އާދީއްތަ20180909

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ފަހުގެ މައްސަލަތައް މުސްލިމުން ނިއުކްލިޔަރ ހަތިޔާރު ހަދަންޖެހޭތަ؟

މުސްލިމުން ނިއުކްލިޔަރ ހަތިޔާރު ހަދަންޖެހޭތަ؟

nuclear_power_plantނިއުކްލިޔަރ ހަތިޔާރެއް، ނުވަތަ ބޮޑެތި ގެއްލުންދެނިވި ހަތިޔާރުތަކުގެ ނަމުގައި މަޝްހޫރުވެފައިވާ ހަތިޔާރެއް އުފައްދައި ގެންގުޅުމާއި ބޭނުންކުރުމަކީ، ޝަރްޢީ ނަޒަރަކުންބަލާއިރު، މުސްލިމުންނަށް ކުރެވިދާނެކަމެއްބާވައެވެ؟

ތިރީގައިއެވަނީ، މިކަމާއިބެހޭގޮތުން، ކުރެވިފައިވާ ސުއާލަކަށް، އަޒްހަރު ޔުނިވަރސިޓީގެ، ފަތުވާ ކޮމިޓީން ދީފައިވާ ޖަވާބުގެ ޚުލާޞާއެކެވެ. ﷲ ތަޢާލާ އިރާދަކުރައްވަނީ، އިސްލާމީ އުއްމަތަކީ، ބާރުގަދަ، ހައިބަތު ހުރި އުއްމަތަކަށް ވުމަށެވެ.

 އެއުއްމަތަކީ، އަމިއްލަ ނަފުސާއި، އެއުއްމަތުގެ މުޤައްދަސް ތަންތަނާއި، އެންމެހާ އުއްމަތްތަކާއި މީސްތަކުންގެ މެދުގައި، އެއުއްމަތުގެ ޖާގައާއި ދަރަޖަ ޙިމާޔަތްކުރެވޭފަދަ އުއްމަތަކަށް ވުމަށެވެ.

އިސްލާމީ އުއްމަތުގެ ޢިއްޒަތާއި ކަރާމާތް ރައްކާތެރިކުރެވޭނެ މަގަށް ﷲ އަޅުގަނޑުމެންނަށްވަނީ އިރުޝާދުދެއްވާފައެވެ. އަލް އަންފާލް ސޫރަތުގެ 60 ވަނަ އާޔަތުގައި އެކަލާނގެ ވަޙީ ކުރައްވާފައިވެއެވެ.

وَأَعِدُّواْ لَهُم مَّا اسْتَطَعْتُم مِّن قُوَّةٍ وَمِن رِّبَاطِ الْخَيْلِ تُرْهِبُونَ بِهِ عَدُوَّ اللّهِ وَعَدُوَّكُمْ وَآخَرِينَ مِن دُونِهِمْ لاَ تَعْلَمُونَهُمُ اللّهُ يَعْلَمُهُمْ وَمَا تُنفِقُواْ مِن شَيْءٍ فِي سَبِيلِ اللّهِ يُوَفَّ إِلَيْكُمْ وَأَنتُمْ لاَ تُظْلَمُونَ

މާނަ : ''އަދި އެމީހުންނާއި ދެކޮޅަށް ކަލޭމެންނަށް ލިބިގެންވާ (އަދި ލިބޭންއޮތް) ހުރިހާ ބާރެއް، ވެވޭންއޮތް އެންމެމަތީ ދަރަޖައަކަށް، ތައްޔާރުކޮށްގެން، (ހުޝިޔާރުގައި) ތިބޭހުށިކަމެވެ. ފަހެ އަސްތައްވެސް ކުރިއަށްނެރެ، ސަރަޙައްދުގެ ކައިރީގައި ރުކުރުވާލައި ބަނދެ،(ސަވާރުވެގަތުމަށް) ތައްޔާރަށް ބައިތިއްބާހުށިކަމެވެ. ކަލޭމެންގެ ތައްޔާރުވުމުންނާއި ބާރުގެ ދައްކާލުމުން، ﷲ ގެ ޢަދުއްވު، އަދި ކަލޭމެންގެވެސް ޢަދުއްވު، އަދި އެޢަދުއްވުތަކުންފިޔަވައި އެހެންވެސް ބައެއް- އެބަޔަކު އަދި ކަލޭމެންނަށް އެނގިފައިނުވާ، ނަމަވެސް ﷲ ދެނެވޮޑިގެންވާ- މިއެންމެންމެ، (ޙައިރާންކޮށް) ބިރުގަންނުވައިލުމަށްޓަކައެވެ. އަދި (އޭ އީމާންވެއްޖެ މީސްތަކުންނޭވެ.) ﷲ ގެ މަގުގައި ކަލޭމެން ހޭދަކޮށްފި ކޮންމެ އެއްޗެއް، ފަހެ ﷲ އެއެއްޗެއް، ފުރާފުރިހަމަކުރައްވައި، ކަލޭމެންނަށް އަނބުރައިދެއްވާނެތެވެ. އަދި ކަލޭމެންނަށް ކިތަންމެކުޑަނަމަވެސް، ގެއްލުމެއްލިބިގެންނުވާހުށިމެއެވެ.)

މިމަތިވެރި އިލާހީ މަގުދެއްކެވުމުގައި، އަޅުގަނޑުމެންނަށް ވަރަށްފުރިހަމަގޮތެއްގައި، ކަންތައްތަކެއް ހާމަކޮށްދެއްވާފައިވެއެވެ.

1- އިސްލާމީ އުއްމަތް، އެއުއްމަތުގެ ޢަދުއްވުން ދަސްކޮށް ދެނެގަންނަން ޖެހެއެވެ. ޢަދުއްވުންނާއި އެކަށީގެންވާގޮތެއްގައި، ކުރިމަތިލުމަށް ބޭނުންވާ ތައްޔާރީތައްވެ، އެމީހުން މަތަކުރެވޭނީ އޭރުންނެވެ. އާޔަތުގައި ބަޔާންކުރައްވާފައިވާގޮތަށްބަލާއިރު، މީގެތެރެއިން އެންމެ ފުރަތަމަ ޢަދުއްވަކީ، ﷲ ގެ ޢަދުއްވެވެ. އެއީ، ފާޅުގައި ﷲ އަށް އުރެދި، ޙަރާމް ކަންކަމަށާއި، މުޤައްދަސް ކަންކަމަށް އަރައިގަނެ، ފާފަކުރުންމަތީ ދެމިތިބޭ ބޮޑެތި ޚާއިނުންނެވެ.

2- ޢަދުއްވުންގެ ދެވަނަ ބަޔަކީ، ތިޔަބައިމީހުންގެ ޢަދުއްވުންނެވެ. އާދެ! އެއީ އިސްލާމީ އުއްމަތަށާއި، އެއުއްމަތުގެ ޢަޤީދާއަށާއި، އެއުއްމަތުގެ މުޤައްދަސްތަކަށް އަރައިގަނެ ޢަދާވާތްތެރިވާ މީހުންނެވެ.

3- ތިންވަނަ ބަޔަކީ، ކުރިން ބަޔާންކުރެވުނު މީހުންފިޔަވައި އެހެން މީހުންނެވެ. އެބައިމީހުންނަކީ، އަޅުގަނޑުމެންނަށް އެބައިމީހުންގެ ގޮތް ނޭނގޭ، އެކަމަކު ﷲ ސުބްޙާނަހޫ ވަތަޢާލާ އެބައިމީހުންގެ ސިއްރުތައް ދެނެވޮޑިގެންވާ ބައެކެވެ. ކުރީގެ ޢިލްމުވެރިންގެ ތަފްސީރުގައި ބަޔާންކުރައްވާފައިވާގޮތުގައި، މިބައިމީހުންނަކީ، ބޭރުފުށުން މުސްލިމުންގެ ފަޅީގައިވާކަމަށްދައްކައި، އެތެރޭގައި ޙަސަދައިގެ ހުޅުރޯކޮށްގެން ތިބޭ މުނާފިޤުންނެވެ. މިޒަމާނުގެ ގޮތުން ބަލާނަމަ، ފަރުދާގެ ފަހަތުގައިތިބެގެން، މުސްލިމުންނާއި އެކިގޮތްގޮތުން، އެކިވަސީލަތްތައް ބޭނުންކޮށްގެން ޢަދާވާތްތެރިވާ ކޮންމެ ބަޔަކީ، މިދެންނެވި ބައިގެ ތެރޭގައި ހިމެނޭބައެއްކަމުގައި ބެލެވިދާނެއެވެ. މުސްލިމުންގެ މެދުގައި މާޔޫސްކަން ފަތުރައި، ފިތުނަފަސާދައިގެ ހުޅުޖަހައި، ފިކްރީގޮތުންނާއި، ނަފުސާނީ ރޮނގުންނާއި، އުއްމަތަށް ގެއްލުންދެނިވި ޕްރޮޕެގެންޑާތައް ފަތުރަމުންދާ މީހުންނަކީ، މިބާވަތުގެ ޢަދުއްވުންނެވެ.

މިބީދައިން، ޢަދުއްވުންނާއިމެދު ހޭއަރައި ތިބުމަށް، އިސްލާމުދީން އަޅުގަނޑުމެންނަށް އެވަނީ އަންގަވާފައެވެ. އެމީހުންގެ ކަންތައްތައް ރަނގަޅަށް ދެނެގަނެގެން މެނުވީ، އެމީހުންނާއި އެކަށީގެންވާ ރައްދެއް ތައްޔާރުނުކުރެވޭނެތީއެވެ. ޢަދުއްވުންނާއި ކުރިމަތިލުމަށް ތައްޔާރުވާއިރު، އެބައިމީހުންގެ ޙާލަތާއިގުޅޭމިންވަރަކަށް އަޅުގަނޑުމެންގެ ކަންތައްތައްވެސް ކުރިއަރުވަން ޖެހެއެވެ. އޭގެ ބަދަލުގައި، ޢަދުއްވުންގެ އަތުގައި ހުރި ހަތިޔާރާއި ނުބައްދަލު، އެއަށްވުރެ ފެންވަރުދަށް ހަތިޔާރެއް އަޅުގަނޑުމެން ގެންގުޅޭނަމަ، އަދި އެކަމުގައި ފަރުވާކުޑަކޮށްފިނަމަ، އަޅުގަނޑުމެން ފާފަވެރިވާނެއެވެ. އަޅުގަނޑުމެންގެ މާތް ނަބިއްޔާ، އަދި އަޅުގަނޑުމެންނަށްވާ އެންމެފުރިހަމަ ނަމޫނާ، މުޙައްމަދު (ޞައްލަﷲ ޢަލައިހި ވަސައްލަމް) ކަންތައްކުރެއްވިގޮތަށް ނަޒަރުހިންގާލާއިރު، އެކަލޭގެފާނު، ޢަދުއްވުންނާއި ކުރިމަތިލެއްވުމަށްޓަކައި، ވެވަޑައިގެންނެވި އެންމެފުރިހަމައަކަށް، އަދި ހިއްޕެވެން ހުރި ހުރިހާ ވަސީލަތެއްގައި ހިއްޕަވައިގެން ތައްޔާރުވެވަޑައިގަންނާކަން ފާހަގަވެގެންދެއެވެ. އަދި އެވަސީލަތްތައް ތަރައްޤީކުރެއްވުމަށްވެސް، އެކަލޭގެފާނު ސަމާލުކަން ދެއްވިއެވެ. އެގޮތުން، މުސްލިމުން އެބައިމީހުންގެ ޢަދުއްވުންގެ ބަސްދަސްކުރުމަށް އިރުޝާދުދެއްވާފައިވެއެވެ.

ޒައިދު އިބްނު ޘާބިތުއަށް، ޔަހޫދީންގެ ބަސްދަސްކުރެއްވުމަށް، އެކަލޭގެފާނު އެންގެވިއެވެ. ޒައިދު، ބައި މަސްދުވަހުގެ ތެރޭގައި، އެބަސް އުނގެނިވަޑައިގަތެވެ. އަދި، ޔަހޫދީންނަށް ރަސޫލާ ފޮނުއްވަން ބޭނުންވެވަޑައިގެންނެވި ފަތްކޮޅުތައް، ޒައިދު ލިޔުއްވަމުންގެންދެވިއެވެ. " ބައެއްގެ ބަސްދަސްކޮށްފި މީހާ، އެބައެއްގެ ނުބައިކަމުން ސަލާމަތްވެއްޖެއޭ " ބުނެވޭ ޙިކްމަތްތެރިބަހުގެ ތެދުކަމާއެވެ.

އާޔަތުގައި، ﷲ އަންގަވާފައިވާ ކަންކަން، ޢަމަލީގޮތުން، ކީރިތި ރަސޫލާ އަޅުގަނޑުމެންނަށްވަނީ ދައްކަވައިދެއްވާފައެވެ.

އަޙްޒާބު ހަނގުރާމައިގައި، މުސްލިމުންނާއި ދެކޮޅަށް، ޢަދުއްވުން ޖަމާވި ހިނދު، ރަސޫލާ އެކަލޭގެފާނުގެ އަޞްޙާބުންނާއި މަޝްވަރާކުރެއްވިއެވެ. އެވަގުތު، ސަލްމާނުލް ފާރިސީ އެކަލޭގެފާނަށް، މަދީނާ ދިފާޢުކުރެއްވުމަށް، ރަނގަޅު ބުއްދިއެއް އެރުވިއެވެ. ޤާއިދުންނާއި، ތަޖުރިބާކާރުންނާއި މަޝްވަރާކުރެއްވުމަށްފަހު، ރަސޫލާ ސަލްމާނުލް ފާރިސީ ވިދާޅުވި ވިދާޅުވުމުގައި ހިއްޕެވިއެވެ. ސަލްމާނު ވިދާޅުވީ، ފާރިސްކަރައިގައި، ޢަދުއްވުން އެބައިމީހުން ވަށާލައިފިނަމަ، ދިފާޢުގައި، ޚަންދަޤުކޮނެ، އޭގެތެރޭގައި ތިބެ ހަނގުރާމަކުރާ ވާހަކައެވެ. މިއީ، ޢަރަބިން ކުރިން ނުދަންނަ، ޙިކްމަތްތެރި ރޭވުމެކެވެ.

މިކަމުން، އަޅުގަނޑުމެންގެ ރޭވުންތައް އަބަދުވެސް ކުރިއަރުވަންޖެހޭކަމާއި، އަދި އެހެން އުއްމަތްތަކުންވެސް، ފައިދާހުރި ކަންކަން އަޅުގަނޑުމެން ބަލައިގަންނަން ޖެހޭކަން ދޭހަކޮށްދެއެވެ. އަދި ލިބިފައިވާ ހުރިހާ ބާރަކާއިއެކު، ތައްޔާރުވާންޖެހޭކަމަށް އިޝާރާތްކުރެއެވެ.

އެކަމަކު އެންމެންވެސް ދަންނަންޖެހޭ ޙަޤީޤަތަކީ، މިފަދައިން ލަޝްކަރުތައް ތައްޔާރުކުރުމަށް، އިސްލާމުދީން އަންގަވާފައިވަނީ، އިސްލާމީ އުއްމަތުން ބިމުގައި ފަސާދަ އުފެއްދުމަށް ނޫންކަމެވެ. އެކަމަކު، އޭގެ ބޭނުން ކުރިން ބަޔާންކުރެވުނު އާޔަތުގައި އަންގަވާފައި އެވަނީއެވެ. ފަހެ އޭގެ ބޭނުމަކީ، އެހެންބައެއްގެ މައްޗަށް ތިޔަބައިމީހުން ޢަދާވާތްތެރިވުމެކޭ އެކަލާނގެ އަންގަވާފައެއްނުވެއެވެ. ނަމަވެސް، މީގެ ބޭނުމަކީ، އިސްލާމީ އުއްމަތަށް ކުރިމަތިވެފައިވާ ކޮންމެ ޢުދުވާނަކަށްވެސް ރައްދުދީ، އަދި އެއުއްމަތުގެ ހައިބަތާއި ޝަރަފާއި ޢިއްޒަތާއި މުޤައްދަސްކަން ރައްކާކުރެވޭފަދަ ހުރިހާ ވަސީލަތަކާއި ބާރެއް، މުސްލިމުންނަށް ލިބިފައިވާކަން ޢަދުއްވުންނަށް ދައްކައި، އުއްމަތާއި ދެކޮޅަށް ޙަމަލާއެއްދިނުމަށް އެމީހުންގެ ހިތުގައި ބިރުވެރިކަން އުފެއްދުމެވެ.

އެހެންކަމުން، އިސްލާމީ ޤައުމުތަކަށް، އެޤައުމުތަކުގެ ކަރާމާތް ރައްކާތެރިކޮށް، އިސްއުފުލައިގެން ކުރިއަށްދިއުމަށާއި، ކައިރިންނާއި ދުރުން އެޤައުމުތަކަށް ޢަދާވާތްތެރިވާ ޢަދުއްވުންގެ ކިބައިން ދަފަރާވުމަށް ބޭނުންވާ ހުރިހާ ބާވަތެއްގެ ޒަމާނީ ހަތިޔާރުން ހަތިޔާރު އަޅަންޖެހެއެވެ. މިއަދު އަޅުގަނޑުމެންނަށް ފެންނަމުންދާ މަންޒަރުތަކުން، މިދާއިރާގައިވެސް އިސްލާމީ އުއްމަތް ފަހަތަށްޖެހި، ތަޚައްލުފުވެފައިވާ މިންވަރު ފާހަގަވެއެވެ. އަޅުގަނޑުމެން އަޅުގަނޑުމެންގެ ޢަދުއްވުންގެ ރޭވުންތަކަށް ލޯމަރާލައިގެންތިބޭއިރު، ޢަދުއްވުން ރެޔާއި ދުވާލު، ކެނޑިނޭޅި އެގެންދަނީ، ބައިނަލް އަޤްވާމީ ޤާނޫނުތަކުގައި ހުއްދަކުރިޔަސް، ހުއްދަނުކުރިޔަސް، ބޮޑެތި ގެއްލުންދެނިވި، އެކިބާވަތްބާވަތުގެ ހަތިޔާރުތައް އީޖާދުކޮށް، އޭގެ ބޭނުންކުރަމުންނެވެ. އޭގެ ބޭނުންހިފައިގެން، ހުރިހާ ހިސާބެއްގައި، ނިކަމެތިވެފައިތިބި މުސްލިމުން އެމީހުން އެގެންދަނީ މަރަމުންނެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.