Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ފަހުގެ މައްސަލަތައް ހައްދު ފަހަނަޅާ ވާހަކަ ދައްކަމާ..

ހައްދު ފަހަނަޅާ ވާހަކަ ދައްކަމާ..

hadhu-fahana-alhaa-vaahakaމިދުވަސްވަރު އެންމެ ހިނގާ ވާހަކަ އަކީ އެއީ ނޫންތޯއެވެ. މަޖިލީހުގަޔާއި ފޯރަމްތަކުގައެވެ. ޗެޓްރޫމްތަކާއި ނޫސްތަކުގައެވެ. ފަހަރެއްގައި ހޮޅުއަށިތަކާއި، ގޭގޭގެ ސުފުރާމަތީންނާއި، މިހެން ގޮސް، ހުރިހާތަނެއްގައެވެ. މިއީ ދިވެހި އުއްމަތައް މިވަގުތު ދިމާވެފައިވާ އެންމެ ނުރައްކާ އެއް މައްސަލައަށް ވީމާއެވެ. ވީމާ ޚިޔާލެއް ފާޅުކޮށްލަމާ ބަހީއެވެ. ޙުކުމެއް ކަނޑަނާޅާނީއެވެ.

އަދި މިވެނި ގޮތެއް މިވެނިހެން ވީ އެވެނިހެން ވެގެންނޭ ބުނާ ކޮންމެ ފަހަރަކު އެއީ ވަކި ޙުކުމެއް ކަނޑައަޅަން ބުނާ ބުނުމެއް ނޫންކަމަށް ވެސް ބަލާނީއެވެ. ހަމަ އެކަނި އެއީ އަޅުގަނޑުގެ ޚިޔާލުކަމުގައި ވެސް ނިންމާނީއެވެ.

ވީމާ.. އާދެ! ގިނަ މީހުން އެއްބަސްވާ ގޮތުން ރާއްޖެ މި ހާލަތަށް މިދިޔައީ ސަރުކާރު ގެ އިހުމާލުންނެވެ. 'އިހުމާލު' މި ބަހުގައި އަޅުގަނޑު އެބަ އަޅައި ގަނެއެވެ. ސަބަބަކީ މިކަންތައްގަނޑުގެ ފާޅުވުންގަނޑު ފެށިގެން އައި ދުވަސް ވަރު ސަރުކާރުން އިހުމާލު ނުވާކަން އަޅުގަނޑަށް އެނގޭތީއެވެ.

ދީނީ އެއްބައިވަންތަކަމުގެ ގާނޫނެއް ސަރުކާރުން އެކުލަވައިނުލައިހެއްޔެވެ؟ އެ ގާނޫނުގެ ދަށުން 'ބީރެއްޓެހި' ގޮތް ގޮތަށް ދީނުގެ ރަސަމް ތައް އަދާކުރާ މީހުން ހައްޔަރުނުކުރޭހެއްޔެވެ؟

ހަމަ ގައިމު ވެސް، ބައެއް މިސްކިތްތަކުން ނަމާދުކޮށް އަވަދިވާތަނުން ޖަމާޢަތަށް ހާޒިރުވި ބައެއް މީހުން ހައްޔަރުކޮށްފައި އެބަހައްޓެވެ. ސަފުގައި ތިބޭއިރު އަނެއް މީހާގެ ފައިގައި ފައި ޖައްސާތީއެވެ. ނޫނީ އިނގިލިތަޅުވާތީއެވެ. މިއީ ދިވެހިން ދަންނަ ގޮތާ ބީރެއްޓެހި ގޮތްތަކެވެ.

ސަރުކާރުން އިހުމާލުވީއެއް ނޫނެވެ. ފަރުވާކުރުމުގައި ބަލި ރަނގަޅަށް ތަހުލީލު ނުކުރެވުނީއެވެ. ބޭސް ކަމު ނުދިޔައީއެވެ.

ތެދުވެރި މުސްލިމުންނަކީ ސަލްމާނުލް ފާރިސީ ކަހަލަ މީހުންނެވެ. ރޯދަމަހު ސިޔަރަތު އަޑުއަހަމު ނޫންތޯއެވެ. އާދެ އެކަލޭގެފާނަކީ ފާރިސްކަރައިގެ ރަނގަޅު ޢާއިލާއެއްގެ ހަމައެކަނި ފިރިހެންދަރިފުޅެވެ. އެ ހުރިހާ ކަމެއް ޤުރުބާންކުރައްވައި ރަށުން ނުކުމެވަޑައިގަތީ ޙައްޤު ހޯއްދެވުމަށެވެ.

ކާބަފައިން އަލިފާނަށް އަޅުކަންކުރުމަކީ ޙައްޤު ނޫންކަން އެނގިވަޑައިގަތީމާއެވެ. އެއަށް ފަހު އެންމެ ޙައްޤު ގޮތް ކަމަށް ފެނުނު ގޮތަށް ތަބާވެގެން އުޅުއްވަނިކޮށް، އެއީ ވެސް ޙައްޤު ނޫންކަން ސާބިތުވެއްޖެއެވެ. ވީމާ ދަތުރު ކުރިޔަށް ގެންދެވިއެވެ. ޙައްޤު ފާޅުވަންދެންނެވެ.

އިސްލާމް ދީނަކީ ޙައްޤެވެ. އެއީ ޙައްޤު ކަމުގައި ޤަބޫލުކުރެވިގެން އެދީނަށް ވަދެވުމުން ނޫނީ ޙަޤީޤީ މުސްލިމަކަށް އަދި ނުވެއެވެ. ވީމާ މުސްލިމާ ގެ އެއް ލަނޑުދަނޑިއަކީ ޙައްޤު ހޯދުމެވެ.

ނަމަވެސް، ސަރުކާރުން އުފެއްދި ޤާނޫނަކީ ރާއްޖޭގެ ދީނީ އެއްބައިވަންތަކަމުގެ ޤާނޫނެވެ. އެއީ ޙައްޤަސް ބާޠިލަސް މުހިއްމީ ދިވެހިންގެ ކާބަފައިންގެ ދީން ހިމާޔަތްކުރުމެވެ. މި ދަންނަވަނީ ދިވެހިން ތިބީ ބާޠިލްކަންމަތީގައެކޭ ނޫނެވެ.

އެހެން ނަމަ ވެސް، ޖާހިލުކަމުގެ ސަބަބުން އަދި އެނޫން ސަބަބު ތަކާހެދި ނަމަ ވެސް ދިވެހި މުޖުތަމަޢުގައި އާދަކާދައިގެ ގޮތުން ވެސް، އިސްލާމީ މަތިވެރި ގޮތްތަކާ ޚިލާފު އާދަތަކެއް ހުރުން އެކަށީގެންވެއެވެ. ހުރިމެއެވެ.

ބައެއްކަހަލަ ބިދްޢަތަކަށް ދިވެހިން އަރައި ނުގަނޭހެއްޔެވެ؟ ގަބުރުތަކަށް ނަދުރު ބުނުންކަހަލަ ކަންތަކަށެވެ. އަދި އެކަންތައްތައް ހުއްޓުވީ އަޒްހަރުގެ ދަންނަބޭކަލުން އިސްވެ ތިއްބަވައި ނޫންތޯއެވެ؟ އެކަމާ ދިވެހީން އެއިރު ނުރުހިގެން ނޫޅޭތޯއެވެ. ނަމަ ވެސް އޮޅުންފިލުވައިދިނުމުން މިހާރު އެކަންތައްތައް ނެތި ހިނގައްޖެއެވެ. އެހެން ނަމަވެސް މިކަންތައްތަކަކީ ރާއްޖޭގެ ދީނީ ވަޙްދަތު ނަގާލުންކަމުގައި އެއިރު ސަރުކާރުގައި ތިއްބެވި އިސް ވެރިން ދެކެވަޑައެއް ނުގަންނަވައެވެ. ސަބަބަކީ އެފަދަ ބިދުޢަތައް ނައްތާލެއްވުމުގައި އެބޭފުޅުން ވެސް ރޯލެއް އަދާކުރެއްވުމެވެ.

'ހައްދުފަހަނައެޅުން' މި ކަލިމައަށް ވިސްނާލާ އިރު މީގެ މާނައަށް ވެސް ވިސްނާލަން އެބަ ޖެހެއެވެ. ދީނުގައި ކޮންމެ ކަމަކަށް ވެސް ވަކި މިންތަކެއް ކަނޑައަޅުއްވާފައި ވެއެވެ. އެމިންގަނޑުތެރޭގައި ދާއިރާ ނުހަނު ތަނަވަސްމެއެވެ. މި ދެންނެވި ތަނަވަސް ދާއިރާ ތެރޭގައި، ތަންކޮޅެއް ދޫކޮށްލެވިފައިވާ ސަރަޙައްދަކާއި، ހިފެހެއްޓުންތެރި ސަރަހައްދުތަކެއް ވެސް ވެއެވެ. ހިފެހެއްޓުންތެރި ސަރަހައްދު ގައި ތަންކޮޅެއް ހަރުކަށި އުސޫލުތަކެއް ވާނެކަމާމެދަކު ޝައްކެއް ވެސް ނެތެވެ. ވީ އިރު، މިދެންނެވި ހަރުކަށި އުސޫލުތަކަކީ ނުވަތަ ހިފެހެއްޓުންތެރި އުސޫލުތަކަކީ އެއީ ހައްދުފަހަނައެޅުން ކަމުގައި ބުނާ ނަމަ އެހެން ބުނާ ބަޔަކު އެތިބީ ހައްދު ފަހަނައަޅާފައެވެ. އަދި ހަމަ އެހެންމެ ދޫދެވިފައިވާ އުސޫލުތައް އެއީ މުރުތައްދުވުން ކަމުގައި ބުނުން އެއީ ވެސް ހައްދުފަހަނައެޅުމެކެވެ.

މިސާލަކަށް ސުންނީ ހަތަރު މަޛްހަބު ވެސް ދޫދިނުމުގައްޔާއި، ހިފެހެއްޓުންތެރިކަމުގައި ހަރުކަށިމިން ތަފާތެވެ. އެގޮތުން ބައެއް ކަންތަކުގައި -ވަރަށް ގިނަ ކަންތަކުގައި- އަނެއް ތިން މަޛްހަބަށް ވުރެ ޝާފިޢީ މަޛްހަބް ހަރުކަށްޓެވެ. ވީމާ ޝާފިޢީ މަޛްހަބް ހައްދުފަހަނައެޅީއޭ ބުނަންވީތޯއެވެ!

ސަރުކާރުން އުފެއްދި ދީނީ އެއްބައިވަންތަކަމުގެ ޤާނޫނުގައި، މިދެންނެވި ހިފެހެއްޓުންތެރި ވިސްނުމުގެ މީހުންނަކީ އެއީ ހައްދުފަހަނައެޅުންކަމުގައި، ތަންފީޒީ ދާއިރާތަކުން ތަރުޖަމާކުރަންފެއްޓިއެވެ. އަދި އެ ޤާނޫނުގެ ދަށުން 'ބީރެއްޓެހިން' ހައްޔަރުކޮށް އަދަބުދެވުނެވެ.

މީގެ މިސާލެއް ދަންނަވާނަމެވެ. ރާއްޖޭގައި އުޅުއްވި ޢިލްމުވެރިއެކެވެ. ދިވެއްސެކެވެ. އޭނާ ތުރުކުރައްވަނީ ޖުއްބާއެވެ. ބޮލުގައި ފަގުޑިއެކެވެ. ތުނބުޅިހުރެއެވެ. މި ކަލޭގެފާނުންގެ މަޖިލީސްތަކުގައި ޅަފަތުގެ ދުވަސްތަކެއް ހޭދަކުރުމުގެ ފުރުޞަތުލިބުނު މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ދަންނަވާނީ، އެއީ ދޫ ފަސޭހަ، މީހުންނާ އުފާވެރި މޫނަކާ އެކު ބައްދަލުކުރައްވާ، އަދި މުޚާޠަބުކުރެވެނީ ކިހާ ފެންވަރެއްގެ ކޮން ބަޔަކާކަން ވެސް ދެނެވަޑައިގަންނަވާ ބޭކަލެއް ކަމެވެ. ކުޑަކުދިންގެ ނަފްސިއްޔާތު އެނގިވަޑައިގަންނަވައެވެ. ޒުވާނުންގެ ހުޅުވިފައިވާ ޠަބީޢަތާއި، އެމީހުންގެ ލަގަންއަޅުވަންޖެހޭ ނަފްސިއްޔަތު ދެނެވަޑައިގަނޭމެއެވެ. އަދި މުސްކުޅިންގެ ގޮތްދޫނުކުރުމަށް ވެސް ޙިކުމަތް އިސްކުރެއްވިއެވެ. އޭގެ އިތުރުން، ދެއްވާ ދަރުސްތަކާ އެއްގޮތަށް ޢަމަލުކުރައްވާތަން މީހުންނަށް ފެނެއެވެ. މި އުޅެނީ ވަކި މީހަކަށް ތާރީފުކުރާކަށް ނޫނެވެ.

އޭނާ އިމާމް ވެ ނަމާދުކުރެއްވިއެވެ. ފަތިސްނަމާދުގައި ޤުނޫތު ކިޔުއްވިއެވެ. ދިވެހިންނަކީ ޝާފިޢީން ކަމުގައި ވާތީއެވެ. ފަހަރެއްގައި ވެސް އެއީ އަދި އެންމެ ޞައްޙަގޮތްކަމުގައި އޭނާ ވިދާޅުވަނީއެއް ނޫނެވެ. ހަށަން ބެންނެވީ ހަމަ ޖަމީލުދީދީ ލިޔުއްވާފައި އޮތް ގޮތަށެވެ. ވީމާ މާ ބޮޑު މައްސަލައެއް ނެތެވެ.

އެހެން ނަމަ ވެސް ދަންނަވަންތޯއެވެ؟ އެއްކަލަ ކަލޭގެފާނު މާލޭ މަގުމަތިން ހިންގަވާފައި ވަޑައިގަންނަވަނިކޮށް، ސިފައިންގެ ޖިޕަކަށް ފެނިއްޖެއެވެ. އަދި ޖިޕުގައި ތިއްބެވި ބޭކަލުންނަށް ފެނިވަޑައިގަތީ އޭނާ ތުރުކުރައްވާފައި ހުރި ޖުއްބާއެވެ. ވަގުތުން ޖިޕައްލައިގެން ސިފައިންގެއަށެވެ. ސިފައިންނަކަށް ގޯހެއް ނެހެދޭނެއެވެ. އަޅުގަނޑު ހިތުން މައްސަލަ ބެއްލެވި ބޭކަލަކަށް ވެސް އެއީ ގޯހެއްކަން އެނގިވަޑައިގަންނަވާނެއެވެ. އެހެން ނަމަވެސް، އެހެރީ ހާޒިރުކުރުވިފައެވެ. ވީމާ ފިޔަވަޅު އަޅަން އެބަ ޖެހެއެވެ. މިއީ މުޖުތަމަޢުގައި ކިހާފެންވަރެއްގެ ޤަދަރެއް ދެވިފައިވާ މީހެއްތޯ ބެލުމެއްނެތެވެ. ގެއަށް ފޮނުވާލެއްވި އިރު ހުންނެވީ މުންޑެއްގައެވެ!!

މިގޮތަށް ދީނީ އެއްބައިވަންތަކަން ތަރުޖަމާކުރުން މިއީ ހެދުނު ގޯހެކެވެ.

އެއްކަލަ ހައްޤާއި ޙަޤީޤަތް ހޯދަން އުޅުމުގެ ވާހަކައަށް އެނބުރިލާނަމެވެ. ހަރުކަށި ޚިޔާލުގެ ދަންނަބޭކަލުން ޙަދީޘާއި ޤުރުއާނުގެ އަލީގައި މީހުންނަށް ޙުއްޖަތްދައްކަވައެވެ. ވީމާ ޙައްޤު ހޯދަން ފެންބޮވައިގެންފައި ހުރި މީހާ ތަބާވާނީ ޙުއްޖަތަށެވެ. ސަރުކާރުން ދައްކަވާ ޙުއްޖަތަކީ ކާބަފައިންގެ ދީން ޙިމާޔަތްކުރައްވަން ޖެހޭ ކަމުގެ ޙުއްޖަތެވެ. ވީމާ މިއީ ބޭހެއް ނޫނެވެ. އަދި ކިޔެއްތަ ވިހައެކެވެ. ނަތީޖާއަކީ ސަރުކާރުގެ ޝެއިޚުންނަށް ވެސް މީހުންގެ އިތުބާރު ގެއްލި ދިޔުމެވެ.

މައްސަލަތައް ފެންމަތިވެގެން އައި ދުވަސްވަރު، ސަރުކާރުން އެފަދަ ހައްދުފަހަނައަޅާފައި ތިބި މީހުންނަށް ނަޞޭޙަތްތެރި ވިޔޯލައެވެ. މިހާރު އެހެން ކިޔާއަޑު އެބަ އިވެއެވެ. އެހެންކަމަށް ވާނަމަ އެމީހުންނަށް ނަޞޭޙަތްތެރިވި ފަރާތަކުން އެކަން ކޮށްފައިވާނީ ޤުރުއާނާއި ޙަދީޘުން ދަލީލުދައްކަވަމުން ކަމާމެދަކު އަޅުގަނޑު ޝައްކެއް ނުކުރަމެވެ. އެހެން ނަމަ ވެސް، އެއީ އެފަދަ މީހުންގެ ފަތުވާތަކަށް ހެއްލިގެން ދާ ޢާއްމުންގެ މީހުންނާ ހަމަޔަށް އައިސްފައިވާ ނަޞޭޙަތްތަކެއް ނޫނެވެ. ނަޞޭޙަތް ލިބުނު ފަރާތަކީ ހަމައެކަނި އެ ގޮތް ފަތުރަން އުޅުނު 'ދަންނަބޭކަލުން' ނެވެ. އެބޭކަލުން އެ ނަޞޭހަތްތައް ގަބޫލުނުކުރައްވައި އަނެއްކާ ވެސް އޭގެ އަޑު ނީވިތިބި ޢާއްމުންނަށް ފަތުވާދެއްވަން ފެއްޓެވީމާ، ޢާއްމުންނަށް ކުރާނެ މަންފާއެއް އެބަ އޮތްތޯއެވެ؟

ކޮންމެއަކަސް، ހައްދުފަހަނައަޅާފައި ތިބި މީހުން އައީ ޤުރުއާނާއި ޙަދީޘް ގެ 'އަލީ' ގައި ޙުއްޖަތް ދައްކަމުންނެވެ. ވީމާ، އެޔަށް ބައެއް މީހުން ހެއްލޭނެއެވެ. ސަރުކާރުން ވެސް އަދި މެދުމިނުގެ ދަންނަ ބޭކަލުން ވެސް 'ކާބަފައިންގެ ދީން ޙިމާޔަތްކުރުމުގެ ބަހަނާ' ދޫކޮށް، ޤުރުއާނާ ސުންނަތުން ދަލީލު ދެއްކެވި ނަމަތާއެވެ.

ދެން އޮތީ ހައްދު ފަހަނަ ނާޅާ، އެހެން ނަމަ ވެސް ހަރުކަށި ޚިޔާލުގެ ޝެއިޚުންނާއި މެދުމިނު މީހުންގެ މެދުގައި އުފެދުނު ދެކޮޅުވެރިކަމެވެ. މިއިން ކޮންމެ ބަޔަކު ވެސް ދެކެނީ ޙައްޤު އޮތީ އެމީހުން ކޮޅުގައި ކަމުގައެވެ. ވީމާ، އަނެއް ކޮޅު ގޯހެވެ. މި ކޯޅުމެއްގައި ތިއްބާ މަތިން އުދުހިފައި ދިޔަ ބާޒެއް އައިސް މުސަޅު ޖަހައިގަނެގެން ގެންދިޔައީއެވެ.

ޙަޤީޤަތުގައި ފިޤްހީ މައްސަލަތަކުގައި އިޚްތިލާފް އެބަހަރިކަން މިއިން އެއް ވެސް ކޮޅަކުން ރައްޔިތުންނަކަށް އަންގައިދޭކަށް މަސައްކަތެއް ނުކުރެއެވެ. ވީމާ، ކޮންމެ މީހެއްގެ ވެސް އެންމެ ފުރަތަމަ ދީނީ ސުވާލަކީ؟ ތުނބުޅި ބޭލުމަކީ ޙަރާމްކަމެއްތަ؟ އިނގިލި ތެޅުވުމަކީ ކޮންކަހަލަ ކަމެއް؟ ފައިކުރީގެ ޙުކުމަކީ ކޮބައި؟ މި ނިމުނީއެވެ. ވާނީ ވެސް އެހެންނެވެ. މުސްލިމުންނަކީ އޭނާ އަޅާ ކޮންމެ ފިޔަވަޅެއް ވެސް ދީނުގައި އޮންނަ ގޮތަށް އަޅަން ބޭނުންވާނޭ މީހުންނެވެ. އެހެން ނަމަ ވެސް މި ސުވާލުތަކަށް ވުރެ ކުރިން ކުރަން ޖެހޭ ސުވާލުތައް ޢާއްމުންނަށް ކުރަން ނޭނގެނީ ކީއްވެހެއްޔެވެ؟ ސަބަބަކީ އެއްކަލަ ދެ ފަރާތުގެ އަރައިރުމެވެ.

މާލޭގައި ތަންކޮޅެއް ކުރިން ހިނގި އެހެން ކަމެއް ވެސް ދަންނަވާލާނަމެވެ. އަލްއުސްތާޛް ޢަބްދުﷲ ޙަމީދު އެޑިޔުކޭޝަން މިނިސްޓަރު ކަމުގައި ހުންނެވި ދުވަސްވަރު، މަދަރުސާ ތަކުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމެއް ފެއްޓެވިއެވެ. އޭގެ ނަތީޖާ ވެސް އައީ ފާހަގަކުރެވޭ މިންވަރަށް ފެންނަމުންނެވެ. އެދުވަސް ވަރު، މާލޭގެ އަވަށު މަދަރުސާއެއްކަމުގައި ވާ މަދަރުސަތުލް އަޙްމަދިއްޔާގެ އަންހެންކުދިންގެ ޔުނީފޯމު ބުރުގާ ހެދުމަކަށް ބަދަލުކުރިއެވެ. އެއީ ތަނުގެ ހިންގާފަރާތުން ނެންގެވި ޤަރާރެކެވެ. ސަރުކާރުން އެކަމަކަށް އިއުތިރާޒުކުރެއްވިތަނެއް ނުފެނެއެވެ. އަޙްމަދިއްޔާ އަންހެންކުދިން މަދަރުސާއަށް ދާއިރު، ބުރުގާ އަޅައިގެން ދާން ފައްޓައިފިއެވެ. އާދައިގެ ހެދުމުގައި އުޅޭއިރު، ބުރުގާ ނާޅާކުދިން ވެސް ހިމެނޭގޮތުންނެވެ.

މިނިސްޓަރީ ބަދަލުވެއްޖެއެވެ. އާބޭފުޅެއް ކޮނޑިކޮޅުގައި ވެޑުވިއްޖެއެވެ. ކުއްލިއަކަށް މި ޔުނީފޯމު ބާތިލުވެއްޖެއެވެ. ބަހަނާއަކީ، ޢާއްމުކޮށް ބުރުގާ ނާޅާކުދިންނަށް ބުރުގާ އަޅަން މީގެ ސަބަބުން މަޖުބޫރުވާތީއެވެ!!

މިއީ ވަރަށް ހެއްވާ ބަހަނާއެކެވެ. މި ދައްކަނީ ޔުނީފޯމެއްގެ ވާހަކައެކެވެ. ޔުނީފޯމާ ދޭތެރޭ އެއްޗެއް ދަންނަވާލިޔަދެއްވާށެވެ. އެމިރޭޓްސް އެއަރލައިންގެ ފަޅުވެރި އަންހެންކުދިންގެ ޔުނީފޯމުގައި އެ އޮންނަ ބޮލުފޮތި ކޮޅު އެއީ ޔުނީފޯމުގެ ބައެއް ކަމުގައި އިދާރާއިން ހަމަޖައްސާފައި ވާ ނަމަ އެމީހުން އާދައިގެ ހެދުމުގައި، އެފޮތިކޮޅު އެޅިޔަސް ނޭޅިޔަސް، ރަސްމީ ޚިދުމަތުގައި ޔުނީފޯމުގައި ހުންނަ އިރު އެ އަޅަންޖެހޭނެއެވެ. އަދި ޔުނީފޯމު ފަރުމާކުރި ފަރާތަށް އެގޮތަށް އެކަން ނުކުރާށޭ އެންގުމީ ވެސް ދެކޮޅު ނުޖެހޭކަމެކެވެ.

މިޔަށް ވުރެ ކައިރިން ބަލާލަމާތޯއެވެ. އަހްމަދިއްޔާ ބުރުގާ ޒަމާނުގައި އާދައިގެ ހެދުމުގައި ބޫޓަށް އަރަނީ ކިތައް ދިވެހިންތޯއެވެ. އެހެން ނަމަ ވެސް، ޔުނީފޯމުގައި އެއީ މަޖުބޫރުކަމެކެވެ. ވީމާ އަންހެންވެސް ފިރިހެން ވެސް ހުރިހާ ކުދިން ބޫޓަށް އަރަންޖެހެއެވެ. ދިވެހިރާއްޖޭގެ މި ހޫނުގަދަ ޖައްވުގައެވެ. ކޮންމެ ދުވަހަކު އިސްޓާކީނުގަނޑު ދޮންނަން ޖެހޭ އިރު ވެސް މެއެވެ.

ނުވަތަ ސަރުކާރު އޮފީސް އޮފީހުގެ ވަކި ފެންވަރެއްގެ ބޭފުޅުން ޓައީ އަޅުއްވަނީ ކީއްވެތޯއެވެ؟ މިއީ ވެސް ދިވެހިން އާދައިގެ ހެދުމުގައި ކުރާކަމެއް ނޫނެވެ. އަދި ކިޔެއްތަ މިއީ އަލަށް އަޅާ މީހަކަށް އުނދަގޫ ބޮޑު އެއްޗެކެވެ. ހޫނުގަދަ ދިވެހިރާއްޖޭގައެވެ. އިސްތިސްނާ ވަނީ ބުރުގާ އެކަނި ތޯއެވެ!!

ދެން އޮތީ ބުރުގާގެ ދީނީ ޙުކުމެވެ. އަޅުގަނޑުގެ މަޤްޞަދަކީ ފަތުވާދިނުމެއް ނޫނެވެ. އެހެން ނަމަވެސް، އިސްލާމް ދީނުގެ ދަންނަ ބޭކަލުންގެ އިއްތިފާޤުން އެއީ ވާޖިބެކެވެ. އަޒުހަރުގެ އެއްހާސް އަހަރު ވީ ދިގު ތާރީޚުގައި ވެސް މިނޫން ގޮތަކަށް ފަތުވާދެއްވި ޢިލްމުވެރިއަކު މިވީތަނަށް ފާޅުވެފައެއް ނެތެވެ. އާދެ ހަމަ ގައިމުވެސް، ޢިލްމު ވެރިއެއްގެ ޙައިޘިއްޔަތުން، މުސްލިމުންނަށް ފަތުވާދެއްވުމުގެ ގޮތުންނެވެ. އެހެން ނަމަ ވެސް އަޒްހަރުން ދަސްވެނިވެފައިވާ މީހަކު އޭނާގެ އަމިއްލަ ރައުޔެއްގެ ގޮތުން ނުވަތަ ފަރުދީގޮތުން، އެއީ އަޅަންފެންނަ އެއްޗެއް ނޫނޭ ބުނުން އެއީ އަދި އެހެން ކަމެކެވެ. މިތަނުގައި މި ދައްކަނީ ދީނީ ޙުކުމެއްގެ ވާހަކަވިއްޔާއެވެ. ވީމާ މިފަދަ ފާޅުކަންބޮޑު ކަމެއްގައި ރައްޔިތުންނާ އިދިކޮޅަށް، ސަރުކާރުން މަސައްކަތްކުރުމީ އެއީ ހައްދުފަހަނައެޅުމެކެވެ.

ވީމާ ދީނުގެ އެންމެ އަސާސީ ފެންވަރު ދަންނަ މީހާ އޭނާ ހެޔޮއެދޭ ފަރާތްތަކަށް، ބުރުގާ އެޅުމަށް ނަޞޭހަތްތެރިވުމަކީ އެއީ ޠަބީޢީކަމެކެވެ. އަދި މި ދެންނެވި އަސާސީ ފެންވަރުގެ އެންމެން ދަންނަ ޙުކުމަކާ އިދިކޮޅަށް، ހަމަ އެކަނި ކާބަފައިންގެ ދީން ޙިމާޔަތްކުރުމުގެ ނަމުގައި، ފިޔަވަޅުއެޅުން އެއީ ހެދުނު ގޯހެކެވެ.

ހައްދު ފަހަނަ ނާޅާ ތިއްބެވި ބައެއް ޝެއިޚުންނަކީ 'ޔޫރަޕުގެ ފޮނި ޙަފްލާތަކަށް ރޫޙީގޮތުންނޭ ގޮސްލަނީ' ވައްތަރު ޝެއިޚުންނެވެ. ދެންތިއްބެވި ޝެއިޚުންނަކީ މިފަދަ ކަންތަކާ މެދު އެއްޗެއް ވިދާޅުވާން ކެރިވަޑައި ނުގަންނަވާ ޝެއިޚުންނެވެ. ނުވަތަ 'ފަރަށް ނާރާ އޮޑިދުއްވާ' ސިޔާސަތުގެ ބޭކަލުންނެވެ. ވީމާ ޢާއްމުން ހެއްލޭނީ ކޮން ބަޔަކަށްތޯއެވެ؟

ޔޫރަޕްގެ ފޮނި ޙަފްލާތަކުގެ ވާހަކަ ދައްކާ އިރު ހިތައް އައި އެއްޗެކެވެ. އެޑިޔުކޭޝަންގެ މަދަރުސާކުދިންގެ ގަވައިދުގައި އޮންނަ ގޮތުން، އަންހެންކުދިންނާ ފިރިހެންކުދިން ހަފްލާތަކުގައި އަތުގުޅުވައިގެން ނެށުމަކީ މަނާކަމެކެވެ. މިއީ ފަހަރެއްގައި ވެސް ސަޢޫދީ ޢަރަބިއްޔާއިން ވަޑައިގެންނެވި 'ހަރުކަށި' ދީނީ ޢިލްމުވެރިންގެ ބާރުގައި ހެދުނު ގަވައިދެއް ނޫނެވެ. މިއީ، އިސްލާމީ އަޚްލާޤު ދަންނަ ތަޢުލީމީ ދާއިރާގެ ބޮޑުންނަށް އެއިރު އެއީ ދީނާ ޚިލާފު އަދި ދިވެހި ސަގާފަތާ ފުށުއަރާ ކަމެއް ކަމަށް ފެނިވަޑައިގެންނެވީތީ މަނާކުރެވިފައި އޮތްކަމެކެވެ.

ނަމަ ވެސް އެއިރު ވެސް މިހާރު ވެސް ފެންނަ މަންޒަރު ތަފާތެވެ. އިސްކޫލުތަކުގައި، ފެންނަނީ އަންހެންކުދިންނާ ފިރިހެންކުދިން، އެއިރުގައި ނަމަ މެޑޯނާގެލަވަތަކަށް، މިހާރުގައި ނަމަ ޝަކީރާ ނުވަތަ ބިޔާންސޭގެ ލަވަތަކަށް، ހިޕްހޮޕްކުރާތަނެވެ. މިކަމަށް އަތްޖައްސަވަން، ވަކި ޔުނިވަރުސިޓީއެއް ނޫން އިނގޭތޯ، ދިވެހިން ދީން ކިޔަވާ މައިގަނޑު ދެ ޔުނިވަރުސިޓީން ކިޔަވާވިދާޅުވި ޢިލްމުވެރިން ތިއްބެވި މަންޒަރު އަޅުގަނޑުގެ ދެލޮލުން ދުށީމެވެ. އާދެ އެހެންނަމަ ވެސް ޓީވީގެ ޒަރީޢާއިން އިނގޭތޯއެވެ.

މެދުމިނުގެ އިސްލާމްދީނަކީ އޮންނަ އެއްޗެކެވެ. އަދި ރަސޫލާގެ ނަބަވީ އިރުޝާދަކީ ވެސް އެއީމެއެވެ. އެހެން ނަމަ ވެސް، ނިވާކަންކުޑަ ހެދުމުގައި ތިބޭ އަންހެނުންގެ ހިޕްހޮޕަށް އަތްޖަހަންތިބުމަކީ އެއީ މެދުމިނުގެ އިސްލާމްދީނެއް ނޫންކަން ސިކުނޑި ސަލާމަތުން ހުރި ކޮންމެ މީހަކު ވެސް ގަބޫލުކުރާނެއެވެ. އަދިކިޔެއްތަ އެއީ އެއްވެސް ދީނެއް ގަބޫލުކުރާ ކަމެއް ނޫނެވެ.

ވީމާ ޚުލާޞާކޮށް ދަންނަވާ ނަމަ، މައްސަލަ މައިތިރި ނުކުރެވުމުގެ މައިގަނޑު ސަބަބަކީ، ސަރުކާރުން މީހުންގެ ބުއްދިއަށް ގަބޫލުކުރެވޭ ފަދަ ރަނގަޅު ޙުއްޖަތް ޤާއިމްކުރުމަކާ ނުލައި، ހަމައެކަނި ދީނީ އެއްބައިވަންތަކަމުގެ ނަމުގައި، ބައެއް ފަރާތްތަކާ އިދިކޮޅަށް ހަދުކަށި ފިޔަވަޅުއެޅުމެވެ. އަދި ރާއްޖޭގެ ބައެއް ޢިލްމުވެރިންނާ މެދު، ޢާއްމުންގެ އިތުބާރުގެއްލުމެވެ. ހަމަ އެހެންމެ ޒާތީ ސަބަބުތަކާހެދި، ބައެއް ޢިލްމުވެރިންގެ އިތުބާރުގެއްލުވާލަން އަނެއްބައި ޢިލްމުވެރިން ކުރައްވާފައިވާ މަސައްކަތެވެ. ދީނީ ކަންކަމުގައި އެކަކު އަނެއްކަކަށް ރައްދުދޭންޖެހޭ އިސްލާމީ އުސޫލުތައް ހަނދާންނައްތާލުމެވެ. އެގޮތުން މާ ނުރައްކާ ބަޔަކަށް މައިދާން ހުޅުވިގެން ދިޔުމެވެ.

އަދި ހަމަ އެހެންމެ، ބަޔަކު މީހުން ކިތައްމެ އިޚްލާޞްތެރިކޮށް ފިޔަވަޅުއެޅިކަމުގައި ވިޔަސް، ފިކުރީ ކަންކަމަކީ، ހިކި ހުއިގަނޑެއްގައި އަލިފާން ފެތުރިގަންނަހެން ވަރަށް ނުރައްކާތެރިކަމާއެކު ފެތުރިވެސް ދާނެ ކަންކަމެވެ. ވީމާ ސަރުކާރު ފިޔަވަޅު އެޅިޔަސް، ދަންނަބޭކަލުން ޙުއްޖަތް ދެއްކެވިޔަސް، މިކަމަކީ ހުޅުވިފައިވާ މިފަދަ ޒަމާނެއްގައި ރާއްޖެއަށް ވެސް އަސަރުތަކެއް ނުކޮށް ނުދާނެ ކަންކަމެވެ. އެހެންނަމަ ވެސް ފަޟީލަތުއް ޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް ވިދާޅުވިހެން، އަޅުގަނޑުމެންނަކަށް ގޮތެއް ހުހެއް ނުވާނެއެވެ. ބަލީގެ ޖަރާސީމަކީ ވެސް ފިކުރެވެ. ބޭހަކީ ވެސް ފިކުރެވެ.

އާދެ ސަރުކާރުން އިހުމާލެއް ނުވެޔޭ އަޅުގަނޑު ކިތައްމެ ގޮތްގޮތަށް ކޮޅުދައްކާފައި ވާހަކަދެއްކިޔަސް ގަބޫލު ނުކުރާނޭ މީހުން ތިބޭނެއެވެ. އެފަދަ މީހުންގެ ނަޒަރުގައި ގަސްތުގައި އިހުމާލުވީއެވެ. ހައްދުފަހަނައަޅާފައި ތިބި މީހުންނަށް ހައްދެއް ނެތް މިނިވަންކަމެއް ދިނީއެވެ. އެއިރުން އެމީހުން ހިމޭނުން ނުތިބޭނެކަން ޔަގީންވާތީއެވެ. އަދި، އެމީހުންގެ ފުށުން ކޮންމެސް ޓެރެރިސްޓު ޢަމަލެއް ފާޅުވާނޭ ކަމުގެ އުއްމީދުގައެވެ. އަދި އެފަދަކަމެއް ފާޅުވުމުން ވަގުތުން ހަރުކަށި ފިޔަވަޅު އަޅާނެ ފުރުޞަތު ލިބޭނެތީއެވެ. އަދި، ދިވެހިންގެ ތެރޭގައި އޮންނަން ޖެހޭނެ ދީނީ މިންގަނޑަކީ ސަރުކާރަށް ފެންނަ މިންގަނޑަކަށް ހެދުމަށާއި، ސަރުކާރަށް ފެނިއްޖެ ނަމަ ދީނީ ވަކި ބަޔަކަށް ފިއްތާނެ ރަނގަޅު ބަހަނާއެއް ވެސް ލިބޭނެތީއެވެ.

މިޔަށް ބޭރުމީހުން ކިޔަނީ 'ކޮންސްޕިރެސީ ތިއަރީ' އެވެ. ހުރިހާ ތަނެއްގައި މި ތިޔަރީ ގަބޫލުކުރާކަށް ނުޖެހެއެވެ.

އާދެ، އިޚްލާޞްތެރިކަމާ އެކު ދަންނަވާ ޙައްޤުތެދެވެ. މި ލިޔުމަކީ ރާއްޖޭގައި ތިއްބެވި ފަޟީލަތްތެރި ދަންނަބޭކަލުންގެ މައްޗަށް ޖެހިލުންކުޑަވެގަތުމަށް ލިޔުނު އެއްޗެއް ނޫނެވެ. އެބޭކަލުންނީ އެބޭކަލުންގެ ޢިލްމަށްޓަކައި، އަޅުގަނޑު ނުހަނު ޤަދަރުކުރާ ބޭކަލުންނެވެ. ޢިލްމުވެރިންނަށް ވެސް ގޯސްހެދިފައި ހުރެދާނެއެވެ. އަދި އަމުދުން އިޖްތިމާޢީ މައްސަލަތަކަށް ފަރުވާކުރުމުގައި މަސްއޫލުވެރިންނަށް ޢާއްމުކޮށް ގޯސްހެދޭމެއެވެ. ވީމާ މި ލިޔުމުން އިލްހާމް ލިބިގަނެގެން، ރާއްޖޭގެ އެއްވެސް ޢިލްމުވެރިއަކަށް ބަދުބަހެއް ބުނެފި މީހާގެ ކިބައިން އަޅުގަނޑު ބަރީއަވަމެވެ.

Comments