ހޯމަ20201130

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ޢަޤީދާ އިސްލާމްދީނުގެ ޢާއްމު ތަޢާރަފެއް: ރަސޫލުބޭކަލުންނަށް އީމާންވުން

އިސްލާމްދީނުގެ ޢާއްމު ތަޢާރަފެއް: ރަސޫލުބޭކަލުންނަށް އީމާންވުން

aamu-thaaraf-10-rasooluna-eemanvunރަސޫލުބޭކަލުންގެ ޙަޤީޤަތް:
ރަސޫލާއަށް ޣައިބެއް އެނގިވަޑައިނުގަންނަވާ:
ސުވާލަކާއި ޖަވާބެއް:
އިސްލާމްދީން ރަސޫލުން ތަފާތެއް ނުކުރޭ:
ޤުރުއާނުގައި ރަސޫލުބޭކަލުން
މުޢްޖިޒާތް:
މުސްތަޙީލުކަމެއް ޙަޤީޤަތަކަށް ވާނީ ކިހިނެއްޔެއްވެ؟
ކަރާމަތް:
މުޢްޖިޒާތާއި ސިހުރު:
ކީރިތި ރަސޫލާގެ މުޢްޖިޒާތް

މަލާއިކަތްބޭކަލުންނާއި ރަސޫލުބޭކަލުންނާއި އަދި ޖިންނީންނަކީ، މާތް ﷲ ގެ ޚަލްޤުތަކުގެ ތެރެއިންވާ ޚަލްޤެއްކަމާއި، މި އެންމެންނަކީ ވެސް ﷲ ގެ އަޅުންކަން، ޤުރުއާނުގައި ވަނީ ބަޔާންކުރައްވާފައެވެ. އަދި ހަމައެހެންމެ، މި އެންމެން ވުޖޫދަށް ގެންނެވީ ވެސް މާތް ﷲ ކަމާއި، މި އެންމެންގެ މައްޗަށް ބާރު ހިންގަވަނީ ވެސް މާތް ﷲ ކަމާއި، އަދި، މީހަކަށް މަންފާއެއް ނުވަތަ ގެއްލުމެއް ދިނުމުގެ ބާރު އެމީހުންނަށް ލިބިގެން ނުވާ ތާނގައި، އަމިއްލައަށް ވެސް މަންފާއެއް ލިބިގަނެ ނުވަތަ ގެއްލުމެއް ދުރުކުރުމުގެ ބާރު، ލިބިގެން ނުވާކަން، ކީރިތި ޤުރުއާނުގައި މާތް ﷲ ވަނީ ބަޔާންކުރައްވާފައެވެ.

ހުރިހާ ރަސޫލުބޭކަލުންނަކީ ވެސް އިންސާނުންނެވެ. އެހެން އިންސާނުން ވެސް އުފަންވާފަދައިން އުފަންވާ ބައެކެވެ. އެހެން އިންސާނުން ވެސް މަރުވާފަދައިން މަރުވާ ބައެކެވެ. ރަސޫލުބޭކަލުން ވެސް ޞިއްޙަތު ސަލާމަތުން ތިއްބަވާފައި އާލާސްކަންފުޅު ޖެހިވަޑައިގަންނަވައެވެ. ޖިސްމާނީގޮތުން ހަށިކޮޅު އުފެދިފައިވާ ގޮތް އެހެން އިންސާނުންނެކޭ ވަކި ތަފާތެއް ނޫނެވެ. އެބޭކަލުންގެ ސޫރަ ވެސް ވަކި ތަފާތެއް ނޫނެވެ. އެހެން އިންސާނުންގެ ހަށިގަނޑުގައި ލޭ ދައުރުވާފަދައިން ލޭ ދައުރުވެއެވެ. ހިތުގެ ވިންދުޖަހާފަދައިން ވިންދުޖަހައެވެ. ރަސޫލުބޭކަލުން އެހެން އިންސާނުން ވެސް ކައިބޮއެ އުޅޭފަދައިން ފަރީއްކުޅުއްވައި، ފެންފޮދު ހިއްޕަވައެވެ.

ހުރިހާ ރަސޫލުބޭކަލުންނަކީ، އެހެން އިންސާނުން ފަދަ އިންސާނުންނެވެ. ނަމަވެސް އެބޭކަލުންގެ ރަސޫލުކަމާ ފުށުއަރާ އެއްވެސް ސިފައެއް އެބޭކަލުންގެ ކިބައިގައި ނުހުންނާނެއެވެ. މިގޮތުން، މީހުން ނަފްރަތުވެ ދުރަށްދާފަދަ ނުބައި ބައްޔެއް އެބޭކަލުންނަށް ޖެހިވަޑައި ނުގަންނަވާނެއެވެ. ދީނަށް ގޮވާލެއްވުމަށް ހުރަސްއެޅޭފަދަ ސިފަތަކެއް ނުހުންނާނެއެވެ. އެބޭކަލުންނަކީ އިންސާނުންގެ ތެރެއިން އެންމެ ޞާލިޙް އެންމެ ތެދުވެރި އެންމެ ތަޤްވާވެރި ބޭކަލުންނެވެ. އަދި އެބޭކަލުންނަކީ ފާފަތަކާއި ބޮޑެތި ކުށްތަކުން މަޢްޞޫމުވެވަޑައިގެންވާ ބޭކަލުންތަކެކެވެ.

ހަމައެހެންމެ، ރަސޫލުބޭކަލުންނަކީ އިލާހުވަންތަކަމުގެ އެއްވެސް މިންވަރެއް ލިބިވަޑައިގެންވާ ބޭކަލުންނެއް ނޫނެވެ. އެހެނީ އުލޫހިއްޔަތުކަން ލިބިވޮޑިގެންވަނީ ހަމައެކަނި މާތް ﷲ އަށެވެ. ވީމާ ރަސޫލުބޭކަލަކަށް އަޅުކަންކޮށްގެން ނުވާނެއެވެ. ނުވަތަ ރަސޫލުބޭކަލަކަށް އިލާހީ ބާރެއް ލިބިގެންވާކަމަށް ހީކޮށްގެން ވެސް ނުވާނެއެވެ. ރަސޫލުބޭކަލުންނަކީ ﷲ ވަޙީ ބާވައިލައްވާ އިންސާނުންނެވެ. އިންސާނުންގެ ތެރެއިންވާ ބަޔަކަށް، މާތް ﷲ ވަޙީ ބާވައިލެއްވުމުން، ކުރީގެ އުއްމަތްތަކުގެ ބައެއް މީހުން އެކަމާ އަޖާއިބުވިއެވެ. އެހެން ހީކުރި މީހުންނަށް ރައްދުދެއްވާ، އެއީ އަޖާއިބުވާންޖެހޭވަރުގެ ކަމެއް ނޫންކަން ބަޔާންކުރައްވަމުން ﷲ ވަޙީ ކުރައްވާފައިވަނީ: أَكَانَ لِلنَّاسِ عَجَباً أَنْ أَوْحَيْنَا إِلَى رَجُلٍ مِنْهُمْ أَنْ أَنْذِرْ النَّاسَ وَبَشِّرْ الَّذِينَ آمَنُوا أَنَّ لَهُمْ قَدَمَ صِدْقٍ عِنْدَ رَبِّهِمْ

އާޔަތުގެ ތަފްސީރީ މާނަ: ''މީސްތަކުންނަށް އިންޒާރުކުރެއްވުމަށާއި، އީމާންވެއްޖެ މީސްތަކުންނަށް އެއުރެން ދުނިޔޭގައި ކޮށްފައިވާ ހެޔޮ ޢަމަލުތަކުގެ ހެޔޮ އަޖުރު، އާޚިރަތުގައި ލިބޭނެކަމުގެ އުފާވެރި ޚަބަރު ދެއްވުމަށް، ތިމަންރަސްކަލާނގެ އެއުރެންގެ ތެރެއިން މީހަކަށް، ވަޙީ އިއްވެވުން މީސްތަކުންނަށް ޢަޖާއިބަކަށްވީހެއްޔެވެ؟'' (ޔޫނުސް:2)

އަދި ރަސޫލުބޭކަލުންނަކީ އިންސާނުންނަށް ވީމާ، އީމާން ނުވާންވެގެން ބަހަނާ ދެއްކި ބަޔަކު ވެސް ތިއްބެވެ. وَمَا مَنَعَ النَّاسَ أَنْ يُؤْمِنُوا إِذْ جَاءَهُمْ الْهُدَى إِلاَّ أَنْ قَالُوا أَبَعَثَ اللَّهُ بَشَراً رَسُولاً
އާޔަތުގެ ތަފްސީރީ މާނަ: ''މީސްތަކުންގެ ގާތަށް ތެދުމަގާއިގެން ރަސޫލުން ވަޑައިގަންނަވާހިނދު، ﷲ، ރަސޫލަކު ކަމުގައި އާދަމުގެ ދަރިޔަކު ފޮނުއްވީހޭ، ޖާހިލުކަމުންނާއި އިންކާރުކުރުމުގެ ގޮތުން ކާފިރުން ބުނުން މެނުވީ، އެމީހުން އީމާންވުން މަނައެއް ނުކުރެއެވެ.'' (އަލްއިސްރާއު:94)

މިހެން ބުނާ އެންމެންނަށް ރައްދުދެއްވައި މާތް ﷲ ވަޙީކުރައްވާފައި ވަނީ، ރަސޫލުބޭކަލުން ވެވަޑައިގަންނަވާނީ، އެބޭކަލުން އެބައެއްގެ ގާތަށް ވަޑައިގަންނަވާ ބަޔަކާ އެއްފަދަ ބައެއް ކަމުގައެވެ. ބިމުގައި ތިބީ މަލާއިކަތުންނަމަ ރަސޫލުބޭކަލުންނަށް ވަޑައިގަންނަވާނީ މަލާއިކަތުން ކަމުގައެވެ.

قُلْ لَوْ كَانَ فِي الأَرْضِ مَلائِكَةٌ يَمْشُونَ مُطْمَئِنِّينَ لَنَزَّلْنَا عَلَيْهِمْ مِنْ السَّمَاءِ مَلَكاً رَسُولاً އާޔަތުގެ ތަފްސީރީ މާނަ: ''ކަލޭގެފާނު ވިދާޅުވާށެވެ! ބިމުގައި ހިންގަވައި، ދިރިއުޅުއްވަނީ މަލާއިކަތުން ކަމުގައިވީނަމަ، އެބޭކަލުންގެ ގާތަށް ރަސޫލަކު ކަމުގައި ތިމަންރަސްކަލާނގެ އުޑުން މަލާއިކަތަކު ބާވައިލެއްވީމުހެވެ. ނަމަވެސް ބިމުގައި އުޅެނީ އިންސާނުންނެވެ. ވީމާ، އެމީހުންގެ ގާތަށް އަންނަ ރަސޫލަކު ވާންޖެހޭނީ އެމީހުންނާ މުޚާޠަބުކުރާ، އެމީހުންނާ އެއް ވައްތަރެއްގެ މީހަކަށެވެ.'' (އަލްއިސްރާއު:95)

އަނެއް ބަޔަކު ރަސޫލުންގެ ބަސްފުޅު އަޑުނާހަންވެގެން ބަހަނާއަކަށް ދެއްކީ، ރަސޫލުބޭކަލުން އިންސާނުންނަށް ވުމެވެ. إِنْ أَنْتُمْ إِلاَّ بَشَرٌ مِثْلُنَا
އާޔަތުގެ ތަފްސީރީ މާނަ: ''އެބައިމީހުން ބުނެއެވެ: ތިމަންމެންކަހަލަ އިންސާނުން ކަމުގައި މެނުވީ ތިޔަބޭކަލުން ނުވަމުއެވެ. ވީއިރު އަހަރެމެންގެ ގާތަށް އަންނަ ރަސޫލަކަށް ވުމަށް، އަހަރެމެންނަށް ވުރެ ތިޔަބޭކަލުން ވަކި މޮޅެއް ނޫނެވެ.'' (އިބްރާހީމް: 10)

މީގެ ޖަވާބުގައި ރަސޫލުބޭކަލުން ވިދާޅުވެފައި ވަނީ: قَالَتْ لَهُمْ رُسُلُهُمْ إِنْ نَحْنُ إِلاَّ بَشَرٌ مِثْلُكُمْ وَلَكِنَّ اللَّهَ يَمُنُّ عَلَى مَنْ يَشَاءُ مِنْ عِبَادِهِ
އާޔަތުގެ ތަފްސީރީ މާނަ: ''އެބައިމީހުންގެ ރަސޫލުން އެބައިމީހުންނަށް ވިދާޅުވިއެވެ. އާނއެކެވެ. ތިޔަބައިމީހުން ކަހަލަ އިންސާނުން ކަމުގައި މެނުވީ، އަހަރެމެން ނުވަމެވެ. އެހެނެއްކަމަކު، ﷲ އިރާދަކުރެއްވި ބަޔަކު، އެކަލާނގެ އަޅުތަކުންގެ ތެރެއިން ރަސޫލުން ކަމުގައި ހޮއްވަވާ، ނިޢްމަތެއްގެ ގޮތުން އެކަން ދެއްވައެވެ.'' އިބްރާހީމް: 11)

ރަސޫލުބޭކަލުންގެ ޙަޤީޤަތް:

ރަސޫލުބޭކަލަކީ އިންސާނެކެވެ. ނަމަވެސް ތަފާތަކީ އެއީ މާތް ﷲ ވަޙީ ބާވައިލައްވާ ބޭކަލެކެވެ. ﷲ ވަޙީކުރައްވާފައިވެއެވެ: قُلْ إِنَّمَا أَنَا بَشَرٌ مِثْلُكُمْ يُوحَى إِلَيَّ أَنَّمَا إِلَهُكُمْ إِلَهٌ وَاحِدٌ
އާޔަތުގެ ތަފްސީރީ މާނަ: ''ކަލޭގެފާނު މުޝްރިކުންނަށް ވިދާޅުވާށެވެ! ﷲ ތިމަންކަލޭގެފާނު ވާކަންކަށަވަރީ، ތިޔަބައިމީހުންކަހަލަ އާދަމުގެދަރިއަކު ކަމުގައެވެ. ތިމަންކަލޭގެފާނަށް ﷲ ވަޙީއިއްވަވަނީ، ތިޔަބައިމީހުންގެ އިލާހަކީ، އެއް އިލާހު ކަމުގައެވެ.'' (އަލްކަހްފު: 110)

މި އާޔަތުގައި، އެކަލޭގެފާނަކީ އިންސާނެއްކަން ދެ ފަހަރެއްގެ މަތިން ކަށަވަރުކޮށްދެއްވާފައިވެއެވެ. ފުރަތަމަ ވިދާޅުވީ 'ހަމަކަށަވަރުން ތިމަންކަލޭގެފާނަކީ އާދަމުގެދަރިއެއް' ކަމަށެވެ. ދެން އަދި އެއަށްވުރެސް ވެސް ބޮޑަށް ކަށަވަރުކޮށްދޭން ދެން ވިދާޅުވެފައި ވަނީ، 'ތިޔަބައިމީހުން ކަހަލަ' މީހެއް ކަމަށެވެ.

ކީރިތި ރަސޫލާ މުޙައްމަދު -ޞައްލަﷲ ޢަލއިހި ވަސައްލަމަ- އަކީ އަހަރެމެން ފަދައިން އިންސާނެކެވެ. އެކަލޭގެފާނުންގެ ހަށިކޮޅު އުފެދިފައިވަނީ އަހަރެމެންގެ ހަށިގަނޑެކޭ އެއްފަދައިންނެވެ. އުފެދުމުގައި އެކަލޭގެފާނާ އަހަރެމެންނާ އެއްގޮތެވެ. ނަމަވެސް އަހަރެމެންގެ ތެރެއިން އެކަކުވެސް، އެކަލޭގެފާނުގެ މަތިވެރި ޚުލްޤުފުޅާ އެއްފަދައެއް ނޫނެވެ. އެކަލޭގެފާނަށް ލިބިވަޑައިގެންފައިވާ މަތިވެރިކަމާއި މަޤާމް، އަހަރެމެންނާ އެއްފަދައެއް ނޫނެވެ.

ފަހެ، އެކަލޭގެފާނަކީ އަހަރެމެން ފަދަ އިންސާނެއް ކަމަށްވަންޏާ، އަދި އަހަރެމެންނާ އެއްގޮތް ކަމަށްވަންޏާ، އަހަރެމެން ކުށްކުރާ ފަދައިން އެކަލޭގެފާނު ވެސް ކުށެއް ކުރައްވާފާނެހެއްޔެވެ؟

މި ސުވާލުގެ ޖަވާބަކީ: ރަސޫލުބޭކަލަކަށް ކުރެއްވޭ ކުށެއް، ވާނެ އެއްގޮތަކީ:

1- ﷲ ގެ ވަޙީ އިންސާނުންނަށް ފޯރުކޮށްދެއްވާ، އަދި އެކަލާނގެ ޝަރީޢަތް ބަޔާންކޮށްދެވުމުގައެވެ. މިފަދަ ކުށެއް އެކަލޭގެފާނު، އަދި އެއްވެސް ރަސޫލުބޭކަލަކު، ކުރެއްވުމަކީ މުޅިން މުސްތަޙީލުކަމެކެވެ. އެހެނީ، ދީން ފޯރުކޮށްދެއްވުމުގައި ނުވަތަ ޝަރީޢަތް ބަޔާންކޮށްދެއްވުމުގައި، ކީރިތި ރަސޫލާ އަމިއްލަފުޅަކަށް އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ. وَمَا يَنْطِقُ عَنْ الْهَوَى (3) إِنْ هُوَ إِلاَّ وَحْيٌ يُوحَى (4)
އާޔަތުގެ މާނަ: ''އަދި އެކަލޭގެފާނު އަމިއްލަ އެދުންފުޅަކަށް ވާހަކަފުޅެއް ނުދައްކަވާމެއެވެ. (3) އެއީ އެކަލޭގަފާނަށް އިއްވަވާ ވަޙީއެއްކަމުގައި ނޫނީ ނުވެއެވެ.(4)'' (އައްނަޖްމު: 3-4)

يَا أَيُّهَا النَّاسُ قَدْ جَاءَكُمْ الرَّسُولُ بِالْحَقِّ مِنْ رَبِّكُمْ
އާޔަތުގެ މާނަ: ''އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ޙައްޤު ދީނާއިގެން، ރަސޫލާ ތިޔަބައިމީހުންގެ ގާތަށް ވަޑައިގެންފިއެވެ.'' (އައްނިސާ: 170)

އަދި ރަސޫލުކަމާއިގެން ފޮނުއްވުމަށް ފަހު، ރަސޫލުބޭކަލެއްގެ ކިބައިން ފާފައެއް ވުމަކީ، ނުވަތަ އެބޭކަލުންގެ ޢަދާލަތްތެރިކަމުގައި ކޫރުން އެޅޭފަދަ ކަމެއް ކުރެއްވުމަކީ، ނުވަތަ މުރުއްވަތްތެރިކަމާއި މާތް ސިފަތަކާ ޚިލާފު ކަމެއް ކުރެއްވުމަކީވެސް މުސްތަޙީލު ކަމެކެވެ. އެހެނީ މާތް ﷲ ރަސޫލުބޭކަލުން ފޮނުއްވަނީ ނަމޫނާއެއް ކަމުގައެވެ. ރަސޫލުބޭކަލުންނަށް ތަބާވެ އެބޭކަލުން ނަމޫނާއަކަށް ބަލައި، އެބޭކަލުންގެ ސުންނަތާ އެއްގޮތަށް އުޅުމަކީ، މުސްލިމުންގެ މައްޗަށް މާތް ﷲ އަމުރުކުރައްވާފައިވާ ކަމެކެވެ. لَّقَدْ كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ
އާޔަތުގެ މާނަ: ''ހަމަކަށަވަރުން، ﷲ ގެ ރަސޫލާގެ ކިބައިގައި، ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވިއެވެ.'' (އަލްއަޙްޒާބު: 21)

ހުރިހާ ރަސޫލު ބޭކަލުންނަކީ ވެސް އަހަރެމެންނަށް ވާ ނަމޫނާއެކެވެ. لَقَدْ كَانَ لَكُمْ فِيهِمْ أُسْوَةٌ حَسَنَةٌ
އާޔަތުގެ މާނަ: ''އެބޭކަލުންގައި ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއް ވާކަން ކަށަވަރެވެ.'' (އަލްމުމްތަޙަނާ: 6)

ވީމާ އެބޭކަލުންނަކީ ނަމޫނާއެއް ކަމުގައި ވާހިނދު، ފާފަތަކާއި އުނިކަމުން އެބޭކަލުން މަޢްޞޫމުވެވަޑައިގަންނަވައެވެ.

2- ކުށެއް ކުރެއްވޭނެ އަނެއް ގޮތަކީ، ދީނާ ގުޅުން ހުރި، ނަމަވެސް ވަޙީ ބާވައިލައްވާފައި ނުވާ ކަމެއްގައި ރަސޫލާ އަމިއްލަފުޅު އިޖްތިހާދެއް ކުރައްވާ، ކުރައްވާ ކަމެއްގައެވެ. މިފަދަ ކަމެއްގައި ރަސޫލަކަށް ކުށެއް ކުރެއްވިވަޑައިގަތުމަކީ ވެދާނެ ކަމެކެވެ. ނަމަވެސް މާތް ﷲ، އެކުށް ބަޔާންކުރައްވާ، ކުށް ރަނގަޅުކޮށްދެއްވާނެއެވެ. މީގެ މިސާލަކީ ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަރިހަށް އައި އަނދިރި މީހާގެ ހާދިސާއާއި، ބަދުރު ހަނގުރާމައިގެ އަސީރުންނާ މެދު އެކަލޭގެފާނު ކަންތައް ކުރެއްވި ގޮތެވެ. މި ދެ ހާދިސާއަކީ ވެސް، ވަޙީ ބާވައިލައްވާފައި ނެތީމާ، ކީރިތި ރަސޫލާ އަމިއްލަފުޅަށް ކުރެއްވި އިޖްތިހާދެކެވެ. ނަމަވެސް އެއީ ރަނގަޅު ގޮތަށް ނުވުމުން، މާތް ﷲ އެކަން ބަޔާންކުރައްވާ ރަނގަޅު ގޮތް އެންގެވިއެވެ.

ލޯ އަނދިރި މީހާ ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަރިހަށް އައި ހާދިސާއާމެދު އަހަރެން ވިސްނާލީމެވެ. އެދުވަހު ރަސޫލާ ކަންތައް ކުރެއްވި ގޮތަށް ކަންތައް ކުރައްވާފައި، ޢަބަސަ ސޫރަތް ފެއްޓޭއިރު އެވާ އާޔަތްތައް ބާވައިނުލައްވާ، ދެން ދުނިޔޭގެ ބުއްދިވެރިންނާއި ސިޔާސީ މީހުންނާއި ޢިލްމުވެރިން ގާތު، އެމީހުން އެކަމާ މެދު ދެކެނީ ކިހިނެއްތޯ ސުވާލުކުރެވިއްޖެނަމަ، ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އެ ދުވަހު ކަންތައް ކުރެއްވީ ގޯސްކޮށޭ، އޭގެ ތެރެއިން އެކަކުވެސް ބުނެފާނެބާވައޭ އަހަރެން ހިތަށް އެރިއެވެ. އަހަރެންނަށް ޤަބޫލުކުރެވޭ ގޮތުގައި އެ އެންމެންވެސް ދެކޭނީ އެ ދުވަހު އެކަލޭގެފާނު ކަންތައް ކުރެއްވީ ކުރަންވާ އެންމެ ރަނގަޅަށް ކަމަށެވެ.

ނިކަން ވިސްނާބަލާށެވެ. އެތާ ތިބީ ޤައުމުގެ ބޮޑުންނެވެ. ކީރިތި ރަސޫލާ ހުންނެވީ އެމީހުންނަށް އިސްލާމްދީން ހުށައަޅާ ދެއްވާ، އެއިން މީހަކު ދީނަށް ވެއްދޭތޯ މަސައްކަތް ކުރެއްވުމުގާ މަޝްޣޫލުވެވަޑައިގެންނެވެ. އެންމެ މީހަކު އިތުރުވިޔަސް އެއީ ދީނުގެ ދަޢްވަތަށް ލިބޭ ނަޞްރެކެވެ. އެހެން ހުންނަވަނިކޮށް، އެކަލޭގެފާނަށް ތަބާވެވަޑައިގެންފައިވާ މުސްލިމުންގެ ތެރެއިން މީހަކު، ކޮންމެހެން މާ އަވަސް ނޫން މައްސަލައެއްގައި، އަދި ޖަވާބު ދިނުން ކުޑަކޮށް ލަސްވިޔަސް ގެއްލުމެއް ނެތް ކަމަކާ ބެހޭ ގޮތުން ސުވާލު ކުރަން އައީއެވެ. ފަހުން އެހެން ވަގުތެއްގައި ވެސް އޭނާއަށް އެ ސުވާލުކުރެވިދާނެއެވެ. ދެން އެހެންވެ ކުރައްވަން ހުންނެވި ކަންތައް ނިމިވަޑައިގަންނަވަންދެން، ޖަވާބު ދެއްވުން އިތުރު އެކަލޭގެފާނު ލަސްކުރެއްވީއެވެ. މިނުން އެހެން ގޮތަކަށް އެއްވެސް މީހަކު ކަންތަށް ކޮށްފާނެހެއްޔެވެ؟! ކީރިތި ރަސޫލާ އެ ދުވަހު ކަންތައް ކުރެއްވީ ރަނގަޅަށް ކަމަށް ނުދެކޭނެ މީހަކު ދުނިޔޭގައި ހުރެދާނެހެއްޔެވެ؟

ޝައްކެއްވެސް ނެތް ގޮތުގައި، އިންސާނުން ވިސްނާ މިންގަނޑުން ބަލާނަމަ، ރަނގަޅު ގޮތަކީ އެއީއެވެ. ނަމަވެސް އެކަން ބަލާނެ އެހެން މިންގަނޑެއް، ﷲ ގެ ވަޙީ ބަސްފުޅުން ބާވައިލެއްވިއެވެ. އިންސާނުން ގެ ތިލަފަތަށް ވުރެ، އިލާހީ ތިލަފަތް ފުރިހަމަވެފައި ބަރާބަރުކަން ބަޔާންކުރެއްވިއެވެ. އަދި ބުއްދި އުފެއްދެވި ފަރާތުގެ ޙުކުމް، ބުއްދީގެ ޙުކުމަށް ވުރެ ރަނގަޅުވެފައި ފުރިހަމަވާނެކަން ހާމަކޮށްދެއްވިއެވެ.

ބަދުރު ހަނގުރާމައިގެ އަސީރުންގެ މައްސަލާގައި ވެސް ވީ ހަމަ މިކަހަލަ ގޮތެކެވެ. އެ ދުވަހު ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ކަންތައް ކުރެއްވީ ރަނގަޅަށް ނޫންކަމަށް ބެލެވެނީ ﷲ ގެ ޙުކުމްފުޅަށް ނިސްބަތްކުރުމުންނެވެ. އެދުވަހުގެ އެ ހާދިސާއާ މެދު ވަޙީގެ ބަސްފުޅު ބާވައިނުލެއްވިނަމަ، ބުއްދިވެރި އެންމެންވެސް ދެކޭނީ އެއީ ރަނގަޅު ގޮތް ކަމަށެވެ. މަތިވެރި ޤާޢިދެއްގެ ހައިސިއްޔަތުން އެދުވަހު އެކަލޭގެފާނަށް ކުރެއްވުނީ، މީހުންގެ ޢުރުފުން ބަލާއިރު ކުށެއް ނޫނެވެ. ނަމަވެސް، އެއީ އެންމެ ފުރިހަމަ ގޮތް ނޫންކަން މާތް ﷲ މޮޅަށް ދެނެވޮޑިގަންނަވާތީ، އެގޮތް ރަނގަޅު ކުރައްވަން ވަޙީބަސްފުޅު އިއްވެވީއެވެ. މިއިން ދޭހަވާ ކަމަކީ، އުޑުން ބާވައިލެއްވޭ ވަޙީއަކީ ބިމުގެ ޙިކްމަތްތެރިކަމަށް ވުރެ މާ ފުރިހަމަ، މާ މޮޅު، މާ މަތީގައިވާ އެއްޗެއް ކަމެވެ.

3- ކުށެއް ކުރެއްވިދާނެ އަނެއް ގޮތަކީ، އިދާރީ ކަމެއްގައި ނުވަތަ ހަނގުރާމައެއްގައި ކުށެއްވުމެވެ. މިއީވެސް ރަސޫލުބޭކަލެއްގެ ފަރާތްޕުޅުން ވެދާނެ ކަމެކެވެ. އެހެނީ އެބޭކަލުންނަކީ އިންސާނުންނެވެ. މިކަލަހަ ކަންތަކުގައި އެބޭކަލުން ވިސްނާވަޑައިގަންނަވަނީ އިންސާނުން ވިސްނާގޮތަށެވެ. ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ޙަޔާތްޕުޅުގައި، މިފަދަ ދުންޔަވީ ކަންކަމުގައި އެކަލޭގެފާނު ނަންގަވާ ޤަރާރަކީ، އެއީ ވަޙީގެ ބަސްފުޅެއް އައިސްގެން ނެންގެވި ޤަރާރެއްތޯ ނުވަތަ އެކަލޭގެފާނުގެ އަމިއްލަފުޅު އިޖްތިހާދެއްތޯ، ޞަޙާބީބޭކަލުން ސުވާލުދަންނަވައެވެ. ދެން އެކަމުގައި ވަޙީގެ ބަސްފުޅެއް ނެތް ކަމަށާއި އަދި އެއީ އަމިއްލަފުޅު ރައުޔެއް ކަމަށް ކީރިތި ރަސޫލާ ޙަދީޘްކުރައްވައިފިނަމަ، އެކަމަކާ ބެހޭގޮތުން ޞަޙާބީބޭކަލުން އެބޭކަލުންގެ ޚިޔާލު ހުށައަޅުއްވައެވެ. ބައެއްފަހަރު ކީރިތި ރަސޫލާ އެ ޚިޔާލުތަކުގައި ހިއްޕަވައެވެ. އަނެއްބައި ފަހަރު ރައްދުކުރައްވައެވެ.

ބަދުރު ހަނގުރާމައިގެ ދުވަހު ލަޝްކަރު ޖަގަހަ ޖަހާނެތަނެއް އިޚްތިޔާރު ކުރެއްވުމުގައި ދިމާވީ މި ބުނި ކަހަލަ ގޮތެކެވެ. ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- މަޑުކުރެއްވީމާ، އެތަނަކީ މާތް ﷲ ވަޙީ ބާވައިލައްވައިގެން މަޑުކުރެއްވި ތަނެއްތޯ ޞަޙާބީން ދެންނެވިއެވެ. ނަމަވެސް އެއީ އެކަލޭގެފާނުގެ އަމިއްލަފު ރައުޔަށް އިޚްތިޔާރު ކުރެއްވި ތަނެއްކަން ޞަޙާބީންނަށް އެނގިވަޑައިގަތީމާ، އެހެން ތަނެއްގައި މަޑުކުރެއްވުމަށް ޚިޔާލު އެރުވިއެވެ. އަދި ކީރިތި ރަސޫލާ އެ ޚިޔާލު ޤަބޫލުފުޅުކުރައްވާ، އަމިއްލަފުޅު ރައުޔު ދޫކުރެއްވިއެވެ. ޚަންދަޤު ހަނގުރާމައިގައި މަދީނާ ވަށައިގެން ކޯރު ކޮނުމުގައި ވެސް އެކަލޭގެފާނު ޞަޙާބީންގެ ރައުޔުގައި ހިއްޕެވިއެވެ.

4- ކުށެއް ކުރެއްވިދާނެ އަނެއް ގޮތަކީ، މުޅިން ދުންޔަވީ ކަމެއްގައި ކުށެއް ކުރެއްވުމެވެ. ކައިރިން ވެސް ދުރުން ވެސް ދީނާ ގުޅުމެއް ނެތް ޚާލިޞް ދުންޔަވީ ކަންކަމުގައި، ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އެކަލޭގެފާނުންގެ އަމިއްލަފުޅު ރައުޔެއް ދެއްވާފައިވުމަކީ އެކަށީގެންވާކަމެކެވެ. މިގޮތުން ދަނޑުވެރިކަމާއި ޞިނާޢަތާއި ބޭސްވެރިކަން ފަދަ، އޭގެ އަހުލުވެރިންނަށް ނޫނީ ނޭނގޭ ކަންކަމުގައި އިތުރު އެކަލޭގެފާނު ދެއްވާ ރައުޔު ފަހަރެއްގައި ނުބައިވެދާނެއެވެ. މިސާލެއްގެ ގޮތުން، މަދީނާއަށް ހިޖުރަކުރެއްވުމަށް ފަހު، އެ ރަށު މީހުން ކަދުރުރުއް ޖޯޑުކުރުވާތަން ފެނިވަޑައިގެންފައި، އެކަން ނުކުރިއަސް ރަނގަޅުވާނެހެން ހީފުޅުވާކަމަށް ވިދާޅުވިއެވެ. ނަމަވެސް ރަސޫލާ ވިދާޅުވި ހީފުޅު ބަސްފުޅެއްގައި ހިފައިގެން މާ ޖޯޑުނުކުރުވި މީހުންގެ ރުކުގައި އެފަހަރު ކަދުރު އެޅީ މަދުންނެވެ. މިއީ ފަހަރެއްގައި ވެސް އައިބެއް ނުވަތަ އުނިކެއް ނޫނެވެ. އެހެނީ، ކިތަންމެ މޮޅު މީހަކަށް ވެސް -ދުނިޔޭގެ އެންމެ މޮޅު މީހާއަށް ވިޔަސް- ދަނޑުވެރިންނާއި އުފެއްދުންތެރިންނާއި މިހެން ގޮސް ހުރިހާ މަސައްކަތެއްގެ އަހުލުވެރިންނަށް އެނގޭ ކަންކަން، އެނގޭކަށް ނުޖެހެއެވެ.

ކަދުރުރުއް ޖޯޑުކުރުވުމަކީ، ދަނޑުވެރިކަމާ ގުޅުންހުރި މައްސަލައެކެވެ. އެކަލޭގެފާނަށް ހީފުޅުވެވަޑައިގަތް އަމިއްލަ ޚިޔާލުފުޅެއް ފާޅުކުރެއްވީމާ، ދަނޑުވެރިން އެގޮތަށް ހެދީއެވެ. އެހެން ހަދަން އިތުރު އެކަލޭގެފާނު އެމީހުންނަކަށް އަމުރެއް ނުކުރައްވައެވެ. އަދި އެއީ ދީނުގެ ތެރެއިންވާ ކަމެކޭ ވެސް ޙަދީޘެއް ނުކުރައްވައެވެ.

އެކަލޭގެފާނު ދެއްވި ރައުޔު ނުބައިކަން އެނގިވަޑައިގަތީމާ، ދީނުގެ ކަމެއްގައި ޙަދީޘްކުރައްވާ އެއްޗެއްގައި ހިފުމަށާއި، ޚާލިޞް ދުނިޔޭގެ ކަންކަން އެބަޔަކަށް މާ ރަނގަޅަށް އެނގޭނޭ، ޙަދީޘްކުރެއްވިއެވެ.

ރަސޫލާއަށް ޣައިބެއް އެނގިވަޑައިނުގަންނަވާ:

ކީރިތި ރަސޫލާއަށް ޣައިބު އެނގިވަޑައި ނުގަންނަވާކަން، ޤުރުއާނުގައި ނިކަން ޞަރީޙަކޮށް ބަޔާންކުރައްވާފައިވެއެވެ. އަދި އިތުރު އެކަލޭގެފާނަށް ޣައިބުގައިވާ ކަމެއް އެނގިވަޑައި ނުގަންނަވާކަން މީސްތަކުންނަށް އަންގަވާ ޚަބަރު ދެއްވުމަށް ވެސް، މާތް ﷲ، ކީރިތި ރަސޫލާއަށް އަމުރުކުރައްވާފައިވެއެވެ. قُل لَّا أَقُولُ لَكُمْ عِندِي خَزَائِنُ اللَّهِ وَلَا أَعْلَمُ الْغَيْبَ وَلَا أَقُولُ لَكُمْ إِنِّي مَلَكٌ ۖ إِنْ أَتَّبِعُ إِلَّا مَا يُوحَىٰ إِلَيَّ
އާޔަތުގެ ތަފްސީރީ މާނަ: ''ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނުގެ ގާތުގައި ﷲ ގެ ޚަޒާނާތައް ވާކަމަކަށް، ނުވަތަ ތިމަންކަލޭގެފާނަށް ޣައިބު އެނގިވަޑައިގަންނަވާ ކަމަކަށް ތިޔަބައިމީހުންގެ ގާތަކު ތިމަންކަލޭގެފާނު ވިދާޅެއްނުވަމެވެ. އަދި ތިމަންކަލޭގެފާނަކީ މަލާއިކަތެކޭވެސް ތިޔަބައިމީހުންގެ ގާތަކު ވިދާޅެއްނުވަމެވެ. އެކަމަކު ތިމަންކަލޭގެފާނަކީ ﷲ ފޮނުއްވެވި ރަސޫލެކެވެ. އެކަލާނގެ ވަޙީ އިއްވަވާ ގޮތަކަށް މެނުވީ ތިމަންކަލޭގެފާނު ތަބާވެވަޑައެއް ނުގަންނަވަމެވެ.'' (އަލްއަންޢާމް: 50)

ކީރިތި ރަސޫލާ ވަނީ މިކަން މިސްތަކުންނަށް ކިޔާދެއްވާ އަންގަވާދެއްވާފައެވެ. އަދި މިއާޔަތްތައް މީސްތަކުންނަށް ކިޔަވާވިދާޅުވެދެއްވިއެވެ.

ރަސޫލުން ވަރަށް ގިނައެވެ. ނަމަވެސް ރިސާލާތްތަކުގެ އަސްލަކީ އެކައްޗެކެވެ:

ކުރީގެ އުއްމަތްތަކުގެ ތެރެއިން ކޮންމެ އުއްމަތަކަށް ވެސް ރަސޫލުބޭކަލަކު ފޮނުއްވިކަން، ކީރިތި ޤުރުއާނުގައި މާތް ﷲ ބަޔާންކުރައްވާފައިވެއެވެ. وَإِنْ مِنْ أُمَّةٍ إِلاَّ خلا فِيهَا نَذِيرٌ
އާޔަތުގެ ތަފްސީރީ މާނަ: ''އަދި ކުފުރުވެ މަގުފުރެދިގަންނަ މީހުންނަށް ލިބެންހުރި ޢަޛާބާއި މެދު، އިންޒާރުކުރައްވާ ބޭކަލަކު ވަޑައިނުގަންނަ، އެއްވެސް އުއްމަތެއް ނުވެއެވެ.'' (ފާޠިރު: 24)

ނަމަވެސް އެ ހުރިހާ ބޭކަލުންގެ ވާހަކައެއް ނުވަތަ ނަންފުޅެއްވެސް، ޤުރުއާނުގައި މާތް ﷲ ހާމަކުރައްވާފައި ނެތެވެ. ޤުރުއާނުގައި ނަންގަނެވިގެންވަނީ އޭގެ ތެރެއިން ބައެއް ރަސޫލުބޭކަލުންގެ ވާހަކައެވެ. وَرُسُلًا قَدْ قَصَصْنَاهُمْ عَلَيْكَ مِن قَبْلُ وَرُسُلًا لَّمْ نَقْصُصْهُمْ عَلَيْكَ
އާޔަތުގެ ތަފްސީރީ މާނަ: ''މި އާޔަތުގެ ކުރިން، އެ ރަސޫލުންގެ ވާހަކަ ތިމަންރަސްކަލާނގެ ކަލޭގެފާނަށް ކިޔައިދެއްވާފައިވާ ރަސޫލުންނާއި، ކަލޭގެފާނަށް އެ ރަސޫލުންގެ ވާހަކަ، ތިމަންރަސްކަލާނގެ ކިޔައިދެއްވާފައިނުވާ ރަސޫލުން، ތިމަންރަސްކަލާނގެ ފޮނުއްވީމެވެ.'' (އައްނިސާ: 164)

މާތް ﷲ ފޮނުއްވެވި ހުރިހާ ރަސޫލު ބޭކަލުން ވެސް ވަޑައިގަތީ، ﷲ ގެ އެއްކައުވަންތަކަމަށް ގޮވާލެއްވުމަށެވެ. އަދި އެ ހުރިހާ ބޭކަލުން ވެސް ގޮވާލެއްވީ، އާޚިރަތް ދުވަހަށް އީމާންވުމަށެވެ. ﷲ ގެ ޝަރީޢަތަށް ކިޔަމަންވެ ބޯ ލެނބުމަށެވެ. ވީމާ އިސްލާމްދީނާއި، ކުރީގެ ސަމާވީ ދީންތަކުގެ އަސްލަކީ ހަމަ އެކައްޗެކެވެ. شَرَعَ لَكُم مِّنَ الدِّينِ مَا وَصَّىٰ بِهِ نُوحًا وَالَّذِي أَوْحَيْنَا إِلَيْكَ وَمَا وَصَّيْنَا بِهِ إِبْرَاهِيمَ وَمُوسَىٰ وَعِيسَىٰ ۖ أَنْ أَقِيمُوا الدِّينَ وَلَا تَتَفَرَّقُوا فِيهِ
އާޔަތުގެ ތަފްސީރީ މާނަ: ''ތިޔަބައިމީހުންނަށްޓަކައި، އެކަލާނގެ ޝަރުޢުކުރެއްވި އިސްލާމްދީނަކީ، އެކަލާނގެ ނޫޙުގެފާނަށް ވަޞިއްޔަތްކުރެއްވި ދީނެވެ. އަދި ތިމަންރަސްކަލާނގެ ކަލޭގެފާނަށް ވަޙީކުރެއްވި ދީނެވެ. އަދި އިބްރާހީމްގެފާނަށާއި، މޫސާގެފާނަށާއި، ޢީސާގެފަށް ވަޞިއްޔަތްކުރެއްވި ދީނެވެ. އެ ވަޞިއްޔަތަކީ، ތިޔަބައިމީހުން ﷲ އެއްކައުވަންތަކޮށް، ހަމައެކަނި އެކަލާނގެއަށް އަޅުކަންކޮށް، ދީނުގައި އަމުރުކުރެއްވި ކަންކަމާމެދު ބައިބައި ނުވެ، ދީން ޤާއިމުކުރާށެވެ.'' (އައްޝޫރާ: 13)

އަދި މާތް ﷲ ކުރީގެ ހުރިހާ ރަސޫލުން ފޮނުއްވެވީ، އެބޭކަލެއްގެ ޤައުމުގެ މީހުންގެ ގާތަށެވެ. ކޮންމެ ޤައުމަކަށް ވެސް ވަޑައިގަންނަވަނީ އެޤައުމެއްގެ ބަހުން ވާހަކަ ދައްކަވާ ރަސޫލުބޭކަލެކެވެ. وَمَا أَرْسَلْنَا مِنْ رَسُولٍ إِلاَّ بِلِسَانِ قَوْمِهِ لِيُبَيِّنَ لَهُمْ
އާޔަތުގެ މާނަ: ''ތިމަންރަސްކަލާނގެ އެއްވެސް ރަސޫލަލު އެބޭކަލެއްގެ ޤައުމުގެ މީހުންގެ ބަހުން ވާހަކަދައްކަވާ ބޭކަލެއްގެ ގޮތުގައި މެނުވީ ނުފޮނުއްވަމެވެ.'' (އިބްރާހީމް: 4)

ދެން އެއަށްފަހު، ހުރިހާ ރިސާލަތެއްގެ ސިއްކަޖައްސަވާ، އެންމެ ފަހުގެ ރަސޫލުކަމުގައި، މި އުއްމަތުގެ މާތް ރަސޫލާ މުޙައްމަދު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ފޮނުއްވެވިއެވެ. އަދި އެކަލޭގެފާނުގެ ރިސާލަތަކީ ދުނިޔޭގެ ހުރިހާ އެންމެންނަށް އޮތް ރިސާލަތެއް ކަމުގައި ލެއްވިއެވެ. އެކަލޭގެފާނަށް ފަހު ރަސޫލަކު ނުވެއެވެ. އެކަލޭގެފާނު ސުވަރުގެވަޑައިގަތުމަށް ފަހު، އުޑުން ބިމަށް ވަޙީއެއް ބާވައިނުލައްވައެވެ. އަދި އިސްލާމްދީނަކީ އެންމެ ފަހުގެ ދީންކަމުގައި ލައްވާ، މި ދީނަކީ އެކަލާނގެ ރުހިވޮޑިގަންނަވާ ދީންކަން، ޤުރުއާނުގައި ވަޙީކުރެއްވިއެވެ. الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمْ الإِسْلامَ دِيناً
އާޔަތުގެ ތަފްސީރީމާނަ: ''ނަޞްރު ދެއްވާ، ޝަރީޢަތް ފުރިހަމަކުރައްވާ، މިއަދު ތިޔަބައިމީހުންގެ ދީން، ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިޔަބައިމީހުން ޖާހިލިއްޔަތުގެ އަނދިރިކަމުގެ ތެރެއިން، އީމާންކަމުގެ އަލިކަމަށް ގެންނަވާ، ތިމަންރަސްކަލާނގެ ނިޢްމަތް، ތިޔަބައިމީހުންގެ މައްޗަށް ފުރިހަމަކޮށްދެއްވައިފީމެވެ. އަދި އިސްލާމްދީން، ތިޔަބައިމިހުނަށް ދީނެއްކަމުގައި، ތިމަންރަސްކަލާނގެ ރުހިވޮޑިގެންފީމެވެ. އެ ނުން ދީނަކީ ތިމަންރަސްކަލާނގެ ޤަބޫލުކުރައްވާނެ ދީނެއް ނޫނެވެ.'' (އަލްމާއިދާ: 3)

ސުވާލަކާއި ޖަވާބެއް:

ކުރީގެ ހުރިހާ ރަސޫލުބޭކަލުންވެސް ހަމައެކަނި އެބޭކަލެއްގެ ޤައުމުގެ މީހުންގެ ގާތަށް ވަޑައިގެންފައި، މުޙައްމަދުގެފާނުގެ ރިސާލަތް އެއީ މުޅި ދުނިއެއަށް، އެންމެހާ މީސްތަކުންނަށް އޮތް އެއްޗަކަށް ވީ ކީއްވެގެންހޭ؟، މީހަކު ހިތަށް އަރާފާނެއެވެ. އަދި ކުރީގެ ޝަރީޢަތްތައް ނަސްޚުކުރެވި ނުވަތަ ބަދަލުވެފައިވާއިރު، މުޙައްމަދުގެފާނު ގެންނެވި ޝަރީޢަތް ނަސްޚު ނުވެ އަދި ބަދަލެއްވެސް ނުވެ، ޤިޔާމަތާ ޖެހެންދެން އޮންނާނީ ކިހިނަކުންހޭ؟ ވެސް، މީހަކު ހިތަށް އަރާފާނެއެވެ.

މި ސުވާލުގެ ޖަވާބަކީ:

ކުރީގެ ރަސޫލުބޭކަލުން ގެންނެވި ޝަރީޢަތްތަކާ ޚިލާފަށް، އިސްލާމީ ޝަރީޢަތް އައިސްފައިވަނީ ހުރިހާ ޒަމާނަކަށް ވެސް އަދި ހުރިހާ ތަނަކަށް ވެސް ފެތޭ، އެއްޗެއް ގޮތުގައެވެ. އިސްލާމްދީނުގައި، ޢަޤީދާތަކާއި އަޅުކަންތަކުގައި، އައިސްފައިވަނީ ތަފްޞީލުކޮށް ބަޔާންކުރެވިފައިވާ ޤަޠްޢީ ނައްޞުތަކެކެވެ. އެއީ އުނިއިތުރެއް ނުވަތަ އެއްވެސް ބަދަލެއް ގެނެވޭނެ ކަންކަމެއް ނޫނެވެ. އެހެނީ، ޢަޤީދާއާއި ﷲ އަށް އަޅުވެތިކަން އަދާކުރުމަކީ، ޒަމާން ބަދަލުވުމަކުން، ތަން ބަދަލުވުމަކުން، ބަދަލުވާންޖެހޭ ކަމެއް ނޫނެވެ.

އަނެއްކޮޅުން، ވެރިކަމުގެ ނިޒާމާއި، ވިޔަފާރީގެ މުޢާމަލާތްތަކާއި، އިދާރީ ހިންގުމަކީ، ޒަމާނާއި ތަނާއި އާދަކާދަ ބަދަލުވާ ވަރަކަށް ބަދަލުވާ އެއްޗެކެވެ. އެހެންވެ މި ކަންކަމާ ބެހޭ ގޮތުން ދީނުގައި އައިސްފައިވަނީ، ޢާއްމު ނައްޞުތަކަކާއި ޢާއްމު ޤަވާޢިދުތަކެކެވެ. އެހެން ގޮތަކަށް ބުނާނަމަ، މައިގަނޑު އުޞޫލުތަކެއް ކަނޑައަޅާދީފައެވެ. ދެން، އުޅޭ ޒަމާނަކާއި، ތަނަކާ އެކަށީގެންވާ ގޮތަކަށް، އެ ކަންކަން ކުރުން ވަނީ އަހަރެމެންނަށް ދޫކޮށްލެވިފައެވެ. ނަމަވެސް ދީނުގައި ކަނޑައަޅާފައިވާ ޢާއްމު ޤަވާޢިދުން ބޭރުވެގެން ނުވާނެއެވެ. ކުރުގޮތަކަށް މީގެ ބައެއް މިސާލު ހުށައަޅާ ދޭނަމެވެ:

މިސާލަކަށް އިސްލާމްދީން ކަނޑައަޅާފައި ވަނީ، މުސްލިމުންގެ ވެރިއަކަށް ހުންނަންވާނީ ރައްޔިތުންގެ ރުހުން ލިބިގެން އިންތިޚާބުކުރެވޭ މީހެކެވެ. އަދި އެމީހެއްގެ ކިބައިގައި ވެރިކަން ކުރެވޭނެ ޤާބިލުކަން ހުންނަންޖެހެއެވެ. އަދި ހަމައެހެންމެ، މުސްލިމުންގެ ދުސްތޫރުކަމުގައިވާ ކީރިތި ޤުރުއާނަށް އޭނާ ކިޔަމަންވާންޖެހޭނެއެވެ. އަދި ކަމުވޮށިގެންވާ މީހުންނާ، ކަންކަމުގައި މަޝްވަރާކުރަންޖެހޭނެއެވެ. މިއީ ވެރިކަން ކުރުމުގައި އިސްލާމްދީން ކަނޑައަޅާފައިވާ މައިގަނޑު އުޞޫލުތަކެވެ.

ދެން އިންތިޚާބުކުރާނެ ގޮތަކާއި، ކަމުވޮށިގެންވާ މީހުން ޢައްޔަންކުރާނެ މަގަކާއި، މަޝްވަރާކުރާނީ ކިހިނެއްކަން، ކަނޑައެޅުން އެއީ އަހަރެމެންނަށް ދޫކުރެވިފައިވާ ކަންކަމެވެ. އޭރަކަށް އެންމެ ރަނގަޅު އެންމެ އެކަށީގެންވާ ގޮތެއް އިޚްތިޔާރު ކުރީމާ ނިމުނީއެވެ.

އަދި އިސްލާމްދީން އަހަރެމެންގެ މައްޗަށް ވާޖިބުކޮށްފައިވަނީ، ޙުކުމް ކުރުމުގައި ޢަދުލުވެރިވުމަށެވެ. ކިއެއްތަ، ކޮންމެ ކަމެއްގައި ވެސް، ކޮންމެ ތަނެއްގައި ވެސް، އިންސާފާއި ޢަދުލުވެރިކަމުގައި ހިފުމަކީ، މުސްލިމުންގެ މައްޗަށް ލާޒިމު ކަމެކެވެ. ނަމަވެސް ޢަދުލުވެރިކޮށް ޙުކުމްކުރާނެ ވަކި ގޮތެއް، ޤާޟީން ޢައްޔަންކުރާނީ ކިހިނެއްކަން، ޢަދާލަތުގައި މައްސަލަ ހުށައަޅާނެ ގޮތްތައް، ދީނުގައި ކަނޑައަޅާފައި ނެތެވެ. މިއީ މުސްލިމުންނަށް ދޫކޮށްލެވިފައިވާ ކަންކަމެވެ.

މުޢާމަލާތުގެ ދާއިރާގައިވެސް، ޢަޤުދުކުރާ މީހުންގެގައިގައި ހުންނަންޖެހޭ އަހުލިއްޔަތާއި، މިނިވަން އިޚްތިޔާރާއި، ޢަޤުދުގެ ޢިބާރާތްތަކާއި ޢަޤުދުކުރެވޭ އެއްޗަކާއި، ބެހޭގޮތުން ދީނުގައިވަނީ ޢާއްމު ޤަވާޢިދުތަކެއް ކަނޑައަޅާފައެވެ. އަދި ފަރުދުންނަށާއި މުޖްތަމަޢަށް ގެއްލުން ހުންނަ ބައެއްކަހަލަ ޢަޤުދުތަކާއި (މިސާލަކަށް ރިބާ، ޖުވާ)، ޣަރަރު ހިމެނޭ ޢަޤުދުތައް (މިސާލަކަށް ވިޔަފާރި އިންޝުރެންސް) މަނާކުރިއެވެ. ނަމަވެސް ވިޔަފާރިއާއި ޢަޤުދުތަކުގެ ތަފްޞީލީ ކަންކަން ވަނީ އަހަރެމެންނަށް ދޫކޮށްލާފައެވެ. އަދި އިސްލާމްދީނުގައި ވަނީ މަސައްކަތްތަކާއި މުޢާމަލާތްތަކުގައި އަސްލަކީ ހުއްދަވެ ޙަލާލުވުންކަން، ކަނޑައަޅާފައެވެ. ޙަރާމްކުރާ ނައްޞެއް އައިސްފައި ނެތިއްޔާ، ނުވަތަ އޭގެ ތެރެއަށް ޙަރާމްކަމެއް ނުވަންނަންޏާ، މުޢަމަލާތެއް ޙަރާމެއް ނުވާނެއެވެ.

ދީނުގައި ވާޖިބުކޮށްފައި ވެސް ނެތް، އަދި ނަހީކޮށްފައި ވެސް ނެތް ކަންކަމުގައި، މުޖްތަމަޢުގެ މަޞްލަޙަތަށްޓަކައި އުފެއްދޭ ޤާނޫނުތަކާއި ޤަވާޢިދުތަކަކީ، އެއީ މުސްލިމުން ކިޔަމަންވެ ބޯލަނބަންޖެހޭ އެއްޗެކެވެ. މުސްލިމް ވެރިއަކު އެފަދަ ކަމެއް އަމުރުކޮށްފިއްޔާ، ކިޔަމަންވުން ދީނީ ގޮތުން ވާޖިބުވެއެވެ. މީގެ މިސާލަކީ، މާލިއްޔަތާ ބެހޭ ޤާނޫނުތަކާއި، ދަޢްވާހުށައެޅުމުގެ ޤާނޫނުތަކާއި، އިދާރީ ހިންގުމާ ބެހޭ ޤާނޫނުތަކާއި، ދަތުރުފަތުރުކުރާ އެއްޗެއްސާއި މަގުމަތީގެ ޤާނޫނުތައް ފަދަ ޤާނޫނުތަކެވެ.

ވީމާ، ހުރިހާ ޒަމާނަކަށް ވެސް އަދި ހުރިހާ ތަނަކަށް ވެސް ފެތޭ އަދި އެކަށީގެންވާފަދަ ސިފަތަކެއް، އިސްލާމްދީނުގައި އެބަ ހުއްޓެވެ. އެކަމަކު ހިތާމައަކީ، މި ފަހުގެ ބައެއް ފިޤުހުވެރިން، އެމީހުންގެ ވިސްނުން ހަނިކަމުން، އިސްލާމްދީން ތަނަވަސްކޮށްދީފައިވާ ކަންތައްތައް ހަނިކޮށް ދަތިކުރަން އުޅޭކަމެވެ. މިހެންވެ، އިބްނުލް ޤައްޔިމް ވިދާޅުވެފައިވާ ފަދައިން، މިގޮތަށް ހަނިކޮށް ދަތިކުރާ މީހުންނަށް އެންމެ ފަހުން ޖެހިފައި އޮންނަނީ، އިސްލާމްދީނުގެ އިމުގެ ބޭރުން ތަނަވަސް ގޮތްތައް ހޯދާށެވެ.

އިސްލާމްދީނަކީ އެންމެ ފަހުގެ ދީންކަމަށްވި، އަދި މިދީނަކީ ހުރިހާ އެންމެނަށް އޮތް ދީންކަމަށް ވުމުގެ އަދި އިތުރު އެހެން ސަބަބެއް ވެސް މިތާ ބުނެލާނަމެވެ. އެއީ ކުރީގެ ރަސޫލުބޭކަލުން ވަޑައިގަތް އުއްމަތްތަކުގެ މީހުންނަކީ، ވަރަށް އެކަހެރިކޮށް، ދުނިޔޭގެ އެހެން އުއްމަތްތަކާ ޤައުމުތަކާ މުވާޞަލާތީ ގުޅުންތަކެއް ނެތި އުޅުނު ބައެކެވެ. ނަމަވެސް، މުޙައްމަދުގެފާނު ފޮނުއްވުނީ އިންސާނީ ދަރިފަސްކޮޅު ފުރާފުރިހަމަވީމައެވެ. އިންސާނީ މަޢްރިފާ އުފެދި، ތަހުޒީބާއި ތަމައްދުން އިންސާނުންނަށް އެނގެން ފެށީމައެވެ. އަދި މުޙައްމަދުގެފާނުގެ ރިސާލަތަށް ފަހު ދުނިޔެވަނީ، އެއްބަޔަކު އަނެއްބަޔަކާ މުވާޞަލާތީ ގޮތުން ކައިރިވެފައެވެ. ކައިރިވަމުން ކައިރިވަމުން ގޮސް އެންމެ ފަހުން މިޒަމާނުގައި މިވަނީ، އެމެރިކާގައި މީހަކު ދޭ ޚިޠާބު، އެތާ ކައިރީ ހުންނަ މީހަކަށް ވުރެ ކުރިން ޗައިނާގައި ހުންނަ މީހަކަށް އަޑުއިވޭ ދަރަޖައަށް ގޮސްފައެވެ. މިއީ ހަމަ ތެދުވާހަކައެވެ. ސަބަބަކީ ވައިގެ ތެރޭގައި އަޑުގެ ރާޅުބާނީތައް ދަތުރުކުރާވަރަށް ވުރެ އަވަހަށް ރޭޑިއޯގެ ޒަރީޢާއިން އަޑު ދަތުރުކުރާ މިންވަރު އަވަސްވީމައެވެ. މިއަދު ދުނިޔެވަފައި މިވަނީ ކުޑަ އަވަށަކަށެވެ. ހުރިހާ އުއްމަތްތައް މިއަދު ވަނީ އެއް އުމަތަކަށް ވެފައެވެ. މުސްލިމުންގެ ކޮނޑުގައި އެޅިފައިވާފަދައިން، ދުނިޔެއަށް އިސްލާމްދީން ފޯރުކޮށްދޭން މުސްލިމުން މަސައްކަތްކުރާނަމަ، މިއަދު މުޅި ދުނިޔޭގައި ހުރިހާ ހިސާބެއްގައި ހުރިހާ ކަންކޮޅެއްގައި އޮތީހީ އިސްލާމްދީނެވެ.

އިސްލާމްދީން ރަސޫލުން ތަފާތެއް ނުކުރޭ:

ބައެއް ރަސޫލުބޭކަލުންނަށް ތަބާވާކަމަށް ދަޢްވާކުރާ ބައެއް މީހުން، އެހެނިހެން ރަސޫލުބޭކަލުންގެ ރަސޫލުކަން ޤަބޫލެއް ނުކުރެއެވެ. އެހެނިހެން ރަސޫލުބޭކަލުންނަށް ފުރައްސާރަކޮށް އެއްޗެހި ކިޔާހަދައެވެ. ނަމަވެސް އިސްލާމްދީނުގައި މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވަނީ، ހުރިހާ ރަސޫލުބޭކަލުންނާއި ނަބީބޭކަލުން މަތިވެރިކޮށް ޤަދަރުކޮށް އިޙްތިރާމުކުރުމަށެވެ. އެއްވެސް ރަސޫލުބޭކަލެއް ނުވަތަ ނަބީބޭކަލަކާ ދިމާއަށް ކުޑައިމީސް ބަހެއްބުނެ، ނުވަތަ އެއިން ރަސޫލުބޭކެލެއްގެ ރަސޫލުކަން، ނަބީބޭކަލެއްގެ ނަބީކަން އިންކާރުކޮށްފިއްޔާ، އޭނާ މުސްލިމަކަށް ނުވާނެއެވެ. آمَنَ الرَّسُولُ بِمَا أُنزِلَ إِلَيْهِ مِن رَّبِّهِ وَالْمُؤْمِنُونَ ۚ كُلٌّ آمَنَ بِاللَّهِ وَمَلَائِكَتِهِ وَكُتُبِهِ وَرُسُلِهِ لَا نُفَرِّقُ بَيْنَ أَحَدٍ مِّن رُّسُلِهِ
އާޔަތުގެ މާނަ: ''ރަސޫލާއަށް، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުން ބާވައިލެއްވި އެއްޗެއްކަށް (އެބަހީ ޤުރުއާނަށް) ރަސޫލާއާއި މުއުމިނުން އީމާންވެއްޖެއެވެ. އެ އެންމެންމެ ﷲ އާއި، އެކަލާނގެ މަލާއިކަތުންނާއި، އެލކަލާނގެ (ބާވައިލެއްވި) ފޮތްތަކާއި، އެކަލާނގެ ފޮނުއްވި ރަސޫލުންނަށް އީމާންވެއްޖެއެވެ. (އެއުތެން ބުނެތެވެ) ތިމަންމެން، އެކަލާނގެ ރަސޫލުންގެ ތެރެއިން އެކަކާމެދުވެސް ތަފާތެއްނުކުރަމެވެ.'' (އަލްބަޤަރާ: 285)

ވީމާ މުސްލިމެއްވިއްޔާ، މުޙައްމަދުގެފާނު ދެކެ ލޯބިވާފަދައިން މޫސާގެފާނާއި ޢީސާގެފާނު ދެކެވެސް ލޯބިވާނެއެވެ. މުޙައްމަދުގެފާނު މަތިވެރިކޮށް ޤަދަރުކުރާގޮތަށް، އެހެން ރަސޫލު، ނަބީބޭކަލުން ވެސް މަތިވެރިކޮށް ޤަދަރުކުރާނެއެވެ. ޢީސާގެފާނު ވަޑައިގަތީމާ އެކަލޭގެފާނަށް ތަބާވެ އީމާންވި ޔަހޫދީންނަށް މޫސާގެފާނު ނުގެއްލެއެވެ. ހަމައެހެންމެ މުޙައްމަދުގެފާނު ގެންނެވި އިސްލާމްދީނަށް ވަންނަ މީހުންނަށް، މޫސާގެފާނެއް ވެސް އަދި ޢީސާގެފާނެއް ވެސް ނުގެއްލެއެވެ. އެމީހަކަށް ވަނީ މުޙައްމަދުގެފާނުގެ އިތުރަށް ޢީސާގެފާނާއި މޫސާގެފާނު ވެސް ލިބިފައެވެ. މުޙައްމަދުގެފާނާއި އަދި އެންމެހާ ރަސޫލުބޭކަލުންނާއި ނަބީބޭކަލުންނަށް، މާތް ﷲ ޞަލަވާތާއި ސަލާމް ލައްވާށިއެވެ! އާމީން.

ޤުރުއާނުގައި ރަސޫލުބޭކަލުން

މުސްލިމުންގެ ޢަޤީދާއަކީ، ކީރިތި ޤުރުއާނަކީ ﷲގެ ކަލާމްފުޅެވެ. ﷲ ގެ ޙަޟްރަތުން ޤުރުއާނާއިގެން މުޙައްމަދުގެފާނު އަރިހަށް ވަޑައިގަތީ ޖިބްރީލުގެފާނެވެ. އަދި މުޙައްމަދުގެފާނު ވަނީ ޖިބްރީލުގެފާނު ޤުރުއާން ފޯރުކޮށްދެއްވި ގޮތަށް، މި އުއްމަތަށް ޤުރުއާން ފޯރުކޮށްދެއްވާފައެވެ. އަދި މުޞްޙަފުގެ ދެ ބަނޑޭރިގަނޑުގެ ދެމެދުގައިވަނީ މުޅި ޤުރުއާނެވެ. އެއަށް އެއްވެސް އެއްޗެއް އުނިއިތުރުވެފައެއް ނުވެއެވެ. މުޞްޙަފުގައި ވަނީ ޖިބްރީލުގެފާނު މެދުވެރިކުރައްވާ ﷲ ވަޙީ ބާވައިލެއްވި، ޤުރުއާނެވެ. ވީމާ ޤުރުއާނުގައިވާ އެއްޗެއް އިންކާރުކޮށް ނުވަތަ ޝައްކުކޮށްފިއްޔާ، އެމީހަކު އިސްލާމްދީނުން ބޭރުވާނެއެވެ.

ކީރިތި ޤުރުއާނުގައި ފަންސަވީސް ނަބީބޭކަލެއްގެ ނަންފުޅު އައިސްފައިވެއެވެ. އެބޭކަލުންނަކީ: އާދަމް، އިދްރީސް، ނޫޙް، ހޫދު، ޞާލިޙް، އިބްރާހީމް، ލޫޠު، އިސްމާޢީލް، އިސްޙާޤު، ޔަޢްޤޫބު، ޔޫސުފް، އައްޔޫބް، ޝުޢައިބު، މޫސާ، ހާރޫނު، ޔޫނުސް، ދާއޫދު، ސުލައިމާނު، އިލްޔާސު، އަލްޔަސަޢް، ޒަކަރިއްޔާ، ޔަޙްޔާ، ޢީސާ، ޛުލްކިފްލި، އަދި މުޙައްމަދުގެފާނެވެ.

އަދި އާދަމުގެފާނުގެ ނަންފުޅުވެސް އައިސްފައިވެއެވެ. ނަމަވެސް، އެކަލޭގެފާނަކީ ރަސޫލެއްކަން ޞަރީޙަކޮށް ޤުރުއާނުގައި ބަޔާންވެފައި ނެތެވެ. ނަމަވެސް، އެކަލޭގެފާނުގެ ވާހަކަ ހުރި އާޔަތްތަކުން ދޭހަވަނީ، އަދި ބުރަވެވެނީ އެކަލޭގެފާނަކީ ރަސޫލުބޭކަލެއް ކަމެވެ.

މި ފަންސަވީސް ބޭކަލުންގެ ތެރެއިން، އިދްރީސާއި ޛުލްކިފްލި ފަދަ ބޭކަލުންގެ ހަމައެކަނި އައިސްފައިވަނީ އެބޭކަލުންގެ ނަންފުޅެވެ. އަދި އިސްމާޢީލުގެފާނާއި އިސްޙާޤުގެފާނާއި ޔޫނުސްގެފާނު ފަދަ ބޭކަލުންގެ ވާހަކަ ކުރު ގޮތަކަށް އައިސްފައިވެއެވެ. އަދި އިބްރާހީމްގެފާނާއި މޫސާގެފާނާއި ޔޫސުފުގެފާނާއި ޢީސާގެފާނު ފަދަ ބޭކަލުންގެ ވާހަކަ ތަފްޞީލުކޮށް އައިސްފައިވެއެވެ. ކީރިތި ޤުރުއާނުގައި ނަބީބޭކަލުންނާ ބެހޭގޮތުން އައިސްފައިވާ ހުރިހާ ވާހަކައަކީ ވެސް ޙައްޤު ތެދެވެ. އެއަށް އީމާންވުމަކީ ވާޖިބެކެވެ.

މުޢްޖިޒާތް:

ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- މައްކާއިން ބައިތުލް މަޤްދިސަށް ރޭގަނޑެއްގައި ވަޑައިގެންފައި، ހަމަ އެރޭ އެނބުރި މައްކާއަށް ވަޑައިގަތީމާ، ޤުރައިޝުވަންހައިގެ މުޝްރިކުންނަށް އެކަން ޤަބޫލުކުރެވޭ ގޮތެއް ނުވިއެވެ. އެމީހުން ދެކުނީ، އޭރު ދަތުރުފަތުރުކުރަން ގެންގުޅޭ ސަވާރީއަކަށް އަރައިގެން، އެހާ ދުރުތަނަކަށް، އެންމެ ރެއަކުން ގޮސްފައި އަދި އަނބުރާ އައުމަކީ މުސްތަޙީލު ކަމެއްކަމުގައެވެ. ނަމަވެސް އޭރު މުސްތަޙީލުކަމެއް ކަމަށް ބައެއް މީހުން ދުށް ކަންތައް މިއަދު މިވަނީ، ނިކަން އާދައިގެ ފަސޭހަ ކަމަކަށް ވެފައެވެ. މީހަކު މިއަދު އެކަމާ އަޖާއިބުވެ އިންކާރެއް ނުކުރާނެއެވެ. މީގެ ޤަރުނެއް ނުވަތަ ދެ ޤަރުނުކުރިން އުޅުނު އެންމެ ބޮޑު ސައިންސުވެރިއާ ގާތު، ދަގަނޑާއި އެކަތައިން ހަދާފައި ހުންނަ އުޅަނދެއްގައި ވައިގެ ތެރެއިން އުދުހިފައި މީހުން ދަތުރުކުރާނެ ވާހަކައާއި، ޖައްވުގެ ފަށަލައިން ބޭރަށް ދާނެ ވާހަކައާއި، މީހުން ދައްކާ ވާހަކައާއި ދޭ ޚިޠާބުތައް ފީތާއެއްގައި ލިޔެ ރިކޯޑުކޮށްފައި، އޭނާ މަރުވާ ފަހުން ވެސް އަނެއްކާ އޭނާ ދެއްކި ވާހަކައާއި ދިން ޚިޠާބު އަޑުއެހޭ ވާހަކަ، ބުނެފިނަ އޭނާ ބުނާނީ ތިއީ މުސްތަޙީލު ކަމެކޭއެވެ. އެކަމަކު އޭނާ މުސްތަޙީލު ކަމެއް ކަމަށް ދެކުނު ކަންތައް މިއަދު މިވަނީ އެންމެން ދަންނަ ޙަޤީޤަތަކަށް ވެފައެވެ.

މުސްތަޙީލުކަމެއް ޙަޤީޤަތަކަށް ވާނީ ކިހިނެއްޔެއްވެ؟

މުސްތަޙީލު ބެހެނީ ދެ ވައްތަރަކަށެވެ. ފުރަތަމަ ވައްތަރަކީ، 'އާދައިގައި މުސްތަޙީލު' ކަންކަމެވެ. މަތީގައި ބުނެވުނީ މިކަހަލަ މުސްތަޙީލުތަކުގެ މިސާލެވެ. ދެވަނަ ވައްތަރަކީ 'ބުއްދީގައި މުސްތަޙީލު' ކަންކަމެވެ. މިސާލަކަށް، އިދިކޮޅު ދޭއްޗެއް އެއްވުމާއި، އެތީގެ ގޮތުގައި އޮވެފައި އޭގެ ކޯޗެއްކަން ބަދަލުވުން ފަދަ ކަންކަމެވެ. އިދިކޮޅު ދޭއްޗެއް އެއްވުމޭ ބުނުމުގެ މާނައަކީ މިސާލަކަށް ހުރުމާއި ނެތުން އެއްތަންވުމެވެ. ނުވަތަ ހަރަކާތްކުރުމާއި ހިމޭންކަން އެއްތަންވުމެވެ. މީހަކު ތަނެއްގައި ހުރެފައި ހަމަ އެވަގުތު އޭނާ އެތާ ނެތުމަކީ ވާނެ ކަމެއް ނޫނެވެ. ހަމައެހެންމެ އެއްޗެއް ހަރަކާތްކުރެއޭ ބުނެފައި ހަމަ އެވަގުތު އޭތި ހަރަކާތް ނުކުރެއޭވެސް ނުބުނެވޭނެއެވެ. އެއްޗެއްގެ ކޯޗެއްކަން ބަދަލުވުމޭ މިތާ މިބުނީ، މިސާލަކަށް ފޮތެއް ފޮތެއްގެ ގޮތުގައި އޮވެފައި ހަމަ ވަގުތު ސަމުސަލަކަށް ނުވާނެ ވާހަކައެވެ.

ބުއްދީގައި މުސްތަޙީލު ކަންކަމަކީ، ވުން ތަޞައްވަރު ކުރެވޭނެ ކަމެއް ނޫނެވެ. ނަމަވެސް އާދައިގައި މުސްތަޙީލު ކަންކަމަކީ، ޠަބީޢީ ޤާނޫނު އުނގެނިގެން އިންސާނުންނަށް ވެސް އެއީ ވެދާނެ ކަމަކަށް ހެދިދާނެ ކަންކަމެވެ. ވީއިރު، ޠަބީޢީ ޤާނޫނު ވުޖޫދަށް ގެންނަވާ ހެއްދެވި ކަލާނގެއަށް، މުސްތަޙީލުކަމެއް، ވެދާނެކަމަކަށް ނުހެއްދެވޭނެހެއްޔެވެ؟!

ޝައްކެއްވެސް ނެތް ގޮތުގައި، އެކަލާނގެ އެކަމަށް ކުޅަދުންވަންތައެވެ. އާދައިގައި މުސްތަޙީލުކަމެއް ވެދާނެކަމަކަށް ހެއްދެވުމަށް ﷲ ކުޅަދުންވަންތައެވެ. ވީމާ މިފަ ކަމެއް ވީކަމުގެ ތެދު ޚަބަރު ލިބިއްޖެނަމަ، އަހަރެމެން އެކަން ވީކަން ޤަބޫލުކުރާނަމެވެ.

ނޯޓު: މިތާ ލިޔެފައި އެވަނީ 'އާދައިގައި މުސްތަޙީލު' އެވެ. 'އާދައިގެ މުސްތަޙީލު' އެކޭ ނޫނެވެ. 'އާދައިގައި މުސްތަޙީލު' އޭ ބުނުމުގެ މާނައަކީ، ދުނިޔޭގެ ކަންހިނގާ މަގަށް ނުވަތަ އާދައަށް ބަލާއިރު މުސްތަޙީލު ކަމަށް އަހަރެމެން ދެކޭ ކަންކަމެވެ.

ކަރާމަތް:

އާދައިގައި މުސްތަޙީލު ކަންތައްވާ ތިން ގޮތެއް ޤުރުއާނުގައި ބަޔާންވެފައި އެބައޮތެވެ. އެއްގޮތަކީ، ރަސޫލުބޭކަލުންގެ ރަސޫލުކަން އެބޭކަލުންގެ ޤައުމުގެމީހުން ޤަބޫލުނުކުރީމާ، އެބޭކަލުންގެ ރިސާލަތަކީ ތެދު ރިސާލަތެއްކަން ސާބިތުކޮށްދެއްވަންވެގެން، ރަސޫލުބޭކަލުންގެ އަތްޕުޅު މަތީގައި ހިނގާ ކަމެކެވެ. އެއަށް ކިޔޭ ނަމަކީ މުޢްޖިޒާތެވެ. މިސާލަކަށް އިބްރާހީމްގެފާނު އަލިފާނަށް ލެވުނެވެ. ނަމަވެސް އެވަގުތު، މާތް ﷲ އެ އަލިފާނުގެ ޠަބީޢަތް ބަދަލުކުރައްވައި އެއީ ފިނި އެއްޗެއްކަމުގައި ލެއްވިއެވެ. މޫސާގެފާނު އަސާކޮޅު އެއްލެވީމާ، ބޮޑު ހަރުފައަކަށް އެ ބަދަލުވިއެވެ. އަސާކޮޅުން ހިލައިގައި ޖެއްސެވީމާ، ހިލައިން ފެން އާރު ނުކުތެވެ. އެއިން ކަނޑުގައި ޖެއްސެވީމާ، ކަނޑު ހިކިގެން މަގެއް ހެދުނެވެ. ޢީސާގެފާނު، މަރުވެފައި ތިބޭމީހުން، ﷲ ގެ އިޒުނަފުޅާއެކު ދިރުއްވިއެވެ. އަދި މިނުންވެސް އެތައް މުޢްޖިޒާތެއްގެ ވާހަކަ ޤުރުއާނުގައި އައިސްފައިވެއެވެ.

އަނެއް ގޮތަކީ، ޞާލިޙް ވަލީވެރިންގެ އަތްޕުޅު މަތީގައި ހިނގާ ކަމެކެވެ. މިސާލަކަށް މަރްޔަމްގެފާނު އިންނެވި މިޙްރާބުކޮޅުގައި ކާއެއްޗެހި ހުރުމެވެ. ނުވަތަ، ފޮތުގެ ޢިލްމުލިބިފައި ހުރި މީހާ، ކަޅިހިންގާލާހާ ވގުތުކޮޅެއްގެ ތެރޭގައި، ޔަމަނުގައި ހުރި ބަލްޤީސްގެ ތަޚުތު ފަލަސްޠީނަށް ގެނައުމެވެ. މިއަށް ކިޔޭ ނަމަކީ ކަރާމާތެވެ.

ތިންވަނަ ގޮތަކީ، ކާފިރެއްގެ އަތްމައްޗަށް މިކަހަލަ ކަމެއް ވުމެވެ. މިސާލަކަށް، ގެރީގެ އަޑުލައްވާ ޅަގެރިއެއް، ސާމިރީ، ބަނީއިސްރާއީލު މީހުންނަށް، ރަނުން ހަދައިދިނުމެވެ. މިއަށް ކިޔޭ ނަމަކީ، ފިތުނައެވެ. މިއީ ބަޔަކުމީހުން މަގުފުރެދި ދިއުމަށް ކުރިމަތިވާ ފިތުނައެކެވެ.

މި ތިން ގޮތުންކުރެ ގޮތަކަށް ވެސް، އާދައިގައި މުސްތަޙީލު ކަމެއް، ވެދާނެކަމަށް އީމާންވާންޖެހެއެވެ. އެއީ މިތިން ގޮތް ވެސް ޤުރުއާނުގައި އައިސްފައިވާތީއެވެ. ޤުރުއާނުގައި އައިސްފައިވާ މިކަހަ ހުރިހާ ކަމެއް ތެދުކޮށް ޤަބޫލުކުރަންވެސް ޖެހެއެވެ.

މީހުން އެއީ ވަލީވެރިންނޭ ކިޔާ ބައެއްގެ އަތްމައްޗަށް، ކަރާމާތް ފާޅުވެއޭ ކިޔާފައި ދައްކާ ވަހަކައަކީ ތެދު ޚަބަރަކަށް ވެސް ވެދާނެއެވެ. އަދި ދޮގު ޚަބަރަކަށް ވެސް ވެދާނެއެވެ. ހަމަ ޙަޤީޤަތުގައިވެސް ވަލީވެރިއަކަށް ވާކަހަލަ ވަލީވެރެއެއްގެ އަތްމައްޗަށް، ކަރާމާތެއް ފާޅުވިކަމަށް އަޑުއިވިއްޖެނަމަ، ބަލަންވީ އޭގައި ދީނާ ޚިލާފު އެއްވެސް ކަމެއް އެބަ އޮތްތޯއެވެ. ނެތިއްޔާ އެ ޚަބަރު ތެދުކުރުމަކުން އޭނާއަށް ލިބޭނެ ފާފައެއް ނެތެވެ. އަދި އެއީ ތެދު ޚަބަރެއް ކަމަށް އޭނާއަށް ނުފެންނާތީ، އެ ވާހަކަ ޤަބޫލުނުކުރިއަސް، އޭނާއަށް ލިބޭނެ ގެއްލުމެއް ނެތެވެ.

ދެން ޝަޢްރާނީ އޭނާގެ ޠަބަޤާތުގައި ރިވާކޮށްފައިވާކަހަލަ ބައެއް ކަރާމާތާއި، ނުވަތަ ކާފިރެއްގެ ފަރާތުން ފާޅުވާ ކަންކަމާއި، ތަޤުވާވެރިކަމެއް ނެތް މީހުންގެ ފަރާތުން ފާޅުވާ ކަންކަމަކީ އެއީ އެއްވެސް ހާލެއްގައި ކަރާމާތެއް ނޫނެވެ.

މުޢްޖިޒާތާއި ސިހުރު:

މޫސާގެފާނާއި ފިރުޢައުނުގެ ސިހުރުވެރިން އެއްވި ދުވަހު، ފިރުޢައުނުގެ ސިހުރުވެރިން އެމީހުންގެ ވާބުރިތަކާއި އަސާތައް އެއްލިއެވެ. ދެން އެވަގުތު ބަލަންތިބި މީހުންނަށް ފެނުނީ، ދުވެދުވެ ތިބި ހަރުފަތަކަކަށް އެ ބަދަލުވީތަނެވެ. ދެން އޭގެފަހުން މޫސާގެފާނު އެކަލޭގެފާނުގެ އަސާކޮޅު އެއްލެވިއެވެ. އެއްލެވީމާ އަސާކޮޅު ބޮޑު ހަރުފައަކަށްވެ، ސިހުރުވެރިން ހެދި ހަރުފަތައް ކައި ދިރުވާ ހުސްކޮށްލިއެވެ. ފަހެ މި ދެކަމަކީ ވެސް އެއްފަދަ ދެކަންހެއްޔެވެ؟ މޫސާގެފާނު ކުރެއްވި ކަމަކީ، ސިހުރުވެރިން ކުރިފަދަ ކަމެއްހެއްޔެވެ؟!

އެއީ އެއްފަދަ ދެކަންވިއްޔާ، ފިރުޢައުނުގެ ސިހުރުވެރިން މޫސާގެފާނަށް އީމާންވީ ކީއްވެގެންހެއްޔެވެ؟

އެ ދުވަހު ސިހުރުވެރިން ކުރި ކަމަކީ، މީހުންގެ ލޮލަށް ފެންނަ އެއްޗެހި ވަހުމްތަކަކަށް ހެދީއެވެ. މީހުންގެ ލޮލަށް ހަރުފަތަކެއްހެން ހީވާ އެއްޗެއް ދެއްކީއެވެ. ޙަޤީޤަތުގައި އެމީހުން އެއްލި ވާބުރިތަކާއި އަސާތައް ހުރީ ހަމަ އެގޮތުގައެވެ. އެކަމަކު މޫސާގެފާނުގެ އަސާކޮޅު ހަމަ ޙަޤީޤަތުގައިވެސް ހަރުފައަކަށް ބަދަލުވީއެވެ. ސިހުރުވެރިން ހަރުފަކަމަށް ދެއްކި އެއްޗެހި އެއަށް، ކައި ދިރުވާލެވުނީ އެހެންވީމައެވެ. އެ ދުވަހު ކެމެރާއަކުން ފޮޓޯ ނެގިނަމަ އެތަނުން ފެންނާނީ، ޙަޤީޤީ ހަރުފައަކާއި، ސިހުރުވެރިން އެއްލި ވާބުރިތަކާއި އަސާތަކެވެ.

ސިހުރުވެރިން އެ ދުވަހު އެހާ އަވަހަށް މޫސާގެފާނަށް އީމާންވީ، އެމީހުންނަށް ފެނުނު މަންޒަރަކީ ޚިޔާލެއް ނޫންކަން ޔަޤީންވާތީއެވެ. އެމީހުންނަށް ފެނުނީ އެމީހުންގެ ހިތްތައް ގުޑުވާލި ޙަޤީޤީ މަންޒަރެކެވެ. ހިނދުކޮޅެއް ކުރިން އެމީހުން ތިބީ ފިރުޢައުނަށް ތަބާވެގެން، މޫސާގެފާނުގެ ދުޝްމަނުންގެ ގޮތުގައެވެ. ނަމަވެސް، އެ މަންޒަރު ފެނިފައި ވަރުގަދަ އީމާންކަމެއް ހިތުގައި ހިނގައި، ފިރުޢައުނު ދިން އިންޒާރަކަށް ބެލުމެއް ނެތި، ﷲ އަށް އީމާންވީއެވެ. ﷲ ގެ މަތިވެރިވަންތަކަމާއި ކުޅަދުންވަންތަކަމުގެ ކުރިމަތީގައި ފިރުޢައުނަކީ އެއްވެސް އެއްޗެއް ނޫންކަން އެމީހުންނަށް ޔަޤީންވެ ކަށަވަރުވިއެވެ. ގުނަވަންތައް ބުރިކޮށް، ޞަލީބަށް އަރުވާނެ ކަމަށް ބުނެ، ފިރުޢައުނު ދެއްކި ބިރަކުން ވީކަމެއް ވެސް ނެތެވެ. ފިރުޢައުނަށް ޢަޛާބު ދެވުނަސް ދެވޭނީ މި ދުނިޔޭގައި އެކަނިކަމާއި، ދުނިޔެއަކީ އާޚިރަތާ ޖެހި އެއްޗެއް ނޫންކަން އެމީހުންނަށް އެނގުނެވެ. އާޚިރަތުގެ ދާއިމީ ނިޢްމަތަށްޓަކައި، ދުނިޔޭގެ ހިނދުކޮޅެއްގެ ވޭން އުފުލަން އެމީހުން ތިބީ ތައްޔާރަށެވެ. قَالُوا لَنْ نُؤْثِرَكَ عَلَى مَا جَاءَنَا مِنْ الْبَيِّنَاتِ وَالَّذِي فَطَرَنَا فَاقْضِ مَا أَنْتَ قَاضٍ فَاقْضِ مَا أَنْتَ قَاضٍ إِنَّمَا تَقْضِي هَذِهِ الْحَيَاةَ الدُّنْيَا

އާޔަތުގެ ތަފްސީރީ މާނަ: ''ސިހުރުވެރިން ފިރުޢައުނަށް ބުންޏެވެ: މޫސާގެފާނު ގެންނެވި ބަޔާންވެގެންވާ ހުއްޖަތާއި ދަލީލުން، އެކަލޭގެފާނަށް ތަބާވާންޖެހޭކަމާއި އެއްކައުވަންތަ ﷲ އަށް އީމާންވެ އެކަލާނގެއަޅުވެތިވާން ޖެހޭކަން އަހަރެމެންނަށް އެނގިއްޖެއެވެ. އެއަށްވުރެ އިސްކަމެއް އަހަރެމެންނަކަށް ނެތެވެ. ވީމާ އަހަރެމެންގެ ދީނަށްވުރެ އިސްނުކުރާނަމެވެ. އެއްކައުވަންތަ ﷲ ގެ ޙައްޤު އިލާހުވަންތަކަމަށް ވުރެ، ކަލޭގެ ބާޠިލު އިލާހުވަންތަކަން އިސްނުކުރާމެވެ. ދެން ކަލޭ އަހަރެމެންނަށް ހަދާނެ ގޮތެއް ހަދާށެވެ. ހަމަކަށަވަރުން، ކަލެޔަށް ގޮތް ކަނޑައެޅޭނީ ހަމައެކަނި މިދުނިޔޭގެ ޙަޔާތުގައެވެ. މި ޙަޔާތް ނިމުމުން، ކަލޭ އަހަރެމެންނަށް ދޭ ޢަޛާބެއް ނިމިދާނެއެވެ.'' (ޠާހާ: 72)

ތެދުވާހަކައެއް ބުނަންހެއްޔެވެ؟ މުސްލިމް މައިންބަފައިންނަށް ލިބިފައިހުރި، މުސްލިމެއްގެ ގޮތުގައި ބޮޑުވެފައި ހުރި އަހަރެން، ފިރުޢަނުގެ ސިޙުރުވެރިންނަށް އިސްލާމްވިތާ ކުޑައިރުކޮޅެއް ފަހުން ލިބުނު ކަހަލަ ވަރުގަދަ އީމާންކަމެއް، އަހަރެންނަށް ވެސް ލިބޭނެނަމައޭ ހިތަށް އަރައެވެ.

ކީރިތި ރަސޫލާގެ މުޢްޖިޒާތް

ކީރިތި ރަސޫލު -ޞައްލަﷲ އަލައިހި ވަސައްލަމަ- އަށް ލިބިވަޑައިގަތް އެންމެ ބޮޑު ދެ މުޢްޖިޒާތަކީ ކީރިތި ޤުރުއާނާއި، އެކަލޭގެފާނަށް ލިބިވަޑައިގެންފައި ހުރި ފުރިހަމަ ސިފަފުޅުތަކެވެ.

އެކަލޭގެފާނަކީ އިންސާނެކެވެ. މި ޙަޤީޤަތް މީސްތަކުންނަށް ހާމަކޮށްދެއްވަން، މާތް ﷲ ވަނީ އަމުރުކުރައްވާފައެވެ. އެއީ އެކަލޭގެފާނަކީ އިލާހެއް ކަމަށް ބެލުނަ ނުދިނުމަށެވެ. އަދި އިލާހީ ސިފަތައް ދެވުނަ ދެވުނަ ނުދިނުމަށެވެ. ﷲ ވަޙީކުރައްވާފައި ވަނީ: قُلْ إِنَّمَا أَنَا بَشَرٌ مِثْلُكُمْ يُوحَى إِلَيَّ أَنَّمَا إِلَهُكُمْ إِلَهٌ وَاحِدٌ

އާޔަތުގެ ތަފްސީރީ މާނަ: ''ކަލޭގެފާނު މުޝްރިކުންނަށް ވިދާޅުވާށެވެ! ﷲ ތިމަންކަލޭގެފާނު ވާކަންކަށަވަރީ، ތިޔަބައިމީހުންކަހަލަ އާދަމުގެދަރިއަކު ކަމުގައެވެ. ތިމަންކަލޭގެފާނަށް ﷲ ވަޙީއިއްވަވަނީ، ތިޔަބައިމީހުންގެ އިލާހަކީ، އެއް އިލާހު ކަމުގައެވެ.'' (އަލްކަހްފު: 110)

މާނައަކީ، އެކަލޭގެފާނަކީ އިންސާނީ ސިފަތަކެއް ލިބިގެންވާ ބޭކަލެކެވެ. ނަމަވެސް އަހަރެމެންނަށް އެނގޭ ކަމަކީ، އެކަލޭގެފާނު ފަދަ މަތިވެރި އެހެން އިންސާނެއް ނުވާކަމެވެ. އެކަލޭގެފާނުގެ ކިބައިގައި، ހުރި ފުރިހަމަ ސިފަތައް ހުރި އެހެން އާދަމުގެ ދަރިއެއް، މާތް ﷲ ނުއުފައްދަވައެވެ. އެކަލޭގެފާނާއި އެކަލޭގެފާނުގެ 'ބައްޕާފުޅު' އިބްރާހީމްގެފާނާއި، އަދި މޫސާގެފާނާއި ޢީސާގެފާނާއި، އެންމެހާ ނަބީބޭކަލުންނަށް، މާތް ﷲ ޞަލަވާތާއި ސަލާމް ލައްވާށިއެވެ.

ތާރީޚުގައި ނަން ވިދާފައިވާ އެތަކެއް ހާސް މޮޅެތި ބޮޑެތި މީހުން ވެއެވެ. އެކަމަކު އެއިން މީހަކާ، އަހަރެމެންގެ މާތް ރަސޫލާ މުޙައްމަދު -ޞައްލަﷲ އަލައިހި ވަސައްލަމަ- އާ އަޅާ ބެލުމަކީ، އެއީ އެކަލޭގެފާނަށް ވެސް އަދި ޙަޤީޤަތަށް ވެސް ވެވޭ އަނިޔާއެކެވެ. މޮޅެތި ބޮޑެތި މީހުންގެ ތެރޭގައި ބުއްދީގެ ގޮތުން ވަރަށް މޮޅެތި މީހުން އެބަފެނެއެވެ. ނަމަވެސް އެމީހުންގެ ރޫޙޫ ފަޤީރެވެ. ފަޞާޙަތްތެރިކަން ފަޤީރެވެ. ވަރަށް ފަޞާޙަތްތެރި މީހުން އެބަ ފެނެއެވެ. ނަމަވެސް އެމީހުންގެ ފިކުރު ވަރަށް އާދައިގެއެވެ. ހިންގުންތެރިކަމާއި ވެރިކަމުގައި ވަރަށް މޮޅެތި މީހުން ފެނެއެވެ. ނަމަވެސް އެމީހުންގެ އަޚްލާޤަކީ ބާޒާރުމަތީ އަޚްލާޤެވެ.

އިންސާނަކަށް ލިބޭނެ ހުރިހާ މާތް ސިފަތަކާއި މަތިވެރިކަމެއް ލިބިވަޑައިގެންފައިވަނީ، ހަމައެކަނި މުޙައްމަދު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަށެވެ. މޮޅެތި އެހެން މީހުންނަށް ބަލާއިރު، އޭނާ، ފޮރުވާ ސިއްރުކުރަން ބޭނުންވާ ކަންތައްތަކެއް ހުރެއެވެ. މީހުންނަށް އެނގެން ބޭނުން ނުވާ ސިފަތަކެއް އޭނާގެ ކިބައިގައިވެއެވެ. އެ މީހެއްގެ މުޅި ޙަޔާތް، އެންމެންނަށް ފެންނަހެން، ދެއްކި ހަމައެކަނި މީހަކީ، ކީރިތި ރަސޫލާއެވެ. އެކަލޭގެފާނުގެ ޙަޔާތުގެ ޞަފްޙާތައްވަނީ އެއްކޮށް ހުޅުވިފައެވެ. އެފޮތުން ނުހުޅުވޭ ޞަފްޙާއެއް ނެތެވެ. އެ ފޮތުގައި ފޮހެވިފައިވާ ފޮޅުވަތެއް ނެތެވެ. ބޭނުން މީހަކަށް އެ ފޮތް ކިއުމުގެ ފުރުޞަތު އެބައޮތެވެ.

އެމީހަކާ ބެހޭ ހުރިހާ ވާހަކައެއް، އެހެން މީހުންނަށް ކިޔައިދިނުމުގެ ހުއްދަ، އެކުގައި އުޅުނު މީހުންނަށް ދިން، ހަމައެކަނި މީހަކީ، ކީރިތި ރަސޫލާއެވެ. މިގޮތުން ޞަޙާބީން ވަނީ، އެކަލޭގެފާނުގެ ކިބައިން ފެނިވަޑައިގަތް ހުރިހާ ވާހަކައެއް، އެހެން މީހުންނަށް ކިޔައިދެއްވާފައެވެ. އެކަލޭގެފާނު ވިދާޅުވި ހުރިހާ އެއްޗެއް ރިވާކޮށްފައެވެ. އެކަލޭގެފާނުގެ ކިބައިން ފެނިވަޑައިގަތް ހުރިހާ ސިފަފުޅެއް ސިފަކޮށްދެއްވާފައެވެ.

އެކަލޭގެފާނުގެ އަނބިކަނބަލުން ވަނީ، އެކަނބަލުންނާ އެކަލޭގެފާނާ އޮންނަ ހުރިހާ ގުޅުމެއް، މީހުންނަށް ހާމަކޮށްދެއްވާފައެވެ. އެކަލޭގެފާނުގެ ޢާއިލީ ޙަޔާތްޕުޅުގެ ހުރިހާ ތަފްޞީލުތަކެއް، ދަރުސެއްގެ ގޮތުން އުއްމަތަށް ކިޔައިދެއްވާފައެވެ. ނިކަން ޢާއިޝަތުގެފާނަށް ބަލާލަބަލާށެވެ. ކީރިތި ރަސޫލާގެ ޙަޔާތްޕުޅުގައި އެކަލޭގެފާނުގެ އިޒުނަފުޅު ލިބިވަޑައިގެން، އެކަމަނާވަނީ އެކަލޭގެފާނު ގޭތެރޭގައި އުޅުއްވާ ގޮތާއި، ގޭތެރޭގައި ކުރައްވާ މަސައްކަތްޕުޅު މީހުންނަށް ކިޔާދެއްވާފައެވެ. އެހެނީ އެކަލޭގެފާނު ކުރައްވާ ކޮންމެ ކަމަކީ އެއީ ދީނާއި ޝަރީޢަތުގެ ތެރެއިންވާ ކަމެކެވެ

މޮޅެތި އެހެން މީހުންގެ ސިޔަރަތުގައި އޮންނަހެން، ޞަހާބީން ރިވާކުރައްވާފައިވަނީ އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ މުހިއްމު ހާދިސާތަކާއި މުހިއްމު ހަނގުރާމަތަކާއި މުހިއްމު ބުޠޫލާތުތައް އެކަންޏެއް ނޫނެވެ. މީގެ އިތުރަށް އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ އެންމެ އާދައިގެ ކުޑަކަން ވެސް ވަނީ ރިވާކުރެވިފައެވެ. އިންސާނެއްގެ ހައިސިއްޔަތުން، އެކަލޭގެފާނު ފަރީއްކުޅުއްވާ ގޮތާއި، ފަރީއްކުޅުއްވާ އެއްޗަކާއި، އަވަހާރަފުޅުލައްޕަވާ ގޮތާއި ވަގުތާއި، ތުރުކުރައްވާ ފޭރާމަކީ ކޮބައިކަމާއި ކިހިނެއްކަމާއި، ޤަޟާޙާޖަތްކުރައްވާ ގޮތާއި، ޠާހިރުވެވަޑައިގަންނަވާ ގޮތްވެސް ވަނީ، ރިވާކުރެވިފައެވެ.

އެކުވެރިންނާއި ޢަދުއްވުންވެސް ބަލަން، ސަނާކިޔާ މީހުން ސަނާކިޔަން، ފާޑުކިޔާ މީހަކު ފާޑުކިޔަން، އެންމެންނަށް ފެންނަހެން، މިއޮތީ ތިމަންނަގެ ސިޔަރަތޭ ކިޔާފައި، ޖެހިލުމެއް ނެތި ދުނިޔޭގެ އެންމެންނަށް ދައްކާލަން ކެރޭ، ވެރިއެއް ނުވަތަ ރަސްކަލެއް ނުވަތަ ޤާއިދެއް ނުވަތަ މޮޅުމީހެއް، ނިކަން އަހަރެންނަށް ދައްކަބަލާށެވެ...! ކީރިތި ރަސޫލާ ފިޔަވައި މިފަދަ މީހެއް ނެތެވެ.

މިހާ ތަފްޞީލުކޮށް ސިޔަރަތު ލިޔެވިފައިވާ، މޮޅު އެހެން މީހެއް ދައްކަބަލާށެވެ. ސާދަސަތޭކަ އަހަރު ފަހުންވެސް އެމީހަކާ ބެހޭ ކުދިބޮޑު ހުރިހާ ކަމެއް އަހަރެމެންނަށް އެނގޭ އެހެން މީހެއް ދައްކަބަލާށެވެ...! ކީރިތި ރަސޫލާ ފިޔަވައި މިފަދަ މީހެއް ނެތެވެ.

މީހުން މާތް ވެފައި މޮޅުވަނީ، އެ މީހެއްގެ ކިބައިގައި ހުންނަ ރަނގަޅު އަޚްލާޤެއްގެ ސަބަބުން، ނުވަތަ ރީތި ސިފަތަކެއްގެ ސަބަބުން، ނުވަތަ އޭނާ ކުރާ މަތިވެރި ކަންތައްތަކެއްގެ ސަބަބުން، ނުވަތަ ހޯދާ ޙާޞިލުކުރާ ނަތީޖާއެއްގެ ސަބަބުންނެވެ.

ދުނިޔެއަށް ފާޅުވެފައިވާ މޮޅެތި މާތް މީހުންގެ ތެރެއިން، މިހުރިހާ ކަމެއް ފުރިހަމަވެފައިހުރި ހަމައެކަނި މީހަކީ، ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- އެވެ. އެކަލޭގެފާނުގެ ސިފަފުޅު ރީއްޗެވެ. އަޚްލާޤުފުޅު މާތްވެގެންވެއެވެ. މަސައްކަތްފުޅު މަތިވެރިއެވެ. ނަތީޖާ ފުރިހަމައެވެ.

ދުނިޔެއަށް ފާޅުވެފައިވާ މޮޅެތި މާތް މީހުންނަކީ، އެހެން މީހުންނަށް ގެއްލުންތަކެއް ދީގެން، އެމީހުންގެ ޤައުމުގެ މީހުންނަށް މޮޅުކަމާ ލާބަ ހޯދައިދީފައިވާ ބައެކެވެ. އެހެންވެ އެމީހުން މޮޅުބަޔަކަށް ވަނީ ޤައުމުގެ މީހުންގެ ގާތު އެކަންޏެވެ. އަނެއް ބަޔަކީ، ޢާލަމީކޮށް ވެސް މޮޅުކަމަށް ޤަބޫލުކުރެވޭ ބައެކެވެ. އެކަމަކު އެމީހުން މޮޅުވެފައި ވަނީ، އިންސާނުންގެ ކިބައިގައި މާތް ﷲ ލައްވާފައިވާ ބުއްދީގެ ބޭނުންކޮށްގެން ހޯދާ ޢިލްމީ ހޯދުމެއް ނުވަތަ ޤާއިމުކުރާ ފަލްސަފާއެއް ނުވަތަ ހޯދާ ބޭހެއް ނުވަތަ އެކުލަވާލާ މޮޅު ޅެމެއްގެ ސަބަބުން، މޮޅުކަމާއި މަތިވެރިކަމަށް މަޝްހޫރުވެގެންނެވެ.

ނަމަވެސް މާތް ނަބިއްޔާ މުޙައްމަދު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- މަތިވެރިވެ މާތްވެފައިވަނީ ޢާލަމީކޮށެވެ. ޝާމިލުގޮތެއްގައެވެ.

އެކަލޭގެފަނު ގޮވާލެއްވީ، އެކަލޭގެފާނު އީމާންވެވަޑައިގެން ހިތްޕުޅުގެ އަޑިން ޤަބޫލުފުޅުކުރައްވާ ކަންތަކަކަށެވެ. މިއާ ޚިލާފަށް، މޮޅެތިކަމަށް މަޝްހޫރު، އެހެން ނަމަވެސް ޢަމަލާ ބަސް ދިމާނުވާ ވަރަށް ގިނަ މީހުން އަހަރެމެންނަށް ފެނިފައިވެއެވެ. ޢާއްމުންގެ ތެރޭގައި ދައްކާ ވާހަކައާއި އެކުވެރިންގެ ތެރޭގައި ދައްކާ ވާހަކަ ތަފާތު މީހުން ވަރަށް ގިނައެވެ. ރުޅިއައިމާ ނުވަތަ ބަނޑުހައިވީމާ ނުވަތަ ދަތިހާލުޖެހުނީމާ، ކުރިން ގޮވާލަމުންއައި ހުރިހާ އުޞޫލުތަކެއް ހަނދާންނައްތާލާ މީހުން ވަރަށް ގިނައެވެ. ކޮންމެހެން މީހުންގެ ވާހަކަ ނުދައްކާ އަހަރެންގެ އަމިއްލަ ނަފްސަށް ބެލީމާވެސް ފެންނަނީ މިފަދަ ހާލަތެކެވެ. ހެޔޮކަންތަކަށާއި ތެދުމަގަށް ގޮވާލާ ޚުޠުބާތައް ދީ، މަޒުމޫނުތައް ލިޔަމުންދާ ވަރަކަށް އަހަރެން ދާނީ މަތިވަމުން އުސްވަމުންނެވެ. ވަކި ހިސާބަކުން އަހަރެންގެ ޠަބީޢަތުގައިވާ ޝަހުވަތްތަކާއި ނުބައިކަންތަކަށް އަމުރުކުރާ ނަފްސުގެ ބަރުކަމުގެ ސަބަބުން އަހަރެން ބަރުވެ ތިރިއަށް އަންނަންފަށައެވެ. ބައެއް ވާޢިޡުންގެ ވަޢްޡުތަކުންނާއި ޚަޠީބުންގެ ޚުޠުބާތަކުން މީހުންނަށް ކުރަންވާ ހެޔޮ އަސަރެއް ނުކުރެއެވެ. އެމީހުންގެ ވާހަކައަކަށް މީހުން ސަމާލުކަމެއްވެސް ނުދެއެވެ. ސަބަބަކީ، ޥާޢިޡުންނާއި ޚަޠީބުންގެ ކިބައިގައިވާ އުނިކަމެވެ.

ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ރަށު އެންމެން އެއްކުރައްވައިގެން އަބަދު ޚުޠުބާއެއް ނުދެއްވައެވެ. ގަޑިތަކެއް ކަނޑައެޅިފައިވާ މަދުރަސީ ކުލާސްތަކެއް ނުބާއްވައެވެ. އެކަމަކު އެކަލޭގެފާނު ކުރައްވާކަމަކީ، އެކަލޭގެފާނަށް ބާވައިލެއްވޭ ވަޙީ، މިސްކިތުގައްޔާއި މަގުމަތީގައްޔާއި އަދި ބާޒާރުމަތީގައި ވެސް، މީހުންނަށް ފޯރުކޮށްދެއްވަނީއެވެ. އެކަށީގެންވާ ވަގުތުގައި އެކަށީގެންވާ ގޮތަށް، ހެޔޮކަންތަކަށް އަމުރުކުރައްވާ ނުބައިކަންތަކުން ނަހީކުރައްވަނީއެވެ. އެކަލޭގެފާނު ޙަދީޘްކުރައްވާ އެއްޗަކާ އެއްގޮތަށް ޢަމަލުފުޅު ބަހައްޓަވަނީއެވެ. އެކަލޭގެފާނުގެ ޚުލްޤުފުޅަކީ ޤުރުއާނެވެ. މާނައަކީ، އެކަލޭގެފާނުގެ ޚުލްޤުފުޅަކީ ޤުރުއާނުގައި ވާފަދަ މަތިވެރި އަޚްލާޤެވެ.

ދަމުނަމާދަށް ހުންނަވާ ވަގުތު ދިގުކަމުން، އެކަލޭގެފާނުގެ ފައިންޕުޅު ދުޅަވެއެވެ. އަބަދާއަބަދުމެ ﷲ އަށް އިސްތިޣްފާރުކުރައްވައެވެ. ހުރިހާ ފާފައެއް މާތް ﷲ ފުއްސަވާދެއްވާފައިވަނިކޮށް ވެސް، ޝުކުރުވެރި އަޅަކަށްވުމަށްޓަކައި، ފާފަ ފުއްސެވުން އެދި ދުޢާކުރެއްވިއެވެ. އެކަލޭގެފާނުގެ މުޅި ޙަޔާތްފުޅަކީ ވެސް ނަމާދެކެވެ. އެހެނީ ރަނގަޅު ކޮންމެ ކަމަކީ، އަދި ނުބަޔާ ދުރަށް ދެވޭ ކޮންމެ ކަމަކީ، މުޖްތަމަޢަށް ފައިދާހުރި ކޮންމެ ކަމަކީ، ﷲ ގެ ވަޖުހުފުޅަށް ކޮށްފިނަމަ ނަމާދުފަދައިން ހެޔޮ އަޖުރުލިބޭ ކަމެކެވެ.

އެކަލޭގެފާނު ގޮވާލެއްވި ކޮންމެ ކަމަކީ، އެހެން އެއްވެސް ކަމަކަށް ބެއްލެވުމެއް ނެތި، ޢަމަލީ ގޮތުން ކުރައްވާ ކަމެއްކަމުގެ ވަރަށް ފުރިހަމަ މިސާލެއް ގެނެސްފާނަމެވެ. އެކަމަކު އޭގެކުރިން މިކަން ތަޞައްވަރުކޮށްލަމާ ހިނގާށެވެ: ރައީސެއް ނުވަތަ ވަޒީރެއް ނުވަތަ މާތީ ޚާންދާނެއްގެ އަންހެން ކުއްޖެއް ވައްކަންކޮށްފިއްޔާ، ރަށުގެ އެންމެ އާދައިގެ މީހާ ވައްކަންކުރީމާ ޖަލަށްލާ ގޮތަށް ޖަލަށްލާނެހެއްޔެވެ؟ ނުވަތަ މައްސަލަ ކޯޓުގައި އޮއްވާ، އެކިގޮތްގޮތަށް މޭޒުދަށުން މައްސަލަ ނިންމާލާނީ ނޫންހެއްޔެވެ؟ ނުވަތަ ޢުޤޫބާތް ލުއިކުރާނީ ނޫންހެއްޔެވެ؟

ހަމަ މިކަހަލަ މައްސަލައަކާ، ކީރިތި ރަސޫލާއާ ކުރިމަތިވެވަޑައިގަތެވެ. މުޅި ޤުރައިޝުވަންހައިގެ ވެސް، ބަނީހާޝިމާއި ބަނީއުމައްޔާ ފިޔަވައި ދެން އެންމެ ޤަދަރުވެރިކަން ބޮޑު، ނުފޫޒު ވަރުގަދަ، ބަނީ މަޚްޒޫމު ވަންހައިގެ އަންހެނަކު ވައްކަންކުރީއެވެ. ކުށް ވެސް ސާބިތުވިއެވެ. މައްސަލައިގައި ޙުކުމްކުރެވުނީ އިސްލާމީ ޝަރީޢަތާ އެއްގޮތަށް އަތް ކަނޑާށެވެ. އަދި އެއީ މާތް ޚާންދާނެއްގެ މީހަކަށް ވީތީ، ޙުކުމް ލުއިކުރުވޭތޯ މަސައްކަތްކޮށްދޭނެ ބައިވަރު މީހުންވެސް ވިއެވެ. ކަންކަމުގައި ކީރިތި ރަސޫލާ މާފުކުރައްވާތީ މީހުން ހީކުރީ، މި މައްސަލައިގައި ވެސް ލުޔެއް ލިބިދާނެކަމަށެވެ. ނަމަވެސް، އެވާހަކަ ރަސޫލާ އަރިހު ދެންނެވުމުން، އެކަލޭގެފާނު ވެވަޑައިތީ ކޯފާއެވެ. އަދި ކުރީގެ އުއްމަތްތައް ވެސް ވެއްޓި ބާރުދިޔައީ، ބޮޑުންގެ މީހެއްވިއްޔާ ޢުޤޫބާތެއް ނުލިބި، ދެރަ މީހެއްވިއްޔާ ޢުޤޫބާތްދީ، އިންޞާފާއި ޢަދުލުވެރިކަން ނެތުނީމާކަން ހަނދާންކޮށްދެއްވިއެވެ. އަދި ޙައްދެއްގައި މީހަކަށް ޝަފާޢަތްތެރިވުމަކީ އިސްލާމްދީނުގައި ކޮށްގެންވާނެ ކަމެއް ނޫންކަމާއި، ޢަދުލުވެރިކަމަކީ އިސްލާމްދީނުގެ މައިގަނޑު އެއް އަސާސްކަން އުއްމަތަށް ދަސްކޮށްދެއްވިއެވެ. އަދި ޤިޔާމަތާ ޖެހެންދެންވެސް، އެފަދަ އެހެން ބަހެއް މީހަކު ނުބުނާނެ، މަޝްހޫރު ބަސްފުޅު ޙަދީޘްކުރެއްވިއެވެ. އާދެ، އެކަލޭގެފާނުގެ ދަރިކަނބަލުން ފާޠިމަތުގެފާނު ވައްކަންކުރެއްވިޔަސް، އަތް ކަނޑުއްވާނެކަމަށް، ﷲ ގަންދީ ހުވާކުރެއްވިއެވެ.

އެހެން ޙަދީޘްކުރެއްވުމަކީ އެކަލޭގެފާނަށް ދަތިފުޅު ކަމެއް ނޫނެވެ. އެހެނީ، އެކަލޭގެފާނު އުޅުއްވީ، ބާވައިލެއްވުނު ޝަރީޢަތާ އެއްގޮތަށެވެ. އިސްލާމްދީނަށް ވުރެ މުހިއްމު މީހަކުވެސް އަދި އެއްޗެއްވެސް އެކަލޭގެފާނަށް ނުވެއެވެ.

އެކަލޭގެފާނުގެ ޙާޔާތްޕުޅާ ބެހޭގޮތުން ވާހަކަ ދައްކާއިރު ހަނދާންނައްތާލައިގެން ނުވާނެ އެހެން ކަމެއްވެސް އެބަ އޮތެވެ. އެއީ އާދައިގެ އެހެން މީހުންނެކޭ ވެސް އެއްގޮތަށް އެކަލޭގެފާނު ދިރިއުޅުއްވުމެވެ. ޢާއްމުން ކައިބޮއެ އުޅޭ ތަކެތި ފަރީއްކުޅުއްވައެވެ. ޢާއްމުން ލައިއުޅޭ ފެރާން ތުރުކުރައްވައެވެ. ޒާހިދުކަމަށް ހެދިގެން މި އުޅޭ މީހުން އުޅޭހެން، ގަސްތުގައި ދަތިހާލުގައި އުޅުއްވާކަށް މަސައްކަތެއް ނުކުރައްވައެވެ. އެންމެ ދެރަ ކުރަކި ހެދުން ތުރުކުރައްވައިގެން، ބަނޑުހައިހޫނުކަން މަތީ ނުހުންނަވައެވެ. މިއާ ޚިލާފަށް އެކަލޭގެފާނުގެ ސުފުރާއަށް އެރުވޭ ކާތަކެތިން ފަރީއްކުޅުއްވައެވެ. ހިއްޕުޅާ ހަމަނުވާ ހުންނަނީ މަދު އެއްޗެކެވެ. އެއިން އެއްޗެއް ސުފުރާގައި ހުއްޓަސް، މައްސަލަޖެއްސެވުމެއް ނެތި، އެ ފަރީއްނުކުޅުއްވައި ދޫކޮށްލައްވަނީއެވެ. އަދި ދުވަހަކުވެސް ކާއެއްޗަށް ޢައިބު ވިދާޅެއް ނުވެއެވެ. އަދި ވަކި ޚާއްސަ ގޮތަކަށް ހުންނަ، ވަކި ކުލައެއްގެ ފޭރާންކޮޅޭއް ތުރުކުރައްވާކަށް ނުއުޅުއްވައެވެ. އެކިފަހަރު ތުރުކުރައްވަނީ އެކިކަހަލަ ފޭރާންކޮޅެވެ. އޭރަކު އަތްޕުޅުގައި ހުރި އެއްޗެކެވެ.

އިސްލާމްދީނަކީ ވަކި ކަހަލަ ވަކި ފާޑެއްގެ ހެދުމެއް އަޅަންޖެހޭ ދީނެއް ނޫނެވެ. ދީނުގައި ޙަރާމްކުރެވިފައިވާ ހެދުމަކީ ޢައުރަ ނިވާނުވާކަހަލަ ހެދުން ލުމެވެ. އަދި ފިރިހެނުން ފަށުއި ހެދުން އެޅުން ހުއްދައެއް ނޫނެވެ. އަންހެނުން މޫނާ ދެއަތްތިލަ ފިޔަވައި އެހެން ތަނެއް ހާމަކުރުން ހުއްދައެއް ނޫނެވެ. ދެން އެހެން ދީންތަކުގެ މީހުން އަޅާ ހެދުމުގެ ތެރެއިން އަހަރެމެންނަށް ހުއްދަ ނޫނީ، އެ ދީންތަކުގެ މީހުންނަށް ޚާއްޞަ ހެދުންތަކެވެ. މީހަކު އެ ލައިފިއްޔާ އޭނާއަކީ އެ ދީނުގެ މީހެކޭ ހީވާފަދަ ހެދުމެވެ. އަދި ހަމައެކަނި ފިރިހެނުން އަޅާ ހެދުމެއް އަންހެނުން އެޅުންވެސް ހުއްދައެއް ނޫނެވެ. ހަމަ މިބީދައިން ހަމައެކަނި އަންހެނުން އަޅާ ހެދުމެއް ފިރިހެނުން އެޅުން ވެސް ހުއްދައެއް ނޫނެވެ. އަދި ހަމައެހެންމެ، އިސްރާފާއި ދެއްކުންތެރިކަމުގެ ހެދުންވެސް ހުއްދައެއް ނޫނެވެ. މިނުން ކޮންމެ ހެދުމަކީ އިސްލާމްދީނުގައި ހުއްދަ ހެދުމެވެ.

މާތް ﷲ އިންސާނުންނަށް ދެއްވާފައިވާ ރަނގަޅު ތަކެއްޗާއިި ނިޢްމަތްތަކާއި ޒީނަތްތައް، ޙަރާމްކުރައްވާ ބޭކަލެއްކަމުގައި އެކަލޭގެފާނު ނުވެއެވެ. އެފަދަ އެއްޗެއް ލިބިވަޑައިގެންފިނަމަ ރައްދެއް ނުކުރައްވައެވެ. އެކަމަކު، އެއެއްޗެހި ހޯދުމަށް ދަހިވެތިވެވަޑައިގެން، ދުނިޔޭގެ ހުރިހާ ވެސް ކަމަކީ އެއީ ކަމުގައި ނުހައްދަވައެވެ.

އަދި ހަމައެހެންމެ، ޖާހާއި މުއްސަނދިކަމަކީ ވެސް އެކަލޭގެފާނު އަހައްމިއްޔަތުކަމެއް ދެއްވި އެއްޗެއް ނޫނެވެ. ދީނަށް ގޮވާލެއްވުން ހުއްޓާލައްވައިފިއްޔާ، ޖާހާއި މުއްސަނދިކަން ދޭން ޤުރައިޝުވަންހައިގެ މީހުން ހުށައެޅިއެވެ. ނަމަވެސް އެކަލޭގެފާނު، މި ފަނާވަނިވި ދުނިޔެއަށް ހެއްލިވަޑައެއްނުގަތެވެ.

އަދި ޙަޔާތްޕުޅުގެ ހުރިހާވެސް އެއްޗަކީ އަންހެނުން ކަމުގައިވެސް ނުހައްދަވައެވެ. ނަމަވެސް މިއުޅޭ މުސްތަޝްރިޤުން، އެމީހުންގެ ވެރިންނާއި ރަސްކަލުންގެ އުޅުން ހުންނަ މިންގަނޑުން، ކީރިތި ރަސޫލާގެ އުޅުއްވުން ކިރޭތޯ ބެލިއެވެ. އަދި ރަސޫލާއާ ބެހޭގޮތުން ބުހުތާނު ވާހަކަތައް ފެތުރިއެވެ. އެމީހުން ހީކުރަނީ، އެކަލޭގެފާނަކީ ވެސް އެމީހުންގެ ވެރިންނާއި ރަސްކަލުންނާއި ޢިލްމުވެރިންނާއި އަދީބުންފަދަ މީހެއް ކަމަށެވެ. ނެޕޯލިއަން، އެލެގްޒެންޑާރ ޑޮމަސް، ޕައިރޯން، ޣޯޠް، ބޮޑްލެއާރ ފަދަ މީސްމީހުންގެ ތާރީޚް ނިކަން ބަލާލަބަލާށެވެ. އެމީހުންގެ ތާރީޚުގައިވާ ޖިންސީ ކަންތައްތަކުގެ ނުބައިވަހުން ކަލޭ ނޭފަތް ބެދޭވަރުވާނެވެ. މިފަދަ ބައެއް ވެރިން ތިބި، މުސްތަޝްރިޤުން އައިސް އެމީހުންގެ ބަލިޖެހިފައިވާ ސިކުނޑިން، މާތް ނަބިއްޔާ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ސިޔަރަތާ ބެހޭ ގޮތުން ވާހަކަ ދައްކައެވެ. އެމީހުންނަށް، ޙަޤީޤަތުގައި އެކަލޭގެފާނުގެ ތާރީޚެއްވެސް ސިޔަރަތެއްވެސް، ނަފްސާނީ ޢިލްމެއްވެސް، މިއިން އެކައްޗެއްވެސް ނޭނގެއެވެ. ދިރާސާކޮށް ހޯދާ މީހެއްގެ ކިބައިގައި ހުންނަންޖެހޭ ވަކިފަރާތަކަށް ނުޖެހުމުގެ އުޞޫލުން ވެސް އެމީހުން ތިބީ ނިގުޅިގެންނެވެ.

 

 

*    *    *    *

 


* މި ފޮތުގެ ހުރިހާ ބައެއް އެއްކޮށް ޑައުންލޯޑްކުރަން މިތަނަށް ފިތާލާށެވެ!

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.