ބުރާސްފަތި20201126

އާކުރެވުނީ: 08:43:52

އައިބެއް ހުރުމުން ދަރިވެއްޓުން

aibu-hurumun-dhari-vettunފެށުން:

ބަނޑުގައިވާ ކުއްޖާގެކިބާގައި އުފެދުމުގެ އައިބެއް ހުރިކަން، އުފަންވުމުގެ ކުރިން ދެނެގަނެވޭ ޢިލްމީ ކުޅަދާނަކަން އިންސާނުންނަށް ލިބިފައިވަނީ ނިސްބަތުން ފަހުންނެވެ. އެހެންވެ ކުރީ ޒަމާނުގައި ދަރިވެއްޓުމާ ބެހޭގޮތުން ވާހަކަ ދެއްކި ޢިލްމުވެރިން އަބަދުވެސް ވާހަކަ ދައްކާފައި ވަނީ، ރޫޙު އެޅުއްވެނީ ސަތޭކަވިހި ދުވަސް ފަހުންކަން ޞައްޙަ ޙަދީޘުން ސާބިތުވާތީ، އެ މުއްދަތަށް ރިޢާޔަތްކުރައްވައިގެންނެވެ.

ކަމުގެ ތަޖުރިބާކާރުން ބުނާގޮތުން، ބަނޑުގައިވާ ކުއްޖާގެ އެންމެ ނާޒުކު މަރުހަލާއަކީ ފުރަތަމަ ސާޅީސްފަސްދުވަހެވެ.

މި މަރުހަލާގައި، އެތެރެއިން ވެސް އަދި ބޭރުން ވެސް ދިމާވާ ކިތަންމެ ކުޑަ އަސަރެއްވެސް ކުއްޖާއަށް ކުރުމަކީ އެކަށީގެންވާކަމެކެވެ. މީގެ ނަތީޖާއެއްގެ ގޮތުން ފަހަރެއްގާ ކުއްޖާގެ ގުނަވަންތައް ފާޅުވެ ބޮޑުވުން ހުއްޓިވެސްދާނެއެވެ. މީގެ މާނައަކީ ފަހުގެ މަރުޙަލާއެއްގައި ކުއްޖަކަށް ނުބައި އަސަރެއް ނުކުރާނެއޭ ބުނުމެއް ނޫނެވެ. ފަހުގެ މަރުޙަލާތަކުގައިވެސް ކުދިންނަށް ގެއްލުންލިބެއެވެ. ނަމަވެސް އެއީ ކުރީގެ މަރުޙަލާތަކަށް ވުރެ ނިސްބަތުން މަދުންނެވެ.

 

ބަނޑުގައި އޮންނަ ކުއްޖެއްގެ ކިބާގައި އުފެދުމުގެ އައިބެއް ހުރުމަށް މެދުވެރިވާ ސަބަބުތައް ދެގޮތަކަށް މެދުވެރިވެއެވެ. އެއީ:

1- ބޭރު ސަބަބެއް:

މިސާލަކަށް މައިމީހާ އަށް ނުރައްކާތެރި ބައްޔެއްޖެހުން، ކެމިކަލަކަށް ހުށައެޅުން، ރޭޑިއޭޝަނަކަށް ހުށައެޅުން، ނުވަތަ ދުންފަތާއި މަސްތުވާތަކެތީގެ ބޭނުންކުރުން، ނުވަތަ ވިހައެއް ބޭނުންކުރުން، އިންފެކްޝަނެއް އުފެދުން، ނުވަތަ މާބަނޑުމީހުންނަށް އެކަށީގެން ނުވާ ބޭސްތައް ބޭނުންކުރުން ފަދަ ކަންކަމެވެ.

2- އެތެރޭ ސަބަބެއް:

ކުއްޖާގެ ކިބާގައި އައިބެއް އުފެދުނީ، ފަހަރެއްގާ ކުއްޖާ އުފެދުމުގެ އަސްލުގައި ހުރި މައްސަލައަކުން ކަމަށްވެސް ވެދާނެއެވެ. މިސާލަކަށް، މަނިފަނީގައި ނުވަތަ މައިމީހާގެ ބިހުގައި ކުރީއްސުރެ އައިބެއް ހުރުމެވެ. މީގެ ސަބަބަކީ ފަހަރެއްގާ، ބޭރާ ގުޅުން ހުރި ކަމަކުން ބިހުގައި ނުވަތަ މަނިފަނީގައި މައްސަލައެއް ހުރުމެވެ. ނުވަތަ ވާރުތަވާ ބައްޔެއް ހުރުން ކަމަށް ވެސްވެދާނެއެވެ. ހުރިހާ ކަމެއް ރަނގަޅަށް ދަމުން ގޮސް، ރަޙިމުގެ ފާރުގައި ބިސް އަށަގަތުމަށް ފަހުވެސް ކުއްޖާއަށް ގެއްލުމެއް ވެދާނެއެވެ. އަދި އެނގޭ ވަކި ސަބަބެއް ނެތިވެސް ކުއްޖެއްގެ ކިބާގައި އައިބެއް ހުރެދާނެއެވެ.

ނަމަވެސް މާތް ﷲ ގެ ރަޙްމަތްފުޅުން، މާބަނޑުގެ ކުރީ މަރުޙަލާތަކުގައި މައްސަލައެއް ދިމާވެއްޖެނަމަ، ޢާއްމު ގޮތެއްގައި ފުރަތަމަ ބާރަހަފްތާގެ ތެރޭގައި އެ ކުއްޖާ ބައިގެން ހިނގައިދެއެވެ. ބައެއްފަހަރު ބަލިވެއިންކަން އަދި ނުވެސް އެނގެނީސްވެސް ބައިގެންދެއެވެ.

ކޮންމެއަކަސް، ޒަމާންތަކަށް އައި ބަދަލާއި، މީހުންގެ އުޅުމާއި ވިސްނުމަށް އައި ބަދަލާއެކު، އެންމެ ހޫނުކޮށް މިއަދު ބަހުސް ކުރެވޭ އަޚްލަޤީ އެއް މައްސަލައަކަށް ވެފައި މިވަނީ ދަރިވެއްޓުމުގެ މައްސަލައެވެ. އެމެރިކާގެ އިންތިޚާބުގެ މުހިއްމު ބަހުސްތަކަކަށްވެސް މި މައްސަލަ ވެފައި ވެއެވެ. އެމެރިކާއާއި ދުނިޔޭގެ އެހެނިހެން ބައެއް ޤައުމުތަކުގައި "ޙަޔާތާ އެއްކޮޅު'' މީހުންނާއި "އިޚްތިޔާރުކުރުމާ އެއްކޮޅު" މީހުންގެ މެދުގައި މި މައްސަލަ ވަނީ ބޮޑު ހަނގުރާމައަކަށްވެފައެވެ. ނަމަވެސް އިސްލާމީ ޤައުމުތަކުގައި މި މައްސަލަ މިގޮތަށް އަދި ފާޅުވެފައި ނެތެވެ. އިސްލާމީ ޤައުމުތަކުގައި މި މައްސަލައާ މެދު ވާހަކަ ދެކެވެނީ ބޮޑަށް ދީނީ ނަޒަރަކުންނެވެ.

މި ލިއުމުގައ މި ބަލާލަނީ، އަހަރެމެންގެ މާތްވެގެންވާ އިސްލާމް ދީން މި މައްސަލައާއި މެދު ދެކޭ ގޮތެވެ.

އައިބެއް ހުރުމުން ދަރިވެއްޓުމުގެ ޙުކުމް:

ބަނޑުބޮޑުވާތާ އެއްގަޑި އިރުފަހުން ކަމުގައިވިޔަސް، ދަރިން ވެއްޓުމުގެ އަސްލު ޙުކުމަކީ ޙަރާމްވުން ކަމުގައި އައްޝައިޚް ޑޮކްޓަރ ޔޫސުފް އަލްޤަރްޟާވީ ވިދާޅުވެފައިވެއެވެ.

ނަމަވެސް ޔަޤީންކުރެވޭ އައިބުތަކެއް ކުއްޖާ ގައިގައި ވާނަމަ 120 ދުވަސް ވުމުގެ ކުރިން ވައްޓާލުން ހުއްދައެވެ. އަދި ބައެއް ޢިލްމުވެރިން ދެކެވަޑައިގަންނަވަނީ 40 ދުވަސް ވުމުގެ ކުރިން މެނުވީ ހުއްދަ ނުވާނެކަމަށެވެ. މި ރައުޔު ކުރީ ރައުޔަށް ވުރެ ވަރުގަދައެވެ. މިއީ ޤަރަޟާވީގެ ފަތުވާގެ އެންމެ ކުރު ޚުލާސާއެވެ. ތިރީގައި މިވަނީ ފަތުވާގެ ތަފްޞީލެވެ.

ފަހުގެ ބައެއް ޢިލްމުވެރިން، މި އަންނަނިވި ޝަރުތުތަކުގެ މަތިން، އައިބެއް ހުރެގެން ބަޑުގައިވާ ދަރިފުޅު، ސަތޭކަވިހި ދުވަސްވުމުގެ ކުރިން ވައްޓާލުން ހުއްދަ ކުރައްވާ ކަމަށް ޤަރަޟާވީ ބަޔާން ކުރައްވާފައިވެއެވެ.

1- އަމާނާތްތެރި، އިތުބާރު ހިފޭ، ކަމަށް އެކަށީގެންވާ ޑޮކްޓަރުން، ބަނޑުގައި އޮތް ކުއްޖާގެ ކިބައިގައި މިފަދަ އައިބެއް ވާކަން ސާބިތުކުރުން.

2- މިފަދަ އައިބުތަކަކީ އާއްމު ނޫން އައިބެއް ކަމުގައި ވުން، އެގޮތުން ކުއްޖެއްގެ މޫނުގައި ލަފެއް ހުރެގެން ނުވަތަ ބީރު، ނުވަތަ މަންމަން، ނުވަތަ ލޯ އަނދިރިވުން ފަދަ އާއްމު އައިބެއް ކުއްޖެއްގެ ގައިގައި ހުރެގެން، އެ ކުއްޖާ ވެއްޓުން ހުއްދައެއް ނުވާނެއެވެ.

3- މި އައިބަކީ ކުއްޖާއަށް ވަރަށް ބޮޑެތި އުދަގޫ ތަކާއި ކުރިމަތި ލާންޖެހޭނެ ކަހަލަ އައިބަކަށް ވުން.

ރޫޙު އެޅުއްވުމަށް ފަހު (ސަތޭކަވިހި ދުވަސްފަހުން)، މަންމަގެ ފުރާނައަށް ނުރައްކަލެއް މެދުވެރި ވުން ފިޔަވައި އެހެން އެއްވެސް ސަބަބަކާހުރެ، ބަނޑުގައިވާ ދަރިފުޅު ވައްޓާލުން ހުއްދަ ނުވާނެކަމަށް ޖުމްހޫރު ޢިލްމުވެރިން ދެކެވަޑައިގަންނަވައެވެ.

ވީމާ ބަނޑަށް 120 ދުވަސް ވެއްޖެނަމަ، ކުއްޖާގެ ގައިގާ ވާ އައިބަކީ ކިތަންމެ ބޮޑު އައިބެއް ކަމުގައި ވިޔަސް ކުއްޖާ ވައްޓާލުން ހުއްދަ ނުވާނެއެވެ. އެހެނީ ސަތޭކަ ވިހިދުވަސް ފަހުން އެއީ ފުރާނައަޅުއްވާ ފުރިހަމަވެފައިވާ އިންސާނެކެވެ.

މިހިސާބުން ފާހަގަ ކޮށްލަންޖެހޭ އަނެއްކަމަކީ، ޑޮކްޓަރުން، މަދު ދުވަސްކޮޅަކަށް ނޫނީ ދުނިޔޭގައި ނުއުޅޭނެ ކަމަށް ބުނާ ކުދިން ބައެއްފަހަރު އެތައް އަހަރެއްވަން ދެން އަދި މުސްކުޅިވަންދެން ވެސް އުޅެފައިވާ ކަމެވެ. ވީމާ ޑޮކްޓަރަކު ބުނެލާ ބަހަކަށް ފުރާނައެއް ދުއްވާލުމުގެ ބަދަލުގައި، އެ ކުއްޖާ ދުނިޔެއަށް އަންނަންދެން މަޑުކޮށްލުން ހުރިހައި ގޮތަކުންވެސް ހެޔޮކަން ބޮޑެވެ. ﷲ ގެ އޯގާތެރިވަންތަކަން ހުންނަ ގޮތުން، ދުނިޔޭގައި ނުއުޅެވޭ ވަރަށް ބޮޑު އައިބެއް ކުއްޖާގައިގައި ހުރެއްޖެ ނަމަ، އުފަންވާތާ މާ ގިނަ ދުވަސްތަކެއް ނުކޮށް، ދުނިޔެ ދޫކުރެއެވެ. އަދި މި ޒަމާނަކީ ޑޮކްޓަރީގެ ގޮތުން ނުލާހިކު ކުރިއަރާފައިވާ ޒަމާނަކަށް ވާތީ، ކުދިންގައިގައި ހުންނަ ގިނަ އައިބުތަކަކީ، ފަސޭހަކޮށް ފަރުވާ ދެވޭ އައިބުތަކެވެ.

އަދި އަނެއްކޮޅުން ކުއްޖެއްގެ ގައިގައި އޭނާއަށް ނުއުޅެވޭފަދަ އައިބެއް ހުރެ، ދުނިޔެއަށް އުފަން ވެއްޖެނަމަ އެ ކުއްޖާ މާކަގިނަ ދުވަހަކު ދުނިޔޭގައި ނޯވެއެވެ. ވީމާ ކުއްޖާއަށް ވާނެ އުނދަގުލަކަށޭ ކިޔާފައި ދަރިން ވެއްޓުމުގެ ބަހަނާ، މި ހާލަތުގައި ނެތިގެން އެބަ ދެއެވެ. އަދި މާތް ﷲ މިންވަރު ކުރެއްވި ގޮތް ޤަބޫލު ކޮށްގެން، އެ ކުއްޖާ ވިހައި، ދެވެން އޮތް ފަރުވާ ދީ ބަލައި ބޮޑު ކުރުމަކީ، ހަމަ ޔަޤީނުންވެސް އެ މަންމައަކާއި ބައްޕައަކަށް ކޮޅެއްވެސް ނެތްހާ ދަރުމަ ލިބޭނެ ކަމެކެވެ.

ދެން ޝައިޚް ޤަރަޟާވީ ވިދާޅުވަނީ ހުށައެޅޭ މިފަދަ މައްސަލަތަކުގެ ކުރިމަތީގައި، މުސްލިމު ފިޤުހުވެރިއަކު ހުއްޓޭ ހިނދު އޭނާ އިޤްރާރުވާންޖެހޭ ޙަޤީޤަތްތަކެއް ވާކަމަށެވެ. އެއީ:

- އިސްލާމީ ޝަރީޢަތުގެ ކުރިމަތީގައި، ބަނޑުގައި އޮންނަ ދަރިފުޅުގެ ޙަޔާތަކީ އިޙްތިރާމް ކުރެވޭ ޙަޔާތެކެވެ. އެއީ ރައްކާތެރިވުން ވާޖިބު، ދިރުން ހުރި އެއްޗެކެވެ. އެގޮތުން ރަމަޟާން މަހު މާބަނޑުމީހާ، ރޯދަ ދޫކުރުން ވެސް ދީނުގައި ހުއްދަކުރައްވާފައިވެއެވެ. އަދި ކިއެއްތަ، ރޯދައިގެ ސަބަބުން ދަރިފުޅަށް ގެއްލުމެއް ލިބޭނެކަމަށް ފެންނަނަމަ، ރޯދަ ދޫކުރުން ވާޖިބުވެގެންވެސް ވެއެވެ.

- ބަނޑުގައި އޮންނަ ކުޑަކުއްޖާއަށް ގެއްލުމެއް ލިިބޭނެފަދަ ކޮންމެ ކަމަކުން ދުރުވުމަށް، ދީން ވަނީ ވަރަށް ބޮޑަށް ބާރު އަޅާފައެވެ. އެ ގޮތުން އިސްލާމީ ޝަރީޢަތް ވަނީ، ކުއްޖާއަށް ގެއްލުމެއް ލިބެނީ އޭނާ އުފެދުމުގެ ސަބަބެއް ކަމުގައި މެދުވެރިވި މަންމައާއި ބައްޕަގެ ފަރާތުން ކަމުގައި ވިޔަސް، އެއީ ހުއްދަ ނޫން ކަމެއް ކަމުގައި ކަޑައަޅާފައެވެ.

- ކުއްޖާއަށް ބަލިވެއިނީ ނަހަލާލަށް ކަމުގައި ވިޔަސް، އެ ކުއްޖާ ދުނިޔެއަށް ނޭވާ ލެވުނަ ނުދީ މަރާލުމަކީ ދީނުގައި އެއްގޮތަކަށްވެސް ހުއްދަ ކަމެއް ނޫނެވެ. މީހަކު ކުރާ ކުށެއްގެ ސަޒާ އެހެން މީހަކު އުފުލުން އެއީ އިސްލާމްދީން ޤަބޫލުކުރާ ކަމެއް ނޫނެވެ. ވީމާ އަންހެން މީހާ ޒިނޭ ކޮށްގެން ލިބޭ ކުއްޖާގެ ކުށެއް ނެތި، މަރާލުމަކީ ކޮޅެއް ނެތްހާ ބޮޑު ފާފައެކެވެ.

- ދަރިން ވެއްޓުމަކީ ހުއްދަ ކަމެއްނަމަ ކައިވެނިން ބޭރުގައި، ނަހަލާލަށް ބަނޑުބޮޑުވާ މީހުންގެ ދަރިން ވެއްޓުން އިސްލާމް ދީން އެންމެ ފުރަތަމަވެސް ހުއްދަ ކުރީހެވެ. އެހެނީ ޒިނޭކުރުން އެއީ ނުބައި ކަމަކަށް ވުމުގެ އެންމެ މުހިންމު ސަބަބަކީ ނަސްލު އޮޅި، ކުދިން މައިންބަފައިންގެ ލޯބިން މަހުރޫމުވެ، އިޖްތިމާޢީ އޮޅުންބޮޅުމެއްގެ ތެރެއަށް މީހުން ގެނބި ގެއްލިހިގައިދާނެތީއެވެ. ވީމާ ޒިނޭ ކުރުމުން ލިބޭ ދަރިން ނައްތައި ލުމުން މިކަމުން ސަލާމަތް ވެވިދާނެއެވެ. އެކަމަކު ކަން އޮތީ މިހެނެއް ނޫނެވެ.

- އިސްލާމީ ޝަރީޢަތުގެ މައިގަޑު ފަސް މަޤްސަދު ތެރޭގައި ނަސްލު ރައްކާތެރި ކުރުން ހިމެނޭއިރު، ފުރާނަ ރައްކާތެރި ކުރުންވެސް ހިމެނެއެވެ. ވީމާ ނަހަލާލު ކުއްޖެއް ލިބުމުން، އެ ކުއްޖާ ހައްޔަރުން ނެއްޓުވުމަކީ ހުއްދަކަމެއް ނޫނެވެ. އެއީ ފާފައިގެ މައްޗަށް ކުރެވޭ އެއަށްވުރެ ބޮޑު ފާފައެކެވެ. ޒިނޭ ކުރުމަކީ ބޮޑު ފާފައެކެވެ. އިންސާނަކު މެރުމަކީ އެއަށް ވުރެ ބޮޑު ފާފައެކެވެ.

އަޅުގަނޑުމެންގެ ޝަރީޢަތަށް ބަލައިފިނަމަ، ޤިޞާޞް ހިފެވޭ މާބަނޑު މީހުންނާއި ޙައްދު ޤާއިމްކުރެވޭ މާބަނޑު މީހުން އަދި ރަޖަމް ކުރެވޭ މާބަނޑު މީހުންގެ މައްޗަށް މިކަންތައް ތަންފީޒު ނުކޮށް، ދަރިފުޅު ވިހަންދެން ލަސްކޮށްލުމަށް އަންގަވާފައި ވަނިކޮށް ފެންނާނެއެވެ.

އެހެނީ ކުށެއް ނެތް އެ ކުއްޖާ ދުނިޔެއަށް އައުން ހުއްޓުވުން އެއީ އެއްވެސް މީހަކަށް އޮތް ޙައްޤެއް ނޫނެވެ. ޤާޟީއަށް ބާރެއް ލިިބިފައިވަނީ އެ އަންހެން މީހާގެ މައްޗަށެވެ. ފަހަރެއްގައިވެސް ބަނޑުގައި އޮތް ކުށެއް ނެތް ކުއްޖާގެ މައްޗަކަށް ނޫނެވެ.

ޚުލާޞާއަކީ:

އިތުބާރުހިފޭ ޑޮކްޓަރުންތަކެއް، ކުއްޖާގެ ކިބައިގައި ބޮޑެތި އައިބުތަކެއް އެބަހުރިކަން ޔަޤީންކޮށްދީފިނަމަ، ސަތޭކަވިހި ދުވަސްކުރިން ވެއްޓުން ހުއްދައެވެ.

އަދި ކިތަންމެ ބޮޑު އައިބެއްހުއްޓަސް، ސަތޭކަވިހި ދުވަސްވުމަށް ފަހު، ކުއްޖާ ވެއްޓުން ހުއްދައެއް ނޫނެވެ. ސަތޭކަވިހި ދުވަސް ވުމަށް ފަހު ކުއްޖަކު ވެއްޓޭނެ އޮތީ އެންމެ ގޮތެކެވެ. އެއީ ކުއްޖާ އޮތުމުން މައިމީހާގެ ފުރާނައަށް ނުރައްކަލެއް ވާކަން ޔަޤީންވުމެވެ.

 

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.