ހޮނިހިރު20201010

އާކުރެވުނީ: 08:43:52

އިސްލާމް ދީނަކީ ދީނާއި ދުނިޔެއެވެ.

islam-dheenakee-dheen-dhuniyeއަމަން އަމާންކަމާއި ހަމަޖެހުމުކީ، އިންސާނުންނަށް ކާނާއާއި ފެނުގެ މުހިއްމުކަމަށް ވުރެ، ވަކި މުހިއްމުކަން ކުޑަ ކަމެއް ނޫނެވެ. ފުރަތަމަ ބުނެވުނު ދެ ކަމާއި ނުލާ އިންސާނާއަށް އޭނާގެ ދިރިއުޅުމުގެ އެއްވެސް ކަމެއް ފުރިހަމަ ގޮތުގައި ނުކުރެވޭނެއެވެ. އަމާންކަން ގެއްލިއްޖެނަމަ އެ ތަނެއްގައި ދީނަށް އުޅެވޭނެ ގޮތެއް، ދީނަށް ގޮވާލެވޭނެ ގޮތެއް، މޮޅު ޙަޟާރަތެއް، ރީތި ފަންނެއް، ހައިރާން ކުރުވާފަދަ މޮޅެތި ފިކުރުތަކެއް ނު އުފެދޭނެއެވެ. މިހެންވެ، އިންސާނާ މި ދުނިޔޭގައި ލެއްވީއްސުރެވެސް އަމުނު އަމާންކަމާއި ހަމަޖެހުމަކީ،

އިންސާނުން ވަރަށް ބޮޑު ސަމާލުކަމެއް ދޭން ކަމެކެވެ. އަދި އަމަން އަމާންކަމަކީ ﷲ ދެއްވާ ނިޢްމަތްތަކުގެ ތެރެއިން މަތިވެރި ނިޢްމަތެއްވެސް މެއެވެ.

އިންސާނާއަކީ އިޖްތިމާޢީ ޙައިވާނަކަށް ވާތީ އަބަދުވެސް އެންމެވެސް އުޅެން ޖެހިފައިވަނީ މީހުން އުޅޭ މުޖްތަމަޢެއްގެ ތެރޭގައި، އެހެން މީހުންނާއި ތަފާތު މުޢާމަލާތުތައް ކޮށްގެންނެވެ. އެއީ ފަހަރެއްގައި ގަނެ ވިއްކުން، އެހީ ހޯދުމާއި އެހީ ފޯރުކޮށް ދިނުން، ކައިވެނީގެ ގުޅުންތައް، މަސައްކަތް ކުރުން ނުވަތަ ދޭދޭ މީހުންގެ ދެމެދުގައި ޚިޔާލު ބަދަލުކޮށްލާ ވާހަކަދައްކާލާ، ފޫހި ފިލުވުން ފަދަ މުޢާމަލާތުތަކަށްވެސް ވެދާނެއެވެ.

މި ގޮތަށް ގިނަ ބަޔަކު އެއްތަނެއްގައި އުޅެން ޖެހުމުގެ ސަބަބުން މީހުންގެ މެދުގައި ކުދިކުދި ނުވަތަ ބޮޑެތި މައްސަލަތައްވެސް ޖެހޭނެ ކަމީ، ވިސްނައިގަންނަން ދަތި ކަމެއް ނޫނެވެ. ވީމާ އިންސާނުންވަނީ މިފަދަ މައްސަލަތައް ހައްލުކުރާނެ ފަދަ ޤަވާޢިދުތަކަކާއި ޤާނޫނުތަކެއް ހަދާފައެވެ. އެއީ ޖެހޭ މައްސަލަތަކާއި އަރާރުންތައް އެ ހިސާބުން ނިންމާލާ ޢަދުލު އިންސާފު ހޯދައި ދިނުމަށްޓަކައެވެ. އިންސާނުން މި ބިން މަތީގައި އުޅެން ފެށީއްސުރެވެސް މިފަދަ ޤަވާޢިދުތަކާއި ޤާނޫނުތައް އައީ އާލާވެ ފުރިހަމަ ވަމުންނެވެ. ބައެއްފަހަރު މި ޤާނޫނުތަކަކީ މާތް ﷲ، ރަސޫލު ބޭކަލެއް މެދުވެރި ކުރައްވާ ފޮނުއްވާ ޝަރީޢަތަކަށްވެސް ވެދާނެއެވެ. ނުވަތަ އިލާހީ އެއްވެސް އަމުރެއް ނުވަތަ އިރުޝާދެއް ނެތި، މީހުން އަމިއްލައަށް ވިސްނައިގެން ހޯދި ވަގުތީ ހައްލަކަށްވެސް ވެދާނެއެވެ.

އިންސާނުން އަމިއްލައަށް އުފައްދާ ޤާނޫނުތަކާއި ޤަވާޢިދުތައް އެތަކެއް ޒަމާންތަކެއް ވަންދެން، އެތަކެއް ޘަޤާފަތާއި ޙަޟާރަތްތަކެއްގެ ކުލަޖެހިގެން މި ޒަމާނުގައި މިވަނީ ފުރިހަމަވެފައެވެ. އަހަރެމެން މި އަދު މި ފުރިހަމަވެއްޖޭ ބުނެފައި އޮއްވާ، އަދި މީގެ އެއްހާސް އަހަރު ފަހުން އަންނަ ބަޔަކު ބުނާނީ 2005 ވަނަ އަހަރު ދުނިޔޭގައި އޮތީ ވަރަށް ބަލި، ވަރަށް އުނި، ތާކުންތާކު ނުޖެހޭ ޤާނޫނެއް ކަމުގައެވެ.

އެކަމަކު ''ތާރީޚްގެ ނިމުން'' ނަޒަރިއްޔާ އުފެއްދި ފްރަންސިސް ފުކުޔާމާ ފަދަ މުފައްކިރުން، މި ޚިޔާލާ އެއްބަހެއް ނުވާނެއެވެ. ސަބަބަކީ ތާރީޚްގެ ނިމުން ނަޒަރިއްޔާ ދެކޭ ގޮތުގައި ހުޅަނގުގެ ޙަޟާރަތާއި ޘަޤާފަތް އެއީ އިންސާނުންނަށް ދެވޭނެ އެންމެ ކުރިއެވެ. އެއީ އާދަމުގެފާނުއްސުރެ އިންސާނުން ބިނާ ކުރަން އެދުނުފަދަ ފުރިހަމަ ނިޒާމެވެ. ވީމާ ދެން އެއަށް ވުރެ ވަކި މޮޅު އިޤްތިޞާދީ، އިޖްތިމާޢީ، ސިޔާސަތުގެ، ދިރިއުޅުމުގެ، ނިޒާމެއް އިންސާނުންނަކަށް ނުހެދޭނެއެވެ. ސަބަބަކީ ތާރީޚް ނިމެއްޖެއެވެ! ނަމަވެސް މިއީ ދުނިޔޭގެ އެންމެން ޤަބޫލުކުރާނެ ފަލްސަފާއެއް ނޫނެވެ. އިސްލާމީ ފިކުރަކުން ވިސްނައްޏާ، އަހަރެމެން ޤަބޫލުކުރާނެ ފަލްސަފާއެއް ވެސް ނުމެނޫންމެއެވެ. އަދި ހުޅަނގުގެވެސް ހުރިހާ މުފައްކިރުން މިއާ އެއްބަހެއް ނުވެއެވެ.

ކޮންމެއަކަސް، މިއަދު ދުނިޔޭގައި މިވާ ޤާނޫނުތަކާއި ޤަވާޢިދުތަކަކީ، ޤަރުނުތަކެއްވަންދެން ކުރި ތަޖުރިބާތަކެއްގެ މޭވާއެވެ. ނަމަވެސް މި ޤާނޫނުތަކަކީ އިންސާނުން އަމިއްލައަށް އުފެއްދި އެއްޗަކަށް ވާތީ އޭގައި އަބަދުވެސް އައިބުތަކެއް ހުރެއެވެ. އޭގައި އަބަދުވެސް އިންސާނުންގެ އެދުންތަކަށް ލެނބޭގޮތްވެފައި ހުރެއެވެ. އިންސާނުންގެ ފިކުރީ މަދަރުސާތަކުގެ ކުލަޖެހިފައި ހުރެއެވެ. ޢަލްމާނީ، ރައުސްމާލީ، ކޮމިއުނިސްޓު، ލިބްރާލީ، ހިފެހެއްޓުންތެރި، ފަދަ ކޮންމެވެސް ކުލައެއް އަބަދުވެސް މި ޤާނޫނުތަކުގައި ހުރެއެވެ. ވީމާ ހުޅަނގުގެ ޤައުމުތަކުގައި ހަދާ ޤާނޫނު އޮންނަނީ އެ މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބައްޓަން ކުރެވިފައެވެ. އިރުމަތީގެ ޤާނޫނުތައް ދާނީ އެ މީހުންގެ ދިރުއުޅުމުގެ ވައްޓަފާޅިއަށް ބައްޓެން ވެގެންނެވެ.

ސިޔާސީ ތާރީޚުގައި އިސްދައުރެއް ކުޅެފައިވަނީ ފިރިހެނުން ކަމަށްވާތީ، ފިރިހެނުން ލިއުނު ޤާނޫނުތަކާއި ފިރިހެނުން ބައްޓަން ކުރި އާދަކާދަތައް ވެފައި މި އޮތީ، އަންހެނުންނަށް ވަރަށްވެސް އަނިޔާވެރި، އަންހެނުންގެ ޙައްޤުތައް ނިގުޅައިގަންނަ އެއްޗަކަށެވެ. ވަރަށް ފަހަކާއި ޖެހެންދެންވެސް ހުޅަނގުގެ ޤައުމުތަކުގެ ޤާނޫނުތަކުގައި އަންހެނުންގެ ވަރަށް އަސާސީ ޙައްޤުތައް ނިގުޅައިގަނެވިފައިވެއެވެ. އަދި މިއަދުވެސް އެ މީހުންނާއި މެދު މުޖްތަމަޢް ދެކޭ ގޮތާއި މުސާރައާއި، ވިހެއުމުގެ ޗުއްޓީ ފަދަ އެތައްކަމެއްގައި އަންހެނުންނަށް އަނިޔާވެރިކަން އެބަ އޮތެވެ.

މީގެ މާނައަކީ، އިސްލާމީ ޤައުމުތަކުގައި އަންހެނުންގެ ޙައްޤު ފުރިހަމައަށް ލިބެޔޭ، ބުނުމެއް ނޫނެވެ. އިސްލާމީ ޤައުމުތަކުގައި އަންހެނުންނަށް ވަރަށްވެސް ބޮޑެތި އަނިޔާ ލިބެއެވެ. އެއީ ކޮންމެހެން އެ ޤައުމު 'އިސްލާމީ' ވީމައެއް ނޫނެވެ. އެއީ އިސްލާމް ދީނަށް ފުރިހަމައަށް ތަބާނުވެ، ބޯދާ އާދަކާދަތަކަށް ތަބާވާތީއެވެ. މިސާލަކަށް އެއް ޤައުމެއްގައި އަންހެނުން ކާރު ދުއްވުން މަނާކުރާއިރު، އަނެއް ޤައުމެއްގައި ގަދަކަމުން ކައިވެނި ކުރުވައެވެ. އަނެއް ޤައުމެއްގައި އަންހެނުން ބުރުގާއެޅުން މަނާކުރެއެވެ. އަނެއް ޤައުމެއްގައި، ޒިނޭ ކުރާ އަންހެން ކުއްޖާގެ ޢާއިލާ މީހުން އެ މީހުންގެ ޝަރަފަށްޓަކައި، އެ އަންހެން ކުއްޖާ މަރާލައެވެ. މިއިން އެއްވެސް ކަމަކީ އިސްލާމްދީނާއި ކައިރިންވެސް ދުރުންވެސް ގުޅުމެއް ހުރި ކަމެއް ނޫނެވެ.

މުއްސަނދިން ހަދާ ޤާނޫނުތައް ވެފައި އޮންނާނީ ފަޤީރުންގެ ކަށިފިލައިގެން ވިޔަސް އެ މުއްސަދިކަން ދެމެހެއްޓޭ ޤާނޫނަކަށެވެ. ރިބާއަކީ މީގެ މިސާލެކެވެ. ދުނިޔޭގައި މުއްސަނދިން މުއްސަނދިވެ، ފަޤީރުން ފަޤީރުވަމުންދާ ކަމީ މީގެ މިސާލެކެވެ. އެތައް ބަޔަކު ބަލިމަޑުކަމާއި ބަނޑަށްޖެހިގެން މަރުވާކަމީ މީގެ މިސާލެކެވެ. މި ކަންތައްތަކުގެ ފަހަތުގައި ގިނަ ސަބަބުތަކެއް ހުއްޓަސް މައިގަނޑު ސަބަބަކީ ޢަދުލުވެރިކަމޭ ކިޔާއެއްޗެއް މިދުނިޔޭގައި ނެތުމެވެ.

މިފަހަކާއި ޖެހެންދެންވެސް ދޮންމީހުން ހެދި ޤާނޫނުގައި ކަޅު މީހުންނަށް އެއްވެސް ޙައްޤެއް ނެތެވެ. އެމެރިކާ މީހުންގެ ކުރިމަތީގައި ހުރިހާވެސް އެއްޗަކީ މަސްލަހަތެވެ. މަސްލަހަތު އޮތީ ބައެއްގެ ބޮލަށް ބޮން އަޅައިގެން ވިއްޔާ އަޅަން ވީއެވެ. އެމެރިކާ މީހުން ދުނިޔޭގެ އެއްވެސް ކޯޓަކަށް ހާޟިރު ކުރަން ދެކޮޅި ހަދާއިރު އެހެން ހުރިހާ އެންމެން ގޮއަންޓަނާމޯގައި ބޭތިއްބިޔަސް އެންމެ ރަނގަޅެވެ.

މި ކަންތައްތައް މިހެން އޮތުމުން ހައިރާންވާކަށް ނުޖެހެއެވެ. އެއީ އެ މީހުން ތަބާވަނީ އަމިއްލައަށް ހެދި ޤާނޫނަކަށް ވާތީއެވެ. އުނި ޤާނޫނަނަކަށް ވާތީއެވެ.

ވަޟުޢީ(އިންސާނުން އަމިއްލައަށް އެކަށައަޅާ ޤާނޫން) ޤާނޫނުތަކުގެ އެހެން މައްސަލައެއް ވެސް އޮވެއެވެ. އެއީ އިންސާނުންނަކީ އެ މީހުންގެ ޠަބީޢަތުގައި ބައެއްފަހަރު ގޮތް ދޫނުކުރާ ނުވަތަ ކަންކަމާ އިދިކޮޅު ހަދާ މިޒާޖެއްވެސް ހުންނަ ބައެކެވެ. މިސާލަކަށް އޭނާއާއި އެއްފެންވަރެއްގެ މީހަކު އައިސް އެހެން ނަހަދާށޭ މިހެން ނަހަދާށޭ، ބުނެ ހަދަން ފަށައިފިނަމަ އެއްކަލަ މީހާ ބޭނުންވާނީ އެ ޤަވާޢިދު މުގުރާލާށެވެ. އަދި ޤަވާޢިދާއި ޚިލާފުވާށެވެ. އަދި އެ ޤަވާޢިދަށް މާކަ ބޮޑު އިޙްތިރާމެއްވެސް ނުކުރާނެއެވެ. މިއީވެސް ވަރަށް ގިނަ ބައެއްގެ މިޒާޖު ހުންނަ ގޮތެކެވެ.

އަނެއް ބަޔަކު ބުނާނީ، ބަލަ އޭނާއަށް އަހަރެމެންނަށް ވުރެ ވަކިބޮޑަށް ޤަވާޢިތުދައް އެގެނީ ކިހިނެއްހެއްޔެވެ؟ އަހަރެމެންނަށް ވުރެ ބޮޑަށް ހެވާއިލާބަ އެނގެނީ ކިހިނެއްހެއްޔެވެ؟ ވީމާ އޭނާ އެ ދައްކާ ވާހަކަ ޤަބޫލެއް ނުކުރެވޭނެ ކަމަށެވެ.

އަދިވެސް މައްސަލައެއް އެބައޮތެވެ. އެއީ އަހަރެމެން ހަދާ ޤާނޫނަކީ ހުރިހާ މީހުންގެ ޙާލަތު އެނގިގެން، އެހެން މީހުންގެ ނަފްސިއްޔަތު އެނގިގެން، ދުނިޔޭގައި ކަންތައްތައް ވާނެ ގޮތް އެނގިގެން ހަދާ ޤާނޫނަނަކަށް ނުވާކަމެވެ.

ނަމަވެސް އިލާހީ ޤާނޫނަކީ މިފަދަ އުނިކަންތައްތަކެއް ހުންނަ އެއްޗެއް ނޫނެވެ. އެ ޤާނޫނަކީ އިންސާނުގެ ހުރިހާކަމެއް މޮޅަށް ދެނެވޮޑިގަންނަވާ، އިންސާނުން އުފެއްދެވި އިލާހުގެ ޤާނޫނެވެ. އެކަލާނގެ ވަޙީ ކުރައްވަނީ:  أَلا يَعْلَمُ مَنْ خَلَقَ وَهُوَ اللَّطِيفُ الْخَبِيرُ

މާނައަކީ: ''ޚަލްޤު ކުރެއްވި ކަލާނގެއަށް އެނގިވޮޑިގެން ނުވާނޭހެއްޔެވެ؟ އެ ކަލާނގެ އީ ސިއްރުތައް ދެނެވޮޑިގަންނަވާ ޚަބީރުވަންތަ ކަލާނގެއެވެ.'' (ސޫރަތުލް މުލްކް :14)

އިސްލާމް ދީނަކީ މާތް ﷲ ފޮނުއްވަވާ އެންމެ ފަހުގެ ދީންކަމަށް ވީތީ، އެ ދީނުގެ ޝަރީޢަތަކީ ދުނިޔޭގެ ބާކީ އޮތް ދުވަސްތަކަށް އެކަށޭނެ ޝަރީޢަތެއްކަމުގައި ލެއްވެވިއެވެ. އަދި ހުރިހާގޮތަކުން ފުރިހަމަ ޝާމިލު އެއްޗެއްކަމުގައި ލެއްވެވިއެވެ. އިސްލާމް ދީނަކީ ހުރިހާ އިންސާނުންނަށް ފޮނުއްވުނު ދީނަކަށްވީތީ، އެ ދީނުގެ ޝަރީޢަތަކީވެސް ހުރިހާ އިންސާނުންގެ ހެވާއި ލާބައަށް ފޮނުވުނު އެއްޗަކަށް ވިއެވެ. ވީމާ އިންސާނީ މުޖްތަމަޢްތަކުގެ ހެވާއި ލާބަ، އެ މުޖްތަމަޢްތަކުގެ އަމަންއަމާން ކަމާއި ހަމަޖެހުން ޤާއިމް ކުރެވޭނެ، ހަމައެކަނި ޤާނޫނަކީ އިސްލާމީ ޝަރީޢަތެވެ.

އެހެން ދީންތަކަކީ ހަމައެކަނި، އެ މީހުން ކުރާ ގޮތަކަށް ކުރާ ނަމާދުތަކަކާއި، ފާހަނގަ ކުރާ މުނާސަބާތުތަކެކެވެ. ދިރިއުޅުމުގެ ހުރިހާ ކަމެއް ތަންޒީމު ކުރާ އެއްޗެއް ނޫނެވެ. އިޤްތިޞާދާއި، ސިޔާސަތާއި، ދުނިޔޭގެ ކަންތައްތަކަށް ވައިވެސް އެޅޭ އެއްޗެއް ނޫނެވެ.

ނަމަވެސް އިސްލާމް ދީނަކީ ޝަހާދަތުގެ އިތުރަށް، ހަމަ އެކަނި ފަރުޟު ފަސްނަމާދާއި ރޯދައާއި ޒަކާތާއި ޙައްޖެއް ނޫނެވެ. ނުވަތަ ހަމައެކަނި ބުރުގާއަކާއި ތުނބުޅިއެއްވެސް ނޫނެވެ. އަދި ހަމައެކަނި މިސްކިތެއްވެސް ނޫނެވެ. ކިއެއްތަ އިސްލާމް ދީނަކީ އެ ދީނަށް ތަބާވާ އިންސާނުން، ދުނިޔޭގައި ބޭނުންވެދާނެ ހުރިހާކަމެއް ތަންޒީމުކޮށްދޭ، ދީނެކެވެ.

އަހަރެމެން އާއްމުކޮށް މިދަންނަ އަޅުކަންތައް ކުރާނެ، އެންމެ ކުދި ތަފްޞީލްތަކަށް ދާންދެން މި ދީނުގައި ކިޔައި ދެވިފައިވެއެވެ. ޤައުމެއް ހިންގާނެ މައިގަޑު އުސޫލުތައް ބަޔާން ކޮށްފައިވާފަދައިން ގެއެއްގެ ކަންތައްތައް ބަލަހައްޓާނެ ގޮތްވެސް ކިޔައި ދީފައިވެއެވެ. ވަރަށްވެސް ފުރިހަމަ ސިޔާސީ، އިޖްތިމާޢީ އިޤްތިޞާދީ ނިޒާމެއް އިސްލާމް ދީނުގައި އައިސްފައިވެއެވެ. ގިނަ މުސްލިމުންތަކެއްގެ ދީނީ ޘަޤާފަތް ފަޤީރުވުމުގެ ސަބަބުން އާއްމުންގެ ގިނަބަޔަކަށް މިކަންތައް އޮންނަނީ ނޭނގިފައެވެ.

އަނެއްކޮޅުން ޙަޤީޤަތް ޤަބޫލު ނުކުރާ، ބޯހަރު ޢަލްމާނީން ދަނީ މި ފަދަ އިސްލާމީ ފިކުރެއް މުސްލިމުންގެ ގިނަބައެއްގެ ހިތުގައި އަށަގަތަ ނުދިނުމަށް ވެވުނުހާ މަސައްކަތެއް ކުރަމުންނެވެ. ދީނާއި ދައުލަތް ވަކިކުރުމުގެ ނަމުގައެވެ. ނުވަތަ އިސްލާމް ދީނަކީ، އޮޅުންބޮޅުން ބޮޑު މި ޒަމާނުގެ ޙަޔާތާއި އެކަށީގެން ނުވާ އުނި އެއްޗެއްކަމުގައި ބުނެ ދޮގު ހަދައިގެންނެވެ. ނަމަވެސް އެފަދަ ވާހަކައެއް ޤަބޫލު ނުކުރާށެވެ. އެ މީހުން އެ ހަދަނީ ދޮގެވެ. އަހަރެންގެ ބަހަށް އިތުބާރު ނުކުރެވޭނަމަ، މިކަންތައްތައް އަމިއްލައަށް ހޯދައި ޙައްޤު ގޮތަކީ ކޮބައިކަން ދެނެގަނެ، ޙައްޤަށް ތަބާވާށެވެ.

ދުނިޔޭގެ އެހެން އެއްވެސް ދީނެއްގައި ގަނެ ވިއްކުމާއި، ކުންފުނި ހެދުމާއި، ވަކާލާއާއި، ރަހުނުކުރުމާއި، ދަރަނި ދިނުމާއި، ދަރަނި އަދާކުރުމާއި، އެގްރިމެންޓު ހެދުމާއި، ވިޔަފާރީގެ ވާދަ ކުރުމާއި، ހިބަކުރުމާއި، ބެހޭ ގޮތުން ޙުކުމްތަކެއް ކަނޑައެޅި، ތަފްޞީލުކޮށް ވާހަކަ ދެކެވި، މިއިން ކޮންމެ މައުޟޫއަކަށް އެތަކެއް މުޖައްލަދު ލިޔެވިފައި ހުއްޓާ ދެކުނިންހެއްޔެވެ؟ ޔަހޫދީ، ނަޞްރާނީ، ހިންދީ، ބުދު، ސިކު، ދީނުގައި މިފަދަ ވާހަކައެއް ދެކެވިފައި އެބަ ހުރިހެއްޔެވެ؟

ވާރުތަ ވުމާއި ބެހޭ އެންމެ ކުދި ތަފްޞީލުތަކާއި، ކައިވެނި، ވަރި، އިއްދާގައި އިނުން، ދަރިންގެ ނަސަބާއި ބެހޭގޮތުން ހުރިހާ ޙުކުމްތަކެއް ބަޔާން ކުރެވިފައިވާ، އިސްލާމް ދީން ފިޔަވާ އެހެން ދީނެއް މި އުޑު ދަށުން ދެކުނިންހެއްޔެވެ؟ އާނއެކެވެ. އެހެން ދީންތަކުގައިވެސް ކައިވެންޏާއި ވަރިއާއި ބެހޭ މަދު ކަންތައްތަކެއް ވަކި ގޮތަކަށް ކިޔައިދެވިފައި ހުރެއެވެ. ނަމަވެސް އެއީ ވަރަށް ހަނި ވަރަށް އުނި ސިފައެއްގައެވެ.

އުޅޭތަނާއި، ހަށިގަނޑުގެ ސާފު ތާހިރުކަމަކީ ދީނީ ގޮތުން ކުރަން ޖެހޭ ކަމެއް ކަމުގައި އަންގާފައިވާ ދީނެއް، އިސްލާމް ދީން ފިޔަވައި ކޮބައިހެއްޔެވެ؟ ގެއްލުން ހުންނަ އެއްވެސް އެއްޗެއް ނުކެއުމަށާއި، މީރު ރަނގަޅު އެއްޗެހި ޞިއްޙީ އާދައަކުން ކައި ބޮއެ އުޅުމަށް އަންގަނީ ކޮން ދީނެއްހެއްޔެވެ؟

އުނދަގޫކަމަކަށް ނުވާނެނަމަ ހަމަ ކޮންމެ ނަމާދެއްގެ ކުރިން ދަތް އުނގުޅަން އަމުރު ކުރެއްވީސް ކަމުގައި، ކީރިތި ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. މިފަދަ ވާހަކައެއް އެހެން ދީނެއްގެ ފޮތަކުން ފެނިދާނެހެއްޔެވެ؟ މިއަދު ސައިންސްވެރިން ވަނީ ދަތް އުނގުޅުމާއި މީހާގެ އެހެން ޞިއްޙީ ކަންތަކާއި ގުޅިފައި ހުންނަ ހުރުމަށް ވާހަކަ ދައްކަމުންނެވެ.

ޖިމާޢުވެފެއި ހިނައިގަނެ ސާފުވާން ޖެހޭނެ ކަމަށް އެންގީ މި ދީން ފިޔަވައި، އެހެން ކޮން ދީނެއްހެއްޔެވެ؟ ޤަޟާޙާޖަތް ކޮށްފައި ސާފުވާނެ ގޮތާއި، ނިޔަފަތި ކެނޑުމާއި، އިސްތަށި ބޭލުމާއި، ޚިތާނު ކުރަން އެންގީ ( އަހުލު ކިތާބީންވެސް، އަސްލު ޚިތާނު ކުރަން އޮވޭ ) އެހެން ކޮން ދީނެއްހެއްޔެވެ؟

ކައިވެނި ކުރާނެ މީހެއް އިޚްތިޔާރު ކުރާނެ ގޮތާއި، ކައިވެނީގެ ޙުކުމްތަކާއި، ކައިވެނީގެ މައްސަލަތައް ހައްލު ކުރާނެ ގޮތް ބަޔާން ކޮށްދީފައިވަނީ އެހެން ކޮން ދީނެއްގައި ހެއްޔެވެ؟ އަނބިމީހާގެ މައްޗަށް ފިރިމީހާއަށް އޮންނަ ވާޖިބުތަކާއި، ފިރިމީހާގެ މައްޗަށް އަނބިމީހާއަށް އޮންނަ ވާޖިބުތައް އުނިކަމެއް ނެތް ގޮތުގައި ބަޔާން ކުރެވިފައިވަނީ އެހެން ކޮން ދީނެއްގައި ހެއްޔެވެ؟

ދަރިންގެ މެދުގައި ހަމަހަމަކަން ބޭއްވުމާއި، ލޯބި ދިނުމުން ފެށިގެން ގޮސް މައިންބަފައިންނަށް ކަމޭ ހިތުމަށް، މި ދީން އަންގާފައިވާ ފަދައިން، އަންގާފައިވާ އެހެން ދީނެއް ކޮބައި ހެއްޔެވެ؟ ޖިމާޢުވުމުގެ ޙުކުމްތަކާއި އަދަބުތަކާއި، މަގުމަތީގައި ހިނގުމުގެ އަދަބުތަކުން ފެށިގެން ގޮސް، ފައިވާނަށް އަރާނެ ގޮތާއި ހެދުންލާނެ ގޮތް ބަޔާންކޮށް ދީފައިވަނީ އެހެން ކޮން ދީނެއްގައިހެއްޔެވެ؟

ފަޤީރުންނަށް އެހީތެރިވުމާއި، ޔަތީމުންނަށް އޯގާތެރިވުމަށް، މުސްކުޅިންނަށް ކަމޭހިތުމަށް، އިސްލާމް ދީން އަންގަވާފަދައިން އެހެން ދީނެއްގައި އެ ދީނަށް ތަބާވާ މީހުންނަށް އަންގާފައިވޭހެއްޔެވެ؟ މުއްސަނދިންގެ މުދަލުން ކޮންމެ އަހަރަކު % 5.2 ޒަކާތުގެ ގޮތުގައި ދޭށޭ ބުދުދީނުގައި އޮވޭހެއްޔެވެ؟ މަސީޙީ ދީނުގައި އޮވޭހެއްޔެވެ؟

އިސްލާމް ދީނުގައި އޮންނަނީ ހަމައެކަނި ހަރަކާތަކުން ނުވަތަ ހިތުން ކޮއްލާ، އަޅުކަންތަކެއް ކޮއްލުމެއް ނޫނެވެ. މީގެ އިތުރުން ރިވެތި އަޚްލާޤަކީވެސް ދީނާއި ވަކި ނުކުރެވޭނެ، މި ދީނުގެ މުހިއްމު ބައެކެވެ. އިސްލާމް ދީނުގައި އޮންނަނީ ހަމައެކަނި ވަޢްޡާއި އިރުޝާދުތަކެއްވެސް ނޫނެވެ. އަދި ހަމައެކަނި ޙަރާމާއި ޙަލާލް ބުނެ ދީފައި ނިންމާލުމުގެ ބަދަލުގައި، ޙަރާމްކަންތައްތައް ކުރާ މީހުންނަށް އަދަބުވެސް ކަނޑައަޅާފައިވެއެވެ. ދައުލަތެއް ބިނާކޮށް އެ ދައުލަތް ޙިމާޔަތް ކުރަން ޖިހާދުވެސް ކަނޑައެޅިފައިވެއެވެ.

ވީމާ އަހަރެމެން ތަބާ މި ވާ އިސްލާމް ދީން ހާ ފުރިހަމަ ދީނެއް ނެތެވެ. އެހާ ޝާމިލް ދީނެއްވެސް ނެތެވެ. ދުނިޔެއާއި ޢާޚިރަތަށް ބަލާ ދީނެއްވެސް ނެތެވެ. އިންސާނެއްގެ ހުރިހާ ކަމެއް ތަންޒީމުކޮށްދީ، ހުރިހާ ސުލޫކުތަކެއް ވަކި އިންތަކެއްގައި ބަހައްޓައި ދޭ ދީނެއްވެސް ނެތެވެ.

އިސްލާމީ ޝަރީޢަތަށް ބޯލަނބާ ޤާނޫނުތައް:

އިސްލާމީ މުޖްތަމަޢެއް ވިއްޔާ އެތަން އޮންނަން ޖެހޭނީ އިސްލާމީ ޝަރީޢަތާ އެއްގޮތް ވާގޮތަކަށް ބައްޓަން ކުރެވިފައެވެ. އަދި އިސްލާމީ ޝަރީޢަތް ޤާއިމުކުރުމަކީ ވާޖިބެކެވެ. ނަމަވެސް މީގެ މާނައަކީ، އެހެން ޤާނޫނެއް އޮވެގެން ނުވާނެއޭ ބުނުމެއް ނޫނެވެ. ބައެއް މީހުންނަށް ހީވެފައި އޮންނަނީ، އިސްލާމީ ޝަރީޢަތެއް ތަނެއްގައި އޮތުމުގެ މާނައަކީ، އިންސާނުން ލިޔާ އެއްވެސް ޤާނޫނެއް އެތަނެއްގައި އޮވެގެން ނުވާނެ ކަމެވެ. ނަމަވެސް މިއީ ކުށް ހީއެކެވެ. ޝަރީޢާގެ މިސާލަކީ ދުސްތޫރެވެ. ދުސްތޫރެއް އޮވެފައި ދެން އެ ޤައުމުގައި ހެދޭ ހުރިހާ ޤާނޫނެއް ވެސް އޮންނަން ޖެހޭނީ، އެ ދުސްތޫރާ އެއްގޮތަށެވެ. ފުށު އަރާ ކަމެއް އޮވެގެން ނުވާނެއެވެ.

މި ބީދައިން، އިސްލާމީ ޤައުމެއްގެ ދުސްތޫރަކީ ޤުރުއާނާއި ސުންނަތެވެ. ނުވަތަ އިސްލާމީ ޝަރީޢަތަވެ. މިއާ ފުށު ނާރާ ކޮންމެ ޤާނޫނެއް މީގެ ދަށުން ހެދިދާނެއެވެ. ދުސްތޫރާއި ފުށު ނާރާ ގޮތަކަށް، ދުސްތޫރަށް ތަބާވެގެންނެވެ. ވިޔަފާރީގެ ޤާނޫން، މަގުމަތީގެ ޤަވާޢިދު، ކަނޑުދަތުރުފަތުރު ބެލެހެއްޓުމާއި ބެހޭ ޤަވާޢިދު، މަދަނީ މައްސަލަތަކާއި ބެހޭ ޤާނޫނުތައް، މިހެން ގޮސް ކޮންމެ އެއްޗެއްވެސް ހެދިދާނެއެވެ. މި ފަދަ ޤާނޫނުތަކެއް ހުރުމުން އެއީ މާތް ﷲ ބާވައި ނުލައްވާ އެއްޗަކުން ޙުކުމް ކުރުމޭ ބުނެވޭނެ ޖާގައެއް ޙަޤީޤަތުގައި ނެތެވެ.

މުހިއްމުކަމަކީ އަހަރެމެން ދުނިޔޭގައި އަހަރެމެން ކުރާ ހުރިހާކަމެއްވެސް، ހުރިހާ އާދަތަކެއްވެސް، ހުރިހާ ޤާނޫނުތަކެއްވެސް، އަހަރެމެން ބުނާ ހުރިހާ ވާހަކަތަކެއްވެސް، އަދި ލިޔާ ލިއުމެއް ވިޔަސް، ﷲ ބާވައިލެއްވި ޝަރީޢަތާ ޚިލާފު ނުވާގޮތަކަށް އޮތުމެވެ. ހިތާއި ދުލުން ﷲ އަށް އިސްލާމް ވުމެވެ.

ވާހަކައިގެ ޚުލާޞާ އަކީ، އިސްލާމް ދީނަކީ ދީނާއި ދުނިޔެއެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.