ބުރާސްފަތި20201015

އާކުރެވުނީ: 08:43:52

އިސްލާމްދީނާއި ދެކޮޅަށް އެއްމިލިއަން...!

100millionމުސްލިމުން، ނަޞްރާނީ ދީނަށް ވައްދައި، ހަލުއިކަމާ އެކީގައި ދުނިޔޭގެ ކަންކޮޅުތަކުގައި އިސްލާމްދީން ފެތުރެމުން ދާ ދިއުން ހުއްޓުވާލުމައްޓަކައި މަސައްކަތްކުރާ، ''އިންޖީލް ފަތުރާ ރާހިބުންގެ އެއްވުން'' ކިޔާ ޖަމާޢަތަކަށް ވަރަށް ބޮޑު ފައިސާގެ އެހީއެއް، ވެޓިކަން އިން ދޭކަމަށް، ޖަރުމަނުވިލާތުގައި ނުކުންނަ ނޫހެއް ކަމުގައިވާ - ވެލްޓް އެމް ޒޮންޓޭގް- ހާމަކޮށްފިއެވެ.

އެ ނޫހުގެ 30 މޭ 2004 ގެ ޢަދަދުގައި ޝާއިޢުކޮށްފައިވާ ތަޤުރީރެއްގައި ވާގޮތުން، މި އެއްވުމުގެ ލަނޑުދަނޑިތައް ޙާޞިލު ކުރުމުގައި ތަފާތު ގޮތްތައް ބޭނުންކުރެއެވެ. އޭގެތެރެއިން އެންމެ ފާހަގަކޮށްލެވޭ ކަންކަމަކީ ފަޤީރު ޤައުމުތަކުގައި އުޅެމުންދާ އެތައް މިލިއަން މުސްލިމުންނަށް އަމާޒުކޮށްގެން މަދަރުސާތައް ބިނާ ކުރުމާއި ، ޞިއްޙީ ޚިދުމަތް މުޅިން ހިލޭ ފޯރުކޮށް ދިނުމެވެ.

''މުޙައްމަދާއި ދެކޮޅަށް މިލިއަނެއް'' ސުރުޚީއަކަށް ޖަހާފައިވާ މި ތަޤުރީރުގައި ވާގޮތުގައި މި އެއްވުމަކީ ނުވަތަ ޖަމުޢިއްޔާއަކީ، ވެޓިކަންގެ މުއައްސަސާތަކުގެ ތެރެއިން އެންމެ މުހިއްމު އެއް މުއައްސަސާއެވެ. ރެއާއިދުވާލު، ހުރިހާ ކަންކޮޅުތަކެއްގައި މަސައްކަތް ކުރަމުންދާ ގާތްގަޑަކަށް އެއްމިލިއަން މީހުން މި އެއްވުމުގައި ހިމެނޭކަމަށްވެއެވެ. އަދި މިހުރިހާ އެންމެގެވެސް އޮތީ އެންމެ މަސައްކަތެކެވެ. އެއީ އިސްލާމްދީން ފެތުރުން ހުއްޓުވުމާއި، ކީރިތި ރަސޫލާ މުޙައްމު (ޞައްލައްﷲ ޢަލައިހި ވަސައްލަމަ) އާއި ބެހޭގޮތުން، އެ މީހުންނަށް ދެއްކުނު އެންމެ ހަޑިވާހަކަތަކެއް ދައްކައި އެކަލޭގެ ފާނުގެ އަބުރުފުޅު މީހުންގެ ކުރިމަތީގައި ގެއްލުވުމެވެ.

އަދިވެސް، ވެލްޓް އެމް ޒޮންޓޭގް ނޫހުން ހާމަކުރިގޮތުގައި -މައި އޮފީސް ރޯމްގައި ހުންނަ- މި އެއްވުން ބޭރުފުށުން ދައްކައިގެން އުޅެނީ އެމީހުންނަކީ އެއީ މުސްލިމުންނާއި މަސީޙީންނާއި ދެމެދު މިހާރު އުފެދިފައިވާ ގުޅުން ބަލާހޯދައި ދިރާސާކޮށް، ހިލޭ ސާބަހަށް މީހުންނަށް އެހީވެދޭ ބައެއްގެ ގޮތުގެއެވެ. އެހެންނަމަވެސް، މިމީހުންގެ އަޑީގައި ފޮރުވާފައިވާ ސިއްރު ރޭވުންތަކެއް ވާކަމަށްވެސް ނޫހުގައި އިތުރަށް ބުނެފައިވެއެވެ.

މި އެއްވުން އުފެދިފައިވަނީ -ނޫހުގައި ވާގޮތުން- 1566.މ އާއި5721.މ، ދެމެދުގެ އަހަރެއްގައި، ''އުފާވެރިކަމަށް ގޮވާލާ އެއްވުން'' ގެ ނަމުގައި، ދުނިޔޭގައި ކޮތޮލިކް މަޛްހަބު ފަތުރައި މީހުން ނަސާރާ ކުރުމުގެ ބޭނުމުގައި، ވެޓިކަންގެ އޭރު ހުރި ޕޯޕް ޕިއުސް ފަސްވަނައިގެ އަތްމައްޗަށެވެ.

ނަޞާރާދީނަކީ (މަސީޙީ ދީނަށް ކިޔޭ އެހެން ނަމެއް)، އެއީ ލޯތްބާއި މަޢާފުކުރުމުގެ ދީނެއް ކަމުގައި، މީހުންނަށް ދައްކައިދޭން މަސައްކަތް ކުރާ މި ޖަމާޢަތް މަސައްކަތް ކުރިއަސް، ޖަމާޢަތުގެ ކަންތައްތައް ރާވައި ހިންގުމުގައި ގެންގުޅެނީ ލަޝްކަރުތަކުގައި ބޭނުންކުރެވޭ ޢަސްކަރީ ގޮތްގަނޑު ކަމަށް، ނޫހުގައި ބުނެފައިވެއެވެ.

crescenzio sepeމިހާރު މި އެއްވުމުގެ ރައީސަކަށް ހުރި، ކާޑިނަލް ކްރެސެންޒިއޯ ސީޕީ މި އެއްވުމާއި ބެހޭގޮތުން ވާހަކަ ދައްކާއިރު ''އަހަރެންގެ ލަޝްކަރު'' ފަދަ ބަސްތައް ބޭނުން ކުރަނީ އެއީ އިއްތިފާޤަކުން ނޫންކަމަށާއި، ކިއެއްތަ އެއީ ވަކި މާނައަކާއި ވައްޓަފާޅި އެއް ހާމަކުރަންކަމުގައި ވެސް ނޫހުގައި އިޝާރާތްކޮށްފައިވެއެވެ.

''އިންޖީލް ފަތުރާ ރާހިބުންގެ އެއްވުން'' އެއީ ކިހާ ބޮޑޮ ޖަމާޢަތެއްކަން ހާމަ ކުރަމުން ނޫހުގައި ބުނެފައިވަނީ މި ޖަމާޢަތަށް، ދުނިޔޭގެ ވަރަށް ގިނަ ނަޞާރާއިން ފައިސާއާއި އެނޫން އެހީތައްވެސް ވަމުންދާކަމަށެވެ.

އަދި ކެތޮލިކް ހަރަކާތްތައް މަނާކޮށްފައިވާ، ސުޢޫދިއްޔާ، ޔަމަން، ޗައިނާ، ވިއެޓްނާމް އަދި ކެމްބޯޑިއާފަދަ ޤައުމުތަކުގައި، ވަންހަނާގައި ޙަރަކާތްތެރިވަމުންދާ 1081 ފާދިރީން، މި ހަރަކާތުގެ ބެލުމުގެ ދަށުގައިވާކަމަށްވެސް ، ނޫހުގައި ބުނެފައިވެއެވެ.

ނަޞްރާނީ ކުރުމުގައި އެއް މިލިއަން މީހުން :

ތަޤުރީރުގައި ވާގޮތުން، މި އެއްވުމުގައި 85 ހާސް ފާދިރީންނާއި، 450 ހާސް އިދާރީ މުވައްޒަފުންގެ މައްޗަށް އެކުލެވިފައިވާ ''ލަޝްކަރެއް'' އޮވެއެވެ. އަދި ދުނިޔޭގެ އެކި ހިސާބުތަކުން މީހުން ހޯދައިގެން ބޭއްވި 280 ތަމްރީނު ކޯހުން، މަސީޙީ ދީނަށް ގޮވާލުމުގައި ހަރަކާތްތެރިވާނެ 65 ހާސް އާ ފާދިރީން ތައްޔާރު ކުރެވިފައިވެއެވެ. ފާދިރީންގެ ލަޝްކަރަށް އެހީވުމުގައި އަވަދިނެތި އުޅޭ، އެއްމިލިއަން މީހުން ހިމެނޭ އާދައިގެ ލަޝްކަރެއް އެއްރަށުން އަނެއް ރަށަށް، އެއް ޤައުމުން އަނެއް ޤައުމަށް ދަތުރުކޮށް، މީސްމީހުންގެ ރުހުން ހޯދައި ، އެހީތެރިކަމުގެ އަތް ދިއްކޮށްލައިގެން، މުސްލިމުން ނަޞްރާ ދީނަށް ވައްދަން މަސައްކަތް ކުރެއެވެ.

42 ހާސް މަދަރުސާ، 1600 ހަސްފަތާލު، ފުރަތަމަ އެހީދޭ 6 ހާސް މަރުކަޒު، ލެޕްރަސީ ބަލީގެ މީހުންނަށް އެހީވެދޭ 780 މަރުކަޒު، މި ހަރަކާތް ހިންގަމުންދާ ކަމަށާއި، ހުރިހާކަމެއްވެސް އޮންނަނީ މުޅިން ހަމަ ހިލޭ ކަމަށްވެސް ނޫހުގައި ބުނެފައިވެއެވެ.

އެންމެ ވަރުގަދަ ހަތިޔާރު

ނަސްރާނީ ދީން ފަތުރައި މީހުން ނަޞްރާނީ ކުރުމުގައި ގެންގުޅޭ އެންމެ ވަރުގަދަ ހަތިޔާރަކީ މަދަރުސާތައް ކަމަށްވާތީ، މި ތަޤުރީރުގައި ވަރަށް ބޮޑަށް އެކަމަށް އަލިއަޅުވާފައިވެއެވެ. އެގޮތުން މިދިޔަ ހަފްތާގައި ޤަޠަރުގެ ވެރިރަށް ދައުޙާގައި މިފަދަ މަދަރުސާއެއް ހުޅުވުނު ކަމަށް ބުނެ އެކަމުގެ މައްޗަށް ލިއުމުގައި ޚާއްޞަގޮތެއްގައި ބަލާފައިވެއެވެ. މި މަދަރުސާ ހުޅުވީ ''އިންޖީލް ފަތުރާ ރާހިބުންގެ އެއްވުން'' ގެ ރައީސް ކާޑިނަލް ކްރެސެންޒިއޯ ސީޕީ ކަމަށާއި، މިމަދަރުސާގައި ތަޢުލީމު ޙާޞިލި ކުރަން ފެއްޓި 4 ހާސް ކުދިންގެ ތެރެއިން ނަޞާރާދީނުގެ ކުދިންގެ ނިސްބަތަކީ އެންމެ ތިންބައިކުޅަ އެއްބައި ކަމަށްވެސް ނޫހުގައި ބުނެފައިވެއެވެ.

ލިބްރާލީ ފިކުރެއް ގެންގުޅޭ މި ނޫހުގައި، ކާޑިނަލް ސީޕީ ބުނިކަމަށް ބުނެފައިވެއެވެ. ''މި މަދަރުސާގެ ސިޔާސަތަކީ، މިތާގައި ކިޔަވާ މުސްލިމު ކުދިންނަށް ފެންވަރު ރަނގަޅު ތަޢުލީމެއް ދިނުން، އަދި އެކުދިންނަކީ ހުޅުވިފައިވާ ސިކުނޑިތަކެއްގެވެރި، ނަޞާރާ ދީނާއި ބެހޭގޮތުން މީހުން ދައްކާ ޙަޤީޤަތާއި ޚިލާފު ވާހަކަތަކުން އަސަރު ނުކުރާ ބަޔަކަށް ހެދުން'' .

މިމޭރުމުން ވާހަކަ ދައްކަމުން، އޭޝިއާގެ ޤައުމުތަކުގައި ވަރަށް ގިނަ ޢަދަދަކަށް މިފަދަ މަދަރުސާތައް ހުޅުވިފައިވާކަމަށް އިޝާރާތްކޮށްފައިވެއެވެ. މި މަދަރުސާތަކުގެ މައިގަނޑު ބޭނުމަކީ، ރަނގަޅުފެންވަރެއްގައި ކިޔަވައިދޭ މި މަދަރުސާތަކަށް މުސްލިމު ކުދިން ވައްދައި، އެ ކުދިން ދީނާއި ދުރުކޮށް އަމިއްލަވަންތަކަން ގެއްލުވައިލުމެވެ. އަދި ހަލުއިކަމާއިއެކު ފެތުރެމުންދާ އިސްލާމްދީން، ހުއްޓުވައިލުމެވެ. މިސާލަކަށް އާބާދީގެ އެންމެ 2 އިންސައްތަ މަސީޙީން އުޅޭ އިންޑިއާގެ ހިލޭސާބަހަށް ކުރާ މަސައްކަތުގެ 28 އިންސައްތަ ހިއްސާ ކުރަނީ، ނަޞްރާނީ ޖަމާޢަތްތަކުންނެވެ.

އިންޑިއާގައި ހިންގާ ތަންޞީރީ މަދަރުސާތަކުގައި ކިޔަވާ ކުދިންގެތެރެއިން ދެބައިކުޅަ އެއްބަޔަކީ މުސްލިމުންގެ ދަރިންނެވެ. އާދައިގެ މަދަރުސާތަކުން ދޭ ތަޢުލީމަށްވުރެ މި މަދަރުސާތަކުން ދޭ ތަޢުލީމު ފެންވަރު ރަނގަޅުވީމާ، ގިނަބަޔަކު އެމީހުންގެ ދަރިންގެ ކުރިމަގު ޔަޤީންކުރުވުމަށްޓަކައި މިފަދަ ތަންތަނަށް ފޮނުވަނީއެވެ.

މި ފަދަ މަދަރުސާތައް ހިންގުމަށް، ވެޓިކަންގެ ބަޖެޓުން ވަރަށް ބޮޑު ހޭދައެއް ކުރެވޭކަމަށާއި، އެހެންނަމަވެސް އެމީހުން ދެކެނީ އެއީ އިސްލާމްދީން ފެތުރުމާއި ދެކޮޅަށް ކުރެވޭ ހަނގުރާމައިގައި، ހޭދަކުރުން އެކަށީގެންވާ މިންވަރެއް ކަމަށް ވެޓިކަން ދެކޭކަމުގައި، މި ތަޤުރީރުގައި ބަޔާންކޮށްފައިވެއެވެ. ތަޤުރީރު އަންދާސާ ކުރިގޮތުގައި މި އެއްވުމުގެ އަހަރީ ބަޖެޓު 500 މިލިއަން ޑޮލަރާއި ކައިރި ކުރެއެވެ. މި ފައިސާގެ ތެރެއިން ބޮޑު ބައެއް ހޭދަކުރެވެނީ، މުސްލިމުން ނަޞްރާނީ ކުރުމަށާއި އިސްލާމްދީން ފެތުރުން ހުއްޓުވުމަށެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.