އާދީއްތަ20200927

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ފަހުގެ މައްސަލަތައް އަހަރެމެންގެ ޢަމަލުތަކުގެ ސަބަބުން ދުނިޔެ ހޫނުވަމުންދާކަމަށް ތަޖުރިބާކާރުން ހާމަކުރުމުން....

އަހަރެމެންގެ ޢަމަލުތަކުގެ ސަބަބުން ދުނިޔެ ހޫނުވަމުންދާކަމަށް ތަޖުރިބާކާރުން ހާމަކުރުމުން....

thimaaveshi-islam-dheenމިއަހަރު ފެށުނުތަނާހެން އަޅުގަނޑުމެން އެހި އަޑަކީ އިންސާނުންގެ ޢަމަލުތަކުގެ ސަބަބުން ދުނިޔޭގެ ހޫނު މިން މައްޗަށް ދާކަމުގެ ވާހަކައެވެ. މިއީ އަޅުގަނޑުމެން ފަދަ ކުދި ޖަޒީރާ ތަކުގައި އުޅެމުންދާ މީހުން އެކަމާއި މެދު ކަންބޮޑުވާންޖެހޭ ކަމެކެވެ. ތިމާ ދިރިއުޅޭ ވެއްޓަށް އަންނަމުން ދާ ބަދަލު ތަކުގެ ވާހަކަ އަކީ އެކަން ކަމުގެ މައްޗަށް ދުނިޔޭގެ ގިނަ ބަޔަކު ސަމާލުކަން ހުއްޓިފާވާ މުހިއްމު ވާހަކަތަކެކެވެ.

މި ގޮތުން ޖައްވު ތަޣައްޔަރުވުމާއި، ކަނޑުގެ ލޮނު ގަނޑު އުފުލުމާއި، އޯޒޯން ފަށަލަ ތުނިވުން ފަދަ ވާހަކަ ތަކުގެ އަޑު މިދަނީ ގަދަ ވަމުންނެވެ.

ތިމާވެށި ނުވަތަ ޢަރަބި ބަހުން ނަމަ ''ބީއާ'' މި ލަފްޒު ކީރިތި ޤުރުއާނުގައި ނުވަތަ ކީރިތި ރަސޫލާގެ ސުންނަތުގައި ވާރިދުވެގެން އައިސްފާ ނުވާ ނަމަވެސް ތިމާވެށި ކަމުގައި އަޅުގަނޑުމެން މާނަ އިންސާނުނަށް އޭގެ އަސަރުފޯރާ، އަހަރެމެންގެ ވަށައިގެންވާ ދިރުން ހުރި ތަކެއްޗާއި ދިރުން ނެތް ހުރިހާ ތަކެއްޗާއި ތަންތަނުގެ ތެރެއިން ބިމާއި އެބިމުގައި ވާ ތަކެއްޗާއި، ކަނޑުތަކާއި، ޖައްވާއި އެތަންތަނުގައިވާތަކެއްޗާއި އެތަންތަނުގައި އުޅޭތަކެތީގެ ވާހަކަ ތައް ކީރިތި ޤުރުއާނުގައި ވާރިދުވެގެން އައިސްފާވެއެވެ.

 

ބިން އުފައްދާ ބިމުގައި ދިރުން ލެއްވީ އިންސާނުންގެ ބޭނުންތަކާއި އެއްގޮތަށް އެމީހުންގެ ޙާޖަތްތައް ފުއްދުމަށް އެކަށޭނެ ގޮތުގައެވެ. ބިމުގައި ދިރުން ލެއްވީ އެބިމުގައިވާ އެކަތި އަނެއްކައްޗަށް ބޭނުން ޖެހޭ ގޮތުގައެވެ. ވީމާ ތިމާ ދިރިއުޅޭ ވެއްޓަށް ރައްކާތެރިވެ، އެވެށި ޙިމާޔަތް ކުރުމަކީ ދީނީ ގޮތުންް އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފާވާ މަސްއޫލިއްޔަތެކެވެ. ބިމާއި ބިމުގެ ވަށައިގެންވާ ތަންތަނުގައި ދިރިހުރި ތަކެއްޗާއި، ދިރުމެއްނެތް ތަކެތީގެ ހާލިޤަކީ އަޅުގަނޑުމެންގެ ވެރި ރަސްކަލާނގެއެވެ. މި ވެށީގައި ބޭކާރުވެގެންވާ ގޮތުގައި އެއްވެސް އެއްޗެއް އެކަލާނގެ އުފައްދަވާފާ ނުވާނެތެވެ. ވެށީގައި ވާ ތަކެއްޗަކީ އިންސާނުންނަށްޓަކައި އުފެއްދެވި ތަކެއްޗެވެ.

ވެށީގައި އުފެދިފާވާ އެހެން ތަކެއްޗަކީ ވެސް އިންސާނުންފަދައިން މާތް ﷲގެ މަހުލޫގު ތަކުންނެވެ. މިގޮތުން ބިމާއި، އުޑާއި، ވަޔާއި، ފެނާއި، ފަރުބަދަޔާއި ވާދީ ތަކާއި، ގަސްގަހާގެއްސާއި، މަސްމަހާމެއްސާއި، ޖަނަވާރާއި، ބިމުންނަގާ ތަކެއްޗާއި، އުޑުންވެހޭ ވާރެޔާއި، މިހުރިހާ ތަކެއްޗަކީ އިންސާނުންގެ ހިދުމަތަށް ޓަކައި އިންސާނުން އެތަކެތިން މަންފާ ޙާސިލުކުރުމަށް ހެއްދެވިގެންވާ ތަކެއްޗެވެ.އިންސާނުންނާއި މި ތަކެއްޗާއި ހުރި ތަފާތަކީ އިންސާނުންނަށް ޢިލްމާއި ބުއްދި ދެއްވުމެވެ. ވީމާ އިންސާނުން އެމީހުންގެ އަތްތަކުން ވެށީގައި ވާ ތަކެތި ފަސާދަކޮށް ހަލާކު ކޮށްގެން ނުވާނެއެވެ. މާތް ﷲ ވަޙީ ކުރައްވައެވެ.

هُوَ الَّذِي جَعَلَ لَكُمُ الْأَرْضَ ذَلُولًا فَامْشُوا فِي مَنَاكِبِهَا وَكُلُوا مِن رِّزْقِهِ وَإِلَيْهِ النُّشُورُ

މާނައަކީ: ''ތިޔަބައިމީހުންނަށްޓަކައި ފަސޭހަ ތަނެއްކަމުގައި ބިންހެއްދެވީ އެކަލާނގެއެވެ. ފަހެ އެތާނގެ ކަންކޮޅުތަކުގައި ތިޔަބައިމީހުން ހިނގާ ދަތުރު ކުރާށެވެ. އަދި އެކަލާނގެ ދެއްވި ރިޒުޤުން ކާށެވެ. އަދި، އެނބުރި ރުޖޫޢަވާހުށީ އެކަލާނގެ ހަޟްރަތަށެވެ.'' (އަލްމުލްކު 15)

އިންސާނުންނަށް ޓަކައި މިބިން އުފައްދެވުމުގެ އިތުރަށް، އިންސާނުންނަށް މި ބިމުގައި އަމާްންކަމާއި އެކު އުޅުމަށް ޓަކައި ބިމަށް ލިބިދާނެ ގެއްލުންތަކުން ވެސް މާތް ﷲ ވަނީ ވަނީ އަހަރެމެން އިންސާނުން ރައްކާތެރި ކުރައްވާފައެވެ. މިގޮތުން ޖައްވުން މި ބަމަށް ވެއްޓެއް އަންނަ ތަފާތު އެތަކެއް ވައްތަރުގެ ތަކެތިން ސަލާމަތްވެ ރައްކާތެރި ވެވޭނޭ ގޮތް ޖައްވުގެ ނިޒާމުގައި އެކަލާނގެ ވަނީ ލައްވާފައެވެ. އަލް އަންބިޔާއު ސޫރަތުގެ 32 ވަނަ އާޔަތުގައި ވެއެވެ.

وَجَعَلْنَا السَّمَاءَ سَقْفًا مَّحْفُوظًا

މާނައަކީ:''ތިމަން ﷲ އުޑުގެ ނިޒާމް ރައްކާތެރި ކުރެއްވުމުގެ ގޮތް އުފެއްދެވީމެވެ.''

އަލްބަޤަރާ ސޫރަތުގެ 30 ވަނަ އާޔަތުގެ މާނައިގައި ވަނީ ''އިންސާނުން ފޮނުއްވުނީ މި ބިމުގެ ހަލީފާއިންގެ ގޮތުގައެވެ. ''(އަލް ބަޤަރާ 30)

ބިމުގެ ހަލީފާ އެވެ. މި ބުނެވޭ ބަހުގެ މާނަ އަކީ މި ބިމުގެ ވެރިޔާގެ މާނައެއް ނޫނެވެ. އަދި ކިއެއްތަ އިންސާނުންނަކީ މި ބިމުގައި އެމީހުން އެދޭ ކަންކަން (ދީނާއި ހިލާފު ނުވާގޮތަށް) ކުރުމަށާއި، ބިމުގައި ވަޒަންވެރިވުމަށާއި، ބިމުން މަންފާ ޙާސިލް ކުރުމަށް ޓަކައި ބިން ބެލެހެއްޓުމާއި ޙަވާލުވެ ތިބި އަމާނަތް ތެރިން ކަމުގައި ވާން ވީ މީހުންނެވެ. ވީމާ ބިމުގެ ވެރިފަރާތުން ބިމަށް ރައްކާތެރި ވުމަށް ޝަރުތު ކުރެވިގެން އަހަރެމެންނާއި ޙަވާލުކުރެވުނު މި ބޮޑު އަމާނާތުގެ މައްޗަށް ރައްކާތެރިވާންޖެހޭނެއެވެ. މި ބިމުގެ ބޭނުން ބޭކާރު ގޮތުގައި، ބިމަށް ގެއްލުންވާގޮތުގައި ބޭނުންކޮށްގެން ނުވާނެއެވެ.އަހަރެމެން މި ބިމުގައި ހަލީފާއިންގެ ގޮތުން ތިބެން ޖެހެނީ މަދު ދުވަސް ކޮޅެއްގައެވެ.

އެއްވެސް އިންސާނަކީ މި ބިމުގައި ދާއިމީ ކޮށް ވަޒަން ވެރިވުމަށްޓަކައި ފޮނުއްވުނު ބައެއްނޫނެވެ. މި ބިމުގައި އަހަރަމެން ދިރިތިބީންގެ ގޮތުގައި މިހޭދަ ކުރަނީ މަދު ދުވަސް ކޮޅެކެވެ. މި ދުވަސް ކޮޅުގެ ތެރޭގައި އަހަރެމެންގެ ފަހުން އަންނަ ޖީލުތަކަށް މިބިން ހެޔޮ ގޮތުގައި ވާސިލް ކޮށްދިނުމަކީ އަހަރަމެންނަށް ވާޖިބު ކަމެއްކަން ވެސް ހަނދާން ކުރަންޖެހޭނެއެވެ. އަދި މި ވެށްޓަކީ އަންނަން އޮތް ޖީލުތަކުގެ އަހުލުވެރިންނާއި ހަމައަށް ވާސިލް ކޮށްދޭންޖެހޭ އަގު ހުރި ތަރިކައެއްވެސް މެއެވެ.

އިސްލާމްދީނުގައި ގެއްލުން ދިނުމެއް އަދި ގެއްލުން ލިބިގަތުމެއްވެސްނުވެއެވެ.

ބުޅަލަކަށް ކާން ނުދީ ހައްޔަރުކޮށްގެން ގެންގުޅުނު އަންހެނެއް ނަރަކަ އަށް ވެއްދެވޭނެ ވާހަކަ އާއި ފެންބޮވައިގެންފާ އޮތް ކުއްތާއަކަށް ފެން ދިނުމުން ސުވަރުގެއަށް ވެއްދޭނެ ވާހަކަ އަޑު އެހިން ހެއްޔެވެ. އިސްލާމްދީނުގައި ވެށީގައިވާ ތަކެއްޗާއި ކަންކަމަށް ބެލެނީ ލޯތްބާއި އޯގާވެރި ކަމުގެ ނަޒަރަކުންނެވެ. ހައިވާނާއި ދޫނި ސޫފާސޫއްޕަކީ އިންސާނުންފަދައިން އުއްމަތެއް ކަމުގައި ވަނީ ލައްވާފައެވެ. ގަސްގަހާގެއްސާއި، ފަރުބަދަތަކާއި، ތަރިތައް މާތް ﷲ އަށް ސަޖިދަކޮށް ތަސްބީޙަ ކިޔާ ކަމުގައި ކީރިތި ޤުރުއާނުގައި ވަނީ ބަޔާން ކުރައްވާފައެވެ. އަހަރެމެން އިންސާނުން އެކަކު އަނެއްކަކަށް ގެއްލުން ނުދިނުމަށް ﷲ އަމުރު ކުރެއްވި ފަދައިން އަހަރެމެންގެ ވެއްޓަށާއި ވެށީގައިވާ ތަކެއްޗަށް ގެއްލުން ދިނުން ދީން މަނާކުރެއެވެ. އަހަރެމެންގެ ވަށައިގެންވާ ތަކެއްޗާއި ތަންތަނަކީވެސް މާތް ﷲ ގެ އުފެއްދުން ކަމުގައި ވީ ހިނދު މިފަދަ ތަކެއްޗަށްވެސް އޯގާވެރި ކަމާއި ރަޙްމުކުރަންޖެހޭނެއެވެ.

ވެށި ރައްކާތެރި ކުރުމަށްޓަކައި އިސްލާމްދީން ބާރު އެޅުއްވި ބައެއްކަންކަން:

1- ގަސް އިންދުމާއި ބިން ފެހި ކުރުން : އިސްލާމްދީނުގައި ގަސް އިންދުމަށް ވަރަށް ހާއްސަ އަހަމިއްޔަތުކަމެއްވަނީ ދެއްވާފައެވެ. ކީރިތި ރަސޫލާ ޙަދީސް ކުރެއްވި ކަމަށް އަލްއިމާމް އަހްމަދު ރިވާ ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ. ''ގަހެއް އިންދުމަށްފަހު، އެގަސް ހެއްދުމުގައި ކެތްތެރިވެ، އެގަސް ބޮޑުވެ ހެދެންދެން އެގަސް ބަލަހައްޓައިފިނަމަ އެގަހުގެ މޭވާއިން މީސްތަކުން ކައިބޮއި އުޅުމުން އެކަމުގެ ހެޔޮ ޖަޒާ ގަސް ހެއްދިފަރާތަކަށް ލިބިގެންވާނެއެވެ. ''

2- ބިން ހެޔޮ ގޮތުގައި ބޭނުންކުރުން: ބިން ހެޔޮ ގޮތުގައި ބޭނުން ކުރުމަށްޓަކައި، ބިން ބޭނުން ހިފޭ ގޮތުގައި ޢިމާރާތްކުރުމާއި، ހަނަފަސްވެ ވީރާނާވެފައިވާ ބިންތައް އާރާސްތުކުރުން ހިމެނެއެވެ. އަލް އިމާމް އައްރާޣިބް އަލް އަޞްފަހާނީ އޭނާގެ ''އައްޒަރީޢާ އިލާ މަކާރިމުއް ޝަރީޢާ '' މި ފޮތުގައި އޭނާ ބަޔާން ކުރާ ގޮތުގައި މި ބިމުގައި ފެތުރި ބިމުގައި ޢިމާރާތް ކޮށް އުޅުމަކީ އިންސާނުން އުފެއްދެވުމުގެ މަޤްސަދުގެ ތެރެއިން އެއް މަޤްސަދުކަމުގައި ބަޔާން ކުރައްވާފާވެއެވެ. އަދި ސައްޔިދުނާ ޢުމަރުގެފާނުގެ ޚަލީފާ ކަމުގެ ދުވަސްވަރު ޢުމަރުގެ ފާނުވަނީ ބިލާލް ބިން ހާރިސް އަލް މަޒަނީ އަށް ލިބިފައި އޮތް ބިމެއް އެބިން އާރާސް ނުކުރާކަމަށް ބުނެ ދައުލަތަށް ނަގާފައެވެ.

3- ސާފު ތާހިރުކަން: ސާފުތާހިރުކަމަކީ އީމާންކަމުގެ ތެރޭގައި ހިމެނިގެންވާ ކަމެކެވެ. ތިމާ ސާފު ތާހިރުވުމަށާއި ތިމާ އުޅޭ ވެށި ސާފުތާހިރު ކުރުމަށް އިސްލާމްދީން ބާރު އަޅުއްވަނީ މިސަބަބަށްޓަކައެވެ. އަދި ބައެއް އަޅުކަންތައް ސައްޙަވުމުގެ ޝަރުތުތަކުގެ ތެރޭގައި ތިމާ ތާހިރުވެގެން ހުރުމާއި އެކު، އެއަޅުކަން ކުރެވޭ ވެއްޓެއްވެސް ސާފުތާހިރު ކަން މަތީގައި ހުރުން ލާޒިމް ވަނީވެސް މިހެންވެއެވެ. ކީރިތި ރަސޫލާގެ ނަބަވީ އިރުޝާދު ތަކުގައި ސާފުތާހިރުވުމަށް ތަފާތު އިރުޝާދު ތަކެއްވަނީ ދެއްވާފައެވެ. މިގޮތުން ގޯތި ގެދޮރު ގޮނޑު ކޮށް ނުބޭއްވުމާއި، މަގު މައްޗަށް ކުނި ނޭޅުމަށާއި، ތިމާ އުޅޭ ވެށި ޒީނަތްތެރި ކުރުމަކީ ތިމާ އާއި އެހެން މީހުން ގެ ޙައްޤުގައިވެސް ކުރަން ޖެހޭ އިސްލާމީ ދީން ބާރު އަޅާ ކަމެކެވެ.

4- ވެށީގައިވާ ތަކެއްޗަށް ގެއްލުން ނުދިނުން:

އަލްޤަޞަޞް ސޫރަތުގެ 77 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ.

وَلَا تَبْغِ الْفَسَادَ فِي الْأَرْضِ إِنَّ اللَّهَ لَا يُحِبُّ الْمُفْسِدِينَ

މާނައަކީ: ''އަދި ބިމުގައި ފަސާދަވެރި ނުވާހުށިކަމެވެ. ހަމަކަށަވަރުން މާތް ﷲ ފަސާދަވެރިންދެކެ ރުހިވޮޑިގެނެއް ނުވެއެވެ.''

ވެށީގައި ހިމެނޭ ތަކެއްޗަށް ގެއްލުން ދިނުމަކީ ބިން ފަސާދަކުރުމުގެ މާނާގައި ހިމެނިގެންވާ ކަމެކެވެ. މިހެންވެ މަންފާ އެއް ނުހިފޭ ގޮތުގައި ދޫނންޏާއި ޖަނަވާރު މެރުން ކީރިތި ރަސުލާ ވަނީ މަނާ ކުރައްވާފައެވެ. އަދި ހަނގުރާމައިގެ ޙާލަތުގައި ވެސް ބޭނުން ނެތް ގޮތެއްގައި ގަސްފަދަ ތަކެތި ނުކެނޑުމަށް ވެސް ރަސޫލާ ވަނީ އިރުޝާދު ދެއްވާފައެވެ. އެހެން ކަމުން ވެށީގައި ހުންނަ ތަކެތީގެ ތެރެއިން އިންސާނުންނަށް ގެއްލުންދޭ ނުވަތަ އުނދަގޫ ކުރާ ތަކެތި ފިޔަވާ އެހެން ތަކެތި ރައްކާތެރި ކޮށް ދެމެހެއްޓުމަށްޓަކައި ފައިދާ އެއް ނެތް ގޮތެއްގައި މި ތަކެއްޗަށް ގެއްލުން ދީގެން ނުވާނެއެވެ.

5- އިންސާނާގެ ސިއްޙަތުގެ ސަލާމަތް ކަން:

އިންސާނާގެ ސިއްޙަތު ސަލާމަތް ވެ ރައްކާތެރި ކުރުމަކީވެސް އިސްލާމްދީން ނުހަނު އަހަމިއްޔަތު ކަމެއް ދެއްވިކަމެކެވެ. މި ގޮތުން ބަލި ޖެހުމުގެ ކުރިން ބަލި ޖެހުމުން ރައްކާތެރި ވުމަށް ޓަކައި ވަނީ އަމުރުކުރައްވާފައެވެ. އަދި ބަލި ޖެހިއްޖެ ނަމަ ޢަމަލު ކުރަންޖެހޭ ގޮތާއި ބަލީގެ އަސަރު ފެތުރިގެން ނުދާނޭ ގޮތްތައް ހޯދުމަށްވެސް އަމުރުވެވިގެންވެއެވެ. ތިމާއުޅޭ ވެށި ނުސާފުވުމުގެ ސަބަބުން ފެތުރޭ އެތަކެއް ބަލިތަކެއް މިއަދުވެސް އަޅުގަނޑުމެންގެ ތެރެއިން މިދަނީ ފެންނަމުންނެވެ. މި ގޮތުން ވެށި ނުސާފުވުމުގެ ސަބަބުން މަދިރީގެ ސަބަބުން ޖެހޭ ތަފާތި އެތައް ބަލި ތަކެއް އަޅުގަނޑުމެންގެ ރާއްޖޭގައިވެސް މިވަނީ ޢާއްމުކޮށް ފެތުރެންފަށާފައެވެ. އިންސާނުންގެ ސިއްޙަތުގެ ރައްކާތެރިކަމަށް ޓަކައވެސް އަޅުގަނޑުމެން މި އުޅޭ ވެށި ރައްކާ ތެރިކުރަންޖެހެއެވެ.

އިންސާނުންނަށް ފައިދާ އާއި ލާބަލިބިދޭ ކަންތައްތަކާއި ތަކެތި އިންސާނުންގެ އަމިއްލަ އަތްތަކުން ހަލާކުކުރުމަށްވުރެން ހެދޭ ބޮޑު ގޯހެއް އޮންނާނެތޯއެވެ. ތިމާވެށި ހަލާކުވަމުން ދަނީ އިންސާނުންގެ ސަބަބުން ކަމުގައި ހާމަ ކުރަމުންދާ މި ދުވަސްވަރު އަޅުގަނޑުމެންނަށް ވީ ވަރަކުން ތިމާވެށި ޙިމާޔަތް ކޮށް ރައްކާތެރި ކުރަމާ ހިންގަވާށެވެ. މުޅި އިންސާނީ ނަސްލުގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައެވެ. އަޅުގަނޑުމެންނާއި މާތް ﷲ ހަވާލު ކުރެއްވި މި އަގު ހުރި އަމާނާތް ކުރިއަށް އޮންނަ ޖީލު ތަކަށް ރައްކާތެރި ތަނެއްގެ ގޮތުގައްޔާއި އަމާން ތަނެއްގެ ގޮތުގައި ފޯރު ކޮށްދެވޭނީ އޭރުންނެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.