ބުރާސްފަތި20201126

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ޢަޤީދާ ދީނުގައި މަޖްބޫރުކަމެއް ނެތެވެ.

ދީނުގައި މަޖްބޫރުކަމެއް ނެތެވެ.

laa ikraaha1

{لَا إِكْرَ‌اهَ فِي الدِّينِ} "دين އަށް ވެއްދުމުގައި مجبور ކުރުމެއް ނެތެވެ. " (ބަޤަރާ:256)

މިއީ މަންސޫޚު ވެފައިވާ އާޔަތެއްކަމަށް ބައެއް މުފައްސިރުން ވިދާޅުވެފައިވާ އަޔަތެކެވެ. ނަމަވެސް މިއީ މަންސޫޚު ވާނެ އާޔަތެއް ނޫނެވެ. ސަބަބަކީ މި އާޔަތުގައި ކަނޑައަޅާފައި މިވަނީ ކަށަވަރުވެފައިވާ އަދި ޢާއްމު އުޞޫލެކެވެ. އަލިގަދަ ސާފު ހަގީގަތެކެވެ. އެއީ ދީނަކީ މަޖްބޫރުކުރެވޭނެ ކަމެއް ނޫންކަމެވެ. އަދި އެއީ ކޮށްގެންވާނެ ކަމެއްވެސް ނޫންކަމެވެ.

އެހެނީ ދީނަކީ އީމާންކަމާއި ޢަޤީދާއެކެވެ. އެއީ އިންސާނާގެ ބުއްދިން ޤަބޫލުކޮށް، ހިތަށް ތަނަވަސްކަން ލިބުނީމާ ޤަބޫލުކުރާ ޤަބޫލުކުރުންތަކެވެ. އެއީ ކަމަކަށް އިލްތިޒާމުވެ އަމިއްލަ އިޚްތިޔާރުން ކުރާ ޢަމަލުތަކެކެވެ. މަޖްބޫރުކުރުމަކީ މިހުރިހާ ކަމެއް ބާޠިލުކޮށްލާނެ އަދި އެއާ ފުށުއަރާ ކަމެކެވެ.

ވީމާ ދީނާއި މަޖްބޫރަކީ ފަހަރެއްގައިވެސް އެއްވާނެ ދޭއްޗެއް ނޫނެވެ. މަޖްބޫރު އޮވެއްޖެއްޔާ ދީނެއް ނުއޮންނާނެއެވެ. އެހެނީ މަޖްބޫރުކޮށްގެން ދީންވެރިކަމެއް ނުއުފެއްދޭނެއެވެ. ދީނަށް ވަންނަން މަޖްބޫރުކޮށްގެން އުފެއްދުނިއްޔާ އުފެއްދޭނީ މުނާފިޤުކަމާއި ދޮގާއި އޮޅުވާލުމެކެވެ. މިއީ ހައްތާވެސް ދީނުގައި މަނާކޮށްފައިވާ، އަދި ދުނިޔެއާއި އާޚިރަތުގައި ނިކަމެތިކަން ނޫނީ ނުލިބޭނެ ސިފަތަކެކެވެ.

މަޖްބޫރުކޮށްގެން ދީނެއް އަދި އީމާންތެރިކަމެއްވެސް ނުއުފެއްދޭއިރު، މަޖްބޫރުކޮށްގެން ކުފުރާއި މުރުތައްދުވުންވެސް ނުއުފެދޭނެއެވެ. މިގޮތުން ކާފަރުވާން މަޖްބޫރުކުރެވޭ މިހާއަކީ ކާފަރެއް ނޫނެވެ. މުރުތައްދުވާން މަޖްބޫރުކުރެވޭ މީހާއަކީ މުރުތައްދެއްވެސް ނޫނެވެ. މިބީދައިން އީމާންވާން މަޖްބޫރުކުރެވިގެން އީމާންވާ މީހާއަކީ މުއުމިނެއްވެސް ނޫނެވެ. އިސްލާމްވާން މަޖްބޫރުކުރެވިގެން އިސްލާމްވާ މީހާއަކީ މުސްލިމެއްވެސް ނޫނެވެ.

އަމިއްލަ ރުހުމާއި ޙަޤީޤީ އިޚްތިޔާރުން މެނުވީ މީހަކު މުއުމިނަކަށް މުސްލިމަކަށް ނުވާނެކަން، މި ޙަދީޘްފުޅުންވެސް އެނގެއެވެ: "ﷲ އަކީ ކަލާނގެ ކަމަށާއި ދީނަކީ އިސްލާމްކަން ކަމަށާއި އަދި މުޙައްމަދުގެފާނަކީ ނަބިއްޔާ އަދި ރަސޫލާކަމަށް، އަހަރެން ރުހިއްޖައީމެވެ."

މަޖްބޫރުކުރުވުމަކީ، ދުންޔަވީ މާއްދީ ޙައްޤުތަކާއި މުޢާމަލާތްތަކާއި ތަޞައްރުފުތައް ވެސް ބާޠިލުކުރާ ކަމެކެވެ. މިގޮތުން މަޖްބޫރުކޮށްގެން ކުރެވޭ ކައިވެންޏެއް ވަރިއެއް، ބައިޢުއެއް (ވިއްކުން) އަދި ބައިޢަތެއް ވެސް ނޯންނާނެއެވެ.  ވީމާ މަޖްބޫރުކޮށްގެން ދީނެއް، ޢަޤީދާއެއް، އީމާންކަމެއް، ނުވަތަ އިސްލާމްކަމެއް އުފެއްދޭނީ ކިހިނެއްހެއްޔެވެ؟!

ދީނަށް ވައްދަން މަޖްބޫރުކުރުމެއް ނުއޮތުމަކީ، މުޙްކަމް ޢާއްމު އުޞޫލެކެވެ. ހުރިހާ ޒަމާނަކަށައި ތަނަކަށް، ކިތާބީންނާއި މުޝްރިކުން، ފިރިހެނުންނާއި އަންހެނުންގެ މައްޗަށް ހިނގާ އުޞޫލެކެވެ. އަދި އެއީ ފެށުމާއި ދެމިހުރުމަށް ވެސް ހިނގާ އުޞޫލެކެވެ. މާނައަކީ ފުރަތަމަ ދީނަށް ވައްދަންވެސް މީހަކަށް މަޖްބޫރު ނުކުރެވޭ ފަދައިން، ދީނުގައި ދެމިހުރުމަށް ވެސް މީހަކަށް މަޖްބޫރެއް ނުކުރެވޭނެއެވެ.

މަޖްބޫރުކުރުމަކީ ދީނުގެ ތެރެއަށް ވަންނަ، އެއިން ދީނަށް މީހުން ވެއްދޭ ކަމެއްނަމަ، ނުވަތަ އެއީ ދީނުގައި މީހުން ބައިތިއްބަން ބޭނުންކުރެވޭ އެއްޗެއްނަމަ، އިސްލާމްދީނަށް ވަންނަން މީސްތަކުންގެ މައްޗަށް އެންމެ ރަނގަޅަށް މަޖްބޫރުކުރެއްވޭނީ މާތް ﷲ އަށެވެ. އެކަލާނގެއަކީ އެއިން ނަތީޖާއެއް ނުކުންނާނެ ޙަޤީޤީ މަޖްބޫރުކުރުމެއް މިންވަރުކުރެއްވުމަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. ކާފަރުމީހާ މުއުމިނަކަށް، މުޝްރިކު މީހާ އެއްކައުވަންތަކުރާ މީހަކަށް، އަހުލުކިތާބީ މީހާ މުސްލިމަކަށް، އަދި އެންމެހާ މީސްތަކުންނަކީވެސް މުއުމިން މުސްލިމުން ކަމުގައި ލެއްވުމީ އެކަލާނގެއަށް ކުޅަދުންވަންތަ ކަމެކެވެ.  ނަމަވެސް މާތް ﷲ އެކަލާނގެ ޙިކުމަތްފުޅުން އެހެން ނުހެއްދެވިއެވެ. {وَلَوْ شَاءَ رَ‌بُّكَ لَآمَنَ مَن فِي الْأَرْ‌ضِ كُلُّهُمْ جَمِيعًا ۚ أَفَأَنتَ تُكْرِ‌هُ النَّاسَ حَتَّىٰ يَكُونُوا مُؤْمِنِينَ} "ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިރާދަކުރައްވައިފިނަމަ، ބިމުގައި ވާހާ އެންމެން إيمان ވެއްޖައީހެވެ. ފަހެ، ކަލޭގެފާނު މީސްތަކުންނަށް އެއުރެން مؤمن ން ކަމުގައިވުމަށް މަޖްބޫރު ކުރައްވަނީތޯއެވެ؟ " (ޔޫނުސް: 99)

{قُلْ فَلِلَّـهِ الْحُجَّةُ الْبَالِغَةُ ۖ فَلَوْ شَاءَ لَهَدَاكُمْ أَجْمَعِينَ} "ކަލޭގެފާނު ވިދާޅުވާށެވެ! ފަހެ، އެންމެ ފުރިހަމަ ޙުއްޖަތް ވަނީ ﷲ އަށެވެ. ފަހެ، އެކަލާނގެ އިރާދަކުރެއްވިނަމަ، ތިޔަބައިމީހުން އެންމެންނަށް، ތެދުމަގު ދައްކަވައިފީސްކަން ކަށަވަރެވެ. " (އަންޢާމް:149)

{وَلَوْ شَاءَ اللَّـهُ مَا أَشْرَ‌كُوا ۗ وَمَا جَعَلْنَاكَ عَلَيْهِمْ حَفِيظًا ۖ وَمَا أَنتَ عَلَيْهِم بِوَكِيلٍ} "އަދި ﷲ އިރާދަކުރެއްވިނަމަ، އެއުރެން ޝަރީކެއް ނުކުޅައީހެވެ. އަދި އެއުރެންގެ މައްޗަށް ފާރަވެރިޔަކު ކަމުގައި ތިމަންރަސްކަލާނގެ ކަލޭގެފާނު ނުލައްވަމެވެ. އަދި ކަލޭގެފާނަކީ، އެއުރެންގެ ކަންތައްތައް ހަވާލު ކުރައްވާފައިވާ ވަކީލަކު ކަމުގައިވެސް ނުވެއެވެ. " (އަންޢާމް:107)

ދީނަށް ވަންނަން އިންސާނުންނަށް މާތް ﷲ މަޖްބޫރުކުރެއްވިނަމަ، އެކަން އޮންނާނީ ވެފައެވެ. މީހުންނަށް ތިބޭނީ ރަނގަޅަށް ޙަޤީޤީ ހިދާޔަތްވެސް ލިބިފައެވެ. ނަމަވެސް، އެއީ މާތް ﷲ ގެ ޙިކުމަތްފުޅު ހިއްޕެވި ގޮތެއް ނޫނެވެ. ވީއިރު، އެއިން މުނާފިޤުކަމާއި ދޮގާއި އިސްލާމްދީނަށް ނަފްރަތުވުން ނޫންކަމެއް އުފައްދައިނުދޭނެ، މަޖްބޫރުކުރުވުމެއް އަހަރެމެން މީސްތަކުންނާ ކުރިމަތިކުރުމަކީ، އިސްލާމްދީން ރުހޭނެ ކަމެއް ނޫނެވެ.

{لَا إِكْرَ‌اهَ فِي الدِّينِ} މިއާޔަތަކީ މަންސޫޚުކުރެވިފައި ނުވާ އަދި މަންސޫޚު ނުކުރެވޭނެ އާޔަތަކަށް ވާފަދައިން، އެއީ ތަޚްޞީޞުކުރެވިފައިވެސް (ޚާއްޞަ) ނުވާ އަދި ތަޚްޞީޞް ނުވެސް ކުރެވޭނެ އާޔަތެކެވެ. މިގޮތުން އެންމެ ކުރުކޮށް ބުނަންޏާ ބުނެވޭނީ، މި އާޔަތް އައިސްފައިވަނީ ޞަރީޙަ ޢިބާރާތުން ޢުމޫމުގެ ޞީޣާއިންނެވެ. ވީމާ ދަލާލަތުގެ ގޮތުންނާއި ސާބިތުވުމުގެ ގޮތުން އެއާ އެއްވަރުގެ ދަލީލަކުން ނޫނީ، އެ ތަޚްޞީޞްވެސް ނުކުރެވޭނެއެވެ. ޢައްލާމާ އިބްނު ޢާޝޫރު ވިދާޅުވެފައިވަނީ: މިއާޔަތުގައި މުޅި އިކްރާހު (މަޖްބުރުކަން) ނަފީކުރެވިފައިވަނީ، ނައްޞުން ޢުމޫމުގެ (ޢާއްމު) މާނަ ޤަޞްދުކުރުމަށެވެ. އަދި މިއާޔަތަކީ، ދީނަށް ވައްދަން އެއްވެސް ބާވަތެއްގެ މަޖްބޫރުކުރެމެއް އޮވެގެން ނުވާނެކަމަށް އޮތް ދަލީލެކެވެ."

ވީމާ، މިއާޔަތަކީ މުޙްކަމް އަދި މަންސޫޚުވެފައި ނެތް އާޔަތެކެވެ. އަދި އެއީ ތަޚްޞީޞުވެފައި ނެތް ޢާއްމު އާޔަތެކެވެ. އަދި ދީނަށް ވައްދަން މަޖްބޫރުކޮށްގެން ނުވާނެކަން އެހާ ހާމަކޮށް އާޔަތުގެ ޞަރީޙަ މަންޠޫޤު ލަފްޒުން އޮތް އާޔަތެކެވެ.

ކަން މިހެން އޮތް އިރު ދެން މި ބަލާލަނީ މި މައްސަލައާ މެދު އައިސްފައިވާ ބައެއް އިއުތިރާޒުތަކާއި އޮޅުންތަކަށެވެ. އެއީ:

އެކެއް:

ޤުރުއާނާއި ސުންނަތުގެ އެތަކެއް ނައްޞެއްގައި ސާބިތުވެފައިވަނީ، އަދި ނަބަވީ ސީރަތުގެ ޢަމަލުފުޅުގައިވެސް ސާބިތުވެފައިވަނީ، އިސްލާމްވަންދެން މުޝްރިކުންނާ ހަނގުރާމަކުރެވުނު ކަމެވެ.... މީގެ މާނައަކީ ޢަރަބިންގެ ގިނަ މުޝްރިކުންނަކީ "މަޖްބޫރު" ކޮށްގެން އިސްލާމްދީނަށް ވެއްދުނު ބައެކެވެ. މިއީ ބުނެވޭ ގޮތެވެ!

ދޭއް:

މުރުތައްދުވުމުގެ ހައްދަކީ، އިސްލާމްދީނުގައި ދެމިތިބުމަށް ކުރެވޭ "މަޖްބޫރެކެވެ".

މިހެންވެ ބައެއް މީހުން ބުނަނީ މި ބުނެވުނު ދެ ގޮތަށް، އިސްލާމްދީނަށް ވަންނަން މަޖްބޫރުކުރުމަކީ، އާޔަތުގެ ޢާއްމު މާނައިން އިސްތިސްނާވާ ހާލަތްތަކެކެވެ. މިވާހަކައިގެ ޙަޤީޤަތަކީ ކޮބައިހެއްޔެވެ؟

ފުރަތަމަ މައްސަލައާ މެދު:

އިމާމް ޝައުކާނީ ވިދާޅުވެފައިވަނީ: " {لَا إِكْرَ‌اهَ فِي الدِّينِ} މިއާޔަތާމެދު ޢިލްމުގެ އަހުލުވެރިންވަނީ އެތައް ގޮތަކަށް އިޚްތިލާފުވެފައެވެ. އެއްބަޔަކު ބުނަނީ އެއީ މަންސޫޚުވެފައިވާ އާޔަތެއްކަމަށެވެ. ސަބަބަކީ ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޢަރަބީންގެ މުޝްރިކރުން އިސްލާމްދީނަށް ވަންނަން މަޖްބޫރުކުރައްވައި، އެމީހުންނާ ހަނގުރާމަކުރައްވައި، އަދި އިސްލާމްވުން ފިޔަވައި އެހެން ކަމެއް އެމީހުންގެ ކިބައިން ޤަބޫލެއް ނުކުރެއްވިއެވެ. ވީމާ މިއާޔަތް ނަސްޚުކުރި އާޔަތަކީ: { يَا أَيُّهَا النَّبِيُّ جَاهِدِ الْكُفَّارَ‌ وَالْمُنَافِقِينَ وَاغْلُظْ عَلَيْهِمْ} "އޭ ނަބިއްޔާއެވެ! ކާފަރުންނާއި، މުނާފިޤުންނާ ދެކޮޅަށް ކަލޭގެފާނު ޖިހާދު ކުރައްވާށެވެ! އަދި އެއުރެންގެ މައްޗަށް ކަލޭގެފާނު ހަރުކަށިވެ ވަޑައިގަންނަވާށެވެ! " (އައްތަޙްރީމް:9)

{يَا أَيُّهَا الَّذِينَ آمَنُوا قَاتِلُوا الَّذِينَ يَلُونَكُم مِّنَ الْكُفَّارِ‌ وَلْيَجِدُوا فِيكُمْ غِلْظَةً} " އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ކާފަރުންގެ ތެރެއިން ތިޔަބައިމީހުންނާ ގާތުގައިތިބި މީހުންނާ ތިޔަބައިމީހުން ހަނގުރާމަ ކުރާށެވެ! އަދި ތިޔަބައިމީހުންގެ ކިބައިން ހަރުކަށިކަން އެއުރެން ދެކޭހުށިކަމެވެ! " (އައްތައުބާ:133)

{ قُل لِّلْمُخَلَّفِينَ مِنَ الْأَعْرَ‌ابِ سَتُدْعَوْنَ إِلَىٰ قَوْمٍ أُولِي بَأْسٍ شَدِيدٍ تُقَاتِلُونَهُمْ أَوْ يُسْلِمُونَ} "އަޢްރާބީންގެ ތެރެއިން ހަނގުރާމަޔަށް ނުގޮސް ފަސްޖެހުނުމީހުންނަށް ކަލޭގެފާނު ވިދާޅުވާށެވެ! ގަދަފަދަވެގެންވާ ބާރެއްގެ ވެރިބަޔަކުގެ ގާތަށް ދިޔުމަށް ތިޔަބައިމީހުންނަށް ގޮވައިލައްވާނެތެވެ. ތިޔަބައިމީހުން އެއުރެންނާ ހަނގުރާމަކުރުމަށެވެ. ނުވަތަ އެއުރެން ކިޔަމަންވެ އިސްލާމްވުމަށެވެ." (އަލްފަތުޙު: 16)

ވަރަށް ގިނަ މުފައްސިރުން ވަޑައިގެންފައިވަނީ މި މާނައަށެވެ."[1]

ނަމަވެސް މިއާމެދު އަހަރެން ބުނާނީ: ބަޔަކު މީހުން އިސްލާމްދީނަށް ވެއްދުން މަޖްބޫރުކުރެވޭ ކަމަށް، މިއާޔަތްތަކުން ދޭހައެއް ނުވެއެވެ. އަދި އެމީހުންނާ ހަނގުރާމަކުރެވުނީ ދީނަށް ވައްދަން މަޖްބޫރުކުރަން ކަމަކަށްވެސް ދޭހައެއް ނުވެއެވެ.

-   ފަހެ ކާފަރުންނާއި މުނާފިޤުންނާ ޖިހާދުކުރަން އަމުރުކުރެއްވުމުގެ މާނަކީ، އިސްލާމްދީނަށް އެމީހުން ވައްދަން މަޖްބޫރުކުރުމެއް ނޫނެވެ.

-   ކާފަރުންނާއި މުނާފިޤުންނާ ކުރެވޭ ޖިހާދަކީ ހަނގުރާމަކޮށްގެން ކުރެވޭ ޖިހާދަކަށްވެސް އަދި ހަނގުރާމަ ނޫން އެހެން ވަސީލަތްތަކުން ކުރެވޭ ޖިހާދަކަށްވެސް ވެދާނެއެވެ.

-   ހަމައެހެންމެ މުނާފިޤުންނަކީ އެމީހުންގެ މުނާފިޤުކަމަށްޓަކައި އެކަނި ހަނގުރާމަކުރެވޭ އަދި ޤަތުލުކުރެވޭ ބައެއް ނޫނެވެ. އެމީހުންނާ ހަނގުރާމަކުރެވެނީ –ހަނގުރާމަ ކުރެވިއްޖެއްޔާ- އެހެން ސަބަބުތަކަށްޓަކައެވެ.

ވަރަށް ގިނަ ސަބަބުތަކަކަށް އިސްލާމްދީނުގައި ހަނގުރާމަކުރެވެއެވެ. މިސާލަކަށް ނަފްސުގެ ދިފާޢުގައި، ޢުދުވާނެއް ދުރުކުރަން، ހަތިޔާރާއެކު ބަޣާވާތް ކުރަން އުޅޭ ބަޔަކު ހުއްޓުވަން، މުސްލިމުންނާ ދެކޮޅުވެރި ނުބައި ރޭވުމެއް ރޫޅާލަން، އަނިޔާވެރިކަން ބަލިކަށިކުރުން، ފޭރިގެންފައިވާ ޙައްޤެއް އަނބުރާ އަތުލުން ފަދަ ކަންކަމަށެވެ.

މިއާ އަދި މި ނޫންވެސް ސަބަބުތަކަކީ، އެއްކޮޅުން އިސްލާމްދީނާއި މުސްލިމުން އަނެއްކޮޅުން ކާފަރުންނާއި މުނާފިޤުންނާ ދެމެދު ހަނގުރާމަކުރަން އޮތް ސަބަބުތަކެކެވެ.

ވީމާ އެމީހުންނާ ހަނގުރާމަކުރަން އިޒުނަދެވުނީ -ނުވަތަ އަމުރުކުރެވުނީ-، މިއިން ކޮންމެވެސް ސަބަބަކަށް ނުވަތަ ސަބަބުތަކަކަށްޓަކައެވެ. ނަބަވީ ސީރަތުގައި ވާރިދުވެފައިވާ ހުރިހާ ހަނގުރާމައަކަށް ބެލީމާވެސް، އަދި ޤުރުއާނުގައި އައިސްފައިވާ ހަނގުރާމަކުރުމުގެ ނައްޞުތަކަށް ބެލީމާވެސް، މި ޙަޤީޤަތް ވަރަށް ސާފުކޮށް ހާމަވާނެއެވެ.

ދެން {قَاتِلُوا الَّذِينَ يَلُونَكُم مِّنَ الْكُفَّارِ‌}  މިއާޔަތުގައި މިވާފަދަ އަމުރުފުޅަކީ ހަނގުރާމަކުރަންޖެހޭ ފަދަ ޚާއްޞަ ހާލަތަކާ ގުޅިފައިވާ އަމުރުފުޅުތަކެކެވެ. އެހެން ނޫންނަމަ، ހަމައެކަނި ގާތުގައި ތިބި ކާފަރުން ޚާއްޞަކުރަންވީ ކީއްވެހެއްޔެވެ؟

އެމީހުންނާ ހަނގުރާމަކުރަންޖެހުނީ ކޮންމެ ސަބަބަކާ ހުރެ ކަމަށް ވިޔަސް، -އަހަރެން ދެންމެ މިބުނި ސަބަބުތަކުން އެ ބޭރެއް ނުވާނެ- އެއީ އިސްލާމްދީނަށް ގަދަކަމުން މީހުން ވައްދަން ކުރެވުނު  ހަނގުރާމައަކަށް ނުވާނެއެވެ. މަޖްބޫރުކުރަން ކަމަށް ދޭހަވާނެ ދަލީލެއްވެސް ނެތެވެ.

ދެން ޝައުކާނީ ގެންނެވި ތިންވަނަ އާޔަތަކީ، ކުރީ އާޔަތަށް ވުރެ ވެސް ޚާއްޞަ ހާލަތަކަށް އޮތް އާޔަތެކެވެ. އާޔަތުގެ ފުރިހަމަ ނައްޞު މިއޮތީއެވެ: { قُل لِّلْمُخَلَّفِينَ مِنَ الْأَعْرَ‌ابِ سَتُدْعَوْنَ إِلَىٰ قَوْمٍ أُولِي بَأْسٍ شَدِيدٍ تُقَاتِلُونَهُمْ أَوْ يُسْلِمُونَ ۖ} (އާޔަތުގެ މާނަ : މަތީގައި ބުނެވިފައި)

މިއާޔަތުގައި ކުރަން އޮތް ހަނގުރާމައަކަށް ތައްޔާރުވާން އަމުރުކުރެވުނީ އަޢްރާބީންނަށެވެ. ކިއެއްތަ، އަޢްރާބީންގެ ތެރެއިން ހަނގުރާމައަށް ނުގޮސް ތިބި މީހުންނަށެވެ. އަދި ހަނގުރާމަ ކުރެވެނީވެސް ވަކި ސިފައެއް ހުރި ވަކި ޚާއްޞަ ބަޔަކާއެވެ.

ދެން އާޔަތުގައި  {تُقَاتِلُونَهُمْ أَوْ يُسْلِمُونَ} "އެއުރެންނާ ހަނގުރާމަކުރުމަށެވެ. ނުވަތަ އެއުރެން ކިޔަމަންވެ އިސްލާމްވުމަށެވެ." މިހެން އޮތުމުން، އިސްލާމްދީނަށް ވަންނަން މަޖްބޫރުކުރެވޭ ކަމަށް ދޭހައެއް ނުވެއެވެ. އާޔަތުން ދޭހަވާހާވެސް މާނައަކީ،  ވަކި ހާދިސާތަކަކާއި ތާރީޚީ ސިޔާގެއްގައި (ކޮންޓެކްސްޓެއްގައި) ބަޔަކާ ހަނގުރާމަކުރަން ޖެހި އެކަމަށް ގޮވާލެވުނީއެވެ. އަދި އެ ހަނގުރާމަ ކުރަންވެސް ޖެހިދާނެ ކަމާއި ފަހަރެއްގައި ނުކޮށް ފަރުޖެއްސިވެސް ދާނެކަން ހަނދާންކޮށްދެނީއެވެ. ކޮންމެ ގޮތެއް ވިޔަސް މުސްލިމުން އޭރު ތިބީ ކޮންމެވެސް އެއްކޮޅެއްގައި ޖައްސަން ނިންމައިގެންނެވެ. އެއީ އެއްކޮޅުން ހަނގުރާމަކޮށް ނަޞްރު ހޯދުން، ނުވަތަ އަނެއްކޮޅުން ހަނގުރާމަކުރުމުގެ ކުރިން ނުވަތަ ހަނގުރާމައިގެ ތެރޭގައި އެމީހުން އިސްލާމްވެއްޖެނަމަ، ހަނގުރާމައަށް ނިމުމެއް އައުމެވެ.

މިކަމުގައި އޮތް އެނގޭ އިސްލާމީ ޤަވާޢިދަކީ: "އިސްލާމްވުމުން ކުރީގެ ފާފަތައް ފޮހެވިދެއެވެ." ވީމާ މުސްލިމުންނާ ދެކޮޅަށް ހަނގުރާމަކުރި މީހުން އިސްލާމްވެއްޖެއްޔާ އެމީހުން ދެން ތިބޭނީ އާ ހާލަތެއްގައެވެ. ކުރިން ހަނގުރާމަކުރި ކާފަރުންގެ ގޮތުގައި ތިބެފައި މިހާރު މުއުމިންނާ އެއް ޢަޤީދާއެއްގެ އަޚުންތަކަކަށް ވީއެވެ. އަދި މި އާ ހާލަތަށް ހުންނާނީ ތަފާތު ޙުކުމްތަކަކާއި ޤަވާޢިދުތަކެކެވެ.

މީގެ ތެރެއިން އެއް ޤަވާޢިދަކީ: "ކުރިން އިސްވެދިޔަ ކަންތައް ﷲ ޢަފޫކުރައްވައިފިއެވެ." މި ޤަވާޢިދަކީ މިއާޔަތުގައިވެސް ތަންފީޒުކުރެވިފައި މިވާ ޤަވާޢިދެވެ. {قُل لِّلَّذِينَ كَفَرُوا إِن يَنتَهُوا يُغْفَرْ لَهُم مَّا قَدْ سَلَفَ وَإِن يَعُودُوا فَقَدْ مَضَتْ سُنَّتُ الْأَوَّلِينَ} "ކާފިރުވި މީހުންނަށް، ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެން (ހަނގުރާމަކުރުމާއި، ކާފިރުކަން) ހުއްޓާލައިފިނަމަ، އެއުރެންނަށް އިސްވެގޮސްފައިވާ ފާފަތައް ފުއްސަވާހުށްޓެވެ. އަދި އެއުރެން (އެކަންކަމަށް) އަލުން އެނބުރި އަންނަނަމަ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އިސްވެދިޔަ މީހުންނަށް ވެގެންދިޔަގޮތުގެ މިސާލު ފާއިތުވެ ހިނގައްޖެއެވެ. " (އަލްއަންފާލް:38)

ޢަރަބީންގެ މުޝްރިކުންނާއި އަދި މަދީނާގައި ތިބި ޔަހޫދީންނާ މެދު އިސްލާމްދީން ގެންގުޅުނީ ޢުޤޫބާތުގެ ބަދަލުގައި ޢުޤޫބާތް ދެވޭ، ވަރަށް  ހަރުކަށި ސިޔާސަތެކެވެ. އެހެންވެ އެމީހުންނާ ދެކޮޅަށް އެތަކެއް ހަނގުރާމައެއްވެސް ކުރަންޖެހުނީއެވެ. ނަމަވެސް މުސްލިމުން އެމީހުންނާ ހަނގުރާމަކުރީ ވަރަށް ގިނަ ދުވަހު އެމީހުންގެ އަނިޔާއަށް ކެތްކުރުމަށްފަހު، އަނިޔާވެރިކަމާއި ނުބައި ރޭވުންތައް އިންތިހާއަށް ދިޔައީމައެވެ. މުސްލިމުންގެ ދީނާއި ފުރާނައާއި މުދަލާއި އަދި ހުރިހާ ޙައްޤުތަކެއް ގެއްލުނީމައެވެ. ނަމަވެސް މިއާ އެކުވެސް، ފުލުފުލުން ލިބެމުން ދިޔަ ނަޞްރާ އެކުވެސް، މާތް ﷲ މުސްލިމުންނަށް އެންގެވީ: {لَا إِكْرَ‌اهَ فِي الدِّينِ ۖ قَد تَّبَيَّنَ الرُّ‌شْدُ مِنَ الْغَيِّ} މިއާޔަތް ބާވައިލެއްވުނީ މަދަނީ މަރުޙަލާގެ މެދުތެރޭގައި ނުވަތަ ފަހުކޮޅުގައެވެ. އެއީ އެ މަރުހަލާގެ ކުރީކޮޅު ބާވައިލެއްވުނު އާޔެއް ނޫނެވެ.

ޝައިޚް އިބްނު ޢާޝޫރު ދެކެލައްވަނީ، މި އާޔަތަކީ  ހަނގުރާމަކުރުމަށް އަމުރުކުރެވުނު އާޔަތްތަކަށް ވުރެ ފަހުން ބާވައިލެއްވި އާޔަތެއް ކަމަށެވެ. ވިދާޅުވީ:

"މިއާޔަތަކީ މައްކާ ފަތަޙަވެ ޢަރަބިންގެ ބިންތަކުން މުޝްރިކުންގެ ބާރު ކެނޑުމަށްފަހު ބާވައިލެއްވުނު އާޔަތެކެވެ. އަދި ކާފަރުން އިސްލާމްދީން ޤަބޫލުކުރުވަން ހަނގުރާމަކުރުމުގެ ޙުކުމް ނަސްޚުކުރެވުނެވެ. އަދި މިއާޔަތުން ދަލީލުކޮށްދެނީ، އެހާ ހިސާބުން ދެން އެބައިމީހުން އިސްލާމްދީނުގެ ބާރުގެ ދަށަށް ވަދެ، ޒިއްމީންގެ ގޮތުގައި އުޅެވިދާނެކަމެވެ. މައްކާ ފަތަޙަވުމަށްފަހު ޢަރަބިކަރައިން މުޝްރިކުންގެ ބާރުކެނޑި، ފައުޖުފައުޖަށް މީސްތަކުން އައިސް އިސްލާމްދީނަށް ވަންނަން ފެށީމާ، ކީރިތި ރަސޫލާ ކަންކުރެއްވި ގޮތުންވެސް ހާމަވަނީ މިގޮތެވެ. [2]

އިބްނު ޢާޝޫރުގެ މި ރައުޔަކީ، އިބްނު ޢައްބާސް އަރިހުން އައިސްފައިވާ ރިވާޔަތަކަށް ބުރަވެވަޑައިގެން ވިދާޅުވި ރައުޔަކަށްވުން އެކަށީގެންވެއެވެ. އިބްނު ޢައްބާސް އަރިހުން އައްޠަބަރީ ރިވާކުރައްވާފައިވަނީ، "މި އާޔަތް ބާވައިލެއްވުނީ އިސްލާމްދީނަށް މީސްތަކުން ފައުޖުފައުޖަށް ވަދެ، އަހުލުކިތާބީން ޖިޒުޔަދޭން ފެށުމުންނެވެ."

އެނގޭ ކަމަކީ، ހިޖުރައިން ނުވަވަނަ އަހަރު ކުރެވުނު ތަބޫކު ހަނގުރާމައިގެ ފަހުން ނޫނީ، ޖިޒުޔަ ނުނަގައެވެ.

މިހުރިހާ އެއްޗަކުން އެނގެނީ، މި އާޔަތަކީ ނަސްޚުވެފައިވާ އާޔަތެކޭ ބުނުމަކީ ރަނގަޅު ބުނުމެއް ނޫންކަމެވެ.

ދެވަނަ މައްސަލައާ މެދު:

ދެވަނަ މައްސަލައަކީ މުރުތައްދުން ޤަތުލުކުރުމެވެ. މިތާނގައި އަހަރެން ދެކެނީ މި މައްސަލައާ މެދު އޮތް ބައެއް މަންހަޖީ ޤަވާޢިދުތައް ހަނދާންކޮށްލަ ދިނުމަކީ ފައިދާކުރާނެ އަދި ޟަރޫރީ ކަމެއް ކަމުގައެވެ. އެއީ:

1-    އިސްލާމްދީނުގައިވާ ޢާއްމު އުޞޫލުތަކަކީ ނަސްޚުވާ އެއްޗެއް ނޫނެވެ. މިވާހަކަ އެވަނީ އިސްވެ ދިޔަ ޞަފްޙާތަކުގައި ބަޔާންވެފައެވެ.

2-     އަދި އެއްބަސްވެވި ކަނޑައެޅިފައިވާ ޤަވާޢިދަކީ، ޤުރުއާނުގެ ބޮޑު ބަޔަކީ އަދި ޝަރީޢަތުގެ އަސާސަކީ، މުޙްކަމް ޢާއްމު އުސޫލުތަކެކެވެ. އަދި މި ޢާއްމު އުޞޫލުތަކަކީ ވަކިވަކި މައްސަލަތަކުގެ މައްޗަށް ޙުކުމްކޮށްދޭ އެއްޗެކެވެ. އަދި ވަކިވަކި މައްސަލަތަކަށް ވުރެ އިސްކަންދެވޭ އެއްޗެކެވެ.

3-     އަދި ޝާޠިބީ ކަނޑައަޅުއްވާފައިވަނީ:  "ޢާއްމު އުސޫލުތަކަކީ އޮޅުން އަރާނެ އެއްޗެއް ނޫންކަމަށެވެ. އޮޅުން އަރާނީ ފަރުޢީ ވަކިވަކި މައްސަލަތަކުގައެވެ."

4-     ދެން ޝާޠިބީ ވިދާޅުވެފައިވަނީ: "ޢާއްމު ޤަވާޢިދެއް ސާބިތުވުމަށްފަހު، ވަކި ވަކި މައްސަލަތަކާއި ހާލާތްތަކުގެ ކަންކަން އެއާ ފުށެއް ނާރާނެއެވެ." ސަބަބަކީ ޢާއްމު ޤަވާޢިދަކީ ޤަޠްޢީ ދަލީލުތަކެއްގެ މައްޗަށް ބިނާވާ އެއްޗެކެވެ.  ނަމަވެސް ވަކިވަކި މައްސަލަތަކަކީ އެތައް ގޮތަކަށް ތައުވީލުކުރެވިދާނެ އޮޅުން އަރާއެއްޗެކެވެ.

މިމައްސަލަ މިގޮތަށް ކަނޑައަޅުއްވައި ސާބިތުކުރެއްވުމަށްފަހު ޝާޠިބީ ވަނީ އެކަލޭގެފާނުގެ ދުވަސްވަރު ޣަރުނާޠާގައި (އަންދަލުސްގެ ރަށެއް) އުފެދުނު ޚިޔާލުތަފާތުވުމެއްގެ މިސާލު ގެންނަވާފައެވެ. އެއީ މޫސާގެފާނު ޤިބްޠީއަކު މަރާލެއްވުމާ މެދު އުފެދު ޚިޔާލު ތަފާތުވުމެކެވެ. މިހާދިސާއިން ބައެއް މީހުންނަށް ދޭހަވީ، ނަބީބޭކަލުންނަކީ މަޢްޞޫމު ބައެއް ނޫންކަމަށެވެ. ނަމަވެސް އެބޭކަލުންނަކީ މަޢްޞޫމު ބައެއްކަން މިއީ އިސްލާމީ ޢަޤީދާގައި އެއްބަސްވެވި ކަނޑައެޅި އޮންނަ ޙަޤީޤަތެކެވެ. އަދި މިއީ ޝައްކާއި އިޙްތިމާލަށް ވުރެ މަތީގައިވާ މައްސަލައެކެވެ. ކޮންމެއަކަސް މިޚިޔާލުތަފާތުވުންތަކުގެ ހައްލެއް ހޯއްދަވަން ވެގެން ޝާޠިބީ ފުރަތަމަ ނިންމެވީ:  ނަބީންނަކީ މަޢްޞޫމުވެގެންވާ ބައެއްކަން އެއީ ކުއްލީ ޤަވާޢިދެއް ކަމަށެވެ. ވީމާ އެއީ އިތުރު ޝައްކެއް ނުވަތަ ސުވާލު އުފެދިގެންވާނެ މައްސަލެއް ނޫނެވެ. މިކަން މިހެން ޤަބޫލުކުރުމަށްފަހު، މޫސާގެފާނު ޤިބްޠީ މީހާ މެރުއްވުން އެއީ ޖުޒުއީ (ޚާއްޞަ) މައްސަލައެއްކަމަށް ބަލައި، މި ޖުޒުއީ މައްސަލަ، ކުއްލީ (ޢާއްމު) މައްސަލައަށް ހުށައެޅުމުން، ރަނގަޅު ޖަވާބަކަށް އާދެވޭނެއެވެ. މިގޮތުން ނަބީންގެ މަޢްޞޫމުކަމާ ފުށުނާރާ ކޮންމެ ގޮތަކަށްވެސް އެ ހާދިސާ މާނަކުރެވިދާނެއެވެ. ޝާޠިބީ ވިދާޅުވީ: "... ވީމާ އެކަމަކީ ފާފައެއްކަމަށް ވުމަކީ މުސްތަޙީލުކަމެކެވެ. ފާފައަކަށް ވުން މުސްތަޙީލު ކަމަށްވަންޏާ ދެން ބުނެވޭނީ އެއީ ފާފައެއް ނޫންކަމަށެވެ. އަދި މިއަށްފަހު، ނަބީންގެ މަޢްޞޫމުކަމާ އެކަށީގެންވާ ކޮންމެ ގޮތަކަށް ވެސް މި މައްސަލަ ތައުވީލުކުރުމުގެ ތަނަވަސްކަން ކަލެއަށް އެބަ އޮތެވެ."

މިބީދައިން އަހަރެމެންނަށް ޔަޤީންވާ ކަމަކީ، {لَا إِكْرَ‌اهَ فِي الدِّينِ} މި ޤަވާޢިދަކީ ސާބިތުވުން ޤަޠުޢީ، އަދި ދޭހަ ޤަޠުޢީ ދަލީލެކެވެ. މީގެ އިތުރަށް އެއީ އޭގެ ޢާއްމު ކަމާއި ޞީޣާގައިވެސް ޢާއްމު އުޞޫލެކެވެ.  ހަމައެހެންމެ ބުއްދިންނާއީ އަދި ތަޖުރިބާއިންވެސް އަހަރެމެންނަށް ކަށަވަރުވެޔަޤީންވާ ކަމަކީ، މަޖްބޫރުކޮށްގެން ދީނަށް ވެއްދުމަކީ އޭގައި އެއްވެސް މަންފާއެއް ނެތް ކަމެއްކަމެވެ. ވިއްޔާ ވަނީ ގެއްލުމެވެ.

ވީމާ މިކަންކަން އަހަރަމެންނަށް އެނގި، މި ހަމަތަކުގައި ހިފައިގެން، އެކި ފަރާތްފަރާތަށް ނުގޮސް ކުރިއަށް ދަންޏާ، މުރުތައްދުވާ މީހާ ތައުބާވެ އިސްލާމްދީނަށް ރުޖޫޢަނުވަންޏާ އޮތީ އޭނާ ޤަތުލުކުރަން ކަމަށް ރިވާވެފައިވާ އަޘަރުތަކާއި ޚަބަރުތަކާމެދު ކަންތައް ކުރާނެ ރަނގަޅު ގޮތް އަހަރެމެންނަށް އެނގިގެންދާނެއެވެ.

ވީމާ އެހެން އެއްވެސް ސަބަބެއް ނެތި ހަމައެކަނި މުރުތައްދުވީކަމަށްޓަކައި ޤަތުލުކުރުން އޮންނަ ކަމަށް ބުނުމަކީ، "ދީނަށް ވެއްދުމަށް މަޖްބޫރުކުރުމެއް ނެތެވެ." ބުނާ ޤަވާޢިދާއި، ވަރަށް ބޮޑަށް ވަރަށް ފާޅުކޮށް ފުށުއަރާ ކަމެކެވެ. ވީމާ އަހަރެމެންނަށް ޖެހޭނީ އެވާހަކަ ޤަބޫލުނުކޮށް އަދި އެވާހަކައާ އެއްބަސްނުވާށެވެ. ދެން މިއަށްފަހު، މުރުތައްދުވާ މީހާ ޤަތުލުކުރުމަށް އޮތް އަޘަރުތަކާއި ޚަބަރުތައް މި އަންނަނިވިގޮތުގެ މަތިން ފަހުމުކުރެވިދާނެއެވެ:

1-      އެއީ ތަޢްޒީރީ ޢުޤޫބާތަކަށްވުން. ވީމާ މުރުތައްދުވުމުން އިސްލާމީ މުޖްތަމަޢަށް ލިބިދާނެ ގެއްލުމަކާއި ކުރިމަތިވާނެ ނުރއްކަލަކަށް ބަލައި، ޢުޤޫބާތްދެވިދާނެއެވެ. ކީރިތި ޤުރުއާނުންވެސް އަހަރެމެންނަށް އެނގިފައިވަނީ، އޭރުގައި ވެސް ވަރަށް ގިނަ ފަހަރަށް އިސްލާމްދީނަށް ވަދެފައި ދީނުން ބޭރުވަނީ، އޭގައި ޚިޔާނާތްތެރިވުމާއި ޣަދަރުވެރިވުން ހިމެނިފައިވާ، މުސްލިމް ދައުލަތާ ދެކޮޅަށް ރޭވޭ ރޭވުންތަކުގެ ތެރެއިންވާ ކަމެއްގެ ގޮތުގައެވެ.

2-      ނުވަތަ އެއީ މުރުތައްދުވާ މީހާއާ އާއްމުކޮށް ގުޅުވިފައިވާ ކަމެއްގެ ސަބަބަކަށްވުން. މިގޮތުން މުރުތައްދުވުމުގެ އިތުރުން  ޤަތުލުކުރުމާއި މަގުފޭރުމާއި ޢަދުއްވުންގެ ލަޝްކަރާ ގުޅުން ފަދަ، މެރުމުގެ ޢުޤޫބާތް ވާޖިބުވާ ޖަރީމާތަކެއް ކޮށްފައި އޮތީތީ ޤަތުލުކުރެވެނީއެވެ. ނަބަވީ ޞައްޙަ މި ޙަދީޘުގެ ބައެއް ރިވާޔަތްތަކުގައި މިކަމަށް އިޝާރާތްކުރައްވާފައި އެބަ އޮތެވެ. މި ޙަދީޘަކީ މި ބާބުގައި އޮތް އެންމެ ޞައްޙަ ޙަދީޘްވެސް މެއެވެ.

ބުޚާރީއާއި މުސްލިމާއި ތިރުމިޛީ، ޢަބްދުﷲ ބިން މަސްޢޫދު އަރިހުން ރިވާކުރައްވާފައިވަނީ، ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘްކުރެއްވިއެވެ: "عَنْ عَبْدِ اللَّهِ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم لاَ يَحِلُّ دَمُ امْرِئٍ مُسْلِمٍ يَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَأَنِّى رَسُولُ اللَّهِ إِلاَّ بِإِحْدَى ثَلاَثٍ النَّفْسُ بِالنَّفْسِ وَالثَّيِّبُ الزَّانِى ، وَالْمَارِقُ مِنَ الدِّينِ التَّارِكُ الْجَمَاعَةَ" މާނަ: "ﷲ ފިޔަވާ އެހެން އިލާހަކު ނުވާކަމަށާއި އަދި ތިމަންކަލޭގެފާނީ ﷲ ގެ ރަސޫލާކަމަށް ހެކިވާ މުސްލިމެއްގެ ލޭ، ތިންކަމަކުން ނޫހީ ހުއްދަނުވެއެވެ. އެއީ ނަފްސަކަށް ނަފްސަކު މެރުމާއި، ޒިނޭކުރާ ޘައްޔިބު މެރުމާއި، ދީނުން ބޭރުވެ މުސްލިމުންގެ ޖަމާޢަތް ދޫކުރާމީހާއެވެ."

މި ޙަދީޘްގައި މި ވަނީ މެރުން ހުއްދަވާ ތިން ސަބަބުގެ ތެރެއިން، މިތާނގައި އަހަރެމެންނާ ބެހެނީ ތިންވަނަ ސަބަބެކެވެ. ފާހަނގަވާ ކަމަކީ މި ސަބަބު އައިސްފައިވަނީ ދެ ކަމެއް އެއްވެގެންނެވެ. އެއީ ދީނުން ބޭރުވުމާއި ޖަމާޢަތުން ނުކުތުމެވެ. ވީމާ ޙަދީޘްގައި ވަނީ ހަމައެކަނި ދީނުން ބޭރުވާ ވާހަކަ (މުރުތައްދުވުން) އެކަންޏެއް ނޫނެވެ. ކިއެއްތަ، އޭގެ ތެރެއަށް ޖަމާޢަތުން ނުކުތުންވެސް އިތުރުކުރެވެއެވެ. ޖަމާޢަތުން ނުކުތުމުން އޭރު ދޭހަވާ މާނައަކީ ޖަމާޢަތާ ދެކޮޅުވެރިވެ، ޖަމާޢަތާ ހަނގުރާމަކުރުމެވެ. އަދި ފަހަރެއްގާ ހަނގުރާމަކުރަމުންދާ ޢަދުއްވުންނާ ވެސް ގުޅިދާނެއެވެ. މި ޙަދީޘުގެ އެހެން ރިވާޔަތްތަކުގައި މިވާހަކަ ޞަރީޙަކޮށް އައިސްފައި އެބަ އޮތެވެ.

ޢާއިޝަތުގެފާނު އަރިހުން އަބޫދާއޫދު ރިވާކުރައްވާފައިވާ ޙަދީޘްގައި ވަނީ: "ﷲ ފިޔަވާ އެހެން އިލާހަކު ނުވާކަމަށާއި އަދި ތިމަންކަލޭގެފާނީ ﷲ ގެ ރަސޫލާކަމަށް ހެކިވާ މުސްލިމެއްގެ ލޭ، ތިންކަމަކުން ނޫހީ ހުއްދަނުވެއެވެ. އެއީ މުޙްޞަނަކަށްވުމަށްފަހު މީހަކު ޒިނޭކުރުމެވެ. ފަހެ އޭނާ ރަޖަމުކުރެވެއެވެ. ނުވަތަ  ﷲ އާއި އެކަލާނގެ ރަސޫލާއާ ހަނގުރާމަކުރަން ނުކުންނަ މީހާއެވެ. ފަހެ އޭނާ ޤަތުލުކުރެވި ނުވަތަ ޞަލީބަށް އެރުވި ނުވަތަ ރަށުން ބޭރުކުރެވެއެވެ. ނުވަތަ ނަފްސަކު ޤަތުލުކުރުމެވެ. ފަހެ ޤިޞާޞަށް އޭނާ ޤަތުލުކުރެވެއެވެ."

އަދި ނަސާއީއާއި ޠައްޙާވީ ގެ ރިވާޔަތުގައިވަނީ: "..ނުވަތަ މީހަކު އިސްލާމްދީނުން ބޭރުވެ ﷲ އާއި އެކަލާނގެ ރަސޫލާއާ ހަނގުރާމަކުރުމެވެ. ފަހެ އޭނާ ޤަތުލުކުރެވި ނުވަތަ ޞަލީބަށް އެރުވި ނުވަތަ ރަށުން ބޭރުކުރެވެއެވެ."

މިއިން ހާމަވާ އެއްޗަކީ މުރުތައްދު ޤަތުލުކުރެވެނީ މުރުތައްދުވުމާ ގުޅިގެން އަންނަ، ޖަމާޢަތުން ނުކުތުމާއި ޖަމާޢަތާ ދެކޮޅަށް ކަނޑިއުފުލުމުންނެވެ. އަދި ހާމަވި އަނެއްކަމަކީ މިފަދަ ހާލަތްތަކަށް އޮތް ހަމައެކަނި ޢުޤޫބާތަކީ ޤަތުލުކުރުމެއްވެސް ނޫނެވެ. ކިއެއްތަ އެކަމަށް އޮތީ ހަމަ ޙިރާބާގެ ޙުކުމެވެ. ވީމާ މުރުތައްދުވާ މީހާ ޤަތުލުކުރަން އޮތުމުގެ މާނައަކީ، އެއީ އޭނާ މުރުތައްދުވުމަށްފަހު އޭނާގެ ހާލަތާއި އޭނާ ކުރި ޖިނާޔަތާގުޅިގެން ދެވޭ ޢުޤޫބާތެކެވެ.

"ދީނަށްވެއްދުމުގައި މަޖްބޫރުކުރުމެއްނެތެވެ." ބުނާ ޤަވާޢިދަކީ، ކޮންމެ ހާލެއްގައިވެސް ޤަބޫލުކޮށް އެއްބަސްވާންޖެހޭ އަސްލެކެވެ. އެއީ ނަސްޚުކުރެވޭނެ ނުވަތަ ބާޠިލުކުރެވޭނެ އެއްޗެއް ނޫނެވެ. އަދި އެއީ އޭތިގެ މުޅި އެތި ނުވަތަ ބައެއް ވިޔަސް ނަފީކުރެވޭނެ އެއްޗެއް ނޫނެވެ.

ކޮންމެއަކަސް ޤުރުއާނުގެ ގިނަ އާޔަތްތަކެއް ނަސްޚުވެފައިވާކަމަށް ނުވަތަ ތަޚްޞީޞުކުރެވިފައިވާ ކަމަށް ސާބިތުހިފޭނެ ހެއްކެއް ނެތި އެހާ ފަސޭހަފަސޭކޮށް ބުނެލުމަކީ، ޝަރީޢަތަށާއި ޝަރީޢަތުގެ ޙުކުމްތަކަށް ވެސް ލިބޭ ވަރަށްބޮޑު ގެއްލުމެކެވެ. ވަކިން ޚާއްޞަކޮށް ޝަރީޢަތުގެ ޢާއްމު ޤަވާޢިދުތަކާއި ޢާއްމު އުޞޫލުތަކާ ހަމައަށް މިކަން ފޯރުމުން ލިބޭ ގެއްލުން އަދި ވަކިން ބޮޑުވާނެއެވެ.

ބައެއް މުފައްސިރުންނާއި ބައެއް އުޞޫލީން ހިނގަމުންދިޔަ މި މަގުގެ ނުރައްކާތެރިކަން އިމާމް ޝާޠިބީއަށް ފެނިވަޑައިގެން އެކަން ފާހަނގަކުރެއްވިއެވެ. ޢާއްމު މާނައާއި އޭގެ ތެރެއިން ވަކި މާނައެއް ޚާއްޞަކުރުމާ ބެހޭގޮތުން ވިދާޅުވީ: "ޢާއްމު އެއްޗެއް ޚާއްޞަކުރެވިއްޖެނަމަ އެއީ ޙުއްޖަތަކަށްވާނެތޯ، މިއީ އިޚްތިލާފުވެވޭ މައްސަލައެކެވެ. އަދި ދީނުގެ ނުރައްކާތެރި މައްސަލައެކެވެ. އަދި މި ޚިލާފަކީ ހުތުރު ޚިލާފެކެވެ. ސަބަބަކީ ޝަރުޢީ ދަލީލުތަކުގެ ތެރެއިން ގިނަ އެއްޗެއްސަކީ ޢާއްމު އެއްޗެއްސެވެ. ކަން މިހެން އޮއްވާ، ހުރިހާ ނުވަތަ ގިނަ ޢާއްމު ދަލީލުތަކަކީ ޚާއްޞަ ކުރެވިފައިވާ އެއްޗެއްކަމަށް އެމީހުން ބުނެފައި، އެ މައްސަލައާމެދު ޚިލާފުވެވޭނަމަ، ޝަރީޢަތުގެ ބޮޑު ބަޔަކީ ޚިލާފުވެވޭ އެއްޗަކަށް ވެދެއެވެ. .."

 

[1]  އިމާމް ޝައުކާނީގެ ފަތުޙުލް ޤަދީރުގެ މި އާޔަތުގެ ތަފްސީރުގައި

[2] އިބްނު ޢާޝޫރުގެ އައްތަޙްރީރު ވައްތަންވީރު ތަފްސީރުގެ މިއާޔަތުގެ ތަފްސީރު

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.