ بَعْدِ ذَلِكَ وَمَا أُوْلَئِكَ بِالْمُؤْمِنِينَ (47) وَإِذَا دُعُوا إِلَى اللَّهِ وَرَسُولِهِ لِيَحْكُمَ بَيْنَهُمْ إِذَا فَرِيقٌ مِنْهُمْ مُعْرِضُونَ (48)  وَإِنْ يَكُنْ لَهُمْ الْحَقُّ يَأْتُوا إِلَيْهِ مُذْعِنِينَ (49)  أَفِي قُلُوبِهِمْ مَرَضٌ أَمْ ارْتَابُوا أَمْ يَخَافُونَ أَنْ يَحِيفَ اللَّهُ عَلَيْهِمْ وَرَسُولُهُ بَلْ أُوْلَئِكَ هُمْ الظَّالِمُونَ (50) إِنَّمَا كَانَ قَوْلَ الْمُؤْمِنِينَ إِذَا دُعُوا إِلَى اللَّهِ وَرَسُولِهِ لِيَحْكُمَ بَيْنَهُمْ أَنْ يَقُولُوا سَمِعْنَا وَأَطَعْنَا وَأُوْلَئِكَ هُمْ الْمُفْلِحُونَ (51).

އާޔަތްތަކުގެ ތަފްސީރީ މާނަ: ''މުނާފިޤުން ބުނާނެއެވެ: އަހަރެމެން، ﷲ އަށާއި އަދި ރަސޫލާ އަށް އީމާންވެ، ﷲ އަދި ރަސޫލާގެ އަމުރުފުޅުތަކަށް ކިޔަމަންވެއްޖައީމެވެ. މިހެން ބުނުމަށް ފަހު، އޭގެ ތެރެއިން ބަޔަކު މީހުން، ރަސޫލާގެ ޙުކްމުފުޅު ޤަބޫލުނުކޮށް ފުރަގަސްދީ އެނބުރިގަނެއެވެ. އީމާންވެއްޖައީމޭ އަނގައިން ބުންޏަސް، މިގޮތަށް ކަންތައް ކުރާ މީހުންނަކީ މުއުމިނުންނެއް ނޫނެވެ. (47) އެ މީހުންގެ މެދުގައިޖެހޭ މައްސަލަތަކުގައި، ﷲ ބާވައިލެއްވި ފޮތުގައި ވާ ގޮތަށް، އެކަލާނގެ ރަސޫލާ އަރިހަށް އައިސް، ޙުކުމްކޮށް އިންޞާފުކުރުމަށް ގޮވާލެވިއްޖެނަމަ، އެ ހިނދު އޭގެ ތެރެއިން ބަޔަކު މީހުން ފުރަގަސްދީ އެނބުރިގަނެއެވެ. (48) އެކަމަކު އެ މީހުން ކޮޅުގައި ޙައްޤު އޮތް މައްސަލައެއް ނަމަ، ރަސޫލާ އަރިހަށް ދިއުމުން ޢަދުލުވެރިކޮށް ޙައްޤާ އެއްގޮތަށް ޙުކުމް ކުރައްވާނެކަން އެނގޭތީ، ރުހި ކިޔަމަންވެގެން، އެ ކަލޭގެފާނު އަރިހަށް ދެއެވެ. (49) ﷲ ބާވައިލެއްވި ގޮތަށް ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަރިހުން ޙުކުމް ކުރަން އެ މީހުން ފުރަގަސްދިން ސަބަބަކީ، އެ މީހުން ހިތުގައިވާ ނިފާޤުކަމުގެ ބަލި ހެއްޔެވެ! ނޫނީ މުޙައްމަދު --ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ނަބީކަމާ މެދު ޝައްކުވަނީހެއްޔެވެ! ނޫނީ އެ މީހުންނާ މެދު، މާތް ﷲ އާއި އެ ކަލާނގެ ރަސޫލާ، އަނިޔާވެރިވެ ބޭއިންސާފުން ޙުކުމް ކުރައްވާފާނޭ ކަމަށް، ބިރުގަންނަނީހެއްޔެވެ! ނޫނެކެވެ. އަނިޔަވެރިވެ ބޭއިންޞާފުވެދާނެ ކަމަށް އެ މީހުން ބިރެއް ނުގަނެއެވެ. އެކަމަކު ސަބަބަކީ، އެ މީހުންނަކީ އަނިޔާވެރި ބަޔަކީއެވެ. (50) ނަމަވެސް، ޙުކުމްކޮށް އިންސާފު ޤާއިމުކުރުމަށްޓަކައި، ﷲ ބާވައިލެއްވި ފޮތާއި ކީރިތި ރަސޫލާގެ ޙުކުމްފުޅަށް ރުޖޫޢަވުމަށް ގޮވައިލެވޭ ހިނދު، ޙަޤީޤީ މުއުމިނުން ބުނާނީ: ތިމަންމެން އަޑުއަހައި ކިޔަމަންވެއްޖައީމޭ އެވެ. ފަހެ ދިންނަވައި ސުވަރުގޭގެ ނަސީބު ލިބޭ މީހުންނަކީ އެބައި މީހުންނެވެ.''(51)

އަދި ސޫރަތުލް އަޙްޒާބުގެ މި އާޔަތް ވެސް ކިޔަލަމާ ހިނގާށެވެ:

وَمَا كَانَ لِمُؤْمِنٍ وَلا مُؤْمِنَةٍ إِذَا قَضَى اللَّهُ وَرَسُولُهُ أَمْراً أَنْ يَكُونَ لَهُمْ الْخِيَرَةُ مِنْ أَمْرِهِمْ وَمَنْ يَعْصِ اللَّهَ وَرَسُولَهُ فَقَدْ ضَلَّ ضَلالاً مُبِيناً (36)

އާޔަތުގެ ތަފްސީރީ މާނަ: ''މާތް ﷲ އާއި، އެ ކަލާނގެ ރަސޫލާ ކަމަކާއިމެދު ނިޔާކުރައްވައިފިނަމަ، އެ ޙުކުމްފުޅު ކުރެއްވި ގޮތާ ޚިލާފުވެ އެހެން ގޮތެއް އިޚްތިޔާރު ކުރުމަކީ، މުއުމިން ފިރިހެނަކު ވެސް އަދި މުއުމިން އަންހެނަކު ވެސް، ކޮށްގެންވާނެ ކަމެއް ނޫނެވެ. މާތް ﷲ އާއި، އަދި އެ ކަލާނގެ ރަސޫލާގެ އަމުރުފުޅަކަށް ނުކިޔަމަންތެރިވެއްޖެ މީހާ، ހަމަކަށަވަރުން ބަޔާންވެ ފާޅުވެގެންވާ މަގުފުރެދުމަކުން މަގުފުރެދިއްޖެއެވެ.'' (އަލްއަޙްޒާބު: 36)

ކީރިތި ޤުރުއާނުގައި ވާ މުޙްކަމް މި އާޔަތްތަކާ ބެހޭ ގޮތުން ދެން މީހަކު އިތުރު އެއްޗެކޭ ނުބުންޏަސް ފުދެއެވެ. އެހާ ވެސް މި އާޔަތްތައް ސާފުވެފައި ފާޅުކަން ބޮޑެވެ. ﷲ ގެ ޙުކުމްފުޅާއި އަދި އެކަލާނގެ ރަސޫލާގެ ޙުކުމްފުޅަށް ބޯލަނބައި ކިޔަމަންވުމަކީ، އީމާންކަމުން ވަކި ނުކުރެވޭނެ، އީމާންކަމުގެ ބައެއް ކަން ހާމަވެއެވެ. އަދި ﷲ އާއި އަދި އެކަލާނގެ ރަސޫލާގެ ޙުކުމްފުޅުގެ ކުރިމަތީގައި، މުއުމިން ފިރިހެނަކަށް ވެސް އަދި މުއުމިން އަންހެނަކަށް ވެސް، އެ ޙުކުމްފުޅަށް ބޯ ލަނބައި ކިޔަމަން ވުން ނޫން އެއްވެސް އިތުރު އެހެން އިޚްތިޔާރެއް ލިިބިގެން ނުވާކަން، މި އާޔަތްތަކުން ހާމަވެއެވެ. އަދި ﷲ އާއި އަދި އެކަލާނގެ ރަސޫލާގެ ޙުކުމްފުޅެއް ކުރިމައްޗަށް ގެނެވޭ ހިނދު، ތިމަންނާ އަޑުއަހައި ކިޔަމަންވެއްޖައީމޭ، ބުނުން ނޫން އެއްޗެއް، މުއުމިނަކު ބުނުމަކީ، ތަޞައްވަރު ކުރެވޭ ކަމެއް ނޫންކަން ވެސް މި އާޔަތްތަކުން ހާމަވެއެވެ. އަދި ﷲ ގެ ރަސޫލާ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙުކުމްވެރި ނުކުރާ މީހާގެ ކިބައިގައި އީމާންކަމެއް ނުވާކަން، މާތް ﷲ ވަނީ އެކަލާނގެ ޛާތުފުޅު ގަންދެއްވާ ހުވާކުރައްވާފައެވެ. އަދި އެ ކަލޭގެފާނު ނިޔާކުރެއްވި ގޮތާއިމެދު ހިތްހަމަ ނުޖެހިގެން ހިތުގައި ކުޑަވެސް ދަތިކަމެއް ނުބާއްވާ، އަދި އެ ޙުކުމަށް ފުރިހަމައަށް ކިޔަމަންވެ ބޯލަނބައްޖައުމަށް ދާންދެން، އެ މީހަކު އީމާންވި ކަމަށް ނުބެލޭކަން، މި އާޔަތްތަކުން ހާމަވެއެވެ.

ތިނެއް: މުޙްކަމް ޞަރީޙަ އާޔަތްތަކެއް.

ﷲ ބާވައިލެއްވި ގޮތަށް ޙުކުމް ނުކުރާ މީހަކީ، ކާފިރެއް، ޡާލިމެއް، އަދި ފާސިޤެއް ކަމުގެ ސިފަ ދެއްވާފައިވާ، ސޫރަތުލް މާއިދާގެ އާޔަތްތަކަކީ، މުޙްކަމް އަދި އޭގެ މުރާދު ޞަރީޙަ އާޔަތްތަކެކެވެ.

ކީރިތި ޤުރުއާނުގައި ވާ، މާއިދަތު ސޫރަތުގެ މި ބުނި އާޔަތްތައް އެއްކޮށް، މިތާ ގެނައުމުގައި މައްސަލައެއް އޮތް ކަމަކަށް އަހަރެން ނުދެކެމެވެ. އެއީ ވިސްނޭ ބުއްދިއެއް ހުރި، އަދި ހިތް ޙާޟިރުކޮށްގެން ހުރެ ކަނުލާ އަޑުއަހާ ކޮންމެ މީހަކު ވެސް، މި އާޔަތްތަކާ މެދު ވިސްނާ ފިކުރުކޮށްލުމަށެވެ.

ﷲ ވަޙީކުރައްވާފައި ވަނީ: إِنَّا أَنزَلْنَا التَّوْرَاةَ فِيهَا هُدًى وَنُورٌ يَحْكُمُ بِهَا النَّبِيُّونَ الَّذِينَ أَسْلَمُوا لِلَّذِينَ هَادُوا وَالرَّبَّانِيُّونَ وَالأَحْبَارُ بِمَا اسْتُحْفِظُوا مِنْ كِتَابِ اللَّهِ وَكَانُوا عَلَيْهِ شُهَدَاءَ فَلا تَخْشَوْا النَّاسَ وَاخْشَوْنِي وَلا تَشْتَرُوا بِآيَاتِي ثَمَناً قَلِيلاً وَمَنْ لَمْ يَحْكُمْ بِمَا أَنزَلَ اللَّهُ فَأُوْلَئِكَ هُمْ الْكَافِرُونَ (44)

އާޔަތުގެ ތަފްސީރީ މާނަ: ''ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތައުރާތު ބާވައިލެއްވީމެވެ. އޭގައި، ތެދުމަގު ދައްކައިދޭނެ ހިދާޔަތާއި، ޙުކުމްތަކުގެ ބަޔާންކަން ވެއެވެ. ﷲ ގެ އަމުރުފުޅުތަކަށް ކިޔަމަންވެވަޑައިގެން ތިއްބެވި ނަބީބޭކަލުން، ތައުރާތުގައި ވާ ގޮތަށް އަދި އެއްވެސް ތަޙްރީފުކުރެއްވުމެއް ނެތި، ޔަހޫދީންގެ މެދުގައި ޙުކުމްކުރައްވައެވެ. އަދި ޔަހޫދީންގެ އަޅުވެރިންނާއި، ޢިލްމުވެރިން ވެސް، އޭގައި ވާ ގޮތަށް ޙުކުމް ކުރެއްވިއެވެ. އެއީ މާތް ﷲ ބާވައިލެއްވި ފޮތަށް -ތައުރާތަށް- ރައްކާތެރިވެ، މީހުންނަށް އެ ފޯރުކޮށްދީ، އެ ފޮތުގައިވާ އެއްޗެއް ދަސްކޮށް އެއަށް ޢަމަލުކުރުމަށް، ނަބީބޭކަލުން އެ މީހުންނަށް އަންގަވާފައިވާ ކަމަށްޓަކައެވެ. އަދި އެ މީހުން، އެފޮތުގެ ޙުކުމްތައް ޤާއިމުކުރުމަށާއި، އެ ފޮތަށް ތަޙްރީފުވުމެއް އަޔަ ނުދީ ބަލަހައްޓާ ރައްކާތެރިވާ ބައެއް ކަމުގައި ވިއެވެ. {ކުރީގެ ޔަހޫދީން ކަންތައް ކުރި ރަނގަޅު ގޮތުގެ ޚަބަރު ދެއްވުމަށް ފަހު، ޤުރުއާން ބާވައިލެއްވުނު އިރު ތިބި ޔަހޫދީންގެ އަޅުވެރިންނާއި ޢިލްމުވެރިންނާ މުޚާޠަބް ކުރައްވާ، މާތް ﷲ ވަޙީކުރައްވަނީ} ވީމާ، ތިމަން ރަސްކަލާނގެ ބާވައިލެއްވި ޙުކުމް ތަންފީޒު ކުރުމުގައި، ތިޔަބައި މީހުން މީސްތަކުން ދެކެ ބިރުގަނެ، ފަސްނުޖެހޭށެވެ. {އެހެނީ ބާވައިލެއްވި ޙުކުމްތަކާއި ޝަރީޢަތާ ދެކޮޅުހަދާ މީސްމީހުންނަކީ ކަލޭމެންނަށް ގެއްލުމެއް އަދި މަންފާއެއް ވެސް ދެވޭނެ ބައެއް ނޫނެވެ.} އެކަމަކު، ތިމަން ރަސްކަލާނގެއަށް ބިރުވެތިވާށެވެ. {އެހެނީ ގެއްލުމާއި މަންފާ ދެއްވާ ފަރާތަކީ ހަމައެކަނި ތިމަން ރަސްކަލާނގެއެވެ.} އަދި، ތިމަން ރަސްކަލާނގެ ބާވައިލެއްވި ގޮތަށް ޙުކުމްކުރުން ދޫކޮށް، އޭގައިވާ ޙުކުމްތަކާއި މާނަތައް ބަދަލުކުރުމުގެ އަގަކަށް، ދުނިޔެވީ މަންފާ ލިބިނުގަންނާށެވެ. ފަހެ ﷲ ބާވައިލެއްވި ގޮތަށް ޙުކުމް ނުކުރާ {އެ ތަޙްރީފުކޮށް، އެ ފޮރުވައި، ބާވައިލެއްވި ޙުކުމުގެ ބަދަލުގައި ވަޟުޢީ ޙުކުމްތަކަށް ޤާނޫނުހަދައި މީހުންގެ މައްޗަށް ލާޒިމުކޮށް، އެ އިންކާރުކޮށް، ބާވައި ނުލައްވާ ގޮތަށް ޙުކުމް ކުރުމަކީ ހުއްދަ ކަމެއް ކަމަށް ދެކިއްޖެ} މީހުންނަކީ ކާފިރުންނެވެ.'' (އަލްމާއިދާ: 44)

وَكَتَبْنَا عَلَيْهِمْ فِيهَا أَنَّ النَّفْسَ بِالنَّفْسِ وَالْعَيْنَ بِالْعَيْنِ وَالأَنفَ بِالأَنفِ وَالأُذُنَ بِالأُذُنِ وَالسِّنَّ بِالسِّنِّ وَالْجُرُوحَ قِصَاصٌ فَمَنْ تَصَدَّقَ بِهِ فَهُوَ كَفَّارَةٌ لَهُ وَمَنْ لَمْ يَحْكُمْ بِمَا أَنزَلَ اللَّهُ فَأُوْلَئِكَ هُمْ الظَّالِمُونَ (45)

އާޔަތުގެ ތަފްސީރީ މާނަ: ''ތިމަން ރަސްކަލާނގެ، ތައުރާތުގައި ޔަހޫދީންގެ މައްޗަށް، ފަރުޟުކުރެއްވީމެވެ. މީހަކު މެރުމުގެ ޢުޤޫބާތަކީ، ފުރާނައަކަށް ފުރާނައެކެވެ. ލޮލަކަށް ލޮލެކެވެ. ނޭފަތަކަށް ނޭފަތެކެވެ. ކަންފަތަކަށް ކަންފަތެކެވެ. ދަތަކަށް ދަތެކެވެ. އަދި ހާނީއްކަތަކަކީ ޤިޞާޞް ހުރި ކަމެކެވެ. އަދި ޤިޞާޞް ހިފުމަށް ލިބުނު ޙައްޤު އަމިއްލައަށް ދޫކޮށް، ކުށްވެރިއާ އަށް މާފު ދިނުމަކީ، އަނިޔާ ލިބުނު ފަރާތަާށް ވެވިފައި ހުރި ފާފަތަކުގެ ކައްފާރާއެކެވެ. ފަހެ ﷲ ބާވައިލެއްވި ގޮތަށް {ޤިޞާޞް ހިފުމާއި އަދި މި ނުންވެސް ކަންތަކުގައި} ޙުކުމް ނުކުރާ މީހުންނަކީ، ﷲ ކަނޑައަޅުއްވާފައިވާ ހައްދުން ބޭރުވާ މީހުންނެވެ.'' (އަލްމާއިދާ: 45)

وَقَفَّيْنَا عَلَى آثَارِهِمْ بِعِيسَى ابْنِ مَرْيَمَ مُصَدِّقاً لِمَا بَيْنَ يَدَيْهِ مِنْ التَّوْرَاةِ وَآتَيْنَاهُ الإِنجِيلَ فِيهِ هُدًى وَنُورٌ وَمُصَدِّقاً لِمَا بَيْنَ يَدَيْهِ مِنْ التَّوْرَاةِ وَهُدًى وَمَوْعِظَةً لِلْمُتَّقِينَ (46)

އާޔަތުގެ ތަފްސީރީ މާނަ: ''ދެން ބަނީ އިސްރާއީލުގެ ނަބީބޭކަލުންނާއި ވިދިގެން ފަހަތްޕުޅުން، މަރްޔަމްގެފާނުގެ ދަރިކަލުން ޢީސާގެފާނު، ތިމަން ރަސްކަލާނގެ ފޮނުއްވީމެވެ. އެ ކަލޭގެފާނުގެ ކުރިން ތައުރާތުގައި ބާވައިލައްވާފައިވާ ކަންތަކަށް ގަދަކަމާއި ތެދުކަން ދެއްވާ، އެކަލޭގެފާނު ފޮނުއްވުމުން ނަސްޚު ނުކުރެވޭ ޙުކުމްތަކާ އެއްގޮތަށް ޢަމަލުކުރައްވާ، ބޭކަލެއްގެ ގޮތުގައެވެ. އަދި ތިމަން ރަސްކަލާނގެ އެ ކަލޭގެފާނަށް އިންޖީލު ބާވައިލެއްވީމެވެ. އޭގައި، ތެދުމަގު ދައްކައިދޭނެ ހިދާޔަތާއި، މީހުންނަށް ނޭނގިފައިވާ ޙުކުމްތަކުގެ ބަޔާންކަން ވެއެވެ. އަދި އޭގެ ކުރިން ތައުރާތުގައި ބާވައިލައްވާފައިވާ ކަންތަކަށް ގަދަކަމާއި ތެދުކަން ދެނިވި ގޮތުގައެވެ. އަދި ﷲ އަށް ބިރުވެތިވާ މީހުންނަށް، ހިދާޔަތާއި މައުޢިޡާ އެއް ގޮތުގައެވެ.'' (އަލްމާއިދާ: 46)

وَلْيَحْكُمْ أَهْلُ الإِنجِيلِ بِمَا أَنزَلَ اللَّهُ فِيهِ وَمَنْ لَمْ يَحْكُمْ بِمَا أَنزَلَ اللَّهُ فَأُوْلَئِكَ هُمْ الْفَاسِقُونَ (47)

އާޔަތުގެ ތަފްސީރީ މާނަ: ''މާތް ﷲ، އިންޖީލުގައި ބާވައިލެއްވި ގޮތަށް، އެބައެއްގެ ގާތަށް ޢީސާގެފާނު ފޮނުއްވުނު، އިންޖީލުގެ އަހުލުވެރިން ޙުކުމްކުރާށެވެ. {މީގެ މުރާދަކީ، ކީރިތި ރަސޫލާގެ ރަސޫލުކަމުގެ ކުރިންނެވެ. އެހެނީ، ކިރިތި ރަސޫލާ ރަސޫލުކަމާއިގެން ފޮނުއްވުނީމާ އެމީހުން ޖެހޭނީ، ރަސޫލާއަށް އީމާންވެ ޤުރުއާނަށް ޢަމަލުކޮށް، ޤުރުއާނުގައިވާ ގޮތަށް ޙުކުމްކުރާށެވެ. ޖެހިގެން އޮތް އާޔަތުން މިކަން ދޭހަވެއެވެ.} ފަހެ ﷲ ބާވައިލެއްވި ގޮތަށް ޙުކުމް ނުކުރާ މީހުންނަކީ، ދީނުގެ ކިޔަމަންތެރިކަމުގެ ދާއިރާއިން ބޭރުވެ ތިބޭ މީހުންނެވެ.'' (އަލްމާއިދާ: 47)

މި އާޔަތްތަކާ މެދު މުފައްސިރުންގެ ވިދާޅުވުންތައް:

މާއިދަތު ސޫރަތުގެ މި އާޔަތްތަކާ މެދު، މި އުއްމަތުގެ ކުރީގެ ތަފްސީރު ޢިލްމުވެރިން ތަފާތު ގޮތް ގޮތަށް ވިދާޅުވެފައި އެބަ އޮތެވެ:

މީގެ ތެރެއިން ބައެއް ބޭފުޅުން ވިދާޅުވެފައި ވަނީ: މި ތިން އާޔަތުގައި ވެސް މުރާދަކީ، އަހުލު ކިތާބީން ކަމުގައިވާ ޔަހޫދީންނާއި ނަޞާރާއިންނެވެ.

އަނެއްބައި މުފައްސިރުން ވިދާޅުވެފައި ވަނީ: ފުރަތަމަ އާޔަތުގައި މުރާދަކީ، މުސްލިމުންނެވެ. ދެވަނަ އާޔަތުގައި ޔަހޫދީންނެވެ. ތިންވަނަ އާޔަތުގައި ނަޞާރާއިންނެވެ.

އަނެއް ބަޔަކު ވިދާޅުވެފައި ވަނީ: މި އާޔަތްތައް ބާވައިލެއްވުނީ އަހުލު ކިތާބީންނާ މެދުއެވެ. ނަމަވެސް އާޔަތްތަކުގައި ވާ މުރާދަކީ، މުސްލިމުންނާއި ކާފިރުންވެސް ހިމެނޭގޮތަށް ހުރިހާ މީސްތަކުންނެވެ. މި ގޮތުން އިބްރާހީމް އައްނަޚްޢީގެ ކިބައިން އައްޠަބަރީ ރިވާކުރައްވާފައި ވެއެވެ. ވިދާޅުވިއެވެ: މި އާޔަތްތަކަކީ ބަނީ އިސްރާއީލުންނާ މެދު ބާވައިލެއްވުނު އާޔަތްތަކެކެވެ. އަދި މި އުއްމަތުގެ މައްޗަށް ވެސް އޮތީ އެ ޙުކުމެވެ.

ޙަސަން އަލްބަޞްރީ ގެ ކިބައިން ރިވާވެފައި ވެއެވެ: އާޔަތް ބާވައިލެއްވުނީ ޔަހޫދީންނާ މެދުއެވެ. ނަމަވެސް ބާވައިލެއްވި ޝަރީޢަތަށް ޢަމަލުކުރުމަކީ، އެއީ އަހަރެމެންގެ މައްޗަށް ވެސް ވާޖިބެކެވެ.

ޙުކުމް ކުރުމުގައި ރިޝްވަތު ހިފުމާ ބެހޭ ގޮތުން، އިބްނު މަސްޢޫދު އާ ސުވާލު ދެންނެވުނީމާ ވިދާޅުވިއެވެ: ''އެއީ ކުފުރެވެ.'' އަދި وَمَنْ لَمْ يَحْكُمْ بِمَا أَنزَلَ اللَّهُ  فَأُوْلَئِكَ هُمْ الْكَافِرُونَ  މި އާޔަތް ކިޔަވާވިދާޅުވިއެވެ.

ހަމައެހެންމެ އައްސުއްދީގެ ކިބައިން ވެސް، މި އާޔަތުގެ މުރާދަކީ ޢާއްމު މުރާދެއްކަމަށް ރިވާވެފައި އެބަ އޮތެވެ. ވިދާޅުވެފައިވެއެވެ: ބާވައިލެއްވުނު ގޮތަށް ޙުކުމް ކުރުން ގަސްތުގައި ދޫކޮށްފިނަމަ، ނުވަތަ އެނގި ހުރެ ނަހަމަކޮށް ޙުކުމްކޮށްފިނަމަ، އޭނާއަކީ ކާފިރުންގެ ތެރެއިންވާ މީހެކެވެ.

އަދި އިބްނު ޢައްބާސްގެ ކިބައިން ވެސް، މި އާޔަތުގެ މުރާދަކީ ޢާއްމު މުރާދެއްކަމަށް ރިވާވެފައި އެބަ އޮތެވެ. މިގޮތުން، ﷲ ބާވައިލެއްވި ގޮތަށް ޙުކުމް ނުކުރާ މީހާ ކުފުރުވާނެތޯ ސުވާލު ދެންނެވުނީމާ ވިދާޅުވިއެވެ: ތިފަދައިން ކަންތައް ކޮށްފިނަމަ، ފަހެ އެއިން އޭނާ ކުފުރުވާނެއެވެ. ނަމަވެސް، އެއީ ﷲ އަށް ކުފުރުވުމާއި އާޚިރަތް ދުވަހަށް ކުފުރުވުން ފަދަ ކުފުރެއް ނޫނެވެ.

ޠާވޫސް ވެސް މިފަދައަކުން ވިދާޅުވެފައި ވެއެވެ: އެއީ މިއްލަތުން ބޭރުވާ ކުފުރެއް ނޫނެވެ.

ޢަޠާއު ވިދާޅުވެފައި ވެއެވެ: ކުފުރަށް ވުރެ ދަށް ކުފުރެކެވެ. ޡުލުމަށް ވުރެ ދަށް ޡުލުމެކެވެ. ފިސްޤަށް ވުރެ ދަށް ފިސްޤެކެވެ. ހަމަ މިހެން، އިބްނު ޢައްބާސްގެ އަރިހުން، ސަޢީދް ބިން މަންޞޫރާއި އިބްނުލް މުންޛިރާއި އިބްނު އަބީޙާތިމާއި އަލްޙާކިމް ވެސް ރިވާކުރައްވާފައި ވެއެވެ. އަދި މިއީ އިބްނު ޢައްބާސް ވިދާޅުވިކަމަށް، ޞައްޙަ ގޮތަކަށް ބެލެވޭ ބުނުމެއް ކަމަށް އަލްބައިހަޤީ ވިދާޅުވެފައި ވެއެވެ.

އަދި އިބްނު ޢައްބާސްގެ އަރިހުން ރިވާކުރެވިފައިވާ އެހެން ބަސްފުޅެއްގައި، ދެ ވައްތަރެއްގެ ވެރިން ތަފާތުކުރައްވާފައި ވެއެވެ. މިގޮތުން ވިދާޅުވެފައި ވެއެވެ: ﷲ ބާވައިލެއްވި ޙުކުމް އިންކާރުކޮށްފި މީހާ ކުފުރުވެއްޖެއެވެ. އެއަށް އިޤްރާރުވެ ނަމަވެސް އެގޮތަށް ޙުކުމް ނުކުރާ މީހާއަކީ ޡާލިމެއް އަދި ފާސިޤެކެވެ.

އަލްމާއިދާ ސޫރަތުގެ އާޔަތްތަކާ މެދު މުފައްސިރުންގެ ވިދާޅުވުންތަކަށް ނަޒަރެއް:

ފުރަތަމަ ބުނަން އޮތް އެއްޗަކީ، މި އާޔަތްތައް އައިސްފައި ވަނީ ޢާއްމު ޢިބާރާތަކުންނެވެ. ވީމާ ބައެއް މުފައްސިރުން ވިދާޅުވެފައިވާ އެއްޗަކަށް މިތާ އަލިއަޅުވާލާނަމެވެ.

އެކެއް: ޝައްކެއް ވެސް ނެތް ގޮތުގައި، މި އާޔަތްތައް ބާވައިލެއްވުނީ ތައުރާތާއި އިންޖީލުގެ އަހުލުވެރިންނާ ބެހޭ ގޮތުންނެވެ. އާޔަތްތައް ބާވައިލެއްވުނު ސަބަބާއި އާޔަތްތަކުގައި ވާހަކަ ދެކެވިފައިވާ މަގަށް ބަލާލީމާ އެކަން އެނގެއެވެ.

ނަމަވެސް، މި އާޔަތްތަކުގެ ފަހު ޖުމްލަ وَمَنْ لَمْ يَحْكُمْ بِمَا أَنزَلَ اللَّهُ فَأُوْلَئِكَ هُمْ الْكَافِرُونَ މި ޖުމްލަ އައިސްފައި ވަނީ ޢާއްމު ޢިބާރާތަކުންނެވެ. ކިތަންމެ ކުޑަކޮށް ވިސްނާލިޔަސް މިކަން ވިސްނިދާނެއެވެ. ކަން މިހެން އޮތް އިރު، ބައެއް މުފައްސިރުން މި އާޔަތްތަކުގައިވާ ޙުކުމަކީ އަދި އޭގެ މުރާދަކީ، މުޝރިކުންނާއި އަހުލު ކިތާބީން ކަމަށް ޚާޢްޞަ އެ ކުރެއްވީ ކީއްވެހެއްޔެވެ؟

ސަބަބެއް ކަމަށް ވެފައި ވަނީ، ކުޑަކުޑަ ކަމަކާ ހެދި ނުވަތަ އަނިޔާވެރި ޙުކުމެއް ކުރާ ކޮންމެ ފަހަރަކު، އަމީރުންނާއި ވެރިންނަކީ ބޮޑު ކުފުރަކުން ކުފުރުވެފައިވާ ކާފިރުން ކަމަށް ހަދައި، އެ މީހުންނަށް ކުފުރުގެ ތުހުމަތުކޮށް ހަދާފާނެ ކަމަށް އެބޭފުޅުން ބިރުފުޅުވަޑައިގަތުމެވެ. ހަވާނަފްސަށް ލެނބިގެން ނުވަތަ ޢަދުލުން އެއްކިބާވެ ވަކި މީހަކަށް ލެނބިގެން، ނުވަތަ މި ނުން ވެސް މިފަދަ ސަބަބަކާ ހެދި، ވެރިއަކު ނުވަތަ އަމީރަކު ނުވަތަ ޤާޟީއަކު، ﷲ ބާވައިލެއްވި ޙުކުމް ތަންފީޒު ނުކޮށްފާނެއެވެ. ﷲ ރައްކާތެރި ކުރެއްވި މަދު މީހަކު ފިޔަވައި ގާތްގަނޑަކަށް ހަމަ ކޮންމެ އަމީރެއް ނުވަތަ ވެރިއެއް ނުވަތަ ޤާޟީއެއްގެ ކިބައިގައި ވެސް މިފަދަ މައްސަލައެއް ހުރެދާނެއެވެ. މިކަހަލަ އުނިކަމެއް ނެތް މީހުންނަކީ މަދު ބައެކެވެ.

އިބްނު ޢައްބާސާއި އަދި ޢަޠާއާއި ޠާއޫސާއި އިބްނު ޖުބައިރު ފަދަ ބޭބޭފުޅުން، އެއީ، ﷲ އަށް ކުފުރުވުމާއި އެކަލާނގެ މަލާއިކަތުންނަށާއި ރަސޫލުބޭކަލުންނަށާއި އާޚިރަތް ދުވަހަށް ކުފުރުވުމުން މިއްލަތުން ބޭރުވާ ކަހަލަ، ކުފުރެއް ނޫންކަމަށް ވިދާޅުވި ސަބަބަކީ މިއީއެވެ. އެއީ ކުފުރަކަށް ނުވާ ވަރުގެ ކުފުރެއް ކަމަށް އެ ބޭފުޅުން ވިދާޅުވީ މިހެންވެއެވެ. އަދި ބާވައިލެއްވި ޙުކުމަކަށް އިންކާރު ކުރާ މީހާއާއި އެއަށް އިޤްރާރުވާ މީހާއާ ދެމީހުން، އިބްނު ޢައްބާސް ތަފާތު ކުރެއްވީ ވެސް މި ސަބަބަށްޓަކައެވެ.

ތާބިޢީ ބޭކަލެއް ކަމުގައިވާ އަބޫ މިޖްލަޒް އާއި، ބަނީ ސަދޫސް ދަރިކޮޅުގެ އިބާޟީ ފިރުޤާއަށް ނިސްބަތްވާ (ޚަވާރިޖުންގެ) ބަޔަކާއި ދެމެދު، އެ ދުވަސްވަރު ތިއްބެވި އަމީރުންތަކަކާ ބެހޭ ގޮތުން ދެކެވުނު ވާހަކަ ކިޔައި، އަދި މާއިދަތު ސޫރަތުގެ އާޔަތަށް ބިނާކޮށް އެ އަމީރުންނަކީ ކާފިރުން ކަމަށް ފަތުވާ އަތުލަން އުޅުނު ގޮތް ބަލައިފިނަމަ، މަތީގައި އަހަރެން ބުނެފައި ވާ ސަބަބަކީ ތެދު ސަބަބެއް ކަން ހާމަވާނެއެވެ.

ޢިމްރާން ބިން ޙުދައިރުގެ ކިބައިން، އިމާމް އައްޠަބަރީ ރިވާކުރައްވާފައި ވެއެވެ. ވިދާޅުވިއެވެ: އަބޫ މިޖްލަޒް ގެ އަރިހަށް، ޢަމްރޫ ބިން ސަދޫސް ދަރިކޮޅުގެ ބަޔަކު މީހުން އައެވެ. އަދި ދެންނެވިއެވެ: އޭ އަބޫ މިޖްލަޒެވެ. މާތް ﷲ ގެ ބަސްފުޅު، وَمَنْ لَمْ يَحْكُمْ بِمَا أَنزَلَ اللَّهُ فَأُوْلَئِكَ هُمْ الْكَافِرُونَ މި އޮތީ ނޫންތޯއެވެ. ފަހެ އެއީ ތެދެއްތޯއެވެ؟ އަބޫ މިޖްލަޒް ވިދާޅުވިއެވެ: ތެދެކެވެ. އެ މީހުން ދެންނެވިއެވެ: وَمَنْ لَمْ يَحْكُمْ بِمَا نزَلَ اللَّهُ فَأُوْلَئِكَ هُمْ الظَّالِمُونَ ފަހެ މިއީ ތެދެއްތޯއެވެ؟ އަބޫ މިޖްލަޒް ވިދާޅުވިއެވެ: ތެދެކެވެ. އެ މީހުން ދެންނެވިއެވެ: وَمَنْ لَمْ يَحْكُمْ بِمَا أَنزَلَ اللَّهُ فَأُوْلَئِكَ هُمْ الْفَاسِقُونَ ފަހެ މިއީ ތެދެއްތޯއެވެ؟ އަބޫ މިޖްލަޒް ވިދާޅުވިއެވެ: ތެދެކެވެ. ދެން އެ މީހުން ދެންނެވިއެވެ: އޭ އަބޫ މިޖްލަޒެވެ. ފަހެ އެ މީހުން ޙުކުމް އެ ކުރަނީ ﷲ ބާވައިލެއްވި ގޮތަށްތޯއެވެ؟ އަބޫ މިޖްލަޒް ވިދާޅުވިއެވެ: ބާވައިލެއްވި ގޮތަށް ޙުކުމްކުރުމަކީ އެ މީހުން ތަބާވެގެން ތިބި ދީނެވެ. އަދި އެ މީހުން ބުނަނީ ވެސް އެފަދައިންނެވެ. އަދި އެ މީހުން ގޮވާލަނީ ވެސް އެ ކަމަށެވެ. ވީމާ އެމީހުން އެއިން ކަމެއް ދޫކޮށްފިނަމަ، އެ ކުރެވުނީ ފާފައެއްކަން އެ މީހުންނަށް އެނގޭނެއެވެ. އެ ހިނދު އެ މީހުން ދެންނެވިއެވެ: ގަންދީ ބުނަމެވެ. ތިހެނެއް ނޫނެވެ. ނަމަވެސް ޙަޤީޤަތް ބުނަން ކަލޭގެފާނު ބިރުގަންނަނީއެވެ. އަބޫ މިޖްލަޒް ވިދާޅުވިއެވެ: ބިރުގަތުން އައުލާކަން ބޮޑީ އަހަންނަށް ވުރެ ތިޔަބައި މީހުންނެވެ. ކަލޭމެން ދެކޭ ގޮތް އަހަރެން ނުދެކެމެވެ. އަދި ކަލޭމެން ތި ގޮތަށް ދެކެނީ އުނދަގުލެއް ވެސް ނެތިހެއްޔެވެ! އެ އާޔަތްތަކަކީ ޔަހޫދީންނާއި ނަޞާރާއިންނާއި މުޝްރިކުންނާ މެދު، ބާވައިލެއްވުނު އާޔަތްތަކެކެވެ.

އަދި އެހެން ރިވާޔަތެއްގައި އޮވެއެވެ. އަބޫ މިޖްލަޒް ވިދާޅުވިއެވެ: ''އެ އަމީރުން އެ މީހުން އެކުރާ ކަމެއް ކުރަނީ، އެއީ ފާފައެއް ކަން އެނގި ޤަބޫލުކުރާ ހާލުގައެވެ.' {އެނގިގެން ފާފަކުރުމޭ މިތާ ބުނެފައި ވަނީ، އެއީ ހުއްދަ ކަމެއް ކަމަށް ނުހަދާ ވާހަކައެވެ. އެހެނީ ޙަރާމް ކަމެއްކަން އެނގިހުރެ، އެކަން ހުއްދަކަމެއް ކަމަށް ބުނެ ކުރުމަކީ ކުފުރެކެވެ.}

ދޭއް: ދެ ވައްތަރެއްގެ ވެރިން ތަފާތުކުރުން:

ދެ ވައްތަރެއްގެ ވެރިން ތަފާތުކޮށް ފަރަގުކުރުމަކީ -އިބްނު ޢައްބާސް ވެސް ކުރެއްވިހެން- މިތާނގައި ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. އެއް ވައްތަރަކީ، ވެރިކަން ކުރުމުގެ މަގަކަށް، އަދި ދުސްތޫރަކަށް، އަދި ޙަޔާތުގެ ނިޒާމަކަށް، އިސްލާމްދީން ކަނޑައަޅައި އޭގައި ހިފަހައްޓައި އަދި އިސްލާމީ ޝަރީޢަތުގައި ވާ ގޮތަށް ޙުކުމްކޮށް، އެއަށް ރުޖޫޢަވާ މީހެކެވެ. ނަމަވެސް، ބައެއް ފަހަރު ބައެއް ކުދިކުދި ކަންތަކުގައި މަގުން ކަސިޔާރުވެ، ދީނުގައިވާ ގޮތަށް ނޫން ގޮތަކަށް އޭނާއަށް ޙުކުމެއް ކުރުވެނީއެވެ. އެއީ ފިނޑިކަމުން ނުވަތަ ހަވާނަފްސަށް ތަބާވުން ފަދަ ސަބަބަކާ ހެދިއެވެ. ދެވަނަ ވައްތަރަކީ، ﷲ ބާވައިލެއްވި ގޮތަށް ޙުކުމް ކުރަން ދެކޮޅު ހަދައި، ﷲ ގެ ޝަރީޢަތަށް ވުރެ އިންސާނުންގެ ޙުކުމްތަކާއި ޤާނޫނުތައް އިސްކުރާ، ވެރިމީހާއެވެ. ފަހެ މީނާ ވާނީ، މާތް ﷲ، އެކަލާނގެ އަޅުތަކުންގެ މަސްލަޙަތު ދެނެވޮޑިނުގަންނަވާ ކަމަށް، ތުހުމަތު ކުރާފަދަ މީހެކަށެވެ.

أَلا يَعْلَمُ مَنْ خَلَقَ وَهُوَ اللَّطِيفُ الْخَبِيرُ (14)

މިހެން ﷲ ވަޙީކުރައްވައި، އަދި ޙުކުމްތަކެއް ބާވައިލައްވާފައި ވަނިކޮށް، އެ ނޫން ޙުކުމްތަކާއި ޤާނޫނުތައް އިސްކުރުމުގެ މާނައަކީ، އަޅުތަކުންގެ މަސްލަޙަތާއި އިދިކޮޅަށް ﷲ ޙުކުމް ބާވައިލައްވާ ކަމަށް ތުހުމަތުކުރުމެވެ.

މިހެންވެ، ޢައްލާމާ މަޙްމޫދު މުޙައްމަދު ޝާކިރު، ތަފްސީރުއް ޠަބަރީގެ ނަކަލުތައް ތަޙްޤީޤު ކުރައްވައި ނެރުއްވި އިރު، އަބޫ މިޖްލަޒްގެ ކިބައިން ރިވާވެގެންވާ ދެ ވިދާޅުވުމަކާ ބެހޭގޮތުން ހަވާސާގައި އިތުރަށް ވިދާޅުވެފައި ވެއެވެ:

''ބަޔާންވެ އެނގޭ ގޮތުގައި، އަބޫ މިޖްލަޒާއި ސުވާލުކުރީ އިބާޟީންގެ ބައެކެވެ. އެ މީހުން ބޭނުންވީ އަމީރުންތައް އެއީ ކާފިރުވެފައިވާ ބައެއް ކަމަށް ބުނުވާ ފަތުވާ އަތުލާށެވެ. ސަބަބަކަށް ވީ، އެ އަމީރުންތައް ތިބީ ސުލްޠާނުގެ ފަޅީގައެވެ. ނުވަތަ ފަހަރެއްގައި އެ އަމީރުންތައް، ﷲ ނަހީކުރައްވާފައިވާ ކަމެއް ކޮށް، ކޮންމެވެސް ކަހަލަ ފާފައެއް ކުރީއެވެ. މިކަން އަބޫ މިޖްލަޒަށް އެނގިވަޑައިގަންނަވާތީ ފުރަތަމަ ޚަބަރުގައި (ނަންބަރު: 12025) ވިދާޅުވެފައިވަނީ: ''އެމީހުން އެއިން ކަމެއް ދޫކޮށްފިނަމަ، އެ ކުރެވުނީ ފާފައެއްކަން އެ މީހުންނަށް އެނގޭނެއެވެ.''

އަދި ދެވަނަ ޚަބަރުގައި ވިދާޅުވެފައިވަނީ: ''އެ އަމީރުން އެ މީހުން އެކުރާ ކަމެއް ކުރަނީ، އެއީ ފާފައެއް ކަން އެނގި ޤަބޫލުކުރާ ހާލުގައެވެ.' {އެނގިގެން ފާފަކުރުމޭ މިތާ ބުނެފައި ވަނީ، އެއީ ހުއްދަ ކަމެއް ކަމަށް ނުހަދާ ވާހަކައެވެ. އެހެނީ ޙަރާމް ކަމެއްކަން އެނގިހުރެ، އެކަން ހުއްދަކަމެއް ކަމަށް ބުނެ ކުރުމަކީ ކުފުރެކެވެ.}

''ވީމާ އަބޫ މިޖްލަޒާއި ސުވާލު ކުރި މީހުން ސުވާލު ކޮށްފައި އެވަނީ، މި ޒަމާނުގެ ބިދުޢަވެރިން، މި ދެ ޚަބަރުން ހުއްޖަތް ދައްކަން އުޅޭ ފަދަ ކަންކަމަކު ނޫނެވެ. އެ މީހުން ސުވާލުކޮށްފައި ވަނީ، ފައިސާގެ މުޢާމަލާތްތަކުގެ ޙުކުމާއި ޒިނޭއާއި ޤަޛުފުގެ ޙުކުމާއި ޤިޞާޞުގެ ޙުކުމުގެ ބަދަލުގައި، މުސްލިމުންގެ ޝަރީޢަތާ މުޅިން ޚިލާފު ޤާނޫނުތަކެއް ހަދައި ތަންފީޒުކޮށް، ޤުރުއާނުގައި ﷲ ބާވައިލެއްވި ޙުކުމްތަކާއި އަދި އެކަލާނގެ ރަސޫލާގެ ސުންނަތުގައިވާ ޙުކުމް ނޫން އެހެން ޙުކުމްތަކެއް މުސްލިމުންގެ މައްޗަށް ގަދަކަމުން ލާޒިމު ކުރުމާ ބެހޭ ގޮތަކުން ނޫނެވެ. ފަހެ މިފަދައިން ޢަމަލު ކުރުން ވާނީ، ﷲ ގެ ޙުކުމަށް އަޑު ނާހާ ފުރަގަސްދިނުން ކަމަށެވެ. އެ ކަލާނގެ ދީން ބޭނުން ނުވާކަމަށެވެ. އަދި ޣައިރު މުސްލިމުންގެ ޤާނޫނުތަކާއި ޙުކުމްތައް، ﷲ ގެ ޙުކުމަށް ވުރެ އިސްކުރުން ކަމަށެވެ. ފަހެ މިއީ ކުފުރެއް ކަމާއި، އަދި މިހެން ބުނާ މީހާއާއި މިކަމަށް ގޮވާލާ މީހުންނަކީ ވެސް، ކާފިރުވާނެ ބައެއް ކަން، އިސްލާމީ އުއްމަތުގެ ހުރިހާ އެންމެން ވެސް ޝައްކަކާ ނުލާ ޤަބޫލުކުރާނެއެވެ.''

''މިއަދު އަހަރެމެންގެ ތެރޭގައި މި އޮތީ، ހުރިހާ ކަމެއްގައި ވެސް ﷲ ގެ ޙުކުމްފުޅުތައް ދޫކޮށްލުމެވެ. އެ ކަލާނގެ ފޮތާއި އަދި އެ ކަލާނގެ ނަބިއްޔާ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ސުންނަތުގައި ވާ ޙުކުމްތަކަށް ވުރެ، އެހެނިހެން ޙުކުމްތައް އިސްކުރުމެވެ. އަދި ﷲ ގެ ޝަރީޢަތުގައި ވާ ހުރިހާ ކަމެއް ބޭކާރުކޮށްލުމެވެ. ކިއެއްތަ، ﷲ ބާވައިލެއްވި ޙުކުމަށް ވުރެ، އިންސާނުން އަމިއްލައަށް ހަދާ ވަޟުޢީ ޤާނޫނު މާ ރަނގަޅުވެފައި މާ މޮޅު ކަމަށް ބުނެ އިހުތިޖާޖުކުރާ ދަރަޖައަށ ވެސް ބަޔަކު ހިނގައްޖެއެވެ. މި ގޮތަށް އިހުތިޖާޖުކުރާ މީހުން ދަޢްވާކުރާ ގޮތުގައި، އިސްލާމީ ޝަރީޢަތުގެ ޙުކުމްތަކަކީ ވަކި ޒަމާނަކަށް އައި އެއްޗެކެވެ. އެއީ އަހަރެމެންގެ މި ޒަމާނަށް އައި އެއްޗެއް ނޫނެވެ. އަދި އެއީ މާޟީގެ ތެރޭގައި ވެނިމި ގޮސްފައިވާ ސަބަބުތަކަކާއި ބޭނުންތަކަކަށް ކަނޑައެޅުނު އެއްޗެކެވެ. އެ ސަބަބުތަކަކާއި ބޭނުންތައް ނިމުނީމާ، އެ ޙުކުމްތަކުގެ ބޭނުމެއް ވެސް ދެން ނޯންނާނެއެވެ. ފަހެ މި ފަދައިން މި މީހުން މި ދައްކާ ވާހަކަތަކާއި، އަބޫ މިޖްލަޒާއި ޢަމްރޫ ބިން ސަދޫސް ދަރިކޮޅުގެ އިބާޟީންގެ ބަޔަކާ ދެމެދު ދެކެވުނު ވާހަކައާ އަޅުވާ ކިޔޭނީ ކޮންފަދައަކުންހެއްޔެވެ؟!''

''މި ޒަމާނު މީހުން މި ހީކުރާ ގޮތަށް، އަބޫ މިޖްލަޒުގެ ޚަބަރުގައި، ވެރިންނާ ބެހޭ ގޮތުން އިބާޟީން ދެއްކި ވާހަކައިގެ މުރާދަކީ، އެ ވެރިންތައް އިސްލާމީ ޝަރީޢަތުގެ ޙުކުމްތަކާ ޚިލާފަށް ޙުކުމް ކުރުމެއް ނޫނެވެ. އެހެނީ، ކުރީގެ އިސްލާމީ ތާރީޚުގައި ދުވަހަކު ވެސް، އެއްވެސް ވެރިއަކު، ޝަރުޢީ ޙުކުމެއްގެ ބަދަލުގައި އަމިއްލައަކަށް ޙުކުމެއް ކަނޑައަޅައި، އެއީ މުސްލިމުންގެ މައްޗަށް ލާޒިމު ޤާނޫނެއް ކަމުގައި ހަދާފައި ނެތެވެ. މިއީ އެއް ވާހަކައެވެ. އަނެއް ވާހަކައަކީ، ވަކި މައްސަލައެއްގައި، ﷲ ބާވައިލެއްވި ޙުކުމާ ޚިލާފު ޙުކުމެއް ކުރާ ވެރިއާ ވާނީ، އަސްލު ޙުކުމް ނޭނގޭ މީހަކަށެވެ. މިފަދަ މީހަކީ ޝަރީޢަތުގެ ޙުކުމް ނޭނގޭ މީހާ ފަދަ މިހެކެވެ. ނުވަތަ އޭނާ ވާނީ، ހަވާނަފްސަށް ތަބާވުމުގެ ސަބަބުން އެފަދަ ޙުކުމެއް ކުރި މީހަކަށެވެ. މިފަދަ މީހާގެ ފާފައަކީ ތައުބާވާންޖެހޭ ބޮޑު ފާފައެކެވެ. ނުވަތަ އޭނާ ވާނީ، ހުރިހާ ޢިލްމުވެރިންގެ ބަހާ ޚިލާފަށް، ޤަބޫލުކުރެވޭ އަމިއްލަ ކޮންމެވެސް ތައުވީލެއް އޮވެގެން ޙުކުމް ކުރި މީހަކަށެވެ. މިފަދަ މީހަކީ، ޤުރުއަނާއި ސުންނަތުގެ ނައްޞުތަކުން ޙުކުމް ނެރުމުގައި ތައުވީލުކުރާ ކޮންމެ މީހަކަށް ވެސް އޮންނަ ޙުކުމް އޮންނަ މީހެކެވެ.''

''ދެން، އަބޫ މިޖްލަޒުގެ ޒަމާނުގައި ނުވަތަ އޭގެ ކުރިން ވިޔަސް އަދި ފަހުން {ހުޅަނގުގެ އިސްތިޢްމާރާ ޖެހެންދެން} ވިޔަސް، ﷲ ބާވައިލެއްވި ޝަރީޢަތް އިންކާރުކޮށް، ނުވަތަ މުސްލިމުންގެ ޙުކުމްތަކަށް ވުރެ ކާފިރުންގެ ޙުކުމްތައް އިސްކޮށް ޙުކުމް ކުރުން، މިއީ އެއްގޮތަކަށް ވެސް ވެފައިވާ ކަމެއް ނޫނެވެ. ވީމާ އަބޫ މިޖްލަޒް ދެއްކެވި ވާހަކަފުޅާއި އަދި އިބާޟީން ދެއްކި ވާހަކައިގެ މާނަ، ޙަޤީޤީ މާނައާ ދުރަށް ގެން ގޮސް ލެންބުވޭނެ އެއްވެސް ޖާގައެއް ނެތެވެ. އެހެންވީމާ، މި ދެ ޚަބަރާއި އަދި އެނުން ވެސް ޚަބަރުތައް އޭގެ މަޤާމު ނޫން ތަންތާނގައި ނަގާ ޙުއްޖަތް ދައްކާ، އޭގެ މާނަ ނޫން މާނަތައް ނެރެން މަސައްކަތްކޮށް، ވެރިންނަށް ނަޞްރު ދޭން، ނުވަތަ ﷲ ބާވައިލައްވާ އެ ކަލާނގެ އަޅުތަކުންގެ މައްޗަށް ވާޖިބު ކުރައްވާފައިވާ ޝަރީޢަތާ ޚިލާފަށް ޙުކުމް ކުރުމަކީ ހުއްދަ ކަމެއްކަމަށް ހެދުމުގެ ހީލަތަކަށް މީގެ ބޭނުން ކުރާ މިހާގެ، ޝަރީޢަތުގައި ކަނޑައެޅިފައިވާ ޙުކުމަކީ، ﷲ ގެ ޙުކުމަކަށް އިންކާރު ކުރާ މީހާގެ ޙުކުމެވެ. ޖެހޭނީ އޭނައަށް ތައުބާ ލައިދޭށެވެ. ގަދަފައިވިއްދާ، ބޮޑާވެ، ޙައްޤަށް ރުޖޫޢަވާން ދެކޮޅު ހަދައި، ﷲ ގެ ޙުކުމްތައް ބަދަލުކުރަން ރުހިއްޖެނަމަ، ކުފުރުކަން މަތީ ފައިވިއްދާ ގޮތްދޫނުކުރާ ކާފިރުންގެ ޙުކުމަކީ، މި ދީނުގެ އަހުލުވެރިންނަށް އެނގޭ އެއްޗެކެވެ.'' (ތަފްސީރު އައްޠަބަރީއަށް، ޢައްލާމާ މަޙްމޫދު ޝާކިރު ލިޔުއްވާފައިވާ ހަވާސާއިން) -ނިމުނީ-

ތިނެއް: ބެލެވެނީ ލަފްޒުގެ ޢާއްމު ދޭހައަށް:

ވަކި ޚާއްޞަ ސަބަބަކާ ހެދި ބާވައިލެއްވިފައިވާ އާޔަތެއްގައި، ނުވަތަ ވަކި ޚާއްޞަ ސަބަބަކާ ހެދި ވާރިދުވެފައިވާ ޙަދީޘެއްގައި، ޢާއްމު މާނައެއް ދޭހަވާ ލަފްޒުތަކެއް ހުރުމާ ބެހޭ ގޮތުން، ޢިލްމުވެރިން ވަނީ ވަރަށް ދިގުކޮށް ބަހުސްކުރައްވާ، ލިޔުއްވާފައެވެ. އަދި އެ ބޭފުޅުންގެ އެންމެ ފަހުން ނިންމަވާފައި ވަނީ: ''ބެލެވެނީ ލަފްޒުގެ ޢާއްމު ދޭހައަށެވެ. ސަބަބުގެ ޚާއްޞަ ކަމަކަށް ނޫނެވެ.''

އެހެން ނޫނިއްޔާ، ކީރިތި ރަސޫލާގެ ޙަޔާތްޕުޅުގައި ވަކި ކަންކަމާއި ވަކި ސަބަބުތަކާ ހެދި ޤުރުއާން ބާވައިލެއްވިފައި ވާތީ، ޤުރުއާނުގައިވާ ގިނަ ޙުކުމްތަކެއް އެއީ އެކަލޭގެފާނުގެ ޙަޔާތްޕުޅަށް ފަހު، ބޭނުން ނުހިފޭ ބޭކާރު އެއްޗަކަށް ވެދާނެއެވެ. މިއީ އަދި ބާވައިލެއްވުނު ސަބަބު ޞައްޙަ ގޮތަކަށް ސާބިތުވެ އެނގޭނަމަ ވާނެ ގޮތެވެ. ވީއިރު ބާވައިލެއްނު ސަބަބާއި ބެހޭ ގޮތުން އައިސްފައިވާ ގިނަ ރިވާޔަތްތަކަކީ ޞައްޙަ ގޮތަކަށް ސާބިތު ނުވާ އެއްޗެއްސަށް ވާހިނދު، ދެންވާނީ ކިހިނެއްހެއްޔެވެ؟

އަދި ވަކިން ޚާއްޞަކޮށް އަހަރެމެން ވާހަކަ ދައްކަމުން މިދާ މައްސަލައިގައި އޮތް އާޔަތުގައިވާ ޙުކުމަކީ- وَمَنْ لَمْ يَحْكُمْ بِمَا أَنزَلَ اللَّهُ - ޔަހޫދީންނާއި ނަޞާރާއިންގެ މަންސޫޚުވެ މުއްދަތު ހަމަވެފައިވާ ދެ ފޮތުގައި އޮތް، އެ މީހުންނަށް ޚާއްޞަ ޙުކުމެއް ކަމަށާއި، އަދި ޤިޔާމަތާ ޖެހެންދެން ދެމިއޮންނަ ގޮތަށް ބާވައިލެއްވުނު ޤުރުއާނުގައި، އަހަރެމެން މުސްލިމުން ޝާމިލުވާ ގޮތަށް އޮތް ޙުކުމެއް ނޫނޭ، ބުނެ ދަޢްވާއެއް ނުކުރެވޭނެއެވެ. އެހެންޏާ ފަހެ، ﷲ ބާވައިލެއްވި ގޮތަށް ޙުކުމް ކުރުމަށް، ތައުރާތާއި އިންޖީލުގެ އަހުލުވެރިންނަށް އަމުރު ކުރައްވާފައި، ޤުރުއާނުގެ އަހުލުވެރިން އޭގައިވާ ގޮތަށް ޙުކުމް ކުރުމަށް އަމުރު ނުކުރައްވާނެހެއްޔެވެ!

ފަތުވާ ދިނުމާއި ފަތުވާ ދޭ މީހުންނަށް އެޅޭ ޅައެއްޗެއްސާ ބެހޭގޮތުން، 'ފަތުވާދިނުން ހަރުދަނާވުމާއި ދޯހަޅިވުން' މި ނަމުގައި އަހަރެން ލިޔުނު ފޮތުގައި އަހަރެން ބުނެފައި ވާނެއެވެ: ''ނުބައިކޮށް ތައުވީލުކުރުމުގެ އެއް މިސާލަކީ، ﷲ ބާވައިލެއްވި ގޮތަށް ޙުކުމް ނުކުރާ މީހުންނާ ބެހޭ ގޮތުން މާއިދަތު ސޫރަތުގައި އޮތް، ތިން އާޔަތާ ބެހޭ ގޮތުން، މީހަކު ދައްކާފައިވާ ވާހަކައެވެ. އެ މީހަކު ބުނެފައި ވަނީ: މި އާޔަތްތަކަކީ އަހަރެމެން މުސްލިމުންނާ މެދު ބާވައިލެއްވުނު އާޔަތްތަކެއް ނޫން ކަމަށެވެ. އެކަމަކު އެއީ، ހަމައެކަނި އަހުލުކިތާބީންނާ މެދު ބާވައިލެއްވު އާޔަތްތަކެއް ކަމަށެވެ. އޭނާ މި ހީކުރާ ގޮތަށް ބަލައިފިއްޔާ ވާނެ ގޮތަކީ، ޔަހޫދީންނާއި ނަޞާރާއިންގެ ތެރެއިން، ﷲ ބާވައިލެއްވި ގޮތަށް ޙުކުމް ނުކުރާ މީހުންނަކީ، ކާފިރުން ނުވަތަ ޡާލިމުން ނުވަތަ ފާސިޤުންނެވެ. ނަމަވެސް، މުސްލިމުންގެ ތެރެއިން، ﷲ ބާވައިލެއްވި ގޮތަށް ޙުކުމް ނުކުރާ މީހުންނަކީ، މިތިން ސިފަ ކުރެ ސިފައެއްގެ ބައެއް ނޫނެވެ. ގަންދީ ބުނަމެވެ. މިގޮތަށް ބެލުމަކީ އަންތަރީސްވާ ވަރުގެ ކަމެކެވެ.''

ތެދެކެވެ. މި އާޔަތްތައް އައިސްފައިވާ މަގަށް ބެލީމާ، އެއީ އަހުލުކިތާބީންނާ މެދު ބާވައިލެއްވުނު އާޔަތްތަކެއްކަން އެނގެއެވެ. އެހެނީ އެ އާޔަތްތައް އައިސްފައި ވަނީ، ތައުރާތާއި އިންޖީލާއި ބެހޭ ގޮތުން ވާހަކަ ދެކެވިފައިވާ އާޔަތްތަކެއްގެ ފަހަތުން އެއާ ވިއްދައިގެންނެވެ. އެކަމަކު، ފާހަނގަކުރެވޭ ކަމަކީ، މި އާޔަތްތަކުގައިވާ ޢިބާރާތަކީ ޢާއްމު ޢިބާރާތެއް ކަމެވެ. ވީމާ އަހުލު ކިތާބީއަކު ވިޔަސް އަދި މުސްލިމަކު ވިޔަސް، އާޔަތުގައި ވާފަދަ ކަމެއް ކޮށްފިއްޔާ، އާޔަތުގައިވާ ޙުކުމުގައި ޝާމިލުވާނެއެވެ.

މިހެންވެ، މުސްލިމް ޢިލްމުވެރިން ވިދާޅުވެފައި ވަނީ: ''ބެލެވެނީ ލަފްޒުގެ ޢާއްމު ދޭހައަށެވެ. ސަބަބުގެ ޚާއްޞަ ކަމަކަށް ނޫނެވެ.'' މިފަދައިންނެވެ.

އަހަރެމެން ވާހަކަދައްކާ ބުނެއުޅޭ ޢިބާރާތަކުން މީގެ މިސާލެއް ޖެހީމާ، އުޞޫލީ މި ޤަވާޢިދުގެ މާނަ އިތުރަށް ސާފުވާނެއެވެ. އަހަރެމެން ބުނެއުޅެނީ: ''އޭނާ ބަލިވި ސަބަބަކީ ކެއުން ސަކަރާތް ކުރުމާއި އުޅުނު ވެށި ނުސާފުވުމެވެ. ކެއުން ސަކަރާތް ކޮށް، ނުސާފު ވެއްޓެއްގައި އުޅޭ މީހާއަކީ ބަލިޖެހޭނެ މީހެކެވެ.''

މި ޢިބާރާތުގައި ވާ ފުރަތަމަ ޖުމްލައަކީ ވަކި މީހަކަށް ޚާއްޞަކޮށް ބުނި އެއްޗެކެވެ. ނަމަވެސް އޭގެ ފަހަތުން އޮތް ޖުމްލައިގައި ވަނީ، ރަނގަޅު ކެއުން ނުކާ، އަދި ނުސާފު ވެއްޓެއްގައި އުޅޭ އެންމެން ހިމެނޭނެ، ޢާއްމު މާނައެއް ދޭހަވާ ޢާއްމު ޖުމްލައެކެވެ. އަދި މިފަދަ މީހަކީ، ބަލިޖެހޭނެ މީހެއްކަން ވެސް އެބަ ކަނޑައަޅައެވެ.

އަދިވެސް އެހެން މިސާލެކެވެ: ''މިވެނި މަދަރުސާއެއްގެ ނަތީޖާގެ ފެންވަރު ދަށްވީ، އިދާރީ ހިންގުން ގޯސްކަމުންނެވެ. އިދާރީ ހިންގުން ގޯސް ތަނެއްވިއްޔާ، ނަތީޖާގެ ފެންވަރު ދަށްވާނެއެވެ.'' މި ޢިބާރާތުގައިވާ، ފުރަތަމަ ބައި ޚާއްޞަ ކުރެވިފައި ވަނީ ވަކި މަދަރުސާއަކަށެވެ. ނަމަވެސް ފަހު ބައި އެއީ، އިދާރީ ހިންގުން ގޯސް ހުރިހާ މަދަރުސާތަކެއް ވެސް ހިމެނޭނެ ޢާއްމު ލަފްޒަކުން އައިސްފައި އޮތް ޢާއްމު ޢިބާރާތެކެވެ. ވީމާ ޢައްޔަން ކުރެވުނު މަދަރުސާއާއި އަދި އެ ނުން މަދަރުސާ ވެސް، އެ ޙުކުމަށް ފެތޭނެއެވެ.

ވީމާ މިއިން އަހަރެމެންނަށް އެނގޭ އެއްޗަކީ، އަހުލު ކިތާބީންނާ ބެހޭ ގޮތުން އާޔަތްތައް ބާވައިލެއްވުމަކީ، އޭގެ ޙުކުމް، ހަމައެކަނި ޔަހޫދީންނާއި ނަޞާރާއިންނަށް ޚާއްޞަވާނެ ކަމެއް ނޫން ކަމެވެ. އެހެނީ އެ އާޔަތްތައް އައިސްފައި ވަނީ، އެ މީހުންނާއި އަދި އާޔަތުގައި އައިސްފައިވާ ސިފަތަކުގައި ބައިވެރިވާ އެންމެން ޝާމިލުވާ، ޢާއްމު މާނައެއް ދޭހަވާ ލަފްޒުތަކަކުންނެވެ.

މި ތިން އާޔަތުގެ ފަހަތުގައި އައިސްފައިވާ ތިން ޙުކުމަކީ ހަމައެކަނި ޔަހޫދީންނާއި ނަޞާރާއިންނަށް ހުރި ޙުކުމްތަކެކޭ ބުނުން، އެއީ ބުއްދިއެއް ހުރި މީހަކު ޤަބޫލުކުރާނެ ކަމެއް ނޫނެވެ. އެހެން ބުނެފިއްޔާ އޭގެ މާނައަކީ، ޔަހޫދީއެއް ނުވަތަ ނަޞްރާނީއެއް، ﷲ ބާވައިލެއްވި ޙުކުމާއި ޚިލާފަށް ޙުކުމްކޮށްފިއްޔާ އެއީ ކުފުރާއި ޡުލުމާއި ފާސިޤުކަމުގެ ޢަމަލެކެވެ. ނަމަވެސް މުސްލިމަކު ކޮށްފިއްޔާ އެއީ އެފަދަ ކަމެއް ނޫނެވެ.

މިވާހަކައަކީ އެތައް ގޮތަކުން ޤަބޫލު ނުކުރެވޭ ވާހަކައެއް:

1- މިގޮތަށް ވުމަކީ އިލާހީ ޢަދުލުވަންތަކަމާއި ޚިލާފުކަމެއް: އަހުލުކިތާބީން ބާވައިލެއްވުނު ޙުކުމާ ޚިލާފަށް ޙުކުމް ކުރުން ބޮޑު ކަމަކަށް ވެފައި، މުސްލިމުން ކުރުމުން ބޮޑު ކަމަކަށް ނުވުމަކީ، ﷲ ގެ ޢަދުލުވަންތަކަމާއި ޚިލާފު ކަމެކެވެ. އަހުލުކިތާބީންނަށް ވަކި ނާޅިއެއް މުސްލިމުންނަށް ވަކި ނާޅިއެއް، ﷲ ގެ ޙަޟްރަތުގައި ނުވެއެވެ. އެ ކަލާނގެ އަޅުތަކުންނާ މެދު ކަންތައް ކުރެއްވުމުގައި ބައްލަވަނީ، ސުރުޚީތަކާއި ނަމަކަށް ނޫނެވެ. ކިއެއްތަ، އީމާންކަމަށާއި ޢަމަލަށެވެ. މި ބީދައިން ﷲ ވަޙީކުރައްވާފައި ވަނީ:

لَيْسَ بِأَمَانِيِّكُمْ وَلا أَمَانِيِّ أَهْلِ الْكِتَابِ مَنْ يَعْمَلْ سُوءاً يُجْزَ بِهِ وَلا يَجِدْ لَهُ مِنْ دُونِ اللَّهِ وَلِيّاً وَلا نَصِيراً (123)

އާޔަތުގެ ތަފްސީރީ މާނަ: ''އެންމެހާ މުސްލިމުންނެވެ. ސުވަރުގޭގެ މަތިވެރި ނިޢްމަތަކީ، ހަމައެކަނި ތިޔަބައި މީހުން އެދޭ އެދުންތަކަކުން ލިބޭނެ އެއްޗެއް ނޫނެވެ. އަދި އަހުލު ކިތާބީން އެ ގޮތަށް ސުވަރުގެ ލިބޭނެ ކަމަށް އެދުނަސް، ސުވަރުގެ ނުލިބޭނެއެވެ. ސުވަރުގެ ލިބޭނީ، ތެދުވެރިކަމާއެކު ﷲ އަށް އީމާންވެ، އެކަލާނގެ ރުއްސަވާ ޢަމަލުތައް އިޙްސާންތެރިކަމާއެކު ކުރުމުންނެވެ. ނުބައި ކަމެއް ކޮށްފިއްޔާ، އެ މީހަކަށް އެކަމުގެ ޖަޒާ ލިބޭނެއެވެ.'' (އައްނިސާ: 123)

އިމާމު އައްޠަބަރީ އެ ކަލޭގެފާނުގެ ތަފްސީރުގައި، އަބުލް ބަޚްތަރީގެ ކިބައިން ރިވާކުރައްވާފައި ވެއެވެ. ވިދާޅުވިއެވެ: މީހަކު ޙުޛައިފާ ބިން އަލްޔަމާން އަރިހު، وَمَنْ لَمْ يَحْكُمْ بِمَا أَنزَلَ اللَّهُ فَأُوْلَئِكَ هُمْ الْكَافِرُونَ  ,   وَمَنْ لَمْ يَحْكُمْ بِمَا أَنزَلَ اللَّهُ فَأُوْلَئِكَ هُمْ الظَّالِمُونَ  ,  وَمَنْ لَمْ يَحْكُمْ بِمَا أَنزَلَ اللَّهُ فَأُوْلَئِكَ هُمْ الْفَاسِقُونَ މި އާޔަތްތަކަކީ ބަނީއިސްރާއީލުންނާ މެދު އޮތް އާޔަތްތަކެއްތޯ ސުވާލުކުރިއެވެ. ޖަވާބުގައި ޙުޛައިފާ ވިދާޅުވިއެވެ: ހުރިހާ އުނދަގުލެއް އެ މީހުންނަށް އޮވެފައި ހުރިހާ ފަސޭހައެއް ކަލޭމެންނަށް އޮންނަންޏާ، ބަނީ އިސްރާއީލުންނަކީ ކަލޭމެންގެ އަޚުންތަކެއް ކަމުގައި ހާދަ ރަނގަޅު ބައެކެވެ! ހަމަހީލާ އެހެނެއް ނޫނެވެ. އެއީ ހަމައެކަނި އެ މީހުންނާ ބެހޭ ގޮތުން އޮތް އާޔަތްތަކެއް ނޫނެވެ. އެކަމަކު ކަލޭމެން ވެސް ޔަހޫދީން ކަންތައް ކުރި ގޮތަށް، އެ މީހުންނާ އެއްމަގަކުން ހިނގަނީއެވެ.

2- މި އާޔަތްތަކުގައި ވަނީ މުސްލިމުންނާ އެއްވެސް ގުޅުމެއް ހުރި ވާހަކައެއް ނޫންކަމަށް ބުނުމުން ދޭހަވަނީ، މާތް ﷲ މުސްލިމުންގެ މައްޗަށް ބާވައިލެއްވި ޝަރީޢަތާއި ޙުކުމްތަކަކީ، އަހުލުކިތާބީންގެ މައްޗަށް ބާވައިލެއްވުނު ޝަރީޢަތާއި ޙުކުމްތަކަށް ވުރެން ދަށް އެއްޗެއްހެނެވެ. އެހެނީ، އަހުލުކިތާބީން، ﷲ ބާވައިލެއްވި ގޮތާ ޚިލާފަށް ޙުކުމް ކުރުމުން، އެއީ ކުފުރަކަށް، އަދި ޡުލުމަކަށް، އަދި ފާސިޤުކަމަކަށް ވެފައި، މުސްލިމުންގެ މައްޗަށް ބާވައިލެއްވި ގޮތަށް ޙުކުމް ނުކުރުމުން، މި ތިން ސިފައިން އެ މީހުން ސިފަ ނުކުރެވެއެވެ. ނަމަވެސް ޝައްކެއް ވެސް ނެތި އެނގޭ ކަމަކީ، މާތް ﷲ މުސްލިމުންގެ މައްޗަށް ބާވައިލެއްވި ފޮތަކީ އެންމެ ހެޔޮ ފޮތެވެ. ޤުރުއާނަކީ ކުރީން ބާވައިލެއްވުނު ފޮތްތަކުގައި ބާކީ ހުރި ޞައްޙަ ބައިތައް ތެދުކޮށް، ތަޙްރީފުކުރެވިފައިވާ ބައިތަކުގެ ތަޙްރީފުކަން ބަޔާންކޮށް، އަދި އެ ފޮތްތަކުގައިވާ ބައެއް ޙުކުމްތައް ނަސްޚުކޮށް އޭގެ މައްޗަށް ގަދަކަން ލިބިގެންވާ ފޮތެކެވެ. އެއީ އެއްވެސް ގޮތަކުން އެއަށް ބާޠިލެއް ނާންނާނެ، ރައްކާތެރި ކުރެވިފައިވާ މުޢްޖިޒާތް ފޮތެކެވެ.

3- ޤުރުއާނުގައި އަހުލުކިތާބީންނާއި ކުރީގެ އުއްމަތްތަކުގެ ވާހަކަ ގެނެސް، އެ މީހުން ކަންތައް ކުރި ގޮތް ބަޔާންކޮށް، އަދި އެ މީހުންނާ އެއްކޮޅަށް ނުވަތަ ދެކޮޅަށް ޙުކުމް ކަނޑައެޅުމުގެ ބޭނުމަކީ، މުސްލިމުން އެއިން ޢިބްރަތް ލިބިގަތުމެވެ. އެ މީހުންގެ ކިބައިގައި ހުރި ރަނގަޅު ކަންތައްތަކަކީ ނަމޫނާއެއްކަމަށް ބަލައި، އަދި އެ މީހުން ކުރި ނުބައިކަންތަކާމެދު ސަމާލުވެ އެއާ ދުރުވުމެވެ. އެހެން ނޫނިއްޔާ، ޤުރުއާނުގައި މި ވާހަކަތައް ހުރުމަކީ ބޭކާރު ކަމެކެވެ.

ކަންމިހެން އޮތުމުން، މުސްލިމް ހުރިހާ ޢިލްމުވެރިން ވެސް، އަހުލުކިތާބީންނާ މެދު ބާވައިލެއްވިފައިވާ އަޔާތްތަކަކީ ޢިބްރަތާއި ހަނދާންކުރުމަށްޓަކައި ހުރި އާޔަތްތަކެއްކަން ޤަބޫލުކުރައްވައި، އެ އާޔަތްތަކުން ކަންކަމަށް ދަލީލު ދައްކަވާ ހައްދަވައެވެ.

މިސާލަކަށް ބަލަންޏާ، ބަޤަރާ ސޫރަތުގެ 44 ވަނަ އާޔަތުގައި، ބަނީ އިސްރާއީލު މީހުންނާއި އެ މީހުންގެ ޢިލްމުވެރިން އަމިއްލަ ނަފްސު ހަނދާން ނައްތާލާފައި އެހެން މީހުންނަށް ހެޔޮކަންތަކަށް ގޮވާލާތީ، އެ މީހުންގެ މި ޢަމަލުގެ ނުބައިކަން ބަޔާންކުރައްވާފައި ވެއެވެ. ބަނީ އިސްރާއީލު މީހުން ފަދައިން، ހެޔޮކޮށް ނޫޅެ ހެޔޮކޮށް އުޅޭ ކަމަށް ހެދިގެން، އަމިއްލަ ނަފްސު ހަނދާން ނައްތާލާފައި އެހެން މީހުންނަށް ހެޔޮކަންތަކަށް ގޮވާލާ ބަޔަކަށް، މުސްލިމް ޢިލްމުވެރިން ނުވުމަށް، ހުރިހާ ޢިލްމުވެރިން ވެސް މި އާޔަތުން ދަލީލު ދައްކަވައެވެ. އަދި ބަޤަރާ ސޫރަތުގެ 85 ވަނަ އާޔަތުގައި ވަނީ، ޔަހޫދީން އެ މީހުންނަށް ބާވައިލެއްވުނު ތައުރާތުގެ ބައެއް ޙުކުމްތަކަށް އީމާންވެ އަނެއްބައި ޙުކުމްތަކަށް އީމާން ނުވާތީ، އެ މީހުންގެ މި ޢަމަލުގެ ނުބައިކަމާއި ހުތުރުކަން ބަޔާންކުރައްވާފައެވެ. ނަމަވެސް މިއީ ހަމަ މުސްލިމުންނާ ވެސް މުޚާޠަބު ކުރެވޭ ކަމެކެވެ.

ވީމާ ސީދާ ޔަހޫދީންނާ މުޚާޠަބު ކުރައްވާފައިވާ އާޔަތްތަކަކީ، އޭގައިވާ ޙުކުމަށް މުސްލިމުން ވެސް ތަބާވާންޖެހޭ އާޔަތްތަކަކަށް ވާހިނދު، އަހަރެމެން ވާހަކަ މި ދައްކާ މާއިދަތު ސޫރަތުގެ އާޔަތްތައް ފަދަ ޢާއްމު ލަފްޒުތަކަކުން ހުރި އާޔަތްތަށް، އެއީ މުސްލިމުންނާ ބެހޭ އެއްޗަކަށް ނުވާނީ ފަހެ ކޮންފަދައަކުންހެއްޔެވެ؟

މިއީ އަހުލުކިތާބީންނާ މެދު ބާވައިލެއްވުނު އާޔަތްތަކެކޭ، ވީމާ މިއީ މުސްލިމުންނާ ބެހޭ އާޔަތްތަކެއް ނޫނޭ ކިޔައި ދަޢްވާކޮށް ތައުވީލުތައްކުރާ މީހުންނަށް ގޮންޖަހައި، އަދި ﷲ ގެ ޙުކުމަށް ޙުކުމް ނުކުރާ ކޮންމެ މީހަކީ، ކާފިރު އަދި ޡާލިމު އަދި ފާސިޤު މީހެއް ކަން ކަނޑައެޅޭނެ، އޮތީ އެންމެ އާޔަތެއް ނޫނެނެވެ. ތިން އާޔަތެވެ. ރެކެވޭނީ އެންމެ ތީރެއް ނަމަތާއެވެ. ފުލުފުލުގައި އަންނަ ތިން ތީރުން ރެކޭނީ ކިހިނެއްހެއްޔެވެ!

ﷲ ބާވައިލެއްވި ގޮތަށް ޙުކުމްކުރުމަކީ ވާޖިބުކަމެއް ކަމުގެ އިޖްމާޢު:

މި އާޔަތްތަކަކީ އަހުލުކިތާބީންނާ މެދު ބާވައިލެއްވުނު އާޔަތްތަކެއް ކަމަށް ވިދާޅުވި ބޭފުޅުންގެ މުރާދަކީ، ޤުރުއާނުގައި ﷲ ބާވައިލެއްވި ގޮތަށް ޙުކުމްކުރުމަކީ މުސްލިމުންގެ މައްޗަށް ވާޖިބުކަމެއް ނޫނޭ ވިދާޅުވުމެއް ނޫނެވެ. އެހެނީ މިފަދަ ބަހެއް، ފިޤުހުވެރިންނާއި ތަފްސީރު ޢިލްމުވެރިން އެއްކިބާގައި ބާއްވާފައި، އާދައިގެ މުސްލިމަކު ވެސް ނުބުނާނެއެވެ. އެހެންޏާ ފަހެ، ޤުރުއާނުގައިވާ ޝަރީޢަތާއި ޙުކުމްތަކަކީ މުސްލިމުންގެ މައްޗަށް ވާޖިބު އަދި ލާޒިމުވެގެންވާ އެއްޗެއް ނޫންނަމަ، ﷲ، އެ ބާވައިލެއްވެވީ ދެން ކޮންކަމަކުހެއްޔެވެ!

އެއީ އަހުލުކިތާބީންނާ މެދު ބާވައިލެއްވި އާޔަތްތަކެކޭ ވިދާޅުވި ބޭފުޅުން އެހެން ވިދާޅުވިހާވެސް ސަބަބަކީ، ފަސޭހަ ފަސޭހައިން މީހުން ކާފިރުކުރުމުގެ ނުރައްކަލުން ފިއްލަވާށެވެ. ﷲ ބާވައިލެއްވި ގޮތަށް ޙުކުމްކުރުމަކީ ލާޒިމުކަމެއް ނޫނޭ، އެއިން އެއްވެސް ބޭފުޅެއްގެ ހިތްޕުޅަކަށް ނާރައެވެ.

މި އާޔަތްތަކަކީ އަހުލުކިތާބީންނާ މެދު ބާވައިލެއްވުނު އާޔަތްތަކެކޭ، އެހެން ނަމަވެސް އެއީ އަހަރެމެންގެ މައްޗަށް ވެސް ވާޖިބުވެގެންވާ އާޔަތްތަކެކޭ، މީގެ ތެރެއިން ބައެއް ބޭފުޅުން ވިދާޅުވެފައިވަނީ، މިހެންވެގެންނެވެ. ﷲ ބާވައިލެއްވި ގޮތަށް ޙުކުމްކުރުމަކީ މުސްލިމުންގެ މައްޗަށް ވެސް ވާޖިބު ކަމެއް ކަން، އެނގިވަޑައިގަންނަވާތީއެވެ.

މިގޮތުން އިމާމް އައްޠަބަރީ، މި އާޔަތްތަކަކީ އަހުލުކިތާބީންނާ މެދު ބާވައިލެއްވުނު އާޔަތްތަކެއް ކަމަށް ބުނާ ރައުޔު އިޚްތިޔާރު ކުރެއްވުމަށް ފަހު ވެސް، ނިންމަވާލައްވާފައި ވަނީ، ﷲ ބާވައިލެއްވި ގޮތަށް ޙުކުމް ކުރުމަކީ ވާޖިބުކަމެއް ކަމަށް ވިދާޅުވަމުންނެވެ.

އައްޠަބަރީ ވިދާޅުވިއެވެ: މި ބުނުންތަކުގެ ތެރެއިން އަހަރެން ގާތު އެންމެ އައުލާކަން ބޮޑު ބުނުމަކީ، މި އާޔަތްތަކަކީ އަހުލުކިތާބީންނާ މެދު ބާވައިލެއްވުނު އާޔަތްތަކެއް ކަމަށް ބުނާ ބުނުމެވެ. އެހެނީ، އޭގެ ކުރީއާއި ފަހުގައިވާ އާޔަތްތައް ބާވައިލެއްވުނީ އެ މީހުންނާ މެދު އެވެ. އަދި އާޔަތްތަކުގެ މަޤްޞަދަކީ އެ މީހުންނެވެ. އަދި މި އާޔަތްތަކަކީ އެ މީހުންގެ ކަންތައް ހުރި ގޮތުގެ ޚަބަރު އައިސްފައިވާ އާޔަތްތަކުގެ ތެރޭގައިވާ ބައެކެވެ. ވީމާ އެއީ އެ މީހުންނާ ބެހޭ ޚަބަރަކަށް ވުން އައުލާކަން ބޮޑެވެ.

މީހަކު ބުނެފާނެއެވެ: ﷲ ބާވައިލެއްވި ގޮތަށް ޙުކުމް ނުކުރާ އެންމެންނަކީ މި ޚަބަރުގައިވާ ޙުކުމުގައި ހިމެނި ޝާމިލުވާނެ ބައެއް ކަމުގައި، މާތް ﷲ ވަނީ ކަނޑައަޅުއްވާފައެވެ. ވީއިރު ފަހެ ކަލޭ އެ ޙުކުމް ވަކި ބަޔަކަށް ޚާއްޞަކުރީ ކިހިނެއްހެއްޔެވެ؟

މީގެ ޖަވާބަކީ: ޚަބަރުގައިވާ ޙުކުމުގައި ހިމެނި ޝާމިލުވާ ބަޔަކީ، އެ ކަލާނގެ ފޮތުގައި ބާވައިލައްވާފައިވާ ޙުކުމަށް އެނގިތިބެ ދެކޮޅުހަދައި އިންކާރުކުރި ބައެކެވެ. ވީމާ އެ މީހުން އެ ދޫކުރި ގޮތަށް، ﷲ ބާވައިލެއްވި ގޮތަށް ޙުކުމް ކުރުން ދޫކޮށްލުމުގެ ސަބަބުން، އެ މީހުންނަކީ ކާފިރުންތަކެއް ކަމުގައި ޚަބަރު ދެއްވީއެވެ. ހަމައެފަދައިން، ﷲ ބާވައިލެއްވި ޙުކުމް އެނގިހުރެ ދެކޮޅުހަދައި އިންކާރުކުރާ ކޮންމެ މީހަކީ ވެސް، އެކަލާނގެއަށް ކާފިރުވާ މީހެކެވެ. އިބްނު ޢައްބާސް ވެސް ވިދާޅުވިފަދައިންނެވެ. އެހެނީ، ﷲ ގެ ފޮތުގައި ޙުކުމް ބާވައިލައްވާފައިވާ ކަން އެނގުމަށް ފަހު އެއާ ދެކޮޅުހަދައި އިންކާރުކުރުމަކީ، އެ ކަލާނގެ ފޮނުއްވި ނަބިއްޔެއް، އެއީ ނަބިއްޔެކަން އެނގުމަށް ފަހު އިންކާރުކުރުން ފަދަ ކަމެކެވެ.'' -ނިމުނީ-

މި އާޔަތްތަކަކީ ޢާއްމު ޢިބާރާތުން އައިސްފައި ހުރި އާޔަތްތަކެއް ކަމަށް، ވިދާޅުވި ޢިލްމުވެރިންނަށް ވެސް ވާޞިލުވެވަޑައިގަނެވުނު ނަތީޖާއަކީ ހަމަ މިއެވެ. މި ބޭފުޅުން ވެސް، އެކިކަހަލަ ވެރިންނާއި އެ މީހުން ޝަރީޢާތާ މެދު ދެކޭގޮތަށް ބައްލަވާފައި ޙުކުމް ތަފާތުކުރައްވައެވެ. އަހަރެމެން ވެސް އަދި ތަޙްޤީޤުކުރައްވާ ހުރިހާ ޢިލްމުވެރިން ވެސް ވިދާޅުވަނީ މިފަދައިންނެވެ. މިގޮތުން މި ބޭފުޅުން ވެސް، ޢަދުލާ ޚިލާފަށް ޙުކުމް ކުރާ ކޮންމެ މީހަކު ކާފިރުވާނެއޭ ބުނެ ޙުކުމެއް ކަނޑަ ނާޅުއްވައެވެ. ކިއެއްތަ، އޭގައި ތަފްޞީލުތަކެއް ގެންގުޅުއްވައެވެ.

ޢައްލާމާ ރަޝީދު ރިޟާގެ ރައުޔު:

މާއިދަތު ސޫރަތުގެ އާޔަތްތައް ތަފްސީރުކުރައްވަމުން، ޢައްލާމާ ރަޝީދު ރިޟާ ވިދާޅުވެފައިވެއެވެ:

''ކުފުރު، ޡުލުމް، ފިސްޤު، މި ކަލިމަތައް ޤުރުއާނުގައި ބައެއް ފަހަރު ބޭނުންކުރެވިފައި ވަނީ އެއް ކަމަކަށެވެ. އަދި އަނެއްބައި ފަހަރު ތަފާތު މާނަތަކެއްގައެވެ. ބަޤަރާ ސޫރަތުގެ 254 ވަނަ އާޔަތް، وَالْكَافِرُونَ هُمْ الظَّالِمُونَ ތަފްސީރު ކުރިއިރު އަހަރެން ވާނީ މިކަން ތަފްޞީލުކޮށް ބަޔާންކޮށްފައެވެ.

ﷲ ގެ ޙައްޤު ދީނާއި ޚިލާފު ކަންކަމަށާއި އަދި މިއްލަތުން ބޭރުވުމަށް، ޢަޤީދާއާއި ފިޤުހު ޢިލްމުވެރިން ބޭނުން ކުރައްވާ ބަހަކީ 'ކުފުރު' މި ލަފްޒެވެ. 'ޡުލުމް' އަދި 'ފިސްޤު' މި ދެ ލަފްޒު މި ބުނި މާނައިގައި ބޭނުމެއް ނުކުރެއެވެ. ނަމަވެސް، ކުފުރުގެ ގޮތުގައި އެ މީހުން ނުދެކޭ ކަންކަމަށް، ޤުރުއާނުގައި 'ކުފުރު' މި ލަފްޒު ބޭނުންކޮށްފައިވާކަން، އެކަކަށް ވެސް އިންކާރެއް ނުކުރެވޭނެއެވެ. މިފަދަ ޙާލަތްތަކުގައި އެ މީހުން ބޭނުންކުރާ ޢިބާރާތަކީ 'ކުފުރަކަށް ނުވާ ކުފުރު' މިހެންނެވެ. އަދި ކުފުރުގެ ގޮތުގައި އެ މީހުން ދެކޭ ކަންކަމަށް، ޤުރުއާނުގައި 'ޡުލުމް' އަދި 'ފިސްޤު' ވެސް ބޭނުން ކުރެވިފައިވާ ކަން، އިންކާރެއް ނުކުރެވޭނެއެވެ. ކޮންމެ 'ޡުލުމް' އަކީ އަދި ކޮންމެ 'ފިސްޤު' އަކީ، އެ މީހުން ގާތު، ކުފުރެއް ނޫނެވެ. އެހެންވެ އެ މީހުން، ޡުލުމް ނުވަތަ ފިސްޤު ކަމަށް ދެކޭ ކަމަކަށް، 'ކުފުރު' މި ލަފްޒު ބޭނުމެއް ނުކުރެއެވެ. ކަން މިހެން އޮވެފައި އަނެއްކޮޅުން، ﷲ ބާވައިލެއްވި ގޮތަށް ޙުކުމް ނުކުރާ މީހުންނަކީ ކަނޑައެޅިގެން ކުފުރުވެފައިވާ ބައެއް ކަމަށް މި އާޔަތުގައި އޮތުމުން، ޢާއްމު ޢުރުފުގެ ލަފްޒުތަކާއި ޤުރުއާނުގެ ނައްޞުތައް އަރާރުމެއް ނެތި އެއްގޮތް ކުރަން އުޅޭ މީހުން، މި އާޔަތްތަކާ މެދު ދިގު ބަހުސްކޮށް ތައުވީލުތައް ކުރިއެވެ.

ދެން ކުރީގެ ސަލަފުން މިއާޔަތްތައް ތަފްސީރު ކުރައްވާފައިވާ ގޮތަށް ރުޖޫޢަވެ ބަލާއިރު، ފެންނަން އޮތް އެއް ބަހަކީ އިބްނު ޢާއްބާސް ވިދާޅުވި ކަމަށް ރިވާވެފައިވާ ޚަބަރެކެވެ. އެކަލޭގެފާނު ވިދާޅުވީ: އެއީ ކުފުރަކަށް ނުވާ ކުފުރެކެވެ. ޡުލުމަކަށް ނުވާ ޡުލުމެކެވެ. ފިސްޤަކަށް ނުވާ ފިސްޤެކެވެ.

އަދި މި ތިން އާޔަތަކީ ޚާއްޞަކޮށް ޔަހޫދީންނާ ގުޅުން ހުރި އާޔަތެއް ކަމަށާއި، ވީމާ އެއީ މުސްލިމުންނާ މެދު އޮތް އާޔަތްތަކެއް ނޫންކަމަށް ވެސް ބައެއް މީހުންގެ ކިބައިން ރިވާވެފައި އެބަ އޮތެވެ. ޝަޢްބީ ކިބައިން ރިވާވެފައި ވަނީ، ފުރަތަމަ އަދި ދެވަނަ އާޔަތް އޮތީ ޔަހޫދީންނާ މެދުއެވެ. ތިންވަނަ އާޔަތް އޮތީ ނަޞާރާއިންނާ މެދުއެވެ. (ނަމަވެސް ޝަޢްބީގެ ކިބައިން އައިސްފައިވާ ރިވާޔަތް ކަމަށް ޠަބަރީގައި އޮތީ: ފުރަތަމަ އާޔަތް މުސްލިމުންނާ މެދު، ދެވަނަ އާޔަތް ޔަހޫދީންނާ މެދު، ތިންވަނަ އާޔަތް ނަޞާރާއިންނާ މެދު ކަމަށެވެ.)

ތެދެކެވެ. އާޔަތްތަކުގެ ބޭރުފުށު މާނައިން ދޭހަވަނީ މިގޮތެވެ. ނަމަވެސް މީގެ މާނައަކީ، އަހަރެމެން މުސްލިމުންގެ ތެރެއިން، އަހުލުކިތާބީން ކަންތައް ކުރިގޮތަށް ކޮށް، ތައުރާތާއި އިންޖީލަށް އެ މިހުން ފުރަގަސްދިން ގޮތަށް ޤުރުއާނަށް ފުރަގަސްދީ، ﷲ ބާވައިލެއްވި ގޮތަށް ޙުކުމް ނުކުރާ މީހުން، މި އާޔަތްތަކުގައިވާ އިންޒާރުގައި ޝާމިލުނުވާނެއެކޭ ނޫނެވެ. އެހެނީ ޤުރުއާނަކީ، އޭގައި ބަޔާންވެފައިވާ ކަންކަން ވިސްނައި ފަހުމުކޮށް، އެއާ އެއްގޮތް އެހެން ހުރިހާ ކަމަކަށް، ޢިބްރަތް ލިބިގަންނަންޖެހޭ އެއްޗެކެވެ....''

މިހިސާބުން ޢައްލާމާ ރަޝީދު ރިޟާ ގެންނަވާފައި ވަނީ، މި އާޔަތްތަކަކީ ސަބަބު ޚާއްޞަ ވިޔަސް ޙުކުމް ޢާއްމު އާޔަތްތަކެއްކަން ދަލީލުކޮށްދޭ، ޙުޛައިފާއާއި އިބްނު ޢައްބާސްގެ ކިބައިން ވާރިދުވެފައިވާ، ބަސްފުޅުތަކަކެވެ. ދެން އޭގެ ފަހުން ވިދާޅުވެފައި ވެއެވެ:

''މީގެ ތެރެއިން ފުރަތަމަ ދެ އާޔަތް އައިސްފައި ވަނީ ޔަހޫދީންނާ ބެހޭގޮތުން ދެކެވިފައިވާ ވާހަކަތަކެއްގެ ތެރޭގައެވެ. ތިންވަނަ އާޔަތް އައިސްފައި ވަނީ، ނަޞާރާއިންނާ ބެހޭގޮތުން ދެކެވިފައިވާ ވާހަކަތަކެއްގެ ތެރޭގައެވެ. މި ތިން އާޔަތާ ބެހޭގޮތުން ބުނެވޭނެ، މި ނުން އެހެން ޞައްޙަ ބުނުމެއް ނެތެވެ. އަދި މި އާޔަތްތައް ވަނީ، ޚާއްޞަކުރެވޭނެ އެއްވެސް ދަލީލެއް ނެތް، ޢާއްމު ޢިބާރާތުންނެވެ. ވީމާ، ﷲ ބާވައިލެއްވި ގޮތަށް ޙުކުމް ނުކުރުމުގެ ފަހަތުގައި ވަނީ، އެ ޙުކުމްތަކަކީ ހުތުރު ކަމެއް ކަމަށް ދެކުމާއި، އެއަށް ބޯ ނުލެނބުމާއި، އޭގެ މައްޗަށް އެހެނިހެން ޙުކުމްތައް އިސްކުރުން ކަމަށް ވާނަމަ، ފުރަތަމަ އާޔަތުގައި -އަދި އަނެއް ދެ އާޔަތުގައި ވެސް- ވާ މުރާދަކީ، މިއްލަތުން ބޭރުވާ ކުފުރުވުން ކަމަށް ނުބެލެވޭނެ ކަމެއް ނެތެވެ. އާޔަތް ތަފްސީރުކުރި އިރު އަހަރެން ގެނެސްފައިވާ، އާޔަތް ބާވައިލެއްވުނު ސަބަބު (ސަބަބުއް ނުޒޫލް) ގެ އަލީގައި އާޔަތް އައިސްފައިވާ ގޮތާއި އޭގެ ބަސްމަގަށް ބެލީމާ، ވިސްނެނީ ވެސް މި ގޮތެވެ.

މި އާޔަތްތަކާ މެދު ކުޑަކޮށް ވިސްނާލިޔަސް، ފުރަތަމަ އާޔަތުގައި ކުފުރު ކަމަށް، ދެވަނަ އާޔަތުގައި ޡުލުމް ކަމަށް، އަދި ތިންވަނަ އާޔަތުގައި ފިސްޤު ކަމަށް، ސިފަކުރުމުގައި އޮތް ހިމުން މާނަ އެނގިދާނެއެވެ. މި ލަފްޒުތައް އައިސްފައި ވަނީ، ބަހުގައި އޮންނަ އޭގެ އަސްލު މާނައާއި ޢލްމުވެރިންގެ އިޞްޠިލާޙުތަކާއި ވެސް އެއްގޮތަށެވެ. މިގޮތުން ފުރަތަމަ އާޔަތުގައި ވާހަކަ ދެކެވިފައި ވަނީ، ޝަރީޢަތް ކަނޑައެޅުމާއި، ފުރެދުމުން ސަލާމަތް ވާނެ ތެދުމަގާއި، އަނދިރިކަމުން ސަލާމަތްވެ ޙުކުމްތައް ދެނެގަނެވޭނެ އަލިކަމާއި، އަދި ނަބީބޭކަލުންނާއި އަޅުވެރިންނާއި ޢިލްމުވެރިން ތައުރާތުގައި ވާ ގޮތަށް ޢަމަލުކޮށް އެއަށް ޙުކުމްކޮށް، އެ ރައްކާތެރިކޮށް ބެލެހެއްޓުމަށް ވަޞިއްޔަތް ކުރުމުގެ ވާހަކައެވެ. ދެން މި އާޔަތް ނިންމަވާލައްވާފައި ވަނީ، މި އާޔަތުގައި ވާ ކަންތަކަށް ބޯ ނުލެނބުމުގެ ގޮތުން ފުރަގަސްދީ، ހިދާޔަތާއި ނޫރު ބޭނުން ނުވެގެން ދޫކޮށްލާ، އެހެނިހެން ޙުކުމްތައް މީގެ މައްޗަށް އިސްކުރާ ކޮންމެ މީހަކީ، އެއަށް ކުފުރުވާ މީހެއް ކަމެވެ. މިއީ ސާފުކޮށް އެނގެން އޮތް ކަމެކެވެ. ދެން އޭގައިވާ ޙުކުމް ކަމަށް ހީކޮށް މީހަކަށް އޮޅިގެން ނުބައި ޙުކުމެއް ކުރެވި، ނުވަތަ ނޭނގުމުގެ ސަބަބުން އޭގައިވާ ޙުކުމް ދޫކުރުމަށް ފަހު ފަހުން ތައުބާވާ މީހާއަކީ، ބާވައިލެއްވި ޙުކުމް ދޫކޮށްލުމުގެ ސަބަބުން ފާފަވެރިއެކެވެ. ކާފިރެއް ކަމަށް ބުނަން، އަހުލުއް ސުންނާ ޢިލްމުވެރިން ދެކޮޅުހަދަނީ މިފަދަ މީހުންނާމެދުގައެވެ. އާޔަތް އައިސްފައިވާ ގޮތާއި ބަސްމަގަށް ބެލީމާ މިކަން އެނގެއެވެ.

ދެން ދެވަނަ އާޔަތުގައި ވާހަކަ ދެކެވިފައި ވަނީ، އީމާންކަމުގެ ރުކުނެއް އަދި ދީނުގެ އަސްލު ކަމުގައި ބެލެވޭ، ފޮތަށް އީމާންވުމާއި ބެހޭގޮތަކުން ނޫނެވެ. ވާހަކަ ދެކެވިފައި ވަނީ، ފުރާނައަށާއި ގުނަވަންތަކަށް ގެއްލުންދޭ މީހުންނަށް، ޢަދުލުވެރިކަމާއި ހަމަހަމަކަމާއެކު ދޭންޖެހޭ، ޢުޤޫބާތާ ބެހޭގޮތުންނެވެ. މިފަދައިން ޙުކުމް ނުކޮށްފިނަމަ އޭނާ ވާނީ، ޙުކުމުގައި އަނިޔާވެރިވި މީހަކަށެވެ. ދެން ތިންވަނަ އާޔަތުގައި ވަނީ އިންޖީލުގައިވާ ހިދާޔަތާ ބެހޭގޮތުންނެވެ. އޭގައި ގިނައީ ވަޢްޠާއި ނަސޭހަތާއި، އަދަބާއި އަޚްލާޤާއި، އަދި ޝަރީޢަތުގައިވާ ލަފްޒުތަކުގެ ބޭރުފުށު މާނައިގެ އިތުރަށް އޭގެ މުރާދާއި ޙިކުމަތާއި އެއްގޮތްވާ ގޮތުގެ މަތިން، ޝަރީޢަތް ޤާއިމުކުރުމަށް ހިތްވަރުދީ ބާރު އެޅުމެވެ. މި ހިދާޔަތް މުޚާޠަބު ކުރެވޭ މީހުން، ހިދާޔަތުގައިވާ ގޮތަށް ޙުކުމް ނުކޮށް ދޫކޮށްލައިފިނަމަ، އެ ބަޔަކު ވާނީ، ދީނަށް ކިޔަމަންތެރިވުމުގެ ދާއިރާއިން ބޭރުވެތިބޭ ފާސިޤުންނަށެވެ.

ވަރަށް ގިނަ މުސްލިމުން ވަނީ، އެ މީހުންގެ ކުރީގެ އުއްމަތްތަކުގެ މީހުން ފަދައިން، އާ ޤާނޫނުތަކާއި ޙުކުމްތައް އުފައްދާފައެވެ. އަދި އަމިއްލައަށް އުފެއްދި ޤާނޫނުތަކަށް ޙުކުމްކުރުމުން، އެ މީހުން ވަނީ، ﷲ ބާވައިލެއްވި ބައެއް ޙުކުމްތައް ދޫކޮށްލާފައެވެ. ﷲ ބާވައިލެއްވި ފޮތުގައި އެކަލާނގެ ކަނޑައަޅުއްވާފައިވާ ޙުކުމްތައް، ޞައްޙަ ތައުވީލެއް ނެތި، ދޫކޮށްލައިފިއްޔާ، މި ތިން އާޔަތުގައިވާ ތިން ސިފަ ނުވަތަ އޭގެއިން ބައެއް ސިފަތައް، އެބައެއްގެ ގައިގައި ހުންނާނެއެވެ. ކޮންމެ ބައެއް ވެސް އެ ބައެއްގެ މިންވަރުންނެވެ.

ވައްކަމުގެ ޙައްދު ނުވަތަ ޤަޛްފާއި ޒިނޭގެ ޙައްދު ޤާއިމުކުރަން އޮންނަ އަމުރުފުޅަށް ބޯލަނބާ ކިޔަމަން ނުވެ، ޙައްދު ޖެހުން އެއީ ހުތުރު ކަމެއް ކަމަށް ދެކި، އަދި އިންސާނުން ހަދާ ވަޟުޢީ ޤާނޫނުތައް އިސްކޮށް، ޝަރުޢީ ޙުކުމްތަކަށް ފުރަގަސްދީފި މީހާއަކީ، ޝައްކެއް ވެސް ނެތި ކާފިރެކެވެ. މި ނުން ކޮންމެވެސް ސަބަބަކަށްޓަކައި، ބާވައިލެއްވި ގޮތަށް ޙުކުމް ނުކޮށް، އަދި އޭގެ ސަބަބުން މީހުންގެ ޙައްޤުތައް ގެއްލި، ނުވަތަ ޢަދުލުވެރިކަމާއި ހަމަހަމަކަން ގެއްލިއްޖެނަމަ، އޭނާ ވާނީ ޡާލިމަކަށެވެ. ދެން އެހެން ނޫނިއްޔާ އޭނާ ވާނީ ހަމައެކަނި ފާސިޤަކަށެވެ. އެހެނީ މި ތިން ލަފްޒުގެ ތެރެއިން އެންމެ އެންމެ ފުޅާ ލަފްޒަކީ 'ފިސްޤު' އެވެ. ކޮންމެ ކާފިރަކީ އަދި ކޮންމެ ޡާލިމަކީ ފާސިޤެކެވެ. ނަމަވެސް ކޮންމެ ފާސިޤަކީ ކާފިރެއް ނޫނެވެ. ދެން ބުނަން އޮތް ވާހަކައަކީ، މާތް ﷲ ބާވައިލެއްވި މުޠްލަޤު ޝާމިލު ޙުކުމަކީ ޢަދުލުވެރިކަމެވެ. މިއީ ނައްޞުންނާއި އިޖްތިހާދުން އެނގޭ ކަމެކެވެ. ވީމާ -ދަންނަބޭކަލަކު ވިދާޅުވެފައިވާ ފަދައިން- ޢަދުލުވެރިކަން އޮތް ކޮންމެ ކަމަކީ އޭގައި ﷲ ގެ ޙުކުމްފުޅު ވާ ކަމެކެވެ.

ނަމަވެސް، ކަނޑައެޅިގެން ސާބިތު، ކަނޑައެޅިގެން ދަލީލުވާ ނައްޞެއް އޮތިއްޔާ، އޭގައިވާ ގޮތް ނޫން އެހެން ގޮތަކަށް ދިއުން ހުއްދައެއް ނުވާނެއެވެ. މީގެ އިސްތިސްނާއަކީ އެފަދަ އެހެން ނައްޞެއް އެއާ ފުށުއަރާ ހާލަތެއް މެދުވެރި، ދޭތީގެ ތެރެއިން އެއްޗެއް ބުރަކުރަން ޖެހުމެވެ. މިސާލަކަށް ޟަރޫރަތްތަކުގެ ޙާލަތުގައި އުނދަގޫ އުފުލުމެވެ. -(ޢައްލާމާ ރަޝީދު ރިޟާގެ ވާހަކަފުޅު ނިމުނީ) -

ﷲ ބާވައިލެއްވި ގޮތަށް ޙުކުމް ނުކުރުމުގެ މައްސަލާގައި، ޢައްލާމާ ރަޝީދު ރިޟާ ދެކެވަޑައިގަންނަވާ ގޮތް މި އޮތީއެވެ. ޝައިޚް ދެކެވަޑައިގަންނަވާ ގޮތް އެނގެން ބޭނުންވާ މީހަކަށް ސާފުކޮށް، ބަޔާންކޮށް، ތަފްޞީލުކޮށެވެ. ވީމާ ޝައިޚުގެ ވާހަކަފުޅުތައް ބުރިބުރިކޮށްގެން އެއިން އެއްބައި ނަގައިގެން، ޝައިޚަކީ ޙަޤީޤަތް ބުނަން ފިނޑި، ޙުކުމްތައް ބަޔާންކުރުމުގައި ކަންފަސޭހަ، ނުބައިކޮށް ޢިލްމީ މައްސަލަތައް ނިންމަވާ، މީހެއް ކަމުގެ ތުހުމަތު އެޅުވުމަކީ، އެފަދަ ބޮޑު ދީނީ މުޞްލިޙަކަށް ވެވޭ އަނިޔާއެކެވެ.

އިބްނު ޢައްބާސްގެ ރައުޔަށް ނަޒަރެއް:

ބަޔަކު މީހުން ހީކުރާ ގޮތުގައި، އިބްނު ޢައްބާސްގެ މަޛްހަބަކީ، އާޔަތްތަކުގެ މާނައާއި މުރާދު، ހަމައެކަނި އެ އާޔަތްތައް ބާވައިލެއްވުނު ސަބަބު ތެރޭގައި ހަނިކޮށްފައި ބޭއްވުމެވެ. މިހެން ކިޔާ ދަޢްވާކޮށް، އެ މީހުން، މަޝްހޫރު އިސްލާމީ ލިޔުންތެރިއާ، އަލްއުސްތާޛް ފަހުމީ އަލްހުވައިދީ އާ، ޖަދަލުތަކެއް ވެސް ކުރިއެވެ. އިބްނު ޢައްބާސް މިހެން ދެކެވަޑައިގަންނަވާ ކަމަށް، އެ މީހުން އެ ބުނީ ކިހިނެއް ކަމެއް ވެސް އަހަރެންނަކަށް ނޭނގެއެވެ! ޤުރުއާން ތަފްސީރު ކުރެއްވުމުގައި އިބްނު ޢައްބާސް ވިދާޅުވެފައި ހުރި ބަސްފުޅުތަކަށް ބަލާއިރު އެނގޭ އެއްޗަކީ، އާޔަތުގެ މާނަ، އާޔަތް ބާވައިލެއްވުނު ސަބަބުގެ ދާއިރާ ތެރޭގައި ހަނިކޮށްފައި ބޭއްވުމަށް، ދެކެވަޑައިގެންފައި ވަނީ ވަރަށް މަދު އާޔަތްތަކެއްގައެވެ. އެއީ އެ އާޔަތްތައް އައިސްފައި ހުރި ގޮތާއި ބަސްމަގަށް ބަލާއިރު، އެކަން ދޭހަވާތީއެވެ. މި ނުން ހުރިހާ އާޔަތްތަކެއްގައި، އިބްނު ޢައްބާސް ބައްލަވަނީ ލަފްޒުގެ ޢާއްމު ކަމަށެވެ. ސަބަބުގެ ޚާއްޞަ ކަމަކަށް ނޫނެވެ.

މީގެ އެންމެ ހާމަ ހެއްކަކީ، އަހަރެމެން މި ވާހަކަ ދައްކާ އާޔަތްތަކާ ބެހޭ ގޮތުން އެކަލޭގެފާނު ވިދާޅުވި ކަމަށް ރިވާވެފައިވާ ބަސްފުޅެކެވެ. އައްޠަބަރީ އާއި އެހެން މީހުން ރިވާކުރައްވާފައިވާ ވިދާޅުވުމެއްގައި ވަނީ: ''އެއިން އޭނާ ކުފުރުވާނެއެވެ. ނަމަވެސް، އެއީ ﷲ އަށް ކުފުރުވުމާއި އާޚިރަތް ދުވަހަށް ކުފުރުވުން ފަދަ ކުފުރެއް ނޫނެވެ.''

ﷲ ބާވައިލެއްވި ގޮތަށް ޙުކުމް ނުކުރާ މީހުންގެ ތެރެއިން، ޙުކުމަށް އިންކާރުކުރާ މީހާއާއި އިޤްރާރުވާ މީހާ ތަފާތު ކުރައްވާ ކަމަށް ވެސް، އިބްނު ޢައްބާސްގެ ކިބައިން ރިވާވެފައިވާ އެހެން ވިދާޅުވުމެއްގައި އެބަ އޮތެވެ. ވިދާޅުވެފައި ވަނީ އިންކާރުކޮށް ދެކޮޅު ހަދާ މީހާއަކީ ކާފިރެއް ކަމަށެވެ. އެއްބަސްވެ ނަމަވެސް އެކަން ނުކުރާ މީހާއަކީ ޡާލިމެއް އަދި ފާސިޤެއް ކަމަށެވެ.

އަދި އިބްނުލް މުންޛިރު އިބްނު ޢައްބާސްގެ ކިބައިން ރިވާކުރައްވާފައި ވަނީ، މި އާޔާތްތަކަކީ އަހުލުކިތާބީންނަށް ޚާއްޞަ އާޔަތެއް ކަމަށް ބުނި މީހަކަށް ރައްދު ދެއްވަމުން ވިދާޅުވިއެވެ: ''ފަސޭހައެއް އޮތިއްޔާ ކަލޭމެންނަށް އޮވެފައި، އުނދަގުލެއް އޮތިއްޔާ އެމިހުންނަށް އޮންނަންޏާ، ކަލޭމެންތީ ހާދަ ރަނގަޅު ބައެކެވެ! ''

ބާވައިލެއްވި ގޮތަށް ޙުކުމް ކުރަންޖެހެނީ، އަރާރުންތައް ފައިޞަލާކުރަން އެކަނި ކަމަށް ބުނާ ބުނުން:

ޤުރުއާނުގައި 'ޙުކުމް' މި ލަފްޒު އައިސްފައި ވަނީ، މީސްތަކުންގެ މެދުގައި ޖެހޭ އަރާރުންތަކާއި މައްސަލަތައް ފައިޞަލާކޮށް ނިންންމުމުގެ މާނައިގައި ކަމަށާއި، ވީމާ ސިޔާސީ ބާރުތަކުން ކުރާ ސިޔާސީ ޢަމަލުތަކާއި، އަދި ބަރުލަމާނުން އެކަށައަޅާ ޤާނޫނުތަކާ، މި ލަފްޒާ ގުޅުމެއް ނެތް ކަމަށް ބުނެ ކުރާ ދަޢްވާއަކީ، އެ މީހުން އެ ބުނާގޮތަށް ޤަބޫލުކުރެވޭނެ ވާހަކައެއް ނޫނެވެ.

މާއިދަތު ސޫރަތުގެ މި އާޔަތްތައް ކިޔައިފި މީހަކަށް ފެންނާނީ، އޭގައި ޙުކުމް ކުރުމާއި ހުކުމް އެކަށައެޅުމާއި، ހިންގުމާއި އަދި ސިޔާސީ ދާއިރާ ވެސް ޝާމިލުވާތަނެވެ. މިގޮތުން ތައުރާތާއި ބެހޭ ގޮތުން ވަޙީކުރައްވާފައި ވަނީ:

إِنَّا أَنزَلْنَا التَّوْرَاةَ فِيهَا هُدًى وَنُورٌ يَحْكُمُ بِهَا النَّبِيُّونَ الَّذِينَ أَسْلَمُوا لِلَّذِينَ هَادُوا وَالرَّبَّانِيُّونَ وَالأَحْبَارُ بِمَا اسْتُحْفِظُوا مِنْ كِتَابِ اللَّهِ وَكَانُوا عَلَيْهِ شُهَدَاءَ فَلا تَخْشَوْا النَّاسَ وَاخْشَوْنِي وَلا تَشْتَرُوا بِآيَاتِي ثَمَناً قَلِيلاً وَمَنْ لَمْ يَحْكُمْ بِمَا أَنزَلَ اللَّهُ فَأُوْلَئِكَ هُمْ الْكَافِرُونَ (44)

މި އާޔަތުގައި މިވާ 'ޙުކުމްކުރުމަކީ' ދޭދޭ މީހެއްގެ ދެމެދުގައި ޖެހޭ މައްސަލައެއް ފައިޞަލާކުރުމަށް ވުރެ މާ ފުޅާ މާ ޝާމިލު ކަމެކެވެ. ތައުރާތުގައިވާ ގޮތަށް ޙުކުމް ކުރުމަކީ، ތައުރާތުގައިވާ ހުރިހާ ކަމެއް، ހަމަ އެގޮތަށް ކުރުމެވެ.

އިންޖީލާއި ބެހޭ ގޮތުން ވަޙީކުރައްވަނީ: وَلْيَحْكُمْ أَهْلُ الإِنجِيلِ بِمَا أَنزَلَ اللَّهُ فِيهِ وَمَنْ لَمْ يَحْكُمْ بِمَا أَنزَلَ اللَّهُ فَأُوْلَئِكَ هُمْ الْفَاسِقُونَ (47)

އެނގޭނެ ފަދައިން، އިންޖީލަކީ މައްސަލަތައް ނިންމާނެ ގޮތް ބަލަން ޤާޟީން ރުޖޫޢަވާ ފޮތެއް ނޫނެވެ. އެއީ ވަޞިއްޔަތްތަކަކާއި ވަޢްޡުތަކަކާއި އަދަބާއި ސުލޫކުގެ މައްޗަށް އެކުލެވިގެންވާ ފޮތެކެވެ. ވީމާ އިންޖީލުގައިވާ ގޮތަށް ޙުކުމް ކުރުމަކީ، ހަމައެކަނި ދޭދޭ މައްސަލެއް ނިންމާލުމަށް ވުރެ ފުޅާދާއިރާއެއްގައި އޮންނާނެ ކަމެކެވެ.

'ޙުކުމް' ކުރުމުގެ މާނައަކީ، ދޭދޭ މީހުންގެ ދެމެދުގައި އުފެދޭ މައްސަލަތައް، ޤާޟީ ނިންމުން ކަމަށް، ޖަދަލެއްގެ ގޮތުން ޤަބޫލުކުރަމާ ހިނގާށެވެ. އެހެނޭ ކިޔާފައި، ޤައުމުތަކުގެ ވެރިންނާއި، ބަރުލަމާނާއި، ތަންފީޒީ ބާރުތަކުން، ﷲ ބާވައިލެއްވި ގޮތަށް ޙުކުމް ކުރުމުގެ މަސްއޫލިއްޔަތުން އިސްތިސްނާވާނެ ހެއްޔެވެ؟ ހަމަހިލާ އެހެނެއް ނޫނެވެ. މި ހުރިހާ އެންމެންނަކީ ވެސް މަސްއޫލިއްޔަތުގައި ބައިވެރިވާ ބައެކެވެ.

'ޝަރީޢާ' މި ލަފްޒު ޤުރުއާނުގައި އައިސްފައިވާލެއް މަދުވުން:

މި ޒަމާނުގައި ބަޔަކު މީހުން ދެއްކި އަދި ފޮތްތަކާއި ނޫސްތަކުގައި ލިޔެ ހެދި، އެންމެ ހައިރާންކުރުވަނިވި ވާހަކައަކީ، ޤުރުއާނުގައި 'ޝަރީޢާ' މި ކަލިމަ އައިސްފައި ވަނީ އެންމެ ފަހަރަކުއެވެ. އެއީ ސޫރަތުލް ޖާޘިޔާގެ 18 ވަނަ އާޔަތް އެކަންޏެވެ. ވީމާ މިއިން ދޭހަވަނީ، އެއީ މުހިއްމު ކަމެއް ނޫންކަމެވެ.

ثُمَّ جَعَلْنَاكَ عَلَى شَرِيعَةٍ مِنْ الأَمْرِ فَاتَّبِعْهَا وَلا تَتَّبِعْ أَهْوَاءَ الَّذِينَ لا يَعْلَمُونَ (18)

އާޔަތުގެ ތަފްސީރީ މާނަ: ''ދެން އެއަށްފަހު، ދީނުގެ ކަންތައްތަކުގެ، ކަނޑައެޅިގެން ސާފުކޮށް އެނގެން އޮތް މަގަކާއި ގޮތްތަކެއްގެ މަތީ ފޮނުއްވުނު ރަސޫލެއް ކަމުގައި، ތިމަން ރަސްކަލާނގެ، ކަލޭގެފާނު ލެއްވީމެވެ. ވީމާ ތިމަން ރަސްކަލާނގެ ކަލޭގެފާނު ލެއްވެވި ޝަރީޢަތަށް ތަބާވެވަޑައިގަންނަވާށެވެ. އަދި ﷲ ގެ ޝަރީޢަތެއް، ޙައްޤެއް ބާޠިލެއް ނުދަންނަ، މީހުންގެ އެދުންތަކަށް ތަބާވެވަޑައި ނުގަންނަވާށެވެ.'' (އަލްޖާޘިޔާ: 18)

'ޝަރީޢަތް' މި ލަފްޒު އެއްފަހަރު އޮތުމުން، މި މީހުން މާނަނެގީ، ޤުރުއާނުގައި ޝަރީޢަތަށް ދެވިފައިވާ އަހައްމިޔައްތުކަން ކުޑަވުމެވެ. މި މަންޠިޤުން އަހަރެމެން ޤުރުއާނަށް ބަލަންވެއްޖެނަމަ، ޤުރުއާނުގައި އަޚްލާޤަށް ވެސް އަހައްމިޔަތު ކަމެއް ނުދެޔޭ މީހަކަށް ބުނެވިދާނެއެވެ. އެއީ އަޚްލާޤު މި ބަސް އައިސްފައި ވަނީ، އެންމެ ފަހަރަކުއެވެ. އެއީ ޤަލަމު ސޫރަތުގެ 4 ވަނަ އާޔަތުގައި، ކީރިތި ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަޚްލާޤުފުޅަށް ޘަނާ ވަޙީކުރައްވާފައިވާ އާޔަތުގައެވެ. އަދި އެ އާޔަތުގައި ވަނީ އަމުރެއް ވެސް ނޫނެވެ. މިހެންނޭ ކިޔާފައި ޤުރުއާނުގައި އަޚްލާޤަށް އަހައްމިޔަތުކަން ދީ އަދި އެކަމަށް އަމުރު ނުކުރެއޭ ބުއްދިހުރި މީހަކު ބުނެފާނެހެއްޔެވެ!

އަދި ރީތި ކަންތައްތަކަށާއި މަތިވެރި އަޚްލާޤަށް ޤުރުއާން ސަމާލުކަން ނުދެއޭ ވެސް މީހަކު ބުނެފާނެއެވެ. އެހެނީ 'ފަޟީލާ' މި ލަފްޒު ޤުރުއާނުގައި އަމުދުން ނުވެސް ނެތީމައެވެ. އަދި ޢަޤީދާއަށް އަހައްމިޔަތުކަމެއް ނުދެއޭ ވެސް ބުނެވިދާނެއެވެ. އެއީ ޤުރުއާނުގައި ވެސް އަދި ޙަދީޘެއްގައި ވެސް 'ޢަޤީދާ' މި ލަފްޒު އައިސްފައި ނެތީމައެވެ.

މަފްހޫމުތަކާއި އަގުތަކާއި އިރުޝާދުތަކާ މެދު، މި ކަތި މަންޠިޤުން، އަދި މި ކޮށި ވިސްނުމުން، ކަންތައްކޮށްފިނަމަ ހުރިހާ ކަމެއް އަހަރެމެންނަށް އޮންނާނީ އޮޅިފައެވެ. ޙައްޤާއި ބާޠިލު ވައްކެއް ނުވާނެއެވެ. އަދި އަހަރެމެން ވާނީ ސީދާ މަގުން ކައްސާލާފައިވާ ބަޔަކަށެވެ.

ވީމާ އަހަރެމެން ބަލަންޖެހޭނީ، ޤުރުއާނާއި ސުންނަތުގައި އެކުލެވިފައިވާ އެއްޗަކަށެވެ. އޭގެ ލަފްޒުތަކަކަށް ނޫނެވެ. އޭގެ ހިދާޔަތަށެވެ. ހަމައެކަނި އޭގެ ދެލިގަނޑަކަށް ނޫނެވެ. ލަފްޒުތަކާއި މުޞްޠަލަޙުތަކަކީ ޤުރުއާން ބާވައިލެއްވުނު ޒަމާން ދިއުމަށް ފަހު، ޢިލްމީ ބޭނުންތަކަށްޓަކައި ޢިލްމުވެރިން އެކަށައެޅިއެއްޗެކެވެ.

ﷲ ސިފަކުރެއްވި ގޮތަށް ސިފަކުރުން:

ﷲ ބާވައިލެއްވި ގޮތަށް ޙުކުމް ނުކުރާ މީހާއަށް ކުފުރުގެ ސިފަ ދިނުން، އަހަރެންނަށް ޤަބޫލުކުރެވޭ ގޮތުގައި އެއްވެސް ޢިލްމުވެރިއެއް މަނައެއް ނުކުރާނެއެވެ. ސަބަބަކީ އެއީ އެފަދަ މީހަކަށް، މާތް ﷲ އެކަލާނގެ ބަޔާންވެގެންވާ ފޮތުގައި ދެއްވާފައިވާ ސިފައެކެވެ. އެއީ ހަމަ، ޡުލުމާއި ފިސްޤު، މި ދެ ސިފަ ދެއްވި ފަދައިން ދެއްވާފައިވާ ސިފައެކެވެ.

ވީމާ ޤުރުއާނުގެ ނައްޞާއި އޭގެ ލަފްޒުތަކާ ހަމައިން ހުއްޓޭ މީހަކާ ދިމާލަށް، އޭނާ އެ ބުނީ ގޯސް އެއްޗެކޭ ނުބުނެވޭނެއެވެ. އޭނާއަށް ޖެހޭނެހާ ވެސް ކަމަކީ، އިބްނު ޢައްބާސް ތަފްސީރުކުރެއްވި ފަދައިން، އެ ކުފުރަކީ މިއްލަތުން ބޭރުވާ ކުފުރެއް ނޫންކަމާއި އެއީ ކުފުރަކަށް ނުވާ ކުފުރެއް ކަން ބުނެދޭށެވެ. އަދިވެސް އިބްނު ޢައްބާސް ވިދާޅުވެފައިވާ ފަދައިން، ބާވައިލެއްވި ޙުކުމަށް އިންކާރުކުރާ މީހާއާއި އެއަށް އިޤްރާރުވާ މީހާއާ ފަރަގުކުރާށެވެ.

މުހިއްމު ދެ ކަމެއް:

ވަރަށް މުހިއްމު ދެކަމެއް، ވެރިންނަށާއި ރައްޔިތުންނަށް، މިތާ ހަނދާންކޮށްލަދޭނަމެވެ. އެއީ:

އެކެއް: ޡުލުމާއި ފިސްޤުގެ ސިފަ މީހެއްގެ ކިބައިގައި ހުރުމަކީ އެއީ އާދައިގެ ކުޑަ ކަމެއް ނޫނެވެ. އެއީ އަޅާނުލާ ދޫކޮށްލެވޭނެ ސިފައެއް ނޫނެވެ. ބިރުގަންނަން ޖެހެނީ ހަމައެކަނި މިއްލަތުން ބޭރުވާ ކުފުރަކަށް ނޫނެވެ. ޡުލުމާއި ފާސިޤުކަމަކީ، ދީނަށް ރައްކާތެރިވެ ސަލާމަތަށް އެދޭ، އަދި ﷲ ގެ ޙަޟްރަތަށް ދާން އެދޭ މުސްލިމެއް ވިއްޔާ، އެއާ ދުރުވާން ކުރެވުނު ހުރިހާ މަސައްކަތެއް ކުރާނެ، ނުބައިކަން ބޮޑު ދެ ސިފައެވެ. ޤުރުއާނުގެ އެތަކެއް އާޔަތެއްގައި، ޡާލިމުންނާއި ފާސިޤުންގެ ފާފައިގެ ބޮޑުކަމާއި އެ މީހުންނަށް ހުރި އަނިޔާގެ ގަދަފަދަކަން ބަޔާންކުރައްވާފައި ވެއެވެ.

ދޭއް: ﷲ ބާވައިލެއްވި ގޮތް ނޫން ގޮތަކަށް ޙުކުމްކުރުމަކީ -ހާމަކޮށް ފެންނަހެން ވެރިން އިންކާރު ނުކުރާތީވެ، އެ މީހުން މިއްލަތުން ބޭރުވާ ކުފުރު އަދި ނުވިޔަސް- އެއީ ޔަޤީނުން ވެސް އިސްލާމްދީނާއި ޚިލާފު ޙުކުމެކެވެ. އެ ފަދަ ޙުކުމެއް ކުރި މީހާ، އޭނާއަކީ ޡާލިމެއް އަދި ފާސިޤަކަށް ވާން ރުހުން، ފާފައެއްކަމުގައި އޭނާއަށް ފުދެއެވެ. އެއީ އެއްގަޑި އިރު، ނޫނީ އެއް ދުވަހު ވެވޭ ޡުލުމެއް ނޫނެވެ. އެއީ ބާވައިލެއްވި ގޮތަށް ޙުކުމް ނުކުރާހާ ހިނދަކު ދެމިގެންދާނެ، ޡުލުމެކެވެ.

އަދި މިފަދައިން ޙުކުމް ކުރާ މީހަކު ވެރިކަމުގައި ދެމިހުރުމަކީ، ޔަޤީނުން ވެސް އެންމެން އެއްބަސްވާނެ ފަދައިން، ބޮޑު މުންކަރާތެކެވެ. ވީމާ މިފަދަ މީހަކާ އިދިކޮޅު ހަދައި، ވެވެނު މަސައްކަތަކުން މުންކަރާތް ބަދަލުކުރުމަކީ، މުސްލިމުންގެ މައްޗަށް ވާޖިބު ކަމެކެވެ. މިގޮތުން، ބަރުލަމާނުފަދަ އެބައެއްގެ އަތުގައި ޢަޤުދުކުރުމާއި ޢަޤުދު މޮހެލުމުގެ ބާރު ލިބިފައިވާ ފަރާތްތަކުން، ދުސްތޫރީ ވަސީލަތްތަކުގެ ބޭނުން ހިފައިގެން، މުންކަރާތް ބަދަލުކުރަން ޖެހޭނެއެވެ. ނޫނިއްޔާ ޢަސްކަރީ ނުވަތަ ރައްޔިތުންގެ އިންޤިލާބަކުންނެވެ. ނަމަވެސް، މި ގޮތަށް ހަދަންވާނީ ކަމުގެ ކުޅަދާނަކަން ލިބިފައި އޮވެ، އަދި ބޮޑު ފިތުނަވެރިކަމަކާއި ކުރިން އޮތް މުންކަރާތަށް ވުރެ ބޮޑު މުންކަރާތެއްގެ ތެރެއަށް ޤައުމު ނުވެއްޓޭނެކަން އެނގޭނަމައެވެ. ނޫންނަނަ، ދެ ގެއްލުމުން ކުޑަ ގެއްލުމެއް، ދެ ނުބައިކަމުން ކުޑަ ނުބައިކަމެއް އިޚްތިޔާރު ކުރާނީއެވެ. އަދި އަތުން ކުރުން ވާޖިބު ޖިހާދު {ސިލްމީ ގޮތަކަށް ޢަމަލީ ގޮތުން މުންކަރާތް ބަދަލުކުރުން} ދެން ކުރަން ޖެހޭނީ ދުލުންނެވެ. ދުލުން ވެސް ނުކުރެވޭނަމަ، ދެން ހިތުންނެވެ. އީމާންކަމުގެ އެންމެ ދަށް މިންވަރަކީ އެއީއެވެ.

* މިއީ އައްޝައިޚް ޔޫސުފުލް ޤަރަޟާވީ ލިޔުއްވާފައިވާ ލިޔުމެއްގެ ދިވެހި ތަރުޖަމާ

= ނިމުނީ=

 

 

-          އާޔަތްތަކުގެ ތަފްސީރީމާނަ އެއޯ އަސްލު ލިޔުމުގައި ހުރި އެއްޗެއް ނޫނެވެ.

-         އަސްލު ލިޔުމުގައި އޮތީ ނިސާ ސޫރަތުގެ 60 - 65 އާޔަތާ ހަމައަށް އެއްފަހަރާ ލިޔެފައެވެ. ނަމަވެސް އަޅުގަނޑު އޮންނާނީ، 59 ވަނަ އާޔަތް ހިމަނާފައެވެ. އެއީ އެ އާޔަތަކީ ވެސް ފަހުން ހުރި އާޔަތްތަކާ ގުޅޭ އާޔަތަކަށް ވާތީއެވެ. އަދި 62، 63، 64 ވަނަ އާޔަތްތައް ވަނީ ނުހިމަނައި، އޭގެ ޖުމްލަ މާނަ ލިޔެފައެވެ.

-         ލިޔުމުގައި ބުރެކެޓު ކޮށްފައިވާ ތަންތަންކޮޅާއި، މުޞްޠަލަޙުތަކުގެ އިތިރު ތަފްޞީލު އެއީ އަމިއްލައަށް އިތުރުކޮށްފައިވާ ބައިތަކެވެ.

-         އާޔަތްތަކުގައި އެވަނީ ލަފްޒީ ތަރުޖަމާ މާނައެއް ނޫނެވެ. ތަފްސީރީ މާނައެވެ.

-         ލިޔުމުގައި އައިސްފައިވާ ބައެއް މުޞްޠަލަޙްތަކުގެ އިތުރު ތަފްޞީލު:

 

ޝަރީޢަތް:

ދީނުގައި މާތް ﷲ ކަނޑައަޅުއްވާފައިވާ ގޮތްތައް/ ޙުކުމްތައް/ އިސްލާމީ ޤާނޫނު/ ޢަޤީދާ، އަޚްލާޤު، ޢުޤޫބާތްތައް، ދިރިއުޅުން، މި ހުރިހާ ދާއިރާތަކެއްގައި ވެސް މުސްލިމުން ކަންތައް ކުރުމަށް މާތް ﷲ ބާވައިލައްވާފައިވާ ޙުކުމްތައް/ މި ހުރިހާ ދާއިރާތަކެއްގައި މުސްލިމުން ހިނގަން މާތް ﷲ ކަނޑައެޅުއްވި މަގު ނުވަތަ ގޮތް ނުވަތަ މަންހަޖު.

ބައެއް މީހުން ހީކުރާފަދައިން، އިސްލާމީ ޝަރީޢަތުގެ މާނައަކީ ހަމައެކަނި ޙައްދުތަކެއް ނޫނެވެ. އެއީ ދިރިއުޅުމުގެ ހަޔާތުގެ ހުރިހާ ކަމެއް ޝާމިލުވާ ލަފްޒެކެވެ. ޢަދުލުވެރިކަމާއި، ރިބާ ނުކެއުމާއި، ރިޝްވަތު ނުހިފުމާއި، ހެޔޮކަންތަކަށް އަމުރުކުރުމާއި، ނުބައިކަންތައް ނަހީކުރުމާއި، ކާވެންޏާއި ވަރިއާއި، ހަނގުރާމައާއި، ޢަހުދަށް ވަފާތެރިވުމާއި، އަނިޔާވެރިނުވުމާއި، މަޝްވަރާކުރުމާއި، ފަޤީރުންނާއި ނިކަމެތިންނަށް އެހީތެރިވުމާއި، ޢުޤޫބާތްތައް ކަނޑައަޅުއްވާފައިވާ ކަންކަމުގައި ޢުޤޫބާތް ތަންފީޒުކުރުމާއި، ފާޙިޝްކަންތައްތައް ނުފެތުރުމާއި، ޚަބަރުފަތުރާ ވަސީލަތްތަކުން ދައްކާ އެއްޗެއްސާއި، އަޚްލާޤީ ހަމަތަކެއް މުޖްތަމަޢްގައި އޮތުމާއި، މިހިރަ މިހަރަ ހުރިހާ ކަމަކީ ވެސް ޝަރީޢަތުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. އިސްލާމީ ޝަރީޢަތް ޤާއިމުކުރަން ގޮވާލާ މީހުން ގޮވާލަނީ މިހުރިހާ ކަމަކަށެވެ. ނަމަވެސް، ޙައްދު ނުވަތަ ޢުޤޫބާތަށް ދެވޭ އަހައްމިއްޔަތުކަން ބޮޑުވީމާ، އެކަން ބޮޑަށް ފާހަނގަ ވަނީއެވެ.

 

ކާފިރުން:

މިއީ 'ކަފަރަ' އިން ނެގިފައިވާ ބަހެކެވެ. 'ކުފްރު' ގެ ލަފްޒީ މާނައަކީ ނިޢްމަތް ފޮރުވުމެވެ. 'ކަފްރު' ގެ މާނައަކީ ކޮންމެ އެއްޗެއް ވިޔަސް ނިވާކޮށް ފޮރުވުމެވެ. ހައްދަވާ ބޮޑުކުރައްވާ ނިޢްމަތްތައް ދެއްވި ޚާލިޤު ވޮޑިގެންވާކަން އިންކާރުކުރުމާއި، ނުވަތަ އެކަލާނގެ އެއްކައުވަންތަ ކަމާއި ސިފަފުޅުތަކާއި، ނުވަތަ އެކަލާނގެ ފޮނުއްވެވި ރަސޫލުބޭކަލުން ދޮގުކޮށް އިންކާރުކުރުމާއި، ބާވައިލެއްވި ޝަރީޢަތަށް އިންކާރު ކުރުމާއި، ﷲ އަށް ނުކިޔަމަންތެރިވުމަކީ، އެއީ ނިޢްމަތް ދެއްވި ފަރާތުގެ ނިޢްމަތް ފޮރުވުމެވެ. މިގޮތުން މިފަދަ މީހުންނަށް 'ކާފިރު' ކިޔެނީއެވެ.

މިތާ އަހަރެމެން ވާހަކަ ދައްކާ ޝަރްޢީ މާނައިގައި ކާފިރަކީ: ﷲ ގެ އެއްކައުވަންތަކަމަށާއި، ރަސޫލު ބޭކަލެއްގެ ނަބީކަމަށާއި، ބާވައިލެއްވި ޝަރީޢަތަށް އީމާން ނުވާ މީހާ/ ނުވަތަ މިއިން އެކައްޗަށް އީމާން ނުވާ މީހާ/ ﷲ އަށް އީމާން ނުވާ މީހުން/ އީމާންކަމުގެ ރުކުންތަކަށް އީމާން ނުވާ މީހުން/ ކީރިތި ރަސޫލާ މުޙައްމަދުގެފާނުގެ ރިސާލަތު ޤަބޫލު ނުކުރާ މީހުން/ ޣައިރު މުސްލިމުން/ ދީނުން ކޮންމެހެން އެނގޭ ކަންތައް އިންކާރު ކުރާ މީހާ/ ނިޢްމަތަށް ކުފުރުވާ މީހާ/ ދީނަށް އެއްޗެހި ކިއުމާއި ދީނުގެ އަސްލުތައް މުގުރާލަން މަސައްކަތްކުރާ މީހާ/ ކަނޑައެޅިގެން ދީނުގައި އެނގޭ ޝިޢާރުތަކަށް ފުރައްސާރަކޮށް މަލާމާތްކުރާ މީހާ/

މިއީ 'ކާފިރު' މިހެން ބުނުމުން އޭގައި ހިމެނޭ މާނަތަކެވެ. މިއިން އެންމެ ކަމެއްގެ ސަބަބުން ވެސް އެ މީހާއަކީ ކާފިރަކަށް ވެދާނެއެވެ. އަދި މީހެއްގެ ކިބައިގައި މިހުރިހާ ކަމެއް އެއްފަހަރާ ހުރެވެސްދާނެއެވެ. ނަމަވެސް އިސްލާމެއްކަން ނުވަތަ އިސްލާމްވީ މީހެއްކަން އެނގޭ މީހަކާ ދިމާލަށް، ކާފިރެކޭ ބުނެވޭނީ، އެ މީހާ ކިބައިގައި ކާފިރަކަށް ވާނެ ސަބަބުތައް ހުރެ، ޝަރުޠުތައް ފުރިހަމަވެ، ހުރަސްތައް ނެތްކަން ޔަޤީންކޮށް އެނގޭނަމައެވެ.

- މަތީގައިވާ މާނަތަކާ މުޅިން ތަފާތު ނާދިރު މާނައެއްގައި ވެސް 'ކުއްފާރު' (ކާފިރުގެ ގިނަ ގޮތް) ޤުރުއާނުގައި އައިސްފައި ވެއެވެ. އެއީ ސޫރަތުލް ޙަދީދް ގެ 20 ވަނަ އާޔަތުގައި، ''ދަނޑުވެރިން'' ގެ މާނައިގައެވެ. އެއީ ދަނޑުވެރިއާ ފަސްގަނޑުގައި މުޑުވައް ވަޅުލައި ފޮރުވާތީއެވެ.

 

ޡާލިމޫން:

ޢަރަބި ބަހުގައި ޡުލުމުގެ އަސްލު މާނައަކީ އެއްޗެއް އޮންނަންވާ ތަން ނޫން ތަނެއްގައި އެ އެއްޗެއް ބޭއްވުމެވެ. މި ބަހުގެ އަސްލަކީ މިއީއެވެ. ނަމަވެސް މި ކަލިމައިގެ ބަހުގެ މާނައިގެ ތެރެއިން ނެގިގެން، ޝަރުޢުގައި ތަފާތު މާނައިގައި މި ބަސް އައިސްފައި ވެއެވެ.

ކުރުކޮށް ދިވެހިން ބުނާނަމަ ޡާލިމްއަކީ އަނިޔާވެރިއާއެވެ. ޡާލިމޫން އަކީ އަނިޔާވެރިންނެވެ. ޡުލުމާއި، ޡާލިމުންނަކީ ދިވެހިވެފައިވާ ދިވެހި ބަހެއްވެސް މެއެވެ.

ތަންކޮޅެއް ތަފްޞީލުކޮށް ބަލަންޏާ، މީގެ މާނައަކީ ޙައްޤުން އެއްކިބާވެ ބާޠިލަށް ދިއުން/ ޙައްޤުން ކުރަންވާ ކަމެއްގެ ބަދަލުގައި، ބާޠިލުން އެކަމެއް ކުރުން/ ދީނުގައި އެކަމެއް އޮންނަންޖެހޭ ގޮތް ނޫން ގޮތަކަށް ކަމެއް ކުރުން/ އެހެން މީހުންނަށް މާއްދީގޮތުންނާއި މަޢްނަވީ ގޮތުން އަނިޔާވެރިވުން/ ޙައްޤުން އެއްކިބާވުން/ ކުފުރުވުމާއި ފާފަކުރުމުގެ ސަބަބުން އަމިއްލަ ނަފްސަށް އަނިޔާވެރިވުން/ ﷲ ކަނޑައަޅުއްވާފައިވާ ހައްދުން ބޭރުވުން/

މިއީ 'ޡުލުމް' އަދި 'ޡާލިމް' މިހެން ބުނުމުން އޭގައި ހިމެނޭ މާނަތަކެވެ. ވީމާ ކޮންމެ މާނައެއްގައި އަޔަސް، ޤުރުއާނާއި ޙަދީޘުގައި 'ޡުލުމް' އަދި 'ޡާލިމް' މި ކަލިމަ އައިސްފިއްޔާ އެއީ، ފާފަވެރިވާ، ނަރަކައިގެ ޢަޛާބު ލިބުން ޙައްޤު ނުބައި ސިފައެކެވެ.

 

ފާސިޤުން:

'ފާސިޤު' ގެ މާނައަކީ 'ފިސްޤު' މި ސިފަ ހުންނަ މީހާއެވެ. ނުވަތަ މިސިފަ ދެވޭ ކަމެއް ކުރާ މީހާއެވެ. 'ފަސަޤަ' މި ލަފްޒުގެ ލުޣަވީ މާނައަކީ، ނުކުތުމެވެ. ތޮށިލާފައި އޮންނަ ކޮންމެ އެއްޗެއް ވެސް އޭގެ ތެރެއިން ނުކުތުމެވެ. މިސާލަކަށް ފުޅަފި ތެރެއިން އިހާ ނުކުތުމަށް، އަދި ހޮރު ތެރޭގައި އޮންނަ މީދާ ނުކުތުމަށް، ޢަރަބި ބަހުގައި 'ފަސަޤަ' އެ ކިޔެއެވެ.

މީގެ ޝަރުޢީ މާނައަކީ، ﷲ އަށް ކިޔަމަންތެރިކަމުގެ ދާއިރާއިން ނުކުމެ، އެކަލާނގެ ނުކިޔަމަންތެރިވުން/ ދީނުގެ ޙުކުމްތަކަށް ކިޔަމަންތެރިވުމުގެ ދާއިރާއިން ނުކުމެ، ނުކިޔަމަންތެރިވެ ނުބައިކަންތައް ކުރުން/ އުރެދި ޝަރުޢީ އިންތަކުން ނުކުތުން

 

ޠާޣޫތު:

ބުދެއް ކަމުގައި ވިޔަސް، ޖިންނިއެއް ކަމުގައި ވިޔަސް، އިންސިއެއް ކަމުގައި ވިޔަސް، ﷲ ފިޔަވާ އަޅުކަން ކުރެވޭ ކޮންމެ އެއްޗަކަށް ވެސް ކިޔޭ ނަމަކީ ޠާޣޫތު އެވެ. އަދި މި މާނަ ދޭހަވާ އެއްޗެއްސަށް މި ނަން ކިޔެމުން ގޮސް، ފަހުން ވަނީ ބުދު، ކާހިނު، ސިހުރުހަދާމީހުން، އިންސީންނާއި ޖިންނީގެ ތެރެއިންވާ ޝައިޠާނުނަށް ދެވޭ ޚާއްޞަ ނަމެއްގެ ގޮތުގައި މި ނަން ބޭނުން ކުރެވިފައެވެ. ތަފްސީރު ފޮތްތަކުގައި ތަފާތު މި މާނަތައް ހުންނަނީ އެހެންވެގެންނެވެ. ނަމަވެސް އަސްލަކީ، ﷲ ފިޔަވާ އަޅުކަންކުރެވޭ، އަދި އެކަލާނގެއާ އެއްފަދަ މާތް ކަމެއް ދެވޭ، އަދި އޭގެ ބާޠިލު ޙުކުމަށް ކިޔަމަންވެވޭ، ހުރިހާ އެއްޗެއްސެވެ. މި ގޮތުން އިސްލާމީ ޝަރީޢަތާ ޚިލާފު ޤާނޫނުތަކަށް ވެސް 'ޠާޣޫތު' އޭ ކިޔެއެވެ.

 

މުންކަރާތް:

ނުބައިކަންތައް/ ފިޠުރަތު ސަލާމަތުން ތިބޭ އާދައިގެ ކޮންމެ މީހަކު ވެސް އެއީ ހުތުރު، ނުބައި ކަމެއް ކަމުގައި ދެކޭ ކަންތައް/ ދީނުގައި ޙަރާމް ނުވަތަ މަކްރޫހަ ކުރައްވާފައިވާ ކޮންމެ ކަމެއް.

 

ނޯޓް:

- އާޔަތްތަކުގެ ތަފްސީރީ މާނަ އެއީ އަސްލު ލިޔުމުގައި ހުރި އެއްޗެއް ނޫނެވެ.

- އަސްލު ލިޔުމުގައި އޮތީ ނިސާ ސޫރަތުގެ 60 - 65 އާޔަތާ ހަމައަށް އެއްފަހަރާ ލިޔެފައެވެ. ނަމަވެސް އަޅުގަނޑު އޮންނާނީ، 59 ވަނަ އާޔަތް ހިމަނާފައެވެ. އެއީ އެ އާޔަތަކީ ވެސް ފަހުން ހުރި އާޔަތްތަކާ ގުޅޭ އާޔަތަކަށް ވާތީއެވެ. އަދި 62، 63، 64 ވަނަ އާޔަތްތައް ވަނީ ނުހިމަނައި، އޭގެ ޖުމްލަ މާނަ ލިޔެފައެވެ.

- ލިޔުމުގައި ބުރެކެޓު ކޮށްފައިވާ ތަންތަންކޮޅާއި، މުޞްޠަލަޙުތަކު އިތުރު ތަފްޞީލު އެއީ އަމިއްލައަށް އިތުރުކޮށްފައިވާ ބައިތަކެކެވެ.

- އާޔަތްތަކުގެ އެ ވަނީ ލަފްޒީ ތަރުޖަމާ މާނައެއް ނޫނެވެ. ތަފްސީރީ މާނައެވެ

Comments