ބުރާސްފަތި20181108

އާކުރެވުނީ: 08:43:52

Back ކަވާސާ އަދަބާއިޘަޤާފަތް އަދަބާއިޘަޤާފަތުގެ ބައިތައް ވާހަކަ މުސްތޮގެ ރިވާޔަތްތައް 3: ކަރުނައިގެ ދެ ރަހަ

މުސްތޮގެ ރިވާޔަތްތައް 3: ކަރުނައިގެ ދެ ރަހަ

karunaigeމީހަކު ދެކެ ލޯބިވާއިރު އަހަރެމެންނަށް އެއީ ލޯބިވާން އެކަށީގެންވާ މީހެއްތޯ ބަލާލެވޭބާއެވެ. ތެދެކެވެ ލޯތްބަކީ ވެވޭ އެއްޗެކެވެ. ބައެއް ބޭރު ބަސްބަހުން، ލޯބި ވެވިއްޖެޔޭ ބުނާ ޖުމްލައިގެ ލަފްޒީ މާނައަށް ބަލާއިރު އޮންނަނީ ''ލޯބީގެ ތެރެއަށް ވެއްޓު'' މެވެ. މާނަ އަކީ އެއީ މީހަކު ނުދެނެހުއްޓާ އަނދަވަޅަކަށް ވެއްޓޭ އުސޫލުން ވެއްޓޭ އެއްޗެކެވެ.

އެއްވެސް އިޚްތިޔާރަކާ ނުލައި އޭގައި ޖެހެނީއެވެ. ލޯތްބަށް ވެއްޓުނީއޭ ދިވެހި ބަހުން ނުބުނުން އެކަށީގެންވެއެވެ. އެކަމަކު ލޯބީގައި ޖެހުނީއޭ ބައެއް މީހުން ބުނެއެވެ. ނަމަވެސް އެއިރުން ވެސް އެ ވަނީ ހަމަ ވެއްޓުމާ އެއްފަދަ ކަމަކަށެވެ. ދަންތުރައެއް ނޫނީ ދަލެއް ކަހަލަ އެއްޗެއްގައި ޖެހޭ ބީދައިންނެވެ.

ނަމަވެސް ތިމާ ލޯބީގައި ޖެހެނީ ތިމާގެވެސް ތަވައްޖުހު ހުންނަ ގޮތަކުންނެވެ. މިސާލަކަށް ދިވެހި އަންހެންކުއްޖަކާ ނޫނީ އިންނަން ބޭނުން ނުވާ މީހަކު ރިސޯޓެއްގައި ބާރަ އަހަރު މަސަކަތް ކުރިއަސް އެތަނަށް އަންނަ ޔޫރަޕް އަންހެންކުއްޖެއްގެ ލޯބީގައި ނުޖެހޭނެއެވެ. އެއީ އޭނާގެ ތަވައްޖުހު އެދިމާއަށް ނެތީމައެވެ. ނަމަވެސް ބެކް ސްޓްރީޓް ބޯއީސް ބުނާ '' ކަލާ އަކީ ކޮންމެ ފަދަ މީހަކަށް ވިޔަސް ކޮންމެ ތަނެއްގެ މީހަކު ކަމުގައިވިޔަސް، ކޮންމެ ކަމެއް ކޮށްފައި ހުރި މީހަކު ކަމުގައިވިޔަސް، ކަލާ އަހަރެން ދެކެ ލޯބިވާހާ ހިނދަކު އަހަރެންނަށް އެއްވެސް ފަރުވާލެއް ނެތޭ'' އުސޫލު ގެންގުޅޭ މީހަކު އެއްކަލަ ލޯބީގެ އަނދަވަޅަށް ވެއްޓޭނީ ރޭކައިވެސް ނުލައި ހުއްޓައެވެ.

 

ކޮންމެއަކަސް އަހަރެން މުރީހާ އާ އިނީ މިކަހަލަ އަނދަވަޅަކަށް ވެއްޓިގެން ސަލާމަތް ނުވެވިގެންނެއް ނޫނެވެ. އަހަންނަށް މުރީހާ ފެނުމުން އޭނާ ކަމުދިޔައީއެވެ. އިންނަން އެކަށީގެންވާ ކުއްޖެއްކަމުގައި ޔަޤީންވީއެވެ. ވީމާ ދެން އޭނާގެ ރުހުން ހޯދައިގެން ދެމީހުންގެ އެކުވެރިކަން ބަދަހި ކުރީއެވެ. މާމުއި ފަދަ ފޮނި ލޯބީގެ އާރަކަށް - އަނދަވަޅަކަށޭ ނުބުނާނަމެވެ.- އެރެވުނީ ކާވެނި ކުރިފަހުންނެވެ.

އަހަރެންނަކީ މިހެން ބުންޏަސް މިރޮނގުގައި މާ ބޮޑު ތަޖުރިބާކާރެއް ނޫނެވެ. މިދައްކަނީ ބޮޑެތި މުފައްކިރުން ލިޔެފައި ހުންނަ ވާހަކަތަކެވެ. ނަމަވެސް ދުނިޔޭގައި ވަރަށްވެސް ރޮމޭންސީ މީހުން އުޅެއެވެ. ފުރަތަމަ ނަޒަރުންވެސް ލޯބީގައި ޖެހިފައި ތިބި މީހުން އަހަރެންވެސް ދެކެފީމެވެ. ވީމާ އެކަމަކާ އިންކާރުކުރާކަށް އަހަރެން ނެތީމެވެ. ނަމަވެސް އަހަރެންގެ ރައްޓެހި އިއްސޭއަށް ކަންތައް ދިމާވިގޮތުން، ލޯތްބަކީ ގޮތް ނޭނގޭ އެއްޗެއް ކަމުގައި ނިންމަން އަހަންނަށް މަޖުބޫރުވެއްޖެއެވެ. ސަބަބަކީ ކޮބައި ހެއްޔެވެ؟ އިއްސޭ އަކީ އެއްކަލަ ފާޑުގެ ފުރަތަމަ ނަޒަރުން ލޯބިވާ މިޒާޖުގެ ޒުވާނެކެވެ. އަދި އޭނާ އަކީ ކޮންމެ ކޮންމެ އަންހެންކުއްޖެއް ކަމުވެސް ދާ މީހެއް ނޫނެވެ. އޭނާގެ ހުވަފެނީ ތަސްވީރެއް ނުވަތަ ''ޑްރީމް ގާރލް'' އެއް ކުޑައިރުއްސުރެވެސް ހިތުގައި އޮވެއެވެ. އެހެން އުޅެނިކޮށް މި ބުނާ ހުވަފެނީ ތަސްވީރު ކުރިމަތިން ފެނުމުން ވާނީ ކިހިނެތް ހެއްޔެވެ؟ ޔަޤީނުންވެސް އޭނާ އެ ކުއްޖަކު ޙާސިލްކުރަން ކުރެވެން އޮތްހާ މަސައްކަތެއް ކުރާނެއެވެ. ނުލިބިއްޖެއްޔާ އެކަމުގައި އޭނާގެ ޢުމުރު ހުސްކޮށްލާނެއެވެ. ނަމަވެސް ކަންތައްވީ އަހަރެން ހީކޮށްގެން ހުރިގޮތަކަށް ނޫނެވެ.

އިއްސޭއަކީ އަހަރެން ވަޒީފާއަށް ނުކުންނަންފެށިފަހުން އެތަނުން ދިމާވި އެކުވެރިއެކެވެ. އޮފީސްޓެއްސެކެވެ. ދެން ފަހުން ރަޙުމަތްތެރިއެއް ކަމުގައިވެސް ވީއެވެ. ވަރަށް ތަރުތީބުން އުޅޭ ސާފުތާހިރު، ގޮތް ހުރި ޒުވާނެކެވެ. ގޮތްހުރިއޭ މި ބުނީ އެއިރު އޭނާގެ އުޅުމަށް ބަލާފައި ބުނެވެން އޮތީ އެހެން ކަމުގައި ވާތީއެވެ. ނަމަވެސް އަންހެންކުދިންނާ ޖެހުމުން ގޮތްހުރިމީހާވެސް ބަދަލުވެދާނެތާއެވެ.

އެތަނުން ދިމާވި އަނެއް އެކުވެރިއަކީ އަސްތާރެވެ. އަސްތާރަކީ ވަރަށްވެސް ޖާޒުބީ ޝަޚްސިއްޔަތެއްގެ ވެރި ޒުވާނެކެވެ. އޭނާގެ އެ ޝަޚްސިއްޔަތުގައި އެ ހުންނަނީ ކޮންފަދަ ދަމާ ބާރެއްކަމެއް ބުނަންވެސް ނޭނގެއެވެ. ހުރިހާ އެންމެންގެ ތެރޭގައިވެސް ވަރަށް މަޤްބޫލު ހުރިހާ އުމުރެއްގެވެސް އަދި ހުރިހާ ޖިންސެއްގެ އެންމެވެސް އެންމެ ގަޔާވާ، އެ އޮފީހުގައި އުޅޭ މީހަކީ މި ބުނާ އަސްތާރެވެ. މިކަމުގެ ހެކި އޭނާގެ ރަޙުމަތްތެރިންގެ ދިގު ލިސްޓުންވެސް ފެންނަވަރުވެއެވެ. އެދިގު ލިސްޓުގައި ނަން އޮންނަ އަންހެންކުދިންގެ ތެރެއިންވެސް ގިނަ ކުދިންނަށް ޔަޤީން ކުރެވެނީ އަސްތާރުގެ ހިތް ދެވިފައިވަނީ އެކުއްޖަކަށް ކަމަށެވެ. ނަމަވެސް އެންމެންނަށްވެސް އޯގާތެރި އަސްތާރަކަށް މިތަނުން އެއްވެސް ކުއްޖެއްގެ ހިތް ހަލާކުކޮށްލާކަށް ނުކުރެއެވެ. އެއްވެސް ކުއްޖަކު މާޔޫސްކުރާކަށް އޭނާ ބޭނުމެއް ނުވެއެވެ. ވީމާ އެކަންތައްވެސް އޭނާ ގެންގުޅެނީ ވަރަށް ސިޔާސީ ގޮތަކަށެވެ. އޭނާގެ ހިތަކީ އަޑި ނޭނގޭ ފުން ކަނޑެއްފަދަ އެއްޗެކެވެ. މިއީ ލޯބީގެ ދުނިޔޭގައި މިކަން ސިފަކުރަން އެންމެ ރަނގަޅު ގޮތް ކަމުގައިވިޔަސް ރަޙްމަތްތެރިކަމުގެ ދުނިޔޭގައި އޭނާގެ ހިތަކީ ސާފު ކުޑަ ކުޑަ ބިއްލޫރިކޮޅެއްފަދަ އެއްޗެކެވެ. އޭގެ އެތެރެއާ ބޭރު އެންމެންނަށްވެސް ހާމައަށް ފެންނަން އޮންނަ ވަރަށް ސަރީޙަ ހިތެކެވެ. މި ބުނެވުނީ އަދި ރަނގަޅަކަށް ނޫނެވެ. އޭނާ ރުޅި އައިސްފައި ހުއްޓަސް ދެރަވެފައި ހުއްޓަސް އަހަރެމެންނަކަށް ނޭނގެއެވެ. ނޫނީ އޭނާއަށް ރީތީ ކޯޗެއް ކަމެއް، ރައްޓެހިން ގެ މެދުގައި ކޮންމެސް ކަމަކާ ދެބަސްވެގެން އުޅޭ އިރު އޭނާ އެތަނުން ބުރަވަނީ ކޮން ކޮޅަކަށް ކަމެއް، އަހަރެމެންނަކަށް ނޭނގެއެވެ. ''މީ ދޮގެއްތަ އަޅެ އަސްތާރު ؟ '' ކިޔާފައި އެތަނުން އެކަކު ސުވާލު ކޮށްލުމުންވެސް އޭނާ ޖަހާލާނީ ހިނިގަނޑެކެވެ. އަނެއްކަކު ހަމަ އެ ސުވާލު ކުރިއަސް ޖަހާލާނީ ހިނިގަނޑެކެވެ. ޙަޤީޤަތެއް އަހަރެމެންނަކަށް ނޭނގެއެވެ. އަބަދުވެސް އޭނާގެ ސިޔާސީ ހިނިގަނޑުން އެ ހުރިހާ ކަމެއް އޮންނަނީ ފޮރުވިފައެވެ. ވީމާ އޭނާގެ ހިތަކީ އޮޅުންބޮޅުން ގިނަ އޭގެ ޙަޤީޤަތް ނޭނގޭ އެއްޗެކޭ ބުނެވިދާނެއެވެ. ނަމަވެސް ވަކިން ބައްދަލުވެއްޖެ ނަމަ އޭނާއަކީވެސް ކޮންކަހަލަ ފިކުރުތަކެއް ގެންގުޅޭ އިންސާނެއްކަން އެނގޭނެއެވެ. ވީމާ އޭނާ އަކީ ވަކިފަރާތަކަށް ނުޖެހޭ ސިޔާސަތެއް ގެންގުޅޭ ސިޔާސަތްދާރެކޭ ބުނަމާހެއްޔެވެ؟

އޮފީހުގެ މައިދާނު ގަރަމްވެގެން އައީ އަލަށް އޭލެވެލް ހަދާފައި އެތަނަށް ވަން އަންހެން ކުއްޖެއްގެ ސަބަބުންނެވެ. އެ ކުއްޖާގެ އެހެރަ ޝާއްބަކަމަކާއި ޅަބާޅަކަމަކުން އަހަރެމެން އެންމެންގެވެސް ހިތް އުތުރި އަރައިގަންނަހާ ވެއެވެ. ނަމަވެސް އަހަރެން މި އުޅެނީ މީހަކާ އިނދެގެންނެވެ. ވީމާ މަގޭ ނަމުގެ ޢިތްފަތްތެރިކަމަށް އަހަރެން އަބަދުވެސް ސަމާލުވަމެވެ. ހިތުގައި އޮންނަ އެއްޗެއް އޮވެދާނެތާއެވެ. އެހެން ނޫނަސް އޮފީހުގައި އުޅޭ ޒުލައިޚާ ދެކެވެސް ބައެއްފަހަރު މި ގޮތަށް ޚިޔާލު ކުރެވެއެވެ. ވީމާ މިއީ މަށަށް އާ ކަމެއް ނޫނެވެ. ގެއަށް ގޮސް މުރީޙާ ކައްކާފައި ހުންނަ މީރު ރިހަގަނޑެއް ބަތާ ލައިގެން ކާލީމާ އެ ހުރިހާ ކަމެއް އޮންނަނީ ހަމަޖެހިފައެވެ.

މިބުނާ އަލަށް އައި ކުއްޖާއަށް ކިޔަނީ ޙަސީނާއެވެ. އޭނާގެ ރީތި އިސްތަށިގަނޑުގައި ވަނީ އާދަޔާ ޚިލާފު އޮފުދާރުކަމެކެވެ. ނެތުމުގެ ތެރޭގައި ވާ އަނދިރިކަންވެސް މި އިސްތަށިގަނޑުގެ ކުލައަށްވުރެ އަލިވާނެއެވެ. ދެން އޭނާގެ މޫނުގެ އެހެރަ އުޖާލާ ކަމެކެވެ. ސާދަވިލޭރޭގެ ހަނދު ދުށިން ހެއްޔެވެ؟ އެއީ އެފަދަ ހަނދެއްކަމުގައި ޤަބޫލުކުރާށެވެ. ދެލޮލުގައިވަނީ ކޮންފަދަ ތޫނު ވިދުވަރެއް ހެއްޔެވެ؟ އެންމެ ދަޅައަޅާ ޖަވާހިރުގެ ބެބުޅުމެވެ. ތުންފަތުގެ ކުލަ ސުލައިމާނުގެފާނުންގެ އަނގޮޓިފުޅުގައި ޖަހާފައި ހުރި އެސް ފަދައެވެ. ވީމާ އޭނާގެ ރީތިކަން މިއީ ސިފަކުރަން ފަސޭހަ ކަމެއް ނޫނެވެ.

ނަމަވެސް އެއްކަލަ އިއްސޭއަށް މީނާ ކަމުދާނެ ބާއެވެ. އޭނާގެ ހިތުގައި އޮންނަ ވަހުމީ ތަސްވީރަށް މި ރީތި ޙަސީނާ ފެތޭނެބާއެވެ. އެއީ އަހަރެމެން އެންމެންގެ ވެސް ހިތުގައި އުފެދުނު ސުވާލެކެވެ. އޭނާގެ ހިތުގައި އޮތް ހުވަފެނީ ތަސްވީރަކީ މިދުނިޔެމަތީގައި ފެނިދާނެ ތަސްވީރެއް ނޫނެވެ. އެހެންނަމަ މި ހުރިހާދުވަސް ވީއިރު އޮތީހީ އެ ކުއްޖަކާ ދިމާވެފައިތާއެވެ. މިއީ އަހަރެމެން ހިތަށް އެރިގޮތެވެ.

ކަންތައްވަނީ މީހުން ހީކުރާ ގޮތަކަށް ނޫނެވެ. އަހަރެމެން ވަހުމެއް ކަމަށް ބަލައިގެން މި އުޅުނު ތަސްވީރަކީ ޙަސީނާ ކަމުގައި ވެއްޖެއެވެ. އޭނާ ނުފެނިގެން އުޅުނު ފަޅިވަރު އެންމެ ފަހުން މި ފެނުނީ ކަމުގައި ވެއްޖެއެވެ. ވީމާ ހުރިހާ ރައްޓެހިންގެ ކުރިމަތީގައި އޭނާ ވަގުތުން އެ ވާހަކަ އިޢުލާންކޮށްފިއެވެ. އަދި އެންމެންގެވެސް އިއްތިފާޤުން އިއްސޭއަށް ޙަސީނާ ޙައްޤުކަމުގައި ނިންމައިފިއެވެ. އަހަރެންވެސް ހިތުގައި ކޮންމެސްވަރެއްގެ ޙަސަދައެއް ބާއްވާފައި ދުލަށް ލެވެން އޮތްހާ ބާރެއް ލައިފައި އެކަމާ އެއްބަސްވީމެވެ.

ޙަސީނާގެ ބޭރުފުށާމެދު ލައްކަ ވާހަކަދެއްކިއްޖެއެވެ. ނަމަވެސް އޭނާއަކީ ކޮންކަހަލަ ކުއްޖެއްކަން ބުނެލުން މުހިއްމެވެ.

ރީތި ގިނަ ކުދިންނަށް ވާގޮތަށް ޙަސީނާއަށްވެސް އޭނާގެ ރީތިކަން ވަނީ ވިހައެއް ކަމުގައިވެފައެވެ. ރަނގަޅަށް ބޮޑުނުވަނީސް އޭނާފަހަތުން ފިރިހެނުންތައް ދުވަން ފަށައިފިއެވެ. މިހާބޮޑު ވާދަވެރިކަމެއްގެ މެދުގައި އެފަކީރު އެކަނިމައި އެކަނި ހިފަހައްޓާލާނީ ކިހިނެތް ހެއްޔެވެ؟ ހަދާނެގޮތެއް އޭނާގެ ޅަ ސިކުނޑިއަކަށް ނުވިސްނެއެވެ. މަގުދައްކާނެ އާރުކާޓީއެއް ނެތެވެ. ނީލަމުގެ ބާޒާރުގައި އެންމެ ރަނގަޅު އަގެއް ހުށައަޅާ ފަރާތަކަށް މުދާ ލިބޭ އުސޫލުން އެ އެންމެންގެ ތެރެއިން އެންމެ ރަނގަޅު ކަމަށް ފެންނަ މީހަކަށް އޭނާގެ ހިތް އޮންނަނީ ދެވިފައެވެ. ނަމަވެސް އެ ކަންތައް ވަނީ ވަގުތީ ކަމަކަށެވެ. އެއްވެސް ރަޙުމެއް ނެތްގޮތުގައި އޭނާ ދޫކޮށްލާފައި އެފަދަ ޒުވާނުން ދަނީ މާ ގިނަދުވަހެއް ކޮށްފައެއް ނޫނެވެ. ނުބައި ތުހުމަތެއް އަޅުވާފައެވެ. އޭނާ އާ ހެދި އުޅޭ ފިރިހެނުންގެ ގިނަކަމާހެދި މީހުންގެ ދޭތެރެ ޖެއްސުމާއި ފިރިހެނަކަށް އޭނާ ހީލިޔަސް އެއިން އެހެން މީހުން ނަގާ ނުބައި މާނަވެސް، އެއީ އޭނައަށް މީހަކާ އެކީ ނޫޅެވޭ އެއް ސަބަބެވެ. ނަމަވެސް އެއިން އެއްވެސް ކަމެއްގައި އޭނާގެ އެއްވެސް ކުށެއް ނޯވެއެވެ. އޭނާ ފަދަ ރީތި ކުއްޖަކު ލިބުމުން އެ ބޮޑު ނިޢުމަތުގެ އަގުވަޒަން ކުރަން އެފަދަ ބޭޤަރާރު ޒުވާނުންނަކަށް ނޭނގެއެވެ.

ފިރިހެނުން ގެ ފަރާތުން ލިބިފައިވާ ހިތި ތަޖުރިބާގެ ސަބަބުން ޙަސީނާގެ ހިތުގައި މިހާރު އެއިން މީހަކަށް އެއްވެސް ހަމްދަރުދީއެއް ނޯވެއެވެ. އަންހެން ކުދިންގެ ފަރާތުން ފެންނަ ޙަސަދަވެރިކަމެއްގެ ސަބަބުން އެކުދިންނަށް އޭނާ ދައްކަނީ ބޮޑާ މޫނެކެވެ. ވީމާ އެންމެންގެ ނަޒަރުގައި ޙަސީނާއަކީ ވަރަށް ބޮޑާ ކުއްޖެކެވެ. އޭނާގެ ޙާލަތު އެއްވެސް މީހަކަށް ނޭނގެއެވެ.

ލޯބީގެ މައިދާނުގައި އެއްވެސް ތަޖުރިބާއެއް ނެތް އިއްސޭ، މި މައިދާނަށް ނުކުތީ އެއްވެސް މީހެއްގެ ލަފާވެސް ހޯދައި ނުލައެވެ. ފިރިހެނުންނަށް އެއްވެސް އިތުބާރެއް ނުކުރާ ޙަސީނާ ގެ ކުރިމައްޗަށް ލޯބީގެ ސަލާން ޖަހަން ދިޔައިރު އަންހެންކުދިންގެ އިޙްސާސްތަކާ ބެހޭގޮތުން މީނާގެ ކިބާގައި އެއްވެސް މަޢުލޫމާތެއް ނެތެވެ. އަހަރެން ލޯބިވަމޭ ގޮވަމުން ފަހަތުން ދުވިޔަސް އޭނާ އަށް އިތުބާރުކުރަން އެނގޭނީ ކިހިނެތް ހެއްޔެވެ؟ އޭނާގެ މަޤްސަދު ޙަސީނާއަށް އެނގޭނީ ކިހިނެތް ހެއްޔެވެ؟ އެންމެންވެސް ދުވަނީ އޭނާގެ ރީތިކަމުގެ ފަހަތުންނެވެ. ''ކަލާ ހާދަ ރީއްޗޭ'' ބުންޏަސް އޭނާއަށް އެއީ އާ ކަމަކަށް ވާނެހެއްޔެވެ؟ އެއީ އޭނާއަށް ވެސް އެނގޭ ކަމެކެވެ. އިއްސޭ އަކީ ކޮންކަހަލަ މީހެއްހޭ އަހާލާނީ ކާކު ކުރެން ހެއްޔެވެ؟ އަންހެނަކު ކުރެން އަހާލެވޭކަށް ނޯވެއެވެ. އެ އެންމެން ތިބެނީ އޭނާގެ ރީތިކަމަށް ޙަސަދަވެރިވެފައެވެ. ފިރިހެނެއް ކުރެން އަހާލީނީ ކިހިނެތް ހެއްޔެވެ؟ އެ މީހުން ތިބެނީ އޭނާގެ ރީތިކަމަށް ދަހިވެތިވެފައެވެ.

ރީތިކަމެއް ނުލިބި ތިބޭ އަންހެން ކުދިންނަށް އެކުދިންގެ ނަސީބު ވަޒަން ނުކުރެވެނީއެވެ. އެއިން ކޮންމެ ކުއްޖަކުވެސް ރަނގަޅަށް އަމިއްލަ ނަފްސާއި މެދު ވިސްނާލައިފި ނަމަ އެކުދިންގެ ލޯތްބަށްޓަކައި ޤުރުބާންވާނެ ފިރިހެނުން އެކުދިންނަށް ވެސް ވާކަން ޤަބޫލުކުރަން ޖެހޭނެއެވެ. އެވަރު ނުުފުދެނީހެއްޔެވެ؟ އެފަދަ ރީތިކަމެއް ނުލިބި ތިބޭ އަންހެން ކުދިން ރީތި ކުދިންހާ ބަދުނަސީބެއް ނޫނެވެ. އެ ކުދިން އާޚިރުގައި އުޅެނީ ވަރަށް ވެސް ލޯބިވާ މީހަކާ އިނދެގެން ވަރަށްވެސް އުފާވެރި ދިރިއުޅުމެކެވެ. ޙަސަދަ ލާނެ އަވައްޓެރިއަކު ނުހުރެއެވެ. އެއިން ކުއްޖަކު ފިރިހެނަކާ އޯގާތެރި ގޮތަކަށް އަނގައިން ބުނެލިޔަސް އެކުދިންގެ ފިރިން އެކަމާ ޝައްކުވެގެން އުޅޭކަށް ނުޖެހެއެވެ. ނުވަތަ އަނގައިން ބުނި ފިރިހެނެއްގެ އަނބިމީހާ، ކަމަކާމެދު ޝައްކުވެގެންނެއް ނޫޅޭނެއެވެ.

އިއްސޭ މިހާރު ޙަސީނާގެ ލޯބީގައި ރަނގަޅަށް ޖެހިއްޖެއެވެ. ޢިޝްޤީ ކަނޑެއްގައި ރަނގަޅަށް ޖެހި މީހާ ބެހިއްޖެއެވެ. އޭނާގެ ހަތަރު އުދަރެސް ވަނީ ފެނުޖެހިފައެވެ. އެއްވެސް ފަރާތަކުން ސަލާމަތުގެ އައްސޭރިއެއް ފެންނާކަށް ނެތެވެ. އެހީއަކަށް އެދި އާދޭސްކުރާނީ ކާކަށް ހެއްޔެވެ؟ އޭނާއާ ބައްދަލުވަނީ ކަނޑުގެ ރާޅުތަކެވެ. ތޫފާނީ ވައެވެ. އެތަކެތިވެސް އޭނާއަށް މަގުދެއްކުމުގެ ބަދަލުގައި ކުރަނީ މަލާމާތެވެ. އަތުގައި ހިފުމުގެ ބަދަލުގައި ބޮލުގައި އަޅައި ގަންބާލަނީ އަޑިއަށެވެ.

އިއްސޭ ޙަސީނާ ދެކެ ވާލޯބި ފާޅުގައި އޭނާއަށް ކޮންމެ ދުވަހަކު ބުނެދެއެވެ. ފޯނުކޮށްގެން އާދޭސްކުރެއެވެ. ނަމަވެސް އޭނާ އެކަމާ އަންނަނީ ރުޅިއެވެ. އެއީ ތަހުޒީބު މީހުން އުޅޭނޭ ގޮތެއްކަމުގައި ޙަސީނާ ނުދެކެއެވެ.

އިއްސޭއަކީ ފަހަރެއްގައި ރަނގަޅު ޒުވާނެއް ކަމުގައި ވެދާނެއެވެ. އެކަމަކު ރަނގަޅު ޒުވާނަކު ޙަސީނާގެ ތަޤްދީރުގައި ލިޔެވިފައި އޮންނާނެކަމަކަށް އޭނާ ޤަބޫލެއް ނުކުރެއެވެ.

މަރީނާ އަކީވެސް އަހަރެމެންގެ އޮފީހުގައި އުޅޭ އަންހެންކުއްޖެކެވެ. އޭނާއަކީ މާ ރީތި ކުއްޖެކޭ ނުބުނެވޭނެއެވެ. ހިކި ހިކި ކޮށް ހުންނަ ކުއްޖެކެވެ. އިސްކޮޅުންވެސް އާދައިގެ ދިވެހި އަންހެންކުއްޖަކަށްވުރެ ކުރެވެ. ނަމަވެސް އޭނާއަށް ވުރެ ކުރު ކުދިންވެސް އުޅެއެވެ. އަހަރެމެން އޮފީހުގައިވެސް އެބަ އުޅެއެވެ. އޭނާގެ އެ އިސްކޮޅާ އެ ރޫފައިގެ ސަބަބުން މަރީނާ އަކީ އުޅޭ މީހެއްބާވައޭވެސް ހިތައް އަރައެވެ. ނަމަވެސް ފެންނަ ފެނުމަށް އޭނާގެ ކިބައިގައި އެއްވެސް ސިއްޙީ މައްސަލައެއް ހުންނަހެނެއް ހީއެއް ނުވެއެވެ. ދުވަހަކުވެސް ބަލިވެގެން އޮފީހަށް ސަލާމް ބުނެފައެއް ނެތެވެ. މަސައްކަތަށް ފަރުވާ ބަހައްޓާ ހީވާގި ކުއްޖެކެވެ. އުފާވެރި ހިނިތުންވުމެއްގައި ހުންނަ ހިތްހެޔޮ ކުއްޖެއް މެއެވެ.

އާއްމުކޮށް އަންހެންކުދިންނާ ތަންކޮޅެއް އެކަހެރިކޮށް އުޅޭ އިއްސޭ އެއްދުވަހަކު މަރީނާއާ މާ އޯގަލުގައި ވާހަކަދައްކަން ހުއްޓާ ފެނުނެވެ. ޙަސީނާ އާ ވެވުނު ނާކާމިޔާބު ލޯބީގެ ސަބަބުން އޭނާ ހުންނަނީ ނެގިމަޑުވެފައެވެ. ނަމަވެސް އަލަށް ފަށައިގެން މި އުޅެނީ ކޮންކަމެއް ބާވައެވެ.

''އިއްސޭ މި ދުވަސްކޮޅު ކޮންކަމެއް ފަށައިގެންތަ ތި އުޅެނީ؟''

ކެންޓީނުގައި ސައިބޯން ތިބެދެފައި އަހަރެން އިއްސޭއަށް ބުނެލީމެވެ. އެއިރު އެތާ އަސްތާރުވެސް އިނެވެ.

'' އޭނ !!؟ ''

އިއްސޭ އަކަށް އަހަރެންގެ މަޤްސަދެއް ނުވިސްނުނެވެ.

'' ޙަސީނާ ދޫކޮށްލީތަ؟ މިހާރު ފެންނަނީ މުޅިން މަރީނާ ފަހަތުން ދުވާތަން..''

އަހަރެން އެހެން ބުނުމުން އަސްތާރު ހިނިގަނޑެއް ޖަހާލިއެވެ. ދެކޮނޑު އަރުވާލާފައި އެދޭތެރެއަށް ބޯ ގަންބާލަމުންނެވެ. ހީވީ ބޯޅައަކުން ވައި ހިންދާލި އަޑު އިވުނު ހެންނެވެ. އިއްސޭ ރަނގަޅަށް އަހަރެމެން ދެމީހުންގެ މޫނަށް ބަލާލިއެވެ. އަދި މާނައިން ފުރިގެންވާ ގޮތަކަށް ހިނިތުންވެލަމުން ތަށީގައި ހުރިތަނުން ބަޖިޔަލެއް ނެގިއެވެ. އަދި އޭގެ އެއްކަނުގައި ހިފައި ފަޅިވަރެއްގައި ދައިގަތެވެ.

'' މީ އަސްލު ޓްރިކެއް.. އަހަރެން މިހާރު ޙަސީނާއަކާ އެހާ އަޅައެއް ނުލަން ''

އަނގަޔަށްލީ ބަޖިޔާބުރި ސައިގެ ކޯވަރަކާ އެކީ ރަނގަޅަށް ދިރުވާލުމަށްފަހު އޭނާ ބުންޏެވެ. އެއާއެކު ގޮނޑިއަށް ރަނގަޅަށް ހަމަޖެހިލިއެވެ.

އޭގެ އެހެން ދުވަހެކެވެ. އެދުވަހުވެސް އަހަރެމެން ތިބީ ކެންޓީނުގައި ސައިބޯށެވެ. މަށާ އަސްތާރާ ދެމީހުންނެވެ. އިރުކޮޅަކުން އެތަނަށް އައިސް ވަނީ އިއްސޭއާ މަރީނާ އާ ދެމީހުންނެވެ. އެ މީހުން އައިސް އިށީނީ އެހެން މޭޒެއް ކައިރީގައެވެ. މަރީނާއަށް އަހަރެމެން ފެނުމުން ހީލިއެވެ. ހީލަމުން، އަސްތާރު އޭނާ އަށް ސަޔަކަށް ދަރާފައި އޮތްކަން ހަނދާންކޮށްދިނެވެ. އޭނާއަށް ވުރެ ފޫޓެއްހާތަން ދިގު އިއްސޭ އަހަރެމެންނާ ދިމާއަށް އެއްލޯ މަރާލިއެވެ. އެހާ އުހުގައި ހުރި ލޮލެއް މެރޭ ތަނެއް މަރީނާއަކަށް ނުފެނެއެވެ. އިއްސޭ ތަބަކެއްގައި ހެދިކާ ތަށިތަކާ ދެތަށި ސަޔާ އަތުރައިގެން ގެނެސް މޭޒުމަތީގައި ބެހެއްޓިއެވެ. އެވަގުތު މަރީނާ ސައިތައްޓަށް ހަކުރު އަޅާފައި ގިރާލިއެވެ. ފުރަތަމަ ތަށި އިއްސޭއާ ކައިރިކޮށްލިއެވެ. ދެން އޭނާގެ ސައިތަށި ހަދަންފެށިއެވެ.

މަރީނާ މިގޮތަށް ސައިތަށި ހަދައިދިނުމުން ޙަޤީޤަތުގައި އިއްސޭއަށް ބުނަން ނޭނގޭ އިޙްސާސްތަކެއް ވިއެވެ. އޭނާގެ މަންމަ ފިޔަވާ އިތުރު އަންހެނަކު މި ކަހަލަ ޚިދުމަތެއް އަދި ކޮށްދީފައި ނެތީކަންނޭނގެއެވެ. ނަމަވެސް އެއީ ހަމައެކަނި އެހެން ކޮށްލި އިޙްސާސެކެވެ. މާ ބޮޑު ކަމެއް ނޫނެވެ. އިއްސޭ އަކީވެސް ޒުވާނަކަށް ވެފައި މަރީނާއަކީ ޖިންސުއްލަތީފުންގެ ތެރެއިންވެސް ލަތީފީ ގޮތެއް ހުންނަ ކުއްޖަކަށް ވުމުން މި ކަހަލަ އިޙްސާސެއް މީހަކަށް ކުރެވިދާނެއެވެ. އަދި އަމުދުން އިއްސޭއަކީ އާއްމުކޮށް އަންހެންކުދިންނާއެކު ރަޙުމަތްތެރިކަމުގެ ގުޅުމެއް ނުބާއްވާ މީހަކަށް ވާއިރު، އެކުދިންނާ އެކު ރަޙްމަތްތެރިއެއްގެ އިޙްސާސް ގެންގުޅޭކަށް އޭނާއަކަށް ނޭނގެއެވެ. ނަމަވެސް އޭނާ މިހާރު މަރީނާއާ ވަރަށް ރައްޓެހިވެސް ވެއްޖެއެވެ.

މަރީނާއާ އެކު ލޯބީގެ ގުޅުމެއް ހިންގާކަށް އޭނާ ގަސްތުކޮށްފައެއް ނެތެވެ. ނަމަވެސް ޙަސީނާއަށް ފެންނަފަށުގައި އެކަހަލަ އެކްޓެއް ކުރެވޭތޯ އޭނާ ބަލައެވެ. އިއްސޭ މަރީނާއާ މާބޮޑަށް ގާތްވެގެން އުޅޭކަން ޙަސީނާއަށް ފާހަގަވާން ފަށައިފިމެއެވެ. ނަމަވެސް އޭނާ އެކަމަކާ އަޅައެއް ނުލައެވެ. ގިނަ ދުވަސް ވާން ފެށުމުން އިއްސޭއަކީވެސް ރަނގަޅު ސިފަތަކެއް ހުރި މީހެއްކަން އޭނާއަށްވެސް އެނގެންފަށައިފިއެވެ. އަދި މަޑުމަޑުން އިއްސޭއާމެދު ޚިޔާލުކުރެވެން ވެސް ފަށައިފިއެވެ.

އެއްދުވަހަކު މަރީނާ އިއްސޭއަށް ފޯނުކުރިއެވެ. އަދި އެރޭ އޭނާ އާ އެކު ޕާޓީއަކަށް ދެވިދާނެތޯ އިއްސޭ ކުރެން މަރީނާ އެއްސެވެ. މަރީނާ ގުޅާލުމުން އިއްސޭއަށްވެސް ހިތްހަމަޖެހުން ލިބެއެވެ. އޭނާ އާ އެކު ވަގުތުކޮޅެއް ހޭދަކޮށްލުމުން ވަރަށް ގިނަ ފިކުރުތަކުން އޭނާ ސަލާމަތްވެއެވެ. އަހަރެމެންނާ އެކު އުޅޭއިރު އަބަދު ފުޓުބޯޅަ އާއި ސިޔާސީ ވާހަކަތައް ދައްކައިގެން ލިބޭ ހިތްހަމަ ޖެހުމަށް ވުރެ ބޮޑީ ނުތަނަވަސްކަމެވެ. ކުޅިވަރުގައިވެސް ހިތްހަމަ ނުޖެހޭ ކިތައްމެ ކަމެއް ދިމާވަންޏާއެވެ. އަދި ދުނިޔޭގެ ސިޔާސީ މަސްރަޙުގައި ކަންތައް ދިމާވަނީ މުޅިންވެސް އަހަރެމެން އެކަމާ އަބަދު ހިތްހަމަނުޖެހިފައި ތިބެންޖެހޭ ކަންކަމެވެ. ނަމަވެސް މަރީނާ އާ ވާހަކަދައްކާލުމުން އެކަހަލަ ކަންކަމަކާ އިތުރަށް ހިތް ނުތަނަވަސްވާކަށް ނުޖެހެއެވެ. ފޫހިކަމެއް ނެތި މަރީނާއާ އެކު އޭނާ ދައްކާ އެއްވެސް މާނައެއްނެތް ވާހަކަތައް މިހާރު މާ މުހިއްމުވާން ފަށައިފިއެވެ.

'' ކޮންކަހަލަ ޕާޓީއެއްތަ؟ ''

އިއްސޭ އަހާލިއެވެ.

'' ކުރީ ދުހު ބުނީމެއްނު އައިޝާ މެރީކުރަން އުޅޭ ވާހަކަ ''

މަރީނާ ހަނދާންކޮށްލަދިނެވެ.

'' ތެދެކޭ... މިރޭތަ؟ '' ކުއްލި ޙައިރާންކަމަކާއެކު ވަރަށް އުފާވެލާފައި އިއްސޭ ބުނެލިއެވެ. '' އާން ދާނަން ... ކިހާ އިރަކަށް ދާންވީ؟ ''

އޭނާ އިތުރަށް އޮޅުންފިލުވާލިއެވެ.

'' އުނނނނ ! އެއިޓުގަ އާދޭ އިނގޭ ''

ރަނގަޅަށް ވިސްނާލަމުން މަރީނާ ޖަވާބުދިނެވެ.

'' އޯކޭ.. ހަމަ އޮން ޓައިމަށް ވައްޓާލާނަން... އޭ..! ހަދިޔާއެއް ގަނެފިންތަ..؟ މަވެސް ޖެހޭނެ ދޯ ހަދިޔާއެއް ގެންދަން..؟ ''

'' ދެމީހުން އެކަތި ގެންދިޔައީމަ ވާނެ.. އެކަމް އަދި މަވެސް ނުގަންނަން އެއްޗެއް.. ''

'' އެހެންތަ؟ އޯކޭ އެހެންވީމަ ... ބާޒާރަށް ދަމާ؟ ''

އެއީ ވަރަށް ރަނގަޅު ޚިޔާލެއް ކަމުގައި މަރީނާވެސް އެއްބަސްވިއެވެ. ފޯނު ބޭއްވުމަށް ފަހު އިއްސޭ ވަރަށް އަވަހަށް ތައްޔާރުވެލައިގެން ނުކުތެވެ. އޭނާގެ ސައިކަލުގައި މަރީނާމެން ގެއަށް މިސްރާބު ޖެހިއެވެ.

ކުރިންވެސް ބުނިހެން ޙަސީނާއަށް މިހާރު އިއްސޭއާ މެދު ފިކުރުކުރެވެން ފަށައިފިއެވެ. ނަމަވެސް ކުރިން އުޅުނުހެން އިއްސޭ މިހާރަކު އޭނާއާ ހެދިގެނެއް ނޫޅެއެވެ. ނަމަވެސް އަދިވެސް އިއްސޭ ޙަސީނާއަށް ގޮވާލައެވެ. ޙާލު ކިހެނެތްތޯ އަހާލައެވެ. ކުރިން އޭނާ އެހެން އަހާލިޔަސް އަނގައިން ނުބުނަން ހުންނަ ޙަސީނާ މިހާރު ޖަވާބުދެއެވެ. ޙަސީނާ ވާހަކަދައްކާ އުޅެނީ މިއޮއް ބޮޑު އޮފީހުންވެސް އަސްތާރާ އެކަންޏެވެ. އަސްތާރާ އޭނާ ވާހަކަ ދައްކައެވެ. ވާނީވެސް އެހެންތާއެވެ. އަސްތާރާ ވާހަކަ ނުދައްކާނީ ކާކުހެއްޔެވެ؟ އެހެން މީހަކުވެސް އަނގައިން ބުނެފިއްޔާ ޙަސީނާ އެމީހަކާ ވާހަކަ ނުދައްކައެކޭ ނޫނެވެ.

ދުވަސްތައް މިފަދަ ގޮތަކަށް ފާއިތުވަމުން ދެއެވެ. އެއްވެސް ކަމެއް ބަދަލެއް ނުވެއެވެ. ބަދަލު އަންނަނީ އިއްސޭގެ އުޅުމަށެވެ. އޭނާ މިހާރަކަށް އައިސް ހުންނަނީ މާ އުފަލަކުންނެވެ. އެއްދުވަހަކު އޭނާ ވިސްނާލިއެވެ. އޭނާގެ މަޤްސަދަކީ ކޮބައި ބާވައެވެ؟ އަބަދު މަރީނާ ހޯދަން އުޅެވެނީ ކީއްވެބާއެވެ؟ އޭނާ ބޭނުންވަނީ މަރީނާއާ އެކު ހަމައެކަނި ރަޙުމަތްތެރިކަމެއް ބާއްވާށެވެ. ލޯބިވާން ބޭނުންވަނީ ޙަސީނާ ދެކެއެވެ. ނަމަވެސް މިހާރު އޭނާއަކަށް ޙަސީނާއާ މެދަކު ނުވިސްނެއެވެ. ވިސްނެނީ މަރީނާއާ މެދުގައެވެ. އެކަން ހަނދާންވެއްޖެ ނަމަ އޭނާގެ ހިތުގައި އޮންނަ މަރީނާގެ ތަސްވީރު ގަދަކަމުން ނެރެ ބޭރުކޮށްލާފައި ޙަސީނާގެ ތަސްވީރު ގެނެވޭތޯ ބަލައެވެ. ނަމަވެސް މާ ގިނައިރަކު ހިފަހައްޓައެއް ނުލެވެއެވެ. އަނެއްކާވެސް މަރީނާގެ ހަނދާންތައް އެނބުރި ހިތުގެތެރެއަށް އައިސް ވަދެއެވެ.

 

މަރީނާއަށްވެސް މިހާރު ވާގޮތަކީ އަބަދު އިއްސޭއާ މެދު ފިކުރުކުރެވެނީއެވެ. އިއްސޭ އެމީހުން ގެއަށް ނާންނަ ދުވަހެއް މަދެވެ. މަރީނާގެ މަންމައަށާ ކޮއްކޮމެންނަށް ވެސް އިއްސޭ ވަރެއް ނެތެވެ. އެ އެންމެންނާވެސް އޭނާ ވަރަށް ގުޅެއެވެ. އޭނާގެ ޢާއިލާއާ މިހާ ގުޅުން ރަނގަޅު އެ މީހުންނަށް މިހާ ކަމުދާ ޒުވާނަކު ހޯދާނީ ކޮންތާކުން ހެއްޔެވެ؟ މަރީނާއަށް އިއްސޭ ދެކެ ލޯބި ވެވިއްޖެއެވެ. އޭނާގެ ހިތުގައި މިހިނގާ ޝުޢޫރުތަކަށް ކިޔާނީ ކޮން ނަމެއްކަންވެސް އޭނާ އަށް އެނގެއެވެ. އެއީ ލޯބިކަން އޭނާ އަށް ރަނގަޅަށް އެނގެއެވެ. އަދި އިއްސޭގެ ޢަމަލުތައް ހުންނަ ގޮތުން އިއްސޭވެސް އޭނާދެކެ ލޯބިވާކަން އޭނާ ގަބޫލުކުރެއެވެ. އަދި މާ ލަހެއް ނުވެ އިއްސޭ އޭނާއަށް ލޯބި ހުށައަޅާފާނެކަންވެސް އޭނާ ޔަޤީންކުރެއެވެ.

ޙަސީނާގެ ހިތުގައި މިހާރު އިއްސޭއާ ދޭތެރޭ އެއްވެސް ރުޅިވެރިކަމެއް ނޯންނަކަން އިއްސޭއަށް އެނގިއްޖެއެވެ. ވީމާ އޭނާ އަނެއްކާވެސް ޙަސީނާއާ ވާހަކަދައްކަން ފެށިއެވެ. ގުޅުން ރަނގަޅުކުރަން ފެށިއެވެ. އަދި ޙަސީނާގެ ހިތުން އޭނާއަށް ޖާގައެއް ލިބިއްޖެކަންވެސް ކަށަވަރު ކުރެވިއްޖެއެވެ. ވީމާ މިހާރު މިއޮތީ އެންމެ އެކަށީގެންވާ ވަގުތު އައިސް ޖެހިފައިކަންވެސް އޭނާއަށް އެނގިއްޖެއެވެ.

އެއްދުވަހެއްގެ އޮފީސް ނިންމާލާފައި ގެއަށް ދާން އުޅުމުގެ ތެރޭގައި އިއްސޭ މަރީނާ ކައިރިއަށް ދިޔައެވެ. އަދި ވަރަށް އުފަލުން ހެވިފައި ގޮސް މަރީނާގެ ކުރިމައްޗަށް ހުއްޓުނެވެ.

'' މާ ހެވިފަ ކޮން ކަމަކާތަ؟ ''

މަރީނާ ވެސް ހިނިތުންވެލަމުން ސުވާލުކުރިއެވެ.

'' ކަމެއް ނުވޭ... '' އިއްސޭ ވަގުތުން ޖަވާބު ދިނެވެ. '' އާނ.. އެކަމަކު ވަރަށް މުހިއްމު ވާހަކައެއް އެބަ ޖެހޭ މަރީނާއާ ދައްކާލަން......'' އޭނާ އިތުރުކޮށްލިއެވެ. އިއްސޭ މިބުނި އެއްޗަކުންނާ، އެ ބުނި ރާގުން، އަދި އިއްސޭގެ މޫނުގައި އެވަގުތު ހުރި ކުލަވަރު ފެނިފައި މަރީނާގެ ގައިން ހީބިހި ނަގައި ގަތެވެ. އިއްސޭ ދައްކަން އެ އުޅެނީ ކޮންވާހަކައެއް ކަން އޭނާއަށް އެނގިއްޖެ ކަމުގައި ހީވިއެވެ. ނަމަވެސް އިއްސޭގެ ދުލުން އެވާހަކަތައް ދައްކާ އަޑު އަހާލަން އޭނާ ކިތައްމެހާވެސް ބޭނުމެވެ. އަދި އެ ކަމަށް ލައްކަ އިންތިޒާރުވެސް ކުރެވިއްޖެމެއެވެ.

'' ބުނޭ އަވަހަށް... ކޮން ވާހަކައެއް؟ ''

އެއްވެސް ކަމެއް ނުދެނެ ހުރި މީހަކު ފަދައިން ވަރަށް ސޭކު ރާގަކަށް މަރީނާ ބުންޏެވެ.

'' މިހާރަކު ނޫން އިނގޭ... ވަރަށް ހަމަ ޖެހިލައިގެން މި ވާހަކަ ދެއްކޭނީ.... ބުނަންތަ؟ މިރޭ ކޮންމެސް ތަނަކަށް ކާލަން ދާންވީނުން.. އެއިރުން ހަމަޖެހިލައިގެން ވާހަކަދެއްކޭނީ..''

އިއްސޭ މާކުރިން ސުރެވެސް ރާވާފައި އޮތް ގޮތް މަރީނާއަށް ކިޔައިދިނެވެ. މަރީނާ އުފަލުން ފޮޅުނެވެ. އަދި ވަގުތުން އެކަމާ އެއްބަސްވިއެވެ.

އެ ދުވަހު ގެއަށް ދިޔައިން ސުރެ މަރީނާ އޭނާ މިރޭ އަޅާނެ ހެދުމަކާ މެދު ވިސްނަންފެށިއެވެ. އަލަމާރި ހުޅުވާލުމަށް ފަހު ފަހަރަކު ހެދުމެއް ނަގާ ގައިގައި ޖައްސާލައެވެ. ދެން ލޯގަނޑުން ބަލާލާފައި ޚިޔާލު ބަދަލުވެގެން އަނެއްކާ އެހެން ހެދުމެއް ނަގާފާނެއެވެ. އެންމެ ފަހުން އޭނާ އިޚްތިޔާރުކުރީ ފެހި ކުލައިގެ މާޖެހި ހެދުމެކެވެ. އެ ހެދުން ލާފައި ހުންނަ އިރު އޭނާ ވަރަށް ރީތިކަމަށް އިއްސޭ އަބަދުވެސް ބުނެއެވެ. ވީމާ މިރެއަށް އެންމެ އެކަށީގެން ވަނީ މި ހެދުން ކަމުގައި އޭނާ ނިންމިއެވެ. އެއަށް ފަހު މާނޭވާއެއް ލިއެވެ. ދެން ހެދުން ހިފައިގެން ގޮސް އެ އިސްތިރިކޮށްލިއެވެ.

އަދިވެސް އިރު އޮއްސޭކަށް ނޫޅެއެވެ. މަރީނާ އަށް މާ ދުވަސް ދިގުވާހެން ހީވާން ފަށައިފިއެވެ. އެންމެފަހުން ނުހުރެވިގެން އޭނާގެ ރައްޓެހި އައިޝާއަށް ގުޅާލިއެވެ. އަދި މިރޭ އިއްސޭ އޭނާއަށް ލޯބި ހުށައަޅަން އުޅޭ ވާހަކަވެސް ބުނެފިއެވެ. އައިޝާއަށް ވެސް މަރީނާ އިއްސޭ ދެކެ ލޯބިވާ ވަރު އެނގެއެވެ. ވީމާ އެ ދެމީހުން އެއްވެއްޖެއްޔާ އަބަދު ދައްކާނީ އިއްސޭގެ ވާހަކައެވެ. މިރޭ ގެއަށް އައިސް ވީގޮތް ކިޔައިދޭން ވާނެކަމަށް މަރީނާ ލައްވާ އައިޝާ ވަޢުދުކުރުވައިފިއެވެ.

އެތައް އިރަކު މިދެމީހުން ފޯނުން ވާހަކަދެއްކުމަށް ފަހު ފޯނު ބޭއްވި އިރު އިރު އޮއްސިއްޖެއެވެ. މަރީނާ އަވަހަށް ގޮސް ފެންވަރަން ވަނެވެ. ގާތް ގަނޑަކަށް ދޮޅު ގަޑިއެއްހާ އިރު ފާޚާނާ ތެރޭ އުޅުމަށް ފަހު އޭނާ ނުކުމެ ރީތިވާން ފެށިއެވެ. ހެދުން އަޅާ ރީތިވެ ނިމުން އިރު އިއްސޭ ވެސް އައިސްފިއެވެ. މަރީނާގެ މަންމަ އޭނާގެ ކޮޓަރި ދޮރުގައި ޓަކި ޖަހާފައި އެހެން ބުނެފިއެވެ. މަރީނާ އަވަސް ކޮށްލިއެވެ. އަދި ކޮޓަރިން ނުކުންނަން އުޅެފައިވެސް އެންމެ ފަހު ފަހަރު ލޯގަނޑަށް ބަލާލަން ދިޔައެވެ. އޭނާ މިރޭ ވަރަށް ރީއްޗެވެ. ކޮންމެ އަންހެން ކުއްޖަކީވެސް އުފާވެފައި ހުންނަ އިރު ރީތި ކުއްޖެކެވެ. މަރީނާ މިރޭ އެ ހުންނަނީ ވަރަށް އުފަލުންނެވެ.

މަރީނާގެ ކޮޓަރި ހުންނަނީ ގޭގެ މަތީ ބުރީގައެވެ. އޭނާ ސިޑިން ފައިބައިގެން އައި އިރު އިއްސޭ ސިޓިންރޫމުގައި ހުރި ގޮނޑިއެއްގައި އިށީނދެލައިގެން އިނެވެ. ސިޑިމަތިން މަރީނާގެ ފައި ފެނުނީއްސުރެ އޭނާ އެކީ ފެންނަންދެން ވަރަށް ޝައުޤުވެރިކަމާއެކު އިއްސޭ ބަލަން އިނެވެ. ހީވަނީ ދުވަހަކު ނުފެންނަ މީހަކު ފެންނަން އުޅޭތީ ބަލާލާ ހިތުން އިނީ ހެންނެވެ. ސިޑިން ފައިބައިގެން އަންނަ މަރީނާ މިހާރު އޭނާއަށް އެކީ އެބަ ފެނެއެވެ. އޭނާ ލައިގެން ހުރީ އިއްސޭއަށް އެންމެ ރީތި ފެހިކުލައިގެ މާ ޖެހި ހެދުމެވެ. މަރީނާގެ ބޮލުގެ އިސްތަށިގަނޑުވެސް ވަޔާ ހެލިލާކަމުގައި އޭނާ އަށް އިޙްސާސްވާން ފެށިއެވެ. އެ ގޭތެރެއަށް އެންމެ ވައިރޯޅިއެއް ނުޖެހުނަސް އޭނާއަށް އެހެން ހީވަނީއެވެ. ވީމާ އަނގަ ހުޅުވިފައި އެދިމާއަށް ބަލަހައްޓައިގެން އޭނާއަށް ހުރެވުނެވެ. މަރީނާ އައިސް އޭނާގެ ކުރިމައްޗަށް ހުއްޓެންދެންވެސް އާގަމަވެފައި ބަލަން ހުރެވުނީއެވެ. އެންމެ ފަހުން މަރީނާ އޭނާގެ އަތުގައި އޮތް ކުޑަކުޑަ އަތްދަބަހުން އިއްސޭގެ ކޯތާފަތުގައި މަޑުމަޑުން ޖަހައިފިއެވެ. އަދި މަޑުމަޑުން ހީލިއެވެ. މާތް ކަލާކޯއެވެ. އޭނާގެ ހީލުމުގައި އެ ހުންނަނީ ކޮންފަދަ ހިތްގައިމު ކަމެއް ހެއްޔެވެ؟ އޭނާގެ ހިނިތުންވެފައިވާ މަޑުމަޑު ތުންފަތުގައި ވަނީ ޔާގޫތުގައި ހުންނަ ބިރުވެރި ރަތްކުލައެއް ނޫނެވެ. ނަމަވެސް .... އެހެން ކަހަލަ ޖާދޫއެކެވެ. ދިވެހި ވަންތަ ނާޒުކު ކުލައެކެވެ.

'' ވާހ... ! ''

ދުނިޔެއަށް އެނބުރި އާދެވުމުން އިއްސޭ އަށް ބުނެލެވުނެވެ.

'' ދެން ހިނގާ ދާން އަވަހަށް ''

ހެމުން ހެމުން ލަދުރަކި ގޮތަކަށް މަރީނާ ބުންޏެވެ. އެހެން ބުނުމުން އިއްސޭ ގޮޑިން ތެދުވިއެވެ. އަދި ދެމީހުން އެކުގައި ގެއިން ނުކުތެވެ.

ހަމަ ހިމޭން ރެސްޓޯރެންޓެއްގައި އޭގެ ދެ ޒުވާނުން ކެއުމަކަށް އިންސާފުކުރާން ތިއްބެވެ. އެކަކު އަނެކަކަށް ކުރިމަތިވާ ގޮތަށެވެ. އެތާގެ މާޙައުލުގައި ވަނީ ސިހުރުން ފުރިގެންވާ ފަނޑު އަލިކަމެކެވެ. ހީވަނީ އުޑުމަތި ސާފު ރެއެއްގައި ހަނދުވަރު ދީފައި އޮތް ހެންނެވެ. ހިތްގައިމު އޮމާން މިޔުޒިކެއް ޖަހާފައި ހުއްޓެވެ.

މަރީނާގެ ހިތުގެ ޖަޒުބާތުތަކަށް ބުނަންވެސް ނޭނގޭކަހަލަ އޮއިވަރެއް އައިސްފައި ހުއްޓެވެ. އެހެން ނުވާންވީވެސް ކީއްވެ ހެއްޔެވެ. މި ޖާދުވީ މާޙައުލުގައި، އޭނާގެ ކުރިމަތީގައި އެއިނީ އޭނާ އެންމެ ލޯބިވާ ޒުވާނާއެވެ. އޭނާގެ އެންމެ ގާތް ރަޙުމަތްތެރިއާ އެވެ. އެ ޒުވާނާ މިރޭ އެ އުޅެނީ އޭނާ އެންމެ އަޑުއަހަން ބޭނުންވާ ވާހަކަ ބުނާށެވެ. އެ ވާހަކައެއްގެ ސަބަބުން އޭނާގެ މުޅި ދިރިއުޅުން ބަދަލުވެގެން ދާނެ ވާހަކައެވެ. އޭނާ ދެކެ ލޯބިވާ ވާހަކަ ބުނާށެވެ.

'' މަރީނާ....'' އިއްސޭ މަޑު މަޑުން ބުނެލިއެވެ. '' މަރީނާ އެނގޭތަ އަސްލު..؟ އަހަރެން މިހާރު މި ހުންނަނީ ވަރަށް އުފަލުން... ވަރަށް އުފަލުން.. އެނގޭތަ؟ އަހަރެން މިއުޅެނީ ވަރަށް މުހިއްމު ކަމެއް ކުރަން... ވަރަށް ގިނަ ދުވަސްވެއްޖެ ނުވެގެން އުޅޭ ކަމެއް ކާމިޔާބުވެއްޖެހެން މިހާރު ހީވަނީ.. އެކަމަކު ނޭނގެ އަދި ވާނެ ގޮތެއް.. މިއީ އަހަރެންގެ ދިރިއުޅުމާ ގުޅިފަ ހުރި އެންމެ މުހިއްމު ކަމޭ ބުނެވޭނީ.. މުސްތަޤްބަލް.... '' އޭނާ މަޑުމަޑުން ވާހަކަ ކުރިއަށް ގެންދިއައެވެ. މަރީނާ ކެތްތެރިކަމާއެކު އަޑުއަހަން އިނެވެ. '' ފުރަތަމަ ކަމަކަށް އަހަރެން ބޭނުން ވަނީ މަރީނާކައިރީގަ މިވާހަކަ ބުނަން... މަރީނާ ތީ އަހަރެންގެ ބެސްޓު ފްރެންޑް ހެން އަހަންނަށް ހީވަނީ...'' އަދިވެސް އޭނާ އެ ބުނަން އުޅޭ ވާހަކައެއް ނޭނގެއެވެ. '' މަރީނާ އަށް ވެސް އެނގޭނުން.. އަހަރެން ކުރިއްސުރެވެސް އަންހެން ކުއްޖަކު ދެކެ ވަރަށް ލޯބިން އުޅުނިން ކަން...''

މަރީނާގެ ހިނިތުންވުން ފަނޑުވާން ފަށައިފިއެވެ. އިއްސޭގެ ވާހަކަ އެ ހުރީ އޭނާ ހީކޮށްގެން ހުރި މިސްރާބަށް ނޫންހެން ހީވާން ފަށައިފިއެވެ.

'' އެނގޭނުން އަހަރެން ޙަސީނާދެކެ ވަރަށް ލޯބިން އުޅުނިން ކަން... އެނގޭތަ .. އަހަންނަށް ހީވަނީ އޭނާވެސް މިހާރު އަހަރެން ދެކެ ލޯބިވާހެން .. އަހަރެން މި އުޅެނީ އޭނާ ގާތު އެ ވާހަކަ އަލުން ބުނަން... މި ފަހަރު އަހަންނަށް ކާމިޔާބު ވާނެކަން ޔަގީން... އެކަމަކު އަދި ނުބުނަން .... ފުރަތަމަ މި ބުނީ މަރީނާ ކައިރީގަ..''

އިއްސޭގެ ދުލުން ނިކުމެގެން އަންނަ ކަލިމަތައް މަރީނާގެ ހިތުގައި ޒަލްޒަލާއެއް އުފައްދައިފިއެވެ. އޭނާގެ އުއްމީދުތައް ފުނޑުފުނޑުވެއްޖެއެވެ. ދެކެމުން އައި ރީތި ހުވަފެން ބިލާހަކަށް ވީއެވެ. އޭނާ އަށް ފެނުނީ އަވާ މެންދުރެކެވެ. އިއްސޭ އޭނާ ދެކެ ލޯތްބެއް ނުވެއެވެ. އޭނާގެ ހުރި މޮޔަކަމާއެވެ. މަރީނާ ގަދަކަމުން ހިނިތުން ވެގެން އިނެވެ. އިއްސޭއަށް ޓަކައި އުފާވެރި މޫނެއް ދެއްކޭތޯ އޭނާ ނާކާމިޔާބު މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާގެ ދެލޯ ފެންކަޅިވިއެވެ. ހިފެހެއްޓުމެއް ނެތި ލޮލުން ކަރުނަ ތައް ފައިބަން ފެށިއެވެ.

'' މަރީނާ...! ؟ ރޮނީތަ...؟ ''

ވަރަށް ސޭކު ފާޑަކަށް އިއްސޭ ސުވާލުކުރިއެވެ. މަރީނާ ގަދަކަމުން ހޭންފެށިއެވެ.

'' އިއްސޭއަށް އަދި އަހަރެން ނޭނގެނީނުން... ހާދަ މޮޔައޭ ދޯ؟ ބަލާބަލަ އަހަރެންގެ މޫނަށް... އަހަރެން މި ހެނީނުން... އެނގޭތަ އަހަރެންގެ ލޮލުން ކަރުނަ އަންނާނެ އުފާވީމަވެސް.. އަހަރެން ވަރަށް އުފާވެއްޖެ އިއްސޭގެ ލޯބި ކާމިޔާބު ވީމާ... އިއްސޭ ދެން ލަސް ނުކޮށް އަވަހަށް އޭނާ ކައިރިއަށް ގޮސް ބުނޭ ތިވާހަކަ... ލަސް ނުކުރޭ..''

މަރީނާ އޭނާގެ ޒަޚަމްވެފައިވާ ހިތުގެ ވޭންތައް މޫނުމަތިން ފޮރުވޭތޯ ބެލިއެވެ. އަދި ހިނިތުންވިއެވެ.

'' އަޅެ މަރީނާ ހާދަ ރަނގަޅޭ... އަހަރެންގެ ކަމެއްގަ އުފަލުން ރޮވޭނީ .....''

އިއްސޭ މީ ކޮންތާކު މޮޔައެއް ހެއްޔެވެ؟ އޭނާ އަށް މަރީނާގެ ޙާލު ނޭނގެނީ ހެއްޔެވެ؟ އޭނާ ގެ ލޯބި ކުރިމަތިން ފެންނަން ހުއްޓާވެސް އެނބުރި އެހެން ދިމާއެއް ހޯދަނީ ކީއްވެ ހެއްޔެވެ؟ އިއްސޭ އަށް ހަމަ ނުވިސްނެނީ ހެއްޔެވެ؟

މަރީނާއަކަށް އިތުރަކަށް ވާހަކައެއް ނުދެއްކުނެވެ. އިއްސޭ އުފާވެފައި އިނދެގެން އޭނާގެ ހުުވަފެންތައް މަރީނާއަށް ކިޔައިދެމުން ގެންދެއެވެ. އެވާހަކަތަކަށް ހިނިތުންވެގެން އިން މަރީނާއަކަށް އެ ދައްކާ ވާހަކަތަކެއް އަޑު އިވޭހެނެއް ވެސް މިހާރަކު ހީއެއް ނުވެއެވެ. ނަމަވެސް އޭނާ އޭނާގެ ޖަޒުބާތުތައް ފޮރުވޭތޯ މަސައްކަތް ކުރިއެވެ.

އެރޭ ގެއަށް އައިސް މަރީނާ ވަގުތުން ގޮސް ވަނީ ކޮޓަރިއަށެވެ. އަދި ހެދުންވެސް ބަދަލު ނުކޮށް އޭނާ އެދުމައްޗަށް ވެއްޓިގަތެވެ. އޭނާގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަތައް ފައިބަން ފަށައިފިއެވެ. އޭނާ އަށް ރަނގަޅަށް ރޮވިއްޖެއެވެ. އޭނާ މޮޔައީ ހެއްޔެވެ؟ އޭނާ އަށް ރަޙުމަތްތެރިކަމާ ލޯތްބާ އޮޅުނީ ހެއްޔެވެ؟ ނޫނެކެވެ. އިއްސޭ އޭނާއާމެދު ބޭއްވީ ހަމައެކަނި ރަޙްމަތްތެރިކަމެއް ނޫނެވެ. އެއަށް ވުރެ މާ ގާތް ގުޅުމެކެވެ. އޭނާގެ ޢަމަލުތަކުންނާ ބުނާ އެއްޗެހިން އެކަން އެނގެއެވެ. ވީ އިރު އިއްސޭ އެ ކުރީ ކޮންފަދަ ބޮޑު އަނިޔާއެއް ހެއްޔެވެ؟ ނުލާހިކު މަޢުސޫމު އަންހެންކުއްޖެއްގެ ހިތާ އޭނާ އެ ކުޅެލީ ކޮންފަދައަކުން ހެއްޔެވެ؟

އަނެއް ދުވަހު އޮފީހަށް ނާންނަން ހުރެފައިވެސް މަރީނާ އައެވެ. އޭނާ އަކީ ހިތްވަރުގަދަ ކުއްޖެކެވެ. ވީމާ ވެދިޔަ ކަންތައް ހަނދާން ނައްތާލަން އޭނާ ނިންމިއެވެ. އެދުވަހު އިއްސޭ ޙަސީނާ އަތައް ފޮތެއް ގެންގޮސް ދިނެވެ. ޙަސީނާ އެ ފޮތް ހުޅުވާލިއިރު އޭގެ ތެރޭގައި ކަރުދާސް ކޮޅެއްގައި ލިޔެފައި އޮތް ނޯޓެއް އޮތެވެ. '' ވަރަށް މުހިއްމު ވާހަކައެއް ދައްކާލަން ބޭނުން. މަށާ ބައްދަލު ކޮށްލެވިދާނެތަ؟ '' އިއްސޭގެ ނަންޖަހާފައި އޮތް މި ކަރުދާސްކޮޅުގައި އޮތީ އެހެންނެވެ. ޙަސީނާ ވަރަށް އުފާވިއެވެ. އަދި ކެތްތެރިކަމެއް ނެތި އޭނާ އިންތިޒާރު ކުރަމުން އައީ އިއްސޭ ދެން އޭނާ ކައިރިއަށް އަންނާނެ އިރަކަށެވެ. އަދި އޭނާ އެހެރީ އިއްސޭ ބުނި އިރަކުން ބުނި ތާކުން ބައްދަލުވާން ތައްޔާރަށް ކަމުގައި ކަން އޭނާ ބުނަން ބޭނުންވެއެވެ.

އެ ދުވަހުގެ އޮފީސް ނިމި އެންމެން ގެއަށް ދާންފެށުމުން ވެސް ޙަސީނާ މަޑުމަޑުން އިނެވެ. އިއްސޭ އަންނާނެކަން އޭނާއަށް އެނގެއެވެ.

'' އަހަރެންގެ ނޯޓުކޮޅު ލިބުނު ދޯ ؟ ''

ޙަސީނާގެ ކުރިމައްޗަށް އައިސް ހުއްޓިފައި އިއްސޭ ބުންޏެވެ. ޙަސީނާ ބޯޖަހާލިއެވެ.

'' ކީކޭ ބުނަނީ ؟ ''

އިއްސޭ ވަރަށް ފަރުވާތެރިކަމާއެކު ޙަސީނާގެ މޫނަށް ބަލާލަމުން އަހާލިއެވެ. ޙަސީނާ ޖަވާބެއް ނުދެއެވެ. ނަމަވެސް އޭނާ ހިނިތުންވެލިއެވެ. އެއަށް ފަހު އިސްދަށަށް ޖަހާލިއެވެ. ޙަސީނާގެ ޖަވާބަކީ އާނއެކޭ ކަން އެވަގުތު އިއްސޭއަށް އެނގުނެވެ.

'' މިރޭ ނުވައެއް ޖަހާއިރު އަހަރެން ތި ގެއަށް ދާނަން އިނގޭ..؟ ''

އިއްސޭ ވަގުތު ހަމަޖެއްސިއެވެ. އެއަށް ފަހު އޭނާ ނިކުމެގެން ހިނގައްޖެއެވެ. ދެއަތް ދެއަތާ ތަޅަމުން ނެވެ. ޒާތަކަށް ހޫރެމުންނެވެ. ހެވިފައި ހުރެގެންނެވެ. ދޮރުން ބޭރަށް ނުކުމެވުމާއެކު އޭނާ ދެކޮޅު ބަލާލިއެވެ. އަދި އެއްވެސް މީހަކު ފެންނަން ނެތުމުން ދެއަތް ފުޅާކޮށްފައި ފުންމައިގަތެވެ. ދެން އަނގައިން ފާޑެއްގެ ރާގެއް ލައްވަމުން އޭނާ ހިނގައްޖެއެވެ.

ގެއަށް ދިޔަ މަގުމަތީގައި އިއްސޭ ވަނީ އެތާ ކައިރީގައި ހުރި ބޮޑު ވިޔަފާރި އެކުވެންޏަކަށެވެ. އޭނާ އެތާތެރޭގައި ހުރި މާވިއްކާ ފިހާރައަކަށް ވަނެވެ. އަދި ވަރަށް ރީތި ރަތް ފިނިފެންމަލަކާ ރީތީ ކާޑެއް ގަތެވެ. ހޫނު ދުވަހެއްކަމުން އޭނާ ހުރީ ވަރަށް ކަރުހިއްކައިގެންފައެވެ. ވީމާ ކަރުތެންމާލާނަމޭ ހިތާ ދެން އޭނާ ވަނީ އެތާ ހުރި ކޮފީޝޮޕަކަށެވެ.

މޭޒެއް ކައިރީގައި ފިނި އޮރެންޖު ޖޫސް ތައްޓެއް ހިފައިގެން އިއްސޭ އޭނާގެ ޚިޔާލީ ދުނިޔެއަށް ގެއްލިފައި އިނެވެ. މޭޒުގެ އެއް ކައިރީގައި އޭނާ ގެންގުޅުނު ކާޑާއި ފިނިފެންމާ ބާއްވާފައި އޮތެވެ. އެހެން އިންދާ އެތަނަށް އައިސް ވަނީ އައިޝާއެވެ. އައިޝާ އޭނާގެ ދަތްޕިލާ ސޭލްއަޅުވައިގެން އައިސް އިއްސޭގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނެވެ. އަނެއް ގޮނޑީގައި އޭނާގެ އަތްދަބަސް ބާއްވަމުންނެވެ. އޭނާ އެއިރުވެސް މާނައިން ފުރިފައިވާ ބެލުމަކުން އިއްސޭގެ މޫނަށް ބަލަން އިނެވެ. މޭޒުމަތީގައި ބާއްވާފައި އޮތް މަލާއި ކާޑުވެސް އޭނާއަށް ފެނުނެވެ. އަދި އިއްސޭއާ ދިމާކޮށްލަން ތައްޔާރުވީ ވަގުތު އިއްސޭ އެކަމަށް ހުރަސް އެޅިއެވެ.

'' އައިޝާ ހާދަ ސިއްޙަތު ރަނގަޅުހެން ހީވެއޭ... އަނެއްކާ ވިޓަމިންގަނޑަކާތަ އިނދެގެން ތިއުޅެނީ؟ ''

އިއްސޭ އެއްލޯ މަރާލަމުން ހީލިއެވެ. '' ކޮބާތަ ތިގެންގުޅޭ ވިޓަމިންގަނޑު...؟ '' އަނެއްކާ އިއްސޭ ސުވާލު ކުރިއެވެ. އޭނާގެ ބޭނުމަކީ މޭޒުމަތީގައި އޮތް ކާޑާއި ފިނިފެންމަލާ މެދު އައިޝާގެ ސަމާލުކަން ގެއްލުވާލާށެވެ.

'' ވެއްޖެ މިތަނުން ތާކަށް ވަދެ.. އިރުކޮޅަކުން އަންނާނެ..... އޭ ތިއެއް ނޫނޭ.. ދެން ބުނެބަލަ މަރީނާއަށް ވިޓަމިން ދޭން ފަށާނީ ކޮން އިރަކުންތަ؟؟؟ '' ހެމުން ހެމުން އައިޝާ އެ ސުވާލު ކޮށްލިއެވެ. އިއްސޭ ކައިރިއަށް އައީ އަމަށަކު ހިންޏެއް ނޫނެވެ. ގިނަ މީހުން ހީކުރަނީ އޭނާ އުޅެނީ މަރީނާއާ ރައްޓެހިވެގެން ކަމަށެވެ. އެކަމަކު މީ ދެން ބޮޑުވަރެއް ނޫން ހެއްޔެވެ؟ އައިޝާ އެހެން ހީކޮށްގެން ނުވާނެ ނޫން ހެއްޔެވެ؟ އައިޝާ އަކީ މަރީނާގެ އެންމެ ގާތް ރަޙްމަތްތެރިޔާ ވިއްޔާއެވެ.

'' މިހާރު ބާޒާރުގަ މަލުގެ ޑިމާންޑުވެސް ވަރަށް ބޮޑުވެއްޖޭ މީހުން އެބަ ކިޔާ.. '' އައިޝާ އަނެއްކާ ބުނެލިއެވެ.

'' އޭ ކޮން ވާހަކައެއްތަ ދި ދައްކަނީ؟ މަރީނާ އަކީ މަގޭ ފްރެންޑެކޭ... ! '' އިއްސޭ ޙަޤީޤަތް އޮޅުންފިލުވައިދެވޭތޯ ބެލިއެވެ.

'' ކޮންމެހެން ދެން މާ ނޫން ކަމަށް ހެދޭނެ ކަމެއް ނެތޭ.. މަށަށް ތި ހުރިހާ ކަމެއްވެސް އެނގޭ އަމްދަކުން.. ހީވޭތަ މަރީނާ މަށަށް ކިޔައި ނުދީ ހުންނާނެހެން؟ ރޭގަ ދެމީހުން ރެސްޓޯރެންޓަށް ދާން އުޅުނުވާހަކަ މަރީނާ އޮތީ މާ ކުރިން މަ ކައިރީގަ ބުނެފަ.. އެނގޭތަ އަދި ބުންޏޭ އިއްސޭ މިރޭ ލޯބި ހުށައަޅާނޭވެސް.. މަ ބުނިން ފޮނި ނުވާށޭވެސް... ފިރިހެނުންގެ ގޮތެއް ނޭނގޭނޭ.. އެކަމަކު ނޭނގުނެއް ނު .. މިހާރުވެސް ތި އުޅެނީ މަލާ ކާޑާ އެއްޗެހި ގަނެގެން ވިއްޔާ ...''

އިއްސޭއަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. ހައިރާންވެގެން އަނގަ ހުޅުވިފައި އިނދެވުނީއެވެ. އޭނާ އަށް މި ކުރެވުނީ ކީއް ބާވައެވެ. މަރީނާ އޭނާދެކެ ލޯބި ވަނީ ބާވައެވެ. މަރީނާ އަށް ރޭގައި ރޮވުނީ އެހެންވެގެން ބާވައެވެ؟ އޭނާ ދެކެ މަރީނާ ލޯބިވާން އޭނާ އަށް ކުރެވުނީ ކީއްބާވައެވެ؟ މާ ބޮޑަށް ގާތްވެވުނީ ހެއްޔެވެ؟ އާނއެކެވެ. އެއީ އެކަން ވީ ގޮތެވެ. އެކަމަކު އަންހެން ކުދިން މާ އަވަހަށް ކަންކަމުގެ މާނަ އޮޅުވާލަނީ ކީއްވެ ހެއްޔެވެ؟ މީހަކު މާ ބޮޑަށް ގާތްވެގެން އުޅުމުން އެއީ ލޯބި ކަމުގައި ދެކެނީ ކީއްވެ ހެއްޔެވެ؟ އާނއެކެވެ. އޭނާއަށްވެސް މަރީނާ ކަމުދެއެވެ. އަބަދު އެކީގައި އުޅޭހިތް ވެއެވެ. ވާހަކަ ދައްކާ ހިތްވެއެވެ. ނުފެނުމުން އަބަދު ހަނދާންވެއެވެ. އިރު އިރު ކޮޅާ ގުޅާލާހިތް ވެއެވެ. އެކަމަކު އޭގެ މާނަ އަކީ ލޯބި ހެއްޔެވެ؟ ފިރިހެނުންގެ މިޒާޖެވެ. އަންހެން ކުއްޖަކާ އެގޮތަށް ކިތައްމެހާ ވެސް ކައިރިވެވިދާނެއެވެ. އަދި އެ މީހުން އެ ކުދިންނާ ގާތްވެގެން އުޅެނީ ކޮންމެހެން އެކުދިން މަޅިއެއްގައި ޖައްސާކަށްވެސް ނޫނެވެ. ހިތުގައި އޮންނަ ޝައުޤެއްގެ ބޮޑުކަމުން އެހެން އުޅެވެނީއެވެ. ވީ އިރު އެކަމުގައި ފިރިހެނުން ކުއްވެރިކޮއްގެން ނުވާނެ ނޫންހެއްޔެވެ؟ ފަހަރެއްގައި ވެސް އެއީ ލޯބި ކަމުގައި އެމީހުން ގަބޫލެއް ނުކުރެއެވެ. އެވަރު އަންހެންކުދިންނަށް ނުުވިސްނެނީހެއްޔެވެ؟ ހަމަ ގައިމުވެސް މަރީނާއަކީ އިއްސޭ ލޯބިވާން ބޭނުން ކުއްޖާއެއް ނޫނެވެ. އޭނާ ލޯބިވާނީވެސް އަދި ލޯބިވާން ބޭނުމީވެސް ޙަސީނާ ދެކެއެވެ.

'' އޭ މިހާރު ހުރެވޭކަށް ނެތް އިނގޭ .. ވަރަށް އަވަހަށް ތާކަށް ދާން ޖެހިއްޖެ..'' ގަޑި ބަލާލަމުން އިއްސޭ ތެދުވިއެވެ. އޭނާ އެތާ އިންނާކަށްވެސް ބޭނުމެއް ނުވިއެވެ. އޭނާ ބޭނުންވަނީ އަވަހަށް އެތަނުން ނުކުމެގެން ދާށެވެ.

'' ދެން ދޭ... ކީއްވެތަ އަދިވެސް އެއްބަސް ނުވާން ތިއުޅެނީ؟ '' ހެމުން ހެމުން އައިޝާ ބުނެލިއެވެ. އޭނާ އެހެން ބުނި ކަމެއްވެސް އިއްސޭއަކަށް ނޭނގުނެވެ. އަވަސް އަވަހަށް ބިލް އަދާ ކޮށްލާފައި ނުކުމެގެން އޭނާ ހިނގައްޖެއެވެ.

ގެއަށް ދެވުނު އިރުވެސް އިއްސޭގެ ބޮލުގައި އެނބުރެނީ އައިޝާ ދެއްކި ވާހަކަތަކެވެ. އޭނާ އާ މަރީނާ އާ ދެމެދު ހިނގާފައި ހުރި ކަންތައްތަކެވެ. މަރީނާ އާ އެކު ހޭދަކުރެވިފައިވާ ވަގުތު ތަކެވެ. އުފާވެރި ވަގުތުތަކެވެ. މަރީނާ ހިތާމައިން ހުރުމަކީ އޭނާ އެއްގޮތަކަށް ވެސް ބޭނުން ކަމެއް ނޫނެވެ. އަބަދުވެސް އެދެވެނީ މަރީނާ އުފަލުގައި ހުންނާށެވެ.

އެއްދުވަސް ވަރެއްގައި މަރީނާގެ ފަހަތުން އަޅައިގަނެގެން ފާޑެއްގެ ފިރިހެނަކު އުޅުނެވެ. އެއީ އިއްސޭގެ ނަޒަރުގައި ފާޑެއްގެ ފިރިހެނެއް ކަމުގައި ވިޔަސް ޙަޤީޤަތުގައި ގޯސް މީހެއް ނޫނެވެ. ހަމަ ރަނގަޅު އިންސާނެކެވެ. އާދައިގެ މަތީން ފިރިހެނަކު އަންހެނެއްގެ ލޯތްބަށް އެދިގެން އުޅޭ ބީދައިން އުޅުނު ޒުވާނެކެވެ. ނަމަވެސް އިއްސޭ އޭނާދެކެ އައީ އަމަށަކު ރުޅިއެއް ނޫނެވެ. އެ ޒުވާނާއަށް ވަރަށް އިންޒާރުދީ އޭނާ މަރީނާއާ ކައިރިވިޔަކަ ނުދިނެވެ. އިއްސޭގެ ހިތުގައި އަލިފާންކަހަލަ ޙަސަދަވެރިކަމެއް އެ ޒުވާނާ އާ މެދު އުފެދުނެވެ. ނަމަވެސް އެ ދުވަސްވެސް މިހާރު ފާއިތުވެ ހިނގައްޖެއެވެ. މި ހުރިހާ ކަމެއް އިއްސޭގެ ހަނދާނީ އިސްކިރީނުގައި ތަމްސީލުވަމުން ދިޔައީ ފޮރުވިފައި ވާ ޙަޤީޤަތްތަކެއް ފާޅުވާ ފަދައިންނެވެ. ޣާފިލުކަމުގެ އަނދިރިކަމުން އަލިކަމަކަށް އާދެވޭ އުސޫލަކުންނެވެ.

'' އިއްސޭއަށް އަދި އަހަރެން ނޭނގެނީނުން... ހާދަ މޮޔައޭ ދޯ؟ ބަލާބަލަ އަހަރެންގެ މޫނަށް... އަހަރެން މި ހެނީނުން... އެނގޭތަ އަހަރެންގެ ލޮލުން ކަރުނަ އަންނާނެ އުފާވީމަވެސް.. އަހަރެން ވަރަށް އުފާވެއްޖެ އިއްސޭގެ ލޯބި ކާމިޔާބު ވީމާ... އިއްސޭ ދެން ލަސް ނުކޮށް އަވަހަށް އޭނާ ކައިރިއަށް ގޮސް ބުނޭ ތިވާހަކަ... ލަސް ނުކުރޭ..'' މަރީނާ ރޮނީ ހޭ؟ އެހުމުން ރެސްޓޮރެންޓުގައި އިނދެފައި އިއްސޭއަށް އޭނާ ދިން ޖަވާބަކީ މިއީއެވެ. އެއިރުވެސް އިއްސޭ އަކަށް އެއްވެސް ކަމެއް ވިސްނުނު ކަމަކަށް ނުވިއެވެ. ނަމަވެސް މިހާރު އޭނާ އަށް އެ ހުރިހާ ކަމެއް ވަރަށް ސާފުކޮށް އެބަ ހާމަވެއެވެ. މަރީނާގެ އެ ބަސްތަކާ އޭނާގެ ހިނިތުންވެފައި ހުރި ހިތާމެވެރި މޫނު އިއްސޭއަށް ހަނދާންވާންފެށިއެވެ. މާތްކަލާކޯއެވެ! އޭނާ އަށް މި ކުރެވުނީ ކީއް ހެއްޔެވެ؟

 

ގެއަށް ދިޔަގޮތަށް ގޮސް އޭނާ އެނދުމައްޗަށް ވެއްޓިގަތެވެ. އުއްޑުން އޮވެގެން ފަންގިފލާއާ ދިމާއަށް ބަލަހައްޓައިގެން އޮތެވެ. ބޯދަށަށް ދެއަތް ލައިގެންނެވެ. ރަނގަޅަށް ދިގުދެމިލައިގެންނެވެ. އެހެން އޮވެގެން އޭނާ އަދިވެސް އެ ކުރަނީ މަރީނާގެ ފިކުރުތަކެވެ. ނުވަތަ ޙަސީނާގެ ފިކުރުތަކެވެ. އޭނާއަށް އެވަނީ ގޮތް ނޭނގޭ ހަތަރުއަނގޮޅިއަކަށް ނިކުމެވިފައެވެ. ވަންނަންވީ މަގެއް ނުވިސްނިފައެވެ. އެތައްއިރަކު އޭނާ އެގޮތަށް އޮތެވެ.

 

އެރޭގެ ނުވައެއް ޖެހުމުގެ ކުރިން އޭނާ ވަކި ގޮތެއް ނިންމައިފިއެވެ. މިރެއަކީ އެތައް ޒަމާނަކުއްސުރެ އޭނާ ކާމިޔާބު ނުވެގެން އުޅުނު ލޯބި ކާމިޔާބު ވާން އޮތް ރެއެވެ. ވީމާ އޭނާ އެ ފުރުސަތު ގެއްލުވާލާކަށް ބޭނުމެއް ނުވިއެވެ. މާ ބޮޑު ތައްޔާރުތަކެއް އޭނާ ނުވެއެވެ. މާބޮޑަކަށް ރީތިވެ ހެދޭކަށް އޭނާ ބޭނުމެއް ނުވިއެވެ. އޭނާގެ ކުރިން ހުރި ޖޯޝެއް މިހާރަކު ނެތެވެ. ގަނެގެން އުޅުނު ފިނިފެންމަލާއި ކާޑުވެސް ގަސްތުގައި ގޭގައި ބާއްވާފައި އޭނާ ޙަސީނާމެން ގެއަށް ހިނގައްޖެއެވެ.

އެގޭ ދޮރޯށި ހިއްލާލާފައި ސަލާމް ގޮވާލުމުން އެތެރެއިން ނުކުތީ ދިހަ ވަރަކަށް އަހަރުގެ އަންހެން ކުއްޖެކެވެ. ހަމަ ޙަސީނާ ކަހަލަ ދޮން ރީތި ކުއްޖެކެވެ. ހުޅުވާފައި ހުރި ދޮރުން އެތެރޭގައި ތިބި މީހުންވެސް ފެންނާން ތިއްބެވެ. ދެވަން ފުރައިގެ ރީތި އަންހެނަކާ މަދަރުސާއަށް ދާ ފުރައިގެ ބޮޑު ފިރިހެން ކުއްޖަކެވެ.

'' ޙަސީނާ އެބަ އުޅޭތަ ކޮއްކޯ ؟ '' އަންހެއް ކުއްޖާ ކުރެން އިއްސޭ އަހާލިއެވެ. މަޑުކޮށްލާށޭ ކިޔާފައި އެކުއްޖާ ދުވެފައި ގޮސް ގޭތެރެއަށް ވަނެވެ.

'' ދޮންތަ ހޯދަން މީހަކު އައިސްފި '' އޭ ގޮވާލި އަޑު އިވުނެވެ. އެވަގުތު ފާޑަކަށް ކޮރު ޖަހަމުން ކަހަލަ ގޮތަކަށް ގޭތެރޭގައި އިން ފިރިހެން ކުއްޖާ ނުކުތެވެ. އިށީނދެ އިނދެވުން ގޮތަކުން އެ ކުއްޖާގެ ފައި އައްސިވެފައި ހުރިހެން ހީވެއެވެ. ވަރަށް އަދަބުވެރި ގޮތަކަށް އެކުއްޖާ އިއްސޭ އެތެރެއަށް ވަންނަން ދަޢުވަތުދިނެވެ. އިއްސޭ ކުރިންވެސް އަންނާނެކަން އެމީހުންނަށް އޮތީ އެނގިފައިކަން އިއްސޭއަށް ވިސްނުނެވެ.

އޭނާ އެތެރެއަށް ގޮސް ވަނުމުން ފިރިހެންކުއްޖާ އެތެރެގޭތެރެއަށް ގޮސް ގެއްލިއްޖެއެވެ. ދޮންތައަށް ގޮވަން ދިޔަ އަންހެން ކުއްޖާވެސް ފަހުން ނުނިކުމެއެވެ. އެތާ މިހާރު އިނީ ކުރިންވެސް ފެންނަން އިން އަންހެންމީހާއެވެ. އެ އަންހެން މީހާ ހިނިތުންވެލިއެވެ. " އިސްމާޢީލް ނާޖީ ދޯ ؟ '' އެމީހާ ވަރަށް ހިތްހެޔޮ އަޑަކުން ބުންޏެވެ. އޭނާގެ ހިނިތުންވުމުގައި ވަނީ ޙަސީނާގެ ކުލަވަރެވެ. އެ ރީތިކަމެވެ. ނަމަވެސް ވިސްނުން ތޫނު އޯގާތެރި ގޮތެއް އޭނާގެ މޫނުމަތީން ފާޅުވާން ހުއްޓެވެ. އަންހެން މީހާ ކުރި ސުވާލަށް ހިނިތުން ވުމަކުން އިއްސޭ ޖަވާބު ދިނެވެ. '' މަޑުކޮށްލާ އިނގޭ.. ޙަސީނާ އެބަ ނިކުމޭ މިހާރު.. '' އޭނާ ހިނިތުންވަމުން ބުނެލިއެވެ. އިރުކޮޅަކު އެތާ އިނދެފައި '' ދަރިފުޅާ '' އޭ ގޮވަމުން އޭނާ އެތެރެއަށް ވަދެގެން ހިނގައްޖެއެވެ. އިއްސޭ އެކަނި ބައިންދާފައެވެ. ފަހަރެއްގައި އެއީ ޙަސީނާ ނިކުތުމުން އޭގެ ދެކުދީންނަށް އެކަހެރި ގޮތުގައި ބައްދަލުވާނެ ފުރުސަތު ދޭން ކަމަށް ވެދާނެއެވެ. ކޮންމެއަކަސް މާ ގިނައިރުތަކެއް ނުވެ ޙަސީނާ ނުކުތެވެ. އޭނާ ވަރަށް ވެސް ރީއްޗެވެ. އެކަމަކު ......

އިއްސޭ ޙަސީނާ އަށް ބަލާލިއެވެ. އެކަމަކު އޭނާއަކަށް މާ ބޮޑު އަސަރުތަކެއް މިރެއަކު ނުކުރިއެވެ. ޙަސީނާގެ ކިބައިގައި ހުރި ޖާދޫ ގެއްލުނީހެއްޔެވެ؟ އޭނާގެ ހިތްވަނީ އެހެން ތާކުއެވެ. އޭނާގެ ހިތުތެރޭގައި ފާޑެއްގެ އަރާރުންގަނޑެއް ހިނގަންފެށިއެވެ. ޙަސީނާ ފެނުނު ވަގުތުވެސް އޭނާއަށް މިހާރު ޙަސީނާ ދެކެ ލޯބި ނުވެވޭކަން ޔަޤީން ވެއްޖެއެވެ. އަދި އޭނާ ލޯބިވަނީ ކާކު ދެކެކަން ވެސް ކަށަވަރުވެއްޖެއެވެ.

'' ވަރަށް އިރުވެއްޖެ ދޯ އިންނަތާ... ؟ ސޮރީ އިނގޭ '' ލަދުވެތި ގޮތަކަށް ޙަސީނާ ވާހަކަފެށިއެވެ.

'' ނޫނޭ.. ހަމަ މި އައީ ނުން ..'' އިއްސޭ ހިނިތުންވެލަމުން ޖަވާބު ދިނެވެ. ޙަސީނާ އަކީ ވެސް ރަނގަޅު ކުއްޖެކެވެ. އޭނާ ކިތައްމެ ރީއްޗަސް އޭނާގެ ހިތުގައި ވެސް އޮންނަނީ ހަމަ އެހެން ކުދިންގެ ވެސް އޮންނަކަހަލަ ހިތެއްކަން ޔަޤީނެވެ. އިއްސޭ އެންމެ ކަންބޮޑުވަނީ އެ ސަބަބާ ހުރެއެވެ.

'' ބުނަންތަ އަސްލު.. '' ޖެހިލުންވެ ހުރެ އިއްސޭ ވާހަކަ ފެށިއެވެ. '' މަށަކަށް އަސްލު ނެތް މާ ގިނައިރަކު ހުރެވޭކަށް ... މި ބުނީ.. ޙަސީނާ އެއްޗެއް ހީނުކުރާތި.. '' އިއްސޭ ބޭނުންވީ އެތަނުން ސަލާމަތްވެގެން އަވަހަށް ދާށެވެ. '' އަހަރެން މިރޭ އަންނަން ބުނި މަޤްޞަދެއް މިހާރަކު އަސްލު އަހަރެންގެ ހިތަކު ނެތް.. އަހަރެން މި ބުނަން އުޅޭ އެތި ޙަސީނާއަށް ވިސްނޭނެ ކަމަށް ހީކުރަން ... ވޭތުވެ ދިޔަ ދުވަސް ތަކުގައި މަގޭ މުޅި ދިރިއުޅުމަށް ވަރަށް ގިނަ ބަދަލުތަކެއް މި ވަނީ އައިސްފައި.. ކޮނޑު އޮތް ފުރޯ ވަލުން ހޯދަން މި އުޅެވުނީ.. ޙަސީނާ..! އަހަރެން އެއްގޮތަކަށްވެސް ޙަސީނާއަކަށް ދެރަގޮތެއް ނޭދެން ... އެކަމަކު ޙަސީނާ އާ އެންމެ އެކަށީގެންވާ މީހާ އަކީ މަށެއް ނޫން.. ޙަސީނާ އަކީ ވަރަށް ރީތި ކުއްޖެއް ރީތި ކަމާ އެއްވަރަށް އަޚްލާޤްވެސް ރަނގަޅު ވީއިރު ޙަސީނާ އަށް އަހަންނަށް ވުރެ މާ ރަނގަޅު މީހުން ވާނެ...'' އިއްސޭ އަކަށް ދައްކާނެ ވާހަކައެއް ނޭނގުނެވެ. އޭނާއަށް މި ހެދެނީ ކޮންކަހަލަ ގޯހެއް ކަމެއް ނޭނގެއެވެ. ނޫނީ ކަންތައް މި ކުރެވެނީ ރަނގަޅަށް ކަމެއް ވެސް އޭނާއަކަށް ނޭނގެއެވެ. ޙަސީނާ އިއްސޭ ދައްކާ ވާހަކައަށް ކަނުލައި އަހަން އިނެވެ. ދެރަވާކަށް ވެސް އުފާ ވާކަށް ވެސް އޭނާ އަކަށް ނޭނގުނެވެ. އޭނާ އަށް ވަރިހަމަ ކަންނޭނގެއެވެ.

'' އެއީ މައްސަލައެއް ނޫން އިއްސޭ... އެއްވެސް ކަމެއް ނޫން..'' އެއްވެސް މާނައެއް ނެތް ހިނިތުންވުމެއްގައި އިނދެ ޙަސީނާ ޖަވާބުދިނެވެ. '' މަރީނާ ދޯ ؟ އިއްސޭ އަސްލު ލޯބިވަނީ މަރީނާ ދެކެ.. އެހެންނުން ؟ ''

ޙަސީނާގެ ޙާލާ މެދު ސަހަރޯވެރިވެފައި ބަލަހައްޓައިގެން އިން އިއްސޭ ބޯ ޖަހާލިއެވެ.

'' އިއްސޭ ބުނަންތަ..؟ އަހަރެން ހަމަ އޯކޭ ވާނެ.... އަހަންނާ މެދު ވިސްނާނެ ކަމެއް ނެތް.. އިއްސޭ ލޯބިވަނީ މަރީނާ ދެކެ ކަމަށް ވަންޏާ އަވަހަށް އޭނައަށް އެކަން އަންގާ... އޭނާ އެއީ ހަމަ އެކަމަށް ޙައްޤު ކުއްޖެއް.. '' މަރީނާގެ ލޮލުގައި ތާށިވެފައި އިން ފެންތިއްކެއް ވިދަވިދާ އިނެވެ. ނަމަވެސް އޭނާގެ މޮޅު ކަމުން އެ ފެންތިކި ވެއްޓުނަކަ ނުދިނެވެ. މަރީނާ އާ ބެހޭ ގޮތުން ޙަސީނާ އެ ދެއްކި ވާހަކަތަކަށް އިއްސޭ އެއްބަސްވުމުގެ ގޮތުން ބޯ ޖަހާލިއެވެ. އަދި ދެ ފިކުރެއްގައި އިނދެފައި ދެން އޭނާ ދިޔަސް ހެޔޮތޯ އެއްސެވެ.

'' ނޫނޭ.. އަދި ގޮސްގެން ނުވާނެ... އެއްޗެއް ބޮއެގެން ދާންވާނީ... އިއްސޭ ދެން އެކަންތައް ހަނދާން ނައްތާލަ ބަލަ.. ޕްލީޒް.. އަހަރެންގެ ހިތުގަ އެއްވެސް ޝަކުވާއެއް ނެތޭ... ބަލާލަ ބަލަ .. އަހަރެން މި ހެނީނުން.. ނުފެނޭތަ ..'' ޙަސީނާގެ އެ ވާހަކަތަކުން އޭނާއަށް ހަނދާންވީ ރޭގައި ރެސްޓޯރެންޓުގައި އިނދެފައި މަރީނާ ބުނި އެއްޗެވެ. ތަފާތަކީ ޙަސީނާ ގެ ލޮލުން ކަރުނަތަކެއް ނުފައިބާކަމެވެ.

ޙަސީނާގެ އެދުމުގެ މަތީން އިއްސޭ މަޑުކޮށްލިއެވެ. އެ ވަރު އޭނާ އަށް ކޮށްލެވިދާނެއެވެ. ޙަސީނާ އެތެރަށްވަދެ ޖޫސްތައްޓެއް ހިފައިގެން ނުކުތެވެ. '' މިހާރު ކައިފާނެތީ އަސްލު އިއްސޭ ކައިރީގަ ކާން އުޅޭށޭ ނުބުނީ... ކާނަންތަ؟ އަހަރެންވެސް އަދި ނުކަން.. ހިނގާ މަށާއެކު ކަމާ ދޯ ؟ '' ޙަޤީޤަތުގައި އިއްސޭ އިނީވެސް ނުކައެވެ. އޭނާ ކުރިން ރާވާފައި އޮތީ ދެމީހުން ބޭރަށް ގޮސް ކާން ކަމަށެވެ. ނަމަވެސް ކަންތައް ދިމާވީ އޭނާ ހީކުރި ގޮތަކަށް ނޫނެވެ. އަދި އޭނާ ބަނޑުހައެއްވެސް ނުމެ ނޫންމެއެވެ. ނަމަވެސް ޙަސީނާ ގެ ދަޢުވަތު ލިބުމުން އޭނާ ކާހިތް ވެއްޖެއެވެ. އަދި ޙަސީނާ ކަންތައްކުރި ގޮތުން އޭނާ އަށް ވަރަށް ބޮޑު ހިތްހަމަ ޖެހުމެއްވެސް ލިބިއްޖެމެއެވެ. '' ނޫނޭ އަހަރެން ވަރަށް ބަނޑުހައިވެފަ މީނީ..'' ހީލަމުން އިއްސޭ ބުނެލިއެވެ.

އޭގެ ދެމީހުން ކާންތިބެގެން ވަރަށް ވާހަކަދެއްކިއެވެ. ގިނަ ވާހަކަދެއްކީ ޙަސީނާއެވެ. ވާހަކަ ނުދައްކާ އަބަދު މަޑުން އިންނަ ޙަސީނާ މިރޭ ވަރަށް ގިނަ ވާހަކަދެއްކިއެވެ. ޙަސީނާގެ ރަނގަޅުކަން ފެނިފައި އިއްސޭއަށް ވަރަށް އަސަރުކޮށްފިއެވެ. ދުވަހަކު ލޮލުން ކަރުނަތިއްކެއް އައި ހަނދާންވެސް ނެތް އިއްސޭ އަށް ރަނގަޅަށް ރޮވުނެވެ. ނަމަވެސް އޭނާ އެކަން ފޮރުވޭތޯ މަސައްކަތް ކުރިއެވެ. ޙަސީނާ އެކަން ދެނެހުރިކަމަކަށް ނަހަދައެވެ.

ޙަސީނާ މެންގެ ގެއިން އިއްސޭއަށް ނުކުމެވުނު އިރު ދިހަގަޑި ބައިވެއްޖެއެވެ. އޭނާ ހަމަ އެ ހުރިގޮތަށް ދިޔައީ މަރީނާ މެން ގެއަށެވެ. އިއްސޭ ނިކުމެގެން ދިއުމުން ޙަސީނާ ފިނި ނޭވާއެއް ލިއެވެ. އޭނާގެ ޙަޔާތާ މެދު ވިސްނާލިއެވެ. އޭނާގެ ހިތުގައި ހިނގަނީ ކޮންކަަހަލަ ޝުޢޫރުތަކެއް ކަމެއްވެސް ބުނެދޭކަށް ނޭނގެއެވެ. ނަމަވެސް އޭނާއަށް ނަފްސާނީ ހިތްހަމަޖެހުމެއް ލިބުނެވެ. މީހަކަށް ހެޔޮކަމެއް ކޮށްދެވުމުން ކުރެވޭކަހަލަ އިޙްސާސެއް ކުރެވުނެވެ. އަމިއްލަ ނަފްސާއި މެދު ހިތް ރުހޭކަމުގެ އިޙްސާސެއް ވެސް ކުރެވުނެވެ. އޭނާގެ ހިތުގައި އިއްސޭ އާ މެދު އެއްވެސް ޝަކުވާއެއް ނެތެވެ. އިއްސޭ އޭނާއަށް ލަނޑެއް ނުދޭކަން އޭނާއަށް ޤަބޫލުކުރެވެއެވެ. މީގެކުރިން އިއްސޭ އޭނާ ދެކެ ލޯބި ވީކަންވެސް އޭނާ ޤަބޫލު ކުރެއެވެ. ނަމަވެސް އޭނާ އުފާ ކުރާ ކަމަކީ އޭނާ ކުރިން ރައްޓހިވީ މީސް މީހުން ފަދައިން އިއްސޭ އޭނާގެ ބޮލުގައި އިލްޒާމެއް ނާޅުވާ ކަމެވެ. ފުރަތަމަ ފަހަރަށް އޭނާ އަކީ ރީތިކަމާ އެއްވަރަށް ރަނގަޅު ކުއްޖެކޭ ބުނި މީހާ އަކީ އިއްސޭ ކަމުގައި ވީތީ އެވެ. އެހެން މީހުން އޭނާއަށް ތަޢުރީފު ކުރީ އޭނާ ރީއްޗޭ ކިޔައިގެންނެވެ. ޙަސީނާ މިހާރަކު އެއްވެސް މީހަކާ ލޯބީގެ ގުޅުމެއް ބާއްވާކަށް ބޭނުމެއް ނުވެއެވެ. ނަމަވެސް ރަނގަޅު ދިރިއުޅުމެއް އޭނާ ވެސް ބޭނުމެވެ. ދުނިޔެ އަޅައި އިން ދަރުވޭޝަކަށް ވާކަށް އޭނާވެސް ބޭނުމެއް ނޫނެވެ. އޭނާ ބޭނުން ވަނީ ޙަޔާތުގެ ރަނގަޅު ބައިވެރިއެކެވެ. އޭނާ އަކީވެސް އަންހެނެއް ކަން ދަންނާނެ މީހެކެވެ. އޭނާގެ ކިބައިގައި ހުރި ރަނގަޅު ސިފަތައްދެކެ ލޯބިވާނެ އިންސާނެކެވެ. ހަރުދަނާ މީހެކެވެ. މީހުންނަށް އޯގާތެރި، މާއްދިގޮތުން ވެސް ތަނަވަސް ޒުވާނެކެވެ. މި ހުރިހާ ސިފަތަކެއް ހުރި ޒުވާނަކު މަތިންބައިން ޖެހިގެން އޭނާގެ ކައިރިއަށް އަންނާންދެން އިނުމަކީ މޮޔަކަމެކެވެ. މިފަދަ ސިފަތަކެއް ހުރި ޒުވާނަކު ފެނިއްޖެ ނަމަ ޚުދު އޭނާ އެ ޒުވާނަކަށް ކާވެނި ހުށައަޅާނީއެވެ. އެފަދަ ޒުވާނަކު އެބަ އުޅޭ ބާއެވެ؟ އާނ އެކެވެ. އެފަދަ ޒުވާނެއް އޭނާއަށް އެބަ އެނގެއެވެ.

އިއްސޭ ގޮސް މަރީނާމެން ގޭ ދޮރޯށި ހިއްލާލިއެވެ. އެތެރޭގައި އިނީ މަރީނާގެ މާމައެވެ. މަރީނާގެ މަންމަ އަކީ ވަރަށް އަވަހަށް ނިދާ މީހެކެވެ. އޭނާގެ ބައްޕަ އުޅޭނީ އަދިވެސް ފިހާރަތަކުގައި ހޭބޯ ނާރައެވެ. ދެން ގެއަށް އަންނާނީ ވަރަށް ދަންވާފަހުންނެވެ. ގުރޫޕު ހަދާފައި ހޮޓަލުން ސައިބޮއެގެންނެވެ. މަރީނާގެ މާމަ އަކީ ވަރަށް ބީރު މީހެކެވެ. މުސްކުޅިކަމުން ލޯބޯ ކޮށިވެފައި އިންނަ މީހެކެވެ. މީހަކު ގެއަށް އައި ކަމެއްވެސް އޭނާ ނުދެނެހުއްޓެވެ. އިއްސޭ ސިއްރު ސިއްރުން ސިޑިން އަރައިގެން ގޮސް މަރީނާގެ ކޮޓަރި ދޮރުގައި ޓަކިދިނެވެ. ދެތިން ފަހަރަކު ޓަކި ޖަހާލުމުން ވަންނާށޭ ގޮވާލި އަޑު އިވުނެވެ. އިއްސޭ ދޮރު ހުޅުވާލިއެވެ. މަރީނާ ހީކުރީ އެވާނީ މަންމަ ކަމަށެވެ. ނަމަވެސް އޭނާއަށް އިއްސޭ ފެނުމުން ސިހުނެވެ. ކިތައްމެ ގާތްކޮށް އުޅުނަސް ދުވަހަކުވެސް އިއްސޭ އެ ކޮޓަރިއަކަށް އޭނާ ނުވައްދައެވެ. މަރީނާ ފުންމައިގެން ތެދުވިއެވެ. އޭނާ އޮތީ ނިދަން ލާ ހަރުވާޅަކާ ޓީޝާޓެއް ލައިގެންނެވެ. މީ އާއްމުކޮށް ގޭތެރޭގައި އުޅޭ އިރުވެސް އޭނާ ލާ އެއްޗެއްސެވެ. '' އިއްސޭތަ؟ މަޑުކޮށްލާ އިނގޭ.. މި ނުކުންނަނީ..'' އެނދުން ތެދުވެ ހިނގައިގަންނަމުން މަރީނާ ބުންޏެވެ. އިއްސޭއަކަށް ކޮޓަރި ތެރެއަށް ވަންނާކަށް ނުކެރުނެވެ. '' އޯކޭ.. އަހަރެން މަޑުކޮށްލާނަން ތިރީގަ..'' އެހެން ކިޔާފައި އިއްސޭ ތިރިއަށް ފޭބިއެވެ. އަދި ބޭރުގައި ހުރި ޖޯލިފަތިން ޖޯއްޔެއްގައި އޭނާ އިށީނެވެ.

އިރުކޮޅަކުން މަރީނާ ނުކުތެވެ. އޭނާގެ ކިބައިގައި ކުރިން ހުންނަ ގާތްކަމެއް ނެތެވެ. އުފާވެރި މިޒާޖެއް ނެތެވެ. މި ހުރިހާ ކަމެއްގެ ޙަޤީޤަތް މިހާރު އިއްސޭއަށް އެބަ އެނގެއެވެ. '' އިށީނދެބަލަ މިތާ..'' ކައިރީގައި ހުރި ޖޯއްޔަކަށް އިޝާރާތްކުރަމުން އިއްސޭ ބުންޏެވެ. މަރީނާ އިށީނެވެ. ނަމަވެސް އޭނާ ވާހަކައެއް ނުދައްކައެވެ. އޭނާއަށް ދައްކާނެ ވާހަކައެއް ނުވިސްނުނީއެވެ. ބުނާނެ އެއްޗެއް ނޭނގުނީއެވެ.

'' އަނެއްކާ މިރޭވެސް މި އައީ ވަރަށް މުހިއްމު ވާހަކައެއް ބުނަންވެގެން...'' ކުޑަކޮށް ހީލަމުން އިއްސޭ ވާހަކަ ފެށިއެވެ. '' އަހަރެންވަރު ބޮޑު މޮޔައެއް އެއްވެސް ތާކު ނުހުންނާނެ.. މަރީނާ.. މަރީނާއަށް އެނގޭތަ އަހަރެން މި ހުރިހާ ދުވަހު މި ހޯދީ ކުރިމަތީން ފެންނަން އޮތް އެއްޗެއް.... އަހަރެން މި ހުރިހާ ދުވަހު މި ހޯދި ލޯބި، އަހަރެންގެ ކުރިމަތީގައި އޮތް އިރުވެސް އަހަންނަކަށް އެކަމެއް ނޭނގުނު.. އެކަމަކު އަހަންނަށް މިހާރު ހުރިހާ ކަމެއްވެސް ވިސްނިއްޖެ... ލޯތްބަކީ ކޮބައިކަން އެނގިއްޖެ.. އަހަރެން އަންހެން ކުއްޖަކާ ވަރަށް ގާތް ރަޙުމަތްތެރިކަމެއް އުފެއްދިން .... ވަރަށް ޚާއްސަ ރަޙުމަތްތެރިކަމެއް... އެ ރަޙުމަތްތެރިޔާ ގެ ގާތުގައި ހުރުމަށް އަބަދުވެސް ހިތް އެދެވޭ ދަރަޖައަށް އޭނާއާ ގާތްވެވިއްޖެ.. އެކަނިވެރި ވާ ވަގުތު އޭނާ އާ ގުޅާލުމުން ހިތަށް ހަމަޖެހުން ލިބިދޭ... އޭނަގެ އުފާވެރި ހިނިތުންވުމުން އަހަރެންގެ މުޅި ދުވަސް އުޖާލާވެގެން ދޭ. އޭނާގެ މަޖާ ވާހަކަތައް... އެއްވެސް މާނައެއް ނެތް ބޭކާރު ވާހަކަތައް، އަހަންނާ އޭނާއާ ދެމެދު ދެކެވޭ ކޫސަނި ވާހަކަތައް، އެއީ އަހަންނަށް އެންމެ މުހިއްމު ވާހަކަތައް ކަމުގައި ވޭ.. މި ހުރިހާ ކަމެއް މިހެން ވާއިރު... ދެން ލޯތްބަކީ މީއެއް ނޫންތަ؟ މިއީ ލޯބި ކަމުގައި ވީއިރުވެސް އަހަންނަކަށް އެކަމެއް ކުރިއަކުން ނުވިސްނުނު... އަހަރެންގެ މި ގާތް ރަޙުމަތްތެރިޔާ ދެކެ މި ވެވުނީ ލޯބި ކަމެއް އަހަންނަކަށް ނުވިސްނުނު.. އަހަރެންގެ ލޯބި އަބަދުވެސް އަހަންނާ އެންމެ ގާތުގައި ވީކަމެއްވެސް އަހަންނަކަށް ނުވިސްނުނު...'' ޝާޢިރެއްފަދައިން އިއްސޭ ބަސްތައް އަމުނަމުން ދިޔައިރު މަރީނާ ގެ ލޮލުން ކަރުނަ އަންނަމުން ދިޔައެވެ. އެ ދައްކަނީ އޭނާގެ ވާހަކަތައްކަން އޭނާއަށް މިފަހަރު ހަމަ ރަނގަޅަށް ޔަޤީން ކުރެވިއްޖެއެވެ. '' މަރީނާ... އަހަރެން ލޯބިވަނީ މަރީނާ ދެކެ... މަރީނާދެކެ އަހަރެން ޙަޤީޤަތުގަ ވަރަށް ލޯބިވޭ.. މަރީނާ އާ ނުލައި އުޅުމަކީ ތަޙައްމަލް ކުރަން ދަތި ވޭނަކަށް މި ވަނީ.. '' އިއްސޭ އަދިވެސް ވާހަކަ ކުރިއަށް ގެންދިއައެވެ. އިއްސޭ މަރީނާގެ މޫނަށް ބަލާލިއެވެ. އޭނާގެ ދެ ކޯތާފަތް މަތީގައި ވިދަ ވިދާ ހުރި މުތީތަކެއް ފަދަ ކަރުނުތައް އެވަގުތު އިއްސޭއަށް ފެނުނެވެ. އޭނާ ވަރަށް އޯގާތެރިކަމާއެކު އެ ކަރުނުތައް ފޮހެލަދިނެވެ. '' މިރޭ އަސްލު މަރީނާ ގެ ލޮލުން ތި އަންނަނީ އުފަލުގެ ކަރުނަ ދޯ؟ އެހެން ބުނޭ... އަހަރެން ބޭނުން ވަނީ މަރީނާ އެހެން ބުނާ އަޑު އަހާލަން...'' އެހެން ނުބުންޏަސް އެންމެ ރަނގަޅެވެ. އޭނާ ގެ ލޮލުން އެ އަންނަނި އުފަލުގެ ކަރުނައެވެ. އޭނާ ނުހަނު ލޯބިން އުޅުނު ޒުވާނާ ހަމަ މީގެ އެއްރޭ ކުރިން އޭނާގެ ހިތުގައި ޖައްސާފައި މިރޭ އެއިނީ އައިސް އޭނާއަށް އަޅުދާސްވެގެންނެވެ. އޭނާދެކެ ލޯބިވާ ވާހަކަ ފަށުވި ޢިބާރާތްތަކުން އެހެރަގެން އަމުނަނީއެވެ.

ގަޑިން ފަތިހު ހަތަރުގަޑި ބައިވީއެވެ. ނިދާފައި އޮތް ޙަސީނާއަށް ކުއްލިއަކަށް ހޭލެވުނެވެ. އިތުރަށް އެނދުގައި ފުރޮޅެން ނުހަދާ އޭނާ ފާޚާނާއަށް ވަނެވެ. ފެންވަރާ ތާޒާވެލިއެވެ. ދެން ފަތިސް ނަމާދު ކުރިއެވެ. އެއަށް ފަހު އޭނާ ގެންގުޅޭ ގަނޑުކަނޑާ ފޮތެއް ހިފައިގެން އޭނާގެ ލިޔާ މޭޒު ކައިރިގައި އިށީނެވެ. އޭނާ އެ ލިޔުނީ ސިޓީއެކެވެ. ދެތިން ސަފްޙާގެ ދިގު ސިޓީއެއް ލިޔެފިއެވެ. ލިޔެ ނިމުން އިރު ގަނޑުކަނޑާ ފޮތުގައި ބާކީ އޮތީ އެންމެ ގަނޑެކެވެ. ގިނަ ގަނޑުތައް ދިޔައީ ކުނިވަށިގަނޑަށެވެ. ނަސީބަކުން ސިޓީ އޭނާ ހިތްހަމަ ޖެހޭވަރަށް ލިޔެވިއްޖެއެވެ. މި ސިޓީ އަކީ ރޭގައި އޭނާ ވަރަށް ގިނަ ގޮތްގޮތަށް ވިސްނާފައި ލިޔަން ނިންމި ސިޓީއެކެވެ. އަދި އޭނާ ގެ އެ ނިންމުމަކީ އެންމެ ރަނގަޅު ނިންމުން ކަންވެސް އޭނާއަށް ޔަޤީންވިއެވެ. ވީމާ އެހެން ގޮތަކަށް ޚިޔާލު ބަދަލުވުމުގެ ކުރީން މިކަން ތަންފީޒުކުރެވޭތޯ އޭނާ ބަލާނެއެވެ.

އާދައިގެ މަތީން މިއަދުވެސް އެންމެން އޮފީހަށް ޙާޒިރުވިއެވެ. އެހެން މީހުނާ ޚިލާފަށް އިއްސޭ އާއި މަރީނާގެ ހިތުގައި އާ އުފާވެރިކަމެއް އޮތުން ފިޔަވާ މިއަދަކީ މާ ބޮޑު ތަފާތު ދުވަހެއް ނޫނެވެ. އަސްތާރުވެސް އޮފީހަށް އަތުވެއްޖެއެވެ. އޭނާގެ މޭޒުމަތީގައި މިއަދު ސިޓީއެއް އެބަ އޮތެވެ. ވަރަށް ރީތި އަތު ލިޔުމަކުން '' އަލްފާޟިލް ޢަބްދުއްސައްތާރު ޢަބްދުލްޙަމީދު '' ޖަހާފައި އޮތެވެ. އެއްވެސް ރަސްމީ ތައްގަނޑެއްއެއްޗެއް ނެތެވެ. އަސްތާރު ސިޓީ ނަގާ ކަނޑާލިއެވެ. އަދި އެންމެ ފުރަތަމަ ކަމަކަށްވެސް އޭނާ ކުރި ކަމަކީ ސިޓީ ކިޔަން ފެށުމެވެ. ވަރަށްވެސް ދިގު ސިޓީއެކެވެ. އޭނާ ސިޓީ ކިޔަމުން ދިޔަ އިރު މޫނުމަތީން ވަރަށް އެހެންކަހަލަ އަސަރުތަކެއް ފެންނަމުން ދެއެވެ. ކޮންމެއަކަސް ސިޓީ ކިޔައި ނިމުނު އިރު އަސްތާރަށް އިޙްސާސް ކުރެވެނީ އޭނާއަކީ މިދުނިޔެމަތީގައި ހުރި އެންމެ ނަސީބުގަދަ މީހާ ކަމުގައެވެ. އަދި އެންމެ އުފާވެރި މީހާއަކީ ވެސް އޭނަ ކަމުގައެވެ.

 

= ނިމުނީ =

 

 

 

 

 

ޞިއްޙަތު

ޞިއްޙަތު
ބަނޑަށް ފުރަތަމަ ތިންމަހުގައި ނިދާއިރު ދިމާވާ ބައެއް އުދަގޫތައް

ދީނާއިދުނިޔެ

ދީނާއިދުނިޔެ
އިސްލާމްދީނުގައި ޙަލާލާއި ޙަރާމް: ފޮޓޯގްރަފީ ޞޫރަ

އަދަބާއި ޘަޤާފަތް

އަދަބާއި ޘަޤާފަތް
މި ހިނދުކޮޅު ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމައެވެ.

ސިޔާސަތާއި ޤާނޫނު

ސިޔާސަތާއި ޤާނޫނު
ދީނާއި ސިޔާސަތުވަކިކުރުން - ޝަރުޢީ ނަޒަރަކުން

ޢިލްމު

ޢިލްމު
ތޮޅުމަކީ ސަމާސާއެއް ނޫނެވެ. އެއަށްވުރެ ނުރައްކާތެރި ކަމެކެވެ.