ހޮނިހިރު20181110

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ދުޢާ ޢަރަފާތް ދުވަހުގެ ޚުޠުބާ ގެ ދިވެހި ތަރުޖަމާ

ޢަރަފާތް ދުވަހުގެ ޚުޠުބާ ގެ ދިވެހި ތަރުޖަމާ

arafa_dhuvasއައްސަލާމް ޢަލައިކުމް ވަ ރަޙްމަތުއްﷲ ވަ ވަބަރަކާތުހޫ ...

ހަމަކަށަވަރުން ހުރިހާ ޙަމްދެއް ޙައްޤުވެގެން ވަނީ ﷲ އަށެވެ. އަޅަމެން އެކަލާނގެ އަށް ޙަމްދު ކޮށް، އެ ކަލާނގެ ވާގިފުޅަށް އެދެމެވެ. އަދި އެ ކަލާނގެއަށް އިސްތިޣްފާރުކޮށް ތައުބާ ވަމެވެ. އަދި އަހަރެމެންގެ ނަފްސުތަކުގައިވާ ނުބައި ކަމާއި، އަހަރެމެން ކުރާ ނުބައި ޢަމަލުތުކުން ރައްކާތެރިކަމަށް އެދެމެވެ. ﷲ ހިދާޔަތް ދެއްވި މީހަކު މަގު ފުރެއްދޭނެ މީހަކު ނުވޭ. އަދި ﷲ މަގުފުރައްދަވައިފި މީހަކަށް ހިދާޔަތް ދޭނެ މީހަކު ނުވެއެވެ. އަދި ﷲ ފިޔަވާ ޙައްޤުވެގެން އަޅުކަން ކުރެވޭ އެހެން އިލާހެއް ނުވާކަމަށާއި، އެކަލާނގެ އަށް ޝަރީކެއް ނުވާ ކަމަށް ހެކިވަމެވެ.

އަދި މުހައްމަދު ގެ ފާނަކީ މާތް ﷲ ގެ ރަސޫލާކަމާއި އަޅަކު ކަމަށް، ހެކިވަމެވެ. އެކަލޭގެފާނާއި އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުންނަށް ޞަލަވާތް ލެއްވުން އެދި ދުޢާކުރަމެވެ. އަދި ގިނަގުނަވަގެން ވެގެންވާ ސަލާމް ޤިޔާމަތް ދުވަހާއި ޖެހެން ދެން ލެއްވުން އެދެމެވެ.

 

މިއަށް ފަހު ބުނަމެވެ. އޭ އެންމެހައި މީސްތަކުންނޭވެ! ފުރިހަމަ ތަޤުވާވެރިވުމަކުން ﷲ އަށް ތަޤްވާވެރިވާށެވެ! ތިޔަބައި މީހުންނާއި ތިޔަބައި މީހުންގެ ކުރީގެ މީހުން ހައްދަވައި ބޮޑު ކުރެއްވި ﷲ އަށް ތަޤްވާވެރިވާށެވެ. އެއް ނަފްސަކުން ތިޔަބައި މީހުން ހެއްދެވި ﷲ އަށް ތަޤްވާވެރިވޭ! އެންމެ ފުރާނައަކުން ތިޔަބައި މީހުން ހައްދަވައި، އެ ފުރާނައިގެ ކިބައިން އޭގެ އަނެއް ޖިންސު ހެއްދެވި، އަދި އެ ދެކަނބަލުންގެ ކިބައިން ގިނަ ފިރިހެނުންނާއި ގިނަ އަންހެނުން ފެތުރުއްވި ކަލާނގެ އަށް ތަޤްވާވެރިވާށެވެ. ނެތުމުގެ ތެރެއިން ތިޔަބައިމީހުން ވުޖޫދު ކުރެއްވި، ނިޢްމަތްތައް ދެއްވާ ހައްދަވާ ބޮޑުކުރެއްވި، ތިޔަބައި މީހުންގެ ރިޒުޤު ދެއްވުމާއި ހަވާލުވެވަޑައިގަންނަވާ ﷲ އަށް ތަޤްވާވެރިވާށެވެ. ބިމުގައި ވާ ފުރާނަ ހުރި ތަކެތީގެ ތެރެއިން އެ އެއްޗަކަށް މާތް ރަސްކަލާނގެ ރިޒުޤު ނު ދެއްވާ އެއްޗެއް ނުވެއެވެ. އެ ތަކެތި ބިމުގައި އުޅޭ ތަނަކާއި މަރުވެގެން ވަޅުލެވޭ ތަނެއް އެ ކަލާނގެ ދެނެވޮޑިގެންވެއެވެ. އެ ހުރިހާ ކަމެއް ވަނީ ބަޔާން ވެގެން ވާ ފޮތެއްގައި ލިޔެވިގެންވެއެވެ.

ތިޔަބައި މީހުންގެ ދުންޔަވީ ކަންތައްތައް ހަމަ ޖައްސަވައި ތަދުބީރު ކުރެއްވި ކަލާނގެ ކަމުގައިވާ ﷲ އަށް ތަޤުވާވެރި ވާށެވެ. އެ ކަލާނގެ އަކީ ތިޔަބައި މީހުން ހެއްދެވުމަށް ފަހު، ތިޔަބައި މީހުން ބޮޑު ކުރެއްވި ކަލާނގެއެވެ. އެ ކަލާނގެ އީ ހުރިހާ އެއްޗެއް އުފައްދަވާ ރަސްކަލާނގެ، ހުރިހާ އެއްޗެއްމެ ހައްދަވާ ރަސްކަލާނގެ، ހުރިހާ އެއްޗެއް މެ ޞޫރަ ކުރައްވާ ރަސްކަލާނގެ، އެންމެހައި މަތިވެރި މާތް އިސްމުފުޅުތައް މިލްކުވެގެން ވަނީ އެ ކަލާނގެ ރަސްކަންފުޅަށް، އުޑުތަކާއި ބިމުގައި ވަނީ ނަމަ ވާ ހާ އެއްޗެއް އެކަލާނގެ ހުސް ޠާހިރު ވަންތަ ކަމުގެ މައްޗަށް ހެކިވެ ޘަނާ ދަންނަވާ، އެކަލާނގެ އީ ގަދަ ކީރިތިވަންތަ ބުއްދިވެރި މާތް ރަސްކަލާނގެއެވެ.

އިސްލާމް ދީނުން ތިޔަބައި މީހުން ޢިއްޒަތްތެރި ކުރެއްވި އަދި ތިޔަބައި މީހުންނަކީ މުސްލިމުންނަށް ވުމުން ތިޔަބައި މީހުންނަކީ އިންސީންނާއި ޖިންނީންގެ ތެރެއިން އެންމެ ހެޔޮކަން ބޮޑު މީހުން ކަމުގައި ލެއްވި، ﷲ އަށް ތަޤުވާވެރި ވާށެވެ. ''ތިޔަބައި މީހުންނަކީ އެންމެ ހެޔޮކަން ބޮޑު އުއްމަތެވެ. އެއީ ތިޔަބައި މީހުން ހެޔޮކަންތަކައް އަމުރުކޮށް ނުބައި ކަންތައް ނަހީ ކޮށް ﷲ އަށް އީމާން ވާ ބަޔަކަށް ވާތީއެވެ.''

އޭ އެންމެހައި މުސްލިމުންނޭވެ! ﷲ ގެ މަތިވެރި ހެކިތަކާ މެދު ވިސްނާ ފިކުރު ކުރާށެވެ. ﷲ އުފައްދަވާފައިވާ ފުރިހަމަ މަޚްލޫޤާތްތަކާ މެދު ވިސްނާށެވެ. އެއީ ﷲ ގެ އުފެއްދެއްވުމުގެ ފުރިހަމަ ކަމުގެ ޔަޤީންކަން މަތީ ތިބާ ވުމަށެވެ. އަދި އަޅުކަން ކުރެވޭ އެއްކައުވަންތަ އިލާހަކީ ﷲ ކަން ޔަޤީން ވާ ހާލުގައި ހުރުމަށެވެ. އަޅުކަން ކުރުން ޙައްޤު ވާ ފަރާތަކީ ﷲ އެކަނި ކަން ދަތުމަށެވެ.

އަޑުއަހާށެވެ. މާތް ﷲ ވަޙީ ކުރައްވަނީ މި ފަދައިންނެވެ. ''ތިޔަބައި މީހުންގެ ކަލާނގެ އީ އެއްކައުވަންތަ ކަލާނގެ އެވެ. އެ ކަލާނގެ ރަސްކަންފުޅު މެނުވީ، ޙައްޤު ގޮތުގައި އަޅުކަން ކުރެވޭ އިލާހަކު ނުވެއެވެ. އެއީ އެންމެހާ ކުދި ބޮޑު ނިޢްމަތް ދެއްވާ ރަޙްމަތް ވަންތަ ރަސްކަލާނގެ އެވެ. * ހަމަ ކަށަވަރުން އުޑުތަކާއި ބިން ހެއްދެވުމުގައްޔާއި ރޭ ދުވާ ތަފާތުވުމުގައްޔާއި، މީސްތަކުންނަށް މަންފާ ކުރާ ގޮތްތަކާއި ތަކެއްޗާއި ގެން ކަނޑު މައްޗަށް ފުރައި ދުއްވާ ތަކެއްޗާއި، މާތް ﷲ އުޑުން ބާވައިލެއްވި ވާރޭ ފެނާއި، ދެން އެ ފެނުގެ ސަބަބުން ބިން މަރުވެ އޮތުމަށް ފަހު ބިމަށް ދިރުން ދެއްވުމާއި، އަދި ދިރުން ދެއްވާފައިވާ އެންމެހައި ބާވަތްތަކުގެ ދިރޭތަކެތި އެ ބިމުގައި ލައްވާފައި ވުމާއި، އަދި އެކި އިރަށް އެކި ފަރާތްތަކުން ޖެހޭ ގޮތުގައި ވައި ޖެއްސެވުމާއި، އުޑާއި ބިމާއި ދެމެދު ކިޔަމަން ކުރެއްވިގެންވާ ވިލާއާއި، މި އެންމެހައި ކަންކަމާއި މެދު ވިސްނައި ބުއްދި ކުރާ ބަޔަކަށް، ކަނޑައެޅިގެން ހުރި ހެކިތަކެއް ހުރިކަން ކަށަވަރެވެ.''

ފަހެ ތިޔަބައި މީހުން، ތިޔަބައި މީހުންގެ ވަށައިގެންވާ އެއްޗެހި ތަކާ މެދު ނު ވިސްނަނީތަ؟ އުޑާއި ބިމުގައި ވާ ﷲ ގެ ހެކިތަކާ މެދު ފަހެ ތިޔަބައި މީހުން ނު ވިސްނަނީތަ؟ ތިޔަބައި މީހުން ގެ މަތީގައިވާ އުޑު ބިނާ ކުރެއްވީ ފަހެ ކާކުތަ؟ މުޑިތަކެއް ނެތި އެ އުޑު އުފުއްލެވީ ކާކުތަ؟ ތަރިތަކާއި ޕްލެނެޓުތައް، އިރާއި ހަނދު މި ހުރިހާ އެއްޗެއް އެ އެއްޗެއް ހިނގަން ކަނޑަ އެޅިފައިވާ ފަލަކުގައި އެ ހިނގަނީ .. މި ކަންތައްތައް ތަދުބީރު ކުރެއްވީ ކާކުތަ؟ އެ އެއްޗެހި ހިނގާ ގޮތް މެދުވެރި ކުރެއްވީ ކާކުތަ؟ ތިޔަބައި މީހުން ހުއްޓި ތި ތިބި ބިން އުފައްދަވައި ބިން ފެތުރުއްވީ ކާކުތަ؟ ބިޔަ ފަރުބަދަ އުފައްދަވައި ބިމުގައި އެ ހަރު ކުރެއްވީ، ހޯސް ލާފައި އުޑުން ވާރޭ ވެއްސެވީ، އަދި އެއިން ބިމުގައި ފެން ވަޅުތަކާއި އާރު ތައް ލެއްވީ، ކަނޑު ފަޅުއްވައި ކޯރުތައް ދުއްވެވީ، ތަށް މަށިން އިންސާނާ އުފެއްދެވީ، ނޫރުން މަލާއިކަތުން އުފެއްދެވީ، އަދި ދުން ނާރާ އަލިފާނަކުން ޖިންނި އުފެއްދެވީ، ކާކުތަ؟

މި ހުރިހާ ތަފާތު ވައްތަރުތަކުގެ މަޚްލޫޤާތުތައް އުފެއްދެވީ ކާކުތަ؟ ރޭގަނޑު އައިސް ދުވާލަށް ވައްދަވައި، ދުވާލު އައިސް ރޭގަނޑަށް ވައްދަވަނީ ކާކުހެއްޔެވެ؟ ފަހެ އެއީ ޖައްބާރު ވަންތަ ޢަޒީޒުވަންތަ ﷲ އެވެ. އެއީ ތިޔަބައި މީހުން ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާނގެއެވެ. އެ ކަލާނގެ ފިޔަވާ އެހެން އެއްވެސް އިލާހެއް ނުވެއެވެ. އެކަލާނގެ އީ ހުރިހާ ތަކެއްޗެއް އުފެއްދެވި ކަލާނގެއެވެ. ފަހެ އެކަލާނގެ އަށް އަޅުކަން ކުރާށެވެ. ހުރިހާ ކަމެއް ވަކީލު ކުރެވެނީ އެކަލާނގެއަށެވެ. އެ ކަލާނގެ ފިޔަވާ އެހެން އިލާހެއް ނުވެއެވެ. ދިރުން އުފެއްދެވި އަދި އަލުން ދިރުއްވާ ކަލާނގެ، ބާރާއި ގަދަފަދަކަން ލިބިވޮޑިގަންނަވާ ރިޒުޤު ދެއްވާ ކަލާނގެއެވެ. ''ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައި މީހުންނަށް އުޑުންނާއި ބިމުން ރިޒުޤު ދެއްވަނީ ކާކުހެއްޔެވެ؟ އަދި ކީއްހޭ ތިޔަބައި މީހުންނަށް އިވުމާއި ފެނުން ހައްދަވައި ދެއްވެވީ ކާކުހެއްޔެވެ؟ މަރުވެފައިވާ ތަކެތިން ދިރޭތަކެތި ނެރުއްވައި، ދިރޭތަކެތިން މަރުވެފައިވާ ތަކެތި ނެރުއްވަނީ ކާކުހެއްޔެވެ؟ އަދި ޚަލްޤުތަކުންގެ މިންވަރު ކުރައްވައި ތަދުބީރު ކުރައްވަނީ ކާކުހެއްޔެވެ؟ އެ މީހުން ޖަވާބުގައި ބުނާނެތެވެ. އެއީ ﷲ އެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ފަހެ ތިޔަބައި މީހުން އެކަލާނގެ ކިބައަށް ތަޤުވާވެރި ނުވާނޫހެއްޔެވެ؟''

ﷲ ގެ ރުބޫބިއްޔަތަށް އިޤްރާރު ވުމަކީ، ހުރިހާ އިންސާނުންގެ ކިބައިގައި ވެސް ހުންނަ ސިފައެކެވެ. އިންސާނުންގެ ތެރޭގައި ތިބޭ މަދު ނާދިރު ބައެއް މެނުވީ އެ ކަން އިންކާރު ނުކުރެއެވެ. ﷲ ފޮނުއްވި ރަސޫލުބޭކަލުން ދޮގުކޮށް އެ ބޭކަލުންނާ ޢަދާވާތްތެރިވެގަތް މީހުން ވެސް އެކަމަށް އިޤްރާރު ވިއެވެ. އެ މީހުންނާ ބެހޭ ގޮތުން މާތް ﷲ ވަޙީ ކުރައްވާފައި ވާ ބަސްފުޅެއްގައި ވަނީ ''އެ މީހުން ހެއްދެވީ ކާކު ހޭ ކަލޭގެފާނު ކާފިރުންނާއި ސުވާލު ކުރައްވައިފިނަމަ، ހަމަ ކަށަވަރުން އެ ބައި މީހުން ބުނާނެތެވެ. އެއީ މާތް ﷲ އެވެ. ''

''އުޑުތަކާއި ބިން ހައްދަވައި އުފެއްދެވީީ ކާކު ކަމަށް، ކަލޭގެފާނު ކާފިރުންނާއި ސުވާލު ކުރައްވައިފިނަމަ، ހަމަ ކަށަވަރުން އެ ބައި މީހުން ބުނާނެތެވެ. އެ ތަކެތި ހެއްދެވީ ޢަޒީޒްވަންތަ ދެނެވޮޑިގަންނަވާ ރަސްކަލާނގެއެވެ.''

މި ހުރިހާ ކަމަކަށް ވެސް އެބައި މީހުން އިޤްރާރުވެއެވެ. އޭ މީސްތަކުންނެވެ. ވަލީވެރިންނާއި ޞާލިޙް މީހުން ގެ ޤަބުރުތަކަށް ޒިޔާރަތް ކުރި މީހުންނެވެ. ފަހެ އެ މީހުންނަށް ވުރެ، ކަލޭމެންނާއި ބޮޑަށް ކުއްތަން ވެ ވޮޑިގަންނަވަނީ މާތް ﷲ ނޫންހެއްޔެވެ؟ އެ މީހުންނަށް ވުރެ، ކަލޭމެންނަށް ބޮޑަށް ރަޙްމު ބަހައްޓަވަނީ މާތް ﷲ ނޫންހެއްޔެވެ؟ އެ މީހުންނަށް ވުރެ، ކަލޭ މެން ކުރާ ދުޢާ ބޮޑަށް އައްސަވައި ވޮޑިގަންނަވަނީ މާތް ﷲ ނޫންހެއްޔެވެ؟ މާތް ވަނީ ތިޔަބައި މީހުން އެކަލާނގެއަށް ދުޢާ ކުރަން އަމުރު ކުރައްވައި، ދުޢާ އިޖާބަ ކުރައްވާނެ ކަމަށް ވަޢްދުވެވަޑައިގެންފައެވެ. އެކަލާނގެ ވަޙީ ކުރައްވާފައި ވަނީ ''އަދި ކަލޭމެންގެ ވެރި ރަސްކަލާނގެ ވަޙީ ކުރައްވައެވެ. ''އަހަރެންނަށް ދުޢާ ކުރާށެވެ. އަހުރެން ކަލޭމެންނަށް އިޖާބަ ދޭ ހުށީމެވެ. '' '' އަދި ކަލޭގެފާނާއި ތިމަން ރަސްކަލާނގެ އަޅުތަކުން ތިމަން ރަސްކަލާނގެ އާ ބެހޭ ގޮތުން ސުވާލު ކޮށްފި ނަމަ، ފަހެ ތިމަން ރަސްކަލާނގެ އަކީ ކުއްތަންވެވޮޑިގެންވާ ރަސްކަލާނގެ އެވެ. ތި މަން ރަސްކަލާނގެ ކިބައަށް ދުޢާ ކޮށްފި ނަމަ ދުޢާ ކުރި މީހާގެ ދުޢާ ތި މަން ރަސްކަލާނގެ އިޖާބަ ކުރައްވަމެވެ. ''

ކަލޭ މެން އެ ޤަބުރުތަކުގައި ވާ މީހުން ގެ ކިބައިން އެދެނީ ޝަފާޢަތެއް ހެއްޔެވެ؟ ފަހެ ޝަފާޢަތަކީ ﷲ އަށް މިލުކުވެގެން ވާ އެއްޗެކެވެ. އެއީ އެ ކަލާނގެ ކިބަފުޅުން ހޯދަން ޖެހޭ އެއްޗެކެވެ. ''އަދި ވިދާޅުވާށެވެ. ހުރިހާ ޝަފާޢަތެއް މިލްކުވެވޮޑިގެންވަނީ ﷲ އަށެވެ.'' ޝަފާޢަތްތެރިވާ އެއްވެސް މީހެއް ﷲ ރުއްސެވުން ނެތި ޝަފާޢަތެއް ނުވެއެވެ. އެ ކަލާނގެ އިޒުނަފުޅު ނެތި ޝަފާޢަތެއް ނުވެއެވެ. ﷲ ގެ އިޒުނަފުޅާއި ރުއްސަވާ މީހަކަށް ޝަފާޢަތްތެރި ވުމުގެ އިޒުނަ ދެއްވުމުގެ ކުރިން، އެ ބައެއްގެ ޝަފާޢަތުން ފައިދާއެއް ނުވާ، އުޑުތަކާއި ބިމުގައިވާ ކިތައް މަލާއިކަތުން ވޭ ތަ؟ ވަލީވެރިންނާއި ޞާލިޙް މީހުންނަށް ތިޔަބައި މީހުންނަށް ކުރިމަތި ވާ ގެއްލުން ދުރުކޮށް ފައިދާ ލިއްބައި ދެވިދާނެ ކަމަށް، ތިޔަބައި މީހުން ހީކުރަނީ ތަ؟ ފަހެ މި ކަންތަކަކީ ހަމަ އެކަނި ﷲ އަށް ލިބިވޮޑިގެންވާ ކަންތަކެކެވެ. އެހެން އެއް ވެސް މީހަކަށް މިކަންތަށް ލިބިގެން ނުވެއެވެ. ''ކަލޭގެފާނު ވިދާޅުވާށެވެ. އިލާހުން ކަމަށް ތިޔަބައި މީހުން ހަދައިގެން، މާތް ﷲ ފިޔަވައި ތިޔަބައި މީހުން ދުޢާކޮށް އުޅުނު ފަރާތްތަކަށް ތިޔަބައި މީހުން ގޮވައި ބަލާށެވެ! ފަހެ ތިޔަބައި މީހުންގެ ކިބައިން ގެއްލުމެއް ފިލުވުމެއް، ނުވަތަ އެ ގެއްލުން އެހެން ފަރާތަކަށް، ނުވަތަ އެ ގެއްލުން ފައިދާ އަކަށް ބަދަލު ކުރުމެއް ވިޔަސް، އެ ފަރާތްތަކަށް މިލްކުވެގެން ނުވެއެވެ.''

އޭ މީސްތަކުންނޭވެ! ޤަބުރުތަކަށް ގޮސް، ޝަފާޢަތަށް އެދި އަދި ކަލޭމެންނާއި ﷲ އާއި ދެމެދު ވާ މެދުވެރިންތަކަކަށް އެ މީހުން ހެދުމަކީ، އުނދަގޫ ކަންތައްތައް ފުރިހަމަ ވުމަށް އެ މީހުން ކައިރިން އެދުމަކީ، އުނދަގޫ ކަމެއް ކުރިމަތި ވާ ހިނދު އެ މީހުންގެ އެހީ އަށް އެދި އެ މީހުންގެ ވާގި އަށް އެދުމަކީ، އަދި އެ މީހުންނަށް އިލާހެއްގެ ދަރަޖަ ހިތުގައި ދިނުމަކީ، ހުސް ޝިރުކު ޢަމަލުތަކެކެވެ. ﷲ އާ ވެވޭ ޝިރުކެކެވެ. މާތް ﷲ ވަޙީ ކުރައްވާފައި ވަނީ ''އަދި އެ ކަލާނގެ ރަސްކަންފުޅު ފިޔަވައި ތިޔަބައި މީހުން ގޮވައި އަޅުކަން ކުރާ ފަރާތްތަކަށް، ކަދުރެއްގެ އޮށުގެ ބޭރުން އޮންނަ ދުލިފަށެއްގެ މިންވަރު ވެސް އެ ފަރާތްތަކަށް މިލްކުވެގެން ނުވެއެވެ. * ތިޔަބައި މީހުން އެ ފަރާތްތަކަށް ގޮވިޔަސް އެ ފަރާތްތަކަށް ތިޔަބައި މީހުން ގޮވާ ގޮވުންތައް ނީވޭނެއެވެ. އެ ގޮވުންތައް އެ ފަރާތްތަކަށް އިވުނު ނަމަވެސް، ތިޔަބައި މީހުންނަށް، އެ ފަރާތްތައް އިޖާބަ ނު ދޭނެތެވެ. އަދި ޤިޔާމަތް ދުވަހުން، ތިޔަބައި މީހުން ޝަރީކު ކުޅަ ކަމާ މެދު އެ ފަރާތްތަކުން އިންކާރު ކުރާނެއެވެ. ޚަބަރުތައް ދެނެވޮޑިގެންވާ ކަލާނގެ ފަދައިން ކަލޭގެފާނަށް ޚަބަރު ދޭނެ ހަމަ އެކަކުވެސް ނެތެވެ.''

އޭ މީސްތަކުންނޭވެ! އޭ މީސްތަކުންނޭވެ! އަހަރެން ބިރު ގަންނަނީ ކަލޭމެން އެކަކު އަނެކަކަށް ރޮއެ ރޮއެފައި އެހީ އަށް އެދި ގޮވާ ދުވަސް އައިސް ޖެހިދާނެ ކަމަށްޓަކައެވެ. ނު ޙައްޤުން އަޅުކަން ކުރެވުނު ކޮންމެ އެއްޗެއް އަޅުކަން ކުރި މީހުންގެ ކިބައިން ބަރީއަ ވެގަންނާނެ ދުވަހަކަށްޓަކައެވެ. ''އެއީ، ތަބާ ވެވުނު މީހުން ތަބާ ވާ މީހުން ގެ ކިބައިން ދުރުހެލިވެ ބަރީއަ ވެގަންނަ ހިނދެވެ. އަދި އެ ބައި މީހުން ޢަޛާބު ދެކޭ ހިނދވެ. އެ މީހުން ގެ މެދުގައިވާ ގުޅުންތަކާއި ގުޅުންތަކުގެ ސަބަބުތައް ކެނޑިގެން ދާ ދުވަހެވެ.''

އަދި މާތް ﷲ ގެ ޢަދުއްވު އިބިލިސާއި ބެހޭ ގޮތުން، ﷲ ވަޙީ ކުރައްވާފައި ވަނީ ''އަދި އެ އުރެންގެ މައްޗަށް، ނިޔާ ކަނޑަ އެޅި ނިމުމަށް ފަހު ޝައިޠާނާ ބުނާނެތެވެ. ''ހަމަ ކަށަވަރުން ﷲ ކުރައްވާފައި ވަނީ ޙައްޤު ތެދު ވަޢްދެވެ. އަދި އަހުރެން ވެސް ކަލޭމެންނަށް ވަޢްދު ވީ މެވެ. ނަމަވެސް އަހަރެން ވަނީ އެ ވަޢްދާއި ޚިލާފު ވެ ނުމެ ފުއްދާ މެއެވެ. ކަލޭމެންނަށް ހަމަ އެކަނި ގޮވައިލުން ފިޔަވައި ކަލޭމެންގެ މައްޗަށް އެހެން އެއްވެސް ބާރެއް، އަހުރެންނަކަށް ލިބިގެން ނުވެއެވެ. ދެން ކަލޭމެން އަހަރެންގެ ގޮވައިލުމަށް އިޖާބަ ދިނީއެވެ! ވީ އިރު އަހަރެން ކުށްވެރި ނުކުރާށެވެ. ކުށްވެރި ކުރަން ވާނީ ކަލޭމެންގެ އަމިއްލަ ނަފްސުތަކެވެ. މިހާރު އަހަރެންނަކަށް ކަލޭމެންގެ އެހީތެރިއަކަށް ނުވެވޭނެހުއްޓެވެ. އަދި ކަލޭމެންނަކީ އަހަރެންގެ އެހީތެރިންނަކަށް ވެސް ނުމެ ވެވޭހުށިމެއެވެ. އަހުރެންނީ، ﷲ ގެ ޝަރީކަކު ކަމުގައި ކަލޭމެން ބެލިބެލުމަށް، މީގެ ކުރީގައި ވެސް، އަހުރެން އީމާނެއް، ނުވަމެވެ. ހަމަ ކަށަވަރުން ކަލޭމެން ކަހަލަ ހަމަ ގެއްލިފައި ތިބޭ ނުލަފާ، މީހުންނަށް ވޭން ދެނިވި ޢަޛާބު ލިބޭހުށި މެއެވެ.''

ﷲ އަށް އަޅުކަން ކުރުމުގެ ބަދަލުގައި މަސީޙް އަށް އަޅުކަން ކުރި އެންމެހައި ބައެއްގެ ކިބައިން އެކަލޭގެފާނު، ޤިޔާމަތް ދުވަހު ބަރީއަވެވަޑައިގަންނަވާނެއެވެ. އެކަލޭގެފާނަކީ އިލާހެއް ކަމަށް ބުނި މީހުންގެ ކިބައިން ބަރީއަވެވަޑައިގަންނަވާނެއެވެ. ﷲ ޢައްޒަ ވަ ޖައްލަ ވަޙީ ކުރައްވަނީ ''މާތް ﷲ ޢީސާގެ ފާނަށް ވަޙީ ކުރެއްވި ހިނދު، (ހަނދުމަ ކުރާށެވެ!) ތިމަންނާ އާއި ތިމަންގެ މައި ކަނބަލުންނީ، މާތް ﷲ ފިޔަވައި، އިލާހުން ކަމުގައި، ތިޔަބައި މީހުން ބަލައި ހިފާށޭ މީސްތަކުންގެ ގާތުގައި ކަލޭގެފާނު ވިދާޅުވީމުތޯއެވެ؟ ޢީސާގެފާނު ދެންނެވިއެވެ. އިބަ ރަސްކަލާނގެ ހުސްޠާހިރުވަންތައެވެ. ބުނުމުގެ ޙައްޤު ތިމަންނާއަށް ލިބިގެން ނުވާ ބަހެއް ބުނުން، ތިމަންނާއަކަށް މިލްކުވެގެން ނުވެއެވެ. ތިމަން އެ ބަސް ބުނިނަމަ، އިބަ ރަސްކަލާނގެ އެ ކަން ދެނެވޮޑިގެން ވީމުއެވެ. ތިމަންގެ ހިތުގައި ވާ ކަންތައް ވެސް އިބަ ރަސްކަލާނގެ ދެނެވޮޑިގެންވަމުއެވެ. އިބަ ރަސްކަލާނގެ އިރާދަފުޅުގައި ހުރި ގޮތެއް، ތިމަން އަޅާއަށް އެނގިގެނެއް ނުވެއެވެ. ހަމަ ކަށަވަރުން އިބަ ރަސްކަލާނގެ އީ، ވަންހަނާގައި ވާހައި ކަމެއް ވެސް ދެނެ ވޮޑިގެންވާ ރަސްކަލާނގެއެވެ. * އިބަ ރަސްކަލާނގެ ތިމަން އަޅާ އަށް އަމުރު ކުރައްވާފައިވާ ގޮތަށް މެނުވީ، ތިމަން އަޅާ އެ ބައި މީހުންނަށް ނުބުނަމެވެ. އެއީ، ތިމަން ހައްދަވައި ބޮޑު ކުރެއްވި، އަދި ތިޔަބައި މީހުން ވެސް ހައްދަވައި ބޮޑު ކުރެއްވި ކަލާނގެ، މާތް ﷲ އަށް ތިޔަބައި މީހުން އަޅުކަން ކުރާށެވެ. އެ ބައި މީހުންގެ ތެރޭގައި ތިމަން ހުރިހައި ހިނދަކު، އެ ބައި މީހުންގެ މައްޗަށް ހެކިވެރި އަކު ކަމުގައި ވީމެވެ. ދެން އިބަ ރަސްކަލާނގެ ތިމަން އަޅާ ގެންދަވައިފި ހިނދު، އެބައި މީހުންގެ މައްޗަށް ބައްލަވައި ވޮޑިގެންވާ ކަލަކު ކަމުގައި އިބަ ރަސްކަލާނގެ ވޮޑިގެންފީމުއެވެ. ކޮންމެ ކަމެއްގެ މައްޗަށް އިބަ ރަސްކަލާނގެ އީ، ހެކިވެރިވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. ''

އަދި ރަޙްމާންވަންތަ ﷲ ގެ މަލާއިކަތް ބޭކަލުން ވެސް، ﷲ އަށް އަޅުކަން ކުރުން ދޫކޮށް އެ ބައި މީހުންނަށް އަޅުކަން ކުރި، އުއްމީދު ތައް މަލާއިކަތް ބޭކަލުންގެ މައްޗަށް އިއުތިމާދު ކުރި، މީހުންގެ ކިބައިން ބަރީއަވެވަޑައިގަންނާނެއެވެ. އެ އެންމެން ޙަޝްރު ކުރައްވައި، މާތް ﷲ މަލާއިކަތް ބޭކަލުންނަށް ވަޙީ ކުރައްވާނީ ''މި ބައި މީހުން، އަޅުކަން ކުރާ ކަމުގައި ވީ، ތިޔަބައި މީހުންނަށް ހޭ؟ * މަލާއިކަތް ބޭކަލުން ދަންނަވާނެތެވެ. އިބަ ރަސްކަލާނގެ ހުސް ޠާހިރު ވަންތަ ކަމެވެ. އެ ބައި މީހުން ފިޔަވައި، އިބަ ރަސްކަލާނގެ އީ، އަޅަމެންގެ އެހީތެރި ވަލީއާއެވެ. އަދި ކިއެއްތޯއެވެ. އެބައި މީހުން އަޅުކަން ކުރާ ކަމުގައި ވީ ޖިންނީންނަށެވެ. އޭގެތެރެއިން ގިނަ މީހުންނީ އެ ޖިންނީންނަށް އީމާންވެގެން ތިބި މީހުންނެވެ.''

އޭ އިސްލާމީ އުއްމަތޭވެ! މުޙައްމަދު ގެ ފާނަކީ ﷲ ގެ ރަސޫލާ ކަމުގައި ހެކި ވުމަކީ، އީމާން ކަން ޞައްޙަ ވުމުގައި ފަރުޟެކެވެ. ފަހެ ﷲ ފިޔަވައި އަޅުކަން ކުރެވޭ އިލާހަކު ނުވާ ކަމަށާއި، މުޙައްމަދުގެ ފާނަކީ އެކަލާނގެ ފޮނުއްވި ރަސޫލާ ކަމުގައި، އީމާން ނުވާ އަޅެއް އިސްލާމް ކަން ޞައްޙަ އެއް ނުވާނެއެވެ. އެ ކަލޭގެފާނަކީ ނަބީންނާއި ރަސޫލުބޭކަލުންގެ އެންމެ ފަހު ނަބިއްޔާއެވެ. އެކަލޭގެފާނަކީ ރަސޫލެއް ކަމުގައި ހެކި ވުމުކީ، އެކަލޭގެފާނު އަމުރު ކުރެއްވި ކަންތައްތައް ގެނެސް، އަދި އެ ކަލޭގެފާނު ޚަބަދު ދެއްވި ކަންތައްތައް ތެދު ކޮށް، އަދި އެ ކަލޭގެފާނު ނަހީ ކުރެއްވި ކަންތަކާ ދުރުވުމުވެ. އަދި އެކަލޭގެފާނު ޝަރީޢަތުގައި ނުގެންނަވާ ގޮތަކަށް ﷲ އަށް އަޅުކަން ނުކުރުމުވެ. ޢީސާ ޢަލައިހިއްސަލާމު، މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ނަބީ ކަމުގެ ބިޝާރަތު ދެއްވާފައި ވެއެވެ. ''އަދި ހަނދުމަ ކުރާށެވެ! ޢީސާ އިބްނު މަރްޔަމު ބުންޏެވެ. ''އޭ އިސްރާއީލުގެ ދަރިންނޭވެ! ހަމަ ކަށަވަރުން އަހުރެންނީ ކަލޭމެންގެ ގާތަށް ﷲ ފޮނުއްވި ރަސޫލަކީމެވެ. އަހުރެންގެ ކުރީގައި އައިސްފައިވާ ތައުރާތުގެ ޙުކުމްތައް އަހުރެން ތަޞްދީޤު ކުރަމެވެ. އަދި އަހުރެންނަށް ފަހު އަޙްމަދު އެވެ. ނަމަކަށް ކއިގެންވާ ރަސޫލަކު، ވަޑައިގަންނަވާނޭ ކަމުގެ އުފާވެރި ޚަބަރުތައް އިއްވަމެވެ.''

މުޙައްމަދުގެފާނު ގޮވައިލެއްވި ދަޢްވަތަކީ، އިބްރާހީމްގެފާނު ގެ އަހުލުވެރިންނަށްޓަކައި ދުޢާ ކުރައްވަމުން އެދިވަޑައިގަތް ދަޢްވަތެވެ. ވިދާޅުވިއެވެ. ''އަދި އެ އުއްމަތުގެ މީހުންނަށް، އިބަ ރަސްކަލާނގެ އާޔަތްތައް ކިޔާ ދެއްވައި، ޙިކްމަތާއި ފޮތް އުނގަންނަވައި ދެއްވައި، އަދި އެ އުއްމަތް ހެދި ބޮޑުވެ، އިތުރު ވަމުން، ނުބައި ގޮތްތަކުން ސާފު ޠާހިރު ވަމުން ދާނެ ގޮތް މެދުވެރި ކުރައްވާނޭ ރަސޫލަކުމ އެ އުއްމަތުގެ ތެރެއިން، އެ އުއްމަތުގެ ތެރެއަށް ނެރުއްވާ ފާނދޭވެ! ހަމަ ކަށަވަރުން އިބަ ރަސްކަލާނގެ އީ ކީރިތި ވަންތަ ޙިކްމަތް ވަންތަ ރަސްކަލާނގެއެވެ.''

މުޙައްމަދުގެފާނަކީ މުއުމިނުންނަށް މާތް ﷲ ދެއްވި ދަރުމައެކެވެ. ''މުއުމިނުންގެ މައްޗަށް މާތް ﷲ ދަރުމަވަންތަވެ ވޮޑިގެންފިއެވެ. އެ ބައި މީހުންގެ ތެރެއަށް، އެ ބައި މީހުންގެ ތެރެއިން ރަސޫލަކު ފޮނުއްވައިފި ހިނދުގައެވެ. އެ ކަލާނގެ އާޔަތްތައް އެ ބައި މީހުންނަށް ކިޔައި ދެއްވުމަށްޓަކައެވެ. އަދި އެ ބައި މީހުން ޠާހިރު ކުރައްވައި ފޮތާއި ޙިކްމަތް އެ ބައި މީހުންނަށް އުނގަންނަވައި ދެއްވުމަށްޓަކައެވެ. ބަޔާން ވެގެން ވާ މަގުފުރެދުމެއްގެ ތެރޭގައި އޭގެ ކުރިން، އެބައި މީހުން ވީ ނަމަވެހެވެ.''

މުޙައްމަދުގެފާނު އެކަލޭގެފާނުގެ އުއްމަތުގެ މައްޗަށް އޯގާތެރި ވެ ވަޑައިގަތެވެ. މީސްތަކުންނަށް ހިދާޔަތް ލިބުމަށް ދަހިވެތިވެވަޑައިގަތެވެ. އުއްމަތުގެ މީހުން މަގު ފުރެދި ޢަޛާބު ލިބުމުން، އެކަލޭގަފާނަށް އެކަން އެކަލޭގެފާނަށް ކީރިތިވެ ބޮޑުވެގެން ވިއެވެ. މީސްތަކުންނަށް ހިދާޔަތް ދެއްވަން ދަހިވެތިވެވަޑައިގަތެވެ. އެ ބައި މިހުންނަށް ކިޔައި ނު ދެއްވާ ރަނގަޅު ކަމެއް ނުވެއެވެ. އަދި ނުބައި ކަމެއް އޮތިއްޔާ އެ ކަމަކުން ރައްކާތެރި ވުމަށް، އެކަލޭގެފާނު އިންޒާރު ދެއްވިއެވެ. ﷲ ގެ ޞަލަވާތާއި ސަލާމް އެކަލޭގެފާނަށް ލައްވާށިއެވެ. ''ހަމަ ތިޔަބައި މީހުންގެ ތެރެއިން ވާ ރަސޫލަކު، ހަމަކަށަވަރުން ތިޔަބައި މީހުންގެ ގާތަށް ވަޑައިގެންފިއެވެ. ތިޔަބައި މީހުންނަށް ދަތިވެއްޖެ ކަމެއް، އެ ކަލޭގެފާނަށް ކީރިތިވެ ބޮޑުވެގެން ވެއެވެ. އެކަލޭގެފާނީ ތިޔަބައި މީހުންނަށް ތެދުމަގު ލިބި ސަލާމަތް ވުމުގެ މައްޗަށް ދަހިވެތިވެވަޑައިގެންވާ ބޭކަލެކެވެ. މުއުމިނުންނަށް އޯގާތެރި، ރަޙްމަތްތެރި، ބޭކަލެކެވެ.''

މާތް ނަބިއްޔާ ފޮނުއްވެވުމުން، ބުރަތަކާއި، މީހުންގައި އެޅިފައިވާ ކަސްތަޅުތައް ނެތި ކުރައްވިއެވެ. އަދި އެކަލޭގެފާނުފެ ނަންފުޅު ތައުރާތާއި އިންޖީލުގައި ލިޔެވިގެން ވެއެވެ. ''އެ ބައި މީހުންނީ، އުއްމީ ނަބީ، ރަސޫލާ އަށް ތަބާ ވާ މީހުންނެވެ. އެ ނަބިއްޔާ އީ އެ ބައި މީހުންގެ ގާތުގައި ވާ ތައުރާތާއި އިންޖީލުގައި (އެނަބިއްޔާގެ ސިފަފުޅުތައް) ލިޔެވިގެންވާތީ އެބައި މީހުން ދެކޭ ނަބިއްޔާ އެވެ. އެ ނަބިއްޔާ އެ ބައި މީހުންނަށް، ހެޔޮ ކަންތަކަށް އަމުރު ކުރައްވައެވެ. އަދި ނުބައި ކަންތައް އެބައި މީހުންނަށް ނަހީ ކުރައްވައެވެ. އަދި ފައިދާ ހުރި ރަނގަޅު ތަކެތި އެބައި މީހުންނަށް ހުއްދަ ކުރައްވައެވެ. އަދި ނުބައި ވެގެންވާ ތަކެތި، އެބައި މީހުންނަށް މަނާ ކުރައްވައެވެ. އަދި އެބައި މީހުންގެ ކިބައިގައިވާ ބުރަތަކާއި، އެބައި މީހުންގައި އެޅިފައިވާ ކަސްތަޅުތައް ނެތި ކުރައްވައި، ލުއި ކުރައްވައެވެ. ''

ﷲ ގެ ރަސޫލާ މުޙައްމަދުގެފާނުގެ ދަރަޖަ، ﷲ ވަނީ މަތިވެރި ކުރައްވާފައެވެ. ﷲ ގެ ރަސޫލާ މުޙައްމަދުގެފާނުގެ ދަރަޖަ، ﷲ ވަނީ މަތިވެރި ކުރައްވާފައެވެ. އެކަލޭގެފާނުގެ މަޤާމު މަތިވެރި ކުރެއްވިއެވެ. އެކާލޭގެފާނު އުފުއްލަވަން ޖެހިވަޑައިގަތް ބުރަތައް ލުއި ކުރެއްވިއެވެ. އަދި އެކަލޭގެފާނުގެ އަމުރުފުޅުތަކާއި ޚިލާފުވާ ބަޔަކަށް ނިކަމެތިކަމާއި ދަށް ކަން، ﷲ މެދުވެރި ކުރެއްވިއެވެ. ''ކަލޭގެފާނުގެ ހިތްޕުޅު، ކަލޭގެފާނަށް ތިމަން ރަސްކަލާނގެ ތަނަވަސްކޮށް ނުދެއްވަންތޯއެވެ. * އަދި ކަލޭގެފާނުން އުފުއްލަވަން ޖެހިފައިވާ ބުރަތައް، ކަލޭގެފާނުންގެ ކިބައިން ތިމަން ރަސްކަލާނގެ ލުއި ކުރެއްވީމެވެ. * އެ ކަމަކީ، ކަލޭގެފާނުންގެ ބުރިކަށިފުޅަށް ބަރުކަން ދީފައިވާ ކަންތަކެވެ. * އަދި ކަލޭގެފާނަށްޓަކައި، ކަލޭގެފާނުންގެ ނަންފުޅު، ތިމަން ރަސްކަލާނގެ އުފުއްލަވައި މަތިވެރި ކުރެއްވީމެވެ. '' ''ހަމަ ކަށަވަރުން ގިނަ ގުނަ ވެގެންވާ ހެޔޮކަން (އެބަހީ ނަބީ ކަމާއި ޤިޔާމަތް ދުވަހު ގެ ޝަފާޢަތްތެރި ކަމާއި، ޤުރުއާނެވެ. ނުވަތަ ސުވަރުގޭގައި ވާ ކައުޘަރް އޭ ކިޔޭ އާރެވެ.) ތިމަން ރަސްކަލާނގެ ކަލޭގެފާނަށް ދެއްވީމެވެ. އަދި ކަލޭގެފާނު ހައްދަވައި ބޮޑު ކުރެއްވި ކަލާނގެ ކިބައަށް، އަޅުކަން ކުރައްވައި، ނަމާދުފުޅު ކުރައްވާށެވެ. އަދި، ޤުރުބާން ކުރައްވައި، ޞަދަޤާތް ދެއްވައި އުޅުއްވާށެވެ. ހަމަ ކަށަވަރުން ކަލޭގެފާނަށް އިހާނެތި ބަސް ބުނެ، ކޯފާ އިސްކުރުވާ މީހާ އާއި މެދު ދަންނާށެވެ. ހުރިހައި ހެޔޮ ކަމަކުން މަޙްރޫމް ވެ، ކެނޑިގެން ވާ މީހަކީ އެ މީހާ އެވެ. ''

ﷲ ގެ ޝަރީޢަތާއި ވަޙީ ބަސްފުޅު އަހަރެމެންނާއި ހަމައަށް އައުމުގައި، ދެމެދުގައި ވަނީ މުޙައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމައެވެ. މި މާތް ނަބިއްޔާގެ މަގުން މެނުވީ، މާތް ﷲ އަށް ކުއްތަން ވުމެއް، އަދި ސުވަރުގެއަށް ދެވޭނެ މަގެއް ނެތެވެ. މުޙައްމަދު ޞައްލައްﷲ ޢަލައިހި ވަސައްލަމަ އަށް، އަހަރެމެން ހައްދަވައި ބޮޑު ކުރެއްވި ކަލާނގެ އާއި އެކަލާނގެ މަލާއިކަތުން ޞަލަވާތް ލައްވައެވެ. އަދި ޞަލަވާތް ކިޔުމަށް، އަހަރެމެންނަށް ﷲ އަމުރު ކުރެއްވިއެވެ. ވަޙީ ކުރެއްވިއެވެ. ''ހަމަ ކަށަވަރުން މާތް ﷲ އާއި، އެކަލާނގެ މަލާއިކަތުން، ނަބިއްޔާ ގެ މައްޗަށް ޞަލަވާތް ލައްވައެވެ. އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައި މީހުން އެ ކަލޭގެފާނުންގެ މައްޗަށް ޞަލަވާތް ކިޔާށެވެ. އަދި ސަލާމް ކުރުމަކުން އެކަލޭގެފާނަށް ސަލާމް ކޮށް، ސަލާމް ލެއްވުން އެދި ދުޢާ ކުރާށެވެ.''

އަޅާ މި ވަނީ އިބަރަސްކަލާނގެ އަށް އިޖާބަ ދީގެންނެވެ. އޭ ﷲ! އަޅާ މި ވަނީ އިބަ ރަސްކަލާނގެ އަށް އިޖާބަ ދީގެންނެވެ. އަޅާ މި ވަނީ އިބަރަސްކަލާނގެ އަށް އިޖާބަ ދީގެންނެވެ. އިބަރަސްކަލާނގެ އަށް ޝަރީކަކު ނުވެއެވެ. އަޅާ މި ވަނީ އިބަރަސްކަލާނގެ އަށް އިޖާބަ ދީގެންނެވެ. ހަމަކަށަވަރުން ހުރިހާ ޙަމްދަކާއި މަތިވެރިކަމެއް ވަނީ އިބަރަސްކަލާނގެއަށެވެ. އަދި ބާރާއި މުލްކު ވަނީ އިބަރަސްކަލާނގެއަށެވެ. އިބަރަސްކަލާނގެ އަށް ޝަރީކަކު ނުވެއެވެ. އަޅާ މި ވަނީ އިބަރަސްކަލާނގެ އަށް އިޖާބަ ދީގެންނެވެ.

އޭ އިސްލާމީ އުއްމަތެވެ! އިސްލާމީ ޝަރީޢަތް އައީ ރޫޙާއި ހަށިގަނޑު ޠާހިރު ކުރުމަށެވެ. އައީ ހިތުން ކުރާ އަޅުކަންތަކަކާއި ޢަމަލީ އަޅުކަންތަކަކާއި އަދި ބަހުން ކުރާ އަޅުކަންތަކަކާއިގެންނެވެ. އައި އެކި ވައްތަރުގެ އަޅުކަންތަކާއިގެންނެވެ. ފަރުޟު އަޅުކަންތަކާއި ސުންނަތް އަޅުކަންތަކެވެ. ހަށިގަނޑުން ކުރާ އަޅުކަންތަކަކާއި ފައިސާ ހޭދަކޮށްގެން އަދާ ކުރާ އަޅުކަންތަކެވެ. ފައިސާ ހޭދަ ކުރުމާއި ހަށިގަނޑުން މަސައްކަތް ކޮށްގެން އަދާ ކުރާ އަޅުކަންތަކެވެ. މި ހުރިހާ ޝަރުޢީ ވާޖިބުތަކުގެ ވެސް ބޭނުމަކީ، ގުނަވަންތައް ﷲ އަށް އަޅުވެތި ކުރުމެވެ. އަދި އެ ކަލާނގެ ދެއްވާފައިވާ ނިޢްމަތްތަކަށް އިޙްސާނަށް، ޝުކުރުވެރި ވުމުގެ ގޮތުންނެވެ.

އޭ އިސްލާމީ އުއްމަތެވެ!

ހަމަ ކަށަވަރުން ވެސް، ﷲ ގެ އެއްކައުވަންތަކަމަށް އީމާން ވުމަށް ފަހު އޮތް އެންމެ މަތިވެރި ޝަރުޢީ ފަރުޟަކީ ފަސް ނަމާދެވެ. އެއީ ކަލެއާ ކަލޭ ހައްދަވައި ބޮޑު ކުރެއްވި ކަލާނގެ އާ ދެމެދު އޮތް ގުޅުމެކެވެ. އެއީ ކަލެއާ ކަލޭ ހައްދަވައި ބޮޑު ކުރެއްވި ކަލާނގެ އާ ދެމެދު އޮތް ގުޅުމެކެވެ. އެއީ އިސްލާމް ދީނުގެ ތަނބެވެ. އެ އަށް ރައްކާތެރި ވެއްޖެ މީހެއްގެ ދީން ރައްކާތެރިވެއްޖެއެވެ. އެ އަށް ފަރުވާ ކުޑަކޮށްފި މީހަކީ، ދީނުގެ އެހެން ކަންތައްތަކަށް، މާ ބޮޑަށް ފަރުވާ ކުޑަ ކުރާނެ މީހެކެވެ. ނަމާދު ޤާއިމު ކުރުމަށާއި، މެދު ނަމާދު ކުރުމަށް ރައްކާތެރިވާށެވެ. އަދި ﷲ އަށް، ފުރިހަމައަށް، ކިޔަމަންގަތުން މަތީ ދެމި ތިބޭށެވެ. ނަމާދު، މިސްކިތުގައި ޖަމާޢަތުގައި ކޮށް، ރުކޫޢު ކުރާ މީހުންނާ އެކީ ރުކޫޢު ކުރުމަށް ރައްކާތެރިވާށެވެ.

އޭ ﷲ ގެ އަޅާއެވެ! ނަމާދުގެ ދަރަޖައަކީ ވަރަށް މަތިވެރި ދަރަޖައެކެވެ. އެހެނީ، ﷲ އެ ފަރުޟު ކުރެއްވީ، އެ ކަލާނގެ ނަބިއްޔާ މިޢްރާޖު ކުރެއްވި ހިނދުގައެވެ. އަދި މާތް ﷲ އެކަލާނގެ ފަރުޟު ކުރެއްވި ފަރުޟު އޮންނާނެ އެންމެ ފަހު ގޮތަށް، ނަމާދު ގެ ޢަދަދު ފަސް ނަމާދަށް ބަދަލު ކުރައްވައި، އެ ކަލާނގެ އަޅުތަކުންނަށް ލުއި ކުރައްވަން ދެން، މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ، މާތް ﷲ ގެ ހަޟްރަތުގައި، ލުއި ކޮށް ދެއްވުމަށް އެދި ދެންނެވިއެވެ. އެ ގޮތުން ނަމާދު ގެ ޢަދަދު ފަހަކަށް ބަދަލު ވެ، ނަމަވެސް އޭގެ ޘަވާބު ފަންސާސް ނަމާދުގެ ޘަވާބު ކަމުގައި ލެއްވިއެވެ.

އޭ ﷲ ގެ އަޅާއެވެ! ނަމަ ނަމަ ނަމާދާ މެދު ފަރުވާ ކުޑަ ނުކުރާށެވެ. ފަހެ ނަމާދު އަޅާލާ މީހުންނަށް، ޢަޛާބު ގެ ވަރުގަދަ އިންޒާރު އައިސްފައިވެއެވެ. ''ނަމަވެސް، އެ އުރެންނަށް ފަހު ނުބައި ވީ ބަޔަކު ދުނިޔޭގައި އުޅުނެވެ. އެ (ނުބައި) މީހުން، ނަމާދު ކުރުން ދޫކޮށްލައި، އެ އުރެންގެ ޝަހުވާނީ އެދުންތަކަށް، ތަބާވިއެވެ. ފަހެ، އެ ފަދަ މީހުން، ހަލާކާއި ކުރިމަތިލާނެއެވެ.''

ވީމާ، ނަމަ ނަމަ ނަމާދާ މެދު ފަރުވާ ކުޑަ ނުކުރާށެވެ. ޢަބްދުﷲ ބިން މަސްޢޫދު ވިދާޅުވިއެވެ. ''އަހަރެމެން ދެކުނީ ނަމާދަށް ނާންނަނީ، އެއީ މުނާފިޤެއް ކަން އެނގޭ މުނާފިޤުން ކަމުގައެވެ.''

އޭ ﷲ ގެ އަޅާ އެވެ! މި ނަމާދުތަކަށް ރައްކާތެރިވާށެވެ. އެހެނީ އެއީ، ފާހިޝް ކަންތައްތަކާއި މުންކަރާތްތަކާ، ތިބާ ދުރުކުރުވާ ކަމެކެވެ. މޫނު އަލި ވެ، ރިޒުޤު ތަނަވަސް ވާ ކަމެކެވެ. ހައްދަވާ ބޮޑު ކުރެއްވި ކަލާނގެ، ރުއްސެވުން ލިބޭ ކަމެކެވެ.

އޭ އެންމެހާ މުސްލިމުންނެވެ! ޒަކާތަކީ އިސްލާމް ދީނުގެ ދެ ވަނަ ރުކުނެވެ. ޒަކާތަކީ އިސްލާމް ދީނުގެ ދެ ވަނަ ރުކުނެވެ. އެއީ މީހާގެ މުދަލުގައި ވާ، ﷲ ގެ ޙައްޤެކެވެ. އެއީ މުއްސަނދިން ގެ މުދަލުގައި، މާތް ﷲ ފަރުޟު ކުރައްވާފައިވާ ޙައްޤެކެވެ. ޒަކާތަކީ، ނަމާދާއި ވިއްދައިގެން، މާތް ﷲ ފޮތުގައި ބަޔާން ކުރެވޭ ފަރުޟެވެ. އޭ މުސްލިމް އެވެ! ޒަކާތް ދޭށެވެ. ފަހެ ޒަކާތް ދިނުމަކީ، މާތް ﷲ ކަލެއަށް ދެއްވި ނިޢްމަތްތަކަށް ޝުކުރުވެރި ވެވޭ ކަމެކެވެ. އަދި ކަލޭ ގެ، ޒަކާތް ޙައްޤު ވާ މުސްލިމް އަޚުން، ސަލާން ނުޖަހައި އުޅުމަށް ވެ ދެވޭ އެހީއެކެވެ. އަދި އެ މީހުންނާ ބައިވެރިވެވޭ ބައިވެރިވުމެކެވެ.

އޭ މުސްލިމް އަޚާ އެވެ! ފުރިހަމަ އަށް ޒަކާތް ނެރުމަކީ، މުދާ ޠާހިރު ވެ، މުދަލުގައި ބަރަކާތް އިތުރުވާ ކަމެކެވެ. ''އޭގެ ސަބަބުން އެބައި މީހުންގެ ފާފަތަކުން އެބައި މީހުން ސާފުވެ، ޠާހިރުވާނޭ، އަދި އެބައި މީހުންނަށް ހެޔޮކަންތައް އިތުރު ވާނޭ ޞަދަޤާތެއް(ޒަކާތެއް) އެބައި މީހުންގެ މުދަލުގެ ތެރެއިން، ކަލޭގެފާނު ހިއްޕަވާށެވެ.''

އަދި އެއީ އާފަތް ތަކުން މުދާ ހިމާޔަތް ވާ ކަމެކެވެ. އަދި މުދަލުގައި ބަރަކާތް ލެއްވޭ ކަމެކެވެ. ޒަކާތް ނެރުމުގެ ސަބަބުން ދުވަހަކު ވެސް ފައިސާއެއް އުނި ނުވެއެވެ. ފަހެ ނަމަ ނަމަ، ޒަކާތް ދިނުމުގައި ދަހި ނުވާށެވެ. ޒަކާތް ދިނުން ފަރުވާ ކުޑަ ނުކުރާށެވެ. ''ޚަޒާނާ ގެ ގޮތުގައި، ރަން ރިހި އެއްކޮށް ފުނިޖަހައި ފޮރުވައިގެން، އެ ތަކެތި ﷲ ގެ މަގުގައި ހޭދަ ނުކޮށް، ތިބޭ މީހުންނަށް، ފިސާރި ވޭންދެނިވި ޢަޛާބު ލިބޭނެ ކަމުގެ ޚަބަރު ދޭށެވެ. * އެ ދުވަހުން، އެއްކޮށް ފޮރުވާފައިވާ ޚަޒާނާގެ ފައިސާތައް، ނަރަކައިގެ އަލިފާނުން ވަރުގަދައަކަށް ދޮން ކުރެވި، އެ ފައިސާތަކުން، އެ މީހުންގެ ނިތްކުރިތަކުގައްޔާއި، އަރިކަށިތަކުގައްޔާއި، ބުރިކަށިތަކުގައި، އޮބެމުން ސިއްކަ ޖެހެމުން ފާހަނގަ ލެވެމުން ދާނެތެވެ. އަދި ބުނެވޭ ހުއްޓެވެ. މި ހުރީ ކަލޭމެންގެ ނަފްސުތަކަށްޓަކައި، ދުނިޔެ މަތީގައި ތިބި އިރު، ކަލޭމެން އެއްކޮށް ފުނިޖަހައި ފޮރުވާފައިވާ ޚަޒާނާގެ ރަންތަކާއި ރިހިތަކެވެ. ވީ އިރު، އަދު، ކަލޭމެން އެއްކޮށް ފޮރުވާފައި ބެހެއްޓި ޚަޒާނާގެ ރަހަ ދެކޭހުށިކަމެވެ.''

ރޯދަހިފުމަކީ، އަޅާ އާއި އަޅާ ހެއްދަވައި ބޮޑު ކުރެއްވި ކަލާނގެ އާ ދެމެދު އޮންނަ ސިއްރު އަޅުކަމެކެވެ. އެހެން ވެ، ރޯދަ ހިފުމުން ލިބޭނެ ޘަވާބު، އެ ކަލާނގެ އެއްވެސް ޚަލްޤަކަށް ހާމަ ނުކުރައްވައެވެ. ''ރޯދަހިފުމަކީ، ތިމަން ރަސްކަލާނގެއަށްޓަކައި ކުރެވޭ ކަމެކެވެ. އަދި އެ ކަމަށް ޖަޒާ ދެއްވާނީ ތިމަން ރަސްކަލާނގެއެވެ.'' އަދި ސުވަރުގޭގައި ރައްޔާން އޭ ކިޔޭ ދޮރުކޮޅެއް ވެއެވެ. އެ ދޮރުން ވަންނާނީ ހަމަ އެކަނި ރޯދަ ވެރިންނެވެ.

އޭ މުސްލިމް އެވެ! ހައްޖުގެ އަޅުކަމެވެ. ޙައްޖަކީ އިސްލާމް ދީނުގެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. އަދި އެ ދީނުގެ މަތިވެރި އުސޫލުތަކުގެ ތެރެއިން އުސޫލެކެވެ. ''އެ ކަމަށް މަގެއް ފެނި ކުޅަދާނަ ވެއްޖެ މީހާ، ގެފުޅަށް ޙައްޖު ވުމީ، މާތް ﷲ އަށްޓަކައި، މީސްތަކުންގެ މައްޗަށް އޮތް ވާޖިބެކެވެ.'' އަދި އެއީ އަހަރެމެންގެ ދީން އެ އެއްޗެއްގެ މައްޗަށް ބިނާވެފައިވާ ފަސް ރުކުނުގެ ތެރެއިން، އެއް ރުކުނެވެ.

އޭ މުސްލިމް އެވެ! ޙައްޖުގައި މާތް ﷲ ގެ ކުރިފުޅުމަތީގައި ދެރަވެ، އަދި އެ ކަލާނގެ އަށް، ނިކަމެތިވެ، ބޯލެނބުން ވެއެވެ. ޙައްޖުގައި، ތައުޙީދު ގެ މައްޗަށް ތަރުބިޔަތު ކުރުން ވެއެވެ. ''އަޅާ މި ވަނީ އިބަ ރަސްކަލާނގެ އަށް އިޖާބަ ދީގެންނެވެ. އޭ ﷲ އެވެ. އަޅާ މި ވަނީ އިބަ ރަސްކަލާނގެ އަށް އިޖާބަ ދީގެންނެވެ. ޙައްޖުގައި މުސްލިމުންގެ އެއްބައިވަންތަކަން ފާޅު ކުރުން ވެއެވެ. އެ މީހުންގެ އަޅުކަމުގައްޔާއި، ޝުޢޫރުގައި ވެސް މެއެވެ. އެ މީހުން އަޅައިގެން ތިބެނީ އެއް ހެދުމެކެވެ. އަޅުކަން ކުރެވޭ ތަންތާ ދެމެދު ހިނގަނީ އެއް ވަގުތެއްގައެވެ. ފަހެ، ހެޔޮ ކަމާއި ނިޢްމަތް ދެއްވަނީ ﷲ އެވެ.

އޭ މުސްލިމް އެވެ! ކަލޭގެ ވިޔަފާރީގައި ތެދުވެރިވާށެވެ. ކަލޭގެ ގަނެ ވިއްކުމުގައި ތެދުވެރިވާށެވެ. ފަހެ ތެދުވެރި ކަމަކީ، ބަރަކާތާއި ހެޔޮކަން އިތުރުވުމުގެ ސަބަބެކެވެ. އަދި ދޮގު ހެދުމަކީ ބަރަކާތް ކެނޑުމުގެ ސަބަބެކެވެ. ޙަދީޘް ގައި ވަނީ ''ގަންނަ މީހާ އާއި ވިއްކާ މީހާ، ވަކި ނުވަންޏާ، އެ ވިޔަފާރި ރޫޅާލުމާއި ރޫޅާ ނުލުމުގެ ޙައްޤު އެ ދެމީހުންނަށް ލިބިގެން ވެއެވެ. ފަހެ އެ ދެ މީހުން ތެދުބުނެ، މުދަލުގައި ވާ އައިބު ހާމަ ކޮށްފިނަމަ، އެ ދެ މީހުންގެ ވިޔަފާރީގައި ބަރަކާތް ލެއްވިއްޖެއެވެ. އަދި އެ ދެ މީހުން ދޮގު ހަދައި، މުދަލުގައި ވާ އައިބު ފޮރުވައިފި ނަމަ، އެ ދެ މީހުންގެ ވިޔަފާރިން ބަރަކާތް ކެނޑިއްޖެއެވެ.''

މާތް ﷲ ވަނީ، ބިމުގައި ވާހާ އެއްޗެއް، އަހަރެމެންނަށް ހުއްދަ ކުރައްވާފައެވެ. ''އެ ކަލާނގެ އީ ތިޔަބައި މީހުންނަށްޓަކައި ބިމުގައި ވާހާ ތަކެއްޗެއް، ހެއްދެވި ރަސްކަލާނގެއެވެ.'' އަހަރެމެންގެ ވިޔަފާރި މުޢާމަލާތުގެ އަސްލަކީ ހުއްދަވުމެވެ. އެ ޙަރާމް ކަމަށް ޙުކުމް އައިސްފައިވާ މުޢާމަލާތް ފިޔަވައެވެ. ރަލާއި އޫރު މަހާއި އަދި އެފަދަ ތަކެތި ފަދަ، އޭގެ ޒާތަށްޓަކައި ޙަރާމް ކުރެވުނު ތަކެއްޗެވެ. ނުވަތަ ރިބާ ފަދައިން އޭގެ ސިފައިން ޙަރާމް ކުރެވުނު މުޢާމަލާތެވެ. ''އަދި ހަމަ ކަށަވަރުން މާތް ﷲ ވިޔަފާރި ކުރުން ހުއްދަ ކުރައްވައި، ރިބާ ޙަރާމް ކުރައްވައިފިއެވެ.'' އަދި ދެ ފަރާތަށް ނުވަތަ އެކަކަށް ލިބޭ އަނިޔާއަށްޓަކައި ޙަރާމް ކުރެވުނު މުޢާމަލާތެވެ. ''އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ތިޔަބައި މީހުންގެ ތެރެއިން ދެ ފަރާތުގެ ރުހުން މައްޗަށް އޮންނަ ވިޔަފާރިއަކަށް ވުން ފިޔަވައި، އެހެން ބާޠިލް ގޮތް ގޮތުން، ތިޔަބައި މީހުންގެ މުދާތައް ތިޔަބައި މީހުންގެ މެދުގައި ކައި ނު އުޅޭށެވެ.''

އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ، ބައިޢުލް ޣަރަރު(ގޮތް ނޭނގޭ، ރައްކާތެރި ކަން ޔަޤީން ނުވާ ވިޔަފާރި) މަނާ ކުރައްވާފައެވެ. އެއީ އޭގައި ވާ ގޮތް ނޭނގުމާއި އަނިޔާއަށްޓަކައެވެ. އަދި މާތް ﷲ ވަނީ ޖުވާ ކުޅުމާއި ބާޖުމެރުން ފަދަ ކަންތައް މަނާ ކުރައްވާފައެވެ. ''އޭ އީމާން ވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން ރާ އާއި މައިސިރު( ނަސީބުގެ ކުޅިވަރުތައް) އާއި، އަޅުކަންކުރަން ހަދާފައި ހުންނަ ހިލަތަކާއި، ނަސީބު ހުރި ގޮތް ބަލާން ގެންގުޅޭ ދުނިދަނޑިތަކާއި، މިކަންތައްތަކާއި ތަކެއްޗަކީ ޝައިޠާނާގެ ޢަމަލުތަކުގެ ތެރެއިން ވާ، ފާފަވެރި ކަންތަކެވެ. ފަހެ ތިޔަބައި މީހުން އެކަންތައްތަކާއި ދުރުހެލިވާށެވެ. ތިޔަބައި މީހުން ދިންނަވައި ނަސީބު ލިބޭތޯއެވެ.''

ވިޔަފާރީގެ މުޢާމަލާތުގައި މުސްލިމުންނަކީ އެ މީހުން އެއްބަސް ވާ ޝަރުޠު މަތީގައި ތިބޭ ބައެކެވެ. ޙަރާމް ކަމެއް ޙަލާލް ކުރާ ނުވަޔަ ޙަލާލް ކަމެއް ޙަރާމް ކުރާ ޝަރުޠެއް ފިޔަވާ އެހެން ޝަރުޠުތެކެވެ.

އޭ މުސްލިމް އެވެ! ޙަލާލް ގޮތް ގޮތުން ފައިސާ ހޯދާށެވެ. އަދި ހޭދަ ކުރަން ވާ ތަންތާނގައި ހޭދަ ކުރާށެވެ. ޙަލާލް ގޮތް ގޮތުން ފައިސާ ހޯދާށެވެ. އަދި ހޭދަ ކުރަން ވާ ތަންތާނގައި ހޭދަ ކުރާށެވެ.

އޭ ހިއްސާ ކުންފުނިތަކުގެ ވެރިއަކަށް ހުންނަ މީހާއެވެ! އޭ މީސްތަކުންގެ ފައިސާގެ ކަންތައްތައް ހިންގުމުގައި ހަވާލުވެ ހުންނަ މީހާއެވެ. ކަލޭގެ ނަފްސުގެ ކަންތަކުގައި ﷲ އަށް ތަޤްވާވެރިވާށެވެ. ކަލޭގެ ޢާއިލާގެ ކަންތަކުގައި ﷲ އަށް ތަޤުވާވެރިވާށެވެ. މުސްލިމުން ގެ ކަންތަކުގައި ﷲ އަށް ތަޤްވާވެރި ވާށެވެ. މުސްލިމުންގެ ފައިސާގެ ތެރެއަށް ކަލޭ، ހަރާމް ލާރި ނުލާށެވެ. ރިބާ ނުވަތަ އެ ނުން ވެސް ޙަރާމް ލާރި އެވެ. މާތް ﷲ ޙަރާމް ކުރައްވާފައިވާ އެއްޗެހިތަކުގެ ބަދަލުގައި ވާ، މާތް ﷲ ހުއްދަ ކުރައްވާފައިވާ އެއްޗެހިތަކުން ފުދެއެވެ. ފުއްދާ މީހަކަށް މާތް ﷲ ފުއްދަވައި ދެއްވައެވެ. އަތް ދިއް ނުކުރަން ހުންނަ މީހަކަށް، މާތް ﷲ އެކަން ފުއްދަވައި ދެއްވައެވެ.

އޭ މުސްލިމް އެވެ! ކަލޭގެ ޢާއިލާއަށް ރައްކާތެރި ވާށެވެ. މާތް ނަބިއްޔާ ދެއްވާފައިވާ ނަސޭހަތް އަޑު އަހާށެވެ. އެއީ ކަލެއަށް ދެއްވާފައިވާ ނަސޭހަތެކެވެ. ''އަންހެނުންނަށް ހެޔޮކޮށް ހިތަން އަހަރެން ކަލޭމެންނަށް ވަޞިއްޔަތް ކުރަމެވެ. ފަހެ ހަމަކަށަވަރުން، އަންހެނާ އުފެދިފައި ވަނީ މޭމަތީ ކަށިގަނޑަކުންނެވެ. އަދި މޭމަތީ ކަށިތަކުގެ ތެރެއިން އެންމެ ގުދު ކަށިގަނޑަކީ އެންމެ މަތީގައިވާ ކަށިގަނޑެވެ. ވީމާ ކަލޭ އެ ކަށިގަނޑު ތެދު ކުރަން އުޅެފިނަމަ، އެ ދާނީ ބިންދައިގެންނެވެ. އަދި ކަލޭ އެ ހުރި ގޮތަށް ބަހައްޓައިފި ނަމަ، އެ ގުދުކަން މަތީ، އެ ހުންނާނެވެ. ފަހެ އަންހެނުންނަށް ހެޔޮ ކޮށް ހިތުމަށް ވަޞިއްޔަތް ކުރަމެވެ.'' ފަހެ އެ ކަނބުލޭގެ އަކީ ފުރިހަމަ މީހަކަށް، ކަލެއަށް ނު ހެދޭނެއެވެ. ނަމަވެސް، ވަރި އާ ހަމައަށް ދިއުން ފަދަ މޮޔަ ކަމެއް، ނަމަނަމަ ނުކުރާށެވެ. ކަލޭ އޭނާ ވަރި ކުރުމުން، އެތައް ދުވަހެއް ވަން ދެން ދެމި އޮތް ގުޅުން ކަނޑާލެވުނީއެވެ. އަދި ކަލޭގެ ދަރިން ވިއްސިވިހާލި ކުރެވި، ޢާއިލާ ރޫޅާ ލެވުނީއެވެ.

އޭ ﷲ ގެ އަޅާ އެވެ! ޢަދާވާތްތެރި ކަމުގެ ސަބަބުން އަނިޔާވެރި ނުވާށެވެ. އަދި ދޮގު ބަސް ބުނެގެން، މަކަރުވެރި ދަޢްވާތައް ކޮށްގެން، މީހުންގެ މުދާ ކައި ނު އުޅޭށެވެ. ފަހެ ގަދަފަދަވަންތަ ކަލާނގެ ކޯފާއާއި، ޢަޛާބާ މެދު ރައްކާތެރިވާށެވެ. ޙަދީޘްފުޅެއްގައި ވަނީ ''މީހެއްގެ ބިމުން ކައިވަތެއްގެ މިންވަރަށް ވިޔަސް އަރައިގެންފި މީހާގެ ކަރުގައި، ޤިޔާމަތް ދުވަހުން ހަތް ބިން އައިސް ބައްދައިގަންނާނެއެވެ.'' އަދި ވެސް ޙަދީޘްފުޅެއްގައި ވެއެވެ. ''މުސްލިމެއްގެ މުދަލަށް ޙައްޤަކާއި ނުލާ އަރައިގަންނަން ދޮގު ހުވާ ކޮށްފި މީހާ، ޤިޔާމަތް ދުވަހު މާތް ﷲ ކުރިފުޅު މައްޗަށް އަންނާނީ، އެ ކަލާނގެ އޭނާ ދެކެ ކޯފާވެވަޑައިގެންވާ ހާލުގައެވެ.''

އޭ މުސްލިމް އެވެ! އިސްލާމް ދީނުގައި ޤަޟާ އަކީ ވަރަށް މަތިވެރި މަޤާމެއް ދެވިގެންވާ ކަމެކެވެ. އަދި ވަރުގަދަ ހިމާޔަތެއް ދެވިގެންވެއެވެ. އަދި މަތިވެރި ދަރަޖައެއް ދެވިގެންވެއެވެ. ވީމާ ޤަޟާ އަށް އިހާނެތި ބަސް ނުބުނާށެވެ. ފަހެ ޤާޟީން، ކީރިތި ޤުރުއާނާއި ނަބިއްޔާ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ގެ ސުންނަތުން، ޙުކުމް ކަމަށް ފެނުނު ގޮތަށް ޙުކުމް ކުރުމުން، އެކަމަށް އިހާނެތި ބަސް ބުނެވޭނީ ފަހެ ކިހިނެއްހެއްޔެވެ؟ ވީމާ މި ޤަޟާ ނިޒާމު އިހާނެތި ކުރުމަކީ، މާތް ﷲ ގެ ޝަރީޢަތަށް ކުރެވޭ ފުރައްސާރައެކެވެ. ފަހެ، މުސްލިމުންގެ މައްޗަށް ނުބައި ކަމުގެ ދޮރެއް، ނަމަނަމަ ނު ހުޅުވާށެވެ. ހުރިހާ ބަލާ އަކުން، އަހަރެންނާ ތިޔަބައި މީހުން އެންމެން، މާތް ﷲ ރައްކާތެރި ކުރައްވާށިއެވެ! ހުރިހާ ބަލާ އަކުން، އަހަރެންނާ ތިޔަބައި މީހުން އެންމެން، މާތް ﷲ ރައްކާތެރި ކުރައްވާށިއެވެ!

އޭ އިސްލާމީ އުއްމަތެވެ! އޭ އިސްލާމް ދީނުން ތިޔަބައި މީހުންގެ ހިތްތައް، މާތް ﷲ އެއް ކުރެއްވި، އުއްމަތެވެ! އޭ އިސްލާމް ދީނުން ތިޔަބައި މީހުންގެ ހިތްތައް، މާތް ﷲ އެއް ކުރެއްވި، އުއްމަތެވެ! އޭ މާތް ﷲ ގެ ރިސާލަތާއި ޝަރީޢަތުން، އެއް ކުރެއްވި އުއްމަތެވެ! އޭ އެއް ރަސޫލަކާއި އެއް ފޮތެއްގެ މައްޗަށް އެއް ކުރެއްވި އުއްމަތެވެ! އޭ މި އެއްބައި ކަން އެކުލެވިގެންވާ ކަންތައްތަކަށް އީމާން ވުމަށް، މާތް ﷲ އަމުރު ކުރެއްވި މީހުންނެވެ. ''އޭ އީމާންވެއްޖެ މީސްތަކުންނޭވެ! މާތްﷲ އަށާއި، އެ ކަލާނގެ ރަސޫލާ އަށާއި، އެ ކަލާނގެ ރަސޫލާ އަށް ބާވައިލެއްވި ފޮތަށާއި، އަދި ކުރީން ބާވައިލެއްވި ފޮތަށް، ތިޔަބައި މީހުން އީމާން ވާށެވެ!''

އަހަރެމެންގެ އެއްބައިވަންތަކަން ބިނާވެފައި ވަނީ ދުންޔަވީ ބޭނުންތަކެއްގެ މައްޗަކަށް ނޫނެވެ. އަދި މާއްދީ ދަހިވެތި ކަމެއްގެ މައްޗަކަށް ވެސް ނޫނެވެ. އަދި ދެ ފަރާތް ހިއްސާ ވާ މަސްލަހަތެއްގެ މައްޗަކަށް ވެސް ނޫނެވެ. މި ފަދަ ސަބަބުތަކެއް އޮވެފައި ނެތި ދިއުމުން، އަހަރެމެންގެ އެއްބައިވަންތަކަން ނެތިގެން ހަމަ ހީލާ ނުދާނެއެވެ.

އިސްލާމީ އުއްމަތުގެ އެއްބައިވަންތަ ކަމަކީ، އަހަރެމެން މާތް ﷲ އަށް އަދާ ކުރާ ދީނީ ކަމެކެވެ. އެއީ މާތް ﷲ އަހަރެމެންގެ މައްޗަށް ފަރުޟު ކުރައްވާފައި ވާ ފަރުޟެކެވެ. އަހަރެމެންގެ އެއްބައިވަންތަ ކަމަކީ، ވަރުގަދަ އަސާސެއްގެ މަތީގައި ބިނާވެފައި ވާ އެއްޗެކެވެ. މާތް ﷲ މި އުއްމަތަށް މިންވަރު ކުރައްވާފައި ވަނީ، މި އުއްމަތް ޢިއްޒަތްތެރިކަމާއި މަތިވެރިކަން މަތީ ދެމި އޮތުމެވެ. އަހަރެމެންގެ އެއްބައިވަންތަ ކަމަކީ، ތެދުވެރި އުޚުއްވަތްތެރި ކަމެކެވެ. ''މުއުމިނުތަކުންނީ އަޚުންތަކެއް ކަން ކަށަވަރެވެ.'' އަހަރެމެންގެ އެއްބައިވަންތަ ކަމަކީ، ޤުރުއާނާއި ސުންނަތާއި، މި އުއްމަތުގެ ސަލަފުންނަށް ފަހުމް ވި ރަނގަޅު ޢަޤީދާއަކާއި މަންހަޖެއްގެ މަތީގައި ވާ އެއްޗެކެވެ. އަހަރެމެންގެ އެއްބައިވަންތަ ކަމަކީ، އިޚްތިޔާރުތަކުގެ ތެރެއިން އޮތް އިޚްތިޔާރެއް ނޫނެވެ. އެކަމަކު އެއީ މާތް ﷲ އަހަރެމެންގެ މައްޗަށް ފަރުޟު ކުރައްވާފައިވާ ފަރުޟެކެވެ. ''ހަމަކަށަވަރުން ތިޔަބައި މީހުންގެ އެއް އުއްމަތެއް ކަމުގައިވާ އުއްމަތަކީ މިއީއެވެ.''

އިސްލާމީ އުއްމަތުގެ ވަރަށް ގިނަ މީހުން ވަނީ، ޙަޔާތުގެ ވަރަށް ގިނަ މަގުތަކުން ދަށް ވެފައެވެ. އަދި އެ މީހުންގެ މައްޗަށް ތައްޔާރުވެގެން ހުރި ޢަދުއްވަށް، ކިޔަމަން ގަނެފިއެވެ. އެހިނދު މުސްލިމުންގެ ޤުދުރަތީ މުއްސަނިކަމަށް ދަހިވެތިވެފައި ތިބި މީހުން، މުސްލިމުންގެ މައްޗަށް އަރައިގެންފިއެވެ. މި ހެން މި ވީ، ގިނަ މުސްލިމުން މާތް ﷲ ބާވައިލެއްވި ޝަރީޢަތާ ދުރުވުމުންނެވެ. ޝަރީޢަތާ ދުރުވުމުން، މާތް ﷲ ވަނީ އެ މީހުން ސީދާ މަގުން އެކަހެރި ކުރައްވާ، ނިކަމެތި ކުރައްވާފައެވެ. ވީމާ އިސްލާމީ އުއްމަތަށް އޮތް ހަމައެކަނި މަގަކީ، ޙައްޤު ކަންތަކުގައި އެންމެން އެއްބައިވެ، އިސްލާމީ އުއްމަތް ތެދުވުމަށް މަސައްކަތް ކުރުމެވެ. އަދި މި އުއްމަތަށް އެކަށީގެންވާ މަތިވެތި މަޤާމަށް، އުއްމަތް އުފުލުމެވެ. އިސްލާމީ އުއްމަތް ވެއްޓިފައިވާ ވެއްޓުމުން ތެދުވުމަށްޓަކައި، އަދި މި އުއްމަތާއި ލާއިގު މަޤާމަކަށް އުފުލުމަށްޓަކައި، އިސްލާމީ އުއްމަތުގެ އަމިއްލަ ޢަސްކަރީ ބާރަކާއި ސިޔާސީ ބާރެއް އޮންނަން ކޮންމެހެން ވެސް ޖެހޭނެއެވެ. ''ތިޔަބައި މީހުންނަކީ، މެދުމިން އުއްމަތެއް ކަމުގައި، ތިމަން ރަސްކަލާނގެ ތިޔަބައި މީހުން ލައްވާފައި ވަނީ، އެ ގޮތުގެ މަތިންނެވެ.''

އޭ މުސްލިމް އެވެ! އިސްލާމް ކަމަކީ، ކަލޭ އަކީ ކާކަން ބުނެދޭން ގެންގުޅެލާ އެއްޗެއް ނޫނެވެ. އަދި ކަލޭ ގެންގުޅެލާ ނަމެއް ވެސް ނޫނެވެ. އަދި ކަލޭ ނިސްބަތްވެލާ ޖަމާޢަތެއް ވެސް ނޫނެވެ. އެއް ގޮތަކަށް ވެސް އެހެނެއް ނޫނެވެ. އިސްލާމް ދީނަކީ، އެ ދީނަށް ތަބާ ވާ މީހުން، އެތެރެފުށުންނާއި ބޭރުފުށުން ވެސް ސީދާގޮތުގައި ތިބުމަށް ތަރުބިއްޔަތު ކުރާ ދީނެކެވެ. ''ހަމަ ކަށަވަރުން ތިމަންމެން ހެއްދެވި ކަލާނގެއަކީ މާތް ﷲ އޭ ބުނެ، ދެން އީމާންވެ ތެދުމަގު ލިބިގަތް މީހުންނީ'' . އަދި އެއްފަހަރަކު މީހަކު ﷲ ގެ ރަސޫލާއަށް ދެންނެވިއެވެ.''ކަލޭގެފާނު ނޫން އެހެން މީހެއްގެ ގާތުގައި ސުވާލު ކުރަން ނުޖެހޭނެ ފަދައަކުން، އިސްލާމް ދީނަކީ ކޮބައިކަން ކިޔާ ދެއްވާށެވެ. ރަސޫލާ ޙަދީޘް ކުރެއްވިއެވެ. ''ތިމަންނަ ﷲ އަށް އީމާން ވެއްޖައިމޭ ބުނެ، ތެދުމަގުގައި ހުންނާށެވެ.''

އަހަރެމެން ގެ އިސްލާމް ކަމަކީ، ދީނުގެ ޢަމަލު ކުރުން ހުއްޓާލައި ބޮޑެތިފާފަތަކަށް އަރައިގަންނަމުން، ހަމަ އެކަނި ޝަހާދަތް ކިޔާލުމުގެ މައްޗަށް ހުއްޓިފައިވާ ކަމެއް ނޫނެވެ. ހަމަ ހީލާ އެހެނެއް ނޫނެވެ. އިސްލާމް ކަމަކީ، ޙައްޤު ކަލިމަ ބުނެ(ޝަހާދަތް ކިޔައި)، އަދި ހިތުގެ އަޑިން އީމާންވެ، ގުނަވަންތަކުން ޢަމަލީގޮތުން ދީން ތަންފީޒު ކުރުމެވެ. ނަމާދާއި، ޒަކާތާއި، ރޯދައާއި ޙައްޖު ފަދަ ދީނުގެ ފަރުޟުތައް އަދާ ކުރުމުގައި، ކަލޭ ފަރުވާތެރި ވުމަކީ، ކަލޭގެ އީމާންކަން ޞައްޙަ ކަމުގެ ދަލީލެކެވެ. އިސްލާމް ދީނުގެ އަޚްލާޤުގައި ކަލޭ ހިފެހެއްޓުމަކީ، ކަލޭގެ އީމާންކަން ފުރިހަމަ ކަމުގެ ދަލީލެކެވެ. ކަލޭގެ އީމާންކަން ފުރިހަމަ ކަމުގެ ދަލީލެކެވެ.

އިސްލާމީ އުއްމެތެވެ! އަހަރެމެންގެ ދީނަކީ ތަބާވުމުގެ ދީނެވެ. މި ދީން ރައްކާތެރި ކުރެއްވުމަކީ، މާތް ހަވާލުވެވަޑައިގެންފައިވާ ކަމެކެވެ. އެ ކަން މީސްތަކުންގެ ބޮލަށް ޖެހިފައި ނުވެއެވެ. އަހަރެމެންގެ ދީނަކީ، މާތް ﷲ ބާވައިލެއްވި ނައްޞުތަކެއްގެ މައްޗަށް ބިނާވެފައި ވާ ދީނެކެވެ. އަދި ނަބަވީ ޙަދީޘްތަކެއްގެ މައްޗަށެވެ. މީގެ އަސްލަކީ ބާވައިލެއްވޭ ވަޙީ އެވެ. އަދި އެކަލޭގެފާނުގެ ބަސްފުޅަކީ، އަމިއްލަ އެދުންފުޅަށް ވިދާޅުވާ ބަސްފުޅުތަކެއް ނޫނެވެ. ބަނީ އިސްރާއީލުގެ ނަބީބޭބަކަލުންނަށް، ޝަރީޢަތް ބާވައިލެއްވުނެވެ. ބާވައިލެއްވުނީ މާތް ﷲ ގެ ޙަޟްރަތުން ލިޔެވިގެންވާ އެއްޗެއްގެ ގޮތުގައެވެ. އަދި އެއަށް ތަބާވާ މީހުން، އެއަށް ރައްކާތެރިވެ ބެލެހެއްޓުމަށް، އަމުރު ކުރެވިފައިވެއެވެ. ނަމަވެސް ލަސްތަކެއް ނުވެ އެ މީހުން، އެ ޝަރީޢަތް ނަގާލާ، ބަދަލުކޮށްލައިފިއެވެ. އަދި ބަނީ އިސްރާއީލުގެ ނަބީބޭކަލުން، ބަނީ އިސްރާއީލުގެ ޢަޤީދާ އާއީ އަޅުކަންތައް ރަނގަޅު ކުރަން ވަޑައިގަތެވެ. މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި ޖެހެން ދެން މިކަން މިހެން އޮތެވެ. މާތް ﷲ އެ ކަލޭގެފާނު ރަސޫލުކަމާއިގެން ފޮނުއްވެވީ ފަހު ޒަމާނަށެވެ. ފޮނުއްވެވީ، ހުރިހާ ޚަލްޤުތަކުންނަށް، ޝާމިލު ރިސާލަތަކާއިގެންނެވެ. ''އުފާވެރިކަމުގެ ޚަބަރު ދެއްވާ ބޭކަލަކު ކަމުގައި، އަދި، ބިރުވެރިކަމުގެ ޚަބަރު ދެއްވާ ބޭކަލަކު ކަމުގައި، އެންމެހައި މީސްތަކުންގެ ގާތަށް މެނުވީ ތިމަން ރަސްކަލާނގެ ކަލޭގެފާނު ނު ފޮނުއްވަމެވެ.''

މާތް ﷲ، އެ ކަލޭގެފާނު ފޮނުއްވީ، އިންސީންނާއި ޖިންނީންގެ ގާތަށެވެ. ޢަރަބިންނާއި ޢަޖަމީންގެ ގާތަށެވެ. ''މީސްތަކުންނަށް އިންޒާރު ކުރައްވާ ބޭކަލަކު ކަމުގައިވުމަށްޓަކައި، އެ ކަލާނގެ އަޅާއަށް ޤުރުއާން ބާވައިލެއްވި ކަލާނގެ، މަތިވެރިވެ ވޮޑިގެންފިއެވެ.'' އެ ކަލޭގެފާނަށް ކިޔަމަންގަނެފި މީހާ ސަލާމަތް ވެއްޖެއެވެ. އެ ކަލޭގެފާނު ގެންނެވި ޝަރީޢަތަށް ފަސް ޖެހުނު މީހާ ހަލާކުވެއްޖެއެވެ.

ހަދީޘެއްގައި ވެއެވެ. ''ތިމަންކަލޭގެފާނު ރަސޫލު ކަމާއިގެން ފޮނުއްވުމަށް ފަހު، ތިމަންކަލޭގެފާނުގެ ރިސާލަތުގެ އަޑު އަހާފައި، އެއަށް އީމާން ނުވާ ޔަހޫދީއަކު ވެސް އަދި ނަޞްރާނީ އަކު ވެސް، ނަރަކައަށް ނޫނީ ނުވަންނާނެއެވެ.''

އަހަރެމެން ގެ ދީނަކީ، ޚިޔާލު ތަފާތު ވުމުން، އެކަކު އަނެކަކު ކާފިރު ކޮށް، އެއް ބަޔަކު އަނެއް ބަޔަކަށް ލަޢްނަތް ދީ ދީނުން ބޭރުކޮށްލެވޭ، މީހުންގެ އަމިއްލަ ނުވަތަ ފަރުދުންގެ ޚާއްޞަ އެއްޗެއް ނޫނެވެ. އަމާނާތެއްގެ ގޮތުގައި އެ މީހުންގެ ކޮނޑުގައި އެޅިފައިވާ ނައްޞުތަކެއް ހުއްޓާ، ލަސްތަކެއް ނުވެ ފެންނަނީ އެ އަމާނާތް ނަގާލާތަނެވެ.

އިސްލާމީ އުއްމަތެވެ! އިސްލާމް ދީނަކީ ރަޙްމަތާއި ހެޔޮކޮށް ހިތުމުގެ ދީނެވެ. ޢަދުލުވެރިކަމާއި ރަޙްމަތާއި ހެޔޮކޮށް ހިތުމުގެ ދީނެވެ. އަނިޔާވެރި ކަމަކީ، މާތް ﷲ އެކަލާނގެ ޒާތުފުޅަށް ޙަރާމް ކުރައްވާފައިވާ ކަމެކެވެ. އަދި އެކަލާނގެ އަޅުތަކުންނަށް ވެސް ވަނީ އެކަން ޙަރާމް ކުރައްވާފައެވެ. ''އޭ އަޅުތަކުންނެވެ. އަނިޔާވެރިވުމަކީ، ތިމަން ރަސްކަލާނގެ ޒާތުފުޅަށް ޙަރާމް ކަމެއް ކަމުގައި ލައްވައިފީމެވެ. އަދި ކަލޭމެންގެ މެދުގައި ވެސް އެއީ ޙަރާމް ކުރެވިގެންވާ ކަމެއްކަމުގައި ލައްވައިފީމެވެ.''

މާތް ﷲ އަހަރެމެންނަށް އަމުރު ކުރައްވާފައި ވަނީ، ޚަލްޤުތަކުންނަށް ރަޙުމްކޮށް އިޙްސާންތެރިވުމަށެވެ. ''ރަޙްމަތް ބަހައްޓާ މީހުންނަށް ރަޙްމާންވަންތަ ﷲ ރަޙްމަތް ލައްވައެވެ.'' ''ބިމުގައި ވާ މީހުންނަށް ރަޙުމް ބަހައްޓާށެވެ. އޭރުން އުޑުގައިވާ ﷲ ތިޔަބައި މީހުންނަށް ރަޙްމަތް ލައްވާނެއެވެ.'' ''ހަމަކަށަވަރުން މާތް ﷲ ގެ ރަޙްމަތްފުޅު ވަނީ، އިޙްސާންތެރިންނާ އެކުގައެވެ.''

އިސްލާމް ދީން އައީ ޢަދުލުވެރިކަމުގެ ޤަވާޢިދުތަކަކާއިގެންނެވެ. އެ ޤަވާޢިދުތައް، އިސްލާމީ މުޖްތަމަޢްތަކުގައި ތަންފީޒުކޮށްފިނަމަ، އެ މުޖްމަތަޢްގައި ބަރަކާތައި ބޮޑުވެގެންވާ އަމާންކަމެއް އޮތީހެވެ. މި އުއްމަތުގެ ފުރަތަމަ ކޮޅުގައި ކަންތައް އޮތް ފަދައިންނެވެ. ހަމަކަށަވަރުން ވެސް އިސްލާމީ ޝަރީޢަތަކީ، ރަޙްމަތެކެވެ. އެއީ ރީތި އަދަބުތަކެކެވެ. ޢަޛާބެއް ނޫނެވެ. އެއީ ޢާއްމު މަސްލަހަތުގެ ޙިމާޔަތަށް ކަނޑައެޅިފައިވާ އެއްޗެކެވެ. މާތް ﷲ ޤިޞާޞް ޝަރްޢު ކުރެއްވީ، އިންސާނުންގެ ޙަޔާތް ރައްކާތެރި ކުރުމަށެވެ. ''މަރަށް މަރު ހިފުމުގައި، ތިޔަބައި މީހުންނަށް ދިރުމެއް ވެއެވެ.'' ވައްކަން ކުރާ މީހާގެ އަތް ކެނޑުމުގެ ޙައްދު ޝަރްޢު ކުރެއްވިއެވެ. ''ވައްކަން ކުރާ ފިރިހެނާއި ވައްކަން ކުރާ އަންހެނާއި ދެ މީހުންގެ އަތްތައް ފަހެ ތިޔަބައި މީހުން ބުރި ކުރާށެވެ. އެއީ އެ ދެމީހުން ކުޅަ ކުށަށް ޖަޒާއެއްގެ ގޮތުން، މާތް ﷲގެ ޙަޟްރަތުން ކަނޑައެޅިފައިވާ ޢުޤޫބާތެއްގެ ގޮތުގައެވެ. މާތް ﷲ އީ، ކީރިތިވަންތަ ޙިކްމަތްވަންތަ ރަސްކަލާނގެއެވެ.'' މުޖްތަމަޢްތަކުގައި ފެތުރިފައި ވާ ޒިނޭގެ ޙައްދެއް ޝަރްޢު ކުރެއްވިއެވެ. ޒިނޭގެ ސަބަބުން މުޖްތަމަޢް ބަލިކަށިވެ، މުޖްތަމަޢްގެ ބާރު ދެއެވެ. ޒިނޭގެ ސަބަބުން ނަސަބު އޮޅެއެވެ. ދަރިންތައް ވިއްސިވިހާލިވެދެއެވެ. އަދި މުޖްތަމަޢްގެ ބިނާ އަކީ ބަލިކަށި އެއްޗަކަށް ވެދެއެވެ. ކުރިން ފެނިފައި ނުވާފަދަ ބަލިތަކާއި ވަބާތައް ފެތުރިދާ ކަމެކެވެ.

ހަމަ ކަށަވަރުން ވެސް އިސްލާމްދީނުގެ ޙުކުމްތަކަކީ، ޝަރުޢީ ހަމަތަކަކުން ހަމަތަކަކުން މިން ކަނޑައެޅިފައިވާ އެއްޗެކެވެ. އެ މިން ކަނޑައެޅުއްވީ ކީރިތިވަންތަ ޙިކްމަތްވަންތަ ރަސްކަލާނގެއެވެ. ''ޚަލްޤު ކުރެއްވި ކަލާނގެއަށް އެނގިވޮޑިގެން ނުވޭހެއްޔެވެ؟ އެ ކަލާނގެ އީ ސިއްރުތައް ދެނެވޮޑިގެންވާ ޚަބީރުވަންތަ ކަލާނގެއެވެ.''

އަހަރެމެންގެ ދީނުގައި، ހަމައެއް ލަމައެއް ނެތި ކަންތައްތައް ކުރުމެއް ނޯވެއެވެ. އަދި އަހަރެމެން ކަންތައްތައް ކުރަނީ، މާއްދީ އެދުންތަކެއް އޭގެ ފަހަތުގައި އޮވެގެން ވެސް ނޫނެވެ. އަދި އަހަރެމެންގެ ދީނުގައި ޤައުމިއްޔަތާއި، ޠާއިފީ ބައިބައިވުންތަކެއް ނޯވެއެވެ. އަހަރެމެންގެ ދީނުގައި ސިޔާދަތު އޮންނަނީ، މި ދީނަށެވެ. މި ދީނަކީ އެއްބައިވަންތަ ކަމުގެ ދީނެވެ. އަހަރެމެންގެ މި ދީނުގައި ހަމައެއް ލަމައެއް ނެތި ކުރެވޭ ކަންތަކަށް، ނުވަތަ އިޖްރާމީ ޢަމަލުތަކަށް އެއްވެސް އުޒުރެއް ނޯވެއެވެ. ފަހެ ފަސާދަ އަކީ ނުވަތަ ޓެރަރިޒަމް އޭ ކިޔޭ ޢަމަލުތަކަކީ، އިސްލާމްދީނުގައި ޙަރާމް ކުރެވިފައިވާ ކަންތަކެކެވެ. އިސްލާމީ ޝަރީޢަތުގައި ޙަރާމް ކުރެވިފައިވާ ކަންތަކެކެވެ. ''އަދި އެ މީހަކު އެނބުރި ފުރަގަސް ދީ ހިނގައްޖެ ނަމަ، ބިމުގައި ފަސާދަ އުފެއްދުމަށްޓަކައި، އަދި ދަރިފަސްކޮޅާއި ގޯތިގެދޮރު ދަނޑުފަގު ހަލާކު ކުރުމަށްޓަކައި ބިމުގައި މަސައްކަތް ކޮށް އުޅެތެވެ. ފަސާދަވެރިކަމަށް މާތް ﷲ ލޯބިވެ ވޮޑިގެން ނުވެއެވެ.''

މިފަދަ ޢަމަލުތަކުގެ ޖަޒާއަކީ ''މާތް ﷲ އާއި، އެ ކަލާނގެ ރަސޫލާއާއި ދެކޮޅުވެރިވެ ހަނގުރާމަ ކޮށް އުޅޭ މީހުންނާއި، ފަސާދަ ކުރުމުގެ ގޮތުން، ބިމުގައި މަސައްކަތް ކޮށް އުޅޭ މީހުންގެ ޖަޒާއެއް ކަމުގައި ވާކަން ކަށަވަރީ، އެބައި މީހުން ޤަތުލު ވެވުމެވެ. ނުވަތަ ޞަލީބަށް އެރުވުމެވެ. ނުވަތަ ތަފާތުވާ ގޮތުގައި އެބައި މީހުންގެ އަތްތަކާއި ފައިތަށް ބުރިކުރުމެވެ. ނުވަތަ ތަށުން އަރުވާލުމެވެ. އެހެނީ، އެބައި މީހުންނަށް ދުނިޔޭގައި ވެސް ހުރީ ނިކަމެތިކަމެވެ. އަދި އާޚިރަތުގައި އެބައި މީހުންނަށް ބޮޑުވެގެންވާ ޢަޛާބު ހުއްޓެވެ.''

ހަމަކަށަވަރުން، ބަޔަކު މީހުން ބޮޑުވެގެންވާ އަނިޔާއަކުން އިސްލާމް ދީނަށް އަނިޔާވެރިވެއްޖެއެވެ. އެއީ ޓެރަރިޒަމް ގެ މާނަ، ހަމައެކަނި މި ދީނާއި މި ދީނަށް ތަބާވާ މީހުންނަށް ނިސްބަތް ކުރުމެވެ. ހުވާކޮށް ބުނަމެވެ. އެހެން އެންމެނަށް ވުރެ ކުރިން އެ މީހުންނަށް، އެ މީހުން އެ ހަދަނީ ދޮގުކަން އެނގޭނެއެވެ. އެއްވެސް ދީނެއްގެ ބަޔަކު، އިސްލާމްދީން ގެނެސްދިން ފަދަ ޢަދުލުވެރިކަމެއްގެ ދަށުގައި އުޅެފައި ނެތެވެ. ހިދާޔަތާއި ޙައްޤު ދީނާއިގެން، މާތް ﷲ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ފޮނުއްވުމުން، މަޖްބޫރުކަމެއް ނެތި ކިޔަމަންތެރިކަމާއެކު ބައިބަޔަށް މީސްތަކުން އިސްލާމްދީނަށް ވަނެވެ. އިސްލާމްދީނަށް ނުވަންނަ މީހުންނާއެކު، ކީރިތި ރަސޫލާ އެ މީހުންނާއެކު ޛިއްމީންގެ ޢަޤުދު ކުރެއްވިއެވެ. މުސްލިމުން ހިމާޔަތް ކުރިއެވެ. ޛިއްމީންގެ ލެޔާއި މުދަލާއި އަބުރު ހިމާޔަތް ކުރިއެވެ. މުސްލިމުންގެ އަމިއްލަ ލެޔާއި މުދަލާއި އަބުރު ހިމާޔަތް ކުރާ ފަދައިންނެވެ.

ފަހެ، މިކަން މިހެން އޮތުމާ އެކު ވެސް އިސްލާމް ދީނުގައި ޓެރަރިޒަމްގެ ތުހުމަތު އެޅުވޭނީހެއްޔެވެ؟ ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ ހަނގުރާމަ އޭ ކިޔާފައި، ހުރިހާތަނެއްގައި މުސްލިމުންނާ ދެކޮޅަށް ހަނގުރާމަ ކުރެވެނީހެއްޔެވެ؟ ޢާއްމު ނިޒާމު ގެ ތެރެއިން މަދު ބަޔަކު ނުކުތުމަކީ، ހުރިހާ ތަނެއްގައި ވެސް ހިނގާ ކަމެކެވެ. ހުރިހާ ތަނެއްގައި ވެސް ހިނގާ ކަމެކެވެ. އެއް ހާސް މިލިއަން މީހުންގެ ތެރެއިން، އެއް ހާސް މީހުން އަދި ދިހަ ހާސް މީހުން ތިބުން އެއީ އާދަޔާ ޚިލާފު ކަމެއްހެއްޔެވެ؟ ''ފަހެ، އެބައި މީހުން އެދެނީ ޖާހިލިއްޔަ ޒަމާނުގެ ޙުކުމްހޭ؟ އަދި ޔަޤީން ކުރާ ބަޔަކަށް، މާތް ﷲ އަށް ވުރެން، ޙުކުމް ކުރެއްވުމުގައި މޮޅީ، އަދި ކާކުހެއްޔެވެ؟''

އިސްލާމީ އުއްމަތެވެ! ހައްދުފަހަނައަޅައި ދާ މީހުންގެ ބަދަލު ކުރުންތަކާއި، ބާޠިލު މަޛްހަބުތަކުގެ މީހުންނާއި، ޖާހިލުންގެ ތައުވީލުތަކުން، އަހަރެމެންގެ ދީނުގެ ސާބިތުތައް ޙީމާޔަތް ކުރުމަކީ ވާޖިބު ކަމެކެވެ. ޢަޤީދީ، ފިކުރީ، ޘަޤާފީ ހަނގުރާމައެއް އިސްލާމުންނާ ދެކޮޅަށް ކުރެވެމުން އެބަ ދެއެވެ. މި ހަމަލާތައް ދޭ މީހުން ފޮރުވިގެން ތިބެނީ، ބައެއް ފަހަރު، ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަ ކުރުމުގެ ނަމުގެ ފަހަތުގައެވެ. އަނެއްބައި ފަހަރު، އަނެކާއާ މުޢާމަލާތު ކުރުމުގެ ނަމުގެ ފަހަތުގައެވެ. އިސްލާމް ދީނުގައި އައިސްފައިވާ މުޞްޠަލަޙްތަކެކެވެ. މި ފަދަ ނަންނަމުގައި ގޮވާލެވޭ ގޮވާލުންތަކަށް ބައެއް މުސްލިމުން، ބަލިކަށި ކަމުން ކިޔަމަން ގަނެ ބޯލަނބައިފިއެވެ. ''ތިޔަބައި މީހުން ނިކަމެތި ނުވާށެވެ. އަދި ހިތާމަ ނުކުރާށެވެ. ތިޔަބައި މީހުންނީ މުއުމިނުން ކަމުގައި ވާނަމަ، މަތިވެރިވެގެންވާ ބަޔަކީ ތިޔަބައި މީހުންނެވެ.''

އިސްލާމްކަން، ކާފިރުކަން، އަލްވަލާއު، އަލްބަރާއު، މިއީ އަހަރެމެން ހައްދަވައި ބޮޑު ކުރެއްވި ކަލާނގެ ފޮތުގައި، އައިސްފައިވާ ނަންތަކެކެވެ. ބަޔަކު މީހުން ވަނީ، މި ލަފްޒުތަކުގެ މާނަ ބަދަލުކޮށް، ލަފްޒުގައި ހިމެނޭ މާނައިން ލަފްޒު ހުސްކުރަން، މަސައްކަތް ކޮށްފައެވެ. އަދި އަނެއް ބަޔަކު އެ ލަފްޒުތަކުގައި ހައްދުފަހަނައަޅާ ހިނގައްޖެއެވެ. އަދި އަނެއް ބައެއްގެ ކަންތައް ހުރި ވަރީ، ﷲ ގެ ފޮތުން، އެ ލަފްޒުތައް ފޮހެލަން ގޮވާލުމެވެ. ހަމަ ކަށަވަރުން ވެސް މިއީ، ޝައިޠާނާގެ ކުރިމަތީގައި ބަލިކަށިވާ ބަލިކަށިވުމެކެވެ. ''ހަމަކަށަވަރުން އެއީ (ހިތްވަރު ދެރަ ކުރުމުގެ ބަސްތައް ބުނަމުން ގެންދިޔައީ) ޝައިޠާނާއެވެ. އޭނާގެ އެކުވެރީން ބިރުގަންނަވައެވެ. ފަހެ، އެބައި މީހުން ދެކެ ތިޔަބައި މީހުން ބިރު ނުގަންނާށެވެ. ތިޔަބައި މީހުންނީ މުއުމިނުން ކަމުގައި ވާނަމަ، ތިމަން ރަސްކަލާނގެ ކިބައަށް، ތިޔަބައި މީހުން ބިރުވެތިވާށެވެ.''

އެންމެހާ މުސްލިމުންނެވެ! ދީން، ބޭނުންހައި ގޮތެއް ހެދޭ ދިޔާ އެއްޗަކަށް ހަދަން، އަދި ޝަރުޢީ ލަފްޒުތަކުގައި އެކުލެވިގެންވާ މާނައިން އެ ލަފްޒުތައް ހުސް ކުރަން، ގޮވާލާ ގޮވާލުމަކީ ނުބައިކަންބޮޑު ގޮވައިލުމެކެވެ. އަދި މި ގޮވާލުމަކީ އިސްލާމް ދީން ޤަބޫލު ކުރާނެ ގޮވާލުމެއް ނޫނެވެ. މިފަދަ ގޮވާލުންތައް ގޮވާލާ މީހުން ބޭނުންވަނީ، އިސްލާމް ދީނަށް ގެއްލުން ދޭށެވެ. ''ނަމަވެސް، ﷲ، އެ ކަލާނގެ ފޮނުއްވި ނޫރު (އިސްލާމްދީން) ފުރިހަމަ ކުރައްވާ ހުއްޓެވެ. އެކަމާއި، ކާފިރުތަކުން، ކިތަންމެ ނުރުހުނު ކަމުގައި ވިޔަސް މެއެވެ.''

ކޮންމެ ދީނެއްގައި ވެސް، އެއީ ޙައްޤު ދީނަކަސް އަދި ބާޠިލު ދީނަކަސް، އެ ދީން ދެކެ ލޯބިވާ އަދި އެ ދީން ދިފާޢު ކުރާނެ ބަޔަކާއި، އަދި އެ ދީން ދެކެ ނަފްރަތު ކުރާ، އެ ދީނުގެ މީހުން ކާފިރުން ކަމުގައި ދެކޭ ބަޔަކު ތިބެއެވެ. ''ނަމަވެސް، ބަނީ އިސްރާއީލު ގެ ތެރެއިން އީމާން ވީ، ބައެއް މީހުންނެވެ. އަނެއް ބަޔަކު، ކާފިރުވެގަތީއެވެ. ﷲ އަހަރެމެންނަށް ޚަބަރު ދެއްވާފައި ވާ ފަދައިން، ޠާލޫތު ޖާލޫތާއި ހަނގުރާމަ ކުރެއްވީ ކީއްވެގެންހެއްޔެވެ؟ އަދި ދާއޫދުގެފާނު ޖާލޫތު ޤަތުލު ކުރެއްވީ ކީއްވެގެންހެއްޔެވެ؟ އެއީ އީމާންކަމާއި ކާފިރުކަމާއި ދެމެދު ކުރެވުނު ހަނގުރާމައެއް ނޫންހެއްޔެވެ؟ އޭ ﷲ ގެ އަޅުތަކުންނޭވެ! ފިރުޢައުނު މޫސާގެފާނާއި ދެކޮޅު ހަދައި، މޫސާގެފާނާއި ހަނގުރާމަ ކުރީ ކީއްވެހެއްޔެވެ؟ މޫސާގެފާނާ ދެކޮޅަށް ފިރުޢައުނު ބޮޑު ލަޝްކަރެއް ނެރުނީ ކީއްވެހެއްޔެވެ؟ އެއީ ކާފިރުކަމާއި އީމާންކަމާއި ދެމެދު ކުރެވުނު ހަނގުރާމައެއް ނޫންހެއްޔެވެ؟ އަދި ހަރާޠިޤާއިންނާ އެމީހުންގެ ޚަބަރުތައް ކޮބައިހެއްޔެވެ؟

މާތް ﷲ އެކަލާނގެ ރަސޫލާއަށް އަންގަވާފައި ވެއެވެ. ''ކަލޭގެފާނު ވިދާޅުވާށެވެ. ރަސޫލުންގެ ތެރެއިން އަލަށް ފޮނުއްވެވުނު ރަސޫލަކު ކަމުގައި ތިމަން ނުވަމެވެ.'' އާނއެކެވެ. އެ ކަލޭގެފާނުގެ ދީނަށް ގޮވާލެއްވުމަކީ، އެ ކަލޭގެފާނުގެ އަޚް ރަސޫލުބޭކަލުން ވެސް ގޮވާލެއްވި ގޮވާލެއްވުމެވެ. ''ކަލޭގެފާނުގެ ކުރިން ވެސް ކޮންމެ ބޭކަލަކަށް، އެ ކަލާނގެ އީ ޙައްޤު އިލާހުކަމަށާއި އެ ކަލާނގެ ނޫން އެހެން ފަރާތަކަށް އަޅުކަން ނު ކުރުމަށް ވަޙީ ކުރެއްވުމަށް ފަހު މެނުވީ އެ ބޭކަލަކު ރަސޫލުކަމާއިގެން ތިމަން ރަސްކަލާނގެ ނު ފޮނުއްވަމެވެ.'' ވީމާ ކީރިތި ރަސޫލާ ގޮވާލެއްވި އެއްކައުވަންތަ ކަމާއި، ޝިރުކާއި ދެކޮޅަށް މަސައްކަތް ކުރުމަށް ގޮވާލެއްވި ގޮވާލެއްވުމަކީ، ކުރިން ވަޑައިގަތް ނަބީބޭކަލުން ވެސް ގޮވައިލެއްވި ގޮވައިލުމެވެ. މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަކީ، ނަބީބޭކަލުންގެ އެންމެ ފަހު ބޭކަލެވެ.

އޭ މުސްލިމް އެވެ! މުޝްރިކުން ދެކެ ލޯބި ނުވެ އެ މީހުންގެ ކިބައިން އަހަރެން ބަރީއަވެގަތުން، ﷲ ފިޔަވައި އެހެން ފަރާތަކަށް އަޅުކަން ކުރާ މީހާ ދެކެ ލޯބި ނުވެ އެ މީހުންގެ ކިބައިން އަހަރެން ބަރީއަވެގަތުން، މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ތަބާ ނުވާ މީހުން ދެކެ، ލޯބި ނުވެ އެ މީހުންގެ ކިބައިން އަހަރެން ބަރީއަވެގަތުން، މިއީ އެއްވެސް އޮޅުމެއް ނެތި، އަހަރެމެންނަށް ލިބިގެންވާ ޙައްޤެކެވެ. އަދި މި ކަމުން އެހެން މީހުންނަށް އަނިޔާވެރި ވާން ކޮންމެހެން ނުޖެހެއެވެ.

މިއީ މާތް ﷲ އަހަރެންނަށް އަމުރު ކުރައްވާފައިވާ، ޢަޤީދާއެކެވެ. މި ދީނާއި ދީނަށް ތަބާވާ މީހުން ދެކެ ލޯބި ވުމެވެ. އަދި މި ދީނާއި ޚިލާފު ކޮންމެ މީހެއްގެ ކިބައިން އަހަރެން ބަރީއަ ކަމަށް ޤަބޫލު ކުރުމެވެ. އެއީ އެއްވެސް މީހަކަށް އަނިޔާވެރިވުމުގެ ގޮތަކުން ނޫނެވެ. ނަމަވެސް އެއީ، އިސްލާމް ދީން އަހަރެމެން ތަރުބިއްޔަތު ކޮށްފައިވާ ޢަޤީދާ އެވެ. ނަބީބޭބަލުންގެ ބައްޕާފުޅު އިބްރާހީމްގެފާނާއި، ބަނީ އިސްރާއީލުގެ ބައްޕާފުޅު އިސްޙާޤާއި، ހުރިހާ ނަބީބޭކަލުންގެ ތެރެއިން އެންމެ މާތް ނަބިއްޔާ މުޙައްމަދުގެފާނުގެ ބައްޕާފުޅު އިސްމާޢީލުގެފާނައި، އިބްރާހީމްގެ ފާނަށް ނިކަން ބަލާބަލާށެވެ. މާތް ﷲ ވަޙީ ކުރައްވަނީ ''ހަމަކަށަވަރުން، އިބްރާހީމާއި، އޭނާއާއި އެކުގައި ތިބި މީހުންގެ ސީރަތުގައި، ކަލޭމެންނަށްޓަކައި، ނުހަނު ރިވެތި ނަމޫނާ ހިމެނިގެން ވެއެވެ. އެ އުރެން، އެ އުރެންގެ ޤައުމުގެ މީހުންނަށް، އެންގިއެވެ. ހަމަކަށަވަރުން، އަހުރެން މި ތިބީ ކަލޭމެންގެ ކިބައިންނާއި، ﷲ ފިޔަވައި، ކަލޭމެން އަޅުކަން ކުރަން ތި ގެންގުޅޭ އެއްޗެހީގެ ކިބައިން ބަރީއަވެގަނެގެންނެވެ. އަހުރެމެން ވަނީ، ކަލޭމެންގެ ކިބައިން މުޅީން ބަރީއަވެގަނެގެންނެވެ. އަހުރެމެންނާއި ކަލޭމެންނާއި ދެމެދުގައިވާ ޢަދާވާތްތެރިކަމާއި، ނަފްރަތްތެރިކަން ވަނީ، އަބަދަށްޓަކައި އުފެދިފައެވެ. ކަލޭމެން، އެއްކައުވަންތަ ﷲ އަށް އީމާންވެއްޖައުމަށް ދާންދެނެވެ.''

އޭ މުސްލިމް އެވެ! ނަޞްރު ދިނުމާއި ތާއީދު ކުރުމާއި ބެހޭ ގޮތުން ﷲ ވަޙީ ކުރައްވަނީ، ''ހަމަކަށަވަރުން ތިޔަބައި މީހުންގެ އެކުވެރި އެހީތެރިންނަކީ، ﷲ އާއި، އެ ކަލާނގެ ރަސޫލާ އާއި، އަދި އީމާންވެގެން ތިބި މީހުންނެވެ. އެ މީހުންނަކީ، ކިޔަމަންތެރިވެތިބެ އަޅުކަން ކުރާ ޙާލު، ނަމާދު ކޮށް، އަދި ޒަކާތް ދޭ މީހުންނެވެ.'' ''މުއުމިން ފިރިހެނުންނާއި މުއުމިން އަންހެނުންނަކީ، އޭގެ ތެރެއިން އެއް ބަޔަކު އަނެއް ބައެއްގެ އެހީތެރި އެކުވެރީން ކަމުގައި ވާ ބައެކެވެ.''

ރިބާ މުޢާމަލާތު ކުރުމުން، ދުނިޔޭގެ އިޤްތިޞާދަށް ވަނީ ހަދާނެ ގޮތް ހުސްވެފައެވެ. ބުއްދިވެރިން މިކަން ރަނގަޅު ނު ކޮށްފިނަމަ، ފަސާދައާއި އިޤްތިޞާދު ވެއްޓުމާ ވަނީ ކުރިމަތިލާން ޖެހިފައެވެ. އިސްލާމް ދީނުގައި ރިބާ ވަނީ ޙަރާމް ކުރެވިފައެވެ. އެއީ ވަރަށް ބޮޑަށް ހަރާމް ކުރެވިފައި ވާ ކަމެކެވެ. އަދި އިސްލާމް ދީން ވަނީ، މަންފާ ހުރި ގޮތް ގޮތުން މުދާ ހޯދުން ހުއްދަ ކޮށްފައެވެ. ''އެހެން ވުމުން، އެ މުދާ، ކަލޭމެން ކުރެ މުއްސަނދީންގެ މެދުގައި ދައުރުވޭވޭ ހުރިޔަ ނުދިނުމަށްޓަކައެވެ.''

އިސްލާމީ އުއްމަތެވެ! އަހަރެމެންގެ އުއްމަތް މި ދަނީ ވަރަށް އުނދަގޫ މަރްޙަލާއެއްގައި ދަތުރު ކުރަމުންނެވެ. އެހެން އުއްމަތްތައް ވަނީ މި އުއްމަތަށް އަރައިގަންނަން ތައްޔާރުވެފައެވެ. ދެކޮޅުވެރި ރޭވުންތައް ގިނައެވެ. ޢަދުއްވުން ވަނީ ނުރުހުންތެރިކަމުގެ މޫނު ފާޅުކޮށްފައެވެ. ދަތްތައް ވަނީ ދައްކާލާފައެވެ.

ބޭނުން ވަނީ، ދައްކާލާ ވާހަކައެއް، ނުވަތަ ފިކުރުތަކެއް ކިޔައި ދީ ފުއްދާލާ މީހުންނެއް ނޫނެވެ. އަދި ފިނޑި، ދޫދިނުމަކަށް ފަހު ދޫދިނުމެއް ދޭ މީހެއް، އަދި އޭނާގެ ދީން ދުނިޔެއަށްޓަކައި ފިދާކޮށްލާ ފަދަ މީހެއް، ނޫނެވެ. އަދި އެހެން މީހުންނާ ތަފާތުވާން، އަމިއްލަ ވަކި ގޮތެއް ދައްކާލާ މީހުންނެއް ވެސް ނޫނެވެ.

މުހިއްމީ ހިތުގައި ޔަޤީންކަން އޮންނަ މުއުމިން ހިތްތަކެއްގެ ވެރި ބައެކެވެ. ކަންތައްތައް ވަޒަން ކުރާ، ޙިކްމަތްތެރި ބުއްދިވެރިންތަކެކެވެ. ހަމަތަކެއްގައި ހިފެހެއްޓިފައިވާ ދޫތަކެއްގެ ވެރި ބައެކެވެ. އަދި ޢިލްމުވެރިން، އެ މީހުންގެ ވެރިންނާ ބަދަހި ގުޅުމެއް ބޭއްވުމެވެ. އަދި ގެއްލުމާއި މަންފާ އަންދާޒާ ކުރުމެވެ. އަދި އުއްމަތުގެ މަތިވެރި މަޞްލަޙަތު، އަމިއްލަ ޝަޚްޞީ މަޞްލަހަތުގެ ކުރިއަށް ނެރުމެވެ. ކުރަން ޖެހޭ މުހިއްމު ކަމަކީ، އުއްމަތުގެ ޢާއްމުންނަށް ޙައްޤު ވާ ލާރި ޙިމާޔަތް ކޮށް ބެލެހެއްޓުމެވެ. ޢަސްކަރީ ގޮތުންނާއި މަދަނީ ގޮތުންނާއި އިޤްތިޞާދީ ގޮތުން އުއްމަތް ވަރުގަދަ ކުރުމެވެ. އަދި ދީނާއި މެދު ފަރުވާ ކުޑަ ކުރާ މީހުންގެ އަތުގައި ހިފައިގެން ގެން ގޮސް ރަނގަޅު މަގަށް އެޅުވުމެވެ. އަދި އުއްމަތުގެ ހުރިހާ ތަސައްރުފުތަކެއް ވެސް، އުއްމަތަށް ޚިދުމަތް ކޮށް، އަދި އުއްމަތުގެ ބާރު މަޤާމް މަތި ކުރެވޭނެ ފަދައަކުން، ބެހެއްޓުމެވެ.

އިސްލާމީ އުއްމަތެވެ! ވޭތުވެ ދިޔަ ތިން ޤަރުނުތެރޭގައި، މާތް ﷲ ގެ އިރާދަފުޅާ އެކު ވަނީ، މި ބަރަކާތްތެރި ދައުލަތް ޤާއިމުކުރެވިފައެވެ. ބަރަކާތްތެރި މި ދައުލަތެވެ. ހެޔޮ ގޮވާލުމެއްގެ މަތީގައި ޤާއިމު ކުރެވިފައިވާ ދައުލަތެކެވެ. މުޖްތަމަޢްގެ ހެޔޮ މީހުންގެ ތެރެއިން ދެ މީހަކު އެހީތެރިވެ އެއްބައި ވެގެންނެވެ. އަލްއިމާމް މުޙައްމަދު ބިން ޢަބްދުލް ވައްހާބާއި އަދި އަލްއިމާމް މުޙައްމަދު ބިން ސޫޢޫދުއެވެ. މާތް ﷲ އެ ދެ މީހުންނަށް ރަޙްމަތް ލައްވާށިއެވެ. އަދި އެ މީހުން އިސްލާމް ދީނަށްޓަކައި ކޮށްދިން ކަންތަކަށްޓަކައި، މާތް ﷲ އެ ދެ މީހުންނަށް ހެޔޮ ޖަޒާ ދެއްވާށިއެވެ. ދައުލަތުގެ ބިނާގެ އަސާސަކީ ތައުޙީދެވެ. ދައުލަތް ހިނގާ މަގަކީ އަދި ނިޒާމަކީ، ﷲ ގެ ޝަރީޢަތަށް ޙުކުމް ކުރުމެވެ. ދައުލަތް ﷲ ގެ އެއްކައުވަންތަކަން މަތިވެރި ކުރުމުން، މާތް ﷲ ވަނީ އެ ދައުލަތް މަތިވެރި ކުރައްވާފައެވެ. އަދި ޙައްޤުގެ މަޤާމް މަތިވެރި ކުރުމުން، ﷲ ވަނީ އެ ދައުލަތުގެ މަޤާމް މަތިވެރި ކުރައްވާފައެވެ. ތައުޙީދާއި ތައުޙީދަށް ގޮވާލުމަކީ، މި ދައުލަތުގައި ވާ ބަރަކާތާއި ތަނަވަސްކަމުގެ ސަބަބު ކަމާއި، އަދި މި ވާޖިބު އަދާ ކުރާ މީހަކަށް މާތް ﷲ ބާރު ދެއްވައި ތައުފީޤު ދެއްވާކަން، މި ދައުލަތާ މެދު ރަނގަޅަށް ވިސްނައިފި މީހަކަށް އެނގޭނެއެވެ. މި ދައުލަތުގެ ހަނގުކަމާ އެކު ވެސް، މި ދައުލަތް ވެފައި ވަނީ އެހެން މީހުންގެ ސަމާލުކަން ހޯދާ ތަނަކަށް ވެފައެވެ. އަދި މީހުންގެ އިތުބާރު އޮތް ތަނަކަށް ވެފައެވެ. ޤުރުއާނާ އެއް ގޮތަށް ޙުކުމް ކޮށް، އަސާސަކީ ޤުރުއާން ކަމުގައި ހަދާ، އަދި ތަޢްލީމާއި ޗާޕު ކުރުން ވަނީ ފަތުރާފައެވެ. އޭގެ ސަބަބުން މުޅި ދުނިޔޭގައި ވެސް، މުސްލިމުންނަށް ވަނީ އޭގެ ފައިދާ ކޮށްފައެވެ

އިސްލާމީ އުއްމަތެވެ! އިސްލާމީ އުއްމަތެވެ! އޭ މުސްލިމުންގެ ޢިލްމުވެރިންނެވެ! އޭ މުސްލިމުންގެ ޢިލްމުވެރިންނެވެ! އުފުލަން ޖެހިފައި ވަނީ ބުރަ އެއްޗެކެވެ. އަދާ ކުރަން ޖެގިފައިވާ އަމާނާތަކީ ވަރަށް ބޮޑު އަމާނާތެކެވެ. މީސްތަކުން ވަނީ ﷲ ގެ މަގަށް ދާން ބޭނުންވެފައެވެ. އަދި ޙަރާމާއި ޙަލާލް ދެނެގަނެ، ޝަރީޢަތުގެ މަތީގައި ތިބެން ބޭނުންވެފައެވެ. އަދި ﷲ ޙަރާމް ކުރެއްވި ކަންތަކާ ދުރުވެގަންނަން ބޭނުންވެފައެވެ. ތިޔަބައި މީހުންގެ މެދުގައި ވާ ޚިލާފުތައް ދުރުކޮށް، ޙައްޤު ގޮތުގައި، ތިޔަބައި މީހުންގެ ސަފު އެއް ސަފަކަށް ހަދާށެވެ. އެއީ ދޭ ފަތުވާތައް، ރަނގަޅު ރައުޔަކުން ދިނުމަށްޓަކައެވެ. އޭ އެންމެހާ މުފްތީންނެވެ. ތިޔަބައި މީހުން ދޭ ފަތުވާތަކުގައި، މާތް ﷲ އަށް ތަޤްވާވެރިވާށެވެ. އަދި ތިޔަބައި މީހުން ފަތުވާ ދެނީ ކޮންކަމަކާތޯ ބަލާ ވިސްނާށެވެ. އަދި ތިޔަބައި މީހުން ދޭ ފަތުވާ އަކީ، އެކަމާ ބެހޭ ގޮތުން މާތް ﷲ ތިޔަބައި މީހުންނާ ސުވާލު ކުރައްވާނެ ކަމެއްކަން ދަންނާށެވެ. ''އަދި ކަލެއަށް، އެ ކަމަކާއި މެދު، އެނގުމެއް ނުވާ ކަމަކަށް ތަބާނުވާށެވެ. ހަމަކަށަވަރުން އިވުމާއި، ފެނުމާއި، ހިތާއި، މި ކަންތައްތަކުގެ ތެރެއިން ކޮންމެ ކަމަކީ، އެކަންކަމާއި މެދު، ސުވާލު ކުރެއްވޭނެ ކަމެއް ކަމުގައި ވެއެވެ.''

ޢާއްމުންގެ ކަންތައްތަކަށް ސަމާލުކަން ދޭށެވެ. އަދި އެ މީހުންގެ އެއްބައިވަންތަ ކަމަށާއި، ހެޔޮކަންތަކާއި ތަޤްވާވެރިވުމުގެ މައްޗަށް ސަމާލުވެ ފަރުވާތެރިވާށެވެ. އުއްމަތުގެ ޒުވާނުންނަށް ފަރުވާތެރިވެ ރައްކާތެރިވާށެވެ. މެދުމިންކަމުގެ މަގަށް ޒުވާނުން ތަރުބިއްޔަތު ކުރާށެވެ. އަދި ހައްދުފަހަނައެޅުމާއި ނަފްރަތުގެ މަގުން، އަދި ކާފިރު ކުރުމާއި ތަންތަން ގޮއްވުމުގެ މަގުން، ޒުވާނުން އެއްކިބާ ކުރާށެވެ.

މުސްލިމް އަންހެނުންނަށް ރައްކާތެރިވާށެވެ. ފަހެ އަންހެނުންނާ ދެކޮޅަށް، ޝައިޠާނާއަށް އެހީތެރިވާ ބައެއް ކަމުގައި ތިޔަބައި މީހުން ނުވާށެވެ. އަދި އެ ކަނބަލުން އެ ކަނބަލުންގެ ދީނުގެ އަޚްލާޤީ ހަމަތަކުން މިނިވަން ވެގަތުމުގެ ސަބަބެއް ކަމުގައި ތިޔަބައި މީހުން ނުވާށެވެ.

އޭ އެންމެހާ މުސްލިމް ޒުވާނުންނެވެ! އިސްލާމްދީނުގެ ޒުވާނުންނެވެ! މުސްތަޤްބަލުގެ ހުރިހާ ވެސް ބާރަކީ ތިޔަބައި މީހުންނެވެ. މި އުއްމަތުގެ ހުރިހާވެސް އުއްމީދެއް، ﷲ އަށް ފަހު، އޮތީ ތިޔަބައި މީހުންނާ މެދުގައެވެ. ﷲ، މުޙައްމަދުގެފާނު ނަބީކަމާއިގެން ފޮނުއްވީއްސުރެ، ތިޔަބައިމީހުންގެ ދީނާ ދެކޮޅަށް ވަނީ ހަނގުރާމަ ކުރަން ފެށިފައެވެ. ފަހު ޒަމާނާ ޖެހެން ދެން ވެސް މިކަން އޮންނާނީ މިހެންނެވެ. އެއީ ﷲ ގެ ޙިކްމަތްފުޅަކުން އޮތް ގޮތެކެވެ. ''ﷲ، ޠާހިރު ރަނގަޅު ގޮތުގައި އުޅޭ މީހުންނާއި، ހަޑި ހުތުރު ނުބައި ގޮތުގައި އުޅޭ މީހުންނާއި ވަކިކުރެއްވުމަށްޓަކައެވެ.''

ވީމާ ތިޔަބައިމީހުންގެ ދީނުގެ ޢަދުއްވުންގެ ރޭވުންތަކާ ދެކޮޅަށް ވާ ވަރުގަދަ ފާރެއް ކަމުގައި ވާށެވެ. ފައިދާހުރި ޢިލްމުން ހަތިޔާރު އަޅާށެވެ. ހެޔޮ ޢަމަލުން ހަތިޔާރު އަޅާށެވެ. ތިޔަބައި މީހުންގެ އިސްކޮށް ތިބޭ މީހުންނާއި ޢިލްމުވެރިންނާ އެއްބައިވެ، ސަފު ވަރުގަދަ ކުރާށެވެ. އޭ އިސްލާމްދީނުގެ ޒުވާނުންނެވެ! ހައްދުފަހަނައެޅުމާއި މެދު ރައްކާތެރިވެ ދުރުވާށެވެ. މީހުން ކާފިރު ކުރުމާއި، ތަންތަން ގޮއްވުން އާދައިގެ ކަމެއް ކަމަށް ހެދުމާ މެދު ރައްކާތެރިވެ ދުރުވާށެވެ. މިފަދަ ކަންތައް ކުރުމަކީ، އުއްމަތް ބަލިކަށި ކުރެވޭ ކަމެކެވެ. އަދި ޢަދުއްވުން މުސްލިމުންގެ މައްޗަށް ގަދަވެގަންނާނެ ސަބަބެކެވެ. ވީމާ ގެއްލުމުގެ ސަބަބެއް ކަމުގައި ތިޔަބައި މީހުން ނުވާށެވެ. އެކަމަކު، މުޖްތަމަޢްގައި އުޅޭ ޞާލިޙް ފަރުދުންތަކަކަށް ވާށެވެ.

ފައިދާއެއް ނެތް މި ބާޠިލް ކަންތައްތަކުން، މުސްލިމް ޒުވާނުން ސަލާމަތް ކުރާށެވެ. ރަނގަޅު ކަންތައްތަކާ ދިމާލަށް އެ މީހުން ގެންދާށެވެ. މަގުފުރެދުމުގެ މަގުތަކުން އެއްކިބާކޮށް، ﷲ ގެ ތެދުމަގަށް ގެންދާށެވެ.

ތަޢްލީމީ ދާއިރާގައި މަސައްކަތް ކުރާ އެންމެހާ މީސްތަކުންނެވެ! އަހަރެމެންގެ މޭތެކުގެ އެތިކޮޅު، އަދި އަހަރެމެންގެ ހިތްތަކުގެ މޭވާ، ވަނީ ތިޔަބައި މީހުންގެ ޒިންމާ ދަށުގައެވެ. ވީމާ އެ ކުދިންނާ މެދު ތަޤްވާވެރި ވާށެވެ. އެ ކުދިންނަށް ﷲ ގެ ދީން އުނގަންނައި ދޭށެވެ. ޙައްޤު މަގު ދައްކައިދޭށެވެ. ޤުރުއާނާއި ސުންނަތުގެ މަގު ދައްކައި ދޭށެވެ. ކާފިރު ކުރުމާއި ބިދުޢަވެރި ކުރުމުގެ މަންހަޖުތަކާއި އެ ކުދިން ދުރުކުރާށެވެ. ބިމުގައި ފިތުނަ އުފައްދާ މީހުން ގެންގުޅޭ ވަސީލަތްތަކާއި، އެ ކުދިން ދުރުކުރާށެވެ. ހައްދުފަހަނައަޅާ ދާ މީހުންގެ މަގާއި، އެ ކުދިން ދުރުކުރާށެވެ. ޙައްޤު ގޮތުގައި ތިބުމަށް، އެ ކުދިން އާދަކުރުވާށެވެ. ފަހެ އެ ކުދިންނަކީ، ތިޔަބައި މީހުންގެ ކޮނޑުގައި އެޅިފައިވާ އަމާނާތެކެވެ. އެ ކުދިން ޙައްޤު މަގުގައި ތަރުބިއްޔަތު ކޮށް، އިސްލާމް ދީނާއި މުސްލިމުން ދެކެ ލޯބިވުމުގެ ޝުޢޫރު އެ ކުދިންގެ ހިތުގައި އަށަގަންނަވާށެވެ.

އިސްލާމް ދީނަކީ، އަހަރެމެންގެ ދަރިންނަށް މަންފާހުރި އެއްވެސް ޢިލްމެއް ލިބިގަތުމާއި ދެމެދު ވާ ހުރަހެއް ނޫނެވެ. ނަމަވެސް ދާއިރާ ފުޅާކޮށް، އާ ޚިޔާލުތައް ނެގިއަސް، ދުންޔަވީ ގޮތުން އުއްމަތަށް ފައިދާ ހުރި ކޮންމެ ކަމެއް ބަލައިގަތަސް، އަހަރެމެންގެ ދީނަށް ރައްކާތެރި ވުމަކީ ވާޖިބު ކަމެކެވެ. އަދި މި ކަމަކީ، އަހަރެމެންގެ މުޖްތަމަޢަށް ކޮންމެހެން ބޭނުން ކަމެއްކަން، ކުދިންނަށް އުނގަންނައި ދޭން ޖެހޭނެއެވެ.

އޭ އެންމެހައި މުސްލިމް އަންހެނުންނެވެ! ކަމަނާގެ ޢަދުއްވުން ދައްކާ ދަޅައާއި ހެއްލުންތަކަށް، ނަމަނަމަ ނު ހެއްލޭށެވެ. ފަހެ އިސްލާމް ދީނުގެ ބަދަލެއް، ކަމަނާ ބޭނުންވަނީ ހެއްޔެވެ؟ ﷲ ފިޔަވައި އެހެން ފަރާތެއްގެ ވާހަކަ ތެދު ކުރަނީ ހެއްޔެވެ؟ ''ފަހެ ބަސް ބުނުމުގައި، މާތް ﷲ އަށް ވުރެން ތެދުވެރިކަން ބޮޑީ، ފަހެ ކާކުހޭ؟''

''އަދި ތިޔަބައި މީހުންގެ، ގެތަކުގައި ތިބޭހުށިކަމެވެ. އަދި އިހުގެ ޖާހިލިއްޔަ ކަމުގެ ޒީނަތުން ފާޅުވެގަނެ ނު ހަދާށެވެ.'' މާތް ﷲ މިފަދައިން ވަޙީ ކުރައްވަނިކޮށް، ކަނބުލޭގެއަށް އަޑު ނީވޭހެއްޔެވެ؟ ''އޭ ނަބިއްޔާ އެވެ. ކަލޭގެފާނުންގެ އަނބިއަނބިކަނބަލުންނަށާއި، ދަރިދަރިކަނބަލުންނާއި، މުއުމިނުންގެ އަންހެނުން، އެ ކަނބަލުންގެ ފޭރާންތަކުން ނިވާވެ ތިބުމަށް، އެ ކަނބަލުންނަށް ކަލޭގެފާނު ވިދާޅުވާށެވެ.'' މިފަދައިން ވަޙީ ކުރައްވާފައިވާ ބަސްފުޅު، ކަނބުލޭގެއަށް އަޑު ނީވޭހެއްޔެވެ؟ ''އެ ކަނބަލުންގެ ބެލުންތައް ތިރިކުރުމަށާއި، އެ ކަނބަލުންގެ ފަރުޖުތައް ރައްކައުތެރި ކުރުމަށް، މުއުމިން އަންހެނުންނަށް ކަލޭގެފާނު ވިދާޅުވާށެވެ.'' މިފަދައިން ވަޙީ ކުރައްވާފައިވާ ބަސްފުޅު، ކަނބުލޭގެއަށް އަޑު ނީވޭހެއްޔެވެ؟ ކަނބުލޭގެ އަބުރުވެރިކަމުގެ ފާރުގައި، ކަނބުލޭގެ ފާފަވެރިވާނެ ފަދަ، ލޯވަޅެއް ނާޅާށެވެ. ފަހެ ﷲ އަށް ތަޤްވާވެރި ވާށެވެ.

އޭ މުސްލިމް އަންހެނާއެވެ! ކަނބުލޭގެ ޙައްޤަކީ، ކަނބުލޭގެ ބުރުގާ ނަގާފައި އެއްލައި ލުމެއް ނޫނެވެ. އަދި ކޮންމެ ކޮންމެ މައިދާނެއްގައި ފިރިހެނުންގެ ތެރެއަށް ނުކުމެ އުޅުމެއް ވެސް ނޫނެވެ. އަދި ކަނބުލޭ ފާފައެއް ކުރުމެއް ވެސް ނޫނެވެ. ކިއެއްތަ، ކަނބުލޭގެ ޙައްޤަކީ، ކަނބުލޭގެ ރައްކާތެރި ކުރުމެވެ. އަދި ކަނބުލޭގެއަށް ހެޔޮކޮށް ހިތުމެވެ. އަދި ތަޢްލީމު ދިނުމާއި، ދީންވެރިވުމެވެ. ކަނބުލޭގެއަށް، މުޖްތަމަޢަށް ހެޔޮކަމެއް ކޮށް ދެވޭނީ މި ބީދައިންނެވެ. ''ދެން އެބައި މީހުން ހައްދަވައި ބޮޑު ކުރެއްވި ރަސްކަލާނގެ އެބައި މީހުންނަށް އިޖާބަ ދެއްވެއެވެ. ހަމަކަށަވަރުން، ތިމަން ރަސްކަލާނގެ އީ ތިޔަބައި މީހުންގެ ތެރެއިން، ފިރިހެނުންގެ ތެރެއިން ނުވަތަ އަންހެނުންގެ ތެރެއިން ޢަމަލު ކުރާ މީހެއްގެ ޢަމަލު ގެއްލެނިވި ނުކުރައްވާ ހުށީމެވެ. ތިޔަބައި މީހުންގެ ތެރެއިން އެއްބަޔަކީ، އަނެއް ބައެއްގެ ކިބައިން ވާ ބައެކެވެ.''

ޚަބަރުފަތުރާ ވަސީލަތްތަކުގެ އެންމެހާ މީހުންނެވެ! ޚަބަރުފަތުރާ ވަސީލަތްތަކުގެ އެންމެހާ މީހުންނެވެ! އެންމެހާ ނޫސްވެރިންނެވެ! ސެޓެލައިޓް ޓީވީ ޗެނެލްތަކުގެ އެންމެހާ ވެރިންނެވެ! ފޯރަމްތަކުގެ ވެރިންނެވެ! ފޯރަމްތަކުގެ ވެރިންނެވެ! ޚަބަރު ފަތުރާ ވަސީލަތްތަކަކީ ވަރަށް ވެސް މުހިއްމު އެއްޗެކެވެ. އެއީ ވަރުގަދަ ހަތިޔާރެކެވެ. ''ފަސާދަ ކުރާ މީހާ އާއި، އިޞްލާޙް ކުރާ މީހާ، ﷲ ފުރިހަމައަށް ދެނެވޮޑިގެން ވެއެވެ.'' ޚަބަރުފަތުރާ މުއައްސަސާތަކުގެ ވެރިންނެވެ! ކޮންމެ މުއައްސަސާއަކަށް ވިޔަސް ވަރިހަމައެވެ. ﷲ އަށް ތަޤްވާވެރި ވެ، އިޞްލާޙް ކުރާ މީހުންގެ ތެރެއިން ވާށެވެ. މި ދީނާ މެދު ތަޤްވާވެރި ވާށެވެ. ޚަބަރުފަތުރާ މީހުންނެވެ! އަހަރެމެންގެ ޢަދުއްވުން، އެ މީހުންގެ ޚަބަރުފަތުރާ ވަސީލަތްތައް އަހަރެމެންނާ ހަމައަށް ގެނެސްފިއެވެ. ކިޔޭ ވަސީލަތްތަކާއި، އަޑު އަހާ ވަސީލަތްތަކާއި، ސެޓެލައިޓް ޓީވީ އާއި އާދައިގެ ޓީވީ އާއި، ނެޓްވޯކްތަކެވެ. ވީމާ ތިޔަބައި މީހުން ވެސް، އުފުލަން ޖެހޭ މަސްއޫލިއްޔަތާއި އެއް ފެންވަރަކަށް މަތިވާށެވެ. ގޮތެއް ފޮތެއް ނެތް މި ހަމަލާއާ ކުރިމަތި ލާށެވެ. އެ ގޮތުން ﷲ ގެ މަގަށް ގޮވާށެވެ. އިސްލާމީ ޤައުމުތަކުގެ ދިފާޢުގައި މަސައްކަތް ކުރާށެވެ. މަކަރެއް، އޮޅުވާލުމެއް ނެތި މީސްތަކުންނަށް ޙަޤީޤަތް ބަޔާންކޮށް ދޭށެވެ. އޭރުން ތިޔަބައި މީހުން ވާނީ ތެދުވެރީންގެ ތެރެއިންނެވެ.

އޭ މުސްލިމުންގެ ވެރިންނެވެ! އޭ އިސްލާމީ ޤައުމުތަކުގައި ޤަރާރުތައް ނަގާ މީހުންނެވެ! ކަލޭމެންގެ ނަފްސާމެދު ﷲ އަށް ތަޤުވާވެރިވާށެވެ. އަދި ދީނާ މެދު ﷲ އަށް ތަޤްވާވެރިވާށެވެ. ކަލޭމެންގެ އުއްމަތާމެދު ﷲ އަށް ތަޤުވާވެރިވާށެވެ. ކަލޭމެންގެ ރުއްޔިތުންނާ މެދު ﷲ އަށް ތަޤުވާވެރިވާށެވެ. ފަހެ މަސްއޫލިއްޔަތަކާއި ހަވާލުވެގެން ހުރި ކޮންމެ މީހަކީ ވެސް، އޭނާ މަސްއޫލުވި ކަމާ މެދު، ﷲ ސުވާލު ކުރައްވާނެ މީހެކެވެ. ތިޔަބައި މީހުންނަކީ، ﷲ ގެ ޙަޟްރަތަށް ދާނޭ ބައެކެވެ. އަދި ކުޑަ ޒައްރެއްގެ މިންވަރު ވެސް، ﷲ ޙިސާބު ކުރައްވާނެއެވެ. ވީމާ ތިޔަބައި މީހުންގެ އުއްމަތާ މެދު ﷲ އަށް ތަޤްވާވެރިވާށެވެ. ތިޔަބައި މީހުންގެ އުއްމަތް މި ވަނީ، ތިޔަބައި މީހުންގެ ފަރާތުން ތެދުވެރި ޢަމަލަކަށް، އިންތިޒާރު ކޮށްކޮށެވެ. ފަހެ ﷲ އަށް ނަޞްރުވެރިވާށެވެ. ﷲ ތިޔަބައި މީހުންނަށް ނަޞްރު ދެއްވާނެއެވެ. އަދި ތިޔަބައި މީހުންގެ ފައިތިލަތައް ސާބިތު ކުރައްވާނެއެވެ. ﷲ ގެ ޝަރީޢަތަށް ޙުކުމް ކުރާށެވެ. އަދި ތަޤްވާވެރި، ރަނގަޅު، ހެޔޮ މީހުން ކައިރި ކުރާށެވެ. އިސްލާމް ދީނުގެ މީހުންނަކީ، އުއްމަތުގެ ހަރު މީހުންނަކީ، ވެރިން ދެކެ ލޯބިވާ އެ މީހުންނަށް އޯގާތެރި ތެރި ތެދުވެރި ބައެކެވެ. އަދި ޣައިރު މުސްލިމުންނަކީ، ބާޠިލް ގޮތްތަކެއްގެ ވެރި ބައެކެވެ. އެއީ މިހާރު ވެސް އަދި މުސްތަޤްބަލުގައި ވެސް، ކެހިވެރި މަކަރު ހަދާ ބައެކެވެ. ތިޔަބައި މީހުންނާއި އަހަރެމެން އެންމެން، އެފަދަ މީހުންގެ ކިބައިން ސަލާމަތް ކުރައްވާށިއެވެ.

އޭ އިސްލާމީ އުއްމަތެވެ! އަހަރެން ވިސްނޭ ބުއްދިވެރީނާ މުޚާޠަބް ކޮށް ބުނަމެވެ. ކޮންމެ ބުއްދިވެރި މުފައްކިރަކާއި މުޚާޠަބް ކޮށް ބުނަމެވެ. ރައުޔެއްގެ ވެރި، އިންސާފުވެރި ކޮންމެ މީހަކާއި މުޚާޠަބް ކޮށް ބުނަމެވެ. އަހަރެން އެ މީހުންނަށް ބުނަނީ، ސާބިތު ޔަޤީން ޙަޤީޤަތެއް އެބަ އޮތް ކަމެވެ. ރައްބާނީ ޙަޤީޤަތެކެވެ. އެއީ މި އިސްލާމް ދީނަކީ، މާތް ﷲ އެއަށް ދެމި އޮތުން މިންވަރު ކުރައްވާފައިވާ ދީނެއްކަމެވެ. މާތް ﷲ ގެ އަރިއަހުން ބާވައިލެއްވިފައިވާ މި ދީނަކީ، އަދި ރައްކާތެރި ކުރައްވާނެ ކަމަށް ﷲ އަންގަވާފައިވާ މި ދީނަކީ، އަދި ދެމި އޮންނާނެ ކަމަށް ޚަބަރު ދެއްވާފައި ވާ މި ދީނަކީ، މުސްލިމުންނާ ދެކޮޅަށް ހަނގުރާމަ ކޮށް މުސްލިމުން ނިކަމެތި ކުރުމަކުން، އަދި މުސްލިމުންނާ ދެކޮޅަށް ޢަދާވާތްތެރިކަން އިސްކުރުމަކުން، މި އިން އެއްވެސް ކަމަކުން މުސްލިމުންގެ ދީނަށް އެއްވެސް އަސަރެއް ނުކުރާނެއެވެ. މި އިން އެއްވެސް ކަމަކުން މުސްލިމުންގެ ދީނަށް އެއްވެސް އަސަރެއް ނުކުރާނެއެވެ. މި ދީނާ ދެކޮޅަށް މަކަރުވެރި ރޭވުންތައް ރޭވީ ކިތައް މީހުންހެއްޔެވެ؟ އެ އެންމެން ނެތި ގޮސް، މި ދީން ދެމި އޮތެވެ. އަނިޔާވެރި ކިތައް މުޖްރިމުން މި ދީނާ ހަނގުރާމަ ކުރިހެއްޔެވެ؟ އެ އެންމެން ހަލާކުވެ ނެތި ގޮސް، މި ދީން ދެމި އޮތެވެ. އުއްމަތްތަކާއި މީހުން، މި ދީނާ ދެކޮޅަށް ރޭވުންތައް ރާވައި، އިރުމައްޗާއި ހުޅަނގުން މި ދީނާ ދެކޮޅަށް ލަޝްކަރުތައް އޮއްސިގަތީ ކިހާ ވަރަކަށް ހެއްޔެވެ؟ ނަތީޖާ އަކީ ކޮބައި ހެއްޔެވެ؟ އެ މީހުންގެ ޚަބަރަކީ، ކިޔޭ ތާރީޚްގައި އޮތް އެއްޗަކަށް ވެއްޖެއެވެ. އެ މީހުންގެ އަނިޔާވެރި ކަމާއި ނާ އިންސާފަށް ހެކިވަމުންނެވެ. އަދި އިސްލާމް ދީނުގެ ޢިއްޒަތްތެރިކަމާއި މި ދީނުގެ ސާފުކަމާއި، ސީދާ ކަމުގެ މައްޗަށް ހެކިވަމުންނެވެ.

އާނ އެކެވެ. މުސްލިމުންނަށް ވަނީ އަނިޔާ ދެވިފައެވެ. މުސްލިމުންގެ ގެދޮރު ވަނީ ފޭރިގަނެވިފައެވެ. މުސްލިމުންގެ ތަޢްލީމީ މުޤައްރަރުތައް ވަނީ ބަދަލު ކުރުވިފައެވެ. މުސްލިމުންގެ ޤާނޫނުތައް ވަނީ ބަދަލު ކުރުވިފައެވެ. އަދި އިންސާފަކަށް ނުބަލާ ޚަބަރުފަތުރާ ވަސީލަތްތަކެއް ވަނީ، މުސްލިމުންގެ މައްޗަށް ވެރިވެގެންފައެވެ. މި ކަންތައްތަކަށް، މުސްލިމުންގެ ބައެއް މީހުން ވަނީ އެހީތެރިވެ ދީފައެވެ. ނަމަވެސް ވީ ކޮން ކަމެއް ހެއްޔެވެ؟ މާތް ﷲ މި ދީން ރައްކާތެރި އެބަ ކުރައްވައެވެ. ފަހެ މި ދީނަކީ، ﷲ ގެ ރައްކާތެރި ކުރެއްވުމަކުން ރައްކާތެރި ކުރެވިގެންވާ ދީނެކެވެ. މި ދީނަށް ނަޞްރު ދޭ މީހަކީ، ﷲ ގެ ނަޞްރު ލިބޭނެ މީހެކެވެ. އެ ރައްކާ ކުރުމަކީ، ޚަލްޤުތަކުންގެ ބޮލަށް ޖެހިފައި ވާ ކަމެއް ނޫނެވެ. ''ތިޔަބައި މީހުން މާތް ﷲ އަށް ނަޞްރުވެރި ވާނަމަ، އެ ކަލާނގެ ތިޔަބައި މީހުންނަށް ނަޞްރު ދެއްވައެވެ. އަދި ތިޔަބައި މީހުންގެ ފައިތިލަތައް ސާބިތުކޮށް ދެއްވާނެތެވެ.''ވީމާ ﷲ އަށް ނަޞްރުވެރި ވާށެވެ. އޭރުން ﷲ ތިޔަބައި މީހުންނަށް ނަޞްރު ދެއްވައި، ފައިތިލަތައް ސާބިތުކޮށް ދެއްވާނެއެވެ.''

އެކި އެކި ނަންތަކުގެ ދަށުގައި ތިބެގެން، އިސްލާމް ދީނަށް އަނިޔާވެރިވެފައި ވެއެވެ. އެއްފަހަރު އިންސާނީ ޙައްޤުތަކުގެ ނަމުގައެވެ. އަނެއް ފަހަރަކު އަންހެނުންގެ ޙައްޤުތަކުގެ ނަމުގައެވެ. ނުވަތީ ދީނީ މިނިވަންކަމުގެ ނަމުގައެވެ. މި ހުރިހާ ކަންތަކަކީ ވެސް، އިސްލާމް ދީނަށް ދަތިކޮށް މި ދީނާއި ހަނގުރާމަ ކުރުމުގެ ގޮތުން ކުރެވޭ ކަންތަކެކެވެ. މިފަދަ މީހުންނަށް އަހަރެމެން ބުނަން އޮތް ވާހަކަ އަކީ، ތިއީ ބޭކާރު ކަމެއް ކަމަށެވެ. ފައި ކައްސާލައިގެން ގޮސް، ގެއްލުން ހުރި މި މަގުގައި ހިނގަމުން ދާ މީހުންނަށް އަހަރެމެން ބުނަނީ، ވަހުމުން ހޭލާށެވެ. އެހެނީ ކަލޭމެން ތި ކުރަނީ ބޭކާރު މަސައްކަތެކެވެ. ކަލޭމެން ތި ކުރާ ކަމަކީ ކަލޭމެންގެ ވަގުތާއި މުދާ ބޭކާރު ކޮށްލުމެވެ. އެހެނީ، ގަދަވާނޭ ބަޔަކީ ﷲ ގެ ލަޝްކަރެވެ.

އިސްލާމީ އުއްމަތެވެ! ހުޅަނގާއި އިރުމަތިން ވަނީ، ތަފާތު އިޤްތިޞާދީ ނިޒާމު ތަޢާފް ކޮށްފައެވެ. އެ މީހުންގެ އަމިއްލަ ބުއްދިން ގެނައި ނިޒާމުތަކެކެވެ. އެއިން ލިބުނީ ހަމަ ނުޖެހުމާއި ބަލިކަށިކަމާއި ނުކުޅެދުންތެރި ކަމެވެ. އިޤްތިޞާދީ ބިރެވެ. އެއް ނިޒާމަކީ ފަރުދީ މިލްކުވެރިކަން މަނާކޮށް، މިލްކުްވެރިކަން ޢާއްމުންނަށް ބަހާލި ނިޒާމެކެވެ. މީހާ އޭނާގެ މުދަލުގައި ވިޔަފާރި ކުރުން މަނާ ކުރިއެވެ. މި ނިޒާމަށް މާތް ﷲ މިންވަރު ކުރައްވީ، ވެއްޓި ދިއުމެވެ. އަދި ކުދި ކުދި ދައުލަތްތަކަކަށް މި ނިޒާމު ރޫޅިގެން ދިޔައެވެ. އަނެއް ނިޒާމަކީ ހުސް މަންފާއަށް ބަލާ ނިޒާމެކެވެ. ކޮންމެ ގޮތަކަށް ފައިސާ ހޯދިޔަސް، އެއީ ހުއްދަ ކަމެއް ކަމަށް މި ނިޒާމް ދެކުނެވެ. ނަތީޖާއަކަށް ވީ މުއްސަނދި ކަމުގައި ހައްދުފަހަނައަޅާ ތިބި ބަޔަކާއި، ފަޤީރު ކަމުގައި ނުހަނު ފަޤީރު ބަޔަކަށް މުޖްތަމަޢް ދެފަޅި ވެގެން ދިއުމެވެ. ދެން ނުހަނު ޢަދުލުވެރި، ވަރުގަދަ، ފުރިހަމަ އިސްލާމީ ނިޒާމެއް އައެވެ. މުދާ ހޯދުމަށް މީހުން ލޯބި ކުރާ މިންވަރަށް ރިޢާޔަތް ކޮށް، މުދާ މިލްކު ކުރުން ހުއްދަ ކުރިއެވެ. ''އަދި ބޮޑު ވެގެންވާ ލޯބި ކުރުމަކުން ތިޔަބައި މީހުން މުދަލަށް ލޯބި ކުރަމުއެވެ.'' ރިޒުޤު ހޯދުމަށް މަސައްކަތް ކުރުމަށް، އިންސާނާއަށް އަމުރު ކުރިއެވެ. އަދި ރިޒުޤަކީ ﷲ ގެ ނިޢްމަތެއް ކަމުގައި ލެއްވިއެވެ. ''އަދި، ފަހެ ނަމާދުކޮށް އަވަދިވެއްޖައުމުން، ބިމުގައި ފެތުރިދާށެވެ. އަދި މާތް ﷲ ގެ ނިޢްމަތަށް އެދި މަސައްކަތް ކުރާށެވެ.'' އިންސާނާގެ ދުންޔަވީ މަސްލަހަތާއި އުޚްރަވީ މަސްލަހަތް ވެސް ހޯދުމަށް އަމުރު ކުރިއެވެ. ''އަދި ކަލެއަށް މާތް ﷲ ދެއްވެވި އެއްޗަކުން (މުދަލަކުން) ދާރުލްޢާޚިރާ އެދިގެންވާހުށިކަމެވެ. ހަމައެފަދައިން ކަލޭގެ ދުނިޔޭގެ ނަސީބު ހަނދާން ނައްތާ ނުލާށެވެ.'' ފަޤީރުން ތިބިކަން ހަނދާން ނައްތާ ނުލައެވެ. އެހެންވެ، މުއްސަނދިންގެ މުދަލުން ފަޤީރުންނަށް ދޭން ކުޑަ މިންވަރެއް ކަނޑައެޅިއެވެ. ފަޤީރުންނާއި ބޭނުން ޖެހިފައިތިބޭ މީހުންނާ ބައިވެރިވުމުގެ ގޮތުންނެވެ.

ހުއްޓިލާ ހުއްޓުމެއް، ގޮވާލާ ގޮވާލުމެއް އެބަ އޮތެވެ. ހުއްޓިލާ ހުއްޓުމެއް، ގޮވާލާ ގޮވާލުމެއް އެބަ އޮތެވެ. މީހުންނަށް ޝުކުރުވެރި ނުވާ މީހަކަށް މާތް ﷲ ރަޙްމަތެއް ނުލައްވާނެއެވެ. ތިޔަބައި މީހުން ކުރެ މީހަކަށް، މީހަކު ހެޔޮކަމެއް ކޮށްދީފިއްޔާ، އެ ކަމުގެ ހެޔޮ ބަދަލު އޭނާއަށް ދޭށެވެ. ދޭނެ އެއްޗެއް ނެތް ނަމަ، ބަދަލު ދެވިއްޖެ އޭ ތިޔަބައި މީހުންނަށް ހީވަން ދެން، އެ މީހުންނަށް ހެޔޮ ދުޢާ ކުރާށެވެ.

އޭ އަމަން ބަލަހައްޓާ މީހުންނެވެ! އަދި އޭ އަމަން ބަލަހައްޓާ މީހުންގެ ވެރިންނަށް ތިބި މީހުންނެވެ! އަދި ޙައްޖުގައި މަސައްކަތް ކުރާ ސަރުކާރުގެ ޢާއްމު ފަރާތްތަކެވެ. މަދަނީ އަދި ޢަސްކަރީ ފަރާތްތަކެވެ. ތިޔަބައި މީހުން ތި ވަނީ ނިކަން ބޮޑު ކަމަކާއި ކުރިމަތިލާން ތައްޔާރުވެގެންނެވެ. ތިޔަބައި މީހުން ތި ޚިދުމަތް ކުރަނީ، ރަޙްމާންވަންތަ ﷲ ގެ މެހުމާނުންނަށެވެ. ވީމާ ތި މަސައްކަތުގެ ސަވާބު، ﷲ ގެ ޙަޟްރަތުން އެދޭށެވެ. ތިޔަބައި މީހުންނަށް ޙައްޤުވާ ހެޔޮ ޖަޒާ ވަނީ، ޤިޔާމަތް ދުވަހުން ﷲ ގެ ޙަޟްރަތުގައެވެ. ވާ ހޫނާއި ފިންޏަށް ކެއް ކުރާށެވެ. މީހަކު ބުނެފާނެ ބަހަކަށް ނުވަތަ ކޮށްފާނެ ކަމަކަށް ކެއް ކުރާށެވެ. ފަހެ ހެޔޮ ކަމެއް ކޮށްފި މީހެއްގެ ޖަޒާ، މާތް ﷲ ގެއްލެނިވި ނުކުރައްވައެވެ. ކެއްތެރިންނަށް މާތް ﷲ ޖަޒާ ދެއްވަނީ، ޙިސާބަކާ ނުލައެވެ. ތިޔަބައި މީހުން ތި ކުރާ މަސައްކަތަށް ﷲ ހެޔޮ ޖަޒާ ދެއްވާށިއެވެ.

ޙައްޖާއި ބެހޭ އެންމެ މަތީ މަޖްލީހަށް ގޮވާލާ ގޮވާލުމެކެވެ! ޙައްޖާއި ބެހޭ އެންމެ މަތީ މަޖްލީހަށް ގޮވާލާ ގޮވާލުމަކާއި އެ މީހުންނަށް އަދާ ކުރާ ޝުކުރެކެވެ. އެ ގޮތުން އަހަރެން ބުނަމެވެ. ތިޔަބައި މީހުންގެ މަސައްކަތަށް މާތް ﷲ ހެޔޮ ޖަޒާ ދެއްވާށިއެވެ. އަދި ތިޔަބައި މީހުންގެ މަސައްކަތަށް ތައްފީޤް މިންވަރު ކުރައްވާށިއެވެ. ތިޔަބައި މީހުން ދިރާސާތައް ކުރުމުން، ބުރަ މަސައްކަތް ކުރުމުން، ހޭލާ ތިބުމުން، ކަންތައްތައް ރާވާހާ ތަންޒީމު ކުރުމުން، ޓްރެފިކް ކަންތައްތަކުގައި ދިން އިރުޝާދާއި ލަފާގެ ސަބަބުން، އަހަރެމެން މި އަދު މި ބިންނަނީ، ތިޔަބައި މީހުންގެ މަސައްކަތުގެ މޭވާއެވެ. ވީމާ އިސްލާމްދީނަށްޓަކައި ތި ކުރާ މަސައްކަތަށް، މާތް ﷲ ހެޔޮ ޖަޒާ ދެއްވާށިއެވެ. އަދި އެ ކަލާނގެ ރުހިވޮޑިގަންނަވާ، ތިޔަބައި މިހުންގެ އުއްމީދުތައް، ތިޔަބައި މީހުންނަށް ފުރިހަމަކޮށް ދެއްވާފާނދޭވެ. ޢުމުރުން ހަނގު މި ދައުލަތަށް އަހަރެން ޝުކުރުވެރި ވަމެވެ. ޙައްޖުވެރިންގެ އަރާމަށްޓަކައި، ދައުލަތުން ކުރި މަސައްކަތަށްޓަކައެވެ. އައްޑިހަ އަހަރަށް ވުރެ ގިނަ ދުވަހުއް ސުރެ، މި ދައުލަތް މި ދަނީ ޙައްޖުގެ ކަންތައްތައް ބަލަހައްޓަމުންނެވެ. ބަރަކާތްތެރި ދެ ޙަރަމްގެ ކަންތައް ބަލަހައްޓަމުންނެވެ. ކޮންމެ އަހަރަކު ވެސް، ކުރީ އަހަރަށް ވުރެ ޚިދުމަތް ދަނީ ރަނގަޅުވެ މަތިވަމުންނެވެ.

ވީމާ، މިކަން ކުރާ ފަރާތްތަކަށް، އިސްލާމް ދީނާއި މުސްލިމުންގެ ފަރާތުން ހެޔޮ ޖަޒާ މާތް ﷲ ދެއްވާށިއެވެ. މަލިކް ޢަބްދުލް ޢަޒީޒުއްސުރެ، މި ޤައުމުގެ ރަސްރަސްކަލުން ދަނީ މި މަސައްކަތް މެދު ނުކެނޑި ކުރަމުންނެވެ. މާތް ﷲ މަލިކް ޢަބްދުލް ޢަޒީޒު ގެ ފުރާނަފުޅަށް ރަޙްމަތް ލައްވާށިއެވެ. އަދި އޭނާގެ ފާފަ ފުއްސަވައި ރަޙްމަތް ލައްވާށިއެވެ. އަދި އިސްލާމް ދީނާއި މުސްލިމުންގެ ފަރާތުން ހެޔޮ ޖަޒާ، މާތް ﷲ، އޭނާއަށް ދެއްވާށިއެވެ. ޢަބްދުލް ޢަޒީޒަށް ފަހު އޭނާގެ ދަރިކަލުން ކަމުގައިވާ، ސުޢޫދާއި، ފައިޞަލާއި، ޚާލިދާއި، ޚާދިމުލް ޙަރަމައިން ފަހްދު ބިން ޢަބްދުލް ޢަޒީޒާއި، އަދި މިހާރުގެ ރަސްގެފާނުގެ މި ބަރަކާތްތެރި ވެރިކަމުގައި ވެސް، މިކަންތައް ދަނީ މެދު ނުކެނޑި ކުރެވެމުންނެވެ. މި އެންމެންނަކީ ވެސް، ޙައްޖުވެރިންނަށް ފޯރުކޮށްދިން ޚިދުމަތުގެ މަތިވެރި ތާރީޚެއް އޮތް ބައެކެވެ. މާޒީވެދިޔަ މީހުންނަށް މާތްﷲ ރަޙްމަތް ލައްވާށިއެވެ. އަދި ދުނިޔޭގައި ތިބި މީހުންނަކީ ޞާލިޙް ބައެއް ކަމުގައި ލައްވާށިއެވެ. އަދި މާތް ﷲ ލޯބިވެވޮޑިގަންނަވާ، ރުހިވޮޑިގަންނަވާ ކަންކަމުގައި، ބަސްތަކާއި ޢަމަލުތަކުގައި، ހުރިހާ އެންމެންނަށް ތައުފީޤު ދެއްވާށިއެވެ.

އޭ ﷲ ! އޭ ދިރިދެމިވޮޑިގަންނަވާ، އަމިއްލަ ޒާތުފުޅާއިގެން ޤާއިމްވެވޮޑިގަންނަވާ ރަސްކަލާކޮ! އޭ ﷲ އެވެ! އޭ ދިރިދެމިވޮޑިގަންނަވާ، އަމިއްލަ ޒާތުފުޅާއިގެން ޤާއިމްވެވޮޑިގަންނަވާ ރަސްކަލާކޮ! އޭ ގަދަކީރިތިވަންތަކަމާއި، ދީލަތިވަންތަކަމުގެ ވެރި ރަސްކަލާކޮ! ފަޟްލުވަންތަވެރި ނިޢްމަތްތައް ދެއްވާ ރަސްކަލާކޮ! އޭ ބެލެނިވެރިންގެ ބެލެނިވެރިކަލާކޮ! އަޅަމެންގެ އިލާހު، އަޅަމެން ހެއްދެވި، އަޅަމެންނަށް ރިޒުޤު ދެއްވާ ރަސްކަލާކޮ! ފަހެ އިބަ ރަސްކަލާނގެ ކިބަފުޅަށް ޙައްޤުވެގެން ވާ ކޮންމެ އިސްމުފުޅަކުން، ނުވަތަ، އިބަރަސްކަލާނގެ އަމިއްލަ ޒާތުފުޅަށް ދެއްވި އިސްމުފުޅަކުން، ނުވަތަ އިބަރަސްކަލާނގެ ފޮތުގައި ބާވައިލެއްވި އިސްމުފުޅަކުން، ނުވަތަ އިބަރަސްކަލާނގެ ޚަލްޤުތަކުންކުރެ އަޅަކަށް އުނގަންނަވައިދެއްވި އިސްމުފުޅަކުން، ނުވަތަ އިބަރަސްކަލާނގެ ޙަޟްރަތުގައި ޣައިބުގައި ވާ އިސްމުފުޅަކުން، އެދި ދުޢާކުރަމެވެ.

އޭ އަޅަމެން ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ، އެ އިސްމުފުޅެއް މެދުވެރިކޮށް ކަމަކަށް އެދިއްޖެނަމަ ފުއްދަވައިދެއްވައި، އަދި ދުޢާ ދަންނަވައިފިނަމަ އިޖާބަކުރައްވާ އެންމެ މަތިވެރިވިހައި އިސްމުފުޅަކުން އެދި ދަންނަވަމެވެ. އަޅަމެން ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! އިބަރަސްކަލާނގެ އަޅަމެންނަށް ހުއްދަކުރެއްވި އެންމެހައި ވަސީލަތެއް މެދުވެރިކޮށް ދަންނަވަމެވެ.

އޭ ﷲ! އަޅަމެންގެ ފާފަ ފުއްސަވައި، ޢައިބުތައް ވަންހަނާކުރައްވާނދޭވެ! ފަހެ މި ދުވަހަކީ އަޅަމެންނަށް ކާމިޔާބުލިބި، ޢަމަލުތައް އިބަރަސްކަލާނގެ ޙަޟްރަތުގައި ޤަބޫލުކުރެއްވިގެންވާ ދުވަހެއް ކަމުގައި ލައްވާނދޭވެ! އޭ ﷲ އަޅަމެންގެ ޙައްޖަކީ މަބްރޫރު ޙައްޖެއް ކަމުގައި ލައްވާނދޭވެ! އަދި އަޅަމެން ކުރި ޢަމަލަކީ ޖަޒާލިބެނިވި ކަމެއްކަމުގައި ލައްވާނދޭވެ! އަދި އަޅަމެންގެ ފާފައަކީ ފުއްސެވިގެންވާ އެއްޗެއްކަމުގައި ލައްވާނދޭވެ!

އޭ ﷲ! އަޅަމެންގެ މެދުގައި، އަބާއްޖަވެރިއަކު، އަދި މަޙްރޫމްކުރެއްވިގެންވާ މީހަކު ނުލައްވާނދޭވެ! އޭ ﷲ! އަޅުތަކުން ކުރެ ކުށް ކުރެވިފައިވާ ފަރާތްތަކަށް ހެޔޮ ޝަފާޢަތް ލައްވާނދޭވެ! އޭ ﷲ! އަޅަމެންނަށް ރަޙްމަތްލައްވާނދޭވެ! އޭ ﷲ! އިބަރަސްކަލާނގެ ޙަޟްރަތަށް އަޅުތަކުން ކުޅަ ޢަމަލުތައް ހުށައެޅޭ ދުވަހު އަޅަމެންނަށް އޯގާވެވޮޑިގަންނަވާނދޭވެ! ފަހެ އިބަރަސްކަލާނގެއީ ހުރިހާ ކަމަކަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. އޭ ﷲ! ޚާދިމުލްޙަރަމައިނި ފަހްދު ބިން ޢަބްދުލްޢަޒީޒުގެ ފާފަ ފުއްސަވާނދޭވެ! އޭނާގެ ފާފަ ފުއްސަވައި ރަޙުމަތްލައްވާނދޭވެ! އޭނާ ގެ އަތުން ކަސިޔާރުވެފައިވާ ކަންތައްތަކަށް ޢަފޫކުރައްވައި، ކައްޗަށް ދިޔަ ކަމެއް ސީދާކުރައްވާފާނދޭވެ! އަދި އޭނާގެ ޘަވާބު އިތުރުކުރައްވާނދޭވެ! އަދި އުއްމަތަށް އޭނާ ކޮށްދިން ކަންތައްތަކަށް ޖަޒާ ދެއްވާނދޭވެ! އޭ ﷲ، އިބަރަސްކަލާނގެ ޢަޛާބުން އޭނާ ދިންނަވާނދޭވެ! އޭ ﷲ! އޭނާއަށް ޤަބުރު ތަނަވަސްކޮށްދެއްވައި އަލިކުރައްވާނދޭވެ!

އޭ ﷲ! އޭނާގެ ފަހުން ވެރިކަން ވާރުތަވީ ޢަބްދުﷲ ބިން ޢަބްދުލްޢަޒީޒް، ޚާދިމުލްޙަރަމައިނި އައްޝަރީފައިނި އަށް، އިބަރަސްކަލާނގެ ރަޙުމަތާއި އޯގާވެރިކަން ދަމަހައްޓަވާނދޭވެ! އަދި އޭނާގެ ބަހާއި ޢަމަލު ތެދުކުރައްވާނދޭވެ! އަދި އޭނާ ގާތުގައި އުޅޭ މީހުންނަކީ ﷲ އަށް ބިރުވެތި ތަޤްވާވެރި އަދި ހެޔޮ ނަޞޭޙަތްދޭ ބަޔަކުކަމުގައި ލައްވާނދޭވެ! އޭ ﷲ! އޭނާ އަށް ހެޔޮ ރަނގަޅު މަގު ދައްކަވައި، ހެޔޮ ވިސްނުން ދެއްވާނދޭވެ! އަދި އެންމެހައި ހެޔޮކަމަކަށް ތައުފީޤުދެއްވާނދޭވެ! އަދި އުއްމަތަކީ އެއްބަހެއް ކިޔާ އެއްބައިވަންތަ ބައެއްކަމުގައި ހެދުމަށް އޭނާ ކުރާ މަސައްކަތަށް މަދަދު ދެއްވާނދޭވެ!

އޭ ﷲ! އޭނާގެ ވަލީ ޢަހުދު ސުލްޠާން ބިން ޢަބްދުލްޢަޒީޒަށް، އިބަރަސްކަލާނގެ ލޯބިވެވޮޑިގަންނަވާ ރުހިވޮޑިގަންނަވާ ކަންތައްތަކުގައި، ތައުފީޤު ދެއްވާނދޭވެ! އޭ ﷲ! އޭނާގެ ވިސްނުމާއި ޢަމަލު ތެދުކުރައްވާނދޭވެ! އަދި އޭނާ ދުޅަހެޔޮ ދިރިއުޅުމެއްގައި ލަހައްޓަވާނދޭވެ! ފަހެ އިބަރަސްކަލާނގެއީ ހުރިހާ ކަމަކަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.

އޭ ﷲ ގެ އަޅުތަކުންނޭވެ! ﷲގެ ޙުރުމަތްތެރި ގެފުޅަށް ޙައްޖުވާން އައިސްތިބި ޙައްޖުވެރިންނޭވެ! ﷲ ގެ ގެފުޅަށް ޙުރުމަތް ބަހައްޓާށެވެ. އަދި އެތާގެ އަމާންކަމަށާއި ހަމަޖެހުމަށް އިޙުތިރާމުކުރާށެވެ. ފަހެ އެއީ ޝަރުޢީ ވާޖިބެކެވެ. ''ގެފުޅަށް ދިޔުން މަނާކުރާ މީހުން، އަދި އެތަނަށް އަނިޔާވެރިކަމާއި ޡުލްމުވެރިކަންމަތީ އަންނަ މީހުންނަށް، ތިމަން ރަސްކަލާނގެ ވޭނުން ފުރިގެންވާ ޢަޛާބުން ރަހަދައްކަވާހުށީމެވެ.'' ފަހެ ތިޔަބައިމީހުން ތިޔަ ތިބީ މި މުޤައްދަސް ބިމުގައެވެ. ޤަދީމީ ގެފުޅުގެ އަރިއަހުގައެވެ. ތިޔަބައިމީހުން ތި ތިބީ ޢަރަފާތު ދުވަހުގައެވެ. ﷲގެ ދުވަސް ތަކު ތެރެއިން މާތްވެގެންވީ އެ ދުވަހުއެވެ. ފަހެ މި ދުވަހު، ﷲ އަށް ކިޔަމަންގަތުމުގައި، ތިޔަބައިމީހުން އެކަލާނގެއާ ކުއްތަންވާށެވެ. ނިކަމެތިކަމާ އެކު ގަދައަޅައި ދުޢާކުރާށެވެ. ފަހެ އެންމެ ހެޔޮކަންބޮޑު ދުޢާއަކީ ޢަރަފާތު ދުވަހު ކުރެވޭ ދުޢާއެވެ. އަދި ނަބިއްޔާ އާއި އެކަލޭގެފާނުންގެ ކުރީގެ ބޭކަލުން މި ދުވަހު ކުރެއްވި އެންމެ ހެޔޮ ދުޢާއަކީ ..... ( އޯޑިއޯ ފައިލްގެ މި ހިސާބުން ފަނަރަވަރަކަށް ސިކުންތު ހަލާކުވެފައި ވާތީ، 51 ސިކުންތު މި ހިސާބުން މި ވަނީ އުނިވެފައި )

އިރު އޮއްސެންދެން ޢަރަފާތުގައި މަޑުކުރާށެވެ. އަދި އިރު އޮއްސުމުގެ ކުރިން އެ ބިމުން ނުފައިބާށެވެ. އިހުތިބި މީހުންނާއި ފަހުން އަންނާނޭ މީހުންގެ ސާހިބާ ނަމޫނާއަކަށް ބަލައި، އިޤްތިދާވުމުގެ ގޮތުންނެވެ. ޢަރަފާތުގައި މެންދުރު ނަމާދާއި ޢަޞްރު ނަމާދު ޤަޞްރު ކޮށް ޖަމްޢުކުރާށެވެ. ﷲ ގެ އިރާދަފުޅުން އަހަރެމެން މިއަދު އެގޮތަށް ނަމާދުކުރާނެ ފަދައިންނެވެ. މަޑުމައިތިރިކަމާއެކު މުޒްދަލިފާއަށް ދާށެވެ. އަދި އެތަނަށް ފޯރުމުން މަޣްރިބާއި ޢިޝާ ކުރާށެވެ. އަދި ތިޔަބައިމީހުންނަށް ކުޅަދާނަވެގެން ވާނަމަ، އެތާ ރޭކުރާށެވެ. އަދި އެތާ ފަތިސް ނަމާދު ކުރާށެވެ. އައުލާ ގޮތަކީ އެއީއެވެ. ބަލިކަށި ނިކަމެތި މީހުންނަށް، މެންދަމު ފަހުން މުޒްދަލިފާއިން ނުކުމެވިދާނެއެވެ. އަދި ޔައުމުއްނަޙުރު ގައި ޖަމްރަތުލްޢަޤަބާ އަށް ހިލަ އުކާށެވެ. އަދި ތިޔަބައިމީހުންގެ ހަދްޔު ކަތިލާށެވެ. އަދި ބޯ ބާލާށެވެ. ނުވަތަ ކޮށާށެވެ. ބޭލުން މޮޅެވެ. އެހިސާބުން އިޙްރާމް ބަނުމުން ތިޔަބައިމީހުންނަށް ޙަރާމްވީ ކަންތައްތަކުގެ ތެރެއިން އަންހެނުން ފިޔަވައި ހުރިހާ ކަމެއް ޙަލާލުވީއެވެ. ބާރަ ވަނަ ދުވަހު އިރު މެދުން ލެނބުމުން، ފުރަތަމަ ޖަމްރާ އަށާއި މެދު ޖަމްރާ އަށާއި ޢަޤަބާ އަށް ހިލަ އުކާށެވެ. މެންދުރު ފަހުން ފެށިގެން އަނެއް ދުވަހުގެ އިރު އަރަންދެން ތިޔަބައި މީހުންނަށް މިކަން ގެންދެވިދާނެއެވެ. އެއަށް ފަހު އަވަހަށް ދާން ޖެހޭ މީހުން ދާށެވެ. އަދި މަޑުކުރާ ނަމަ ތޭރަ ވަނަ ދުވަހު ވެސް އުކާށެވެ. ގެފުޅުގައި ޠަވާފުލްއިފާޟާ ކުރާށެވެ. އެ ޠަވާފަކީ އިފާޟަތުގެ ޠަވާފަށާއި ވަދާޢުގެ ޠަވާފަށް ހަދައިފި ނަމަ އެގޮތް ވެސް ރަނގަޅެވެ.

އޭ އެންމެހައި މުސްލިމުންނޭވެ! ތިޔަބައި މީހުން ކުރާ ކަންތަކުގައި ﷲ އަށް ތަޤްވާވެރިވާށެވެ. އަދި ތިޔަބައިމީހުންގެ ޙައްޖުގައި ﷲ އަށް ތަޤްވާވެރިވާށެވެ. އަދި ތިޔަބައިމީހުން ކުރާ މުޢާމަލާތްތަކުގައި ﷲ އަށް ތަޤްވާވެރިވާށެވެ.

އޭ ﷲ! އަޅަމެނަށް އަޅަމެންގެ ދީން ރައްކާތެރިކޮށްދެއްވާނދޭވެ! އޭ ﷲ! އަޅަމެންނަށް އަޅަމެންގެ އީމާނާއި އަމާންކަން ރައްކައުތެރިކުރައްވާނދޭވެ! އޭ ﷲ! އިބަރަސްކަލާނގެ ރުއްސަވާ ކަންކަމުގައި މުސްލިމުންނަށް ތައުފީޤު ދެއްވާނދޭވެ! އޭ ﷲ! މުސްލިމުންގެ ޙާލު އިޞްލާޙުކޮށްދެއްވާނދޭވެ! އޭ ﷲ! މުސްލިމުންނަށް، ބަލިކަށިކަން ބާރުގަދަކަމަށް ބަދަލުކޮށްދެއްވާނދޭވެ! އަދި ދެރަކަން ޢިއްޒަތަށް ބަދަލުކޮށްދެއްވާނދޭވެ! އަދި ނިކަމެތިކަން ހައިބަތަށް ބަދަލުކޮށްދެއްވާނދޭވެ! އަދި ބައިބައިވުން އެއްބައިވަންތަކަމަށް ބަދަލުކޮށްދެއްވާނދޭވެ! އޭ ﷲ! ހުރިހައިތަނެއްގައިވާ ނިކަމެތިކުރެވިފައި ތިބި މީހުންނަށް ރަޙުމަތްލައްވާނދޭވެ! އަދި ލިބިފައިވާ ގެއްލުން ފޫބައްދަވައިދެއްވާނދޭވެ! އަދި އޭގެތެރެއިން ބަލިކަށި މީހުންނަށް ރަޙުމަތްލައްވާނދޭވެ! އަދި ހުރިހާ ހެޔޮކަމަކަށް އެމީހުންނަށް މަދަދު ދެއްވާނދޭވެ!

އޭ ﷲ! މުސްލިމުންގެ ރަށްތައް އެބައިމީހުންގެ ދުޝްމަނުންގެ ކިބައިން ސަލާމާތްކޮށްދެއްވާނދޭވެ! އަދި އެތަންތަން ވާނެ އެންމެ ހެޔޮ ޙާލަތެއްގައި މުސްލިމުންނަށް އެތަންތަން އިޢާދަކޮށްދެއްވާނދޭވެ! އޭ ﷲ! އަލްއަޤްޞާ ފޭރިގެން ތިބި މީހުންގެ ކިބައިން އެތަން ސަލާމަތްކޮށްދެއްވާނދޭވެ! އަދި މުސްލިމުންގެ ބެލުމުގެ ދަށަށް އެތަން ރުޖޫޢަކޮށްދެއްވާނދޭވެ!

އޭ ﷲ! އިބަރަސްކަލާނގެ ރުއްސަވާ ކަންތައްތައްތަކުގައި، ޢިރާޤުގައި ތިބި އަޅަމެންގެ އަޚުންނަށް ތައުފީޤުދެއްވާނދޭވެ! އަދި އެބައިމީހުންގެ ކަންތައްތަކުގައި ތެދުސީދާ ގޮތް ފަހިކޮށްދެއްވާނދޭވެ! އޭ ﷲ! އެ މީހުންގެ ކަންތައްތަކުގައި، ފަސޭހަގޮތް މެދުވެރިކޮށްދެއްވާނދޭވެ! އަދި އެ މީހުންގެ ފުރާނަތައް ސަލާމަތް ކޮށް، ޢިރްޟު ރައްކާތެރިކޮށްދޭނެ، އަމާންކަން ދަމަހައްޓައި، ޢިރާޤު ބައިބައި ވިޔަނުދީ ރައްކާތެރި ކުރާނެ ވެރިކަމެއް، އެ މީހުންނަށް މިންވަރު ކޮށްދެއްވާފާނދޭވެ! އޭ ﷲ! އެ މީހުންނަށް، ރަނގަޅު ގޮތް ޚިޔާރު ކުރާ ޙިކްމަތްތެރި ވެރިކަމަކަށް، ތައުފީޤް ދެއްވާފާނދޭވެ! އިބަ ރަސްކަލާނގެ ދެކެ ބިރުވެތިވާ، އިބަ ރަސްކަލާނގެ ރަޙްމަތަށް އެދޭ މީހެކެވެ. އޭ ﷲ! އެ މީހުންގެ ލޭ އޮހޮރުންތައް ހުއްޓުވައިފާނދޭވެ! އެ މީހުންގެ ޢިރްޟު ރައްކާތެރި ކުރައްވާފާނދޭވެ! އަދި އެ މީހުންގެ ކަންތައްތަކުގައި ތެދުސީދާ ގޮތް ފަހިކޮށްދެއްވާނދޭވެ! ހަމަކަށަވަރުން އިބަ ރަސްކަލާނގެ އަކީ، ހުރިހާ ކަމަކަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.

އޭ ﷲ! މި ބަރަކާތްތެރި ދުވަހު، މި ހޯމަ ދުވަހު، އަޅަމެންގެ ޢަމަލުތައް އިބަ ރަސްކަލާނގެއަށް ހުށައެޅޭ ދުވަހު، އަޅަމެންނަށް ފާފަ ފުއްސަވާ ދެއްވާ، އަޅަމެންނާއި އަޅަމެންގެ މައިންބަފައިންނަށް ރަޙްމަތް ލެއްވުމަށް އެދި ދުޢާ ދަންނަވަމެވެ. އޭ ﷲ! އަޅަމެންގެ ބަފައިންނަށް ރަޙްމަތް ލައްވާފާނދޭވެ! އޭ ﷲ! އަޅަމެންގެ މައިންނަށް ރަޙްމަތް ލައްވާފާނދޭވެ! އޭ ﷲ! އަޅަމެންގެ ބަފައިންނަށް ރަޙްމަތް ލައްވާފާނދޭވެ! އޭ ﷲ! އަޅަމެންގެ މައިންނަށް ރަޙްމަތް ލައްވާފާނދޭވެ! އޭ ﷲ! އަޅަމެންގެ އަނބިންނަށް ރަޙްމަތް ލައްވާފާނދޭވެ! އަދި އަޅަމެންގެ ދަރިންނަކީ ޞާލިޙް ބައެއް ކަމުގައި ލައްވާފާނދޭވެ! އަދި އަޅަމެންގެ ތިމާގެ މީހުންނާއި އެންމެހާ މުސްލިމުންނަށް ރަޙްމަތް ލައްވާފާނދޭވެ! އޭ ﷲ! އިބަ ރަސްކަލާނގެ ރުއްސަވާ ކަންތައްތަކަށް، އަޅަމެންނަށް ތައުފީޤް ދެއްވާފާނދޭވެ! އޭ ﷲ! ފާފަތަކުން އަޅަމެން ރައްކާތެރި ކުރައްވާފާނދޭވެ! އޭ ﷲ! މުއުމިން ފިރިހެނުންނާއި މުއުމިން އަންހެނުން މުސްލިމް ފިރިހެނުންނާއި މުސްލިމް އަންހެނުން ގެ ފާފަ ފުއްސަވާދެއްވާފާނދޭވެ! އަދި މުއުމިނުންނާއި މުސްލިމުންގެ ހިތްތައް އެކުވެރި ކުރައްވާފާނދޭވެ! އަދި ދޭދޭ ގުޅުން އިޞްލާޙް ކުރައްވާފާނދޭވެ! އަދި އިބަ ރަސްކަލާނގެ ޢަދުއްވު، މުއުމިނުންނާއި މުސްލިމުންގެ ޢަދުއްވު، ގެ މައްޗަށް އެބައި މީހުންނަށް ނަޞްރު ދެއްވާފާނދޭވެ! ސަލާމަތް ކަމުގެ މަގު ދައްކަވާފާނދޭވެ! އަދި އެ މީހުން އަނދިރިކަމުގެ ތެރެއިން އަލިކަމުގެ ތެރެއަށް ނެރުއްވާފާނދޭވެ! އެ މީހުންގެ އިވުމާއި، ފެނުމާއި، އަނބިންނާއި، ދަރިންތަކުގައި ބަރަކާތް ލައްވާފާނދޭވެ! އިބަރަސްކަލާނގެ އެއްކައުވަންތަ ކަމަށް ހެކިވި، އަދި އިބަރަސްކަލާނގެ ނަބިއްޔާގެ ރިސާލަތަށް ހެކިވި، މަރުވެފައިވާ އެންމެހާ މުސްލިމުންގެ ފާފަ ފުއްސަވާދެއްވާފާނދޭވެ! އޭ ﷲ! އެ މީހުންނަށް ޢަފޫކުރައްވާފާނދޭވެ! އެ މީހުންނަށް ރަޙްމަތް ލައްވާފާނދޭވެ! އަދި އެ މީހުންނަށް ހެޔޮގޮތް މެދުވެރި ކުރައްވާ ޢަފޫ ކުރައްވާފާނދޭވެ! އަދި ޤަބުރުގައި އެ މީހުންގެ މަޤާމް މަތިވެރި ކުރައްވާފާނދޭވެ! އަދި އެ މީހުންގެ ޤަބުރަކީ ތަނަވަސް ތަނަކަށް ހައްދަވައިދެއްވާފާނދޭވެ! އަދި ފެނާއި ގަނޑުފެނާއި ފިނިން، އެ މީހުން ދޮންނަވާފާނދޭވެ! އަދި ހުދު ހެދުމެއްގައި ހުރި ހަޑި ސާފު ކުރެވޭ ފަދައިން، އެ މީހުންގެ ފާފަތަކުން އެ މީހުން ސާފު ކުރައްވާފާނދޭވެ!

އޭ ﷲ! އިބަރަސްކަލާނގެ ފިޔަވާ އެހެން އިލާހަކު ނުވެއެވެ. އިބަރަސްކަލާނގެ އަކީ އެއްވެސް އެހެން ފަރާތަކަށް ބޭނުންވެވޮޑިނުގަންނަވާ ކަލާނގެއެވެ. އިބަރަސްކަލާނގެ އަށް ބޭނުން ވާ ބަޔަކީ، އަޅަމެންނެވެ. އަޅަމެންނަށް ވާރޭ ވެއްސަވާފާނދޭވެ! އަދި އެއީ އަޅަމެން އިބަރަސްކަލާނގެއަށް ކިޔަމަންގަތުމުގައި އެހީތެރިވުމުގެ ބާރަކަށް ލައްވާފާނދޭވެ! އޭ ﷲ! އަޅަމެން ވާރޭ ވެއްސަވާފާނދޭވެ! އޭ ﷲ! އަޅަމެން ވާރޭ ވެއްސަވާފާނދޭވެ! އޭ ﷲ! އަޅަމެން ވާރޭ ވެއްސަވާފާނދޭވެ! އޭ ﷲ ! ރަޙްމަތުގެ ވާރޭ އެވެ. ބަލާވެރިކަމެއްގެ ވާރޭއެއް ނޫނެވެ. ހަލާކާއި ޣަރަޤުވުމުގެ ވާރޭއެއް ނޫނެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް ފާފަ ފުއްސަވައި، މަޣްފިރަތް ދެއްވާފާނދޭވެ! އަދި އަޅަމެންނަށް ވުރެ، ކުރީން އީމާންކަންމަތީި ދެމިތިބި އަޅަމެންގެ އަޚުތަކުންނަށް ވެސް، ފާފަ ފުއްސަވައި މަޣްފިރަތް ދެއްވައިފާނދޭވެ! އަދި އަޅަމެންގެ ހިތްތަކުގައި، އީމާންވެއްޖެ މީސްތަކުންނަށް އެއްވެސް ކަހަލަ ރުޅިވެރިކަމެއް އޮތަ ނުދެއްވައިފާނދޭވެ! އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން އިބަރަސްކަލާނގެ އީ، ނުހަނު އޯގާތެރި، ރަޙީމްވަންތަ ރަސްކަލާނގެއެވެ. ހައްދަވައިބޮޑުކުރެއްވި ރަސްކަލާކޮ! ދުނިޔޭގައި ވެސް ހެޔޮކަން، އަޚިރަތުގައި ވެސް ހެޔޮކަން، އަޅަމެންނަށް ދެއްވައިފާނދޭވެ! އަދި ނަރަކައިގެ ޢަޛާބުން އަޅަމެން ދިންނަވައިފާނދޭވެ! އޭ ﷲ! މުސްލިމުން އެ މީހުންގެ ދީނަށް ހެޔޮވެގެންވާ ރުޖޫޢަކުރުމެއް ރުޖޫޢަ ކުރައްވާފާނދޭވެ! މި އަޅުކަމުގެ ކަންތައްތައް ރާވައި ހިންގައި، އުނދަގޫ ފަސޭހައަށް ބަދަލު ކުރުމުގައި އުޅުނު މީހުންނަށް ހެޔޮ ޖަޒާ ދެއްވާށިއެވެ. އަދި އިބަރަސްކަލާނގެ ރުހިވޮޑިގަންނަވާ، ލޯބިވެވޮޑިގަންނަވާ ކަންތަކަށް ތައުފީޤް ދެއްވާށިއެވެ. ހައްދަވައިބޮޑުކުރެއްވި ރަސްކަލާކޮ! ދުނިޔޭގައި ވެސް ހެޔޮކަން، އަޚިރަތުގައި ވެސް ހެޔޮކަން، އަޅަމެންނަށް ދެއްވައިފާނދޭވެ! ''ކާފިރުންގެ މީހުން އެ ސިފަކުރާ ކަންތައްތަކުން، ކަލޭގެފާނު ހައްދަވާ ބޮޑުކުރެއްވި ޢިއްޒަތްތެރިވަންތަކަމުގެ ވެރިރަސްކަލާނގެ ހުސް ޠާހިރުވެވޮޑިގެންވެއެވެ. އަދި އެންމެހައި ރަސޫލުބޭކަލުންގެ މައްޗަށް ސަލާމްހުއްޓެވެ. އަދި ޢާލަމްތަކުގެ ވެރިރަސްކަލާނގެ ކިބަފުޅަށް ޙަމްދު ހުއްޓެވެ. '' އޭ ﷲ! މުޙައްމަދުގެފާނުގެ މައްޗަށް ޞަލަވާތް ލައްވާފާނދޭވެ! އަދި މުޙައްމަދުގެފާނުގެ އާލުންގެ މައްޗަށް ވެސް މެއެވެ. އެއީ އިބަރަސްކަލާނގެ އިބްރާހީމްގެފާނާއި އިބްރާހީމްގެފާނުގެ އާލުންގެ މައްޗަށް ޞަލަވާތް ލެއްވި ފަދައިންނެވެ. ހަމަކަށަވަރުން އިބަރަސްކަލާނގެ އަށް ހުރިހާ ޙަމްދަކާއި މަތިވެރިކަމެއް، ޙައްޤުވެގެންވެއެވެ. އޭ ﷲ! މުޙައްމަދުގެފާނުގެ މައްޗަށް ބަރަކާތް ލައްވާފާނދޭވެ! އެއީ އިބަރަސްކަލާނގެ އިބްރާހީމްގެފާނާއި އިބްރާހީމްގެފާނުގެ އާލުންގެ މައްޗަށް ބަރަކާތް ލެއްވި ފަދައިންނެވެ. ހަމަކަށަވަރުން އިބަރަސްކަލާނގެ އަށް ހުރިހާ ޙަމްދަކާއި މަތިވެރިކަމެއް، ޙައްޤުވެގެންވެއެވެ.

 

= ނިމުނީ =

 

ނޯޓު :

މިއީ މި ދިޔަ ޢަރަފާތް ދުވަހު(9 ޛުލްޙިއްޖާ6241ހ)ގައި، ސުޢޫދިއްޔާގެ މުފްތީ އައްޝައިޚް ޢަބްދުލް ޢަޒީޒް ބިން ޢަބްދުﷲ އާލް އައްޝައިޚް، ނަމިރާ މިސްކިތުގައި ދެއްވި ޢަރަފާތް ދުވަހު ޚުޠްބާ އެވެ. މި ޚުޠްބާގައި، ޝައިޚް ކިޔުއްވާފައިވާ އާޔަތްތަކާއި ޙަދީޘްތައް ޢަރަބިން ނުލިޔެ، ހުންނާނީ ކޮމާކޯޅީގެ ތެރޭގައި އޭގެ މާނަ ލިޔެފައެވެ. ޚުޠްބާގެ ފަހަތުކޮޅުން 51 ވަރަކަށް ސިކުންތު، ގެއްލިފައި ވާނެއެވެ. އެއީ އޯޑިއޯ ފައިލުގައި، އެ ހިސާބުން ޖެހުނު މައްސަލައަކާއިހެދިއެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.