އަންގާރަ20201124

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ފަހުގެ މައްސަލަތައް ދަރިވެއްޓުމުގެ ޙުކުމާމެދު އޮތް ޢިލްމުވެރިންގެ ބަސް

ދަރިވެއްޓުމުގެ ޙުކުމާމެދު އޮތް ޢިލްމުވެރިންގެ ބަސް

dharivettun-ilmuveringe-basރޫޙް އެޅުއްވުމުގެކުރިން ދަރިވެއްޓުން:

ފަހުގެ ޖުމްހޫރު ޢިލްމުވެރިންނާއި އަދި ފިޤުހީ މަޖްމަޢްތަކުން ނެރެފައިވާ ފަތުވާއަކީ، ރަޙިމުގައި ދަރިފުޅު އަށަގަތުމަށް ފަހު، މާބަނޑުގެ އެއްވެސް މަރުޙަލާއެއްގައި ދަރިވެއްޓުމުގެ އަސްލު ޙުކުމަކީ ޙަރާމްކަމެކެވެ. މިތާ މިގެނެސްދެނީ ފަހުގެ ބައެއް ޢިލްމުވެރިން މިކަމާ ބެހޭގޮތުން ދައްކާފައިވާ ވާހަކައިގެ ޚުލާޞާކޮޅެކެވެ.

ޝައިޚް ވަހްބާ އައްޒުޙައިލީ:

''ބަނޑަށް ހަތަރުމަސް ވުމަށް ފަހު، މާނައަކީ ސަތޭކަވިހި ދުވަސް ވުމަށް ފަހު، ޝަރުޢީ ގޮތުން މަޤްބޫލު އުޒުރަކާ ނުލާ، ދަރިވެއްޓުމަކީ ޙަރާމްކަމެއްކަމަށް ޢިލްމުވެރިން އިއްތިފާޤުވެއެވެ.

މިފަދަ ކަމެއް ކޮށްފިނަމަ އެއީ ދިޔައިގެ ގޮތުގައި ޣުއްރާ ވާޖިބުވާ، ޖަރީމާއެކެވެ. އަދި ބެލެވެނީ އެއީ ދިރިހުރި ނަފްސެއް ޤަތުލުކުރުން ކަމަށެވެ. އަދި އަހަރެން ބުރަވާ ރައުޔަކީ، ބަނޑުބޮޑުވާ ހިނދުން ފެށިގެންވެސް، ދަރިވެއްޓުން ޙަރާމް ކަމަށް ބުނާ ރައުޔެވެ. އެހެނީ ބަނޑުބޮޑުވާ ހިނދުން ފެށިގެން އޭގައި ދިރުންވެއެވެ. އަދި އެއީ އިންސާނެއްގެ ފެށުމެވެ. ނަމަވެސް، ޟަރޫރީ ބޭނުމަކަށްޓަކައި ހަތަރުމަސްކުރިން ދަރިވެއްޓުން ހުއްދަވާ ހާލަތްތަކެއް އޮވެދާނެއެވެ."

 

ޝައިޚް ޔޫސުފުލް ޤަރަޟާވީ:

ދަރިވެއްޓުމާ ބެހޭގޮތުން ދެއްވި ޖަވާބެއްގައި ވިދާޅުވެފައިވަނީ: ''ދަރިވެއްޓުމުގެ އަސްލަކީ އެކަން ޙަރާމްވުމެވެ. އަދި ދަރިފުޅަށް ގިނަދުވަސްވެ އިސްތިޤްރާރުވާ ވަރަކަށް، ޙަރާމްކަން އިތުރުވެއެވެ. މިގޮތުން، ފުރަތަމަ ސާޅީސް ދުވަހުގެ ތެރޭގައި ޙަރާމްކަން ކުޑައެވެ. ޤަބޫލުކުރެވޭ ބައެއްކަހަލަ އުޒުރަތަކަށްޓަކައި މި ސާޅީސް ދުވަހުގެ ތެރޭގައި ވެއްޓުން ހުއްދަވެދާނެއެވެ. ސާޅީސް ދުވަހަށް ފަހު، ވެއްޓުމުގެ ޙަރާމްކަން ބޮޑުވެއެވެ. ފިޤުހުވެރިން އަންދާޒާކުރާ، ކުރިއަށް ވުރެ މުހިއްމު އުޒުރަކަށްޓަކައި މެނުވީ މި މަރުޙަލާގައި ދަރިވެއްޓުން ހުއްދައެއް ނޫނެވެ. އަދި ސަތޭކަވިހި ދުވަސް ވުމަށް ފަހު، ދަރިވެއްޓުމުގެ ޙަރާމްކަން އެތައް ގުނައަކަށް ބޮޑުވެގެންވެއެވެ. އެހެނީ މި މަރުޙަލާއަކީ ރޫޙު އަޅުއްވާ މަރުޙަލާއެވެ."

ޝައިޚް މަޙްމޫދު ޝަލްތޫތު:

މި މައްސަލައާ މެދު ކުރީގެ ފިޤުހުވެރިން ދައްކާފައިހުރި ވާހަކަތަކާއި ރައުޔުތައް ގެންނަވާފައި، ބުރަވެވަޑައިގެންފައިވަނީ، އެއްވެސް ވަގުތެއްގައި ދަރިވެއްޓުން ޙަރާމްކަމަށް ބުނާ ރައުޔަށެވެ. އަދި ވިދާޅުވެފައިވަނީ، ޟަރޫރަތެއް އޮވެއްޖެނަމަ، އެކަން އަންދާޒާކޮށް ވަކި ޙުކުމެއް ދެވިދާނެކަމަށެވެ.

ޝައިޚް މުޙައްމަދު މަހުދީ ޝަމްސުއްދީން:

1971 ވަނަ އަހަރު ރަބާޠުގައި ބޭއްވުނު އިސްލާމީ ބައްދަލުވުމަށް ހުށައެޅުއްވި ބަޙުސެއްގައި ވިދާޅުވަނީ: ''ދަރިވެއްޓުމަކީ އަންހެނަކަށް ހުއްދަވާނެ ކަމެއް ނޫނެވެ. އެއީ ރޫޙު އެޅުއްވުމުގެ ކުރިން ވިޔަސް އަދި ފަހުން ކަމަށް ވިޔަސްމެއެވެ. އަދި ދެމަފިރިން އެކަމާ އެއްބަސް ވިޔަސް ނުވިޔަސްމެއެވެ. ފަހެ، މި ހުރިހާ ހާލަތްތަކުގައިވެސް، ދަރިވެއްޓުމަކީ ޙަރާމްކަމެކެވެ. އަދި އެފަދައިން، ދަރިވެއްޓޭފަދަ ބޭހެއް ޑޮކްޓަރަކު ލިޔެދިނުމާއި، ދަރިވައްޓައިދިނުމަކީ ވެސް، އޭނާގެ މައްޗަށް ޙަރާމްކަމެކެވެ. އާނއެކެވެ. ދަރިވެއްޓުން އެންމެ ހާލަތެއްގައި ހުއްދައެވެ. އެއީ ރަޙިމުގައި ކުއްޖާ އޮތުމުން، މައިމީހާއަށް ނުރައްކަލެއް ކުރިމަތިވެއްޖެ ހާލަތެއްގައެވެ.

ޝައިޚް ޙައްސާން ޙަތުޙޫތު:

''ބަނޑުގައިވާ ކުއްޖާއަށް ދިރުމުގެ ޙައްޤު ލިބިގެންވެއެވެ. ވީމާ ވަރުގަދަ ސަބަބެއް ނެތި މި ޙައްޤު ނިގުޅައިގަތުމަކީ ޙަރާމްކަމެކެވެ. އަހަރެންނަށް ފެންނަ ގޮތުގައި، ކުރީ މަރުޙަލާތަކުގައި ދަރިވެއްޓުން ހުއްދަވެދާނެ އޮތީ ދެ ސަބަބެކެވެ. އެއީ: މައިމީހާގެ ހަޔާތަށް ކަނޑައެޅިގެން ހުރި ނުރައްކަލެއް އޮތުން، ނުވަތަ އޭނާގެ ޞިއްޙަތަށް ބޮޑު ގެއްލުމެއް ލިބިދާނެކަން ޔަޤީންވުމެވެ. އަނެއް ސަބަބަކީ، ކުއްޖާ އުފަންވާނީ، ފަރުވާ ނުދެވޭފަދަ ބޮޑެތި އައިބުތަކަކާ އެކީކަން ނުވަތަ ފަރުވާ ނުދެވޭފަދަ ބޮޑު ބައްޔަކާ އެކީކަން ޔަޤީންވުމެވެ. މި ނުން ސަބަބަކަށްޓަކައި، ދިރިން ލިބިފައިވާ ޙަޔާތެއް މަރާލުން ހުއްދައެއް ނުވާނެއެވެ. ﷲ ގެ އިޒުނަފުޅާއެކު ބަނޑުބޮޑުވިޔަ ނުދިނުމަށް، ބޭނުންކުރެވިދާނެ ވަރަށް ގިނަ ވަސީލަތްތަކެއް އެބަހުއްޓެވެ. ވީމާ ކުއްޖަހު ހޯދާފައި އެ ކުއްޖާ މަރާލުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ."

ފަހުގެ ހުރިހާ ޢިލްމުވެރިންގެ ރައުޔަށް ބެލިއަސް ފެންނަން އޮތް ޖުމްހޫރު ރައުޔަކީ، ކަމަށް އިތުބާރުހިފެވޭ ދީނަށް އަމާނާތްތެރި ޑޮކްޓަރުން، ދަރިވައްޓާލުމުގެ ޟަރޫރީ ބޭނުމެއް އެބަ އޮތް ކަމަށް ނުބުނާހާ ހިނދަކު، ރޫޙް އެޅުއްވުމުގެ ކުރިން ވެސް (ސަތޭކަވިހި ދުވަސްވުމުގެ ކުރިން) ދަރިވެއްޓުން ޙަރާމްވުމެވެ.

ޝައްކެއްވެސް ނެތް ގޮތުގައި، މާބަނޑުވާ ފުރަތަމަ ހިނދުކޮޅުން ފެށިގެންވެސް ދަރިވެއްޓުން ޙަރާމްކަމަށް ބުނުމަކީ، ނަސްލު ޙިމާޔަތްކުރުމަށް އަމުރުކުރާ އިސްލާމީ ޝަރީޢަތުގެ ރޫޙާ އެއްގޮތް ބުނުމެވެ. އަދި މި ރައުޔަކީ، ހަވާނަފްސާއި ޝަހުވަތާއި ބަލިކަށި ނަފްސުތަކުގެ މީހުން، މުސްލިމުންގެ އާބާދީ މަދުކުރުމަށް ރާވަމުންދާ ރޭވުންތަކަށް ވެސް އެޅޭ ހުރަހެކެވެ. ހަމައެހެންމެ، މިއީ މާތްވެގެންވާ އިސްލާމީ ޝަރީޢަތުގެ ރޫޙުގެ ތެރޭގައި ހިމެނޭ، ފާފަތަކަށް ދެވޭ މަގު ބަންދުކުރުމުގެ އުސޫލާވެސް އެއްގޮތް ރައުޔެކެވެ.

ރޫޙް އެޅުއްވުމުގެފަހުން ދަރިވެއްޓުން:

ރޫޙް އެޅުއްވުމަށް ފަހު -ސަތޭކަވިހި ދުވަސް ފަހުން- ބަނޑުގައިވާ ދަރިވައްޓާ މެރުމަކީ، ދީނުގައި ބޮޑުވެގެންވާ ޙަރާމްކަމެއްކަމަށް، އިސްލާމީ ހުރިހާ ފިޤުހުވެރިން އެއްބަސްވެލައްވައެވެ. ބަނޑުގައި ކުއްޖާ އޮތުމުން މައިމީހާގެ ފުރާނައަށް ނުރައްކާވުން ފިޔަވައި، އެހެން އެއްވެސް ހާލެއްގައި، މި މަރުޙަލާގައި ދަރިވެއްޓުމަކީ ދީނުގައި ހުއްދަކަމެއް ނޫނެވެ.

މައިމީހާގެ ޙަޔާތަށް ނުރައްކަލެއްވެއްޖެނަމަ، އިސްކަން ދެވޭނީ، މައިމީހާގެ ޙަޔާތަށެވެ. އެހެނީ ފަރްޢުއަކަށް ޓަކައި، އަސްލުގެ ފުރާނަ ދުއްވާލުމަކީ ޤަބޫލު ކުރެވޭ ކަމެއް ނޫނެވެ. ހަމައެހެންމެ، މަންމައަކީ ދުނިޔޭގައި ޙަޔާތް އިސްތިޤްރާރުވެފައިވާ ފުރިހަމަ އިންސާނެކެވެ. ބަނޑުގައި އޮތް ކުއްޖާއަކީ އެފަދަ މީހެއް ނޫނެވެ. ވީމާ ޙަޔާތް އިސްތިޤްރާރު ވެފައިވާ މީހެއް ދިރި ބެހެއްޓުން އައުލާކަން ބޮޑެވެ. މީގެ އިތުރުންވެސް މަންމަ އަކީ އޭނާގެ ރިޢާޔަތް ދޭންޖެހޭ ފިރިއަކާއި، ދަރިންތަކެއް ތިބި މީހެކެވެ. ޖަނީނަކީ އެފަދަ މީހެއް ނޫނެވެ. ވީމާ މަންމަގެ ފުރާނައަށް ނުރައްކާ ވެއްޖެކަން ޔަޤީންވެއްޖެ ހިނދެއްގައި ބަނޑުގައި އޮންނަ ކުއްޖާ ވައްޓާލުމަކީ ހުއްދަކަމަކެވެ.

ޚުލާޞާއަކީ:

ބަނޑުގައި އޮންނަ ކުއްޖާގެ ހަޔާތުގެ މަރުހަލާތަކަށް ބަލާފައި، ދަރިވެއްޓުމުގެ ޙަރާމްކަމުގެ ކުޑަބޮޑުމިނަށް ބަދަލު އަޔަސް ދަރިވެއްޓުމުގެ އަސްލު ޙުކުމަކީ ޙަރާމްވުމެވެ.

އެގޮތުން ފުރަތަމަ 40 ދުވަހުގެ ތެރޭގައި ޙަރާމްކަން ލުޔެވެ. ބެލެވޭ ކަހަލަ ބައެއް ޢުޒުރުތަކަށްޓަކައި މި މުއްދަތު ތެރޭގައި ހުއްދަވެދާނެއެވެ. 40 ދުވަހަށް ފަހުން ޙަރާމް ކަން ބޮޑުވާނެއެވެ. 40 ދުވަހަށް ފަހުން ވަރަށް މުހިންމު ޢުޒުރުތަކަކަށް މެނުވީ (ކުރިން ބުނެވިފައި ވާފަދަ) އެއްގޮތަކަށްވެސް ހުއްދައެއް ނުވާނެއެވެ.

120 ދުވަސްވެ ރޫޙު އެޅުއްވުމަށް ފަހު، ކުއްޖާ ވައްޓާލުމުގެ ޙަރާމްކަން އެތައް ގުނައެއް ބޮޑުވެއެވެ. މި މަރުޙަލާގައި، މަންމަގެ ފުރާނައަށް ނުރައްކާވުން ނޫން އެހެން އެއްވެސް ސަބަބަކަށްޓަކައި ދަރިވެއްޓުން ހުއްދައެއް ނޫނެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.