ހުކުރު20181109

އާކުރެވުނީ: 08:43:52

މުޢްތަޒިލާ

mutazilaaތަޢާރަފް :

މުޢްތަޒިލާ އަކީ އުމަވީ ދައުލަތުގެ ފަހަތުކޮޅުގައި އުފެދި ، އަދި ޢައްބާސީ ދައުލަތުގައި ބޮޑުވި އިސްލާމީ ފިރްޤާ ނުވަތަ ޖަމާޢަތެކެވެ. އިސްލާމީ ޢަޤީދާ ފަހުމް ކުރުމުގައި މި ޖަމާޢަތުން އިޢްތިމާދުވީ ހަމައެކަނި ބުއްދީގެ މައްޗަށެވެ. އެއީ ޔޫނާނީ ފަލްސަފާ ފަދަ ބައެއް ބިދޭސީ ފަލްސަފާ މި މީހުންގެ ތެރެއަށް ވަދެ އެ ފަލްސަފާގެ އަސަރު ކުރުމުގެ ސަބަބުންނެވެ. ނަތީޖާއެއްގެ ގޮތުން މި މީހުން ވަނީ އަހުލުއް ސުންނާ ގެ ޢަޤީދާ ދަތުރު ކުރަމުންދާ ސީދާ ރޮގުން ކައްސާލާފައެވެ.

މި ޖަމާޢަތަށް ތަފާތު އެތައް ނަމެއް ދެވިފައިވެއެވެ. އޭގެ ތެރޭގައި: މުޢްތަޒިލާ، ޤަދަރިއްޔާ، ޢަދްލިއްޔާ، އަހުލުލް ޢަދްލި ވައްތައުޙީދު، އަލްވަޢީދިއްޔާ، ހިމެނެއެވެ.

އުފެދުމާއި، މުހިއްމު ޝަޚުޞިއްޔަތުތައް:

މުޢްތަޒިލާ އިން ފާޅުވުމާ ބެހޭގޮތުން ޢިލްމުވެރިން ޚިލާފުވެ ވަޑައިގެން މި ކަމާ ބެހޭގޮތުން ދެ ރައުޔަކަށް ބެހިފައިވެއެވެ.

ފުރަތަމަ ރައުޔު :

މުޢްތަޒިލާއިން އުފެދުނީ، ބޮޑެތި ފާފަތަކަށް ނުވަތަ އަލްކަބާއިރަށް އަރައިގަންނަ މީހާގެ ޙުކުމާއި، އިންސާނުންގެ ޢަމަލުތައް ކުޅައުމުގައި އެ މީހުންނަށް ފުރިހަމަ މިނިވަންކަން ލިބިފައިވޭތޯ ނޫންތޯ ފަދަ، ޢަޤަދީ ދީނީ މައްސަލަތަކާމެދު ވާހަކަދެކެވި ބަޙުޘްކުރެވުމުގެ ނަތީޖާއެއްގެ ގޮތުންކަމަށް މި ރައުޔުގެވެރިން ދެކެއެވެ.

މިރައުޔުގެވެރިން ދެކޭ ގޮތުގައި މުޢްތަޒިލާއިންނަށް ''މުޢްތަޒިލާ'' މި ނަންދެވުނީ މިއަންނަނިވި ސަބަބުތަކާހެދި ކަމަށް ދެކެއެވެ.

- މި ނަން މި ޖަމާޢަތަށް ދެވުނީ ، ބޮޑެތި ފާފަ ކުރާ މީހުން ވަނީ ދެ މަންޒިލެއްގެ ދޭތެރޭގައި ކަމަށް ބުނެ މުސްލިމުންނައި އެކަހެރިވެގަތުމުގެ ސަބަބުންނެވެ. ދެ މަންޒިލެއްގެ ދޭތެރޭގައޭ މި މީހުން ބުނާ މާނައަކީ ބޮޑެތި ފާފަކުރާ މީހުންނަކީ ކާފިރެއްވެސް ނޫން ކަމަށާއި އަދި މުއުމިނެއްވެސް ނޫން، ކިއެއްތަ އޭނާއަކީ ފާސިޤެއް ކަމުގައި ބުނާ ބުނުމެވެ.

- ވާޞިލް ބިން ޢަޠާއު، އިމާމް ޙަސަނުލް ބަޞްރީގެ ދީނީ ދަރުސްތަކާއި ވަކިވެގަނެ މިސްކިތުގެ ދުރު ކަނެއްގައި އަމިއްލަ ކިޔަވައިދޭ ބުރެއް އުފައްދުމުން، ޙަސަނުލް ބަޞްރީ ''ވާޞިލް އަހަރެމެންނާ އެކަހެރިވެއްޖެއޭ'' ވިދާޅުވުމުން މި ޖަމާޢަތަށް މުޢްތަޒިލާ އޭ ކިއުނީ ކަމަށްވެސް ބުނެވެއެވެ.

ނޯޓު: ޢަރަބި ބަހުގައި އިޢްތިޒާލް ވުމުގެ އެއް މާނައަކީ އެކަހެރިވެ ވަކިވެގަތުމެވެ. މުޢްތަޒިލާ މިބަސް ނެގިފައިވަނީ އިޢްތަޒަލަ މި ބަހުންނެވެ.

- ބޮޑެތި ފާފަ ކުރާ މީހުންނާއި ދުރުވެ އެކަހެރިވެގަތުން އެއީ ވާޖިބެއް ކަމުގައި މި މީހުން ބުނުން އެއީވެސް ''މުޢްތަޒިލާ'' ގެ ނަމުން ނަންދެވުނު ސަބަބެއް ކަމުގައި ބުނެވެއެވެ.

ދެވަނަ ރައުޔު :

ދެވަނަ ރައުޔުގެ މީހުން ދެކޭ ގޮތުގައި މުޢްތަޒިލާ އުފެދުމުގެ ސަބަބަކީ ، ސިޔާސީ ސަބަބެކެވެ. އެހެނީ މުޢްތަޒިލާއިންނަކީ ޢަލީގެފާނަށް ތާއީދު ކުރި ބައެކެވެ. ވީމާ ޙަސަނުލް ބަޞްރީ މުޢާވިޔަތު ކޮޅަށް ދިއުމުން ވާޞިލް ބިން ޢަޠާއު ޙަސަނުލް ބަޞްރީ އާއި ވަކިވެގަތީއެވެ. މުޢްތަޒިލާ އުފެދުން ސިޔާސަތާއި ގުޅުވާ މީހުން ބުނާ އަނެއް ގޮތަކީ، މި ޖަމާޢާތުގެ މީހުން ޢަލީއާއި މުޢާވިޔަތާ ދެމެދު ޚިލާފަތަށް އިސްވާނީ ކާކު ކަމާމެދު އުފެދު މައްސަލައިގައި، ވަކިކޮޅަކަށް ނުޖެހި ދެ ޖަމާޢަތުގެ މީހުންނާއިވެސް އެކަހެރި ވީމާ ''މުޢްތަޒިލާ'' އޭ ކިއުނީއެވެ.

މުޢްތަޒިލާ އާއި ބެހޭ ތާރީޚު ޢިލްމުވެރިއާ އަލްޤާޟީ ޢަބްދުލް ޖައްބާރު އަލްހަމަޛާނީ ހީ ކުރައްވާ ގޮތުގައި، މުޢްތަޒިލާ އަކީ އަލަށް އުފެދުނު ފިރްޤާއެއް ނުވަތަ ޖަމާޢަތެއް ނޫނެވެ. ކިއެއްތަ އެއީ ކީރިތި ރަސޫލާއާއި ޞަޙާބީން ދެމިތިއްބެވި ގޮތުގެ ދެމިހުރުމެކެވެ. އެގޮތުން '' މުޢްތަޒިލާ'' ގެ ނަން ދެވުނީ އެ މީހުން ނުބައި ކަންކަމާއޮ ދުރުވެ އެކަހެރިވުމުންނެވެ.

- ނަމަވެސް ޙަޤީޤަތަކީ، މުޢުތަޒިލާއިން އުފެދުނީ ދީނީ ނައްޞުތަކަށް ބެލުމުގައި ހަމައެކަނި ބުއްދީގެ ބޭނުން ކުރަން ފެއްޓި، ޢަޤަދީ އަދި ފިކުރީ ޖަމާޢަތެއް އުފެދުމާ ގުޅިގެންނެވެ. އަދި މި ގޮތަށް ހުރިހާ ކަމެއް ހޯދާ ބެލުމުގައި އެންމެ އިސް އެއްޗަކީ ބުއްދި ކަމުގައި ބުނާ ބުނުން މުސްލިމުންގެ ތެރެއަށް ފާޅުވީ ޔޫނާނީ ( ގްރީކު ) އަދި އިންޑިއާގެ ފަލްސަފީ ފިކުރުތައް މުސްލިމުންގެ ތެރެއަށް ވަނުމުންނެވެ.

- ވާޞިލް ބިން ޢަޠާއުގެ އަތް މައްޗަށް މުޢްތަޒިލާ ވަކި ޖަމާޢަތެއްގެ ގޮތުގައި އުފެދުމުގެ ކުރިންވެސް، މުޢްތަޒިލާއިންގެ އަސާސީ ފިކުރުތައް ކަމުގައި ބެލެވޭ ބައެއް މައްސަލަތައް ހިލެވި، އެކަމާމެދު ބަޙުސް ކުރެވިފައި އެބަހުއްޓެވެ. ތިރީގައި މި ލިޔެލަނީ މި ފަދަ ބައެއް ފިކުރުތަކާއި އޭގެ ވެރިންނެވެ.

* އިންސާނުންކީ އެމީހުންގެ ޢަމަލުތައް ކުރުމުގައި، ހަމަ މުޅިން އެއްކޮށް މިނިވަންބައެއް ކަމުގައި ބުނެވުނެވެ. އެހެންވީމާ އޭނާ ކުރާ ކޮންމެ ކަމެއްވެސް ކުރަނީ އޭނާގެ ފުރިހަމަ މިނިވަންކަމާއެކުގައެވެ. މި ގޮތަށް ބުނީ މަޢްބަދުލް ޖުހަނީ ކިޔާ މީހެކެވެ. އަދި ޢަބްދުއް ރަޙްމާން ބިން އަލްއަޝްޢަޘްގެ ސަފަށް ވަދެ ޚަލީފާ ޢަބްދުލް މަލިކް ބިން މަރުވާނާ ދެކޮޅުވެރިވެގަތުމުން، ހިޖުރައިން 80 ވަނަ އަހަރުގައި ޙައްޖާޖް ބިން ޔޫސުފް ވަނީ ، މި ޙަރަކާތް ހިންދާލާ އަދި އަދި އޭނާ ޤަތުލުކޮށްފައެވެ.

* ހަމަ މިފަދައިން، ޚަލީފާ ޢުމަރު ބިން ޢަބްދުލް ޢަޒީޒުގެ ދުވަސްވަރުގައި ޣީލާން އައްދިމިޝްޤީ ކިޔާ މީހަކުވެސް މަތީގައިވާ ފަދައިން ދަޢުވާ ކުރިއެވެ. އޭނާ ޤަތުލުކުރެވުނީ ހިޝާމް ބިން ޢަބްދުލްމަލިކުއެވެ.

* ޤުރުއާނަކީ ޚަލްޤުކުރެވުނު އެއްޗެއް ކަމުގައި ބުނެވުނެވެ. މިހެން ބުނީ އަލްޖަހްމު ބިން ޞަފްވާންއެވެ.

މި ގޮތަށް މިފަދަ ޢަޤަދީ މައްސަލަތަކާއި ގުޅުން ހުރި އަދި އެހާމެ ނުރައްކާތެރި ފިކުރުތަކެއް ފާޅުވަމުންގޮސް އެންމެ ފަހުން، އެ މީހުންނަކީ ވަކި ޖަމާޢަތެއްގެ ގޮތުގައި އުފެދުނީ ވާޞިލް ބިން ޢަޠާއުގެ ( 80ހ-131ހ ) އަތް މައްޗަށެވެ.

ވާޞިލް ބިން ޢަޠާއު ޙަސަނުލް ބަޞްރީގެ ދަރިވަރެއްގެ ގޮތުގައި ހުރެފައި، ބޮޑެތި ފާފަ ކުރާ މީހުންވަނީ ދެ މަންޒިލެއްގެ ދެމެދުގައި ކަމަށާއި (މާނައަކީ ކާފަރެއްވެސް ނޫން މުއުމިނެއްވެސް ނޫން)، މަރުވުމުގެ ކުރިން މިފަދަ މީހަކު ތައުބާ ނުވާނަމަ ދާއިމީ ގޮތެއްގައި އޭނާ އޮންނާނީ ނަރަކައިގައި ކަމަށް ބުނެ، ބުޙަސަނުލް ބަޞްރީއާއި ޚިޔާލުތަފާތުވެ ކިޔަވައިދެމުން ގެންދިޔަ މިސްކިތުގެ ކަނެއްގައި އޭނާގެ އަމިއްލަ ވަކި ބުރެއް އުފެއްދިއެވެ.

ޢަބްދުލްމަލިކް ބިން މަރުވާން އާއި ހިޝާމް ބިން ޢަބްދުލް މަލިކުގެ ޚަލީފާކަމުގެ ދުވަސްވަރުވެސް ވާޞިލް އުޅެފައިވެއެވެ.

ޢަޤަދީ މައްސަލަތައް ފަހުމު ކުރުމުގައި ބުއްދިއަށް އިޢްތިމާދުވުމުން އެއީ ރަނގަޅު ގޮތް ކަމަށް ބަލުން އެއީ ހުރިހާ މުޢްތަޒިލާއިންވެސް އެއްބަސްވާ ގޮތެވެ. ނަމަވެސް މުޢްތަޒިލާއިންގެ މެދުގައިވެސް ބައެއް އަރިމަތީ މައްސަލަތަކާމެދު ޚިލާފު އުފެދި ކުދި ކުދި ޖަމާޢަތްތަކެއް މުޢްތަޒިލާއިންގެ ތެރެއިން އުފެދި ، އެ ޖަމާޢަތެއްގެ ބޮޑު މީހާގެ ނަމުން ނަން ދީގެން އުޅެން ފެއްޓިއެވެ. އަދި ތަފާތު ބިދުޢަތައް ފާޅުކުރަމުން ދިޔައެވެ.

ޚަލީފާ މައުމޫނެގެ ވެރިކަމުގެ ދުވަސްވަރު، މުޢްތަޒިލާއިން ފެތުރި ނުރައްކާތެރި ވާހަކަ އަކީ، ޤުރުއާނަކީ މަޚްލޫޤެއް ކަމުގައި ބުނަމުން ގެންދިޔަ ވާހަކައެވެ. މިވާހަކަ ދެއްކުމުގެ ބޮޑަކަށް ހުރީ ޚަލީފާ މުޢްތަޞިމްގެ ދުވަސްވަރު ޤާޟީއަކަށް ހުރި އަޙްމަދު ބިން އަބީދާއޫދެވެ.

ޤުރުއާނަކީ ޚަލްޤުކުރެވުނު އެއްޗެއް ކަމަށް ބުނާ ބުނުން ޤަބޫލުކޮށް އެ ރައުޔާ އެއްބަސްވުމަށް، ޚަލީފާ މައުމޫނު އިމާމް އަޙްމަދު ބިން ޙަންބަލަށް އަމުރު ކުރިއެވެ. ނަމަވެސް އިމާމް އަޙްމަދު މިކަމާ ދެކޮޅު ހެއްދިވެއެވެ. ޚަލީފާ މައުމޫނު މަރުވުމަށްފަހު ދެން އައި މުޢްތަޞިމްގެ ވެރިކަމުގެ ދުވަސްވަރު، މި މައްސަލާގައި އިމާމް އަޙްމަދު ދެއަހަރާއި ބައި ވަންދެން ޖަލަށްލެވި ޗާބޫކުން ތެޅި ބޮޑެތި އަހުވަ ދެއްކުނެވެ. ފަހުން ގެއަށް ގެނެވި މުޢްތަޞިމް އާ އޭނާގެ ދަރި ވާޘިޤުގެ ވެރި ކަމުގައިވެސް، އިމާމް އަޙްމަދުގެ މުޅި ޙަޔާތް ހޭދަކުރެއްވީ ގޭގައެވެ.

232ހ ވަނަ އަހަރު ޚިލާފަތުކަމަށް މުތަވައްކިލް އައިސް، އަހުލުއް ސުންނާ އިންނަށް ހެޔޮކޮށް ހިތިއެވެ. އެގޮތުން އިމާމް އަޙްމަދަށް ކަމޭހިތައި، 14 އަހަރުވަންދެން ވެރިކަމުގެ މައްޗަށް މުޢްތަޒިލާއިން ހިންގަމުން އައި ބާރާއި އެމީހުންގެ ފިކުރުތައް އެހެން މީހުންގެ މައްޗަށް ގަދަކަމުން ވެރި ކުރުމުގެ އުސޫލު ނިމުމަކަށް ގެނައެވެ.

- 334 ހ ވަނަ އަހަރު ފާރިސްކަރައިގައި އޮތް ބަނީ ބުވައިހް- ޝީޢީ - ދައުލަތުން މުޢްތަޒިލާއިންނަށް މަޤާމާއި ނުފޫޒު ލިބުނެވެ. އަލްމިޤްރީޒީ ބުނެފައިވަނީ ''ޢިރާޤާއި ފާރިސްކަރައިގައި މުޢްތަޒިލާއިންގެ މަޛްހަބު ފެތުރުނީ ބުވައިހިއްޔާ ދައުލަތުގެ ދަށުގައެވެ.'' މިދުވަސްވަރު މަޝްހޫރުވި މުޢްތަޒިލާގެ މީހަކީ އައްޝަރީފް މުރްތަޟާއެވެ.

- މުޢްތަޒިލާއިންނާ އެމީހުންގެ ފިކުރު، ޝީޢީންނާ އެދި އެނުންވެސް ބައެއް މަޛްހަބުތަކުން ބަލައި ނުގަތްނަމަ އުވިދިޔައީސް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ވާޞިލް ބިން ޢަޠާއުގެ އަތް މައްޗަށް މުޢްތަޒިލާއިން އުފެދުނު ފަހުން އަދި އެ މަޛްހަބު ބަލިކަށިވެ އުވިދަންދެން ފާޅުވި އެންމެ މަޝްހޫރު މީހުންނަކީ :

- އަބޫ އަލްހުޛައިލް ޙަމަދާން ( 135- 226 ހ ) މީނާ އަކީ ވަރަށް މޮޅަށް ވާހަކަ ދައްކާ ، ފަލްސަފާ ފޮތްތައް ކިޔައި އޭގައި ހުންނަ ވާހަކަ މުޢްތަޒިލާ މަޛްހަބަށް ވެއްދި މީހެކެވެ. އަރިސްޠޫ ފަދަ ޔޫނާނީ ފަލްސަފާވެރިންގެ އަސަރު ވަނީ މަތީ ދަރަޖައަކަށް، މީނާއަށް ކޮށްފައިވެއެވެ.އަލްހުޛައިލިއްޔާ އޭ މީނާގެ ޖަމާޢަތަށް ކިޔެއެވެ.

- އިބްރާހީމް ބިން ޔަސާރް ބިން ހާނީ (މަރުވެފައިވަނީ 231ހ) .

- ބިޝްރު ބިން އަލްމުޢްތަމިރް (މަރުވެފައިވަނީ 226ހ). އުފެދޭ ކަންތަކަކީ އިންސާނުން އުފައްދާ ކަމެއް ކަމުގައި ދަޢުވާކޮށް އެކަމާމެދު ގިނަ ވާހަކަތަކެއް މީނާ ދައްކާފައިވެއެވެ. މީގެ މާނައަކީ ރަހަ، ވަސް ފެނުން މިއީ އިންސާނުން ކުރާ އުފައްދާ އެއްޗެއް ކަމަށް މީނާ ބުނި ބުނުމެވެ.

- ޢީސާ ބިން ޞުބައިޙް (މަރުވެފައިވަނީ 226ހ). މުޢްތަޒިލާއިންގެ ރާހިބުގެ ނަމުން ނަންދެވިފައިވާ މި މީހާއަކީ، މުސްލިމުން ކާފިރު ކުރުމުގައި ވަރަށް އަވަސްވެގަންނަ މީހެކެވެ. އެގޮތުން މުޅި އުއްމަތާއި އެއްކޮށް މުޢްތަޒިލާއިންނަކީވެސް ކާފިރުވެފައިވާ މީހެއް ކަމަށް ބުންޏެވެ.

- އަބޫ ޢުޘްމާން އަލްޖާޙީޡް (މަރުވެފައިވަނީ 256ހ) އަކީ މުޢްތަޒިލާއިންގެ ތެރެއިން އެންމެ ބޮޑު ލިއުންތެރިއާއެވެ. އޭނާގެ ލިއުންތެރިކަމާއި ބަލާޣަތްތެރި ކަމުގެ ބޭނުން ހިފައިގެން އޭނާގެ '' އަލްބަޔާން ވައްތަބްޔީން '' ފަދަ ފޮތްތަކުގައި މުޢްތަޒިލާ ފިކުރުތައް ހިމަނާފައިވެއެވެ.

- އަބޫ އަލްޙުސައިން ބިން އަބީ ޢުމަރު އަލްޚައްޔާޠު (މަރުވެފައިވަނީ 300 ހ) އަކީ ބަޣްދާދުގެ މުޢްތަޒިލާއިންގެ މީހެކެވެ. ނެތް އެއްޗަކީ ޖިސްމެއް ހުންނަ އެއްޗެއް ކަމަށް ބުނި ބުނުމަކީ މީނާ ބުނެފައިވާ އެންމެ ހައިރާން ކުރުވަނިވި އެއް ބުނުމެވެ.

މުޢްތަޒިލާއިންގެ ފިކުރުތައް :

އެންމެ ފުރަތަމަ މުޢްތަޒިލާއިން އުފެއްދި ދެ ފިކުރަކީ :

އެކެއް : އިންސާނުން އެ މީހުންގެ ހުރިހާ ކަމެއް ކުރުމުގައިވެސް ފުރިހަމަ އިޚްތިޔާރު ލިބިފައިވާކަމަށް ބުނި ބުނުން. އިންސާނާއަކީ އޭނާ ކުރާ ކަންތަކަށް ޘަވާބާއި ޢަޛާބު ލިބޭ މީހަކަށް ވީ، އޭނާގެ ޢަމަލުތައް އެއީ އޭނާ އުފައްދާ އެއްޗަކަށް ވުމުން ކަމަށް މި ފިކުރު ދެކެއެވެ. މިހެން ބުނެ އެންމެ އަޑު ހަރު ކުރީ ޣީލާން އައްދިމިޝްޤީއެވެ.

ދޭއް : ބޮޑެތި ފާފަ ކުރާ މީހުންނަކީ ދެ މަންޒިލެއްގެ ދެމެދުގައި ވާ މީހެއް ކަމަށް ބުނި ބުނުން . އެގޮތުން މިފަދަ ފާފައެއް ކުރާ މީހާ އަކީ ފާސިޤެކެވެ. މި ގޮތް މިއީ ދުނިޔޭގައި އޮންނަ ޙުކުމެވެ. އެކަމަކު އާޚިރަތުގައި އޭނާ ސުވަރުގެއަށް ނުވަދެވި އޮންނަންޖެހޭ ތަނަކީ ނަރަކައެވެ. މުޢުތްޒިލާއިން ކައިރީ މިފަދަ މީހަކަށް ، ޝަހާދަތް ކިޔާފައިވާތީ މުސްލިމެކޭ ކިޔަސް އެންމެ ރަނގަޅެވެ. ނަމަވެސް އޭނާއަށް މުއުމިނެކޭ ކީގެން ނުވާނެއެވެ.

ދޭއް : އިންސާނާ އޭނާ ކުރާ ކޮންމެ ކަމެއް ކުރުމުގެވެސް އިޚްތިޔާރު އޭނާއަށް ލިބިފައިވާކަމަށް ބުނާ ބުނުން. އެގޮތުން މީހުން ކުރާ ކަންތައް އެއީ އެމީހުން އުފައްދާ އެއްޗެކެވެ. އިންސާނުން މުކައްލަފުންނަށް ވުމުގެ ސިއްރަކީވެސް އެ މީހުން ކުރާ ކަންތަކަކީ އަމިއްލައަށް ''އުފައްދާ'' އަމިއްލަ އިޚްތިޔާރުން ކުރާ ކަމަކަށް ވާތީއެވެ. މިހެން އެންމެ ހަރުއަޑުން ބުނެ އުޅުނީ ޣީލާން އައްދިމްޝްޤީއެވެ.

މުޢްތަޒިލާއިންގެ ޢަޤަދީ އުޞޫލުތައް :

1- އައްތައުޙީދު

2- އަލްޢަދުލް

3- އަލްވަޢްދު ވަލްވަޢީދު

4- މަންޒިލާ ބައިނަ މަންޒިލަތައިން

5- އަމްރު ބިލްމަޢްރޫފް ވައްނަހްޔު ޢަނިލްމުންކަރި

އައްތައުޙީދު :

މުޢްތަޒިލާއިން ކައިރީ މި ބަހުގެ ޚުލާޞާއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަކީ އެކަލާނގެއާ އެއްވެސް އެއްފަދައެއް ނުވާ ހުސްޠާހިރުވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. އިންސާނުންގެ ޠަބީޢަތުގައި ހިނގާ އެއްވެސް ކަމެއް އެއީ އެކަލާނގެ ޙަޟުރަތަށް އެކަށީގެންވާ ކަމެއް ނޫނެވެ.

މިވާހަކަ ތަކަކީ ރަނގަޅު ޙައްޤު ވާހަކަތަކެކެވެ. ނަމަވެސް މުޢްތަޒިލާއިން މިވާހަކަ މިހެން ދެއްކުމަށްފަހު، މީގެ ތެރެއަށް ބާޠިލު ވާހަކައެއް ވެއްދިއެވެ. އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ކިބަފުޅަށް '' އަލްމުތަކައްލިމް '' (ބަސްވިދާޅުވެވޮޑިގަތުން ) '' އަލްބަޞީރް '' ( ބައްލަވާވޮޑިގަތުން ) ފަދަ ސިފަފުޅުތައް ނިސްބަތް ކުރަން ދެކޮޅު ހެދުމެވެ. އެހެންވެ މުޢްތަޒިލާއިން ހިމެނެނީ ސިފަފުޅުތައް ޤަބޫލު ނުކުރާބައެއްގެ ގޮތުގައެވެ. ޤުރުއާނަކީ ( އޭގައިވާ ކަލާމްފުޅު ، ލިޔެވިފައިވާ ފޮތެއް ނޫން ) އެއީ ޚަލްޤު ކުރެވުނު އެއްޗެއް ކަމަށް މުޢްތިޒިލާއިން ބުނަން ޖެހުނީވެސް، އެކަލާނގެ ކިބަފުޅަށް '' އަލްމުތަކައްލިމް '' މި ސިފަފުޅު ނިސްބަތް ނުކުރާތީއެވެ. މިއީ އަހުލުއް ސުންނާ ގެ ޢަޤީދާއާއި މުޅިން ދެކޮޅު، ޙައްޤު ނޫން ޢަޤީދާއެކެވެ.

އަލްޢަދުލް :

މުޢްތަޒިލާއިން ގާތުގައި މީގެ މާނައަކީ، ﷲ ސުބްޙާނަހޫ ވަތަޢާލާ އެކަލާނގެ އަޅުތަކުންގެ ޢަމަލުތައް ނުއުފައްދަވައެވެ. އަދި އެކަލާނގެ ފަސާދައަށްވެސް ލޯބިވެވޮޑިނުގަންނަވައެވެ. ވީމާ އަޅުތަކުންނަށް ކުރަން އެންގިވިކަންތައް ކޮށް ނުކުރަން އެންގެވި ކަންތަކުން ނަހީވެގަންނަނީ އެއީ، އެކަލާނގެ އެ މީހުންގެ ކިބައިގައި ލައްވާފައިވާ ކުޅަދާނަ ކަމެއްގެ ސަބަބުން އެ މީހުންގެ އިޚްތިޔާރުންނެވެ.

އަދި ﷲ އިރާދަ ނުކުރައްވާ ކަމެއް، ކުރުމަށް އަމުރެއް ނުކުރައްވައެވެ. އަދި ނުރުއްސްވާ ކަމެއް މެނުވީ މަނައެއް ނުކުރައްވައެވެ. އަދި އިންސާނުންނަށް ނުކުޅެދޭނެ ކަމެއް އަމުރު ނުކުރައްވައެވެ.

އަލްވަޢްދު ވަލްވަޢީދު: ޔަޢުނީ ހެޔޮ ޢަމަލުތަކުގެ ވެރިންނަށް ޘަވާބު ދެއްވުމާއި، ނުބައި ޢަމަލުތަކުގެ ވެރިންނަށް ޢަޛާބު ދެއްވުމެވެ. އަދި ބޮޑެތި ފާފަތަކަށް އަރައިގަންނަ މީހުން ތައުބާ ނުވަންޏާ އޭނާއަށް ، މާތް ﷲ ޢަފޫއެއް ނުކުރައްވާނެއެވެ.

އަލްމަންޒިލާ ބައިނަލް މަންޒިލަތައިން:

މީގެ މާނައަކީ ކުރިންވެސް ބުނެވިފައިވާ ފަދައިން ، ބޮޑެތި ފާފަތަކަށް ( އަލްކަބާއިރް ) އަރައިގަންނަ މީހުންނަކީ ދެ މަންޒިލެއްގެ ދެމެދުގައި ވާ މީހެކެވެ. ކާފިރެއް އަދި މުއުމިނެއްވެސް ނޫނެވެ.

އަލްއަމްރު ބިލްމަޢްރޫފް ވައްނަހްޔު ޢަނިލް މުންކަރި:

މީގެ މާނައަކީ ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތަކުން ނަހީކުރުމެވެ. މިއީ ކޮންމެ މީހަކަށްވެސް އެމީހަކަށް ކުޅަދާނަ މިންވަރަކުން ވާޖިބު ކަމެކެވެ. އަދި މުޢްތަޒިލާއިން ދެކޭ ގޮތުގައި ޙާކިމަކު ޙައްޤު ގޮތުން އެއްކިބާވެއްޖެނަމަ ، އޭނާއާއި ދެކޮޅުވެރިވެގަންނަން ޖެހޭނެއެވެ.

މުޢްތަޒިލާއިންނަކީ ޢަޤަދީ ކަންކަން ފަހުމު ކުރުމުގައި މުޅިންވެސް ބުއްދީގެ މައްޗަށް އިޢްތިމާދުވާ ބައެކެވެ. ކަމެއް ހަނޑިކަމަކަށްވެސް ވަނީ ބުއްދިއަށް އެއީ ހަނޑި ކަމެއްގެ ގޮތުގައި ފެންނަ ނަމައެވެ. ރީތިވަނީވެސް ބުއްދިއަށް އެކަން ރީތިވާނަމައެވެ.

ހުރިހާކަމެއްގައި ބުއްދިއަށް އިޢްތިމާދުވުމުގެ ސަބަބުން، މުޢްތަޒިލާއިންވަނީ ސިފަފުޅުތައްވެސް އެ މީހުންގެ ބުއްދިއަށް ވިސްނޭ ގޮތް ގޮތަށް ތައުވީލުކޮށްފައެވެ. މިސާލަކަށް ''އިސްތިވާވެވޮޑިގަތުން'' ''އަތްޕުޅު'' ''ބައްލަވާވޮޑިގަތުން'' ''ރުއްސެވުން'' ''ކޯފާވެވަޑައިގަތުން'' މި ހުރިހާ ކަމެއްވެސް މުޢްތަޒިލާއިން ވިސްނަނީ ބުއްދީގެ ހަނި ދާއިރާއިންނެވެ.

ބުއްދީގެ ޙުކުމް ނެރެ މުޢްތަޒިލާއިން ވަނީ، ބޮޑެތި ޞަޙާބީ ބޭކަލުންގެ ޞާލިޙްކަމާއި ތެދުވެރިކަމަށް ހަންޖަރު ހަރާފައެވެ. ވާޞިލް ބިން ޢަޠާއު ދެކޭ ގޮތުގައި ''ޖަމަލު ހަނގުރާމައިގައި'' ބައިވެރިވި ދެ ޖަމާޢަތުން ކުރެ އެއް ޖަމާޢަތަކީ ފާސިޤު ބައެކެވެ. ޢަލީގެފާނު، ޢައްމާރު ބިން ޔާސިރް، ޙަސަން، ޙުސައިން އަބޫ އައްޔޫބުލް އަންޞާރީ ގެ ޖަމާޢަތް އެއީ ފާސިޤު ޖަމާޢަތް ކަމުގައިވެސް ވެދާނެއެވެ. އަނެއްކޮޅުން ޢާއިޝަތުގެފާނު، ޒުބައިރް، ޠަލްޙާ ބިން ޢުބައިދުއްﷲ ގެ ޖަމާޢަތް އެއީ ފާސިޤު ޖަމާޢަތަށްވެސް ވެދާނެއެވެ. އަދި މި ޞަޙާބީ ބޭކަލުންގެ ހެކިބަސްވެސް އެއީ ޤަބޫލު ކުރެވޭނެ އެއްޗެއް ނޫންކަމަށް މުޢްތަޒިލާއިން ބުންޏެވެ.

މުޢްތަޒިލާއިންވަނީ ދީނަކީ އެއީ، ހަމައެކަނި ބުއްދީގެ މައްސަލަތަކާއި މަންޠިޤީ ބުރުހާން ތަކަކަށް ހަދާފައެވެ. ހަމަ ކޮންމެ މީހަކަށްވެސް އެ މީހަކަށް ވިސްނޭ ގޮތަކަށް ދީނީ ކަންކަމުގައި ވިސްނައި އިޖްތިހާދުކޮށް ހެދިދާނެއެވެ. ވީމާ ޝައިޚްގެ ރައުޔާއި ހިތްހަމަ ނުޖެހުނީމާ ދަރިވަރު އޭނާއާއި ވަކިވެގަނެ އަމިއްލަ މަޛްހަބެއް އުފައްދަންވީއެވެ. މުޢްތަޒިލާއިންގެ ތެރޭގައިވެސް ތަފަާތު އެތައް ބަޔަކަށް ނިސްބަތްވާ އެތައް ކުދި ކުދި ޖަމާޢަތްތައް އޮންނަނީ މިހެންވެގެންނެވެ.

މުޢްތަޒިލާއިންގެ ޒަމާނުގައިވެސް އަބުލް ޙަސަން އަލްއަޝްޢަރީ އާއި އަޙްމަދު ބިން ޙަންބަލް ފަދަ ޢިލްމުވެރިން ވަނީ އެ މީހުންނަށް ރައްދު ޖަވާބު ދެއްވާ، އެ މީހުންގެ ވިސްނުން ރަނގަޅު ނޫންކަން ބަޔާންކޮށް ދެއްވާފައެވެ.

އަދި ފަހުން ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ''ދަރްއު ތަޢާރުޟް އަލްޢާޤްލު ވައްނަޤްލު'' މި ފޮތުގައި ވަރަށް ވަރުގަދަ ހުއްޖަތާއެކު މުޢްތަޒިލާއިންނަށް ޖަވާބު ދެއްވާފައިވެއެވެ.

މީހެއްގެ ހިތަށް ފަހަރެއްގައި އަރާފާނެ ސުވާލަކީ، އިސްލާމްދީން އެހެންވިއްޔާ ބުއްދިއާ ދުޝްމަނީ ހެއްޔެވެ؟ ވިސްނުމެއް ނެތި އަނދިރި އީމާންކަމަކުން އީމާންވާން ވީހެއްޔެވެ؟ ނޫނެކެވެ. ފަހަރެއްގައިވެސް އިސްލާމް ދީން ބުއްދިއާ ދެކޮޅެއް ނޫނެވެ. އަދި އަނދިރި އީމާންކަމަކުން ހުރިހާ ކަމެއް ޤަބޫލު ކުރާކަށްވެސް ނާންގަވައެވެ. ޤުރުއާނުގެ އެތަށް އާޔަތެއްގައި ފިކުރު ކުރުމަށާ ، ބުއްދި ހިންގުމަށް އަދި އަމިއްލަ ނަފްސާއި އުދަރެސްތަކުގައިވާ ކަންކަމާއިމެދު ވިސްނުން އެއީ އަމުރު ކުރެވިގެންވާ ކަމެކެވެ.

މުޢްތަޒިލާއިންގެ މައްސަލައަކީ، ބުއްދީގެ ބޭނުން ނުހިފޭނެ ތަންތާނގައި އޭގެ ބޭނުން ހިފަން އުޅުމެވެ. ބުއްދީގެ ބޭނުން ހިފޭނީ ޙީއްސުތަކަށް އިޙްސާސްވާ ކަންތައްތަކާއި މެދު ބުއްދީގެ ވިސްނުން ހިންގީމައެވެ. ފަހަރެއްގައިވެސް ޣައިބިއްޔާތުގެ ކަންތައްތައް އެއީ ބުއްދިއަށް ނަގައިގަނެވޭނެ ކަމެއް ނޫނެވެ. ސިފަފުޅުތަކާއި، އާޚިރަތް ދުވަހާއި ޤަބުރުގެ ކަންތައްފަދަ މިހުންނަ ކަންތައްތަކަކީ އެއީ އިންސާނުންގެ ސިނކުޑީގެ ބާރު ނުފޯރާ ހިސާބުގައި ވާކަންތަކެވެ. މި ކަންތައް އެންގޭނީ ޤުރުއާނާއި ސުންނަތުގައި އޮތްވަރަކަށް އޮތް ގޮތަކަށެވެ.

އިސްލާމީ ޢިލްމުވެރިންވަނީ ބުއްދީގެ ބޭނުން ކުރާނެ ވަކި މިންގަޑުތަކެއް ކަނޑައަޅުއްވާފައެވެ. އެއީ :

- ޞަޙީޙް ނައްޞުތަކާއި އަރާރުން ނުވުން

- ވަޙީގެ ޒަރީޢާއިން މެނުވީ އިންސާނުންނަށް ނޭނގޭނެ ޣައިބިޔާތުގެ ކަމެއްގައި ބޭނުން ނުކުރުން .

- ކަމުގެ ޙިކުމަތް ނޭނގޭ ކަންކަމުގައި ބުއްދިއަށްވުރެ ނަޤުލު ( ޤުރުއާނާއި ސުންނަތް ) އިސްކުރުން

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.