Back ކަވާސާ އަދަބާއިޘަޤާފަތް އަދަބާއިޘަޤާފަތުގެ ބައިތައް ވާހަކަ ޔަތީމު ދެ ބެއިން

ޔަތީމު ދެ ބެއިން

yatheemކިޔޭ އެއްޗެއް އަދި ކިޔެނީ ކޯޗެއް ކަމެއް ވެސް މާޖިދަކަށް ނޭނގެއެވެ. ފޮތުގައިވާ އަކުރުތައް ފެނެއެވެ. ނަމަވެސް އެ އަކުރުތަކުގެ މާނަ އޭނާއަކަށް ނުވިސްނެއެވެ. މާޖިދު ވިސްނަމުން ދިޔައީ ފިލާވަޅާ މެދަކު ނޫނެވެ. ވިސްނަމުން ދިޔައީ އެ ނުބައި އަންހެނާ އާ މެދުގައެވެ. އޭނާގެ ޙަޔާތަށް ޒަލްޒަލާއެއް ގެނެސް، އެ ޙަޔާތުން ހުރިހާ ރީތި ކުލައެއް ފޮހެލި އަންހެނާ އާ މެދުގައެވެ. އޭނާއާއި އޭނާގެ އަންހެން ކޮއްކޮގެ ދިރިއުޅުން ނަރަކައަކަށް ބަދަލު ކޮއްލި އަންހެނާއާ މެދުގައެވެ.

ދެން މާޖިދު ބަލާލީ އިމްތިޙާނުގެ ތާވަލު ލިޔެފައި އޮތް ފޮތަށެވެ. އިމްތިޙާނު ފެއްޓެން ދެން އޮތީ އެންމެ ހަފްތާއެކެވެ. ވީމާ މި އޮތް މަދު ދުވަސްކޮޅު ތެރޭގައި، ފޮތް ކިޔައި ރަނގަޅަށް އިމްތިޙާނަށް ތައްޔާރު ވާންޖެހޭނެ ކަމާމެދު މާޖިދު ވިސްނާލިއެވެ. އެކަމަކު ފޮތް ކިޔައި، ފިލާވަޅު ދަސް ކުރާނީ ކޮން އިރަކު ހެއްޔެވެ؟ މި އަންހެން މީހާ ފުރައްސާރަ ކުރަމުން، ދަތި ކުރަމުން ދާ އިރު، ފޮތެއް ކިޔާލަން ބޭނުންވާ، ހަމަ ޖެހުމާއި ހަމަހިމޭންކަން ގޭގައި ލިބޭނީ ކިހިނެއްހެއްޔެވެ؟ އެންމެ ހިނދުކޮޅަކަށް ވެސް ހަމަ ޖެހިލައިގެން ހުރެވުނަ، އެ އަންހެން މީހާ ނުދެއެވެ. އޭނާއަށް އުނދަގޫކޮށް ނިމުނީމާ އެ އަންހެން މީހާ ދަނީ އޭނާގެ އަންހެން ކޮއްކޮ އާ ދިމާކޮށް، އަނިޔާ ދޭށެވެ. ފަށާތަޢުލީމުގައި، އޭނާއަކީ ކުލާހުން އެންމެ މޮޅު، އެންމެ ފާހަނގަ ކުރެވޭ ކުއްޖާއެވެ. ކޮންމެ އަހަރަކު ވެސް އެއްވަނަ ހޯދިއެވެ. ވީ އިރު، މެދުމަދުރަސީ ގައި ކުރިމަތިވާ އެންމެ ފުރަތަމަ އިމްތިޙާނުން ފޭލުވުން އެއީ އޭނާގެ ނަފްސަށް ޤަބޫލު ކުރެވޭނެ ކަމެއްހެއްޔެވެ؟

 

ވިސްނުމުގެ ތެރެއަށް ގެއްލިފައި ހުއްޓާ، ކުއްލިއަކަށް އުޑުމަތި ބަނަވެ، ވަރަށް ބާރަށް ވައި ޖެހޭން ފެއްޓި އަޑަށް، މާޖިދަށް ހޭވެރިކަން ވިއެވެ. ދަނޑުބިންތަކަށް މިހެން އަންނަ ޠޫފާންތަކުގެ ސަބަބުން ގަސްތަކުގެ ގޮފިތައް ބިނދި، މާ ވެރެއެވެ. އެކަމަކު އެއާ ވިދިގެން އަންނަ ވާރޭގެ ސަބަބުން އަނެއްކާވެސް ދަނޑަށް ފެން ލިބެއެވެ. ދެން އުޑުމަތި އަލިވެ، އިރުގެ ދޯދިތައް ގަސްތަކަށް ފޯރުމުން، އެ ގަސްތަކަށް އާރޯކަމެއް ލިބި، ބިނދުނު ގޮފިތަކުގެ ބަދަލުގައި އާ ގޮފިތައް ފަޅައި، މާތަކުން ދަނޑުތައް ޒީނަތްތެރިވެގެން ދެއެވެ. ކުރީގެ ހާލަތަށް ރުޖޫޢަވެއެވެ.

 

ގޭތެރޭގައި އުފެދޭ ޠޫފާނަކީ ހަމަ ކޮންމެ ދުވަހަކު، ކޮންމެ ގަޑިއަކު އަންނަ ޠޫފާނެކެވެ. އެ ޠޫފާނުގެ ސަބަބުން އޭނާއާއި، ހަ އަހަރުގެ ކޮއްކޮގެ ހިތް ކުދިކުދިވެގެން ދެއެވެ. ހިތުގައި ލާ ރެނދުތަކަށް އެއްވެސް ފަރުވާއެއް ދުވަހަކުވެސް ނުލިބެއެވެ.... ރީތިކަމުން އެހެން މީހުންގެ ހިތްތަކުގައި ކަސްތަޅު އަޅުވަމުން، ބަލާ މީހެއްގެ ލޯ ހުއްޓުވަމުން ދާ މި ރީތި އަންހެން މީހާ ކުރިމަތި ކުރުވާ ޠޫފާނަށް ވުރެ، ދަނޑުތަކަށް ޖެހޭ ޠޫފާން މާ އޯގާތެރިއެވެ. އަދި މާ ''އިންސާނިޔަތެވެ '' . ޙަޤީޤަތުގައި މި އަންހެން މީހާއަކީ މަކަރާއި، ވިހައާއި، ބޭރުގެ ރީތި ދުލިފަށުގައި ހަމަ ހަރުފައެކެވެ. އެއްވެސް ތަފާތެއް ނެތެވެ.

 

އެ އަންހެން މީހާ ގޮވާ ހަޑިއެއްޗެއްސާއި، ކުރާ މަލާމާތާއި، ހޫރާލާ އަތްތިލައިގެ އަޑުވެސް އޭނާ ވަނީ އަހާފައެވެ. އެނާގެ އަތް ވާ ކުރައްވާފާނދޭވެ! އެހެންޏާ ފަހެ އެ އަތުން، ކުޑަ ކުޑަ ކުއްޖެއްގެ ބަރީއަ މޫނުގައި އެ ޖަހަނީ ކީއްވެގެން ހެއްޔެވެ؟ އެ މަންޒަރު ބަލަން އޭނާއަކަށް ނީނދެވުނެވެ. އަދި އެ އަނިޔާއިން ކޮއްކޮ ސަލާމަތް ކުރަން ތެދުވާނެ ކުޅަދާނަ ކަމެއްވެސް އޭނާގެ ކިބައަކު ނެތެވެ. ބައްޕަ ދެކެ ގަންނަ ބިރެއްގެ ބޮޑު ކަމުންނެވެ. އެ ''ފިރިހެން '' މީހާވެސް ވަނީ، އޭނާ ގެނައި އާ އަންހެން މީހާއާއި އެއްބައިވެފައެވެ. މި މިސްކީނު އަންހެން ކުއްޖާއަށް ވޭން ދިނުމާއި، އަނިޔާ ކުރުމުގައެވެ. ބަނޑުހައި ކުރުމުވުގައެވެ. ދުނިޔެއަކީ ކޮން އެއްޗެއްކަން ނޭނގެނީސް އެ ދެމީހުން ވެގެން ވަނީ އެ ކުއްޖާއަށް ދުނިޔޭގެ ހިތިރަހަ ދައްކާފައެވެ.

ކުޑަ ދޮރުން ބޭރު ބަލާލި އިރު، ފާރަށް ލެނގިގެންހުރެ ހިތާމައާއި ވޭނުން ފުރިގެންވާ ރުއިމަކުން ކޮއްކޮ ރޯން ހުއްޓާ ފެނުނެވެ. ކޮއްކޮގެ މޫނު ވަނީ ރީދޫ ވެފައެވެ. ލައިގެން ހުރީ ވީދި ބާ ވެފައި އޮތް ހެދުމެކެވެ. އަދި ކޮއްކޮ ގާތުގައި ކޮއްކޮގެ ކޮއްކޮ ހުއްޓެވެ. އޭނާގެ މޫނުމަތިން ފެންނަނީ އުޖާލާކަމެވެ. ހަށިގަނޑުން ފެންނަނީ ދުޅަހެޔޮ ކަމެވެ. ރީތި ބަބުޅާ ހެދުމެއް ލައިގެން ހުރިއިރު، ލޮލުން ވެސް ފެންނަނީ ގަދަވެގަތުމާއި ކާމިޔާބު ލިބުމުގެ އުފާވެރިކަމާއި ވިދުމެވެ.

 

އެ މަންޒަރު ފެނުމާ އެކު މާޖިދަށް ހީވީ އޭނާގެ ދެލޯ އިންތަނުން ފުންމާލަފާނެހެންނެވެ. ހަމަ އެވަގުތު އޭނާގެ ލޮލުން ހޯސް ލާފައި ކަރުނަ އޮހޮރެން ފެށިއެވެ. އެ ކުޑަ ކުޑަ އަންހެން ކުއްޖާއަށް މިވަރަށް ބަޔަކު ޢަޛާބު ދޭން ވީ ސަބަބަކީ ކޮބައިހެއްޔެވެ؟ އެ ކުއްޖާގެ ކުށަކީ ކޮބައިހެއްޔެވެ؟ އޭނާގެ ބައްޕަގެ ލޮލުގެ ނޫރުކަމުގައި، ދުނިޔޭގެ ޒީނަތް ކަމުގައި އަދި ހިތުގެ ވިންދު ކަމުގައި އެއް ދުވަހަކު އޭނާ ނުވޭހެއްޔެވެ؟ ބައްޕަ އެންމެ ލޯބިވާ ކުއްޖާ ކަމުގައި ކޮއްކޮ ނުވޭހެއްޔެވެ؟ އެހެން ވިއްޔާ މިއަދު، ކޮއްކޮއަކީ ނަފުރަތުލިބޭ ދަށް ނިކަމެއްޗަކަށް ވީ ކީއްވެހެއްޔެވެ؟ ކުރިން ލޯތްބާއި، އަޅާލުމުގެ ބަސްތައް އަޑު އިވިއިވި ހުރެފައި، އެއްޗެހި ކިއުމުގެ އަޑު ނޫން އަޑެއް މި އަދު ގޭގައި ކޮއްކޮއަށް ނު އިވެނީ ކީއްވެގެން ހެއްޔެވެ؟

 

ހުރިހާ ލޯތްބަކާއި އަޅާލުމެއް މިއަދު ލިބެނީ، ކޮއްކޮ އަށް ވުރެ ދެ އަހަރު ހަނގު ކޮއްކޮއަށެވެ. ހުރިހާ ކުޅޭ އެއްޗަކާއި، މީރު ކެއުން ލިބެނީ ހަނގު ކޮއްކޮއަށެވެ. ބައްޕަގެ ހުރީ އެންމެ ކުއްޖަކަށް ވީ ކަހަލައެވެ. އަދި ގޭގައި ގެންގުޅޭ ޚާދިމާ އަކަށް ކޮއްކޮ ވީ ކަހަލައެވެ. ޚާދިމުންނަށް ބައެއްފަހަރު، ހަށިގަނޑު ތެރޭގައި ހިތެއް އޮންނަ މީހުންނާ ދިމާވެއެވެ. އެ ހިތުގައި ދީނެއް އޮންނަ މީހުންނާއި ދިމާވެއެވެ. އެހެންވެ އަމިއްލަ ދަރިންނެކޭ އެއްގޮތަށް ޚާދިމުންނާ މުޢާމަލާތު ކުރާ މީހުންނާ، ދިމާވެއެވެ.

 

އެކަމަކު، އަމިއްލަ އުފަން ކުޑަކުޑަ އަންހެން ދަރިފުޅު މި ބިކަ ހާލުން ސަލާމަތް ކުރަން ގޮވާލާ ޟަމީރެއް، އޯގާތެރި ކަމެއް ބަހައްޓާނެ ހިތެއް، ބައްޕަގެ ނެތް ތާނގައި، ޚާދިމެއްގެ ދަރަޖަ ވެސް ދަރިފުޅަށް ދޭނެ ޟަމީރެއް ނެތެވެ.

 

މަންމައާއި ބައްޕަ މަރުވެފައިވާ ޔަތީމު ކުއްޖަކަށް ވުން، އެއީ މާތް ﷲ ކޮއްކޮ އާ މެދު މިންވަރު ކުރައްވާފައިވާ ގޮތެވެ. މަންމަ ވަނީ މަރުވެފައެވެ. ވީމާ މަންމަ ޔަތީމު ވީއެވެ. ބައްޕަގެ ޟަމީރު ވަނީ މަރުވެފައެވެ. ވީމާ ބައްޕައެއް ވެސް ނެތެވެ!

 

މަންމިގެ - ދޮންމަންމައަށް، އެ ކުދިން ކިޔަން ޖެހެނީ މަންމީ- އަޑު ގޭތެރޭގައި ގުގުމާލި އަޑު އިވުނެވެ. '' ކޮބައިތަ؟ އާދޭ! މިތަނަށް ... ޖަނަވާރު .. '' !

 

 

މިއީ މަންމި ކޮއްކޮއަށް ކިޔާ ނަމެވެ. '' ޖަނަވާރު '' އެވެ. މި ނަމުން ނޫނީ ދުވަހަކުވެސް މަންމި ކޮއްކޮއަށް ނުގޮވައެވެ. އެކަމަކު ހަވީރު ބައްޕަ ގެއަށް އައުމުން ކޮއްކޮގެ ނަން ބަދަލުވެދެއެވެ. '' ލޯބި ... އާދޭ! '' '' ދަރިފުޅާ .. މަންމި ކައިރިއަށް އާދޭ '' '' ތީ މަންމިގެ ފުރާނަ '' ފަދަ ބަސްތައް ހަވީރު އިވެން ފަށައެވެ. ކޮއްކޮގެ ކޮއްކޮ އަށް އަބަދުވެސް މަންމި ގޮވަނީ '' ކޮބައިތަ މަންމިގެ ލޯބިކޮޅު '' '' މަންމި ގެ ދޫނި އާދޭ .. އަވަހަށް '' ފަދަ ބަސްތަކުންނެވެ.

 

މަންމި...! ޒަމާނާ އެކު މި ލިބުނު އާ މަންމަގެ ނަން ވެސް އެހާ ޒަމާނީއެވެ...!!

 

އަނެއްކާވެސް ގުގުރިއަކަށް ވުރެ ބާރަށް ގޮވާލި އަޑު އިވުނެވެ. '' ކަލޭގެ ކޮއްކޮ ރޯ އަޑު ނީވެނީތަ؟ '' '' އޭނާ ބޭނުންވަނީ ކޮން އެއްޗެއްތޯ ބަލާފައި އެ ހޯދައިދީ ! '' '' ކީއްވެ ޖަވާބެއް ނުދީ ތި ހުންނަނީ ؟ ކަލޭ ބީރީ ތަ ؟ '' '' ބުނެ ބަލަ... ކޯޗެއް ބޭނުންވެގެންތަ؟ އަހަރެންގެ ދަރިފުޅު އެ ރޮނީ ؟ ''

 

އެ ހިނދު އެ މިސްކީން އަންހެން ކުއްޖާ މަޑުމަޑުން ބުނެލިއެވެ. '' ކޮއްކޮ އެ އުޅެނީ ޗޮކޮލެޓު ބޭނުންވެގެން ''

 

- '' ބުދެއްހެން ހުއްޓި ތި ހުންނަނީ ކީއްވެގެންތަ؟ ދެން . ދޭ .. ގޮސް އޭނާ ބޭނުންވާ އެއްޗެއް ދީ ''

 

ހަދާނެ ގޮތް އެފަކީރަށް އެ ހިސާބުން ހުސްވިއެވެ. ޗޮކޮލެޓުން ބާކީ އޮތް އެތިކޮޅަކީ އެއީ، އޭނާގެ އެތިކޮޅެއް ކަން ބުނެދޭނެ ގޮތެއް ނުވިސްނުނެވެ. އިއްޔެ އޭނާގެ ބައްޕަ ޗޮކޮލެޓެއް ގެނެސް، ބަލަހައްޓައިގެން ހުއްޓާވެސް ނުދީ، އޭނާގެ ކޮއްކޮއަށް ދިނެވެ. އަދި އޭނާ ކާ ހިތުން އެއަށް އެދި އެދި ހުއްޓާ ކުޑަ ކޮއްކޮ މީރުކޮށް އޭތި ކާލިއެވެ. ކާ ތަން ބަލަހައްޓައިގެން ހުންނަތަން ފެނުމުން އެކަމާ އުނދަގޫވެގެން ކުޑަ ކޮއްކޮ ޗޮކޮޮލެޓުން އެތިކޮޅެއް ބިންދާލާފައި އޭނާއާ ދިމާލަށް އެއްލިއެވެ. މީހަކު ކާތަން ބަލަހައްޓައިގެން އޮންނަ ބުޅަލަކާ ދިމާލަށް ކާ އެތިކޮޅެއް އެއްލާލާ ފަދައިންނެވެ. އެ ހިނދު އުފަލުން ފޮޅިފައި، އޭނާ އޭތިކޮޅު ނެގިއެވެ. އަދި ކާ ހިތް ވެފައި ހުރިލެއް ބޮޑު ކަމާއެކު ވެސް ޗޮކޮލެޓު ކޮޅު ނުކައި ފަހުން ކާން ރައްކާ ކޮށްލިއެވެ. އަދި ކޮންމެ ގަޑިއަކުހެން ކަހަލަ ގޮތަކަށް ގޮސް އޭތިކޮޅަށް ބަލާލައެވެ. ޗޮކޮލެޓު ކޮޅަށް ބަލާލީމާވެސް، އޭނާގެ ބަނޑު ފުރޭ ކަހަލައެވެ. ފޮރުވާފައި އޮތް ތަނުން ނަގައިގެން ބެލި ފަހަރަކު ކެތް ނުކުރެވިގެން އޭގައި އޭނާއަށް ދަތް އަޅާލެވުނެވެ. ކުޑަކުޑަ ތަންކޮޅެއްގައި ދަތް އަޅައިގެން ހުއްޓާ، އޭނާގެ '' ރަން ކޮއްކޮ '' އަށް ފެނުނީއެވެ. އެ ހިނދު ޗޮކޮލެޓު ދޭށޭ ކިޔާފައި ރޯން ފެށީއެވެ.

 

- ނުލަފާ ޖަނަވާރު! .. ކޮބައިތަ ޗޮކުލެޓު ؟ ''

 

އޭނާ ހިމޭންވެލިއެވެ. އެކަމަކު ކުޑަ ކޮއްކޮ ހިމޭނެއް ނުވިއެވެ. '' އެތާނގައި ... މަންމީ ... މަންމީ... މި ދައްތަގަނޑު ކޮއްކި އަތުން ޗޮކޮލެޓު އަތުލީ ! ''

 

އެ ވަގުތު އެ އަންހެން މީހާ އޭނާގެ އަންހެން ދަރިފުޅާއި، ފިރިމީހާގެ އަންހެން ދަރިފުޅު ގޮވައިގެން، ޗޮކުލެޓް ކޮޅު ފޮރުވާފައި އޮތް ތަނަށް ދިޔައެވެ. ތަޙްޤީޤަކަށް މުޖްރިމަކު ގެންދާ ފަދައިންނެވެ. ތުހުމަތު ކުރެވުނު ޖަރީމާ ސާބިތުވެއްޖެއެވެ. އެ ޗޮކުލެޓު ކޮޅު އެތާނގައި އޮތްތަން މަންމިއަށް ފެނުމުން ދުނިޔެ ޤިޔާމަތް ވި ކަހަލައެވެ.

 

- '' ބޮޑު ވަގު ... ކަލޭގެ ހުރި ނުބައިކަން ބަލާ ބަލަ! . ކަލޭގެ އަމާ ކަލެއަށް ދަސްކޮށް ދިން ކަމަކީ ތީ ތަ ؟ އެހެން މީހުންގެ އެއްޗެހި ވަގަށް ނަގަން ދޯ ބުނެ ދިނީ؟ ''

 

މަންމައަށް އިހާނެތިކޮށް ހިތުން ނޫން ކޮންމެ ކަމެއްވެސް މާޖިދަށް، ކެތް ކުރެވިދާނެއެވެ. މީހަކު އޭނާގެ މަންމައާ ދިމާލަށް ހަޑި އެއްޗެހި ކިޔާ އަޑު އެހުން އެއީ ކެތް ކުރެވޭނެ ކަމެއް ނޫނެވެ. މާޖިދަށް އޭނާގެ ނަފްސު ނުހިފެހެއްޓުނެވެ. އަދި ހަޅޭއް ލަވައިގަތެވެ. '' ނަމަނަމަ މަގޭ މަންމައާ ނުބެހޭތި ''

 

ދޮންމަންމަ އަތުކުރި އޮޅާލައިގެން ތައްޔާރުވިއެވެ. އަބަދުވެސް އޭނާ ބޭނުމަކަށް ވެފައި އޮތީ، މާޖިދު ނިކަމެތިކޮށް ދެރަ ކުރުމެވެ. ނަމަވެސް މާޖިދު ދިޔައީ ކިޔާ ހަޑި އެއްޗެއްސަށް ކެތް ކުރަމުންނެވެ. އެކަމާ އޭނާ އަޅާލާ ކަމަކަށް މާބޮޑަކަށް ނުދައްކައެވެ. އަދި ނިކަމެތި ވާކަމަކަށް ވެސް ބޭރުފުށުން ނުދައްކައެވެ. އެހެންވެ އަބަދުވެސް ދޮންމަންމަ ދިޔައީ އޭނާގެ ހިތުގައި އުފެދި ކެކެމުން ދިޔަ ރުޅިވެރިކަން ބާލާނެ ފުރުސަތަކަށެވެ. މިއަދު މި އޮތީ އެ ވަގުތު އައިސްފައެވެ.

 

- '' ނަމަނަމަޭ..؟! ހެޔޮ ނުވާނެ ... މީނދަ ބޭފުޅާ ... އަޅުގަނޑަށް ހުއްދަދެއްވާ''

 

'' ހުރި ގޮތް ކުޑަކަން ނިކަން ދެކިބަލަ! ޖަނަވާރު ... ކޮންމެ ދުވަހަކު ތި ދޭއްޗަށް މަ މި ކޮށްދޭ ކަންތައް ނުފެންނަނީތަ؟ ތިން އިރު ކައްކާފައި ކާން ދިނީމާ ވެސް އަހަރެން ކުރިމަތީގައި ވައްވައް ނުޖަހައި ނުވޭދޯ؟ އަހަރެން މިގޭގައި މި އޮތް ހާ މަސައްކަތް ކުރާ އިރުވެސް، ކަލޭ ތި ހުންނަނީ ފޮތެއް ހިފާލައިގެން ކިޔަވާލަ ކިޔަވާލަ... ބަލަ ތި ނޫން ކަމެއް ކުރަން ކަލެއަށް އެގޭތަ؟ .. މި ހުރިހާ ދުވަހު އަހަރެން ކަލޭމެންނަށް ކުރި ޚިދުމަތުގެ އަގު ވަޒަން ނުކުރަނީތަ؟ ... އާނ ... އަގުވަޒަން ނުކުރިއަސް އެކަމާ އަހަރެން ހައިރާނެއް ނުވޭ .. ކަލޭތީ ކަލޭގެ މަންމަގެ ދަރިއެއް ވިއްޔާ ! ''

 

- '' ބުނެފީމެއްނު މަގޭ މަންމަޔާ ނުބެހޭށޭ..! ނުހުއްޓައިފިއްޔާ ދެން................. ''

 

އެހެން ބުނުމާ އެކު މާޖިދު އޭނާގެ ދޮންމަންމަ އާ ގާތް ވެލިއެވެ. ރުޅި އައިސްފައި ހުރިލެއް ބޮޑު ކަމުންނެވެ. ކޮންމެހެން ކަމެއް ކުރުމުގެ ނިޔަތަކު ނޫނެވެ. އެ ވަގުތު ދޮންމަންމަ ކަންތައް ބޮޑު ކޮށް ، ހަޅޭއް ލަވައި، އޭނާގެ ''ރީތި ބަހުރުވައިގެ'' ފޮތް އެއްކޮށް ހުޅުވާލިއެވެ. ކަންތައް ބޮޑުކޮށް، އަވައްޓެރިނަށް އިވޭވަރަށް އަޑު ގަދަކޮށްލިއެވެ. '' އަހަރެންގައިގައި ޖަހަންތަ ތި އުޅެނީ ؟ ބޮޑު ޣައްދާރު ... ހަރާންކޯރު ... އޭ މީހުންނޭ ... ނިކަން ބަލާ ބަލަ ... އަހަރެން ސަލާމަތް ކޮށްދީ ... އަހަރެންގެ ދޮންދަރި އަހަރެން މަރާލަނީ މި އޮތް! ''

ސިކުންތުކޮޅެއްގެ ތެރޭގައި އަވައްޓެރިންތައް ޖަމާވިއެވެ. އަދި މާޖިދު އޭނާގެ ކޮޓަރިއަށް ވަނެވެ. އެއީ ކޮޓަރިއެކޭ ކިޔާފައި ދޮންމަންމަ އޭނާ އަށް ޚާއްޞަ ކުރި ގުދަނެއް ކަހަލަ ތަންކޮޅެކެވެ. ދޮންމަންމަ އާއި އޭނާގެ ދަރިފުޅު އުޅެނީ ފިނި ކުރި ކޮޓަރިއެއްގައެވެ. މާޖިދާއި އޭނާގެ ކޮއްކޮ އުޅެނީ ކޮޓަރިއަކަށް ވުރެ ގުދަނަކާއި އެއްގޮތް މި ތަންކޮޅުގައެވެ.

 

* * * *

 

ބައްޕަ ހަވީރު ގެއަށް އަތުވެއްޖެއެވެ. އައި އިރުވެސް މޫނު މަތީގައި ވަނީ ނުތަނަވަސް ކަމާއި ރުޅިވެރި ކަމެވެ. ކުދިން ކުރިމަތީގައި ހީލައިފިއްޔާ، އެ ކުދިން ކުރާ އިޙްތިރާމު ކުޑަވެ، ބިރު ކެނޑި އެންމެ ފަހުން ކުރިމަތީ ވާހަކަ ދައްކަން ފަށާފާނެ ކަމަށް ބަލައި، އޭނާ މާޖިދުމެންނަށް ހިނިތުން މޫނެއް ނުދައްކައެވެ.

 

އެކަމަކު ކުރިން އޭނާ މިގޮތެއް ނޫނެވެ. މި ގޮތަށް އޭނާ ކަންތައް ކުރަން ފެށީ، '' ހަރުފަ '' ގެއަށް ވަދެ، މާޖިދުމެންގެ ބައްޕަގެ ސިކުނޑިއަށް ވިހަ ލީ ފަހުންނެވެ. އެ ''ހަރުފަ '' މާޖިދުގެ ބައްޕައަށް ވިސްނައި ދީފައި ވަނީ، މާޖިދާއި މާޖިދުގެ ކޮއްކޮއަކީ، މާ ލޯބިން ގެންގުޅުމުގެ ސަބަބުން ހަލާކުވެފައި ތިބި، ބަސް ނާހާ ދެކުދިން ކަމަށެވެ. ވީމާ ހަރު ކަށިވެގެން ނޫނީ އެ ދެ ކުދިންނަށް ރަނގަޅު ތަރުބިއްޔަތެއް ނުދެވޭނެ ކަމަށެވެ.

 

ބައްޕަ ގެއަށް އަންނަ ގަޑި ކައިރިވުމުން، ދޮންމަންމަ ރީތި ހެދުން ލައި ޒީނަތްތެރިވެއެވެ. އަދި އެ ޝައިޠާނީ މޫނު ފޮރުވުމަށް އޯގާތެރިކަމާއި ޠާހިރުކަމުގެ މޫނުމައްޗެއް އަޅައެވެ. ދެ އަންހެން ކުދިން ފެންވަރުވާ ޗާލު ކުރަންވެސް ހަނދާން ނައްތާނުލައެވެ. އަދި ދެ ކުދިން ތަފާތުކޮށް ކަންތައް ކުރާހެން ބައްޕައަށް ހީވިޔަ ނުދިނުމަށްޓަކައި، ދެ ކުދިން ވެސް އެއްކަހަލަ ދެ ހެދުން ލައްވައެވެ.

 

ބައްޕަ ވަނުމުން، ލޯބިވާ، ރީތި، އިޚްލާޞްތެރި، އަންބެއްގެ ސިފައިގައި މަންމަ ގޮސް އިސްތިޤްބާލު ކުރިއެވެ. އެކަމަކު އަނިޔާލިބިފައިވާ އެއްވެސް އާރެއް ބާރެއް ނެތް ދޮންމަންމައަކަށް އޭނާގެ ދޮން ދަރިން ''ދެމުންދާ ހިތާމައިގެ'' ކުލަވަރެއް ވެސް މޫނަށް ގެނައެވެ. އަދި އޭނާގެ ފަހަތުން ގޮސް ކޮޓަރިއަށް ވަދެ، ކޯޓު ބާލައި ދޭން ފެއްޓިއެވެ. އަދި އެ ދުވަހު ހިނގި ހުރިހާ ކަމެއް ފޮނިތޮށި ކާފޫރުތޮޅި ލައިގެން ކިޔައި ދިނެވެ. ބައްޕަގެ ހިތުގައި ދަރިންނާ މެދު ރުޅިވެރިކަމާއި، ނަފްރަތުގެ އަލިފާން އަންދައި އަލިފާނަށް ދަރުއަޅަމުން ދިޔައެވެ.

 

 

ކޮޓަރިން ނިކުމެ، ބައްޕަ ބޮޑު އަންހެން ދަރިފުޅަށް ގޮވާލިއެވެ. ދަންޖައްސަން ގެންދެވޭ މީހަކު ދާ ފަދައިން، ބިރުގެންފައި ހުރި ދަރިފުޅު ބައްޕަގެ ކުރިމައްޗައް އައިސް އިސްޖަހާލައިގެން ހުއްޓުނެވެ. އެ ހުރި ހުރުމުން ސިފަވަނީ، ހަދާނެ ގޮތް ހުސްވެފައި ހުރި ނިކަމެތި ކަންބަޅިއެއް މިނިކާވަގެއް ކުރިމަތީގައި ހުރިހެންނެވެ. އަދި ބައްޕަގެ ރަސްމީ އުސް ގޮނޑީގައި އިށީނެވެ. އަދި އިތުރު ވާހަކަ އަކާ ނުލައި، ދަރިފުޅު ކުށްވެރިވާ ކަމުގެ ޙުކުމް ކުރިއެވެ. އަދި ވައްކަން ކުރުމަކީ ކިހާ ހުތުރު ކަމެއް ކަން ވިސްނައި ދީ ، ދެން އެފަދަ ކަމެއް ނުކުރުމަށް އިންޒާރު ދިނެވެ. އަދި މާޖިދާ ދިމާލަށް ބައްޕަ އެއްލަމުން ދިޔަ ނަޒަރުން، މާޖިދަށް ކުރިމަތިވާން އޮތް ނުރައްކާ ދެނެގަންނަން އުނދަގުލެއް ނޫނެވެ.

 

އެއްބަނޑު އެއްބަފާ ކޮއްކޮ ބޮލުގައި ވައްކަމުގެ ތުހުމަތު އެޅުވުނު މަންޒަރު ބަލަހައްޓައިގެން ހުންނަން މާޖިދަށް ކެތެއް ނުކުރެވުނެވެ. އަދި ކަން ވީ ގޮތުގެ ޙަޤީޤަތް ކިޔައި ދޭން ބައްޕަ އާއި ކައިރިއަށް ޖެހިލިއެވެ. މާޖިދަށް ކުރިމަތި ވާން އޮތް މުޞީބާތް އަވަސް ވިއެވެ.

 

ކެކެމުން ދިޔަ އަލިފާން ފަރުބަދަ ގޮވައި، ގެއަށް ބިންހެލުމެއް އައެވެ. އަދި ރުޅި އައިސް، ހަމައިން ނެއްޓިފައި ހުރި ބައްޕަގެ އަޑު ގުގުރިއެއްހެން، ގޭތެރޭގައި ގުގުމައިގަތެވެ.

 

'' ކަލޭ... މަންމަ ގައިގައި ޖެހީ ކީއްވެތަ؟ ހުރި އަދަބު ކުޑަކަން ދެކިބަލަ ! ތަރުބިއްޔަތެއް ނެތް މަލްޢޫނު ! ސާދަ އަހަރުވީމާ އަހަރެން ހީކުރީ ކަލޭ ތިހިރީ ހެޔޮ ވިސްނޭ ފިރިހެނަކަށް ވެފައި ކަމަށް ... ޖެހި ޖެހީނުން އަތް ބިންދާލަންވީތަ؟

 

- '' ބައްޕާ ... އަހަރެން ނުޖަހަން... ހަމަ ތެދެއް މި ބުނަނީ ''

 

- '' މަންމަ ދޮގުހަދަނީތަ ދެން އެހެންވިއްޔާ ؟ ލަދެއްވެސް ނުގަނޭތަ ...މަންމަ ދޮގު ހަދައޭ ބުނަން ؟ ''

 

- '' އަހަރެން ނުބުނަން މަންމި ދޮގު ހަދައޭ ... އެކަމަކު މަންމި އެ ބުނަނީ ޙަޤީޤަތާ ޚިލާފަށް ''

 

މިހެން ބުނުމުން، ބައްޕަ ހަމަހޭން ނެއްޓުނެވެ. ހޭބުއްދި ފިލައި ދިޔަކަހަލައެވެ. އަދި މާޖިދާ ދިމާލަށް ފުންމައިގަނެ، ތަނެއް ދޮރެއް ނުބަލާ އެކުއްޖާ ގައިގައި ތަޅައިގަތެވެ. މި ވަރު ކޮށްލުމުންވެސް އަލާ ނު ފިލައިގެން، މާޖިދު އަތުގައި އޮތް ފޮތް ވިދާ ކުދިކުދި ކޮށްލިއެވެ. އެ ރޭ މާޖިދާއި އޭނާގެ ކޮއްކޮ އަށް ތިބެންޖެހުނީ، ހުސްބަނޑާއެވެ.

 

 

* * * *

 

 

ރޭގަނޑު ކެއުން ކައިގެން މާޖިދުގެ ބައްޕައާއި ދޮންމަންމަ އެ ދެމީހުންގެ ދަރިފުޅު ގޮވައިގެން ކޮޓަރިއަށް ވަނެވެ. ވީދި ކުދިކުދި ކޮށްލެވިފައިވާ ފޮތުގެ ގަނޑުތަކަށް މާޖިދު ބަލަހައްޓައިގެން ހުއްޓެވެ. އެތައް ރެއެއްގެ ނިދިނަގާލައިގެން ލިޔެ، އެތައް ދުވަހެއްގެ ކެއުން ދޫކޮށް، ދަސްކުރަމުން ދިޔަ ފޮތް އެ އޮތީ ވީދި ކުދިކުދިވެފައެވެ. މާޖިދުގެ ހުރިހާ އުންމީދަކާ ހުވަފެންތަކެއްވެސް ވަނީ އެ ފޮތާ އެކު ވީދި ކުދިކުދިވެފައެވެ.

 

ކުދިކުދިވެފައިވާ ދަރިފުޅުގެ މަސްކޮޅުތައް މަންމައަކު ނަގައި ޖަމާ ކުރާހެން، މާޖިދު އޭނާގެ ފޮތްތަކުގެ ގަނޑުތައް ނަގައި އެއްކުރަން ފެށިއެވެ. އެކަމަކު މިހާރު އެއީ އެތައް ސަތޭކަ ކުދި ކުދި ގަނޑުކޮޅުތަކެކެވެ. އެ ހުރިހާ ގަނޑުކޮޅުތައް އެއް ކުރުމަކީ އެއީ ވާނެ ކަމެއް ނޫނެވެ. އެއް ކުރިއަސް އެ ފޮތެއްގެ ސިފައަށް އަނބުރާ އައުން އެއީ މުސްތަޙީލު ކަމެކެވެ. އެ ހިސާބުން އޭނާ އަހަރުގެ ފަހު އިމްތިޙާނުން ފޭލްވެ، ޢުމުރުން އަހަރެއް ބޭކާރުވީ ކަން ޔަޤީން ކުރިއެވެ. މި ޚިޔާލު ސިނކުޑިއަށް ވެރިވުމުން މާޖިދަށް ވަރަށް ބޮޑަށް އަސަރުކޮށް، ލިބެމުން ދާ އަނިޔާތަކަށް ކެތް ނުކުރެވޭ ހިސާބަށް ހިގައްޖެކަމަށް އިޙްސާސް ވިއެވެ. ދުނިޔެ އެނބުރޭހެން ހީވިއެވެ. އަދި އޭނާގެ ހަނދާންތައް މީގެ އެތަކެއް އަހަރު ކުރިއަށް ދަތުރު ކުރިއެވެ.

 

 

އެ ލޯބި ލޯބި މޫނު އޭނާގެ ޙިޔާލުގެ ކުރިމައްޗަށް އައެވެ. މަންމަގެ މޫނެވެ. އެ މޫނުގައިވާ، ދުނިޔޭގެ ހުރިހާ ހިތާމައަކާއި ކެކުޅުންތައް ހަނދާންނެތި ކޮށްލާފަދަ ހިނިތުންވުމެވެ. ދުނިޔޭގެ މޮޅިކަމުން ސަލާމަތް ވުމައްޓަކައި އޭނާ ގޮސް ފިލާ އޮންނަ އުނގެވެ. މަންމަގެ މޫނުގައި ވަނީ އޯގާތެރި ކަމާއި ހިތް ހެޔޮ ކަމެވެ. އަދި ޒުވާން ކަމާއި ޗާލު ކަމެވެ. މަންމައެކޭ ކިޔާފައި މިހާރު ގޭގައި މި އިންނަ ''ހަރުފަ'' އާއި މަންމައާއި އުޑާއި ބިމާ ހާ ތަފާތެވެ. ކުރީގެ ގޭތެރެ ހަނދާންވިއެވެ. އޭރު ގޭގައި ވަނީ ހުސް ހިމޭންކަމާއި ލޯތްބެވެ. އޭރުގެ ބައްޕަ މަތިން ހަނދާން ވިއެވެ. އޭރު ބައްޕަގެ ލޮލުން ފެންނަނީ އަޅާލުމާއި ލޯތްބެވެ. މިހާރުހެން އަލިފާން ކަނިތަކެއް ނޫނެވެ. އޭރު ބައްޕަގެ އަތުން ލިބެނީ އެކި ފާޑުފާޑުކެ ކުޅޭ އެއްޗެއްސާއި މީރު ކާއެއްޗެއްސެވެ. އަނިޔާއެއް ނޫނެވެ.

 

ޚިޔާލުގެ ފިލްމު ރޯލު އެނބުރެމުން ގޮސް އެހެން ދިމާއަކަށް ހުއްޓުނެވެ. މަންމަ އުޅެނީ ބަލިވެގެންނެވެ. އެހެން ނަމަވެސް މާޖިދު ހީކުރީ އެއީ ހަމަ އެންމެން ވެސް ވާ ކަހަލަ އާދައިގެ ބައްޔެއް ކަމަށެވެ. ދެން ފެނުނީ ގޭތެރެ ހަލަ ބޮލިވެ، މީހުންގެ މޫނުމަތިން ހިތާމަވެރިކަން ފާޅުވާތަނެވެ. ތިމާގެ ބައެއް މީހުން ރޯތަނެވެ. އަދި ގޭ މީހުން ކޮންމެވެސް ކަމެއް އޭނާއަށް ފޮރުވަން އުޅޭ ތަނެވެ. އެކަމަކު އޭނާއަށް ހުރިހާ ކަމެއްވެސް އެނގިއްޖެއެވެ. މަންމަ މަރުވީހެއްޔެވެ؟ '' މަރު '' މިއީ މާޖިދަށް ކުރިން އެތައް ފަހަރަކު އަޑު އަހާ، ފޮތް ފޮތުން ކިޔާފައިވާ ބަހެކެވެ. ނަމަވެސް އެއީ ކޯޗެއް ކަން ކުރިއަކުން އެނގިފައި ނެތެވެ. އަދި ކައިރިއަކުން ފެނި، އަދި އޭނާގެ ގެއަށް ވަދެ ތިމާގެ މީހެއް ނުވަތަ ލޯބިވާ މީހެއް، މަރު ގެންދިޔަތަނެއް މީގެ ކުރިން ނުދެކެއެވެ.

 

އަނެއް ދުވަހު މަރަކީ ކޯޗެއްކަން މާޖިދަށް އެނގިެއްޖެއެވެ. ވަރަށް ކައިރިންނެވެ. ހެނދުނު ހޭލެވުނީ ކޮއްކޮ ރޯ އަޑަށެވެ. މަންމަގެ ލޯބިވާ ހަގުދަރިފުޅު ރޯ އަޑަށެވެ. ބައްޕަ ވެސް - އޭރު - ކޮއްކޮ ދެކެ ލޯބިވެއެވެ. ލޯ ހުޅުވާފައި ރަނގަޅަށް ބަލާލި އިރު ކޮއްކޮ ކައިރީ މަންމަ ކިރު ދީ ކުޅެ ހަދާކަށް ނެތެވެ. ކޮއްކޮގެ ރުއިން އިރުކޮޅަކަށް ފަހު އިރުކޮޅެއް ގަދަވަމުން ދިޔައެވެ. އެކަމަކުވެސް މަންމައެއް ނައެވެ.

 

މާޖިދު އެންމެ ފަހުން މަންމައަށް ގޮވިއެވެ. '' މަންމާ .........'' އެކަމަކު މަންމަގެ ޚަބަރެއް ނުވިއެވެ. އެނދުން ތެދުވެގެން މާޖިދު މަންމަ ހޯދަން ހިނގައްޖެއެވެ. ކޮޓަރިން ނުކުމެ ބަލާލިއިރު ބައްޕައާއި އަދި ތިމާގެ އެހެން ބަޔަކު ތިބެގެން ރޮނީއެވެ. މަންމަ ކޮބައިތޯ ސުވާލު ކުރުމުން އެ މީހުންގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ. ދެން މަދަރުސާއަށް ދާ ގަޑި ޖެހުނީމާ އަނެއްކާވެސް މަންމައަށް ގޮވިއެވެ. އެކަމަކު، އޭނާ ރީތިކޮށް، ދަބަސް ތައްޔާރު ކޮށްދޭން މަންމައެއް ނައެވެ. އެންމެ ފަހުން އަމިއްލައަށް ތައްޔާރުވެގެން، ޖޫސްތައްޓެއް ބޮއެގެން މަދަރުސާއަށް ދާން ނުކުތެވެ. ގެއިން ނުކުތް ވަގުތު އެހެން ދުވަސް ދުވަހު، މަންމަ އައިސް ދޮރު މަތީގައި ޓާޓާ ކިޔަން ހުރެއެވެ. އަދި މަދަރުސާއަށް ގޮސް ބަސް އަހައިގެން އުޅުމަށް ނަސޭހަތްތެރިވެއެވެ. ހައެއްކަ ފިޔަވަޅު އަޅާފައި އެނބުރި އައީމާ، މަންމަ ދެވަނަ ފަހަރަށް ދޮން ދީފައި ބޮލުގައި ފިރުމާފައި ފޮނުވައެވެ. އެކަމަކު މިއަދު، މަންމަ ޓާޓާ ކިޔަން ވެސް ނައެވެ.

 

މަދަރުސާ ނިމިގެން އައި އިރު، ނުދަންނަ ބީރައްޓެހި އަންހެނެއް ގޭގައި އެބަ އިނެވެ. އޭނާ ހުރީ ކޮއްކޮއަށް ކިރުދޭށެވެ. ކޮއްކޮއަށް ނުދަންނަ މީހަކު އައިސް ކިރު ދޭން އެހުރީ ކީއްވެހެއްޔެވެ؟ މަންމަ ކޮބައިހެއްޔެވެ؟

 

ޚިޔާލުގެ ފިލްމު ރޯލު އެނބުރެމުން ގޮސް އަނެއްކާވެސް އެހެން ދިމާއަށް ހުއްޓުނެވެ. މާޖިދު މަންމަ މަރުވުމަށް ފަހު، އޭނާގެ ބައްޕަ ދިޔައީ މާޖިދާއި އޭނާގެ ކޮއްކޮއަށް މަންމަ ނެތުމުގެ އުނިކަން ފޫބައްދައި ދެވޭތޯ ބަލަމުންނެވެ. ލޯތްބާއި އަޅާލުން ދެމުން ދިޔައެވެ. މަންމަ ނެތް ދުނިޔޭގައި މަންމައެއްގެ ދައުރާއި ބައްޕައެއްގެ ދައުރު އަދާ ކުރަމުން ދިޔައެވެ. އެކަމަކު މި ހުރިހާ ކަމެއް އެއްދުވަހަކު ބަދަލުވެއްޖެއެވެ. '' މާޖިދު ... މި އަދު ދަރިފުޅުމެންނަށް އާ މަންމައެއް އަންނާނެ '' އޭ ބައްޕަ ބުނި ދުވަހުއެވެ. އާ މަންމައެއް؟ މީގެ ކުރިން ދުވަހަކުވެސް މާޖިދު މިފަދަ ވާހަކައެއް އަޑު ނާހައެވެ. އާ ކޮއްކޮއެއް އަންނަ ގޮތް އޭނާއަށް އެނގެއެވެ. ކޮއްކޮ އަންނަނީ މަންމަގެ ބަނޑުންނެވެ. އެކަމަކު އާ މަންމައެއް އަންނާނީ ކާކު ބަނޑުންހެއްޔެވެ؟ ސުވާލުގެ ޖަވާބެއް ނުވިސްނުނެވެ.

 

އާ މަންމަ ގެއަށް އައިސްފިއެވެ. ވަރަށް ރީއްޗެވެ. ހެދުންވެސް ވަރަށް ރީއްޗެވެ. ކޯތާފަތުގައި ހުރީ ރަތް ވިލާގައި ހުންނަ ކުލައެވެ. އޭނާގެ ތުންފަތް ވަރަށް ރަތެވެ. އެހެން މީހުން ތުންފަތް ހެނެއް ނޫނެވެ. ތުންފަތް އެހާ ރަތް ވީމާ، މާޖިދު ހައިރާން ވެސް ވިއެވެ ކިތަންމެ ރީއްޗަސް އާ މަންމައަށް ހިތް ޖެހޭ ގޮތެއް ނުވިއެވެ. އެކަމަކު ރުޅިއެއްވެސް ނާދެއެވެ.

 

ފުރަތަމަ ދުވަސްކޮޅު އާ މަންމަ އޯގާތެރިވެފައި މަޑުމައިތިރިއެވެ. އިންދޭ ޅަ ކުރިއެއް ފަދައިންނެވެ. ދުވަސްތަކެއް ވެ ބިމުގައި ހަރުލައި މޫ ފޭބުމުން، ހަރު ހިކި ގަސްގަނޑެއް ފަދަ ވެއްޖެއެވެ. ބަލާ މީހުންނަށް ރީތި މަލާއި، ފެހި ފަތްތައް ފެނުނަސް، ހަޤީޤަތުގައި އެއީ ވިހަ އެއްޗެކެވެ. އަދި އާ ކޮއްކޮ ވިހޭމާ، ރީތި އަންހެނެއްގެ ހަންގަނޑުގައި ފޮރުވިގެން އޮންނަ ވިހަ ހަރުފައަކަށް ބަދަލުވެއްޖެއެވެ. ރީތި އަންހެނެއް އެއީ ޙަޤީޤަތުގައި ހަރުފައެއްގެ ސިފައިގައި ވާ ނުބައި ޝައިޠާނަކަށް ވެއްޖެ ނަމަ ދެން ވާނީ ކިހިނެއްހެއްޔެވެ؟

 

ތާރީޚްގެ ތެރެއިން ޚިޔާލަށް އެޅެމުން އައި ތަޞްވީރުތައް ފުސްވެއްޖެއެވެ. ޚިޔާލުގެ ފިލްމު ރޯލު އެނބުރުން ހުއްޓުނެވެ. ޚިޔާލު ހުއްޓުނު އިރު ކުރިމަތީގައި ވަނީ، ހަރުފައެއްގެ ސިފައިގައި ވާ އަންހެނެއްގެ ތަޞްވީރެވެ.

 

މާޖިދުގެ ގެނބިފައިވާ ޚިޔާލުތަކަށް ނިމުމެއް އައީ، އަންހެނެއް ހޭ އަޑަށެވެ. އެއީ އެ ނުލަފާ އަންހެނާ ހޭ އަޑެވެ. ކޮޓަރި ތެރެއިން ކުރިން އިވެނީ މަންމަ ހޭ ފޮނި ފޮނި އަޑެވެ. އެކަމަކު މިހާރު އިވެނީ ހަރުފައެއް ހޭ އަޑެވެ. ކަނުލައި އަޑު އެހީމާ، ކޮންމެވެސް މީހަކު ރޯ އަޑު ވެސް މަޑުމަޑުން އިވެއެވެ. އެއީ ކޮއްކޮ ރޯ އަޑެވެ. ކޮއްކޮ ރޭ ނިދީ، ބަނޑަށް އޮވެގެން ކަން، އަމިއްލައަށް ވެފައި ހުރި ބަނޑުހައި ކަން، އޭނާއަށް އިޙްސާސްކޮށް ދިނެވެ. މުޅި ދުވާލު އެ ކުޑަ ކުޑަ ކުއްޖާ ލައްވާ މަސައްކަތް ކުރުވުމަށް ފަހު، އެ މުޖްރިމް އަންހެނާ ދަނީ ބަދިގެ ތަޅުލާފައެވެ. ހިކިފައި އޮންނަ ޕާން ފޮއްޗެއް ނޫނީ ކާލަން ނުދެއެވެ.

 

ރޭގަނޑު ބައްޕަ ގެއަށް އައިމާ، މައުޞޫމު ކަމެއް މޫނު މައްޗަށް ގެނެސް، ކޮއްކޮ ނުކާ ވާހަކައާއި ކޮއްކޮ ބަލި ވާހަކަ ދައްކައެވެ.

 

'' އަހަރެން ހިތް ފަޅައިގެން ދާ ވަރުވޭ! ބަލާބަލަ އަހަރެމެންގެ ދަރިފުޅު ހިމަ ވެފައި ބަލިކަށިކަން . އޭނާ ނުއެއް ކައި އެއްގޮތަކަށް ވެސް . ކީއްކުރާނީ ؟ ޑޮކްޓަރަކަށް ދައްކަން ވީނު ؟ އެކަމަކު ޑޮކްޓަރަކަށް ދެއްކިއަސް ޑޮކްޓަރު ކީއްކުރާނީ ؟ މިހާ ބޯ ހަރު ބަސް ނާހާ ކުއްޖަކު ޑޮކްޓަރަށް ދެއްކިއަސް ފަލައެއް ނުވާނެ ! ... އަހަރެން ކިތަންމެ ވަރަކަށް ވެސް އުޅެން ކާން ދޭން .. އެކަމަކު ވެސް ހަމަ ނުކަނީ ... މީނާގެ ބޯ ހަރުކަމުން ޞިއްޙަތު އެހަރަ ގެއްލިގެން ދަނީ ... ''

 

ދެން އޭނާގެ ބައްޕަ ބުންޏެވެ. '' ހާދަހާ ބަސް ނާހައޭ ދޯ ؟ ބޯ ހަރު ނުކޮށް ކާން އާދޭ ! އެހެން ނޫނީ ....! ''

 

އެ ހިނދު އެ މަންޖެ ބިރުން ސިހިސިހި ހުރެ ކާންވެގެން މޭޒާ ކައިރިއަށް ޖެހިލިއެވެ. އެކަމަކު ބައްޕަ ހުރި ގޮނޑީގެ ފުރަގަހުގައި ހުރެގެން، ދޮންމަންމަ ދިޔައީ ކަޅި އަޅައި ލޮލުން އިންޒާރު ދެމުންނެވެ. ދަތް ވިކާފައި ވައްތަރު ވައްތަރު ޖައްސާފައި އެ މަންޖެ ބިރު ގެންނެވިއެވެ. ބިރުން ކާ އެއްޗަކާ ދިމާލަށް އަތް ދިތް ނުކުރީމާ ދޮންމަންމަ ބުންޏެވެ.

 

'' އަހަރެން ބުނީމެއްނު ! ހަމަ އޭނާ ބޯ ހަރީ އޭ .. ރަނގަޅަށް ތަރުބިއްޔަތު ކުރަން ޖެހިފައި އެހެރީ ... ''

 

އެއްބަސް ވުމުގެ ގޮތުން ބައްޕަ ބޯ ޖަހާލިއެވެ. އަދި އެ ކުއްޖާގެ ކަންފަތުގައި ހިފައި، ކޮލުގައި އެތިފަހަރެއް ޖެހުމަށް ފަހު ކާ ކޮޓަރިން ނެރެ ބޭރުކޮށްލިއެވެ. މިހާރު ބައްޕައަށް، ކުރަން އެނގޭ ހަމަ އެކަނި ތަރުބިއްޔަތަކީ އެއީއެވެ. ކޮންމެ ރެއަކުހެން އެ މަންޖެގެ ރޭގަނޑުގެ ކެއުން އޮންނަ ގޮތަކީ މިއީއެވެ.

 

މާޖިދަށް ކޮއްކޮ މަތިން ހަނދާން ވިއެވެ. އެ އިވެނީ ކޮއްކޮ ރޯ އަޑެވެ. އަވަހަށް ގޮސް ކޮއްކޮ ނަގައިގެން ގައިގައި ބައްދާލިއެވެ.

''ކިހިނެއްވީތަ؟ ކީއްވެ ތި ރޮނީ ؟ އަވަހަށް ހުއްޓާލާ .. ބޭބެގެ ދޮންކޮޅު ''

 

- '' ބަނޑުހައި ވަނީ ... '' ކޮއްކޮ އަށް ބުނެވުނުހާ ވެސް އެއްޗަކީ މިއީއެވެ.

 

ބަނޑުހައި ވިޔަސް މާޖިދު ކާ އެއްެޗެއް ގެންނާނީ ކޮންތާކުންހެއްޔެވެ؟ ވަރަށް ނަސީބު ގަދައެވެ. ކަންދިމާ ކުރި ގޮތުން، މިރޭ ދޮންމަންމަ އެ ހުރީ ބަދިގޭ ތަޅު ނުލައެވެ. ރޭގަނޑު ކައިފައި ބާކި ހުރި އެއްޗެހި މޭޒުމަތީ ހުއްޓާ ނަގައިގެން އައިސް، މާޖިދު ކޮއްކޮއަށް ކާން ދިނެވެ. އުފަލާ އެކު، ގެނައި ހުރިހާ އެއްޗެއް އެ މަންޖެ ކައި ހުސްކޮށްލިއެވެ. ދޮންމަންމަ އާއި ބައްޕަ އަދި އެ ދެމީހުންގެ ދަރި ކައިފައި ބާކީ ހުރި އެއްޗެހި ވަގަށް ނަގައިގެން އައިސް ކޮއްކޮއަށް ކާން ދޭން ޖެހުނީމާ، މާޖިދަށް ހިތް ދަތިކަމެއް އިޙްސާސް ވިއެވެ. އަދި މާޒީގެ ފިލްމުން ތަޞްވީރުތަކެއް، މާޖިދުގެ ޚިޔާލަށް ވެރިވިއެވެ. މަންމަ ފެނުނެވެ. އަންނާށޭ ކިޔާފައި މަންމަ ގޮވަނީއެވެ.

 

ވީދާލެވުނު ފޮތް މަތިން އޭނާ ހަނދާން ނެތިއްޖެއެވެ. އަދި ދަތި އުނދަގޫ ޙަޔާތް މަތިން ވެސް ހަނދާން ނެތިއްޖެއެވެ. މިހާރު އިވެނީ އެންމެ އަޑެކެވެ. މަންމަ ގޮވާ އަޑެވެ.

 

- ކޮއްކޯ .. ތެދުވޭ . މަންމަ އަންނާށޭ ބުނާ އަޑެއް ނީވޭތަ ކޮއްކޮއަށް ! ހިނގާ އަވަހަށް މަންމަ ކައިރިއަށް ދާން . ''

 

އެ އަންހެން ކުއްޖާ ވީ ޙައިރާނެވެ. އަދި ފާޑެއްގެ ބިރެއް ގަތެވެ. އެއްވެސް ކުއްޖެއްގެ ދެ މަންމަ ހުރޭ ހެއްޔެވެ؟ ގޭގައި އެ އިން '' މަންމަ '' ނޫން އެހެން މަންމައެއް އެ މަންޖެއަކަށް ނޭނގެއެވެ. އެ ނުލަފާ އަންހެނާ ވަނީ ކުޑަ ކުޑަ ކުއްޖެއްގެ ހިތުގައި ، މަންމަ ގެ މުޤައްދަސް ސޫރަ ނުބައި ވަހުޝަކަށް ބަދަލު ކޮށްފައެވެ.

 

- " އާދޭ! ... އަހަރެމެން ދެކެ ލޯބިވާ މަންމަ ކައިރިއަށް ދާން .... މަންމަ އުޅެނީ ވަރަށް ރީތި ބަގީޗާއެއްގައި .. ކޮއްކޮއަށް އަޑެއް ނީވޭތަ؟ މަންމަ ގޮވާ އަޑު ... ''

 

ކޮއްކޮ އުފުލައިގެން މާޖިދު، ގެއިން ނުކުމެގެން މަޑު މަޑުން ހިނގައްޖެއެވެ. އޭނާގެ ކަންފަތަށް އަދިވެސް އިވެނީ މަންމަ ގޮވާ އަޑެވެ. މާޖިދާއި އޭނާގެ ކޮއްކޮ މަންމަ އޮތް ތަނަށް ހިނގައްޖެއެވެ.

 

* * * *

 

އަނެއް ދުވަހު ހެނދުނު ނޫސްތަކުގައި އޮތީ، ޤަބުރުސްތާނުގައި ޢުމުރުން 6 އަހަރުގެ ވަރަށް ހިމަ، ބަލިކަށި އަންހެން ކުއްޖަކާއި، 41 އަހަރުގެ ފިރިހެން ކުއްޖެއް ހޭނެތިފައި ތިއްބާ ފެނުނު ވާހަކައެވެ. އަދި މިހާރު އެ ދެކުދިން ހަސްފަތާލަށް ގެންެދެވި ފަރުވާ ދެވެމުން ދާ ކަމަށާއި، އަންހެން ކުއްޖާ ވަނީ ވަރަށް ބޮޑަށް އަނަރޫފަވެ، ބަލި ވެފައި ކަމަށާއި މުޢްޖިޒާތަކުން ނޫނީ އެ ކުއްޖާގެ ފުރާނަ ސަލާމަތް ނުކުރެވޭނެ ކަމަށް ވެސް، ނޫސް ތަކުގައި ލިޔެފައި އޮތެވެ.

'' އޮޅުން ފިލުވަން ދަތި ވާހަކަތަކެއް ފިރިހެން ކުއްޖާ ދައްކާ. މަންމައެއްގެ ވާހަކައާއި ލިޔާ ފޮތެއްގެ ވާހަކަ ދައްކަނީ . ދެން ގޭގައި އުޅޭ ހަރުފައެއްގެ ވާހަކަ ވެސް އޭނާ އެބަ ދައްކާ '' ނޫހެއްގައި ލިޔެފައި އޮތެވެ.

 

 

 

Comments