ބުރާސްފަތި20201126

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ފަހުގެ މައްސަލަތައް ޖިހާދުކުރަން، އިސްލާމްދީން ދެކޮޅުހަދާ ލަނޑުދަނޑިތައް

ޖިހާދުކުރަން، އިސްލާމްދީން ދެކޮޅުހަދާ ލަނޑުދަނޑިތައް

jihaadh dhekolhu kankan
އިސްލާމްދީނުގައި ހަނގުރާމަކުރެވޭ އަސާސީ ލަނޑުދަނޑިތަކުގެ ވާހަކަ ދައްކާފައި، ބައެއް މީހުންގެ ހިތަށް އަރާ، އަދި ބައެއް މީހުން އެ ފަތުރަން މަސައްކަތްކުރާ، އެހެން ލަނޑުދަނޑިތަކަކަށް ވެސް އަލިއަޅުވާލަން އެބަޖެހެއެވެ. އެއީ މި ލަނޑުދަނޑިތަކަކީ އިސްލާމްދީން އެއްބަސްވާ އެއްޗެއް ނޫންކަމާއި، އެފަދަ ލަނޑުދަނޑިއަކަށްޓަކައި ހަނގުރާމަކުރުމަކީ، އިސްލާމްދީން ޤަބޫލުކުރާ ޖިހާދަކަށް ނުވާނެކަން ބަޔާންކުރުމަށްޓަކައެވެ.

އެކެއް: ދުނިޔެއިން ކުފުރު ފޮހެލުމުގެ ލަނޑުދަނޑި އަކީ، ޤަބޫލުކުރެވޭ ކަމެއް ނޫން:

ހަނގުރާމަކުރުމުގެ ބޭނުމަކީ، މި ބިންމަތީގައި މުސްލިމަކު ނޫނީ ނުބަހައްޓާ، އިންސާނުންގެ ދިރިއުޅުމުން އެހެން ހުރިހާ ދީންތަކެއް ނެތިކޮށް ފިލުވާލުންހެއްޔެވެ؟ ދުނިޔެއިން ކުފުރު ނައްތާލުންހެއްޔެވެ؟

ބައެއް މީހުން މިހެން މިކަންކުރަން ފަހަރެއްގާ ތަޞައްވަރުކޮށްފާނެއެވެ. އެއީ މުސްލިމް ބައެއް ފިޤުހުވެރިން، ޣައިރުމުސްލިމުންނާ ހަނގުރާމަކުރަންޖެހޭ ހަމައެކަނި ސަބަބަކީ އެމީހުންނަކީ ކާފަރުންނަށް ވުމޭ، ބުނެފައިވާތީއެވެ. އެހެން އެއްވެސް ސަބަބެއް އޮވެގެނެއް ނޫނެވެ. ބަޤަރާ ސޫރަތުގެ 193 ވަނަ އާޔަތުގައި {وَقَاتِلُوهُمْ حَتَّىٰ لَا تَكُونَ فِتْنَةٌ وَيَكُونَ الدِّينُ لِلَّـهِ} އޮތް  ފިތުނައިގެ މާނައަކީ ޝިރުކު ކަމަށް ބައެއް ޢިލްމުވެރިން ތަފްސީރުކޮށްފައިވާތީ، މިގޮތަށް ދެކުން އިތުރަށް ވަރުގަދަވެއެވެ. ފިތުނައިގެ މާނައިގައި އެމީހުން ބުނަނީ، އެއީ ﷲ އާއި އެކަލާނގެ ރަސޫލާއަށް ކުފުރުވުމާއި ޝިރުކުކުރުން ނެތިއްޖައުމަށްދާންދެނެވެ.

އަހަރެންގެ ނަޒަރުގައި މި މަޤްޞަދަކީ އެއްގޮތަކަށް ވެސް، ޝަރީޢަތުގައި އައިސްފައިވާ މަޤްޞަދެއް ނޫނެވެ. އެހެނީ، މި މަޤްޞަދަކީ، މީސްތަކުންގެ ދީނާއި ޢަޤީދާ ތަފާތުވުމާއި، އެއްބަޔަކު މުއުމިނުންނަށް އަނެއްބަޔަކު ކާފަރުންނަށް، އެއްބަޔަކު އެއްކައުވަންތަކުރާ މީހުންނަށް އަނެއްބަޔަކު ބުދުތަކަށް އަޅުކަންކުރާ މީހުންނަށް، އެއްބަޔަކު ރަސޫލުން ތެދުކުރާ ބަޔަކަށް އަނެއްބަޔަކު އެބޭކަލުން ދޮގުކުރާ ބަޔަކަށް، ބެހިގެންވާކަމަށް، ޤުރުއާނުގައި ޞަރީޙަކޮށް ކަނޑައަޅާފައިވާ ކަނޑައެޅުމާއި މުޅިން ފުށުއަރާ މަޤްޞަދަކެވެ. މިހުރިހާ ކަމަކީވެސް މާތް ﷲ ގެ އިރާދަފުޅުން، އެކަލާނގެ ޙިކުމަތްފުޅާ ވަކިވެގެން ނުވާ ކަންކަމެވެ. މީސްތަކުންނަކީ ތަފާތު ބައެއްކަމުގައި، ނުވަތަ އީމާންކަމާއި އޭގެ އިދިކޮޅު ސިފަ ލިބިގަތުމުގެ ޤާބިލުކަން ހުންނަ ބައެއްކަމުގައި، ހެއްދެވީ އެކަލާނގެއެވެ.

 އެއީ މި އާޔަތްތަކުގައި ވެސް ވަޙީކުރައްވާފައިމިވާ ފަދައިންނެވެ: {وَلَوْ شَاءَ رَبُّكَ لَآمَنَ مَن فِي الْأَرْضِ كُلُّهُمْ جَمِيعًا ۚ أَفَأَنتَ تُكْرِهُ النَّاسَ حَتَّىٰ يَكُونُوا مُؤْمِنِينَ} " ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިރާދަކުރައްވައިފިނަމަ، ބިމުގައި ވާހާ އެންމެން إيمان ވެއްޖައީހެވެ. ފަހެ، ކަލޭގެފާނު މީސްތަކުންނަށް އެއުރެން مؤمن ން ކަމުގައިވުމަށް مجبور ކުރައްވަނީތޯއެވެ؟ " (ޔޫނުސް:99)

{ وَلَوْ شِئْنَا لَآتَيْنَا كُلَّ نَفْسٍ هُدَاهَا } " އަދި ތިމަންރަސްކަލާނގެ އިރާދަކުރެއްވިނަމަ، ކޮންމެ نفس އަކަށްމެ އެ نفس އެއްގެ هداية ދެއްވީމުހެވެ. " (ސަޖްދާ:13)

{ وَلَوْ شَاءَ رَبُّكَ لَجَعَلَ النَّاسَ أُمَّةً وَاحِدَةً ۖ وَلَا يَزَالُونَ مُخْتَلِفِينَ}  "ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިރާދަކުރެއްވިނަމަ، މީސްތަކުން އެއް أمّة އެއް ކަމުގައި ލައްވައިފީސްކަން ކަށަވަރެވެ. ނަމަވެސް خلاف ވުމުގައި އެއުރެން ފިލައިނުދެތެވެ. " (ހޫދް:118)

{هُوَ الَّذِي خَلَقَكُمْ فَمِنكُمْ كَافِرٌ وَمِنكُم مُّؤْمِنٌ ۚ وَاللَّـهُ بِمَا تَعْمَلُونَ بَصِيرٌ} "އެކަލާނގެއީ، ތިޔަބައިމީހުން ހެއްދެވި ރަސްކަލާނގެއެވެ. ފަހެ، ތިޔަބައިމީހުންގެ ތެރެއިން كافر ން ވެއެވެ. އަދި ތިޔަބައިމީހުންގެ ތެރެއިން مؤمن ންވެސް ވެއެވެ. އަދި اللَّه އީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ. " (އައްތަޣާބުން:2)

ވީމާ ދުނިޔޭގައި މިވާ ތަފާތު ދީންތައް ނައްތާލާ އެއްދީނަކަށް އުޅުން މަޖްބޫރުކުރާ މީހަކީ، މާތް ﷲ ކައުނުގައި ލައްވާފައިވާ އިރާދަފުޅާ ދެކޮޅު ކަމެއް ކުރާމީހަކަށް ވާތީ، އެފަދަ މީހަކަށް ވާނީ އެކަމުގައި ނާކާމިޔާބެވެ. އެހެނީ ކައުނުގައި ހިނގާނީ މާތް ﷲ ގެ އިރާދަފުޅެވެ. އެކަލާނގެ އިރާދަކުރެއްވިކަމެއް ވާނެއެވެ، އިރާދަނުކުރައްވާ ކަމެއް ނުވާނެއެވެ.

ދޭއް: މީހުން ނުވަތަ ބަޔަކު މީހުން ގަދަކަމުން އިސްލާމްދީނަށް ވެއްދުމަކީ ޤަބޫލުކުރެވޭ ކަމެއް ނޫން:

އިސްލާމްދީނުގައި ހަނގުރާމަކުރުމުގެ މަޤްޞަދަކީ މީސްތަކުން، ނުވަތަ އުއްމަތްތައް –ކުޑަމިނުން ބައެއްމީހުން- އިސްލާމްދީނަށް ގަދަކަމުން ވެއްދުންހެއެޔެވެ؟

ބައެއް މީހުން މިހެން ތަޞައްވަރުކޮށްފާނެއެވެ. ކާފަރުންނާ ހަނގުރާމަކުރެވޭ ސަބަބަކީ އެމީހުންނަކީ ކާފަރުންނަށް ވުމޭ، ކޮންމެހެން މުސްލިމުންގެ ޙުރުމަތްތަކަށް ނުވަތަ ދަޢްވަތަށް ނުވަތަ ދަޢްވަތުދޭ މީހުންނަށް، ޢުދުވާންވުމެއް ނޫނޭ ބުނެވޭތީ، މިހެން ބުނުން އަދިވަކިން ގާތެވެ.

ނަމަވެސް ޤުރުއާނާއި ސުންނަތުގެ، އިސްލާމްދީނުގެ ސާފު އަދި މުޙްކަމް ނައްޞުތައް ކިޔައި ބަލައިފިމީހަކަށް ފެންނަނީ، އެމީހަކަށް ފެނިގެން، ފުރިހަމައަށް ޤަބޫލުވެ، އަމިއްލަ އިޚްތިޔާރުން ނުވާ އީމާންކަމަކީ، އެއީ ބެލޭނެ އެއްޗެއް ނޫނެވެ. އިޚްތިޔާރަށް ކިލަނބުކަމެއް އަންނަ ކޮންމެ އީމާންކަމަކީ، އެއީ ﷲގެ ޤަބޫލުކުރެއްވުން ލިބޭނެ އެއްޗެއް ނޫނެވެ.

މިހެންވެ ކީރިތި ޤުރުއާނުގައި ވަނީ، ދީނަށް މަޖްބޫރުކުރުމުގެ ހަމައާ ދެކޮޅު ހަދާފައެވެ. މައްކީ ޤުރުއާނުގައި މާތް ﷲ އެކަލާނގެ  ރަސޫލާއާ މުޚާޠަބްކުރައްވާ ވަޙީކުރައްވާފައިވަނީ: { وَلَوْ شَاءَ رَبُّكَ لَآمَنَ مَن فِي الْأَرْضِ كُلُّهُمْ جَمِيعًا ۚ أَفَأَنتَ تُكْرِهُ النَّاسَ حَتَّىٰ يَكُونُوا مُؤْمِنِينَ} " ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިރާދަކުރައްވައިފިނަމަ، ބިމުގައި ވާހާ އެންމެން إيمان ވެއްޖައީހެވެ. ފަހެ، ކަލޭގެފާނު މީސްތަކުންނަށް އެއުރެން مؤمن ން ކަމުގައިވުމަށް مجبور ކުރައްވަނީތޯއެވެ؟ " (ޔޫނުސް:99) މިތާނގައި މިވާ ސުވާލުގެ މުރާސަކީ، މަޖްބޫރުކުރައްވާފާނެ ކަމުގެ ވިސްނުމަކަށް ވެސް އިންކާރުކުރެއްވުމެވެ.  އަދި މިއީ އިލާހީ އިރާދަފުޅާ ދެކޮޅު ކަމަކަށް ވާތީ، މިއީ ކީރިތި ރަސޫލާއަށް ވެސް ކުޅަދާނަވެގެންވާ ކަމެއް ނޫންކަމާއި އަދި އެކަލޭގެފާނު * ކުރައްވަންޖެހޭ ކަމެއް ވެސް ނޫންކަން ބަޔާންކުރެއްވުމެވެ.

އަދިވެސް މައްކީ ޤުރުއާނުގައި، ރަސޫލުބޭކަލުންގެ ތެރެއިން އެންމެ ދުވަސްވީ ބޭކަލު، ނޫޙުގެފާނުގެ ދޫފުޅު މަތިން، ވަޙީކުރައްވާފައިވަނީ:  {قَالَ يَا قَوْمِ أَرَأَيْتُمْ إِن كُنتُ عَلَىٰ بَيِّنَةٍ مِّن رَّبِّي وَآتَانِي رَحْمَةً مِّنْ عِندِهِ فَعُمِّيَتْ عَلَيْكُمْ أَنُلْزِمُكُمُوهَا وَأَنتُمْ لَهَا كَارِهُونَ} " އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! ތިޔަބައިމީހުން ނިކަން ބުނެބަލާށެވެ! އަހުރެންގެ ވެރިރަސްކަލާނގެ حضرة ން އައި ފާޅުވެގެންވާ ތެދުމަގެއްގައި އަހުރެންވީނަމަ، އަދި އެކަލާނގެ حضرة ން އަހުރެންނަށް رحمة އެއް ދެއްވައިފިނަމަ، ދެން އެކަންތައް ތިޔަބައިމީހުންނަށް ވަންހަނާކުރެއްވިހިނދު، ތިޔަބައިމީހުން އެކަމަށް ނުރުހުންވެ ތިއްބައި، އަހުރެމެންނަށް ތިޔަބައިމީހުންގެ މައްޗަށް އެކަން لازم ކުރެވިދާނެ ހެއްޔެވެ؟ " (ހޫދު:28)

މިއީވެސް ހަމަ އިންކާރުކުރެއްވުގެ ގޮތުންކުރައްވާފައިވާ ސުވާލެކެވެ. ވީމާ މިއިން ދަލީލުކޮށްދެނީ ހުރިހާ ނަބީބޭކަލުންގެ ރިސާލަތުގައި ވެސް، ގަދަކަމުން ދީނަށް ވެއްދުމަކީ، އިންކާރުކުރެވޭ ކަމެއްކަމެވެ.

ދެން މަދަނީ ޤުރުއާނަށް ބަލާއިރު މިފެންނަނީ : {لَا إِكْرَاهَ فِي الدِّينِ ۖ قَد تَّبَيَّنَ الرُّشْدُ مِنَ الْغَيِّ} "دين އަށް ވެއްދުމުގައި مجبور ކުރުމެއް ނެތެވެ. ހަމަކަށަވަރުން، ضلالة ގެ އަނދިރިކަމުގެ ތެރެއިން، هداية ގެ ސާފު އަލިމަގު އެނގި ފާޅުވެއްޖެއެވެ." (ބަޤަރާ:256)

ބައެއް މީހުން ހީކުރަނީ، މި އާޔަތް ބާވައިލެއްވުނީ މައްކާގައި، އިސްލާމްދީން ވާލެއް ޔާރެއް ނެތި، ބަލިކަށިކޮށް އޮތް އިރުގައެވެ. ނަމަވެސް އެ ދީން ވަރުގަދަވެ، މީހުން ގިނަވީމާ މި އުޞޫލު ވަނީ ބަދަލުކޮށްފައެވެ. މިއީ ވެޓިކަން ޕޯޕް ބެނެޑިކްޓް 16، ޖަރުމަނުވިލާތުގެ ރިޖެންސްބާގް ޔުނިވާސިޓީގައި، ބީޒަންޠީ އިމްބަރަޠޫރު އިމަނުއެލް ދެވަނައަށް ނިސްބަތްކުރެވޭ ފޮތަކާ ބެހޭގޮތުން ވާހަކަ ދެއްކުމުގެ ތެރޭގައި ބުނި ވާހަކައެވެ.

ޕޯޕް ބުނެފައިވަނީ: "ޔަޤީންވާ ކަމަކީ، ޤުރުއާނުގެ ދެވަނަ ސޫރަތުގެ 256 ވަނަ އާޔަތުގައި ވާ لَا إِكْرَاهَ فِي الدِّينِ  އޭ ބުނާ އާޔަތަކީ، ކަމުގެ ޢިލްމުވެރިން ބުނާފަދައިން، މުޙައްމަދަށް އެއްވެސް ބާރެއް ލިބިފައި ނެތް، ނުރައްކާތަކާ ކުތިމަތިވަމުން ދިޔަސް ދުވަސްވަރު، އަދި އެންމެ ފުރަތަމަ ސޫރަތްތަކުގެ ތެރޭގައި ހިމެނޭ އާޔަތެއްކަން، އިމްބަރަޠޫރަށް ވެސް އޮންނާނީ އެނގިފައެވެ."

މިވާހަކައަކީ އެހެން އެއްވެސް މީހަކު ބުނި ވާހަކައެއް ނޫނެވެ. ސާބިތުވެ ޔަޤީންވާ ކަމަކީ، ބަޤަރާ ސޫރަތް އެއްކޮށް ބާވައިލެއްވުނީ މަދީނާގައެވެ. މިއީ ކުރިންވެސް އަދި ފަހުންވެސް އެއްވެސް ޢިލްމުވެރިއަކު ޚިލާފުނުވާ މައްސަލައެކެވެ. މި އާޔަތް ބާވައިލެއްވުނީ، ބަނީ އައްނަޟީރު ޔަހޫދީންގެ ހާދިސާއަށްފަހުގައެވެ. އިބްނު ކަޘީރު ވިދާޅުވެފައިވަނީ: "ޢިލްމުވެރިން ބުނަނީ، މި އާޔަތް ބާވައިލެއްވުމުގެ ސބަބަކީ އަންޞާރީންގެ ބައެކެވެ. ނަމަވެސް އޭގެ ޙުކުމަކީ އާއްމު ޙުކުމެކެވެ. މިގޮތުން އިބްނު ޖަރީރު ، އިބްނު ޢައްބާސްގެ ކިބައިން ރިވާކުރައްވަނީ، އިސްލާމްދީނުގެ ކުރީގައި، ބައެއް އަންހެނުން، ވިހާ ދަރިން ވިހާތަނުން މަރުވާތީ، ތިމަންނާގެ ދަރި މަރުނުވެ ލަހައްޓަވައިފިއްޔާ އޭނާ ޔަހޫދީކުރާނަމޭ ބުނެ ނަދުރުގަނެއެވެ. މިގޮތުން ކަން ހިނގާފައިވަނިކޮށް. ބަނޫ އައްނަޟީރި މީހުން ރަށުން ބޭލުނު އިރު، އޭގެ ތެރޭގައި އަންޞާރީންގެ ދަރިންވެސް ތިއްބެވެ. އެހެންވެ އެ އަންޞާރީން ބުނީ، ތިމަންނާމެންގެ ދަރިން ދޫކޮށް ނުލާނެކަމަށެވެ. އަދި އެމީހުން ބޭނުންވީ، މަދީނާއަށް އަށް އައިސްފައި އޮތް ބީރައްޓެހި ޔަހޫދީ ދީނުން އެ ކުދިން ނެރެ، ޤައުމުގެ މީހުންގެ ދީންކަމުގައި މިހާރުވާ އިސްލާމްދީނަށް ގަދަކަމުން ވައްދާށެވެ. އެކަމާ ވިދިގެން މާތް ﷲ މި އާޔަތް ބާވައިލެއްވިއެވެ: { لَا إِكْرَاهَ فِي الدِّينِ ۖ قَد تَّبَيَّنَ الرُّشْدُ مِنَ الْغَيِّ} " دين އަށް ވެއްދުމުގައި مجبور ކުރުމެއް ނެތެވެ. ހަމަކަށަވަރުން، ضلالة ގެ އަނދިރިކަމުގެ ތެރެއިން، هداية ގެ ސާފު އަލިމަގު އެނގި ފާޅުވެއްޖެއެވެ." (ބަޤަރާ:256)

ދެން މިއާޔަތަކީ، ބައެއް މުފައްސިރުން ބުނެފައިވާހެން މަންސޫޚުވެފައިވާ އާޔަތެކޭ ބުނެ ކުރާ ދަޢްވާއަކީ، ޤަބޫލުކުރެވޭނެ، އަދި އެ މައްޗަށް ދަލީލެއް އޮތް، ދަޢްވާއެއް ނޫނެވެ. މާތް ﷲގެ ފޮތުގައިވާ ޙުކުމްތަކާއި އަމުރުފުޅުތަކާއި ނަހީތަކަކީ، ބަޔަކު ބުނެލާ ބަހަކަށް ނުވަތަ ހީކުރާ ހީއަކަށް ނުވަތަ ވާ ވަހުމަކަށް، ދޫކޮށްލެވޭނެ އެއްޗެއް ނޫނެވެ.

އިއްތިފާޤުވެފައިވާ އަސްލަކީ، މާތް ﷲ ބާވައިލައްވާފައިވާ، ޤުރުއާނުގައި ވާ ކޮންމެ އެއްޗަކީ، އެއަށް ޢަމަލުކޮށް ކިޔަމަންގަތުން ވާޖިބު އެއްޗެކެވެ.

ދެން އަނެއްކަމަކީ {لَا إِكْرَاهَ فِي الدِّينِ} މިއާޔަތް، މަންސޫޚުކުރި އާޔަތް ނުވަތަ އާޔަތްތަކަކީ ކޮބައިހެއްޔެވެ؟

މިއާޔަތް މަންސޫޚުކުރީ 'ކަނޑީގެ އާޔަތް' ކަމަށް އެމީހުން އެބުނާ އާޔަތަށް ބެއްޔަސް، އެއީ ދީނަށް ވަނުމަށް މަޖްބޫރުކުރުން ނިޔާކުރާ އާޔަތެއް ނޫނެވެ. ނަސްޚުކުރުމުގެ ޝަރުޠުތަކުގެ ތެރޭގައި، ދެ އާޔަތުގެ ދެމެދުގައި، އެއްވެސް ގޮތަކަށް ދެ އާޔަތުގެ މާނަ އެއްގޮތްކުރެވެން ނެތި، ޙަޤީޤީ ފުށުއެރުމެއް އޮތުން ވެއެވެ. އަދި ނާސިޚަކީ މަންސޫޚަށްވުރެ ފަހުން ބާވައިލެއްވިފައިވާ އާޔަތަކަށްވެސް ވާންޖެހެއެވެ.

ނަމަވެސް މިތާނގައި ކަނޑީގެ އާޔަތާއި މި އާޔަތާ ދެމެދު ޙަޤީޤީ ފުށުއެރުމެއް ނެތެވެ. ކަނޑީގެ އާޔަތަކީ {وَقَاتِلُوا الْمُشْرِكِينَ كَافَّةً كَمَا يُقَاتِلُونَكُمْ كَافَّةً ۚ}  ކަމަށް ބެއްޔަސް {لَا إِكْرَاهَ فِي الدِّينِ} އާ ހުރި ފުށުއެރުމެއް ނެތެވެ. އެހެނީ މުޝްރިކުންނާ ހަނގުރާމަކުރުމަކީ އެމީހުން އިސްލާމްދިނަށް ވަންނަން މަޖްބޫރުކުރުން ލާޒިމުވާ ކަމެއް ނޫނެވެ. އަދި ކަނޑީގެ އާޔަތަކީ {قَاتِلُوا الَّذِينَ لَا يُؤْمِنُونَ بِاللَّـهِ وَلَا بِالْيَوْمِ الْآخِرِ وَلَا يُحَرِّمُونَ مَا حَرَّمَ اللَّـهُ وَرَسُولُهُ وَلَا يَدِينُونَ دِينَ الْحَقِّ مِنَ الَّذِينَ أُوتُوا الْكِتَابَ حَتَّىٰ يُعْطُوا الْجِزْيَةَ عَن يَدٍ وَهُمْ صَاغِرُونَ } ކަމަށް ބެއްޔަސް، އެއާޔަތަކީވެސް ދީނަށް މަޖްބޫރުކުރުން ނަފީކުރާ އާޔަތާ ފުށުއަރާ އާޔަތެއް ނޫނެވެ. ސަބަބަކީ މި އާޔަތުން ދޭހަވާގޮތުން ވެސް ހަނގުރާމަކުރާ ކާފަރަށްވެސް، ޖިޒުޔަދީގެން،  މަޖްބޫރުކަމުން ސަލާމަތަވެވެން އެބަ އޮތެވެ. އެހެނީ ޖިޒުޔައަށް ދައްކަންޖެހެނީ ކުޑަކުޑަ އެއްޗެކެވެ. އަދި ފަޤީރުން އެއިން މާފުކޮށްވެސް ދެވެއެވެ.  ކާފަރުންނަށް ދީނަށް ވަންނަން މަޖްބޫރުކުރެވޭނެ ގޮތެއް މި އާޔަތުންވެސް ނުފެނެއެވެ.

އަދި އިތުރަށް ބަލާއިރު، މަޖްބޫރުކުރުން ނަފީކުރާ އާޔަތްވަނީ، ނަސްޚުނުކުރެވޭނެ ޢިއްލާއަކުން ޢިއްލާކުރެވިފައެވެ. { لَا إِكْرَاهَ فِي الدِّينِ ۖ قَد تَّبَيَّنَ الرُّشْدُ مِنَ الْغَيِّ} " دين އަށް ވެއްދުމުގައި مجبور ކުރުމެއް ނެތެވެ. ހަމަކަށަވަރުން، ضلالة ގެ އަނދިރިކަމުގެ ތެރެއިން، هداية ގެ ސާފު އަލިމަގު އެނގި ފާޅުވެއްޖެއެވެ." (ބަޤަރާ:256)

ފަހެ މި އާޔަތުން ދޭހަވަނީ ހިދާޔަތާއި އަނދިރިކަން، އަދި ޙައްޤާއި ބާޠިލު ވަކިވެ ފާޅުވެއްޖެއްޔާ، ދީނަށް ވައްދަން މަޖްބޫރުކުރުމުގެ ބޭނުމެއް ނެތެވެ. މަޖްބޫރުކުރުން ހުއްދަކުރެވޭނެ އުޒުރެއް ނެތެވެ.

ހަމައެހެންމެ އަހަރެމެންނަށް ފެންނަނީ، އެއްވެސް ވަރެއްގެ އެއްވެސް ކަހަލަ މަޖްބޫރުކަމެއް ހިމެނިފައިވާ އީމާންކަން ޤުރުއާން ޤަބޫލުނުކުރާ ތަނެވެ. މިސާލަކަށް ފިރުޢައުނު ޣަރަޤުވާން ފެށީމާ އީމާންވީމާ، އެ އީމާންކަން، މާތް ﷲ ޤަބޫލުފުޅެއް ނުކުރެއްވިއެވެ. ސަބަބަކީ ޙަޤީޤަތުގައި އެވަގުތު ފިރުޢައުނު އީމާންވީ އަމިއްލަ އިޚްތިޔާރަކުން ނޫނެވެ. ޣަރަޤުވެގެންދާތީ އެކަމުން ސަލާމަތްވާން މަޖްބޫރުވެގެންނެވެ.  {حَتَّىٰ إِذَا أَدْرَكَهُ الْغَرَقُ قَالَ آمَنتُ أَنَّهُ لَا إِلَـٰهَ إِلَّا الَّذِي آمَنَتْ بِهِ بَنُو إِسْرَائِيلَ وَأَنَا مِنَ الْمُسْلِمِينَ * آلْآنَ وَقَدْ عَصَيْتَ قَبْلُ وَكُنتَ مِنَ الْمُفْسِدِينَ} "ދެން އެ فرعون، غرق ވީހިނދު އޭނާ ބުންޏެވެ. إسـرآءيـل ގެދަރިން إيمان ވީ ކަލާނގެ މެނުވީ، އެހެންކަލަކު ނެތްކަމަށް އަހުރެން إيمان ވެއްޖައީމެވެ. އަދި އަހުރެން ވަނީ مسلم ންގެ ތެރެއިންނެވެ. * (އެވަގުތު فرعون އަށް އެންގެވިއެވެ. ކަލޭ ތިޔަ إيمان ވީ) މިހާރު ހެއްޔެވެ؟ ކަލޭ މީގެކުރިންވަނީ އުރެދިފައެވެ. އަދި ކަލޭވީ، ފަސާދަކުރާ މީހުންގެ ތެރެއިންނެވެ." (ޔޫނުސް: 90،91)

ރަސޫލުބޭކަލުން ދޮގުކޮށް އަނިޔާވެރިވެގަންނަ ކާފަރު އުއްމަތްތަކުގެ މީހުންގެ ގާތަށް، މާތް ﷲ ކޯފާ ފޮނުއްވީމާ، ދެން އެވާ އީމާނެއްވެސް އެކަލާނގެ ޤަބޫލުފުޅެއް ނުކުރައްވައެވެ: {فَلَمَّا رَأَوْا بَأْسَنَا قَالُوا آمَنَّا بِاللَّـهِ وَحْدَهُ وَكَفَرْنَا بِمَا كُنَّا بِهِ مُشْرِكِينَ ﴿ ٨٤﴾ فَلَمْ يَكُ يَنفَعُهُمْ إِيمَانُهُمْ لَمَّا رَأَوْا بَأْسَنَا ۖ سُنَّتَ اللَّـهِ الَّتِي قَدْ خَلَتْ فِي عِبَادِهِ ۖ وَخَسِرَ هُنَالِكَ الْكَافِرُونَ} "ފަހެ، ތިމަންރަސްކަލާނގެ عذاب، އެއުރެންނަށް ފެނުނުހިނދު އެއުރެން ބުނޫއެވެ. ހަމައެކަނި، اللَّه އަށް ތިމަންމެން إيمان ވެއްޖައީމުއެވެ. އަދި ތިމަންމެން شريك ކޮށް އުޅުނު ތަކެއްޗަށް كافر ވެއްޖައީމުއެވެ. * ފަހެ، ތިމަންރަސްކަލާނގެ عذاب އެއުރެންނަށް ފެނުނުހިނދު، އެއުރެންވީ إيمان ން އެއުރެންނަށް މަންފާއެއް ކުރާނެކަމުގައި ނުވެތެވެ. (އެއީ) اللَّه، އެކަލާނގެ އަޅުތަކުންނާމެދު ކަންހިންގަވާފައިވާގޮތެވެ. އަދި އެތާނގައި كافر ވިމީހުން ގެއްލި ހަލާކުވެއްޖައޫއެވެ. " 

އިސްލާމްދީނަކީ ދަޢްވަތެއް އަދި ޢާލަމީ ގޮވާލުމެއް:

ކީރިތި ޤުރުއާނުގައިވާ މައްކީ އަދި މަދަނީ ސޫރަތްތަކާމެދު ވިސްނައިފި މީހަކަށް ހާމަވެގެންދާނީ، މި ދީނަކީ ދަޢްވަތު ދިނުމާއި މީސްތަކުންނަށް ފޯރުކޮށްދިނުމުގެ ދީނެއްކަމެވެ. ފަހަރެއްގައިވެސް މަޖްބޫރުކުރުމާއި ގަދަކަމުން ދީނަށް ވައްދާ ދީނެއް ނޫންކަމެވެ. ރަސޫލުބޭކަލުންގެ ސިއްކަޖެއްސެވި ނަބިއްޔާ، މުޙައްމަދުގެފާނާ -ޞައްލައްﷲ ޢަލައިހި ވަސައްލަމަ- މުޚާޠަބްކުރައްވާ އެކަލާނގެ ވަޙީކުރައްވަނީ: {قُلْ هَـٰذِهِ سَبِيلِي أَدْعُو إِلَى اللَّـهِ ۚ عَلَىٰ بَصِيرَةٍ أَنَا وَمَنِ اتَّبَعَنِي} "ކަލޭގެފާނު ވިދާޅުވާށެވެ! މިއީ ތިމަންކަލޭގެފާނުގެ މަގެވެ. ތިމަންކަލޭގެފާނާއި، ތިމަންކަލޭގެފާނަށް تبع ވި މީހުން، اللَّه ގެ ފަރާތަށް ގޮވައިލައްވަނީ، އަލިވެގެންވާ دليل އާއެކުގައެވެ. " (ޔޫސުފް: 108)

ސަލާމާއި ޞަލަވާތްލެއްވި މުޙައްމަދުގެފާނުގެ، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ކުރައްސަވައިދެއްވި، މަގަކީ މިއީއެވެ. އަލިވެގެންވާ ދަލީލާއެކު ދީނަށް ގޮވާލެއްވުމެވެ. މިގޮތަކީ ހަމައެކަނި އެކަލޭގެފާނުގެ ގޮތެއްވެސް ނޫނެވެ. އެކަލޭގެފާނަށް ތަބާވި މީހުންގެ ގޮތަކީވެސް އެއީއެވެ.

އަދި ނަޙްލު ސޫރަތުގައި އެކަލާނގެ ވަޙީކުރައްވަނީ: {ادْعُ إِلَىٰ سَبِيلِ رَبِّكَ بِالْحِكْمَةِ وَالْمَوْعِظَةِ الْحَسَنَةِ ۖ وَجَادِلْهُم بِالَّتِي هِيَ أَحْسَنُ} "حكمة އާއި، ރިވެތި وعظ އާއެކު، ކަލޭގެފާނުގެ ވެރިރަސްކަލާނގެ މަގަށް، ކަލޭގެފާނު ގޮވައިލައްވާށެވެ! އަދި އެންމެ ރިވެތި ގޮތުގައި އެއުރެންނާ جدل ކުރައްވާށެވެ!" (ނަޙްލު:125)

މިއީ ކީރިތި ރަސޫލާއާއި، އަދި އެކަލޭގެފާނަށް ފަހު މުޅި އުއްމަތާވެސް ކުރައްވާފައިވާ މުޚާޠަބް ބަސްފުޅެކެވެ. މި އާޔަތުގައި މިވަނީ ދީނަށް ދަޢްވަތުދިނުމުގެ މަންހަޖެވެ. އެއީ މީހުންގެ ބުއްދިއަށް ޤަބޫލުކުރެވޭ ފަދަ ޙިކުމަތްތެރިކަމާއި، މީހުންގެ ރުހުންލިބޭފަދަ ރިވެތި ގޮތްތަކުން ދޭ ދަޢްވަތެކެވެ. އާދަވެގެން މިގޮތަށް ދަޢްވަތުދޭނީ، ދަޢްވަތާ އެއްބަސްވާ މީހުންނާއެވެ. ދެން ދަޢްވަތާ ޚިލާފުވާ މީހުންނާމެދު އޮތް ގޮތަކީ، ވީ އެންމެ ރިވެތި ގޮތަކަށް ދަޢްވަތުދިނުމެވެ.

މާއިދާ ސޫރަތުގައި، އެއީ މަދަނީ ސޫރަތެއް، މާތް ﷲ ވަޙީކުރައްވާފައިވަނީ: {يَا أَيُّهَا الرَّسُولُ بَلِّغْ مَا أُنزِلَ إِلَيْكَ مِن رَّبِّكَ ۖ وَإِن لَّمْ تَفْعَلْ فَمَا بَلَّغْتَ رِسَالَتَهُ ۚ وَاللَّـهُ يَعْصِمُكَ مِنَ النَّاسِ } "އޭ رسول އާއެވެ! ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ކަލޭގެފާނަށް ބާވައިލެއްވި آية ތައް ކަލޭގެފާނު އިއްވަވާށެވެ! އަދި ކަލޭގެފާނު އެކަން ނުކުރެއްވިނަމަ، ކަލޭގެފާނު އެކަލާނގެ رسالة އިއްވެވިކަމަކަށް ނުވާނެއެވެ. އަދި اللَّه މީސްތަކުންގެ ކިބައިން ކަލޭގެފާނު ރައްކާތެރި ކުރައްވާނެތެވެ. " (މާއިދާ:67)

އަދިވެސް ވަޙީކުރެއްވީ: {وَلْتَكُن مِّنكُمْ أُمَّةٌ يَدْعُونَ إِلَى الْخَيْرِ وَيَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنكَرِ ۚ وَأُولَـٰئِكَ هُمُ الْمُفْلِحُونَ} "ހެޔޮކަމުގެ މަގަށް ގޮވާ، އަދި ހެޔޮކަންތަކަށް أمر ކުރާ، އަދި ނުބައިކަންތައް ނަހީކުރާ ބަޔަކު ތިޔަބައިމީހުންގެ ތެރެއިން ވާހުށިކަމެވެ! އެއުރެންނަކީ ހަމަ، ދިންނަވާނޭ މީހުންނެވެ." 

މައްކީ ދައުރުއްސުރެ ފެށިގެންވެސް، ޤުރުއާން ކަށަވަރުކޮށްދެނީ އިސްލާމްދީނަކީ ޢާލަމީ ދަޢްވަތެއްކަމެވެ. އެއީ މީސްތަކުންގެ ތެރެއިން ޢަރަބިން ފަދަ ވަކި ޖިންސަކަށް، ޢަރަބި ޖަޒީރާފަދަ ވަކި ތަނަކަށް، ނުވަތަ މެދުއިރުމައްޗަށް ނުވަތަ ވަކިކުލައެއްގެ ބަޔަކަށް ނުވަތަ ވަކިބަހަކުން ވާހަކަދައްކާ ބައެއްގެ ގާތަށް ނުވަތަ މުޖްތަމަޢުގެ ވަކި ގިންތިއަކަށް، ފޮނުއްވުނު ދީނެއް ނޫނެވެ. ކިއެއްތަ، އެއީ ކޮންމެ ކުލައެއްގައި ތިއްބަސް، ކޮންމެ ތަނެއްގައި އުޅުނަސް، ޢަރަބި ބަހުން ވަޙީ ބާވައިލެއްވިޔކަމުގައި ވިޔަސް، ކޮންމެ ބަހަކުން ވާހަކަދެއްކިޔަސް،  ބިމުގެ އަހުލުވެރިންނަށް، އެންމެންނަށް، ދެވުނު ދަޢްވަތެކެވެ. ފޮނުއްވުނު ދީނެކެވެ.

{ وَمَا أَرْسَلْنَاكَ إِلَّا رَحْمَةً لِّلْعَالَمِينَ} " އަދި عالم ތަކަށް رحمة އެއްކަމުގައި މެނުވީ، ތިމަންރަސްކަލާނގެ، ކަލޭގެފާނު ނުފޮނުއްވަމެވެ. " (އަންބިޔާ:107)

{ تَبَارَكَ الَّذِي نَزَّلَ الْفُرْقَانَ عَلَىٰ عَبْدِهِ لِيَكُونَ لِلْعَالَمِينَ نَذِيرًا} " عالم ތަކަށް إنذار ކުރައްވާ ބޭކަލަކު ކަމުގައިވުމަށް، އެކަލާނގެ އަޅާއަށް قرآن ބާވައިލެއްވި ކަލާނގެ، މަތިވެރިވެވޮޑިގެންފިއެވެ. " (ފުރުޤާން:1)

{ إِنْ هُوَ إِلَّا ذِكْرٌ لِّلْعَالَمِينَ ﴿٨٧﴾ وَلَتَعْلَمُنَّ نَبَأَهُ بَعْدَ حِينٍ } " عالم ތަކަށްވާ، ހަނދާންކޮށްދިނުމެއް ކަމުގައި މެނުވީ އެ قرآن ނުވެއެވެ. * ހިނދުކޮޅެއްގެފަހުން އޭގެ خبر (އެބަހީ: އެއީ ތެދުކަން) ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭހުށްޓެވެ. " (ޞާދު:87،88)

އަދި { إِنْ هُوَ إِلَّا ذِكْرٌ لِّلْعَالَمِينَ } މި އާޔަތް ޔޫސުފާއި107 އާއި 27 ގައިވެސް ތަކުރާރުވެފައިވެއެވެ.

{قُلْ يَا أَيُّهَا النَّاسُ إِنِّي رَسُولُ اللَّـهِ إِلَيْكُمْ جَمِيعًا} "ކަލޭގެފާނު ވިދާޅުވާށެވެ! އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، ތިޔަބައިމީހުން އެންމެންގެ ގާތަށް اللَّه ފޮނުއްވި رسول އާއެވެ. " (އަޢްރާފް:158)

އުޑަށް ނިސްބަތްކުރެވޭ، މިސާލަކަށް ތައުރާތާއި އިންޖީލުފަދަ ފޮތްތަކުން މިފަދައިން ޢާލަމިއްޔަތު އިޢްލާންކޮށްފައިވަނިކޮށް ނުފެނެއެވެ. ކިއެއްތަ، މޫސާގެފާނު ފޮނުއްވުނީ އެކަލޭގެފާނުގެ ޤައުމުގެ މީހުންގެ ގާތަށެވެ. ޢީސާގެފާނު އިންޖީލުގައި ވިދާޅުވެފައިވަނީ: "ތިމަންކަލޭގެފާނު ފޮނުއްވުނުކަން ކަށަވަރީ، ބަނީއިސްރާއީލުގެ މަގުފުރެދިފައިވާ ކަންބަޅިތައް ގާތަށެވެ."  

އިސްލާމްދީނުގެ ރަސޫލާ -ޞައްލައްﷲ ޢަލައިހި ވަސައްލަމަ- ހަދީޘްކުރެއްވީ ހުރިހާ އުއްމަތްތަކެއްގެ ގާތަށް ފޮނުއްވުނުކަމީ، އެކަލޭގެފާނުގެ ޚާއްޞަ ސިފައެއްކަމަށެވެ. "ކުރިން ކޮންމެ ރަސޫލެއްވެސް ފޮނުއްވެނީ، އެބޭކަލެއްގެ ޤައުމުގެ މީހުންގެ ގާތަށެވެ. ނަމަވެސް ތިމަންކަލޭގެފާނުގެ ފޮނުއްވުނީ، އެންމެހާ މިސްތަކުންގެ ގާތަށެވެ."

ތިނެއް: ޖިހާދުގެ އިޤްތިޞާދީ ލަނޑުދަނޑިއެއް އޮތުމަކީ ޤަބޫލުކުރެވޭ ކަމެއް ނޫން:

އިސްލާމްދީނުގައި ޖިހާދުކުރެވެނީ، އިޤްތިޞާދީ ލަނޑުދަނޑިއެއް ޙާޞިލުކުރަންހެއްޔެވެ؟ ކާފަރުންގެ އަތުން  ޣަނީމާތަކާއި ކަންޒުތަކާއި ޚަޒާނާތައް ހޯދައިގަތުމަށް ހެއްޔެވެ؟ ނުވަތަ ޢަރަބިން އުޅުނު ހަނަފަސް ޞަޙަރާގެ ބަދަލުގައި، ކޯރުތަކާއި ފެހިބަގީޗާތަކުގެ ފެހި ބިންތައް ހޯދަންހެއްޔެވެ؟ ހަމައެކަނި ކިރާއި ކަދުރު ކެއުމުގެ ބަދަލުގައި ރަށްރަށުގެ މީރު ކެއުންތައް ކާންހެއްޔެވެ. އިސްލާމްދީން ޖިހާދުކުރަނީ، އިސްތިޢްމާރީ ދައުލަތްތަކުން، ބިން މުއްސަނދި ޤައުމުތަކުގެ ދަނޑުތަކަށް ވެރިވެގަންނަން ނުވަތަ މަޢްދަންތަކާއި ތެޔޮ އަތްދަށުލާން، މިތަންތަން އިސްތިޢްމާރު ކުރި ބީދައިންހެއްޔެވެ؟

ޖިހާދުކުރާ ވަކިވަކި ފަރުދުންނަށް ވެސް އަދި ޖިހާދުކުރާ  ޖަމާޢަތަށް ވެސް، އެމީހުން ޖިހާދުކުރުމުގެ ނިޔަތުގެ ތެރެއަށް، އޭގެ ލަނޑުދަނޑީގެ ތެރެއަށް، ދުންޔަވީ އެއްވެސް ފައިދާއެއް ވެއްދުމަކީ، އިސްލާމްދީން މަނާކުރާ ކަމެކެވެ. އެއީ މުދަލާއި ޣަނީމާތަކާއި ފައިދާތައް ފަދަ ދުންޔަވީ ފައިދާއެއް ކަމުގައި ވިޔަސް، އަދި ހިތްވަރުގަދަކަމަށް މަޝްހޫރުވުމާއި މީހުންގެ ސަނާ ހޯދުން ފަދަ މަޢްނަވީ ފައިދާއެއް ކަމުގައި ވިޔަސް، އެއީ ދީނުގައި މުޅިން މަނާކަމެކެވެ.

ޖިހާދުގެ ލަނޑުދަނޑީގެ ތެރެއަށް، ނުވަތަ މުޖާހިދުގެ ނިޔަތުގެ ތެރެއަށް މިއިން ކަމެއް ވަދެއްޖެނަމަ، ޖިހާދު ފާސިދުވީއެވެ. އޭނާގެ ހުރިހާ ދަރުމައެއް ބޭކާރުވެ، އެއީ ﷲ ގެ މަގުގައި ކުރެވޭ ޖިހާދެއް ކަމުގައި ދެން ނުބެލެވެއެވެ. 

ކާފަރުންގެ ހަނގުރާމަ މިއާ މުޅިން ތަފާތެވެ. މިގޮތުން މާތް ﷲ ވަޙީކުރައްވާފައިވަނީ: {الَّذِينَ آمَنُوا يُقَاتِلُونَ فِي سَبِيلِ اللَّـهِ ۖ وَالَّذِينَ كَفَرُوا يُقَاتِلُونَ فِي سَبِيلِ الطَّاغُوتِ} " إيمان ވި މީހުން اللَّه ގެ މަގުގައި ހަނގުރާމަކުރެތެވެ. އަދި، كافر ވި މީހުން شيطان އާގެ މަގުގައި ހަނގުރާމަކުރެތެވެ. ފަހެ، ތިޔަބައިމީހުން شيطان އާގެ ވާގިވެރިންނާ ހަނގުރާމަކުރާށެވެ! " (ނިސާ:76)

ދެ ލަނޑުދަނޑީގެ ހުރި ތަފާތުގެ ބޮޑުކަމާއެވެ. ދެ މަގުގެ ފަރަގު ތަފާތު ކަމާއެވެ!

ބުޚާރީއާއި މުސްލިމް، އެދެބޭކަލުންގެ ޞަޙީޙުގައި، އަބޫ މޫސާ އަލްއަޝްޢަރީގެ ކިބައިން ރިވާކުރައްވާފައިވެއެވެ: "އަޢްރާބީއަކު، ނަބިއްޔާ -ޞައްލައްﷲ ޢަލައިހި ވަސައްލަމަ- އަރިހަށް އައިސް ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. މީހަކު ޣަނީމާއަށްޓަކައިވެސް ހަނގުރާމަކުރެއެވެ. އަދި މީހަކު ނަމަށްޓަކައިވެސް ހަނގުރާމަކުރެއެވެ. އަދި މީހަކު އޭނާގެ ދަރަޖައަށްޓަކައިވެސް ހަނގުރާމަކުރެއެވެ ފަހެ މީގެތެރެއިން ﷲ ގެ މަގުގައި ހަނގުރާމަކުރަނީ ކާކުތޯއެވެ؟ އެހިނދު ރަސޫލުﷲ -ޞައްލައްﷲ ޢަލައިހި ވަސައްލަމަ- ޙަދީޘްކުރެއްވިއެވެ: "ﷲގެ ކަލިމަ މަތިވެރިކުރުމަށްޓަކައި ހަނގުރާމަކުރި މީހަކީ، ﷲ ގެ މަގުގައި ޖިހާދުކުރިމީހާއެވެ."

އަދި އަބޫހުރައިރާ އަރިހުން ރިވާވެފައިވެއެވެ: "މީހަކު ކީރިތި ރަސޫލާ އަރިހު ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ! ޖިހާދުކުރަން ބޭނުންވާ މީހަކު ބޭނުންވަނީ، ދުނިޔޭގެ މުދަލެވެ. އެހިނދު ރަސޫލާ ޙަދީޘްކުރެއްވިއެވެ: "އޭނާއަށް އަޖުރެއް ނެތެވެ." ދެން މީހުންނަށް އެކަން ބޮޑުވެގެން، އެމީހާ ގާތު ބުންނެވެ: އެނބުރި އެކަލޭގެފާނު އަރިހަށް އަދި ދާށެވެ. އެކަލޭގެފާނަށް ފަހުމްވާގޮތަށް ކަލެއަށް ސުވާލު ނުކުރެވުނީ ކަމަށްވެސް ވެދާނެއެވެ. ދެން އެމީހާ އައިސް ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ! ޖިހާދުކުރަން ބޭނުންވާ މީހަކު ބޭނުންވަނީ، ދުނިޔޭގެ މުދަލެވެ. އެހިނދު ރަސޫލާ ޙަދީޘްކުރެއްވިއެވެ: "އޭނާއަށް އަޖުރެއް ނެތެވެ."  ދެން މީހުންނަށް އެކަން ބޮޑުވެގެން، އެމީހާ ގާތު ބުންނެވެ: އެނބުރި އެކަލޭގެފާނު އަރިހަށް އަދި ދާށެވެ. ދެން ތިންވަނަ ފަހަރު އެމީހާ އައިސް ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ! ޖިހާދުކުރަން ބޭނުންވާ މީހަކު ބޭނުންވަނީ، ދުނިޔޭގެ މުދަލެވެ. އެހިނދު ރަސޫލާ ޙަދީޘްކުރެއްވިއެވެ: "އޭނާއަށް އަޖުރެއް ނެތެވެ."

ކަން މިހެން އޮތުމުން އިސްލާމީ ޖިހާދުގައި ގިނަފަހަރަށް އޮތް ނިޔަތަކީ، ﷲ ގެ ބިމުގައި އެކަލާނެގެ އިސްމުފުޅު މަތިވެރިކުރުމެވެ.  ދެން ދުނިޔޭގެ ދަހިވެތިކަމަށްޓަކައި ނިޔަތް ގަތް މީހުންނަކީ، މި ބުނި ތެދު ނިޔަތުގެ ކަނޑުގެ ތެރޭގައި އޮތް ތިއްކެކެވެ. ވީމާ އެއީ * ނާދިރު ހާލަތެއްގައި ނާދިރު ބަޔަކު ނޫނީ، މުސްލިމުންގެ ޖިހާދަކީ، ﷲ ގެ މަގުގައި ކުރެވުނު ޖިހާދެވެ. ދުންޔަވީ އެއްވެސް މަންފާއެއް ހާސިލުކުރާކަށް ނޫނެވެ.

 

 

  1. .** 483

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.