ބުދަ20170621

އާކުރެވުނީ: 06:25:19

އުފަލާއި ހިތާމައިން މަރު!

Ufalaai hithaamain maru

ޢައިޝާއަކީ ހިތުގެ ބަލިހުރި މީހެއްކަން  ވިސްނުމުގައި ބަހައްޓައިގެން، އޭނާގެ ފިރިމީހާ މަރުވިކަމުގެ ޚަބަރު ވީހާވެސް އޯގާތެރިގޮތެއްގައި ފޯރުކޮށްދިނުމަކީ، ޢައިޝާގެ ކޮއްކޮގެ މިއަދުގެ ޒިންމާއެވެ. ކޮށަކޮށައިގެން އާގަންނަމުން، މުޅިން ފުރިހަމަނުވާ ޖުމްލަތަކެއްގެ އެހީގައި، އެހިތާމަވެރި ޚަބަރު ޢައިޝާއަށް ފޯރުކޮށްދިނުމަށް އޭނާ މަސައްކަތްކުރިއެވެ.

ގުޅިފައިވާ ޖުމްލަތަކާއި ބަސްތަކާއި، އެތުރުމެއް ނެތް ގުޅުމެއް ނެތް ޖުމްލަތަކުގެ ތެރެއިން ވެނިމިދިޔަ ކަންތައް ޢައިޝާއަށް ފަހުމްވެ ވިސްނޭވަރު ވެއްޖެއެވެ.

ޢައިޝާ އިށީދެގެން އިން ގޮނޑީގެ ފަހަތުގައި ހުރީ އާދަނެވެ. ޢައިޝާގެ ފިރިމީހާ ޒައިދުގެ ގާތް އެކުވެރިޔާއެވެ. ރަށު އޮފީހުގައި މަސައްކަތްކުރާ އާދަނަކީ އެންމެ ފުރަތަމަ ޒައިދުގެ މަރުގެ ޚަބަރު ލިބުނު މީހާއެވެ. ޒައިދު މިއަދު މާލެއައުމަށް ހަމެޖެހިފައިވާ އޮޑި ދިމާވި ނުރައްކާތެރި ހާދިސާއެއްގައި ކަނޑުގެ އަޑިއަށް ގެނބިގެން ހިގައްޖެކަން ފުރަތަމަ އެގުނީ އާދަނަށެވެ. އެހެންކަމުން އެޚަބަރާއިގެން އޭނާ އަވަސްވެގަތީ، އޭނާއަށް ވުރެ އޯގާތެރިކަން ކުޑަ، ރަޙުމަތްތެރިކަމުގައި ދުރު އަނެކާ އެޚަބަރާއިގެން އައުމުގެ ކުރިން، އެޚަބަރު ޢައިޝާއާހަމައަށް ގެނެސްދިނުމަށެވެ.

އެހެންވެސް އަންހެނުންނެކޭ އެއްފަދައިން ޢައިޝާގެ ދެލޯ ކަރުނުން ފޫދުނެވެ. އޭނާގެ ވިސްނުމަށް، އަޑު އިވުނު ޚަބަރުގެ މުހިއްމުކަން ވިސްނައިގަނެވުނީއެވެ. ޚަބަރުގެ ބޮޑުކަމެވެ. ހުވަފެތްވީކަމުގެ އިޙުސާސެވެ. ކޮއްކޮގެ ހަށިގަނޑުގައި އޮޅުލައިގެން އިދެ ގިސްލާ ކަރުނަ އޮއްސަމުން ދިއައެވެ. އެހެންނަމަވެސް ހިތާމައިގެ ޠޫފާނު އެއަށް ކަނޑައެޅިފައިވާ ވަގުތު ހަމަކޮށް އައިތާކަށް ދިއުމުން، ޢައިޝާ އޭނާ އިށީދެ އިން ގޮޑިން ތެދުވެ ހިގައިގަތީ އޭނާގެ ކޮޓަރިއަށެވެ. އޭނާގެ ފަހަތުން އެކަކުވެސް ނައުމަށް އެދެމުންނެވެ.

ކޮޓަރިއަށް ވަދެ ކުޑަދޮރުގެ ކައިރީގައި އިން ގޮޑިއަށް ވެއްޓިގަތީ، ހަށިގަނޑުގައިވީ ވަރުބަލިކަމުގެ އިޙުސާސް މަންޒަރު ބަލާމީހަކަށް ރަނގަޅަށް ފެންނާނެ، އިޙުސާސްކުރެވޭނެ ގޮތަކަށެވެ. އޭނާގެ ރޫޙާހަމައަށް ވިސްނުން މަޑުމަޑުން ފޯރުވާލިއެވެ. ވެފައިވާ ވަރުބަލިކަން އެކަމަށް މަޖުބޫރުކުރީ ތޯއްޗެކެވެ.

އޭނާގެ ކުޑަދޮރުން ބޭރުން ބަހާރު މޫސުމަށް މަލަމަތި ޗާލުކޮށްފައިވާ ގަސްތަކާއި ގޭގެ އިންފާރުގެ ތެރޭގައި އިންދާފައިވާ މާގަސްތަކުގައި އަޅާފައިވާ އެކިކުލަކުލައިގެ މާތައް ފެނެއެވެ. ވިއްސާރައިގެ ޢަލާމާތްތައް ފެންނަމުންދިޔައިރު، ވައިގައިވަނީ ވިއްސާރައިގެ ހުވަނދެވެ. އެއީ އެވަސް އިޙުސާސްކުރެވޭ ކޮންމެ މީހަކަށް އުފާވެރިކަން ފޯރުކޮށްދޭނެ ވަހެކެވެ. އުޑުމަތީގައި އެއްވިލާގަނޑު އަނެއްވިލާގަނޑާ ބައްދަލުވެ، ބަރިބަރިއަށް ވިލާތައް އެތުރިފައިވާއިރު، އެވިލާތަކުގެ މެދުން ނޫކުލައިގައިވާ އުޑުގެ ތަންކޮޅުކޮޅު ފެނެއެވެ. ދުރުން އިވެމުންދިއައީ ރޭޑިއޯއިން އިވެމުންދިއަ ހިތްގައިމު މިއުޒިކާއި އެމިއުޒަކާ އެއްހަމައަކަށް އަތުރާލެވިފައިވާ ފުރިހަމަ ބަސްތަކެވެ.

އޭނާ އިނީ ގޮޑީގައި ބޯއަޅާލައިގެންނެވެ. އެއްވެސް ޙަރަކާތެއް ނެތިއެވެ. އޭނާގެ ހަށިގަނޑަށް ޙަރަކާތެއް ގެނުވީ ގިސްލުމެއް އޭނާގެ އަރުތެރޭގައި އަޅައިގަނެ މުޅިހަށިގަނޑު ތަޅުވާލުމުންނެވެ. ރުއިމުގައި ނިދުނު ކުޑަކުއްޖަކު ނިދީގައި ގިސްލައި އެގިސްލުމުގައި އާގަނެވި ތެޅިލާ ގޮތަށް އޭނާއަށްވެސް ޙަރަކާތެއް ކުރެވުނެވެ. މިހެން ހަމަހިމޭންކަމުގައި އޭނާ އިންދައި އޭނާގެ ރޫޙާއި ހަށިގަނޑުގެ މައްޗަށް ވެރިވެގަތުމަށް އެއައީ ހިތާމައެވެ. އޭނާގެ ބަލިކަށި ދެއަތަށްވުރެ މާބޮޑުތަން ވަރުގަދަ ހިންމަތެއް ލިބިފައިވާތީ އޭނާއަށް އެޠޫފާނު ފައްސައިލެވުނެވެ. މަޑުން އިސްދަށަށް ޖަހައިލެވުމާއެކު އޭނާއަށް ހިތާހިތާ ބުނެލެވުނެވެ. "މިނިވަނެއް، މިނިވަނެއް، މިނިވަނެއް". ހިތާމަ ފިލައިފިއެވެ. އުފާވެރިކަން އޭނާގެ މޫނުމަތިން ފެންނަން ފަށައިފިއެވެ.

އޭނާގެ އުފާވެރި ހިނދުކޮޅު، މިއުފަލަކީ ނުބައިނުލަފާ އަޞްލަކުން އައިއުފަލެއްތޯ ނުވަތަ ނޫންތޯ ސުވާލުކޮށް، އެހިނދުކޮޅުގެ ޖާދޫ ގެއްލުވާލާކަށް އޭނާ ބޭނުންނުވިއެވެ. އެސުވާލަކަށް މިވަގުތަކު ޖާގައެއް ނެތެވެ. އޭނާގެ ފިރިމީހާގެ އޯގާތެރި މޫނު، މަރުގެ އަނިޔާއިން، ކުލައޮއްސިފައިވާ މަންޒަރު ފެނުމުން، އަދި  ލޯބިން ނޫނީ އޭނާއަށް ބަލައިފައިނުވާ އެދެލޯ އަބަދަށް ބަންދުވެފައިވާ މަންޒަރު ފެނުމުން އޭނާ ރޯނެއެވެ. ލޮލުން ކަރުނައަޅާނެއެވެ. އެކަމަކު މިހާރު އޭނާގެ ވިސްނުން ހުރީ އެވަގުތާއި ހިނދުކޮޅުގައި ހިފެހެއްޓިފައެއްނޫނެވެ. އެއަށްފަހުގައި އަންނާންހުރި އޭނާއަށް މިލްކުވެފައިވާ އެތައް އަހަރުތަކެއްގެ ވިސްނުމުން އޭނާގެ ސިކުނޑިއަށް އުފާވެރިކަން ލިބެއެވެ. މިނިވަންވީއެވެ. މިނިވަންކަމުގެ އަހަރުތަކެވެ. ހަމައެކަނި އޭނާއަށް މިލްކުވެގެންވާ އަހަރުތަކެކެވެ.

އެއަހަރުތަކުގައި އެމީހަކަށްޓަކައި ދިރިއުޅޭނެ މީހަކު ނެތެވެ. އެއަހަރުތައް ހޭދަކުރާނީ އޭނާގެ އަމިއްލަ ނަފްސަށްޓަކައެވެ. އޭނާގެ އިރާދާގެ މައްޗަށް ބާރު ފޯރުވައި އޭނާގެ ނިންމުންތައް ވަކި ގޮތަކަށް އަބުރާނެ އަނެކާއެއް ނުހުންނާނެއެވެ. އެމިނިވަންކަން އޭނާގެ ދެއަތުން ބަލައިގަތެވެ. އުފަލުންނެވެ. އުންމީދުން ފުރިގެންވާ ޙާލުއެވެ. ތިމަތިމާމެންގެ އަމިއްލަ ވިސްނުމާއި އެދުންތައް އަނެކުންގެ މައްޗަށް ލާޒިމްކުރުވުމަށް އިންސާނުން ބޭނުންކުރާ އަމިއްލަ ގޮތް މޮޅުކަމުގައި ދެކުމުގެ ވިސްނުމުގެ އަޅަކަށް އޭނާ ދެން ނުވާނެއެވެ. ނުބައި ނިޔަތެއް ނުވަތަ އޯގާތެރި ނިޔަތެއްގައިވިޔަސް އަނެކުންގެ މައްޗަށް ތިމާގެ އަމިއްލަ ބޭނުން ވެރިކުރުމަކީ އޭގެ ޒާތުގައި ޖަރީމާއެކެވެ.

އޭނާވެސް އޭނާގެ ފިރިމީހާ ދެކެ ލޯބިވިއެވެ. ބައެއްފަހަރެވެ. ލޯބިވީ ފަހަރުތަކަށްވުރެ ގިނައީ ލޯބިނުވެވުނު ފަހަރުތަކެވެ. އެކަމަކު ލޯބި އެއީ ކޮން ބޭނުމެއް ހުރި އެއްޗެއްހެއްޔެވެ؟ އޭނާއަށް އިޙުސާސްކުރެވެމުންދާ އަމިއްލަ ނަފްސަށް އޮތް އިތުބާރާ ޔަޤީންކަމުގެ ކުރިމަތީ އޭނާއަށް ލޯބި ޒައްރާއެއްގެ މިންވަރުކަމުގައިވެސް ނުވިއެވެ. ކުޑިކުފެއްގެ އަގުވެސް ލޯތްބަކަށްނެތެވެ. އަމިއްލަ އިތުބާރާއި އަމިއްލަ މިނިވަންކަމަކީ އޭނާގެ މުޅި ވުޖޫދުގެ އެންމެ ބާރުހުރި އެދުން ކަމުގައި އިޙުސާސްކުރެވުނެވެ. "މިނިވަންވީ. ހަށިގަނޑާއި ރޫޙު މިނިވަންވީ" އޭނާއަށް ބުނެލެވުނެވެ.

މިޚިޔާލުތަކާއި ފިކުރުތަކުން އޭނާއަށް ހޭލެވުނީ އޭނާގެ ކޮޓަރީގެ ދޮރުގައި މީހަކު ޓަކި ޖެހި އަޑަށެވެ. ދޮރުގެ އަނެއް ފަރާތުން އޭނާއަށް ގޮވައިލީ އޭނާގެ ކޮއްކޮއެވެ. "ތިއްތާ. އަބަދު ކޮޓަރީގައި ތިހެއް އެކަހެރިވެ އިނީމާ ބަލިވެދާނެ."

ޢައިޝާ ޖަވާބު ދިނެވެ. "ތިއްތަ ބައްޔެއް ނުވާނެ!" އާއެކެވެ. މިއަދަކު އޭނާ ބައްޔެއް ނުވާނެއެވެ. އޭނާގެ ކޮޓަރީގެ ކުޑަދޮރުން އޭނާގެ ނޭވާއާއި ވިންދަން ތާޒާކަން ދެމުންދަނީ ޙަޔާތުގެ ތާސީރެވެ. އެމަސްތާއި އޭގައި އެކުލެވޭ އުންމީދު ދެވަނަ އަނެކުންނަށް ވިސްނައިނުގަނެވޭނެއެވެ. އޭނާގެ ވިސްނުން ދަތުރުކުރަމުންދިއައީ އޭނާގެ ޙަޔާތުގައި އަންނާންހުރި ދުވަސްތަކުގެ އުންމީދުގެ ތެރޭގައެވެ. އެއުންމީދުތަކާއި ވިސްނުންތަކުގެ މިޙްވަރަކީ މިނިވަންކަމެވެ. އެއުންމީދުތައް އާވުމުން ޢުމުރު ދިގުކުރައްވައިތޯ ދުޢާ ދެންނެވުނެވެ. އިއްޔެ ޢުމުރު ދިގުވެދާނެ ކަމުގައިހީވެ، އެބިރުގައި ތުރުތުރު އެޅި ހަދާނެއް މިއަދަކު އޭނާ ކިބައަކު ނެތެވެ.

އޭނާގެ ކޮއްކޮގެ އެދުންތަކާއި އާދޭސްތަކަށް އިޖާބަދީ މަޑުމަޑުން ކޮޓަރީ ދޮރު ހުޅުވައިލިއެވެ. ކޮޓަރިން ނުކުމެ ކޮއްކޮގެ އަތުގައި ހިފައިގެން ފެންޑާއަށް އޭނާ ނުކުތީ ނަޞްރު ލިބިފައިވާ މީހެއްގެ ހިގުމުގައެވެ. އޭނާގެ ލޮލުގައިވަނީ ކާމިޔާބީގެ އަސަރުތަކާއި ވިދުވަރެވެ. އާދަނު އެދެކުދިންގެ އިންތިޒާރުގައި މަޑުކޮށްލައިގެން ފެންޑާގައި ހުއްޓެވެ.

ފެންޑާގައި ޢައިޝާ އިށީނީ ގޭގެ ބޭރު ދޮރާއްޓާ ކުރިމަތިލައިގެންނެވެ. އެދޮރާށި ބޭރުން ހުޅުވޭ އަޑަށް އެންމެނެވެސް އެދިމާލަށް ބަލައިލިއެވެ. ދޮރުން އެތެރެއަށްވަނީ ބުރިފްކޭހަކާއި ކުޑައެއް ހިފައިގެން ޒައިދެވެ. ޒައިދު މާލެއިން ދަތުރުކުރީ ކަނޑަށް ފެތުނު ބޯޓަކުންނެއްނޫނެވެ. ރަޙުމަތްތެރިއެއްގެ ލޯންޗުގައެވެ. ބޯޑެއް ކަނޑު ފެތުނު ކަމެއްވެސް އޭނާއަކަށް ނޭނގެއެވެ. ޢައިޝާ ކޮއްކޮގެ ރުއިމާއި އާދަނު އުފަލުން އޭނާގެ ނަން ގޮވި ގޮވުމުގެ ސަބަބުން ޒައިދަށް ހުރެވުނީ ކުއްލި ޝޮކެއްގައެވެ. އޭނާގެ އަންހެނުން ވެއްޓުނު މަންޒަރު ފެނުނީ މާފަހުންނެވެ.

ހޮސްޕިޓަލަށް ޢައިޝާ ގެންދިއުމުން ޑަކްޓަރުންގެ ތަޙުލީލުތަކަށްފަހުގައި ލިބުނު ޚަބަރަކީ ޢައިޝާ ހިތުގެ އެޓޭކެއްގައި މަރުވީކަމުގައެވެ. އުފަލާއި ހިތާމަ، އުންމީދާއި ނާއުންމީދު ކުޑަ ހިނދުކޮޅެއްގައި މާ ގިނަ ގޮތްގޮތަށް އެހިތުގައި އެނބުރުމުން ލިބުނު ކުއްލި ސިހުމުގައި، އެހަށިގަނޑުގައިވީ ދިރުމާއި އެދިރުމުގެ ރަމްޒުކަމުގައިވާ ވިންދު އިންދިރާސްވެ ނެތުނީއެވެ. 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.