Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ޢަޤީދާ އިސްލާމްދީނުގެ ޢާއްމު ތަޢާރަފެއް: ސުވަރުގެ

އިސްލާމްދީނުގެ ޢާއްމު ތަޢާރަފެއް: ސުވަރުގެ

aamu-thaaraf-7-suvaruge-6ސުވަރުގެ ވަނުން:
ސުވަރުގޭގެ ސިފަކުރުން:
ސުވަރުގޭގެ އަހުލުވެރީންގެ އުޅުން:

ނަރަކަ
ނަރަކަ ވަނުން:
ޖަލެއް ފަދަ ނަރަކަ:
ނަރަކައިން ނުކުންނަން އުޅުން:
ނަރަކަވެރިންގެ ޒުވާބާއި އަރާރުންތައް:
ނަރަކަވެރިންނާއި ސުވަރުގެވެރިންގެ މެދުގައި ދެކެވޭ ވާހަކަ:
އަލްއަޢްރާފް:

 

ސުވަރުގެ ސިފަކުރެވިފައިވާ ވަރަށް ގިނަ އާޔަތްތައް ޤުރުއާނުގައި އައިސްފައި ވެއެވެ. ސުވަރުގޭގެ ގަނޑުވަރުތަކާއި ބަގީޗާތަކުގެ ތެރެއިން ކޯރުތައް ހިނގަހިނގާ ހުންނާނެ ވާހަކައާއި، އެތާ އަހުލުވެރިންގެ އަތުގައި ރަނާއި މުތީގެ އުޅާތަކެއް ހުންނާނެ ވާހަކައާއި، އެ މީހުން ލައިގެން ތިބޭނީ ފަށުއި ހެދުން ކަމާއި، އަދި އެތާނގައި ރަހަ ތަފާތު ނުވާ ކިރު ކޯރުތަކާއި ބޯ މީހުންނަށް މީރު ރާގެ ކޯރުތަކާއި ސާފު މާމުއި ކޯރުތައް ހުންނާނެ ކަމާއި، އަދި އެތާ ރީތި ހޫރުލް ޢީނުން ތިބޭނެ ވާހަކަ، ޤުރުއާނުގައި އޮވެއެވެ.

މިހުރިހާ ސިފަކުރުމެއް ވެސް އައިސްފައި ވަނީ، އިންސާނުންގެ ބުއްދިއަށް ވިސްނޭފަދަ ކައިރި ގޮތަކަށް، އެތަން ސިފަކޮށްދިނުމަށެވެ. އެހެނީ އިންސާނުންގެ ބަހަކީ، މި ބިމުގައި ވާހަކަ ދައްކަން ކަނޑައެޅިފައިވާ ބަހެކެވެ. ޔަޤީނުން ވެސް އެނގޭ އެއްޗަކީ، ސުވަރުގޭގެ ކޯރުތަކަކީ ދުނިޔޭގައި ހުންނަ ފަދަ ކޯރުތަކެއް ނޫނެވެ. އަދި އެތާނގެ ކިރާއި ރާއާއި މާމުޔަކީ، ދުނިޔޭގެ ކިރާއި ރާއާއި މާމުއި ފަދަ އެއްޗެއް ނޫނެވެ. އަދި ސުވަރުގޭގެ ހޫރުންނަކީ ބިމުގެ އަންހެނުންފަދަ ބައެއް ވެސް ނޫނެވެ. މި ފޮތުގެ ކުރީކޮޅު އަހަރެން ވާހަކަ ދައްކާފައިވާ 'ޢަޤީދާގެ ޤަވާޢިދުތައް' މި މައުޟޫ އަށް އަލުން އެނބުރި ގޮސް ކިޔައިފިނަމަ، ސުވަރުގޭގައިވާ ތަކެއްޗަކީ އޭގެ ޙަޤީޤަތަށް އިންސާނުންގެ ޚިޔާލަށް ގެނެވޭނެ އެއްޗެއް ނޫންކަން، އެނގިދާނެއެވެ.

ކުދިކުދި ތަފްޞީލުތަކާ އެކު ސުވަރުގެ ސިފަކޮށް، ބައެއް މުފައްސިރުން ވާހަކަ ދައްކާފައިވަނީ، އެއްވެސް ދަލީލެއްގެ މައްޗަށް ބުރަވެތިބެގެނެއް ނޫނެވެ. އެ މީހުން ކުރިހާ ވެސް ކަމަކީ، ދުނިޔޭގެ މިންތަކުން އާޚިރަތް ދުވަހުގެ ކަންތައްތައް މިނުމެވެ. ޢިލްމުލް ކަލާމުގެ އަހުލުވެރިން ވެސް، ﷲ ގެ ޢަދުލުވަންތަވެރިކަމާއި ސިފަފުޅުތައް، އިންސާނުންގެ ސިފަތަކާއި އިންސާނުންގެ ޢަދުލުވެރިކަމާ އެއް މިނަކުން މިންޏެވެ. މީގެ ނަތީޖާއަކަށް ވީ، އެ މީހުން ވާވަދެ ގެއްލުނީއެވެ. އައިސްފައިވާ ނައްޞުތަކުގައި ކުރެހިފައިވާ އިންތަކާ ހިސާބުން ހުއްޓި، ސަލަފު ޢިލްމުވެރިން ހިންގެވި މަގުން ހިނގައި، އަދި ސިކުނޑިއަކީ ހުރިހާ ކަމެއް ދެނެގަނެ ހުރިހާ އެއްޗެއް ޚިޔާލަށް ގެނެވޭނެ ބާރެއް ހުރި އެއްޗެއް ނޫންކަން ޤަބޫލުކުރި ނަމަ، އެ މީހުން ސަލާމަތް ވީހެވެ.

މި ގޮތުން ޙޫރުލް ޢީނުންނާ ބެހޭ ގޮތުން ވަނީ، އެއްވެސް ޞައްޙަކަމެއް ނެތް ވާހަކަތަކާއި، މާނައެއް ނެތް ޖަދަލުތަކެއް ކުރެވިފައެވެ. ޙޫރުލް ޢީނުންގެ ފަރާތުން ލިބޭ އުފަލަކީ ދުނިޔޭގެ އަންހެނުންގެ ފަރާތުން ލިބޭކަހަލަ އުފަލެއްތޯ ވެސް ބަޔަކު ސުވާލުކުރެއެވެ. ނަމަވެސް، މިހާރު ދުނިޔޭގައި ލިބޭ އަރާމުގެ ލަނޑުދަނޑިއަކީ ދަރިން ލިބުމާއި ނަސްލު ދެމެހެއްޓުންކަން، މި މީހުންނަކަށް ނޭނގެއެވެ. މިއީ ފަހަރެއްގައި ވެސް އާޚިރަތުގެ ގޮވަތީގައި ބޭނުންވާނެ ކަމެއް ނޫނެވެ. ވީމާ، މިފަދަ މައްސަލަތަކުގައި އޮތް އެންމެ ރަނގަޅު ގޮތަކީ، ޤުރުއާނުގައި އައިސްފައިވާ ޚަބަރެއް، އެ އޮތް ގޮތަށް ޤަބޫލުކުރުމެވެ. ސުވަރުގެއާ ބެހޭގޮތުން ޤުރުއާނުގައި އައިސްފައި ނެތް، ކުދިކުދި ތަފްޞީލުތަކުގައި ހިފާ ދަމާ، އެއާ މެދު ބަހުސްކޮށް، ޙަޤީޤަތެއް ނޭނގޭ ވާހަކަތަކެއް ދެއްކުމުގެ ބަދަލުގައި އަހަރެމެން ކުރަންވީ ކަމަކީ، ސުވަރުގެއަށް ދެވޭތޯ، ހެޔޮ ޢަމަލުކުރުމެވެ.

 

ސުވަރުގެ ވަނުން:

ސުވަރުގެ ވަންނަން ހަމައެކަނި އަދި އެދުނަކަސް، ނުވަތަ އެތަނަށް ދެވޭނެ ކަމަށް ހަމައެކަނި އުއްމީދެއް ކުރިއަސް، ސުވަރުގެ ނުވަދެވޭނެއެވެ. ސުވަރުގެ ވަދެވޭނީ އީމާންވެ ހެޔޮ ޢަމަލުކޮށްގެނެވެ.

لَيْسَ بِأَمَانِيِّكُمْ وَلا أَمَانِيِّ أَهْلِ الْكِتَابِ مَنْ يَعْمَلْ سُوءاً يُجْزَ بِهِ

އާޔަތުގެ ތަފްސީރީ މާނަ: ''އެންމެހާ މުސްލިމުންނެވެ. ސުވަރުގޭގެ މަތިވެރި ނިޢްމަތަކީ، ހަމައެކަނި ތިޔަބައި މީހުން އެދޭ އެދުންތަކަކުން ލިބޭނެ އެއްޗެއް ނޫނެވެ. އަދި އަހުލު ކިތާބީން އެ ގޮތަށް ސުވަރުގެ ލިބޭނެ ކަމަށް އެދުނަސް، ސުވަރުގެ ނުލިބޭނެއެވެ. ސުވަރުގެ ލިބޭނީ، ތެދުވެރިކަމާއެކު ﷲ އަށް އީމާންވެ، އެކަލާނގެ ރުއްސަވާ ޢަމަލުތައް އިޙްސާންތެރިކަމާއެކު ކުރުމުންނެވެ. ނުބައި ކަމެއް ކޮށްފިއްޔާ، އެ މީހަކަށް އެކަމުގެ ޖަޒާ ލިބޭނެއެވެ.'' (އައްނިސާ: 123)

أَمْ حَسِبْتُمْ أَنْ تَدْخُلُوا الْجَنَّةَ وَلَمَّا يَعْلَمْ اللَّهُ الَّذِينَ جَاهَدُوا مِنْكُمْ وَيَعْلَمَ الصَّابِرِينَ

އާޔަތުގެ ތަފްސީރީ މާނަ: ''އޭ މުޙައްމަދު (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ގެ އަޞްޙާބުންނޭވެ! ދަތިތަކާއި ހަނގުރާމައިން ތިޔަބައި މީހުން އިމްތިޙާނު ނުކުރެވި، ތިޔަބައި މީހުން ސުވަރުގެ ވަންނާނެ ކަމަށް ހީކުރަނީހެއްޔެވެ؟ ތިޔަބައި މީހުން އިމްތިޙާނު ނު ކުރެވި، އަދި ތިޔައިގެ ތެރެއިން ﷲ ގެ މަގުގައި ޖިހާދުކުރަނީ ކޮން ބައެއްތޯއާއި، ޢަދުއްވުންނާ ދެކޮޅަށް ކެތްތެރިކަން މަތީ ސާބިތުވަނީ ކޮން ބައެއްތޯ، ދެނެވޮޑިގެންވެ އެ ކަން ހާމަނުވަނީސް، ތިޔަބައި މީހުންނަކަށް ސުވަރުގެ ނުވަދެވޭނެއެވެ.'' (އާލްޢިމްރާން: 142)

ވީމާ ސުވަރުގެ ވަންނަ މުއުމިނަކު ވާނީ، ހެޔޮ ޢަމަލުކުރާ، އަދި ދީނަށް ގޮވާލާ، ﷲ ގެ ދީން މަތިވެރި ކުރުމަށްޓަކައި މަސައްކަތްކޮށް، ދުލާއި މުދަލާއި ނަފްސު އެކަމަށް ހޭދަކުރާ މީހަކަށެވެ. މިފަދަ މީހަކު ވާނީ، ޖިހާދުކުރި މީހުންގެ ތެރޭގައެވެ.

މި ޖިހާދުކުރަން ނުކުޅެދޭ މީހެއް ވިއްޔާ، އޭނާ ވާނީ، ނުބައިކަންތައް ނުކުރާ، ނުބައި ކަމަކަށް ގޮވާނުލާ، ދީނުގައި ހިފެހެއްޓުމުން ލިބޭ ތުރާތަކާއި ދުއްތުރާތަކަށް، ކެތްތެރިވާ މީހަކަށެވެ. މިފަދަ މީހަކު ވާނީ، ކެތްތެރީންގެ ތެރޭގައެވެ.

ޤިޔާމަތް ދުވަހުގެ ހިސާބު ބެއްލެވުން ނިމި، ޞިރާޠު މަގު ހުރަސްކޮށްލެވުނީމާ، އޭނާ ދިންނެވުނީއެވެ.

وَسِيقَ الَّذِينَ اتَّقَوْا رَبَّهُمْ إِلَى الْجَنَّةِ زُمَراً حَتَّى إِذَا جَاءُوهَا وَفُتِحَتْ أَبْوَابُهَا وَقَالَ لَهُمْ خَزَنَتُهَا سَلامٌ عَلَيْكُمْ طِبْتُمْ فَادْخُلُوهَا خَالِدِينَ

އާޔަތުގެ ތަފްސީރީ މާނަ: ''އަދި އެ މީހުންގެ ވެރިރަސްކަލާނގެ އެއްކައުވަންތަކޮށް، ހެޔޮ ޢަމަލުކޮށްގެން ތަޤުވާވެރިވެ ތިބި މީހުން، ޖަމާޢަތަކަށް ފަހު ޖަމާޢަތެއް ސުވަރުގެއަށް ގެންދެވޭނެއެވެ. އެތާ ކައިރިއަށް އާދެވި، ސުވަރުގެ ވަނުމަށް ޝަފާޢަތް ދެއްވުނީމާ، ސުވަރުގޭގެ ދޮރުތައް ހުޅުވޭނެއެވެ. ދެން އެ ހިނދު، ސުވަރުގެއާ ހަވާލުވެވަޑައިގެން ތިއްބަވާ މަލާއިކަތްބޭކަލުން، ސުވަރުގޭގެ އަހުލުވެރިންނަށް ވިދާޅުވާނެއެވެ: ތިޔަބައި މީހުންގެ މައްޗަށް ސަލާމް ހުއްޓެވެ. ތިޔަބައި މީހުންނަށް ބާއްޖެވެރިކަން ހުއްޓެވެ. އަބަދަށް ދެމިތިބޭ ބައެއްގެ ގޮތުގައި ސުވަރުގެ ވަންނާށެވެ.'' (އައްޒުމަރު: 73)

ސުވަރުގޭގެ ސިފަކުރުން:

އެތަނުގެ ފުޅާކަމަށް ބަލަންޏާ، އެއީ ތަނަވަސްކަން އިންތިހާއަށް ތަނަވަސް، އުޑުތަކާއި ބިން ފަދަ ފުޅާ ތަނެކެވެ. މިހެން ބުނީމާ އަދި ހައިރާން ނުވާށެވެ. އެހެނީ، މި ދުނިޔެއަށް ނިސްބަތްކޮށް ބަލާއިރު އާޚިރަތަކީ، މަންމަގެ ބަނޑަށް ނިސްބަތްކޮށް ބަލާއިރު ދުނިޔެފަދަ ތަނެކެވެ. ބަނޑުގައި އޮންނަ ދަރިފުޅު، މަންމަގެ ބަނޑަކީ އޭނާގެ މުޅި ދުނިޔެ ކަމަށް ނުދެކޭހެއްޔެވެ؟ އެކަމަކު ދުނިޔޭގެ އެންމެ ގެއެއް ވެސް، އެ ދަރިފުޅުގެ ދުނިޔެއަށް ވުރެ އެތައް ހާސް ގުނަ ބޮޑެވެ.

މި ސުވަރުގެއަކީ ތަޤުވާވެރިންނަށްޓަކައި، ﷲ ތައްޔާރުކުރައްވާފައިވާ ތަނެކެވެ. އެހެންވިއްޔާ އެ ތަޤުވާވެރިންނަކީ ކޮބައިހެއްޔެވެ؟ އެއީ ކޮންކަމެއް ކުރާ ބައެއްހެއްޔެވެ؟ ޖަވާބު އެނގިއްޖެއްޔާ، އަހަރެމެންނަށް ވެސް އެ މީހުން ކުރާ ކަމެއް ކޮށް، އެ މީހުންގެ ތެރެއިންވާ ބަޔަކަށް ވެވިދާނެއެވެ. ޖަވާބު ހޯދަން ބަލާއިރު ފެންނަން އޮތް އެއް އާޔަތަކީ މިއީއެވެ: الَّذِينَ يُنْفِقُونَ فِي السَّرَّاءِ وَالضَّرَّاءِ وَالْكَاظِمِينَ الْغَيْظَ وَالْعَافِينَ عَنْ النَّاسِ وَاللَّهُ يُحِبُّ الْمُحْسِنِينَ (134)   وَالَّذِينَ إِذَا فَعَلُوا فَاحِشَةً أَوْ ظَلَمُوا أَنْفُسَهُمْ ذَكَرُوا اللَّهَ فَاسْتَغْفَرُوا لِذُنُوبِهِمْ وَمَنْ يَغْفِرُ الذُّنُوبَ إِلاَّ اللَّهُ وَلَمْ يُصِرُّوا عَلَى مَا فَعَلُوا وَهُمْ يَعْلَمُونَ (135)

އާޔަތުގެ ތަފްސީރީ މާނަ: ''އެބައިމީހުންނީ، ތަނަވަސް ކަމުގައްޔާއި، ދަތިކަމުގައި ހޭދަކުރާ މީހުންނެވެ. އަދި ކެތްތެރިކަމާއެކު ރުޅި މަތަކޮށް ހިފަހައްޓާ މީހުންނެވެ. އަދި އެ މީހުންނަކީ، މީސްމީހުންގެ ކިބައިން ދިމާވާ އުނދަގޫތަކަށާއި އަނިޔާތަކަށް ބަދަލު ނުހިފައި، ޢަފޫކުރެވެން އޮތިއްޔާ ޢަފޫކުރާ މީހުންނެވެ. މިފަދަ ހެޔޮކަންތައް ކުރާ މީހުން ދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ. (134) އަދި އެބައިމީހުންނީ، ބޮޑު ފާފައެއް ކޮށްފިއްޔާ، ނުވަތަ އެއަށް ވުރެ ކުޑަ ފާފައެއް ކޮށް އަމިއްލަ ނަފްސުތަކަށް އަނިޔާވެރިވެއްޖެނަމަ، އަވަހަށް ﷲ ހަނދުމަކޮށް، އެ ކަލާނގެއަށް ބިރުވެތިވެ، އެ ފާފަތައް ފުއްސެވުން އެދި ތައުބާވާ މީހުންނެވެ. އަދި ﷲ ފިޔަވާ ފާފަ ފުއްސަވާ ދެއްވާނެ އެހެން ފަރާތެއް ނުވާ ކަން ވެސް އެ މީހުން ޔަޤީންކުރެއެވެ. އެހެންވެ އެ މީހުންނަކީ، ތައުބާވެއްޖެ ނަމަ ﷲ ތައުބާލައްވާނެ ކަން އެނގި ތިބެ، ކުށް ކުރުން މަތީ ދެމި ތިބޭ ބައެއް ނޫނެވެ.'' (އާލްޢިމްރާން: 134، 135)

މިއީ ތަޤުވާވެރިންގެ ބައެއް ސިފަތަކެވެ. ވީމާ ރަނގަޅު ޢަޤީދާ އަކާ އެކު، ތެދުވެރިކަމާއެކީ ﷲ އެއްކައުވަންތަ ކުރުމަށް ފަހު، މި ސިފަތައް ލިބިގެންފި މީހާއަކީ ތަޤުވާވެރިންގެ ތެރެއިން ވާ މީހެކެވެ. އަދި މާތް ﷲ ގެ ދީލަތިވަންތަކަމާއި ހެޔޮފުޅުކަމުން، އެ މީހުން ސުވަރުގެ ވައްދަވާނެއެވެ.

ސުވަރުގޭގައި ތަފާތު ދަރަޖަތަކެއް ވެސް ވެއެވެ. މި ގޮތުން، އަލްމުއުމިނޫނަ ސޫރަތުގެ ފުރަތަމަ ނުވަ އާޔަތުގައި އައިސްފައިވާ ސިފަތަކުގެ މުއުމިނުންނަށް ސުވަރުގޭގައި 'ފިރްދައުސް' ގެ މަތިވެރި ދަރަޖަ ލިބެއެވެ.

އަދި 'ޖައްނަތުއް ނަޢީމް' އޭ ކިޔޭ ދަރަޖައެއް ވެސް ވެއެވެ. މިއީ، ހެޔޮކަންތައް ކުރުމަށް އަވަސްވެ ކުރިއަރައިގެން ގޮސްފައި، ﷲ އާ ކުއްތަންކުރެއްވިފައިވާ މީހުންނަށް ހުރި ތަނެކެވެ.

އަދި ސުވަރުގޭގައި 'އަލްޣުރްފާ' އޭ ކިޔާ ދަރަޖައެއް ވެސް ވެއެވެ. މިއީ 'ރަޙްމާންވަންތަ ﷲ ގެ ތެދުވެރި އަޅުން' ނަށް ހުރި ތަނެކެވެ. އެއީ ކޮން ބައެއްކަން، ސޫރަތުލް ފުރްޤާނުން ވަރަށް ސާފުކޮށް އެނގެން އެބަ އޮތެވެ. އެއީ ޢަޤީދާ ރަނގަޅު، ސުލޫކު ތެދު، އަޅުކަން ގިނަ، އަޚްލާޤު މަތިވެރި ބައެކެވެ. ސުވަރުގޭގެ މި މަތީ ދަރަޖަ ލިބެނީ، ދުނިޔޭގައި އުޅުނު އިރު މަތީ އަޚްލާޤެއްގެ ވެރި، ދީނީ ވާޖިބުތައް އަދާކުރުމުގައި ކެތްތެރި އަޅުވެރި ބަޔަކަށެވެ.

އަދި ސުވަރުގޭގައި 'ޖައްނަތުލް މައުވާ' އަކާއި 'ޖައްނާތު ޢަދްނި' އެއް ވެސް ވެއެވެ. ސުވަރުގޭގައި އިތުރު ބަގީޗާތަކެއް ވެސް ވެއެވެ. އަދި އިންސީންނާއި ޖިންނީންގެ ތެރެއިން ﷲ އަށް ބިރުވެތިވެ ތަޤްވާވެރި ވީ މީހުންނަށް ދެ ބަގީޗާއެއް ވެއެވެ.

ސުވަރުގޭގެ އަހުލުވެރީންގެ އުޅުން:

ސުވަރުގޭގެ މީހުން، ތިމާގެ މީހުންނާ އެކުވެރިންނާ، އެއްބަޔަކު އަނެއް ބަޔަކަށް ބައްދަލުވެ އުޅެއެވެ.

هُمْ وَأَزْوَاجُهُمْ فِي ظِلالٍ عَلَى الأَرَائِكِ مُتَّكِئُونَ
އާޔަތުގެ މާނަ: ''އެބައި މީހުންނާއި އެބައި މީހުންގެ އަނބިން ވަނީ، ދާންތަކެއްގެ މަތީގައި ލެނގިގެން އަރާމުގައެވެ.'' (ޔާސީން 56)

جَنَّاتُ عَدْنٍ يَدْخُلُونَهَا وَمَنْ صَلَحَ مِنْ آبَائِهِمْ وَأَزْوَاجِهِمْ وَذُرِّيَّاتِهِمْ وَالْمَلائِكَةُ يَدْخُلُونَ عَلَيْهِمْ مِنْ كُلِّ بَابٍ
އާޔަތުގެ ތަފްސީރީ މާނަ: ''އެ މީހުންނަށް އާޚިރަތުގައި ލިބޭ އުފާވެރި ގޮވައްޗަކީ، ވަންނަ ބަޔަކު އަބަދަށް އެތާ ދެމިތިބެވޭ، ޢަދްނު ބަގީޗާތަކެވެ. އަދި އެ މީހުންނާ އެކު، އެ މީހުންގެ މައިންބަފައިންނާއި، އަނބީންނާއި، ދަރީންގެ ތެރެއިން ހެޔޮ ޢަމަލުކޮށް އުޅުނު މީހުން ވެސް ތިބޭނެއެވެ. އަދި އެ މީހުން ސުވަރުގެ ވަނުމުގެ ތަހުނިޔާ ކިޔުއްވަން، މަލާއިކަތް ބޭކަލުން، އެ ތަނުގެ ހުރިހާ ދޮރަކުން ވަދެވަޑައިގަންނަވާނެއެވެ.'' (އައްރަޢްދު 23)

وَالَّذِينَ آمَنُوا وَاتَّبَعَتْهُمْ ذُرِّيَّتُهُمْ بِإِيمَانٍ أَلْحَقْنَا بِهِمْ ذُرِّيَّتَهُمْ وَمَا أَلَتْنَاهُمْ مِنْ عَمَلِهِمْ مِنْ شَيْءٍ كُلُّ امْرِئٍ بِمَا كَسَبَ رَهِينٌ
ތަފްސީރީ މާނަ: ''އީމާންވީ މީހުންގެ އީމާންކަމުގައި އެ މީހުންނާ ތަބާވާ ދަރިން ވެސް، އެ މީހުންނަށް ސުވަރުގޭގައި ލިބިފައިވާ މަންޒިލެއްގައި، ތިމަންރަސްކަލާނގެ ލައްވާނަމެވެ. އެ ދަރިންނަކީ މައިންބަފައިންނަށް ލިބިފައިވާހާ މަތީ ދަރަޖައެއް ނުލިބޭ ބަޔަކަށް ވިޔަސްމެއެވެ. މިގޮތުން، އީމާންވެ ހެޔޮ ޢަމަލު ކުރި މައިންބަފައިންނާއި އެ މީހުންގެ ދަރިން ވެސް، ސުވަރުގޭގައި އެއްތަންވެ އުޅެވޭނެއެވެ. މައިންބަފައިންގެ ދަރަޖައަށް ދަރިން އުފުލުނަސް، މައިންބަފައިން ކޮށްފައިވާ ޢަމަލަކަށް ލިބޭ ޘަވާބަކުން އެއްވެސް އެއްޗެއް، ތިމަންރަސްކަލާނގެ އުނި ނުކުރައްވާނަމެވެ. ކޮންމެ އިންސާނަކީ ވެސް އެ މީހަކު ކުރި ކަމަކަށް ޖަޒާ ލިބޭނެ މީހެކެވެ. އެއްވެސް މީހަކީ އަނެކާ ކުރާ ފާފައެއް އުފުލާނެ މީހެއް ނޫނެވެ.'' (އައްޠޫރު: 21)

وَنَزَعْنَا مَا فِي صُدُورِهِمْ مِنْ غِلٍّ إِخْوَاناً عَلَى سُرُرٍ مُتَقَابِلِينَ (47) لا يَمَسُّهُمْ فِيهَا نَصَبٌ وَمَا هُمْ مِنْهَا بِمُخْرَجِينَ (48)
އާޔަތުގެ ތަފްސީރީ މާނަ: ''އެބައި މީހުންގެ ހިތްތަކުގައިވާ ރުޅިވެރިކަމަކާއި ޢަދާވާތްތެރިކަމެއް، ތިމަންރަސްކަލާނގެ ވަކިކުރައްވައި ނެތިކުރެއްވީމެވެ. އެ މީހުން އެތާ އުޅޭނީ، އެއްބަޔަކު އަނެއްބަޔަކު ދެކެ ލޯބިވާ އަޚުންތަކެއް ގޮތުގައެވެ. އެ މީހުން ތިބޭނީ، ބޮޑެތި ރީތި ދާންތަކެއްގައި އިށީނދެ، އެކަކު އަނެކަކާ ކުރިމަތިލައިގެންނެވެ. (47) އަދި ސުވަރުގޭގައި އެ މީހުންނަށް އެއްވެސް ވަރުބަލިކަމެއް ނުލިބޭނެއެވެ. އަދި އެ މީހުންނަކީ، ދާއިމަށް އެތާ ދެމިތިބޭނެ ބައެކެވެ.'' (އަލްޙިޖްރު 47، 48)

ސުވަރުގޭގެ އަހުލުވެރިން މަޖްލިސްކޮށް ވާހަކަ ދައްކަން ތިބޭނީ ފަސޭހަ ދާންތަކެއްގައެވެ. އެ ދާންތަކުގެ ރީތިވެފައި މޮޅީ ހަމައެކަނި ބޭރުފުށެއް ނޫނެވެ. އޭގެ ބަތާނަފުށުގައި ވެސް ވަނީ އެހާމެ މޮޅު އަގުހުރި 'އިސްތަބްރަޤް' އޭ ކިޔޭ، ބޯ ފަށުތްވެވެ. ވަށައިގެން ވާނީ، ގަސް ގިނަ ފެހި ބަގީޗާތަކެވެ. ގަސްތަކުގެ މޭވާ ހުންނާނީ، އަތް ދިއްކޮށްލީމާ އަތް ފޯރާ ހިސާބުގައެވެ. ޚިދުމަތުގައި ތިބޭނީ، އެކަމަށްޓަކައި އުފައްދަވާފައިވާ ޚާއްޞަ ކުދިންތަކެކެވެ. ސާފުކަމާއި ދޮންކަމާއި ރީތިކަމުގެ ގޮތުން އެ ކުދިން ހީވާނީ، އިތާ ތެރޭ ރައްކާކުރެވިފައިވާ މުތްތަކެއް ހެނެވެ. ކާން ގެނެވޭނީ، ހިތް އެދޭ ބާވަތްތަކުގެ މަހާއި ދޫނި މަހެވެ. ހިތައް އެރި ވައްތަރެއްގެ މޭވާއެވެ. މޭވާއެއް އެއްފަހަރު ކައިފައި، ފަހުން ކާއިރު ދޭނީ ކުރިން ދިން ރަހައެއް ނޫނެވެ. ކާ ކޮންމެ ފަހަރަކު އޭގެ މީރުކަން ދާނީ ހައްތާހާ އިތުރުވަމުންނެވެ. އެއްފަހަރު ލިބުނު އެއްޗެއް ފަހުން ނުލިބިދާނެ ކަމުގެ ބިރެއް ނޯންނާނެއެވެ. ބުއިމަށް ހުންނާނީ، ބުއިމުން މަސްތު ނުވާ މީރު ރާއާއި، ރަހަ ތަޣައްޔަރު ނުވާ ކިރާއި، ސާފު މާމުޔެވެ.

ސުވަރުގޭގައި ކާންވީމާ ތަނަކަށް ދާކަށް ނުޖެހެއެވެ. އެތާނގައި ކާނާއަކީ ކައިރިއަށް ގެނެވޭ އެއްޗެކެވެ. ކާނާ ގެނެވޭނީ ރަނާއި ރިހި ތަބައްތަކުގައެވެ. ޝަރާބު ގެނެވޭނީ ރަނާއި ރިހީގެ ތަށިތަކުގައެވެ.

يُطَافُ عَلَيْهِمْ بِصِحَافٍ مِنْ ذَهَبٍ وَأَكْوَابٍ وَفِيهَا مَا تَشْتَهِيهِ الأَنفُسُ وَتَلَذُّ الأَعْيُنُ
އާޔަތުގެ މާނަ: ''އީމާންވެ ސުވަރުގެ ވަން މީހުންގެ ގާތަށް ރަނުގެ ތަބައްތަކާއި ތަށިތަކާއިގެން ހިނގޭނެއެވެ. އޭގައި ހުންނާނީ ހިތް އެދޭހާ، އަދި ލޯތަކަށް އުފާ ލިބިދޭހާ ބާވަތްތަކެވެ.'' (އައްޒުޚްރުފް: 71)

فَوَقَاهُم اللَّهُ شَرَّ ذَلِكَ الْيَوْمِ وَلَقَّاهُمْ نَضْرَةً وَسُرُوراً (11) وَجَزَاهُمْ بِمَا صَبَرُوا جَنَّةً وَحَرِيراً (12) مُتَّكِئِينَ فِيهَا عَلَى الأَرَائِكِ لا يَرَوْنَ فِيهَا شَمْساً وَلا زَمْهَرِيراً (13) وَدَانِيَةً عَلَيْهِمْ ظِلالُهَا وَذُلِّلَتْ قُطُوفُهَا تَذْلِيلاً (14) وَيُطَافُ عَلَيْهِمْ بِآنِيَةٍ مِنْ فِضَّةٍ وَأَكْوَابٍ كَانَتْ قَوَارِيرَ (15) قَوَارِيرَ مِنْ فِضَّةٍ قَدَّرُوهَا تَقْدِيراً (16) وَيُسْقَوْنَ فِيهَا كَأْساً كَانَ مِزَاجُهَا زَنجَبِيلاً (17) عَيْناً فِيهَا تُسَمَّى سَلْسَبِيلاً (18) وَيَطُوفُ عَلَيْهِمْ وِلْدَانٌ مُخَلَّدُونَ إِذَا رَأَيْتَهُمْ حَسِبْتَهُمْ لُؤْلُؤاً مَنثُوراً (19)  وَإِذَا رَأَيْتَ ثَمَّ رَأَيْتَ نَعِيماً وَمُلْكاً كَبِيراً (20)  عَالِيَهُمْ ثِيَابُ سُندُسٍ خُضْرٌ وَإِسْتَبْرَقٌ وَحُلُّوا أَسَاوِرَ مِنْ فِضَّةٍ وَسَقَاهُمْ رَبُّهُمْ شَرَاباً طَهُوراً (21)
އާޔަތްތަކުގެ ތަފްސީރީ މާނަ: ''ދެން މާތް ﷲ، އެ ދުވަހުގެ ނުރައްކާތެރިކަމުން، އެބައި މީހުން ރައްކާތެރިކުރެއްވިއެވެ. އަދި ރީތިކަމާއި އުޖާލާކަން އެ މީހުންގެ މޫނުގައި ލެއްވިއެވެ. ހިތްހަމަޖެހުމާއި އުފާވެރިކަން އެ މީހުންގެ ހިތްތަކުގައި ލެއްވިއެވެ. * އަދި އެ މީހުން ދުނިޔޭގައި ﷲ އަށް ކިޔަމަންތެރިވުމުގައި ކެތްތެރިވީކަމަށްޓަކައި، އެބައި މީހުންނަށް ޖަޒާއެއްގެ ގޮތުގައި ސުވަރުގެ ދެއްވީމެވެ. އެތާ އެ މީހުން ލައިގެން ތިބޭނީ މަޑު ފަށުއި ފޭރާމެވެ. * އެ މީހުން އެތާނގައި އަރާމުކޮށް ލެނގިގެން ތިބޭނީ، މޮޅު ފަށުއިން ޒީނަތްތެރިކުރެވިފައިވާ ދާންތަކެއްގައެވެ. އެތާނގައި އެ މީހުން، އިރުގެ ހޫނުކަމެއް، އަދި ގަދަ ފިނިކަމެއް ވެސް ނުދެކޭނެއެވެ. * އެތާނގެ ގަސްތަކުގެ ހިޔާތައް އެބައިމީހުންނާ ގާތްވެގެންވެއެވެ. އަދި، އެ ބޭނުން އިރަކު ބޭނުން ގޮތަކަށް ތިބެ، އެ ގަސްތަކުގެ މޭވާ ބިނުން، ފަސޭހަކުރެއްވުމަކުން އެބައިމީހުންނަށް ފަސޭހަކުރެއްވިގެންވެއެވެ. * އަދި ރިހިންވާ ކަންވާރުތަކާއި، ބިއްލޫރި ފެންބޯ ތަށިތަކާއިގެން، ސުވަރުގޭގެ ޚާދިމުން އެ މީހުން ގާތަށް އައިސްގޮސްވެއެވެ. އެ ބިއްލޫރި ތައްޓަކީ، ރިހިން ހެދިފައިވާ އެއްޗެކެވެ. ނަމަވެސް އޭގެ ސާފުކަމުން ހީވާނީ ބިއްލޫރިހެނެވެ. އަދި އެ ތަށިތަކުގެ ބޭނުންވާ ކުޑަބޮޑުމިނާއި ގިނަމަދުމިނަކީ، އެ މީހުން އަމިއްލައަށް ކަނޑައަޅާ ކަމެކެވެ. * ހެޔޮލަފާ މި ސުވަރުގެވެރިންނަށް، ސުވަރުގޭގައި، ޒަންޖަބީލާއި އެއްކުރެވިފައިވާ ރާ ތައްޓެއް ބޯން ދެވޭނެއެވެ. * އެ މީހުންގެ ބުއިމަކީ، އޭގެ ސަލާމަތްކަމާއި ދިރުވުން ފަސޭހެކަމުން، ސަލްސަބީލު އޭ ކިޔޭ، ސުވަރުގޭގެ އާރަކުން އަންނަ އެއްޗެކެވެ. * އަދި އެބައި މީހުންގެ ޚިދުމަތުގައި، އެބައި މީހުން ގާތަށް އައިސްގޮސްވާ، އަބަދު އެއް ޢުމުރެއްގައި ދެމިތިބޭ ކުދިންތަކެއް ތިބެއެވެ. ސުވަރުގެވެރީންގެ ޚިދުމަތުގައި އެކި ދިމަދިމާއަށް ގޮސްއައިސް އުޅޭއިރު، އެ ކުދިންނާ ދިމާއަށް ބަލައިފިނަމަ، އެ ކުދީންގެ ރީތިކަމުންނާއި، ކުލަ ސާފުކަމުންނާއި، މޫނުގެ އުޖާލާކަމުންނާއި، ޢަދަދު ގިނަކަމުން ހީވާނީ، އެކި ދިމަދިމާއަށް އުކާލެވިފައިވާ މުތީތަކެއް ހެނެވެ. * ސުވަރުގޭގެ ކޮންމެ ދިމާއަކަށް ބެއްޔަސް، ފެންނާނީ، ސިފަނުކުރެވޭފަދަ ނިޢްމަތްތަކާއި، ﷲ ގެ ބޮޑުވެގެންވާ ރަސްކަމެވެ. * ސުވަރުގޭގެ މީހުން ލައިގެން ތިބޭނީ، ފެހިކުލައިގެ ތުނި އޮމާން ފަށުއިން ބަތާނަލާފައިވާ، އަދި ބޭރުގައި ފަށުއިން އަތްކަން އެޅިގެންވާ ހެދުމެވެ. އަދި އެމީހުން ގައިގައި ރިހި އުޅާތަކުގެ ގަހަނާ ލެވިގެންވެއެވެ. އަދި މިހުރިހާ ކަމެއްގެ އިތުރުން، އެބައި މީހުންގެ ވެރިރަސްކަލާނގެ، އެބައި މީހުންނަށް ސާފު، ޠާހިރު ބުއިމެއް ބޯންދެއްވައެވެ.'' (އަލްއިންސާން: 11- 21)

 ثُلَّةٌ مِنْ الأَوَّلِينَ (13) وَقَلِيلٌ مِنْ الآخِرِينَ (14) عَلَى سُرُرٍ مَوْضُونَةٍ (15) مُتَّكِئِينَ عَلَيْهَا مُتَقَابِلِينَ (16)   يَطُوفُ عَلَيْهِمْ وِلْدَانٌ مُخَلَّدُونَ (17) بِأَكْوَابٍ وَأَبَارِيقَ وَكَأْسٍ مِنْ مَعِينٍ (18) لا يُصَدَّعُونَ عَنْهَا وَلا يُنزِفُونَ (19)   وَفَاكِهَةٍ مِمَّا يَتَخَيَّرُونَ (20) وَلَحْمِ طَيْرٍ مِمَّا يَشْتَهُونَ (21) وَحُورٌ عِينٌ (22) كَأَمْثَالِ اللُّؤْلُؤِ الْمَكْنُونِ (23) جَزَاءً بِمَا كَانُوا يَعْمَلُونَ (24)
އާޔަތްތަކުގެ ތަފްސީރީ މާނަ: ''ހެޔޮކަންތަކުގައި ކުރިއަރައި ދިޔަ، ކުއްތަންކުރެއްވިގެންވާ ބަޔަކީ، މި އުއްމަތާއި އަދި އެހެނިހެން އުއްމަތްތަކުގެ ކުރީކޮޅުގެ ގިނަބަޔަކާއި، * އަދި މި އުއްމަތުގެ ފަހުކޮޅުގެ މަދުބައެކެވެ. * އެ މީހުން ސުވަރުގޭގައި ތިބޭނީ، ރަނުން އަތްކަން އެޅިފައިވާ ދާންތަކެއްގައި، * އެކަކު އަނެކަކާ ކުރިމަތިލައިގެން، ލެނގިގެންނެވެ. * އަބަދު އެއް ޢުމުރެއްގައި ދެމިތިބޭ ކުދިންތަކެއް، އެ މީހުން ގާތަށް އައިސް ގޮސްވެއެވެ. * ތަށިތަކާއި ކުރާތަކާއިގެންނެވެ. އަދި ކެނޑިދިއުމެއް ނެތި ހިނގަހިނގާ އޮންނަ އާރަކުން ނެގޭ ރާ ތައްޓެއް ވެސް ގެނެވޭނެއެވެ. * އެ ރާ ބުއިމަކުން އެ މީހުންގެ ބޮލަށް ވޭނެއް ނުލިބޭނެއެވެ. އަދި މަސްތުވެ ބުއްދިފިލައި ވެސް ނުދާނެއެވެ. * އަދި އެ މީހުން ބޭނުންވެ އިޚްތިޔާރުކުރާ މޭވާ ވެސް ގެނެވޭނެއެވެ. * އަދި އެ މީހުންގެ ހިތްއެދޭ ބާވަތްތަކުގެ ދޫނި މަސް ވެސް ގެނެވޭނެއެވެ. އަދި އެ މީހުންނަށްޓަކައި ކަޅިރަވަ ރީތި އަންހެނުންތަކެއް ވެއެވެ. * އަދި ސާފުކަމާއި ރީތިކަމުން އެ އަންހެނުންތައް ހީވާނީ، އިތާގައި ރައްކާވެފައިވާ މުތްތަކެއް ހެނެވެ. * މި ނިޢްމަތްތަކަކީ، ދުނިޔޭގައި އެ މީހުން ކުރި ހެޔޮ ޢަމަލުތަކުގެ ޖަޒާއެވެ.'' (އަލްވާޤިޢާ: 13- 24)

ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އިބަރަސްކަލާނގެ ރަޙްމަތަކީ ތަނަވަސް ރަޙްމަތެކެވެ. އިބަ ރަސްކަލާނގެ ޢަފޫކުރެއްވުމަކީ ދީލަތި ޢަފޫކުރެއްވުމެކެވެ. ރަޙްމަތް ލައްވާ ޢަފޫކުރައްވަނީ، ހަމައެކަނި އިބަރަސްކަލާނގެއެވެ. ނަރަކައިގެ ޢަޛާބުން އަޅަމެން ސަލާމަތް ކުރައްވައި، ސަލާމަތްކަމާއެކު ސުވަރުގެ ވައްދަވާ ދެއްވާފާނދޭވެ!

*    *    *    *

 

ނަރަކަ

 

ނަރަކައޭ ބުނީމާ، ފުރަތަމައިނުން އަހަރެމެންނަށް ތަޞައްވަރު ވަނީ، އެއީ ހަމަ މި ދުނިޔޭގައި ވެސް މި ދެކޭފަދަ އަލިފާން ކަމަށެވެ. ނަމަވެސް ޙަޤީޤަތަކީ މިއެއް ނޫނެވެ. ނަރަކައިގެ އަލިފާނަކީ ދުނިޔޭގެ އަލިފާނަށް ވުރެ އެތައް ގުނައެއް ހޫނު އެއްޗެކެވެ. މި ދެ ތަނުގައި ވެސް ހުރީ 'އަލިފާން' ކަމަށް ވިޔަސް، ދުނިޔޭގެ އަލިފާން ނަރަކައިގެ އަލިފާނާ އަޅާ ވެސް ނުކިޔޭނެއެވެ. ނަރަކައިގެ އަލިފާން ސިފަކޮށް، ޤުރުއާނުގައި އައިސްފައިވާ އާޔަތްތަކާ މެދު ވިސްނައިފި މީހަކަށް، މިއީ މުޅިން ތަފާތު ދެ އަލިފާނެއްކަން އެނގޭނެއެވެ. ނަރަކައިގައި ވެސް ހުންނަނީ ދުނިޔެއިން އަހަރެމެން މި ދެކޭފަދަ އަލިފާނެއް ނަމަ، އެތާނގައި ހުންނަ ހުރިހާ އެއްޗެއް އަނދައި އަޅިއަށް ވެދާނެއެވެ. އެކަމަކު ނަރަކައިގައި އެހެނެއް ނުވެއެވެ. ނަރަކައިގައި ގަސް ވެސް ހުރެއެވެ. އެތާ ފެން ވެސް ހުރެއެވެ. އެތާ ހިޔާ ވެސް ހުރެއެވެ. އެކަމަކު އެތާނގެ ހިޔަލާއި، ފެނާއި، ގަހަކީ، ޢަޛާބު ދިނުމަށް ހުންނަ އެއްޗެއްސެވެ. ނިޢްމަތަކަށް ހުންނަ އެއްޗެއްސެއް ނޫނެވެ. ދުނިޔޭގައި ހުންނަ އަލިފާނަށް ވެއްޓިއްޖެ މީހަކު ވިއްޔާ އަނދައި މަރުވެދާނެއެވެ. ދެން އިތުރަށް ލިބޭނެ ވޭނެއް ނޯންނާނެއެވެ. ނަމަވެސް ނަރަކައިގެ އަލިފާނުން އަނދާ އެނދުމަށް ނިމުމެއް ނާންނާނެއެވެ. ލިބޭ ވޭން ކުޑައެއް ނުވާނެއެވެ. ހަންގަނޑު އަނދައިގެން ދިޔައިމާ އަނެއްކާ އާ ހަމެއް އަރައި، ވޭން ލިބެން ފަށާނެއެވެ. ކިތަންމެ ވަރަކަށް ޢަޛާބު ލިބުނަސް މަރެއް ނުވާނެއެވެ.

وَالَّذِينَ كَفَرُوا لَهُمْ نَارُ جَهَنَّمَ لا يُقْضَى عَلَيْهِمْ فَيَمُوتُوا وَلا يُخَفَّفُ عَنْهُمْ مِنْ عَذَابِهَا كَذَلِكَ نَجْزِي كُلَّ كَفُورٍ

އާޔަތުގެ ތަފްސީރީ މާނަ: ''އަދި ﷲ އަށް ކުފުރުވެ، އެކަލާނގެ ފޮނުއްވި ރަސޫލުން ދޮގުކޮށް އުޅުނު މީހުންނަށް ހުރީ، އަނދައަނދާ ހުރި ނަރަކައިގެ އަލިފާނެވެ. އަދި ޢަޛާބު ލިބިލިބި މަރުވާން، އެބައި މީހުންގެ މައްޗަށް ނިޔާކަނޑައެޅި، މަރުވެ ޢަޛާބުން ސަލާމަތްވާ ބައެއް ކަމުގައި އެމީހުން ނުވެއެވެ. އަދި އެ ނަރަކައިގެ ޢަޛާބުން ކިތަންމެ ކުޑަ މިންވަރެއް ވެސް އެ މީހުންގެ ކިބައިން ލުޔެއް ނުކުރެވޭނެއެވެ. ކާފިރުވާ ކޮންމެ މީހަކަށް ވެސް، ތިމަން ރަސްކަލާނގެ ޖަޒާދެއްވަނީ، އެފަދައިންނެވެ. '' (ފާޠިރު: 36)

ނަރަކައިގެ އަލިފާނުން ހަންގަނޑު ވިރިގެން ނުދާނެއެވެ. ހަންގަނޑު ރޯފިލާނީއެވެ. ރޯފިލާ ކޮންމެ ފަހަރަކު، ޢަޛާބުގެ ރަހަ އަލުން ދެއްވުމަށްޓަކައި، މާތް ﷲ އެ ހަންގަނޑު ބަދަލު ކުރައްވާނެއެވެ.

إِنَّ الَّذِينَ كَفَرُوا بِآيَاتِنَا سَوْفَ نُصْلِيهِمْ نَاراً كُلَّمَا نَضِجَتْ جُلُودُهُمْ بَدَّلْنَاهُمْ جُلُوداً غَيْرَهَا لِيَذُوقُوا الْعَذَابَ إِنَّ اللَّهَ كَانَ عَزِيزاً حَكِيماً

އާޔަތުގެ ތަފްސީރީ މާނަ: ''ތިމަންރަސްކަލާނގެ، ދެއްކެވި ހުއްޖަތާއި ދަލީލާއި ވަޙީއާއި ޢަލާމާތްތަކަށް ކާފިރުވީ މީހުން، ތިމަންރަސްކަލާނގެ، އޭގެ ހޫނުން އަނދައި ރޯފިލާ ނަރަކައަށް ވައްދަވާނަމެވެ. އެބައި މީހުންގެ ހަންތައް ރޯފިލާ އިރަށް، އެބައި މީހުންގެ ހަށިގަނޑުގައި އާ އެހެން ހަމެއް ލައްވާނަމެވެ. އެއީ، އެބައި މީހުންނަށް ވޭނާއި ޢަޛާބު ގެ ރަހަ ލިބުން މަތީ ދެމިތިބުމަށްޓަކައެވެ.'' (އައްނިސާ: 56)

ނަރަކައިގައި ތިބޭ މީހުން، އެތާނގައި ދިރިއުޅޭނެއެވެ. ލިބޭ ޢަޛާބާ މެދު ވިސްނާނެއެވެ. ދުނިޔޭގައި ﷲ އަށް ނުކިޔަމަންތެރިވެ އުޅުނު ކަމަށްޓަކައި، ސަހަރޯ އޭ ހިތަށް އަރާނެއެވެ. މަގު ފުރެއްދި މީހުންނާ ޒުވާބުކޮށް އަރާރުންވާނެއެވެ.

ނަރަކައިގައި ގަސް ހުރެއެވެ. އެކަމަކު އެއީ ޒައްޤޫމު ގަހެވެ. އެއީ ނަރަކައިގެ އެންމެ އަޑިން ފަޅާ ގަހެކެވެ.

إِنَّهَا شَجَرَةٌ تَخْرُجُ فِي أَصْلِ الْجَحِيمِ (64) طَلْعُهَا كَأَنَّهُ رُءُوسُ الشَّيَاطِينِ (65)

އާޔަތުގެ މާނަ: ''ހަމަކަށަވަރުން އެ ގަހަކީ، ނަރަކައިގެ އެންމެ އަޑީން ފަޅައިގެން ހެދޭ ގަހެކެވެ. (65) އޭގެ މޭވާ ހުތުރުކަމުން، ޝައިޠާނުންގެ ބޯތަކާއި އެއްފަދަ ވެގެންވެއެވެ.'' (އައްޞާފާތު: 64، 65)

ނަރަކައިގައި ކާ އެއްޗެހި ހުރެއެވެ. އަދި ނަރަކައިގެ މީހުން ކައިވެސް ހަދައެވެ. އެކަމަކު އެ މީހުން ކާނީ މި ޒައްޤޫމު ގަހުންނެވެ.  فَإِنَّهُمْ لآكِلُونَ مِنْهَا فَمَالِئُونَ مِنْهَا الْبُطُونَ

އާޔަތުގެ މާނަ: ''ފަހެ، ހަމަކަށަވަރުން އެބައިމީހުން، އެއިން ކާނެކަން ކަށަވަރެވެ. އަދި އެއިން އެބައިމީހުންގެ ބަނޑުތައް ފުރާލާނެއެވެ.''(އައްޞާފާތި: 66)

إِنَّ شَجَرَةَ الزَّقُّومِ (43) طَعَامُ الأَثِيمِ (44)  كَالْمُهْلِ يَغْلِي فِي الْبُطُونِ (45) كَغَلْيِ الْحَمِيمِ (46)

އާޔަތުގެ ތަފްސީރީ މާނަ:''ޒައްޤޫމު ގަހުގެ މޭވާ ވާކަން ކަށަވަރީ * ޝިރުކުކުރުމުގެ ފާފަވެރިއާގެ ކާނާ ކަމުގައެވެ. * ވިރުވާލެވިފައިވާ މަޢްދަންހެން، ޒައްޤޫމު ގަހުގެ މޭވާ ކެއުމުން ބަނޑުތެރޭގައި ކެކޭނެއެވެ. * ކެކިކެކި ހުންނަ ފެން ކެކިކެކި ހުންނަ ފަދައިންނެވެ.'' (އައްދުޚާން: 43-46)

އަދި ޒައްޤޫމު ގަހުން ކެއުމަށް ފަހު ބޯނެ އެއްޗެއް ވެސް ހުރެއެވެ. އެ ބުއިމުން، އޭގެ ހޫނުކަމުން ގޮހޮރުތައް ދާނީ ބުރިބުރިވެގެންނެވެ. ثُمَّ إِنَّ لَهُمْ عَلَيْهَا لَشَوْباً مِنْ حَمِيمٍ
އާޔަތުގެ މާނަ: ދެން އެ ކެއުމަށް ފަހު، ހަމަކަށަވަރުން އެބައިމީހުނަށް، ނަރަކައިގެ މީހުން ގައިން ފައިބާ ދޮހާއި ފާ ދިޔައާއި ލޭ އެކުވެގެން އުފެދިފައިވާ ހޫނުކަން ގަދަ ބުއިމެއް ވެއެވެ. (އައްޞާފާތު:67)

مِنْ وَرَائِهِ جَهَنَّمُ وَيُسْقَى مِنْ مَاءٍ صَدِيدٍ (16) يَتَجَرَّعُهُ وَلا يَكَادُ يُسِيغُهُ ... (17)

އާޔަތުގެ ތަފްސީރީ މާނަ: ''ކާފިރު މީހާގެ ކުރިމަތީގައި އޮތީ ނަރަކައެވެ. އަދި އެތަނުގައި ބޯން ދެވޭނީ، ނަރަކައިގެ މީހުން ގައިން ނުކުންނަ ދޮހާއި ފާ ދިޔައިގެ ފެނެކެވެ. * ކިބުރުވެރިވެ އުޅުނު ކާފިރު، އެ ފެން ބޯން އުޅޭނެއެވެ. ނަމަވެސް އޭގެ ހޫނުކަމާއި، ދޭ ނުބައި ރަހަޔާއި ހަޑިކަމުން، ކެތްކުރާން ނުކެރޭފަދަ ފަކުރާއި ވޭނެއްގައި، ކިރިއާ އެ ދިރުވާލެވޭނީއެވެ...'' (އިބްރާހީމް: 16، 17)

ބަނޑުހައި ވެގެން ޒައްޤޫމު ކެއިމާ ބަނޑު ކެކިގަތީމާ، ކަރުހިއްކައިގަނެގެން ގޮސް ބޯން ޖެހެނީ، ހޫނުކަމުގެ އިންތިހާއަށް ގޮސްފައިވާ ހޫނު ފެނެކެވެ. އެ މީހުން އެ ފެން ބޯނީ، ކިތަންމެ ވަރަކަށް ފެން ބުޔަސް ކަރުހިއްކުން ނުފިލާ ވައްތަރެއްގެ ބައްޔެއް ޖެހިގެން ކަރުހިއްކައިގެންފައިވާ، ޖަމަލުތަކެއް ފެން ބޯ ފަދައިންނެވެ.

لآكِلُونَ مِنْ شَجَرٍ مِنْ زَقُّومٍ (52) فَمَالِئُونَ مِنْهَا الْبُطُونَ (53) فَشَارِبُونَ عَلَيْهِ مِنْ الْحَمِيمِ (54) فَشَارِبُونَ شُرْبَ الْهِيمِ (55)
އާޔަތުގެ މާނަ: ''ފަހެ، ހަމަކަށަވަރުން އެބައިމީހުން، ޒައްޤޫމު ގަހުން ކާނެކަން ކަށަވަރެވެ. * އަދި އެއިން އެބައިމީހުންގެ ބަނޑުތައް ފުރާލާނެއެވެ. * ދެން އެ ކެއުމަށް ފަހު، ހަމަކަށަވަރުން އެބައިމީހުނަށް، ހޫނުކަން ގަދަ ބުއިމެއް ވެއެވެ. * ދެން އެ މީހުން، ގިނަ މިންވަރަކަށް އެއިން ފެންބޯނެއެވެ. ކަރުހިއްކުން ނުފިލާ ބައްޔެއް ޖެހިފައިވާ ޖަމަލުތަކެއް ފެންބޯ ފަދައިންނެވެ. ''(އަލްވާޤިޢާ:52- 55)

ނަރަކައިގައި ހެދުން ވެސް ހުރެއެވެ. އެކަމަކު އެއީ ވެސް އަލިފާނުން ހުންނަ އެއްޗެކެވެ. فَالَّذِينَ كَفَرُوا قُطِّعَتْ لَهُمْ ثِيَابٌ مِنْ نَارٍ
އާޔަތުގެ މާނަ: ''....ފަހެ އޭގެތެރެއިން ކާފިރު މީހުންނަށް ވަނީ، އަލިފާނުގެ ފޭރާންތަކެއް ކެނޑިފައެވެ...'' (އަލްޙައްޖު: 19)

އަދި ނަރަކައިގައި ކުޑަތަކާއި ހިޔާ ވެސް ހުރެއެވެ. އެކަމަކު އެ ވެސް ހުންނަނީ އަލިފާނުންނެވެ.  لَهُمْ مِنْ فَوْقِهِمْ ظُلَلٌ مِنْ النَّارِ
އާޔަތުގެ މާނަ: ''ނަރަކައިގައި އެމީހުންނަށް އެމީހުންނާ ދިމާ މަތީގައި އަލިފާނުގެ ފަށަލަތަކެއް ވެއެވެ.'' (އައްޒުމަރު:16)

وَظِلٍّ مِنْ يَحْمُومٍ
އާޔަތުގެ ތަފްސީރީ މާނަ: ''އަދި ވައަތްފަރާތުގެ މީހުން ވަނީ، ކަޅުކަން ގަދަ ދުމަކުން އުފެދޭ ހިޔަންޏެއްގެ ހިޔާ ދަށުގައެވެ.'' (އަލްވާޤިޢާ: 43)

އާޚިރަތަށް ވުރެ ދުނިޔެ އިސްކޮށް، ކުފުރުވެގަނެ، އަލުން ދިރުއްވޭނެކަން އިންކާރު ކުރި މީހުންނަށް ހުރީ މި ޢަޛާބެވެ.  إِنَّهُمْ كَانُوا قَبْلَ ذَلِكَ مُتْرَفِينَ (45)  وَكَانُوا يُصِرُّونَ عَلَى الْحِنثِ الْعَظِيمِ (46)

އާޔަތުގެ ތަފްސީރީ މާނަ: ''އޭގެ ކުރިން ޙަރާމް ގޮތްގޮތުން އަރާމާ ނިޢްމަތް ހޯދައި، އުފާވެރި ތަނަވަސް ދިރިއުޅުމެއް އުޅުނު ބަޔަކު ކަމުގައި، ހަމަކަށަވަރުން އެ މީހުން ވިއެވެ. (45) އަދި ޝިރުކުރުމާއި ކުފުރުވުމާއި އުރެދުން މަތީގައި ދޫނުކޮށް ދެމިތިބޭ ބަޔަކު ކަމުގައި، ހަމަކަށަވަރުން އެ މީހުން ވިއެވެ.'' (އަލްވާޤިޢާ: 45، 46)

ނަރަކަ ވަނުން:

ޙިސާބު ބެއްލެވުން ނިމި، ކާފިރުންނަށް ލިބެންޖެހޭ ޢަޛާބު ކަނޑައެޅުނީމާ، ޖަމާޢަތަކަށް ފަހު ޖަމާޢަތެއް ނަރަކައަށް ގެންދެވޭނެއެވެ. އެ މީހުން ﷲ އަށް ޝިރުކުކުރުމާއި، ކުފުރުވެރިކަމާއި އުރެދުންމަތީ ދޫނުކޮށް ދެމިތިބި ވަރުން، ނަރަކަ ވެސް ރުޅިން ކުދިކުދި ވެދާފަދައެވެ.

تَكَادُ تَمَيَّزُ مِنْ الْغَيْظِ كُلَّمَا أُلْقِيَ فِيهَا فَوْجٌ سَأَلَهُمْ خَزَنَتُهَا أَلَمْ يَأْتِكُمْ نَذِيرٌ
އާޔަތުގެ ތަފްސީރީ މާނަ: ''އަދި ކާފިރުން ދެކެ އަންނަ ރުޅިއެއްގެ ބޮޑުކަމުން، ނަރަކަ ވީދި ވަކިވެ ކުދިކުދި ވެދާފަދައެވެ. ކާފިރުންގެ ބަޔަކު ނަރަކައަށް އެއްލާލެވޭ ކޮންމެ ފަހަރަކު، އެތަން ބަލަހައްޓަވާ މަލާއިކަތްބޭކަލުން، ލަކިޖައްސަވާ އަދި ދެރަކޮށްލެއްވުމުގެ ގޮތުން އެ މީހުންނާ ސުވާލު ކުރައްވައެވެ: ކަލޭމެން މިއަދު ތި ތިބި ޢަޛާބުން ރައްކާތެރިވެ ތިބުމަށް އިންޒާރު ދޭނެ ރަސޫލުން، ކަލޭމެންގެ ގާތަށް ވަޑައިނުގަންނަވަނީ ހެއްޔެވެ؟!'' (އަލްމުލްކު: 8)

ތެދަށް ބުނެ އިޢްތިރާފުވުން ނޫން ގޮތެއް، އެ ދުވަހު އެ މީހުންނަކަށް ނޯންނާނެއެވެ. قَالُوا بَلَى قَدْ جَاءَنَا نَذِيرٌ فَكَذَّبْنَا وَقُلْنَا مَا نَزَّلَ اللَّهُ مِنْ شَيْءٍ

އާޔަތުގެ ތަފްސީރީ މާނަ: ''ޖަވާބުގައި އެ މީހުން ބުނެއެވެ: ނޫނެކެވެ. އިންޒާރު ދެއްވާނެ ރަސޫލުބޭކަލުން އަހަރެމެން ގާތަށް ވަޑައިގަތެވެ. އިންޒާރު ވެސް ދެއްވިއެވެ. އެކަމަކު އަހަރެމެން އެ ބޭކަލުން ދޮގުކުރީއެވެ. އަދި އެ ބޭކަލުން ގެންނެވި އާޔަތްތަކާ މެދު އަހަރެމެން ބުނީ، އެއްވެސް އިންސާނަކަށް އެއްވެސް އެއްޗެއް، މާތް ﷲ ބާވައިނުލައްވާ ކަމަށެވެ...'' (އަލްމުލްކު: 9)

ދެން އެ ހިސާބުން، އެ މީހުންނަކީ އަޑު ނީވޭ ބީރު، ނުވިސްނޭ މޮޔަ ބައެއް ކަމަށް އިޢްތިރާފު ވާނެއެވެ. ޙައްޤަކީ ކޮބައިކަން ބެލުމުގެ ނިޔަތުގައި، ރަސޫލު ބޭކަލުން ގެންނެވި ރިސާލަތު އަޑު އެހިނަމަ، އަދި އެ ބޭކަލުން ދެއްކެވި ވާހަކައާއި، އަމިއްލަ ނަފްސުތަކާއި ވަށައިގެންވާ ކައުނާ މެދު ވިސްނާ ފިކުރުކުރިނަމަ، ނަރަކައިގެ އަހުލުވެރިންގެ ތެރެއިން ނުވީސް ކަމަށް، އިޢްތިރާފުވާނެއެވެ.

وَقَالُوا لَوْ كُنَّا نَسْمَعُ أَوْ نَعْقِلُ مَا كُنَّا فِي أَصْحَابِ السَّعِيرِ (10)   فَاعْتَرَفُوا بِذَنْبِهِمْ فَسُحْقاً لأَصْحَابِ السَّعِيرِ (11)

އާޔަތުގެ ތަފްސީރީ މާނަ: ''އަދި ކުށަށް އިޢްތިރާފުވެ އެ މީހުން ބުނެއެވެ: ރަސޫލު ބޭކަލުން އަހަރެމެންނަށް ގެންނެވި ރިސާލަތު، ޙައްޤު ހޯދުމުގެ ބޭނުމުގައި އަޑުއަހައި، ނުވަތަ އެއާ މެދު ފިކުރުކުރި ނަމަ، ނަރަކައިގެ އަހުލުވެރިންގެ ތެރެއިން މިއަދު އަހަރެމެން ނުވީހެވެ. * ފަހެ، އެމީހުން ރަސޫލުން ދޮގުކުރިކަމުގެ ކުށަށް، އިޢްތިރާފުވީއެވެ. ނަރަކައިގެ އަހުލުވެރިންނަށް، ﷲ ގެ ރަޙްމަތުން ދުރުކުރެއްވުން ހުއްޓެވެ.'' (އަލްމުލްކު: 10، 11)

ޖަލެއް ފަދަ ނަރަކަ:

ޖަލުތަކުގައި ދޮރުތައް ހުންނަހެން ނަރަކައިގައި ވެސް ދޮރުތައް ހުރެއެވެ. ފާފައިގެ ކުޑަ ބޮޑު މިނުން، އެންމެން ވެސް ތިބޭނީ އެކި ދަރަޖަތަކަށް ބެހިފައެވެ. އެކި މީހުން ވަންނާނީ އެކި ދޮރުންނެވެ.
لَهَا سَبْعَةُ أَبْوَابٍ لِكُلِّ بَابٍ مِنْهُمْ جُزْءٌ مَقْسُومٌ
އާޔަތުގެ ތަފްސީރީ މާނަ: ''އެ ނަރަކައިގައި، އެއް ދޮރު އަނެއް ދޮރު މަތީގައި، ބުރިބުރިއަށް ވާ ގޮތަށް ހުންނަ، ހަތް ދޮރުވެއެވެ. އިބްލީސަށް ތަބާވީ މީހުންގެ ތެރެއިން، އެ މީހުންގެ ޢަމަލުތަކާ އެކަށޭނެ ފަދައިން ކަނޑައެޅި ބެހިގެންވާ ބަޔަކު، އެއިން ކޮންމެ ދޮރަކަށް ވެއެވެ.'' (އަލްޙިޖްރު :44)

ނަރަކައިގައި އަހުލުވެރިން ތިބޭނީ، ތަޅުލެވި ބަންދުކުރެވިފައެވެ. ދިގު ތަނބުތަކާއި ކަސްތަޅުތަކުގައި ހައްޔަރު ކުރެވިފައެވެ.  إِنَّهَا عَلَيْهِمْ مُؤصَدَةٌ
އާޔަތުގެ ތަފްސީރީ މާނަ: ''ހަމަކަށަވަރުން، އެ ނަރަކަ ވަނީ، އެބައި މީހުންގެ މައްޗަށް ތަޅުލެވި ބަންދު ކުރެއްވިގެންނެވެ.'' (އަލްހުމަޒާ :8)

وَتَرَى الْمُجْرِمِينَ يَوْمَئِذٍ مُقَرَّنِينَ فِي الأَصْفَادِ (49)  سَرَابِيلُهُمْ مِنْ قَطِرَانٍ وَتَغْشَى وُجُوهَهُمْ النَّارُ (50)
އާޔަތުގެ ތަފްސީރީ މާނަ: ''އަދި ޤިޔާމަތް ދުވަހުން، ކުށްވެރިންތައް، ކަރާއި އަތާ އެކު ސިލްސިލާތަކުން ބަނދެވިފައިވާ ތަން، ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ. (49) އެ މީހުންގެ ފޭރާމަކަށް ވާނީ، އަނދަ އަނދާ ހުންނަ ހޫނު ތާރުން ތައްޔާރުކުރެވިފައިވާ ފޭރާމެވެ. އަދި އެ މީހުންގެ މޫނުތަކުގައި އަލިފާން ހިފައި، އަނދާނެއެވެ.'' (އިބްރާހީމް: 49، 50)

وَإِذَا أُلْقُوا مِنْهَا مَكَاناً ضَيِّقاً مُقَرَّنِينَ دَعَوْا هُنَالِكَ ثُبُوراً
އާޔަތުގެ ތަފްސީރީ މާނަ: ''އަދި އެބައި މީހުންގެ ކަރާއި އަތާ އެކު ސިލްސިލާތަކުން ބަނދެވި ކަސްތަޅު އެޅިގެންވާ ހާލު، އެ ނަރަކައިގެ ވަރަށް ދަތި ތަނަކަށް، އެބައި މީހުން އެއްލާލެވޭ ހިނދު، އެ މީހުންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް ގެއްލުމާއި ހަލާކަށް އެދި ގޮވާނެއެވެ.'' (އަލްފުރްޤާން: 13)

ނަރަކައިން ނުކުންނަން އުޅުން:

މާތް ﷲ ވަނީ، ދުނިޔޭގައި ކޮންމެ އިންސާނަކަށް ވެސް އެ މީހަކާ އެކަށޭނެ ދިގު ޢުމުރެއް ދެއްވާފައެވެ. އަދި ރަނގަޅު ކަންތަކާއި ނުބައި ކަންތައް ވަކިކޮށް ދެނެގަނެ، ބޭނުން ގޮތެއް އިޚްތިޔާރު ކުރާނެ، ބުއްދިއެއް ވަނީ ދެއްވާފައެވެ. އަދި އިޚްތިޔާރު ކުރި ކަމެއް ކުރުމުގެ ބާރު ވަނީ ދެއްވާފައެވެ. ކަން މިހެން އޮތުމުން، ބައެއް އިންސާނުން އިޚްތިޔާރު ކުރީ ނަރަކައަށް ދެވޭ މަގުން ހިނގާށެވެ. ނަރަކައަށް ދެވޭނެހާ ކަމެއް އެމީހުން ކުރެއެވެ. އެކަމަކު އެ މީހުން އިޚްތިޔާރު ކުރި ތަނަށް -ނަރަކައަށް- ދެވުނީމާ އެ މީހުން އުޅޭނީ އެތަނުން ފިލާށެވެ. އަދި އަލުން ދުނިޔެއަށް ފޮނުއްވައިފިއްޔާ، އީމާންވެ ޞާލިޙް ޢަމަލު ކުރާނެ ކަމަށް ބުނެ ހުވާކުރާނެއެވެ. މި މީހުން އެ ދުވަހު ވެސް ހީކުރަނީ، ދުނިޔޭގެ އިމްތިޙާނަކީ ވެސް، މަދަރުސާގައި ދެވޭ ފަދަ، އެއްފަހަރު ފާސް ނުވިއްޔާ، ދެވަނަ ދައުރުގައި އިށީނދެ ފާސްވާ، އިމްތިޙާނެއް ކަމަށެވެ. ދުނިޔެއިން ނުކުމެގެން ދާ މީހަކީ، އަލުން ދެން ދުވަހަކު ވެސް ދުނިޔެއަށް އަންނާނެ މީހެއް ނޫންކަމާއި، ނަރަކައަށް ވަދެއްޖެ ކާފަރަކީ ދެން ދުވަހަކު ވެސް އެ ތަނުން ނުކުންނާނެ މީހެއް ނޫންކަން، މިފަދަ މީހުން ހަނދާންނައްތާލައެވެ.

وَلَقَدْ جِئْنَاهُمْ بِكِتَابٍ فَصَّلْنَاهُ عَلَى عِلْمٍ هُدًى وَرَحْمَةً لِقَوْمٍ يُؤْمِنُونَ (52) هَلْ يَنظُرُونَ إِلاَّ تَأْوِيلَهُ يَوْمَ يَأْتِي تَأْوِيلُهُ يَقُولُ الَّذِينَ نَسُوهُ مِنْ قَبْلُ قَدْ جَاءَتْ رُسُلُ رَبِّنَا بِالْحَقِّ فَهَلْ لَنَا مِنْ شُفَعَاءَ فَيَشْفَعُوا لَنَا أَوْ نُرَدُّ فَنَعْمَلَ غَيْرَ الَّذِي كُنَّا نَعْمَلُ ... (53)

އާޔަތުގެ ތަފްސީރީ މާނަ: ''ފަހެ ކާފިރުވެގަތް މީހުންނަށް، ތިމަން ރަސްކަލާނގެ މި ޤުރުއާން ބަޔާންވެ ތަފްޞީލުވެގެންވާ ފޮތެއްގެ ގޮތުގައި، ކަލޭގެފާނު މައްޗަށް ބާވައިލެއްވީމެވެ. ތިމަން ރަސްކަލާނގެ މި ޤުރުއާން ބަޔާންކުރައްވާ ތަފްޞީލުކޮށްދެއްވީ، މުކައްލަފުންނަށް ބޭނުންވާނެ ޝަރުޢީ ޢިލްމަކާއި، ސުލޫކު ރަނގަޅުކުރަން ބޭނުންވާނެ ޢަމަލަކާއި، ދުނިޔެއާއި އާޚިރަތުގެ އުފާ ލިބޭނީ ކިހިނެއްކަން، ދެނެވޮޑިގަތުމާއެކުގައެވެ. ވީމާ މި ޤުރުއާނަކީ މިފަދަ ބޮޑު ޢިލްމެއް ހިމެނިގެންވާ އެއްޗެކެވެ. މި ޤުރުއާނަކީ، މަގުފުރެދުމުން ނެރެ ތެދުމަގު ދައްކައިދޭ ފޮތެކެވެ. އަދި އެއަށް އީމާންވެ އޭގައިވާ ޝަރީޢަތަށް ޢަމަލުކުރާ މީހުންނަށް ހުރި ރަޙްމަތެކެވެ. (52) ﷲ އަށް އީމާން ނުވާ، ޤުރުއާން ތެދުނުކުރާ މީހުންނަށް ލިބޭނެ ކަމަށް، ޤުރުއާނުގައި ބަޔާންވެފައިވާ ގަދަފަދަ ޢަޛާބު އައިސް ކުރިމަތިވެ، އޭގައިވާ ޤިޔާމަތް ދުވަހުގެ ވަޢްދުތައް ފުރިހަމަވެ ޙަޤީޤަތަކަށް ވުން ނޫން ކަމެއް، އެ މީހުން އިންތިޒާރުކުރޭހެއްޔެވެ؟ އެކަންތައްތައް ފުރިހަމަ ވާ ދުވަހު، ޤުރުއާނަށް އީމާންނުވާ، ޤުރުއާނަށް ޢަމަލު ނުކުރި ކާފިރުން ބުނާނެއެވެ: އަހަރެމެން ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނގެ ފޮނުއްވި ރަސޫލުން ވަޑައިގަތީ ޙައްޤު ތެދުދީނާއިގެންކަން، މިއަދު އަހަރެމެންނަށް އެނގިއްޖެއެވެ. ފަހެ، އަހަރެމެން ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނގެ ޙަޟްރަތުގައި، އަހަރެމެންނަށް ޝަފާޢަތްތެރިވެ، އަހަރެމެންނަށް އެކަލާނގެ ރުއްސެވުން ލިބޭނެ ގޮތް މެދުވެރިކޮށްދޭނެ ބަޔަކު އެބަތިބިހެއްޔެވެ؟ އެހެން ނުވެއްޖެނަމަ، ކުރިން އަހަރެމެން އުޅުނު ގޮތާ ޚިލާފަށް، ﷲ ރުއްސަވާނެ ހެޔޮ ޢަމަލު ކުރަން، އަހަރެމެން އަލުން ދުނިޔެއަށް ފޮނުއްވަން އެހީތެރިވެ ޝަފާޢަތްތެރިވާނެ ބަޔަކު އެބަތިބިހެއްޔެވެ؟...'' (އަލްއަޢްރާފް: 52، 53)

ކާފިރުންގެ ވާހަކަތަކުގެ ރައްދަކަށް ވާނީ، ﷲ ގެ މި ބަސްފުޅެވެ.

أَوَلَمْ نُعَمِّرْكُمْ مَا يَتَذَكَّرُ فِيهِ مَنْ تَذَكَّرَ وَجَاءَكُمْ النَّذِيرُ فَذُوقُوا فَمَا لِلظَّالِمِينَ مِنْ نَصِيرٍ
އާޔަތުގެ ތަފްސީރީ މާނަ: ''...ނަޞޭޙަތާއި ޢިބްރަތް ލިބިގަންނާނެ މީހަކަށް، އެކަން ކުރަން ފުދޭހާ ދިގު ޢުމުރެއް، ތިމަން ރަސްކަލާނގެ، ތިޔަބައި މީހުންނަށް ނުދެއްވަން ހެއްޔެވެ؟ އަދި، ޤިޔާމަތް ދުވަހަކީ އަންނާނެ ދުވަހެއް ކަމާއި، އީމާންވެ ހެޔޮ ޢަމަލު ނުކުރާ މީހުންނަށް ޢަޛާބު ލިބޭނެކަން ބަޔާންކޮށްދެވާނެ ރަސޫލެއް -ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ- ތިޔަބައި މީހުންގެ ގާތަށް ވަޑައިގަތެވެ. ނަމަވެސް ކަލޭމެން، ޢިބްރަތެއް ނަޞޭޙަތެއް ލިބި ނުގަތެވެ. ވީމާ، މިއަދު ކަލޭމެން، ނަރަކައިގެ ޢަޛާބުގެ ރަހަ ލިބިގަންނާށެވެ. ﷲ ގެ ޢަޛާބުން، ކާފިރުން ސަލާމަތްކޮށްދީ އެހީތެރިވާނެ މީހަކު ނުވެއެވެ.'' (ފާޠިރު: 37)

ނަރަކައިގެ ޢަޛާބު ހަމަ ލޮލުން ފެނުނީމާ، ނަރަކަވެރިން އަލުން ދުނިޔެއަށް ދާން އެދޭ މަންޒަރު، އަލްމުއުމިނޫން ސޫރަތުގައި ވެސް، ސިފަކުރައްވާފައި ވެއެވެ.

أَلَمْ تَكُنْ آيَاتِي تُتْلَى عَلَيْكُمْ فَكُنتُمْ بِهَا تُكَذِّبُونَ (105)  قَالُوا رَبَّنَا غَلَبَتْ عَلَيْنَا شِقْوَتُنَا وَكُنَّا قَوْماً ضَالِّينَ (106)  رَبَّنَا أَخْرِجْنَا مِنْهَا فَإِنْ عُدْنَا فَإِنَّا ظَالِمُونَ (107)   قَالَ اخْسَئُوا فِيهَا وَلا تُكَلِّمُونِ (108)

އާޔަތުގެ ތަފްސީރީ މާނަ: ''ނަރަކަވެރިންނަށް އެންގެވޭނެއެވެ: ތިމަން ރަސްކަލާނގެ ބާވައިލެއްވި ޤުރުއާނުގެ އާޔަތްތައް ތިޔަބައި މީހުންނަށް އިއްވައި ކިޔައި ނުދެވޭ ހެއްޔެވެ؟! ފަހެ، ކަލޭމެން ވީ، އެ ޤުރުއާން ދޮގުކުރާ ބަޔަކު ކަމުގައެވެ. * އެ މީހުން ދަންނަވައެވެ: ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޯއެވެ! އިބަރަސްކަލާނގެ ޢިލްމުފުޅުގައި އަޅަމެންގެ މައްޗަށް މިންވަރު ކުރައްވާފައި ހުރި، ހަވާނަފްސާއި ވަގުތީ އުފާތައް އަޅަމެންގެ މައްޗަށް ގަދަވެގަތީއެވެ. އަޅަމެންގެ މި ޢަމަލުން އަޅަމެންނަކީ، ތެދުމަގުން އެއްކިބާވެ، މަގުފުރެދިގެންވާ ބަޔަކު ކަމުގައި ވީމެވެ. * ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޯއެވެ! އަޅަމެން ނަރަކައިން ނެރުއްވާފާނދޭވެ! އަދި އަލުން ހެޔޮ ޢަމަލު ކުރަން ދުނިޔެއަށް ފޮނުއްވާފާނދޭވެ! ދެން މިފަހަރު މަގުފުރެދުމުގެ ތެރެއަށް އެނބުރި އަޅަމެން ހިނގައްޖެނަމަ، އަޅަމެންނަކީ ޢުޤޫބާތް ޙައްޤު އަނިޔާވެރިންކަން ކަށަވަރެވެ. * ﷲ ވަޙީކުރައްވައެވެ: ''އިހާނަތާއި ނިކަމެތިކަމާއެކު ނަރަކައިގައި ތިބޭށެވެ. ތިމަން ރަސްކަލާނގެ ރަސްކަންފުޅާއި ވާހަކަ ނުދައްކާށެވެ.'' އެހިނދު ސަލާމަތްވާން އެދި އެ މީހުން، ސީދާ ﷲ އަށް ދަންނަވާ ދެންނެވުންތައް ހުއްޓޭނެއެވެ.'' (އަލްމުއުމިނޫން: 105- 108)

ދެން ނަރަކައިގެ އަހުލުވެރިން ދާނީ، އެތަން ބަލަހައްޓަވަން ތިއްބަވާ މަލާއިކަތްބޭކަލުންގެ އަރިހަށެވެ. ދުނިޔޭގައި ޖަލަށް ލެވޭ މީހަކު، ޖަލު ބަލަހައްޓަން ތިބޭ ފާރަވެރިން ގާތަށް ދާ ފަދައިންނެވެ.

وَقَالَ الَّذِينَ فِي النَّارِ لِخَزَنَةِ جَهَنَّمَ ادْعُوا رَبَّكُمْ يُخَفِّفْ عَنَّا يَوْماً مِنْ الْعَذَابِ

އާޔަތުގެ ތަފްސީރީ މާނަ: ''ނަރަކައިގައި ތިބި ކިބުރުވެރި ކާފިރު ބޮޑުންނާއި، އަދި އެ މީހުންނަށް ތަބާވެ، ބުނާހާ އެއްޗެއް ޤަބޫލުކޮށް އުޅުނު ދެރަބަގައިން، ނަރަކަ ބަލަހައްޓަވާ މަލާއިކަތުންނަށް އެދި ގޮވާނެއެވެ: އަޅުގަނޑުމެން މިތިބި ޢަޛާބުން، އެންމެ ދުވަހެއްގެ ޢަޛާބު ނަމަވެސް، އަޅަމެންގެ މައްޗަށް ލުއިކޮށް ދެއްވާތޯ، ތިބޭކަލުންގެ ވެރިރަސްކަލާނގެ ޙަޟްރަތަށް، ދަންނަވައި ދެއްވާށެވެ!'' (ޣާފިރް: 49)

ސުވާލު ކުރި ކާފިރުން ނިކަމެތިކުރައްވާ ދެރަކޮށްލެއްވުމުގެ ގޮތުން، މަލާއިކަތް ބޭކަލުން ވިދާޅުވާނެއެވެ: قَالُوا أَوَ لَمْ تَكُ تَأْتِيكُمْ رُسُلُكُمْ بِالْبَيِّنَاتِ قَالُوا بَلَى قَالُوا فَادْعُوا وَمَا دُعَاءُ الْكَافِرِينَ إِلاَّ فِي ضَلالٍ

އާޔަތުގެ ތަފްސީރީ މާނަ: ''ކަނޑައެޅިގެން ހުރި ސާފު ހުއްޖަތާއިގެން، ކަލޭމެން ގާތަށް، ރަސޫލުބޭކަލުން ވަޑައި ނުގަންނަވާހެއްޔެވެ؟'' ރަސޫލުން ދޮގުކުރި މީހުން އެ ދުވަހު އެކަމަށް އިޢްތިރާފުވަމުން ބުނެއެވެ: ''ނޫނެކެވެ. ވަޑައިގަތެވެ.'' އެ ހިނދު ނަރަކަ ބަލަހައްޓަވާ މަލާއިކަތުން، އެ މީހުންގެ ކިބައިން ބަރީއަވެވަޑައިގަނެ، ވިދާޅުވާނެވެ. ''ކަލޭމެން އަމިއްލައަށް ދުޢާކުރާށެވެ. އެކަމަކު ކާފިރުން ކުރާ ދުޢާއަކީ އެއްވެސް މަންފާއެއް، އިޖާބައެއް ނުލިބޭނެ، ގެއްލިގެންދާ އެއްޗެކެވެ.'' (ޣާފިރް: 50)

ފައިސާ ހޭދަކޮށްގެން ދުނިޔެ ލިބުނު ގޮތަށް، ފައިސާ ހޭދަކޮށްގެން އާޚިރަތުގެ ޢަޛާބުން ސަލާމަތް ނުވެވޭނެކަން ބަޔާން ކުރައްވަމުން، މާތް ﷲ ވަޙީކުރައްވާފައިވަނީ: وَلَوْ أَنَّ لِلَّذِينَ ظَلَمُوا مَا فِي الأَرْضِ جَمِيعاً وَمِثْلَهُ مَعَهُ لافْتَدَوْا بِهِ مِنْ سُوءِ الْعَذَابِ يَوْمَ الْقِيَامَةِ وَبَدَا لَهُمْ مِنْ اللَّهِ مَا لَمْ يَكُونُوا يَحْتَسِبُونَ

އާޔަތުގެ ތަފްސީރީ މާނަ: ''އަދި މުޝްރިކުންނަށް ޤިޔާމަތް ދުވަހުން، ބިމުގައި ވާހާ އެއްޗަކާއި، އަދި އޭގެ ދެގުނައިން ހުއްޓަސް، ޤިޔާމަތް ދުވަހުގެ ނުބައި ޢަޛާބުން ސަލާމަތް ވާނެ ފިދްޔައަކަށް، އެ ހޭދަކުރީހެވެ. އަދި އެ މީހުންނަށް ލިބިދާނެ ކަމަށް ދުނިޔޭގައި އެ މީހުން ހީވެސް ނުކުރާ، މާތް ﷲ ގެ ޢަޛާބު، އެ ދުވަހުން އެ މީހުންނަށް ފާޅުވާނެއެވެ.'' (އައްޒުމަރް: 47)

إِنَّ الَّذِينَ كَفَرُوا لَوْ أَنَّ لَهُمْ مَا فِي الأَرْضِ جَمِيعاً وَمِثْلَهُ مَعَهُ لِيَفْتَدُوا بِهِ مِنْ عَذَابِ يَوْمِ الْقِيَامَةِ مَا تُقُبِّلَ مِنْهُمْ وَلَهُمْ عَذَابٌ أَلِيمٌ
އާޔަތުގެ ތަފްސީރީ މާނަ: ''އަދި ކާފިރުވީ މީހުން، ޤިޔާމަތް ދުވަހުގެ ޢަޛާބުން ސަލާމަތް ވާނެ ފިދްޔައަކަށް، ބިމުގައި ވާހާ އެއްޗަކާއި އަދި އޭގެ ދެގުނައިން އަތުގައި ހުރެގެން، އެ ހޭދަ ކުރިއަސް، އެ މީހުންގެ ކިބައިން އެ ތަކެތި މާތް ﷲ ޤަބޫލުނުކުރައްވާނެއެވެ. އަދި ވޭންދެނިވި ޢަޛާބު އެ މީހުންނަށް ހުއްޓެވެ.'' (އަލްމާއިދާ: 36)

ވީމާ، ނަރަކައިން ނުކުންނަން އުޅުން ވާނީ ބޭކާރު ކަމަކަށެވެ. ނަރަކައިން ނުކުންނަން އުޅޭ ކޮންމެ ފަހަރަކު އެ މީހެއްގެ ބޮލުގައި ދަގަނޑު މަރުތެއްޔަކުން އެތިފަހަރެއް ޖެހި، އައިކޮޅަށް ފޮނުވާލެވޭނެއެވެ. وَلَهُمْ مَقَامِعُ مِنْ حَدِيدٍ (21) كُلَّمَا أَرَادُوا أَنْ يَخْرُجُوا مِنْهَا مِنْ غَمٍّ أُعِيدُوا فِيهَا وَذُوقُوا عَذَابَ الْحَرِيقِ (22)
އާޔަތުގެ ތަފްސީރީ މާނަ: ''އަދި އެބައި މީހުންގެ ބޮލުގައި ޖަހަން، މަލާއިކަތްބޭކަލުން އަތްޕުޅުގައި ދަގަނޑު މަރުތެޔޮތަކެއް ވެއެވެ. (21) އަދި ލިބޭ ކެކުޅުމެއްގެ ބޮޑުކަމުން، ނަރަކައިން ނުކުންނަން އުޅޭ ކޮންމެ ފަހަރަކު، އެ މީހުން އަލުން އެ ޢަޛާބުގެ ތެރެއަށް އަނބުރާ ފޮނުވޭނެއެވެ. އަދި އެ މީހުންނަށް ބުނެވޭނެއެވެ: ނަރަކައިގެ ޢަޛާބުގެ ރަހަ ނިކަން ދެކޭށެވެ.'' (އަލްޙައްޖު: 21، 22)

ނަރަކަވެރިންގެ ޒުވާބާއި އަރާރުންތައް:

ސުވަރުގެވެރިން ތިބޭނީ، ބޮޑެތި ރީތި ދާންތަކެއްގައި އިށީނދެ، އެކަކު އަނެކަކާ ކުރިމަތިލައިގެން ވާހަކަ ދައްކާށެވެ. އެމީހުންގެ ހިތްތަކުގައި ރުޅިވެރިކަމެއް، ޢަދާވާތްތެރިކަމެއް ނޯންނާނެއެވެ. ދައްކާނީ ރީތި ބަހުރުވައިން، ރަނގަޅު ވާހަކައެވެ. ދޮގެއް، ބޭކާރު ވާހަކައެއް، އަދި ހަޑި ބަހެއް ނުބުނާނެއެވެ.

ނަމަވެސް ނަރަކައިގެ މަންޒަރު މި ތަޞްވީރުކުރުމާއި މުޅިން އިދިކޮޅެވެ. ނަރަކަވެރިން ތިބޭނީ އެއްބަޔަކު އަނެއް ބަޔަކާ ޒުވާބުކުރާށެވެ. ތަޅާފޮޅުމެއްގައެވެ.

كُلَّمَا دَخَلَتْ أُمَّةٌ لَعَنَتْ أُخْتَهَا حَتَّى إِذَا ادَّارَكُوا فِيهَا جَمِيعاً قَالَتْ أُخْرَاهُمْ لأُولاهُمْ رَبَّنَا هَؤُلاءِ أَضَلُّونَا فَآتِهِمْ عَذَاباً ضِعْفاً مِنْ النَّارِ قَالَ لِكُلٍّ ضِعْفٌ وَلَكِنْ لا تَعْلَمُونَ (38)  وَقَالَتْ أُولاهُمْ لأُخْرَاهُمْ فَمَا كَانَ لَكُمْ عَلَيْنَا مِنْ فَضْلٍ فَذُوقُوا الْعَذَابَ بِمَا كُنتُمْ تَكْسِبُونَ (39)

އާޔަތުގެ ތަފްސީރީ މާނަ: '' ﷲ ގެ ރަސްކަންފުޅާ މެދު ދޮގު ހަދައި، އެކަލާނގެ އާޔަތްތައް ދޮގުކޮށް އުޅުނު މީހުންނަށް، ޤިޔާމަތް ދުވަހު ﷲ ވަޙީކުރައްވައެވެ: ތިޔަބައި މީހުންގެ ކުރިން ތިބި، ޖިންނީންނާއި އިންސީންގެ ތެރެއިން ވީ، ތިޔަބައި މީހުން ފަދަ ކާފިރު ޖަމާޢަތްތަކާ އެކު ނަރަކައަށް ވަންނާށެވެ. އޭގެ ތެރެއިން ބަޔަކު ނަރަކައަށް ވަންނަ ކޮންމެ ފަހަރަކު، އެ ބަޔަކަށް ތަބާވުމުގެ ސަބަބުން މަގުފުރެދި ނަރަކައަށް ވަންނަން ޖެހުނު، އެ މީހުންގެ ކުރީގެ ކާފިރުންނަށް ލަޢްނަތް ދެއެވެ. މިފަދައިން، ކާފިރު މިއްލަތްތަކުގެ ކުރީގެ މީހުންނާއި ފަހުގެ މީހުން، އެންމެން ނަރަކައަށް ވަދެ، އެއްވެ ބައްދަލުވީމާ، ތަބާވީ ފަހުގެ މީހުން ކުރީގެ މީހުންނާ ފާފަތައް މަތިކޮށް، ބުނެއެވެ: ހައްދަވާ ބޮޑުކުރެއްވި ރަސްކާލނގެއެވެ! އަޅަމެންނަށް ތެދުމަގު އޮޅުވާލީ އެ މީހުންނެވެ. ވީމާ އަޅަމެންނަށް ވުރެ އެތަށް ގުނައެއް ބޮޑު ޢަޛާބު އެ މީހުންނަށް ދެއްވާނދޭވެ. އެ ހިނދު ﷲ ވަޙީކުރައްވައެވެ: ކަލޭމެންނަށް ވެސް އެ މީހުންނަށް ވެސް ގުނަވެގެންވާ ގަދަފަދަ ޢަޛާބު ވެއެވެ. އެކަމަކު، ތިޔައިގެ ކޮންމެ ބަޔަކާ ވެސް އެކަށީގެންވާ ގޮތަށް، އެ ބަޔަކަށް ކަނޑައެޅިފައިވާ ޙައްޤު ޢަޛާބު، ތިޔަބައި މީހުންނަށް ނޭނގެނީއެވެ. (38) އަދި އޭގެ ތެރެއިން ކުރީގެ މީހުން، ފަހުގެ މީހުންނަށް ބުނެއެވެ: އަހަރެމެންނަށް ވުރެ އިތުރަށް، ކަލޭމެންނަށް ލިބިގެންވާ ހެޔޮކަމެއް ނެތެވެ. މަގު ފުރެދުމާއި ފާފައިގައި އަހަރެމެންނާ ކަލޭމެންނަކީ ހަމަހަމަ ބައެކެވެ. އެ ހިނދު މާތް ﷲ އެ އެންމެންނަށް ވަޙީކުރައްވައެވެ: ތިޔަބައި މީހުން ލިބިގަތް ނުބައި ޢަމަލުތަކަށް ހުރި ޢަޛާބުގެ ރަހަ، ތިޔަބައި މީހުން ދެކޭށެވެ.'' (އަލްއަޢްރާފް: 38، 39)

هَذَا فَوْجٌ مُقْتَحِمٌ مَعَكُمْ لا مَرْحَباً بِهِمْ إِنَّهُمْ صَالُوا النَّارِ (59)  قَالُوا بَلْ أَنْتُمْ لا مَرْحَباً بِكُمْ أَنْتُمْ قَدَّمْتُمُوهُ لَنَا فَبِئْسَ الْقَرَارُ (60)  قَالُوا رَبَّنَا مَنْ قَدَّمَ لَنَا هَذَا فَزِدْهُ عَذَاباً ضِعْفاً فِي النَّارِ (61) وَقَالُوا مَا لَنَا لا نَرَى رِجَالاً كُنَّا نَعُدُّهُمْ مِنْ الأَشْرَارِ (62) أَاتَّخَذْنَاهُمْ سِخْرِيّاً أَمْ زَاغَتْ عَنْهُمْ الأَبْصَارُ (63)  إِنَّ ذَلِكَ لَحَقٌّ تَخَاصُمُ أَهْلِ النَّارِ (64)

އާޔަތުގެ ތަފްސީރީ މާނަ: ''ކުފުރާއި މަގުފުރެއްދުމުގެ ބޮޑުން ނަރަކައަށް ވެއްދި، އެތާ ތިއްބާ، އޭގެ ފަހުން އެ މީހުންނަށް ތަބާވީ މީހުން ނަރަކައަށް ވަންނަތަން ފެނުމުން ބުނާނެއެވެ: މި އަންނަނީ ތިޔަބައި މީހުންނާއެކު ނަރަކައަށް ވެއްދޭ ބައިގަނޑެކެވެ. އެ ހިނދު އެ ބޮޑުން ބަދު ދުޢާ ކުރަން ބުނާނެއެވެ: އެ މީހުންނަކަށް ނަރަކައިގެ ގޮވަތީގައި ތަނަވަސް ކަމެއް ނެތެވެ. އަހަރެމެންނެކޭ އެއްފަދައިން އެ މީހުން ވެސް ނަރަކައިގެ ހޫނުކަން ދެކޭނެއެވެ. * މި ވާހަކަ އަޑު އިވުނީމާ، ފަހުން ނަރަކައަށް ވަން، ދުނިޔޭގައި ތަބާވީ މީހުން، ބުނާނެއެވެ: ތިހެނެއް ނޫނެވެ. ނަރަކައިގެ ގޮވަތީގައި ތަނަވަސް ކަމެއް ނެތީ ކަލޭމެންނަށެވެ. އެހެނީ، ދުނިޔޭގައި އަހަރެމެން މަގުފުރައްދާ، ނަރަކައިގައި ދިރިއުޅުން ކުރިމަތުކުރި ބަޔަކީ ކަލޭމެންނެވެ. ގަރާރުވާނެ ގޮވައްޗެއް ކަމުގައި ނަރަކަ ނުބައިވެގެން ވެއެވެ. * އަދިވެސް ތަބާވީ މީހުން ބުނާނެއެވެ: ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނގެއެވެ! ދުނިޔޭގައި އަހަރެމެން މަގުފުރައްދާ، ނަރަކައިގައި މިއަދު އަހަރެމެންނަށް ޖެހިފައިވާ ހާލު ކުރިމަތިކޮށްދިން މީހުންނަށް، ނަރަކައިގެ ޢަޛާބު ގުނަކޮށް އިތުރަށް ދެއްވާފާނދޭވެ! * ކާފިރުކަމުގެ ބޮޑުން ނަރަކައިގައި ތިބެ ބުނާނެތެވެ: އަބާއްޖެވެރި، މަގުފުރެދިފައިވާ ނުބައި މީހުން ކަމަށް، ދުނިޔޭގައި އަހަރެމެން ބުނެ އުޅުނު މީހުންތައް، މިއަދު އަހަރެމެންނަށް މި ނުފެންނަނީ ކީއްވެގެންހެއްޔެވެ؟! * އަނެއްކާ، ފުރައްސާރަކޮށް ނިކަމެތިކޮށް އަހަރެމެންނަށް އުޅެވުނީ، އެކަން ޙައްޤު ނުވާ ނުބައި ބަޔަކަށް ހެއްޔެވެ؟ ނުވަތަ އެ މީހުން ނަރަކައިގައި ތިއްބަސް، އަދި އަހަރެމެންނަށް ނުފެންނަނީހެއްޔެވެ؟! * ހަމަކަށަވަރުން ނަރަކައިގެ އަހުލުވެރިންގެ އަރާރުމާއި، އެއްބަޔަކު އަނެއް ބަޔަކަށް ލަޢްނަތް ދިނުމަކީ، ތިމަން ރަސްކަލާނގެ، ތިޔަބައި މީހުންނަށް ދެއްވާ ޔަޤީން ތެދު ޚަބަރެކެވެ. ވީމާ މިކަން މިހެން ވާނެ ކަމާމެދު ޝައްކު ނުކުރާށެވެ.'' (ޞާދު: 59- 64)

وَقَالَ الَّذِينَ كَفَرُوا رَبَّنَا أَرِنَا الَّذَيْنِ أَضَلاَّنَا مِنْ الْجِنِّ وَالإِنْسِ نَجْعَلْهُمَا تَحْتَ أَقْدَامِنَا لِيَكُونَا مِنْ الأَسْفَلِينَ

އާޔަތުގެ ތަފްސީރީ މާނަ: ''ﷲ އަށާއި އެކަލާނގެ ރަސޫލާއަށް ކާފަރުވި މީހުން، އެ މީހުން މަގުފުރެއްދި މީހުންގެ ކިބައިން ބަދަލުހިފަން، ނަރަކައިގައި ތިބެ ބުނާނެއެވެ: ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮއެވެ. ޖިންނީންނާއި އިންސީންގެ ތެރެއިން އަޅަމެން މަގުފުރެއްދި މީހުން، އަޅަމެންނަށް ދައްކަވާފާނދޭވެ! އަޅަމެންގެ ފައިތަކުގެ ދަށުގައި އެ މިހުން ލާހުށީމެވެ. އެއީ ނަރަކައިގެ އެންމެ ވަތުގައި އެ މީހުން ތިބުމަށްޓަކައެވެ.'' (ފުއްޞިލަތު: 29)

ނަރަކަވެރިންނާއި ސުވަރުގެވެރިންގެ މެދުގައި ދެކެވޭ ވާހަކަ:

ސުވަރުގޭގައި ތިބޭ މީހުން، ނަރަކައިގައި ތިބޭ މީހުންނާ ވާހަކަ ވެސް ދައްކާނެއެވެ. މި ގޮތުން ދެކެވޭ އެއް ވާހަކަ އަލްއަޢްރާފް ސޫރަތުގައި އައިސްފައި ވެއެވެ.

وَنَادَى أَصْحَابُ الْجَنَّةِ أَصْحَابَ النَّارِ أَنْ قَدْ وَجَدْنَا مَا وَعَدَنَا رَبُّنَا حَقّاً فَهَلْ وَجَدْتُمْ مَا وَعَدَ رَبُّكُمْ حَقّاً قَالُوا نَعَمْ

އާޔަތުގެ ތަފްސީރީ މާނަ: ''އަދި ސުވަރުގޭގެ އަހުލުވެރިން -ސުވަރުގެ ވަނުމަށް ފަހު- ނަރަކައިގެ އަހުލުވެރިންނަށް ގޮވައި ބުނެއެވެ: އަހަރެމެން ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނގެ އަށް އީމާންވެ ހެޔޮ ޢަމަލުކުރާ މީހުންނަށް ދެއްވާނެ ކަމަށް، އެ ކަލާނގެ އަހަރެމެންނަށް ވަޢްދުވެވޮޑިގަތް، ޘަވާބު، މިއަދު އަހަރެމެންނަށް ފެނިއްޖެއެވެ. ފަހެ، ކަލޭމެން ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނގެ އަށް، ކުފުރުވެ އުރެދޭ މީހުންނަށް ދެއްވާނެ ކަމަށް، އެ ކަލާނގެ ވަޢްދުވެވޮޑިގަތް، ޢަޛާބު، ކަލޭމެންނަށް ފެނިއްޖެހެއްޔެވެ؟ ޖަވާބުގައި ނަރަކައިގެ އަހުލުވެރިން ބުނެއެވެ: އާނއެކެވެ. ކުފުރުވެ އުރެދޭ މީހުންނަށް ދެއްވާނެ ކަމަށް، އެ ކަލާނގެ ވަޢްދުވެވޮޑިގަތް، ޢަޛާބު، އަހަރެމެންނަށް ފެނިއްޖެއެވެ.'' (އަލްއަޢްރާފް: 44)

وَنَادَى أَصْحَابُ النَّارِ أَصْحَابَ الْجَنَّةِ أَنْ أَفِيضُوا عَلَيْنَا مِنْ الْمَاءِ أَوْ مِمَّا رَزَقَكُم اللَّهُ قَالُوا إِنَّ اللَّهَ حَرَّمَهُمَا عَلَى الْكَافِرِينَ

އާޔަތުގެ ތަފްސީރީ މާނަ: ''އަދި ނަރަކައިގެ އަހުލުވެރިން ސުވަރުގޭގެ އަހުލުވެރިންނަށް ގާތުން އެހީއަކަށް އެދި ބުނެއެވެ: ފެން ފޮދަކުން ނުވަތަ ތިޔަބައި މީހުންނަށް މާތް ﷲ ރިޒުޤުކުރެއްވި ކާ އެއްޗަކުން، އަހަރެމެންނަށް ދީބަލާށެވެ. ޖަވާބުގައި ސުވަރުގެ ވެރިން ބުނާނެއެވެ: މާތް ﷲ ވަނީ، އެކަލާނގެ އެއްކައުވަންތަކަން އިންކާރުކޮށް ރަސޫލުން ދޮގުކުރި މީހުންނަށް، އެތަކެތި ޙަރާމްކުރައްވާފައެވެ.'' (އަލްއަޢްރާފް: 50)

އަލްއަޢްރާފް:

ޤުރުއާނުގެ އާޔަތްތަކުން އެނގޭ ގޮތުން، 'އަލްއަޢްރާފް' އަކީ ސުވަރުގެއާއި ނަރަކައާއި ދެމެދު އޮންނަ ތަނެކެވެ. އެ ދެމެދު ހުރަހެއް ގޮތުގައި ލެވިފައިވާ ފާރެކެވެ. އެތާ ތިބެނީ، ހެޔޮކަންތަކުގެ ތިލަފަތާއި ނުބައި ކަންތަކުގެ ތިލަފަތް ހަމަހަމަ ވާ މީހުންނެވެ. އެތާ ތިބޭ އިރު، އެ މީހުންނަށް ސުވަރުގެވެސް ފެންނާނެއެވެ. އަދި އަނެއް ފަރާތުން ނަރަކަ ވެސް ފެންނާނެއެވެ. ސުވަރުގެ ފެނުނީމާ އެ މީހުން ތިބެނީ ސުވަރުގެ ވަންނަން އެދިއެދިއެވެ. އަދި ނަރަކަ ފެނުމުން، އެ މީހުން ނަރަކަވެރިންގެ ތެރެއިން ނުލެއްވުމަށް އެދި ﷲ އަށް ދުޢާކުރާނެއެވެ. ހަމަ އެހެންމެ، އަޢްރާފުގައި ތިބޭ މީހުން، ނަރަކަވެރިންނާ ސުވަރުގެ ވެރިންނާ ވެސް ވާހަކަ ދައްކާނެއެވެ.

وَبَيْنَهُمَا حِجَابٌ وَعَلَى الأَعْرَافِ رِجَالٌ يَعْرِفُونَ كُلاًّ بِسِيمَاهُمْ وَنَادَوْا أَصْحَابَ الْجَنَّةِ أَنْ سَلامٌ عَلَيْكُمْ لَمْ يَدْخُلُوهَا وَهُمْ يَطْمَعُونَ (46)  وَإِذَا صُرِفَتْ أَبْصَارُهُمْ تِلْقَاءَ أَصْحَابِ النَّارِ قَالُوا رَبَّنَا لا تَجْعَلْنَا مَعَ الْقَوْمِ الظَّالِمِينَ (47)

އާޔަތުގެ ތަފްސީރީ މާނަ: ''ސުވަރުގެއާ ނަރަކައާ ދެމެދު، އަލްއަޢްރާފް އޭ ކިޔޭ، ހުރަހެއް ވެއެވެ. އަދި، ސުވަރުގެ ވެރިންގެ މޫނުގެ އަލިކަމާއި ނަރަކަވެރިންގެ މޫނުގެ އަނދިރިކަމުން، އެ ދެބައި މީހުން ވަކިކޮށް އެނގޭ ބަޔަކު، އެ ހުރަސް މަތީގައި ވެއެވެ. މި މީހުންނަކީ، ހެޔޮ ޢަމަލާއި ނުބައި ޢަމަލު ހަމަހަމަވެ، ﷲ ގެ ރަޙްމަތްފުޅުން ސުވަރުގެ ވައްދަވަން އެދިއެދި ތިބޭ ބައެކެވެ. އެ މީހުން އެތާތިބެ ސުވަރުގޭގެ އަހުލުވެރިން މާތްކުރުމުގެ ގޮތުން ގޮވައި ބުނެއެވެ: ތިޔަބައި މީހުންގެ މައްޗަށް ސަލާމް ހުއްޓެވެ. އަދި އެވަގުތު އަޢްރާފުގެ އަހުލުވެރިންނަށް ސުވަރުގެ ނުވަދެވެއެވެ. ނަމަވެސް، އެ މިހުން ތިބޭނީ ސުވަރުގެ ވަންނަން އެދިއެދި އެކަމުގެ އުއްމީދުގައެވެ. * އަދި އެ މީހުންގެ ނަޒަރު ނަރަކައިގެ އަހުލުވެރިންނާ ދިމާއަށް އަނބުރައިލެވި، ޢަޛާބު ލިބިލިބި ތިބި ނަރަކަވެރިން ފެނުމުން، އެ މީހުން ބުނެއެވެ: ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮއެވެ. ކުފުރާއި ޝިރުކުގެ ސަބަބުން އަނިޔާވެރިވެގެންފައިވާ މީހުންގެ ތެރެއިން އަޅަމެން ނުލައްވާނދޭވެ.'' (އަލްއަޢްރާފް: 46، 47)

އަދި އަޢްރާފުގެ އަހުލުވެރިން އެތާ ތިބޭ އިރު، ނަރަކައިގައި އަނދަ އަނދާ ތިބޭ، ކާފިރުންގެ ބޮޑުން ފެންނާނެއެވެ. ފެނުނީމާ މަލާމާތް ކޮށް ދެރަކޮށްލުމުގެ ގޮތުން އެ މީހުން ބުނާނެއެވެ.

وَنَادَى أَصْحَابُ الأَعْرَافِ رِجَالاً يَعْرِفُونَهُمْ بِسِيمَاهُمْ قَالُوا مَا أَغْنَى عَنْكُمْ جَمْعُكُمْ وَمَا كُنتُمْ تَسْتَكْبِرُونَ

އާޔަތުގެ ތަފްސީރީ މާނަ: ''އަދި އަޢްރާފުގެ އަހުލުވެރިން، ވަކި ޚާއްޞަ ޢަލާމާތަކުން އެ މީހުން ފާހަގަކޮށް ވަކިވާން ތިބި ކާފިރުންގެ ބޮޑުންނަށް ގޮވާ ބުނެއެވެ: ދުނިޔޭގައި ކަލޭމެން އެއްކޮށް އުޅުނު މުދަލާއި، ބައި ގިނަކުރި ކުރުމަކުން ވީ ފައިދާއެއް ނެތްތާއެވެ. އަދި ﷲ އަށް އީމާންވެ ޙައްޤު ޤަބޫލުކުރުމާ ދެކޮޅު ހަދައި ކިބުރުވެރިވެ އުޅުނު އުޅުމަކުން ވީ ފައިދާއެއް ވެސް ނެތްތާއެވެ. '' (އަލްއަޢްރާފް: 48)

ދެން އެ މީހުން ނަރަކައިގައި ތިބި ކާފިރު ބޮޑުންނަށް ހަނދާންކޮށް ދޭނީ، ދުނިޔެ މަތީގައި އެ މީހުން މުއުމިނުންނާ ބެހޭ ގޮތުން ދައްކައި އުޅުނު ބާޠިލު ވާހަކައެކެވެ. މިތާ ސުވާލު ކުރެވެނީ، އޮޅުންފިލުވުމުގެ ގޮތަކުން ނޫނެވެ. އެއީ މަލާމާތްކޮށް، އެ މީހުންގެ ބޮޑާކަން ފައިދަށުލުމުގެ ގޮތުންނެވެ.

أَهَؤُلاءِ الَّذِينَ أَقْسَمْتُمْ لا يَنَالُهُم اللَّهُ بِرَحْمَةٍ ادْخُلُوا الْجَنَّةَ لا خَوْفٌ عَلَيْكُمْ وَلا أَنْتُمْ تَحْزَنُونَ

އާޔަތުގެ ތަފްސީރީ މާނަ: ''ސުވަރުގެ ވެރިންގެ ތެރޭގައި އެ ތިބަ ފަޤީރު، ވާލެއް ޔާރެއް ނެތް، ކަލޭމެން ނިކަމެތިކޮށް އުޅުނު މީހުންނަކީ، ﷲ ގެ ރަޙްމަތްފުޅު ޤިޔާމަތް ދުވަހު ނުލައްވާނޭ ކަމަށާއި، އެ މީހުން ސުވަރުގެ ނުވަންނާނޭ ކަމަށް، ދުނިޔެ މަތީގައި ކަލޭމެން ހުވާކޮށް ބުނިމީހުން ހެއްޔެވެ؟ ދެން މި ހިސާބުން، މާތް ﷲ އަޢްރާފުގެ އަހުލުވެރިންނަށް އަންގަވައެވެ: ސުވަރުގެއަށް ތިޔަބައި މީހުން ވަންނާށެވެ. ތިޔަބައި މީހުންގެ ފާފަތައް ފުއްސެވިއްޖެއެވެ. ވީމާ ﷲ ގެ ޢަޛާބުގެ ބިރެއް ތިޔަބައި މީހުންނަކަށް މިއަދުން ފެށިގެން ނެތެވެ. އަދި ދުނިޔެއިން ފާއިތުވެގެން ދިޔަ ނަސީބަކަށް ތިޔަބައި މީހުން ހިތާމައެއް ނުކުރާނެއެވެ.'' (އަލްއަޢްރާފް: 49)

ވީމާ، ދުނިޔޭގައި ކާފިރުން ޖަމާކުރި މުދަލަކާއި ހޯދި ބާރެއްގެ އެއްވެސް ބޭނުމެއް ނެތްކަން، ޤިޔާމަތް ދުވަހު އެ މީހުންނަށް ސާބިތުވާނެއެވެ. އެ ފައިސާއާއި، އެ ކިބުރުވެރިކަމުން، އެ ދުވަހުގެ ޢަޛާބުން ފުކެއްގެ މިންވަރު ވެސް ކުޑަ ނުވާނެކަން އެނގޭނެއެވެ. މީހާ މަރުވީމާ، އޭނާ ޖަމާކުރި ހުރިހާ މުދަލަކާއި ހޯދިހާ ދަރިންނާއި، އެއްކުރިހާ ރަޙްމަތްތެރިންނާ، ވަކިވާންޖެހެއެވެ. އޭނާ ކަށްވަޅަށް ދާނީ އެކަނި މާއެކަންޏެވެ. އަލުން ދިރުއްވުމަށް ފަހު ހުންނާނީ އެކަނިވެރިކޮށެވެ. އޭނާގެ ޙިސާބު ބެއްލެވޭނީ، އޭނާ ކުރި ކަމަކަށެވެ. ހުރިހާ އެންމެން ވެސް އެކަނި ކަށްވަޅަށް ދާތަން، އެންމެންނަށް ވެސް ފެނެއެވެ. ނަމަވެސް ގިނަ މީހުންނަކީ، މި ކަމުން ޢިބްރަތެއް ލިބިގަންނަ ބައެއް ނޫނެވެ.

ފަހެ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮއެވެ. އިބަ ރަސްކަލާނގެ އާޔަތްތައް ދުށުމަށް، އަޅަމެންގެ ލޯ ހުޅުއްވާ ދެއްވާފާނދޭވެ! އަދި އިބަ ރަސްކަލާނގެ އަށް ވާޞިލުވެވޭ ތެދުމަގު ހޯދުމަށް، އަޅަމެންނަށް އަލިކަން ދެއްވާފާނދޭވެ! އަދި ދީނާ ދުރުކޮށް މަގުފުރައްދާ، ފާޅުގައްޔާއި ވަންހަނާގައި ވާ ފިތުނަތަކާ، އަޅަމެން ދުރުކުރައްވާފާނދޭވެ! އަދި އިބަ ރަސްކަލާނގެ ރުއްސެވުމާއި، ސުވަރުގޭގެ މަތިވެރި ނިޢްމަތް، އަޅަމެންނަށް ދެއްވާފާނދޭވެ! އަދި އިބަ ރަސްކަލާނގެ ކޯފާފުޅާއި، ނަރަކައިގެ ޢަޛާބުން، އަޅަމެން ދިންނަވާފާނދޭވެ! އިބަ ރަސްކަލާނގެއީ، ޢަފޫކުރައްވާ ފާފަ ފުއްސަވާ ރަސްކަލާނގެއެވެ.

 

 

Comments