އާދީއްތަ20201018

އާކުރެވުނީ: 08:43:52

އާ އަހަރެއް ފެއްޓޭ އިރު...

hijree-aa-aharuމި އަދު އަހެމެން މި ވަނީ ހިޖުރީ އަހަރަކަށް އަލްވަދާޢު ކިޔާފައެވެ. މި އާއެކު އަހަރެމެންގެ ޙަޔާތުގެ ޞަފްޙާތަކުގެ ތެރެއިން ޞަފްޙާއެއްވެސް ލައްޕައިފީމެވެ. ނަމަވެސް، ލެއްޕުނު މި ޞަފްޙާގައި ވަނީ ކޮން އެއްޗެއް ކަމެއް އަހަރެމެންގެ ތެރެއިން ގިނަ ބަޔަކަށް ނޭނގެއެވެ. ހަނދާނެއްވެސް ނެތެވެ. ހަނދާން ކުރަންވެސް ހަނދާންނެތެވެ. އެ ޞަފްޙާގައި ވަނީ އަހަރެމެން ކުޅަ ނުބައި ޢަމަލުން ކަޅުވެފައި ހެއްޔެވެ؟ ނުވަތަ ކުޅަ ހެޔޮކަންތަކުން އެ ޞަފްޙާ ވަނީ ހުދު އޮފޮދާރުވެފަ ހެއްޔެވެ؟

ވިސްނޭ މުސްލިމަކީ އޭނާގެ ޙަޔާތުގައި ކުރެވޭ ކަންތަކާ މެދު ފިކުރުކޮށް، ދޭތެރެ ދޭތެރެއިން އޭނާގެ ޙަޔާތުގެ މިސްރާބު ދަނީ ރަނގަޅު ދިމާލަކަށް ތޯ ވިސްނާލާ މީހާއެވެ. އަދި މިއަށް ފަހު ނުބައިކޮށް ކަމެއް ކުރެވޭނަމަ އެކަމެއް ރަނގަޅު ކޮށް، ފާފައެއް ކުރެވޭނަމަ އެ ފާފަ ކުރުން ހުއްޓާލާ ތައުބާވެ، ޞާލިޙު ޢަމަލު ކުރާ މީހާއަކީ ޔަޤީނުންވެސް ދިންނެވުން ލިބޭނެ މީހެކެވެ.

މިއަދަކީ، އީމާން ކަމުން ފުރިގެންވާ، ގަޑީގާއި ނަމާދު އަދާ ކުރާ، އެންމެހާ ޙަރާމް ކަންތަކުން ދުރުހެލިވެގެންވާ، މީހުންނަށް ޣީބަ ނުބުނާ ދެބެ ނުއޮޑުވާ، ތަޤުވާވެރި ޙަޔާތެއް ފައްޓަން ޢަޒުމު ކަނޑައަޅަން ވަރަށްވެސް ރަނގަޅު ދުވަހެކެވެ. މި ދިޔަ ރޯދަ މަހު މި މަޤުޞަދު ޙާޞިލު ނުކުރެވުނު މީހުންނަށް ހިޖުރީ މި އާ އަހަރަކީ، އާ ފެއްޓުމަކުން ފައްޓައިގަންނަން ރަނގަޅު ވަގުތެކެވެ.

އިންސާނުންގެ ނަފުސަކީ ވަރަށްވެސް އަވަހަށް ބަދަލުވެގެން ދާ އެއްޗެކެވެ. ވަރަށް ގިނަ ފަހަރަށް އަހަރެމެންގެ ނަފުސު ލެނބެން އުޅޭނީ ނުބައި ކަންތަކާ ދިމާލަށެވެ. ކުރާހިތްވާނީ މަނާ ކުރެވިފައިވާ ކަންތަކެވެ. ނަމަވެސް މިއީ އެންމެންގެ ވާހަކައެއް ނޫނެވެ. ތިރީގައިވާ އާޔަތުގެ ފަހުބައިން އެކަން އެނގެއެވެ. މާތް ﷲ ވަޙީ ކުރައްވާފައިވަނީ:  إِنَّ النَّفْسَ لأمَّارَةٌ بِالسُّوءِ إِلاَّ مَا رَحِمَ رَبِّي

މާނައަކީ : '' ހަމަ ކަށަވަރުން ނަފުސަކީ ތިމަންކަލޭގެފާނު ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާނގެ ރަޙްމަތް ލައްވައިފިނަމަ މެނުވީ، ނުބައި ކަންތަކަށް އަބަދު އަމުރު ކޮށް ގަދައަޅާ އެއްޗެކެވެ.

އިންސާނުންނަކީ ނޭނގިނަމަވެސް، ނުވަތަ އެނގިގެން ނަމަވެސް ފާފަ ކުރެވޭ ބައެކެވެ. ޙަޔާތުން ދުވަހަކަށް ފަހު ދުވަހެއް، މަހަކަށް ފަހު މަހެއް، އަހަރަކަށް ފަހު އަހަރެއް ވޭތުވަމުން ދާއިރު، އަމިއްލަ ނަފުސާމެދު ވިސްނާލާ، ހިސާބުކޮށްލުން އެއީ ވަރަށްވެސް މުހިއްމު ކަމެއްކަން ޔަޤީނެވެ. ތިމާގެ ޢުމުރު ފަނާ ކުރެވެނީ ﷲ ގެ ރުއްސެވުން ލިބޭ ގޮތަށްތޯ؟ ނުވަތަ އެ ޢުމުރާއި ޞިއްޙަތު، އަދި ޒުވާންކަން ވޭތު ކުރެވެނީ މާތް ﷲ އަށް އުރެދުމުގައިތޯ؟ ބަލައި ވިސްނާލުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށްވެސް ލާޒިމުވެގެންވާ ކަމެކެވެ.

އިމާމް ޣަޒާލީ ވިދާޅުވެފައި ވެއެވެ.''ދުވާލުގެ ފުރަތަމަކޮޅު، ހެޔޮކަންތައް ކުރުމަށާއި ޙައްޤު ގޮތުގައި ހުރުމަށް އަމިއްލަ ނަފުސަށް ވަޞިއްޔަތް ކުރާށެވެ. ހަމަ އެހެންމެ އެ ދުވަސް ނިމޭ އިރު އޭނާ ކުރި ހުރިހާ ކަމެއް ވަޒަންކޮށް ޙިސާބު ބަލާށެވެ. އެއީ ވިޔަފާރިވެރިންވެސް ކޮންމެ މަހަކު ނުވަތަ ކޮންމެ ހަފުތާއަކު ނުވަތަ ކޮންމެ ދުވަހެއް ނިންމާލާފައި އެ މީހުންގެ ވިޔަފާރީގެ ހިސާބުކިތާބު ބަލާ ފަދައިންނެވެ. ވިޔަފާރިވެރިން މިކަން ކުރަނީ އެ މީހުންގެ މުދަލާއި މެދު ބަހައްޓާ އަހައްމިއްޔަތެއްގެ ބޮޑު ކަމުންނެވެ. އަދި އެންމެ ރުފިޔާއެއްވެސް ގެއްލިގެން ހިނގައިދާނެތީ ބިރުގަންނާތީއެވެ.

މިހެން މިކަން އޮތް އިރު، އަބަދާއި އަބަދުގެ ހިތާމައާއި ގެއްލުމުގެ ތެރެއަށް ވަންނަން ޖެހިދާފަދަ ނުރައްކަލެއް ކުރިމަތީގައި އޮތްވާ، އެ ގެއްލުމާއި ހަލާކުން ނަފުސު ސަލާމަތް ކުރަން ހަނދާން ނުހުންނަނީ ފަހެ ކީއްވެހެއްޔެވެ؟ މި ފަދަ ފަރުވާ ކުޑަ ކުރުމަކީ ޔަޤީނުންވެސް މީހާ ހުންނަ ޣާފިލުކަމަކާއި، ނަސީބު ކުޑަކަމުން ވާ ކަމެކެވެ. މި ދެ ކަމުން ސަލާމަތް ވުމަށް އެދި އަހަރެން ﷲގެ ކިބަފުޅުން ވާގި އެދެމެވެ. "

ޙިސާބުކުރުމުގެ މާނަ :

އަމިއްލަ ނަފުސު ޙިސާބުކުރުމަކީ ކޮބައިހެއްޔެވެ؟ މި ކަން ސާފުކޮށް ދެއްވަމުން އަލްމާވަރްދީ ވިދާޅުވެފައިވެއެވެ. "އެއީ ދުވާލު ކުރެވޭ ކަންތަކުގެ ޙިސާބު ރޭގަނޑު ބެލުމެވެ. ކުރެވިފައި ހުރީ ރަނގަޅު ކަންތައްތަކެއް ނަމަ އެ ޞަފްޙާ ލައްޕާލުމެވެ. އަދި އެއީ ނުބައި ކަންތަކެއް ނަމަ، އެކަން އަލުން އިޞްލާޙު ކުރެވެން އޮތްނަމަ އިޞްލާޙު ކުރުމެވެ. އިޞްލާޙު ކުރެވެން ނެތްނަމަ މުސްތަޤްބަލުގައި އެފަދަ ކަންތަކުން މަނާވެގަތުމެވެ. "

އިބްނުލް ޤައްޔިމް ވިދާޅުވެފައި ވެއެވެ. '' ނަފުސު ޙިސާބު ކުރުމަކީ، މީހާއަށް ކުރެވޭ ހެޔޮކަންތަކާއި ނުބައި ކަންތައް ވަކިކޮށް، ރަނގަޅުކަންތައް އެކުގައި ގެންދިއުމެވެ. އައި ނުބައި ކަންތައް ފަހަތަށް އެއްލާލުމެވެ. އެހެނީ އިންސާނާއަކީ އެއްގޮތަކަށްވެސް އެނބުރި ފަހަތަށް ނާންނާނެ ދަތުރުވެރިއެކެވެ. "

ޙިސާބުކުރުމުގެ މުހިއްމުކަން :

އަމިއްލަ ނަފުސު ޙިސާބުކުރުމުގައި ވަރަށް ގިނަގުނަ ފައިދާތަކެއް ވެއެވެ. އެއީ

1- އަމިއްލަ ނަފުސު ހިސާބު ނުކުރަންޏާ، އިންސާނާ އޭނާގެ ހަވާނަފުސަށް ލެނބި، ކުށްތަކާއި ފާފަތަކުގެ ކަނޑަކަށް ގެނބިގެން ދިއުމުގެ ބިރު ވަރަށްވެސް ބޮޑެވެ. ފާފައެއް ކުރެވުނަސް ކުރެވުނީ ފާފައެއްކަންވެސް މިފަދަ މީހަކަށް ނޭނގޭނެއެވެ. އަދި ތައުބާވާނަމޭ ވެސް ހިތަކަށް ނާރާނެއެވެ. ކުރެވޭ ފާފައަށް ޢަޛާބު ލިބޭނެ ކަމާއި، ތިމާ ކުރާ ކޮންމެ ކަމަކީ މަސްއޫލުވާން ޖެހޭނެ ކަމެއްކަން ، އަމިއްލަ ނަފުސު ހިސާބު ނުކުރާ މީހަކަށް ނޭނގޭނެއެވެ. ނަފުސު ހިސާބު ނުކުރާ މީހަކީ އާޚިރަތް މަތިން ހަނދާންވާނެ މީހެއް ނޫނެވެ. މާތް ﷲ ވަޙީ ކުރައްވާފައިވަނީ :
إِنَّهُمْ كَانُوا لاَ يَرْجُونَ حِسَابًا

މާނައަކީ : " ހަމަކަށަވަރުން ހިސާބު ބެއްލެވުމަކަށް ނުބަލާ ކަމުގައި އެބައި މީހުން ވިއެވެ." (ސޫރަތުއް ނަބައު-27 )

2- ނަފުސު ހިސާބު ކުރުމަކީ އެއީ ތިމާގެ ކިބައިގައި ހުންނަ އުނި ސިފަތައް ދެނެގަނެވޭނެ ކަމެކެވެ. ތިމާގެ ކިބައިގައި ހުންނަ އުނިސިފަ އެނގިފައި ހުންނަ މީހާއަށް އޭނާގެ ނުފުސަށް އެކަށީގެންވާ ދަރަޖަ ދޭން އެނގޭނެއެވެ. ވީމާ މިފަދަ މީހަކު ކިބުރުވެރިވެ، ތިމަންނަ އަކީ މާ ޞާލިޙް އަޅުވެރިއެކޭ ކިޔައި އެހެން މީހުންގެ ޢައިބުތައް ހޯދައި މީހުންނަށް ފާޑު ކިޔަމުން ނުހިނގާނެއެވެ. އަދި މިފަދަ މީހެއް، ކިތަންމެ ކުޑަ ފާފައެއްވެސް އެއީ ކުޑަ ފާފައެއް ކަމުގައި ނުދެކޭނެއެވެ.

3- ނަފުނު ހިސާބު ކުރުމުން ލިބޭ އަނެއް ފައިދާއަކީ، ﷲ އޭނާއަށް ދެއްވާފައިވާ ނިޢްމަތުގެ ބޮޑުކަން ހަނދާންވުމެވެ. ނަފުސު ހިސާބު ކުރާ މީހާ އޭނާއަށް ކުރެވޭ ކަންތައްތަކަށް ބަލައި ވިސްނާލުމުން، ﷲ ދެއްވި ގުނައި ޢަދަދު ނުކުރެވޭހާ ނިޢްމަތްތަކުގެ ކުރިމަތީގައި އޭނާގެ ވާޖިބުތަކަށް ކުރެވޭ ފަރުވާ ކުޑަކަން ހާމަވެއެވެ. މިހިނދު އޭނާގެ ސަލާމަތް އޮތީ މާތް ﷲގެ ރަޙްމަތްފުޅުން ކަމާއި އެކަލާނގެ އޯގާތެރިވަންތަކަމުގެ ބޮޑުކަމުން ކަން ހިތަށް ވަދެއެވެ. ފަހެ، ކުރާ ކޮންމެ ފާފައަކަށް ވަގުތުން ޢަޛާބު ދެއްވާނަމަ، އެފަދަ ޢަޛާބެއް ނުލިބި އަހަރެމެންގެ ތެރޭގައި ތިބޭނީ ކިތައް މީހުން ހެއްޔެވެ؟

4- ނަފުސު ހިސާބު ކުރުމަކީ މީހާގެ ނަފުސު ތަފާތު ކުނިބުނިން ސާާފުވެސް ކޮށްދޭ ކަމެކެވެ. ހަމަ އެހެންމެ މީހާގެ ކިބައިގައި ކަންކަމުގެ މަސްއޫލިއްޔަތު އުފުލުމުގެ އާދަ އަށަގަންނުވައިދޭ ކަމެކެވެ. އަދި އެއީ ކަމެއް ކުރުމުގެ ކުރިން އެކަމުގެ ދެކޮޅުބަލައި ވަޒަންކުރަން ދަސްކޮށްދޭ ކަމެކެވެ.

6- ނަފުސު ހިސާބު ނުކުރުމުގެ ނުރައްކާތެރިކަން ބަޔާން ކޮށްދެއްވަމުން އިބްނުލް ޤައްޔިމް ވިދާޅުވެފައިވެއެވެ. " މުކައްލަފް މީހާއަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ނަފުސު ހިސާބުކުރުން ދޫކޮށްލުމެވެ. އަދި އެއްވެސް ހިފެހެއްޓުމެއް ނެތި ބޭނުންހާ ކަމެއްކުރަން މީހާގެ ހަވާނަފުސުގެ ލަގަން ދޫކޮށްލުމެވެ. އަދި އެއްވެސް ކަމަކީ މާކަ ބޮޑު ކަމެއްކަމުގައި ނުދެކުމެވެ. ފަހެ މިފަދަ މީހާގެ ނިމިދިއުން އޮތީ ހަލާކުގެ ތެރެއަށެވެ. ތިމާއަށް ތިމާފެނިފައި ތިބޭ މީހުންނަށް ވަނީ މިކަހަލަ ގޮތެކެވެ. އެ މީހުން ކަންކަމުގެ ނިމުން އޮތްގޮތް ނުބަލާ ލޯ މަރާލައެވެ. އެކަމެއް ވާ ގޮތަކަށް ވާން ދޫކޮށްލައެވެ. އަދި މާތްﷲގެ ކިބަފުޅުން މާފު ލިބޭނެކަމަށް ބަލައި އެއަށް އިއުތިމާދުވެއެވެ. މިފަދައިން ކަންތައް ކޮށްފި މީހަކަށް ވަރަށް ފަސޭހައިން އިތުރު ފާފަތަކުގެ ތެރެއަށް ފުންމާލެވެއެވެ. އަދި ކުރެވޭ ފާފައަކީ އެއީ މާ ބޮޑު ކަމެއްކަމަށް ނުދެކޭނެއެވެ. އަދި އެ ފާފައާއި ދުރަށް ދިއުން އޭނާއަށް ވާނީ ދަތި އުނދަގޫ ކަމަކަށެވެ. "

ހިސާބު ކުރުމާއި ބެހޭގޮތުން އައިސްފައިވާ ބަސްފުޅުތައް :

މާތް ﷲ ވަޙީ ކުރައްވަނީ :يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللهَ وَلْتَنْظُرْ نَفْسٌ مَّا قَدَّمَتْ لِغَدٍ وَاتَّقُوا اللهَ إِنَّ اللهَ خَبِيرٌ بِمَا تَعْمَلُونَ

މާނައަކީ : " އޭ އީމާންވެއްޖެ މީސްތަކުންނެވެ. ﷲ އަށް ބިރުވެތި ވުން މަތީ، ދެމި ތިބޭ ހުށިކަމެވެ. އަދި ކޮންމެ ނަފުސެއް މެ މާދަމާއަށްޓަކައި ކޮށްފައިވާ ޢަމަލުތަކުގެ މައްޗަށް، ވިސްނައި ނަޒަރު ހިންގާހުށި ކަމެވެ. އަދި ތަކުރާރުކޮށް އަންގަމެވެ. ﷲ އަށް ބިރުވެތި ވުން މަތީ، ދެމި ތިބޭ ހުށިކަމެވެ. ހަމަ ކަށަވަރުން ކަލޭމެން ކުރާ ކަންތައް ﷲ އަށް އެނގިވޮޑިގަންނަވަތެވެ. " ( ސޫރަތުލް ޙަޝްރު 18)

ސޫރަތުލް ޤިޔާމާގެ 2 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ:وَلاَ أُقْسِمُ بِالنَّفْسِ اللَّوَّامَةِ

މާނައަކީ :" އަދި ނޫނެކެވެ. ހަމަ ކަށަވަރުން މަލާމާތާއި ނުރުހުމުގެ ބަސް ރައްދު ކުރާ ނަފްސު ގަންދެއްވާ ތިމަންރަސްކަލާނގެ ހުވާގެ ބަސްފުޅު ވަޙީ ކުރައްވަމެވެ." ( ސޫރަތުލް ޤިޔާމާ-2)

މި އާޔަތް ތަފްސީރު ކުރައްވަމުން ޙަސަނުލް ބަޞްރީ ވިދާޅުވެފައިވެއެވެ. " މުއުމިނާ އޭނާގެ ނަފްސަށް ނުރުހުމުގެ ބަސް ރައްދު ކުރާނެއެވެ. ތިމަންނަ ބުނި ވާހަކައިގެ ބޭނުމަކީ ކޮބައިތޯ ހިތާ ސުވާލު ކުރާނެއެވެ. ތިމަންނައަށް ޙަރާމް އެއްޗެއް ކެވުނުތޯ ހިތާ ސުވާލު ކުރާނެއެވެ. ޙަރާމް އެއްޗެއް ބޮވުނުތޯ ހިތާ ސުވާލު ކުރާނެއެވެ. އެކަމަކު ކާފިރު މީހާ އޭނާގެ ނަފްސަށް ނުރުހުމުގެ އެއްވެސް ބަހެއް ނުބުނެ އޭނާގެ މަގުގައި ކުރިއަށް ދާނެއެވެ. "

އޮޅުމަކުން ނުވަތަ ފަރުވާކުޑަ ކަމުން ގޯހެއް ހެދުނީމާ، ނަފުސު ހިސާބުކޮށް ރަނގަޅުމަގަށް އެނބުރި އަންނަ މީހުން ސިފަ ކުރައްވަމުން މާތް ﷲ ވަޙީ ކުރައްވަނީ:إِنَّ الَّذِينَ اتَّقَوْا إِذَا مَسَّهُمْ طَائِفٌ مِّنَ الشَّيْطَانِ تَذَكَّرُوا فَإِذَا هُم مُّبْصِرُونَ

މާނައަކީ : '' ހަމަ ކަށަވަރުން ތަޤުވާވެރި ވީ މީހުން، ޝައިޠާނާގެ ފަރާތުން އަންނަ އައުމެއް އައިސް އެބައި މީހުންނާއި ކުރިމަތި ވާހިނދު، ﷲ ހަނދުމަކުރެއެވެ. އެހިނދު އެބައި މީހުންނަށް ރަނގަޅު ގޮތް ފެނެއެވެ. " ( ސޫރަތުލް އަޢްރާފް-201)

ޢުމަރުގެފާނު ވިދާޅުވެފައިވެއެވެ. '' ކަލޭމެންގެ ހިސާބު ބެއްލެވުމުގެ ކުރިން ނަފުސު ހިސާބު ކުރާށެވެ. އަދި ކަލޭމެންގެ ޢަމަލުތައް މީޒާން ކުރެއްވުމުގެ ކުރިން، ޢަމަލުތައް މީޒާން ކުރާށެވެ."

މުއުމިން އަޅާ ސިފަ ކުރައްވަމުން ޙަސަނުލް ބަޞްރީ ވިދާޅުވެފައިވެއެވެ. '' މުއުމިނާ އޭނާގެ ނަފުސު ހިސާބު ކުރާނެއެވެ. ހަމަކަށަވަރުންވެސް ދުނިޔޭގައި ނަފުސު ހިސާބު ކުރާ ބައެއްގެ ހިސާބު އާޚިރަތުގައި ލުއިވާނެއެވެ. އާޚިރަތުގައި ހިސާބު ބަރު ވަނީ، ދުނިޔޭގައި އެކަން ނުކުރާ މީހުންނަށެވެ. "

ހިސާބު ކުރުމުގެ ވައްތަރުތައް :

1- އަޅުކަންތައް ކުރުމުގައި ކޮށްލެވޭ ފަރުވާ ކުޑަ ކުރުމާމެދު ހިސާބުކުރުން. އެ ގޮތަކީ ތިމާގެ މައްޗަށް ފަރުޟުކުރެވިފައިވާ އަޅުކަންތައް ކުރުމަށްފަހު އެކަންތައް ކުރެވެނީ ކީރިތި ރަސޫލާ އެންގެވި ގޮތަށްތޯ ވިސްނުމެވެ. މިސާލަކަށް ތިމަންނަ ނަމާދު މި ކުރަނީ ހަމަ ޙަޤީޤަތުގައިވެސް ސުންނަތާއި އެއް ގޮތަށްތޯ ވިސްނާލުމެވެ. ސަޖިދަ ކުރެވެނީ ރަސޫލާ އެންގެވި ގޮތަށްތޯ ވިސްނާލުމެވެ. ނަމާދު ކުރަނީ ޙަރާމް އެއްޗެއް ކައިގެން ހުރެ ނޫންކަން ޔަޤީން ކުރުމެވެ. މިކަހަލަ މިސާލުތައް ބައިވަރެވެ. ދެން އެއްވެސް އަޅުކަމެއް ކުރުމުގައި އުނިކަމެއް ކުރެވޭ ކަން ހާމަވެއްޖެނަމަ، ސުންނަތް އަޅުކަންތައް ކޮށް ފަރުޟު އަޅުކަން ފުރިހަމަ ކުރާށެވެ.

2- ކޮންމެ ކަމެއްވެސް ކުރުމުގެ ކުރިން ހިސާބުކުރުން . މީގެ މާނައަކީ ކުރިމަތީގައި ކުރަން ޖެހޭ ކަމެއް އޮތިއްޔާ އެކަން ކުރުމުން ތިމާއަށް ދުނިޔެއާއި އާޚިރަތުގައި މަންފާއެއް ކުރާނެތޯ ވިސްނާލުމެވެ. މަންފާއެއް އޮތިއްޔާ ކޮށްފައި ނެތިއްޔާ އެކަން ދޫކޮށްލުމެވެ. އަދި ކަމެއް ކުރުމުގެ ކުރިން އެކަމެއްގެ ގެއްލުމާއި ފާއިދާ ވަޒަންކޮށް މަޞްލަހަތު ހުރިގޮތަކަށް ކަންތައްތައް ކުރުމެވެ.

3- ފާފައެއް ކުރެވުމަށް ފަހު ހިސާބުކުރުން . ކުށުން މަޢްޞޫމް އިންސާނުންނަކީ ހަމަ އެކަނި ރަސޫލުބޭކަލުންނާއި ނަބީ ބޭކަލުންނެވެ. އެ ނުން ކޮންމެ މީހަކީވެސް ފާފާ ކުރެވޭނެ މީހެކެވެ. ދިންނެވުން ލިބޭ މީހާއަކީ ފާފާއެއް ކުރެވުނީމާ އަމިއްލަ ނަފުސު ހިސާބުކޮށް އަވަހަށް އެކަމުން ތައުބާވެ އިސްލާހު ވާ މީހާއެވެ. ފާފަ ކުރެވެނީ ޝައިތާނާގެ ވަސްވާހުގެ ސަބަބުންނެވެ. ޝައިޠާނާއަށް ހެއްލެނީ ހަވާ ނަފުސަށް ހެއްލުނީމައެވެ.

ފާފައެއް ކުރެވުމަށްފަހި ، އަބަދުވެސް ޝައިޠާނާ އަހަރެމެންނަށް ދައްކައިދޭނީ އެއީ ވަރަށް ކުޑަ ފާފައެއް ކަމަށެވެ. ނަމަވެސް ހަނދާން ބަހައްޓަން ޖެހެނީ ފާފަ އަކީ ކިތަންމެ ކުޑަ ފާފައަކަސް، އެ ފާފަ ކުރުމުގެ ސަބަބުން ނުކިޔަމަންތެރި ވެވުނީ، އުޑުތަކާއި ބިންތަކުގެ ވެރި ރަސްކަލާނގެ އަށް ކަމެވެ. ތިމާ ހެއްދެވި އިލާހަށް ކަމެވެ. ވީމާ ފާފައެއްގެ ކުޑަ ބޮޑު މިން ނުބަލައި ނުކިޔަމަންތެރިވެވޭ ކަލާނގެ ގެ މަތިވެރިވަންތަކަން ހަނދާން ކުރާށެވެ.

 إِنَّ النَّفْسَ لأمَّارَةٌ بِالسُّوءِ إِلاَّ مَا رَحِمَ رَبِّي

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.