Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ފަހުގެ މައްސަލަތައް ރޭޕުކޮށްގެން ލިބޭ ދަރިވެއްޓުން

ރޭޕުކޮށްގެން ލިބޭ ދަރިވެއްޓުން

abortion_and_rapeމިތާ މިގެނެސްދެނީ، ބޮސްނިއާ ހަނގުރާމައިގެ ދުވަސްވަރު، 'ސަރުބުން' ރާވައިގެން ބޮސްނިއާގެ އެތަކެއް ސަތޭކަ މުސްލިމް އަންހެނުން ރޭޕުކޮށްފައިވާތީ، އެކަމާ ބެހޭގޮތުން ޝައިޚް ޔޫސުފުލް ޤަރަޟާވީއަށާއި ޝައިޚް ޖާދުލް ޙައްޤަށް ހުށައެޅުނު ސުވާލަކަށް ދެއްވާފައިވާ ޖަވާބުގެ ޚުލާޞާއެކެވެ. ހަނގުރާމައިގައި ނޫނަސް، އާދައިގެ ހާލަތްތަކުގައިވެސް ރޭޕްކުރެވޭ އަންހެނުންނަށް ލިބޭ ކުދިންނާމެދު ކަންތައްކުރާނެ ގޮތް މީގެ އަލީގައި ދެނެގަނެވިދާނެވެ.

ޝައިޚް ޤަރަޟާވީ ދެއްވާފައިވާ ޖަވާބުގެ މުހިއްމު ނުކުތާތަކަކީ:

1-ގަދަކަމުން ރޭޕްކުރެވޭ އަންހެނަކަށް ފާފައެއް ނެތެވެ. އެހެނީ އޭނާއަކީ މަޖްބޫރުކުރެވިފައިވާ މީހެކެވެ. ޝިރުކުކުރުމަކީ ޒިނޭކުރުމަށް ވުރެ ބޮޑު ފާފައެކެވެ. އެކަމަކު ބަޔަކު މީހުން ބިރުދައްކައި މަޖްބޫރުކުރީމާ، އޭނާގެ ފުރާނަ ސަލާމަތްކުރުމަށްޓަކާ، ހިތުގައި އީމާންކަން ބާއްވައިގެން ހުރެ، ޝިރުކުކުރިކަމަށް ހެދުނަސް ފާފަވެރިއެއް ނުވެއެވެ. މާތް ﷲ ވަޙީކުރައްވާފައިވަނީ:

مَنْ كَفَرَ بِاللَّهِ مِنْ بَعْدِ إِيمَانِهِ إِلاَّ مَنْ أُكْرِهَ وَقَلْبُهُ مُطْمَئِنٌّ بِالإِيمَانِ

އާޔަތުގެ ތަފްސީރީމާނަ: ''ދޮގުހަދަނީ، އީމާންވުމަށް ފަހު ކުފުރުގެ ބަސް ކިޔައި މުރުތައްދުވާ މީހުންނެވެ. ފަހެ އެމީހުންގެ މައްޗަށް ﷲ ގެ ޙަޟްރަތުން ގަދަވެގެންވާ ކޯފާ ހުއްޓެވެ. ނަމަވެސް އީމާންވުމަށް ފަހު، މަޖްބޫރުވެގެންވާ މީހާ ފުރާނައަށް ބިރުން، އޭނާގެ އީމާންކަމާ މެދު ހިތްހަމަޖެހިގެންވާ ހާލު، ކުފުރުގެ ބަސް ބުނުން މިއިން އިސްތިސްނާވެއެވެ.'' (އައްނަޙްލު: 106)

އަދި ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘްކުރައްވާފައިވަނީ، އެކަލޭގެފާނުގެ އުއްމުތުގެ މީހުންނަށް، އޮޅިގެން ކުރެވޭ ކަންތަކާއި، ހަނދާންނެތި ކުރެވޭ ކަންތަކާއި، މަޖްބޫރުކުރެވޭ ކަންތަކަށް ޢަޛާބު ނުދެއްވާނެކަމަށެވެ.

ރޭޕުކުރެވޭ އަންހެނާ، އޭނާއަށް އެ ކުރިމަތިވި ބޮޑު މުޞީބާތަށް ކެތްކުރުމަކީ، އޭނާއަށް ދަރުމަލިބޭނެ ކަމެއްކަން ކަށަވަރެވެ. އެހެނީ މުސްލިމަކަށް ދުނިޔޭގައި ކުރިމަތިވާ ކޮންމެ މުޞީބާތަކާއި ކޮންމެ ބަލިކަމަކާއި ކޮންމެ ހިތާމައަކާއި، އަދި އެންމެ ކުޑަވެގެން ގޮސް ފަޔަށް ހެރޭ ކައްޓަކީ ވެސް، އެކަމުގެ ސަބަބުން އޭނާގެ ފާފަ ފުހެވޭ ކަމެއްކަމަށް، ކީރިތި ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ- ކުރައްވާފައިވާ ޞައްޙަ ޙަދީޘެއްގައި ވެއެވެ.

2- މިފަދަ ހާދިސާތަކާ ކުރިމަތިވެގެން، ކެކުޅުމާއި ވޭނުގައި އުޅެމުންދާ މުސްލިމް އަންހެނުނަށް، ލުޔެއް ހޯދައިދީ، އެހީތެރިވުމުގެ ގޮތުން، އެމީހުންނާ ކައިވެނިކުރުމަކީ ޒުވާން މުސްލިމް ފިރިހެނުންގެ ކިބައިން އެދެވިގެންވާ ކަމެކެވެ.

3- ދަރިންވެއްޓުމުގެ އަސްލަކީ، ރަޙިމުގައި މަނިތިކި އަށަގަނެ އިންސާނެއް އުފެދެން ފެއްޓުމަށް ފަހު، އެ ވައްޓާލުން ޙަރާމްވުމެވެ. މަނާވުމެވެ. މިއީ ޒިނޭކޮށްގެން ލިބޭ ދަރިއަކަށް ވިޔަސް ވެހެވެ. ޣާމިދިއްޔާ ޒިނޭކޮށްފައި އަމިއްލައަށް އެކަމަށް އިޢްތިރާފުވެ، ރަޖަމްކުރުވަން އައުމުން، އޭނާގެ ބަނޑުގައި އޮތް ދަރިފުޅު ވިހަންދެން، އަނބުރާ ދިއުމަށް ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އެންގެވިއެވެ. އަދި ފަހުން ކިރުވީއްލެންދެން ފޮނުއްވިއެވެ.

4- މާބަނޑަށް ފުރަތަމަ ސާޅީސްދުވަސް ވުމުގެ ކުރިން ދަރިވެއްޓުން ހުއްދަކަމަށް ދެކޭ ބައެއް ފިޤުހުވެރިން ތިއްބެވިއެވެ. އަދި ބައެއް ބޭކަލުން، ރޫޙު އެޅުއްވުމާ ޖެހެންދެން ވެސް ހުއްދަކުރައްވައެވެ. ނަމަވެސް ސަތޭކަވިހި ދުވަސްވުމަށް ފަހު، މައިމީހާގެ ޙަޔާތަށް ނުރައްކާވުން ފިޔަވާ އެހެން އެއްވެސް ސަބަބަކަށްޓަކައި، ދަރިވެއްޓުން ހުއްދަ ކަމަށް އެއްވެސް ޢިލްމުވެރިއަކު ބުނެފައިނެތެވެ.

ދެން ރޭޕުކުރުމުން ލިބޭ ދަރިންވެއްޓުމަށް ބަލާއިރު، ދަރިވައްޓަން ޖެހިއްޖެނަމަ، ފުރަތަމަ ސާޅީސް ދުވަހުގެ ކުރިން ވެއްޓުން އައުލާކަން ބޮޑެވެ. އަދި ހުއްދަވުމާ ބޮޑަށް ގާތްވެއެވެ.

5- ޝައްކެއްވެސް ނެތް ގޮތުގައި، ކާފިރު ފާޖިރަކު، މުސްލިމް އަންހެނެއް ރޭޕުކޮށްގެން ދަރިއެއް ލިބި، އޭނާ އެ ކުއްޖާ ވިހަން ނުރުހި، އެކަމުން ސަލާމަތްވާން ބޭނުންވުމަކީ، ދަރިވެއްޓުމަށް މުފްތީއަކަށް ފަތުވާދެވިދާނެ މަޤްބޫލު ސަބަބެކެވެ. މި ހުއްދައަކީ ޟަރޫރަތަކަށްޓަކައި ދެވޭ ޚާއްޞަ ހުއްދައެކެވެ. ވަކިން ޚާއްޞަކޮށް މާބަނޑުގެ ކުރީކޮޅުގައެވެ.

6- އަނެއްކޮޅުން، އޭނާ އެކުއްޖާ އުފަންކުރަން ބޭނުންނަމަ، ދަރިފުޅު ވައްޓާނުލާ ބަނޑުގައި ބޭއްވުމުގައި، ޝަރުޢީ މައްސަލައެއް ނެތެވެ. އުފަންވާހާ ދުވަސްވަންދެން ބަނޑުގައި އޮތުމަށް މިންވަރުވެ، އެ ކުއްޖާ އުފަންވެއްޖެނަމަ އެއީ މުސްލިމް ކުއްޖެކެވެ. އެހެނީ ކޮންމެ އާދަމުގެ ދަރިއަކުވެސް އުފަންވަނީ ފިޠުރަތުގެ ސާފުކަންމަތީގައެވެ. ފިޠުރަތުގެ މާނައަކީ ތައުޙީދެވެ. އިސްލާމްކަމެވެ.

ޝައިޚް ޖާދުލް ޙައްޤު ދެއްވާފައިވާ ޖަވާބުގެ ޚުލާޞާއަކީ:

'ރޭޕުކޮށްގެން ލިބޭ ދަރިއެއްވެސް ރޫޙު އެޅުއްވުމަށް ފަހު ވެއްޓުމަކީ، ޙަރާމްކަމެއްކަމަށް ޢިލްމުވެރިން އިއްތިފާޤުވެލައްވައެވެ. ނަމަވެސް ރޫޙު އެޅުއްވުމުގެ ކުރިން، މިކަމާމެދު ޢިލްމުވެރިންގެ އިޚްތިލާފުވެއެވެ. އަދި މާބަނޑުވާތާ ކުރީކޮޅު މިފަދަ ސަބަބަކަށްޓަކައި ދަރިވެއްޓުމުގެ ޢުޒުރު އަންހެނާއަށް އެބައޮތެވެ. އަދި ޝަރުޢީ ގޮތުން މަޤްބޫލު ސަބަބަކަށްޓަކައި މެނުވީ، ދަރިވެއްޓުން ހުއްދައެއް ނޫނެވެ،'

އިސްވެދިޔަ ޖަވާބުތަކަށާއި، އަދި އިސްލާމީ ފިޤުހުހެ ޤަވާޢިދުތަކާއި އުޞޫލުތަކަށް ބަލާފައި، މި ހިސާބުން ކަނޑައެޅިދާނެ ކަންތައްތަކެއް އެބަހުއްޓެވެ.

ދަތިކަމާއި އުނދަގޫކަން ނައްތާލައި، ފަސޭހަކޮށްދިނުމަކީ އިސްލާމްދީނުގެ މުހިއްމު މަޤްޞަދެކެވެ. އަދި ޢިއްފަތްތެރި މުސްލިމް އަންހެން ކުއްޖަކު ރޭޕުކުރެވި، އޭނާގެ ޝަރަފާއި އަބުރަށް އަރައިގަތުމަކީ ޝައްކެއްވެސް ނެތް ގޮތުގައި، އަންހެނަކަށް ލިބޭނެ އެންމެ ބޮޑު ދަތިކަމާއި އުނދަގުލެވެ. އެންމެ ބޮޑު ހިތްދަތިކަމާއި ކެކުޅުމެވެ. އަދި މިއީ ބައެއްފަހަރު އެ އަންހެން ކުއްޖާގެ ޢާއިލާއަށް ވެސް -މުޖްތަމަޢުގެ މީހުންގެ ވިސްނުން ހުންނަ ގޮތުން- ހުތުރު ލިބި ބަދުނާމުވެ، އަދި އެ ކުއްޖާ މުޖްތަމަޢުން އެކަހެރިވެ މުސްތަޤްބަލު ގެއްލިދާ ކަމެކެވެ.

ވީމާ އަންހެންކުއްޖާގެ އެއްވެސް ކުށެއް ނެތި، މިފަދަ ދެރައާއި ގެއްލުން ލިބުމަކީ، އެކަމަށް ރިޢާޔަތްކޮށް ބަލަންޖެހޭ ކަމެކެވެ. އަދި އިސްލާމީ ފިޤުހީ ޤަވާޢިދުތަކުގެ ތެރޭގައިވާ، ޟަރޫރަތްތަކާހެދި މަނާކަންތައް ހުއްދަވާ އުޞޫލާއި، ދަތިއުނދަގޫކަން ފިލުވާ އުޞޫލާއި، މަންފާ ލިބިގަތުމަށްވުރެ ގެއްލުން ދުރުކުރުމަށް އިސްކަންދޭ އުޞޫލުފަދަ އުޞޫލުތައް ބޭނުންކޮށްގެން، ރޭޕްކުރެވޭ އަންހެނުންނަށް ލިބޭ ކުދިންވެއްޓުމާ ބެހޭ ޚާއްޞަ ފަތުވާއެއް ނެރެވިދާނެއެވެ.

އަންހެނަކު ރޭޕުކުރެވިއްޖެނަމަ، ވަރަށް ކުރީކޮޅުވެސް ޑޮކްޓަރީގޮތުން އެކަން ބަލާ، ބަލިވެ އިންތޯ ބެލުމަކީ މިޒަމާނުގައި ދަތިކަމެއް ނޫނެވެ. ވީމާ އެކަން ބެލޭ އެންމެ އަވަހަކަށް ބަލާފައި ސަތޭކަވިހި ދުވަސްވުމުގެ ކުރިން ދަރިވެއްޓުމަކީ ހުއްދަކަމެއްކަމަށް ފަތުވާދެވިދާނެއެވެ.

ނަމަވެސް، މިފަދަ ފަތުވާއަކީ އެންމެންނަށް ޢާއްމުކޮށް ދެވިފައިވާ ފަތުވާއަކަށް ވެގެން ނުވާނެއެވެ. މިފަދަ ފަތުވާއެއް ވާންޖެހޭނީ، ވަކިވަކި ފަރުދުންނަށް، ވަކިވަކި ހާލަތްތަކަށް ބަލާފައި، އަދި މައްސަލައިގެ ތަޙްޤީޤަށް ވެސް ރިޢާޔަތްކުރެވެންޏާ ރިޢާޔަތްކުރުމަށް ފަހު ދެވޭ ފަތުވާއަކަށެވެ. މީގެ ބޭނުމަކީ މި ރުޚްޞާ ނުވަތަ ޚާއްޞަ ހުއްދައިގެ ބޭނުން ވީހާވެސް ހަނިދާއިރާއެއްގައި ހިފުމާއި، ޒިނޭކުރުމަށް ފަހު ބަނޑުބޮޑުވީމާ، ރޭޕުކުރެވުނުކަމަށް ބުނެ ދޮގުހަދައިގެން ފަތުވާ ހޯދައިގެން ހަސްފަތާލުން މިފަދަ ކަމެއް ކުރުވުން ހުއްޓުވުމެވެ.

ޚުލާޞާއަކީ:

ރޭޕުކޮށްގެން ލިބޭ ކުއްޖަކު، ސަތޭކަވިހި ދުވަސްވުމުގެ ކުރިން ވެއްޓުން ހުއްދައެވެ. އަދި ބޮޑަށް ރަނގަޅީ ސާޅީސް ދުވަސްކުރިން ވެއްޓުމެވެ. އަދި މިފަދަ ހާލަތެއް މެދުވެރިވާ ކޮންމެ މީހަކުވެސް ޖެހޭނީ، ވަކި ފަތުވާއެއް ފަރުދީގޮތުން ހޯދާށެވެ.

Comments