އަންގާރަ20200602

އާކުރެވުނީ: 08:43:52

އަލްޚަވާރިޖުން

khawaarijމުސްލިމުންގެ ތެރެއިން ފާޅުވި ''ހައްދުފަހަނައަޅާފައިވާ'' ފުރަތަމަ ބަޔަކީ ޚަވާރިޖުންނެވެ. އަދި އިސްލާމީ ފިރުޤާތަކުގެ ތެރެއިން އެންމެ ފުރަތަމަ ފިރުޤާއަކީވެސް ޚަވާރިޖުންނެވެ. އެހެން މުސްލިމުންނާ ތަފާތު ވަކި ފިކުރެއްގެ މައްޗަށް ބިނާވެ، ޚަވާރިޖުން އެންމެ ފުރަތަމަ ފާޅުވީ ޢަލީގެފާނުގެ ޚިލާފަތުގައި، ޢަލީގެފާނާއި މުޢަވިޔަތު ބިން އަބީ ސުފްޔާނާ ދެމެދު ހިނގި ''ޞައްފައިން'' ހަނގުރާމައިގެ ތެރޭގައެވެ.

ޚަވާރިޖުންނަކީ ފުރަތަމަ ޢަލީގެފާނަށް ވަފާތެރިކަން މަތީ ތިބި ބައެކެވެ. ނަމަވެސް ޞައްފައިން ހަނގުރާމައިގައި ހަނގުރާމަ ހުއްޓަލުމަށްފަހު ސުލްޙަވެރި ގޮތަކަށް ޚިލާފަތުގެ މައްސަލަ ނިންމަން ޢަލީގެފާނު އެއްބަސްވެ ވަޑައިގަތެވެ.

މި ހިސާބުން ޢަލީގެފާނުގެ ކޮޅުގައި ތިބި މީހުންގެ ތެރެއިން މި ކަމާ ހިތްހަމަ ނުޖެހި ، ދޫދިނުން އެއީ ﷲ އެންގެވި ގޮތާ ޚިލާފަށް ކުރެވޭ ކަމެއް ކަމަށް ބަޔަކު ބުންޏެވެ. އަދި ޝަރުޢީ ޚަލީފާއަކީ ޢަލީގެފާނު ކަމަށާ، އެހެންވީމާ މުޢާވިޔަތުގެ ކޮޅުގައި ތިބި މީހުންވާނީ ބަޣާވާތް ކުރި ބަޔަކަށް ކަމަށްވެސް މި މީހުން ދެކުނެވެ. ކޮންމެ އަކަސް މި ހިސާބުން މި ބުނެވުނު މީހުން ޢަލީގެފާނާއި ޚިލާފުވެ، ޢަލީގެފާނު ކާފިރުކޮށް ޢަލީގެފާނުގެ ސަފުން ނިކުތެވެ. 8 ހާސް މީހުންނާއި ގަތް ކުރާ ޢަދަދެއް ހިމެނޭ ޚަވާރިޖުން ''ޙަރޫރާ'' އޭ ކިޔާ ތަނަކަށް ދިޔައެވެ. އެހެންވެ ޚަވާރިޖުންނަށް ''ޙަރޫރިއްޔާ'' ގެ ނަމުންވެސް ގޮވެއެވެ. ''ޚަވާރިޖު'' އަކީ ''ޚާރިޖު'' ގެ ގިނަ ގޮތެވެ. ޚާރިޖުއަކީ ނިކުންނަ މީހާއެވެ. ނުވަތަ ޖަމާޢަތުން ނިކުންނަ މީހާއެވެ. އެއީ ޢަލީގެފާނުގެ ޖަމާޢަތުން ނިކުތީމާ އެ މީހުންނަށް ކިއުނު ނަމެކެވެ.

ޢަލީގެފާނު ފުރަތަނަ ބެއްލެވީ ޚަވާރިޖުންނަށް ނަސޭހަތް ދެއްވައިގެން، އެ މީހުން މުސްލިމުންގެ ޖަމާޢަތަށް ގެންނެވޭތޯއެވެ. އެ ގޮތުން އިބްނު ޢައްބާސް ފޮނުވައިގެން އެމީހުންނަށް ނަސޭހަތް ދެއްވައިގެން ޚަވާރިޖުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު އެނބުރި އައެވެ. ފަހުން މީގެ ތެރެއިން ބަޔަކު އަޑުއެރުވި ގޮތުގައި ޢަލީގެފާނުގެ ޖަމާޢަތާއި އެ މީހުން އަލުން ގުޅުނީ ، ޢަލީގެފާނު އެ މީހުން ބޭނުންވި ގޮތް ޤަބޫކު ކުރައްވައި ކުރިން އެ މީހުން ހިތްހަމަ ނުޖެހުން ކަންތައް ރަނގަޅު ކުރެއްވުމުންނެވެ. ނަމަވެސް މިއީއަކީ ޢަލީގެފާނު ދެނެވަޑައިގަތް ކަމެއް ނޫނެވެ. އެހެންވެ މި މީހުން އެއްކުރައްވައި، ޢަލީގެފާނު ހިފަހައްޓައިގެން ހުންނެވި ގޮތް ބަދަލު ނުކުރައްވާކަމަށް ވިދާޅުވެ ޚުޠުބާ ދެއްވިއެވެ. ދެން ޚަވާރިޖުންގެ ތެރެއިން މިސްކިތުގައި ތިބި މީހުން ''ﷲ ފިޔަވާ އެހެން ފަރާތަކަށް ޙުކުމް ނުކުރެވޭނެ'' ކަމަށް ގޮވައި އަޑު ހަރު ކުރަން ފެށިއެވެ. މި ވާހަކަށް ޢަލީގެފާނު ވިދާޅުވީ އެއީ ''ބާޠިލު ނިޔަތެއްގައި ބުނާ ޙައްޤު ބަހެއް'' ކަމުގައެވެ. އަދި އެ މީހުން މުސްލިމުންގެ ތެރޭގައި ފަސާދަ ނުއުފައްދާހާ ހިނދަކު އެ މީހުންނާމެދު ފިޔަވަޅެއް ނާޅުއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް ޚަވާރިޖުންނަށް މިބަސް އަޑު އިވުނުހެނެއް ހިއެއް ނުވެއެވެ. އެގޮތުން މުސްލިމުންގެ ޖަމާޢަތް މިއްލަތުން ބޭރުވެއްޖެ ކަމަށް ގޮވައި، މުސްލިމު ޚަލީފާއަކީ ކާފިރެއް ކަމަށް ދަޢުވާކޮށް މުސްލިމުންގެ ތެރޭގައި ބައިބައިވުން އުފައްދައި، ޚިލާފަތާއި ދެކޮޅުވެރި ޙަރަކާތްތަކެއް ފެއްޓިއެވެ. ނަތީޖާއަކަށްވީ ''އައްނަހްރަވާން'' ހަނގުރާމައެވެ.

ނަހުރަވާން ހަނގުރާމަ އަދި ޚަވާރިޖުން ނައްތާލުން :

ޢަލީގެފާނުގެ ބަސް ހަނދާން ނައްތާލައި، ޞުލްޙަވުމަށް ކުރެއްވި ހުރިހާ މަސައްކަތެއްވެސް ޚަވާރިޖުން ދިޔައީ ފާރުބުޑަށް ޖަހަމުންނެވެ. އަދި ސުލްޙަވެވޭނެ ހަމަ އެކަނި ގޮތަކީ ޢަލީގެފާނު އަމިއްލަފުޅަށް ތިމަންނައަށް ކުފުރުވެވިއްޖެ ކަމަށް ވިދާޅުވެ އެކަމުން ތައުބާވުމުން ކަމަށް ބުނެ، ޚަވާރިޖުންގެ ފިކުރު ޤަބޫލު ނުކުރާ ކޮންމެ މުސްލިމަކީ އެމީހެއްގެ ލޭ އޮހޮރާލުން ހުއްދަ، މުދާ ފޭރިގަތުން ވާޖިބުވެފައިވާ މީހެއް ކަމަށް ގޮވާލާ، ޢަމަލީގޮތުން އެކަން ތަންފީޒުވެސް ކުރަން ފެއްޓިއެވެ.

ޚަވާރިޖުން ދެކުނު ގޮތުގައި، ޙައްޤު ގޮތުގައި ތިބި ހަމައެކަނި ބަޔަކީ އެމީހުންނެވެ. ދެން ތިބި އެންމެންނަކީ ޤަތުލު ކުރުން ޙައްޤު ކާފިރުންނެވެ. އޮގޮތުން ޚަވާރިޖުންގެ ސަރަހައްދަކަށް ކަނޑައެޅިފައި ހުރި ޢަލީގެފާނުގެ ވާލީ ޢަބްދުއްﷲ ބިން ޚުބާބް ބިން އަލްއަރްތު އާއި އޭނާގެ ބަޑުބޮޑުވެފައިހުރި މިލްކުލް ޔަމީން، ޚަވާރިޖުން ޤަތުލުކޮށްކޮށްލިއެވެ. އަދި މި މާބަނޑު އަންހެނާ މެރުމަށްފަހު އޭނާގެ ބަނޑުފަޅައި ވަރަށް ވަހުޝީގޮތަކަށް ކަންތައް ކުރިއެވެ. މި ޚަބަރު ޢަލީގެފާނަށް ލިބިވަޑައިގަތުމުން، ޝާމަށް ދާން ތައްޔާރު ކުރެވިފައި އޮތް ލަޝްކަރެއް ގޮވާވަޑައިގެން، ''އައްނަހްރަވާން'' އޭ ކިއުނު ހިސާބެއްގައި ޚަވާރިޖުންނާއި ހަނގުރާމަ ކުރައްވައި އެ މީހުންގެ ކަށި ބިންދަވާލެއްވިއެވެ. ޚަވާރިޖުންގެ ތެރެއިން ވަރަށް މަދު ބައެއް މެނުވީ، މިހަނގުރާމައިން މިންޖެއް ނުވެއެވެ.

ނަހްރަވާނަށްފަހު ޚަވާރިޖުން :

ޚަވާރިޖުންގެ ތެރެއިން ގިނަބަޔަކު ނެތިދިއަ މި ބަރަކާތްތެރި ހަނގުރާމައަށްފަހުވެސް އެ މީހުންގެ ގަސް އެއްކޮށް މުލުން ލުއްސައެއް ނުލެވުނެވެ. އެއީ ސަލާމަތްވި 12 ވަރަކަށް މީހުން ފިލައިގެން ގޮސް އިސްލާމީ ބައްރުގެ އެކި ހިސާބުތަކަށް ފެތުރި ޚަވާރިޖީ ފިކުރުތައް ފަތުރަން މަސައްކަތް ކުރިއެވެ.

ޚަވާރިޖުން ބައިބައިވުން :

ޚަވާރިޖުންނަކީ ތިލަކޮށް ވިސްނާ، އެހެން ނަމަވެސް ހަރުކަށިކޮށް ކަންތައް ކުރި ބައެކެވެ. ވީމާ މިމީހުންގެ ތެރޭގައި އެކި މައްސަލަތަކާމެދު ޚިލާފުތައް އުފެދި ބައިބައިވުން އުފެދޭކަށް މާކަ ގިނަ ދުވަހެއް ނުނެގިއެވެ. ކޮންމެ މީހަކުވެސް ކަމަކާމެދު ހިތްހަމަ ނުޖެހުނީމާ މައި ޖަމާޢަތުން ނުކުމެ ''ކުޑަ'' ޚަވާރިޖީ ޖަމާޢަތެއް އުފައްދަނީއެވެ. ފިރުޤާތަކާ ބެހޭ ޢިލްމުވެރިން ދެކެލައްވާ ގޮތުގައި ޚަވާރިޖުން ބެހިފައިވަނީ 6 ފިރުޤާއަކަށެވެ. ދެން ބާކީ ތިބި ކުދި ކުދި ޖަމާޢަތްތަކީ ފިރުޤާއޭ ބުނެވޭވަރުގެ ބައެއް ނޫނެވެ.

ޚަވާރިޖުން ފާޅުވާނެ ކަމުގެ ޚަބަރު ރަސޫލާ ދެއްވުން :

ރަސޫލާ ސުވަރުގެ ވަޑައިގަތުމުގެ ކުރިން، އިސްލާމީ އުއްމަތުގައި ހިގާނެ ފިތުނަ ތަކެއްގެ މުސްތަޤުބަލުގެ ޚަބަރު ދެއްވާފައިވެއެވެ. މި ކަމާބެހޭ ޙަދީޘްތައް ބަލަން ބޭނުންވާ މީހަކު ޙަދީޘްފޮތްތަކަށް ރުޖޫޢަވުމަށް އަހަރެން ނަސޭޙަތްތެރިވަމެވެ. ޚަވާރިޖުންނާ ބެހޭގޮތުން އައިސްފައިހުރި ޙަދީޘްތައް ބަލަން ބޭނުން މީހަކު ޞަޙީޙް މުސްލިމްގެ ޒަކާތް ބާބުގެ ޚަވާރިޖުންނާ އެ މީހުންގެ ސިފަތައް ބަޔާން ކުރެވިފައިވާ ބަޔަށް ރުޖޫޢަވެވިދާނެއެވެ. އަދި ޞަޙީޙް ބުޚާރީގެ މުރުތައްދުވެގެންނަ މީހުންނާ ދެކޮޅުވެރިވެގަންނަ މީހުންގެ ބާބު ބަލާށެވެ.

މި އުންމަތުގައި ޚަވާރިޖުން ފާޅުވާނެ ކަމުގެ ޚަބަރު ރަސޫލާ ދެއްވާފައިވާ ކަމުގެ ޞައްޙަ ޙަދީޘް ބުޚާރީއާއި މުސްލިމުން ސާބިތުވާން އެބަހުއްޓެވެ. ތިރީގައި މި ލިޔެލަނީ ޚަވާރިޖުންނާ ބެހޭގޮތުން އައިސްފައިވާ ޙަދީޘާއި ޚަވާރިޖުންގެ ސިފަތަކެވެ.

ޞަޙީޙް މުސްލިމުގެ ބާބުއް ޒަކާތުގެ ޚަވާރިޖުންގެ ސިފައާއިމެދު އައިސްފައިވާ ފަޞްލުގައި ބަޔާން ކުރެވިފައިވާ ޙަދީޘެއްގައިވެއެވެ. عَنْ ‏ ‏أَبِي سَعِيدٍ الْخُدْرِيِّ ‏ ‏قَالَ ‏قَالَ رَسُولُ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏تَكُونُ فِي أُمَّتِي فِرْقَتَانِ فَتَخْرُجُ مِنْ بَيْنِهِمَا ‏ ‏مَارِقَةٌ ‏ ‏يَلِي قَتْلَهُمْ أَوْلَاهُمْ بِالْحَقِّ

މާނައަކީ: އަބޫ ސަޢީދުލް ޚުދްރީ ރިވާކުރެއްވިއެވެ: ﷲގެ ރަސޫލާ ޙަދީޘްކުރެއްވިއެވެ: ''އަހަރެންގެ އުއްމަތުގައި ދެ ޖަމާޢަތެއް (މުސްތަޤުބަލުގައި) ވާނެއެވެ. އަދި އެ ދެޖަމާޢަތުގެ ތެރެއިން ވަކިވެގަންނަ (ދެކޮޅުވެރިވެގަންނަ) ބަޔަކު ވާނެއެވެ. އަދި ދެ ޖަމާޢަތުގެ ތެރެއިން ޙައްޤާއި ބޮޑަށް ކައިރި މީހުންގެ މި މީހުން މަރާނެއެވެ.''

ނޯޓް: ޢިލްމުވެރިން ވިދާޅުވަނީ ދެ ޖަމާޢަތުގެ މާނައަކީ މުޢާވިޔަތުގެފާނުގެ ޖަމާޢަތާއި ޢަލީގެފާނުގެ ޖަމާޢަތެވެ. އަދި އޭގެ ތެރެއިން ނުކުމެގަންނަ ޖަމާޢަތަކީ ޚަވާރިޖުންނެވެ. އަދި އެ މީހުން މަރާލެވޭނެ ކަމަށް އޮތް އޮތުމުގެ މާނައަކީ ނަހްރަވާން ހަނގުރާމައިގައި ޢަލީގެފާނުގެ ލަޝްކަރު ޚަވާރިޖުން މެރުމެވެ.

ނޯޓް: ޙަދީޘުގައި'' ޙައްޤާއި ބޮޑަށް ކައިރި'' މި ތަންކޮޅަށް ވިސްނާލުންވެސް މުހިއްމެވެ. އެހެނީ ދެ ޖަމާޢަތުން ކުރެ ޖަމާޢަތަކީ ބާޠިލު ގޮތުގައި ތބި ބައެއްކަމަށް ޙަދީޘް ކުރައްވާފައި ނެތެވެ. މާނައަކީ ޢަލީގެފާނު އަދި މުޢާވިޔަތުގެފާނުވެސް އެއީ ޙައްޤުގޮތުގައި ތިބި ބައެކެވެ. ކޮންމެ ބައެއްވެސް އެބައެއްގެ އިޖްތިހާދަށް ތެދު ނިޔަތަކާއެކު ޢަމަލު ކުރީއެވެ. އަހަރެމެން މުސްލިމުން އަބަދުވެސް ޞަޙާބީންނާމެދު ރަނގަޅަށް ހިތުން އެއީ ވަރަށް މުހިއްމު ކަމެކެވެ.

ބުޚާރީގެ މުރުތައްދުވެ ތަމައްރުދުވާ މީހުންނާ ބެހޭ ބާބުގައި ވާ އެހެން ޙަދީޘެއްގައިވެއެވެ. يُسَيْرُ بْنُ عَمْرٍو ‏ ‏قَالَ قُلْتُ ‏ ‏لِسَهْلِ بْنِ حُنَيْفٍ ‏ هَلْ سَمِعْتَ النَّبِيَّ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏يَقُولُ فِي ‏ ‏الْخَوَارِجِ ‏ ‏شَيْئًا قَالَ سَمِعْتُهُ يَقُولُ وَأَهْوَى بِيَدِهِ قِبَلَ ‏ ‏الْعِرَاقِ ‏ ‏يَخْرُجُ مِنْهُ قَوْمٌ يَقْرَءُونَ الْقُرْآنَ لَا يُجَاوِزُ ‏ ‏تَرَاقِيَهُمْ يَمْرُقُونَ مِنْ الْإِسْلَامِ مُرُوقَ السَّهْمِ مِنْ الرَّمِيَّةِ ‏

މާނައަކީ: ޔޫސައިރް ބިން ޢަމްރު ރިވާކުރެއްވިއެވެ. ސަހްލު ބިން ޙުނައިފް އަރިއަހުން އަހަރެން އެހީމެވެ. ''ޚަވާރިޖުންނާ ބެހޭގޮތުން އެއްވެސް އެއްޗެއް، ޞަލަވާތާއި ސަލާމް ލެއްވި ނަބިއްޔާ ޙަދީޘްކުރައްވަނިކޮށް އަޑުއެއްސެވިންތޯއެވެ؟'' އޭނާ (ސަހްލު ބިން ޙުނައިފް) ވިދާޅުވިއެވެ:'' ޢިރާޤް އާ ދިމާލަށް އަށް ދިއްކުރެއްވުމަށްފަހު މިފަދައިން ރަސޫލާ ޙަދީޘް ކުރެއްވި އަޑު އަހަރެން އެހީމެވެ. ''ޤުރުއާން ކިޔަވާ، ނަމަވެސް އެ އެމީހުންގެ ކަރަށްވުރެ އެ އެތެރެނުވާ، ބަޔަކު އެތާގައި ފާޅުވާނެއެވެ. އަދި ޝިކާރަ ކުރެވޭ ޖަނަވާރެއްގެ ތެރެއިން ދުނި ދާ ފަދައިން، އެ މީހުން އިސްލާމް ދީނުން ބޭރުވާނެއެވެ. ''

ހަމަ މިބާބުގައިވާ ޢަލީގެފާނު ރިވާ ކުރެއްވި ޙަދީޘެއްގައިވެއެވެ. قَالَ ‏ ‏عَلِيٌّ ‏ ‏رَضِيَ اللَّهُ عَنْهُ ‏ إِذَا حَدَّثْتُكُمْ عَنْ رَسُولِ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏حَدِيثًا فَوَاللَّهِ لَأَنْ أَخِرَّ مِنْ السَّمَاءِ أَحَبُّ إِلَيَّ مِنْ أَنْ أَكْذِبَ عَلَيْهِ وَإِذَا حَدَّثْتُكُمْ فِيمَا بَيْنِي وَبَيْنَكُمْ فَإِنَّ الْحَرْبَ خِدْعَةٌ وَإِنِّي سَمِعْتُ رَسُولَ اللَّهِ ‏ ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ‏يَقُولُ ‏ ‏سَيَخْرُجُ قَوْمٌ فِي آخِرِ الزَّمَانِ أَحْدَاثُ الْأَسْنَانِ سُفَهَاءُ الْأَحْلَامِ يَقُولُونَ مِنْ خَيْرِ قَوْلِ الْبَرِيَّةِ لَا يُجَاوِزُ إِيمَانُهُمْ حَنَاجِرَهُمْ يَمْرُقُونَ مِنْ الدِّينِ كَمَا يَمْرُقُ السَّهْمُ مِنْ الرَّمِيَّةِ فَأَيْنَمَا لَقِيتُمُوهُمْ فَاقْتُلُوهُمْ فَإِنَّ فِي قَتْلِهِمْ أَجْرًا لِمَنْ قَتَلَهُمْ يَوْمَ الْقِيَامَةِ ‏

މާނައަކީ: ޢަލީގެފާނު ރިވާކުރެއްވިއެވެ. ރަސޫލާގެ ޙަދީޘެއް އަހަރެން ކަލޭމެން ކައިރީ ބުނާ ހިނދު، އަހަރެން ﷲ ގަންދީ ހުވާކުރަމެވެ. ދޮގު ޙަދީޘެއް ރަސޫލާއަށް ނިސްބަތް ކުރުމަށްވުރެ، އުޑުން އަހަރެން ވެއްޓުން އަހަރެންނަށް މާ ރަނގަޅެވެ. އެކަމަކު ކަލޭމެންނާ އަހަރެންނާ ދެމެދު އަހަރެން ވާހަކައެއް ދައްކައިފިނަމަ ފަހެ ހަނގުރާމައަކީ މަކަރެކެވެ. (މާނައަކީ ޢަދުއްވުންނަށް އޮޅުވާލުމުގެ ގޮތުން ތެދު ނޫން ވާހަކައެއް ބުނެފާނަމެވެ.) ހަމަކަށަވަރުންވެސް ﷲގެ ރަސޫލާ ޙަދީޘްކުރައްވަނިކޮށް އަހަރެން އަޑުއެހީމެވެ. ''ފަހު ޒަމާނުގައި ޢުމުރުން ހަނގު މޮޔަކޮށް ވިސްނޭ، އެންމެ ހެޔޮބަސް ކިޔައިއުޅޭ ނަމަވެސް އެބައިމީހުންގެ އީމާންކަން ކަރުތެރެއަށްވުރެ އެތެރެއަށް ނުދާނެ (ޙަޤީޤީ އީމާންތެރިކަމެއް ހިތުގައި ނުވާނެއެވެ.) ޝިކާރަ ކުރެވޭ ޖަނަވާރެއްގެ ތެރެއިން ދުނި ދާ ފަދައިން ، އެ މީހުން އިސްލާމް ދީނުން ބޭރުވާނެ ބަޔަކު ނުކުންނާނެއެވެ. ފަހެ އެ މީހުން ފެންނަ ކޮންމެ ތަނަކުން އެ މީހުން މަރާށެވެ. ހަމަ ކަށަވަރުންވެސް އެއިން މީހެއް މަރާ މީހަކަށް ޤިޔާމަތްދުވަހު އަޖުރު ލިބޭނެއެވެ.''

ބުޚާރީ މުސްލިމުގައިވާ ޞަޙީޙް ޙަދީޘްތަކުގެ އަލީގައި، ޚަވާރިޖުންގެ ސިފަތަކަކީ ކޮބައިކަން އެބަ އެނގެން އެބައޮތެވެ.

1- އުމުރުން ހަނގުވުން. މި ބަހުގެ މުރާދަކީ އެ މީހުންގެ ޞައްޙަ ދީނީ ޢިލްމު މަދުކަން

2- ހަރުދަނާކޮށް ނުވިސްނޭ ބައެއް

3- އެންމެ ހެޔޮބަސް ބުނެ އުޅުން. ފަހެ އެމީހުން ޤުރުއާނުގެ އާޔަތްތައް ކިޔައި، އެއިން މުސްލިމުންގެ ލޭ އޮހޮރާލުން ހުއްދަކޮށް އެ މީހުން މަރަމުން ދާނެއެވެ.

4- ޤުރުއާން ކިޔެވިނަމަވެސް، އޭގެ ޙަޤީޤީ މާނައާއި ތެދު އީމާންތެރިކަން ކަރަށްވުރެ އެތެރެއަކަށް ނުދާނެއެވެ. މާނައަކީ ދުލުން ޤުރުއާން ކިޔެވިއަސް ހިތުގައި އޭގެ އަސަރެއް ނުހުންނާނެއެވެ.

5 - އެ މީހުން ނަމާދު ކުރާވަރާ ރޯދަ ހިފާވަރަށް އެހެން މުސްލިމަކު ބަލައިފިނަމަ ތިމަންނައަށް ހާދަ ކަމެއް ނުކުރެވެއޭ ހިތައް އެރުން.

6 - މުސްލިމުންނާ ދަތިތަކެއް ކުރިމަތިވާ ދަނޑިވަޅުތަކުގައި އެ މީހުން ނުކުމެ، މުސްލިމުންގެ ބައިބައި ކުރުވާކަހަލަ ޢަމަލުތައް ކުރުން. އަދި މުސްލިމުންގެ ބާރު ކުޑަކުރުވުން.

7- މުސްލިމުން މަރުން ހުއްދަކުރުން.

މި އަދުވެސް ޚަވާރިޖުން އުޅޭތަ ؟

ޢުމާނުގައި އުޅޭ ''އިބާޟިއްޔާ'' އޭ ކިޔޭ ފިރުޤާއެއް ފިޔަވާ އެހެން ޚަވާރިޖުން މިއަދުވަނީ ދުނިޔެއިން ހުސްވެ ނިމި ގޮސްފައެވެ. އަސްލު މިއަދަށް ބަލާއިރު އިބާޟިއްޔާއިން ޚަވާރިޖުންނަށް ވުރެ ކައިރީ މުޢްތަޒިލާއިންނާއެވެ. ވީމާ ތާރީޚީ ގޮތުން ދެމިގެން އައިސްފައި ތިބި ޚަވާރިޖުން މިއަދު ދުނިޔޭގައި އުޅެއޭ ބުނެވޭކަށް ނެތެވެ. ނަމަވެސް ޚަވާރިޖުންގެ ފިކުރުތައް ގެންގުޅޭ، މުސްލިމުންގެ ލޭ އޮހޮރުން ހުއްދަކޮށް ހަދައި އުޅޭ މީހުންނަކީ ޚަވާރިޖުންގެ ސިފަ ލިބިގަންނަ ބައެކެވެ.

މިޒަމާނުގައި ޚަވާރިޖުން ތިބުމާ އެ މީހުންގެ ސިފައާމެދު ވާހަކަ ދައްކަމުން ޑޮކްޓަރ ޢަބްދުއްރައްޒާޤް، ޚަވާރިޖުންގެ ސިފަތައް ކަމަށް ވިދާޅުވެފައިވަނީ :

1- ބޮޑެތި ފާފަކުރާ މީހާއަކީ ކާފިރެއް ކަމަށް ބުނުން. އަދި މުސްލިމުން ގެ ލޭ އޮހޮރުން ހުއްދަ ކުރުން.

2- މުސްލިމުންގެ ޖަމާޢަތުން ބޭރުވެގަތުން.

3- ދީން އެގިގެން އުޅޭކަމަށް ހެދިގެން ނަމަވެސް، އެ ދީނުގެ ޙަޤީޤީ ޢިލްމެއް ލިބިފައި ނެތުން.

4- އެ މީހުންގެ ތެރޭގައި، ފިޤުހުވެރިއެއް ނުވަތަ ޢިލްމުވެރިއެއްގެ ދަރަޖަ ދެވޭފަދަ އެކަކުވެސް ނެތުން.

5- ބޮޑެތި ޢިލްމުވެރިންނާއި ޞަޙާބީން ކާފިރު ކުރުމުގައި ފަސް ނުޖެހުން.

6- ރައުޔު ބަދަލުވުމާ ފިކުރު ފޮރުޅުން އަވަސްވުން.

7- ދުރުފެނުން ދަށްވުމާއި، ކަންކަމުގައި ހަރުކަށިވުން.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.