އާދީއްތަ20181111

އާކުރެވުނީ: 08:43:52

ދަރިވެއްޓުމާ ބެހޭ އެގާރަ ނުކުތާއެއް

abortionއެކެއް:

ރޫޙޫ އެޅުމުގެ ފަހުން (120 ދުވަސް) ކުއްޖާ ވައްޓައިފިނަމަ ނުވަތަ ބައިގެންފިނަމަ، އަދި ވެއްޓުނުއިރު އެ ކުއްޖާގެ ކިބާގައި ރުއިންފަދަ ދިރިހުރިކަމުގެ ނިޝާނެއް ހުރެއްޖެނަމަ، ހިނަވާ އަދި އެކުއްޖާގެ މައްޗަށް ކަށުނަމާދު ކުރަން ޖެހޭނެކަމަށް ޢިލްމުވެރިން އިއްތިފާޤުވެވަޑައިގަންނަވައެވެ. ރުއިންފަދަ ދިރުމުގެ ނިޝާނެއް ނެތްނަމަވެސް، 120 ދުވަސް ފުރިހަމަވެއްޖެނަމަ، ބޮޑަށް ބުރަވެވޭ ރައުޔަކީ ހިނަވާ ކަށުނަމާދުކުރަން ޖެހުމެވެ.

ހަތަރު މަސް ދުވަސް ނުވާނަމަ މި ކަންތައް ކުރާކަށް ނުޖެހޭނެއެވެ. ފޮތިއޮޅާފައި ވަޅުލުމުން ފުދޭނެއެވެ.

ދޭއް:

ބައިގެންދިޔަ ނުވަތަ ވެއްޓި ކުއްޖާ ގައިގައި އިންސާނެއްގެ ސޫރަޖެހިފައިވާނަމަ، ދެން އެ ފައިވާ ލެޔަކީ ނިފާސްކަމުގެ ލެޔެވެ. ވީމާ ނިފާސްވުމުން މަނާވާ ކަންތައް އޭނާއަށް މަނާވާނެއެވެ.

ތިނެއް:

އިސްލާމީ ޝަރީޢަތުގެ މައިގަނޑު ފަސް މަޤްސަދުގެ ތެރޭގައި ނަފުސު ރައްކާތެރު ކުރުން ހިމެނެއެވެ. ނަފުސު ރައްކާތެރި ކުރުމުގެ ތެރޭގައި މައިމީހާގެ ބަނޑުގައި އޮންނަ ކުޑަ ދަރިފުޅުވެސް ހިމެނެއެވެ. ބަނޑުގައި އޮންނަ ކުއްޖާއަކީ ޙުރުމަތްތެރިވެގެންވާ ފުރާނައެކެވެ. މި ފުރާނައަށް ރައްކާތެރި ވުމުގެ ގޮތުން ދީނުގައި ވަނީ، މާބަނޑު މީހުން ރޯދަ ހިފަން ނުޖެހޭނެ ކަމަށްވެސް ކަނޑައަޅުއްވާފައެވެ. އަދި މާބަނޑު މީހަކަށް އެއްވެސް ކަހަލަ ހައްދެއް ޤާއިމު ނުކުރެވޭނެ ކަމަށްވެސް ދީން އަންގައެވެ. އަދި އަންހެނެއްގެ ބަނޑުގައި އޮންނަ ކުއްޖާ ވައްޓާލާ މީހަކަށް އެ ކަމުގެ ޢުޤޫބާތްވެސް ދެއެވެ. ވީމާ މިއިން އެނގެނީ ދަރިވެއްޓުމުގެ އަޞްލު ޙުކުމަކީ ޙަރާމް ވުމެވެ.

ހަތަރެއް:

ޒިނޭކޮށްގެން ލިބޭ ކުއްޖަކު ވައްޓާލުމަކީ އެއްވެސް މަރުޙަލާއެއްގައި ހުއްދަ ކަމެއް ނޫނެވެ. ސަބަބަކީ އިސްލާމް ދީނުގައި އެއްވެސް ކަމެއްގައި ލުއިފަސޭހަ 'ރުޚްޞާ' ދެވެނީ އެ ކަމަކީ ހުއްދަ ކަމަކަށް ވާނަމައެވެ. މިސާލަކަށް ދަތުރުވެރިއާ ރޯދަ ނުހިފައި ދޫކޮށްލުން ނުވަތަ ނަމާދު ޤަޞްރު ކުރުން އެއީ، އޭނާއަށް ލުއިކުރުމުގެ ގޮތުން ދީނުގައި ދެވިފައިވާ ރުޚްޞާއެކެވެ. ނަމަވެސް މި ދަތުރުވެރިއާ އަކީ ވައްކަމެއް ކުރަން ނުވަތަ އެނުންވެސް ފާފައެއް ކުރަން ދަތުރު ކުރާ މީހެއްނަމަ، މި ރުޚްޞާ އޭނާއަށް ނުދެވެއެވެ.

ހަމަ އެހެންމެ، ޒިނޭ ކުރާ މީހުން ދަރި ވައްޓާލުން ހުއްދަނަމަ، އެވާނީ މި ނުބައި ފާފަ ކުރާ މީހުންނަށް ލިބޭ ހިތްވަރަކަށެވެ. އަދި ޒިނޭ ކުރުމުގެ ނުރައްކާތެރިކަން މީހުންގެ ހިތްތަކުން ފޮހެވި، އާދައިގެ ކަމަކަށް ވެ ހިގައިދާނެއެވެ. ކޮންމެ ދެ މީހަކުވެސް ޒިނޭ ކޮށްފައި އަނެއް ދުވަހު ގޮސް ދަރި ވައްޓާލުމުން އެ ނިމުނީއެވެ.

ފަހެއް:

ގަދަކަމުން ޖިންސީ ގުޅުން ހިންގައިގެން ބަނޑުބޮޑުވެއްޖެނަމަ، އެ އަންހެން ކުއްޖާއަށާއި އެ އަންހެން ކުއްޖާގެ ޢާއިލާ މީހުންނަށް، މި އަނިޔާވެރި ޢަމަލުން ލިބުނު ކުއްޖާ ވައްޓާލުން ޢިލްމުވެރިން ހުއްދަ ކުރެއެވެ. ބޮޑަށް ރަނގަޅީ ވީހާވެސް ކުރީގައި މިފަދަ ގޮތަކަށް ލިބޭ ކުއްޖާ ވައްޓާލުމެވެ. ސަބަބަކީ ލަސް ކުރާ ވަރަކަށް ބަނޑުގައިވާ ކުއްޖާއަށް ދިރުން ލިބި، ފުރިހަމަ ފުރާނައަކަށް ބަދަލުވާތީއެވެ. ހަމަ އެހެންމެ ދަރިފުޅު ވައްޓާނުލާ އެ އަނިޔާ އަށް ކެތް ކުރުމުގެ އިޚްތިޔާރުވެސް އޭނާއަށް ލިބިގެންވެއެވެ. އަދި މި ގޮތަށް ބަނޑު ބޮޑުވިޔަސް، 120 ދުވަސް ވެއްޖެނަމަ، ވެއްޓުން ހުއްދައެއް ނުވާނެއެވެ.

ހައެއް:

ބަނޑުގައި އޮންނަ ކުއްޖާއަށް ރޫޙޫ އެޅުއްވުމަށްފަހު (120 ދުވަސް)، އެ ކުއްޖާ ވައްޓާލުން ހުއްދަ ވާނީ ހަމަ އެންމެ ހާލަތެއްގައެވެ. އެއީ ކުއްޖާ ވައްޓާ ނުލައިފިނަމަ، މަންމަގެ ފުރާނައަށް ނުރައްކާވާނެކަން އިތުބާރު ހުރި ގޮތަކަށް ޔަޤީން ވުމުންނެވެ. މަންމަގެ ޙަޔާތަށް އިސްކަން ދެވެނީ، މަންމައަކީ އަސްލު ކަމުގައި ވާތީއެވެ. ބަނޑުގައިވާ ކުޑަ ކުއްޖެއްގެ ފުރާނަ ސަލާމަތް ކުރަން މަންމަގެ ފުރާނަ ދުއްވާލުމަކީ ދީނީ ގިއުގަނޑުން ބަލާއިރު ޤަބޫލު ކުރެވޭ ކަމެއް ނޫނެވެ.

ހަތެއް:

ރޫޙް އެޅުމުގެ ކުރިންވެސް، ދަރިވެއްޓުމުގެ އަސްލު ޙުކުމަކީ ޙަރާމް ވުމެވެ. އަދި މި ޙަރާމް ކަމުގެ ކުޑަ ބޮޑު މިން، އެކި މަރުޙަލާތަކުގައި ތަފާތެވެ. ފުރަތަމަ ސާޅީސް ދުވަހުގައި ވެއްޓުމުގެ ޙަރާމްކަން އޭގެ ފަހު މަރުހަލާއަށް ވުރެ ލުޔެވެ. އެހެންވެ، މި މަރުހަލާގައި ގަދަކަމުން ޖިންސީ ހިންގައިގެން ބަނޑުބޮޑުވެގެން، ނުވަތަ ފަރުވާ ނުދެވޭފަދަ ބޮޑު އުފެދުމުގެ އައިބެއް ކުއްޖާ ގައިގައި ހުރުން ފަދަ ސަބަބުތަކަށްޓަކައި، ދަރިފުޅު ވައްޓާލުން ހުއްދައެވެ.

އަށެއް:

ދަރިވެއްޓުން ހުއްދަވާ މަދު ހާލަތްތަކުގައިވެސް، ޢާއްމުކޮށް ޤައުމުގެ އެންމެންނަށް ނުވަތަ ރަށު އެންމެނަށް އެކަން ހުއްދަ ކަމުގެ ފަތުވާއެއް ނުދެވޭނެއެވެ. ސަބަބަކީ މި މައްސަލައަކީ ވަރަށް ނުރައްކާތެރި މައްސަލައަކަށް ވެފައި، އަނެއް ކޮޅުން ކޮންމެ މީހަކީވެސް ތަފާތު ހާލެތެއްގައި، ތަފާތު ބައްޔެއް ޖެހި، ތަފާތު ޙުކުމެއް ނެރެން، ތަފާތު ޑޮކްޓަރުންނާއި ދީނީ ޢިލްމުވެރިން ވާހަކަ ދައްކަން ޖެހޭ ކަމަކަށް ވާތީއެވެ. ވީމާ މިފަދަ ކަމެއް ދިމާވާ މީހަކު ޖެހޭނީ، ޑޮކްޓަރުންނާއި ދީނީ ޢިލްމުވެރިންނާއި ވަކިން ބައްދަލުކޮށް މަޝްވަރާ ކުރާށެވެ.

ނުވައެއް:

ހުއްދަ ނޫން ގޮތަކަށް އެއްވެސް ވަސީލަތެއް ބޭނުންކޮށްގެން، ދަރިވައްޓާލައިފިނަމަ އެ ކަން ކުރި މީހަކު އޭނާ އެ ކުރި ކުށުގެ މަސްއޫލިއްޔަތު އުފުލަން ޖެހޭނެއެވެ. އެ ވަސީލަތަކީ މައިމީހާއަށް ބިރު ދެއްކުން، ބަނޑުހައި ކުރުން، އަދި ޖެހުން ކަމަށް ވިޔަސްވެހެވެ. ނަމަވެސް މި ފަދަ މީހަކަށް މައިމީހާ ހުރީ ބަނޑުބޮޑުވެކަން އެނގުން އެއީ ޝަރުޠެކެވެ. އަދި ފަރުވާކުޑަ ކުރުން އެއީވެސް ޝަރުޠެކެވެ.

ދިހައެއް:

ދީން ހުއްދަ ނުކުރާ ހާލަތެއްގައި، ކުއްޖަކު ވައްޓާލަން ބޭނުންވާ މީހާއާއި އަދި ވައްޓައިދޭ ޑޮކްޓަރުވެސް، ތިމާއަށް މިކުރެވެނީ ކިހާ ބޮޑު ކަމެއްކަން ވިސްނާލުން ހުއްޓެވެ. އަދި ޑޮކްޓަރުން ދީނާއި ޚިލާފު ގޮތަކަށް ދަރިންވައްޓައި ދިނުމަކީ ބޮޑުވެގެންވާ ފާފައެކެވެ. އޭނާ އެ ދުއްވާލަނީ މާތްﷲ މާތް ކުރައްވާފައިވާ ފުރާނައެކެވެ. ވީމާ ކޮންމެ ޑޮކްޓަރެއްވެސް އޭނާ ގާތަށް މިފަދަ ކަމެއް ކުރުވަން މީހަކު ގޮސްފިނަމަ، ސުވާލެއް ވެސް ނުކޮށް ސިއްރުން ދަރިވައްޓައި ދިނުމަކީ ހެޔޮވާވަރުގެ ކަމެއް ނޫނެވެ.

އެގާރަ:

ދަރިވައްޓާދީފައި ޑޮކްޓަރު އެ ނަގާ އަގުގެ ޙުކުމް ބިނާ ވެގެން ވަނީ، އޭނާ އެ ކުރާ ޢަމަލުގެ މައްޗަށެވެ. މަޤްބޫލު ސަބަބަކާހެދި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި، ދީން ހުއްދަ ކުރާ ގޮތަކަށް ދަރިވައްޓައި ދީފިނަމަ، އެ މީހަކު އެ ނަގާ އަގަކީ ޙަލާލް އެއްޗެކެވެ. އޭނާ އެކަން ކުރީ ދީން ހުއްދަ ނުކުރާ ޙާލަތެއްގައި ނަމަ، އޭނާ އެ ނެގި އަގަކީ ޙަރާމް އެއްޗެކެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.