ބުރާސްފަތި20201203

އާކުރެވުނީ: 08:43:52

ސަޢުދިއްޔާ

saudiyaa 316 260އަލީގެ އާދައިގެ މަތިން މި އަދުވެސް ދިޔައީ ޓެކްސީ ކުރާށެވެ. މިޒާޖުގައި ހިތްހެޔޮ ގޮތެއްހުންނަ އަލީ، އެންމެންނާއި މެދުވެސް ވީހާވެސް ހެޔޮކޮށް ކަންތައްކުރުމަކީ އާދައެވެ. ދުވަހަކުވެސް އެއްވެސް މީހަކާއި މެދު ނުބައި ކޮށް ހީނުކުރެއެވެ. ދަތުރެއް ނުލިބި ގިނަ އިރުވީމައި، ކުޑަކޮށް ހިތްހަމަ ނުޖެހޭގޮތެއްވެފައި ހުއްޓާ، މަސްމާރުކޭޓު ފަހަނައަޅާ މާކަ ދުރަށް ނުދެވެނީސް، މީހަކު

ކާރު މަޑުކުރުމަށް އެދި އަތް ނެގިއެވެ. މަގުގެ އެއްކައިރިއަކަށް ކާރު މަޑު ކުރުމުން، ކާރަށް އެރީ މާބަނޑު އަންހެނެކެވެ. އަތުގައި ކުޑަ ދަބަހެއް އޮތް ބަލާ ބެލުމަށް، އާދައިގެ ރީތިމިނެއް ހުރި ތިރީހަކަށް އަހަރުގެ އަންހެނެކެވެ.

އެހީތެރިއެއްނެތި، އެކެނިމާއެކަނި ހުރި މާބަނޑު އަންހެނަކަށްވީމައި މި އަންހެންމީހާއާއި މެދު، އަލީ ކުޑަކޮށް ހަމްދަރުދީ އުފެދޭގޮތް ވިއެވެ. '' އަޅެ ..މި މީހާގެ ފިރިމީހާ ކޮބައިބާ؟ ..އެހީތެރިވާނެ މީހަކުވެސް ނެތި މާބަނޑު އަންހެނެއް މިހެން އެކަނި އުޅުމަކީ ރައްކާތެރި ކަމެއްވެސް ނޫން '' މި ކަހަލަ ވާހަކަ ތަކެއް ސިކުނޑި ތެރޭގައި އެބުރެނިކޮށް އަންހެންމީހާ ބުންޏެވެ. '' މާފަންނު ކުޅިމިރުސްގެ '' އަލީ މަސްމާރުކޭޓުކައިރީ ހުރި ވަންވޭތަކުގެ ޗާޓެއް ސިކުނޑިތެރޭ ކުރަހާލާފައި ، އެންމެ އަވަހަށް ދެވޭނެ މަގަކާއި ދިމާއަށް ކާރު ދުއްވާލިއެވެ.

ތަންކޮޅަކަށް ދެވުނުތަނާ ، އަންހެންމީހާ ، އަލީ ކުރާމަސައްކަތަކީ ކާރު ދުއްވުން ތޯއާއި ، މިކަމުން ފައިދާވޭތޯވެސް ސުވާލު ކޮށްލިއެވެ. '' ކިހާ ހިސާބަކުތަ ދަރިފުޅު ވިހާނީ ؟ '' އަލީ ވެސް ވާހަކައިގެ ތެރޭގައި އަހާލިއެވެ. '' މި އަންނަ މަހުު ..ހާސް ނުވޭ ! އަހަރެން މި ކާރު ތެރެއަކަށް ނުވިހާނަން '' ކުޑަކޮށް ހީލަމުން މާބަނޑުމީހާ ބުނެލިއެވެ. ވާހަކައިގެ ތެރޭގައި މި މީހާ އަށް ކިޔަނީ ސަޢުދިއްޔާ ކަމާއި ، ބޭހަކަށް މާލެ އައީ ކަމަށްވެސް ކިޔައިދިނެވެ. ކޮންމެއަކަސް މާ ގިނަ އިރުތަކެއްނުވެ އަލީ، ކުޅިމިރުސްގެ އާއި ހަމައަށް ސަޢުދިއްޔާ ގެންގޮސްދީފިއެވެ. ކާރު މަޑު ކުރުމުން ކުލިވެސް ނުދީ ސަޢުދިއްޔާ އަވަސް ގޮތަކަށް ކާރުން ފޭބިއެވެ.

އަދި ދިހަ ބުރިއަށް ނަގާފައި ހުރި ގެޔާއި ދިމާއަށް ކަރު ހިއްލާލާފައި ބުންޏެވެ.'' އެބަ އަންނަން ..ކޮއްކޮ އަތުން ލާރި ހޯދައިގެން '' އަލީ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލުމަށްފަހު ފަހަތުން އައި ސައިކަލަކަށް ޖާގަ ދޭން ކުޑަކޮށް ކާރު ކުރިއަށް ޖަހާލުމަށްފަހު އެއްކައިރި ކޮށްލިއެވެ. ސަޢުދިއްޔާ މައްޗަށް އެރިތާ ފަސްވަރަކަށް މިނިޓް ވީ އިރުވެސް ޚަބަރެއް ނުވިއެވެ. މާލޭގައި މި ކަހަލަ ކަމަކާއި މީގެ ކުރިއަކުން އަލީއާއި ދިމާނުވެއެވެ. އެންމެންވެސް ޢާއްމުކޮށް ކާރުންފައިބައި ވަގުތުން ލާރި ދެއެވެ. ނަމަވެސް މި ފަހަރު މި ވީ ވަރަށް އެހެން ކަހަލަ ގޮތެއްތާ އޭ އަލީ ހިތަށް އެރިއެވެ.

އިރުކޮޅަކުން މާބަނޑުމީހާ ވަރަށް ހާސްވެފައިހުރެގެން އައިސް ބުނެލިއެވެ. ''އަޅެ ..ގޭގައި އެކަކުވެސް ނޫޅޭ ...އެ ފްލެޓްކައިރީ އުޅޭ މީހުންބުނީ ކޮއްކޮ މެން ތިބީ ކުޑަބަނޑޮހަށް ޕިކްނިކް ގޮއްސައޭ، ކިހިނެއް ހަދާނީ، އަހަރެން އަތުގައި އެއްވެސް ލާރިއެއްވެސް ނެތް، ދާނެ އެހެން ތަނެއްވެސް ނެތް މިރަށުގައިނުހުންނާނެ އަހަރެން ދަންނަމީހެއްވެސް''. މިވާހަކަތައް އަޑުއިވިފައި އަލީ އިހުނަށްވުރެ ބޮޑަށް ހަމްދަރުދީވިއެވެ. އަދި ވިހަން ކައިރިވެފައި އިން މިފަދަ މާބނޑުމީހެއް އެކަނި ދޫކޮށްފައިދާން ޢަލީގެ ޟަމީރު އެއްބަހެއްނުވިއެވެ. ''ހިނގާ އަހެރެންގެ ގެއަށް، އަންހެނުންވަރަށް ރަނގަޅުވާނެ، ކޮއްކޮ އަންނަންދެން އަހަރެންގޭގައި މަޑުކޮށްލެވިދާނެ'' ޢަލީ ގެ ދީލަތި ހުށައެޅުން ހުށައެޅިއެވެ.

ނަމަވެސް ސަޢުދިއްޔާ ކުޑަކޮށް ފަސްޖެހޭގޮތް މޫނުމަތިން ފެނިގެންދިއައެވެ. ނޫނެކޭ ބުނުމުގެ ގޮތުން ބޯހޫރުވާލަމުން ''ނުކެރޭނެ ދާކަށް، އަހެރެންބޭނުމެއްނޫން އެހެންމީހަކަށް އުދަގުލެއް ޖައްސާކަށް، އަނެއްކާ މީނަގެ އަންހެނުން ހިތަށް އަރާނީވެސް ކީކޭ ؟ އޭނައަކަށް ނުވިސްނޭނެ''

'' ނޫނޭ .. އަހަރެންނަކަށް އުދަގުލެއްނުވާނެ ..ތިހާލަތުގައި ހުރިމީހަކަށް އެހީތެރިވުމަކީ މަގޭ ވާޖިބެއް . ތިކަހަލަ މީހެއްނޫން އަންހެނުުންނަކީ ..އޭނައަކީ ވަރަށް ރަނގަޅު އިންސާނެއް އިނދެގެން އުޅޭތާ މިހާރު 7 އަހަރުވެއްޖެ، ދުވަހަކުވެސް މައްސަލައެއްނުޖެހޭ، ޒީލަގަދަކަމެއްނުދައްކާ، އޭނާވަނީ ނުލާހިކު ލޯބި ލޯބި 3 ކުދިންވެސް ވިހާފައި ދެ ފިރިހެންކުދިންނާއި އަންހެންކުއްޖެއް''. އެންމެފަހުން ސަޢުދިއްޔާ އެއްބަސްވެއްޖެއެވެ. އަދި ޢަލީއާއި އެކު އެގެއަށް ހިނގައްޖެއެވެ.

ގޭގައި ހުރިހާކަމެއްވެސް ދިޔައީ ހަމަ ޢަލީ ބުނިގޮތަށެވެ. ޢަލީގެ އަންހެނުންނަކީ ހަމަ ވަރަށްވެސް ހިތްހެޔޮ ރަނގަޅު އިންސާނެއްކަން ސަޢުދިއްޔާއަށްވެސް ފާހަގަވިއެވެ. މެހެމާނެއްގެ ގޮތުގައި އެހެން އަންހެނަކު ގެޔަށް ގެނައިމަވެސް ޝައްކުގެ ނަޒަރަކުން ބަލާވެސްނުލައެވެ. ކިހިނެއް ކިހިނެއް ދިމާވީ މީހެއްކަން ކިޔައިދިނުމުން އިތުރު ސުވާލެއްވެސް ނުކޮށް ވަކި ކޮޓަރިއެއް ސަޢުދިއްޔާއަށް ދެއްކިއެވެ. ސަޢުދިއްޔާއާއި ޢަލީގެ އަންހެނުން ފުދޭވަރަކަށް ދަންވަންދެން އަނގަތަޅަން ތިއްބެވެ. ކުއްޖާއަށް ކިޔާނެ ރީތިނަމަކާއި، 3 ކުދިން ވިހެއުމުގައި ލިބިފައިހުރި ތަޖުރިބާތައްވެސް ޢަލީގެ އަންހެނުން، ސަޢުދިއްޔާއަށް ކިޔައިދިނެވެ.

މީހަކަށް ހެޔޮކަމެއް ކޮށްދެވުނީތީ އާއި އަންހެނުން މި މެހުމާނާއިމެދު ކަންތައްކުރި ރަނގަޅުކަމާއިމެދު ފަޚުރުވެރި ވެފައިހުރި ޢަލީ ވަރަށް ހެދުނާ ތެދުވެއްޖެއެވެ. ތެދުވުނުއިރު ސަޢުދިއްޔާ އެންމެންނަށްވުރެ ކުރިން ތެދުވެ ބަދިގެ ތެރޭގައި ނާސްތާ ތައްޔާރު ކުރަން އުޅޭތަން ފެނިފައި ޢަލީ ހައިރާންވާ ގޮތްވިއެވެ. އަދި އަމިއްލައަށް ސައިހެދުމުގެ ބުރަ ނުއުފުލައި އަންހެނުން ތެދުވަންދެން މަޑުކޮށްލިނަމައޭ ބުނެ، އަންހެނުންނަށް ގޮވަން ހިނގައްޖެއެވެ.

އަދި އެންމެން ނާސްތާކޮށް އަވަދިވެގެން، ކޮއްކޮގެ ގެއަށް ދާން ތައްޔާރުވުމަށް ޢަލީ، ސަޢުދިއްޔާ ދިމާއަށް ބުނެލިއެވެ. ކުއްލިއަކަށް ސަޢުދިއްޔާ ފުންމައިގެން ގޮނޑިން ތެދުވެއްޖެއެވެ. ހީވީ ބޮޑު ބިރެއް ފެނުނު ހެންނެވެ. ލޯބިވާ މީހެއްގެ ކުއްލި މަރުގެ ޚަބަރު ލިބުމުންވެސް މީހަކަށް ވާނީ އެކަހަލަ ގޮތެކެވެ. '' ކޮން ކޮއްކޮއެއްތަ؟ ކޮން ގެއެއްތަ ؟ އަހަރެން މިހިރީ އަހެރެންގެ އަމިއްލަ ގޭގައި، ކަލެއަށް އެނގޭނެ އަހަރެންގެ ކޮއްކޮއެއް ނުހުންނަކަންވެސް، އަހަރެން ބަނޑުގައި މިއޮތީ ކަލޭގެ ދަރިއެއް!، އަހަރެންނާއި ދެއަންބަށް އިން އިރު ނުބުނަންތަ؟ މީ އަހަރެންގެ ވެސް ގެޔޭ. މަށެއް ނުދާނަން.. އަހަރެން މިހާލުގައި މަގުމަތިކޮށްލަން އުޅޭއިރު ހިތަށް އެއްޗެކޭވެސް ނާރާތަ؟'' ސަޢުދިއްޔާ ނޭވާއެއްވެސް ނުލައި ހުރިހާ ވާހަކައެއް އެއްފަހަރާ ބުނެލިއެވެ. ޢަލީ އާއި އަންހެނުން ތިބީ ކަންފަތަށް އިވޭ ވާހަކައާއިމެދު ބުނާނެ އެއްޗެއްވެސް ނޭނގި އާޝޯޚްވެފައެވެ. މިވީ ކިހިނެއްކަން ކުޑަކޮށްވެސް ނޭނގުނެވެ.

ޢަލީ ކުޑަކޮށް ހީލާފައި ތިކަހަލަ ސަމާސާ ނުކޮށް އަވަހަށް ދާންބުނުމުންވެސް ސަޢުދިއްޔާ ފެށީ ޢަލީގެ މުނާފިޤުކަމާއި، ހިތްހަރުކަމުގެ ވާހަކަދައްކައި އެއްޗެހި ކިޔާށެވެ. ކޮންމެއަކަސް އިތުރު ޒުވާބުކުރާކަށް ޢަލީ ބޭނުމެއްނުވިއެވެ. އަހަރެންދާނީ ދެން ސިފައިންނާއި ހަމައަށް .. ތިކަން ނިންމަން މިހެން ބުނުމުން ޢަލީގެ އަންހެނުންގެވެސް ފުރިހަމަ ތާއީދު މިކަމަށް ލިބުނެވެ. ޢަލީ މައްސަލަ ސިފައިންނާއި ހަމައަށް ހުށައަޅަން ދިއުމުން ސަޢުދިއްޔާ އަށް، ހެދުނުހާ ދޮގެއްހާދައި ޢަލީއާއި މެދު އަންހެނުން ހިތުގައި ޝައްކު އުފެއްދޭތޯ ބެލިއެވެ. އޭނާ ކިތަންމެ ނަމާދު ކޮށްގެން މާ ރަނގަޅު މީހެއްކަމަށް ހެދިގެން އުޅުނަސް އެއީ ޙަޤީޤަތެއްނޫންކަމަށާއި، ޢަލީ އަކީ ''އަންހެނުންނަށް'' ނިކަން ވަރުހުންނަ މީހެއް ކަމަށްވެސް ބުންޏެވެ. ނަމަވެސް ޢަލީގެ އަންހެނުން މިވާހަކަތަކަށް ހެއްލޭގޮތެއް ނުވިއެވެ.

ނުވެސްދަންނަ މީހަކު އައިސް އުފާވެރި ޢާއިލާއެއްގެ ދިރިއުޅުން މުޅިން ޚާރާބު ކޮށްލައިފިއެވެ. މައްސަލައިގެ ތަޙުޤީޤު ފެއްޓިއްޖެއެވެ. ތަޙުޤީޤުގައި ސަޢުދިއްޔާގެ ބަނޑުގައި އޮތީ ޢަލީގެ ކުއްޖެއްތޯ ބެލުމައްޓަކައި މެޑިކަލް ޓެސްޓެއް ކުރެވުނެވެ. އަދި ޢަލީގެ މަނީގެ ނަމޫނާއެއް ނަގައިގެން އެވެސް ޓެސްޓުކޮށް ނަތީޖާ ދެއްކީ ޢަލީ އަކީ ބަރީއަ މީހެއްކަމަށެވެ. ސަޢުދިއްޔާ ބަނޑުގައި އޮތްކުއްޖާއަކީ ދުވަހަކުވެސް ޢަލީގެ ކުއްޖަކަށް ނުވާނެ ކަމަށް ޓެސްޓު ނަތީޖާގައި ބުނެފައިވެއެވެ. ނަމަވެސް ދެން ކަންތައްވެގެން ދިޔައީ ޢަލީވެސް ސަޢުދިއްޔާވެސް އަދި ޢަލީގެ އަންހެނުންވެސް ކުރިން ހީވެސް ނުކުރާ ކަހަލަ ގޮތަކަށެވެ. ނަތީޖާގައި ބުނެފައި އޮތީ ޢަލީ އަކީ، އުފެދުމުގައި ވެސް ދުވަހަކުވެސް ކުއްޖަކު ހޯދުމުގެ ޤާބިލްކަން ހުރި ފިރިހެނެއްނޫން ކަމަށެވެ. ކުއްޖަކު ލިބުމަކީ މުސްތަޙީލް ކަމެއްކަމަށެވެ.

ޢަލީއަށް ހީވީ ޤިޔާމަށްވުމުގެ ކުރިން ޤިޔާމަށްވެއްޖެ ހެންނެވެ. ހަތަރު އުދަރެސް ފެނުގައި ޖެހި ފައިދަށުން ބިންގަޑު ދެމިގެން ދިޔަހެންވެސް ހީވިއެވެ.

އެހެންނުވާނީ ފަހެ ކީއްވެހެއްޔެވެ ؟ ޢަލީ އަކީ ކުދިންނުލިބޭ މީހެއްނަމަ 3 ކުދިން ލިބުނީ ކިހިނެއްހެއްޔެވެ؟ ޢަލީ މިހުރިހާ ދުވަހު އައީ އަމިއްލަ ކުދިންކަމުގައި 3 ކުދިން ބަލާބޮޑުކުރަމުންނެވެ. ނަމަވެސް މިއަދު މިއެގުނީ އެއީ އެހެން މީހެއްގެ ކުދިންކަމަށެވެ. މިހުރިހާ ދުވަހު މި ކުރި ބުރަމަސައްކަތް ކުރީ ނުވެސް ދަންނަ މީހެއްގެ ކުދިންނާއި ބޭވަފާތެރި އަންހެނެއް ބެލުމުގައެވެ.

އަންހެނުން ދައްކާނެ އިތުރު ބަހަނާއެއްނެތެވެ. ކަންތައްވެގެން ދިޔައީ ހީވެސްނުކުރާ ކަހަލަ ކޮތަކަށެވެ. ޢަލީގެ އަންހެނުންނަށް މިހެންވާނެ ކަން އެނގުނުނަމަ، މައްސަލަ ތަޙުޤީޤާއި ހަމައަށް ފޮނުވަން އެންމެ ފުރަތަމައިނުންވެސް ދެކޮޅުހެދީހެވެ. ނަމަވެސް ދެން އެއްބަސްވުން ނޫން ގޮތެއް ނެތުމުން އެއްބަސްވީއެވެ. ތިންކުދިންނަކީވެސް ޢަލީމެން ކުއްޔަށް ހިފައިގެން އުޅޭގޭގެ ބޮޑުމީހާގެ ކުދިންނެވެ. ނަމަވެސް އޭނާ ބުނީ އެކުދިން އެހެން މީހެއްގެ ފަރާތުން ހޯދަންޖެހުނީ ޢަލީދެކެ ވާ ލޯއްބެއްގެ ބޮޑުކަމުންނެވެ!

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.