ހޮނިހިރު20180922

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ފަހުގެ މައްސަލަތައް އައިބެއް ހުރި ކުއްޖަކު ވައްޓާލުމާ ބެހޭ، މަޖްމަޢުލް ފިޤްހުލް އިސްލާމީގެ ޤަރާރު

އައިބެއް ހުރި ކުއްޖަކު ވައްޓާލުމާ ބެހޭ، މަޖްމަޢުލް ފިޤްހުލް އިސްލާމީގެ ޤަރާރު

dhari-vettun-qaraarރާބިޠަތުލް ޢާލަމުލް އިސްލާމީ ގެ ގޮތްޕެއް ކަމުގައިވާ "މުޖައްމަޢުލް ފިޤުހުލް އިސްލާމީ'' އިން ބޭއްވި 12 ވަނަ ބައްދަލު ވުމުގައި، އެއްބަސްވެފައި ވަނީ، ބަނޑުގައި އޮންނަ ކުއްޖާ (ޖަނީން) އަށް 120 ދުވަހަށް ވުރެ ގިނަ ދުވަސް ވެއްޖެ ނަމަ، މަންމަގެ ފުރާނައަށް ނުރައްކާ ވުން ނޫން އެހެން އެއްވެސް ސަބަބަކަށްޓަކައި، ވައްޓާލުން ހުއްދަ ނުވާނެ ކަމަށެވެ.

އަދި އިތުބާރު ކުރެވޭ ޑޮކްޓަރުންގެ ފުރިހަމަ ޓީމަކުން މައިމީހާގެ ބަނޑުގައިވާ ދަރިފުޅުގެ ގައިގައި ބޮޑު އައިބެއް އެބަ ހުރި ކަމަށް ޔަޤީންކޮށް ދީފިނަމަ، 120 ދުވަސް ވުމުގެ ކުރިން، ދަރިފުޅު ވެއްޓުން ހުއްދައެވެ.

ދަރިފުޅު ވެއްޓުން ހުއްދަ ވާނީ ފަރުވާ ނުދެވޭ ކަހަލަ ބޮޑު އައިބެއް ހުރެގެން ނުވަތަ، އެ ކުއްޖާ ދިރި އޮއްވާ އުފަން ކުރެވުނަސް އޭނާއަށް ބޮޑެތި އުނދަގޫތަކެއް ވާނެ ކަހަލަ، ބޮޑެތި ޖިސްމާނީ އައިބުތަކެއް ހުރިކަން ޔަޤީން ވުމުންނެވެ.

 

 

120 ދުވަސް ވުމަށް ފަހު، ކިތަންމެ ބޮޑު އައިބެއް ކުއްޖާގެ ގައިގައި ހުއްޓަސް، އެ ކުއްޖާ ވައްޓާލުން ހުއްދަ ނުވާނެއެވެ.

މި ޤަރާރުގެ ނައްޞު ތިރީގައި މި ވަނީއެވެ:

''ޙަމްދާއި ޝުކުރު ކުރަނީ ﷲ -ސުބްޙާނަހޫ ވަތަޢާލާ- އަށެވެ. އަދި ޞަލަވާތާއި ސަލާމް ޙައްޤު ވަނީ ކީރިތި ރަސޫލާ މުޙައްމަދު -ޞައްލައްﷲ ޢަލައިހި ވަސައްލަމަ- އާއި އެކަލޭގެފާނުގެ އާލު އަޞްޙާބުންނަށެވެ. އެއަށް ފަހު ބުނަމެވެ.

ރާބިޠަތުލް ޢަލަމުލް އިސްލާމީގެ މަޖްމަޢުލް ފިޤްހުލް އިސްލާމީ، މައްކާގައި، 15 ރަޖަބް 1410 އިން 22 ރަޖަބް 1410 (10-17 ފެބްރުއަރީ 1990) ދެމެދު ބޭއްވި ބާރަވަނަ ބައްދަލު ވުމުގައި ތިރީގައި މިވާ މައުޟޫއާ މެދު ވިސްނައި ވާހަކަ ދެކެވި، މި ކަމަށްޓަކައި ޙާޟިރުވި ކަމާބެހޭ މާހިރު ޑޮކްޓަރުންނާއި މަޝްވަރާ ކުރެވި، ގިނަ މީހުންގެ އެއްބަސް ވުމާ އެކު އަންނަނިވި ކަންތައްތަކަށް އިޤްރާރު ވެވިއްޖެއެވެ.

1- ބަނޑުގައި އޮންނަ ކުއްޖާއަށް 120 ދުވަސް ވެއްޖެނަމަ، އެ ކުއްޖާ ވެއްޓުން ހުއްދައެއް ނޫނެވެ. އެއީ އެ ކުއްޖާގެ ކިބައިގައި އުފެދުމުގެ އައިބުތަކެއް ހުރިކަން ޑޮކްޓަރުން ބުނި ކަމުގައި ވިޔަސް ވެހެވެ.

އެކަމަކު، އިތުބާރު ހިފެވޭ ޑޮކްޓަރުންގެ ޓީމަކުން، ބަނޑުގައިވާ ކުއްޖާ ވައްޓާ ނުލާ އޮތުމުން، މައިމީހާގެ ފުރާނައަށް ނުރައްކާވާނެކަން ޔަޤީންކޮށްދީފިނަމަ، ވައްޓާލުން ހުއްދައެވެ. މި ހިނދު އެ ކުއްޖާގެ ކިބައިގައި އުފެދުމުގެ އައިބެއް ހުއްޓަސް ނެތަސް ހަމަހަމަ އެވެ. މަންމައަށް ނުރައްކާ ވާނަމަ ދެ ހާލަތުގައި ވެސް، ދަރިފުޅު ވެއްޓުން ހުއްދައެވެ. އެއީ ދެ ގެއްލުމުގެ ތެރެއިން ބޮޑު ގެއްލުމުން ސަލާމަތް ވުމަށްޓަކައެވެ.

2- ބަނޑު ބޮޑުވާތާ ސަތޭކަ ވިހި ދުވަސް ކުރިން، އިތުބާރު ހިފެވޭ ޑޮކްޓަރުންގެ ޓީމަކުން، ފަންނީ ގޮތުން ފުރިހަމަ ޓެސްޓުތަކެއް ކުރުމަށްފަހު، ބަނޑުގައި ވާ ކުއްޖާގެ ކިބައިގައި އުފެދުމުގެ ވަރަށް ބޮޑެތި އައިބުތަކެއް ހުރިކަން ޔަޤީންކޮށް ދީފިނަމަ، އެ ކުއްޖާ ވައްޓާލުން ހުއްދައެވެ. 120 ދުވަސް ކުރިން ވެއްޓުން ހުއްދަ ވާނޭ މި ބުނި އައިބުތަކަކީ ބޭސްފަރުވާ ނުދެވޭ ވަރުގެ ބޮޑެތި އައިބުތަކަކަށް ވާން ޖެހެއެވެ. އަދި މިފަދަ އައިބުތަކެއް ހުރި ކުއްޖާ ވިހެއުމަށްފަހު ދިރި އޮތަސް، އޭނާއަށް ބޮޑެތި ކެކުޅުމާއި ވޭން ތަހައްމަލު ކުރަން ޖެހޭނެ ކަމަށް، ޑޮކްޓަރުން ޔަޤީން ކޮށްދީފިނަމަ ވެއްޓުން ހުއްދައެވެ. އަދި މި ކަން ކުރަން ވާނީ ކުއްޖާގެ މަންމައާއި ބައްޕަގެ އެދުމުގެ މަތިންނެވެ.

ވީމާ މި މަޖުލިހުގެ ފަރާތުން ޑޮކްޓަރުންނަށާއި މައިންބަފައިންނަށް ގޮވާލަނީ، މިފަދަ ކަންކަމުގައި މާތް ﷲ އަށް ތަޤުވާވެރި ވުމަށެވެ."

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.