Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ޢަޤީދާ އިސްލާމްދީނުގެ ޢާއްމު ތަޢާރަފެއް: ބަސްތަކެއްގެ ތަޢާރަފެއް

އިސްލާމްދީނުގެ ޢާއްމު ތަޢާރަފެއް: ބަސްތަކެއްގެ ތަޢާރަފެއް

aamu-thaaraf-2-bastakuge-thaarafބަސްތަކެއްގެ ތަޢާރަފެއް:
ޟަރޫރީ އެނގުމާއި ނަޡަރީ އެނގުން:
ބަދީހިއްޔަތާއި ޢަޤީދާ:
ޢަޤީދާގެ ޤަވާޢިދުތައް:

ބަސްތަކެއްގެ ތަޢާރަފެއް:

ޢަޤީދާއަކީ ކޮބައިކަން ބުނެދޭން މި އުޅޭ ފަޞްލުގައި، ޢިލްމުވެރިންގެ ދުލު ކުރީގައި އޮންނަ އަދި ގިނަގިނައިން ބޭނުން ކުރެވޭ އަދި ޢަޤީދާ ފޮތްތަކުގައި ގިނައިން އަންނަ، ބައެއް މުޞްޠަލަޙްތަކުގެ މާނަ ލިޔެލަން ކޮންމެހެން ވެސް އަހަންނަށް އެބަ ޖެހެއެވެ. އެ ބަސްތަކަކީ:

''ޝައްކު''، ''ހީ''، ''އެނގުން'' މިއެވެ. އަދި މި ބަސްތަކުގެ ތެރެއިން ލާފައި، ޢަޤީދާގެ މާނައާ ހަމައަށް އަހަރެން ދާނަމެވެ.

ޑޭކާރޓް އޭނާގެ މަޝްހޫރު މަންހަޖުގައި، އަދި އޭގެ ކުރިން ޣަޒާލީ އޭނާގެ ''މަގުފުރެދުމުން ސަލާމަތްކުރާ'' މި ފޮތުގައި، ޔަޤީނާ ހަމައަށް ވާސިލު ވުމަށްޓަކައި ޝައްކު ކުރުން އެއީ މަންހަޖަކަށް ބަލާފައި ވެއެވެ.

ކަންތައްތައް ޔަޤީން ކުރުމަށްޓަކައި، ޑޭކާރޓް ވަނީ ޝައްކު ކުރުން މަންހަޖަކަށް ބަލާފައެވެ. ވީމާ ޝައްކަކީ ކޮބައިހެއްޔެވެ؟

މިސާލަކަށް، ކަލޭ މައްކާގައި ހުއްޓާ، މިވަގުތު ޠާއިފަށް ވާރޭ ވެހޭހޭ؟ މީހަކު ސުވާލުކޮށްފިއެވެ. އެ ސުވާލުގެ ޖަވާބުގައި ކަލެއަށް ''އާނ'' އެކޭ ނުބުނެވޭނެއެވެ. އަދި ''ނޫނެކޭ'' ވެސް ނުބުނެވޭނެއެވެ. އެހެނީ އެ ގަޑީގައި ޠާއިފަށް ވާރޭ ވެހުން އެއީ ވެދާނެ ކަމެކެވެ. އަދި އެ ގަޑީގައި ވާރޭ ނުވެހި އެތާ އުޑުމަތި އަލިކޮށް ވެސް އޮވެދާނެއެވެ. ވާރޭ ވެހުން އެއީ ފަންސާސް އިންސައްތަ، އެކަށީގެންވާ ކަމެކެވެ. ހަމަ އެހެންމެ، ނުވެހުން ވެސް ފަންސާސް އިންސައްތައެވެ. ދެ ކޮޅުން ވެސް އެއްވަރެވެ. ވާރޭ ވެހެއޭ ބުނާ ކޮޅަށް ބުރަވާނެ ދަލީލެއް ނެތެވެ. އަދި ނުވެހެއޭ ބުނާ ކޮޅަށް ބުރަވާނެ ދަލީލެއް ވެސް ނެތެވެ. މިއީ ''ޝައްކު'' އެވެ.

ދެން ކަލޭ އިރުމައްޗާ ވީ ފަރާތަށް (ޠާއިފް އޮންނަނީ މައްކާގެ އިރުމަތީގައި) ބަލާއިރު، އެ ދިމާ އުދަރެހުގައި ވިއްސާރަ ވިލާ ހުއްޓާ ފެނިއްޖެނަމަ، ޠާއިފަށް ވާރޭ ވެހިދާނެ ކަމަށް، ކުޑަކޮށް ބުރަވުން އެއީ ''ހީކުރުން'' އެވެ. ވީމާ އެވަގުތު ކަލޭ ބުނާނީ ''އަހަންނަށް ހީވަނީ ޠާއިފަށް އެބަ ވާރޭ ވެހޭން'' ނެވެ. ވީމާ ''ހީކުރުން'' އެއީ މިސާލަކަށް ބުނަންޏާ ފަސްދޮޅަސް އިންސައްތަ އާނ އެކެވެ. ސާޅީސް އިންސައްތަ ނޫނެކެވެ.

ދެން ވިއްސާރަ ވިލާތައް ގިނަވެ ފުނިޖެހި، ވިލާތައް ކަޅުވެ، އޭގެތެއިން ވިދަން ފައްޓައިފިނަމަ، ޠާއިފަށް ވާރޭ ވެހޭ ކަމަށް، ކަލެއަށް ހީވި ހީވުން އިތުރުވެގެން ދާނެއެވެ. އެ ވަގުތު ''އާނ'' ކޮޅަށް ހަތްދިހަ ނުވަތަ ހަތްދިހަ ފަހެއް އިންސައްތަ ދެވޭނެއެވެ. މިއަށް އަހަރެމެންގެ ޢިލްމުވެރިން ކިޔައި އުޅެނީ ''ބޮޑަށް ހީވުން'' އެވެ. އެއްކަލަ ސުވާލު ކުރި މީހާއަށް މިހާރު ކަލޭ ބުނާނީ ''އަހަންނަށް ވަރަށް ބޮޑަށް އެބަ ހީވޭ މި ވަގުތު ޠާއިފަށް ވާރޭ ވެހޭހެން'' އެވެ.

ދެން ކަލޭ ޠާއިފަށް ގޮސް، ވާރޭ ވެހޭތަން އަމިއްލަ ލޮލުން ފެނި، މޫނުގައި ތިކިޖެހޭކަން އިޙްސާސް ވެއްޖެނަމަ، ވާރޭ ވެހޭކަން ޔަޤީން ވާނެއެވެ. އަހަރެމެންގެ ޢިލްމުވެރިން މި ޔަޤީން ކަމަށް ކިޔަނީ ''އެނގުން'' އެވެ.

ވީމާ ''އެނގުން'' މި ލަފްޒަށް ވަރަށް ގިނަ މާނަތަކެއް އެބަ ވެއެވެ. ޖާހިލުކަމުގެ އިދިކޮޅަކީ ވެސް އެނގުމެވެ. އަދި ފަންނާއި ފަލްސަފާގެ އިދިކޮޅު ކަމުގައިވާ ކެމިސްޓްރީ ފަދަ މާއްދާތަކަކީ ވެސް ''އެނގުން'' އެކެވެ. މިސާލަކަށް ކުރެހުމަކީ ފަންނެކެވެ. ޅެންވެރިކަމަކީ ފަންނެކެވެ. އެކަމަކު ކެމިސްޓްރީ އަކީ ޢިލްމެކެވެ. ނުވަތަ ''އެނގުމެކެވެ''. މި މާނައިގައި ''އެނގުން'' އަކީ އޭގެ ފަހަތުން ޙަޤީޤަތެއް ހޯދާ ކަންކަމެވެ. އެ ހަޤީޤަތަށް ވާސިލު ވާން ބޭނުން ކުރާ އެއްޗަކީ ބުއްދިއެވެ. އޭގެ ވަސީލަތަކީ ތަޙްޤީޤު ކުރުމާއި، ތަޖުރިބާ ކުރުމާއި، ހޯދުންތަކުގެ މައްޗަށް ބިނާކޮށް ނަތީޖާ ނެރުމެވެ. އަނެއް ކޮޅުން ފަންނަކީ އޭގެ ފަހަތުން ރީތި ކަމެއް ހޯދާ ކަންކަމެވެ. އެއަށް ވާސިލު ވާން ބޭނުން ކުރާ އެއްޗަކީ ޝުޢޫރެވެ. އޭގެ ވަސީލަތަކީ ރީތި ހުތުރު ވަކިކުރަން އެނގުމެވެ.

މި ބަހުސުގައި އަހަރެމެން ވާހަކަ ދައްކަން މި އުޅޭ ''އެނގުމަކީ''، ޔަޤީން ކަމުގެ މާނައިގައި ވާ އެއްޗެކެވެ. އެއީ ޝައްކުގެ އިދިކޮޅު އެއްޗެވެ.

ޟަރޫރީ އެނގުމާއި ނަޡަރީ އެނގުން:

ބަލައިގެން އަދި ހިއްސުތަކުގެ ބޭނުން ކޮށްގެން އުނގެނޭ އުނގެނުމަކީ އެއީ ދަލީލެއް ބޭނުންވާ ކަންތަކެއް ނޫނެވެ. މިސާލަކަށް ކުރިމަތީގައި ފެންނަން ހުރި ފަރުބަދެއެއް، އެތާނގާއި އެބަ ހުރި ކަމަށް ދަލީލެއް ބޭނުމެއް ނުވެއެވެ. އެ ފަރުބަދަ އެބަ ހުރިކަން -ކޮންމެހެން- އެބަ އެނގެއެވެ. އަދި ފަރުބަދަ ފެންނަ، ބުއްދިއެއް ހުރި ކޮންމެ މީހަކަށް ވެސް، އެތާ ފަރުބަދައެއް އެބަ ހުރިކަން އެނގޭނެއެވެ. މިއަށް މި ކިޔެނީ 'ޟަރޫރީ އެނގުން'   (ކޮންމެހެން އެނގޭ އެނގުން) އެވެ.[1]

އެކަމަކު، ނުވަދިހަ ދަރަޖައިގެ ތިނެސްކަނެއްގައި، އޭގެ ނުވަދިހަ ދަރަޖައާ ދިމާވާ ހުރަހުގެ ދިގުމިނުގެ އަކަ އެއްވަރު ވާނީ، އޭގެ ދެ ފައިކަށީގެ އަކަ އެއްކުރީމާ އަންނަ ޢަދަދާކަން އެނގޭނީ ބުއްދީގެ ދަލީލަކުންނެވެ. މި ދަލީލު އެނގޭ ކިޔަވާ ކުއްޖަކަށް މިއީ ޙަޤީޤަތެއްކަން އެނގޭނެއެވެ. ނަމަވެސް އާދައިގެ މީހަކަށް ނުވަތަ ޖާހިލަކަށް އޭނާ ކުރިމަތީގައި ތިނެސްކަން ކުރަހާ ދެއްކިޔަސް، މި ޙަޤީޤަތް ނޭނގޭނެއެވެ. ވީމާ ''ނަޡަރީ ޢިލްމު'' އޭ ކިޔެނީ މިކަހަލަ ޢިލްމަށެވެ.

ކަން ސާބިތު ކުރަން ބުއްދީގެ ދަލީލެއް ބޭނުން އެބަވެއެވެ. މި ދަލީލާ ހަމައަށް ވާސިލް ވެވޭ ޢިލްމުވެރިއާއަށް ނުވަތަ ކިޔަވާ ކުއްޖަކަށް، މިއީ ޙަޤީޤަތެއްކަން އެނގޭނެއެވެ. އެކަމަކު މީގެ ދަލީލު ނެނގޭހާ ހިނދަކު، ޖާހިލު އާދައިގެ މީހަކު މިކަން ޤަބޫލެއް ނުކުރާނެއެވެ. އަދި ލޮލުން އެ ތިނެސްކަން ފެނި، ކޮންމެ ފަޅިއެއްގައި ހަތަރެސްކަނެއް ކުރެހިޔަސް، އެކަން ތެދެއް ނުކުރާނެއެވެ. މިއަށް ކިޔެނީ ''ނަޠަރީ ޢިލްމު'' އެވެ. މިފަދަ ޢިލްމު ނުވަތަ އެނގުމަކީ، ބުއްދީގެ ދަލީލަކާ ނުލާ ޙާޞިލް ވާނެ އެއްޗެއް ނޫނެވެ.

ބަދީހިއްޔަތާއި ޢަޤީދާ:

ނަޡަރީ އެނގުމުގެ ތެރޭގައި، އަސްލުގައި ދަލީލަކަށް ބޭނުންވާ، އެހެން ނަމަވެސް ޙިއްސުތަކާއި ތަޖުރިބާގެ އެހީގައި އެކަން ސާބިތު ނުކުރެވިފައި ވަނިކޮށް، އެއީ ޙަޤީޤަތެއް ކަން މީސްތަކުންގެ ތެރޭގައި މަޝްހޫރުވެ ޢާއްމުވާ އެނގުންތަކެއް އެބަ ވެއެވެ. ދެން، ޢިލްމުވެރިއާ އާއި ޖާހިލު މީހާ އާއި ބޮޑު މީހާ އާއި ކުޑަކުއްޖާ އަށް ވެސް މިފަދަ ކަންތައްތަށް އެނގި ޤަބޫލު ކުރެވެއެވެ. އެހެންވެ މިއީ ''ޟަރޫރީ އެނގުން'' އާ ކައިރި އެނގުމަކަށް ވެދެއެވެ. މީގެ މިސަލާކީ، އެއްޗެއްގެ އެއްބައި އޭގެ މުޅި އެއްޗަށް ވުރެ ކުޑަކަން އެނގުމެވެ. ތަންކޮޅެއް ކައިފައި އޮތް ރޮއްޓެއް، ތަންކޮޅެއް ނުކައި އޮތް ރޮއްޓަކަށް ވުރެ ކުޑަ ވާނެއެވެ. މި ޙަޤީޤަތަކީ، އަސްލުގައި ނަޡަރީ އެނގުމުގެ ތެރޭގައި ހިމެނޭ، އަދި ދަލީލެއް ބޭނުންވާ ކަމެކެވެ. ނަމަވެސް މި ޙަޤީޤަތާ މެދު ޝައްކު ކޮށް، ދަލީލެއް ގެންނާށޭ ބުނާ މީހެއް، ކަލެއަކަށް ނުފެންނާނެއެވެ. ކުޑަކުއްޖަކު ވެސް އޭނާ އަތުގައި އޮތް ޗޮކުލެޓަކުން ތަންކޮޅެއް ބުރިކުރުމަށްފަހު، ބާކީ އޮތް އެތިކޮޅު އަނބުރާ ދީފައި، ކުރިއަށް ވުރެ މިހާރު ޗޮކުލެޓު މާ ބޮޑޭ ކިތަންމެ ވަރަކަށް ބުންޏަސް، އެ ކުއްޖާ އެ ވާހަކަ ޤަބޫލެއް ނުކުރާނެއެވެ. ސަބަބަކީ، އެއްޗެއްގެ އެއްބައި މުޅި އެއްޗަށް ވުރެ ކުޑަކަން އެނގުން އެއީ ދަލީލެއް ބޭނުން ނުވާ ޙަޤީޤަތެކެވެ. އެހެން ޢިބާރާތަކުން ބުނާނަމަ، ބަދީހީ އެނގުމެކެވެ.[2]

ހަމަ އެހެންމެ، ''އެއްޗަކީ އޭތިކަން'' މިއީ ވެސް ދަލީލެއް ބޭނުން ނުވާނެ ޢިލްމެކެވެ. މިސާލަކަށް، މީހަކު ކަލޭ އަތުގައި އޮތް ގަލަމަކީ، ސަމުސަލެއް ނޫންކަން ސާބިތު ކޮށްދޭށޭ ބުނެފިއްޔާ، ކަލޭ އޭނާއަށް ދޭނެ ޖަވާބަކަށް ވާނީ: ''ތިއީ ދަލީލެއް ބޭނުންވާނެ ކަމެއްނޫނޭ، ގަލަމަކީ ގަލަމެއްކަން އެއީ ބަދީހީގޮތުން އެނގޭ ކަމެކޭ'' އެވެ.

ބަދީހީ ކަންތަކޭ ބުނެވެނީ، އެއީ ޙަޤީޤަތެއް ކަމަށް ހުރިހާ އެންމެން ވެސް ޤަބޫލު ކުރާ، އެކަން ޤަބޫލު ކުރަން ދަލީލެއް ނު ހޯދާ ކަންތަކަށެވެ. މި ފަދަ ބަދީހީ ކަމެއް ސިކުނޑީގައި ހަރުލައި ސާބިތުވެއްޖެނަމަ، އަދި އޭނާގެ އެނގުމާއި ޝުޢޫރަށް އަސަރު ކުރުވާ، އޭނާ ވިސްނާ ގޮތް ވަކި ގޮތަކަށް ބަދަލު ކުރުވާ، ކުރާ ކަންތަކަށް އަސަރު ކުރުވާނަމަ، އެއަށް ދެން ކިޔެނީ އެހެން ނަމެކެވެ. އެއީ ''ޢަޤީދާ'' އެވެ. އަދި މިފަދަ ކަމެއް ޤަބޫލުކޮށް ތެދު ކުރުމަށް ކިޔޭ ނަމެއް ވެސް އޮވެއެވެ. އެއީ ''އީމާން'' އެވެ.

އިންސާނުން ބައެއް ފަހަރު، ޙައްޤު ގޮތްތަށް، އަދި އަނެއްބައި ފަހަރު ބާޠިލު ގޮތްތައް ވެސް ޤަބޫލު ކުރާކަން އަހަރެމެންނަށް އެނގެއެވެ. މަގުފުރެދިފައިވާ އަދި ބާޠިލު ކަންތައްތަކަށް ތަބާވާ މަޛްހަބުތަކުގެ މީހުން މި ދުވަސްވަރު އަހަރެމެންނަށް އެބަ ފެނެއެވެ. އެ މީހުން ތިބެނީ މަޛްހަބުގައި ވާ ބާޠިލު ކަންތައްތައް ބަރާބަރަށް ޤަބޫލުކޮށް، އެތެރެފުށާއި ބޭރުފުށުން ވެސް އެ ކަންތަކުގައި ހިފަހައްޓައިގެންނެވެ. އަދި މި ބާޠިލު މަޛްހަބުގެ ދިފާޢުގައި ނުވަތަ މަޛްހަބަށް ނަސްރު ދޭން އެނާގެ މުދަލާއި ނަފްސުވެސް ހޭދަ ކުރެއެވެ. ފަހެ މިފަދަ މީހުންނަށް އަހަރެމެން ކިޔާނީ ''މުއުމިނުން'' ހެއްޔެވެ؟

ލަފްޒުގެ ފުރިހަމަ މާނައިގައި އެއީ މުއުމިނުންނެކޭ ނުބުނެވޭނެއެވެ. އެކަމަކު އެމީހުން އީމާން ވާ ބާޠިލު ގޮތަށް ނިސްބަތްކޮށް، އެއީ މުއުމިނުންނޭ ބުނެވިދާނެއެވެ. މިސާލަކަށް މި އާޔަތުގައި މި ވާފަދައިންނެވެ.

أَلَمْ تَرَ إِلَى الَّذِينَ أُوتُواْ نَصِيباً مِّنَ الْكِتَابِ يُؤْمِنُونَ بِالْجِبْتِ وَالطَّاغُوتِ
އާޔަތުގެ ތަފްސީރީ މާނަ: ''ބާވައިލެއްވި ފޮތުގެ ތެރެއިން ބައެއް އެނގިގެންވާ ޔަހޫދީން، ﷲ ފިޔަވައި އަޅުކަން ކުރެވޭ ބުދުތަކާއި، އިންސީންނާއި ޖިންނީންގެ ތެރެއިންވާ ޝއިޠާނުންނަށް އީމާންވެ، އެ މީހުން ދައްކާހާ ވާހަކައެއް ތެދުކޮށް، ﷲ ގެ ޝަރީޢަތް އެއްކިބާގައި ބާއްވާފައި އެ ތަކެތީގެ ޝަރީޢަތް ޤަބޫލުކުރާތަން، ކަލޭގެފާނު ދެކެވަޑައި ނުގަންނަވަމުތޯއެވެ؟ ''(އައްނިސާ:51)

އަދި އެހެން ސިފައަކުން އެ ލަފްޒުގެ މާނައިގެ ދާއިރާ ވަކި މާނައެއްގެ ތެރޭގައި ހިފަހައްޓާ ހަނި ކުރުމަށް ފަހު ވެސް ކިއިދާނެއެވެ. ތިރީގައި މިވާޔަތުގައި ވާ ފަދައިންނެވެ. وَمَا يُؤْمِنُ أَكْثَرُهُمْ بِاللّهِ إِلاَّ وَهُم مُّشْرِكُونَ

އާޔަތުގެ ތަފްސީރީ މާނަ: ''ﷲ ގެ އާޔަތްތަކަށް ފުރަގަސްދޭ މީހުންގެ ތެރެއިން ގިނަ މީހުން އަޅުކަން ކުރުމުގައި، ﷲ އާ ޝަރީކު ކުރާ ހާލު މެނުވީ، އެކަލާނގެ އަކީ އެ މީހުން ޚަލްޤުކުރައްވައި ރިޒުޤު ދެއްވާ ކަލާނގެ ކަމަށް އީމާނެއް ނުވެއެވެ.'' (ޔޫސުފް:106)

އީމާން މި ލަފްޒު ބުނުމުން ދޭހަކޮށްދޭ ޚާއްސަ ވަކި މާނައެއް އޮވެއެވެ. އީމާނޭ ބުނުމުން އެނޫން މާނައެއް އެއިން ދޭހައެއް ނުވެއެވެ. އެއީ ޤުރްއާނާއި ސުންނަތުގައި ވެސް، އަދި ޢިލްމުވެރިންގެ ދުލުކުރިން މި ބަސް ނުކުތުމުން ވެސް ދޭހަވާ މާނައެވެ. އީމާންކަމުގެ މި މާނައަކީ:

- ﷲ އަކީ، ހައްދަވާ ބޮޑު ކުރެއްވި އެއްކައުވަންތަ ރަސްކަލާނގެ ކަމަށް އީމާންވެ ޤަބޫލުކުރުން.

- އަދި ﷲ އަކީ، އެކަލާނގެ އިރާދަކުރައްވާ ގޮތަކަށް ހުރިހާ ކަމެއް ކުރެއްވުމުގެ އިޚްތިޔާރު ލިބިވޮޑިގެންވާ، ދުނިޔޭގެ ހުރިހާ އެއްޗެއްގެ މިލްކުވެރިވަންތަ ރަސްކަލާނގެ ކަމަށް އީމާންވެ ޤަބޫލުކުރުން.

- އަދި އަޅުކަން ކުރަން ޖެހޭ ހަމައެކަނި ފަރާތަކީ ﷲ ކަމާއި، އެއްވެސް ބާވަތެއްގެ އަޅުކަމެއްގައި، އެކަލާނގެއާ އެހެން ފަރާތެއް ނުވަތަ އެއްޗެއް ބައިވެރި ކޮށްގެން ނުވާނެކަމަށް، އީމާންވެ ޤަބޫލުކުރުން.

- އަދި މަލާއިކަތުންނާއި، ރަސޫލުބޭކަލުންނާއި، އާޚިރަތް ދުވަހާއި، ހެޔޮމިންވަރާއި ނުބައި މިންވަރަށް އީމާންވުމާ ބެހޭގޮތުން، މާތްﷲ އެކަލާނގެ ރަސޫލާއަށް ބާވައިލެއްވި ހުރިހާ ވަޙީއަކަށް އީމާންވެ ޤަބޫލުކުރުން.

މުއުމިނަކީ، މި ކަންތައްތައް ޤަބޫލު ކުރާ މީހާއެވެ. ދެން މީހަކު، މީގެ ތެރެއިން ކަމެއް އުނިކޮށް، ނުވަތަ އެއިން ކަމަކުން މުރުތައްދުވެ، ނުވަތަ މިކަންތައްތައް ތެދުކުރުން ފަސްޖެހި، ނުވަތަ ޝައްކުކޮށްފިއްޔާ، އެ މީހާގެ ކިބައިން އީމާން ކަމުގެ ސިފަ ގެއްލުނީއެވެ. އަދި އޭނާ އަކީ މުއުމިނުންގެ ތެރޭގައި ވާ މީހަކަށް ވެސް ނުވާނެއެވެ.

ޢަޤީދާގެ ޤަވާޢިދުތައް

ފުރަތަމަ ޤަވާޢިދު:

އަހަރެންގެ ހިއްސުތަކުން އެނގޭ ކަންތައްތައް އެއީ އަހަރެން ޝައްކު ކުރާނެ ކަންތަކެއް ނޫނެވެ. މިއީ އެންމެން ވެސް ޤަބޫލު ކުރާ، ބުއްދީގެ ބަދީހީ ޙަޤީޤަތެކެވެ.

ނަމަވެސް ދުވާލު މެންދުރު، އަހަރެން ސަހަރާއެއްގައި ހިނގަމުން ދަނިކޮށް، ދުރުން ފެންގަނޑެއް ފެނިގެން އެ އޮތް ހިސާބާ އަރާހަމަ ކުރީމާ އެއީ އަވާމެންދުރެއްކަން އެނގެއެވެ. އަދި ސީދަލަށް އޮތް ގަލަމެއް ފެން ތައްޓަކަށް ލީމާ، އަހަންނަށް ފެންނަނީ ގަލަން ބިނދިފައި އޮންނަ ތަނެވެ. ރޭގަނޑު، ހަންޑިއާ ފުރޭތައިގެ ވާހަކަ ދައްކާފައި، އަނދިރި ފަޅު މަގަކުން ގެއަށް ދަނިކޮށް، ފަސޭހައިން ބިރު ގަންނަ މީހެއް ނަމަ، ކުރިމަތިން ހަންޑިއެއް ނުވަތަ ފުރޭތައެއް ވެސް ފެނިދާނެއެވެ. ނަމަވެސް ޙަޤީޤަތުގައި އެތާނގައި އެ ފަދަ އެއްވެސް އެއްޗެއް ނެތެވެ. އަދި ޖާދޫ ހަދާ މީހުން ވެސް، ހައިރާން ކުރުވާފަދަ އާދަޔާ ޚިލާފު ކަންތައްތައް ދައްކައެވެ. ނަމަވެސް އެއީ ޙަޤީޤަތެއް ނޫނެވެ.

ވީމާ މިއިން އެނގޭ އެއްޗަކީ ބައެއް ފަހަރު، ޙިއްސަށް ޙަޤީޤަތް އޮޅޭ ކަމެވެ. އަދި ޙަޤީޤަތާ ޚިލާފު ގޮތަކަށް އެއްޗެއް ދައްކަވެސް ފާނެއެވެ. އަދި އެއްޗެއް ނުވަތަ ކަމެއް އެއީ ވަހުމެއް ކަމަށް ވެސް، ހިއްސު މީހަކަށް ދައްކަފާނެއެވެ. ދެން އެހެންނޭ ކިޔާފައި އަހަރެން ވީ، އަހަރަންގެ ހިއްސުތަކުން އެނގޭ ފެންނަ އެއްޗެހިތައް ވާ ކަމާ މެދު، ޝައްކު ކުރަންހެއްޔެވެ؟

ނޫނެކެވެ. ސަބަބަކީ، އަހަރެންނަށް ފެންނަ، އަޑު އިވޭ، އިޙްސާސްވާ އެއްޗެހި، ވާ ކަމާ މެދު ޝައްކު ކޮށްފިއްޔާ، އަހަންނަށް އޮނާނީ ޙަޤީޤަތާއި ޚިޔާލާއި ދޭތި އޮޅިފައެވެ. އޭރުން އަހަރެންނެކޭ މޮޔައެކޭ ތަފާތެއް ނުހުންނާނައެވެ.

ދެން އަހަރެންނަށް ފެންނަ، އިޙްސާސް ކުރެވޭ އެއްޗެހި ވާ ކަން އެނގުމަށްޓަކައި (ޔަޤީންކަމާއެކު އެނގުމަށްޓަކައި) އިތުރު ޝަރުޠެއް ހިމަނާނަމެވެ. އެ ޝަރުޠަކީ، ކުރީގެ ތަޖުރިބާގެ އަލީގައި، ފެންނަ ނުވަތަ އިޙްސާސްވާ އެއްޗަކީ ވަހުމެއް ނުވަތަ ނުހައްދަވާ އެއްޗެއް ކަމަށް، ނު ނިންމުމެވެ. ޞަޙަރާއިން އަވާމެންދުރެއް ފެނުނު ފުރަތަމަ ފަހަރު އެއީ ފެންގަނޑެއް ކަމަށް ހީވެފައި އޮއްވާ، އެހެން ފަހަރަކު އަވާމެންދުރެއް ފެނުނީމާ އެއީ ފެންގަނޑެއް ނޫން ކަން އެނގޭނެއެވެ. ފުރަތަމަ ފަހަރަށް، ފެންތައްޓެއްގެ ތެރޭގައި ގަލަން ބިނދިފައި އޮއްވާ ފެނިގެން ނަގާފައި ބެލީމާ، އެ އޮތީ ބިނދިފައި ނޫންކަން އެނގެއެވެ. ދެން ފަހުން މިފަދަ ހާދިސާއެއް ކުރިމަތި ވުމުން، އެ ގަލަން އޮންނާނީ ބިނދިފައި ނޫންކަން އެނގެއެވެ. އަދި ހިއްސުތަކަށް އޮޅޭ ނުވަތަ އޮޅުވާލެވޭ ގޮތްތަކަކީ ކޮބައި ކަމާ، އަދި އެއީ ކިހިނެއް ކަން ވެސް އަހަރެމެންނަށް އެނގެއެވެ. މިފަދަ ގޮތްތަކުގެ ތެރޭގައި އިހުޒަމާނުގައި ފިރުޢައުނުގެ ސިހުރުވެރިން ހެދި ސިހުރާއި، މިޒަމާނުގައި ޗަރުކޭސް ކުޅޭ ތަންތާނގައި ކުރާކަންތައް ހިމެނެއެވެ. ވީމާ މަދު ފަހަރަކު ހިއްސަށް އޮޅި، ނުބައިކޮށް ކަމެއް އެނގުނޭ ކިޔާފައި ޙިއްސުތަކުން އެނގޭ ކޮންމެ ކަމެއް ދޮގުކުރެވޭކަށް ނެތެވެ.

ދެވަނަ ޤަވާޢިދު:

އަހަރެމެންނަށް ދުވަހަކު ނުފެންނަ އަދި އިޙްސާސް ވެސް ނުކުރެވޭ އެއްޗެހިތައް އެބަ ހުއްޓެވެ. އެހެން ނަމަވެސް، އަހަރެމެންނަށް ލޮލުން ފެންނަ އެއްޗެހިތައް އެއީ ވާ އެއްޗެހިކަން ޔަޤީން ކުރާ ފަދައިން، މި ބުނި ނުފެންނަ، އިޙްސާސް ނުކުރެވޭ އެއްޗެހި ވާ ކަން ވެސް ޔަޤީން ކުރަމެވެ. އިންޑިއާ އާއި ބްރެޒިލް އަކީ ދުނިޔޭގައި އޮންނަ ދެ ޤައުމުކަން އަހަރެމެން ޔަޤީންކުރަމެވެ. އެކަމަކު މި ދެޤައުމުން ކުރެ ޤައުމަކަށް އަހަރެމެން ގޮސްފައެއް ނުވަތަ ފެނިފައެއް ނުވެއެވެ. ބޮޑު އިސްކަންދަރު، ފާރިސްކަރަ ފަތަޙަ ކުރެއްވިކަމާއި، ވަލީދް ބިން ޢަބްދުލް މަލިކު، އުމަވީ މިސްކިތް ބިނާކުރެއްވިކަން ވެސް އަހަރެމެން ޔަޤީން ކުރަމެވެ. އެކަމަކު އިސްކަންދަރު ކުރެއްވި ފަތަޙައެއް ނުވަތަ އުމަވީ މިސްކިތް ބިނާ ކުރެވުނުތަނެއް އަހަރެމެން ނުދެކެމެވެ.

ދުނިޔޭގައި މިހާރު ހިނގަމުންދާ ކަންތަކާއި، ތާރީޚުގައި ހިނގާފައިވާ ހާދިސާތަކާއި، ޤައުމުތަކާއި ރަސްރަސްކަން ފަދަ އެއްޗެއްސާއި ކަންތަކުގެ ތެރެއިން، އަހަރެމެންނަށް ފެނިގެން ޔަޤީންވި ކަންތަކަށް ވުރެ، ނުފެނި ޔަޤީންވި ކަންތަށް ގިނަކަން، އަހަރެމެންގެ ތެރެއިން ކޮންމެ މީހަކަށް ވެސް، ވިސްނައިފިއްޔާ އެނގޭނެއެވެ.

ފަހެ، ހިއްސުތަކުން ނޭނގެނީސް، މި އެއްޗެހިތައް ވާކަމާއި ކަންތައްތައް ހިނގާފައިވާކަން، އަހަރެން ޔަޤީންކުރީ ކިހިނެއްހެއްޔެވެ؟

މިކަންތައްތަކާއި އެއްޗެހިތައް ވީކަމާއި އަދި ވާކަން ޔަޤީންވީ، އެންމެން އިއްތިފާޤުވެގެން ދޮގުހަދާނެ ކަމަށް ނުބެލެވޭ ބަޔަކު މީހުން، އެފަދަ އެހެން ބައެއްގެ ކިބައިން، އެ ޚަބަރު އަހަރެމެންނާ ހަމައަށް ގެނައީމައެވެ.

ވީމާ، ދެވަނަ ޤަވާޢިދަކީ: ފެނިގެން ނުވަތަ ހިއްސުތަކުގެ އެހީގައި ކަންކަން ޔަޤީންވާ ފަދައިން، ތެދުބުނާކަމަށް އަހަރެމެން ޤަބޫލު ކުރާ މީހަކު ގެނެސްދޭ ޚަބަރަކުން ވެސް ކަންކަން ޔަޤީންވާ ކަމެވެ.

ތިންވަނަ ޤަވާޢިދު:

ހިއްސުތަކުގެ އެހީގައި އެއާ ހަމައަށް ފޯރޭނެ ޢިލްމުގެ ހައްދަކީ ކޮބައިހެއްޔެވެ؟ ވުޖޫދުގައި ވާހާ އެއްޗަކާ ހަމައަށް ހިއްސުތަކަށް ވާސިލު ވެވިދާނެހެއްޔެވެ؟

ވުޖޫދުގައިވާ އެއްޗެހި ދެނެގަތުމުގައި، އިންސާނާގެ ބުއްދިއާއި ހިއްސާއި ދޭތީގެ މިސާލަކީ، ކިއްލާއެއްގައި ހުރި ޖަލަކަށް ލެވިފައި ހުރި މީހެއްގެ މިސާލެވެ. އެ ޖަލުގެ ހުރިހާ ދޮރަކާ ކުޑަދޮރުތަކެއް ހުންނަނީ ބަންދު ކުރެވިފައެވެ. ބޭރު ފެންނަނީ، ފާރުގައި ހުރި ކުޑަކުޑަ އާނގުތަކަކުން އެކަންޏެވެ. އިރުމަތީ ފަރާތު ފާރުގައި ހުރި އާނގުން ފެންނަނީ ކޯރެކެވެ. ހުޅަނގުފަރާތު ފާރުގައި ހުރި އާނގުން ފެންނަނީ ފަރުބަދައެކެވެ. އުތުރު ފަރާތު ފާރުގައި ހުރި އާނގުން ފެންނަނީ ގަނޑުވަރެކެވެ. ދެކުނު ފަރާތު ފާރުގައި ހުރި އާނގުން ފެންނަނީ ކުޅޭ ދަނޑެކެވެ.

ދެން ޖަލަށް ލެވިފައި ހުރި މީހަކީ ބުއްދި ކަމަށް ބަލަމާ ހިނގާށެވެ. ކިއްލާއަކީ ހަށިގަނޑެވެ. އާނގުތަކަކީ އެއީ ހިއްސުތަކެވެ. ފެނުމުގެ ހިއްސުން ބަލަނީ ކުލަތަކުގެ ދުނިޔެއަށެވެ. އިވުމުގެ ހިއްސުން އަޑުއަހަނީ އަޑުތަކުގެ ދުނިޔެއަށެވެ. ރަހަބެލުމުގެ ހިއްސުން ބަލަނީ ރަހައިގެ ދުނިޔެއެވެ. ވަސްބެލުމުގެ ހިއްސުން ބަލަނީ ވަހުގެ ދުނިޔެއަށެވެ. ބީހުމުގެ ހިއްސުން ދެނެގަންނަނީ އެއްޗެހިތަކެވެ.

ދެން މިހިސާބުން އޮތް ފުރަތަމަ ސުވާލަކީ: މި ބުނި ހިއްސުތަކުގެ އެހީގައި، އެ ހިއްސުތަކަށް، ދުނިޔޭގައި ވާ އެއަށް ޚާއްސަ ހުރިހާ އެއްޗެއް ނަގައިގަނެވިދާނެހެއްޔެވެ؟ އެއްކަލަ ޖަލަށް ލެވުނު މީހާ ކޯރާ ދިމާއަށް ހުރި އާނގައިން ބެލީމާ ފެންނާނީ ކޯރު، އެއްކޮށެއް ނޫނެވެ. ފެންނާނީ ކޯރުގެ ބައެކެވެ. ހަމަ މި ބީދައިން ލޯ ވެސް، ކުލަތަކުގެ ދުނިޔެއަށް ބެލީމާ ހުރިހާ ކުލައެއް ނުފެނެއެވެ. ފެންނަނީ ބައެއް ކުލަތަކެވެ.

ތިން މޭލު ދުރުން ދުވަމުންދާ ހިންޏެއް، އަހަންނަކަށް ނުފެނެއެވެ. އެކަމަކު އެ ހިނި އެތާ އެބަ އޮތެވެ. ސާފު ފެންތައްޓެއްގައި ހުންނަ ޖަރާސީމުތައް އަހަންނަކަށް ނުފެނެއެވެ. އެކަމަކު އެތައް މިލިއަން ޖަރާސީމެއް ފެންތަށީގައި ވެއެވެ. ފަލަކުގައި ޕްލެނެޓު އެނބުރޭހެން، ޒައްރައިގެ ތެރޭގައި އިލެކްޓްރޯންތައް އެނބުރެއެވެ. މި އުޅޭ ހިނި، އަޑުވެސް ލައްވައެވެ. އެކަމަކު އެ އަޑު އަހަންނަކަށް ނުއިވެއެވެ. ސަބަބަކީ އަހަރެން ކަންފަތަށް ނަގައިގަނެވެނީ ވިހި ހާރޓްޒް އިން ފެށިގެން ގޮސް ވިހިހާސް ހަރޓްޒް އާ ދެމެދުގެ ފްރިކުއެންސީތަކެވެ. މި މިނަށް ވުރެ ދަށް ވެއްޖެއްޔާ އެ އަޑެއް ނީވޭނެއެވެ. މަތިވެއްޖެއްޔާ ކަންފަތް ފަޅައިގެން ހިނގައިދާނެއެވެ. އަހަންނަށް ހަކުރުން ވަހެއް ވެސް ނުދުވައެވެ. އެކަމަކު ހިންޏާއި މެހި، މާ ދުރުން ހަކުރުގެ ވަސް ޖެހިގެން އެއާ ދިމާއަށް ދެއެވެ. ވީމާ ހިއްސުތަކަށް ކަނޑައެޅިފައިވާ ދުނިޔެއިން، ހިއްސުތަކަށް އިޙްސާސް ވަނީ ވަކި މިންވަރެކެވެ.

ދެވަނަ ސުވާލަކީ: އަހަރެންގެ ލޮލުން ފެންނަ ކުލަތަކުގެ ދުނިޔެއާއި ކަންފަތަށް އިވޭ އަޑުތަކުގެ ދުނިޔެއާ ދެމެދު، އެ އެނގެން ބޭނުންވާ ހިއްސު ނެތުމުގެ ސަބަބުން އަހަރެންނަށް އިޙްސާސް ނުވާ އަދި ނޭނގޭ އެހެން ދުނިޔެއެއް އޮތުން، އެއީ ވެދާނެކަމެއް ނޫން ހެއްޔެވެ؟

އެއްކަލަ ކިއްލާގެ ޖަލުގައި ހުރިމީހާ ފަރުބަދައަށް ބަލާއިރު، އޭނާއަށް ނުފެންނަ، ނޭނގޭ ބަގީޗާއެއް، ޖަލާއި ފަރުބަދައާ ދެމެދު ނޯވެދާނެހެއްޔެވެ؟ ބަގީޗާ ފެންނަ ހިސާބެއްގައި އާނގައެއް ނެތިގެން އެ ނުފެނުނީމާ، އެތާ އޮތް ބަގީޗާ އެއީ ނެތް އެއްޗެއް ކަމަށް ހެދުމުގެ ޙައްޤު އޭނާއަށް އެބަ އޮތް ހެއްޔެވެ؟

ކަނޑު އޮންނަނީ ނޫކޮށް ކަމަށާއި، ބަގީޗާ އޮންނަނީ ފެހިކޮށް ކަން، މީހުން ބުނާ އަޑު އަހައިގެން، ލޯފަން މީހަކަށް އެނގިދާނެއެވެ. އެހެނެއް ކަމަކު، ނޫ ކުލައަކީ އަދި ފެހި ކުލައަކީ ކޮބައި ކަން އޭނާއަކަށް ނޭނގޭނެއެވެ. ރާގުގައި ވަކި ތާލުތަކެއް ހުންނަކަން، ބީރު މީހަކަށް ވެސް ދަސްކުރެވިދާނެއެވެ. އެކަމަކު އޭނާއަށް ރާގުގެ ޙަޤީޤަތެއް ނޭނގޭނެއެވެ. ފަހެ، ފެހިކުލަ އެއީ ހުންނަ ކުލައެއްކަން އިންކާރު ކުރުމުގެ ޙައްޤު ލޯފަން މީހާއަށް އެބަ އޮތް ހެއްޔެވެ؟ އަދި ރާގުގެ ޙަޤީޤަތް އިންކާރު ކުރުމުގެ ޙައްޤު ބީރަކަށް އެބަ އޮތް ހެއްޔެވެ؟

ކޮޓަރި ތެރޭގައި ވަނީ ފުން ހިމޭން ކަމެކޭ ކަލެއަށް ހީވިޔަސް، މިހާރު ރޭޑިއޯތަކުން ފޮނުވަމުން ދާ ހުރިހާ ލަވައަކާއި އަޑުތަކެއް ކޮޓަރި ތެރޭގައި ވާނެއެވެ. ކަލެއަށް އެ އަޑުތައް އިޙްސާސް ނުވަނީ، އެއީ ލޮލަށް ފެންނަ ކުލަތަކަކަށް ނުވާތީއެވެ. އަދި ކަންފަތަށް އިވޭ އަޑުތަކަކަށް ނުވާތީއެވެ. އެ އަޑު ނު އިވެނީ އެއީ އެހެން ކަހަލަ އަޑު ރާޅުބާނީތަކަކަށް ވާތީއެވެ. ކޮޓަރީގައި އަޑު އެބަ ވެއެވެ. އެކަމަކު ކަންފަތަށް ނު އިވެނީއެވެ. ދެން ކޮޓަރީގައި ހުރި ރޭޑިއޯ ހުޅުވާލީމާ އޭގެ ތެރެއިން ލާފައި، ކޮޓަރި ތެރޭ ހުރި އަޑުތައް އިވެން ފަށާނެއެވެ.

ކުޑަކޮށް ވައިގެ ޕްރެޝަރު ތަފާތު ވިޔަސް ކަލެއަށް އިޙްސާސެއް ނުވާނެއެވެ. އެއީ އެކަން އިޙްސާސް ކުރާނެ ފަދަ ހިއްސެއް ކަލޭގެ ކިބައިގައި ނެތީމައެވެ. އެކަމަކު ބެރޯމީޓަރެއް ގެނެސްފިއްޔާ އެ ތަފާތު އެނގޭނެއެވެ. ކުޑަ ހަރަކާތްތައް ވެސް އަހަރެމެންނަކަށް ނޭނގެއެވެ. އެކަމަކު ރާޑަރަށް އެކަން އެނގެއެވެ.

ވީމާ، ހިއްސުތަކުގެ ބާރު ނުފޯރާ ވަރަށް ގިނަ އެއްޗެހިތަކެއް ދުނިޔޭގައި އެބަ ވެއެވެ. ސަބަބަކަށް ވަނީ އެއީ ފެންނަ ކުލައަކަށް، އިވޭ އަޑަކަށް، ހިއްސު ކުރެވޭ ހަރު އެއްޗަކަށް، ބެލޭ ވަހަކަށް ނުވަތަ ރަހައަކަށް ނުވުމެވެ. ވީމާ އަހަރެންގެ ހިއްސުގައި ހުރި އުނިކަމެއްގެ ސަބަބުން، ހިއްސުން ނޭނގޭ އެއްޗެހިތައް ދުނިޔޭގައި ވާކަން އިންކާރު ކުރުމުގެ ޙައްޤު އަހަރެންނަށް އެބަ އޮތް ހެއްޔެވެ؟

ތިންވަނަ ސުވާލަކީ: ހިއްސުތަކަކީ އެއީ ފުރިހަމަ އެއްޗެހިތަކެއް ހެއްޔެވެ؟ ކުރީގެ މީހުން ދުށް ގޮތުގައި، ހުންނަނީ ފަސް ހިއްސެވެ. އެއަށް ވުރެ ގިނަ ވެދާނެ ކަމަށް އެ މީހުންނަށް ތަސައްވަރެއް ނުކުރެވެއެވެ. ނަމަވެސް އިންސާނާގެ ކިބައިގައި އެހެން އިތުރު ހިއްސުތަކެއް އެބަ ވާކަން، މިފަހުން ވަނީ ހޯދިފައެވެ. ވީމާ އިތުރު ކުރެވިދާނެ ކޮންމެ އެއްޗަކީ އެއީ އުނި އެއްޗެކެވެ.

އަހަރެންގެ ލޯ މަރާފައި، އަތްތިލަ ހުޅުވާފައި ލެއްޕީމާ، އަތް ނުވެސް ފެނި އަތުގައި އަތްވެސް ނުލާ، އަތްތިލަ ހުޅުވޭ ކަމާއި ލެއްޕޭކަން އިޙްސާސް ވެއެވެ. ފަހެ، އަތް ހުޅުވޭ ކަމާއި ލެއްޕޭކަން އަހަރެންނަށް އެނގުނީ ކޮން ހިއްސަކުން ހެއްޔެވެ؟ އެކަން އެނގުނީ ''މަސަލް ތަކުގައިވާ ހިއްސުން'' ނެވެ. އަހަރެންނަށް ވަރުބަލިކަމާއި، ހޮޑުލެވޭ ގޮތް ވުމާއި، އުފާވުމާއި، ހިތާމަ އިޙްސާސް ކުރެވެއެވެ. މިއިން އެއްވެސް ކަމަކީ ފަސް ހިއްސުން އަހަރެންނަށް އެނގުނު ކަމެއް ނޫނެވެ. ކިއެއްތަ، މިކަންތައް އެނގުނީ ''އެތެރޭގެ ހިއްސުން'' ނެވެ. ކުޑަ ކުދިން ހިނގައިގަންނަން ފައްޓާއިރު، އެ ކުދިން އަރިއަޅާލައެވެ. އެކަމަކު އަހަރެން ހިނގާ އިރު، ފަރާތަކަށް އަރިވެގެންނެއް ނުދެއެވެ. ބައިސިކަލް ދުއްވާ މީހުންނާއި، ޗަރުކޭސް ކުޅޭ މީހުން އަޖާއިބު ކުރުވާހާ ހަރަކާތްތައް ގެނެއެވެ. އެ މީހުން އަރިއަޅައިނުލައި ހިފަހައްޓަނީ ކިހިނެއްހެއްޔެވެ؟ އަށް ވަނަ ހިއްސަކުންނެވެ. އެއީ ''ވަޒަންހިފަހައްޓާ ހިއްސުން'' ނެވެ. ޢިލްމުވެރިން ވަނީ، މި ބުނި ހިއްސު، މާތް ﷲ ލައްވާފައިވާ ތަން ވެސް ހޯދާފައެވެ. އެތެރޭގެ ކަންފަތުގައި، ދިޔާ އެއްޗެއް ހުރެއެވެ. ވަޒަންހިފަހައްޓަން އެނގެނީ މީގެ ސަބަބުންނެވެ. މި ކަން ތަޖުރިބާ ކުރަން ވެގެން، މުސަޅެއްގެ ކަންފަތުން މި ބުނި ދިޔަ ނެގީމާ އެ މުސަޅު ހިނގަނީ އަރިއަޅަމުން އަޅަމުންކަން، ޢިލްމުވެރިން ބުނެފައިވާ ހަނދާން އަހަރެން އެބަ ހުއްޓެވެ.

ވީމާ ތިންވަނަ ޤަވާޢިދަކީ، އަހަރެމެންގެ ހިއްސުތަކަށް ނޭނގެއޭ ކިޔާފައި، އެއްޗެއް ވާ ކަމާމެދު އިންކާރު ކުރުމުގެ ޙައްޤު ލިބިގެން ނުވާ ކަމެވެ.

ހަތަރުވަނަ ޤަވާޢިދު:

ހިއްސުތަކަކީ ވަކި ހައްދެއް ވާ އެއްޗެއް ކަމަށް، މަތީގައި އަރެމެންނަށް ބުނެވިއްޖެއެވެ. ހުރިހާ އެއްޗެއް ފެނުމުގެ ކުޅަދާނަކަން އަހަރެންނަށް ލިބިގެން ނުވެއެވެ. މިއީ ތެދެކެވެ. އެކަމަކު، ހިއްސުތަކުގެ އުނިކަން ފޫބެއްދޭނެ، ކުޅަދާނަ ކަމެއް، މާތް ﷲ ވަނީ އަހަރެމެންނަށް ދެއްވާފައެވެ. އެއީ ޚިޔާލެވެ. މައްކާގައި ހުރެގެން ދިމިޝްޤުގައި ހުރި އަހަރެންގެ ގެ ލޮލަށް ފެނުމުގެ ކުޅަދާނަކަން ލިބިފައި ނެތަސް، ފެނުމެކޭ އެއްފަދައޭ ހީވާފަދަ ގޮތަކަށް، އަހަރެންގެ ޚިޔާލަށް ގެ ގެނެވިދާނެއެވެ. ވީމާ ޚިޔާލު ހިއްސުގެ އުނިކަން ފޫބައްދައިދެއެވެ. ދެން އެހެން ވިއްޔާ، ޚިޔާލު ކުރުމަށް ވަކި ހައްދެއް ވޭހެއްޔެވެ؟ ނޫނީ އެއީ ހައްދެއް ނެތި ދޫކޮށްލެވޭނެ އެއްޗެއް ހެއްޔެވެ؟ އަހަރެންގެ ހިއްސަކުން އެނގިފައި ނުވާ އެއްޗެއް ނުވަތަ ކަމެއް، ޚިޔާލަށް ގެނެވިދާނެހެއްޔެވެ؟

ނަފްސާނީ ޢިލްމުވެރިން ދެކޭ ގޮތުގައި، ދެ ވައްތަރެއްގެ ޚިޔާލެއް ވެއެވެ. އެއް ވައްތަރަކީ ޙަޤީޤަތަކަށް ރުޖޫޢަވާ ޚިޔާލެވެ. މީގެ މިސާލަކީ އަހަރެން މައްކާގައި ހުރެ، ދިމިޝްޤުގައި ހުރި އަހަރެންގެ ގެ ޚިޔާލަށް ގެނައުމެވެ. ދެވަނަ ވައްތަރަކީ، އުފެއްދުންތެރި ޚިޔާލެވެ. މީގެ މިސާލަކީ ޅެންވެރިންނާއި، ވާހަކަ ލިޔުންތެރިންނާއި، ކުރެހުންތެރިން އަދި ހުރިހާ ފަންނުތަކެއްގެ ވެރިން ކުރާ ޚިޔާލެވެ. ފަންނާނުންގެ ޚިޔާލުތަކަށް ބަލާލަބަލާށެވެ. އެ މީހުން ދުނިޔޭގައި ނެތް އާ އެއްޗެއް ޚިޔާލަށް ގެނެސްފައި އެބަ ހުރިހެއްޔެވެ؟ ވީނަސްގެ ބުދު ހެދި މީހާ ވަނީ، އަހަރެމެން ނުދެކޭ މީހެއްގެ ސިފަ އެއަށް ގެނެސްފައެވެ. އެކަމަކު ވީނަސްގެ ބުދަކީ މުޅިން އާ ސިފައެއް ޖަހާ ބުދެއްހެއްޔެވެ؟ ނޫނީ އޭނާ ބުދު ހެދީ ޙަޤީޤީ ދުނިޔެއިން ތަންތަންކޮޅު ޚިޔާލަށް ގެނެސްގެން ނޫންހެއްޔެވެ؟ ފެނުނު އެންމެ ރީތި ނޭފަތާއި، އެންމެ ރީތި އަނގައާއި، އެންމެ ރީތި ހަށިގަނޑު އިޚްތިޔާރު ކޮށްގެން އެ ސިފަތައް އެއްކުރީކީ ނޫންހެއްޔެވެ؟ މިހެން ހެދީމާ އޭނާއަށް ވަނީ އާ އެއްޗެއް ހެދިފައެވެ. އެކަމަކު މި އާ އެއްޗަކީ ބައިވަރު މުސްކުޅި އެއްޗެހި އެއްކޮށްގެން ހެދި އެއްޗެކެވެ.

ޕެރިހުގެ ދާރުލްއާޘާރުގައި ހުރި ފިޔަ ލީ، އާޝޫރީ ގެރީގައި ވެސް ހުރި މޮޅު ކަމަކީ، އެ ބުދު ހެދި މީހާ ގެރިއެއްގެ ހަށިގަނޑުގައި އިންސާނެއްގެ ބޯ ލީއެވެ. ދެން ދޫންޏެއްގެ ފިޔަ ލީއެވެ. މިއީ މުޅިން އާ ސޫރައެކެވެ. އެކަމަކު މިއީ ކުރީގެ އެތަކެއް ބައި އެކުވެގެން ހެދިފައި ވާ އެއްޗެކެވެ.

ޤަޒްވީނީ ގެ ޚިޔާލަށް ގެނައި އާދަޔާ ޚިލާފު ޖަނަވާރާއި، ޅެން ވެރިންގެ ޚިޔާލުތަކަކީ -އެ ޚިޔާލުތައް ކިތަންމެ ބަލާޣަތްތެރިވެފައި ވައްތަރުކުރުންތައް މޮޅަސް- އެއީ ޙަޤީޤީ ދުނިޔެއިން ތަންތަންކޮޅު ނަގާފައި އެއްކޮށްލާ އެއްކޮށްލުމަކަށް ނޫނީ ނުވާނެއެވެ.

މިގޮތަށް އެތި އެތި ކޮޅު އެއްކޮށްގެން ޚިޔާލުކުރުމުގެ ތެރެއަށް ފީނައިގެންފިއްޔާ، ދެން އަހަރެމެންނަށް ފެންނާނީ، މި ގޮތަށް އެއް ކުރަން ވެސް ޚިޔާލަށް ނުކުޅެދޭ ތަނެވެ. މިސާލަކަށް މި މިސާލު ނަގާށެވެ. ވަހުގެ ދުނިޔެއިން ބައެއް ނަގާށެވެ. ދެން އަޑުގެ ދުނިޔެއިން ބައެއް ނަގާށެވެ. ދެން މިވެނި ލަވަކިއުންތެރިއަކު ފިނިފެން މާ ވަހުގެ ރާގަކަށް ލަވަ ކިޔައިފިއޭ ބުނާށެވެ. ނުވަތަ މިވެނި އަތަރެއްގައި ދުވަނީ ރަތްކުލައިގެ ވަހެކޭ ބުނާށެވެ. ދެން މި ވާހަކަތައް ސިކުނޑިއަށް ހުށައަޅާށެވެ. ކަލޭމެންގެ ސިކުނޑިން މިކަންތައްތައް ޚިޔާލަށް ގެންނަން އުޅެބަލާށެވެ. މިކަންތައްތަކުގައި ވަނީ ދުނިޔޭގައި ހުންނަ އެއްޗެހިތަކެއްގެ ވާހަކަ ކަމުގައި ވިޔަސް، މިކަން މިހެން ވާނެ ގޮތެއް ޚިޔާލަށް ތަސައްވަރެއް ނު ކުރެވޭނެއެވެ.

ވީމާ، މީރުވަސް ދުވާ މިއުޒިކެއް، ރަތް ކުލައިގެ ވަހެއް، އަހަރަމެންގެ ޚިޔާލަކަށް ނުގެނެވެއެވެ. އެއްޗެއްގެ ތިން ދުރު (ދިގު، ފުޅާ، އުސް) ނޫނީ ތަސައްވަރެއް ނު ކުރެވެއެވެ. ހަތަރުވަނަ ދުރެއް ތަސައްވަރު ކުރުމުގެ ކުޅަދާނަ ކަމެއް އަހަރަމެންނަށް ލިބިގެންނެއް ނުވެއެވެ. އަދި ވަށަމިނެއް ނެތް ވަށް އެއްޗެއް ވެސް ތަސައްވަރެއް ނުކުރެވެއެވެ. ކަން ނެތް ތިނެސްކަނެއް ވެސް ތަސައްވަރެއް ނުކުރެވެއެވެ. ވީމާ، އަހަރެމެންގެ ޚިޔާލަށް އާޚިރަތް ދުވަސް ގެނެވޭނީ ކިހިނެއްހެއްޔެވެ؟ އެއީ އަހަރެމެންގެ މި ދުނިޔެއާ މުޅިން ތަފާތު ދުނިޔެއެކެވެ. މި ދުނިޔެއަށް ނިސްބަތް ކުރާއިރު އާޚިރަތް ދުވަހަކީ، ބަނޑުގައި އޮންނަ ކުއްޖަކު މި ދުނިޔެ އޭނާގެ މަންމަގެ ބަނޑަށް ނިސްބަތް ކުރުން ފަދަ ކަމެކެވެ. ބަނޑުގައި އޮންނަ ކުއްޖަކާ އަހަރެމެންނަށް ވާހަކަ ދެއްކޭނެ ގޮތެއް ވެގެން، އު ކުއްޖާ ގާތު، ކައުނަކީ ކޮބައިހޭ؟ އަހައިފި ނަމަ ޖަވާބު ދޭނީ: ކައުނަކީ އޭނާގެ ވަށައިގެންވާ ކޮތަޅެއް ފަދަ ދުލިފަށް ކަމަށެވެ. އަދި އޭނާގެ ވަށައިގެންވާ ކަނު އަނދިރިކަން ކަމަށެވެ.

ދެން، އިރާއި ހަނދު ހުންނަ، ރެޔާއި ދުވާލު ބަދަލުވާ، އެއްގަމާއި ކަނޑު އޮންނަ، ފަރުބަދަތަކާއި ވާދީ ހުންނަ، ހަނަފަސް ސަހަރާއާއި ފެހި ބަގީޗާތައް ހުންނަ، އެހެން ދުނިޔެއެއް އެބަ އޮތޭ އެ ކުއްޖާ ގާތު ބުންޏަސް، އެ ކަން އެހެން އޮވެދާނެ ކަމަކަށް އެ ކުއްޖާއަކަށް ވިސްނައެއް ނުގަނެވޭނެއެވެ. އަދި ވިސްނައި ގަނެވިއްޖެއްޔާ، އޭގެ ޙަޤީޤަތް އޮންނާނެ ގޮތެއް ޚިޔާލަކަށް ނުގެނެވޭނެއެވެ.

މިހެންވެ، އިބްނު ޢައްބާސް ވިދާޅު ވަނީ: ''އާޚިރަތުގައި ހުންނަ އެއްޗެހި ތަކުގެ ތެރެއިން، މި ދުނިޔޭގައި ވަނީ އެ އެއްޗެހީގެ ނަން ފިޔަވާ އެހެން އެއްޗެއް ނޫނެވެ.'' ސުވަރުގޭގައި ހުންނަ ރާލަކީ މި ދުނިޔޭގެ ރާ ފަދަ ރަލެއް ނޫނެވެ. ސުވަރުގޭގައި ތިބޭ ޙޫރުލްޢީނުންނަކީ މި ދުނިޔޭގެ އަންހެނުން ފަދަ ބައެއް ނޫނެވެ. ނަރަކައިގެ އަލިފާނަކީ މި ދުނިޔޭގެ އަލިފާން ފަދަ އެއްޗެއް ނޫނެވެ. ޖަހައްނަމު މަތީގައި އޮންނަ ޞިރާޠު މަގަކީ، ދުނިޔޭގެ ކޯރާއި ވާދީ ތަކުގައި އަޅާފައިވާ ފަދަ ފާލަމެއް ނޫނެވެ.

ވީމާ ހަތަރުވަނަ ޤަވާޢިދަކީ: އިންސާނާގެ ޚިޔާލަށް ގެނެވެނީ، ޙިއްސުތަކަށް އެނގިފައި ނުވަތަ ފެނިފައި ވާ އެއްޗެއްސެވެ.

ފަސްވަނަ ޤަވާޢިދު:

ފެންތަށީގައި އޮތް ދަނޑިކޮޅު ބިނދިފައި އޮތް ތަން ފެނުމުން، ސިކުނޑިއަކަށް ނު އޮޅުނެވެ. ބިނދިފައި އޮތް ކަމަށް ލޮލަށް ފެނުނަސް، އަސްލު އެ ބިނދިފައި ނެތްކަން އެނގުނެވެ. ސަހަރާގައި ފެންގަނޑެއް އޮތްތަން ފެނުނީމާ، އެއީ ފެންގަނޑެއް ނޫންކަމާއި އެއީ އަވާމެންދުރެއް ކަން ސިކުނޑިއަށް އެނގުނެވެ. ޗަރުކޭސް ކުޅޭ މީހާގެ އަނގައިން ސަތޭކަ ރުމާ ނެރެ، އަތުކުރިން ވިހި މުސަޅު ނެރުނީމާ، އެއީ މަކަރެއްކަން ސިކުނޑިއަށް އެނގުނެވެ. ވީމާ ކަންތައްތަކާ މެދު ގޮތެއް ނިންމާ އެއްޗަކީ ބުއްދިއެވެ. ބުއްދިން ވިސްނޭ ދާއިރާ ވަރަށް ފުޅަލެވެ. އެކަމަކު، ހުރިހާ އެއްޗަކާ މެދު ގޮތެއް ކަނޑައެޅުމުގެ ކުޅަދާނަކަން ބުއްދިއަށް ލިބިގެން ވޭ ހެއްޔެވެ؟ ނިމުމެއް ނެތް ހިސާބަކަށް، ސިކުނޑީގެ ބާރު ފޯރުވިދާނެހެއްޔެވެ؟

އެއްވެސް އެއްޗެއް އަދި ކަމެއް ވެސް، ދެ އެއްޗެއްގެ ތެރޭގައި ނުހިމެނޭނަމަ، ސިކުނޑިއަކަށް ނު ވިސްނޭނެއެވެ. އެ ދެ އެއްޗަކީ: ޒަމާނާއި ތަނެވެ. މި ދޭތީގެ ތެރޭގައި ނުހިމެނޭ ކަމެއް ވެސް އަދި އެއްޗެއް ވެސް، ސިކުނޑިއަށް އަމިއްލައަކަށް ނޭނގޭނެއެވެ. މިސާލަކަށް، ޢަރަބިންނާ ފާރިސީންނާ ދެމެދު ހަނގުރާމައެއް ކުރެވުނު ކަމާށާއި، އެކަމަކު އެ ހަނގުރާމަ ކުރެވުނީ އިސްލާމް ދީނުގެ ކުރިއަކުން ވެސް ނޫން ކަމަށާއި އަދި އިސްލާމް ދީނުގެ ފަހުން ވެސް ނޫން ކަމަށާއި، ހަނގުރާމަ ހިނގީ އެއްވެސް ޒަމާނެއްގައި ވެސް ނޫން ކަމަށާއި، އެކަމަކު ވެސް ހަނގުރާމަ ހިނގި ކަމަށް ތާރީޚް މުދައްރިސު، ކަލޭ ގާތު ބުނެފިނަމަ، ކަލެއަކަށް އެ ވާހަކައެއް ނު ވިސްނޭނެއެވެ. އަދި ތެދެއް ވެސް ނުކުރާނެއެވެ. ޤަބޫލެއް ވެސް ނުކުރާނެއެވެ. ޖޯގްރަފީ މުދައްރިސު އައިސް، ހަމަބިމެއްގައި ވެސް އަދި ފަރުބަދައެއްގައި ވެސް ނޯންނަ، އެއްގަމުގައި ވެސް ކަނޑުގައި ވެސް ނޯންނަ، އުޑުގައިވެސް އަދި ބިމުގައި ވެސް ނޯންނަ، އެއްވެސް ތަނެއްގައި ނޯންނަ ޤައުމެއް އޮންނަ ކަމަށް ބުނެފިއްޔާ، ކަލެއަކަށް އެ ވާހަކައެއް ނު ވިސްނޭނެއެވެ. ތެދެއްވެސް ނުކުރާނެއެވެ.

ވީމާ، ސިކުނޑިއަށް އެއްޗެއްސާއި ކަންތައްތައް އެނގެނީ، ޒަމާނަކާއި ތަނަކަށް ފެތޭނަމައެވެ. ވީމާ މި ދޭތިން ބޭރުގައިވާ، ރޫޙާއި ގުޅޭ މައްސަލަތަކާއި، ޤަޟާ ޤަދަރާއި، ﷲގެ ސިފަފުޅުތަކަކީ، އެއަށް ޙުކުމް ކުރުމުގެ ބާރު ބުއްދިއަށް ލިބިގެން ވާ ކަންތަކެއް ނޫނެވެ.

ދެން ވެސް ބުނަން އޮތް ވާހަކަ އަކީ، ބުއްދިއަކީ ވަކި ހައްދެއްގެ ތެރޭގައި ވާ އެއްޗެއް ކަމެވެ. ހައްދެއް ނެތް ކަމެއް ބުއްދިއަކަށް ނުވިސްނޭނެއެވެ. ސުވަރުގޭގައި މުއުމިނުން އަބަދަށް ދާއިމަށް ދެމިތިބޭ ތިބުން، ތަސައްވަރު ކޮށްލަ ބަލާށެވެ! މުއުމިނުންގެ ބުއްދި ވަނީ، އެއީ ޔަޤީން ޙަޤީޤަތެއް ކަން ޤަބޫލުކޮށްފައެވެ. މި ޔަޤީންކަން ލިބުނީ ތެދު ޚަބަރެއްގެ ޒަރީޢާއިންނެވެ. އެކަމަކު، ނިމުމެއް ނެތި ދެމިތިބޭނެ ގޮތެއް، ތިބޭނީ ކިހިނެއްކަން، ކަލޭގެ ސިކުނޑިއަށް އެބަ ވިސްނޭހެއްޔެވެ؟ ތިބޭނެ ގޮތަކާ މެދު ވަރަށް ފުންކޮށް ވިސްނަ ބަލާށެވެ. ކަލެއަށް ތަސައްވަރު ވާނީ، މުއިމިނުން ސުވަރުގޭގައި ޤަރުނެއް ނުވަތަ ދެ ޤަރުނު، ސަތޭކަ ޤަރުނު، މިލިއަން، އެއްހާސް މިލިއަން އަހަރު ވަންދެން ތިބޭ ތަނެވެ. ދެން މިއަށް ފަހު ނުކުޅެދިގެން ސިކުނޑި ހުއްޓިދާނެއެވެ. ސިކުނޑި މަސައްކަތް ކުރާނީ ތިބޭ ތިބުމުގެ ނިމޭ ހިސާބަކަށް ދާށެވެ. އެކަމަކު ނިމުމެއް ނެތް އެއްޗެއްގެ ނިމޭ ހިސާބަށް ދިއުމަކީ ވާނެ ކަމެއް ނޫނެވެ. ނިމޭ ހިސާބަށް ދެވިދާނެ ކަމަށް ބަލައިފިއްޔާ، އޭގެ މާނައަކީ ދާއިމަށް ދެމިތިބުމުގެ މާނައާ އަރާރުންވީއެވެ.

ސިކުނޑިއަށް ދެނެގަނެވޭނީ މާއްދާގެ ދުނިޔެ އެކަނިކަން، ސާބިތުކޮށް ދީފައި އޮންނަ، ޖަރުމަނުވިލާތުގެ ފިލޯސަފަރު ކާންޓްގެ ވަރަށް މަޝްހޫރު ފޮތެއް އޮވެއެވެ. ނަމަވެސް ކާންޓް މި ވާހަކަ މިހެން ބުނުމުގެ މާ ކުރިން، އަހަރެމެންގެ ޢިލްމުވެރިން އެހެން ބުނެފައި ވެއެވެ. އެ މީހުން މި ވާހަކައަށް ހުއްޖަތް ޤާއިމުކޮށްފައި ވެއެވެ. އަދި މިއީ ބަދީހީ ކަމެއް ކަމަށް ވެފައިވެއެވެ. އެހެންވެ، މި މައުޟޫއަށް ވާހަކަ ދެއްކުމަކީ ދައްކާފައި އޮތް ވާހަކައެއް، އަލުން ދެއްކުން ނޫން ކަމެއް ނޫނެވެ. އަދި ކާންޓުގެ ''ތަންޤީދުތައް'' މި ފޮތަށް ވުރެ ކުރިން، އަހަރެމެންގެ ޢިލްމުވެރިން ވަނީ، އެ މައުޟޫއަށް ވާހަކަ ދައްކާފައެވެ. އަދި ''ދައުރުވެ ސިލްސިލާވުން'' އެއީ ބާޠިލު އެއްޗެއްކަން، ހިސާބުގެ އަލީގައި ވަނީ ސާބިތު ކޮށްދީފައެވެ.

މިކަމަށް އެ މީހުން ދެއްކި އެންމެ އާދައިގެ މިސާލަކީ މި މިސާލެވެ. (އޭ) އިން ފެއްޓިގެން ދުރުވަމުންދާ ސީދާ ދެ ރޮނގު ކުރަހާށެވެ. އަދި މިއިން ކޮންމެ ރޮނގަކީ ވެސް ނިމުމެއް ނުވާ ދެ ރޮނގުކަމަށް ބަލާށެވެ. ދެން މި ދެ ރޮނގު ގުޅުވާލެވޭ ރޮނގުބުރިތަކެއް އެއް ދުރުމިނެއްގައި ރޮނގު ނިމެންދެން ކުރަހާށެވެ. (ބީސީ) އަދި (ބީ1 ސީ1) (ބީ2 ސީ2) މި ގޮތުގެ މަތިންނެވެ. ދެން ސުވާލަކީ މި ރޮނގު ބުރިއަކީ، ހައްދެއްވާ ރޮނގުބުރިއެއްތޯ ނުވަތަ ހައްދެއް ނުވާ ރޮނގުބުރިއެއްތޯއެވެ.

islam_thineskanއެ ރޮނގު އެއީ ހައްދެއްވާ ރޮނގެކޭ ކަލޭ ބުނެފިނަމަ، ރައްދުގައި ބުނެވޭނީ އެ ރޮނގު އެ ވަނީ ނިމުމެއް ނެތް ދެ ރޮނގު ދޭތެރޭގައި ކަމަށެވެ. ވީމާ މި ކަހަލަ ރޮނގެއް އެއީ ހައްދެއްވާ ރޮނގެކޭ ބުނެވޭނީ ކިހިނެއްހެއްޔެވެ؟

އެއީ ހައްދެއް ނެތް ރޮނގެކޭ ކަލޭ ބުނެފިނަމަ ރައްދުގައި ބުނެވޭނީ، އެއީ ދެ ނުކުތާއެއް ދެމެދުގައި ވާ ރޮނގެކެވެ. ވީމާ އެއީ ހައްދެއް ނުވާ ރޮނގަކަށް ވާނީ ކިހިނެއްހެއްޔެވެ؟ އެހެންވީމާ، އެ ރޮނގަކީ ހައްދެއްވާ އަދި ހައްދެއް ނުވާ ރޮނގެކެވެ! މި ގޮތަށް އެއްވަގުތެއްގައި އެއަށް ހައްދެއް ވެއޭ އަދި ހައްދެއް ނުވެއޭ ބުނުމަކީ މިއީ ދެކޮޅު ޖެހޭ ކަމެއް ނޫނެވެ.

ވީމާ މި އިން އެނގެނީ، ހައްދެއް ނެތް ކަމަކަށް ގޮތެއް ކަނޑައަޅަން ވިސްނަން ފައްޓައިފިނަމަ، ސިކުނޑި ހަމައިން ނެއްޓޭނެ ކަމެވެ. ނިމުމެއް ނެތް ކަންތައް ހޯދައި ބަލަން އުޅެފިނަމަ، ހައްލު ކުރުން މުސްތަޙީލު އަރާރުންވުންތަކެއްގެ ދަށުގައި ސިކުނޑި ފިތިދާނެއެވެ.

ވީމާ ވަކި ހައްދެއް ކަނޑައެޅިފައިވާ، މާއްދީ ކަންތަކާ މެދު ނޫނީ ސިކުނޑިއަކަށް ނު ވިސްނޭނެއެވެ. އަދި މި ނޫން ކަމަކާ މެދު ސިކުނޑި ނިންމާ ނިންމުމެއް ވެސް ރަނގަޅަކަށް ނޯންނާނެއެވެ. ޠަބީޢަތުގެ ފަހަތުގައިވާ ދުނިޔޭގެ (މެޓަފިޒިކްސް)[3] ކަންތަކާ މެދު ސިކުނޑި ބުނާނެ އެއްޗެއް ނޯންނާނެއެވެ. ކާންޓުގެ ފޮތުގައި އޭނާ ސާބިތުކޮށްދީފައި ވަނީ މި ވާހަކައެވެ. އައްސައްޔިދުގެ ޝަރުޙުލް މަވާޤިފު އާއި، އިމާމް ޣަޒާލީގެ އަލްމަޤްޞަދުލް އަސްނާ ގައި އަދި ވަރަށް ގިނަ ތައުޙީދު ފޮތްތަކުގައި މިވާހަކަ މާ ކުރިން ދެކެވިފައި ވެއެވެ.

 

ހަވަނަ ޤަވާޢިދު:

ހުރިހާ އެންމެން ވެސް، މުއުމިނަކަސް ކާފިރަކަސް، ހޮހޮޅައެއްގައި އަޅުކަން ކުރަން ހުރި މީހަކަސް، ރަތް އަލީގެ ތެރޭގައި އުޅޭ ފާސިޤަކަސް، ވަރުގަދަ މުސީބާތެއް ކުރިމަތިވެ ގޮތް ހުސްވީމާ، އެ މުސީބާތުން ސަލާމަތް ކޮށް ދިނުމަށް އެދެނީ، ދުނިޔޭގައިވާ މިވާ ކާއިނާތުގެ ކިބައަކުން ނޫނެވެ. އެހީއާއި ސަލާމަތަށް އެދެނީ، މި ކާއިނާތުގެ ފަހަތުގައިވާ، އެ މީހުންނަށް ނުފެންނަ ބާރެއްގެ ކިބައިންނެވެ. ނުފެނުނަސް އެ މީހުންގެ ރޫޙަށް އެ ބާރު އެނގެއެވެ. ކިއެއްތަ އެ މީހުންގެ ސިކުނޑީގެ ކޮންމެ ނާރެއް ވެސް، އެ ބާރު ވާކަން އެ ވަގުތު ޤަބޫލު ކުރާނެއެވެ. އެ ބާރުގެ މަތިވެރިކަމާއި ކުޅަދާނަކަން ޤަބޫލު ކުރާނެއެވެ. އިމްތިޙާނު ދުވަސްވަރު ވަރަށް ގިނަ ކިޔަވާ ކުދިންނަށް މިކަން އިޙްސާސް ވެއެވެ. ތަދު ބޮޑުވެ، ޑޮކްޓަރަށް ގޮތް ހުސްވާ ވަގުތު ވަރަށް ގިނަ ބަލި މީހުންނަށް މިކަން އިޙްސާސް ވެއެވެ. މި އެންމެން ވެސް މި ވަގުތު ކުރިމަތިލާނީ ހެއްދެވި ކަލާނގެ ކިބަފުޅަށެވެ. ފައްޓާނީ އަޅުކަން ކުރާށެވެ. ފަހެ އެ މީހުން މިހެން ހަދަނީ ކީއްވެތޯ، ކަލޭ އަމިއްލަ ނަފްސާއި ސުވާލު ކުރިންހެއްޔެވެ؟ މި މިސާލާއި މި ނޫންވެސް މިފަދަ މިސާލުތައް އަހަރެމެންނަށް ފެންނަނީ ކީއްވެހެއްޔެވެ؟ ދަތި އުނދަގުލެއްގައި ތާށިވާ ކޮންމެ މީހަކު، ﷲގެ ކިބަފުޅަށް ރުޖޫޢަވަނީ ކީއްވެހެއްޔެވެ؟

އަހަރެމެން އެންމެން ވެސް ފާއިތުވި ބޮޑު ހަނގުރާމައާއި އޭގެ ކުރީ ހަނގުރާމަ ހަނދާން އެބަހުއްޓެވެ. އޭރު މީހުން ދީނަށް އެނބުރި ރުޖޫޢަވި ގޮތާއި، ވާތްގަށް އެދި ﷲ އަށް ދުޢާ ކުރާތަނާއި، ޤައުމުތަކުގެ ރައީސުންނާއި ލަޝްކަރުތަކުގެ ކޮމާންޑަރުން މީހުން ގޮވައިގެން ފައްޅީގައި އަޅުކަން ކުރިތަން ދުށީމެވެ. އަޅުކަން ކުރަން ފައްޅިއަށް ސިފައިން ގެންދިޔަތަން ދުށީމެވެ. ހަނގުރާމައިގެ ދުވަސްވަރު، ވައިކުޑައިގެ ސިފައިންގެ ތެރޭގައި އުޅުނު ޒުވާނަކު ކިޔައިދީފައި އޮތް ވާހަކައެއް، ރީޑާސް ޑައިޖެސްޓުގެ ޢަރަބި މަޖައްލާ ''އަލްމުޚްތާރު'' ގައި ލިޔެފައި އޮއްވާ އަހަރެން ދުށީމެވެ. އޭގައި އޭނާ ކިޔައިދީފައި އޮންނަނީ، އޭނާއަކީ ދީނުގެ ކަންފުޅެއް ވެސް ނެތް ގެއެއްގައި ބޮޑުވި ކުއްޖެއް ކަމަށާއި، ކިޔެވީ ދީނީ ފިލާވަޅެއް ނުދޭ އަދި ދީންވެރި މުދައްރިސެއް ވެސް ނެތް މަދަރުސާއެއްގައި ކަމަށާއި، އުފެދި ބޮޑުވީ ދުނިޔެވީ (ޢަލްމާނީ) މާއްދީ މާހައުލެއްގައި ކަމަށެވެ. އެހެން ގޮތަކަށް ބުނާނަމަ، ކެއުން ބުއިމާއި ޖިންސީގުޅުން ހިންގުން ނޫން ކަމެއް ނޭނގޭ ޖަނަވާރުންނެކޭ އެއްފަދަ ގޮތަކަށެވެ. ނަމަވެސް، އޭނާ ފުރަތަމަ ފަހަރަށް ވައިކުޑަ އަޅައިގެން ފުންމާލީމާ، ވައިކުޑަ ނުހުޅުވި ވެއްޓިގެން ދިޔަ ހިނދުކޮޅުގައި ބުނެވުނީ، މާތްކަލާކޯއޭ އެވެ. ހިތުގެ އަޑިން މިފަދައިން ދުޢާ ކުރެވުނީ، އޭނާގެ ހިތަށް އީމާންކަން ކިހިނެއް ވަދެގެން ކަމާމެދު އޭނާއަށް ސުވާލު އުފެދުނު ކަމަށް ބުނެފައި އޮތެވެ!

ސްޓާލިން ގެ އަންހެން ދަރިފުޅު، ވަރަށް ފަހުން އޭނާގެ ޑައިރީ ޝާއިޢު ކުރިއެވެ. އޭގައި އޭނާ ބުނެފައި ވަނީ، އިލްޙާދީ ދިރިއުޅުމެއްގެ ހަލަބޮލިކަމުގައި އުޅެފައި، އަލުން ދީނަށް ރުޖޫޢަ ވީ ކިހިނެއް ކަމާއި، އަދި ދީނަށް ރުޖޫޢަ ވީ ގޮތާ މެދު ހައިރާން ވާ ވާހަކައެވެ. ޙަޤީޤަތުގައި މިއީ މީހަކު ހައިރާން ވާންޖެހޭ ކަމެއް ނޫނެވެ. އެހެނީ، އިލާހެއް ވޮޑިގެންވާކަން އެއީ އިންސާނާގެ ނަފްސުގެ އަޑީގައި ވާ ޙަޤީޤަތެކެވެ. އެއީ އިންސާނާ އުފެއްދިފައިވާ ފިޠުރަޠުގެ[4] ތެރެއިން އެންމެ މުހިއްމު ފިޠުރަތެވެ. އިންސާނާގެ ކިބައިގައި ޖިންސީ ޣަރީޒާ ވެސް ވާ ފަދައިންނެވެ. އިންސާނާއަކީ ''ދީންވެރި ޙައިވާން'' އެކޭ ބުނެވެނީ މިހެންވެއެވެ.

ނަމަވެސް، ބައެއް ފަހަރު ޝަހުވަތްތަކާއި އެދުންތަކާއި މާއްދީ ބޭނުންތަކާއި ދަހިވެތިކަމުގެ ސަބަބުން މި ބުނި ފިޠްރަތް ފޮރުވި ފަރުދާވެއެވެ. ދެން ނުރައްކާތެރި ކަމެއް ނުވަތަ ދަތި އުނދަގުލެއް ކުރިމަތި ވާ ހިނދު، މި ފަރުދާ ކެހިގެން ދިޔައިމާ، އީމާންކަން ފާޅުވަނީއެވެ. މުއުމިން ނޫން މީހާއަށް ''ކާފިރު'' އޭ ކިޔެނީ މި ސަބަބަށްޓަކައެވެ. ޢަރަބި ބަހުގައި ''ކާފިރު'' މި ލަފްޒުގެ އަސްލު މާނައަކީ ކަމެއް ފަރުދާކުރާ މީހާއެވެ.

ތަޤްވާވެރިކަމަށް މަޝްހޫރު މުސްލިމް އަންހެނެއް ކަމުގައިވާ ރާބިޢާ އަލްޢަދަވިއްޔާ ގާތުގައި، ﷲ ވޮޑިގެންވާ ކަމަށް މީހަކު އެއް ހާސް ދަލީލު އެބަ ދައްކާ ވާހަކަ މީހަކު ބުންޏެވެ. އެހިނދު ހީނލާފައި ބުނީ ''އެންމެ ދަލީލެއް ފުދޭ'' ކަމަށެވެ. ދެން އެ ދަލީލަކީ ކޮބާއިހޭ ސުވާލު ކުރެވުނީމާ ބުންޏެވެ: ކަލޭ އެކަނި ސަހަރާގައި ހިނގާފައި ދަނިކޮށް ފައި އަރިއަޅާލައިގެން ފުންވަޅަކަށް ވެއްޓި، މަސައްކަތް ކޮށްކޮށް ވެސް ނޭރުނީމާ ހަދާނީ ކިހިނެއް ހެއްޔެވެ؟ އަހަރެން ﷲ އަށް ދުޢާ ކުރާނީއޭ ބުނީމާ، ތި އޮތީ ދަލީލު ލިބިފައި ކަމަށް ރާބިޢާ ބުންޏެވެ.

އިލާހެއް ވޮޑިގެންވާކަމަށް އީމާންވުމަކީ، ކޮންމެ އިންސާނެއްގެ ވެސް ނަފްސުގެ އެތެރޭގައި ވާ ޙަޤީޤަތެކެވެ.

އަހަރެމެން މުސްލިމުންނަށް މި ޙަޤީޤަތް އެނގޭ ސަބަބަކީ، އިންސާނުން އުފެއްދެވުނު އިރު ތިބީ ފިޠުރަތުގެ އީމާންކަން މަތީގައިކަން، މާތް ﷲ އަހަރެމެންނަށް ޚަބަރު ދެއްވާފައި ވާތީއެވެ. ފަރަންޖީންނަށް ވެސް ވަނީ މިކަން ފަހުން އެނގިފައެވެ. ފަރަންސޭސިވިލާތުގެ މަޝްހޫރު އިޖްތިމާޢީ ޢިލްމުވެރިއާ ދުރްޚައިމް، އިލާހެއް ވޮޑިގަންނަވާ ކަން އެއީ ބަދީހީ ކަމެއް ކަމަށް ބުނެފައިވާ، ފޮތެއް އޮވެއެވެ.

މި ކައުނު އުފެއްދެވި އިލާހެއް ވޮޑިގެން ވާ ކަމާ މެދު ނު ވިސްނާ، ދުނިޔޭގައި އުޅެފައި ދުނިޔެ ދޫކޮށްފައި މީހަކު ދިއުމަކީ ނުވާނެ ކަމެކެވެ. ފަހަރެއްގައި އޭނާގެ ވިސްނުން ފޯރާ ހިސާބު ކުރުވީމާ، ޙައްޤު އިލާހަށް އަޅުކަން ކުރަން ނޭނގި، އެހެން ފަރާތަކަށް އަޅުކަން ކޮށްފާނެއެވެ. އޭނާ އެ ފަރާތަކަށް ނުވަތަ އެއްޗަކަށް އަޅުކަން އެ ކުރަނީ، އެއީ ﷲ ކަމަށް ހީކޮށްގެންނެވެ. ނުވަތަ އެ އެއްޗަކަށް އަޅުކަން ކުރީމާ ﷲ އާއި ކުއްތަން ވެވޭނެ ކަމަށް ހީކޮށެވެ.

ދެން ވަރުގަދަ ކަމެއް ލައިގަނެ، ނުރައްކާތެރި ކަމެއް ކުރިމަތިވާ ހިނދު، އިންސާނާ އެއްކައުވަންތަ ﷲ އަށް ރުޖޫޢަވެއެވެ. އަޅުކަން ކުރެވޭ މި އެއްޗެހިތައް ދޫކޮށްލައެވެ. ޤުރައިޝު ވަންހައިގެ މުޝްރިކުން އަޅުކަން ކުރަމުން ދިޔައީ ހުބަލް، އައްލާތު، އަދި ޢުއްޒާ އަށެވެ. މިއީ ހިލަ ބުދުތަކެކެވެ. ހުބަލް އަކީ، ޢަމްރޫ ބިން ލުޙައްޔު ސޫރިޔާގެ ޙިއްމާއޭ ކިޔޭ ރަށަކުން މައްކާއަށް ގެންދިޔަ، އަގުބޮޑު ރަތް ހިލައަކުން ހަދާފައި ހުރި ރީތި ބުދެކެވެ. އެއީ ވަރަށް މޮޅު އިލާހެކޭ ބަޔަކު މީހުން ބުނީމާ، ޖަމަލަކަށް ލައިގެން މައްކާއަށް ގެންދަނިކޮށް ބުދު ވެއްޓި، އަތް ބިންދައިގެން ދިޔައިމާ، އެ މީހުން ހެދި ގޮތަކީ ރަން އަތެއް ޖެހީއެވެ. ވިސްނާލަ ބަލާށެވެ. އިލާހެއްގެ އަތް ބިންދައިގެން ދިޔައީއެވެ! އެކަމަކު ވެސް އެ މީހުން އެ ބުދު އެއީ އިލާހެއް ކަމަށް ހީކޮށް އަޅުކަން ކުރިއެވެ! އެއަށް އަޅުކަން ކުރަނީ އާދައިގެ ހާލަތްތަކުގައެވެ. ކަނޑު އުޅަނދަކަށް އަރައި ދަތުރު ކުރަމުން ދަނިކޮށް، ރާޅުގަދަވެ، ޣަރަޤުވެދާނެހެން ހީވީމާ، އެއިން އެކަކު ވެސް ''އޭ ހުބަލް'' އޭ ކިޔާފާއި ދުޢާއެއް ނުކުރެއެވެ. އެންމެންވެސް ގޮވަނީ''އޭ ﷲ'' އެވެ.

މިއަދު ވެސް މި މަންޒަރު ފެނެއެވެ. ބޯޓު އެއްޗެހި ޣަރަޤުވަމުންދާ ވަގުތު، ނުވަތަ އަލިފާން ރޯވާ ވަގުތު، ނުވަތަ ނުރައްކަލެއް ބޮޑު ވާ ވަގުތު، ނުވަތަ ބަލި ބޮޑުވާ ވަގުތު، ﷲ ވޮޑިގެންވާ ކަން ޤަބޫލު ނުކުރާ މުލްޙިދުން ދީނަށް ރުޖޫޢަވެއެވެ.

އެއީ ކީއްވެހެއްޔެވެ؟ ސަބަބަކީ، އީމާން ކަމަކީ ޣަރީޒާއަކަށް ވާ ކަމެވެ. އިންސާނާ އަކީ ކޮބައިކަން އެންމެ ތެދުތެދަށް ބުނެވޭނީ، އޭނައަކީ ''ދީންވެރި ޙައިވާން'' އެކޭ ބުނިއްޔާއެވެ. އެ އުޅޭ މާއްދީ މުލްޙިދުންނަށް ނިކަން ބަލާލަބަލާށެވެ. ކާލް މާކްސް އާއި ލެނިން، މަރު އައިސް ކުރިމަތިވެ މަރުވަނީކަން ޔަޤީންވީމާ ދުޢާކުރީ، އެ މީހުން އިލާހުގެ ދަރަޖަ ދިން ކާރުޚާނާތަކަށް ހެއްޔެވެ؟ ނުވަތަ ދުޢާކުރީ ﷲ އަށް ހެއްޔެވެ؟ ޔަޤީންކުރާށެވެ. އެ ދެ މީހުން މަރުވެގެން ދިޔައީ، ފަހު ނޭވާގައި ﷲ އަށް ދުޢާކޮށްފައެވެ. ނަމަވެސް އެ ގަޑީގައި ކުރާ ދުޢާއެއްގެ މަންފާއެއް ނޯންނާނެއެވެ. ފިރުޢައުނު ވެސް ކިބުރުވެރިވެ، ޖައްބާރުވެގެން އުޅުނެވެ. ''އަހަރެންނަކީ ކަލޭމެންގެ އިލާހު'' އޭ ވެސް ބުންޏެވެ. ނަމަވެސް އޭނާ ޣަރަޤުވެދާނެކަން އެނގުނީމާ ބުނީ ''ބަނީ އިސްރާއީލު މީހުން އީމާންވި ﷲ އަށް އީމާންވެއްޖައީން'' ކަމަށެވެ.

ލޯބިވެރިއާ އިޙްސާސް ކުރާ ޢާޠިފީ ލޯތްބަކީ ވެސް، އީމާން ކަމަކީ ނަފްސުގައި ވާ ފިޠުރީ އެއްޗެއްކަން، ދަލީލުކޮށްދޭ އެއްޗެކެވެ. ލޯތްބަކީ، އީމާންކަމުގެ ކުޑަކޮށްލެވިފައިވާ ނަމޫނާއެކެވެ. އަދި އެއީ ޒާތެއްގެ އަޅުކަމެކެވެ. ފަރަންސޭސިން ދީނާ ދުރުވުމުގެ ނަތީޖާއަކަށް ވީ ''އަޅުކަންކުރުން'' މި ކަލިމަ ލޯބިވުމުގެ މާނައިގައި ބޭނުން ކުރަން ފެއްޓުމެވެ. އަހަރެމެން ތެރޭގައި ފަރަންޖީވެގެން އުޅޭ ބައެއް މީހުން ވެސް ވަނީ މި ކަން ނަކަލު ކޮށްފައެވެ. އެގޮތުން މި މީހުންގެ ވާހަތަކުގައި''އޭނާ އޭނާ ދެކެ ލޯބިވެ އަޅުކަންކުރެއޭ'' ނުވަތަ ''އަހަރެން އޭނާ ދެކެ އަޅުކަންކުރާ ދަރަޖައަށް ލޯބިވެއޭ'' ފަދަ ޢިބާރާތްތައް ބޭނުން ކުރަން ފެށިއެވެ. ފަހެ އަޅުކަމަކީ، އިލާހަށް އީމާންވެ އެ އިލާހު ދެކެވާ ލޯބީގެ ޢަމަލީ ސިފަ ނޫން ދެން ކޮން އެއްޗެއްހެއްޔެވެ؟ އަދި ލޯބީގައި އީމާންކަމާ އެއްގޮތް ސިފަތަކެއް ވެސް އެބަ ހުއްޓެވެ.

ލޯބިވެރިއާ އޭނާ ލޯބިވާ މީހާ އަށް ކިޔަމަންތެރި ވެއެވެ. ލޯބިވާމީހާ އެދޭ ހުރިހާ ކަމެއް ކުރެއެވެ. ﷲ އާއި މުއުމިނާއި ދެމެދު އޮންނަ ގުޅުމުގައި ވެސް މި ކަން އޮތީ މިހެންނެވެ. ލޯބިވެރިއާ އޭނާ ލޯބިވާ މީހާގެ ރުހުން ލިބިއްޖެނަމަ، ދެން ދުނިޔޭގެ އެންމެން ނުރުހުނަސް ފަރުވާލެއް ނުބަހައްޓާނެއެވެ. ﷲ އާއި މުއުމިނާއި ދެމެދު އޮންނަ ގުޅުމުގައި ވެސް މި ކަން އޮތީ މިހެންނެވެ. ލޯބިވެރިއާ އޭނާ ލޯބިވާ މީހާ ދެކެ ބިރުގަނެއެވެ. ރުޅިއައިސްފާނެ ކަމަށް ކަންބޮޑުވެއެވެ. އަދި ލޯބިވެރިއާގެ ފަރާތުން ވާ ކޮންމެ ކަމަކާ ވެސް ރުހޭނެއެވެ. ﷲ އާއި މުއުމިނާއި ދެމެދު އޮންނަ ގުޅުމުގައި ވެސް މި ކަން އޮތީ މިހެންނެވެ. ވީމާ ލޯތްބަކީ(ޢިޝްޤަކީ)، އީމާންކަމަކީ ފިޠުރަތުގައި ވާ އެއްޗެއްކަން ދަލީލުކޮށް ދޭ އެއްޗެކެވެ.

ބަހުގެ އުނިކަން:

މީގެ މާނައަކީ، ﷲ ދެކެ ވާ ލޯތްބަކީ، ޢާޝިޤު މަޢްޝޫޤު ދެކެ ވާ ކަހަލަ ލޯތްބެކޭ އެއް ނޫނެވެ. އެއްގޮތަކަށް ވެސް އެހެނެއް ނޫނެވެ. އެހެނީ، ޢާޝިޤު މަޢްޝޫޤަށް ކިޔަމަންތެރިވެ، ބިރުގަނެ، މަޢްޝޫޤު އެދޭ ހުރިހާ ކަމެއްކޮށް، މީސްތަކުންގެ ރުހުމަށް ވުރެ މަޢްޝޫޤުގެ ރުހުން އިސްކުރަނީ، އަމިއްލަ އުފަލާއި އަރާމަށްޓަކައެވެ. ޙަޤީޤަތުގައި ޢާޝިޤު އޭނާގެ މަޢްޝޫޤު ދެކެ ވާ ލޯތްބަކީ، އޭނާގެ އަމިއްލަ ނަފްސު ދެ ކެވާ ލޯތްބެކެވެ. މިސާލަކަށް ލައިލާއަށް ޖުޒާމްބަލި ޖެހި، މޫނު ހަޑިވެ، ނޭފަތާއި ލޯ އައިބު ވެއްޖެއްޔާ، ޤައިސު (މަޖްނޫނު) އޭނާއާއި ގާތް ވެސް ނުވާނެއެވެ. އޭނާ ދެކެ ލޯތްބެއް ވެސް ނުވާނެއެވެ. ކިއެއްތަ، އޭނާ ލައިލާއާއި ދުރަށް ފިލަން ދުއްވައިގަންނާނެއެވެ. ދުރުވެގަންނާނެއެވެ. އަހަރެމެން މަޚްލޫޤެއް ދެކެ ވާ ލޯތްބާއި، ޚާލިޤު ދެކެވާ ލޯތްބާއި ދެމެދު ހުރި ތަފާތަކީ މިއީއެވެ. ފުރަތަމަ ލޯބީގައި ވަނީ އަމިއްލަ އެދުމެވެ. ފަހު ލޯބީގައި އަމިއްލަ އެދުމެއް ނުވެއެވެ.

މި ދެ ލޯތްބަކީ މުޅިން ތަފާތު ދެ ލޯތްބެކެވެ. ނަމަވެސް، އިންސާނުންގެ ބަހުރުވައިގެ ހަނިކަމުގެ ސަބަބުން، ރޫޙީ ޝުޢޫރު ޢިބާރާތް ކުރެވޭހާ ފުރިހަމަ ކަމެއް ނެތީމާ، އެއް ލަފްޒެއްގެ ބޭނުން ވަރަށް ތަފާތު މާނައިގައި ހިފަނީއެވެ. މިސާލަކަށް އަހަރެމެން ބުނަމެވެ:

''މިވެނި މީހަކު ފަރުބަދަމަތީ މަންޒަރަށް ލޯބިކުރެއެވެ.'' އަދި ''މިވެނި މީހަކު ތާރީޚް ޢިލްމަށް ލޯބިކުރެއެވެ.'' އަދި ''މިވެނި މީހަކު މަސް ބަތަށް ލޯބިކުރެއެވެ.'' އަދި ''ބައްޕަ ދަރިފުޅު ދެކެ ލޯބިވެއެވެ.'' އަދި ''މަޖްނޫނު ލައިލާ ދެކެ ލޯބިވެއެވެ.'' އަދި ''މުއުމިނު ﷲ ދެކެ ލޯބިވެއެވެ.''

ނަމަވެސް މިއިން ކޮންމެ ލޯތްބަކީ ވެސް އަނެކައްޗާ ތަފާތު ލޯތްބެކެވެ. ''ރީތިކަން'' މި ކަލިމައަކީ ވެސް ހަމަ މި ކަހަލަ ކަލިމައެކެވެ. އެތަކެއް ހާސް މާނައެއްގައި އަހަރެމެން މި ލަފްޒު ބޭނުން ކުރަމެވެ. ހަމަ މި ބީދައިން ''ﷲ އަކީ އައްސަވައިވޮޑިގަންނަވާ ބައްލަވައިވޮޑިގަންނަވާ ރަސްކަލާނގެ'' އޭ އަހަރެމެން ބުނަމެވެ. އަދި ''މިވެނި މީހަކީ އަޑު އިވޭ ލޮލަށް ފެންނަ މީހެކޭ'' ބުނަމެވެ. އޭގެ މާނައަކީ މި މީހާ އަކީ ބީރު ނުވަތަ އަނދިރިމީހެއް ނޫނޭ ބުނުމެވެ. މާތް ﷲ ގެ އަޑު އެއްސެވުމާއި ބެއްލެވުން ފަހަރެއްގައި ވެސް އިންސާނާގެ އަޑު އިވުމާއި ފެނުމާއި އެއް ގޮތެއް ނޫނެވެ. އެހެނީ، މާތް ﷲ އެއްވެސް މަޚްލޫޤަކާއި ވައްތަރެއް ނޫނެވެ. އަދި އެއްވެސް މަޚްލޫޤެއް މާތް ﷲ އާއި ވައްތަރެއް ނޫނެވެ. ވީމާ ޤުރުއާނުގައި ވާ ހުރިހާ ސިފަފުޅުތައް އައިސްފައި ވަނީ މި ބީދައިންނެވެ.

ހަތް ވަނަ ޤަވާޢިދު:

އިންސާނާގެ ޙަދްސުން،[5] މާއްދީ މި ދުނިޔެއަކީ ހުރިހާ އެއްޗެއް ނޫން ކަމާއި މި ދުނިޔޭގެ ފަހަތުގައި ގޮތް ނޭނގޭ ރޫޙާނީ ދުނިޔެއެއް ވާކަން، ދެނެގަނެއެވެ. ފަހުން މި ބުނި ދުނިޔެއާ ބެހޭ ގޮތުން އިންސާނާއަށް ވަނީ ހަމައެކަނި ހިލަމެކެވެ. އެ ގޮތީ: އިންސާނާއަށް މާއްދީ އުފާތައް ފެންނަނީ، ވަކި ހައްދެއް ކަނޑައެޅިފައިވާ އެއްޗެއް ގޮތުގައެވެ. އުފާތައް ފޯރާނެ އެންމެ މައްޗަކަށް ފޯރުމުން ނުވަތަ އޭގެ ހައްދާއި ހަމައަށް ދެވުމުން، އުފާތަކަކީ އުފަލެއް ކަމުގައެއް ނުވެއެވެ. ކިއެއްތަ އެއީ އާދައެއް ކަމުގައި ވެއެވެ. އަދި އޭގެ 'ރަހަ' ކެނޑި ދެއެވެ. އޭގެ 'ސިހުރު' ގެއްލެއެވެ. ބާ ޖޯކެއް ފަދަ އެއްޗަކަށް ވެދެއެވެ. ތަކުރާރު ކުރެވޭ ވާހަކައެއް ފަދަ އެއްޗަކަށް ވެދެއެވެ.

ފަގީރު މީހާއަށް، އޭނާ ކުރިމަތިން ހުރަސްކުރާ މުއްސަނދި މީހާގެ ކާރު، އަދި އޭނާ ހުރަސް ކޮށްފައިދާ މުއްސަނދި މީހާގެ ޢިމާރާތް، ފެނެއެވެ. އެވަގުތު އޭނާ ހީކުރަނީ އެފަދަ އެއްޗެހި ލިބުނީތީ މުއްސަނދި މީހާއަށް ވަނީ މުޅި ދުނިޔެ ލިބިފައި ކަމަށެވެ. ނަމަވެސް ފަޤީރު މީހާއަށް އެ އެއްޗެހި ލިބުމަށް ފަހު، ދެން އެއިން ލިބޭނެ ހިތްހަމަ ޖެހުމެއް ނޯންނާނެއެވެ. ލޯބިވެރިއާ އެނާ ލޯބިވާ މީހާއާއި ބައްދަލުވާނެ ދުވަހަކަށް، ރޭގަނޑު ނު ނިދާ ހުވަފެން ދެކެން ހުރެއެވެ. އޭނާ ހީ ކުރާނީ ދުނިޔޭގެ ހުރިހާ އަރާމެއް ވަނީ އެ ލޯބީގައި ކަމަށެވެ. ހުރިހާ އުއްމީދުތަކެއް ވަނީ ލޯބިވެރިއާ ގާތުގައި ކަމަށެވެ. ނަމަވެސް ލޯބިވާ އަންހެން ކުއްޖާއާ ކާވެނިކޮށް، ކާވެންޏަށް ދެ އަހަރު ވާ އިރު، އެ އުއްމީދުތައް ފެނަށް ވެދެއެވެ. އަރާމުތަށް ނެތިދެއެވެ. ބާކީ އޮންނާނެހާ ވެސް އެއްޗަކީ، ކުރީގެ ހަނދާންތަކެވެ. މީހާ ބަލިވެ، ވޭން އިޙްސާސް ކުރަން ފެށުމުން އޭނާ ތަޞައްވަރު ކުރާނީ، ދުނިޔޭގެ ހުރިހާ އަރާމެއް ލިބުން އޮތީ އޭނާގެ ވޭން ކެނޑި ބަލިން ޝިފާ ލިބުމުން ކަމަށެވެ. ދެން ދުޅަހެޔޮވެ ބަލީގެ ދުވަސްތައް ހަނދާން ނެތުނީމާ، ޞިއްޙަތު ސަލާމަތުން ހުރުމުން ލިބޭނެ އަރާމެއް ނުފެންނާނެއެވެ. މަޝްހޫރުވެ، ރޭޑިއޯއިން އޭނާގެ ނަން ގޮވައި، ނޫހުގައި އޭނާގެ ފޮޓޯ ޖަހަން، ޒުވާނާ އެދެއެވެ. ނަމަވެސް އޭނާ މަޝްހޫރުވެ، ކަންފަތް ފުރެންދެން އޭނާގެ ނަން އަޑު އިވި، ލޯ ފުރެން ދެން އޭނާގެ ފޮޓޯ ޖެހިއްޖެ ނަމަ، މަޝްހޫރު ކަމަކީ އެއީ އާދައިގެ ކަމެއް ކަމުގައި ވެދެއެވެ.

ޢާޝިޤެއްގެ ހިތުން ނުކުމެގެން އަންނަ ހުވަފެނީ ލަވައެއް، ހަމަހިމޭން ރެއެއްގައި އަޑު އިވުމުން، ހިތުގެ އެންމެ އަޑި ހިލިގަނެއެވެ. އަދި ރޫޙީ ދުނިޔެއަކަށް އޭނާ ގެންދެއެވެ. ކުޅަދާނަ އަދީބަކު ލިޔެފައި އޮންނަ ޢަބްޤަރީ ވާހަކައެއް ކިޔާލުމުން ހީވާނީ ހުވަފެނީ ދުނިޔެއެއްގައި ހިނގޭހެންނެވެ. އެ ދުނިޔޭގައި ވާނީ ހުސް ލޯތްބާއި ޅެމެވެ. ނަމަވެސް ވާހަކަ ކިޔައި ނިމުނީމާ އޭނާއަށް ހީވާނީ ރީތި ޖާދުވީ ހުވަފެނެއްގައި އޮއްވާ ހޭލެވުނު ހެންނެވެ. އެ ހިތްހަމަ ޖެހުމާއި ޖާޒުބީ ރީތި ކަމުގެ ތެރެއަށް އެނބުރި ދާން، ދެން އޭނާ ކުރާ މަސައްކަތް ވާނީ ބޭކާރު ކަމަކަށެވެ.

ފިކުރު ހިންގައި، ނަފްސުގެ ކިލަނބުކަން ކެނޑިދާ ހިނދު، ހިމޭންކަމުގެ ވަގުތުތަކެއް ހޭދަކުރެވެއެވެ. ދެން މާއްދީ ބުރައިން ލުއިކަމެއް އިޙްސާސްވެއެވެ. އެއާއެކު ސާފުކަމާއި މިނިވަންކަމުގެ ދެ ފިޔަ ޖަހައި މައްޗަށް އުދުއްސައިގަނެވެއެވެ. މަތިވަމުން ގޮސް ވަކި ހިސާބަކުން ތިރި ބަލާލާ އިރު ފެންނަ ބިމާއި އޭގައި ވާހާ އެއްޗެއް ދާދި ކުޑަވެދެއެވެ. އެއީ އެއްވެސް އަގެއް ނެތް އެއްޗަކަށް ވެދެއެވެ. އެ ވަގުތު ރޫޙަށް ލިބޭ ހިތް ހަމަޖެހުން އެއީ، ބަނޑު ހައިވެފައިވާ މީހާއަށް ކާ އެއްޗެއް ލިބުމުން ލިބޭ ހިތް ހަމަ ޖެހުމާއި، މަޢްޝޫޤާގެ ކިބައިން މަޙްރޫމުވެފައިވާ ޢާޝިޤަކަށް، ބައްދަލުވުމުން ލިބޭ ހިތްހަމަޖެހުމާއި، ނިކަމެތި ފަޤީރަކަށް މުދަލާއި ބާރު ލިބުމުން ލިބޭ ހިތްހަމަޖެހުމާއި، ނުބައްދަލު އެއްޗެކެވެ.

ވީމާ ނަފްސު އަބަދުވެސް، މި މަތީ ރޫޙާނީ ޢާލަމަށް ޝައުޤުވެރިވެއެވެ. އެއީ އަހަރެމެންނަށް ނޭނގޭ ދުނިޔެއެކެވެ. އެ ދުނިޔެއާ ބެހޭ ގޮތުން ވަނީ ހަމައެކަނި އިޝާރާތެކެވެ. މާއްދީ އަރާމަކީ ކިހާ ހަނި އެއްޗެއްކަން އިންސާނާއަށް، މި އިޝާރާތްތަކުން ދެނެގަނެވެއެވެ. ރޫޙާނީ އަރާމަކީ ކިހާ ބޮޑޮ އެއްޗެއްކަމާއި، ނަފްސަށް އެއިން ކުރާ އަސަރު މާ ފުންކަން ދެނެގަނެވެއެވެ. އަދި ނަފްސީ ޙަދްސުން -ބުއްދީގެ ދަލީލަކުން ނޫން- ހުރިހާ އެއްޗަކީ މި މާއްދީ ދުނިޔެ ނޫންކަން ޔަޤީންވެއެވެ. އަދި މާއްދީ ދުނިޔޭގެ ފަހަތުގައި ފޮރުވިފައިވާ ގޮތް ނޭނގޭ ދުނިޔެއަކީ އެއީ ޙަޤީޤަތެއްކަން ޔަޤީންވެއެވެ. އެ ދުނިޔެއަށް އިންސާނާގެ ރޫޙް އެދި ޝައުޤުވެރިވެއެވެ. އެއާ ދިމާއަށް އުދުހިގަންނަން މަސައްކަތް ކުރެއެވެ. ނަމަވެސް އިންސާނާގެ ބަރު ހަށިގަނޑު އެއާ ދެމެދު ހުރަހަކަށް ވެ، އޭގެ ފަހަތުން އުދުހިގަނެ ނުދީ ހިފަހައްޓައެވެ. މި ކަންތައްތަކީ، އެހެން ދުނިޔެއެއް ވާ ކަމަށް ދަލީލުކޮށް ދޭ ނަފްސީ ދަލީލުތަކެކެވެ.

އަށްވަނަ ޤަވާޢިދު:

އުޚްރަވީ ޙަޔާތެއް ވާ ކަމަށް ޤަބޫލު ކުރުމަކީ، މާތް ﷲ ވޮޑިގެންވާ ކަމަށް ޤަބޫލު ކުރަން ޖެހޭ ކަމެކެވެ. މީގެ މާނަ އިތުރަށް ކިޔައިދޭނަމެވެ. ކައުނު ހެއްދެވި އިލާހު އަނިޔާވެރިކަން ޤަބޫލު ނު ކުރައްވައެވެ. ވީމާ އެ އިލާހު، އަނިޔާވެރިވާ މީހާއަށް ސަޒާ ނުދެއްވާ ދޫ ނުކުރައްވާނެއެވެ. އަދި އަނިޔާ ލިބިފައިވާ މީހާއަށް އިންޞާފު ހޯއްދަވައި ނުދެއްވާ ދޫ ނުކުރައްވާނެއެވެ. ސަޒާ ނުދެވި، މި ދުނިޔޭގައި އަނިޔާވެރިކަން މަތީ ދިރިއުޅެ އަނިޔާވެރިކަންމަތީ ހުރެ މަރުވެދާ މީހުން އަހަރެމެން ދެކެމެވެ. އިންޞާފު ހޯދާ ނުދެވި، އަނިޔާލިބިފައިވާ މީހެއްގެ ގޮތުގައި ދިރިއުޅެ އަނިޔާލިބިފައިވާ މީހެއްގެ ގޮތުގައި މަރުވެގެންދާ މީހުން ވެސް ދެކެމެވެ. ވީމާ މީގެ މާނައަކީ ކޮބައިހެއްޔެވެ؟ މާތް ﷲ ވޮޑިގެންވާ ހިނދު، އަދި މާތް ﷲ އަކީ ޢަދްލުވަންތަ ރަސްކަލާނގެ ކަމުގައިވާ ހިނދު، މިހެން މި ވަނީ ކިހިނެއްހެއްޔެވެ؟

މީގެ މާނައަކީ، ރަނގަޅު މީހާއަށް އިނާމު ދެވި ނުބައި މީހާއަށް ސަޒާ ދެވޭ، އެހެން ދުނިޔެއެއް ކޮންމެހެން ވެސް ވާނެ ކަމެވެ. މި ދުނިޔެ ނިމުމުން އަދި ''ވާހަކަ'' ނިމުނީކީ ނޫންކަމެވެ. ޓީވީން ދައްކަމުން ދިޔަ ފިލްމެއް މެދުކަނޑާލާފައި، މި ހިސާބުން ފިލްމު ނިމުނީއޭ ބުންޏަސް، ބެލުންތެރިންގެ އެކަކުވެސް އެ ވާހަކަ ޤަބޫލެއް ނުކުރާނެއެވެ. ބަޠަލަށް ވީ ކިހިނެއްހޭ؟ ވާހަކައިގެ ނިމުން ކޮބައިހޭ؟ ކިޔައި ހަޅޭކެއް ލަވައިގަންނާނެއެވެ. އެހެނީ ފިލްމުގެ ވާހަކަ ލިޔާ މީހާ ވާހަކަ ފުރިހަމަކޮށް، ބަޠަލުންނަށް އިންޞާފު ހޯދައިދޭނެ ކަމަށް އެ މީހުން ބަލައެވެ. ވާހަކަ ލިޔުންތެރިއާ އަކީ އިންސާނެއް ކަމުގައި ވާ ހިނދު ވެސް ކަން މިހެން އޮތް އިރު، މަރުވުމުން ޙަޔާތުގެ ''ވާހަކަ'' ނިމުނީ ކަމަށް ބުއްދި ހުރި މީހަކު ޤަބޫލު ކުރާނީ ކިހިނެއްހެއްޔެވެ؟ މަރުވުމުން އަދި ޙިސާބު ނުނިމެއެވެ. ވާހަކަ ވެސް ނުނިމެއެވެ.

މި ކައުނު އުފެއްދެވި ރައްބެއް ވާކަން، މި ހިސާބުން ބުއްދިއަށް ޔަޤީން އެބަ ވެއެވެ. ދުނިޔެއަށް ފަހު އާޚިރަތެއް ވާކަން އެބަ އެނގެއެވެ. ނަފްސު ސާފުވާ ވަގުތު ހުވަފެނީ ލަވައިންނާއި މޮޅު ވާހަކައިން، އެ ދުނިޔެއެއްގެ އިޝާރާތްތަކެއް އަހަރެމެންގެ ރޫޙަށް ލިބުނު ދުނިޔެއަކީ، އަފްލާޠޫންގެ މިސާލީ ދުނިޔެއެއް ނޫނެވެ.[6]

 

އެއީ މުޅިން އެހެން ދުނިޔެއެކެވެ. އެއީ އަފްލާޠޫން ވެސް ހެއްދެވި ﷲ އުފައްދަވާފައިވާ ޙަޤީޤީ ދުނިޔެއެކެވެ. ދުނިޔޭގައި އިންސާނާއަށް ލިބޭ އުފަލާއި އަރާމަކީ ހިނދުކޮޅަކަށް ލިބިފައި ނިމިގެންދިއުމުން، އެއީ އާޚިރަތުގެ އުފަލާއި އަރާމުގެ ކުޑަކުޑަ ނަމޫނާއެއްކަން އިންސާނާއަށް އެނގެއެވެ. އެއީ ރަހަބަލާލަން ކާ އެތިކޮޅެއްފަދަ އެއްޗެކެވެ. އޭގެ ރަހަ ކަމު ގޮސްފިއްޔާ ކަލެއަށް އޭތި ގަނެގެން ހިތްފުރޭ ވަރަށް ކެވިދާނެއެވެ. އެއީ ނަމޫނާއަކަށް ވިއްކަން ހުންނަ އެއްޗެހި ފަދަ އެއްޗެކެވެ. ނަމޫނާ ބޭނުން ކުރުމަށް ފަހު އެއާ މެދު ހިތްހަމަ ޖެހެންޏާ، އަސްލު މުދާ ކަލޭ ގަންނަނީއެވެ. ދުނިޔޭގައިވާ އަރާމަކީ އާޚިރަތުގެ އަރާމުގެ ނަމޫނާއެކެވެ. ދުނިޔޭގެ އަރާމަކީ ވަގުތީ އަރާމެކެވެ. ނަމަވެސް އާޚިރަތުގެ އަރާމަކީ ދާއިމީ އަރާމެކެވެ. ދުނިޔޭގެ އަރާމަކީ ދުވަސްކޮޅަކުން އާދައަކަށް ވެދާ އެއްޗެކެވެ. ނަމަވެސް އާޚިރަތުގެ އަރާމަކީ އަބަދުވެސް ތަފާތު ގޮތަކަށް ލިބިލިބި ދެމިއޮންނަ އެއްޗެކެވެ.

 

*    *    *    *

 


* މި ފޮތުގެ ހުރިހާ ބައެއް އެއްކޮށް ޑައުންލޯޑްކުރަން މިތަނަށް ފިތާލާށެވެ!

* މި ލިޔުމުގައި އައިސްފައިވާ ބައެއް ބަސްތަކުގެ މާނަ: (މިއީ ތަރުޖަމާނު ލިޔެފައިވާ މާނަތަކެކެވެ.)

[1] ޟަރޫރީ : ގެ މާނައަކީ ކޮންމެހެން. ޟަރޫރީ އެނގުމޭ ބުނެފައި ވަނީ ކޮންމެހެން ވެސް މީހަކަށް އެނގޭނެ ކަންތައްތައް.

[2] ބަދީހީ : އެނގިފާޅު ކަންތައްތައް. އަދި އެ ސާބިތު ކުރަން އިތުރު ހުއްޖަތެއް ބުރުހާނެއް ބޭނުމެއް ނުވާނެ ކަމަށް އެންމެންވެސް ޤަބޫލު ކުރާ ކަންތައްތަކެއް. އޭގެ ޒާތުން ވެސް އޭގެ ތެދުކަން އެނގޭ ކަންތައްތައް. އެ ކަން އެނގިފައި ވާނީ ފިކުރު ކުރުމަކާ ނުލާ އަދި އެނގުނު ގޮތެއް ވެސް އޭނާއަށް ނެނގި. ސާބިތުކޮށްދޭން ވެސް ނުޖެހޭ ކަހަލަ ކަންތައް. މިސާލަކަށް އެއްވަރު އެއްޗެހިތަކެއް ހަމަހަމައަށް ފެޅީމާ އެއިން ކޮންމެ އެތިކޮޅެއް ވެސް އެއްވަރު ވާނެކަން.

[3] ޠަބީޢަތުގެ ފަހަތުގައިވާ : ކުރުކޮށް ބުނަންޏާ މިއީ މާއްދީ ދުނިޔޭގެ ފަހަތުގައިވާ ކަންތައްތައް . މިސާލަކަށް ޒަމާން، ހުރުން، ވުން، ފުރާނަ، ފަދަ މައުޟޫތައް. އަދި މިއީ ދުނިޔެއަކީ ކޮން އެއްޗެއް ކަން ހޯދުމަށް މަސައްކަތް ކުރާ ފަލްސަފާ ޢިލުމުގެ ގޮތްޕެއް. މި ޢިލްމު ހޯދައި ބަލަނީ ދުނިޔެ އެކުލެވިގެން ވަނީ މައިގަނޑު ކޮންކޮން އެއްޗަކުންތޯއާއި އެ އެއްޗެހި އެކަތި އަނެކައްޗާ ހުރި ގުޅުމަކީ ކޮބައިތޯއާއި، ހުރުން ނުވަތަ ވުމަކީ ކޮބައިތޯއާއި، އަދި ޒަމާން، ފުރާނަ ފަދަ މައުޟޫތަކަށް ވާހަކަ ދައްކާ ޢިލްމެއް. މެޓަފިޒިކްސް .

[4] ފިޠްރަތް : ކޮންމެ މަޚްލޫޤެއް ވެސް އުފެއްދިފައިވާ ޠަބީޢީ އަސްލު ގޮތް. އިންސާނާގެ ޠަބީޢީ ސިފަ. މިސާލަކަށް: މާތް ﷲ އިންސާނާ އުފައްދަވާފައި ވަނީ އެއްކައުވަންތަކަން ޤަބޫލުކޮށް، ކިޔަމަންގަތުން އެއީ އޭނާގެ ފިޠުރަތް، ނަމަވެސް ބައެއް މީހުން ފަހުން އެ ފިޠުރަތާ ޚިލާފު ވަނީ. އެއް ޖިންސު އަނެއް ޖިންސަށް ލެނބުން އެއީ ފިޠްރީ ކަމެއް. މަންމަ ދެކެ ލޯބިވުން އެއީ ފިޠްރީ ކަމެއް.

[5] ޙަދްސް : ކުރީގެ އެއްވެސް އެނގުމަކާ ނުލާ އަވަސްގޮތަކަށް ކަމެއް އެނގި ދެނެގަތުމުގެ ކުޅަދާނަކަން. ވިސްނުންތަކެއް ނުވިސްނާ ސިކުނޑިއަށް އެނގޭ ބަދީހީ ކަންތައްތައް. އެތެރޭގެ ޝުޢޫރަކުން ހިތަށް އެނގޭ އެނގުމެއް.

[6] އަފްލާޠޫންގެ މިސާލީ ދުނިޔެ : ޕްލެޓޯނިކް އައިޑިއަލިޒްމް

Comments