ހޯމަ20181112

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ޢަޤީދާ އާރެއް ބާރެއް ނެތް އިރުވެސް ، އިންސާނުން ފާފަކުރަނީ ކީއްވެ؟

އާރެއް ބާރެއް ނެތް އިރުވެސް ، އިންސާނުން ފާފަކުރަނީ ކީއްވެ؟

faafa-kuranee-keeveއިންސާނުން އެމީހުން ހެއްދެވި ފަރާތް އޭނާ އާއި އެކު ކޮންމެ ތަނެއްގައިވެސް ވޮޑިގެންވާކަމުގެ އިހްސާސްކުރެވޭނަމަ ފާފަ ކުރުމާއި ދުރުވާނެއެވެ. ނަމަވެސް އާދަމް ދަރިންގެ އެންމެބޮޑު ޢަދުއްވު އިބްލީސް އަބަދުވެސް ވަނީ އިންސާނުން ހެއްދެވި ފަރާތުގެ މަތިން ހަނދުމަނެތިކޮށް އެހެން ކަންކަމުގައި، މަޝްޣޫލު ކުރުވުމަށް އަވަދި ނެތިއެވެ. މީގެ ސަބަބުން އިންސާނުންނަކީ ފާފަ ކުރުން ގިނަ ބައެކެވެ.

ވުމާއެކު މާތް ﷲ ވަނީ އިންސާނުންނަށް އެމީހުންނަށް ކުރެވޭ ކުށްތަކަށް ތައުބާ ވުމުގެ ދޮރު ހުޅުވާލާފައެވެ. އެކަލާނގެ، އަޅުތަކުން ކުރާ ފާފަތައް ޢަފޫ ކުރައްވައެވެ. މި ކަމުގެ ދޮރު، ރޭގަނޑާއި ދުވާލު އެއްވެސްހުރަހެއް ނެތި ވަނީ ހުޅުވާލެވިފައެވެ.

އެކަލާނގެ ކިބައިން ކަމަކަށް އެދޭ މީހަކަށް އެއްވެސް މެދުވެރިއެއް ބޭނުމެއް ނުވެއެވެ. މާތް ﷲ ވަޙީކުރެއްވި ބަސްފުޅުގެ މާނާގައި ވެއެވެ.

''އަދި ތިމަންސުވާމީންގެ ރަސްކަންފުޅާއި މެދު ކަލޭގެފާނުގެ އަރިއަހުން ތިމަންސުވާމީންގެ އަޅުން ސުވާލު ދަންނަވާފިނަމަ ފަހެ ތިމަންސުވާމީންގެ އީ ކުށްތައްވެ ވޮޑިގެންވާ ގާތުގައި ވޮޑިގެންވާ ރަސްކަލާނގެއެވެ. ތިމަން ސުވާމީންގެ ކިބައަށް ދުޢާކޮށްފިނަމަ ދުޢާކުރިމީހުންގެ ދުޢާ ތިމަންސުވާމީންގެ އިޖާބަ ކުރައްވަމެވެ.ފަހެ އެބައި މީހުން( ތިމަންސުވާމީންގެ އަޅުންވެސް) ތިމަން ސުވާމީން އެންގެވި އެންގެވުމަށް އިޖާބަ ދޭހުށިކަމެވެ.''

ފާފައެއް ކުރުމުގެ ކުރިން މި ކުރެވެނީ ކިހާވަރެއްގެ ކަމެއްކަން ވިސްނާލިންހެއްޔެވެ؟ ފާފަ ކުރަނީ ކިހާ ގަދަފަދަ ބާރެއް ލިބިފައި އޮތީމަ ހެއްޔެވެ؟ ހުރިހާ ކަމެއްވެސް ވާނީ ބޭނުންހައި ގޮތައްކަން އެގޭ ހެއްޔެވެ؟ އަޅެ މި ވާހަކަ އިހަށް އަޑު އަހާލަބަލާށެވެ.

ޢިލްމުވެރިއެއް ކަމުގައިވާ އިބްރާހީމްބިންއަދްހަމްގެ ގާތަށް ފާފަކުރުން ގިނަ މީހަކު އައެވެ. އަދި އޭނާ އެކަމުން ސަލާމަތްވާން ބޭނުންވާކަމަށް ބުންޏެވެ. އެހިނދު އިބްރާހީމް ބިން އަދުހަމް ބުންޏެވެ. ފަސް ކަމެއްގެ މައްޗަށް ބާރު ހިންގޭނަމަ ކަލޭ ކުށް ކުރިއަސް މައްސަލައެއް ނެތެވެ.

އެމީހާ ބުންޏެވެ. އަވަހަށް ބުނާށެވެ.

އިބްރާހީމް ބިން އަދްހަމް: ކަލޭ ފާފަ ކުރުން ބޭނުންނަމަ މާތް ﷲ ގެ ރިޒުޤުން ނުކާށެވެ.

އެމީހާ: ތިކަން ވާނީ ކިހިނެއްހެއްޔެވެ. މުޅި ދުނިޔޭގައި މިވަނީ އެކަލާނގެ ރިޒްޤެވެ. ތިހެން ކަމަށް ވަންޏާ އަހަރެން ހުންނަންޖެހެނީ ނުކައެވެ.

އިބްރާހިމް: ފަހެ ތިބާއަށް ކާންބޯންދީން ރިޒުޤު ދެއްވާ ކަލާނގެއަށް އުރެދުން އެއީ އެންމެ ރިވެތި ގޮތްކަމުގައި ދެކެންހެއްޔެވެ؟

އެމީހާ: ދެވަނަ ކަންތައް ބުނާށެވެ.

އިބްރާހީމް: ކަލާ ފާފައެއް ކުރަން ބޭނުންނަމަ އެކަލާނގެ ބިމުގައި ދިރި ނޫޅެ އެހެން ތާކަށް ދާށެވެ.

އެމީހާ: ތިއީ ހާދަހާ ބޮޑުކަމެކެވެ. އަހެރެން ދެން ދާނީ ވަކި ކޮންތާކަށް ހެއްޔެވެ. މުޅި ދުނިޔެއާއި ދުނިޔޭގައިވާހާ ތަކެއްޗަކީ އެކަލާނގެ މިލްކެކެވެ.

އިބްރާހީމް: ކަލޭ މާތް ﷲ ގެ ރިޒުޤުން ކައިގެން އެކަލާނގެ ބިމުގައި ދިރި އުޅެމުން އެކަލާނގެ އުރެދުމަކީ އެންމެ ރަނގަޅު ކަމެއްކަމުގައި ދެކެންހެއްޔެވެ.

އެމީހާ: ތިންވަނަ ކަންތައް ބުނާށެވެ.

އިބްރާހީމް: ކަލޭ އެކަލާނގެ ރިޒުޤުން ކެއުމަށް ފަހު އެކަލާނގެ ބިމުގައި ދިރި އުޅެމުން ފާފައެއް ކުރަން ބޭނުން ނަމަ އެކަލާނގެއަށް ކަލޭ ކުރާ ފާފަތައް ނުފެންނަ ތާކަށް ގޮސް ފާފަ ކުރާށެވެ.

އެމީހާ:ތިއީ މުސްތަޙީލު ކަމެކެވެ. އެކަލާނގެއީ ހިތުގައިވާ ސިއްރުތައްވެސް ދެނެވޮޑިގެންވާ ކަލާނގެއެވެ. ވީއިރު އެކަލާނގެއަށް ނުފެނި ފާފަ ކުރާނީ ކިހިނެތްހެއްޔެވެ.

އިބްރާހީމް:ވީއިރު ކަލޭ އެކަލާނގެ ރިޒުޤުން ކައިގެން އެކަލާނގެ ބިމުގައި ދިރި އުޅެމުން އެކަލާނގެއަށް ކަލޭ ކުރާ ހުރިހާ ފާފައެއް ފެންނަކަން އެނގޭއިރު ކަލޭ ފާފަ ކުރަން ހެޔޮވާނޭ ހެއްޔެވެ.

އެމީހާ:ނޫނެކެވެ. 4 ވަނަ ކަންތައް ބުނާށެވެ.

އިބްރާހީމް: މަރު އައިސް، ކަލެއާއި ބައްދަލު ކުރާހިނދު، ތައުބާވެ އިސްލާޙުވުމަށްޓަކައި، ވަގުތު ކޮޅެއް ދިނުމަށް އެދޭށެވެ.

އެމީހާ: ތިކަން ތިމަންނަ އެދުނުނަމަވެސް ޤަބޫލެއް ނުކުރެވޭނެއެވެ.

އިބްރާހީމް: ތައުބާވުމަށްޓަކައި، ކަލެއަށް މަރު ފަސްނުކުރެވޭނަމަ އަދި މަރުގެ ވަގުތު އައިސްޖެހުމުން ލަސް ނުކުރެވޭކަން އެނގޭއިރު ކަލޭ ކޮށްފައިވާ ފާފަތަކަށް ތައުބާވާނީ ކިހިނެއްހެއްޔެވެ؟

އެމީހާ: ފަސްވަނަކަންތައްބުނާށެވެ.

އިބްރާހީމް:ޤިޔާމަތް ދުވަހު މަލާއިކަތުން ކަލޭ ނަރަކައަށް ގެންދިޔުމަށް އަންނަ ހިނދު އެމީހުންނާއިއެކު ނުދާށެވެ.

އެމީހާ: އެދުވަހުން އަހަރެން ދުލެއްނުކުރާނެއެވެ. އަދި އަހަރެން ދައްކާ ވާހައިގެ އެއްވެސް މަންފާއެއް ނުކުރާނެއެވެ.

އިބްރާހިމް: ވީއިރު ކަލޭ ކޮށްފައި ތިވާ ފާފަތަކުން ސަލާމަތް ވާނީ ކިހިނެތް ހެއްޔެވެ.

ދެން އޭނާ ތައުބާވެ، ފާފަ ކުރުމާއި ދުރުވެއްޖެއެވެ. އަދި ސާލިޙް މީހުންގެ ތެރެއިން ވިއެވެ.

ވިސްނާބަލާށެވެ! އަހަރެމެންނަށް މި ހުރިހާ ރިޒުޤުތަކެއް ދެއްވާ އަހަރެމެންގެ ހުރިހާ ބޭނުންތަކެއް ފުއްދަވާ ދެއްވަނީ އެކަލާނގެއެވެ. އަހަރެމެން ދިރިއުޅެނީ އެކަލާނގެ ބިމުގައެވެ. ކަނީ އެކަލާނގެ ދެއްވާ ރިޒުޤުންނެވެ. ﷲ ވަނީ އިންސާނުންނަށް ބޮޑެތި ނިޢުމަތްތައް ދެއްވާފައެވެ. މި ހުރިހާ ނިޢުމަތަކާއި އެކުވެސް އިންސާނުން އެކަލާނގެއަށް ކުފުރުވަނީ އެވެ. މަނާ ކުރެވިފައިވާ ބޮޑެތި ފާފަ ކުރަނީއެވެ. ވިސްނާލިން ހެއްޔެވެ؟ މަރަކީ އޭގެވަގުތު އައިސް ޖެހުމާއި އެކު ލަހެއް ފަހެއް ކުރެވޭނެ ކަމެއް ނޫނެވެ. މާދަމާ ވެސް މަރު އައިސް އަހަރެމެންނާއި ބައްދަލު ނުކުރާނެ ކަމުގެ ޔަޤީންކަން ދޭން، އެކަކަށްވެސް ކެރިދާނެހެއްޔެވެ. އަދި މަރުވުމަށް ފަހު އޭނާ ކުރި ފާފަތަކުގެ ސަޒާ އޭނާއަށް ލިބޭކަން އެބަ އެނގެއެވެ. ވީއިރު އިންސާނުން ފާފަ ކުރުން މަތީގައި ދެމި ތިބެނީ ކީއްވެހެއްޔެވެ؟ ޝައިތާނާގެ ވަސްވާހާއިއެކު މީހަކަށް ފާފައެއް ކުރެވިދާނެއެވެ. ބުއްދިވެރިންނަކީ ފާފައެއް ކުރެވިއްޖެއްޔާ އަވަހަށް ތައުބާވެ އެކަމާ ދުރުވާ މީހުންނެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.