ބުދަ20200916

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ފަހުގެ މައްސަލަތައް ޢިލްމުވެރިންގެ މެދުގައި ޚިޔާލު ތަފާތުވުމުގެ ސަބަބުތަކާއި އެކަމުގައި އަހަރެމެން ދެކޭގޮތް

ޢިލްމުވެރިންގެ މެދުގައި ޚިޔާލު ތަފާތުވުމުގެ ސަބަބުތަކާއި އެކަމުގައި އަހަރެމެން ދެކޭގޮތް

ilmuverin-khiyaalu-thafaathuޙަމްދުހުރީ ﷲ އަށެވެ. އަޅަމެން ޙަމްދުކުރަނީ އެކަލާނގެއަށެވެ. އަދި ވާތްގަށް އެދި ފުއްސެވުމަށް ދަންނަވަނީ، އަދިތައުބާވެ ރުޖޫޢަވަނީ ވެސް އެކަލާނގެ ޙަޟްރަތަށެވެ. އަޅަމެންގެ ނަފުސުތަކާއި ޢަމަލުތަކުގެ ނުބައިކަމުން ގަދަކީރިތި ވަންތަ ﷲ ތަޢާލާ ގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދެމެވެ. ތެދުމަގު އިޚްތިޔާރުކުރުމުގެ ސަބަބުން އެކަލާނގެ މަގުދައްކަވައިފި އަޅަކު ވާވެއްދޭނޭ ފަރާތެއް ނުވެއެވެ. އަދި ކާފަރުކަން އިޚްތިޔާރުކޮށްގަތުމުގެ ސަބަބުން އެކަލާނގެ މަގުފުރައްދަވައިފި އަޅަކަށް ތެދުމަގުދެއްކޭނޭ ފަރާތެއް ނުވެއެވެ.

ބައިވެރިޔަކު ނުވާ އެއްކައުވަންތަ މާތް ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަމެއް ވެވޭ އެހެން އިލާހަކު ނުވާ ކަމަށާއި މުޙައްމަދުގެފާނީ އެކަލާނގެ އަޅާކަމަށާއި ރަސޫލާކަމަށް އަޅު ހެކިވަމެވެ. އެކަލޭގެފާނަށާއި އެކަލޭގެފާނުގެ އާލު އަޞްޙާބުންނާއި ތާބިޢީންނަށް ޞަލަވާތް ލެއްވުމަށް ދުޢާކުރަމެވެ. اللهم صلّ على محمد وعلى آله وأصحابه ومن تبعهم باحسان إلى يوم الدين وسلِّم تسليماكثيرا.

އޭ އީމާންވީ މީހުންނޭވެ! ތިޔަބައިމީހުން ބިރުވެތިވުން ހައްޤުވެގެންވާ ގޮތުގައި މާތް ﷲ އަށް ބިރުވެތިވާށެވެ! އަދި ތިޔަބައިމީހުން ސީދާ ބަހުން ބަސްބުނާށެވެ! އޭރުން އެކަލާނގެ ތިޔަބައިމީހުންގެ ޢަމަލުތައް އިސްލާޙުކޮށްދެއްވާނެއެވެ. ފާފަތައް ފުއްސަވައިދެއްވާނެއެވެ. ﷲ އަށާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންތެރިވެއްޖެ މީހާ ބޮޑުވެގެންވާ ކާމިޔާބަކުން ކާމިޔާބު ހޯދައިފިކަން ކަށަވަރެވެ.

ފަހަރެއްގައި މި މައުޟޫޢާއި މެދު ވަރަށް ގިނަ މީހުންގެ ހިތުގައި ސުވާލު އުފެދުން އެކަށީގެންވެއެވެ. އަދި މިއަށް ވުރެ މުހިންމު މައުޟޫތައް ހުއްޓާ މި މައުޟޫ އިޚްތިޔާރުކުރި ސަބަބާއި މެދު ބައެއް މީހުން ސުވާލުކުރުމަކީ ވެސް ދުރުކަމެއް ނޫނެވެ. ނަމަވެސް ޙަޤީޤަތުގައި މިއީ ވަކީން ޚާއްސަކޮށް މިޒަމާނުގައި ވަރަށް ގިނަ މީހުންގެ ފިކުރުތައް ހުއްޓިފައިވާ ދިމާއެކެވެ. ހަމައެކަނި ޢާއްމުންނެއް ނޫނެވެ. ދީން ކިޔަވަމުންދާ ބައެއް ދަރިވަރުންވެސް މެއެވެ. ސަބަބަކީ މަޢުލޫމާތު ފެތުރުމުގެ ތަފާތު ވަސީލަތްތަކުގެ ޒަރީޢާއިން ދީނީ ޙުކުމްތައް ފުޅާ ދާއިރާއެއްގައި ފެތުރެމުންދާ ދިއުމެވެ. އަދި އެކެއްގެ ބުނުމާއި އަނެކާގެ ބުނުމާއި ދެމެދުގައި ބައެއް ފަހަރަށް ތަފާތުވާ ތަފާތުވުމަކީ އޮޅުންބޮޅުންތަކަށް މަގުފަހިވާ ސަބަބެއްކަމުގައި ވެފައިވުމެވެ. ވަކީން ޚާއްސަކޮށް ފިޤުހީ ޚިލާފުވުންތަކުގެ ސަބަބުތަކާއި ގޮތްތައް ނޭނގޭ ޢާންމުން ގެ ތެރޭގައެވެ. މި ސަބަބަށްޓަކައި އަހަރެންގެ ނަޒަރުގައި މުސްލިމުން ކުރެ އެތައް ބައެއްގެ ޚިޔާލު ހުއްޓިފައިވާ މި މައުޟޫއަށް އިންސާފުކޮށްލުމީ ވަރަށް މުހިންމު ކަމެކެވެ.

ﷲ ތަބާރަކަ ވަތާޢާލާ މި އުންމަތަށް ދެއްވާފައިވާ ނިޢުމަތްތަކުގެ ތެރޭގައި ހިމެނޭ އެއް ނިޢުމަތަކީ މި ދީނުގެ އަސްލުތަކާއި މަޞްދަރުތަކާމެދު މުސްލިމުންގެ މެދުގައި އެއްވެސް ޚިލާފެއް ޚިޔާލު ތަފާތުވުމެއް ނެތް ކަމެވެ. އަސްލުގައި ޚިލާފުތައް ހުރީ މުސްލިމުންގެ ޙަޤީޤީ އެއްބައިވަންތަކަމަށް ބުރުލެއް ނާރާނެ ފަދަ ކަންކަމުގައެވެ. އެއީ ހަމަ ކޮންމެހެން އެކަން ވާންޖެހޭނޭ ގޮތްވެސް މެއެވެ.

ﷲ ތަޢާލާ ކީރިތި ރަސޫލާ ފޮނުއްވީ ހިދާޔަތާއި ޙައްޤު ދީނާއިގެން ކަމީ މާތް ﷲ ގެ ފޮތާއި އެކަލާނގެ ރަސޫލު ޞައްލަ ﷲ ޢަލައިހިވަސައްލަމްގެ ސުންނަތުގެ އަލީގައި އެންމެހާ މުސްލިމުން ޔަޤީންކުރާކަމެކެވެ. މިފަދައިން ޤަބޫލުކުރުމުން އެ އިޤުރާރުވެވެނީ އިތުރު ބަޔާނަކަށް ބޭނުންނުވާނޭހާ ސާފުކޮށް އެކަލޭގެފާނު މި ދީން ބަޔާންކޮށްދެއްވާފައިވާކަމަށެވެ. އެހެނީ ހިދާޔަތު، އައުމުން ފުރެދުންތައް ފިލައިދެއެވެ. އަދި ޙައްޤު ދީން އައުމުން ހުރިހާ ބާޠިލު ދީންތަކެއް ފިލައިދެއެވެ. އެކަލޭގެފާނު ފޮނުއްވުނީ ހިދާޔަތާއި ހައްޤު ދީނާއިގެންނެވެ.

ކީރިތި ރަސޫލު ޞައްލަ ﷲ ޢަލައިހިވަސައްލަމްގެ ޒަމާނުގައި މީސްތަކުން ކަމަކާއި މެދު ޚިލާފެއް އުފެދިއްޖެ ނަމަ، ޙުކުމްކުރުމަށްޓަކައި ކީރިތި މާތް ނަބިއްޔާގެ އަރިހަށް ދިއުމުން އެކަލޭގެފާނު އެކަމުގެ ޙުކުމް އިއްވަވައެވެ. އެމީހުންގެ މެދުގައި ޚިލާފު އުފެދުނީ ކީރިތި ޤުރުއާނުން އާޔަތަކާއި މެދުގައި ނަމަވިޔަސް ނުވަތަ ޙުކުމް ބާވާނުލައްވާ އޮތް މައްސަލައަކާއި މެދުގައި ކަމަށް ވިޔަސްވެހެވެ. އެހެން ނަމަ އެހިނދުން ﷲ ތަޢާލާ އެކަންކަމުގެ ޙުކުމްތައް ބާވާލައްވައެވެ. އެހެންވެގެން ކީރިތި ޤުރުއާނުގެ ވަރަށް ގިނަ އާޔަތްތަކުގައި [އެމީހުން ކަލޭގެފާނާއި އެވެނި ކަމަކާއި މެދު ސުވާލުކުރެއޭ] މިފަދައިން އައިސްފައިވެއެވެ. ދެން ﷲ ތަޢާލާ އެ ސުވާލުތަކުގެ ފުރިހަމަ ޖަވާބު ކީރިތި މާތް ނަބިއްޔާއަށް އަންގަވާ، އެ ޙުކުމްތައް މީސްތަކުންނަށް ބަޔާންކުރެއްވުމަށް އަމުރުކުރައްވައެވެ. މީގެ މިސާލަކީ ސޫރަތުލްމާއިދާގެ ހަތަރުވަނަ އާޔަތާއި ސޫރަތުލްބަޤަރާގެ ސަތޭކައައްޑިހަ ނުވައެއް، އަދި ދުއިސައްތަ ސަތާރަ އަދި ދުއިސައްތަ ނަވާރަ ވަނަ އާޔަތާއި ސޫރަތުލްއަންފާލްގެ އެއްވަނަ އާޔަތާއި މިނޫންވެސް މި ފަދަ އާޔަތްތަކެވެ.

ނަމަވެސް ރަސޫލު ޞައްލަ ﷲ ޢަލައިހިވަސައްލަމް ސުވަރުގެވަޑައިގަތުމަށްފަހު އެ ދޮރު މުސްލިމުންނަށް ބަންދުވެގެން ދިއުމާއި އެކު ބައެއް މައްސަލަތަކުގައި މުސްލިމުންގެ މެދުގައި ޚިލާފުތައް އުފެދިފައިވެއެވެ. އެހެނަސް އެއީ ޝަރީޢަތުގެ އަސްލުތަކާއި ތަރަހަތައް މުގުރިގެންދާ ފަދަ ކަންކަމުގައެއް ނޫނެވެ. މި ލިޔުމުގައި އަހަރެން ބަލާނީ އެކަމަށް ދިމާވި ބައެއް ސަބަބުތައް ނަމަވެސް ބަޔާންކޮށްލެވޭތޯއެވެ.

އެއްވެސް ޝައްކެތް ނެތި އަހަރެމެން އެންމެން ވެސް ޤަބޫލުކުރާ ގޮތުގައި އެބޭފުޅެއްގެ ޢިލްމާއި އަމާނާތްތެރިކަމާއި ދީންވެރިކަމާ މެދު އިތުބާރުލިބިފައިވާ އެއްވެސް ޢިލްމުވެރިއަކު ކީރިތި ޤުރްއާނާއި ސުންނަތުން ފުރިހަމައަށް ސާފުވާން އޮތް ކަމަކާއި ޤަސްދުގައި ޚިލާފުވެވަޑައެއް ނުގަންނަވާނެއެވެ. އެހެނީ ޢިލްމުވެރިކަމާއި ދީންވެރިކަމުން ސިފަލިބިއްޖެ މީހެއްގެ ޢަމަލުތަކުގެ ހުންގާނަކީ ޙައްޤެވެ. އެމީހެއްގެ ޢަމަލުތަކުގެ ހުންގާނަކީ ޙައްޤުކަމުގައި ހަދައިފި މީހަކަށް މާތް ﷲ ޙައްޤު ގޮތް ތަނަވަސްކޮށްދެއްވާނެއެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. { وَلَقَدْ يَسَّرْنَا الْقُرْآنَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ }[1]

މާނަ: އަދި ހަމަކަށަވަރުން ހަނދާންކުރުމަށްޓަކައި(ޤުރުއާން ދަސްކޮށް އާޔަތްތަކާއި މެދު ފިކުރު ހިންގުމަށްޓަކައި) ތިމަންރަސްކަލާނގެ ޤުރުއާން ފަސޭހަކޮށްދެއްވީމެވެ. ފަހެ ހަނދާންކުރާނޭ (އެ ޤުރުއާނުގެ އާޔަތްތައް ކިޔަވާ ފިކުރުކޮށް މަންފާ ލިބިގަންނާނޭ) މީހަކު އެބަހުރިހެއްޔެވެ؟

އެބަހީ: ޤުރުއާން ދަސްކޮށް އާޔަތްކާއި މެދު ފިކުރު ހިންގާ މަންފާ ލިބިގަންނަ މީހަކަށް އެ ޤުރުއާން ތިމަންރަސްކަލާނގެ ފަސޭހަކޮށްދެއްވީމެވެ.

އެހެން އާޔަތެއްގައިވެއެވެ. { فَأَمَّا مَن أَعْطَى وَاتَّقَى وَصَدَّقَ بِالْحُسْنَى فَسَنُيَسِّرُهُ لِلْيُسْرَى }[2]

މާނަ: އަދި ތަޤްވާވެރިވެ އެމީހެއްގެ މުދަލުން ޒަކާތްދީ އަދި އެކަމުގެ ހެޔޮ ޖަޒާ މާތް ﷲ ދެއްވާނެކަން ޔަޤީންކޮށްފި މީހާއަށް ހެޔޮ ކަމުގެ މަގުތައް ތިމަންރަސްކަލާނގެ ތަނަވަސްކޮށްދެއްވާހުށީމެވެ.

ނަމަވެސް ހަމަ މިފަދަ ޢިލްމުވެރިންގެ ކިބައިން ވެސް ﷲ ތަޢާލާގެ ޙުކުމްފުޅުތައް ބަޔާންކުރެއްވުމަގައި ކުށްކުރެވުމަކީ އެކަށީގެންވާ ކަމަކެވެ. ﷲ އިންސާނާ ސިފަކުރައްވާ ވަޙީކުރައްވާފައިވެއެވެ.{ وَخُلِقَ الإِنسَانُ ضَعِيفًا }[3]

މާނަ: އަދި އިންސާނާ ހެއްދެވިގެންވަނީ ބަލިކަށި އެއްޗެއްގެ ގޮތުގައެވެ.

ވުމާއެކު އިންސާނާއަކީ ޢިލްމާއި އެނގުމުގައި، އަދި އޭގެ ވަށާޖެހުމާއި ޝާމިލުކަމުގައި ބަލިކަށި އެއްޗެކެވެ.އެހެންވީމާ ބައެއް ކަންކަމުގައި ކޮންމެ އިންސާނެއްގެ ކިބައިންވެސް ކުށްކުރެވުމަކީއެކަން ނުވެ ނުދާނޭ ގޮތެވެ.

ޙުކުމްތައް ބަޔާންކުރެއްވުމުގައި ޢިލްމުގެ އަހުލުވެރިން، އެއްބޭފުޅަކު އަނެއް ބޭފުޅަކާއި ޚިލާފުވެލެއްވުމުގެ ސަބަބުތައް ގިނަކަމުގެ މިސާލު އައްސޭރިއެއް ނެތްކަނޑެއް ފަދައެވެ. ނަމަވެސް އަހަރެން ބަލާނީ އެ ބޮޑުމައުޟޫ މައިގަނޑު ހަތް ސަބަބެއްގެ މައްޗަށް ތިލަކޮށްލެވޭތޯއެވެ.

ފުރަތަމަ ސަބަބު: ކަމެއްގެ ޙުކުމާއި މެދުގައި އައިސްފައިވާ ދަލީލު ލިބިވަޑައި ނުގަތުން.

މި ސަބަބަކީ ޞަޙާބީންގެ ފަހުން އައި މީހުންނަށް އެކަނި ޚާއްސަވީ ސަބަބެއް ނޫނެވެ. އެއާޚިލާފަށް މިއީ ޞަޙާބީން ގެ ފަހުގެ ޖީލުތަކެކޭ އެއްފަދައިން ޞަޙާބީން ވެސް އޭގައި ޝާމިލުވާ ސަބެބެކެވެ.

މިސާލު (1):

ޞަޙީޙުލްބުޚާރީގައްޔާއި އަދި އެނޫންވެސް ހަދީޘް ފޮތްފޮތުގައި ރިވާވެގެންވެއެވެ. އަމީރުލްމުއުމިނީން ޢުމަރުބުނުލްޚައްޠާބު ރަޟިޔަ ﷲ ޢަންހު ޝާމުކަރައަށް ދަތުރުފުޅެއް ކުރެއްވިއެވެ. މި ދަތުރުފުޅުގެ މަގުމަތީގައި ޠާޢޫނުގެ ވަބާ ޝާމްކަރައިގައި ފެތުރިގެން އުޅޭ ޚަބަރު އެކަލޭގެފާނަށް އެރުވުނެވެ. އެހިނދު އެކަލޭގެފާނު ގާފިލާ މަޑުޖައްސަވާލެއްވުމަށްފަހު ޞަޙާބީންނާއި މަޝްވަރާކުރެއްވިއެވެ. އެބޭކަލުން އެކަމާއި މެދު ދެ ވިސްނުންފުޅެއްގެ މައްޗަށް ޚިޔާލު ތަފާތުވިއެވެ. މި މަޝްވަރާގެ ތެރޭގައި އެބޭކަލުން ތިއްބަވަނިކޮށް ޢަބްދުއްރަޙްމާން ބިން ޢައުފު އެކަލޭގެފާނުގެ އަމިއްލަ ބޭނުންފުޅެއްގައި ގާފިލާއާ ތަންކޮޅެއް ދުރުގައި އުޅުއްވުމަށްފަހު އެތަނަށް ވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަކަމާއި މެދު ތިމަން ކަލޭގެފާނަށް އެނގޭ އެއްޗެއް އެބަ އޮތެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހިވަސައްލަމް ޙަދީޘްކުރައްވާ އަޑު ތިމަންކަލޭގެފާނު އެއްސެވީމެވެ. ޠާޢޫނުގެ ވަބާ ރަށެއްގައި ފެތުރިފައިވާ ޚަބަރު ތިޔަބައިމީހުން އަހައިފި ނަމައީ އެރަށަކަށް ތިޔަބައިމީހުން ނާރާށެވެ. އަދި ތިޔަބައިމީހުން ތިބި ތަނެއްގައި އެވަބާ ފެތުރުނު ނަމައީ އެޔަށް ފިލުމަށްޓަކައި ތިޔަބައިމީހުން އެރަށަކުން ނުފައިބާށެވެ.[4]

ވިސްނާށެވެ. މުހާޖިރީންނާއި އަންޞާރުންގެ ތެރެއިން ބޮޑެތި ބޮޑެތި ޞާޙާބީންނަށް މި ޙަދީޘްގެ ޚަބަރު ޢަބްދުއްރަޙްމާން ބިން ޢައުފް ރަޟިޔަ ﷲ ޢަންހު ދެއްވުމުގެކުރީގައި އެވަނީ ވަންހަނާވެގެންނެވެ.

މިސާލު (2)

ސޫރަތުއްޠަލާޤް ގެ ހަތަރު ވަނަ އާޔަތުގައި މާބަނޑު އަންހެނާގެ ޢިއްދާއަކީ ބަނޑުގައިވާ ދަރިފުޅު ވިހެއުން ކަމުގައި އަންގަވާފައިވެއެވެ. އަދި ސޫރަތުލްބަޤަރާގެ ދުއިސައްތަ ތިރީސް ހަތަރު ވަނަ އާޔަތުގައި ފިރިމަރުވެފައިވާ އަންހެނާގެ ޢިއްދާއަކީ ހަތަރު މަހާއި ދިހަ ދުވަސް ކަމުގައި އަންގަވާފައިވެއެވެ.

މި ދެ އާޔަތުގެ ދޭހައިގައި ޢަލީ ރަޟިޔަ ﷲ ޢަންހު އާއި ޢަބްދު ﷲ ބިން ޢައްބާސް ރަޟިޔަ ﷲ ޢަންހުމާ އާ މި ދެ ބޭކަލުން ދެކެވަޑައިގަންނަވާ ގޮތުގައި ފިރި މަރުވެފައިވާ މާބަނޑު އަންހެނާގެ ޢިއްދާއަކީ ދެ ޢިއްދައިގެ ތެރެއިން އެމީހެއްގެ ނިސްބަތުގައި ދިގު ޢިއްދާއެކެވެ. މާނައަކީ ހަތަރު މަހާއި ދިހަ ދުވަސް ހަމަވާއިރު ބަނޑުގައިވާ ދަރިފުޅު ނުވިހާ ކަމުގައި ވަނީ ނަމަ ވިހަންދެން ޢިއްދާގައި އިންނަންޖެހޭނެއެވެ. އަދި މާބަނޑުގައި އޮތް ދަރި ވިހޭއިރު ޢިއްދާގައި އިންނަތާ ހަތަރު މަހާއި ދިހަ ދުވަސް ނުވާ ނަމަ އަދި ދަރިފުޅު ވިހޭ ކަމުގައި ވިޔަސް ހަތަރު މަހާއި ދިހަ ދުވަސް ހަމަވަންދެން ޢިއްދާގައި އިންނަން ޖެހޭނެއެވެ.

ނަމަވެސް ކީރިތި ރަސޫލު ޞައްލަ ﷲ ޢަލައިހިވަސައްލަމްގެ ސުންނަތުގައި މި ދެ ޙުކުމް އެއްފަހަރާ ދިމާވާ ހާލަތުގައި (މާބަނޑުވެފައިވާ އަންހެނެއްގެ ފިރި މަރުވާ ހާލަތުގައި) ކަން ކުރަންވާ ގޮތް ސާބިތުވެގެންވެއެވެ. ސަބީޢަތުލްއަސްލަމިއްޔާ ރަޟިޔަ ﷲ ޢަންހާ ގެ ކިބައިން ރިވާވެގެންވެއެވެ. އެކަމަނާގެ ފިރިކަލުން އަވަހާރަވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ދަރިފުޅު ވިހައިފިއެވެ. އެފަހުގައި ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހިވަސައްލަމް އެކަމަނާއަށް ކައިވެނިކުރުމުގެ އިޒުނަފުޅު ދެއްވިއެވެ.[5]މި ޙަދީޘުން އެނގޭ ގޮތުގައި ފިރިމަރުވެފައިވާ އަންހެނާގެ ޢިއްދާ ކަމުގައި އަލްބަޤަރާ ސޫރަތުގެ ދުއިސައްތަ ތިރީސް ހަތަރުވަނަ އާޔަތުގައި ބަޔާންކުރައްވާފައިވާ ހަތަރުމަހާއި ދިހަ ދުވަހުގެ ޢިއްދާއަކީ ފިރިމަރުވިއިރު ރަޙިމު ހުސްކޮށް ހުރި އަންހެނާއަށް ޚާއްސަ ޢިއްދާއެކެވެ. އަދި ހުރިހާ ހާލަތެއްގައިވެސް މާބަނޑު އަންހެނާގެ ޢިއްދާއަކީ ވިހެއުމެވެ. އެއްވެސް ޝައްކެތް ނެތް ގޮތުގައި އޭގެ ދެކަލުންނަށް މި ޙަދީޘް ލިބިވަޑައިގެންފައި ނުވަނީއެވެ. އެހެންނޫންނަމަ އެ ދެއާޔަތް މާނަކުރެއްވުމުގައި މި ޙަދީޘަށް ރިޢާޔަތްކުރައްވާނެ ކަމީ ޝައްކެތް އޮތްކަމެއް ނޫނެވެ.

ދެވަނަ ސަބަބު: ކަމެއްގެ ޙުކުމާއި މެދު އައިސްފައިވާ ދަލީލު ލިބިވަޑައިގަތަސް ދަލީލު ގެނެސްދިން ފަރާތަށް އިތުބާރުނުކުރެވުމާއި އަދި އެ ދަލީލު އެއަށްވުރެ ވަރުގަދަ ދަލީލަކާއި ފުށުއަރާކަމުގައި ދެކެވަޑައިގަތުން:

މި ސަބަބު ގެ މިސާލަކަށް ވެސް އަހަރެމެން ގެންނާނީ ޞަޙާބީންގެ ތެރޭގައި ހިނގާފައިވާ ހާދިސާއެކެވެ. ފާޠިމާ ބިންތު ޤައިސް ރަޟިޔަ ﷲ ޢަންހާ ގެ އަރިހުން ރިވާވެގެންވެއެވެ. އެކަމަނާގެ ފިރިކަލުން ތިންވަނަ ފަހަރަށް އެކަމަނާ ވަރިކުރެއްވުމުން ޢިއްދާގައި އިންނަވަނިކޮށް ފިރިކަލުން އޭނާގެ ވަކީލުގެ އަތަށް ދެއްވައިފައި އެކަމަނާގެ ނަފަގާތް[6] ފޮނުއްވެވިއެވެ. ނަމަވެސް އެކަމަނާ އެޔާއި ހިތްޕުޅާ ހަމަ ނުކުރައްވާ އަދި އެ ހިއްޕެވުމާއި ވެސް ދެކޮޅު ހެއްދެވިއެވެ. ދެން މި މައްސަލަ މާތް ނަބިއްޔާގެ އަރިއަހަށް އުފުލިއްޖެއެވެ. އެހިނދު އެކަލޭގެފާނު ބަޔާންކޮށްދެއްވީ (މިހާލަތުގައި) ފިރިމީހާގެ ފަރާތުން އެކަމަނާއަށް ނަފަގާތެއް ވެސް އަދި އިންނާނެ ތަނެއް ވެސް ދިނުން ލާޒިމުވެގެން ނުވާ ކަމުގައެވެ.[7]

އެހެނީ އެކަމަނާ އިންނެވީ ތިން ފަށްވެފައެވެ. ތިންފަށްވެފައިވާ އަންހެނާގެ ޢިއްދާގެ ދުވަސްވަރުގައި އެކަމަނާ ރުޖޫޢަކުރުމުގެ ޙައްޤެއް ފިރިމީހާއަކަށް ނޯންނާނެއެވެ. ވަރިކުރެވިފައިވާ އަނބިމީހާއަށް ޢިއްދާގެ ދުވަސްވަރުގައި ނަފަގާތްދިނުން ފިރިމީހާއަށް ވާޖިބުވަނީ ރުޖޫޢަކުރެވޭ ފަދަ ވަރިއަކުން ވަރިކުރެވިފައިވާ ހާލަތުގައެވެ. މާބަނޑުވެފައިވާ ހާލަތް ފިޔަވައެވެ. އެއީ ﷲ ތަޢާލާ ވަޙީކުރައްވާފައިވާ މި ބަސްފުޅަށްޓަކައެވެ.

{ وَإِن كُنَّ أُولاتِ حَمْلٍ فَأَنفِقُوا عَلَيْهِنَّ حَتَّى يَضَعْنَ حَمْلَهُنَّ }[8]

މާނަ: އަދި (ވަރިކުރެވުނު އަނބީން) މާބަނޑުކަމުގައި ވާ ނަމަ ފަހެ އެކަނބަލުންގެ ބަނޑުގައިވާ ދަރީން ވިހައިފުމަށް ދާންދެން އެކަނބަލުންނަށް ނަފަގާތްދޭށެވެ.

އިސްވެ ބަޔާންކުރެވުނު ފާޠިމާ ބިންތު ޤައިސް ރިވާކުރެއްވި ޙަދީޘް ޢުމަރުގެފާނަށް ދެންނެވުނު ހިނދު އެކަލޭގެފާނު އެޙަދީޘް ރައްދުކުރެއްވިއެވެ. އެހާދިސާ ހިނގައި ދިޔަ ގޮތް އެކަމަނާއަށް ހަނދުމަފުޅުނެތުމުގެ އިޙްތިމާލު[9] އޮތްކަމުގައި ބައްލަވާފައެވެ. އަދި ތިންފަށްވެފައިވާ އަންހެން ކަނބަލުންނަށް ވެސް އެކަނބަލުންގެ ޢިއްދާގެ ދުވަސްވަރުގައި ވެސް ނަފަގާތްދިނުން ފިރީންގެ މައްޗަށް ލާޒިމުކަމުގައި ދެކެވަޑައިގެންނެވިއެވެ. އެކަލޭގެފާނު ވިދާޅުވީ އެކަންތައް ހިނގައިދިޔަ ގޮތް އެކަމަނާ ރަނގަޅަށް ހަނދާންހުރި ކަމެއް ނުވަތަ ނެތްކަމެއް އަހަރެމެންނަށް ޔަޤީން ނުވާއިރު އެކަމަނާގެ ބަހަށްޓަކައި އަހަރެމެންގެ ވެރިރަސްކަލާނގެ ބަސްފުޅު ދޫކޮށްލާނީ ކިހިނަކުންހެއްޔެވެ؟ އެބަހީ އެކަމަނާގެ ބަހަށް ރިޢާޔަތްކޮށް ﷲ ތަޢާލާގެ ވަޙީބަސްފުޅު ތަފްސީރު ކުރެވެން ނެތް ވާހަކައެވެ.

(ނޯޓު: މާތްރަސްކަލާނގެ ވަޙީބަސްފުޅުގައި ވަނީ ޢިއްދާގައި އިންނަ އަންހެނާއަށް ނަފަގާތްދިނުމަށެވެ. އާޔަތުގެ ބޭރުފުށަށް ބަލާއިރު ވަކި ވައްތަރެއްގެ ވަރިއަކުން ވަރިވެފައިވާ އަންހެނެއް ކަމެއް އެނގޭކަށް ނެތެވެ. ނަމަވެސް އެކަމަނާ އެ ރިވާކުރެއްވި ޙަދީޘަށް ރިޢާޔަތްކޮށް އެ އާޔަތް ތަފްސީރުކުރާއިރުގައި ނަފަގާތް ދޭންޖެހޭނީ ރުޖޫޢަކުރެވޭ ފަދަ ވަރިއަކުން ވަރިކުރެވިފައިވާ އަންހެނާ ޢިއްދާގައި އިންނައިރުގައި އެކަނިކަން ދޭހަވެއެވެ.)

މާނައަކީ ޢުމަރު ރަޟިޔަ ﷲ ޢަންހު އެ ދަލީލު ރިވާވި ގޮތާ މެދު ހިތްޕުޅު ހަމަނުޖެހުނީއެވެ. އެކަލޭގެފާނު ފިޔަވައި އެހެން ޞަޙާބީންނަށާއި އަދި ތާބިޢީންނަށް ވެސް، ބައެއް ދަލީލުތައް ރިވާވެފައިވާ ގޮތާ ހިތްހަމަނުޖެހެވުމުގެ މައްސަލަ ދިމާވި ފަދައިން އޭގެ ފަހުން އައި މީހުންނަށް ވެސް އެ މައްސަލަ ދިމާވިއެވެ. ހަމަ މިފަދައިން އަހަރެމެންގެ މިޒަމާނާ ހަމައަށް ވެސް މިކަން މިހެން ހިނގާފައިވެއެވެ. ކިއެއްހެއްޔެވެ؟ ޤިޔާމަތާ ޖެހެންދެން ވެސް މިކަން ހިނގާނީ މި އުސޫލުންނެވެ. ބައެއް ޢިލްމުވެރިން އެބޭކަލުންނަށް ސައްހަކަމުގައި ދެކެވަޑައިގެން ޙުކުމް ނަންގަވާ ޙަދީޘްފުޅުތައް އަނެއްބައި ޢިލްމުވެރިންނަން ބަލިކަށިކަމުގައި ދެކެވަޑައިގެންނެވޭތީ ދޫކޮށްލައްވާތަން ޢިލްމުވެރިންގެ ބަސްފުޅުތަކުން އަހަރެމެންނަށް ފެންނަނީ ކިހާ ވަރަކަށްހެއްޔެވެ؟ ރިވާވެގެން އައި ގޮތާއި މެދު އިތުބާރުނުކުރެއްވިގެންނެވެ.

ތިންވަނަ ސަބަބު: ދަލީލު ލިބިވަޑައިގަތުމަށްފަހު ހަނދުމަފުޅު ނެތުން

ހަނދާން ނެތުން އެ ފަރާތަކަށްމުސްތަޙީލުވެގެންވާ ފަރާތް މަތިވެރިވެގެންވެއެވެ. އިންސާނުންނަށް އެމީހުން ދަސްކުރާ ޙަދީޘް ހަނދާން ނެތެނީ މަދެއްކޮށެއް ނޫނެވެ. ބައެއް ފަހަރަށް ކީރިތި ޤުރުއާނުގެ އާޔަތްތައްވެސް ހަނދާން ނެތޭ ހާލަތްތައް މެދުވެރިވެއެވެ. އެއްދުވަހަކު ކީރިތި ރަސޫލާ ޞަޙާބީ ބޭކަލުންކޮޅަކާއިއެކު އިމާމްވެ ނަމާދުކުރެއްވިއިރު ހަނދުމަފުޅުނެތިގެން އާޔަތެއް ދޫކޮށްލެއްވުނެވެ. އެ ޖަމާޢަތުގައި އުބައްޔު ބިން ކަޢުބު ވެސް ހުންނެވިއެވެ. ދެން އެކަލޭގެފާނު ނަމާދުން އަވަދިވެވަޑައިންނެވުމަށްފަހު އުބައްޔު ބިން ކަޢުބު ރަޟިޔަ ﷲ ޢަންހަށް ހަދީޘްކުރެއްވިއެވެ. ކަލޭގެފާނު އެ އާޔަތް ތިމަންކަލޭގެފާނަށް ހަނދާންކޮށްދެއްވި ނަމައެވެ.[10]

މިފަދަ އަނެއް މިސާލަކީ ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހިވަސައްލަމް އެއްފަހަރަކު ޢުމަރުގެފާނާއި ޢައްމާރު ބިން ޔާސިރާއި މާތް ނަބިއްޔާގެ ކޮންމެވެސް ބޭނުމަކަށްޓަކައި ތަނަކަށް ފޮނުއްވެވިއެވެ. އޭގެ ދެކަލުން މި ދަތުރު މަތީގައި ބޮޑުހަދަސްވެރިވިއެވެ. (އެއީ ފެން ލިބެން ނެތް ހިސާބެކެވެ.) ދެން ޢައްމާރު ބިން ޔާސިރަށް އެކަލޭގެފާނުގެ އިޖުތިހާދުން ފެނިވަޑައިގަތީ ވެލިން ޠާހިރުވަނީ ހަމަ ފެނުން ވެސް ޠާހިރުވާ ގޮތާ އެއްފަދައިންކަމަށެވެ. އެހެންވެގެން އެކަލޭގެފާނު ހަށިގަނޑުގެ ހުރިހާ ތަނެއްގައި ވެލި އުނގުޅޭނެ ފަދައިން ޖަނަވާރު އެއްޗެހި ހިނޭޖަހާހެން[11] ބިންމަތީގައި ހަމަ ރަނގަޅަށް ފުރޮޅިވަޑައިގެންނެވިއެވެ. މުޅި ހަށިގަނޑުގައި ފެން ޖައްސައިން ހިނައިގަންނަ ގޮތާ އެއްގޮތް ކުރެއްވުމަށެވެ. މިގޮތަށް ޠާހިރުވެލެއްވުމަށްފަހު ޢައްމާރުގެފާނު ނަމާދުކުރެއްވިއެވެ. ނަމަވެސް ޢުމަރުގެފާނަށް ފެނިވަޑައިގަތީ ނަމާދު ނުކުރެއްވުމަށެވެ.

ދެން އޭގެ ދެކަލުން އެނބުރި ރަސޫލު ޞައްލަ ﷲ ޢަލައިހިވަސައްލަމްގެ އަރިހަށް ވަޑައިގަތުމުން ރަނގަޅު ގޮތް އޮޅުންފިލުއްވައިދެއްވިއެވެ. އަދި ޢައްމާރު ބިން ޔާސިރަށް ޙަދީޘްކުރެއްވިއެވެ. ކަލޭގެފާނުގެ ދެ އަތްޕުޅުން މި ގޮތަށް ކަންތައް ކުރެއްވި ނަމަ ފުދިއްޖައީސްކަން ގައިމެވެ. އެހެން ޙަދީޘްކުރެއްވުމަށްފަހު މާތް ނަބިއްޔާގެ ދެ އަތްޕުޅުން ބިންމަތީގައި އެއް ފަހަރު ޖެއްސެވިއެވެ. ދެން ދެއަތްޕުޅު ދެއަތްޕުޅަށް އެއް އަތްޕުޅުން އަނެއް އަތްޕުޅުގެ ކުޑަހުޅާ ހަމައަށް ބޭރުފުށުގައި ފުއްސެވިއެވެ. އަދި މޫނުފުޅުގައި ވެސް ފުއްސެވިއެވެ.

(ނޯޓު: މިތަނުގައި ބަޔާންކުރެވިފައި މިވަނީ ތަޔައްމަމު ކުރުމާ ބެހޭ ގޮތުން އައިސްފައިވާ ރިވާޔަތްތަކުގެ ތެރެއިން އެންމެ ރިވާޔަތެއްކަން ހަނދުމަފުޅު ބެހެއްޓެވުން އެދެމެވެ.)

ޢުމަރުގެފާނުގެ ޚަލީފާކަމުގައްޔާއި އަދި އޭގެ ކުރީގައިވެސް ޢައްމާރު ބިން ޔާސިރު މި ހާދިސާ މީސްތަކުންނަށް ބަޔާންކޮށްދެއްވާ އުޅުއްވިއެވެ. ނަމަވެސް އެއް ދުވަހަކު ޢުމަރުގެފާނު އެކަލޭގެފާނު ގެންނަވައިފައި ވިދާޅުވިއެވެ. ކަލޭގެފާނު ތިޔަ ދައްކަވަނީ ކޮން ހާދިސާއެއްގެ ވާހަކަ ހެއްޔެވެ؟ ދެން ޢައްމާރު ބިން ޔާސިރު އެކަލޭގެފާނަށް ދެންނެވިއެވެ. އެއްދުވަހެއްގައި ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހިވަސައްލަމް ތިމަންމަން ދެކަލުން ތަނަކަށް ފޮނުއްވުމުން ކަންތައް ހިނގައި ދިޔަ ގޮތް ކަލޭގެފާނު ހަނދުމަފުޅު ނެތުނީތޯއެވެ. މިފަދައިން ޢައްމާރު ބިން ޔާސިރު އެ ހާދިސާ ޢުމަރުގެފާނަށް ކިޔައިދެއްވުމުން ވެސް ޢުމަރުގެފާނަށް އެ ހާދިސާ ހަނދުމަފުޅު ވާ ގޮތް ނުވުމުން ވިދާޅުވިއެވެ. އޭ ޢައްމާރުއެވެ. ކަލޭގެފާނު ﷲ އަށް ބިރުވެތިވެވަޑައިގަންނަވާށެވެ. ދެން ޢައްމާރު ބިން ޔާސިރު ވިދާޅުވިއެވެ. މި ވާހަކަ މި ގޮތަށް ނުދެއްކުމީ ﷲ ތަޢާލާ މިއަޅާގެ މައްޗަށް ކަނޑައަޅުއްވާފައިވާ ކަލޭގަފާނަށް ކިޔަމަންތެރިވުމުގެ ތެރެއިން ހިމެނޭ ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ނަމަ މި ވާހަކަ ނުދައްކާހުށީމެވެ.

އެހިނދު ޢުމަރުގެފާނު ވިދާޅުވިއެވެ. ކަލޭގެފާނު ބޭނުންފުޅު ގޮތަކަށް ކަންތައް ކުރައްވާށެވެ. އެބަހީ އެކަލޭގެފާނަށް ހަނދުމަފުޅު ނެތުމަކުން އަދި އެކަން މަނާކުރުމުގެ ޙައްޤު ލިބިވަޑައިގެންވާ ކަމަށް ދެކެނުލައްވާ ވާހަކައެވެ.[12]

ކުޑަ ޙަދަޘުން އެރިގަތުމަށްޓަކައި ފެން ނުލިބިއްޖެ ހިނދުގައި ތަޔައްމަމު ކުރެވޭ ފަދައިން ބޮޑު ޙަދަޘުން އެރިގަތުމަށްޓަކައި ވެސް ތަޔައްމަމު ކުރެވޭކަން ކީރިތި މާތް ނަބިއްޔާ ބަޔާންކޮށްދެއްވާފައިވާ ކަން ޢުމަރުގެފާނު ހަނދުމަފުޅު ނެތުނީއެވެ. މަތިވެރި ޞަޙާބީންކުރެ ޢަބްދު ﷲ ބިން މަސްޢޫދުވެސް މި މައްސަލައިގައި ޢުމަރުގެފާނަށް ތަބާވެވަޑައިގަތެވެ. އަދި ޢަބްދު ﷲ ބިން މަސްޢޫދާއި އަބޫ މޫސާ އާއި ދެމެދުގައި މި މައްސަލައިގައި ބަހުސެއް ވެސް ހިނގައިފައިވެއެވެ. އަބޫ މޫސާ ޢައްމާރު ބިން ޔާސިރު ޢުމަރުގެފާނަށް ދެންނެވި ވާހަކަ ކިޔައިދެއްވުމުން ޢަބްދު ﷲ ބިން މަސްޢޫދު ވިދާޅުވިއެވެ. ބަލަ ޢައްމާރުގެފާނު ގެ ބަސްފުޅުގައި ޢުމަރުގެފާނު ނުހިތްޕަވާތަން ކަލޭގެފާނު ދެކެވަޑައި ނުގަންނަވަނީހެއްޔެވެ؟ ދެން އަބޫ މޫސާ ވިދާޅުވިއެވެ. އެހެންވީއިރު ޢައްމާރުގެފާނުގެ ބަސްފުޅު ބާއްވަވާށެވެ. މާއިދާ ސޫރަތުގައި އައިސްފައިވާ ތަޔައްމަމު ގެ އާޔަތާ މެދުގައި ކަލޭގެފާނު ވިދާޅުވަނީ ކީކޭތޯއެވެ؟ ދެން އިބްނު މަސްޢޫދު ހަނުހުންނެވިއެވެ.[13]

އެއްވެސް ޝައްކެތް ނެތް ގޮތުގައި މި މައްސަލައިގައި ރަނގަޅު ގޮތަކީ ކުޑަ ޙަދަސްވެރިޔާ ފެން ނުލިބިއްޖެ ހާލަތުގައި ތަޔައްމަމު ކުރާ ފަދައިން ބޮޑު ޙަދަސްވެރިޔާ ވެސް ފެން ނުލިބިއްޖެ ހާލަތުގައި ތަޔައްމަމު ކުރުމެވެ. ދަންނަވަން މި އުޅޭ އެއްޗަކީ ބައެއް ފަހަރަށް އިންސާނުންނަށް ހަނދާންނެތުމުގެ ސަބަބުން ދީނީ ޙުކުމްތައް ބުއްދީގެ ވިސްނުމަށް ތިލަނުވާ ފަހަރު އަންނާނެއެވެ. އެހިނދުގައި އޭނާއަށް ރަނގަޅު ނޫން ގޮތަށް ވެސް ބުނެވިދާނެއެވެ. އަދިއެހާލަތުގައި އެފަދަ މީހާއީ ޢުޒުރުވެރިއެކެވެ. އެހެނަސް ދަލީލު ހަނދާން ހުރި މީހާ ޢުޒުރުވެރިއަކަށް ވާނީ ކޮން ފަދައަކުންހެއްޔެވެ؟

-ނުނިމޭ-

މިއީ ފަޟީލަތުއްޝައިޚް މުޙައްމަދު ބިން ޞާލިޙުލް ޢުޘައިމީން (ރަޙިމަހު ﷲ) ލިޔުއްވާފައިވާ"أسباب الاختلاف وموقفنا منه" މި ފޮތުގެ ދިވެހި ތަރުޖަމާއެވެ.

 


[1]سورة القمر الآية (17)

[2]سورة الليل الآية (5-7)

[3]سورة النساء الآية (28)

[4]البخاري ومسلم

[5] البخاري ومسلم

[6]ނަފަގާތް: ލާޒިމްވެގެން ދޭންޖެހޭ ޚަރަދު، އިސްލާމީ ޝަރީޢަތުގައި އަނބި ދަރީންނަށް ޚަރަދުކުރުމަކީ ފިރިމީހާގެ މައްޗަށް ލާޒިމުކަމެކެވެ.

[7] مسلم

[8]سورة الطلاق الآية (6)

[9] އިޙްތިމާލު: ކަމެއް ވެދާނޭ ކަމުގެ ފުރުސަތު

[10]أبو داوود

[11] ހިނޭޖެހުން ނުވަތަ ހިނާޖެހުމުގެ އެއް މާނައަކީ ގައިގެ އެތައް މިތާގައި ވެލި އުނގުޅޭ ގޮތަށް ބިންމަތީގައި ބަކައެޅުމެވެ.

[12]فتح البارى فى شرح صحيح البخارى، كتاب التيمم

[13]فتح البارى فى شرح صحيح البخارى، كتاب التيمم

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.