Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ފަހުގެ މައްސަލަތައް ދަރިވައްޓާލުމުގެ ޢުޤޫބާތް

ދަރިވައްޓާލުމުގެ ޢުޤޫބާތް

abortionބަނޑުގައި އޮތް ކުއްޖާ ވައްޓާލާ އަދި ވެއްޓި އިރު ދިރި އޮތް ނަމަ، އެ މީހެއްގެ މައްޗަށް ފުރިހަމަ މަރުގެ ދިޔައާއި ކައްފާރާ ވާޖިބުވެއެވެ.

ޖެހުމުގެ ސަބަބުން ނުވަތަ އެ ނޫންވެސް ގޮތަކުން ފޭބި އިރު ކުއްޖާ އޮތީ މަރުވެފައި ނަމަ، އެމީހެއްގެ މައްޗަށް "ޣުއްރާ" ވާޖިބުވެއެވެ.

أَنَّ ‏ ‏امْرَأَتَيْنِ ‏ ‏مِنْ ‏ ‏هُذَيْلٍ ‏ ‏رَمَتْ إِحْدَاهُمَا الْأُخْرَى فَطَرَحَتْ جَنِينَهَا ‏ ‏فَقَضَى رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏فِيهَا ‏ ‏بِغُرَّةٍ ‏ ‏عَبْدٍ أَوْ أَمَةٍ

މާނަ: ''ހުޛައިލުވަންހައިގެ ދެއަންހެނަކު ތަޅައިގެންފައި، އޭގެ ތެރެއިން އެކަކު އަނެކާގެ ގައިގައި ހިލައަކުން ޖެއްސެވެ. އެ ހިނދު އޭނާގެ ބަނޑުގައި އޮތް ދަރިވެއްޓުނެވެ. އަދި ދިޔައިގެ ގޮތުގައި އަންހެން އަޅެއް ނުވަތަ ފިރިހެން އަޅެއް ދިނުމަށް، ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙުކުމްކުރެއްވިއެވެ.'' (ޞަޙީޙުލް ބުޚާރީ އަދި މުސްލިމް)

މިހާރު ޣުއްރާ އަކަށް ވަނީ، ފުރިހަމަ މަރުގެ ދިޔާގެ ދިހަބައިކުޅައިގެ ދެބައިކުޅަ އެއްބައެވެ. އެއީ ޖަމަލުގެންގުޅޭ މީހުންނަށް ފަސް ޖަމަލެވެ. ނުވަތަ ރަން ފައިސާ ގެންގުޅޭ މީހުންނަށް ފަންސާސް ރަން ދީނާރެވެ.

ރާއްޖެއަކީ ޖަމަލު ގެންގުޅޭ ތަނަކަށް ނުވާހިނދު އެންމެ ރަނގަޅުވާނީ، އަދި މީގައި އެންމެ ބަރާބަރު އަގު ނެރެވޭނީ، ރަންދީނާރުން މި ހިސާބުހެދިއްޔާއެވެ. ވީމާ އެއީ ފަންސާސް ރަން ދީނާރެވެ. ފަންސާސް ރަންދީނާރަކީ މިހާރުގެ ބަރުދަނުން ކިރާ ކަމަށްވަންޏާ، 212.5 ގުރާމު ރަނެވެ. ވީމާ އެ ދުވަސްވަރަކު ރަން ގުރާމެއް ލިބޭ އަގު ބަލާފައި އެ ފައިސާ 212.5 އަކާ ގުނަކުރީމާ، ކުއްޖަކު ވައްޓާލީމާ ދޭންޖެހޭ ދިޔައިގެ މިންވަރު އޮންނާނީ އެނގިފައެވެ.

އަދި މި ފައިސާ ދޭން ޖެހޭނީ، މަރުވި ކުއްޖާގެ ވާރުތަވެރިންނަށެވެ. ކުއްޖާ ވައްޓާލީ މަންމަ ކަމަށް ވާނަމަ މަންމަ އަކަށް މި ފައިސާއިން އެއްވެސް މިންވަރެއް ނުލިބޭނެއެވެ.

އަދި ދަރި ވައްޓާލި މީހާގެ މައްޗަށް، ދިޔާ ނުވަތަ ޣުއްރާއާއި އެކު، ކައްފާރާވެސް ވާޖިބުވާނެއެވެ. ކައްފާރާއަކަށް ވާނީ މުއުމިނަކު މިނިވަން ކުރުން، އެކަން ނުވާނަމަ ޖެހިޖެހިގެން ދެ މަސް ދުވަހު ރޯދަ ހިފުމެވެ. މިހާރު މިނިވަން ކުރާނެ އަޅުން ނުތިބޭތީ ޖެހޭނީ ރޯދަހިފާށެވެ.

40 ދުވަސް ވުމުގެ ކުރިން، ވައްޓާލައިފި ނަމަ މިއިން އެއްވެސް ކަމެއް، ދަރި ވައްޓާލި މީހާގެ މައްޗަށް، ޢުޤޫބާތެއްގެ ގޮތުގައި، ވާޖިބެއް ނުވެއެވެ. އެއީ ދިރޭ ޚަލްޤެއް ކަމުގައި ބެލެނީ 40 ދުވަސް ފަހުން ކަމަށް ވާތީއެވެ.

ހަމަ އެހެންމެ އެއްވެސް މަރުހަލާއެއްގައި، ޙައްޤެއް ނެތި ކުއްޖާ ވައްޓައިފިނަމަ އޭނާ ކުރި ކުށަށް ތައުބާވެ، ފާފަ ފުއްސެވުން އެދި ދުޢާކޮށް ގިނަގިނައިން ހެޔޮ ޢަމަލު ކޮށް ތިމާގެ ހެޔޮކަމުގެ ތިލަފަތް ބަރުކުރަން ޖެހޭނެއެވެ.

އަދި ކުއްޖާ ވެއްޓުނީ މައިމީހާގެ ގަސްތަކާއި ނުލާ ނަމަ(ކިތަންމެ ކުރިން ވިޔަސް ކިތަންމެ ފަހުން ވިޔަސް)، އޭނާގެ މައްޗަށް އެއްވެސް ކުށެއް ނެތެވެ. ވީމާ ދިޔައެއް ޣުއްރާއެއް ކައްފާރާއެއް ދޭކަށް ނުޖެހޭނެއެވެ.

Comments