އަންގާރަ20200526

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ޢަޤީދާ މަގުފުރެދިފައިވާ ޝައިޠާނާގެ އަޅުން

މަގުފުރެދިފައިވާ ޝައިޠާނާގެ އަޅުން

magu-feredhifaivaa-shataanage-alhunއާދަމުގެ ދަރިންނާއި ޝައިޠާނާއާއި ދެމެދު ހިނގަމުންދާ ހަނގުރާމައަކީ ތާރީޚުގެ ތެރެއަށް މޫލާދެމިފައިވާ ހަނގުރާމައެކެވެ.މާތް ﷲ އާދަމްގެފާނު އުފައްދަވައި މަލާއިކަތުންނަށް އެކަލޭގެފާނަށް ސަޖިދަޖެއްސެވުމަށް އަމުރުކުރެއްވުމުން، އިބްލީސް ފިޔަވައި އެހެން އެންމެން އަމުރަށް ކިޔަމަންތެރިވެ ވަޑައިގަތެވެ. ނަމަވެސް އިބްލީސް ބޮޑާވެ، އެއްކިބާވެގަތެވެ. ނަތީޖާއެއްގެ ގޮތުން ލަޢްނަތް ލެއްވި، ސުވަރުގެއިން އޭނާ ބޭރުކުރެވުނެވެ.

އެވަގުތުން ފެށިގެން އާދަމުގެ ދަރީން މަގުފުރައްދާނެކަމަށް މާތް ރަސްކަލާނގެ ޢިއްޒަތް ގަންދީ އިބްލީސް ހުވާކުރިއެވެ.

އަދި ފަސާދައިގެ ހުރިހާ ދޮރެއް ހުޅުވައި، ނުބައިކަމުގެ ފަރާތްތަކަށް އިންސާނުން ވެވުނު ކޮންމެގޮތަކުންނަމަވެސް އެއްކުރަން ވަޢްދުކުރިއެވެ. އިންސާނުންނާއި އިބްލީސް ނުވަތަ ޝައިޠާނާއާއި ދެމެދު ހަނގުރާމަ ފެށުނީ އެހާ ހިސާބުންނެވެ.

އިބްލީހުގެ ވަޢްދާއި އެއްގޮތަށް އޭނާދަނީ ވަރަށް ގިނަ ކަންކަން ކާމިޔާބުކުރަމުންނެވެ. އިންސާނީ މުޖްތަމަޢުތަކަށް ނަޒަރު ހިންގާލައިފިނަމަ، މިކަންތައްތައް ވަރަށް ރަނގަޅަށް ހާމަވެގެންދެއެވެ.

އާދަމުގެ ދަރިންކުރެ، ﷲ ފިޔަވައި އެހެން ފަރާތްތަކަށް އަޅުކަންކުރަނީ ކިތައް ކިތައް މީހުންހެއްޔެވެ؟ ބައެއް މީހުން ހިލައަށާއި ގަސްގަހާ ގެއްސަށެވެ. އަނެއްބަޔަކު އިރާއި ހަނދަށެވެ. ދެންތިބި ބަޔަކު ގެރިބަކަރި އަށެވެ. އެވަރުން ނުވެގެން މީދަލަށާއި ޖިންސީ ގުނަވަންތަކަށް އަޅުކަންކުރާމީހުންވެސް އިންސާނުންގެ ތެރޭގައިވެއެވެ.

މިއީ އިބްލީސްގެ ވަސްވާސްތަކުން މޫލާފައި ތިބި ބަޔަކު ނޫނީ ކުރާނެކަންތައްތަކެއްނޫނެވެ.

ﷲ ފިޔަވައި އެހެން ފަރާތަކަށް ކޮންމެ ސިފައެއްގައި އަޅުކަންކުރެވުނުކަމުގައިވިޔަސް، ޙަޤީޤަތުގައި ބޯލަނބައި އަޅުކަންއެކުރެވެނީ ޝައިޠާނާއަށެވެ. ޝައިޠާނާއަކީ ކަނޑައެޅިގެން އިންސާނުންގެ ޢަދުއްވެއްކަން މޭރުންވާއިރު، އިންސާނުންގެ ފުށުން އޭނާއަށް ބެރުތައްޖެހި، ޤުރުބާންތައް ކަތިލެވި ސަޖިދަޖެހިގެން ހިނގައިދާނެކަމަކަށް، ސަލާމާތްބުއްދިއެއް ޤަބޫލެއްނުކުރެއެވެ. ނަމަވެސް ޢަޖާއިބުތަކުން ފުރިފައިވާ މިޒަމާނުގައި މިއީވެސް ދުނިޔޭގައި ހިނގަމުންދާ ކަމެކެވެ. ޝައިޠާނާއަކީ، ރަނގަޅުފަރާތެއް ކަމަށްދެކި، އޭނާއަށް އަޅުކަންކުރާ 'ޝައިޠާނާގެ އަޅުން' (ސެޓަނިޒަމް) ގެ ޖަމާޢަްތައް މިއަދު ދުނިޔޭގައި އިތުރުވަމުން އެބެދެއެވެ.

ޝައިޠާނާގެ އަޅުންގެ ޖަމާޢަތައް އުފެދުން

ހަމަބުއްދިން އެއްކިބާވެފައިވާ، ސަމާވީ ހުރިހާ ދީނެއްގެ އުޞޫލުތަކާއި ޚިލާފުވާ މިފިކްރުގެ ފެށުންވަނީ ވަރަށް އިހުގެ ތާރީޚުތަކާއި ގުޅިފައެވެ. ބައެއް މުއައްރިޚުން ދެކޭގޮތުގައި އެއީ މީލާދިން 1 ވަނަ ޤަރުނުގައި 'ޣަނޫސިއްޔީން' އޭ ކިއުނު ބައެއްގެތެރެއިން އުފެދުނު ޚިޔާލެކެވެ. އެމީހުން ދުށްގޮތުގައި ޝައިޠާނާއަކީ ބާރުގެ ގޮތުން ﷲ އާއި އެއްފަދަ ފަރާތެކެވެ. އެއްވެސް ހަމަޖެހޭ ދަލީލެއްނެތް މިވާހަކަތައް 'ކުރިއަރަމުން' އައިސް 'ބޫލްޞިއްޔީން' އޭ ކިއުނު ޖަމާޢަތަކުން ޤަބޫލުކުރީ ކައުނުގެ އަސްލު ޚާލިޤަކީ ޝައިޠާނާކަމަށެވެ. އަދި ﷲއަށް ޝައިޠާނާގެ ކިބައިން ކައުނު އަތުލެއްވުމުގެ ކުޅަދާނަކަން ލިބިވަޑައިގެން ނުވާކަމަށެވެ.

ޞަލާޙުއްދީނުލް އައްޔޫބީއާއި ހަނގުރާމަކުރުމަށް ކްރިސްޓިއަން ފައްޅިން 1118މ.ގައި އުފެއްދި 'ހައިކަލްގެ އަސްވާރުން' ގެ ބައެއް މީހުންގެ ކިބައިންވެސް މިޙަރަކާތްފެނިފައިވެއެވެ. އެމީހުންގެ ލީޑަރއަކަށްހުރި ޖެކް ޑިމޮލީއަށާއި އޭނާއަށް ތަބާވީ މީހުންނަށް މަރުގެ ޙުކުމް އިއްވުނެވެ.

ހައިކަލްގެ އަސްވާރުން ޝައިޠާނާ ސޫރަކޮށްފައިވަނީ ކަޅު ބުޅަލެއްގެ ގޮތުގައެވެ. 5 ކަންލީ ތަރި ފަދަ 'ޝައިޠާނީ' ރަމްޒުތަކާއި ސާމާނުތައްވެސް މިމީހުން ބޭނުންކޮށްފައިވެއެވެ.

ހައިކަލްގެ އަސްވާރުންގެ ހާދިސާއަށްފަހު ދުވަސްގަނޑަކަށް ސެޓަނިޒަމްގެ ޙަރަކާތްތައް މެދުކެނޑިފައި އޮތުމަށްފަހު ފަހަކަށް އައިސް އަނެއްކާވެސް މިމީހުންގެ ޢަޤީދާ ފެތުރުމަށްޓަކައި މަސައްކަތްކުރެވެމުން އެބަދެއެވެ. ދުނިޔޭގެ ބައެއް ހިސާބުގައި، ޝައިޠާނާގެ އަޅުންގެ ގްރޫޕްތަކަށް އޮގަނައިޒޭޝަންތަކުގެ ސިފަ ވަނީ ދެވިފައެވެ. އިނގިރޭސި ވިލާތުގައިނަމަ އެއީ އޯ.އެން. އޭ އެވެ. އަޔަރލޭންޑްގައިނަމަ އެއީ އޯ.އެސް.ވީ އެވެ. މިހުރިހާ ބައެއްގެ ތެރެއިންވެސް އެއްމެ ބޮޑު އަދި ނުރައްކާތެރި ދެ ޖަމާޢަތަކީއެމެރިކާގައި އުފެދިފައިވާ 'ޓެމްޕަލް އޮފް ސެޓް' (ސެޓް ފައްޅި) އާއި 'ޗާރޗް އޮފް ސެޓަން' (ޝައިޠާނާގެ ކަނީސާ) އެވެ. އެއީ 1966މ.ގައި ޔަހޫދީ ސިޙުރުވެރިއެއް ކަމުގައިވާ އެންޓޯން ލޭވި އުފެއްދި ބައެކެވެ. 50,000 އަށްވުރެ ގިނަ މީހުން ނިސްބަތްވާ މިޖަމާޢަތްތަކުގެ ގޮފިތައް އެމެރިކާގައާއި، ޔޫރަޕާއި އެފްރިކާގައި ދަނީ ޙަރަކާްތެރިވަމުންނެވެ.

ޙަޔާތުގެ ފަލްސަފާ

ޝައިޠާނާގެ އަޅުވެރިންނަކީ ﷲއަށް އީމާންވާ ބައެއް ނޫނެވެ. ޤިޔާމަތް ދުވަހެއް، ޖަޒާއެއް، ސުވަރުގެއެއް ނަރަކައެއް ޤަބޫލުކުރާބައެއްނޫނެވެ. މިސަބަބަށްޓަކައި އެމީހުންގެ ދިރިއުޅުމުގެ އަސާސީ ފަލްސަފާއަކީ މަރުވުމުގެ ކުރިން ވެވުނު ވަރަކަށް، ވެވުނު ގޮތަކަށް ދުނިޔޭގެ އަރާމުލިބިގަތުމެވެ. ލޭވީ އޭނާގެ 'ސެޓަން ވޯންޓްސް ޔޫ' (ޝައިޠާނާ ކަލޭ ބޭނުންވޭ) އޭކިއުނު ފޮތުގައި ބުނެފައިވެއެވެ. ''ދިރިއުޅުމަކީ ލައްޒަތާއި ޝަހުވަތްތެރިކަމެވެ. އެކަންތައްތަކާއި އަހަރެމެން ވަކިކުރާ ކަމަކީ މަރެވެ. އެހެންވީމާ، ޙަޔާތުގައި އުފާކުރުމަށް ލިބިފައިވާ ފުރުޞަތުގެ ބޭނުންހިފާށެވެ. ދުނިޔެއަށްފަހު އެހެން ޙަޔާތެއް، ސުވަރުގެއެއް، ނަރަކައެއް ނުވެއެވެ. ޢަޛާބާއި ނިޢްމަތްއޮތީ މިތާނގައެވެ.''

ޢީދުތައް

އަހަރެއްގެ ތެރޭގައި ޝައިޠާނާގެ އަޅުންނަށް އެތައް ޢީދުތަކެއް އާދެއެވެ. އޭގެތެރެއިން އެއްމެ މަޝްހޫރު ޢީދަކީ ހެލޯވީން އެވެ. އެމީހުން ދެކޭގޮތުގައި އެއީ ދޫކޮށްލެވިފައިވާ ރޫޙުތަކާއި ބައްދަލުކުރުމަށް ފުރުޞަތު ލިބޭ ރެއެކެވެ.

ރަސްމިއްޔާތުތަކާއި އަޅުކަން

ޝައިޠާނުންގެ އަޅުންގެ ދީނީ ރަސްމިއްޔާތުތައް ބެހިފައިވަނީ މައިގަނޑު ދެބަޔަކަށެވެ. އެއީ ޖިންސީ ރަސްމިއްޔާތުތަކާއި ލޭގެ ރަސްމިއްޔާތުތަކެވެ. މިއިން ކޮންމެ ކަމެއްގައިވެސް އެމީހުން ބަލަނީ އެކަމެއްގައި އޮތް އެއްމެ ނުބައި ގޮތެއް އިޚްތިޔާރުކުރުމަށެވެ. އެފަދަ ރަސްމިއްޔާތުތަކުގެ ހަޑިމުޑުދާރުކަން ފެނިފައި، އެއީ އިންސާނުންގެ ގިންތީގައި ހިމެނޭ ބައެއްކަމަށް، ހޭޖެހޭ އިންސާނަކު ޤަބޫލެއްނުކުރާނެއެވެ.

ލޭގެ ރަސްމިއްޔާތުގައި، އެހެން މީހުންގެ ގައިން ލޭބުއިމަކީ ޝައިޠާނާއާއި އެމީހުން ކުއްތަން ކުރުވާކަމެކެވެ. ވަކިން ޚާއްޞަކޮށް ކުޑަކުދިންނަށް ވޭންހުރި އަނިޔާތައްދީ، އަލިފާނަށްލާ މަރާލުމަކީ އިބްލީސްގެ 'ބަރަކާްތް' މާބޮޑަށް އިތުރުވާކަމެކެވެ.

މިޒަމާނުގެ އިނގިރޭސި ލިއުންތެރިއެއްކަމުގައިވާ، ބެންތޯރެން ހިއުޒް ހާމަކުރާ ގޮތުގައި 17 ވަނަ ޤަރުނާއި ޖެހެންދެންވެސް ޔޫރަޕްގެ ކަނީސާތަކުގައި ޖިންސީ ރަސްމިއްޔާތުތަކާއި ގުޅޭ ނެށުންތައް ކުރިއަށް ދިޔައެވެ. މި ނެށުމުގައި، ކަނީސާގެ ބޮޑުންގެ ކުރިމަތީގައި ހުތުރު ވައްތަރުތައް ޖައްސަމުން، އެކަމުގެ ތެރެއަށް ގެނބެމުންގޮސް ސިޙުރުވެރިންގެ ކަސްތޮޅުތައް ކަނޑައިގެންދާވަރަށް އަންހެން ކުދިން ވަޖިދުވުން ބެލެވެނީ ރަސްމިއްޔާތުގެ އުފާތަކުގެ ކުންނު ކަމުގައެވެ. އެހާ ހިސާބުން، އެމީހުން ދެކޭ ގޮތުގައި ޝައިޠާނާ އެކުދިންގެ ކިބައިން ވީހާވެސް ހަޑިމުޑުދާރުގޮތަކަށް ޖިންސީ އުފާތައް ހޯދައިގަނެއެވެ.

މިޒަމާނުގެ ތާރީޚުތަކާއި ހަމައަށްވެސް މިކަހަލަ މުނާސަބާތައް ދެމިގެން އައިސްފައިވާ ކަމުގެ ހެކިތައް ފެންނަން އެބަހުއްޓެވެ. މަޝްހޫރު ސީ ބްރޫކް ބުނެފައިވާ ގޮތުގައި 'ބްލެކް މާސް' (ކަޅު އަޅުކަން) ގެ މުނާސަބާތައް ނިއުޔޯރކްއިންނާއި ޕެރިހުންނާއި ލިއޯންއިންނާއި ލަންޑަންއިން އޭނާ ދެކެފައިވެއެވެ.

އިނގިރޭސި ވިލާތުގެ ލިއުންތެރިއެއްކަމުގައިވާ ޖޫލިއަން ފްރެންކްލިން މި މުނާސަބާތައް ސިފަކުރުމުގެ ގޮތުން ލިޔެފައިވެއެވެ. '' ބްލެކް މާސް ބޭއްވެނީ މެންދަމު 12 ޖަހާއިރު ޚަރާބުވެފައިވާ ފައްޅިއެއްގެ ކައިރީގައި މުރުތައްދު ވެފައިވާ ކާހިނެއް އިސްމީހަކަށްލައިގެނެވެ.އޭނާގެ އެހީތެރިންނަށްވެސް ތިބޭނީ މަގުން އެއްކިބާވެފައި ތިބޭ މީހުންނެވެ. ކާހިނުގެ ލައިގެން ހުންނަ ހެދުމުގައި 3 ދިމާއަކުން ލޯވަޅުއެޅިފައި ހުންނާނެއެވެ. ދެން ގުރުބާންތަކުގައި އާދަމުގެ ދަރިންގެ ނަޖިސް އުނގުޅެއެވެ. އަދި ކަޅު އުއްބައްތިތައް ރޯކުރެވެއެވެ. އެއަށްފަހު ނަހަލާލު ގޮތުގައި އުފަންވެފައިތިބޭ ކުދިންގެ ގައިގައި ' މުޤައްދަސް ފެން' އުނގުޅެއެވެ.

އަޅުކަން ބޭއްވޭ ޢިމާރާތް ޒީނަތްތެރި ކުރުމަށް ބޭނުންކުރެވެނީ ބަކަމޫނާއި ވާލާއި، ބޮއްފަދަ މަންޒަރު ހުތުރު ޖަނަވާރުތަކެވެ. ރަސްމިއްޔާތުގައި ކާހިނުކަލޭގެ ކޮޅަށް ހުންނަ އިރު ވައަތުފައި ހުންނާނީ ކުޑަކޮށް ކުރިއަށް ނެރެލާފައެވެ. އެހެން ހުރެގެން ރޯމަން ކެތޮލިކް ކިޔެވެލިފަތި މުޅިން ނުބައިކޮށް އޭނާ ކިޔަވަމުން ގެންދާނެއެވެ.

އެކަން ނިމުމުން، ހަމަ ވަގުތުން ވީހާވެސް ނުބައި ކަމެއް ކޮށް، ވީހާވެސް ހުތުރު ގޮތަކަށް ބަދު އަޚްލާޤީ ޢަމަލުތައް ހިންގަން ފެށެއެވެ.''

ސްކޮޓްލޭންޑްގެ އިރްޝާޔާގެ ގަވަރަނަރ އަށް ފަޅުވެފައިވާ 17 ވަނަ ޤަރުނުގެ ފައްޅިއަކުން ޝައިޠާނާގެ އަޅުންގެ މުނާސަބާތައް އެތާނގައި ފާހަގަ ކުރެވިފައިވާކަމުގެ ހެކިތައްވަނީ ފެނިފައެވެ. ހަލާކުވެފައިވާ މިފައްޅިން ފެނުނު ތަކެތީގެ ތެރޭގައި ބަދަލުގެނެވިފައިވާ އިންޖީލަކާއި، ތަޅައިގެން ގޮސްފައިވާ ޤުރުބާން ރާތަށްޓެއްގެ އެތިކޮޅުތަކަކާއި، ޗޯކުން އެކޮޅުކޮޅަށް ކުރަހާފައިވާ ޞަލީބެއް ހިމެނެއެވެ.

1963މ.ގައި އިނގިރޭސި މަޖައްލާއެއްގައި، އިނގިރޭސި އަމީރާއަކު، އެކަމަނާއަށް ފެނިވަޑައިގަތް ބްލެކް މާސްއެއްގެ ވާހަކަ ލިއުއްވާފައިވެއެވެ. ޙަޤީޤަތަށް ބަލާއިރު، އިނގިރޭސިވިލާތުގެ އުތުރުގައި ފާޅުގައި ހިންގޭ ރަސްމިއްޔާތުތަކުގެ ދަރަޖައަށް 1963މ. ގައި ކަޅުމާސް ވަނީ ގޮސްފައެވެ. ހަމަ އެފަދައިން އެމެރިކާއާއި ޔޫރަޕްގެ ސިނަމާތަކުގައި 70ގެ އަހަރުތަކުގައި ޝައިޠާނާއާއި ޖިންސީ ޢަމަލުތައްހިންގާތަން ދައްކުވައިދޭ މުނާސަބާތައް ހިމެނޭ ފިލްމުތައްވެސް ވަރަށް ގިނައިން އެޅުވިފައިވެއެވެ.

ޝައިޠާނާގެ އަޅުންނާއި މިއުޒިކް

މާތްރަސްކަލާނގެއަށް ނުބައިބަސް ރައްދުކޮށް، ޝައިޠާނާއަށް މަދަޙަކިޔާފައިވާ ޅެންތައް ހެދުމަށް ޚާއްޞަ ޝާޢިރުންތައް މިގްރޫޕްތަކުގައި އުފެދިފައިވެއެވެ. ހަވާ ނަފްސަށް ހިތް ލަންބުވާލާފަދަ ކަލިމަތައް ބޭނުންކޮށްގެން 'ޒަމާނީ ޒުވާނުން' ޝައިޠާނާގެ އަޅުންގެ ގްރޫޕަށް ވެއްދުމަކީ އެފަދަ ޅެންވެރިންގެ އެއްމެ އިސްވާޖިބެވެ.

ބެލެވޭ ގޮތުގައި ޝައިޠާނާގެ އަޅުންގެ މެދުގައި އެއްމެ މަޤްބޫލު މިއުޒިކަކީ ހެވީ މެޓަލް އާއި ހާރޑްރޮކެވެ. 15 އަހަރާއި 17 އަހަރާއި ދެމެދުގެ ޒުވާން ކުދިން ހިންގާފައިވާ، މަރުގެ އަދަބު ހުއްދަވާފަދަ ބޮޑެތި ޖަރީމާތަކާއި މިދެބާވަތުގެ މިއުޒިކާއިގުޅުން ހުންނަ ކަމަށް މިހާރުދަނީ ހާމަވަމުންނެވެ.

ޝައިޠާނާގެ އަޅުންގެ މިއުޒިކަކީ ހަމައެކަނި އެޖަމާޢަތުގެ މެންބަރުންގެ މެދެގައި ކުޅެވޭ އެއްޗެއްނޫނެވެ. އޭގެ އިތުރުން ޢާއްމު ޙަފްލާތަކާއި، މިއުޒިކް މާރުކޭޓްތަކުގައި ޝައިޠާނާ މާތްކުރުމާއިއެކު، ޖިންސީ ޢަމަލުތަކަށާއި، މީހުން މެރުމަށާއި އަމިއްލައަށް މަރުވުމަށް ގޮވާލާ ލަވަތައް ޢާއްމުކޮށް، ގިނަ ބަޔަކު އޭގެ އަވައިގައި ޖެއްސުމަށް ޝައިޠާނުންގެ އަޅުން މަސައްކަތްކުރެއެވެ.

ޑެއިސައިޑް (ޑެއިސައިޑްގެ މާނައަކީ، ކަލާނގެ ޤާތިލް) ކިއާ މިއުޒިކް ގްރޫޕެއްގެ ލީޑަރ ކްލެއިން ޕެންޓޯންއާއި އެގްރޫޕްގެ މަޤްޞަދުތަކާއިމެދު ބެހޭގޮތުން ކުރެވުނު ސުއާލުގެ ޖަވާބުގައި ބުނެފައިވެއެވެ.

'' އަހަރެމެންގެ ބޭނުމަކީ ކުޅަދާނަ ވެވުނު އެއްމެ މަތީ މިންވަރަކަށް ނުބައިކަމަށް ގޮވާލާ މިއުޒިކެއް ހެދުމެވެ. އެއީ ނަރަކައިގެ 7 ދޮރުންކުރެ ދޮރެއް ކާމިޔާބުކުރުމަށެވެ. މިއީ އަހަރެންނަށް ޝައިޠާނާގެ އަޅުންގެ ދީނަށް ވަދެވުނުކަން ހާމަކޮށްދޭ ގޮތްތަކުގެ ތެރެއިން އެއްގޮތެވެ.'' (މަޞްދަރު : ފަންޑަމެންޓަލިސްޓް ޖޯރނަލް 18)

ޝައިޠާނާގެ އަޅުންނާއި ޖިންސް

ޖިންސީ ޢަމަލުތައް ކޮންމެފަދަ ވަސީލަތެއް ބޭނުންކޮށްގެންވެސް ފުރިހަމަ ކުރުމަކީ، ޝައިޠާނާގެ އަޅުންގެ އަސާސި ރުކުނެކެވެ. އެކަމުގައި ޙަރާމްކަމުގެ މިންވަރު އިތުރުވި ވަރަކަށް، އެމީހުންގެ ގާތުގައި އެކަމުގެ 'ހެޔޮކަން' އިތުރުވެ، 'މާތްކަން' ބޮޑުވެއެވެ.

1993މ. ގައި އެމެރިކާގެ ކެލިފޯރނިޔާގެ ސެންޓާމޮނިކާ ކިއާ ރަށެއްގައި 11 އަހަރާއި 15 އަހަރާއި ދެމެދުގެ 4 އަންހެން ކުދިން ޝައިޠާނާގެ އަޅުންގެ ޖަމާޢަތަކުން، ޕާރޓީއަކަށޭ ކިޔާފައި، ޖަންގަލީގައި ހުރި ފަޅުގެއެއްފަދަ ތަނަކަށް ގެންގޮސް، ޖިންސީ ގޮތުން އަނިޔާކުރި ވާހަކައަކީ، މަޝްހޫރުވާހަކައެކެވެ.

އޭގެތެރެއިން އެއްކުއްޖަކު އެވާހަކަ ކިޔައިދެމުން ބުނެފައިވެއެވެ.'' ޖަންގަލީގެ ތެރެއިން ކާރުގައި ދިޔައިރު އަހަރެމެން ކުޑަކޮށް ބިރުގަތެވެ. އެކަމަކު ބިރު ނުގަންނަކަމަށް ހެދުމަށް އަހަރެމެން މަސައްކަތްކުރީމެވެ. ދެން އެމީހުން ބުނި ގެއާއި ހަމައަށް ދެވުނުއިރު، ފިރިހެނުންނާއި އަންހެނުންގެ ބޮޑު ގްރޫޕެއް، ގާތްގަނޑަކަށް މުޅިން އޮރިޔާން ޙާލަތުގައި ތިބެ، އަލިފާންގަނޑުގަނޑުގެ ވަށައިގެން ލަވަކިއާ ނަށަމުންދެއެވެ. ދެން އެމީހުން އަހަރެމެންނަށް ވޮޑްކާ ބޯންދީފައި ފާޑެއްގެ މަސްތުވާ އެއްޗެއްގެ ވަސްދެއްކިއެވެ. އެއަށްފަހު އަލިފާންގަނޑުގެ ކައިރިއަށް، ލައިގެންތިބި ހެދުންތައް ބާލުވާފައި އަހަރެމެން ދޫކޮށްލެވުނެވެ. ދެން އޭގެތެރެއިން މީހަކު، ލެއާއި ކުޑަކަމުދާއެއްޗިހި އަހަރެމެންގެ ގަޔަށް އަޅާފައި 'މާތްވެގެންވާ ޝައިޠާނާއަށްޓަކައި' އޭކިޔާފައި އަޑުގެ ކޮޅަށް ގޮވާލިއެވެ.

ދެން މީހަކު އައިސް އަހަރެމެންގެ ހަށިގަނޑާއި ހަށިގަނޑުގައިވާ ނަޖިސްތަކުގައި ދޫކާތައި، ލޮންނަން ފެށިއެވެ. އޭރު މާނަ ނޭނގޭ ބަސްތަކެއް އެމީހުން ކިޔަމުންދެއެވެ. އެއަށްފަހު މީހަކު ތެދުވެ 'ޝައިޠާނާގެ މުޤައްދަސްފޮތް' ކިޔަވަން ފެށިއެވެ. ދެން އެތައް ފަހަރެއްގެ މަތިން، ހީވެސް ނުކުރާފަދަ ގޮތްގޮތަށް އަހަރެމެން ރޭޕްކުރިއެވެ. އެއަށްފަހު ކަނުބަނދެފައި ކޮންމެވެސް މަގަކަށް އަހަރެމެން އެއްލާލީއެވެ.''

މިހާދިސާގެ ޝަކުވާ ކުރެވުމުން، ސިފައިންގޮސް އެގެ ބެލިއިރު އެކަންތަކުގެ އަސަރުތައް އެތާގައި ހުއްޓެވެ. ނަމަވެސް ޝައިޠާނާގެ އަޅުންގެ މީހެއް އަތެއްނުލެވުނެވެ.

ޝައިޠާނާގެ އަޅުންގެ ކުދިން

ކުޑަކުދިން ބޮޑުވަމުންއަންނައިރު ޝައިޠާނާގެ އަޅުން އެކުދިންނަށް ވިސްނައިދީފައި އޮންނަނީ އެކުދިންނަކީ ޝައިޠާނުންކަމަށެވެ. އަދި އެއްމެ ބޮޑު ޝައިޠާނާއަކީ، ދިމާވާ ކޮންމެ ދަތިކަމެއްގައި އެމީހުނަށް އެހީތެރިވެދޭ އިޅާހުކަމަށެވެ. މިކަންތައްތައް އެކުދިންގެ ވިސްނުމުގައި ވަކިހިއްޕުވާފައި ބެހެއްޓުމަށްޓަކައި ތަފާތު ގޮތްތައް ބޭނުން ކުރެވެއެވެ.

ޝައިޠާނާގެ އަޅުންގެ މުޖްތަމަޢަކުން ސަލާމަތްވި އަންހެންކުއްޖަކު އޭނާގެ ސައިކޮލޮޖިސްޓަށް އޭނާގެ މައިންބަފައިން އޭނާއާއިމެދު ކަންތައްތައް ކުރިގޮތް ކިޔައިދެމުން ބުނެފައިވެއެވެ. ''އަހަރެންގެ މައިން ބަފައިންނަކީ ޝައިޠާނާއަށް އަޅުކަންކުރާ ދެމީހުންނެވެ. އެމީހުން އަބަދުވެސް ކަންފަތްދޮށުގައި އަހަންނަކީ، އިންސާނެއްގެ ސިފައިގައި ހުރި ޝައިޠާނެކޭ ބުނެހަދައެވެ. އަހަރެން ބޮޑުވީ އެވާހަކަތަކަށް އީމާްންވެ ހުރެއެވެ.

އެވާހަކަތަކާއިމެދު ކުޑަކޮށްނަމަވެސް ޝައްކުކުރެވިދާނެތީ، އަހަރެންގެ އަޞްލު ސިފަ ހާމަކުރުމަށް ބަރަކާތްތެރި ފެނެއް ކޮންމެވެސް ދުވަހަކުން އަހަރެންގެ ގަޔަށް އަޅައިދޭނެކަމަށް އެމީހުން ބުންޏެވެ. އެދުވަހަށް ކެތްތެރިކަމެއްނެތި އިންތިޒާރުކުރަން ހުއްޓާ އެއްދުވަހަކު ބައްޕަ އެބުނާ ފެނެއް ހިފައިގެން އަތުވެއްޖެއެވެ. ދެން އަހަރެންގެ ހެދުން ބާލުވާފައި މޫނަށާއި ގަޔަށް، ފެން އަޅާލައިފިއެވެ. އެވަގުތު އަހަންނަށް އިޙްސާސްކުރެވުނީ އަހަންނަކީ، އަނދަމުންދާ އަލިފާންގުޅަވަރެއްކަމަށެވެ. ވީ ތަދުން އެތައްފަހަރަކު އަހަރެން ހޭވެސް ނެތުނެވެ. އެބުނާ ފެނެއްގެ ސަބަބުން މޫނާއި ހަށިގަނޑުގެ އެތައްތަނެއް އައިބުވިއެވެ.ލޯގަނޑުން، ސިފަ ބަދަލުވެފައިވާ އަހަރެންގެ މޫނު ފެނުމުން، ޙަޤީޤަތުގައިވެސް އަހަންނަކީ ޝައިޠާނެއް ކަމަށް ޤަބޫލުކުރެވުނެވެ. އެކަމަކު ކަންތައްތަކުގެ ޙަޤީޤަތް ހާމަވާވަރުވުމުން ، އަހަންނަށް އެނގުނުގޮތުގައި، ބައްޕަ ބަރަކާތްތެރި ފެނޭ ކިޔައިގެން އަހަރެންގެ ގަޔަށް އެޅީ ބާރުގަދަ އެސިޑެކެވެ.''

ޝައިޠާނާގެ އަޅުންގެ ކިބައިން ސަލާމަތްވެފައިވާ ކުދިންގެ ވާހަކަތަކުންނާއި ނަފްސާނީ ޢިލްމުވެރިންގެ ތަޤްރީރުތަކުން ހާމަކުރާގޮތުގައި ކުޑަކުދިންގެ ވިސްނުމާއި ޢަޤީދާ ބަދަލުކޮށްލުމަށްޓަކައި މައިގަނޑު ދެ ބަހާއެއް ކުދިން ތަރުބިއްޔަތުކުރުމަގައި ޝައިޠާނާގެ އަޅުން ބޭނުންކުރެއެވެ.

1 : ކުޑަކުދިންގެ ޝުޢޫރާއި އިޙްސާސްތައް ނައްތާލުން

މިކަންތައްތައް ކުރުމަށްޓަކައި ޝައިޠާނާގެ އަޅުން ތަފާތު ގޮތްތައް ބޭނުންކުރެއެވެ. އޭގެތެރޭގައި މަސްތުވާތަކެތި ދިނުމާއި، ހިޕްނަޓައިޒްކުރުމާއި، ދެރަކޮށްނިކަމެތި ކޮށްލުމާއި، ވުޖޫދުގައި ނެތްތަކެތި އެކުދިންނަށް ދެއްކުން ހިމެނެއެވެ. ދިގުމުއްދަތަކަށް ފޮށްޓެއް ނުވަތަ ސަންދޯކެއްކަހަލައެއްޗަކަށް ކުދިންލައި، މީހުނާއި ދުރުކުރުމަކީ ކުރެވޭކަމެކެވެ. ހަމައެފަދައިން ކެއުންބުއިމުން މަޙްރޫމުކުރުވުމާއި، ފައި ނުވަތަ އަތުގައި ވާ ޖަހާފައި ތަންތާނގައި އެލުވުމާއި، ޖެހިލުން ކުޑަކުރުވުމަށާއި ޢަދާވަތްތެރިކަމުގެ ރޫޙު ހިތުގައި އަށަގެންނެވުމަށްޓަކައި ކުދިންލައްވައި ޖަނަވާރު ކަތިލެއްވުމަކީވެސް ވަރަށް ގިނައިން ކުރެވޭކަމެކެވެ.

2 : އަޚްލާޤީ މިންގަނޑުތަކުން ކުދިން ދުރުކުރުވުން

ދަރިންގެ ކިބައިގައި ފިޠްރީގޮތުން ހުންނަ އަޚްލާޤީ ރިވެތި ސިފަތައް ކަނޑުވާލުމުގެ ގޮތުން އެއްޖިންސުގެ ގުޅުމާއި، ޖަނަވާރުންނާއި ގުޅުން ހިންގުމަށް ޝައިޠާނާގެ އަޅުން އެމީހުންގެ ދަރިންނަށް ދަސްކޮށްދެއެވެ.

މިކަންތައްތައް އެކުދިންލައްވައި ކުރުވުމަށް މަޖްބޫރުކުރުމަށްޓަކައި އެކުއްޖަކު ބޭނުންވާފަދަ ޖަނަވާރެއް ގެއަށް ގެނެސްދީ، އެސޮރާއި ކުދިން އޮޅުކޮށްދީފައި، ބައްޕަބުނާކަމެއް ނުކޮށްފިއްޔާ އޭތި މަރާލާނެކަމަށް އިންޒާރުދެއެވެ.

ބައެއް ކުދިން ކިޔައިދީފައިވާ ގޮތުގައި، ލޭބުއިމަށާއި، މިނިމަހާއި ނަޖިސްކެއުމަށާއި، ދަންވަރު ޤަބުރުސްތާނުގައި ނިދުމަށާއި، ފާޅުގައި ބަދުއަޚްލާޤީ ޢަމަލުތައް ހިންގުމަށް އެކުދިންނަށް މަޖްބޫރުކުރެވިފައިވެއެވެ.

ޝައިޠާނާގެ ރަމްޒުތައް

ޝައިޠާނާގެ އަޅުން ބޭނުންކުރާ ރަމްޒުތައް ގިނަވެފައި ހިމުންކަމުން، އެހުރިހާ ރަމްޒެއް ހޯދައި އޭގެ މާނަ ދެނެގަތުމަކީ ވަރަށް އުނދަގޫކަމެކެވެ. މީގެ ތެރެއިން ބައެއް ރަމްޒުތަކަކީ، ސިޙްރުވެރިންވެސް ބޭނުންކުރާ ތަކެއްޗެވެ.

ތިރީގައި އެވަނީ ޝައިޠާނާގެ އަޅުން ބޭނުންކުރާ ބައެއް ރަމްޒުތަކެވެ.

sitan2* ކަންބަޅީގެ ބޯ (ބަފޯމެޓް) : އޭރީސް ގައިވެސް ބޭނުންކޮށްފައިވާ މިނިޝާނަކީ ޝައިޠާނާގެ އަޅުންގެ ރަމްޒުތަކުގެ ތެރެއިން، އެމީހުންގެ ތެރޭގައި އެއްމެ މަޝްހޫރު ރަމްޒެވެ. ކަންބަޅީގެ ބޯ ރަމްޒުކޮށްދެނީ ޝައިޠާނާއެވެ.

* ހަނދުފަޅިއާއި ތަރި: މިއީ މާސޫނިއްޔާއާއި ޝައިޠާނާގެ އަޅުން ހިއްސާވާ ރަމުޒެކެވެ.

* ތިންވަނަ ލޯ: މިއީ މާސޫނިއްޔާއާއި ޝައިޠާނާގެ އަޅުން ބޭނުންކުރާ ރަމްޒެކެވެ. އެމެރިކާ ޑޮލަރުގައިވެސް މިރަމްޒު ބޭނުންކުރެވިފައިވެއެވެ.

* ޖިންސީ ސަރަޙައްދެއް: މިހެން ލިޔެވިފައިވާ ސަރަޙައްދުތައް ހާމަކޮށްދެނީ އެއީ ހަމައެކަނި ޖިންސީ ރަސްމިއްޔާތުތައް ބޭއްވުމަށް ޚާއްޞަ ހިސާބެއްކަމެވެ.

* ދާއޫދު ތަރި: މިއީ ޔަހޫދީންނާއި ޝައިޠާނާގެ އަޅުން ވަރަށްގިނައިން ބޭނުންކުރާ ރަމްޒެކެވެ. މިރަމްޒު ބޭނުންކުރެވެނީ ސިޙްރުގެ މުނާސަބާތަކުގައެވެ. އެސްޓަން ކްރޯލީ ކިޔާ މީހަކު މިރަމްޒުނަގާފައިވަނީ އިންޖީލުގައިވާ ލިއުމަކަށް ބަލާފައެވެ. އޭގައިވާ ގޮތުން ނުބައި ފަރާތްތަކުގެ ޢަދަދަކީ 666އެވެ. އެހެންވެ ބައެއް ފަހަރަށް 3 އެފް ވެސް ރަމްޒެއްގެ ގޮތުގައި މިމީހުން ބޭނުންކުރެއެވެ. އެފްއަކީ އިނގިރޭސި އަލްފަބެޓްގެ 6 ވަނަ އަކުރެވެ.

* އަނަކް: މިއީ ޤަދީމީ މިޞްރު މީހުންގެ އަތުން ހޯދާފައިވާ ރަމްޒެކެވެ. މިރަމްޒު ދޭހަކޮށްދެނީ ޙަޔާތެވެ. ވަކިން ޚާއްޞަކޮށް އަބަދަށް ދިރިތިބުމެވެ. ރަމްޒުގެ މަތީގައިވާ ބައި އިޝާރާތްކުރަނީ އަންހެނުންނެވެ. ތިރީބައި ފިރިހެނުންނަށެވެ.

* ޔިން/ ޔޭންކް: މިއީ ކައުނުގައިވާ އެކަތި އަނެކައްޗާއި އިދިކޮޅު ތަކެތި ގުޅުވައިދޭ ރަމްޒެވެ.

ޝައިޠާނާގެ އަޅުންނާއި މުސްލިމުން

ޝައިޠާނާގެ އަޅުންގެ ގްރޫޕްތައް އެއްމެ ފުރަތަމަ އުފެދިފައިވަނީ، ފުރިހަމަ ޢަޤީދާއެއްނެތް، ޣައިރު މުސްލިމު މުޖްތަމަޢުތަކުންނެވެ. ނަމަވެސް މިއަދު މުސްލިމް ބައެއް މުޖްތަމަޢުތަކުންވެސް މިފަދަ ޖަމާޢަތްތަކަށް ނިސްބަތްވާ މީހުން ފެންނަކަމަކީ ހިތާމަހުރިކަމެކެވެ.

ލުބްނާނުގައި އަމިއްލައަށް މަރުވި 16 އަހަރުގެ އަންހެން ކުއްޖެއްގެ މަރު ތަޙްޤީޤުކުރިއިރު، ޝައިޠާނާގެ އަޅުންގެ ޖަމާޢަތަކަށް އޭނާ ނިސްބަތްވާކަން ފަޅާއަރާފައިވާކަމަށް ' ކުއްލުލް އުސްރާ ' ކިއާ މަޖައްލާގައި ހާމަ ކޮށްފައިވެއެވެ.

މިޞްރުގައި 1417ހ. ވަނައަހަރުގެ ރޯދަ މަހުގެ ތެރޭގައި ޝައިޠާނާގެ އަޅުންގެ ބޮޑު ޤްރޫޕެއް ވަނީ އަތުލައިގަނެވިފައެވެ. މުއްސަނދި ފަންތީގެ ތެރެއިން ހިފުނު މިޖަމާޢަތުން ޝަރީޢަތުގައި، އެމީހުންނަކީ ޝައިޠާނާއަށް އަޅުކަންކުރާ ބައެއްކަމަށްވަނީ އެއްބަސްވެފައެވެ.

މާތްރަސްކަލާނގެއަށްވުރެ ޝައިޠާނާގެ ބާރުގަދަކަމަށްބުނެ، އޭނާއަކީ 'ރަނގަޅު' ފަރާތެއްކަމަށް ބުނެވޭ ބުނުމަކީ އެއްވެސް ތާކުން ތާކުޖެހޭ ވާހަކައެއް ނޫނެވެ. އެއީ ހަމައެކަނި މަގުގެއްލިފައިވާ ބަޔަކު، އެހެން ބަޔަކު މަގުފުރައްދާލުމަށް ދައްކާ އެއްވެސް އަސާސެއްގެ މައްޗަށް ބިނާވެފައި ނުވާ، ހުސް ވާހަކަތަކެކެވެ. ކީރިތި ޤުރުއާނާއި މާތް ރަސޫލާގެ ސުންނަތް ދިރާސާކުރުމުން ހަމަ ޔަޤީނުންވެސް ވަރަށް ފަސޭހައިން ޝައިޠާނާގެ ޙަޤީޤަތް އަޅުގަނޑުމެންނަށް ހާމަވާނެއެވެ. ހަމަ ޔަޤީނުންވެސް ހަމަޖެހޭމީހަކު، ޝައިޠާނާއަކީ ކަލާނގެއެއް ކަމަކު ނުދެކޭނެއެވެ. އެކަމަކު އޭނާ ޝައިޠާނާ ދެކޭނީ ކަނޑައެޅި އެނގިގެންވާ ޢަދުއްވެއްގެ ގޮތުގައެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.