ހޮނިހިރު20201128

އާކުރެވުނީ: 08:43:52

ރާފަދައިން، މަސްތުވާތަކެތިވެސް ޙަރާމް

masthuvaathekethi* ކީރިތި ޤުރުއާނާއި ޙަދީޘްފުޅުތަކުގައި، ރަލަކީ ޙަރާމް އެއްޗެއް ކަން ބަޔާން ކުރެވިފައި އޮންނަކަން ވަރަށް ގިނަމީހުން ދަނެއެވެ. ނަމަވެސް މި ދޭތިން ކުރެ އެކައްޗެއްގައިވެސް ''މަސްތުވާ ހިކި އެއްޗެހި'' ގެ ވަހަކައެއް ނޯންނަ ކަމަށާއި އެހެން ވީމާ އެއަށް ރަލުގެ ޙުކުން ނާންނާނެ ކަމަށް މީހަކު ހީކޮށްފާނެއެވެ. އެއްފަހަރަކު ކުއްޖަކު މިހެން ބުނިއަޑުވެސް އިވުނެވެ.

ހިކިކޮށް އަދި ދިޔާކޮށް ހުންނަ ޙަޝީޝް، ހިރޮއިން، ކޮކެއިން އަފިހުން އަދި މިނުންވެސް މިފަދަ ''މަސްތުވާތަކެއްޗަކީ'' ކަނޑައެޅިގެން އިސްލާމް ދީނުގައި ޙަރާމް ތަކެއްޗެކެވެ.

''މަސްތުވާތަކެތި'' އެއީ ޙަރާމް އެއްޗެއް ކަމާމެދު އެއްވެސް ޢިލްމުވެރިއެއް ޚިލާފުވެވަޑައިގެންފައެއް ނުވެއެވެ. މިއީ މަސްތުވާ ކޮންމެ އެއްޗަކީ، ހިކި އެއްޗަކަސް ދިޔާ އެއްޗަކަސް، ޙަރާމް އެއްޗެއްކަން ސާބިތުވާ ވަރަށް ގިނަ ދަލީލުތައް އެބަ ހުއްޓެވެ.

- އަލްމާއިދަތު ސޫރަތުގެ 90، 91 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވަނީ މި ފަދައިންނެވެ. މިއީ ރާ ޙަރާމް ކުރުމުގައި އިސްލާމީ ޝަރީޢަތް ގެންގުޅެފައިވާ، ތަރުތީބުގެ ތެރެއިން އެންމެ ފަހުން އޭގެ ޙުކުމް ކަނޑައެޅުނު އާޔަތެވެ. يَا أَيُّهَا الَّذِينَ آمَنُوا إِنَّمَا الْخَمْرُ وَالْمَيْسِرُ وَالْأَنْصَابُ وَالْأَزْلَامُ رِجْسٌ مِنْ عَمَلِ الشَّيْطَانِ فَاجْتَنِبُوهُ لَعَلَّكُمْ* إِنَّمَا يُرِيدُ الشَّيْطَانُ أَنْ يُوقِعَ بَيْنَكُمُ الْعَدَاوَةَ وَالْبَغْضَاءَ فِي الْخَمْرِ وَالْمَيْسِرِ وَيَصُدَّكُمْ عَنْ ذِكْرِ اللَّهِ وَعَنِ الصَّلَاةِ فَهَلْ أَنْتُمْ مُنْتَهُونَ

މާނައަކީ: ''އޭ އީމާންވެއްޖެ މީސްތަކުންނެވެ. ހަމަކަށަވަރުން ރަލާއި މައިސިރުއާއި (ނަޞީބުގެ ކުޅިވަރުތައް)، އަޅުކަންކުރަން ހަދާފައި ހުންނަ ހިލަތަކާއި، ނަޞީބު ހުރިގޮތް ބަލަން ގެންގުޅޭ ދުނިދަނޑިތައް، މިކަންތައްތަކާއި ތަކެއްޗަކީ ޝައިޠާނާގެ ޢަމަލުގެ ތެރެއިންވާ ފާފަވެރި ކަންތަކެވެ. ފަހެ ތިޔަބައިމީހުން އެކަންތައްތަކާއި ދުރުހެލިވާށެވެ. ތިޔަބައިމީހުން ދިންނަވާ ނަޞީބު ލިބޭތޯއެވެ. * ހަމަކަށަވަރުން ޝައިޠާނާ ގަސްތުކޮށް އެދޭކަން ކަށަވަރީ، ރަލާއި މައިސިރުގެ ސަބަބުން ތިޔަބައިމީހުންގެ މެދުގައި ޢަދާވާތްތެރިކަމާއި ރުޅިވެރިކަން އުފެއްދުމަށެވެ. އަދި މާތް ﷲ ހަނދުމަކޮށް އުޅުމުންނާއި އެކަލާނގެ ކިބައަށް އަޅުކަންކޮށް ނަމާދު އުޅުމުން ތިޔަބައިމީހުން ދުރުކޮށް މަނާ ކުރުމަށެވެ. ފަހެތިޔަބައި މީހުން އެކަންކަން ހުއްޓާލައިގެން ތިބި ބަޔަކު ކަމުގައިވާނޫހެވެ.''

- އިމާމް މުސްލިމް ރިވާކުރައްވާފައިވާ ޙަދީޘެއްގައި ވެއެވެ: كُلُّ مُسْكِر خَمْرٌ وَ كُلُّ خَمْرِ حَرَام

މާނައަކީ: ''މަސްތުކުރުވާ ކޮންމެ އެއްޗަކީ ރަލެކެވެ. އަދި ކޮންމެ ރަލަކީ ޙަރާމް އެއްޗެކެވެ.''

- އަދި މަސްތުވާ ހިކި އެއްޗަކީ ޚަމްރު މިބަހުގެ ތެރޭގައި ހިމެނޭ އެއްޗެއް ކަމަށް ޢުމަރުގެފާނު ވިދާޅުވެފައިވެއެވެ. (މިވާހަކަ އައިސްފައިވަނީ ބުޚާރީގައި)

الخَمْرُ مَا خَامَرَ العَقْل

މާނައަކީ: "ރާއަކީ ބުއްދީގެ މައްޗަށް ފަރުދާއެޅޭ ކޮންމެ އެއްޗެކެވެ."

ޢަރަބި ބަހުން ރަލަށް ޚަމްރު ކިއުނީ އެ ބުއިމުން ބުއްދި ފިލައި ހަމަ ބުއްދިއާ ވިސްނުމާ ދެމެދު ފަރުދާއެއް ނުވަތަ ހުރަހެއް ލެވޭތީއެވެ. ޚަމްރު މިބަސް އުފެދިފައިވާ އަޞްލަށް ބެލީމާ އެގޭ ގޮތުގައި ހުރަހަކަށް ވާ އެއްޗެއްސަށް ޚަމްރު ކިއެވެ. މިސާލެއްގެ ގޮތުން ބުނާނަމަ ބޮލުގެ އިސްތަށިގަނޑު ފެނުމާ ދެމެދު ހުރަހެއްގެ ގޮތުން އަޅާ ފޮތިގަނޑު ނުވަތަ ބުރުގާއަށް ''ޚިމާރު'' ކިޔެއެވެ.

މަސްތުވާ ހިކި ތަކެއްޗަކީވެސް ބުއްދިއަށް ނުބައި އަސަރުތަކެއް ކުރުވާ އެއްޗެއްކަން އެއީ އެގިފާޅު ކަމެކެވެ. އެގޮތުން، ދެއްކޭ ވާހަކަ އޮޅި، ކުރެވޭ ކަންތަކަށް ހޭ ނުޖެހި، ތަފާތު ޖަރީމާތަކާއި އެކްސިޑެންޓު ފަދަ ކަންކަން، ބުއްދިފިލައި ދިއުމުން ކުރެވެއެވެ.

- މަސްތުވާ ބައެއްތަކެއްޗަށް، ބަހުގެ ގޮތުން ބަލާއިރު ''ޚަމްރު'' (ރާ) ނުވަތަ ''މުސްކިރު'' (އަމަލު ކުރުވާ އެއްޗެހި) ފަދަ ނަމެއް ނުދެވުނަސް، އެއީ ''މުފްތިރު'' (ސިކުނޑި ހިމޭންކުރުވާ އެއްޗެހި) މި ބަހަށް ފެތޭ އެއްޗެއްސެވެ. އަބޫދާއޫދު އުއްމު ސަލަމާ އަރިއަހުން ރިވާ ކުރައްވާފައި ވަނީ މިފަދައިންނެވެ: أن النبي -صلى الله عليه وسلم - نَهَى عَنْ كُلِ مُسْكِر وَمُفْتِر

މާނައަކީ: ''އަމަލު ކުރުވާ ކޮންމެ އެއްޗެއް އަދި ސިކުނޑިއަށް ވަޅޯކަމެއް ގެނެސްދޭ ކޮންމެ އެއްޗެއް، ރަސޫލާ ނަހީ ކުރެއްވިއެވެ.''

- ޖަދަލުކުރުމުގެ ގޮތުން، މިފަދަ ހިކި ތަކެއްޗަކީ އެއީ އަމަލު ކުރުވާ އަދި ސިކުނޑި ހިމޭންކުރުވާ އެއްޗެހީގެ ތެރޭގައިވެސް ނުހިމެނޭ އެއްޗެއް ކަމަށް މީހަކު ބުނެފާނެއެވެ. ނަމަވެސް އޭރުންވެސް މި ފެއްތޭނެ ގިންތިއެއް އެބަ އޮތެވެ. އެއީ ފިޤުހު މުޞްތަލަޙައަކުން ނަމަ ''ޚަބާއިޘް'' (ނުބައިވެގެންވާ ތަކެތި) އެވެ. ނުބައި، ނުވަތަ ގެއްލުން ހުރި ކޮންމެ އެއްޗަކީ ޝަރުޢީ ގޮތުން، ބަލާއިރު ޙަރާމް ކުރެވިފައިވާ އެއްޗެކެވެ. އަޢްރާފް ސޫރަތުގެ 157 ވަނަ އާޔަތުގައި ރަސޫލާގެ ރިސާލަތް ސިފަކުރައްވަމުން މާތް ﷲ ވަޙީ ކުރައްވާފައިވަނީ: وَيُحِلُّ لَهُمُ الطَيِبَاتِ وَيُحَرِّمُ عَلَيْهِمُ الخَبَائثَ

މާނައަކީ: ''އަދި ފައިދާހުރި ރަނގަޅު ތަކެތި އެބައި މީހުންނަށް ހުއްދަކުރައްވައެވެ. އަދި ނުބައިވެގެންވާ ތަކެތި އެބައި މީހުންނަށް މަނާ ކުރައްވައެވެ.''

- ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވަނީ: لاَ ضَرَرَ وَلاَ ضِرَارَ

މާނައަކީ: "ގެއްލުމެއް ލިބިގަތުމެއް ނެތެވެ. އަދި ގެއްލުމެއް ދިނުމެއްވެސް ނެތެވެ."

- އިސްލާމްދީން އެ އެއްޗެއް ޙިމާޔަތް ކުރާ އަސްލު ފަސްކަމެއް އޮވެއެވެ. އެއީ: ދީން، ނަފްސު، ބުއްދި، ނަސްލު އަދި މުދަލެވެ.

ދެން ރަލާ މަސްތުވާ ތަކެއްޗާ މި ކަމާ ހުރީ ކޮން ގުޅުމެއްތޯ ބަލަމާ ހިނގާށެވެ. ބަލާއިރު މަތީގައި ގެނެވިފައިވާ އާޔަތުގައި އަންގަވާފައިވާ ފަދައިން ރަލާ މަސްތުވާ ތަކެއްޗަކީ ދީނަށް ހުރި ނުރައްކަލެކެވެ. ދީނުގެ އެއްވެސް އަޅުކަމެއް މަސްތުވެގެން ހުރެ ކޮށްގެން ޞައްޙައެއް ނުވާނެއެވެ. އަދި މިކަމުގެ ސަބަބުން ﷲ މަތިން ހަނދުމަ ކުރުމުން އެއްކޮށް މީހާ ދުރުހެލިވާނެއެވެ.

ދެން އެއޮތް ބުއްދި ޙިމާޔަތް ކުރުމާއި، ރާ ބުއިމާ މަސްތުވާތަކެތި ބުއިމާ ފުށުން އަރައެވެ. މަސްތުވެގެން ހުންނަ މީހެއްގެ ބުއްދިއެއް ނުހުންނާނެކަން އެއީ ކުޑަކުއްޖަކަށްވެސް އެގޭނެ ކަމެކެވެ. މުދާ ރައްކާ ކުރުމަށް ބަލާއިރު މަސްތުވާތަކެއްޗަކީ އެއީ އަމިއްލަ މުދާ ބޭކާރުގޮތުގައި ހަލާކުކޮށްލެވޭ ކޮށްލެވުމެކެވެ. ޤައުމުގެ އިޤްތިޞާދަށް ދެވޭ ބޮޑު ގެއްލުމެކެވެ. އަދި މަސްތުވެގެން ހުރެ މީހުންގެ މުދަލަށާ ތަކެއްޗަށްވެސް ދެވެނީ ގެއްލުމެވެ. ނަސްލު ރައްކާތެރި ކުރުމަށް ބަލާއިރު މަސްތުވެގެން ޒިނޭކުރުން އެއީ ވަރަށް އެކަށީގެންވާ ކަމެކެވެ. މިއީ ނަސްލަށް ހުރި ގެއްލުމެކެވެ.

- އިންސާނާ އެ ބޭނުން ކުރުމުން ހަށިގަނޑަށް ގެއްލުން ލިބޭ ކޮންމެ އެއްޗަކީ އެއީ ޙަރަމާ އެއްޗެކެވެ. މިއީ ގެއްލުން ހުންނަ އެއްޗެއްކަން، އުޑުމަތި ސާފު ދުވަހަކު މެންދުރު އިރު ފެންނަކަން ޔަޤީންވާ ފަދައިން ޔަޤީވެއެވެ. ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް މަސްތުވާތަކެތި ވިއްކައި ބޭނުން ކުރުމަކީ ޤާނޫނުގައި މަނާކޮށްފައި އޮންނަ ކަމެކެވެ.

- ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ އަރިއަހުން ޙަޝީޝް ކާ މީހުންނާބެހޭ ގޮތުން ސުވާލު ދެންނެވުމުން ވިދާޅުވީ، އެއީ ހުއްދަ އެއްޗެއްކަމުގައި ދަޢުވާކޮށް އެ ބޭނުން ކުރަމުންދާ މީހުންނަކީ، ދީނުން މުރުތައްދުވާނެ މީހުން ކަމަށެވެ.

* މިއީ ޑޮކްޓަރ ޝައިޚް ޔޫސުފުލް ޤަރަޟާވީ ދެއްވާފައިވާ ޖަވާބެއް އަސްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.