ހުކުރު20201127

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ދުޢާ ވިތުރީގައި ކީދާނެ ޤުނޫތުގެ ދިވެހި ތަރުޖަމާ

ވިތުރީގައި ކީދާނެ ޤުނޫތުގެ ދިވެހި ތަރުޖަމާ

duaa-qunootމާނައަކީ : '' އޭ ﷲ ! މިއަޅާއަށް ތެދުމަގު ދައްކަވައި، އިބަރަސްކަލާނގެ ތެދުމަގު ދެއްކެވި މީހުންގެ ތެރޭގައި ލައްވާފާނދޭވެ! އަދި އިބަ ރަސްކަލާނގެ މާފުދެއްވި މީސްތަކުންގެ ތެރޭގައި މިއަޅާއަށްވެސް މާފުދެއްވާނދޭވެ!  {މި މާނަކުރެވޭ އަނެއްގޮތަކީ: އަދި އިބަރަސްކަލާނގެ،ޞިއްޙަތު ސަލާމަތްކަން ދެއްވި މީހުންގެ ތެރޭގައި، މި އަޅާ ލައްވާފާދޭވެ!} އަދި އިބަ ރަސްކަލާނގެ ލޯބިވެވޮޑިގަންނަވާ އަދި އެބައެއްގެ ކަންތަކާ ހަވާލުވެވޮޑިގެންނެވި މީހުންގެ ތެރޭގައި، މިއަޅާ ލައްވާފާނދޭވެ!

އަދި އިބަރަސްކަލާނގެ މިއަޅާއަށް ދެއްވި ނިޢްމަތްތަކުގައި ބަރަކާތް ލައްވާފާނދޭވެ! އަދި އިބަރަސްކަލާނގެ ކަނޑައަޅުއްވާ މިންވަރު ކުރައްވާފައިވާ ނުބައި ހުރިހާ ކަމަކުން، މިއަޅާ ރައްކާތެރި ކުރައްވާފާނދޭވެ! ފަހެ ހަމަކަށަވަރުން ހުރިހާ ކަމެއް މިންވަރު ކުރައްވާ ކަނޑައަޅުއްވަނީ އިބަރަސްކަލާނގެ އެވެ. އަދި އިބަރަސްކަލާނގެ މިންވަރު ކުރެއްވި ކަމަކަށް ހުރަސް އެޅޭނެ ފަރާތެއް ނުވެއެވެ. އަދި ހަމަކަށަވަރުން، އިބަ ރަސްކަލާނގެ ލޯބިވެވޮޑިގަންނަވާ ރުއްސުންލެއްވި މީހަކު، ނިކަމެއްޗެއް ނުވާނެއެވެ. އަދި އިބަ ރަސްކަލާނގެ އެ މީހަކާ ޢަދާވާތްތެރިވެ ވޮޑިގެންފި މީހަކު، ޢިއްޒަތްތެރި ނުވާނެއެވެ. އިބަރަސްކަލާނގެ މަތިވެރިވެ މާތްވެ ވޮޑިގަންނަވައެވެ.

 

އިބަރަސްކަލާނގެ ނިޔާކުރެއްވި ކޮންމެ ކަމަކަށް ހަމްދުކުރަމެވެ. އަދި އިބަރަސްކަލާނގެ ދެއްވި ނިޢްމަތްތަކަށް ޝުކުރުވެރިވަމެވެ. އޭ ﷲ! ހުރިހާ ފާފަތަކާއި ނުބައިކަންތައް ފުއްސެވާދެއްވުން އެދި އިބަރަސްކަލާނގެއަށް ދަންނަވަމެވެ. މިއަޅާ އިބަރަސްކަލާނގެއަށް ތައުބާވަމެވެ. އޭ ﷲ! އިބަރަސްކަލާނގެއަށް ނުކިޔަމަންތެރިވުމާމެދު ހުރަހަކަށް ވާފަދަ ބިރުވެތިކަމެއް، މިއަޅާއަށް ދެއްވާފާނދޭވެ! އަދި އިބަރަސްކަލާނގެ ސުވަރުގެއަށް ވަދެވޭފަދަ ހެޔޮކަންތައް މިއަޅާއަށް ދެއްވާފާނދޭވެ. އަދި އެއިން ދުނިޔޭގެ ދަތިއުނދަގޫތައް ފަސޭހަވާފަދަ ޔަޤީންކަމެއް (ފުރިހަމަ އީމާންކަމެއް) ދެއްވާފާނދޭވެ.

އޭ ﷲ! މިއަޅާ ދިރިހުރިހާ ހިނދަކު، މިއަޅާގެ އަޑުއިވުމާއި، ފެނުމާއި، ހަށިގަނޑުގެ ބާރުގައި، ދާއިމީ މަންފާއާ ބަރަކާތް ލަހައްޓަވާފާނދޭވެ!  (މާނައަކީ: ދިރިތިބިހައި ހިނދަކު، މުސްކުޅިވިޔަސް، ލޯބޯ ކަންފަތް ކޮށިނުވެ ހަށިގަނޑުގެ ބާރުނުގޮސް ލަހައްޓަވާފާނދޭވެ.) އަދި މަރުވީމާ ދޫކޮށްފައިދާ އެއްޗެއްކަމުގައި އެ ލައްވާފާނދޭވެ! (މާނައަކީ: މަރުވެގެންދާއިރުވެސް މި ހިއްސުތައް ރަނގަޅަށް ހުރުމެވެ. އޭރުން އޭނާ އެ ދަނީ މި ހިއްސުތައް  ދުނިޔެއަށް ދޫކޮށްފައިފަދައެވެ.) އަދި މިއަޅާ ހިފާ ބަދަލަށް ބަދަލުހިފުމަކީ، އަނިޔާވެރިވާ މީހުންގެ މައްޗަށްވާ އެއްޗެއް ކަމުގައި ލައްވާފާނދޭވެ! (މާނައަކީ: އަހަރެމެންނަކީ ޖާހިލިއްޔަ ޒަމާނުގައި އޮތްހެން، ހަމައެއް ލަމައެއް ނެތި ބަދަލަށް ބަދަލުހިފާ ބަޔަކު ކަމުގައި ނުލައްވާނދެވެ!) އަދި މިއަޅާއާ ޢަދާވާތްތެރިވެގެން އުޅޭ މީހުންގެ މައްޗަށް، މިއަޅާއަށް ނަސްރު ދެއްވާފާނދޭވެ! އަދި މިއަޅާގެ ދީނުގައި މުސީބާތެއް ނުޖައްސަވާނދޭވެ! (މާނައަކީ: ދީނުން ބޭރުވެ، ޢަޤީދާ ބަލިކަށިވެ، ދީނާ ދުރުވުންފަދަ، އަޅުކަންތައް ނުކުރެވުންފަދަ، ހަރާމްތަކެތި ކެއުންފަދަ، ކަމެއް ނުޖައްސަވާނދޭވެ. މާއްދީ ދަތިކަމަކަށް މިއަޅާއަށް ކެތްކުރެވިދާނެއެވެ. އެކަމަކު، މި އަޅާގެ ދީން ހިނގައިދާފަދަ ކަމެއް ކުރިމަތި ނުކުރައްވާފާދޭވެ)  އަދި މިއަޅާގެ ހުރިހާވެސް އެއްޗަކީ، އަދި ގެއްލިގެން ހިގައްޖެނަމަ ހިތާމަކުރާހާވެސް އެއްޗަކީ، ދުނިޔެއާ މުދަލާ ޖާހު ކަމުގައި ނުލައްވާނދޭވެ. އަދި މިއަޅާގެ ޢިލްމުގެ ހަމައެކަނި ލަނޑުދަނޑިއަކީ ދުނިޔެކަމުގައި ނުލައްވާނދޭވެ. (މާނައަކީ ދުނިޔެއަށްޓަކައި ހޯދާ އެއްޗެއް ކަމުގައި ޢިލްމު ނުހަދާށެވެ. އަދި ޢިލްމުން ފިކުރުކޮށް ވިސްނަނީ ހަމައެކަނި ދުނިޔެކަމުގައި ހެދުމުގެ ބަދަލުގައި، ޢިލްމުން އާޚިރަތާމެދުވެސް ފިކުރުކުރާށެވެ) އަދި މިއަޅާގެ ނިމިދުއުމަކީ ނަރަކަކަމުގައި ނުލައްވާނދޭވެ! އަދި މިއަޅާގެ ގޮވައްޗަކީ ސުވަރުގެކަމުގައި ލައްވާފާނދޭވެ!

އަދި މިއަޅާގެ ސަލާމަތްކަން އޭގައިވާ މިއަޅާގެ ދީން ރަނގަޅުކުރައްވާފާނދޭވެ! އަދި މިއަޅާގެ ދިރިއުޅުން އޭގައިވާ ދުނިޔެ ރަނގަޅުކުރައްވާފާނދޭވެ! އަދި މިއަޅާ އެނބުރިދާން އޮތް އާޚިރަތް ރަނގަޅުކުރައްވާފާނދޭވެ! އަދި ކޮންމެ ރަނގަޅު ހެވެއް، އިތުރުވާ ތަނެއްކަމުގައި ދުނިޔެ ލައްވާފާނދޭވެ! އަދި ކޮންމެ ނުބައިކަމަކުން ވާ މިންޖެއްކަމުގައި، މިއަޅާގެ މަރުލައްވާފާނދޭވެ!

އޭ ﷲ ! ހެޔޮކަންތައް ކުރުމާއި، އަދި ނުބައިކަންތައްތައް ދޫކުރުމުގެ ތައުފީޤު ދެއްވުން އެދި، އިބަރަސްކަލާނގެއަށް ދަންނަވަމެވެ. އަދި މިއަޅާގެ ހިތުގައި މިސްކީނުންނަށް ލޯބި ޖައްސަވާފާނދޭވެ! އަދި މިއަޅާގެ ފާފަ ފުއްސަވައި ރަޙަމަތް ލައްވާފާނދޭވެ!

ބައެއްގެ ތެރޭގައި ފިތުނައެއް ލައްވަން އިބަރަސްކަލާނގެ އިރާދަކުރައްވައިފިނަމަ، މިއަޅާ އެ ފިތުނައިގައި ނުޖައްސަވައި މިއަޅާގެ މަރުހިއްޕަވާފާނދޭވެ. އަދި އިބަރަސްކަލާނގެ ދެކެ ލޯބިވުން މިއަޅާއަށް ދެއްވާފާނދޭވެ! އަދި އިބަރަސްކަލާނގެ ދެކެ ލޯބިވާ މީހުންދެކެ ލޯބިވާ ބައެއްކަމުގައި މިއަޅާ ލައްވާފާނދޭވެ! އަދި އިބަރަސްކަލާނގެ ލޯތްބާއި ގާތްވެވޭފަދަ ޢަމަލުތައްދެކެ ލޯބިވާ ބައެއްކަމުގައި މިއަޅާ ލައްވާފާނދޭވެ! އޭ ޢާލަމްތަކުގެ ވެރިރަސްކަލާކޯއެވެ!

އޭ ﷲ އެވެ! އިސަލާމްދީނާއި މުސްލިމުންނަށް ގަދަކަމާއި ޢިއްޒަތް ދެއްވާފާނދޭވެ! އަދި ޝިރުކާއި މުޝްރިކުން ނިކަމެތިކުރައްވާފާނދޭވެ! އަދި ދީނުގެ ޢަދުއްވުން ހަލާކުކުރައްވާފާނދޭވެ! އަދި މި ރަށަކީ އަމާންކަމާއި ހަމަޖެހުން ލިބިފައިވާ ތަނަވަސް ރަށެއް ކަމުގައި ލައްވާފާނދޭވެ! އަދި މުސްލިމުންގެ ހުރިހާ ރަށްތަކެއްވެސް މެއެވެ.

އޭ ﷲ ! މިއަޅާއަށް ރަޙްމަތް ލައްވާ އަދި ފާފަފުއްސަވާފާނދޭވެ! އޭ ޢާލަމްތަކުގެ ވެރިރަސްކަލާނގެއެވެ. އޭ ﷲ ! މިރޭގައި މިއަޅާގެ ފާފަ ފުއްސަވާފާނދޭވެ! އަދި އަޅަމެންގެ ތެރެއިން ކުށްކުރެވިފައިވާ މީހުންނަށް، އަޅަމެންގެ ތެރޭގައިވާ ހެޔޮ މީހުންގެ ސަބަބުން ރަޙްމަތް ލައްވާށިއެވެ. އޭ ﷲ ! ހުރިހާ ކަމެއްގައިވެސް، މިއަޅާގެ ނިމުން ރަނގަޅު ކުރައްވާފާނދޭވެ! އަދި ދުނިޔޭގައި ލިބޭ ނިކަމެތިކަމުންނާއި އާޚިރަތުގެ ޢަޛާބުން މިއަޅާ ސަލާމަތްކުރައްވާފާނދޭވެ!  އޭ ﷲ ! މިއަޅާ އިބަރަސްކަލާނގެ ޙަޟްރަތުން އެދެނީ މިއަޅާއަށް ފުރިހަމަ އީމާންކަމެއް ދެއެވުމަށެވެ. އަދި ތެދުވެރި ޔަޤީންކަމެކެވެ. {މާނައަކީ: އީމާންކަން ތެދުކުރުން} އަދި އިބަރަސްކަލާނގެއަށް ބިރުވެތިވާ ހިތެކެވެ. އަދި އިބަރަސްކަލާނގެ ހަނދުމަކުރާ ދުލެކެވެ. އަދި ތެދު ތައުބާއަކަށެވެ. މަރުޖެހުމުގެ ކުރިން ތައުބާވާނެ ފުރުސަތަކަށެވެ. އަދި މަރުވާ ހިނދު ފަސޭހަކަމަށެވެ. އަދި ޙިސާބު ބެއްލެވޭ  ހިނދު މާފުކުރެއްވުމަށެވެ. އަދި މިއަޅާ އިބަރަސްކަލާނގެ ހަޟްރަތުން އެދެނީ، ސުވަރުގެއާއި ސުވަރުގޭގެ ނިޢްމަތްތަކަށެވެ. އަދި މިއަޅާ، ނަރަކައިން ސަލާމަތްކުރެއްވުމަށް އެދި އިބަރަސްކަލާނގެއަށް ދަންނަވަމެވެ. އޭ ޢާލަމްތަކުގެ ވެރިރަސްކަލާނގެއެވެ.

އޭ ﷲ! އިބަރަސްކަލާނގެ ރަޙްމަތްލިބޭނެ ކަންތަކާއި އަދި ފާފަފުއްސެވުން ލިބޭނެ ކަންތަކަށް އެދި އިބަރަސްކަލާނގެ ހަޟްރަތަށް ދަންނަވަމެވެ. އަދި ކޮންމެ ހެޔޮކަމަކުން ފައިދާލިބުމަށެވެ. އަދި ކޮންމެ ފާފައަކުން ސަލާމަތްވުމަށެވެ. އަދި ސުވަރުގެ ލިބި ނަރަކައިން މިންޖުވުމަށެވެ. އޭ މަތިވެރިވަންތަ ދީލަތިވަންތަ ރަސްކަލާނގެއެވެ.

އޭ ﷲ! މަރުވެފައިވާ އެންމެހާ މުސްލިމުންނަށް ފާފަ ފުއްސަވާފާނދޭވެ! އެމީހުންނަކީ އިބަރަސްކަލާނގެ އެއްކައުވަންތަކަމަށާއި، އަދި އިބަރަސްލާނގެ ނަބިއްޔާގެ ރަސޫލުކަމަށް ހެކިވެފައިވާ މީހުންނެވެ. އަދި އެގޮތުގެ މަތީގައި ތިބެ މަރުވެފައިވާ މީހުންނެވެ. އޭ ﷲ! އެމީހުންނަށް  ފާފަފުއްސަވާ ރަޙްމަތްލައްވާފާނދޭވެ! އަދި އެމީހުންނަށް ސަލާމަތްކަމާއި މާފުކުރެއްވުން ދެއްވާފާނދޭވެ! މާތްވެގެންވާ މެހުމާންދާރީއެއް އެމީހުންނަށް ދެއްވާފާނދޭވެ. އަދި އެމީހުންގެ ކަށްވަޅު ތަނަވަސްކޮށްދެއްވާފާދޭވެ! އަދި ފެނާއި ސުނޯއާއި ގަނޑުފެނުން އެމީހުން ދޮވެދެއްވާނދޭވެ! އަދި ހުދުފޭރާން މިލައިން ސާފުކުރެފޭފަދައިން، އެމީހުންގެ ފާފަތަކާއި ކުށްތަކުން އެމީހުން ސާފުކޮށްދެއްވާފާނދޭވެ!  އޭ ﷲ! އެމީހުން މިހާރު ތިބި މަރުވެފައިވާ ހާލަތަށް، ފަހާއި ވެލީގެ އަޑީގައި އެކަނިވާ ހިނދު، މިއަޅާއަށް އިބަރަސްކަލާނގެ ރަޙްމަތްފުޅުން ރަޙްމަތް ލައްވާފާނދޭވެ!

އޭ ﷲ! މިއަޅާއަށް ފާފަފުއްސަވާ، ރަޙްމަތްލައްވާ، އަދި މިއަޅާގެ ކަނދުރާ ނަރަކައިން ސަލާމަތްކުރައްވާނދޭވެ! {ކަނދުރާ ސަލާމަތްކުރުމޭ ބުނާ ބަހުގެ މާނައަކީ މީހާ ސަލާމަތްކުރުން} އޭ ﷲ! މިއަޅާއަށް ފާފަފުއްސަވާ، ރަޙްމަތްލައްވާ، އަދި މިއަޅާގެ ކަނދުރާ ނަރަކައިން ސަލާމަތްކުރައްވާނދޭވެ! އޭ ﷲ! މިއަޅާއަށް ފާފަފުއްސަވާ، ރަޙްމަތްލައްވާ، އަދި މިއަޅާގެ ކަނދުރާ ނަރަކައިން ސަލާމަތްކުރައްވާނދޭވެ!

އޭ ﷲ! އޭ އެންމެ ރަޙްމަތްވަންތަ ރަސަކަލާނގެއެވެ! އިބަރަސްކަލާނގެ ރަޙްމަތްފުޅުން، މުސްލިމު ފިރިހެނުންނާއި މުސްލިމު އަންހެނުނަނަށް ފާފަފުއްސަވާފާނދޭވެ! އަދި މުއުމިނު ފިރިހެނުންނާއި މުއުމިނު އަންހެނުންގެއެވެ. އެމީހުންގެ ތެރެއިން ދިރިތިބި މީހުންނާއި މަރުވެފައިވާ މީހުންގެއެވެ. އޭ ﷲ!  ހަމަކަށަވަރުން އިބަރަސްކަލާނގެއީ ގިނަގިނައިން މާފުކުރައްވާ، މާފުކުރެއްވުމަށް ލޯބިވެވޮޑިގަންނަވާ ރަސްކަލާނގެއެވެ. ފަހެ މިއަޅާއަށް މާފުކުރައްވާފާދޭވެ! އޭ ﷲ!  ހަމަކަށަވަރުން އިބަރަސްކަލާނގެއީ ގިނަގިނައިން މާފުކުރައްވާ، މާފުކުރެއްވުމަށް ލޯބިވެވޮޑިގަންނަވާ ރަސްކަލާނގެއެވެ. ފަހެ މިއަޅާއަށް މާފުކުރައްވާފާދޭވެ! އޭ ﷲ!  ހަމަކަށަވަރުން އިބަރަސްކަލާނގެއީ ގިނަގިނައިން މާފުކުރައްވާ، މާފުކުރެއްވުމަށް ލޯބިވެވޮޑިގަންނަވާ ރަސްކަލާނގެއެވެ. ފަހެ މިއަޅާއަށް މާފުކުރައްވާފާދޭވެ! އޭ ދިރިދެމިވޮޑިގެންވާ، ހުރިހާ ޚަލްޤުތަކުންގެ ކަންތަކާ ޤާއިމުވެވޮޑިގެންވާ ރަސްކަލާނގެއެވެ! އިބަރަސްކަލާނގެ މެނުވީ އިލާހަކުނުވެއެވެ. އިބަރަސްކަލާނގެ ހުސްޠާހިރުވަންތަކަމާއެވެ! ހަމަކަށަވަރުން އަނިޔާވެރިންގެ ތެރެއިން މިއަޅާ ވީމެވެ. {ނޯޓް: އެންމެ ފަހު ތިން ޖުމްލައަކީ އަލްއަންބިޔާ ސޫރަތުގެ 87 ވަނަ އާޔަތުގައިވާ ޔޫނުސްގެފާނު ވިދާޅުވި ދުޢާ،މިތާ އަނިޔާވެރިވުމުގެ މާނައަކީ އަހަރެމެންނަކީ ފާފަކުރެވިފައިވާ ބަޔަކުކަމަށް އިޢްތިރާފުވުން}

އޭ ﷲ! މިއަޅާ އަޅުކަންކުރަނީ ހަމައެކަނި އިބަރަސްކަލާނގެއަށެވެ. އަދި މިއަޅާ ނަމާދުކުރަނީވެސް އަދި ސަޖިދަޖަހަނީވެސް އިބަރަސްކަލާނގެއަށެވެ. އަދި މިއަޅާ މަސައްކަތްކުރަނީ އިބަރަސްކަލާނގެ ޙަޟްރަތަށެވެ. އަދި މިއަޅާ އަވަސްވެގަންނަނީ، އިބަރަސްކަލާނގެއަށް ކިޔަމަންތެރިވުމަށެވެ. މިއަޅާ އިބަރަސްކަލާނގެ ރަޙްމަތަށް އުއްމީދުކުރަމެވެ. އަދި އިބަރަސްކަލާނގެ ޢަޛާބުދެކެ ބިރުގަނެއެވެ. ހަމަކަށަވަރުން އިބަރަސްކަލާނގެ ޢަޛާބަކީ ކާފިރުންނަށް ލިބޭނެއެއްޗެކެވެ.

އޭ ﷲ! އިސްލާމްދީނާއި މުސްލިމުންގެ ޒުވާނުން ރަނގަޅުކުރައްވާފާނދޭވެ! އޭ ﷲ! އަޅަމެންގެ އަސީރުން މިނިވަންކޮށްދެވާފާނދޭވެ! އޭ ޢާލަމްތަކުގެ ވެރިރަސްކަލާނގެއެވެ. އަޅަމެންގެ އަސީރުން މިނިވަންކޮށްދެވާފާނދޭވެ! އޭ ޢާލަމްތަކުގެ ވެރިރަސްކަލާނގެއެވެ. އަޅަމެންގެ އަސީރުން މިނިވަންކޮށްދެވާފާނދޭވެ! އޭ މަތިވެރިވަންތަ ދީލަތިވަންތަ ރަސްކަލާނގެއެވެ.

އޭ ﷲ! އިބަރަސްކަލާނގެ ލޯބިވެވޮޑިގަންނަވާ އަދި ރުހިވޮޑިގަންނަވާ ކަންތަކުގައި، އަޅަމެންގެ ވެރިއާއަށް ތައުފީޤުދެއްވާފާނދޭވެ! އަދި ހެޔޮކަންތަކަށާއި ތަޤްވާވެރިކަމަށް އޭނާ ގެންދަވާފާނދޭވެ! އޭ ﷲ! އޭނާއަށް، އިބަރަސްކަލާނގެ ތެދުމަގަށް ތައުފީޤުދެއްވާފާނދޭވެ! އަދި އޭނާގެ ޢަމަލު އެއީ އިބަރަސްކަލާނގެ ރުއްސެވުންލިބޭ އެއްޗެއްކަމުގައި ލައްވާފާނދޭވެ! އޭ ﷲ! އޭނާއަށް ރަނގަޅުކަންތަކަށް މަގުދައްކާ އަދި ނުބައިކަންތަކުން އޭނާ މަނާކުރާނެ ޞާލިޙު ހަވާސާވެރިން {ލަފާދޭ އަރިސްމީހުން} ލައްވާފާނދޭވެ! އޭ މަތިވެރިވަންތަ ދީލަތިވަންތަ ރަސްކަލާނގެއެވެ.

އޭ ﷲ! މިއަޅާގެ ކުށްތަކާއި، ޖާހިލުކަމާއި، މިއަޅާގެ ކަންތަކުގައި ކޮށްފައިވާ އިސްރާފުތަކާއި{މާނައަކީ ފާފައިގައި އިސްރާފުކުރުން}، އަދި މިއަޅާއަށްވުރެ ބޮޑަށް އިބަރަސްކަލާނގެ އެ ދެނެވޮޑިގެންވާ ކަންތައްތަކުގެ ފާފަ ފުއްސަވާފާނދޭވެ! އޭ ﷲ! މިއަޅާ ސަމާސާއެއްނެތި ކުރާ ކަންތަކާއި ސަމާސާއަށް ކުރާ ކަންތަކާއި، އަދި ގަސްތުގައި ކުރާ ކަންތަކާއި އޮޅިގެންކުރާ ކަންތަކުގެ ފާފަ ފުއްސަވާފާނދޭވެ! މިހުރިހާ ގޮތަކަށްވެސް މިއަޅާއަށް ފާފަކުރެވެއެވެ.  އޭ ﷲ! މިއަޅާގެ އިސްވެދިޔަހާ ފާފައަކާއި ފަސްވެކުރިހާ ފާފައެއް ފުއްސަވާނދޭވެ! އަދި މިއަޅާ ސިއްރުންކުރިހާ ފަފަތަކާއި ފަޅުގައި ކުރިހާ ފާފަތަކެއްވެސް ފުއްސަވާނދޭވެ! ހެޔޮކަންތަކުގައި މީސްތަކުން އިސްކުރައްވާ ފަރާތަކީ އިބަރަސްކަލާނގެއެވެ. އަދި ފަސްކުރައްވާ ފަރާތަކީވެސް އިބަރަސްކަލާނގެއެވެ. އަދި އިބަރަސްކަލާނގެއީ ހުރިހާ ކަމަކަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.

އޭ ﷲ! ހަމަކަށަވަރުން އިބަރަސްކަލާނގެ ރުހިވޮޑިގަތުމުން، އިބަރަސްކަލާނގެ ކޯފާއިން ރައްކާތެރިވުމަށް އެދި މިއަޅާ ދަންނަވަމެވެ. އަދި އިބަރަސްކަލާނގެ މާފުކުރެއްވުމުން، އިބަރަސްކަލާނގެ ޢުޤޫބާތުން ރައްކާތެރިވުމަށް އެދި މިއަޅާ ދަންނަވަމެވެ. އަދި އިބަރަސްކަލާނގެ ކިބަފުޅުން، އިބަރަސްކަލާނގެ ޢަޛާބުން ރައްކާތެރިކަމަށް އެދި މިއަޅާ ދަންނަވަމެވެ. އިބަރަސްކަލާނގެއަށް ދަންނަވަންޖެހޭ  ޙަމްދު ސަނާ، މިއަޅާ ކިތަންމެ ފަރުވާތެރިވިޔަސް، އަދަދުނުކުރެވޭހާ ގިނައެވެ. އިބަރަސްކަލާނގެއީ އިބަރަސްކަލާނގެ ޒާތުފުޅަށް ސަނާކިއުއްވާފައިވާ ފަދައިން ސަނާ ލިބިވޮޑިގެންވާ ރަސްކަލާނގެއެވެ.

އޭ ﷲ! މިއަޅާގެ ދުޢާ އިޖާބަކުރައްވާފާނދޭވެ! ހަމަކަށަވަރުން އިބަރަސްކަލާނގެއީ އައްސަވާވޮޑިގަންނަވާ ދެނެވޮޑިގަންނަވާ ރަސްކަލާނގެއެވެ. އަދި މިއަޅާގެ ތައުބާ ޤަބޫލުކުރައްވާފާނދޭވެ. ހަމަކަށަވަރުން އިބަރަސްކަލާނގެއީ ގިނައިން ތައުބާ ޤަބޫލުކުރައްވާ ރަޙްމަތްވަންތަ ރަސްކަލާނގެއެވެ.

އޭ ﷲ! މިއަޅާގެ ނަބިއްޔާ މުޙައްމަދަށް ޞަލަވާތް ލައްވާފާނދޭވެ! އަދި އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުނާއި ތަބާވި މީހުންނަށްވެސް މެއެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.