ހުކުރު20181109

އާކުރެވުނީ: 08:43:52

Back ކަވާސާ ދީނާއިދުނިޔެ ދީނާއިދުނިޔޭގެ ބައިތައް ޢަޤީދާ "ޑަވިންޗީ ކޯޑުގެ" ޙަޤީޤަތް ހާމަކުރެވުނީ ހެއްޔެވެ؟ މުސްލިމުންގެ ޖަވާބު ވިދާޅުވެލައްވާށެވެ.

"ޑަވިންޗީ ކޯޑުގެ" ޙަޤީޤަތް ހާމަކުރެވުނީ ހެއްޔެވެ؟ މުސްލިމުންގެ ޖަވާބު ވިދާޅުވެލައްވާށެވެ.

davinciހުރިހާ ދިމާއަކުން ވެސް އިވެނީ، ޑަވިންޗީ ކޯޑާ ބެހޭ ގޮތުން ކުރެވެމުންދާ ޖަދަލުގެ އަޑެވެ. ޑޭން ބްރައުން ލިޔެފައިވާ ފޮތް ދައުވާކުރާ ގޮތުގައި، ޢީސާގެފާނަކީ ރަސޫލެއް އަދި ކަލެއްވެސް ނޫނެވެ. އަދި އަހަރަމެންނަށް އެނގޭފަދައިން، އިންޖީލުވަނީ ބަދަލުކުރެވިފައެވެ. އަދި އެކަލޭގެފާނު ދުނިޔެ ދޫކޮށްވަޑައިގަތުމުން، އިންސާނުން އެކަލޭގެފާނަށް ކަލެއްގެ ދަރަޖަ ދީފައެވެ. މި މިއިން އެއްވެސް ކަމެއް މިއީ ޙަޤީޤަތަކަށް ވެދާނެހެއްޔެވެ؟

ބްރައުން ގެ ޚިޔާލީ ވާހަކަތައް ހިމަނާފައިވާ "ޑަވިންޗީ ކޯޑް" ޝާއިޢު ވުމުގެކުރިން، ޤަރުނު ތަކަކަށް ފޮރުވިފައި ހުރި ފައްޅިތަކުގެ ސިއްރުތަކުގެ ޙަޤީޤަތް ވަނީ ހާމަވެ، އެކި ފޮތްތަކުގައި ޝާއިޢު ކުރެވިފައެވެ. މީގެ އިތުރުން "މައިކަލް ބައިޖެންޓް" އަދި "ރިޗަޑް ލެއިހް" ވަނީ ފާއިތުވި ވިހި އަހަރުތެރޭގައި އިތުރު ފޮތްތަކެއް ޝާއިއުކޮށްފައެވެ. ހޯދުންތެރިންގެ ތަޞައްވަރުގެ މައްޗައް ބިނާކޮށެވެ. މީގެ ތެރޭގައި، "ޑެޑްސީ ސްކްރޯލްސް ޑިސެޕްޝަން"، ހޯލީ ބްލަޑް، ހޯލީ ގްރެއިލް"، އަދި މެސިއޭނިކް ލެޖަސީ" ފަދަ ފޮތްތައް ހިމެނެއެވެ.

ނަވާރަސަތޭކަ ނުވަދިހައިގެ އަހަރުތަކުގެ ކުރީކޮޅު، މިފޮތްތައް ބާޒާރަށް ނުކުތުމުން، މި ފޮތްތައްވީ، ދީނީ މުޖުތަމަޢުތަކުގެ ތެރޭގައި އެންމެ ހޫނުކޮށް ބަޙުޘްކުރެވުނު މަޢުޟޫއަށެވެ. ޢީސާގެފާނަކީ ކާކުކަމާއި، އެކަލޭގެފާނުގެ ރިސާލަތާއި، އެކަލޭގެފާނަށް ވީގޮތަކާއިމެދު ދެމިގެންދިޔަ ޝައުގުވެރިކަމެއް މީހުންގެ ހިތްތަކުގައި، މި ފޮތްތައް އުފެއްދިކަމާއިމެދު ޝައްކެއްނެތެވެ.

ޢިސާގެފާނާއި ބެހޭގޮތުން އޮޅުން އަރާފައިވާ ސުވާލުމާކުގެ ޙަޤީޤަތާއި، އެކަމާއި ބެހޭވާހަކަތައް މުސްލިމުން ދައްކާތާ ސާދަސަތޭކަ އަހަރު ވެއްޖެކަމަށް މުސްލިމުން ދައުވާކުރެއެވެ. ދީނީ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި، މައްސަލައިގެ ޙަޤީޤީ ޖަވާބު ޤުރުއާނުގައި ސާފުވެ ބަޔާންވެފައި އޮންނަތާ ސާދަސަތޭކަ އެތައް އަހަރެއް ފާއިތު ވެއްޖެއެވެ.

ޢީސާގެފާނު އުފަންވެވަޑައިގަތް މުޢުޖިޒާތާއި، އަދިވެސް އެކަލޭގެފާނާއި ގުޅިފައިވާ އެހެން މުޢުޖިޒާތްތައް މުސްލިމުން ޤަބޫލުކުރާކަން އެނގުމުން، ފަހަރެއްގައި ބައެއް ޣައިރު މުސްލިމުން ޙައިރާންކަން އިޙްސާސްކޮށްފާނެއެވެ.

އެމީހުންގެ ގާތުގައި އެއީ މަސީޙެވެ. އަދި އެކަލާގެފާނުގެ ނަންގަނެވޭ ހިނދު "އެކަލޭގެފާނުގެ މައްޗައް ސަލާމްހުރި" މިފަދަ ޢިބާރާތެއް އެ މީހުންގެ ދޫމައްޗަށް އާދެއެވެ. އެހެންނަމަވެސް، ޢީސާގެފާނު ކަލާންގެވަންތަކަމުގައި ބައިވެރި ކުރުމަށާއި، ކަލެއްކަމުގައި ބުނާބުނުމަށް އިންކާރުކުރުމަށް، އަދި މާތް ރަސްކާލާނގެ ދަރިކަލެއް ނުވަތަ ދަރިކަނބަލެއް ހިތްޕެވިކަމަށް ބުނާ ވާހަކަތައް ނަފީ ކުރުމަށް މުސްލިމުން އަވަަސްވެގަނެއެވެ.

ތިރީގައި މިވަނީ މުސްލިމް ޢިލްމުވެރިން އެބައިމީހުންގެ ޚިޔާލުތައް ހާމަކޮށް ޢީސާގެފާނާއި މެދު އޮޅުން އަރާފައިވާ ސުވާލުތަކަށް ޖަވާބު ދިންގޮތެވެ.

މުސްލިން ޢިލްމުވެރިން މި ޙަޤީޤަތް ހާމަކުރި ގޮތް:

ދުނިޔޭގައި މަޚްލޫގުން ތަކެއްވުން، އޭގެ ޒާތުން ވެސް ދޭހަކޮށްދެނީ އެ ހެއްދެވި ފަރާތެއްވާކަމާއި، އަދި ދިރުން ފެށުނީއްސުރެ، ޙައްޤުޤޮތުގައި އަޅުކަންވެވޭ ހަމައެކަނި ފަރާތަކީ ﷲ (ޢަރަބި ބަހުގައި އެއްކައުވަންތަ ކަލާނގެ)-ސުބްޙާނަހޫ ވަތަޢާލާ- ކަމެވެ. މިއީ ޢީސާގެފާނު ވިދާޅުވެ، އުނގެނިވަޑައިގަތް އަދި އުގަންނަވައިދެއްވި ތައުރާތުގައިވާ (ޢަހުދުލްޤަދީމް-އޯލްޑް ޓެސްޓަމެންޓް-) ސާފު ޚަބަރުތަކެވެ. އުނގަންނަވައި ދެއްވީ ކަލާނގެއަކީ އެއްކައުވަންތަ ކަލާނގެއެއް ކަމަށެވެ. ފަހަރެއްގައި ވެސް ތިނެއްގެ ތިންވަނައެއް ނޫނެވެ. މިސާލަކަށް، ޑިޔުޓެރޮނޮމީ ގެ ހަތަރުވަނަ ބާބުގެ 35 ވަނަ އާޔަތުގައި އޮންނަނީ "އެއީ ﷲއެވެ. އެކަލާނގެއާއި އެއްފަދަ ދެވަނަ ފަރާތެއްނުވެއެވެ.'' މިފަދައިންނެވެ.

ޢަހުދުލްޖަދީދް (ނިއު ޓެސްޓަމެންޓް) ގެ ބައެއް ކަމުގައިވާ މާކްގެ 12 ވަނަ ބާބުގެ 29 ވަނަ އާޔަތުގައިވެސް ހަމަ މިވާހަކަ އައިސްފައިވެއެވެ. އެންމެ ވަރުގަދަ އަމުރުފުޅަކީ ކޮބައިތޯ ޢީސާ ޢަލައިހިއް ސަލާމްގެ އަރިހުގައި ސުވާލު ދެންނެވުނު ހިނދު، ޖަވާބުގައި ވިދާޅުވީ" އޭ އިސްރާއީލުގެ އަހުލުވެރިންނޭވެ. ޚަބަރުވެވި ހުންނާށެވެ. ތިޔަބައިމީހުންގެ އިލާހަކީ އެއްކައުވަންތަ ކަލާނގެއެވެ. އަދި ތިޔަބައިމީހުންގެ ހިތްތަކުންނާއި، ވިސްނުމުންނާއި، ހަށިތަކުގައިވާ ބާރުން، އެކަލާންގެ ދެކެ ތިޔަބައިމީހުން ލޯބިވާންޖެހެއެވެ.''

އެންމެ އިހުގެ، އަދި އެންމެ އިތުބާރުހުރި ފަތްފުށްތަކުންނާއި، އަދި ފާއިތުވި ޤަރުނުތަކުގައި ލިބެންހުރި މުހިންމު އަސާސްތަކުން ޔަޤީންކުރެވޭ ގޮތުގައި ޢީސާ ޢަލައިހިއްސަލާމް ދުވަހަކުވެސް ކަލެއްކަމަށް ދައުވާއެއް ނުކުރައްވައެވެ. އަދި ޚާލިޤެއްކަމަށް ނުވަތަ އަޅުކަންވެވޭ ފަރާތެއްކަމަށް ވިދާޅުވެފައެއް ނުވެއެވެ. އަދި ކިއެއްތަ، އެކަލޭގެފާނަށް ތަބަޢަވި ބޭކަލުންނަށް، އެކަލޭގެފާނަކީ އިލާހެއް ކަމުގައި ހެދުމަކަށްވެސް ވިދާޅުވެފައެއް ނުވެއެވެ. މި ޤަބޫލުކުރުންތައް، އެކަލޭގެފާނަށްފަހު އެތައް ޤަރުނެއްގެ ފަހުން އައި މީސްތަކުންގެ ދުލުން ފާޅުއެބަވެއެވެ.

ޢީސާގެފާނު ދިރި ދުނިޔޭގައި ހުންނެވި އިރު، އެކަލޭގެފާނަކީ ޚާލިޤުކަމަށް ނުވަތަ އެކަލޭގެފާނަކީ އިލާހެއްގެ ގޮތުގައި ދެކުމަށް ދުވަހަކުމެ ވިދާޅުވެފައެއް ނުވެއެވެ. އެކަލޭގެފާނުގެ މުޢުޖިޒާތީ އުފަންވެވަޑައިގަތުން ހިމެނިގެންވީ ނަބީކަމުގެ ޢަލާމާތެއް ކަމުގައެވެ. "މާތްކަލާނގެ ޙަޟްރަތުގައި ޢީސާގެފާނު ހެއްދެވުން އާދަމްގެފާނެކޭ އެއްފަދައެވެ. ފަހެ އެކަލޭގެފާނު ހެއްދެވީ ވެލީންނެވެ. ދެންއެއަށްފަހު، (އެކަލޭގެފާނަށް) ވުމަށް އަމުރު ކުރައްވައި ވަޙީ ކުރެއްވީއެވެ. ދެން އެއަމުރު ކުރެއްވި ގޮތަކަށް ވީއެވެ." (އާލްޢިމްރާން:59)

އާދަމް، އިބްރާހީމް، މޫސާ، އިސްޙާޤް، އަދި ދާއޫދް (ޢަލައިހިމުއްސަލާމް) ފަދަ، މާތް ﷲގެ މަތިވެރި ރަސޫލު ބޭކަލުންނެކޭ އެއްގޮތަށް، ޢީސާގެފާނުވެސް ވަޑައިގަތީ ހަމަ އެއް ރިސާލާތަކާއިގެންނެވެ. އެއީ، ޚާލިޤުވަންތަ ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އަޅުކަންކުރުމަށާއި، އެ ކަލާނގެ ދެކެ ލޯބި ވުމަށެވެ. އަކަލާނގެއަށް ބޯ ލެނބުމަށާއި އެ ކަލާނގެއަށް ކިޔަމަންގަތުމަށެވެ. އަދި އެކަލާނގެ ފިޔަވާ އެހެންފަރާތަކަށް އަޅުކަން ނުކުރުމަށެވެ.

ތާރީޚުގެ ފަތްފުށްތައް އުކާލެވޭ ހިނދު ފެންނަނީ، މީސްތަކުން މާތް ﷲ އަށް އަޅުކަންކުރުމުގައި، ތަކެއްޗާއި މީހުން ބައިވެރި ކުރާ މަންޒަރެވެ. ނުވަތަ ބާރަށް، މަޤާމަށް ނޫނީ ފައިސާ ފަދަ މުޅިން ތަފާތު ތަކެއްޗަށް އަޅުކަންކުރާ މަންޒަރެވެ. ދުނިޔޭގައި މިވާ ދީންތަކުގެ ނަންތަކަށް ނަޒަރު ހިންގާލިޔަސް ފެންނަނީ ޚާލިޤުވަންތަ ފަރާތަށް ދީން ނިސްބަތްކުރުމުގެ ބަދަލުގައި، ކަލާނގެ ހެއްދެވި މަޚްލޫޤު ތަކުންނަށް ނަންތައް ނިސްބަތްވާތަނެވެ. މިސާލަކަށް ބުދިޒަމް - ބުއްދާ (މީހެއްގެ ނަމެއް)، ކޮންފިޔުސިއޭނިޒަމް - ކޮންފިޔުސިއަސް (މީހެއްގެ ނަމެއް)، ހިންދިޒަމް - ހިންދް (ސަރަހައްދެއްގެ ނަމެއް)، ޖުޑައިޒިއަމް - ޖޫޑަށް (ޤަބީލާއެއްގެ މީހުންނަށް ނިސްބަތްކޮށް) އަދި ކްރިސްޓިއަނިޓީ - ކްރިސްޓް (މާތް ނަބިއްޔެއްގެ ނަންފުޅު)

ނަމަވެސް އިސްލާމް ވަރަށް ތަފާތެވެ. "އިސްލާމް" މިބަސް އައިސްފައިވަނީ ޢަރަބިބަހުން "އަސްލަމަ" މި ލަފްޒުންނެވެ. މި ލަފްޒުގެ މާނައިގައި އެކުލެވިގެންވާ މާނައަކީ، ހަމައެކަނި މަތިވެރި ﷲ ގެ ހަޟްރަތަށް ''ކިޔަމަންގަތުން'' ''ބޯލެނބުން'' ''އަމުރަށް ކިޔަމަންވުން'' "ތެދުވެރިކަމާއި އިޙްސާންތެރިވުން" އަދި "އަމާންކަން'' އެވެ. މި ކަންތައްތަކަކީ ކަލެއާ ﷲ އާ ދެމެދުގައިވާ ކަންތައްތަކެކެވެ. ފަހަރެއްގައި ވެސް އެއްވެސް މީހަކަށް ނުވަތަ މަޚްލޫޤަކަށް ނޫނެވެ.

އިސްލާމްދީނުގައި އަންގަވާފައިވާ އެންގެވުންތަކާއި އެއްގޮތަށް ޢަމަލު ކުރާމީހަކު ބޯލަނބައި ކިޔަމަން ވަނީ، އަދި އަޅުކަން ކުރަނީ، ހަމައެކަނި ﷲ އަށެވެ. އެއްވެސް ކަހަލަ ބައިވެރިއަކު އެ ކަލާނގެއާ ޝަރީކު ނުކޮށެވެ.

ޤުރުއާނުގައި ބަޔާންވެގެން ވެއެވެ. "އެކަލާންގެ (ޙައްޤުވެގެން އަޅުކަންވެވޭ އިލާހު) ވާކަން ކަށަވަރީ، އެއްކައުވަންތަ ކަލާންގެ ކަމުގައެވެ. ފަހެ، ހަމައެކަނި ތިމަން ރަސްކަލާނގެ ކިބައަށް ތިޔަބައިމީހުން ބިރުވެތިވާށެވެ. * އުޑުތަކާއި ބިމުގައި ވާހާއެއްޗެއް މިލްކުވެގެންވަނީ އެކަލާނގެއަށެވެ. ދާއިމަށް އަބަދަށް ކިޔަމަންވުންވަނީ ވެސް އެކަލާންގެ ކިބައަށެވެ. ފަހެ، ތިޔަބައިމީހުން ތަޤްވާވެރި ވަނީ ﷲ ނޫން ފަރާތަކަށް ހެއްޔެވެ؟" (އައްނަޙްލު: 51،52)

މަރިޔަމްގެފާނުގެ ދަރިކަލުން ޢީސާގެފާނާއި، އަދި އެހެނިހެންވެސް ރަސޫލުބޭކަލުންގެ ރިސާލަތު ހިތުން ތެދަށަލައި ޤަބޫލުކޮށް، އިސްލާމްދީނަށް ތަބަޢަ ވާންވީ ވަޤުތު އަދިވެސް ނާދޭހެއްޔެވެ. ކުރުގޮތަކަށް ބުނާނަމަ، ޚާލިޤަށް އަޅުކަން ކުރާށެވެ. މަޚްލޫޤުންނަކަށް ނޫނެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.