ހޮނިހިރު20201114

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ޢަޤީދާ މުސްލިމުންނާ ޣައިރު މުސްލިމުންގެ ގުޅުން... އިސްލާމީ ނަޒަރަކުން

މުސްލިމުންނާ ޣައިރު މުސްލިމުންގެ ގުޅުން... އިސްލާމީ ނަޒަރަކުން

muslim ghairmulim gulhun

އަހުލުކިތާބީންނަށް ޚާއްޞަ ނަޒަރެއް:
އަހުލުއް ޛިއްމާ:
ޣައިރު މުސްލިމުންނާ އެކުވެރިވުމާއި އޭގެ މާނަ:
މުސްލިމުން ޣައިރުމުސްލިމުންގެ އެހީ ހޯދުން:

މުސްލިމުންނާއި ޢަޤީދާގެ ގޮތުން ތަފާތު އަހުލުކިތާބީންނާ އޮންނަ ގުޅުމަކީ  ކޮންކަހަލަ ގުޅުމެއްހެއްޔެވެ؟ އެމީހުންނާމެދު ހެޔޮކޮށް ހިތައި ރަނގަޅު މުޢާމަލާތެއް ކުރެވިދާނެހެއްޔެވެ؟ އަދި އެއްވެސް މުޢަމަލާތެއް ކުރެވިދާނެހެއްޔެވެ؟  އަހުލުކިތާބީންނާ މުސްލިމުންނާ ދެމެދޮ އޮންނަނީ ސަލާމްހެއްޔެވެ؟ ނުވަތަ ހަނގުރާމަހެއްޔެވެ؟ އެހެން ގޮތަކަށް ބުނާނަނަމަ، އެމީހުންގެ ފަރާތުން މުސްލިމުންނަށް ނުރައްކަލެއް އަދި ގެއްލުމެއްވެސް ނެތި، މުސްލިމުންނާ ހަނގުރާމަނުކޮށް، އަދި މުސްލިމުންގެ ޢަދުއްވަކާ ބައިވެރިނުވާ ޣައިރުމުސްލިމުންނާ، ހަނގުރާމަކުރުމަކީ ވާޖިބެއްހެއްޔެވެ؟

ނުވަތަ ވާޖިބުވެގެންވަނީ، މުސްލިމުންގެ ޙުރުމަތްތަކަށް، އެބައިމީހުންގެ ނަފްސުތަކާއި އަހުލުންނާއި މުދަލާއި ބިމަށް އަރައިގަނެ، ނުވަތަ މުސްލިމުންގެ ދީނީ ދަޢްވަތަށް ހުރަސްއަޅާ، އޭގެ ކުރިމަތީގައި ހުއްޓި، އަދި އަމިއްލަ އިޚްތިޔާރުން އިސްލާމްދީނަށް ވަންނަ މީހުންނަށް އަނިޔާކޮށް ދީނުން ފިތުނަވެރިކުރުވައި، ހަނގުރާމަކުރާ މީހަކާ ނޫނީ ހަނގުރާމަނުކުރުންހެއްޔެވެ؟

މި އެސައިންމެންޓުގައި އަޅުގަނޑު މަސައްކަތްކުރާނީ މި ސުވާލުތަކުގެ ޖަވާބު ހޯދޭތޯއެވެ. އެގޮތުން މުސްލިމުންނާ ތަފާތު ދީންތަކުގެ މީހުންނާ މުޢާމަލާތްކުރުމުގައި އޮންނަ، އިސްލާމީ އެންގުންތައް ޚުލާޞާ ކޮށްލާނަމަ، އެކަމަށް އެންމެ އެކަށީގެންވަނީ ޤުރުއާނުގައިވާ ދެ އާޔަތެއް ބަޔާންކޮށްލުމެވެ. މި ދެއާޔަތަކީ މި މައްސަލާގައި ތަބާވާންޖެހޭ ޝާމިލު ދުސްތޫރެއްފަދަ ދެ އާޔަތެވެ.

އެ ދެއާޔަތަކީ : {لَا يَنْهَاكُمُ اللَّـهُ عَنِ الَّذِينَ لَمْ يُقَاتِلُوكُمْ فِي الدِّينِ وَلَمْ يُخْرِ‌جُوكُم مِّن دِيَارِ‌كُمْ أَن تَبَرُّ‌وهُمْ وَتُقْسِطُوا إِلَيْهِمْ ۚ إِنَّ اللَّـهَ يُحِبُّ الْمُقْسِطِينَ * إِنَّمَا يَنْهَاكُمُ اللَّـهُ عَنِ الَّذِينَ قَاتَلُوكُمْ فِي الدِّينِ وَأَخْرَ‌جُوكُم مِّن دِيَارِ‌كُمْ وَظَاهَرُ‌وا عَلَىٰ إِخْرَ‌اجِكُمْ أَن تَوَلَّوْهُمْ ۚ وَمَن يَتَوَلَّهُمْ فَأُولَـٰئِكَ هُمُ الظَّالِمُونَ} (އަލްމުމްތަޙިނާ:8،9) " ތިޔަބައިމީހުންގެ دين އާހުރެ، ތިޔަބައިމީހުންނާ ހަނގުރާމަނުކުރާ، އަދި ތިޔަބައިމީހުންގެ ގޮވަތި ގެދޮރުން ތިޔަބައިމީހުން ބޭރުކޮށްނުލާ މީހުންނަށް ތިޔަބައިމީހުން ހެޔޮކޮށްހިތައި، އަދި އެއުރެންނަށް عدل ވެރިގޮތުގައި ކަންތައް ކުރުން، اللَّه ތިޔަބައިމީހުންނަކަށް މަނައެއް ނުކުރައްވަތެވެ. ހަމަކަށަވަރުން، عدل ވެރިންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ. * اللَّه، ތިޔަބައިމީހުންނަށް މަނާކުރައްވާކަން ކަށަވަރީ، ތިޔަބައިމީހުންގެ دين އާހުރެ ތިޔަބައިމީހުންނާ ހަނގުރާމަކޮށް، އަދި ތިޔަބައިމީހުންގެ ގޮވަތިގެދޮރުން ތިޔަބައިމީހުން ނެރެލައި، އަދި ތިޔަބައިމީހުން ބޭރުކޮށްލުމަށް ވާގިވެރިވާ މީހުންނާ އެކުވެރިކަން ބެހެއްޓުމެވެ. އެއުރެންނާ އެކުވެރިކަން ބަހައްޓާ މީހުން (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ އަނިޔާވެރިންނެވެ. "

މިދެއާޔަތުގެ ތެރެއިން ފުރަތަމަ އާޔަތުގައި ގޮވާލާފައިވަނީ، މުސްލިމުންގެ ދީނުގެ ސަބަބުން މުސްލިމުންނާ ހަނގުރާމަނުކުރާ އަދި ގެދޮރުން ނެރެނުލާ، މާނައަކީ އެމީހުންނާ މުސްލިމުންނާ އެއްވެސް އަދާވާތްތެރިކަމެއް ނެތް ޣައިރު މުސްލިމުންނާ، މުއާމަލާތްކުރުމުގައި ހަމައެކަނި އަދުލުވެރިވުމަކަށް ނޫނެވެ. އަދިކިއެއްތަ! އެ އާޔަތް ގޮވާލާ ބާރުއަޅާފައިވަނީ އެމީހުންނަށް ހެޔޮކޮށް ހިތައި އިހްސާންތެރިވުމަށެވެ. އާޔަތުގައި އެވާ 'ބިއްރު' އަކީ ހެޔޮކޮށް ހިތުމުގައި ބޮޑަށް ހިތުމުގެ މާނަދޭހަވާ ލަފްޒެކެވެ. އަދި އެއީ ޢަދުލުވެރިވުމަށްވުރެ މަތީގައިވާ ކަމެކެވެ. އަދި މި ކަލިމައަކީ، އިންސާނަކަށްޓަކައި މުސްލިމެއްގެ މައްޗަށް ވާޖިބުވެފައިވާ އެންމެ ބޮޑު ޙައްޤުކަމުގައިވާ، މައިންބަފައިންގެ ޙައްޤު،  ސިފަކުރަން މުސްލިމުން ބޭނުންކޮށް އުޅޭ ލަފްޒެވެ. އާދެ! އެއީ ' ބިއްރުލް ވާލިދައިން' އެވެ.

މިއާޔަތުގައި މިފަދައިން، ޣައިރު މުސްލިމުންނަށް ހެޔޮކޮށް ހިތުމަށް ބާރުއަޅާފައިވެޔޭ އަހަރެން މި ބުނަނީ، އާޔަތުގެ ފަހު ބައިގައި { إن الله يحب المقسطين } އޮތުމުންނެވެ. މާނައަކީ އިންސާފަށް ލޯބިކުރާ އަދުލުވެރިން ދެކެ ﷲ ލޯބިވެވޮޑިގަންނަވައޭ އޮތުމުން އޭގެ ތެރޭގައި އެމީހުންނަށް ހެޔޮކޮށް ހިތާ މީހުންދެކެވެސް ﷲ ލޯބިވެވޮޑިގަންނަވާކަން ހާމަވެއެވެ.

" ހެޔޮކޮށްހިތައި، އަދި އެއުރެންނަށް عدل ވެރިގޮތުގައި ކަންތައް ކުރުން، اللَّه ތިޔަބައިމީހުންނަކަށް މަނައެއް ނުކުރައްވަތެވެ." މިހެން މި އާޔަތުގައި އޮތުމުގެ މާނައަކީ އެއީ ކުރަން ބާރުއަޅާފައިވާ، އަދި އެދެވިގެންވާ ކަމަކަށް ނުވާ ވާހަކައެއް ނޫނެވެ. އެހެނީ އާޔަތުގައި މި މޭރުމުން އޮތީ، އެއީ ޣައިރު މުސްލިމުންނަށް ޢަދުލުވެރިވެ އަދި އެމީހުންނަށް ހެޔޮކޮށް ހިތުމަކީ ދީނުގައި މަނާކަމެއްކަމަށް ހީކޮށްފާނެ މީހެއްގެ، އެ ކުށްހީ ދުރުކޮށްލުމަށްޓަކައެވެ.

ކުރިން އުޅުނު ބައެއް މުސްލިމުންގެ ހިތަށް އެހެން އަރާ ފަދައިން މިހާރުގެ ބައެއް މުސްލިމުންނަށްވެސް، އެއީ މަނާކަމެއްހެން ހީވެއެވެ. ބައެއް މުސްލިމުން މިއަދު ދެކެނީ ޣައިރު މުސްލިމެއްވިއްޔާ އޭނާއަށް ލިބެންޖެހޭ އަދުލުވެރިކަމެއް ނޯންނާނެއެވެ. އޭނާއަށް އަނިޔާވެރިވިޔަސް އެއީ އެންމެ ރަނގަޅު ކަމެކެވެ. އަދި އެފަދަ މީހަކު ދެކެ ލޯބިވުމާއި، ހެޔޮކޮށް ހިތައި ހިނިތުންވާ މޫނަކައިގެން މުއާމަލާތްކުރުމަކީ، އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ. މިފަދަ ހީތައް މުސްލިމުން ކޮށްފާނެކަމަށްޓަކައި މިއާޔަތުގައި ވަނީ "އެއީ މަނާކުރައްވާ ކަމެއް ނޫންކަމަށެވެ." އަދި މިއާޔަތުގައި މާތް ﷲ ބަޔާންކުރައްވަނީ ހެޔޮކޮށް ހިތައި ލޯބިވެ، ގުޅުން ބޭއްވުން ޙަރާމްވެގެންވަނީ މުސްލިމުންނާ ފާޅުވެގެންވާ ޢަދާވާތްތެރިކަމެއް އޮތް ޣައިރު މުސްލިމުންނާ ކަމެވެ.

މިއާޔަތުގައިވާފަދަފަދަ ޢިބާރާތެއް، ޞަފާ މަރުވާއާ ދެމެދު ހިނގުމާ ބެހޭގޮތުންވެސް ޤުރުއާނުގައި އައިސްފައި އެބައޮތެވެ. އެއީ ޖާހިލިއްޔަ ޒަމާނުގައި އޮތް ބައެއް އާދަތަކެއްގެ ސަބަބުން، އިސްލާމްވުމަށްފަހުވެސް އެ ދެ ފަރުބަދަ ދެމެދު ހިނގުމަކީ ރަނގަޅު ކަމެއްކަމަށް ވެދާނެތޯ، ބައެއް ޞަޙާބީންގެ ހިތްޕުޅުގައި ސުވާލު އުފެދުނީމާ ބާވައިލެއްވި އާޔަތެކެވެ. { فَمَنْ حَجَّ الْبَيْتَ أَوِ اعْتَمَرَ‌ فَلَا جُنَاحَ عَلَيْهِ أَن يَطَّوَّفَ بِهِمَا } (ބަޤަރާ:158)" ފަހެ، ގެފުޅަށްގޮސް حج ވާ މީހާ ނުވަތަ عمرة ވާ މީހާ، އެ ދެތާނގައި ހިނގައި سعى ކުރުމަކުން އެމީހާގެ މައްޗަކަށް ކުށެއްނެތެވެ. " ފަހެ މިއާޔަތުގައި 'ކުށެއް ނެތޭ" އޮތުމުގެ މާނައަކީ އެއީ ކުށެއްކަމަށް ހީކުރި މީހެއްގެ ހިތުން އެކުށްހީ ފިލުވައިލުމެވެ. އެހެނީ އެދެމެދުގައި ހިނގުމަކީ ޙައްޖުގައި އަޅުކަމުގެ ތެރެއިންވާ ވާޖިބެކެވެ.

އަހުލުކިތާބީންނަށް ޚާއްޞަ ނަޒަރެއް:

ކޮންމެ ދީނެއްގެ މީހެއްކަމުގައި ވިޔަސް، އަދި އެއީ މި ދެއާޔަތް އެބަޔަކާ މެދު ބާވައިލެއްވުނު ޢަރަބީންގެ ތެރޭގައި ތިބި ބުދަށް އަޅުކަންކުރާ މުޝްރިކެއް ކަމުގައިވިޔަސް، އެމީހަކާމެދު ހެޔޮކޮށް ހިތައި އިންސާފުވެރިވުމަކީ ދީނުގައި ނަހީކުރެވިފައިވާ ކަމެއް ނޫނެވެ. ނަމަވެސް އަހުލުކިތާބީންނަށް -ޔަހޫދީންނައި ނަޞާރާއިންނަށް- އިސްލާމްދީން ބަލަނީ ޚާއްޞަ ނަޒަރަކުންނެވެ. އެމީހުން އެއީ އިސްލާމުންގެ ރަށެއްގައި ތިބި ބަޔަކު ކަމުގައި ވިޔަސް ނުވަތަ ބޭރުގައި ތިބި ބަޔަކު ކަމުގައިވިޔަސް މެއެވެ.

"އޭ އަހުލުކިތާބީން" ނޭ ، ނުވަތަ "އޭ ފޮތް ދެއްވި  މީހުންނޭ" މިފަދަ އިބާރާތަކުން މެނުވީ، ކީރިތި ޤުރުއާނުގައި އެމީހުންނާ މުޚާޠަބު ނުކުރެވެއެވެ. މިއިން އިޝާރާތްކުރަނީ، އެމީހުންނަކީ އަސްލުގައި ސަމާވީ ދީނެއްގެ ވެރިބައެއްކަމެވެ. ވީމާ އެމީހުންނާއި މުސްލިމުންނާ ދެމެދު 'ރަޙިމުގެ ގުޅުމެއް'  އަދި 'ތިމާގެކަމެއް' އެބަ ވެއެވެ. އެއީ ދެ ބައިމީހުންގެވެސް ދީނުގެ އުޞޫލުތަކުގެ ތެރޭގައި އެއްގޮތް ކަންތަކެއް ވާތީއެވެ. މާތް ﷲ ފޮނުއްވި ހުރިހާ ނަބީންވެސް ގޮވާލެއްވީ އެއް ކަންތަކަކަށެވެ. އެއީ {شَرَ‌عَ لَكُم مِّنَ الدِّينِ مَا وَصَّىٰ بِهِ نُوحًا وَالَّذِي أَوْحَيْنَا إِلَيْكَ وَمَا وَصَّيْنَا بِهِ إِبْرَ‌اهِيمَ وَمُوسَىٰ وَعِيسَىٰ ۖ أَنْ أَقِيمُوا الدِّينَ وَلَا تَتَفَرَّ‌قُوا فِيهِ} "ތިޔަބައިމީހުންނަށްޓަކައި، އެކަލާނގެ شرع ކުރެއްވި دين އަކީ، އެކަލާނގެ نوح ގެފާނަށް وصية ކުރެއްވި دين އެވެ. އަދި ތިމަންރަސްކަލާނގެ ކަލޭގެފާނަށް وحى ކުރެއްވި دين އެވެ. އަދި إبراهيم ގެފާނަށާއި، موسى ގެފާނަށާއި، عيسى ގެފާނަށް وصية ކުރެއްވި دين އެވެ. (އެ وصية އަކީ) ތިޔަބައިމީހުން دين قائم ކުރާށެވެ! އަދި އޭގައި ތިޔަބައިމީހުން ބައިބައިނުވާހުށިކަމެވެ! " (ޝޫރާ:13)

މުސްލިމުންނަށް އަމުރުވެވިގެންވަނީ، މާތް ﷲ ބާވައިލެއްވި ހުރިހާ ފޮތަކަށާއި އަދި ހުރިހާ ރަސޫލުންނަށް އީމާންވުމަށެވެ. މިއާ ނުލާ އެމީހުންގެ އީމާންކަން ފުރިހަމައެއް ނުވާނެއެވެ. {قُولُوا آمَنَّا بِاللَّـهِ وَمَا أُنزِلَ إِلَيْنَا وَمَا أُنزِلَ إِلَىٰ إِبْرَ‌اهِيمَ وَإِسْمَاعِيلَ وَإِسْحَاقَ وَيَعْقُوبَ وَالْأَسْبَاطِ وَمَا أُوتِيَ مُوسَىٰ وَعِيسَىٰ وَمَا أُوتِيَ النَّبِيُّونَ مِن رَّ‌بِّهِمْ لَا نُفَرِّ‌قُ بَيْنَ أَحَدٍ مِّنْهُمْ وَنَحْنُ لَهُ مُسْلِمُونَ} "ތިޔަބައިމީހުން ބުނާށެވެ! ތިމަންމެން اللَّه އަށާއި ތިމަންމެންނަށް ބާވައިލައްވައިފައިވާ ފޮތަށާއި އަދި إبراهيم ގެފާނަށާއި إسماعيل ގެފާނަށާއި إسحاق ގެފާނަށާއި، يعقوب ގެފާނަށާއި يعقوب ގެފާނުގެ أسباط ންނަށް ބާވައިލައްވައިފައިވާ ފޮތްފޮތަށާއި އަދި موسى ގެފާނަށާއި عيسى ގެފާނަށް ދެއްވާފައިވާ ފޮތަށާއި އަދި (އެހެނިހެން) ނަބިއްޔުންނަށް، އެބޭކަލުންގެ ވެރިރަސްކަލާނގެ حضرة ން ދެއްވާފައިވާ ފޮތްފޮތަށް إيمان ވީމުއެވެ. ތިމަންމެން އެއިން އެއްވެސް ބޭކަލަކާމެދު ތަފާތެއް ނުކުރަމުއެވެ. އަދި ތިމަންމެންނީ، އެކަލާނގެއަށް ކިޔަމަންވެގެންތިބި ބަޔަކީމުއެވެ. " (ބަޤަރާ:136)

އަހުލުކިތާބީން ކީރިތި ޤުރުއާން ބަލައިފިއްޔާ ފެންނާނީ، ޤުރުއާނުގައި އެމީހުންގެ އަސްލު ފޮތްތަކަށާއި އެމީހުންގެ ރަސޫލުބޭކަލުންނާއި ނަބީބޭކަލުންނަށް ސަނާ ކިޔައި ތަޢްރީފުކޮށްފައިވާތަނެވެ. އަދި އަމުރުކުރައްވާފައިވާތަން ފެންނާނީ، މުސްލިމުން އަހުލުކިތާބީންނާ ޖަދަލުކޮށް ބަހުސްކުރާނަމަވެސް، އެމީހުންގެ ހިތް ނުރުހޭނެ ފަދަ، އަދި އަދާވާތްތެރިކަން އުތުރޭނެފަދަ ބަހަކުން މުޚާޠަބު ނުކުރަން، މުސްލިމުންނަށް އަމުރުކުރައްވާފައިވާ ތަނެވެ.

{وَلَا تُجَادِلُوا أَهْلَ الْكِتَابِ إِلَّا بِالَّتِي هِيَ أَحْسَنُ إِلَّا الَّذِينَ ظَلَمُوا مِنْهُمْ ۖ وَقُولُوا آمَنَّا بِالَّذِي أُنزِلَ إِلَيْنَا وَأُنزِلَ إِلَيْكُمْ وَإِلَـٰهُنَا وَإِلَـٰهُكُمْ وَاحِدٌ وَنَحْنُ لَهُ مُسْلِمُونَ} "ރިވެތިވެގެންވާ ގޮތުގައި މެނުވީ ތިޔަބައިމީހުން ފޮތުގެ أهل ވެރިންނާ جدل ނުކުރާށެވެ! އެއުރެންގެ ތެރެއިން އަނިޔާވެރިވެގެންވާ މީހުން ފިޔަވައި އެހެން މީހުންނަށެވެ. އަދި ތިމަންމެންނަށް ބާވައިލެއްވި ފޮތަށާއި، ތިޔަބައިމީހުންނަށް ބާވައިލެއްވި ފޮތަށް ތިމަންމެން إيمان ވެއްޖައީމޭ ތިޔަބައިމީހުން ބުނާށެވެ! ތިމަންމެންގެ إله އަކީވެސް، އަދި ތިޔަބައިމީހުންގެ إله އަކީވެސް އެއް إله އެކެވެ. އަދި ތިމަންމެން އެކަލާނގެއަށް ކިޔަމަންވެ، إسلام ވަމުއެވެ. " (ޢަންކަބޫތު:46)

ހަމަ މިބީދައިން އިސްލާމްދީނުގައި، އަހުލުކިތާބީންނާ އެކު ކެއުމާއި އެމީހުނ ކަތިލާއެއްޗެހި ކެއުން ހުއްދަކޮށްފައިވާތަން ވެސް އަހަރެމެންނަށް ފެންނަން އެބައޮތެވެ. ހަމަ އެހެންމެ، ކައިވެންޏަކީ އޭގައި ރަޙްމަތާއި ލޯތްބާއި ކުލުނު ހިމެނިގެންވާ އެއްޗަކަށް ވާއިރުވެސް، އެމީހުންގެ އަންހެނުންނާ ކައިވެނިކުރުން ދީނުގައި ހުއްކުރައްވާފައި އެބަ އޮތެވެ. {الْيَوْمَ أُحِلَّ لَكُمُ الطَّيِّبَاتُ ۖ وَطَعَامُ الَّذِينَ أُوتُوا الْكِتَابَ حِلٌّ لَّكُمْ وَطَعَامُكُمْ حِلٌّ لَّهُمْ ۖ وَالْمُحْصَنَاتُ مِنَ الْمُؤْمِنَاتِ وَالْمُحْصَنَاتُ مِنَ الَّذِينَ أُوتُوا الْكِتَابَ مِن قَبْلِكُمْ} "މިއަދު ތިޔަބައިމީހުންނަށް ރަނގަޅު ތަކެތި حلال ކުރައްވައިފިއެވެ. އަދި ފޮތް ލިބުނު މީހުންގެ ކާނާވެސް ތިޔަބައިމީހުންނަށް حلال ވެގެންވެއެވެ. އަދި ތިޔަބައިމީހުންގެ ކާނާ އެއުރެންނަށް حلال ވެގެންވެއެވެ. عفة ތެރިި مؤمن އަންހެނުންނާއި، ތިޔަބައިމީހުންގެ ކުރިން ފޮތް ލިބުނު މީހުންގެ ތެރެއިން މިނިވަން އަންހެނުން ތިޔަބައިމީހުންނަށް حلال ވެގެންވެއެވެ. " (މާއިދާ:5)

އެއީ އާއްމުކޮށް އަހުލުކިތާބީންގެ ވާހަކައެވެ. ދެން އޭގެ ތެރެއިން ނަޞާރާއިންނަށް ބަލާލާ ކަމަށްވަންޏާ، ޤުރުއާނުގައި ވަނީ ނަޞާރާއިންނަށް ޚާއްޞަ މަޤާމެއް ދީފައެވެ. މުސްލިމުންނާ އެންމެ ގާތް ބަޔަކީ އެއީކަމުގައި ސިފަކުރައްވާފައެވެ. {وَلَتَجِدَنَّ أَقْرَ‌بَهُم مَّوَدَّةً لِّلَّذِينَ آمَنُوا الَّذِينَ قَالُوا إِنَّا نَصَارَ‌ىٰ ۚ ذَٰلِكَ بِأَنَّ مِنْهُمْ قِسِّيسِينَ وَرُ‌هْبَانًا وَأَنَّهُمْ لَا يَسْتَكْبِرُ‌ونَ} "އަދި إيمان ވި މީހުންނަށް، މީސްތަކުންކުރެ رحمة ތެރިކަމުގެ ގޮތުން އެންމެ ގާތްބަޔަކީ، ތިމަންމެންނީ نصارى އިންނޭ ބުނި މީހުން ކަމުގައި ހަމަކަށަވަރުން، ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ. އެއީ ހަމަކަށަވަރުން، އެއުރެންގެ ތެރެއިން ފާދިރީންނާއި، އަޅުވެރި راهب ން ވާކަމަށްޓަކައެވެ. އަދި ހަމަކަށަވަރުން، އެއުރެންނީ ބޮޑާވެނުގަންނަ ބަޔަކު ކަމުގައިވެސް ވާކަމަށްޓަކައެވެ. " (މާއިދާ: 82)

އަހުލުއް ޛިއްމާ:

އިސްވެ ބުނުވުނު ވާހަކައަކީ، ކޮންމެ ތަނެއްގައިވާ އަހުލުކިތާބީން ކަމަށް ވިޔަސް، ޢާއްމުކޮށް އަހުލުކިތާބީންނާ މެދު ކަންތައް ކުރަންޖެހޭ ގޮތެވެ. ނަމަވެސް އިސްލާމީ ދައުލަތުގައި އުޅޭ އަހުލުކިތާނީންނަށް އަދި ވަކިން ޚާއްޞަ ގޮތެއް އިސްލާމްދީނުގައި ބަހައްޓައެވެ. މިމީހުންނަށް މުސްލިމުންގެ އިޞްޠިލާޙުގައި ދެވިފައިވާ ނަމަކީ 'އަހުލުއްޛިއްމާ' ނުވަތަ ޛިއްމީންނެވެ. ޛިއްމާގެ މާނައަކީ ޢަހުދެވެ. މިކަލިމައިން ދޭހަކޮށްދެނީ، އެމީހުންނަކީ މާތް ﷲ އާއި އެކަލާނގެ ރަސޫލާއާއި އަދި މުސްލިމް ޖަމާޢަތުގެ ޚާއްޞަ ޢަހުދެއް ދެވިފައިވާ ބައެއްކަމެވެ. އެއީ މުސްލިމުންގެ ހިޔާވަހިކަމުގެ ދަށުގައި އަމާންކަމާއި ހިތްހަމަޖެހުމާއެކު އުޅުމުގެ ޔަޤީންކަން ދެވޭ ޢަހުދެކެވެ.

ޛިއްމީންނަކީ މި ތަމާނުގެ ބަހުރުވައިންނަމަ ހަމަ ރަށުގެ މުވާޠިނުންނެވެ. އެންމެ އިހުއްސުރެ މިއަދާ ހަމައަށްވެސް މުސްލިމުން އިޖްމާޢުވާ ގޮތުގައި، ދީނާއި ޢަޤީދާއާ ގުޅުންހުރި ކަންކަން އިސްތިސްނާކޮށްފައި އެހެން ހުރިހާ ކަމެއްގައި ، ހަމަ މުސްލިމުންނަށް ވެސް ލިބިގެންވާ ޙައްޤުތައް ޛިއްމީންނަށް ލިބިގެންވެއެވެ. އަދި މުސްލިމުންގެ މައްޗަށް ވާޖިބުވާ އެންމެހާ ކަމެއް އެމީހުންގެ މައްޗަށްވެސް ވާޖިބުވެގެންވެއެވެ.

ކިރިތި ރަސޫލާ –ޞައްލަﷲ ޢަލައިހި ވަސައްލަމަ- ވަނީ އަހުލުއް ޛިއްމާއިންނަށް ހެޔޮކޮށް ހިތުމަށް ވަރަށް ވަރުގަދައަށް ވަޞިއްޔަތްކުރައްވާފައެވެ. އަދި އެ ވަޞިއްޔަތާ ޚިލާފުވާ މީހަކަށް ﷲގެ ކޯފާއާއި ޢަޒާބު ހައްޤުވެގެންވާކަންވެސް ބަޔާންކުރައްވާފައެވެ. މިގޮތުން ކުރެއްވި މާތް ޙަދީޘްބަސްފުޅެއްގައި ވިދާޅުވީ: {من آذى ذميا فأنا خصمه ومن كنت خصمه، خصمته يوم القيامة} ޛިއްމީއަށް ގެއްލުންދީ އުނދަގޫކޮށްފި މީހެއްގެ ޚަޞްމެއްކަމުގައި ތިމަންކަލޭގެފާނު ވަމެވެ. އަދި އެމީހެއްގެ ޚަޞްމެއްކަމުގައި ތިމަންކަލޭގެފާނު ވާ މީހާގެ އަތުން، ޤިޔާމަތްދުވަހު އެ ޙައްޤު އަތުލައްވާނަމެވެ."

އަދި އެހެން ޙަދީޘެއްގައިވަނީ: {من ظلم معاهدا، أو انتقصه حقا، أو كلفه فوق طاقته، أو أخذ منه شيئا بغير طيب نفس منه، فأنا حجيجه يوم القيامة} "މުޢާހިދަކަށް އަނިޔާވެރިވެ، ނުވަތަ ޙައްޤެއް އުނިކޮށް، ނުވަތަ ނުކުޅަދާނަވާ ވަރުގެ ކަމެއް ކުރަންޖައްސައި، ނުވަތަ އޭނާގެ ރުހުމަކާ ނުލާ އެއްޗެއް އަތުލައިފި މީހާއާ، ޤިޔާމަތް ދުވަހުން ތިމަންކަލޭގެފާނު ދަޢްވާކުރައްވާނަމެވެ."

ކަން މިހެން އޮތުމުން ކިރިތި ރަސޫލާގެ ޚަލީފާއިންވެސް، ޛިއްމީންގެ މި ޙައްޤުތަކަށް ރައްކަތެރިވެ، މުސްލިމް ދައުލަތުގެ މި ޣައިރު މުސްލިމް މުވާޠިނުންގެ ޙުރުމަތްތަކަށް ރައްކާތެރިވެޑައިގަތެވެ. އަދި ފިޤުހީ ތަފާތު މަޛްހަބްތަކުގެ ފިޤުހުވެރިންވެސް، މި ޙައްޤުތަކާއި ޙުރުމަތްތަކަށް، ބާރުއަޅުއްވާ ކަށަވަރުކަން ދެއްވާފައިވެއެވެ.

މާލިކީ ފިޤުހުވެރިޔާ، ޝިހާބުއްދީން އަލްޤަރާފީ ވިދާޅުވެފައިވަނީ: "ޛިއްމީންގެ ޢަޤުދުގެ ސަބަބުން އަހަރެމެންގެ މައްޗަށް ކަންތައްތަކެއް ވާޖިބުވެއެވެ. އެހެނީ އެމީހުންނަކީ އަހަރެމެންގެ ރައްކާތެރިކަމުގެ ދަށުގައިވާ، މާތް ﷲ އާއި އެކަލާނގެ ރަސޫލާއާއި އަދި އިސްލާމްދީނުގެ ޢަހުދެއް ދެވިފައިވާ ބައެކެވެ. ވީމާ އެންމެ ކަލިމައަކުންވެސް އެއިން މީހަކަށް އަނިޔާވެރިވެ، ނުވަތަ އެއިން މީހެއްގެ އަބުރަށް ހުތުރުވާފަދަ ޣީބައެއް ބުނެ، ނުވަތަ އެއްވެސް ކަހަލަ އުނދަގުލެއްކޮށް ނުވަތަ އެފަދަ ކަމަކަށް އެހީތެރިވެއްޖެ މީހަކީ، ﷲ އާއި އެކަލަނގެ ރަސޫލާއާއި އިސްލާމްދީނުގެ ޢަހުދު ނަގައިލި މީހެކެވެ."

ޡާހިރީ ފިޤުހުވެރިޔާ، އިބްނު ޙަޛްމު ވިދާޅުވަނީ: "އަހުލުއްޒިއްމާގެ ބަޔަކު އަހަރެމެންގެ ތެރޭގައި ތިއްބާ، ޙަރުބީންގެ މީހުން އަހަރެމެންގެ ރަށަށް އައިސް އެމީހުންނާ ދިމާކޮށްލައިފިނަމަ، އެމީހުންގެ ދިފާޢުގައި އަހަރެމެން ހަތިޔާރާއިގެން ނުކުތުމަކީ ވާޖިބުވެގެންވާ ކަމެކެވެ. ﷲ އާއި ރަސޫލާގެ ޒިއްމާ ދެވިފައިވާ ބަޔަކުގެ ދިފާޢުގައި އަހަރެމެން ޖެހޭނީ މަރުވާންޖެހިއްޖެނަމަ މަރުވާށެވެ. އެހެނީ އެހެން ކަންތައް ނުކޮށް، އެމީހުން ޢަދުއްވުންނާ ހަވާލުކޮށްފިނަމަ އެއީ ޛިއްމާގެ ޢަޤުދަށް ވެވޭ އިހުމާލެކެވެ."

ޣައިރު މުސްލިމުންނާ އެކުވެރިވުމާއި އޭގެ މާނަ:

ބައެއް މީހުންގެ ހިތުގައި އުފެދިދާނެ، ނުވަތަ ބައެއް ދޫ ތަކުން ބުނެވޭ ސުވާލެއް އޮވެއެވެ. އެއީ:

ޣައިރު މުސްލިމުންނަށް ހެޔޮކޮށް ހިތުމާއި ލޯބިވުމާއި ހެޔޮގޮތުގައި އެކީ އުޅުމަކީ ކިހިނަކުން ވާނެކަމެއްހެއްޔެވެ؟ އެހެނީ ސިދާ ޤުރުއާނުގައި ވަނީ، ކާފަރުން ދެކެ ލޯބިވުމާއި އެމީހުންނާ ގުޅި ބައިވެރިވުމާއި، އަދި އެކުވެރިން ކަމުގައި ހެދުން، ކަނޑައެޅިގެން ނަހީކޮށްފައެވެ. މިސާލަކަށް މިއާޔަތުގައި މިފާފަދައިންނެވެ: {يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا الْيَهُودَ وَالنَّصَارَ‌ىٰ أَوْلِيَاءَ ۘ بَعْضُهُمْ أَوْلِيَاءُ بَعْضٍ ۚ وَمَن يَتَوَلَّهُم مِّنكُمْ فَإِنَّهُ مِنْهُمْ ۗ إِنَّ اللَّـهَ لَا يَهْدِي الْقَوْمَ الظَّالِمِينَ * فَتَرَ‌ى الَّذِينَ فِي قُلُوبِهِم مَّرَ‌ضٌ يُسَارِ‌عُونَ فِيهِمْ } "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން يهودى ންނާއި، نصارى އިން (އެއީ) އެކުވެރިން ކަމުގައި ނުބަލާށެވެ! އެއުރެންގެ ތެރެއިން އެއްބަޔަކީ އަނެއްބަޔެއްގެ އެކުވެރިންނެވެ. ތިޔަބައިމީހުންގެ ތެރެއިން އެއުރެން އެކުވެރިން ކަމުގައި ބަލައިފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެއީ، އެއުރެންގެ ތެރެއިންވާ މީހެކެވެ. ހަމަކަށަވަރުން، އަނިޔާވެރި ބަޔަކަށް اللَّه ތެދުމަގެއް ނުދައްކަވާނެތެވެ. ފަހެ، އެއުރެންގެ ހިތުގައި ބަލިމަޑުކަމެއް ހުންނަމީހުން (އެބަހީ: شك އާއި نفاق ގެ ބަލިހުންނަ މީހުން) އެއުރެންގެ އެކުވެރިކަން ލިބިގަތުމަށް އަވަސްވެގަންނާތީ، ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ. " (މާއިދާ:51،52)

މި ސުވާލުގެ ޖަވާބަކީ، މިއާޔަތްތަކަކީ މުޠްލަޤުކޮށް ނެގޭނެ އެއްޗެއް ނޫނެވެ. އަދި މިއާޔަތުގައި ހުރިހާ ޔަހޫދީންނާއި ހުރިހާ ނަޞާރާއިންނާއި ހުރިހާ ކާފަރުން ޝާމިލުވެފައެއް ނެތެވެ. މި ނޫން ގޮތަކަށް މި އާޔަތް ފަހުމުކޮށްފިނަމަ، އެއީ ކޮންމެ ދީނެއްގެ ބަޔަކު ކަމުގައި ވިޔަސް، ރަނގަޅު ހެޔޮ މީހުންނާ މެދު ހެޔޮކޮށް ހިތައި މުޢާމަލާތްކުރުމަށް އަންގަވާފައިވާ، އަދި އަހުލު ކިތާބީ އަންހެނުންނާ ކައިވެނިކުރުން ހުއްދަކުރާ، އެ އާއިލާތަކާ ކައިވެނީގެ ސަބަބުން އުފެދޭ އިޖްތިމާޢީ އަދި ޢާއިލީ ގުޅުންތައް ޤާއިމުކުރުން ހުއްދަކަން ދޭހަވާ  އެހެން އާޔަތްތަކާއި ނައްޞުތަކާ ކަލޭ ފުށުއަރާނެއެވެ. ކައިވެންޏާ ބެހޭގޮތުން ﷲ ވަޙީކުރައްވާފައިވަނީ: { وَجَعَلَ بَيْنَكُم مَّوَدَّةً وَرَ‌حْمَةً ۚ} " އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވިއެވެ. " (ރޫމް:21)

އަދިވެސް ވަޙީކުރައްވާފައިވަނީ: { وَلَتَجِدَنَّ أَقْرَ‌بَهُم مَّوَدَّةً لِّلَّذِينَ آمَنُوا الَّذِينَ قَالُوا إِنَّا نَصَارَ‌ىٰ } "އަދި إيمان ވި މީހުންނަށް، މީސްތަކުންކުރެ رحمة ތެރިކަމުގެ ގޮތުން އެންމެ ގާތްބަޔަކީ، ތިމަންމެންނީ نصارى އިންނޭ ބުނި މީހުން ކަމުގައި ހަމަކަށަވަރުން، ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ." (މާއިދާ:82)

ވީމާ އެ އާޔަތްތައް އައިސްފައިވަނީ އިސްލާމްދީނާ ޢަދާވާތްތެރިވެގެން ތިބި، މުސްލިމުންނާ ހަނގުރާމަކުރާ ބަޔަކާ ބެހޭގޮތުންކަން، އެބަ ހާމަވެއެވެ. މިފަދަ ހާލަތެއްގައި މިފަދަ ޣައިރު މުސްލިމުންނާ ގުޅުން ބާއްވައި އެކުވެރިވެ އެހީތެރިވުމަކީ، ހުއްދަ ކަމަކަށް ނުވާނެކަމާމެދު ޝައްކެއް ނެތެވެ. 'މުވާލާތް' (އެކުވެރިވުން) އަދި 'ބިޠާނާ" (ސިއްރު ކިޔައިދޭ ގާތްއެކުވެރިން) ކަމުގައި ހެދުމަކީ، އަދި އަމިއްލަ ޖަމާޢަތާއި ދީނުގެ މަޞްލަޙަތު ދޫކޮށްފައި އެމީހުންނާ އެއްބައިވުމުގެ މާނައަކީ އެއީއެވެ. މިވާހަކަ ސާފުކޮށްދޭ އެހެން އާޔަތެއްވެސް ޤުރުއާނުގައި އެބަ އޮތެވެ: {يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا بِطَانَةً مِّن دُونِكُمْ لَا يَأْلُونَكُمْ خَبَالًا وَدُّوا مَا عَنِتُّمْ قَدْ بَدَتِ الْبَغْضَاءُ مِنْ أَفْوَاهِهِمْ وَمَا تُخْفِي صُدُورُ‌هُمْ أَكْبَرُ‌ ۚ قَدْ بَيَّنَّا لَكُمُ الْآيَاتِ ۖ إِن كُنتُمْ تَعْقِلُونَ ﴿ ١١٨﴾ هَا أَنتُمْ أُولَاءِ تُحِبُّونَهُمْ وَلَا يُحِبُّونَكُمْ } "އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ނޫން މީހުންގެ ތެރެއިން ގާތް އެކުވެރިން ތިޔަބައިމީހުން ނުހޯދާށެވެ! (އެހެނީ) ތިޔަބައިމީހުންގެ ކަންތައް فساد ކުރުމުގައި، އެއުރެން ދުލެއް ނުދޭނެއެވެ. އެއުރެން އެދެނީ، ތިޔަބައިމީހުންނަށް ދަތިވެ އުނދަގޫވުމެވެ. ހަމަކަށަވަރުން، އެއުރެންގެ އަނގައިން ފާޅުވީ ރުޅިވެރިކަމެވެ. އަދި، އެއުރެންގެ ހިތްތަކުގައި ފޮރުވިފައިވާ ކަންތައް މާބޮޑެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށްޓަކައި، آية ތައް ބަޔާންކޮށް ދެއްވީމެވެ. ތިޔަބައިމީހުން ވިސްނާ ބަޔަކުކަމުގައި ވީނަމައެވެ. * ތިޔަބައިމީހުން، އެއުރެންދެކެ ތިޔަ ލޯބިވަނީއެވެ. އެއުރެން ތިޔަބައިމީހުންދެކެ ލޯތްބެއް ނުވެތެވެ. " (އާލަޢިމްރާން: 118،119)

އެކުވެރިވުމާއި ގާތްގުޅުން ބޭއްވުން ހުއްދަ ނޫން ޣައިރު މުސްލިމުންގެ ސިފަތައް މި އާޔަތުގައި އަހަރެމެންނަށް ބަޔާންކޮށްދެއްވާފައި އެބަވެއެވެ. އެމީހުންގެ ހިތްތަކުގައި ޢަދާވާތްތެރިކަމާއި ރުޅިވެރިކަން އޮތުމާއި، އެ ރުޅިވެރިކަން އެމީހުންގެ ޢަމަލާއި ބަހުން ފާޅުވެ ފެންނާނެ ވާހަކަ އެބަ އޮތެވެ.

އަދި މުޖާދިލާ ސޫރަތުގައި ވަޙީކުރައްވާފައިވަނީ: {لَّا تَجِدُ قَوْمًا يُؤْمِنُونَ بِاللَّـهِ وَالْيَوْمِ الْآخِرِ‌ يُوَادُّونَ مَنْ حَادَّ اللَّـهَ وَرَ‌سُولَهُ وَلَوْ كَانُوا آبَاءَهُمْ أَوْ أَبْنَاءَهُمْ أَوْ إِخْوَانَهُمْ أَوْ عَشِيرَ‌تَهُمْ ۚ} "اللَّه އަށާއި، آخرة ދުވަހަށް إيمان ވާ މީހުންނީ، اللَّه އާއި، އެކަލާނގެ رسول އާއަށް ދެކޮޅުވެރިވާ މީހުންނަށް ލޯބިކުރާ ބަޔަކުކަމުގައިވާތީ ތިބާ ނުދެކޭނޫއެވެ. އެއުރެންނީ، އެއުރެންގެ މައިންބަފައިން ކަމުގައިވިޔަސް، ނުވަތަ ދަރިން ކަމުގައި، ނުވަތަ أخ ން ކަމުގައި، ނުވަތަ ގާތްތިމާގެ މީހުންކަމުގައި ވިޔަސްމެއެވެ." (މުޖާދިލާ:22)

اللَّه އާއި، އެކަލާނގެ رسول އާއަށް ދެކޮޅުވެރިވުމަކީ އާދައިގެ ކުފުރެއް ނޫނެވެ. އެކަމަކު އެއީ އިސްލާމްދީނާއި މުސްލިމުންނާ ޢަދާވާތްތެރިވެގަނެ، ދެކޮޅުވުމެވެ. ވީމާ ހުރިހާ ކާފަރުންނަކީ މި އާޔަތުގައި ޤަޞްދުކުރެވޭ މާނައެއް ނޫނެވެ.

{ يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا عَدُوِّي وَعَدُوَّكُمْ أَوْلِيَاءَ تُلْقُونَ إِلَيْهِم بِالْمَوَدَّةِ وَقَدْ كَفَرُ‌وا بِمَا جَاءَكُم مِّنَ الْحَقِّ يُخْرِ‌جُونَ الرَّ‌سُولَ وَإِيَّاكُمْ} " އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިމަންރަސްކަލާނގެ عدوّ ންނާއި، އަދި ތިޔަބައިމީހުންގެ عدوّ ންނަކީ، އެހީތެރިންކަމުގައި ތިޔަބައިމީހުން ނުހިފާށެވެ! ތިޔަބައިމީހުން، އެއުރެންނަށް ލޯތްބާއި، އެކުވެރިކަން ހުށަހަޅަމުއެވެ. އަދި ތިޔަބައިމީހުންގެ ގާތަށްއައި حق دين އަށް އެއުރެންވަނީ كافر ވެފައެވެ. ތިޔަބައިމީހުންގެ ވެރި اللَّه އަށް ތިޔަބައިމީހުން إيمان ވާ ކަމަށްޓަކައި، އެއުރެން رسول އާއާއި، ތިޔަބައިމީހުން ރަށުން ބޭރުކޮށްލައެވެ." (މުމްތަޙިނާ:1)

މިއާޔަތް ބާވައިލެއްވުނީ، ﷲ އާއި އެކަލާނގެ ރަސޫލާއާ ހަނގުރާމަކުރި، އަދި ﷲ އަކީ އެއްކައުވަންތަ އިލާހުކަން ޤަބޫލުކުރުން ފިޔަވައި އެހެން އެއްވެސް ސަބަބެއް ނެތި ޙައްޤަކާ ނުލާ މުސްލިމުން އެމީހުންގެ ވަޒަނު ނެރެ ބެރުކުރި، މައްކާގެ މުޝްރިކުންނާ މެދުގައެވެ. އެއްވެސް ހާލެއްގައި މިފަދަ މީހުންނާ އެކުވެރިވެ އެހީތެރިން ކަމުގައި ބެލުމަކީ ހުއްދަ ކަމެއް ނޫނެވެ.

އަދި ކަންތައް މިހިސާބަށް ދިޔައީމާވެސް، ފަހުން ހާލަތު ބަދަލުވެ އެމީހުންނާ އޮންނަ ގުޅުން ރަނގަޅުވެދާނެ ކަމުގެ އުއްމީދު ގެއްލުވާ ނުލުމަށް އިރުޝާދު ދެއްވާފައިވާ އެހެން އާޔަތެއް ހަމަ މި ސޫރަތުގައި އެބަ އޮތެވެ. އެއީ {عَسَى اللَّـهُ أَن يَجْعَلَ بَيْنَكُمْ وَبَيْنَ الَّذِينَ عَادَيْتُم مِّنْهُم مَّوَدَّةً ۚ وَاللَّـهُ قَدِيرٌ‌ ۚ وَاللَّـهُ غَفُورٌ‌ رَّ‌حِيمٌ } " އެއުރެންކުރެ ތިޔަބައިމީހުން عداوة ތެރިވި މީހުންނާއި، ތިޔަބައިމީހުންނާ ދެމެދުގައި اللَّه އެކުވެރިކަން ލައްވައިފާށިއެވެ! اللَّه އީ، ކުޅަދުންވަންތަ ރަސްކަލާނގެއެވެ. އަދި اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ. " (މުމްތަޙިނާ:7 )

ޢަދާވާތްތެރިވާންޖެހޭ ޣައިރު މުސްލިމުންނާ ޢަދާވާތްތެރިވުމުގައިވެސް ހައްދުފަހަނައަޅައި ނުދިއުން ރަނގަޅުކަން މި އާޔަތުން އިޝާރާތް ލިބެއެވެ. ޙަދީޘް ބަސްފުޅެއްގެ މާނައިގައިވެސް ވަނީ: "ކަލޭގެ ޢަދުއްވު ދެކެ ރުޅި އަންނަލެއް އެހާ ބޮޑު ނުކުރާށެވެ. އެހެނީ ފަހަރެއްގާ ކޮންމެވެސް ދުވަހަކުން އެއީ ކަލޭގެ އެކުވެރިއެއްކަމުގައި ވެދާނެއެވެ."

ޢަދުއްވުންނަކީ ބާރުގަދަ އަދި އެމީހުންދެ ބިރުގަނެ އެމީހުންގެ ރުހުމަށް އެދެވޭ، އަދި މުނާފިޤުންނައި ހިތްތަކުގައި ބަލިކަމެއްވާ މީހުން، އެމީހުންނާ ގުޅި އެމީހުންގެ ވާގިވެރިކަން ހޯދައި، މުސްލިމުންނާ ދެކޮޅަށް ތެދުވެދާނެ ފަދަ ބައެއްނަމަ، އެމީހުންނާ ގާތް ގުޅުން ބާއްވައި އެކުވެރިވުމުގެ ޙަރާމްކަން އެހެންޏާއަށްވުރެ ބޮޑުވެއެވެ.  މާތް ﷲ ވަޙީކުރައްވަނީ: { فَتَرَ‌ى الَّذِينَ فِي قُلُوبِهِم مَّرَ‌ضٌ يُسَارِ‌عُونَ فِيهِمْ يَقُولُونَ نَخْشَىٰ أَن تُصِيبَنَا دَائِرَ‌ةٌ ۚ} " ފަހެ، އެއުރެންގެ ހިތުގައި ބަލިމަޑުކަމެއް ހުންނަމީހުން (އެބަހީ: شك އާއި نفاق ގެ ބަލިހުންނަ މީހުން) އެއުރެންގެ އެކުވެރިކަން ލިބިގަތުމަށް އަވަސްވެގަންނާތީ، ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ. އެއުރެން ބުނެތެވެ. ތިމަންމެންނަށް مصيبة އެއް ޖެހިދާނެކަމަށް ތިމަންމެން ބިރުގަނެތެވެ. " (މާއިދާ:52)

{ بَشِّرِ‌ الْمُنَافِقِينَ بِأَنَّ لَهُمْ عَذَابًا أَلِيمًا * الَّذِينَ يَتَّخِذُونَ الْكَافِرِ‌ينَ أَوْلِيَاءَ مِن دُونِ الْمُؤْمِنِينَ ۚ أَيَبْتَغُونَ عِندَهُمُ الْعِزَّةَ فَإِنَّ الْعِزَّةَ لِلَّـهِ جَمِيعًا} " ހަމަކަށަވަރުން، منافق ންނަށް ވޭންދެނިވި عذاب ހުރިކަމުގެ خبر ކަލޭގެފާނު އެއުރެންނަށް ދެއްވާށެވެ! * އެއުރެންނީ، مؤمن ން ފިޔަވައި، كافر ން އެއީ އެހީތެރިން ކަމުގައި ބަލައިގެން އުޅޭ މީހުންނެވެ. އެ كافر ންގެ ގާތުން عزّة ލިބިގަތުމަށް އެއުރެން އެދެނީހެއްޔެވެ؟ ފަހެ، ހަމަކަށަވަރުން އެންމެހައި عزّة މިލްކުވެގެންވަނީ اللَّه އަށެވެ. " (ނިސާ:138،139)

މުސްލިމުން ޣައިރުމުސްލިމުންގެ އެހީ ހޯދުން:

މުސްލިމުން، އެއީ ވެރިން ކަމުގައިވިޔަސް ނުވަތަ ރައްޔިތުން ކަމުގައި ވިޔަސް، ދީނާ ގުޅުމެއް ނެތް، ޑޮކްޓަރީކަމާއި ޞިނާޢަތްތެރިކަމާއި ދަނޑުވެރިކަން ފަދަ ފަންނީ ކަންކަމުގައި،  ޣައިރު މުސްލިމުންގެ އެހީތެރިކަން ހޯދުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް އެންމެ ރަނގަޅު ގޮތަކީ މިފަދަ ދާއިރާތަކުގައި އަމިއްލަ ފުދުންތެރިކަން މުސްލިމުންގެ ކިބައިގައި ހުރުމެވެ.

ނަބަވީ ސީރަތުގައިވެސް އަހަރެމެންނަށް ވާނީ، ކީރިތި ރަސޫލާ ހިޖުރަކުރެއްވިއިރު، މަގުދައްކާ މީހެއްގެ ގޮތުގައި ޢަބްދުﷲ ބިން އުރައިޤަޠު –އެއީ މުޝްރިކެއް- ކުއްޔަށް ހިއްޕެވިކަން، ފެނިފައެވެ. ޢިލްމުވެރިން ވިދާޅުވެފައިވަނީ، އޭނާއަކީ ކާފަރެއްކަމުގައި ވިޔަސް، އެއީ އިތުބާރު ނުހިފޭ މީހެއްކަމުގައި ވުމަކީ ލާޒިމުކަމެއް ނޫނެވެ. ފަހެ މަދީނާއަށް ހިޖުރަކުރެއްވުން ފަދަ ކަމެއްގައި މަގު ދެއްކުމަށްވުރެ ވަކިން ނުރައްކާތެރި ކަމެއް ނޯންނާނެއެވެ. އެފަދަ ކަމެއްގައި، އިތުރު އެކަލޭގެފާނު ކާފަރެއްގެ އެހީތެރިކަން ހޯއްދެވުމުން ދޭހަވަނީ، އެފަދަ ކަންކަމުގައި -އަދި އެއަށްވުރެ ކުޑަ ކަންކަމުގައި މާ އައުލާ- ޣައިރު މުސްލިމުންގެ އެހީތެރިކަން ހޯދުން ހުއްދަކަމެވެ.

އަދި މީގެ އިތުރުން ޢިލްމުވެރިން ވިދާޅުވަނީ، ހަނގުރާމަ ފަދަ ކަންކަމުގައި، ޣައިރު މުސްލިމުންގެ –ޚައްޞަކޮށް އަހުލު ކިތާބީންގެ- އެހީތެރިކަން ހޯދުމަކީ މުސްލިމުންގެ އިމާމަކަށް ހުންނަ މީހަކަށް ހުއްދަ ކަމެއް ކަމުގައެވެ. އަދި އެފަދަ ޣައިރު މުސްލިމުންނަށް ހަނގުރާމައިގެ ޣަނީމާއިންވެސް ދެވިދާނެ ކަމަށެވެ.

އައްޒުހްރީ ރިވާކުރައްވާފައިވަނީ، ކީރިތި މާތް ނަބިއްޔާ –ޞައްލަﷲ ޢަލައިހި ވަސައްލަމަ- ބައެއް ހަނގުރާމަތަކުގައި ޔަހޫދީންގެ ބަޔަކު މީހުންގެ އެހީތެރިކަން ހޯއްދެވިއެވެ. އަދި އެމީހުންނަށް ޣަނީމާއިން ބައެއްވެސް ދެއްވިއެވެ. މިގޮތުން ޞަފްވާން ބިން އުމައްޔާ، ކީރިތި ރަސޫލާ އަރިހުގައި ޙުނައިން ހަނގުރާމައަށް ދިޔައިރު، އަދި އޭނާ ހުރީ ޝިރުކުގެ މަތީގައެވެ.

ނަމަވެސް އެހީތެރިކަން ހޯދުމުގައި ޝަރުޠެއް އެބަ އޮތެވެ. އެއީ މުސްލިމުންނާ މެދު ރަނގަޅަށް ދެކޭ މީހަކަށް ވުމެވެ. އޭނައަކީ އިތުބާރު ނުކުރެވޭ މީހެއްނަމަ އެހީތެރިކަން ހޯދުން ހުއްދައެއް ނުވާނެއެވެ. އެހެނީ، މުސްލިމެއްކަމުގައި ވިޔަސް އޭނާއަކީ ފަރުވާކުޑަ އަމާނާތްތެރި ނޫން މީހެއްނަމަ، އެހީ ހޯދުން ހުއްދަނުވާ ހިނދު، އެފަދަ ޣައިރު މުސްލިމެއް ހުއްދަނުވުން މާ އައުލާކަން ބޮޑެވެ.

ޣައިރު މުސްލިމަކަށް ހަދިޔާ ދިނުމާއި އެމީހުން ދޭ ހަދިޔާ ޤަބޫލުކުރުމަކީވެސް، ދީނުގައި ހުއްދަ ކަމަކެވެ. ނަބިއްޔާ –ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަށް ބައެއް ރަސްރަސްކަލުން ފޮނުއްވި ހަދިޔާ އެކަލޭގެފާނު ޤަބޫލުފުޅުކުރެއްވިކަން ސާބިތުވެއެވެ. އަދި އޭރު އެއީ ޣައިރު މުސްލިމުންނެވެ.

ޙަދީޘް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، ކާފަރުން ދޭ ހަދިޔާ އިތުރު އެކަލޭގެފާނު ޤަބޫލުފުޅުކުރެއްވިކަން އެނގޭ ވަރަށް ގިނަ ޙަދީޘް އެބަހުއްޓެވެ. އަދި އިތުރު އެކަލޭގެފާނު ނަޖާޝީއަށް ވެސް ހަދިޔާ ފޮނުއްވިކަން، އުއްމު ސަލަމާ ރިވާކުރައްވާފައިވާ ޙަދިޘެއްގައިވެސް ވެއެވެ.

އިސްލާމްދީން އިންސާނުންނާ މެދު ހެޔޮކޮށް ހިތަނީ އެއީ އިންސާނަކަށްވީމައެވެ. ވީއިރު އަދި އޭނާއަކީ އަހުލު ކިތާބީއެއްނަމަ ވާނީ ކިހިނެއްހެއްޔެވެ؟ އަދި އެއީ މުޢާހަދެއް ނަމަ ނުވަތަ ޛިއްމީއެއްނަމަ ވާނީ ކިހިނެއްހެއްޔެވެ؟

އެއް ފަހަރަކު ކީރިތި ރަސޫލާ ކުރިފުޅުމަތިން ޖަނާޒާއެއް ގެންދަނިކޮށް ފެނިވަޑައިގެން ކޮޅަށް ތެދުވިވަޑައިގަތެވެ. ތެދުވެވަޑައިގަތީމާ އެތާގައި ތިއްބެވި ޞަޙާބީން، އެއީ ޔަހޫދީއެއްގެ ޖަނާޒާކަމުގައި ދެންނެވިއެވެ. އެހިނދު އެކަލޭގެފާނު ޙަދީޘްކުރެއްވީ: "އެއީ ނަފްސެއް ނޫންހެއްޔެވެ!؟

އެއީ ނަފްސެކެވެ. ކޮންމެ ނަފްސަކީ ވެސް އިސްލާމްދީނުގައި ހުރުމަތްތެރިވެގެންވާ ދަރަޖަ ލިބިގެންވާ އެއްޗެކެވެ.

ވީމާ ޣައިރު މުސްލިމުންނާ މުސްލިމުންނާ، ވަކިން ޚާއްޞަކޮށް އަހުލު ކިތާބީންނާ މުސްލިމުންނާ އޮންނަންޖެހޭ ގުޅުމަކީ ކޮބައިކަމާއި، އަދި އަހުލު ކިތާބީންނާ މުސްލިމުން ޢާމަލާތްކުރުމަކީ ކޮންކަހަލަ ކަމެއްކަން، އިސްވެ ދިޔަ ވާހަކަތަކުން އެނގި ހާމަވެއްޖެއެވެ. އިސްލާމްދީން ދެކޭ ގޮތުގައި އަހުލު ކިތާބީންނާ މުޢާމަލާތްކުރުމަކީ ޖުމްލަ ގޮތެއްގައި ހުއްދަ ކަމެކެވެ. މުސްލިމް ފިރިހެނުންނަށް އަހުލު ކިތާބީ އަންހެނުންނާ ކައިވެނިކުރެވެއެވެ. އެމީހުން ކަތިލާ އެއްޗެހި ކެވެއެވެ. އެމީހުންނާ ވިޔަފާރީގެ މުޢާމަލާތްކުރެވެއެވެ. އެމީހުންގެ އެހީތެރިކަން ހޯދުން ހުއްދައެވެ. އެމީހުންނަށް ހަދިޔާ ދިނުމާއި ހަދިޔާ ޤަބޫލުކުރުން ހުއްދައެވެ.

ނަމަވެސް މިހުރިހާ ކަމެއްވެސް ހުއްދަވާނީ އިސްލާމީ މިންގަނޑުގެ ތެރެއިން މިކަން ކުރެވޭނަމައެވެ. އެމީހުންގެ ދީނީ ކަންކަމުގައި ބައިވެރިވުމާއި ދީނީ ޝިޢާރުތައް މުސްލިމުން ގެންގުޅުމަކީ ހުއްދަވާނެ ކަމެއް ނޫނެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.