އަންގާރަ20200915

އާކުރެވުނީ: 08:43:52

ވަރަށް ލޯބިވެއެވެ.

vloabiveއޮފީހަށްދާ ފުރަތަމަ ދުވަސްކަމުން ޓެކްސީގައި އިންއިރު ވެސް އަހަރެންގެހިތް ވަނީ ވަރަށް ނުތަނަވަސް ވެފައެވެ. އެކިކަހަލަ ސުވާލު ހިތަށްއަރާ ފައިބަމުން ދިޔައެވެ. އޮފީހުން ދިމާވާނީ ކޮންކަހަލަ ބަޔަކާބާއެވެ؟ އެއިން އެކަކުވެސް އަހަންނާއި ރައްޓެހިކަން ބާއްވާނެބާއެވެ؟ އަހަންނާއި ވާހަކަ ދައްކާނެބާއެވެ؟ ހަމަ ގައިމުވެސް އެކަކު ހުންނާނެއެވެ. މިކަހަލަ ޚިޔާލްތަކެއްގެ ތެރޭގައި އިންދާ އޮފީހަށް އާދެވިއްޖެއެވެ.

ޓެކްސީއަށް ލާރި ދިނުމަށްފަހު އަހަރެން އެތެރެއަށް ވަދެގެން ހިނގައިގަތީމެވެ. މާގިނަ އިރަކު ހިނގާކަށް ނުޖެހުނެވެ. އަހަންނާއި އިންޓަވިއު ކުރި މީހާއާއި ދިމާވެއްޖެއެވެ. އޭނާ އަހަރެން ގޮވައިގެން ގޮސް އަހަރެންގެ މަސައްކަތް އަހަންނަށް ދެއްކިއެވެ. އެސެކްޝަނުގައި އަދިވެސް ދެތިން އަންހެން ކުއްޖަކު، އެކުދިންގެ މަސައްކަތާއިގެން ބުރަކޮށް އުޅުނުވެ. އަހަރެން ވެސް މަޑުމަޑުން އަހަރެންގެ މަސައްކަތާއިގެން މަޝްޣޫލުވެވޭތޯ އުޅުނީމެވެ. އެކަމަކު އެކަމެއްވާގޮތެއް ނުވިއެވެ. އަހަންނަށް ހޯދެނީއެވެ. އެކިދިމަ ދިމާއެވެ. ކޮންމެވެސް އެއްޗެއް މަދުހެން ހީވަނީއެވެ. އެންމެ ގާތުގައި އިން ކުއްޖާގާތުގައި އަހާލަންވެސް ހިތަށް އެރިއެވެ. އެކަމަކު ނުކެރުނެވެ. އޭނަ އިސްވެ ވާހަކަ ނުދައްކާތީވެއެވެ.

ކުއްލިއަކަށް މީހަކު އައިސް އަހަރެންގެ އަތްމަތީގައި އަތްބާއްވާލިއެވެ. އަހަރެން ވަރަށް އަވަހަށް އަތްދަމައިގަތީމެވެ.

''މީމަށޭ!..ހާދަ ހާސްވެފަ، އާވީމަދޯ؟ ނޫނީ މަށާ އެއް އޮފީހަކަށް އާދެވުނީމަ އުފަލުންތަ؟'' ނާޒިމް މަޑުމަޑުން ހުރިހާ އެއްޗެއް އަމުނާލިއެވެ.

''ހޫނ.. ވަރަށް ފޫހިވޭ..އަހަރެން އައިއްސުރެ މިއިންތިޒާރު ކުރަނީ ނާޒިމް ފެންނާނެވަގުތަކަށް.. އަހަރެން އަލަށް އަންނައިރު ގޭޓު ކައިރީގަ ހުރިނަމަ ކީއްވާނީ ؟ އެކަމަކު ބުނާނެ ވަރަށް ލޯބިވެއޭ.!'' އަހަރެން ހިތްހަމަނުޖެހިފަހުރެ ޝަކުވާ ކުރީމެވެ.

'' ސޮރީ.. ސޮރީ.. އަހަރެން ހުރީ އެގަޑިއަށް ނިކުންނާށޭ.. އެކަމަކު ބިޒީކަމުން ނިކުމެވޭ ގޮތް ނުވީއޭ.. ހަމަދަނޑިވަޅެއް ލިބޭއިރަށް މިއައީނު.. ދެން ހިނގާ ސައިބޯން ދަމާ.'' އަހަރެންގެ އަތުގައި ހިފާ ހިނގައިގަންނަމުން ނާޒިމް ބުންޏެވެ.

ދެމީހުނަށް ކޮފީޝޮޕާހިސާބަށް ދެވުނު އިރުވެސް އަހަރެންގެ މޫޑު ހުރީ އޮފްވެފައެވެ. ނާޒިމް އެކިވާހަކަ ދައްކައިގެން އަހަރެން ހަމަ ޖެއްސޭތޯ އުޅުނެވެ. އެކަމަކު ވާގޮތެއް ނުވިއެވެ. އެއީ ހަމަ އާދައެވެ. އަހަރެން ހިތްހަމަނުޖެހޭކަމެއް ނާޒިމަށް ނޭނގި ވެސް ކުރެވޭ ކޮންމެ ފަހަރަކު އެފަކީރު އުޅެން ޖެހެނީ އެޙާލުގައެވެ. ވާގޮތަކީ އަހަންނަށް ނާޒިމްގެ ފަރާތުން މާބޮޑަށް އެދެވެނީއެވެ. ނާޒިމް އަހަރެން ދެކެ ވަރަށް ލޯބިވާކަން ވެސް އެނގެއެވެ. އެހެން އަންހެން ކުއްޖަކާ ދިމާލަށް ނާޒިމް ބަލާވެސް ނުލާނެއެވެ. ނާޒިމަށް ހީވާ ކަހަލައެވެ. އަހަރެންނަށް ބޭވަފާތެރިވެވިދާނެއެވެ. ނާޒިމް ހުންނަނީ އަހަންނަށްޓަކައި މަރުދޭން ވެސް ތައްޔާރަށެވެ. އެކަން އަހަރެން ރަނގަޅަށް ދަންނަމެވެ. އަހަރެން ވެސް ނާޒިމް ދެކެ އެހާ ލޯބިވަނީ އެހެންވެއެވެ. އަހަރެންގެ ލޯތްބަށް އެދެމުންދިޔަ އެންމެންގެ ތެރެއިން އަހަރެން ނާޒިމް އިޚްތިޔާރު ކުރީވެސް އެހެންވެގެންނެވެ.

މިއަދަކީ ޖޫންމަހުގެ 30ވަނަދުވަހެވެ. މިދުވަސް އައީމަ ވަރަށް އުނދަގޫވެއެވެ. މީހުން ގުޅާވަރުންނެވެ. އެކަމަކު އުފާވެސް ވެއެވެ. ގާތްރައްޓެހިން އަހަރެންމަތިން ހަނދާން ހުންނަވަރު ހިތަށް އަރާފައެވެ. އެންމެ އުފާވަނީ މިރޭ ލިބޭނެ ހަދިޔާގެ ސަބަބުންނެވެ. އެއީ މިއަދު އަހަންނަށް ލިބޭ އެންމެ ޚާއްސަ ހަދިޔާއެވެ. ގަޑިން އަށެއް ޖަހަން ވަރަށް ކައިރިވެއްޖެއެވެ. އަހަރެންގެ އިންތިޒާރަށް ނިމުން އަންނަނީއެވެ. އަހަންނާއި ނާޒިމް އާއި ރައްޓެހިވިފަހުން އަންނަ އަހަރެންގެ ކޮންމެ އުފަންދުވަހެއްގެ ވެސް މިގަޑި އަހަރެން ޚާއްސަކުރަނީ ނާޒިމްއަށެވެ. އަހަރެން ފޯނުވެސް އޮފްކޮށްލީމެވެ. މިގަޑީގައި އަހަރެން އެހެން އެއްވެސް މީހަކާ ވާހަކަދައްކާކަށް ބޭނުމެއް ނޫނެވެ. ބޭނުންވަނީ ހަމައެކަނި ނާޒިމް ދެކޭށެވެ. ނާޒިމް އާއި ވާހަކަ ދައްކާށެވެ. ނާޒިމް އަހަންނަށް ގެނެސްދޭ ޚާއްސަ ހަދިޔާއެވެ. މިއަދު އަހަރެން އިރުއެރީއްސުރެ އިންތިޒާރު ކުރާ ހަދިޔާއެވެ. އަށެއް ޖަހާ އެންމެ ދެސިކުންތު ހިނގިތަނާ ގޭގެ ބެލްޖަހާލިއެވެ. އަހަރެން ދުވެފައިގޮސް ދޮރު ހުޅުވާލީމެވެ. އަހަންނަށް ފެނުނީ އަހަރެން އިންތިޒާރު ކުރި މީހާއެއްނޫނެވެ. އެމީހާ އަހަރެންގެ އަތަށް ނޯޓެއް ދީފައި ހިނގައިގަތެވެ. އަހަރެން ދޮރުލެއްޕުމަށް ފަހު ނޯޓު ކިޔާލީމެވެ.

'' ސޮރީ ލޯބީ.. މިރޭނެތޭ ދެވޭކަށް.. ވަރަށް ބިޒީކޮށް މިއުޅެނީ..'' ނޯޓު ކިޔާނިމުނު އިރު އަހަރެންގެ ލޮލުން ކަރުނަ ހިލުނެވެ. އަހަރެން ދުވެފައި ގޮސް ކޮޓަރިއަށް ވަދެ ދޮރުލައްޕާލުމަށް ފަހު އެނދުމަށްޗަށް ވެއްޓި ރޯންފެއްޓީމެވެ.

'' ސަޕްރައިޒް '' ނާޒިމްގެ އަޑު އަހަރެން ކަންފަތުގައި ޖެހުނީ ވަރަށް ގާތުންނެވެ. އަހަރެން ބަލައިލީމެވެ. ނާޒިމް އިނީ އެނދުގައި އިށީދެއެވެ. ނާޒިމް އަތުގައި އޮތް ރަތްފިނިފެންމާ ފެންނައިރަށް އަހަންނަށް ޖަހައިގަނެވުނެވެ.

'' ތިރޮއްވާލީނު '' ޅަކުއްޖަކުހެން ޝަކުވާކުރަމުން އަހަރެން ގޮސް އެމާ އެއަށް ޚާއްސަ މާވަށިގަނޑުގައި ޖެހީމެވެ. ނާޒިމް އަހަރެންގެ ފުރަގަހުން އައިސް ކަންފަތްދޮށުގައި ބުންޏެވެ. '' ހެޕީ ބާރތު ޑޭ..އަސްލު މިއީ ދޮންބެގެ އައިޑިއާއެއް ''.

''ތޭންކްސް... ބަލާބަލަ ހުރިހާ މާތަކެއް ހިކިފަ... މިމާއެކަނި.'' އަހަރެން ހުރިހާ މާތަށް ނާޒިމަށް ދައްކަމުން ބުނެލީމެވެ. އެމާވަށިގަނޑުގައި ހުރީ އަހަރެންގެ އުފަން ދުވަސްތަކުގައި ނާޒިމް އަހަންނަށްދީފައި ހުރި މާތަކެވެ. އަހަންނާއި ނާޒިމް އާއި ލޯބީގެގޮތުން ގުޅުނުފަހުން އައި އަހަރެންގެ ފުރަތަމަ އުފަންދުވަހު ނާޒިމް އަހަންނަށް ދިނީ 18 މަލެވެ. އެއީ އޭރު އަހަންނަށް 18 އަހަރުވީމައެވެ. އޭގެ ފަހުން ކޮންމެ އަހަރަކު މަލެކެވެ.

އަހަރެމެންގެ ޙަޔާތުގެ ފެށުން ކިހާއުފާވެރި ހެއްޔެވެ؟ ހިތާމަ ނުވެސް ދަންނަމެވެ. ތަޤުދީރު ބަދަލުވާން ފަޅި ސިކުންތެއްވެސް ނުނަގާނެ ކަން ހަނދާނެއްނެތެވެ. ފަހަށް ތައްޔާރުވާކަށް ނުވިސްނުނެވެ. އެއަށްވުރެ މާއުފާވެރިއެވެ. އޭރުބޭނުންވީ ހިތް ފުރެންދެން އުފާކޮށްލާށެވެ. އަހަރެމެންނަކީ ދުނިޔޭގައިތިބި އެންމެ އުފާވެރި ދެމީހުންކަމުގައި ހީކުރެވުނެވެ. އޭގެ ދެއަހަރު ފަހުން އަހަރުމެން ކައިވެނި ކުރީމެވެ. އެރޭގެ ހަނދާންތައް އަދިވެސް މިއަދުވީ ކަމެއްހެން އަހަރެންގެ ހިތުގައި އެބަހުއްޓެވެ. އެހަނދާތައް ނައްތާލާކަށް ވެސް ބޭނުމެއް ނޫނެވެ. އަދިވެސް އެހަނދާންތައް އަހަރެންގެ ހިތަށް ހަމަޖެހުން ގެނެސްދެއެވެ. ކައިވެނި ޙަފްލާއަށްފަހު ގެއަށް އައިސް، ނާޒިމްގެ އަތްދަނޑިމަތީގައި އަހަރެން ކޮޓަރިއަށް ގެންދިޔަ މަންޒަރު މިހާރުވެސް ސިފަވާކަހަލައެވެ. ހިތަށްއަރައެވެ. އެރޭ ނުފައިބާ އެދެއަތުގެ ޙިމާޔަތުގައި އޮވެވުނުނަމައެވެ.

ކައިވެންޏަށްފަހު އަހަރެން ވަޒީފާއިން ވެސް ވަކިވީމެވެ. 24 ގަޑިއިރު ފިރިމީހާގެ ޚިދުމަތުގައި ހުރުމުގެ ބޭނުމުގައެވެ. އޮފީސް ނިންމާފަ ވަރުބަލިކަންމަތީ ނާޒިމް ގެއަށް އަންނައިރު، ތާޒާހިނިތުން ވުމަކާއި އެކީ މަރުޙަބާ ކިޔަންބޭނުންވާތީއެވެ. އޮފީހުން އަންނަގޮތަށް ދަބަސް ބެހެއްޓުމަށް ފަހު އެނދުގައި އޮށޯތުމަކީ ނާޒިމްގެ އާދައެވެ. ބޫޓާއި އިސްޓާކީން ބޭލުމަށް ފަހު އައިސް އެފަން އިސްތަށިގަނޑުގައި ކޮންމެދުވަހަކު ވެސް އަހަރެން ފިރުމައިދެމެވެ.

'' އަހަރެން ހިތަށް އަރާ ދުނިޔޭގައި އުޅޭ ހުރިހާ ފިރިހެނުންނަކީ ވެސް އަހަރެން ކަހަލަ ނަސީބުގަދަ މީހުންބާއޭ..!'' ނާޒިމް ތެދުވެ އަހަރެންގެ ކޮނޑަށް އަތްވައްޓާލަމުން ބުންޏެވެ.

'' މިކަހަލަ އަނބިން ވަރަށް މަދު ވާނެ، ދެން ވެސް އުފާކޮށްބަލަ..'' ފޮނިކެނޑުމަކީ އަހަރުމެން ދެމީހުންގެ ވެސް ކަށީގައި ހިފާފައިވާ ކަމެއްކަހަލައެވެ. އެންމެ ބޮޑަށް އަޅާލަނީ ކާކުކަމާ، އެންމެ ބޮޑަށް ލޯބިވަނީ ކާކުކަން ދުވަހަކުވެސް އޮޅުމެއްނުފިލައެވެ. އަހަރެން ބޮޑަށް ލޯބިވެއޭ ބުނާ ކޮންމެ ފަހަރަކު ނާޒިމްގެ ދުލުން ބޭރުވާ ޖުމްލަ އަހަރެންގެ ހިތުގައި ނާޒިމަށްޓަކައި އިތުރު ލޯތްބެއް އުފަންކުރުވައެވެ. އަހަރެން މާބޮޑަށް ލޯބިވެއޭ ބުނަމުންނެވެ.

ކޮންމެ ހުކުރު ދުވަހަކީ އަހަރެމެންގެ ޚާއްސަދުވަހެވެ. އެދުވަހަށްޓަކާ އަހަރެމެން އަބަދުވެސް ތައްޔާެރުވަމެވެ. ގޭތެރޭގެ ކަންތައްތައް ދެމީހުން އެކުގައި ކުރަމެވެ. އެދުވަހު މެންދުރަށް ކޮންމެހެންވެސް ފްރައިޑް ރައިސް ހަދަންޖެހެއެވެ. ނާޒިމަށް އެންމެ މީރު ކެއުމަށްވީމައެވެ.

''ހޫނ.. ހާދަ ވަސްގަނޑު ރަނގަޅޭދޯ؟'' ނޭފަތް ދަމަމުން އައިސް ނާޒިމް ގޮވަންފެށިއެވެ.

'' ކެތްތެރިވޭ!'' އަހަރެން އިންޒާރުދިނީމެވެ. ދެން ކެތެއްނުވާނޭ ބުނަމުން އައިސް އަހަރެންގެ ފުރަގަހުން ނާޒިމް ބައްދާލިއެވެ. އަހަރެން ސަލާމަތްވާން އުޅުމުގެތެރޭގައި ބިއްލޫރިތައްޓެއްގައި އަތުންޖެހި ވެއްޓިތެޅުނެވެ. އަހަރެންގެ ފައިންވެސް ތަންކޮޅެއްދިޔައެވެ. އެހިސާބުން އަހަރެން އެދުވަހު އެއްވެސް ކަމެއް ކުރުން މަނާވިއެވެ. އަހަރެން އޮންނަން ޖެހުނީ އެނދުގައެވެ. އެކަމަކު ފައިން ތަންކޮޅެއް ހަލާކުވިކަމުގެ އެއްވެސް އިޙްސާސެއް އަހަންނަކަށް ނުކުރެއެވެ. އެހާވެސް ކުޑަތަންކޮޅެކެވެ. އެދުވަހު އަހަރެން ކާން ޖެހުނީވެސް ނާޒިމްގެ އަތުންނެވެ. ބަދިގޭގެ ހުރިހާ ކަމަކާވެސް ޙަވާލުވީ ނާޒިމްއެވެ. އަހަންނަށް ވުރެ އެންމެ ތަންކޮޅެއްވެސް ދެރައެއްނޫނެވެ. ތަށިތައްނަގާ ބަދިގެ ހަމައަކަށް އަޅުވާލިއިރު ހީވަނީ ހީވާގި އަންހެނެއްހެންނެވެ. އެކަމަކު އެއަށްވުރެ ފިރިހެންވަންތަ ފިރިހެނެއްވެސް ވަކި ނޫޅެނެއެވެ. އަހަރެން ފަޚުރުވެރި ވެލީމެވެ. ނާޒިމަށްޓަކައެވެ. ނާޒިމްގެ ފަރާތުން އަހަރެންނަށް ލިބެމުންދާ ލޯތްބާއި އޯގާތެރިކަމަށްޓަކައެވެ. މަންމަމެނާ ވަކިން އުޅޭއިރު ދުވަހަކުވެސް ވަކިން އުޅޭކަމުގެ އިޙްސާސެއްވެސް ނުވެއެވެ. ކައިވެނި ކުރިރޭ އެންމެ ފަހުން ނާޒިމްގާތު މަންމަބުނި ވާހަކަ ނާޒިމް އަބަދުވެސް ހަނދާން ހުރެއެވެ. އަހަރެންގެ ލޮލުން އެންމެ ކަރުނަތިއްކެއް ވެސް ފައިބާކަށް ފުރުސަތެއްނުދެއެވެ. އަބަދުވެސް ހުންނަންޖެހެނީ ކޮންމެވެސް ކަމަކާ އުފަލުންނެވެ.

ކައިވެންޏަށް ތިންއަހަރު ވީއިރު އަހަރެމެންގެ ޙަޔާތުން އުނީ އެންމެކަމެކެވެ. އަހަރެންގެ އުނގު ފަޅުފިލުވައިދޭނެ ލޯބިލޯބި ދަރިއެކެވެ. އަހަރެމެން ދެމީހުންވެސް ނިންމައިގެން ތިބީ ރަނގަޅަށް ތައްޔާރުވެގެން ނޫނީ ދަރިއަކު ނުހޯދާށެވެ. އެކަމަކު ނާޒިމްވެސް ވަރަށް ބޮޑަށް ދަރިއަކު ބޭނުން ކަން އަހަރެންނަށް އެނގެއެވެ. އަހަރެން އަމިއްލައަށް ނާޒިމަށް އެޚިޔާލު ދިނީމެވެ.

'' އޭރުން އަހަރެންނަށް މިއުނގުގައި ބޯއަޅާލާނެ ފުރުސަތެއްވެސް ނުލިބޭނު..'' އަހަރެންގެ އަތުގެ އިނގިލިތަކާ ކުޅެމުން ނާޒިމްބުނެލިއެވެ.

'' އަޅެ ސީރިއަސް ވެބަލަ... ދަރިއަކު ލިބުނަސް އަހަރެންގެ ލޯބިން އެންމެތަންކޮޅެއް ވެސް އުންޏެއްނުވާނޭ.'' އަހަރެން ޝަކުވާކުރަން ފެށީމެވެ. ނާޒިމްވެސް އެއްބަސް ވިއެވެ. ބޮޑަށްދަރިއަކު ބޭނުންވަނީ އޭނަކަން ވެސް އެނގެއެވެ. އެކަމަކު އަހަރެން ތަޅުވާނުލާ ހިތްހަމަ ނުޖެހުނީއެވެ. އެކަހަލަ ސަމާސާތަކުން އަހަރެމެންދެމީހުންގެ ލޯބި އިތުރުވާކަހަލައެވެ.

ހިތާމައަކީ ކޮބައިކަން އެނގުނު ދުވަސް ހަނދާންވާ ކޮންމެފަހަރަކު މިހާރުވެސް އަހަރެންގެ ހިތްރޮއްވާލައެވެ. ލޯބިލޯބި ތުއްތު ކުއްޖަކަށް ކުރިއިންތިޒާރު ފެނަށްދިއުން އެއީ އަހަރެމެންގެ ޙަޔާތަށް އިންގިލާބުގެނުވި ސަބަބެވެ.

ހޮސްޕިޓަލަށް ނަތީޖާބަލާ ދިޔަދުވަހު ދެމީހުންގެ ހިތްވެސް ބާރަށް ތެޅެމުންދިޔައެވެ. ހީވަނީ މޭފަޅާލާފަ ނިކުމެދާނެ ހެންނެވެ. އެކަމަކު ގެއިން ނުކުތުމުގެ ކުރިން އެކަކުވެސް ހިތްވަރު އެލުވާނުލުމަށް ދެމީހުންވެސް ވަޢުދުވީމެވެ. ޙަޔާތުގެ ދަތުރުގައި އެކަކަށް ވެސް އެކަނި އެންމެ ފިޔަވަޅެއްވެސް ކުރިއަށްނޭޅޭނެ ކަމުގައި ބުނަމުންނެވެ. ޑޮކްޓަރގެ ކޮޓަރިއަށް ވަންނަމުން އަހަރެން ނާޒިމްގެ އަތުގައިހިފާ ބާރުކޮށްލީމެވެ. ދުވަހަކުވެސް ވަކިވާން ބޭނުންނުވާ ކަހަލަގޮތަކަށެވެ.

'' ނާޒިމްގެ އެއްވެސް މައްސަލައެއް ނެތް.'' ޑޮކްޓަރގެ އެޖުމްލަ އާއިއެކު އަހަންނަށް ބޭއިޚްތިޔާރުގައި ނާޒިމްގެ އަތުން ދޫކޮށްލެވުނެވެ. ނާޒިމް އަހަރެންގެ އަތުގައި ހިފާބާރުކޮށްލިއެވެ. ދެމީހުންގެ ލޮލުންވެސް ކަރުނައިގެ އަސަރު ފާޅުވިއެވެ. އެކަރުނަތައް ހިފަހައްޓައިގެން އަހަންނަކަށް މާގިނައިރަކު ނީދެވުނެވެ. ނާޒިމްގައިގައި ބާރަށް ބައްދާލެވުނެވެ. ދުވަހަކުވެސް އަހަރެން އެކަނިކޮށް ނުލާށޭ ބުނާކަހަލަ ގޮތަކަށެވެ. ނާޒިމް އަހަރެން ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރަމުންދިޔައެވެ. އެކަމަކު ވެސް އަހަރެންނަށް އަމިއްލަނަފްސު ކުއްވެރި ކޮށްރޮވެނީއެވެ. މުޅިދުވަސް އަހަރެން ރުއިމުގައި ހޭދަކުރީމެވެ. ފާއިތުވިހުރިހާ ދުވަހަކަށް ވާވަރަށެވެ. އަހަރެން އެއްވެސް ކަމެއްކުރާހިތެއް ވެސް ނުވެއެވެ. އެކަމަކު ނާޒިމްގެ ހިތްވަރަކަށް ޢަޒުމަކަށް ބަދަލެއްނާދެއެވެ. އޭނަ ބޭނުންވީ މުޅިޢުމުރުވެސް އަހަންނާއި އެކީ ހޭދަކުރާށެވެ. ދަރިއަކު ނުލިބުނަސް އަހަރެން އޭނަގެ ޙަޔާތުގައި ހުރުމުން ފުދޭކަމުގައި ބުނަމުންނެވެ. އެކަމަކުވެސް ނާޒިމްގެ މިޒާޖަށް އައިބަދަލުން، އެވާހަކަތަކެއް އަހަންނަކަށް ޤަބޫލެއްނުކުރެވުނެވެ. ނާޒިމް ދަރިއަކުބޭނުން ވާވަރު އަހަރެންނަށް އިޙްސާސް ކުރެވޭތީއެވެ. ނާޒިމް ހުންނަނީ މުޅިން މާޔޫސްވެފައެވެ. ނެގިމަޑުވެފައެވެ. އަހަރެން ނާޒިމްއަށް އިތުރު އިޚްތިޔާރެއް ދިނީމެވެ.

'' ނުވާނެ ތިކަމެއް! އަހަރެން ހިތުން ރުހުމުން ދުވަހަކުވެސް ނުވާނެ ތިކަމެއް!'' ނާޒިމްގެ އަޑުގަދަވިއެވެ. ދުވަހަކުވެސް ނާޒިމް އެހާބާރަށް އަހަރެންނާއި ދިމާލަށް އެއްޗެއްނުބުނެއެވެ. ރުޅިއައިސް ހުރިއިރު ވެސް ނާޒިމްގެ ލޮލުން ފެންއާދެއެވެ. ކުޑަދޮރުކައިރީގައި ހުރެގެން ނާޒިމް ރޮމުންގެންދިޔައެވެ. އެމަންޒަރުބަލާކަށް އަހަންނަކަށް ކެތެއްނުވިއެވެ. ނާޒިމްއާއި ގާތަށް ޖެހިލީމެވެ. އަދިމަޑުމަޑުން ނާޒިމްގެ ކޮނޑުގައި އަތްޖައްސާލީމެވެ. ނާޒިމް މަޑުމަޑުން އެނބުރި އަހަރެންގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެލަދެމުން އަހަރެންގަ ގައިގައި ބައްދާލިއެވެ. އަދި އަހަރެންނަށް ވިސްނަދެވޭތޯ މަސައްކަތް ކުރިއެވެ.

'' ޕްލީޒް.. ތިހެން ނުބުނޭ ... އަހަންނަކަށް ތިކަމަކާ އެއްބަހެއް ނުވެވޭނެ... އަހަރެންގެ މުޅިދިރިއުޅުމަކީ ތިއީ... އަހަންނަށް މަޖުބޫރުނުކުރޭ.. އަހަންނަކަށް ނުވާނެ.'' އަހަރެން ވެސް ނާޒިމްއާއި ވަކިވާކަށް ބޭނުމެއްނޫނެވެ. އެކަމަކު ނާޒިމްގެ މިހާރުގެ ޙާލަތުދެކޭހާ ހިތްވަރެއްވެސްނެތެވެ. މިހާރު އަހަރެންގެ ހިތަށް މާބޮޑަށް ތަދުވެއެވެ. ކައިވެނީގެ އެންމެބޮޑު ހަދިޔާއަކީ ދަރިންނެވެ. ދަރިއަކާނުލާ ނާޒިމްގެ މުޅިޢުމުރު ހޭދަކޮށްލާކަށް އަހަރެން ނޭދެމެވެ.

އަހަރެންގެ އާދޭހާއި އެކު ނާޒިމް ދެވަނަ ކައިވެންޏެއް ކުރަން އެއްބަސްވިއެވެ. އެކަމަކު ހިތާދެކޮޅަށެވެ. އަހަންނަށްޓަކައެވެ. އަހަރެންގެ ލޯތްބަށްޓަކައެވެ. ފިރިމީހާގެ އެއްބައި އެހެން އަންހެނަކަށް ދޭންޖެހިދާނެކަމަކަށް ދުވަހަކުވެސް ހިތަކަށްނާރައެވެ. އެހެން އަންހެނަކު ފިރިމީހާގެ ގައިގައި އިނގިލިކުރި ޖައްސާކަށް ވެސް މިހިތެއް އެއްބަހެއްނޫނެވެ. އެކަމަކު ފިރިމީހާގެ އުފަލަށްޓަކައި އަހަރެންގެ އުފާތައް ޤުރުބާން ކުރާކަށް ފަހެއްނުޖެހެމެވެ. މިއަދު ނާޒިމް އެކަމާދެކޮޅު ހެދިޔަސް ފަހުންއުފާކުރާނެއެވެ. އަހަންނަށްޓަކައި މިއަދަށްވުރެ މާބޮޑަށް މާދަމާ ފަޚުރުވެރިވާނެއެވެ. އެހެން މީހެއްގެ ބަނޑުން ވިހެއިކަމުގައިވިޔަސް ނާޒިމްގެ ދަރިއެއްވިއްޔާ އެއީ އަހަރެންގެ ވެސް ދަރިއެކެވެ.

ނާޒިމަކީ މީހަކާއިނދެގެން ތިންއަހަރު ވެފައިހުރި މީހަކަސް އަދިވެސް އަންހެންކުދިން ހިތްކިޔާ ކަހަލަ އެތައްސިފައެއް ލިބިގެންވާ ފުރިހަމަ ފިރިހެނެކެވެ. އެހެންކަމުން ނާޒިމް ބޭނުންވާ ކުދިންބައިވަރެވެ. އެކަމަކު މައްސަލައަކީ އެންމެ މައްސަލައެކެވެ. ބަތްތަށީގެ އެއްފަޅިން ކާން އެއްވެސް މީހަކުބޭނުން ނުވުމެވެ. އެއީ މަދުއަންހެނަކަށް ނޫނީ އެއްބަސްނުވެވޭ ކަމެކެވެ. ޚުދު އަހަރެވެންވެސް ފުރިހަމަ ނަމަ އެކަމާއެއްބަހެއް ނުވީމުހެވެ. އެއީ އަންހެނުންގެ ޠަބީޢަތެވެ. އެމައްސަލައިގައި ނާޒިމް ނިންމީ ކައިވެނީގެ ޚިޔާލު ދޫކޮށްލުމަށެވެ. ކުރިންވެސް އަހަރެމެން އުޅެމުންއައި އުފާވެރި ދިރިއުޅުން ޙަޔާތުގެ ބާކީބައިގަ ވެސް އުޅުމަށެވެ. ކުރިއަކުން އަހަރެންނަކީ އެހާބޯހަރު މީހެއް ކަމެއް ނުދަންނަމެވެ. ނާޒިމްގެ ކޮންމެ އެދުމަކަށްވެސް މަރުޙަބާ ކިޔަނީ ދުލުން ބޭރުވުމުގެ ކުރިންނެވެ. އެކަމަކު މިފަހަރު ތަފާތެވެ. އެއްގޮތަކަށް ވެސް ނާޒިމްއާއި އެއްކޮޅުވާކަށް ހިތްޤަބޫލެއްނުވިއެވެ. އަމިއްލަ ފައިދާއާއި، އުފާވެރިކަން އޮތީވެސް އެގޮތުގައިކަން އެނގޭއިރުއެވެ. މާބޮޑަށް ނާޒިމާމެދު ވިސްނެނީއެވެ. ނާޒިމްދެކެ މާބޮޑަށް ލޯބިވެވުނީއެވެ. އަހަރެންގެ މަސްއޫލިއްޔަތަކީ ނާޒިމް އުފަލުގައި ބެހެއްޓުންކަމުގައި ދެކެވެނީއެވެ. މިއަދު ނާޒިމް އުފާ ނުވިއަސް މާދަން އުފާވާނެކަމަށް ޤަބޫލުކުރެވެނީއެވެ. ނާޒިމްގެ މުސްތަޤްބަލަށްޓަކައި އަހަރެންގެ މުސްތަޤްބަލް ވެއްޔާއި މޮޑެލަން ބޭނުންވަނީއެވެ.

ޙަޔާތުގެ ދިގުރާސްތާ ދެކަފިވެދާނެ ކަމަކަށް ތައްޔާރެއްނުވަމެވެ. އެކަމަކުވެސް ދެމީހުންގެ މިސްރާބު ތަފާތުވެއްޖެއެވެ. އަހަރެންގެ އާދޭސްތަކަށް ނާޒިމް އެއްބަސްވީ ކަރުނައޮހޮރަމުނެވެ. މުޅިޢުމުރު ރުއިމުގައި ހޭދަކޮށްލާނެ ކަމުގައި ބުނަމުންނެވެ. އަހަރެން ދެކެވީ ލޯބި ދުވަހަކުވެސް އެހެން އެއްވެސް މީހެއްދެކެ ނުވާނެކަމުގެ ޔަޤީންކަން ދެމުންނެވެ. ހިތުގައި އަޅާވޭނާއި ހިތަށްކުރާ އަސަރު ބަޔާންކޮށްދެމުންނެވެ. އެދުވަހު އަހަރެންގެ ހިތުގެނާރުތައްވެސް ފިތިބާރުވިކަހަލައެވެ. ހިތުގައި މުޅިޢުމުރަށްޓަކައި ވޭނީ ރިހުމެއް އުފެދުނެވެ. ބައެއްފަހަރު އަހަރެންގެ ނިންމުން އަނބުރާ ގެންނަންވެސް ބޭނުންވެއެވެ. ހިތްބޭނުންވާ ގޮތަކީ އެއީކަމަށްވާތީއެވެ. އެދުވަހު ހިތުގެ މައްޗަށް ބާރުފޯރުވީމެވެ. އަބަދުވެސް ނާޒިމް އުފަލުގައި އުޅެން ބޭނުންވާތީއެވެ.

ނާޒިމް އަބަދަށްޓަކައި އަހަރެން ދޫކޮށްލުމަށްފަހު، ވަކިވުމުގެ ސަލާމަށް އަތްދިއްކުރިއެވެ. އެވަގުތު ހީވީ ގައިން ތަންގަނޑެއް އުނިވެގެން ދާންއުޅޭހެންނެވެ. އާނއެކެވެ! އަހަރެންގެ ހިތް އަބަދަށްޓަކައި އަހަރެންގެ ހަށިގަނޑުން ބޭރުވާކަހަލައެވެ. އަހަރެން ވެސް ވަދާޢުގެ ސަލާމަށް އަތްދިއްކޮށްލީމެވެ. ލޮލުގައި ޖަމާވެފަހުރި ކަރުނަތަކަށް ފުރުސަތުދެމުންނެވެ. އޭގެ މިސްރާބަށް ދަތުރު ކުރުމަށެވެ. ދެމީހުންގެ ޙާލަކީވެސް ހަމަމިއެވެ. ސަލާމްކޮށްލާފައި ނާޒިމް ހިނގައިގަތުމުން އަހަންނަށް ވަރަށް ބާރަށް ރޮއިގަނެވުނެވެ. ނާޒިމް ވަރަށް ލޯބިވެއޭ ބުނާކަހަލަ ގޮތަކަށް އެނބުރިބަލާލުމަށްފަހު ގޮސް އޮބާލިއެވެ.

މިހާރު އަހަރެންގެ ޢުމުރުން 33 އަހަރެއްކަމަކު އަދިވެސް އަހަރެންގެ ހިތުގައި ޖަހާ ކޮންމެވިންދެއް ގޮވަމުންދަނީ ނާޒިމްއަށެވެ. މިހިތުގެތެރޭގައި އަދިވެސް ނާޒިމްދެކެވީ ލޯބި ހޭލާއުޅެއެވެ. އިއްޔެ އުފަންވިއެއްޗެއް ފަދައިންނެވެ. އެކަމަކު މިއަދު ނާޒިމްއަކީ ލޯބިލޯބި ދެކުދިންގެ ބައްޕައެކެވެ. އުފާވެރިދިރިއުޅުމެއް އުޅެމުންދާ ނަސީބުވެރިއެކެވެ. އަހަރެން އޭނައަށްޓަކައި އުފާކުރަމެވެ. އެކަމަކު އަހަރެންނަކީ ކިހާ ބަދުނަސީބުވެރިއެއް ހެއްޔެވެ؟ އެންމެ ލޯބިވީ މީހާއާއި ވަކިވާން ޖެހުނުއިރު އެލޯބި ހަނދާން ނައްތައެއްވެސް ނުލެވުނެވެ. އުފަންދަރިއެއް ނެތްތާނގަ، އެންމެ ލޯބިވިމީހާގެ ދަރިން ދެކެވާލޯބި ހާމަކޮށްލާނެ ފުރުސަތެއްވެސް ނުލިބުނެވެ. އެކަމަކުވެސް އަހަރެން ވަރަށް ލޯބިވެއެވެ. އެކުދިން ދެކެވެސް، އެކުދިންގެބައްޕަ ދެކެވެސް ވަރަށްލޯބިވެއެވެ.

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.